ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު (ގާނޫނު ނަންބަރު 2025-08) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-10)
(މި ގާނޫނަށް އަމަލުކުރަން ފެށީ 17 އޮގަސްޓް 2025 ގައި)
1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
(ރ) ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ވުޒާރާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުތައް ބޭނުންކުރުމާގުޅޭ އެންމެހައި އުސޫލުތައް، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށް ހިނގާނެއެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް 4.
ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތަކީ ބަންޑާރަނައިބަށް އަންނަނިވި ކަންކަމުގައި އެހީތެރިވުމެވެ.
(ހ) ގާނޫނުއަސާސީންނާއި ގާނޫނަކުން އެހެން ފަރާތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި، ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ކޯޓުތަކުގައާއި، އެނޫންވެސް އެފަދަ ތަންތަނުގައި ދިވެހި ދައުލަތް ތަމްސީލުކުރުމާއި، އާބިޓްރޭށަނާއި، މީޑިއޭށަންފަދަ އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުށަން ނިޒާމުތައް މެދުވެރިކޮށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ މައްސަލަތަކުގައި ދިވެހި ދައުލަތް ތަމްސީލުކުރުން؛
(ށ) އަންނަނިވި ކަންކަން ހިމެނޭހެން ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ގާނޫނީ ލަފާދިނުން:
- ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އެނޫންވެސް ގާނޫނީ ލިޔުންތަކާ ގުޅޭގޮތުން އެ އިދާރާތަކަށް ގާނޫނީ ލަފާދިނުން؛
- ގާނޫނުތައް ތަންފީޒުކުރުމުގައާއި ގާނޫނު މާނަކުރުމުގައި އުފެދޭ ގާނޫނީ ސުވާލުތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގާނޫނީ ލަފާދިނުން؛
- ސަރުކާރުގެ އިދާރާތަކުން، އެއްބަސްވުންތަކުގެ ދަށުން އަދި އެ އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގައި އުފެދޭ ގާނޫނީ މައްސަލަތަކާ ގުޅިގެން، އެ އިދާރާތަކަށް ގާނޫނީ ލަފާދިނުން؛
- ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުގެ ކުރިން އެ ބިލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާދިނުން؛
- ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއެކު ދިވެހިރާއްޖެއިން ބައިވެރިވުމަށް މަސައްކަތްކުރާ މުއާހަދާތަކާއި އެއްބަސްވުންތަކާ ގުޅޭގޮތުންނާއި، ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ދިވެހި ދައުލަތުން އުފުލަންޖެހޭ އިލްތިޒާމްތަކާ ގުޅޭގޮތުން ސަރުކާރަށް ގާނޫނީ ލަފާދިނުން؛
- ދައުލަތުގެ ފެންވަރުގައި އެކުލަވާލާ އެއްބަސްވުންތަކާއި ސަރުކާރުގެ އިދާރާތަކުން އެކުލަވާލާ އެނޫންވެސް އެއްބަސްވުންތައް އެކުލަވާލުމުގައި އެހީތެރިވުމާއި، އެފަދަ އެއްބަސްވުންތައް މުރާޖައާކޮށް، އެ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމުތަކާ ގުޅޭގޮތުން ގާނޫނީ ލަފާދިނުން.
(ނ) އަންނަނިވި ކަންކަން ހިމެނޭހެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށަހަޅާ ބިލުތަކާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާގުޅޭ ބިލުތައް އެކުލަވާލުން:
- ގާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަކުރުމާއި، އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ގާނޫނުތައް ފާހަގަކުރުމާއި، ޒަމާނާ ނުގުޅޭ ނުވަތަ ދިވެހިރާއްޖެއަށް ބޭނުންނުވާ ގާނޫނުތައް ދެނެގަނެ، އެ ގާނޫނުތައް އުވާލުމަށް ނުވަތަ އިސްލާހުކުރުމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ލަފާދިނުމާއި، ދައުލަތުގެ އިދާރާތަކާއި އެނޫންވެސް ފަރާތްތަކާ ގުޅިގެން ކަމާގުޅޭ ދިރާސާތައް ކުރުން.
- ގާނޫނުއަސާސީގެ ދަށުން އެކުލަވާލަންޖެހޭ ގާނޫނުތައް އެކުލަވާލުމަށް ބޭނުންވާ ބިލުތަކާއި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބޭނުންވާ ބިލުތަކާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ގާނޫނަކުން ބާރު ލިބިދޭންޖެހޭ ކަންކަމުގައި ކަމާގުޅޭ ގާނޫނުތައް އެކުލަވާލުމަށް ބޭނުންވާ ބިލުތަކާއި، ދައުލަތުގެ އިދާރާތަކުގެ މަސްއޫލިއްޔަތުތަކުގެ ދާއިރާއާގުޅޭ ކަންކަމުގައި ކަމާގުޅޭ ބިލުތައް އެކުލަވާލުމާއި، އެނޫންވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ބިލުތައް އެކުލަވާލުން.
(ރ) އިންސާނީ ހައްގުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުމާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާތައް ދިވެހިރާއްޖެއިން ތަންފީޒުކުރުމާއި، އެ މުއާހަދާތަކުގެ ދަށުން ޖަވާބުދާރީވާން ކަނޑައެޅިފައިވާ ފަރާތްތަކަށް ދިވެހިރާއްޖެއިން ރިޕޯޓުކުރުމުގެ ގައުމީ ނިޒާމު ހިންގުމާއި، އެ މުއާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ތަންފީޒީ މަސައްކަތްތައް މޮނިޓަރކުރުމާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ނިޒާމުތަކާއެކު މަސައްކަތްކުރުން؛
(ބ) ދިވެހިރާއްޖޭގެ ގާނޫނުތައް ށާއިއުކުރުމާއި، އެ ގާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ގާނޫނުތަކަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުން ގާނޫނުތައް ފުރިހަމަކޮށް އެކުލަވާލައި، ގަވާއިދުން އާންމުކުރަމުން ގެންދިޔުމާއި ގާނޫނުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން؛
(ޅ) ގާނޫނަކުން ބަންޑާރަނައިބާ މަތިކޮށްފައިވާ އެހެން މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބަށް އެހީތެރިވުން؛
(ކ) މަތީގައިވާ ކަންކަމުގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި އަންގާ ކަންކަން.
3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، ބަންޑާރަނައިބުގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލާއި، ބަންޑާރަނައިބުގެ އޮފީހުގެ އެހެން މުވައްޒަފުން ހިމެނޭގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތައް ތަރުތީބުވެފައިވާ ގޮތުގެ އޮނިގަނޑު އެކުލަވާލާނީ ބަންޑާރަނައިބެވެ. އެފަދައިން އެކުލަވާލާ އޮނިގަނޑަށް އަމަލުކުރަން ފަށަންވާނީ، އެ އޮނިގަނޑު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުމަށްފަހުއެވެ. މި އޮނިގަނޑަށް ކިޔާނީ "ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު" އެވެ.
4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާގެ (ފ) އުނިކުރުން.
5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަދި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަންކުރުމާއި ވަކިކުރުމާއި، އެ މަގާމުގެ ށަރުޠުތަކާއި، މަގާމުން އިސްތިއުފާދިނުން 14.
(ހ) ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ އެޓަރނީ ޖެނެރަލެއް އައްޔަންކުރެވިދާނެއެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.
ބަންޑާރަނައިބުގެ 1-15.
(ހ) ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެ މީހުންގެ މަސްއޫލިއްޔަތުތައް އޮފީހުގެ ގާނޫނީ އަދާކުރަންވާނީ، ބަންޑާރަނައިބު ދޭ އިރުށާދުގެ ދަށުން ގާނޫނުއަސާސީއާއި ވަކީލުން ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އަދި ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށް އިސްކަންދީގެންނެވެ.
(ށ) ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މަސްލަހަތުގެ ފުށުއެރުމުން އެއްކިބާވާންވާނެއެވެ. އަދި އަންނަނިވި އަސާސީ ސުލޫކީ ހަމަތައް ހިފަހައްޓަންވާނެއެވެ.
- އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ، މުސްތަގިއްލުކަމާއެކު، ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް، ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތައް ކުރުމާއި ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން ނިންމަންޖެހޭ ނިންމުންތައް ނިންމުން؛
- ހަމަހަމަކަމާއި، ހާމަކަމާއި އަދި ޖަވާބުދާރީވުމުގެ މައްޗަށް މަސައްކަތުގެ އަސާސް ބިނާކުރުން
- އެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަންރަށަށް ނުވަތަ ވާހަކަ ދައްކާ ބަހަށާއި، އިޖްތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި، ތަފާތުނުކުރުން؛
- މަގާމުގެ ހައިސިއްޔަތުން އެ މީހަކަށް ލިބިފައިވާ މައުލޫމާތެއް އެ މީހެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ފިޔަވައި އެހެން ގޮތަކަށް ހާމަނުކުރުން؛
- މަގާމުގައި ދެމިހުންނައިރު އަދި އެ މަގާމުން ވަކިވުމަށްފަހުގައިވެސް، އެ މީހެއްގެ މަގާމު އަދާކުރުމުގައި މީހަކަށް ލިބިފައިވާ މައުލޫމާތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތަކާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން؛ އަދި
- މަސައްކަތުގެ ވަގުތުގައާއި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން ކުރާ ހުރިހާ ކަމެއްގައިވެސް، މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި، އަހްލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އަސާސީ ސުލޫކީ ހަމަތަކުގެ އިތުރުން، ދައުލަތް ތަމްސީލުކުރުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅިގެން އެ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި، ޖަވާބުދާރީވުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ބަންޑާރަނައިބު ކަނޑައަޅަންވާނެއެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން:
(ށ) ލީގަލް ސަޕޯޓް ސަރވިސް
8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުން 20.
(ހ) މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނެނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ޑިޕާޓްމަންޓްތަކުގެ އިދާރީ މުވައްޒަފުންނާއި އޮފީހުގެ އާންމު އިދާރީ މުވައްޒަފުންނެވެ.
(ށ) ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ މަގާމުތަކާއި، މަގާމުގެ ރޭންކިންގ އަދި ށަރުތުތައް މި ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާ ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑުގައި ކަނޑައަޅަންވާނެއެވެ.
(ނ) ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުންގެ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރާނީ، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުންގެ މަގާމުތަކަށް މީހުން އައްޔަންކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ މަގާމުތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައި، އެފަދައިން ހުށަހަޅާ ފަރާތްތަކާ އިންޓަރވިޔުކުރުމަށްފަހު ފަރާތްތަކުގެ ގާބިލުކަމާއި، ތައުލީމާއި، ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ.
(ބ) ލީގަލް ސަޕޯޓް ސަރވިސްގެ މުވައްޒަފުންގެ މަގާމަކަށް އައްޔަންކޮށްފައިވާ ފަރާތަކަށް މަގާމުގެ ކުރިއެރުން ދޭނީ، މި ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ހަދާ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ ގަވާއިދުގައި މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމާއި މަގާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއިން މުސްކުޅިކުރުމުގެ އުސޫލުތަކާއި، މަސައްކަތް ހަވާލުކުރުމާއި މުވައްޒަފުންގެ މަސައްކަތުގެ ގަޑި ކަނޑައެޅުމާއި، މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި، އޮފީހުން ފޯރުކޮށްދޭ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅިގެން މުވައްޒަފުން ބޮންޑުކުރުމާއި، މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމާއި އެނޫންވެސް މުވައްޒަފުންނާއި ވަޒީފާއާގުޅޭ އެންމެހައި ކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތު ކަނޑައަޅަންވާނެއެވެ.
10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ހަދާ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދު، ބަންޑާރަނައިބުގެ އޮފީހުގެ އެންމެހައި މުވައްޒަފުންގެ މައްޗަށް ހިނގާނެއެވެ.
11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ހ) ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނަށް މަގާމުގެ މުއްދަތުގައި ދެވޭ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއިން މުސްކުޅިކުރުމުން ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، ގާނޫނު ނަންބަރު 2016-11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން، ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމުގައި ލީގަލް ސަރވިސްގެ ގިންތީގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ވާންވާނީ، ދައުލަތުގެ ވަކީލުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ އެކަށީގެންވާ އުޖޫރައަކާއި އިނާޔަތްތަކެއް ކަމުގައެވެ. އަދި ލީގަލް ސަޕޯޓް ސަރވިސްގެ ގިންތީގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ވާންވާނީ، ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަށީގެންވާ އުޖޫރައަކާއި އިނާޔަތްތަކެއް ކަނޑައަޅަންވާނެއެވެ.
13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑު 24.
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން ތަބާވާންޖެހޭ އާންމު ސުލޫކީ މިންގަނޑުތައް، މި ގާނޫނުގެ ދަށުން ބަންޑާރަނައިބު ކަނޑައަޅަންވާނެއެވެ.
14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާ އުނިކުރުން.
15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ށ) "ބަންޑާރަނައިބުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އޮފީހަށެވެ. އަދި ބަންޑާރަނައިބުގެ އޮފީހަކީ، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން "އެޓަރނީ ޖެނެރަލްގެ އޮފީސް" ގެ ނަމުގައި ހިނގަމުން އައި އޮފީހެވެ.
16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) "ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، މި ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ސެކްރެޓަރީ ޖެނެރަލާއި، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ލީގަލް ސަރވިސް އަދި ލީގަލް ސަޕޯޓް ސަރވިސްގެ ގިންތީގެ މަގާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކަށެވެ.
17 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު (ގާނޫނު ނަންބަރު 2025-08)
ކޮންސޮލިޑޭޓެޑް ގާނޫނު
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2025-08)
ކިޔުންތެރިންގެ ހިޔާލު