-

މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32)

(ގާނޫނު ނަންބަރު 2021-32)

(މި ގާނޫނަށް އަމަލުކުރަން ފެށީ 16 ޖޫން 2022 ގައި)

(މި ގާނޫނުނުގެ 427 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 1975-25، 1978-81، 1978-82، އާއި ށަރީއަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 އުވާލެވިފައި)

އެއްވަނަ ބައި

އިބްތިދާއީ މާއްދާތައް

އެއްވަނަ ބާބު

ފެށުން 

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ށަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ށަރީއަތުގެ މަރުހަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ށަރީއަތް ނިމި ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "މަދަނީ އިޖުރާއަތުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މި ގާނޫނު އެ މައްޗަށް ހިނގާނެ ކޯޓުތައް

(ހ) މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކުގެ މައްޗަށް މި ގާނޫނު ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އާއިލާއާބެހޭ ގާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއްގެ ދަށުން އާއިލީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ބަލާ މައްސަލަތައް ބެލުމުގައި، އެ ކޯޓަކުން އަމަލުކުރާނީ، އެ ގާނޫނެއްގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - މި ގާނޫނު އެ މައްޗަށް ހިނގާނެ މައްސަލަތައް

(ހ) މި ގާނޫނު ހިނގާނީ، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކޯޓަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ މައްޗަށެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ހުކުމަކީ، އިސްތިއުނާފީ ކޯޓެއްގައި އެ ހުކުމް އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ހަމަވެފައިނުވާ، ނުވަތަ އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ހަމަވެފައިވީނަމަވެސް، އެ ހުކުމެއް އިސްތިއުނާފުކުރުމަށް ހުއްދަ ލިބިފައިވާ، އަދި މި ގާނޫނަށް އަމަލުކުރަން ފަށާއިރު އިސްތިއުނާފުކޮށްފައިނުވާ ހުކުމެއް ކަމުގައިވާނަމަ، އެ ހުކުމް އިސްތިއުނާފުކުރުމަށްޓަކައި، މި ގާނޫނުގެ ސައްބީސްވަނަ ބާބު "އިސްތިއުނާފުކުރުން" ގައި ބަޔާންކުރާ މަރުހަލާތައް ހިންގުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ. ނުވަތަ މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ހުކުމަކީ، މި ގާނޫނުގެ ދަށުން ތަންފީޒުކުރެވޭނެ ހުކުމެއް ކަމުގައިވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށްޓަކައި، މި ގާނޫނުގެ ފަސްވަނަ ބައި "ހުކުމް ތަންފީޒުކުރުން" ގައި ބަޔާންކުރާ މަރުހަލާތައް ހިންގުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

 

4 ވަނަ މާއްދާ - ގާނޫނުގެ އާންމު މަގްސަދު

މި ގާނޫނުގެ މަގްސަދަކީ، ށަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.

 

5 ވަނަ މާއްދާ - ގާނޫނުގެ އެންމެ އަސާސީ މަގްސަދުތައް

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ އާންމު މަގްސަދު ހާސިލުކުރުމުގެ ގޮތުން އަންނަނިވި އަސާސީ މަގްސަދުތައް ނެގެހެއްޓުމަށް މަސައްކަތްކުރުމަކީ ކޯޓުތަކާއި ހަސްމުންގެ އެންމެ އިސް ވާޖިބެވެ.

  1. ހުރިހާ ހަސްމުންނާމެދުވެސް ހަމަހަމަ އުސޫލަކުން ކަންކުރުމަށް އިސްކަންދިނުން؛
  2. ހަރަދު ކުޑަކުރެވޭނެ ގޮތަކަށް މައްސަލަތައް ހިންގުން؛
  3. މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަށާއި، މައްސަލައިގެ ޒާތާއި ބާވަތަށާއި، މައްސަލައިގައި ހިމެނޭ ހަސްމުންގެ ހާލަތަށް ރިއާޔަތްކޮށް، އިންސާފުވެރި އުސޫލަކުން މައްސަލައިގައި އަމަލުކުރެވުން؛
  4. އަދުލުވެރިކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތެއް ނިންމުން؛
  5. ކޯޓަށް ހުށަހެޅިފައިވާ އެހެން މައްސަލަތަކަށް ބޭނުންވާ ވަސީލަތްތަކަށްވެސް ރިއާޔަތްކުރުމާއެކު، މި މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރެވޭނެ ގޮތަށް ކޯޓަށް  މައްސަލަތައް ހިންގުމަށް ބޭނުންވާނެ ކޯޓުގެ ވަސީލަތްތައް އެކަމަށް ކަނޑައެޅުން.

(ށ) މި ގާނޫނުގެ ދަށުން ކޯޓުން އެއްވެސް ބާރެއް ތަންފީޒުކުރުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެންމެ އިސް ވާޖިބު ނެގެހެއްޓުމަށް އަބަދުމެ މަސައްކަތްކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ހަސްމުންގެ ވާޖިބުކަމުގައި ބަޔާންކުރާ ވާޖިބު، އެ ހަސްމުންގެ ގާނޫނީ ވަކީލުންނާއި އެ ހަސްމުން ތަމްސީލުކުރުމަށް ކަނޑައެޅޭ އެނޫން ފަރާތްތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު 

 

6 ވަނަ މާއްދާ - މަފްހޫމްތަކުގެ އަސާސް 

މި ގާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމްތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ގާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ގާނޫނުގެ މަގްސަދު އެންމެ ފުޅާމިނުގައި ހާސިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ގާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަން ވާނީ، އެ މަފްހޫމްތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

7 ވަނަ މާއްދާމަދަނީ ދައުވާ ނުވަތަ މަދަނީ މައްސަލަ

"މަދަނީ ދައުވާ" ނުވަތަ "މަދަނީ މައްސަލަ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ މަދަނީ ދައުވާއަށެވެ.

 

8 ވަނަ މާއްދާ - ހަސްމުން

"ހަސްމުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ މަދަނީ ދައުވާއެއްގައި، ދައުވާކުރާ އަދި ދައުވާލިބޭއެންމެހައި ފަރާތްތަކަށާއި، މަދަނީ މައްސަލައެއް ހުށަހަޅާ އެނޫންވެސް ފަ ރާތްތަކަށާއި އެ ހުށަހެޅުން ރައްދުވާ ފަރާތްތަކަށެވެ.

 

9 ވަނަ މާއްދާދައުވާކުރާ ފަރާތް 

"ދައުވާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ދައުވާ އުފުލާ ފަރާތަށެވެ. އެ މާނައިގެ ތެރޭގައި، ދައުވާއެއް ފުރަތަމަ އުފުލާ ފަރާތާއި، ރައްދު ދައުވާއެއް އުފުލާ ފަރާތާއި، އިތުރު ދައުވާ އުފުލާ ފަރާތްވެސް ހިމެނެއެވެ.

 

10 ވަނަ މާއްދާދައުވާލިބޭ ފަރާތް

"ދައުވާލިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ދައުވާ ރައްދުވާ ފަރާތަށެވެ. އެ މާނައިގެ ތެރޭގައި، ފުރަތަމަ އުފުލާ ދައުވާއާ ގުޅިގެން ރައްދު ދައުވާއެއް ނުވަތަ އިތުރު ދައުވާއެއް އުފުލާ ހާލަތުގައި، އެ ދައުވާއެއްގެ ދިފާއު ހުށަހަޅަންޖެހޭ ކޮންމެ ފަރާތެއް ހިމެނެއެވެ.

 

11 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން

"އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 185 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުގައި ބޭއްވި އަޑުއެހުމަށެވެ.

 

12 ވަނަ މާްއްދާ - ކުދި މައްސަލަތަކުގެ ޓްރެކް

"ކުދި މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، އާންމު އުސޫލުން 300،000 (ތިންލައްކަ) ރުފިޔާއަށްވުރެ ދަށުގެ ފައިސާގެ އަދަދު ހިމެނޭ، އެ މައްސަލައެއްގައި ބޮޑެތި ގާނޫނީ ނުކުތާތައް ނުހިމެނޭ ކުދި މައްސަލަތައް ބެލުމަށް ކަނޑައެޅޭ ޓްރެކަށެވެ.

 

13 ވަނަ މާއްދާ - އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް

"އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، އާންމު އުސޫލުން 300،000 (ތިންލައްކަ) ރުފިޔާއާއި 1،000،000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ހިމެނޭ، ށަރީއަތުގެ މަރުހަލާތައް ފުރިހަމަކުރާނެ ވަގުތު ކަނޑައެޅިގެން، އަދި އެ މަރުހަލާތައް އަވަހަށް ނިންމުމަށް ބާރުއަޅައިދޭ އިޖުރާއަތުތަކެއް ކަނޑައެޅިގެން މައްސަލަތައް ކުރިއަށްގެންދެވޭ ޓްރެކަށެވެ.

 

14 ވަނަ މާއްދާ - ބޮޑެތި މައްސަލަތަކުގެ ޓްރެކް

"ބޮޑެތި މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، އާންމު އުސޫލުން 1،00،000 (އެއްމިލިއަން) ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާ ހިމެނޭ، ކުދި މައްސަލަތަކުގެ ޓްރެކާއި އަވަސްނިޔާ މައްސަލަތަކުގެ ޓްރެކުން ނުބެލޭނެ އެންމެހައި މައްސަލަތައް ބަލާ ޓްރެކަށެވެ.

 

15 ވަނަ މާއްދާ - އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު

"އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ކަމަށް ބުނެފައި އެވަނީ، މައްސަލައިގައި ހިމެނޭ ވާގިއާތަކާމެދު ނުވަތަ މައްސަލައިގައި ހިމެނޭ ގާނޫނީ ނުކުތާތަކާމެދު ހަސްމުންގެ މެދުގައި އިހްތިލާފެއް އުފެދިފައިނުވާ، އެހެންނަމަވެސް ށަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ފަދަ މައްސަލަތަކުގައި، މަދަނީ މައްސަލައެއްގައި ދައުވާ އުފުލުމަށް އޮންނަ އާންމު އިޖުރާއަތު ކަމަށް މި ގާނޫނުގެ ހަތްވަނަ ބާބު "ދައުވާކުރުން" ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ދައުވާއެއް ހުށަހަޅައިގެން އެ ދައުވާ ދިފާއުކޮށް ނުވަތަ އެނޫންވެސް ގޮތަކުން ދައުވާއަށް ރައްދުދީ، މި ގާނޫނުގެ އަށާވީސްވަނަ ބާބު "ހެކިހާމަކުރުން" ގައި ބަޔާންކުރާފަދަ އިޖުރާއަތުތައް ހިންގައިގެން މައްސަލަ ބެލުމުގެ ބަދަލުގައި، އެފަދަ މައްސަލަތަކާމެދު އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައަޅައި ނިންމުމަށްޓަކައި ބޭނުންކުރާ ހާއްސަ އިޖުރާއަތަށެވެ.

 

16 ވަނަ މާއްދާ - ދައުވާއަށް ރައްދުދިނުން

"ދައުވާއަށް ރައްދުދިނުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއަށް، އެ ދައުވާލިބޭ ފަރާތުން އެއްބަސްވުމާއި، އެ ދައުވާ ދިފާއުކުރުމާއި، ރައްދު ދައުވާއެއް ކުރުން ހިމެނޭ ގޮތުން، ދައުވާލިބޭ ފަރާތުން އެ ދައުވާއަށް ރައްދު ދިނުމަށެވެ.

 

17 ވަނަ މާއްދާ - ދައުވާއަށް އެއްބަސްވުން

"ދައުވާއަށް އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއަށް، ނުވަތަ ދައުވާގެ ބަޔަކަށް އެ ދައުވާލިބޭ ފަރާތުން އެއްބަސްވާ އެއްބަސްވުމަށެވެ.

 

18 ވަނަ މާއްދާ - ދައުވާގެ ދިފާއު

"ދައުވާގެ ދިފާއު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއަށް، އެ ދައުވާލިބޭ ފަރާތުން އެއްބަސްވުމުގެ ބަދަލުގައި، އެ ދައުވާއަށް ހުށަހަޅާ ދިފާއަށެވެ. ނުވަތަ އެ ދައުވާގެ ވަކި ބަޔަކަށް ހުށަހަޅާ ދިފާއަށެވެ.

 

19 ވަނަ މާއްދާ - ރައްދު ދައުވާ

"ރައްދު ދައުވާ" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއަކަށް ރައްދުދިނުމުގައި، އެ ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދައުވާއެއް އުފުލުމަށެވެ.

 

20 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުން

"ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުން" ކަމަށް ބުނެފައި އެވަނީ، މަދަނީ ދައުވާއެއް ހުށަހެޅިފައިވާ ކޯޓަކަށް އެ ދައުވާ ބަލައި ގޮތެއް ނިންމުމުގެ އިހްތިސާސް ލިބިގެންނުވާކަމަށް ދައުވާލިބޭ ފަރާތަށް ގަބޫލުކުރެވޭ ހާލަތުގައި، ނުވަތަ އާންމު އުސޫލުން އެފަދަ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަކަށް ލިބިދީފައިވީނަމަވެސް، އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ހާލަތެއް ވުޖޫދުގައިވާކަމަށް ދައުވާލިބޭ ފަރާތަށް ގަބޫލުކުރެވޭ ހާލަތުގައި، ދައުވާލިބޭ ފަރާތުން ދައުވާއަށް ރައްދުދިނުމުގެ ބަދަލުގައި، ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުމަށެވެ.

 

21 ވަނަ މާއްދާ - ގައިރު ހާޒިރުގައި ކުރާ ހުކުމް

"ގައިރު ހާޒިރުގައި ކުރާ ހުކުމް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއެއްގެ ލިޔެކިޔުމާ ދައުވާލިބޭ ފަރާތުން ހަވާލުވުމަށްފަހު، ދައުވާއަށް ރައްދުދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދައުވާއަށް ރައްދުދީފައިނުވާ ހާލަތުގައި، މައްސަލައިގެ ށަރީއަތް ހިންގުމަކާ ނުލައި، ދައުވާލިބޭ ފަރާތާ ދެކޮޅަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ނިންމައި ކުރާ ހުކުމަށެވެ.

 

22 ވަނަ މާއްދާ - ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން

"ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާ، ދައުވާލިބޭ ފަރާތަށް ދިފާއުކުރެވިދާނެކަމުގެ ފުރުސަތެއް ނެތް ހާލަތުގައި، ނުވަތަ ދައުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް އެ ދައުވާ ނިމުމުގެ ފުރުސަތެއް ނެތް ހާލަތުގައި، މި ގާނޫނުގެ ފަނަރަވަނަ ބާބުގައިވާ ގޮތުގެމަތިން އެ ދައުވާގެ ށަރީއަތް ހިންގުމަކާ ނުލައި، ދައުވާއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުމާއި ހެއްކަށް ބިނާކޮށް، އެ ދައުވާގައި ގޮތެއް ކަނޑައަޅައި ހުކުމް ކުރުމަށެވެ.

 

23 ވަނަ މާއްދާ - ވަގުތީ އަމުރު

"ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނުވަތަ އެފަދަ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި މައްސަލައިގެ ހަސްމަކު ނުވަތަ މައްސަލައިގައި މަސްލަހަތު އޮތް އެހެން ފަރާތަކުން ކޯޓުގައި އެދޭ ހާލަތުގައި ކޯޓުން ކުރާ ވަގުތީ އަމުރަށެވެ.

 

24 ވަނަ މާއްދާ - ށަރީއަތް ހިންގުން

"ށަރީއަތް ހިންގުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާތަކުގެ ތެރެއިން ދައުވާލިބޭ ފަރާތުން ދިފާއު ހުށަހެޅުމުގެ ސަބަބުން ށަރީއަތް ހިންގުމަށް ކަނޑައެޅޭ މައްސަލަތަކުގެ ށަރީއަތް ހިންގުމަށެވެ. "ށަރީއަތް ހިންގުން" މި އިބާރާތް ބޭނުންކޮށްފައިވަނީ، "ޓްރަޔަލް" ހިންގުމުގެ މާނައިގައެވެ.

 

25 ވަނަ މާއްދާ - ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުން

"ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ މަދަނީ ދައުވާއެއް ކޯޓުން ބޭރުގައި ހައްލުކުރުމަށްޓަކައި މައްސަލައިގެ ހަސްމުންގެ އެދުމުގެމަތިން އެ ހަސްމުންނަށް ދެވޭ ފުރުސަތަށެވެ.

 

26 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުން

"ދައުވާ އަނބުރާ ގެނައުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއެއް، އެ ދައުވާކުރާ ފަރާތުން އަނބުރާ ގެނައުމަށެވެ.

 

27 ވަނަ މާއްދާ - ހެކި

"ހެކި" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއެއްގައި، ވަކި ވާގިއާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެގޮތުން، ހެކީގެ ގޮތުގައި ބަލައިގަނެވޭ ށަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.

 

28 ވަނަ މާއްދާ - ހެކި ހާމަކުރުން

"ހެކި ހާމަކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތަކުގައި ހެކި ހާމަކުރުމަށް މި ގާނޫނުގެ އަށާވީސްވަނަ ބާބު "ހެކި ހާމަކުރުން" ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން، ހަސްމުން އެމައްޗަށް ބަރޯސާވާ ލިޔެކިޔުމާއި، އެފަރާތުން ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ލިޔެކިޔުމާއި، އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއްކޮށްފާނެ ލިޔެކިޔުމާއި، އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބޭ ލިޔެކިޔުން ހިމެނޭ ގޮތުން، ހަސްމުންގެ މައްޗަށް އޮންނަ ހެކި ހާމަކުރުމުގެ ޒިންމާގެ ދަށުން އެ ހަސްމުން ހާމަކުރަންޖެހޭ ހެކި ހާމަކުރުމަށެވެ.

 

29 ވަނަ މާއްދާ - ހުކުމް ކުރުން

"ހުކުމް ކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ މަދަނީ ދައުވާތަކުގެ ތެރެއިން، ދިފާއު ހުށަހެޅޭ ދައުވާތަކުގެ ށަރީއަތުގެ މަރުހަލާތައް ހިންގައި ނިމި، އެ މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމަށެވެ. އަދި ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވާ ހާލަތުގައި، އެ އެއްބަސްވުމަށް ބިނާކޮށް، ކުރާ ހުކުމާއި، މި ގާނޫނުގެ ފަނަރަވަނަ ބާބު "އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ގެ ދަށުން ހުށަހަޅާ މައްސަލައެއް ބަލައި ނިންމާ ކުރާ ހުކުމާއި، މި ގާނޫނު ހުއްދަކުރާ ހާލަތުގައި، ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމައި، ކުރާ ހުކުމްވެސް ހިމެނޭ ގޮތުންނެވެ.

 

30 ވަނަ މާއްދާ - ށަރީއަތުގެ ހަރަދު

"ށަރީއަތުގެ ހަރަދު" ކަމަށް ބުނެފައި އެވަނީ، މަދަނީ ދައުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެ ދައުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ށަރީއަތުގެ ހަރަދަށެވެ.

 

31 ވަނަ މާއްދާ - އިސްތިއުނާފުކުރުން

"އިސްތިއުނާފުކުރުން" ކަމަށް ބުނެފައި އެވަނީ، ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މަދަނީ މައްސަލައެއްގެ ހުކުމެއް ނުވަތަ އެފަދަ ކޯޓަކުން ކުރާ އަމުރެއް ނުވަތަ އެނޫންވެސް ނިންމުމެއް، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމަށެވެ.

 

32 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުން

"ހުކުމް ތަންފީޒުކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ތަންފީޒީ ބާރު ލިބިގެންވާ ހުކުމެއް، އެ ހުކުމް ރައްދުވި ފަރާތުގެ އަމިއްލަ އިހްތިޔާރުގައި ތަންފީޒުކޮށްފައިނުވާ ހާލަތުގައި، ކޯޓު މެދުވެރިކޮށް އެ ހުކުމް ތަންފީޒުކުރުމަށް މި ގާނޫނުގެ ފަސްވަނަ ބައި "ހުކުމް ތަންފީޒުކުރުން" ގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ހުކުމް ތަންފީޒުކުރުމަށެވެ.

 

33 ވަނަ މާއްދާ - ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން

"ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާއެއް ކޯޓަށް ހުށަހެޅުމުގައި ނުވަތަ އެފަދަ ދައުވާއެއް ކޯޓުގައި ހިންގުމުގެ މަރުހަލާގައި މައްސަލައިގެ ހަސްމަކު ނުވަތަ ހަސްމަކު ތަމްސީލުކުރާ ފަރާތަކުން ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކުރުމަށެވެ.

 

34 ވަނަ މާއްދާ - ބޭރު ގައުމުތަކުގެ ހުކުމް ތަންފީޒުކުރުން

"ބޭރު ގައުމުތަކުގެ ހުކުމް ތަންފީޒުކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް، ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެފަދަ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރުމަށް މި ގާނޫނުގެ ތެއްތިރީސްވަނަ ބާބު "ބޭރު ގައުމުތަކުގެ ހުކުމްތައްދިވެހިރާއްޖޭގައި ތަންފީޒުކުރުން" ގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ހުކުމް ތަންފީޒުކުރުމަށެވެ.

 

ތިންވަނަ ބާބު

ށަރީއަތްކުރުމުގެ ހަމަތަކާއި ކޯޓުގެ އާންމު ވާޖިބުތަކާއި ބާރުތައް

 

35 ވަނަ މާއްދާ - މިނިވަންކަމާއެކު ކަންކަން ނިންމުމުގެ ޒިންމާ

(ހ) މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގައި، ކޮންމެ ފަނޑިޔާރަކުވެސް ފަނޑިޔާރެއްގެ ހައިސިއްޔަތުން، އަދި އޭނާގެ އަމިއްލަ ހައިސިއްޔަތުން، ށަރުއީ ދާއިރާގެ މިނިވަންކަން ނެގެހެއްޓުމަށް އަބަދުމެ މަސައްކަތްކުރަންވާނެއެވެ.

(ށ) މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގައި، ފަނޑިޔާރުން އެމީހުންގެ ވާޖިބުތައް އަދާކުރަންވާނީ، ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، އަދި ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަކާ ނުލައި، ތައައްސުބުން އެއްކިބާވެ ތިބެ، އިންސާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) ކޮންމެ ފަނޑިޔާރަކުވެސް މައްސަލައެއްގައި ހިމެނޭ އެންމެހައި ހަސްމުންނާމެދު އަމަލުކުރަންވާނީ، ހަމަހަމަ އުސޫލަކުންނެވެ. އަދި އެއްވެސް ފަނޑިޔާރަކު މައްސަލައެއް ބެލުމުގައި، އެ މައްސަލައިގައި ހިމެނޭ އެއް ހަސްމުގެ މައްޗަށް އަނެއް ހަސްމު އިސްކޮށްގެންނުވާނެއެވެ.

(ރ) ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު، ދައުލަތުގެ އެއްވެސް މުވައްޒަފަކަށްވެސް ނުވަތަ އެނޫން ފަރާތަކަށްވެސް އެއްވެސް ފަރާތަކުން ދީގެންނުވާނެއެވެ. އަދި ކޯޓުގެ އެއްވެސް މުވައްޒަފަކަށްވެސް އެ ފުރުސަތު ދީގެންނުވާނެއެވެ.

(ބ) ކޯޓުގައި އަދި ކޯޓުން ބޭރުގައިވެސް ފަނޑިޔާރުންގެ އުޅުން ބަހައްޓަންވާނީ، ށަރުއީ ދާއިރާގެ މިނިވަންކަމާމެދު ރައްޔިތުންނާއި ވަކީލުންނާއި ށަރުއީ ދާއިރާގައި މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކުގެ އިތުބާރު ދެމެހެއްޓޭނެ ގޮތެއްގެމަތިންނެވެ. އެގޮތުން،ށަރީއަތަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާ އެކަމާ ގުޅޭ ގޮތުން މަށްވަރާކޮށްގެންނުވާނެއެވެ. ނުވަތަ އެ މައްސަލައިގައި ކޯޓުން ނިންމާ ނިންމުމަކަށް އަސަރުކޮށްފާނެ ނުވަތަ ށަރީއަތުގެ މަރުހަލާތަކުގެ އިންސާފުވެރިކަމަށް ހުރަސްއެޅިދާނެފަދަ އެއްވެސް މުއާމަލާތެއް ކޮށްގެންނުވާނެއެވެ.

 

36 ވަނަ މާއްދާ - މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންނުކުރުން

(ހ) މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގައި، ފަނޑިޔާރަކަށް، ފަނޑިޔާރެއްގެ ހައިސިއްޔަތުން ލިބޭ އެއްވެސް މައުލޫމާތެއް ނަހަމަގޮތުގައި ބޭނުންކޮށްގެންނުވާނެއެވެ. ހާއްސަ ގޮތެއްގައި، ވަކި ފަރުދެއްގެ ޒާތީ މަސްލަހަތެއް ހިމެނޭ މައުލޫމާތެއް، ގާނޫނަކުން ކަނޑައެޅިގެން ހުއްދަކުރާ ހާލަތުގައި މެނުވީ ކޯޓުން ބޭރުގައި ހާމަކޮށްގެންނުވާނެއެވެ. އަދި ށަރީއަތުގައިވެސް އެފަދަ މައުލޫމާތެއްގެ ނަހަމަ ބޭނުން ހިފައިގެންނުވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އެއްވެސް ހާލެއްގައި، ފަނޑިޔާރަކު އެއްވެސް ރިށްވަތެއް ހުށަހަޅައި ނުވަތަ ގަބޫލުކޮށްގެންނުވާނެއެވެ. އަދި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި، އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް ނުވަތަ އެހީއެއް ގަބޫލުކޮށްގެންނުވާނެއެވެ. ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު އެފަދަ އެއްޗެއް ގަބޫލުކުރުމަށް ހުއްދަދީގެންވެސް ނުވާނެއެވެ.

 

37 ވަނަ މާއްދާ - ޒިންމާދާރުކަމާއެކު މަސައްކަތްކުރުން

(ހ) މަދަނީ މައްސަލަތައް ބެލުމުގައި، ފަނޑިޔާރަކާ ހަވާލުކުރެވިފައިވާ މައްސަލަތައް، އެކަށީގެންވާ އަވަސް މިނެއްގައި ނިންމުމަށް، ކޮންމެ ފަނޑިޔާރަކުވެސް މަސައްކަތްކުރަންވާނެއެވެ.

(ށ) ފަނޑިޔާރުންގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ގާނޫނުއަސާސީންނާއި ގާނޫނުން ފަނޑިޔާރުންނާ މަތިކޮށްފައިވާ ވާޖިބުތަކުގެ އިތުރުން، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ގާނޫނީ އުސޫލުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ކަނޑައަޅައިދީފައިވާ ގާނޫނީ އުސޫލުތަކަށް ފަނޑިޔާރުން އަހުލުވެރިވެ، މިނިވަން ދީމިގްރާތީ މުޖުތަމައުތަކުގައި ގަބޫލުކުރާ ހަމަތައް ނަގަހައްޓަންވާނެއެވެ.

(ނ) މަދަނީ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާތައް ކުރިއަށްދާއިރު، އެ މައްސަލައިގައި ހިމެނޭ ހަސްމުންނާމެދު ފަނޑިޔާރު އަމަލުކުރަންވާނީ އެއްވެސް ތަފާތުކުރުމަކާ ނުލައެވެ. އަދި ކޯޓުގެ މުވައްޒަފަކުވެސް ހަސްމުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެންނުވާނެއެވެ. އެފަދަ ތަފާތުކުރުމެއް ގެންގުޅޭ ނަމަ، އެކަން، ވަގުތުން ފަނޑިޔާރު ހުއްޓުވަންވާނެއެވެ.

(ރ) މައްސަލައެއްގެ ށަރީއަތުގެ މަރުހަލާތައް ކުރިއަށްދާއިރު، އެ މައްސަލައިގައި ހިމެނޭ ހަސްމަކު، އެ މައްސަލައިގައި ހިމެނޭ އަނެއް ހަސްމުގެ މަސްލަހަތަށް އުނިކަމެއް އަންނާނެފަދަ އަމަލެއް، ބަހުން ނުވަތަ ލިޔުމުން ނުވަތަ އަމަލުންވިޔަސް ކުރިޔަދީގެންނުވާނެއެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ، އެކަން، ވަގުތުން ފަނޑިޔާރު ހުއްޓުވަންވާނެއެވެ.

 

38 ވަނަ މާއްދާ - އާންމުކޮށް ހުޅުވާލައިގެން ށަރީއަތްތައް ބޭއްވުން

(ހ) ށަރީއަތުގެ އެންމެހައި މަރުހަލާތައް ހިންގަންވާނީ، އަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، އާންމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގައެވެ. އަދި ކޯޓުން ނެރޭ އެންމެހައި އަމުރުތަކާއި ހުކުމްތައްވެސް އިއްވަންވާނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ، ނުވަތަ އެހެން ގާނޫނެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތެއްގައި، އާންމުކޮށް ހުޅުވާނުލައި، ށަރީއަތްތައް ކުރިއަށްގެންދިޔުމުގެ އިހްތިޔާރު އެ ށަރީއަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

39 ވަނަ މާއްދާ - އެދިފައިވާ ފަރުވާ ނުވަތަ ބަދަލު މެނުވީ ނަގައިނުދިނުން

އެހެން ގާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ށަރީއަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ހަސްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް، ނުވަތަ ހަސްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ. އަދި ދައުވާއިން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ ތެރެއިން އަނެއް ހަސްމު ދިނުމަށް އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަ މިންވަރަކަށް ބަދަލު ނަގައިދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ.

 

40 ވަނަ މާއްދާ - މައްސަލަ ހަރުދަނާ ގޮތެއްގައި ހިންގައި ތަރުތީބުކުރުން

ކޯޓަށް ހުށަހެޅޭ މައްސަލަތައް ހިންގަންވާނީ، މި ގާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށް އިސްކަންދިނުމާއެކު، ހަރުދަނާ އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް އިސްކަންދެވޭނެ ގޮތެއްގެމަތިންނެވެ. އެގޮތުން، އަންނަނިވި ކަންކަން، ކުރުމުގެ ޒިންމާ މި ގާނޫނުން ކޯޓުތަކާ މަތިކުރެއެވެ.

(ހ) ށަރީއަތުގެ މަރުހަލާތައް ހިނގަމުންދާއިރު މައްސަލައިގައި ހިމެނޭ ހަސްމުން އެއް ފަރާތުން އަނެއް ފަރާތަށް އެއްބާރުލުންދިނުމަށް ބާރުއެޅުން؛

(ށ) މައްސަލަތައް ދިގުލައިގެން ނުދާނެގޮތަކަށް ށަރީއަތުގެ އަޑުއެހުންތައް ދުރާލާ ތާވަލުކުރުން؛

(ނ) ދައުވާގައި ހިމެނޭ ގާނޫނީ ނުކުތާތަކާއި ވާގިއާތައް ދުރާލާ ދެނެގަތުން؛

(ރ) ށަރީއަތް ހިންގުމަކާ ނުލައި ނިންމޭނެ މައްސަލަތަކަކީ ކޮބައިކަމާއި، ހަސްމުންގެ މެދުގައި މަށްވަރާކޮށްގެން ހައްލުކުރަން މަސައްކަތްކުރެވިދާނެ މައްސަލަތަކަކީ ކޮބައިކަމާއި، ށަރީއަތަށް ފޮނުވަންޖެހޭ މައްސަލަތަކަކީ ކޮބައިކަން ދެނެގަތުން؛

(ބ) ހަރަދު ކުޑަކުރެވޭނެ ގޮތަކަށް މައްސަލަ ހިންގޭނެ ގޮތްތައް ދެނެގަތުން؛

(ޅ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ހާސިލުކުރުމަށްޓަކައި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމަށް އަޅަންޖެހޭ އެނޫންވެސް ފިޔަވަޅުތައް އެޅުން.

 

41 ވަނަ މާއްދާ - ހަސްމުން ހެޔޮ ނިޔަތުގައި އަމަލުކުރުން

މަދަނީ ދައުވާއެއްގެ ށަރީއަތުގެ ހުރިހާ މަރުހަލާއެއްގައިވެސް އެ މައްސަލައިގެ ހަސްމުން އަމަލުކުރަންވާނީ، ހެޔޮ ނިޔަތުގައި، އަދި މި ގާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާންކުރާ މަގްސަދުތައް ނެގެހެއްޓުމަށެވެ.

 

42 ވަނަ މާއްދާ - އިޖުރާއަތު ފުރިހަމަކުރުމަށް އެންގުން

ކޯޓަށް ހުށަހެޅޭ ދައުވާއެއްގެ އިޖުރާއަތު ފުރިހަމަނުވާނަމަ، އެ އިޖުރާއަތެއް ފުރިހަމަކުރުމަށާއި، ދައުވާއަކާ ގުޅިގެން ހުށަހެޅޭ ލިޔެކިޔުމާއި، ދައުވާއަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެނޫންވެސް ކަންކަން ފުރިހަމަކުރުމަށް ކޯޓުން އަންގަންވާނެއެވެ.

 

43 ވަނަ މާއްދާ - ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ހާލަތުގައި ފިޔަވަޅުއެޅުން

ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ހަސްމަކު، ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކަމުގެ ށަކުވާއެއް ކޯޓަށް ހުށަހަޅައިފި ހިނދެއްގައި، ނުވަތަ ހިނގަމުންދާ މައްސަލައެއްގައި އެފަދަ ކަމެއް ފަނޑިޔާރަށް ފާހަގަވެއްޖެނަމަ، އެ ހަސްމަކާމެދު މި ގާނޫނުގެ 421 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

44 ވަނަ މާއްދާ - އަސާސެއް ނެތް މައްސަލަ ހުށަހަޅާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

އެއްވެސް އަސާސެއް ނެތް މައްސަލަ ހުށަހަޅާ ފަރާތްތަކާމެދު މި ގާނޫނުގެ 422 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

45 ވަނަ މާއްދާ - ކޯޓުގެ ހުރުމަތް ކެނޑުން

ހިނގަމުންދާ ށަރީއަތެއްގެ އެއްވެސް މަރުހަލާއެއްގައި އެއްވެސް ފަރާތަކުން ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ހިންގައިފިނަމަ، އެފަރާތަކާމެދު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބާބު

ކޯޓުތަކުގެ އިހްތިސާސް

 

އެއްވަނަ ބައި - ދިވެހިރާއްޖޭގެ ކޯޓުތަކަށް އިހްތިސާސް ލިބިދޭ މައްސަލަތައް ވަކިވަކި ކޯޓުތަކުގެ މަދަނީ އިހްތިސާސް

 

46 ވަނަ މާއްދާ - ވަކިވަކި ކޯޓުތަކުގެ މަދަނީ އިހްތިސާސް

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ 2 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، މަދަނީ މައްސަލަތައް ބަލައި ހިންގާ އެންމެހައި ކޯޓުތަކަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ނުވަތަ ވަކި ކޯޓަކާބެހޭ ހާއްސަ ގާނޫނެއްގައި، މަދަނީ މައްސަލަތައް ބެލުމަށް އެ ކޯޓުތަކަށް ލިބިދޭ ކަމަށް ބަޔާންކުރާ އިހްތިސާސް ލިބިގެންވެއެވެ.

(ށ) އަންނަނިވި ބާވަތުގެ މަދަނީ މައްސަލަތައް، ފުރަތަމަ މަރުހަލާގައި ހުށަހަޅާނީ، އަންނަނިވި ކޯޓުތަކަށެވެ.

  1. އާންމު މަދަނީ ދައުވާތަކާއި، ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ޖުޑީށަލް ރިވިއުގެ މައްސަލަތަކާއި، ގާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މަދަނީ މައްސަލަތައް، ސިވިލް ކޯޓަށް ނުވަތަ ކަމުގެ އިހްތިސާސް ލިބިގެންވާ މެޖިސްޓްރޭޓް ކޯޓަށް؛
  2. ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް.

(ނ) މި މާއްދާގެ (ށ) އެހެން އޮތުމަކުން، މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނަކުން ފުރަތަމަ މަރުހަލާގައި ވަކި ކޯޓަކަށް މަދަނީ އިހްތިސާސް ލިބިދޭ ހާލަތުގައި، އެ ގާނޫނުގައި ބަޔާންކުރާ އުސޫލުން އެ ކޯޓަކަށް މައްސަލަ ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

47 ވަނަ މާއްދާ - ކޯޓުތަކުގެ ސަރަހައްދީ އިހްތިސާސް 

(ހ) އާންމު އުސޫލުން، މަދަނީ ދައުވާއެއް ބެލުމުގެ ސަރަހައްދީ އިހްތިސާސް ލިބިގެންވާ ކޯޓަކީ، ދައުވާލިބޭ ފަރާތް އާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކޯޓެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދައުވާއެއް އުފުލާއިރު ދައުވާލިބޭ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަނެއް ނެތްނަމަ، އޭނާ އެންމެ ފަހުން ދިރިއުޅުނު ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓަކީ އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓު ކަމުގައި ބެލޭނެއެވެ.

(ނ) ވަކި މައްސަލައެއްގައި ދައުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތް ތިބިނަމަ، އަދި އެފަރާތްތަކުގެ މައްޗަށް އުފުލޭ ދައުވާތައް ގުޅިފައިވާ މިންވަރު ބޮޑުކަމުން އެ ދައުވާތަކާގުޅޭ ށަރީއަތްތައް އެކުގައި ހިންގައި، އެއާމެދު ގޮތެއް ނިންމުމަކީ، ވަކިވަކި ދައުވާތަކެއް ކުރުމުގެ ބަދަލުގައި އެކަމަށް އަވަސް ހައްލެއް ލިބޭނެކަމެއް ކަމުގައިވާނަމަ، އޭގެ ތެރެއިން އެއް ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓުގައި އެފަދަ ދައުވާއެއް އުފުލިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި ހާލަތްތަކުގައި، ދައުވާއެއް އުފުލާއިރު ދައުވާލިބޭ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓުގައި ދައުވާ އުފުލުމުގެ ބަދަލުގައި، އަންނަނިވި ކޯޓުތަކުގައި އޭނާއަށް ދައުވާ އުފުލިދާނެއެވެ.

  1. ކޮންޓްރެކްޓާގުޅޭ މައްސަލައެއްނަމަ، އެ ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމުތައް އަދާކުރަންޖެހޭޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  2. ފައިސާއާގުޅޭ މައްސަލައެއްނަމަ، ދައުވާލިބޭ ފަރާތުން އަދާކުރަންޖެހޭ ދަރަންޏެއް ނުވަތަ ދައްކަންޖެހޭޭ ފައިސާއެއް ދެއްކުމަށް އެއްބަސްވެފައިވަނީ އެހެން ށަރުއީ ދާއިރާއެއްގައި ހުރި ތަނަކަށް ކަމަށްވާނަމަ، އެ ތަނެއް ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  3. މަދަނީ އިލްތިޒާމަކާ ނުވަތަ ވާޖިބަކާ ހިލާފުވި ކަމަށް ބުނެ ކުރާ ދައުވާއެއްނަމަ، ގެއްލުންދެނިވި ހާދިސާ ހިނގި ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  4. ބިމާބެހޭ ނުވަތަ އެނޫންވެސް ނުއުފުލޭ މުދަލަކާގުޅޭ މައްސަލައެއްނަމަ، އެ ބިމެއް ނުވަތަ މުދަލެއް ހުރި ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  5. ދައުވާއެއްގެ އަސާސް ބިނާވެފައިވަނީ ކުންފުނިތަކާއި، ޖަމްއިއްޔާތަކާއި، އެހެނިހެން ގާނޫނީ ށަހްސުތަކުގެ ސައްހަކަން ބެލުމާ ގުޅޭ ގޮތުން ނުވަތަ އެފަދަ ތަންތަން ބާތިލުކުރުމާ ގުޅޭ ގޮތުން ނުވަތަ އުވާލުމާ ގުޅޭ ގޮތުން ނުވަތަ އެތަންތަނުގެ ގުނަވަންތަކުން ނިންމާ ނިންމުންތަކުގެ ސައްހަކަން ބެލުމާ ގުޅޭ ގޮތުން ކަމުގައިވާނަމަ، އެ ކުންފުނި، ނުވަތަ ޖަމްއިއްޔާ ނުވަތަ ގާނޫނީ ށަހްސު ރަޖިސްޓަރީކޮށްފައިވާ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  6. ދައުވާއެއްގެ އަސާސް ބިނާވެފައިވަނީ އާންމު ރަޖިސްޓަރީއެއްގައި ލިޔެފައި އޮންނަ އެއްޗެއްގެ ސައްހަކަން ކަނޑައެޅުމާ ގުޅޭ ގޮތުން ކަމަށްވާނަމަ، އެ ރަޖިސްޓަރީއެއް އޮންނަ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  7. ދައުވާއެއްގެ އަސާސް ބިނާވެފައިވަނީ ވަކި ތަނަކަށް ހުށަހަޅަންޖެހޭ ނުވަތަ ވަކި ތަނެއްގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ފިކުރީ މުދަލާގުޅޭ ހައްގުތައް ރަޖިސްޓަރީކުރުމާއި އޭގެ ސައްހަކަން ކަނޑައެޅުމާ ގުޅޭ ގޮތުން ކަމަށްވާނަމަ، އެ އެއްޗެއް ރަޖިސްޓަރީކުރުމަށް ހުށަހެޅި ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  8. ހުކުމެއް ތަންފީޒުކުރުމާގުޅޭ މައްސަލައެއްނަމަ، އެ ހުކުމެއް ތަންފީޒުކުރި ނުވަތަ ކުރަންޖެހޭޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  9. މުދާ ވިއްކުމުގެ ނުވަތަ ހިދުމަތް ހޯދުމުގެ އެއްބަސްވުމަކާގުޅޭ މައްސަލައެއްނަމަ، މުދާ ގަންނަ ނުވަތަ ހިދުމަތް ހޯދާ މީހާ އާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  10. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ، ވަޒީފާގެ އެއްބަސްވުމަކާގުޅޭ ދައުވާއެއްނަމަ، ވަޒީފާއަދާކުރާ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު؛
  11. އިފްލާސްކުރުމުގެ ދައުވާއެއްނަމަ، ދަރަނިވެރިޔާގެ މައިގަނޑު މަސްލަހަތުތައް ގާއިމުވެފައި ހުރި ށަރުއީ ދާއިރާގެ ކަމާބެހޭޭ ކޯޓު؛ ނުވަތަ ދަރަނިވެރިޔާގެ މައިގަނޑު މަސްލަހަތުތައް ގާއިމުވެފައިވާ ތަނެއް ނެތްނަމަ، ދަރަނިވެރިޔާގެ ވިޔަފާރީގެ ގޮތްޕެއް ނުވަތަ އޭޖެންސީއެއް ނުވަތަ އެނޫންވެސް ތަނެއް ހުރި ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓު.

(ބ) މި މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އެހެންއޮތްނަމަވެސް، ވިޔަފާރިވެރިންގެ ހައިސިއްޔަތުން ދެފަރާތެއްގެ ދެމެދުގައި ވެވޭ ގާނޫނީ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ސައްހަ އެއްބަސްވުމަކަށްވާ ހާލަތުގައި، އެ އެއްބަސްވުމުގެ ދަށުން އުފެދޭ އިހްތިލާފަކާ ގުޅިގެން އުފުލޭ ދައުވާއެއް ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ވަކި ކޯޓަކަށް ކަމުގައި އެ ދެފަރާތުން ލިޔުމުން، ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ހާލަތުގައި، އެފަދަ އެއްބަސްވުމަކާގުޅޭ މައްސަލައެއް ބެލުމުގެ އިހްތިސާސް އެ ކޯޓަކަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، އެއްބަސްވުމަކާ ގުޅޭ ގޮތުން އުފެދޭ އިހްތިލާފަކާ ގުޅިގެން އިހްތިސާސް ލިބިދޭ ފަރާތް ބަޔާންކުރާ، އެ އެއްބަސްވުމުގެ ކަމާގުޅޭ މާއްދާތަކަކީ، އެ އެއްބަސްވުމުގެ އެހެން މާއްދާތަކާ ވަކިން އޮންނަ، ވަކި އެއްބަސްވުމެއް ކަމުގައި ބެލޭނެއެވެ. އެހެންނަމަވެސް، އެއްބަސްވުމަކާ ގުޅޭ ގޮތުން އުފެދޭ އިހްތިލާފަކާ ގުޅިގެން އިހްތިސާސް ލިބިދޭ ފަރާތް ބަޔާންކުރާ އެފަދަ އެއްބަސްވުމެއްގެ ސައްހަކަމާމެދު ސުވާލު އުފައްދާ ހަމައެކަނި ސަބަބަކީ އެ ދެފަރާތުން ވެފައިވާ ގާނޫނީ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެއްދުން ކަމުގައިވާނަމަ، އެފަދަ ދައުވާއެއް އެ ކޯޓެއްގައި ނުއުފުލޭނެއެވެ.

(ކ) ދައުވާއެއް އުފުލާއިރު ދައުވާލިބޭ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން އެނގެން ނެތްނަމަ، އަދި މި މާއްދާގެ ދަށުން އިހްތިސާސް ކަނޑައެޅުމުގައި ބަލާ އެހެން ށަރުތުތައް ފުރިހަމަނުވާނަމަ، އެ ދައުވާއެއް އުފުލާއިރު ދައުވާލިބޭ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓުގައި އެ ދައުވާ އުފުލުމުގެ އިހްތިޔާރު ދައުވާކުރާ ފަރާތަށް ލިބިގެންވެއެވެ.

(އ) ވަކި ށަރުއީ ދާއިރާއެއްގެ ކޯޓަކަށް އާންމު އުސޫލުން ހުށަހަޅަންޖެހޭ ދައުވާއެއްގެ ހަސްމެއްގެ ގޮތުގައި އެ ކޯޓުގެ ފަނޑިޔާރަކު ހިމެނޭ ނަމަ، އެ ދައުވާއެއް ހުށަހަޅާނީ، އެ ށަރުއީ ދާއިރާއާ އެންމެ ކައިރީގައި އޮތް ށަރުއީ ދާއިރާއެއްގެ ކަމާބެހޭޭ ކޯޓަކަށެވެ.

 

48 ވަނަ މާއްދާ - މައުޒޫއީގޮތުން މައްސަލަ ބަލާ ކޯޓުން ވަގުތީ ފަރުވާގެ ފިޔަވަޅުތައް ބެލުން

(ހ) ވަގުތީ ފަރުވާގެ ފިޔަވަޅުތައް އެޅުމަށް އަމުރުކުރުމުގެ ބާރު، މައްސަލައެއް މައުޒޫއީގޮތުން ނިންމުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓަކަށް، ނުވަތަ އެ ފިޔަވަޅެއް ތަންފީޒުކުރެވޭ ށަރުއީ ދާއިރާގެ ކަމާބެހޭޭ ކޯޓަކަށް ލިބިގެންވެއެވެ.

(ށ) ގާނޫނީ ބިނާއެއްނެތި އެޅޭ ވަގުތީ ފަރުވާގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް، އެ މައްސަލައެއް މައުޒޫއީގޮތުން ނިންމުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް، ނުވަތަ އެ ފިޔަވަޅެއް ތަންފީޒުކުރެވޭ ށަރުއީ ދާއިރާގެ ކަމާބެހޭ ކޯޓަކަށް، ނުވަތަ އެ ދައުވާ އުފުލާއިރު ދައުވާލިބޭ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ށަރުއީ ދާއިރާގެ ކަމާބެހޭޭ ކޯޓަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ވަގުތީ ފަރުވާގެ ފިޔަވަޅުތަކުގެ ތެރޭގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ހިމެނެއެވެ.

 

49 ވަނަ މާއްދާ - ދިވެހިރާއްޖޭ ގެ އެއް ކޯޓަށްވުރެގިނަ ކޯޓަށް ހުށަހެޅޭ މައްސަލަތައް 

(ހ)  ދައުވާ ބިނާކުރާ އަސާސްގެ މައްޗަށް، އެއް ހަސްމުންތަކެއް ހިމެނޭ އެއް މައްސަލައަށްވުރެ ގިނަ މައްސަލަ ދިވެހިރާއްޖޭ ގެ ތަފާތު ދެ ކޯޓަކަށް ހުށަހެޅިއްޖެނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަ ފުރަތަމަ ހުށަހެޅުނު ކޯޓުން އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވޭތޯ ބަލައި އެކަމާމެދު ގޮތެއް ކަނޑައަޅަންދެން، އެ މައްސަލަ ފަހުން ހުށަހެޅުނު ކޯޓުގެ އަމިއްލަ އިސްނެގުމަށް އެ ކޯޓުގައި ހިނގަމުންދާ މައްސަލަ ބެލުން މެދުކަނޑާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެގެން މައްސަލަ ހުށަހެޅުނު ފުރަތަމަ ކޯޓުން އެދިއްޖެނަމަ، މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓަކުން އެ ކޯޓަށް މައްސަލަ ހުށަހެޅުނު ތާރީހު ލަސްނުކޮށް ފުރަތަމަ ކޯޓަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއްގައި، މައްސަލަ ފުރަތަމަ ހުށަހެޅުނު ކޯޓަށް އިހްތިސާސް ލިބިގެންވާކަމަށް ނިންމައިފިނަމަ، މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓުތަކުން އެ ކޯޓުތަކަށް އިހްތިސާސް ލިބިގެންނުވާކަމަށް ކަނޑައަޅަންވާނެއެވެ.

(ރ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގައި ނުވަތަ މި ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްބަސްވުމެއްގެ ދަށުން ހާއްސަ އިހްތިސާސް ލިބިދީފައިވާ ކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ އެއްބަސްވުމުގެ ދަށުން މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވަނީ އެ ކޯޓަށް ކަމުގައި އެ ކޯޓުން ކަނޑައަޅަންދެން، މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓަކުން ނުވަތަ ކޯޓުތަކުން އެ މައްސަލަ ބެލުން މެދުކަނޑާލަންވާނެއެވެ. އަދި އެ މައްސަލަ ބެލުމުގެ އިހްތިސާސްލިބިގެންވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކޯޓުންކަމަށް މި ގާނޫނުގެ ދަށުން ކަނޑައަޅައިފިނަމަ، އެ މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓުތަކުން، އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓުތަކަށް ލިބިގެންނުވާކަމަށް ކަނޑައަޅަންވާނެއެވެ.

 

50 ވަނަ މާއްދާ - މައުޒޫއާމެދު ގޮތެއް ނިންމާފައިވާ މައްސަލަތައް ބެލުމުގެ އިހްތިސާސް މައްސަލަ ބެލި ކޯޓަށް ނުވަތަ އެހެން ކޯޓަކަށް ފަހުން ނުލިބުން

ވަކި މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިފައިވާ ކޯޓަކުން، އެ މައްސަލަ ބަލައި، ނިހާއީ ނިންމުމެއް ނިންމާފައިވާނަމަ، އެ މައުޒޫއުގައި އެ ކޯޓަށް ނުވަތަ އެހެން ކޯޓަކަށް އަލުން އެ މައްސަލަ ހުށައެއްނޭޅޭނެއެވެ.

 

51 ވަނަ މާއްދާ - ޖިނާއީ ކޯޓެއްގެ އިހްތިސާސް ހިނގާ މައްސަލަތައް

(ހ) މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައަކީ ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ބަލަންޖެހޭ މައްސަލައެއް ކަމަށްވާނަމަ، އެ ފުރަތަމަ ކޯޓުގައި އެ މައްސަލަ ކުރިއަށްގެންގޮސްގެންނުވާނެއެވެ. އަދި އެ ކޯޓުގައި އެ މައްސަލަ ކުރިއަށްގެންދިޔުން ހުއްޓާލައި، އެ މައްސަލަ ކަމާބެހޭ ޖިނާއީ ކޯޓަށް ހުށަހެޅުމަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޖިނާއީ މައްސަލައަކާ ގުޅުންހުރި މަދަނީ މައްސަލަތައް ނުވަތަ އެފަދަ ޖިނާއީ މައްސަލައަކުން އުފެދޭ މަދަނީ އިލްތިޒާމަކާގުޅޭ މައްސަލަތައް ބެލުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ނުވަތަ އެނޫންވެސް ކަމާބެހޭ ޖިނާއީ ގާނޫނެއްގެ ދަށުން ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ލިބިދޭ އިހްތިޔާރަކަށް، މި ގާނޫނުގައިވާ އެއްވެސް ކަމެއްގެ ސަބަބުން އަސަރެއް ނުކުރާނެއެވެ.

 

52 ވަނަ މާއްދާ - ރައްދު ދައުވާ

ކޯޓަކަށް ހުށަހެޅިފައިވާ ދައުވާއެއް އެ މައްޗަށް ބިނާވެފައިވާ ވާގިއާތަކާ ގުޅިގެން ކުރާ ރައްދު ދައުވާއެއްގައި، ފުރަތަމަ ހުށަހެޅުނު ދައުވާ ހިނގަމުންދާ ކޯޓަކީ މި ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓު ކަމަށްވާނަމަ، ދައުވާކުރާ ފަރާތުގެ މައްޗަށް ހަމަ އެ ކޯޓުގައި ރައްދު ދައުވާއެއް ހުށަހެޅިދާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ފުރަތަމަ ހުށަހެޅުނު ދައުވާ ބާތިލުކުރެވުނު ނަމަވެސް ނުވަތަ އަނބުރާ ގެންދިޔަނަމަވެސް، އެފަދައިން ކުރެވޭ ރައްދު ދައުވާ އެ ކޯޓުގައި ކުރިއަށްގެންދިޔުމުގެ އިހްތިސާސް، އެ ކޯޓަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ތިންވަނަ ފަރާތަކުން ހުށަހަޅާ ދައުވާ

މި ގާނޫނުގެ ދަށުން މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ދައުވާއެއް ހުށަހެޅިފައިވަނިކޮށް، އެ ދައުވާ އެމައްޗަށް ބިނާވެފައިވާ ވާގިއާތަކާ ގުޅޭ ގޮތުން ތިންވަނަ ފަރާތަކުން ދައުވާއެއް ހުށަހަޅައިފިނަމަ، އެ ތިންވަނަ ފަރާތުން ހުށަހަޅާ ދައުވާވެސް ބަލާނީ ފުރަތަމަ މައްސަލަ ހުށަހެޅުނު ކޯޓުންނެވެ. އެހެންނަމަވެސް، އެއީ، އެފަދައިން އެ ތިންވަނަ ފަރާތުން ހުށަހަޅާ ދައުވާއެއް ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިދެވޭނީ، އެ ފުރަތަމަ ދައުވާ އެ ކޯޓުގައި އުފުލި ހަމައެކަނި ސަބަބަކީ، އެ ދައުވާ ބެލުމުގެ ހަގީގީ އިހްތިސާސް ލިބިގެންވާ ކޯޓަކުން އެ ތިންވަނަ ފަރާތް ހިމެނޭ ގޮތުން އެ މައްސަލަ ބެލުން ހުއްޓުވުމަށް ކަމުގައިނުވާ ހާލަތުގައި އެކަންޏެވެ.

 

54 ވަނަ މާއްދާ - އާބިޓްރޭށަނުގެ އެއްބަސްވުންތައް

އާބިޓްރޭށަނުގެ އެއްބަސްވުމެއް އެ މައްޗަށް ހިނގާ މައްސަލައެއް، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅިއްޖެނަމަ، އެފަދަ މައްސަލައަކާމެދު ކޯޓުން އަމަލުކުރާނީ، އާބިޓްރޭށަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

ދެވަނަ ބައި - އެހެން ގައުމެއްގެ ކޯޓަކަށް އިހްތިސާސް ލިބިދީފައި އޮވެދާނެ ހާލަތެއްގައި ދިވެހިރާއްޖޭގައި އުފުލިދާނެ ދައުވާތައް

 

55 ވަނަ މާއްދާ - އާންމު ގޮތެއްގައި ދިރިއުޅޭ ތަނަކީ ދިވެހިރާއްޖެނަމަ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދައުވާކުރެވުން

ދައުވާއެއް އުފުލޭ އިރު ދައުވާލިބޭ ފަރާތް އާންމު ގޮތެއްގައި ދިރިއުޅޭ ތަނަކީ ދިވެހިރާއްޖެ ކަމަށްވާނަމަ، އެފަރާތަކީ ކޮންމެ ގައުމަކަށް ނިސްބަތްވާ ފަރާތެއް ކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުގައި އެފަރާތަކާ ދެކޮޅަށް ދައުވާ އުފުލިދާނެއެވެ.

 

56 ވަނަ މާއްދާ - އާންމު ގޮތެއްގައި ދިރިއުޅޭ ތަނަކީ ދިވެހިރާއްޖެ ކަމުގައިނުވިނަމަވެސް ދިވެހިރާއްޖޭގައި ދައުވާ އުފުލޭނެ ހާލަތްތައް

(ހ) ދައުވާއެއް އުފުލޭ އިރު ދައުވާލިބޭ ފަރާތް އާންމުގޮތެއްގައި ދިރިއުޅޭ ތަނަކީ ދިވެހިރާއްޖެ ކަމުގައި ނުވިނަމަވެސް، އަންނަނިވި ހާލަތްތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކަށް އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވެއެވެ.

  1. ކޮންޓްރެކްޓާގުޅޭ މައްސަލަތަކުގައި، އެ ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމުތައް އަދާކުރަންޖެހޭނީ ދިވެހިރާއްޖޭގައި ކަމަށްވުން؛
  2. މަދަނީ އިލްތިޒާމަކާ ނުވަތަ ވާޖިބަކާ ހިލާފުވި ކަމަށް ދައުވާކުރާ މައްސަލައެއްގައި، އެ ގެއްލުންދެނިވި ހާދިސާ ނުވަތަ އަމަލު ހިނގި ތަނަކީ ނުވަތަ އެ އަމަލު ހިނގުމަށް މެދުވެރިވި ހާލަތް ވުޖޫދުވި ތަނަކީ ދިވެހިރާއްޖެ ކަމަށްވުން؛
  3. ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅޭ މައްސަލައަކީ، ދައުވާލިބޭ ފަރާތުން އެ ކޯޓެއްގެ އިހްތިސާސް ގަބޫލުކޮށްފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް ބެލުމުގެ އިހްތިސާސް އެ ކޯޓަކަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ދައުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ކޯޓަކަށް ހާޒިރުވަނީ، ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުމަށް ކަމަށްވާނަމަ، މި މާއްދާގެ ބޭނުމަށްޓަކައި އެ ކޯޓުގެ އިހްތިސާސް އޭނާ ގަބޫލުކުރީ ކަމަށް ބަލައިގެންނުވާނެއެވެ.
  4. ދައުވާއެއްގެ އަސާސް ބިނާވެފައިވަނީ ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަމާގުޅޭ މައްސަލައެއް ނުވަތަ ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ހައްގަކާގުޅޭ މައްސަލައެއް ބެލުމަށް ކަމަށްވެފައި، އެ ބިމެއް އޮތީ ނުވަތަ ނުއުފުލޭ މުދަލެއް ހުރީ ދިވެހިރާއްޖޭގައި ކަމަށްވުން؛
  5. ދައުވާއެއްގެ އަސާސް ބިނާވެފައިވަނީ ކުންފުނިތަކާއި، ޖަމްއިއްޔާތަކާއި، އެހެނިހެން ގާނޫނީ ށަހްސުތަކުގެ ސައްހަކަން ބެލުމާ ގުޅޭ ގޮތުން ނުވަތަ އެފަދަ ތަންތަން ބާތިލުކުރުމާ ގުޅޭ ގޮތުން ނުވަތަ އުވާލުމާ ގުޅޭ ގޮތުން ނުވަތަ އެތަންތަނުގެ ގުނަވަންތަކުން ނިންމާ ނިންމުންތަކުގެ ސައްހަކަން ބެލުމާ ގުޅޭ ގޮތުން ކަމުގައިވާނަމަ، އެ ކުންފުނި، ނުވަތަ ޖަމްއިއްޔާ ނުވަތަ ގާނޫނީ ށަހްސު، ރަޖިސްޓަރީކޮށްފައިވަނީ ނުވަތަ ގާއިމުކޮށްފައިވަނީ ދިވެހިރާއްޖޭގައި ކަމަށްވުން؛
  6. ދައުވާއެއްގެ އަސާސް ބިނާވެފައިވަނީ އާންމު ރަޖިސްޓަރީއެއްގައި ލިޔެފައި އޮންނަ އެއްޗެއްގެ ސައްހަކަން ކަނޑައެޅުމަށް ކަމަށްވެފައި، އެ ރަޖިސްޓަރީއެއް އޮތީ، ދިވެހިރާއްޖޭގައި ކަމަށްވުން؛
  7. ދައުވާއެއްގެ އަސާސް ބިނާވެފައިވަނީ ވަކި ތަނަކަށް ހުށަހަޅަންޖެހޭ ނުވަތަ ވަކި ތަނެއްގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ފިކުރީ މުދަލާގުޅޭ ހައްގުތައް ރަޖިސްޓަރީކުރުމާއި އޭގެ ސައްހަކަން ކަނޑައެޅުމާ ގުޅޭ ގޮތުން ކަމަށްވާނަމަ، އެ އެއްޗެއް ނުވަތަ އެ އެއްޗެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގައި ކަމަށްވުން؛
  8. ހުކުމެއް ތަންފީޒުކުރުމާގުޅޭ މައްސަލައެއްނަމަ، އެއީ، ދިވެހިރާއްޖޭގައި ތަންފީޒުކުރަންޖެހޭ ހުކުމެއް ކަމަށްވުން؛
  9. ވިޔަފާރިވެރިންގެ ހައިސިއްޔަތުން ދެފަރާތެއްގެ ދެމެދުގައި ވެވޭ ގާނޫނީ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ސައްހަނޫން ނުވަތަ ބާތިލު އެއްބަސްވުމަކަށްނުވާނަމަ، އެ އެއްބަސްވުމުގެ ދަށުން އުފެދޭ އިހްތިލާފަކާ ގުޅިގެން އުފުލޭ ދައުވާއެއް ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުވަތަ ދިވެހިރާއްޖޭގެ ވަކި ކޯޓަކަށް ކަމުގައި އެ ދެފަރާތުން ލިޔުމުން، ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ހާލަތުގައި، އެފަދަ އެއްބަސްވުމަކާގުޅޭ މައްސަލައެއް ބެލުމުގެ އިހްތިސާސް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވެއެވެ. އެއްބަސްވުމަކާ ގުޅޭ ގޮތުން އުފެދޭ އިހްތިލާފަކާ ގުޅިގެން އިހްތިސާސް ލިބިދޭ ފަރާތް ބަޔާންކުރާ، އެ އެއްބަސްވުމުގެ ކަމާގުޅޭ މާއްދާތަކަކީ، އެ އެއްބަސްވުމުގެ އެހެން މާއްދާތަކާ ވަކިން އޮންނަ، ވަކި އެއްބަސްވުމެއް ކަމުގައި ބެލޭނެއެވެ. އެހެންނަމަވެސް، އެއްބަސްވުމަކާ ގުޅޭ ގޮތުން އުފެދޭ އިހްތިލާފަކާ ގުޅިގެން އިހްތިސާސް ލިބިދޭ ފަރާތް ބަޔާންކުރާ އެފަދަ އެއްބަސްވުމެއްގެ ސައްހަކަމާމެދު ސުވާލު އުފައްދާ ހަމައެކަނި ސަބަބަކީ އެ ދެފަރާތުން ވެފައިވާ ގާނޫނީ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެއްދުން ކަމުގައިވާނަމަ، އެފަދަ ދައުވާއެއް ނުއުފުލޭނެއެވެ.
  10. މުދާ ވިއްކުމުގެ ނުވަތަ ހިދުމަތް ހޯދުމުގެ އެއްބަސްވުމެއް ވެފައިވަނީ ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ވިޔަފާރިއެއް ނުވަތަ ފަންނީ މަސައްކަތެއް ކުރާ ފަރާތަކާ އެކުގައި ކަމަށްވެފައި، އެ އެއްބަސްވުމަކީ އެ މަސައްކަތާ ގުޅުންހުރި އެއްބަސްވުމެއް ކަމަށްވާނަމަ، އެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ދިވެހިރާއްޖޭގައި އާންމު ގޮތެއްގައި ދިރިއުޅޭ، މުދާ ނުވަތަ ހިދުމަތް ލިބިގަންނަ ފަރާތުން، އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ދައުވާއެއް އުފުލައިފިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވެއެވެ.
  11. ވަޒީފާގެ އެއްބަސްވުމަކާގުޅޭ ދައުވާއެއްނަމަ، އެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ދިވެހިރާއްޖޭގައި އާންމުގޮތެއްގައި މަސައްކަތްކުރާ މުވައްޒަފު، އެ ވަޒީފާގެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ދައުވާއެއް އުފުލައިފިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވެއެވެ.
  12. އިފްލާސްކުރުމުގެ ދައުވާއެއްގައި، ދަރަނިވެރިޔާގެ މައިގަނޑު މަސްލަހަތުތައް ގާއިމުވެފައި ހުރީ ދިވެހިރާއްޖޭގައި ކަމަށްވާނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވެއެވެ. ނުވަތަ އެފަދަ އިފްލާސްކުރުމުގެ މައްސަލައެއްގައި ހިމެނޭ ދަރަނިވެރިޔާގެ ވިޔަފާރީގެ ގޮތްޕެއް، ނުވަތަ އޭޖެންސީއެއް ނުވަތަ އެހެންވެސް ތަނެއް ދިވެހިރާއްޖޭގައި ހުރިނަމަ، އަދި އިފްލާސްކުރުމުގެ އެފަދަ ދައުވާއެއް ބިނާވެފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ހުރި ދަރަނިވެރިޔާގެ މުދަލުގެ މައްޗަށް ކަމަށްވާނަމަ، އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ވެސް  ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވެއެވެ.

(ށ) ވަކި މައްސަލައެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ނުހިނގާ ހާލަތްތަކުގައިވެސް، އެ މައްސަލައިގައި ހިމެނޭ އެންމެހައި ހަސްމުންނަކީ ދިވެހި ރައްޔިތުން ކަމަށްވެފައި، އިންސާފު ގާއިމުކުރުމުގެ ގޮތުން އެކަން އެގޮތަށް ކުރުމަކީ އެދެވިގެންވާކަމެއް ކަމުގައިވާނަމަ، އެ މައްސަލައެއް ބެލުމުގެ އިހްތިސާސް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓެއްގައި ބެލުމަކީ، އިންސާފު ގާއިމުކުރުމުގެގޮތުންކުރުމަށް އެދެވިގެންވާކަމެއްކަމަށް ކަނޑައެޅުމުގައި، އެ މައްސަލައެއް ހުށަހެޅިފައިވާ ކޯޓަކުން އެ މައްސަލައާގުޅޭ އެންމެހައިކަންކަމަށްރިއާޔަތްކުރަންވާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ހެކި ނުވަތަ މުދާ ހުރި ތަން؛ 
  2. އެ މައްސަލަ ދިވެހިރާއްޖޭގެ ކޯޓެއްގައި ހިންގުން މަނާކުރާ ހާލަތެއް ވުޖޫދުވެފައިވާކަން ނުވަތަ ނޫންކަން؛
  3. އެ މައްސަލައެއް ހުށަހަޅަން އެންމެ އެކަށީގެންވަނީ އެހެން ގައުމެއްގެ ކޯޓަކަށްކަން ނުވަތަ ނޫންކަން؛
  4. ދައުވާކުރާ ފަރާތުން އެދޭ ފަރުވާ އެހެން ގައުމެއްގެ ކޯޓަކުން އެކަށީގެންވާ ގޮތެއްގައި ނަގައިދެވިދާނެކަން ނުވަތަ ނޫންކަން؛
  5. ދިވެހިރާއްޖޭގައި ނުވަތަ އެހެން ގައުމެއްގެ ކޯޓެއްގައި މައްސަލަ ކުރިއަށްގެންދިޔުމުގައި ހިނގާނެ ހަރަދާއި ލިބޭނެ ފަސޭހަ؛ 
  6. ދިވެހިރާއްޖޭގައި ކުރާ ހުކުމެއް އެހެން ގައުމެއްގައި ތަންފީޒުކުރުމާއި، އެހެން ގައުމެއްގެ ކޯޓަކުން ކުރާ ހުކުމެއް ދިވެހިރާއްޖޭގައި ތަންފީޒުކުރުމުގެ ފުރުސަތު އޮތް މިންވަރު.

(ރ) ދައުވާއެއް ބެލުމުގެ އިހްތިސާސް ދިވެހިރާއްޖޭގެ ކޯޓަކަށް ލިބިގެންވާކަން ނުވަތަ ނޫންކަން މި މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅުމުގައި، އެ ދައުވާ ހުށަހެޅޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ.

 

57 ވަނަ މާއްދާ - ވަގުތީ ފަރުވާގެ ފިޔަވަޅުތައް އަޅައިދިނުމަށް އެދުން

ދައުވާއެއް މައުޒޫއީގޮތުން ބެލުމުގެ އިހްތިސާސް ލިބިގެންވަނީ އެހެން ގައުމެއްގެ ކޯޓަކަށް ކަމަށްވީނަމަވެސް، ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ހޯދުމަށް އެދެވިދާނެ ވަގުތީ ފަރުވާގެ ފިޔަވަޅެއް އެ ދައުވާއަކާ ގުޅޭ ގޮތުން އަޅައިދިނުމަށް އެދި މައްސަލައިގައި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅިދާނެއެވެ. މި މާއްދާގައި ބަޔާންކުރާ ވަގުތީ ފަރުވާގެ ފިޔަވަޅުތަކުގެ ތެރޭގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ހިމެނެއެވެ.

 

58 ވަނަ މާއްދާ - އެހެން ގައުމެއްގެ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލަ ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅުން

(ހ) މި ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އިހްތިސާސް ލިބިދޭ މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅުނުއިރު، ހަމަ އެ ދައުވާ ބިނާކޮށްފައިވާ އަސާސްގެ މައްޗަށް އެ ހަސްމުންގެ މެދުގައި ހިނގާ އެހެން މައްސަލައެއް ބޭރު ގައުމެއްގެ ކޯޓެއްގައި ހިނގަމުންދާނަމަ، މައްސަލައިގެ ހަސްމަކު އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އަންނަނިވި ހާލަތްތަކުގައި، ދިވެހިރާއްޖޭގައި ހިނގަމުންދާ މައްސަލަ ހިންގުން ހުއްޓާލުމަށް ދިވެހިރާއްޖޭގެ ކޯޓަށް ނިންމިދާނެއެވެ.

  1. ބޭރު ގައުމުގެ ކޯޓުން ކުރާ ހުކުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ގަބޫލުކުރާނެ އަދި/ނުވަތަ ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެ ހުކުމަކަށް ވާނެކަމަށް ބެލެވުން؛ އަދި
  2. ދިވެހިރާއްޖޭގައި ހިނގަމުންދާ މައްސަލަ ހިންގުން ހުއްޓާލުމަކީ، އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ކޯޓަށް ގަބޫލުކުރެވުން.

(ށ) އަންނަނިވި ހާލަތްތައް މެދުވެރިވެއްޖެނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓަށް ކުރިއަށްގެންދެވިދާނެއެވެ.

  1. ބޭރު ގައުމުގެ ކޯޓުގައި ހިނގަމުންދާ މައްސަލަ ހިންގުން ހުއްޓާލުން ނުވަތަ ދައުވާ އަނބުރާ ގެންދިޔުން؛
  2. ބޭރު ގައުމުގެ ކޯޓުގައި ހިނގަމުންދާ މައްސަލަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިމިދާނެކަމަށް ދިވެހިރާއްޖޭގެ ކޯޓަށް ނުފެނުން؛ ނުވަތަ
  3. މައްސަލަ ކުރިއަށްގެންދިޔުމަކީ، އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ކޯޓަށް ގަބޫލުކުރެވުން.

(ނ) ބޭރު ގައުމެއްގެ ކޯޓަކުން ބަލަމުންދިޔަ މައްސަލަ އެ ކޯޓުން ނިންމައި، ދިވެހިރާއްޖޭގެ ކޯޓުތަކުން ގަބޫލުކުރާނެ އަދި/ނުވަތަ ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނެ ހުކުމެއް ކޮށްފިނަމަ، ދިވެހިރާއްޖޭގައި ހިނގަމުންދާ މައްސަލަ ދިވެހިރާއްޖޭގެ ކޯޓުން ބާތިލުކުރަންވާނެއެވެ.

 

ފަސްވަނަ ބާބު

ދައުވާކުރުމުގެ މުއްދަތުތައް 

 

59 ވަނަ މާއްދާ - ދައުވާކުރުމުގެ މުއްދަތުތަކަށް އަމަލުކުރަން ލާޒިމުވުން

(ހ) އެހެން ގާނޫނެއްގައި ނުވަތަ މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަދަނީ ދައުވާއެއް އުފުލަންވާނެކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ މުއްދަތުތައް، އެފަދަ ކޮންމެ ދައުވާއެއްގެ މައްޗަށް ހިނގާނެއެވެ. އަދި އެ މުއްދަތުގައި އެ ދައުވާއެއް އުފުލާފައިނުވާނަމަ، އޭގެ ފަހުގެ ތާރީހެއްގައި އެ ދައުވާއެއް ނުއުފުލޭނެއެވެ.

(ށ) މި ބާބުގައި ބަޔާންކުރާ މުއްދަތުތައް ހިނގަން ފަށާނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެންނެވެ.

(ނ) މި ބާބުގައި ބަޔާންކުރާ މުއްދަތުތައް ގުނާނީ، ބަންދު ދުވަސްތައް ނުހިމެނޭ ގޮތުންނެވެ.

 

60 ވަނަ މާއްދާ - ދައުވާ ހުށަހެޅުމަށް ކަނޑައަޅާފައިވާ އާންމު މުއްދަތު

މި ގާނޫނުގައި އަދި އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަދަނީ ދައުވާއެއް ހުށަހެޅޭނީ، އެ ދައުވާ ބިނާކުރި ސަބަބު ނުވަތަ ދައުވާ އެމައްޗަށް ބިނާވާ ހުސޫމާތް މެދުވެރިވި ތާރީހުން ފެށިގެން 6 (ހައެއް) އަހަރުދުވަސް ފާއިތުވެފައިނުވާނަމައެވެ.

 

61 ވަނަ މާއްދާ - ވަޒީފާއާބެހޭ މައްސަލަތައް

އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމާގުޅޭ ދައުވާތައް ހިމެނޭ ގޮތުން، ވަޒީފާއާގުޅޭ އެންމެހައި ދައުވާތައް، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ނުވަތަ ދައުވާކުރުމުގެ ހައްގު އުފަންވި ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

 

62 ވަނަ މާއްދާ - މުދަލުގެ މިލްކުވެރިކަމާބެހޭ މައްސަލަތައް

(ހ) އުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމަށްފަހު، އެ މުދަލެއް އެފަރާތަކާ ހަވާލުކުރުމުގެ ކުރިން، އެ މުދަލުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރާ ހާލަތުގައި، އެ މުދަލުގެ މިލްކުވެރިކަން ފަހުން ބަދަލުކުރެވުނު ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ ދައުވާއެއް ހުށަހަޅަންވާނީ، އެ މުދަލުގެ މިލްކުވެރިކަން ފުރަތަމަ ބަދަލުކުރެވުނު ތާރީހުން ފެށިގެން 6 (ހައެއް) އަހަރުދުވަސްވުމުގެ ކުރިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ދައުވާ އުފުލުމުގެ ހައްގު ލިބިފައިވާ ފަރާތަކުން، އެ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން އެ ދައުވާ އުފުލާފައިނުވުމުގެ ސަބަބުން އެ މުދަލުގެ މިލްކުވެރިކަން އެފަރާތަށް ބަދަލުވެފައިނުވާނަމަ، އެ މުދަލުގެ މިލްކުވެރިކަމަށް އޮތް އެފަރާތުގެ ހައްގު ގެއްލިގެންދާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި މުދަލެއް ވަގަށް ނެގުމުގެ ސަބަބުން އެ ވައްކަމާ ގުޅޭ ގޮތުން ކުރާ ދައުވާއަކާ ގުޅޭ ގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުތަކެއް ނުހިނގާނެއެވެ. އެހެންނަމަވެސް، އެ މުދަލުގެ މައްޗަށް އޮތް އެފަރާތުގެ މިލްކުވެރިކަން މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި ގެއްލިފައިވާނަމަ، އަދި އޭނާއަށް އެފަދައިން އެ މުދަލުގެ މިލްކުވެރިކަން ގެއްލުނީ އެ ވައްކަންކުރުމުގެ ކުރިން ކަމުގައިވާނަމަ، އެ ވައްކަމާ ގުޅިގެން ކުރެވޭ ދައުވާއެއް ނުކުރެވޭނެއެވެ.

 

63 ވަނަ މާއްދާ - އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުހޯދުމުގެ ދައުވާ ހުށަހެޅުމުގެ މުއްދަތު

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއެއް އުފުލަންވާނީ، އެ ދައުވާކުރުމުގެ ހައްގު އުފަންވި ސަބަބު ވުޖޫދުވި ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަސް ހަމަވުމުގެ ކުރިންނެވެ.

 

64 ވަނަ މާއްދާ - ޖުޑީށަލް ރިވިއުގެ ދައުވާ ހުށަހެޅުމުގެ މުއްދަތު

(ހ) ޖުޑީށަލް ރިވިއުގެ ދައުވާއެއް ހުށަހެޅޭނީ، އެ ދައުވާކުރުމުގެ ހައްގު އުފަންވި ސަބަބު ވުޖޫދުވި ތާރީހުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދައުވާކުރުމުގެ ހައްގު އުފަންވި ސަބަބު ވުޖޫދުވި ތާރީހު ކަމަށް ބުނެފައި އެވަނީ، ދައުވާ އެމައްޗަށް ބިނާވެފައިވާ، ދައުލަތުގެ އިދާރާއިން އަޅާފައިވާ އިދާރީ ފިޔަވަޅު އެޅި ތާރީހަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ ޖުޑީށަލް ރިވިއުގެ ދައުވާއެއް ކޯޓަށް ބަލައިގަނެވޭނީ، އެ މުއްދަތުގައި އެ ދައުވާ ހުށަނޭޅުުނު އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައި ކޯޓަށް ސާބިތުކޮށްދީ، ކޯޓުން އެކަމުގެ ހުއްދަ ދީފިނަމައެވެ. ނުވަތަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައިވީނަމަވެސް، ދައުވާ ކުރިއަށްގެންދިޔުމަށް ދައުވާ ރައްދުވާ ދައުލަތުގެ އިދާރާއިން އިއުތިރާޒުނުކުރާނަމަ އެ މުއްދަތުގެ ފަހުން ހުށަހެޅޭ ޖުޑީށަލް ރިވިއުގެ މައްސަލަ ކޯޓަށް ބަލައިގަނެވިދާނެއެވެ.

(ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ބާވަތެއްގެ ޖުޑީށަލް ރިވިއުގެ ދައުވާއެއް ހުށަހެޅުމަށް އެހެން ގާނޫނެއްގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ، އަދި އެ މުއްދަތަކީ މި ގާނޫނުގައި ބަޔާންކުރާ މުއްދަތަށްވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ، އެ ދައުވާއެއް، އެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ހުށަހަޅަންވާނެއެވެ.

 

65 ވަނަ މާއްދާ - އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ އަނިޔާގެ މައްސަލަތައް

(ހ) އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާގުޅޭ ދައުވާއާއި، ތުރާގެ އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާގުޅޭ ދައުވާއާއި، އަދާކުރަންޖެހޭ ވާޖިބާ ހިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާގުޅޭ ދައުވާގެ ތެރެއިން، ދައުވާކުރާ ފަރާތުގެ ނުވަތަ އެހެން ފަރާތެއްގެ ހަށިގަނޑަށް ލިބޭ އަނިޔާއަށް ބަދަލު ހޯދުމުގެ ދައުވާތައް އުފުލަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ތާރީހުތަކުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައެވެ.

  1. ދައުވާކުރުމުގެ ހައްގު އުފަންވި ސަބަބު ވުޖޫދުވި ތާރީހު؛ ނުވަތަ
  2. ހަށިގަނޑަށް އަނިޔާ ލިބުނު މީހާއަށް އަނިޔާވިކަން އެނގުނު ތާރީހު.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހަށިގަނޑަށް އަނިޔާ ލިބުނު މީހާ މަރުވެއްޖެނަމަ، މަރުވި މީހާގެ ވާރިސުންގެ ފަރާތުން އެކަމުގެ ދައުވާ ހުށަހެޅުމުގެ ބޭނުމަށްޓަކައި، ދައުވާ ހުށަހެޅުމުގެ މުއްދަތު ކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ތާރީހުތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހެވެ.

  1. މަރުވި ތާރީހު؛ ނުވަތަ
  2. މަރުވިކަން އޭނާ ތަމްސީލުކުރާ މީހަކަށް އެނގުނު ތާރީހު.

(ނ) މަރުވި މީހާ ތަމްސީލުކުރާ އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ، އަދި އެމީހުންނަށް އޭނާ މަރުވިކަން އެނގުނު ތާރީހު ތަފާތުނަމަ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ގުނުމުގައި ބަލަންވާނީ، އެ ތާރީހުތަކުގެ ތެރެއިންއެންމެ އަވަހަށް ބައްދަލުވާ ތާރީހަށެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި، މީހަކަށް މައުލޫމާތު އެނގުނު ތާރީހުކަމަށް ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން އެފަރާތަކަށް ފުރަތަމަ އެނގުނު ތާރީހަށެވެ.

  1. ލިބިފައިވާ އަނިޔާއަކީ ނިސްބަތުން ބޮޑު އަނިޔާއެއްކަން އެނގުނު ތާރީހު؛ ނުވަތަ
  2. ލިބުނު އަނިޔާ އެކުގައި ނުވަތަ އަނިޔާގެ ވަކި މިންވަރެއް މެދުވެރިވެފައިވަނީ ދައުވާކުރެވޭ އިހުމާލުގެ އަމަލުގެ ސަބަބުން ނުވަތަ ތުރާގެ އަމަލުގެ ސަބަބުން ނުވަތަ ވާޖިބާ ހިލާފުވުމުގެ އަމަލުގެ ސަބަބުންކަން އެނގުނު ތާރީހު؛ ނުވަތަ 
  3. ދައުވާލިބޭ ފަރާތަކީ ކޮން ފަރާތެއްކަން އެނގުނު ތާރީހު؛ ނުވަތަ 
  4. ހިންގިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވުނު އަމަލު ހިންގާފައިވަނީ ދައުވާލިބޭ ފަރާތް ނޫން އެހެން ފަރާތެއްނަމަ، އެފަރާތަކީ ކޮން ފަރާތެއްކަން އެނގުނު ތާރީހު އަދި ދައުވާލިބޭ ފަރާތުގެ މައްޗަށް ދައުވާ ހުށަހެޅުމަށް ބާރުދޭ އެެހެން ވާގިއާތައް.

(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، ހިންގިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ އަމަލަކީ، ގާނޫނީ ހަމަތަކުން ބަލާއިރު އިހުމާލުގެ އަމަލެއްކަން ނުވަތަ ތުރާގެ އަމަލެއްކަން ނުވަތަ ވާޖިބާ ހިލާފުވުމުގެ އަމަލެއްކަން އޭނާއަށް އެނގިފައިވާކަން ނުވަތަ އެނގިފައިނުވާކަން މުހިންމެއް ނޫނެވެ.

(ޅ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވުމަށްފަހު، މި މާއްދާގައި ބަޔާންކުރާ ދައުވާއެއް ކޯޓަށް ހުށައެއްނޭޅުނެއެވެ.

(ކ) މި މާއްދާގެ ބޭނުމަށްޓަކައި، "ހަށިގަނޑަށް ލިބޭ އަނިޔާ" ކަމުގައި ބުނެފައި އެވަނީ، މީހަކަށް ކުރިމަތިވާ އެއްވެސް ބައްޔެއް ނުވަތަ އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހިމެނޭ ގޮތުންނެވެ.

 

66 ވަނަ މާއްދާ - އިހުމާލުގެ ދައުވާތަކުގެ ތެރެއިން ދައުވާ އެ މައްޗަށް ބިނާވެފައިވާ ސަބަބާގުޅޭ އެންމެހައި ވާގިއާތައް ނޭނގ ބާވަތުގެ މައްސަލަތައް

(ހ) މި މާއްދާ ހިނގާނީ، މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ދައުވާތައް ފިޔަވައި އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާތަކުގެ ތެރެއިން، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ގުނަން ފަށާ ތާރީހު ބައްދަލު ވަނީ، ދައުވާ ބިނާކުރި ސަބަބު މެދުވެރިވި ތާރީހަށްވުރެ ފަހުގެ ތާރީހެއް ކަމުގައިވާ ހާލަތުގައެވެ.

(ށ) މި މާއްދާގައި ބަޔާންކުރާ ދައުވާއެއް އަންނަނިވި މުއްދަތުތައް ފާއިތުވުމަށްފަހު ހުށައެއްނޭޅުނެއެވެ.

  1. ދައުވާ ބިނާކުރި ސަބަބު މެދުވެރިވި ތާރީހުން ފެށިގެން 6 (ހައެއް) އަހަރުދުވަސް؛ ނުވަތަ
  2. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފެށޭ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަސް. (އެހެންނަމަވެސް އެއީ އެ މުއްދަތު ހަމަވަނީ މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ފަހުގެ ތާރީހެއް ކަމުގައިވާނަމައެވެ).

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ދައުވާ ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާ ތާރީހަކީ، ދައުވާކުރާ ފަރާތަށް ނުވަތަ ދައުވާ އުފުލުމުގެ ހައްގު ލިބިފައިވާ އެހެން ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއެއް ހުށަހެޅުމަށް ބޭނުންވާ މައުލޫމާތު ލިބުނު ތާރީހާއި، އެފަދަ ދައުވާއެއް ހުށަހެޅުމުގެ ހައްގު ލިބިގެންވާކަމުގެ މައުލޫމާތު ލިބުނު ތާރީހުގެ ތެރެއިން އެންމެ އަވަހަށް ބައްދަލުވާ ތާރީހެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި "ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއެއް ހުށަހެޅުމަށް ބޭނުންވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ:

  1. ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ދައުވާގައި ބަޔާންކުރާ ގެއްލުމާ ސީދާ ގުޅޭ ވާގިއާތައް އެނގިފައިވުމަށް؛ ނުވަތަ
  2. (2) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ދައުވާއާގުޅޭ އެހެން ވާގިއާއެއް އެނގިފައިވުމަށް.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ގެއްލުމާ ސީދާގުޅޭ ވާގިއާތައް ކަމުގައި ބަލާނީ، އިހުމާލުގެ އަމަލުގެ ސަބަބުން ގެއްލުންވި މީހާއަށް ލިބުނު ގެއްލުން، ފަރުވާތެރި، ސަބަބުވެރި މީހަކަށް މެދުވެރިވިނަމަ، އެ ގެއްލުމަކީ، އެކަމާ ގުޅިގެން ޒިންމާ އުފުލަންޖެހޭ ފަރާތުގެ މައްޗަށް އެމީހަކުވެސް ދައުވާކުރާނެ އެކަށީގެންވާ ބޮޑު ގެއްލުމެއްކަމަށް ވާ ހާލަތުގައި، އެ ދައުވާ އެމީހެއްގެ މައްޗަށް އުފުލުމަށް ބުރަވާ ހާލަތްތަކަށް ބާރުދޭ ވާގިއާތަކަށެވެ.

(ޅ) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ އެހެން ވާގިއާއަކީ:

  1. ވެފައިވާ މުޅި ގެއްލުމަކީ ނުވަތަ އެ ގެއްލުމުގެ ވަކި ބަޔަކީ ސީދާ ތުހުމަތުކުރެވުނު އަމަލުކުރުމުގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި އަމަލުގެ ސަބަބުން ވެފައިވާ ގެއްލުމަކަށްވުން؛ އަދި 
  2. ދައުވާލިބޭ ފަރާތުގެ މައުލޫމާތު؛ އަދި 
  3. ހިންގިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވުނު އަމަލުކޮށްފައިވަނީ ދައުވާލިބޭ ފަރާތް ނޫން އެހެން ފަރާތެއްނަމަ، އެފަރާތުގެ މައުލޫމާތު އަދި ދައުވާލިބޭ ފަރާތުގެ މައްޗަށް ދައުވާ ހުށަހެޅުމަށް ބާރުދޭ އެެހެން ވާގިއާއެއް.

(ކ) މި މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، ހިންގިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ އަމަލަކީ، ގާނޫނީ ހަމަތަކުން ބަލާއިރު އިހުމާލުގެ އަމަލެއްކަން އޭނާއަށް އެނގިފައިވާކަން ނުވަތަ އެނގިފައިނުވާކަން މުހިންމެއް ނޫނެވެ.

(އ) މި މާއްދާގެ ބޭނުމަށްޓަކައި، މީހަކަށް ވަކި ކަމެއް އެނގުމުގެ މާނައިގެ ތެރޭގައި ބުއްދީގެ ހަމަތަކުން ބަލާއިރު ތިރީގައިވާ ކަންކަން އޭނާއަށް އެނގޭނެކަމަށް ބަލަންވާނެއެވެ.

  1. ލިބިފައިވާ މައުލޫމާތުން ދެނެގަނެވެން ހުރި ނުވަތަ ޔަގީންކުރެވެން ހުރި ކަންކަން؛
  2. ލިބިފައިވާ މައުލޫމާތުން އަމިއްލައަށް ނުވަތަ ހަބީރެއްގެ އެހީގައި ޔަގީންކުރެވެން ހުރި ކަންކަން؛ ނަމަވެސް، މި މާއްދާގެ ބޭނުމަށްޓަކައި ހަމައެކަނި ހަބީރެއްގެ އެހީގައި މައުލޫމާތު ޔަގީންކުރެވެން ހުރިކަމަށް ބަލަންވާނީ، އެ އެހީތެރިކަން  ހޯދުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިވާނަމައެވެ.

 

67 ވަނަ މާއްދާ - އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ އަނިޔާގެ މައްސަލަތައް ފިޔަވައި އެހެނިހެން އިހުމާލުގެ މައްސަލަތަކަށް ކަނޑައެޅޭ މުއްދަތު

(ހ) އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ދައުވާތަކުގެ ތެރެއިން މި ގާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ދައުވާތައް ފިޔަވައި އެހެން ދައުވާތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިނގި ތާރީހުން (އެއް ތާރީހަށްވުރެ ގިނަނަމަ ބަލާނީ އޭގެ ތެރެއިން ފަހުގެ ތާރީހަށް) ފެށިގެން 10 (ދިހައެއް) އަހަރުދުވަސް ފާއިތުވެއްޖެނަމަ، އެ ދައުވާއެއް ހުށައެއްނޭޅުނެއެވެ.

  1. އެކަމަކީ ތުހުމަތުކުރެވުނު އިހުމާލުގެ އަމަލު މެދުވެރިވި ސަބަބު ކަމުގައިވުން؛ އަދި
  2. އެދިފައިވާ ގެއްލުމުގެ ބަދަލު އެމައްޗަށް ބިނާވެގެންވާ ގެއްލުމަކީ އެ ތުހުމަތުކުރެވޭ އިހުމާލުގެ އަމަލުގެ ސަބަބުން (މުޅި އަމަލުގެ ސަބަބުން ނުވަތަ އެ އަމަލުގެ ބައެއްގެ ސަބަބުން) މެދުވެރިވި ކަމަކަށްވުން.

(ށ) އަންނަނިވި ހާލަތްތައް ވުޖޫދުވެފައި ނެތުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގައި އެ މާއްދާގައި ބަޔާންކުރާ ދައުވާތައް އުފުލުމުން ބަރީއަނުވާނެ ސަބަބެއް ނޫނެވެ.

  1. ދައުވާ ބިނާކުރި ސަބަބު އެހާތަނަށް ވުޖޫދުވެފައިނުވުން؛ ނުވަތަ
  2. ދައުވާ ހުށަހެޅުމަށް މި މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިން، މި ގާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކުރާ ދައުވާއެއް ކޯޓަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ގުނަންފަށާ ކަމަށް އެ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަޔާންކޮށްފައިވާ ދައުވާ ބިނާކުރި ސަބަބު ވުޖޫދުވެފައިނުވުން.

 

68 ވަނަ މާއްދާ - ތަރިކައާބެހޭ ދައުވާގެ މައްސަލަތައް

މީހަކު މަރުވުމަށްފަހު، އެމީހެއްގެ ދަރަންޏެއް ނުވަތަ ވަސިއްޔަތަކާ ގުޅިގެން ދައުވާކުރާ މީހަކު ހުރިނަމަ، އެމީހަކު މަރުވި ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލެވޭނީ އެމީހެއްގެ ފަރާތުން އެހެން މީހަކަށް އަދާކުރަންޖެހޭ ދަރަންޏެއް ނުވަތަ ފުރިހަމަކޮށްދޭންޖެހޭ ވަސިއްޔަތެއް ތަންފީޒުކުރަން ބޭނުންވާ މީހަކު ނެތީ ކަމުގައެވެ.

 

69 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ މުއްދަތު

(ހ) ކޯޓަކުން ކޮށްފައިވާ ނިހާއީ ހުކުމެއް ނުވަތަ އެނޫންވެސްނިންމުމެއް ތަންފީޒުކުރުމަށްޓަކައި އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައިހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދަރަނިވެރިޔާ ފިލައިގެން އުޅޭ ނަމަ، ނުވަތަ ތަންފީޒުކުރުމަށް ބޭނުންވާ ހުކުމުގައި ބަޔާންކޮށްފައިވާ މުދާ ފޮރުވާފައިވާނަމަ، އެ ދަރަނިވެރިޔާ ހޯދާ ތާރީހުން ފެށިގެން ނުވަތަ އެ މުދާ އަނބުރާ ހޯދުނު ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާނަމަ، އެ ހުކުމް ތަންފީޒުކުރުމަކަށް ހުށައެއްނޭޅުނެއެވެ.

(ނ) ދަރަންޏަކާ ގުޅިގެން އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނަގައިދިނުމުގައި، އެ އިންޓްރެސްޓް ދައްކަންޖެހުނު ތާރީހުން ފެށިގެން 10 (ދިހައެއް) އަހަރުދުވަސް ފާއިތުވުމަށްފަހު އިންޓްރެސްޓްގެ ގޮތުގައި ހިނގާފައިވާ އެއްވެސް ފައިސާއެއް ނަގައިދީގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) އެހެން އޮތްނަމަވެސް، ހުކުމްކުރާ ނުވަތަ ނިންމުން ނިންމާ ކޯޓުން މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށްވުރެ ކުރު މުއްދަތެއް އެ ހުކުމް ނުވަތަ ނިންމުން ތަންފީޒުކުރުމަށް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

70 ވަނަ މާއްދާ - ދައުވާ ހުށަހަޅަންޖެހޭ މުއްދަތު ދައުވާކުރާ ފަރާތުގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް ބަލައި އިތުރުކޮށްދިނުން

(ހ) މި ގާނޫނުގައި ދައުވާއެއް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކޮންމެ ދައުވާއެއް ކުރުމުގައި، އެ ދައުވާކުރުމުގެ މުއްދަތުގައި އެ ދައުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކަމެއްހުރި ފަރާތެއްކަމުގައިވާނަމަ، އެ ނުކުޅެދުންތެރިކަމެއް ނިމުމަކަށް އައި ތާރީހާއި ނުވަތަ އެފަރާތް މަރުވި ތާރީހާ، މި ދެ ތާރީހުގެ ތެރެއިން ފުރަތަމަ ބައްދަލުވާ ތާރީހަކުން ފެށިގެން 6 (ހައެއް) އަހަރުދުވަހުގެ ތެރޭގައި އެ ދައުވާ ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) ދައުވާ ބިނާކުރި ސަބަބު ފުރަތަމަ މެދުވެރިވިއިރު ނުކުޅެދުންތެރިކަމެއް ނެތް މީހަކު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުރި މީހަކު ދައުވާކުރާނަމަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.

(ނ) ދައުވާ ބިނާކުރި ސަބަބު މެދުވެރިވީ ނުކުޅެދުންތެރިކަންހުރި މީހަކަށް ކަމަށްވެފައި، އޭނާގެ ކިބައިގައި ހުރި އެ ނުކުޅެދުންތެރިކަމާއެކު އޭނާ މަރުވެއްޖެނަމަ، ނުކުޅެދުންތެރިކަންހުރި ދެވަނަ މީހަކަށް އެ ދެވަނަ މީހާގެ ނުކުޅެދުންތެރިކަމަށް ބަލައި ދައުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށެއް ނުދެވޭނެއެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި، ކުޑަކުދިންނާއި ރައްކާތެރިކަން ލިބިގެންވާ ފަރާތްތައް ބަލަންވާނީ ނުކުޅެދުންތެރިކަންހުރި ފަރާތްތަކެއްގެ ގޮތުގައެވެ.

 

71 ވަނަ މާއްދާ - ހިޔާނާތް ނުވަތަ ހަގީގަތް ފޮރުވުމުގެ ދައުވާ ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ފަސްކުރުން

(ހ) މި ގާނޫނުގައި ދައުވާ ހުށަހެޅުމުގެ މުއްދަތު ކަނޑައަޅާފައިވާ ބާވަތުގެ ދައުވާތަކުގެ ތެރެއިން، އެ ދައުވާ ބިނާކޮށްފައިވަނީ ދައުވާ ރައްދުވާ ފަރާތުން ހިޔާނާތްތެރިވެފައިވާ ކަމުގެ މައްޗަށް ބިނާކޮށްގެން ކަމުގައިވާނަމަ ނުވަތަ ދައުވާކުރާ ފަރާތަށް ލިބިދޭ ދައުވާ ހުށަހެޅުމުގެ ހައްގާ ގުޅުންހުރި މައުލޫމާތެއް ދައުވާ ރައްދުވާ ފަރާތުން ގަސްދުގައި ފޮރުވާފައިވާނަމަ، ދައުވާކުރުމުގެ މުއްދަތު ގުނަން ފަށާނީ، ދައުވާކުރާ ފަރާތަށް އެ ހިޔާނާތް ނުވަތަ ފޮރުވާފައިވާ ކަމެއް އެނގޭ ތާރީހުން ފެށިގެން ނުވަތަ އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށްގެން އެކަން ދެނެގަނެވޭނެކަމަށް ބެލެވޭ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަކި ވަގުތެއް ވަންދެން ހާމަނުވާނެކަމަށް ބަލައިގެން ގަސްދުގައި ޒިންމާއެއް އަދާނުކޮށް ދޫކޮށްލުމަކީ އެ ޒިންމާ އަދާނުކުރުމާގުޅޭ ވާގިއާތައް ގަސްދުގައި ފޮރުވުންކަމަށް ބެލެވޭނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކީ، ހިޔާނާތް ނުވަތަ އޮޅުވާލުމުގެ އަމަލު ހިނގިފަހުން، އެ މުދާ ގަތް ފަރާތުގެ މައްޗަށް ދައުވާކުރުމަށް ނުވަތަ އެފަރާތް މެދުވެރިކޮށް އަގުހުރި މުގާބިލަކަށް ތިންވަނަ ފަރާތަކުން އެ މުދާ ގަތް ފަރާތުގެ މައްޗަށް އަންނަނިވި ކަންކަމުގައި ދައުވާކުރުމަށް ފުރުސަތު ދޭ ކަންކަމަށް ވެގެންނުވާނެއެވެ.

  1. އެއްވެސް ފަރާތެއްގެ މުދަލެއްގެ އަގު ހޯދުމަށް؛ ނުވަތަ
  2. މުދަލަށް އަސަރުކުރާ އެއްވެސް މުއާމަލާތެއް ބާތިލުކުރުމަށް ނުވަތަ މުދަލަކާގުޅޭ ޗާޖެއް ތަންފީޒުކުރުމަށް.

(ރ) ދައުވާ ބިނާކުރި ސަބަބާގުޅޭ އެއްވެސް ވާގިއާއަކާ ގުޅުންހުރި ހިޔާނާތެއް ނުވަތަ އޮޅުވާލުމެއް ހިމެނޭ ދައުވާއެއްގައި މުދާ ގަތް މީހަކީ ހިޔާނާތް ނުވަތަ އޮޅުވާލުމުގައި ބައިވެރިވި ފަރާތަކަށް ނުވެފައި، މުދާ ގަތްވަގުތު އޭގައި ހިޔާނާތް ނުވަތަ އޮޅުވާލުމުގެ އަމަލެއް ހިމެނޭ ކަން ނޭނގޭ ނަމަ ނުވަތަ ހިޔާނާތް ނުވަތަ އޮޅުވާލުމުގެ އަމަލެއް ހިމެނޭ ކަމަށް ގަބޫލުކުރާނެ ސަބަބެއް ނެތްކަމަށް ގަބޫލުކުރެވޭ ނަމަ، މި މާއްދާގެ ބޭނުމަށްޓަކައި ގަންނަ މީހާއަކީ އެ އަމަލުގައި ބައިވެރިވި މީހެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

72 ވަނަ މާއްދާ - ކުރިއަށްދާ ދައުވާއަކާ ގުޅިގެން އާ ދައުވާއެއް ހުށަހެޅުން

(ހ)  މި ގާނޫނުގެ 60 ވަނަ މާއްދާއިން ފެށިގެން 71 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ބޭނުމަށްޓަކައި، ކޮންމެ އާ ދައުވާއަކީ ވަކި ދައުވާއެއް ކަމަށް ބަލަންވާނެއެވެ. އަދި އެ ދައުވާއެއް ފެށުނު ތާރީހު ކަމަށް ބެލެވޭނީ:

  1. ތިންވަނަ ފަރާތަކުން ހުށަހަޅާ ދައުވާއެއްގެ ގޮތުގައި ފެށުނު އާ ދައުވާއެއްނަމަ، ނުވަތަ ތިންވަނަ ފަރާތަކުން ހުށަހަޅާ  ދައުވާއެއްގެ ތެރެއިން ހުށަހެޅުނު ދައުވާއެއްނަމަ، އެ މައްސަލައިގެ ދައުވާ ހުށަހެޅުނު ތާރީހު؛
  2. އެނޫން އާ ދައުވާއެއްނަމަ އަސްލު ދައުވާ ހުށަހެޅި ތާރީހު.

(ށ) މި މާއްދާގައި އާ ދައުވާއެއް ކަމަށް ބުނެފައި އެވަނީ، އަޅައިކެނޑުމުގެ ގޮތުން ނުވަތަ ރައްދު ދައުވާއެއްގެ ގޮތުގައި ހުށަހެޅޭ ދައުވާއާއި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް އެދި ހުށަހެޅޭ އާ ދައުވާ ހިމެނޭ ގޮތުންނެވެ.

  1. ދައުވާ ބިނާކުރި ސަބަބަށް އުނިއިތުރެއް ގެނައުމަށް؛ ނުވަތަ 
  2. ހަސްމަކު އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، "ތިންވަނަ ފަރާތަކުން ހުށަހަޅާ ދައުވާ" ކަމަށް ބުނެފައި އެވަނީ، ދައުވާއެއް އުފުލިފައިވާ މައްސަލައެއްގައި އެ ދައުވާގެ ހަސްމެއްގެ ހައިސިއްޔަތުން އެ ދައުވާއަށް އެހެން ހަސްމަކު އިތުރުކުރުމަށް ނުވާގޮތަށް، އަސްލު ދައުވާގައި ހިމެނޭ ފަރާތަކުން އެ ދައުވާގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ކުރާ ދައުވާއަށެވެ.

 

73 ވަނަ މާއްދާ - އެހެން ގާނޫނަކުން ކަނޑައަޅާ މުއްދަތު

މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުވާކުރަންޖެހޭ މުއްދަތުކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތާ ތަފާތު މުއްދަތެއް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުން އަންނަ އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އަމަލުކުރާ އުސޫލެއްގައި ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އިސްކަންދޭންވާނީ މި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށެވެ.ޓެކުހާގުޅޭ ކަންކަމުގެ އިސްތިސްނާ 74 .ދައުލަތުން ނަގަންޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ޑިއުޓީއެއް ނުވަތަ އެއްވެސް ޓެކުހަކާގުޅޭ ނުވަތަ ޑިއުޓީއަކާގުޅޭ ޖޫރިމަނާއެއް ހޯދުމަށް ހުށަހަޅާ ދައުވާތަކުގެ މައްޗަކަށް މި ބާބުގައި ކަނޑައަޅާފައިވާ މުއްދަތުތަކެއް ނުހިނގާނެއެވެ.

ހަވަނަ ބާބު

ހަސްމުން

75 ވަނަ މާއްދާ - ހަސްމަކަށް ވެވޭ ހައިސިއްޔަތު

ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ކޮންމެ ފަރާތަކީ، މަދަނީ މައްސަލައެއްގެ ހަސްމަކަށް ވެވިދާނެ ފަރާތެކެވެ.

 

76 ވަނަ މާއްދާ - ދައުވާ އުފުލުމަށް މަސްލަހަތެއް އޮތުން

މި ގާނޫނުގެ 75 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އެއްވެސް ފަރާތަކަށް މަދަނީ ދައުވާއެއް އުފުލޭނީ، އެ މައްސަލައިގައި އެފަރާތުގެ އެކަށީގެންވާ މަސްލަހަތެއް އޮވެގެންނެވެ.

 

77 ވަނަ މާއްދާ - އާންމު މަސްލަހަތު އެކުލެވިގެންވާ މައްސަލަތަކުގެ ހަސްމުން

(ހ) އާންމު މަސްލަހަތު އެކުލެވިގެންވާ މައްސަލައެއްގެ ދައުވާ ށަރުއީ ކޯޓަކަށް ހުށަހަޅާ ފަރާތެއްގެ މަސްލަހަތު ބެލުމުގައި، އެ މަސްލަހަތުގެ ސައްހަކަމާއި، އެއީ ކޯޓުން ހައްލުކޮށްދިނުން މުހިންމު މައްސަލައެއްތޯ، އަދި އާންމު މަސްލަހަތު އޮތް މައްސަލައެއްގެ ގޮތުގައި މެނުވީ ކޯޓަށް ހުށަހެޅެން ނެތް މައްސަލައެއްތޯ ކޯޓުން ބަލަންވާނެއެވެ.

(ށ) އާންމު މަސްލަހަތު އެކުލެވިގެންވާ މައްސަލައެއް ކޯޓަށް ހުށަހެޅި، އެ މައްސަލަ ކުރިއަށްގެންދަން ނިންމާ ހާލަތުގައި، ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އެ މައްސަލައަށް ތަދައްހުލުކުރުމަށް ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނިންމިދާނެއެވެ. ނުވަތަ މައްސަލަ ކޯޓަށް ހުށަހެޅި ހަސްމަކަށް އެފަދައިން ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އާންމު މަސްލަހަތު އެކުލެވިގެންވާ މައްސަލައެއް ކޯޓަށް ހުށަހެޅި، އެ މައްސަލަ ކުރިއަށްގެންދަން ނިންމާ ހާލަތުގައި، ކޯޓުން ނުވަތަ މައްސަލައިގެ ހަސްމުން އެދިފައިނުވިނަމަވެސް ބަންޑާރަނައިބަށް އެ މައްސަލައަށް ތަދައްހުލުވެވިދާނެއެވެ.

 

78 ވަނަ މާއްދާ - އެއް ހަސްމު ނުވަތަ އެއަށްވުރެ ގިނަ ހަސްމުން މައްސަލަހުށަހެޅުން 

މައްސަލައެއްގެ ހަސްމެއްގެ ގޮތުގައި، އެއް ފަރާތް ނުވަތަ އެއް ފަރާތަށްވުރެ ގިނަ ފަރާތް ހިމެނިދާނެއެވެ. އެގޮތުން، ދައުވާކުރާ ފަރާތުގެ ގޮތުގައިވެސް އަދި ދައުވާލިބފަރާތުގެ ގޮތުގައިވެސް އެއް ފަރާތަށްވުރެ ގިނަ ފަރާތް ހިމެނިދާނެއެވެ.

 

79 ވަނަ މާއްދާ - ހަސްމުން ތަމްސީލުކުރުން

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކޯޓުތަކުގައި ހަސްމުން ތަމްސީލުކުރެވޭނީ، ގާނޫނީ ވަކީލުންނަށެވެ.

(ށ) ގާނޫނީ ވަކީލުން ހަސްމުން ތަމްސީލުކުރުމަށް އެހެން ގާނޫނެއްގެ ދަށުން ލާޒިމުކުރާ ހާލަތުގައި، އެފަދަ ހަސްމަކު ކޯޓުގައި ތަމްސީލުކުރަންވާނީ އެމީހަކު އައްޔަންކުރާ ގާނޫނީ ވަކީލެކެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މައްސަލައެއްގެ ހަސްމެއްގެ ގޮތުގައި ހިމެނޭ ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވާ ހާލަތުގައި ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ކަމުގައިވާ ހާލަތުގައި، އެއިން ފަރާތެއް ތަމްސީލުކުރުމަށް އެފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

80 ވަނަ މާއްދާ - ހަސްމުން ތަމްސީލުކުރުމަށް އެއްވެސް ފަރާތެއް ކަނޑަނޭޅުުން

(ހ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަންކުރުމަށް އެހެން ގާނޫނެއްގައި ލާޒިމުކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، ހަސްމަކު ބޭނުންނަމަ، ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ބަދަލުގައި ނުވަތަ އޭނާ ތަމްސީލުކުރާނެ އެހެން ފަރާތެއް ކަނޑައެޅުމަކާ ނުލައި، ށަރީއަތުގެ އެންމެހައި މަރުހަލާތަކަށް ހާޒިރުވާނީ އޭނާ އަމިއްލައަށް ކަމުގައި ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަންކޮށްފައިނުވާ ހާލަތެއްގައި، ކޯޓުން މައްސަލައާގުޅޭ އިދާރީ ކަންކަން ނިންމުމުގައި އެކަމަށް ރިއާޔަތްކުރަންވާނެއެވެ.

 

81 ވަނަ މާއްދާ - ހަސްމުން އިތުރުކުރުމާއި ބަދަލުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، މައްސަލައެއްގެ ހަސްމުންގެ ގޮތުގައި އިތުރު ފަރާތްތައް ކޯޓަށް ހިމެނިދާނެއެވެ.

  1. ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަން ކޯޓަށް ނިންމޭނީ އެ މައްސަލައަކާގުޅޭ އިތުރު ހަސްމެއް ހިމަނައިގެން ކަމަށްވުން؛ ނުވަތަ
  2. ކޯޓުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ ހަސްމަކާއި އެހެން ފަރާތަކާ ދެމެދު އުފެދިފައިވާ އެހެން މައްސަލައަކީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ސީދާ އަސަރުކުރާ މައްސަލައެއް ކަމުގައިވާ ހާލަތުގައި، އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެފަރާތެއް ހަސްމެއްގެ ގޮތުގައި ހިމެނުމަކީ މުހިންމުކަމެއް ކަމަށްވުން.

(ށ) މައްސަލައެއްގައި ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއް އެއީ ހަސްމެއް ކަމުގައި ވާންޖެހޭ ފަރާތެއް ނޫންކަމަށް ކޯޓަށް ފެނިއްޖެނަމަ، އެއީ އެ މައްސަލައިގެ ހަސްމެއް ނޫން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ނިންމުމެއް ނިންމޭނީ، މައްސަލައިގެ ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމަނާފައިވާ ފަރާތަކީ، އެ މައްސަލައާ ގުޅުންހުރި ފަރާތެއް ކަމުގައިނުވާނަމަ، ނުވަތަ އެފަރާތުގެ މަސްލަހަތެއް އެ މައްސަލައިގައި ނުހިމެނޭ ނަމަ ނުވަތަ އެ ހަސްމަށްވުރެ އެ މައްސަލައިގައި ބޮޑު މަސްލަހަތެއް އޮތް އެހެން ފަރާތެއްވާނަމައެވެ.

(ރ) މައްސަލައެއްގައި ހަސްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއްގެ މަސްލަހަތު ނުވަތަ އިލްތިޒާމު އެހެން ފަރާތަކަށް ބަދަލުވެފައިވާ ހާލަތުގައި، އަދި އެ މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމާމެދު ގޮތެއް ކަނޑައެޅެން އަންނަނީ، އެ ދެވަނަ ފަރާތް ހަސްމެއްގެ ގޮތުގައި ހަމަޖައްސައިގެން ކަމުގައިވާ ހާލަތުގައި، ފުރަތަމަ ހަސްމުގެ ބަދަލުގައި އެ ދެވަނަ ފަރާތް މައްސަލައިގެ ހަސްމެއްގެ ގޮތުގައި ކޯޓަށް ހަމަޖެއްސިދާނެއެވެ.

(ބ) ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، އެ މައްސަލައިގައި އިތުރު ހަސްމުން ހިމެނޭނީ، ނުވަތަ ބަދަލުކުރެވޭނީ ނުވަތަ ވަކިކުރެވޭނީ، ކޯޓުގެ ހުއްދައާއެކުގައެވެ.

 

82 ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތަށް އެކުގައި މައްސަލައިން ހައްލެއް ލިބެން އޮންނަ ހާލަތް

(ހ) މައްސަލައެއްގައި ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާއަކީ، އެފަރާތަށް އެ ފަރުވާ ހޯދައިދީފިނަމަ، އެއަށް އެހެން ދެވަނަ ފަރާތަކަށްވެސް ހައްގު ލިބިގެންވާ ފަރުވާއެއް ކަމުގައިވާ ހާލަތުގައި، އެ ދެވަނަ ފަރާތް އެ މައްސަލައިގެ ހަސްމެއްގެ ގޮތުގައި ހިމެނިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަރިކައިގެ މައްސަލަތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ.

 

83 ވަނަ މާއްދާ - ދެފަރާތެއްގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އެއް ފަރާތް ތަމްސީލުކުރުމަށް އަނެއް ފަރާތުން ކަނޑައެޅުން

(ހ) މައްސަލައެއްގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މަސްލަހަތު އެކުގައި ހިމެނޭ ނަމަ، އޭގެ ތެރެއިން އެއް ފަރާތަށް، އޭނާގެ ބަދަލުގައި އެ މައްސަލައިގެ ށަރީއަތުގެ މަޖިލިސްތަކުގައި ހާޒިރުވުމަށް، އެ ދެވަނަ ފަރާތް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެފަރާތެއްގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އެއް ފަރާތް ތަމްސީލުކުރުމަށް އަނެއް ފަރާތް ކަނޑައަޅާ ހާލަތުގައި، ފުރަތަމަ ދައުވާ ހުށަހަޅާއިރު ނުވަތަ ދައުވާއަށް ދިފާއު ހުށަހަޅާއިރު އެކަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މަސްއޫލިއްޔަތު ހަވާލުކުރެވޭ ފަރާތެއް މަރުވުމަކީ، ނުވަތަ އެފަރާތުން ހައިސިއްޔަތު ބަދަލުވުމަކީ އެ މަސްއޫލިއްޔަތަށް އަސަރުކުރާނެ ކަމެއް ނޫނެވެ.

 

84 ވަނަ މާއްދާ - ހަސްމަކު މަރުވުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މައްސަލައެއްގައި ދައުވާކުރާ ފަރާތް ނުވަތަ ދައުވާލިބޭ ފަރާތް މަރުވެއްޖެނަމަ، ށަރީއަތުން އެފަރާތެއްގެ ވާރިސުން ކަނޑައަޅައި ނިމެންދެން އެ މައްސަލައިގެ ށަރީއަތް މެދުކަނޑާލަންވާނެއެވެ. އަދި ކަމާބެހޭ ގާނޫނުގެ ދަށުން ވާރިސުން ކަނޑައެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށްފަހު އެފަރާތުގެ ވާރިސުންގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލައިގެ ށަރީއަތް އަލުން ކުރިއަށްގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެންއޮތްނަމަވެސް، މި ގާނޫނުގެ ބާވީސްވަނަ ބާބު "ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު" ގެ ދަށުން ވަގުތީ ފަރުވާއާގުޅޭ ފިޔަވަޅުތައް އެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

85 ވަނަ މާއްދާ - ހަސްމުން ތަމްސީލުވާ ހައިސިއްޔަތު ކަނޑައެޅުން

(ހ) މައްސަލައެއްގައި ހިމެނޭ ހަސްމަކު ތަމްސީލުވަނީ ފަރުދީ ހައިސިއްޔަތުން ކަމުގައިވާނަމަ އެފަރާތެއް އެ މައްސަލައެއްގެ ހަސްމެއްގެ ގޮތުގައި ކަނޑައެޅޭނީ އެ ހައިސިއްޔަތުންނެވެ. އަދި އެ ހާލަތުގައި އެ ހަސްމަކަށް އިށާރާތްކުރާނީ، އެ ހަސްމެއްގެ ނަމުންނެވެ.

(ށ) މައްސަލައެއްގައި ހަސްމަކު ތަމްސީލުވަނީ އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުން ކަމުގައިވާނަމަ، އެފަރާތެއް އެ މައްސަލައެއްގެ ހަސްމެއްގެ ގޮތުގައި ކަނޑައެޅޭނީ، އެ ހައިސިއްޔަތުންނެވެ.

 

86 ވަނަ މާއްދާ - ކާކުކަން ކަށަވަރުނުވާ ފަރާތްތައް ތަމްސީލުކުރާނެ ފަރާތެއް އައްޔަންކުރެވިދާނެ ހާލަތްތައް

(ހ) ހުށަހެޅިފައިވާ ދައުވާއަކީ ތަރިކައިގެ މައްސަލައެއް ކަމުގައިވާނަމަ، ނުވަތަ ވާރިސުން ސާބިތުކުރުމުގެ މައްސަލައެއް ކަމުގައިވާނަމަ، ނުވަތަ ޓްރަސްޓެއްގެ ދަށުގައިވާ މުދަލަކާގުޅޭ މައްސަލައެއް ކަމުގައިވާނަމަ ނުވަތަ ލިޔުމެއް މާނަކުރުމާގުޅޭ މައްސަލައެއް ކަމުގައިވާނަމަ، އަންނަނިވި ހާލަތްތަކުގައި، އެ ދައުވާގެ ހަސްމެއް ނުވަތަ ހަސްމުން ތަމްސީލުކުރާނެ ފަރާތެއް އައްޔަންކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

  1. ތަމްސީލުކުރަންޖެހޭ ފަރާތަކީ އުފަންވެފައިނުވާ ކުއްޖެއް ކަމުގައިވުން؛
  2. ތަމްސީލުކުރަންޖެހޭ ފަރާތް ވީ ތަނެއް ނޭނގުުން؛
  3. ތަމްސީލުކުރަންޖެހޭ ފަރާތް ފަސޭހައިން ދެނެގަނެވެން ނެތުން؛
  4. ތަމްސީލުކުރަންޖެހޭ ފަރާތަކީ ނުވަތަ ފަރާތްތަކަކީ ދައުވާގައި އެއް މަސްލަހަތު އޮތް، އެއް ގިންތިއެއްގައި ހިމެނޭ ބަޔަކަށްވެފައި، އެ ގިންތީގައި ހިމެނޭ އެހެން ފަރާތަކީ ނުވަތަ ފަރާތްތަކަކީ މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައިވާ ހާލަތުގައިވާ ބައެއް ކަމުގައިވުން؛ ނުވަތަ އެ ހާލަތުގައި އެފަދަ ފަރާތެއް ތަމްސީލުކުރާނެ ފަރާތެއް ކަނޑައެޅުމަކީ، މި ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެކަމެއް ކަމުގައިވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންވާނީ އެފަދަ އަމުރެއްގެ ދަށުން އައްޔަންވުމަށް އެދޭ ފަރާތް ނުވަތަ ދައުވާގެ ހަސްމެކެވެ. އަދި ށަރީއަތް ފެށުމުގެ ކުރިން ނުވަތަ ށަރީއަތް ފެށުމަށްފަހު ކޮންމެ ވަގުތެއްގައިވެސް އެފަދަ އަމުރަކަށް އެދެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ނޯޓިސް އަންނަނިވި ފަރާތްތަކަށް ފޯރުކޮށްދޭންވާނެއެވެ.

  1. ށަރީއަތް ކުރިއަށްގެންދަން ފަށާފައިވާނަމަ، ދައުވާގެ ހުރިހާ ހަސްމުންނަށް؛
  2. އަމުރަށް އެދޭ ފަރާތަކީ، އެ އަމުރުގެ ދަށުން އައްޔަންވުމަށް އެދޭ ފަރާތް ކަމުގައިނުވާނަމަ، ނުވަތަ ދައުވާގެ ހަސްމަކަށް ނުވާނަމަ، އަމުރުގެ ދަށުން އައްޔަންވުމަށް އެދޭ ފަރާތަށް؛
  3. މައްސަލައިގައި މަސްލަހަތު ހިމެނޭ ކަމަށް ކޯޓުން ކަނޑައަޅާ އެހެން ފަރާތަކަށް.

(ރ) ހަސްމަކު ތަމްސީލުކުރުމަށް މި މާއްދާގެ ދަށުން މީހަކު އައްޔަންކުރާނަމަ، އެފަދަ ދައުވާއެއް ކޯޓުން ބޭރުގައި ހައްލުކުރެވޭނީ ކޯޓުގެ ހުއްދައާ އެކުގައެވެ. އަދި ކޯޓުން ބޭރުން މައްސަލަ ހައްލުކުރަނީ ހުރިހާ ހަސްމުންގެ ފައިދާއަށް ކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ.

(ބ) ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާހާ ހިނދަކު، ވަކި ދައުވާއަކީ، މި މާއްދާގެ ދަށުން ދައުވާގެ ހަސްމުން ތަމްސީލުކުރާ ފަރާތެއް އައްޔަންކޮށްފައިވާ ދައުވާއެއްނަމަ، އެ ދައުވާއަކާ ގުޅިގެން ކޯޓުން ނެރޭ އަމުރެއް ނުވަތަ ހުކުމަކާ އެއްގޮތަށް އަމަލުކުރުމަށް ދައުވާގެ ހުރިހާ ހަސްމުންގެ މައްޗަށް ލާޒިމުވެގެންވެއެވެ. އެހެންނަމަވެސް، ދައުވާގެ ހަސްމެއް ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ހިމެނޭ ފަރާތަކާ ދެކޮޅަށްއެ އަމުރު ނުވަތަ ހުކުމް ތަންފީޒުކުރެވޭނީ ކޯޓުން އެފަދައިން ކަނޑައަޅާ ހާލަތުގައެވެ.

 

87 ވަނަ މާއްދާ - ކުޑަކުދިންނާއި ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކާގުޅޭ މައްސަލަތައް

(ހ) ކުޑަކުއްޖަކު ނުވަތަ ރައްކާތެރިކަން ލިބިގެންވާ އެހެން ފަރާތެއް ހިމެނޭ މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް އައްޔަންކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖާގެ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ ގާނޫނީ ބެލެނިވެރިޔާއަށެވެ.

 

88 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތައް

(ހ) ދައުވާލިބޭ ފަރާތަކީ ގާނޫނެއްގެ ދަށުން މަދަނީ ދައުވާތަކުން އިމްތިޔާޒު ލިބިގެންވާ ފަރާތެއް ކަމުގައިވާނަމަ، ނުވަތަ ދިވެހިސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތެއްނަމަ، އެފަދަ ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ދައުވާ އުފުލައިގެންނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ފަރާތެއްގެ މައްޗަށް ދައުވާ އުފުލައިގެން އެ ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވޭތޯ ކަނޑައެޅުމަށް ބާއްވާ އަޑުއެހުންތަކުގައި ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިދީފައިވާ ދައުވާލިބޭ ފަރާތަކުން ކޯޓަށް ހާޒިރުނުވި ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިޔާޒު ކޯޓުން އެފަރާތަކަށް ދޭންވާނެއެވެ.

 

ދެވަނަ ބައި

ށަރީއަތުގެ ކުރީގެ މަރުހަލާ

 

ހަތްވަނަ ބާބު

ދައުވާކުރުން

 

އެއްވަނަ ބައި - ދައުވާއާގުޅޭ އާންމު އުސޫލު

 

89 ވަނަ މާއްދާ - މަދަނީ ދައުވާއެއް އުފުލުން

މަދަނީ ދައުވާއެއް އުފުލޭނީ، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ ދައުވާއެއް މެދުވެރިކޮށެވެ.

(ށ) ދައުވާ އުފުލާނީ، ކޯޓަށް ހުށަހަޅާ ދައުވާ ފޯމެއް މެދުވެރިކޮށެވެ.

 

90 ވަނަ މާއްދާ - މަދަނީ ދައުވާއެއް ފެށުން

(ހ) މަދަނީ ދައުވާއެއް ފެށޭނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އެ ދައުވާއެއް އުފުލައި، ކޯޓުން އެ ދައުވާ ފޯމު ބަލައިގަތުމާ އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކޯޓަކުން ދައުވާ ފޯމު ބަލައިގަތްކަމަށް ވާނީ، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން އެ ދައުވާއާ ގުޅޭ ގޮތުން ފުރިހަމަކުރުމަށްފަހު، ދައުވާކުރާ ފަރާތުން ހުށަހަޅާ ދައުވާ ބަލައިގަތް ކަމުގައި ކޯޓުން ކަނޑައެޅުމާ އެކުގައެވެ.

 

91 ވަނަ މާއްދާ - ދައުވާ ފޯމުގައި ހިމަނަންޖެހޭ ތަފްސީލުތައް

(ހ) ކޯޓަށް ހުށަހެޅޭ ކޮންމެ ދައުވާ ފޯމެއްގައިވެސް އަންނަނިވި ތަފްސީލުތައް ހިމަނަންވާނެއެވެ.

  1. ދައުވާގެ ބާވަތާއި ދައުވާގެ ހުލާސާ؛ 
  2. މައްސަލަ އެމައްޗަށް ބިނާވެފައިވާ، އަދި ދައުވާކުރާ ފަރާތުން ބަރޯސާވާ ވާގިއާތައް؛
  3. ދައުވާކުރާ ފަރާތުން ހޯދުމަށް އެދޭ ފަރުވާ؛ 
  4. ފައިސާއެއް ހޯދުމަށް ކުރާ ދައުވާއެއްނަމަ، މި ގާނޫނުގެ 92 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާ ފައިސާގެ މިންވަރު؛
  5. ދައުވާކުރަނީ ހަމައެކަނި ކަނޑައަޅާފައިވާ ފައިސާގެ އަދަދެއް ހޯދުމަށް ކަމުގައިވެފައި، އެ ފައިސާއާ ގުޅިގެން އަރާފައިވާ އިންޓްރެސްޓްގެ ފައިސާ ނަގައިދިނުމަށް އެދޭނަމަ، މި ގާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކަނޑައަޅާ އިންޓްރެސްޓްގެ ފައިސާގެ މިންވަރު؛
  6. ދައުވާކުރާ ފަރާތުން އިގްތިސާދީ ބަދަލު އަދި/ނުވަތަ ގައިރު އިގްތިސާދީ ބަދަލު ނަގައިދިނުމަށް އެދޭނަމަ އެކަން، އަދި އެކަމަށް އެދޭ ސަބަބު.

(ށ) ދައުލަތާ ދެކޮޅަށް ހުށަހަޅާ ދައުވާއެއްގެ ދައުވާ ފޯމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ދައުވާ ނިސްބަތްވާ ދައުލަތުގެ އިދާރާގެ ނަން؛ އަދި 
  2. ދައުލަތުން ޒިންމާ އުފުލަންޖެހޭ ހާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން.

(ނ) ދައުވާކުރާ ފަރާތުން ދައުވާކުރަނީ، އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުން ކަމުގައިވާނަމަ، ދައުވާ ފޯމުގައި އެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.

(ރ) ދައުވާލިބޭ ފަރާތަށް ދައުވާ ރައްދުވަނީ އެހެން ފަރާތެއް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން ކަމުގައިވާނަމަ، ދައުވާ ފޯމުގައި އެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.

 

92 ވަނަ މާއްދާ - ފައިސާ ހޯދުމަށް ކުރާ ދައުވާގައި ފައިސާގެ ތަފްސީލުތައް ހިމެނުން

(ހ) ދައުވާއެއްގައި ފައިސާ ހޯދުމަށް އެދިފައިވާނަމަ، އެ ދައުވާއަކާގުޅޭ ދައުވާ ފޯމުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ކޯޓުން ނަގައިދިނުމަށް އެދޭ ފައިސާގެ މިންވަރު؛
  2. ދައުވާކުރާ ފަރާތަށް ލިބޭނެކަމަށް އަންދާޒާކުރާ ފައިސާގެ މިންވަރު؛
  3. ދައުވާކުރާ ފަރާތަށް ލިބޭނެ ފައިސާގެ މިންވަރު އަންދާޒާނުކުރެވޭ ނަމަ، އެކަން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ލިބނެކަމަށް އަންދާޒާކުރާ ފައިސާގެ މިންވަރު ހިސާބުކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެންނުވާނެއެވެ.

  1. އިންޓްރެސްޓްގެ ފައިސާ ނުވަތަ ދައުވާގެ ހަރަދު ކޯޓުން ނަގައިދީފާނެކަމަށް ބެލުން؛
  2. ގެއްލުން ލިބުނު ފަރާތުން، ގެއްލުން ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ އިތުރަށް ވެފައިވާ ގެއްލުމަށް ކޯޓުން ބަދަލުނަގައިދީފާނެކަމަށް ބެލުން؛
  3. ދައުވާލިބޭ ފަރާތުން ރައްދު ދައުވާއެއް ކޮށްފާނެކަމަށް ބެލުން ނުވަތަ ދައުވާގެ ދިފާއުގައި ދައުވާލިބޭ ފަރާތުން އެއްވެސް އަދަދެއް އަޅައިކެނޑުމަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް ބެލުން.

(ނ) ދައުވާކުރާ ފަރާތުން މި މާއްދާގެ (ހ) ގައިވާ ފަދައިން ވަކި އަދަދެއްގެ ފައިސާގެ މިންވަރެއް ހޯދުމަށް ދައުވާ ފޯމުގައި ބަޔާންކުރުމަކުން، މައްސަލައިގައި ނިޔާ ކަނޑައަޅާއިރު ދައުވާކުރާ ފަރާތަށް ހައްގުވާ ބަދަލުގެ މިންވަރު ކަމަށް ކޯޓަށް ފެންނަ މިންވަރެއް ނަގައިދިނުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

(ރ) ދައުވާކުރާ ފަރާތުން އިންޓްރެސްޓް ނަގައިދިނުމަށް އެދިފައިވާނަމަ އަންނަނިވި ކަންކަން ދައުވާ ފޯމުގައި ބަޔާންކުރަންވާނެއެވެ.

  1. އެ އިންޓްރެސްޓް ނަގައިދިނުމަށް އެދެނީ:
    1. އެއްބަސްވުމެއްގެ ދަށުންނަމަ އޭގެ ތަފްސީލު؛
    2. ގާނޫނެއްގެ ދަށުން ކަމުގައިވާނަމަ، ކޮން ގާނޫނެއްގެ ދަށުންކަން؛ އަދި
    3. އެނޫންވެސް ހައިސިއްޔަތެއް އޮވެގެން ކަމުގައިވާނަމަ، އެ ހައިސިއްޔަތެއް.
  2. ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާގެ މިންވަރެއް ހޯދުމަށް ދައުވާކުރާ ފަރާތުން އެދިފައިވާނަމަ؛
    1. ނަގައިދިނުމަށް އެދިފައިވާ އިންޓްރެސްޓް ނެގުމަށް ކަނޑައަޅާފައިވާ ރޭޓުގެ އިންސައްތަ؛
    2. އިންޓްރެސްޓް ހިނގަން ފެށި ތާރީހު؛
    3. އިންޓްރެސްޓް ހިސާބުކުރެވޭ މުއްދަތު، އެ މުއްދަތު ނިމޭ ތާރީހު އެނގޭ ގޮތަށް؛ މި ތާރީހަކީ ދައުވާ ފޯމު ހުށަހެޅި ތާރީހަށްވުރެ ފަހުގެ ތާރީހަކަށް ވެގެންނުވާނެއެވެ.
    4. އިންޓްރެސްޓް ހިސާބުކުރި މުއްދަތު ނިމޭ ތާރީހާ ހަމައަށް ހިނގާފައިވާ، އަދި ނަގައިދިނުމަށް އެދޭ އިންޓްރެސްޓްގެ ޖުމްލަ އަދަދު؛ އަދި
    5. މި އަކުރުގެ (2) ވަނަ ނަންބަރުގެ iv ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމޭ ތާރީހުގެ ފަހުން ހިނގާ ކޮންމެ ދުވަހަކަށް އިންޓްރެސްޓް ހިސާބުކުރެވޭ ރޭޓު.

 

93 ވަނަ މާއްދާ - ދައުވާކުރާ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން

ދައުވާއެއް ހުށަހަޅާއިރު، އެ ދައުވާއަކާ ގުޅޭ ގޮތުން ދައުވާކުރާ ފަރާތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) ދައުވާކުރާ ފަރާތުން އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދަން ގަސްދުކުރަނީ އަމިއްލައަށް ކަމުގައިވާނަމަ، އެފަރާތާބެހޭ އަންނަނިވި މައުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.

  1. ދައުވާކުރާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ދައުވާކުރާ ފަރާތުގެ ދާއިމީ އެޑްރެހާއި އެއިރެއްގައި ދިރިއުޅެމުންގެންދާ އެޑްރެސް؛
  3. ދައުވާކުރާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛
  4. ދައުވާކުރާ ފަރާތުގެ އިލެކްޓްރޯނިކް މެއިލް އެޑްރެހެއް އޮތްނަމަ އެ މައުލޫމާތު.

(ށ) ދައުވާކުރާ ފަރާތް އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދަން ގަސްދުކުރަނީ ގާނޫނީ ވަކީލަކު މެދުވެރިކޮށްގެން ކަމުގައިވާނަމަ، އަންނަނިވި މައުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.

  1. ދައުވާކުރާ ފަރާތަކީ ކާކުކަން އަންގައިދޭ މައުލޫމާތު؛ 
  2. ގާނޫނީ ވަކީލުގެ ނަމާއި ދާއިމީ އެޑްރެސް؛ އަދި އެ ގާނޫނީ ވަކީލަކީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައިވާނަމަ އެ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްގެ ނަމާއި އެޑްރެސް؛
  3. ދައުލަތުގެ ވަކީލަކު ކަމުގައިވާނަމަ، އެ ގާނޫނީ ވަކީލުގެ ނަމާއި ދައުލަތުގެ އޮފީހުގައި ތަމްސީލުކުރާ މަގާމު؛
  4. ގާނޫނީ ވަކީލާ ގުޅޭނެ ފޯނު ނަންބަރު؛ 
  5. ގާނޫނީ ވަކީލުގެ އިލެކްޓްރޯނިކް މެއިލް އެޑްރެސް.

(ނ) ދައުވާ ފޯމުގައި ދައުވާކުރާ ފަރާތް ނުވަތަ އެފަރާތުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލު ސޮއިކުރަންވާނެއެވެ. އަދި އެ ގާނޫނީ ވަކީލަކީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައިވާނަމަ އެ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ސިއްކަ އޮންނަންވާނެއެވެ. އަދި އެ ގާނޫނީ ވަކީލަކީ ދައުލަތުގެ އޮފީހެއްގެ ފަރާތުން ހާޒިރުވާ ވަކީލެއް ކަމުގައިވާނަމަ، އެ ދައުލަތުގެ އޮފީހެއްގެ ތައްގަނޑު އޮންނަންވާނެއެވެ.

(ރ) ދައުވާކުރާ ފަރާތުން ދައުވާ ފޯމު ކޯޓަށް ހުށަހަޅަންވާނީ، ކޯޓަށް ހުށަހަޅާ ދައުވާ ފޯމުގެ އަސްލުގެ އިތުރުން، ދައުވާލިބޭ ކޮންމެ ފަރާތަކަށްވެސް އެ ފޯމުގެ އަސްލެއް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ.

 

ދެވަނަ ބައި - ހާއްސަ ބާވަތްތަކުގެ ދައުވާ

 

94 ވަނަ މާއްދާ - އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ސަބަބުން ކުރާ ދައުވާ

(ހ) ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ އެ މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި ގާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ދައުވާއެއްގައި، މި ގާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އަންނަނިވި 
ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ހިފެހެއްޓުނު ކަމަށް ބުނާ އަސާސީ ހައްގު؛
  2. ހައްގު ހިފެހެއްޓި ކަމަށް ބުނާ ފަރާތް؛
  3. ހައްގު ހިފެހެއްޓި ގޮތް.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދައުވާއެއް އުފުލޭނީ، އެ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓި ދައުލަތުގެ އިދާރާގެ ނުވަތަ އެކަމުގައި ޒިންމާވާ ދައުލަތުގެ މުވައްޒަފުގެ މައްޗަށެވެ.

 

95 ވަނަ މާއްދާ - ގާނޫނެއް ގާނޫނުއަސާސީއާ ތައާރުޒުވާކަމަށް ބުނެ ކުރާ ދައުވާ

(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ދައުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ދައުވާއެއްގައި، މި ގާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނާ ގާނޫނާއި އެ ގާނޫނުގެ ކަމާބެހޭ މާއްދާ ނުވަތަ މާއްދާތައް؛
  2. އެ ގާނޫނު ނުވަތަ ގާނޫނުގެ ބައެއް، ގާނޫނުއަސާސީއާ ހިލާފުވަނީ ކީއްވެގެންކަން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ދައުވާއެއް ފުރަތަމަ މަރުހަލާގައި ހުށަހަޅާނީ، ހައިކޯޓަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ދައުވާއެއްގެ ދައުވާލިބޭ ފަރާތް ކަމުގައި ވާންވާނީ، ބަންޑާރަނައިބެވެ.

 

96 ވަނަ މާއްދާ - ޖުޑީށަލް ރިވިއުގެ ދައުވާ

(ހ) ދައުލަތުގެ އިދާރާއަކުން ނިންމާ އިދާރީ ނިންމުންތަކާއި އަޅާ ފިޔަވަޅުތަކާއި، ނުކޮށް ދޫކޮށްލާ ކަންކަން ހިމެނޭ ގޮތުން، އެފަދަ އިދާރާއަކުން އަޅާ އިދާރީ ފިޔަވަޅެއްގެ ސަބަބުން، އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް އެމީހަކަށް ފެނިއްޖެނަމަ، އެފަދަ އިދާރީ ފިޔަވަޅަކީ ގާނޫނީ އިމުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއްތޯ ބަލައިދިނުމަށް އެދި ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ޖުޑީށަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ.

(ށ) ދައުލަތުގެ އިދާރާއަކުން ނިންމާފައިވާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އިދާރީ ފިޔަވަޅެއްގެ ސަބަބުން ސީދާ ގޮތެއްގައި އަސަރުފޯރާފައިވާ ކޮންމެ މީހަކަށް ނުވަތަ ބަޔަކަށް ޖުޑީށަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ޖުޑީށަލް ރިވިއުގެ ދައުވާއެއް އުފުލަންވާނީ، އެ ދައުވާ ކޯޓުގައި އުފުލައިގެން މެނުވީ، މެދުވެރިވެފައިވާ މައްސަލައަށް ހައްލެއް ހޯދެން ނެތް ހާލަތުގައި އެކަންޏެވެ.

(ރ) ޖުޑީށަލް ރިވިއުގެ ދައުވާއެއް ހުށަހަޅާ ފޯމުގައި، މި ގާނޫނުގެ 91 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ މައުލޫމާތުގެ އިތުރުން އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ދައުވާގެ މަސްލަހަތެއް އޮތްކަމުގައި ދައުވާކުރާ ފަރާތަށް ގަބޫލުކުރެވޭ އެހެން ފަރާތްތަކެއްވާނަމަ އެފަރާތްތަކުގެ މައުލޫމާތު؛
  2. ދައުވާ ރައްދުވާ ދައުލަތުގެ އިދާރާ ނުވަތަ އިދާރާތައް؛ 
  3. ދައުވާކުރާ ފަރާތުން ށަރީއަތް މެދުވެރިކޮށް ހޯދުމަށް އެދޭ ފަރުވާ ނުވަތަ ފަރުވާތަކަކީ ކޮބައިކަމާއި އެ ފަރުވާ ނަގައިދޭންޖެހޭ ގާނޫނީ ސަބަބުތައް.

 

97 ވަނަ މާއްދާ - ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާއާގުޅޭ ދައުވާ

(ހ) އެހެން މީހެއްގެ އިހުމާލުން ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާއާގުޅޭ ދައުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދައުވާއެއް ހުށަހަޅާއިރު، މި ގާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ދައުވާކުރާ ފަރާތަށް ލިބިފައިވާ އަނިޔާތަކުގެ ހުލާސާއެއް؛ 
  2. ދައުވާކުރާ ފަރާތުން ކުރަންޖެހުނު އަދި މުސްތަގުބަލުގައި ކުރަންޖެހިދާނެ ހަރަދާއި، ދައުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލުތައް؛
  3. ކަމާބެހޭ ދައުލަތުގެ އިދާރާއިން ގަބޫލުކުރާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްގެ ހެކިބަހަށް ދައުވާކުރާ ފަރާތުން ރިއާޔަތްކުރާނަމަ، އޭނާގެ ހަށިގަނޑަށް ލިބުނު އަނިޔާ ކަމަށް ދައުވާގައި ބަޔާންކުރާ އަނިޔާއާ ގުޅޭ ގޮތުން އެފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓު.

(ނ) އެކްސިޑެންޓަކާ ގުޅިގެން ނުވަތަ ސިއްހީ ހިދުމަތްދ ތަނެއް ނުވަތަ ފަރާތެއްގެ އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމަކާ ގުޅިގެން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ދައުވާއެއްގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. ވަގުތީ ބަދަލެއް ނަގައިދިނުމަށް އެދޭ ކަން؛ އަދި 
  2. މުސްތަގުބަލުގައި ދައުވާކުރާ ފަރާތަށް ބޮޑު ބައްޔެއް ނުވަތަ ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން އުނިކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތްކަން؛ އަދި 
  3. ފަހުގެ ތާރީހެއްގައި އެކަމަކާ ގުޅިގެން ދައުވާއެއް ހުށަހެޅިދާނެ ބަލީގެ ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ އުނިކަމުގެ ތަފްސީލު.

 

98 ވަނަ މާއްދާ - ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓާގުޅޭ ދައުވާތައް

ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓަކާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދައުވާއެއް ހުށަހަޅާނަމަ، މި ގާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަފްސީލުތަކުގެ އިތުރުން، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) އެކްސިޑެންޓު ވީ ފަރާތުން ބަލަހައްޓަންޖެހޭ ފަރާތްތަކާއި އެފަރާތްތައް ބަލަހައްޓާ ހައިސިއްޔަތު؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކަކީ ކާކުކަން އަންގައިދޭ މައުލޫމާތު.

 

އަށްވަނަ ބާބު

ކޯޓުން ދައުވާ ބަލައިގަތުމާއި ދައުވާލިބޭ ފަރާތަށް ރައްދުކުރުން

 

99 ވަނަ މާއްދާ - ދައުވާއެއް ހުށަހެޅުމުން ކޯޓުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު

(ހ) ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކަށް ދައުވާއެއް ހުށަހެޅުމާއެކު، އެ ދައުވާއަކާގުޅޭ އަންނަނިވި ކަންކަން ފުރިހަމަވެފައިވޭތޯ ކޯޓުން  ބަލަންވާނެއެވެ.

  1. ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތަށް، ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވޭތޯ؛
  2. ދައުވާކުރުމަށް އެކަށީގެންވާ މަސްލަހަތެއް ދައުވާކުރާ ފަރާތުގެ ކިބައިގައިވޭތޯ؛
  3. ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވޭތޯ؛ 
  4. އެ މައްސަލަ ދިވެހިރާއްޖޭގެ އެހެން ކޯޓަކަށް ހުށަހެޅިފައިވޭތޯ؛
  5. އެ މައްސަލައާ ގުޅޭ ގޮތުން، ތަންފީޒީ ބާރު ހިނގާ ހުކުމެއް ކުރިން ކޮށްފައިވޭތޯ؛
  6. ދައުވާއަކާ ގުޅޭ ގޮތުން ފުރިހަމަވާންޖެހޭ ކަމަށް މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވޭތޯ؛
  7. ދައުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި ހިމެނޭ ގޮތުން، ދައުވާއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާފައިވޭތޯ؛
  8. ކަމާގުޅޭ ގޮތުން ކޯޓަށް ދައްކަންޖެހޭ އެންމެހައި ފީއެއް ދައްކާފައިވޭތޯ.

(ށ) ދައުވާއަކާ ގުޅޭ ގޮތުން މި މާއްދާގެ (ހ) ގައި ނުވަތަ މި ގާނޫނުގެ އެހެން މާއްދާތަކުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަނުވާކަމަށް، ނުވަތަ އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ އެހެން ކަމެއް ފުރިހަމަކޮށްފައިނުވާނަމަ، އެކަން އިސްލާހުކުރުމަށް ދައުވާކުރާ ފަރާތަށް ލަސްނުކޮށް ކޯޓުގެ ރަޖިސްޓްރާރ އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ދައުވާއަކާ ގުޅޭ ގޮތުން ފުރިހަމަވާންޖެހޭ އިޖުރާއީ ކަމެއް ފުރިހަމަވެފައިނުވުމުގެ ސަބަބުން، އެކަމަށް އިއުތިރާޒުކުރުމަށް ދައުވާލިބޭ ފަރާތަށް ލިބިގެންވާ ހައްގަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.

 

100 ވަނަ މާއްދާ - ދައުވާލިބޭ ފަރާތަށް ދައުވާ ރައްދުކުރުން

(ހ) ކޯޓަށް ދައުވާއެއް ހުށަހެޅުމުން، ދައުވާލިބޭ ފަރާތަށް ނުވަތަ ފަރާތްތަކަށް އެ ދައުވާ ރައްދުކުރާނީ ކޯޓުންނެވެ.

(ށ) ދައުވާލިބޭ ފަރާތަށް ކޯޓުން ދައުވާ ރައްދުކުރަންވާނީ، މި ގާނޫނުގެ ދަށުން ކޯޓުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ގާނޫނުގައި ބަޔާންކުރާ ކަންކަން އެ ދައުވާއަކާ ގުޅޭ ގޮތުން ފުރިހަމަވާނަމައެވެ.

(ނ) ދައުވާލިބޭ ފަރާތަށް ކޯޓުން ދައުވާ ފޯމު ރައްދުކުރުމުގައި އަމަލުކުރާނީ، މި ގާނޫނުގެ ސައުރަތިރީސްވަނަ ބާބު "ކޯޓުގެ ލިޔެކިޔުންތައް" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

101 ވަނަ މާއްދާ - ދައުވާ ފޯމާއެކު ދައުވާލިބޭ ފަރާތަށް ފޮނުވަންޖެހޭ ލިޔެކިޔުން

(ހ) ދައުވާ ފޯމާއެކު، ދައުވާއަށް ރައްދުދިނުމަށް ބޭނުންވާ އަންނަނިވި ލިޔެކިޔުންތައް ދައުވާލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

  1. މުޅި ދައުވާއަށް އެއްބަސްވާކަން ބަޔާންކުރާ ފޯމު؛ 
  2. ދައުވާގެ ބަޔަކަށް އެއްބަސްވާކަން ބަޔާންކުރާ ފޯމު؛ 
  3. ދައުވާގެ ދިފާއު ހުށަހަޅާ ފޯމު؛ 
  4. ރައްދު ދައުވާ ހުށަހަޅާ ފޯމު؛
  5. ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން.

(ށ) ދައުވާލިބޭ ފަރާތަށް ކޯޓުން ދައުވާ ފޯމު ފޮނުވުމުގައި، އަންނަނިވި ކަންކަން ހިމެނޭ ލިޔުމެއް، ދައުވާ ފޯމާއެކު ހިމަނާފައި އޮންނަންވާނެއެވެ.

  1. މި ގާނޫނުގައިވާ ގޮތުގެމަތިން ދައުވާއަށް ރައްދު ދިނުމަށް ދައުވާލިބޭ ފަރާތަށް ލިބިދެވޭނެ މުއްދަތު؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު، ދައުވާލިބޭ ފަރާތުން ދައުވާއަށް ރައްދުދީފައިނުވާނަމަ، މި ގާނޫނުގެ ދިހަވަނަ ބާބު "ގައިރު ހާޒިރުގައި ކުރާ ހުކުމް" ގައިވާ ގޮތުގެމަތިން ދައުވާލިބޭ ފަރާތާ ދެކޮޅަށް އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ދައުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވާކަން.

(ނ) ދައުވާކުރާ ފަރާތުން މައްސަލަ ހުށަހަޅަނީ، މި ގާނޫނުގެ ފަނަރަވަނަ ބާބު "އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ގެ ދަށުން ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ފޯމުތައް ދައުވާލިބޭ ފަރާތަށް ފޮނުވާކަށްނުޖެހޭނެއެވެ.

 

ނުވަވަނަ ބާބު

ދައުވާއަށް ރައްދުދިނުމާއި ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުން 

 

102 ވަނަ މާއްދާ - ދައުވާއަށް ރައްދުދިނުން

(ހ) ދައުވާލިބޭ ފަރާތަށް މި ގާނޫނުގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ދައުވާ ފޯމާއި، މި ގާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކުރާ ފޯމުތަކާއި ލިޔެކިޔުން ލިބުމުން، މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިން އެފަރާތުން ދައުވާއަށް ރައްދުދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދައުވާއަށް ރައްދުދިނުމުގައި، ދައުވާލިބޭ ފަރާތުން އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  1. މި ގާނޫނުގެ އެގާރަވަނަ ބާބު "ދައުވާއަށް އެއްބަސްވުން" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުޅި ދައުވާއަށް ނުވަތަ ދައުވާގެ ބަޔަކަށް އެއްބަސްވުން؛ ނުވަތަ
  2. މި ގާނޫނުގެ ބާރަވަނަ ބާބު "ދައުވާގެ ދިފާއާއި ޖަވާބު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުވާއަށް ދިފާއެއް ހުށަހެޅުން؛ ނުވަތަ 
  3. މި ގާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުން.

 

103 ވަނަ މާއްދާ - ދައުވާއަށް ރައްދު ދޭންޖެހޭ މުއްދަތު

ދައުވާލިބޭ ފަރާތަށް ދައުވާ ފޯމު ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުވާއަށް ރައްދުދޭންވާނެއެވެ.

 

104 ވަނަ މާއްދާ - ދައުވާއަށް އެއްބަސްވުން

(ހ) މި ގާނޫނުގެ 102 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދައުވާއަށް ރައްދު ދިނުމުގައި، ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އެއްބަސްވާނަމަ، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ފުރިހަމަކުރުން؛ އަދި 
  2. މި ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ، މުޅި ދައުވާއަށް އެއްބަސްވާ ފޯމު ފުރިހަމަކުރުން.

(ށ) މި ގާނޫނުގެ 102 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދައުވާއަށް ރައްދު ދިނުމުގައި، ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އެއްބަސްވުމުގެ ބަދަލުގައި، ދައުވާގެ ވަކި ބަޔަކަށް އެއްބަސްވެ، އެހެން ބަޔަކަށް އިންކާރުކުރާނަމަ، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ފުރިހަމަކުރުން؛ އަދި
  2. މި ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ، ދައުވާގެ ވަކި ބަޔަކަށް އެއްބަސްވާ ފޯމު ފުރިހަމަކުރުން؛ އަދި
  3. މި ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ދައުވާއަށް ދިފާއެއް ހުށަހެޅުމަށްޓަކައި އެ މާއްދާގައި ބަޔާންކުރާ ފޯމު ފުރިހަމަކުރުން.

 

105 ވަނަ މާއްދާ - ދައުވާއަށް ދިފާއު ހުށަހެޅުން 

(ހ) ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އިންކާރުކުރާނަމަ އަދި/ނުވަތަ ދައުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދައުވާއެއް ހުށަހަޅަން ބޭނުންވާނަމަ، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ދައުވާ ފޯމު ބަލައިގެންފިކަން އަންގައިދޭ ފޯމު ފުރިހަމަކުރުން؛ އަދި
  2. ދައުވާގެ ދިފާއު ފޯމު ފުރިހަމަކުރުން؛ ނުވަތަ
  3. ރައްދު ދައުވާ ހުށަހަޅާ ފޯމު ފުރިހަމަކުރުން.

(ށ) ދައުވާލިބޭ ފަރާތުން ދައުވާގެ ވަކި ބަޔަކަށް އިންކާރުކުރާނަމަ، އަމަލުކުރާނީ، މި ގާނޫނުގެ 104 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

106 ވަނަ މާއްދާ - ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހޭ ހާލަތްތައް

(ހ) އަންނަނިވި ހާލަތްތަކުގައި، ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުމެއް ދައުވާލިބޭ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

  1. ދައުވާއަށް ދިފާއެއް ހުށަހަޅަން ބޭނުންވުމާއެކު، އެ ދިފާއު ހުށަހެޅުމަށް މި ގާނޫނުގެ 103 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށްޓަކައި؛ ނުވަތަ
  2. ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުމަށްޓަކައި.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހެޅުމުގެ ބޭނުމަކީ، ދައުވާއަށް ރައްދުދިނުމަށް މި ގާނޫނުގެ 103 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، ދައުވާގެ ދިފާއު ހުށަނޭޅޭ ނަމަ، އެ މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދުމަށްޓަކައެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައި ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހެޅުމުގެ ބޭނުމަކީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓުގެ އިހްތިސާސްއާމެދު ދައުވާލިބޭ ފަރާތުން ސުވާލު އުފައްދައި، 14 (ސާދަ) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 103 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކޯޓުގައި އެދުމަށްޓަކައެވެ.

(ރ) ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު ދައުވާލިބޭ ފަރާތުން ހުށަނާޅައިފިނަމަ، ދައުވާލިބޭ ފަރާތާ ދެކޮޅަށް މި ގާނޫނުގެ ދިހަވަނަ ބާބު "ގައިރު ހާޒިރުގައި ކުރާ ހުކުމް" ގެ ދަށުން، ގައިރު ހާޒިރުގައި ހުކުމްކުރުމަށް ދައުވާކުރާ ފަރާތަށް އެދެވިދާނެއެވެ.

(ބ) ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ހުށަހަޅާފައިނުވާނަމަ، ދައުވާލިބޭ ފަރާތުން ކޯޓުގެ އިހްތިސާސް ގަބޫލުކުރީ ކަމަށް ބެލޭނެއެވެ.

 

107 ވަނަ މާއްދާ - ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުމުގައި ސޮއިކުރުން

(ހ) ދައުވާލިބޭ ފަރާތަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ގާނޫނީ ށަހްސެއްނަމަ، ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުމުގައި ސޮއިކުރާނީ، އެ ގާނޫނީ ށަހްސެއް ތަމްސީލުކުރުމަށް އެ ތަނަކުން ކަނޑައަޅާ ފަރާތެކެވެ.

(ށ) ދައުވާލިބޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއްނަމަ، ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުމުގައި ސޮއިކުރާނީ، އެފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ފަރާތުންނެވެ.

 

108 ވަނަ މާއްދާ - ލިޔުން ފޮނުވަންވީ އެޑްރެސް

(ހ) ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުމުގައި ދައުވާލިބޭ ފަރާތަށް ލިޔެކިޔުންތައް ފޮނުވަންވީ އެޑްރެހެއް ބަޔާންކުރަންވާނެއެވެ.

(ށ) ދައުވާލިބޭ ފަރާތް ތަމްސީލުކުރަނީ ގާނޫނީ ވަކީލެއްނަމަ، އަދި ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުމުގައި ސޮއިކޮށްފައިވަނީ ގާނޫނީ ވަކީލުނަމަ، ދައުވާއާ ހަވާލުވިކަން އަންގާ ލިޔުމުގައި ބަޔާންކުރާ އެޑްރެސް ވާންވާނީ، ގާނޫނީ ވަކީލުގެ ރަޖިސްޓަރީކޮށްފައިވާ މަސައްކަތު އެޑްރެހަށެވެ.

(ނ) ދައުވާލިބޭ ފަރާތް ތަމްސީލުކުރުމަށް ގާނޫނީ ވަކީލެއް އައްޔަންކޮށްފައިނުވާނަމަ، މި ގާނޫނުގެ 408 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔެކިޔުން ހަވާލުކުރާ އެޑްރެހެއް ބަޔާންކުރަންވާނެއެވެ.

 

109 ވަނަ މާއްދާ - ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހެޅިކަން ދައުވާކުރާ ފަރާތަށް އެންގުން

ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ކޯޓަށް ލިބުމާއެކު، ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި އެކަން ދައުވާކުރާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

110 ވަނަ މާއްދާ - ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުން

(ހ) ދައުވާލިބޭ ފަރާތުން ދައުވާއާ ހަވާލުވުމަށްފަހު، އެ ދައުވާ ބަލައި، އެ ދައުވާއާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާކަމަށް ފެނިއްޖެނަމަ، ނުވަތަ އާންމު އުސޫލުން އެފަދަ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިދީފައިވީނަމަވެސް، އެ ހާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ހާލަތެއް ވުޖޫދުގައިވާ ކަމަށް ފެނިއްޖެނަމަ، ދައުވާއަށް ރައްދުދިނުމުގެ ބަދަލުގައި، އެ ދައުވާ ބެލުމުގެ ނުވަތަ ކުރިއަށްގެންދިޔުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުވާލިބޭ ފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެފަދަ ހުށަހެޅުމެއް ކޯޓަށް ހުށަހެޅޭނީ، މި ގާނޫނުގެ 106 ވަނަ މާއްދާގެ ދަށުން ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ކޯޓަށް ހުށަހަޅާފައިވާނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ދައުވާލިބޭ ފަރާތުން ދައުވާއާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައި އޮތުމަކުން، ކޯޓުގެ އިހްތިސާސްއާމެދު ސުވާލުކުރުމަށް ދައުވާލިބޭ ފަރާތަށް ލިބިފައިވާ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހެޅޭނީ، ދައުވާއާ ހަވާލުވިކަން އަންގައިދޭ ލިޔުން ކޯޓަށް ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާލިބޭ ފަރާތުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާއެކު އެ ހުށަހެޅުމަށް ބާރުދޭ ހެކި ހުށަހަޅަންވާނެއެވެ. އެހެންނަމަވެސް، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ކޯޓުން އަޑުއެހުމެއް ބޭއްވުމުގެ ކުރިން ދައުވާލިބޭ ފަރާތުން ދައުވާގެ ދިފާއު ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދައުވާލިބޭ ފަރާތުން ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފައްދައި މައްސަލައެއް ހުށަހަޅާފައިނުވާނަމަ ބެލެވޭނީ، ހުށަހަޅާފައިވާ ދައުވާއާމެދު ގޮތެއް ނިންމުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާކަން ދައުވާލިބޭ ފަރާތުން ގަބޫލުކޮށްފައިވާ ކަމުގައެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އެ މައްސަލައެއް ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާކަމަށް ނުވަތަ އެ މައްސަލަ އެ ކޯޓުގައި ކުރިއަށްނުގެންދެވޭނެ ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެކަން ބަޔާންކޮށް ކޯޓުން ކަނޑައަޅާ ކަނޑައެޅުމުގައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ.

  1. ދައުވާ ފޯމު ބާތިލުކުރުމަށް ކަނޑައެޅުން؛ 
  2. ދައުވާލިބޭ ފަރާތަށް ދައުވާ ފޯމު ރައްދުކުރި ކުރުން ބާތިލުކުރުން؛ 
  3. ދައުވާލިބޭ ފަރާތަށް ދައުވާ ފޯމު ރައްދުކުރުމުގެ ކުރިން ކޯޓުން ކޮށްފައިވާ އަމުރެއް ބާތިލުކުރުމަށް ކަނޑައެޅުން؛ އަދި
  4. މައްސަލަ އިތުރަށް ކުރިއަށްނުގެންދިޔުމަށް ކަނޑައެޅުން.

(އ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެ މައްސަލަ ބެލުމުގެ އިހްތިސާސް މި ގާނޫނުން ލިބިދީފައިވާ ކޯޓަކީ ކޮބައިކަން ކަނޑައަޅައި، އެ ކޯޓަކަށް މައްސަލަ ތަހުވީލުކުރެވިދާނެއެވެ.

(ވ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފެއްދުމުގެ ގޮތުން ދައުވާލިބޭ ފަރާތުން ހުށަހަޅާފައިވާ، ދައުވާއާ ހަވާލުވިކަން އަންގައިދޭ ލިޔުން ބާތިލުވާނެއެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ހާލަތުގައި، ކޯޓުން ނިންމުން ނިންމާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުވާ ފޯމާހަވާލުވިކަން އަންގައިދޭ ލިޔުމެއް ދައުވާލިބޭ ފަރާތުން އަލުން ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެ ހާލަތުގައި، ދައުވާއަށް ދިފާއު ހުށަހެޅުމާ ގުޅޭ ގޮތުން އަމަލުކުރަންވީ ގޮތް ކޯޓުން އަންގަންވާނެއެވެ.

(ފ) ދައުވާލިބޭ ފަރާތުން މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުމެއް ހުށަހަޅައިފިނަމަ ބެލެވޭނީ، އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ދައުވާލިބޭ ފަރާތުން ގަބޫލުކޮށްފައިވާ ކަމަށެވެ.

 

111 ވަނަ މާއްދާ - ދައުވާއަށް ރައްދުނުދިނުން

ދައުވާލިބޭ ފަރާތުން މި ގާނޫނުގެ 102 ވަނަ މާއްދާގެ ދަށުން، ދައުވާއާއި، ދައުވާއާގުޅ އެހެނިހެން ލިޔެކިޔުންތަކާ ހަވާލުވުމަށްފަހު، މި ގާނޫނުގެ 103 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި، މި ގާނޫނުގެ އެގާރަވަނަ ބާބު "ދައުވާއަށް އެއްބަސްވުން" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުވާއަށް އެއްބަސްވެފައިނުވާނަމަ ނުވަތަ މި ގާނޫނުގެ ބާރަވަނަ ބާބު "ދައުވާގެ ދިފާއާއި ޖަވާބު" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުވާއަށް ދިފާއެއް ހުށަހަޅާފައިނުވާނަމަ، ދައުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމައި، މި ގާނޫނުގެ ދިހަވަނަ ބާބު "ގައިރު ހާޒިރުގައި ކުރާ ހުކުމް" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގައިރު ހާޒިރުގައި ހުކުމެއް ކޮށްދިނުމަށް ދައުވާކުރާ ފަރާތަށް އެދެވިދާނެއެވެ.

 

ދިހަވަނަ ބާބު

ގައިރު ހާޒިރުގައި ކުރާ ހުކުމް

 

112 ވަނަ މާއްދާ - މި ބާބު ހިނގާނެ ދާއިރާ

މި ބާބުގެ ބޭނުމަށްޓަކައި "ގައިރު ހާޒިރުގައި ކުރާ ހުކުމް" ކަމަށް ބުނެފައި އެވަނީ، ދައުވާލިބޭ ފަރާތުން ދައުވާއާ ހަވާލުވުމަށްފަހު، ދައުވާގެ ދިފާއެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދައުވާއަށް ދިފާއެއް ހުށަހަޅާފައިނުވާ ހާލަތުގައި، މައްސަލައިގެ ށަރީއަތް ހިންގުމަކާ ނުލައި، ދައުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ނިންމައި ކުރާ ހުކުމަށެވެ.

 

113 ވަނަ މާއްދާ - ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހެޅުން

މި ބާބުގައި ބަޔާންކުރާ ހާލަތްތަކުގައި އަދި މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަވެފައިވާ ހާލަތެއްގައި ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ދައުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.

 

114 ވަނަ މާއްދާ - ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަނޭޅޭނެ ހާލަތްތައް

މި ގާނޫނުގެ 113 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ދައުވާކުރާ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މި ގާނޫނުގެ ފަނަރަވަނަ ބާބު "އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާނަމަ، ނުވަތަ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ހުށަހެޅުން އެހެން ގާނޫނަކުން މަނާކޮށްފައިވާ ހާލަތުގައި، ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ހުށައެއްނޭޅޭނެއެވެ.

 

115 ވަނަ މާއްދާ - ގައިރު ހާޒިރުގައި ހުކުމްކުރުމުގެ ށަރުތުތައް

(ހ) ދައުވާކުރާ ފަރާތުން އެދިގެން ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކުރެވޭނީ، އަންނަނިވި ހާލަތްތަކުގައެވެ.

  1. ދައުވާލިބޭ ފަރާތުން ދައުވާއާ ހަވާލުވުމަށްފަހު، ދައުވާއާ ހަވާލުވިކަމުގެ ލިޔުމެއް ހުށަހަޅާފައިނުވުން ނުވަތަ އެ ދައުވާއަށް ދިފާއެއް ހުށަހަޅާފައިނުވުން؛ އަދި 
  2. އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވުން.

(ށ) ދައުވާލިބޭ ފަރާތުން ދައުވާގެ ދިފާއެއް ހުށަހަޅާފައިނުވާ ހާލަތުގައި ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކުރެވޭނީ، ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ކޯޓަށް ހުށަހަޅާފައި ވީނަމަވެސް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާގެ ދިފާއު ހުށަހަޅާފައިނުވާނަމައެވެ.

 

116 ވަނަ މާއްދާ - ގައިރު ހާޒިރުގައި ހުކުމްނުކުރެވޭނެ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި ގައިރު ހާޒިރުގައި ހުކުމްކޮށްގެން ނުވާނެއެވެ.

(ހ) ދައުވާލިބޭ ފަރާތުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އެދިފައިވުމާއެކު ދައުވާ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ އެފަދަ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ކަނޑައަޅާފައިނުވުން. 

  1. ދައުވާކުރާ ފަރާތުގެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް؛ ނުވަތަ 
  2. ށަރީއަތްކުރުމަކާ ނުލައި ހުކުމްކޮށްދިނުމަށް އެދިފައިވުން؛ އަދި

(ށ) ދައުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެދިފައިވާ އެންމެހައި ފަރުވާ (ށަރީއަތުގެ ހަރަދުތައް ހިމެނޭ ގޮތުން) ދައުވާލިބޭ ފަރާތުން ފުރިހަމައަށް ހޯދައިދީފައިވުން.

(ނ) ދައުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކީ، ފައިސާ ހޯދުމުގެ ދައުވާއެއް ކަމަށްވެފައި، ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ އެންމެހައި ފައިސާއެއް ދައްކަންޖެހޭ ކަމަށް ދައުވާލިބޭ ފަރާތުން އެއްބަސްވެ، މި ގާނޫނުގެ 125 ވަނަ މާއްދާގެ ދަށުން އެ ދައުވާއަށް އެއްބަސްވުމާއެކު އެ ފައިސާ ދެއްކުމަށް މުއްދަތެއް ދިނުމަށް އެދިފައިވުން.

 

117 ވަނަ މާއްދާ - ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ ކަންކަން

(ހ) އަންނަނިވި ދައުވާތަކާ ގުޅިގެން ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ފޯމެއް މެދުވެރިކޮށް ދައުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.

  1. ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދައުވާ؛ 
  2. ފައިސާގެ އަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދައުވާ؛ 
  3. މުދާ ފޯރުކޮށްދިނުމާގުޅޭ ދައުވާއެއްގެ ތެރެއިން، މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިހްތިޔާރު ދައުވާލިބޭ ފަރާތަށް ދައުވާ ފޯމުގައި ދީފައިވާ ދައުވާ؛
  4. މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ފަރުވާތަކުގެ ތެރެއިން އެއް ފަރުވާއަށްވުރެ ގިނަ ފަރުވާ ހިމެނޭ ދައުވާ.

(ށ) އަންނަނިވި ހާލަތްތަކުގައި ދައުވާކުރާ ފަރާތުން ގައިރު ހާޒިރުގައި ހުކުމްކުރަން އެދޭނަމަ، މި ގާނޫނުގެ އެކާވީސްވަނަ ބާބު "ކޯޓު އަމުރު" ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހަޅަންވާނެއެވެ. އަދި ދައުވާލިބޭ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، ދައުވާކުރާ ފަރާތަށް ދައުވާލިބޭ ފަރާތުގެ އުފަން ތާރީހު އެނގޭ ނަމަ، ބަޔާންކުރަންވާނެއެވެ.

  1. މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާ ފިޔަވައި ތަފާތު އެހެން ފަރުވާއަކަށް އެދިފައިވުން؛ ނުވަތަ
  2. މި ގާނޫނުގެ 122 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ހުށަހެޅުމެއް ހުށަހަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވުން.

(ނ) ދައުވާކުރާ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާ ފިޔަވައި ތަފާތު ފަރުވާއަކަށް އެދިފައިވީނަމަވެސް، ހުކުމްކޮށްދިނުމަށް އެދި ހުށަހަޅާއިރު އެފަދަ ދައުވާއެއް ދޫކޮށްލައިފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ދައުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.

(ރ) ދައުލަތާ ދެކޮޅަށް ހުށަހެޅޭ ދައުވާތަކުގައި، ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހަޅާފައިވާނަމަ، ދައުވާ ފޯމާއި ދައުވާގެ ތަފްސީލު ދައުލަތަށް ފޯރުކޮށްދީފައިވާކަން ކޯޓުން ކަށަވަރުކުރަންވާނެއެވެ.

 

118 ވަނަ މާއްދާ - ގައިރު ހާޒިރުގައި ހުކުމްކުރުމުގެ އިޖުރާއަތު

(ހ) ވަކި ދައުވާއަކީ ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދައުވާއެއްނަމަ، މި ގާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހެޅުމެއް ހުށަހަޅާއިރު އެ ހުށަހެޅުމުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަދާކުރަން އެދޭ ދަރަނީގެ ޖުމްލަ އަދަދު ދައްކައި ހަލާސްކުރަންޖެހޭ ތާރީހު؛ ނުވަތަ
  2. އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތާއި މުއްދަތު.

(ށ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި އެހެން ހާލަތްތަކުގައި، ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދައުވާއަކާ ގުޅިގެން މި ގާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ގައިރު ހާޒިރުގައި ހުކުމެއް ކުރާނަމަ އެ ހުކުމް ކުރާނީ، އެ ދައުވާގައި ބަޔާންކުރާ ފައިސާގެ އަދަދުގެ ތެރެއިން، ދައްކައި ހަލާސްކޮށްފައިނުވާ ފައިސާގެ އަދަދާއި ށަރީއަތުގެ ހަރަދުތައް އަންނަނިވި ގޮތަށް ނަގައިދިނުމަށެވެ.

  1. ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހެޅުމުގައި ފައިސާ ދެއްކުމަށް ބަޔާންކުރާ ތާރީހުގައި ފައިސާ ދެއްކުމަށް ނުވަތަ ހުށަހަޅާ ރޭޓެއްގައި ދެއްކުމަށް؛ ނުވަތަ 
  2. ހުށަހެޅުމުގައި ފައިސާ ދައްކަންވީ ތާރީހެއް ނުވަތަ ރޭޓެއް ބަޔާންކޮށްފައިނުވާނަމަ ވަގުތުން ފައިސާ ދެއްކުމަށް.

(ނ) ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ދައުވާއެއްގައި، މި ގާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ގައިރު ހާޒިރުގައި ކުރާ ހުކުމުގައި ފައިސާގެ އަދަދާއި ށަރީއަތުގެ ހަރަދުތައް ކަނޑައަޅާނީ ކޯޓުންނެވެ.

(ރ) މުދާ ފޯރުކޮށްދިނުމާގުޅޭ ދައުވާއެއްގެ ތެރެއިން، އެ މުދާ ފޯރުކޮށްދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިހްތިޔާރު ދައުވާލިބޭ ފަރާތަށް ދައުވާ ފޯމުގައި ދީފައިވާނަމަ، މި ގާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ގައިރު ހާޒިރުގައި ހުކުމެއް ކުރާނަމަ، އެ ހުކުމްކުރާނީ، ދައުވާލިބޭ ފަރާތުން އަންނަނިވި ކަންކަން ކުރުމަށް ކަނޑައެޅުމާއެކުގައެވެ.

  1. މުދާ ފޯރުކޮށްދިނުން ނުވަތަ މުދާ ފޯރުކޮށްނުދޭ ނަމަ މުދަލުގެ އަގަށްވާ ފައިސާކަމަށް ކޯޓުން ކަނޑައަޅާ އަދަދެއް (ކުރިން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ އެ ފައިސާ އުނިކުރުމަށްފަހު) ދެއްކުން؛ އަދި 
  2. ށަރީއަތުގެ ހަރަދުތައް ދެއްކުން.

 

119 ވަނަ މާއްދާ - ފައިސާގެ އަދަދު ކަނޑައެޅިފައިވާ ދައުވާއެއްގައި އިންޓްރެސްޓް ދައްކަން އެންގުން

ފައިސާގެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދައުވާއެއްގައި، މި ގާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ގައިރު ހާޒިރުގައި ހުކުމްކުރާނަމަ އަންނަނިވި ހާލަތްތަކުގައި ހުކުމްކުރާ ތާރީހާ ހަމައަށް އިންޓްރެސްޓް ދެއްކުމަށް އެންގިދާނެއެވެ.

(ހ) ދައުވާގެ ތަފްސީލުގައި މި ގާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކުރާ ތަފްސީލުތައް ހިމަނާފައިވުން؛

(ށ) އިންޓްރެސްޓް ރޭޓްް %8 (އަށެއް އިންސައްތަ) އަށްވުރެ މަތިނުވުން؛ އަދި

(ނ) އިންޓްރެސްޓް ހިސާބުކުރުމަށް އެދިފައިވާ ތާރީހުން ފެށިގެން ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ހުށަހެޅި ތާރީހާ ހަމައަށް އިންޓްރެސްޓް ހިސާބުކުރެވުނު ގޮތް ބަޔާންކޮށްފައިވުން.

 

120 ވަނަ މާއްދާ - ހުކުމްކުރާއިރު އިތުރު އިރުށާދު ދިނުން

ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދިފައިވަނީ މި ގާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށްވެފައި އެ ހުކުމުގައި އަންނަނިވި ކަންކަން ހިމެނޭ ނަމަ، ހުކުމާ ގުޅިގެން އެއްވެސް އިތުރު އިރުށާދެއް ދޭންޖެހޭ ކަމަށް ކޯޓަށް ފެންނަނަމަ އެފަދަ އިރުށާދުތައް، ކޯޓުން ހުކުމްކުރާއިރު ކަނޑައަޅަންވާނެއެވެ.

(ހ) ކޯޓުން ކަނޑައަޅަންޖެހޭ ފައިސާގެ އަދަދު؛

(ށ) ކޯޓުން ކަނޑައަޅަންޖެހޭ މުދަލުގެ އަގު؛ ނުވަތަ

(ނ) ކޯޓުން ކަނޑައަޅަންޖެހޭ އިންޓްރެސްޓްގެ އަދަދު.

 

121 ވަނަ މާއްދާ - އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މައްޗަށް ކުރާ ދައުވާ

(ހ) އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މައްޗަށް ކުރާ ފައިސާއާގުޅޭ ނުވަތަ މުދާ ފޯރުކޮށްދިނުމާގުޅޭ ދައުވާއެއްގައި، ދައުވާލިބޭ އެއް ފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތާ ދެކޮޅަށް ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ. އަދި ދެންތިބި ފަރާތްތަކުގެ މައްޗަށް ދައުވާގެ ބާކީ ބައި ކުރިއަށްގެންދެވިދާނެއެވެ.

(ށ) ދައުވާލިބޭ ދެ ފަރާތަށްވުރެ ގިނަ ފަރާތުގެ ތެރެއިން އެއް ފަރާތުގެ މައްޗަށް ގައިރު ހާޒިރުގައި ހުކުމްކުރުމަށް ދައުވާކުރާ ފަރާތުން އެދިފައިވާނަމަ:

  1. އެ ދައުވާއަކީ ދައުވާލިބޭ އެފަރާތް ފިޔަވައި ދެންތިބި ދައުވާލިބޭ ފަރާތްތަކުގެ މައްޗަށް ވަކި ދައުވާތަކެއްގެ ގޮތުގައި ކުރިއަށްގެންދެވިދާނެ ދައުވާއެއް ކަމުގައިވާނަމަ، ގައިރު ހާޒިރުގައި ހުކުމްކުރެވޭ ދައުވާލިބޭ ފަރާތުގެ މައްޗަށް ގައިރު ހާޒިރުގައި ހުކުމްކުރެވިދާނެއެވެ. އަދި ދެންތިބި ދައުވާ ރައްދުވާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރިއަށްގެންދިޔުމަށް ދައުވާކުރާ ފަރާތަށް ނިންމިދާނެއެވެ.
  2. ދައުވާއަކީ ދައުވާލިބޭ އެފަރާތް ފިޔަވައި ދެންތިބި ދައުވާލިބޭ ފަރާތްތަކުގެ މައްޗަށް ވަކި ދައުވާތަކެއްގެ ގޮތުގައި ކުރިއަށްގެންދެވިދާނެ ދައުވާއެއް ކަމުގައިނުވާނަމަ، މި ބާބުގެ ދަށުން އެފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކޮށްގެންނުވާނެއެވެ. އަދި އެ ދައުވާއާ މެދު ގޮތެއް ކަނޑައަޅަންވާނީ، ދެންތިބި ދައުވާލިބޭ ފަރާތްތަކުގެ މައްޗަށް ދައުވާއާ ގުޅިގެން ގޮތެއް ކަނޑައަޅާ ވަގުތުގައެވެ.

 

122  ވަނަ މާއްދާ - ގައިރު ހާޒިރުގައި ހުކުމްކުރުމަށް އެދި އެކާވީސްވަނަ ބާބުގެ ދަށުން ހުށަހަޅަންޖެހޭ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހަޅަންވާނީ މި ގާނޫނުގެ އެކާވީސްވަނަ ބާބު "ކޯޓު އަމުރު" ގެ ދަށުންނެވެ.

(ހ) ދައުވާކުރާ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތެއް ކަމުގައިވުން؛ ނުވަތަ

(ށ) ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައިނުވުމުގެ ސަބަބުން ދައުވާކުރާ ފަރާތުން އެފަރާތަކާ ދެކޮޅަށް ގައިރު ހާޒިރުގައި ހުކުމް ކުރުމަށް އެދޭ ދައުވާލިބޭ ފަރާތަކީ ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން.

 

123 ވަނަ މާއްދާ - އެކާވީސްވަނަ ބާބުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް މެދުވެރިކޮށް ގައިރު ހާޒިރުގައި ކުރާ ހުކުމާގުޅޭ އިތުރު ކަންކަން

(ހ) އެކާވީސްވަނަ ބާބު "ކޯޓު އަމުރު" ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް މެދުވެރިކޮށް ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ދައުވާކުރާ ފަރާތުން އެދޭ ހާލަތުގައި، ކޯޓުން ހުކުމްކުރަންވާނީ، ދައުވާކުރާ ފަރާތުގެ ދައުވާއާއި ދައުވާގެ ތަފްސީލުތަކުގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށެވެ.

(ށ) ދައުވާލިބޭ ފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިނުވާނަމަ، ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ދައުވާކުރާ ފަރާތުން ކޯޓަށް ހުށަހެޅުމެއް ހުށަހަޅާއިރު، އެ ހުށަހެޅުމުގައިވާ ކަންކަން ސާބިތުކުރުމަށް ހުށަހަޅާ ހެކީގެ ނޯޓިސް ދައުވާލިބޭ ފަރާތަށް ދިނުން ލާޒިމެއްނޫނެވެ.

(ނ) ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތަކާ ދެކޮޅަށް ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ދައުވާކުރާ ފަރާތުން އެދޭނަމަ، އެ ހުށަހެޅުމާއެކު ހެކި ހުށަހެޅުން ލާޒިމުވާނެއެވެ.

(ރ) އަންނަނިވި ހާލަތްތަކުގައި، ދުރާލާ ނޯޓިސް ދިނުމަކާ ނުލައި، ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.

  1. ދައުވާލިބޭ ފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިނުވުން؛ އަދި
  2. އެހެން ގާނޫނެއްގެ ދަށުން ނޯޓިސް ދިނުމަށް ލާޒިމުނުވުން.

 

124 ވަނަ މާއްދާ - ގައިރު ހާޒިރުގައި ކުރާ ހުކުމް ބާތިލުކުރުން ނުވަތަ ބަދަލުކުރުން

(ހ) ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް ކޮށްފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައި ރަނގަޅަށް ނޫން ކަމުގައިވާނަމަ، އެ ހުކުމްކުރި ކޯޓުން އެ ހުކުމް ބާތިލުކުރަންވާނެއެވެ.

  1. ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަނޭޅުުމުގެ ސަބަބުން ގައިރު ހާޒިރުގައި ހުކުމްކުރާ ހާލަތުގައި، މި ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވެފައިނުވުން؛
  2. ދިފާއު ހުށަނޭޅުުމުގެ ސަބަބުން ގައިރު ހާޒިރުގައި ހުކުމްކުރާ ހާލަތުގައި، މި ގާނޫނުގެ 115 ވަނަ މާއްދާގެ (ށ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވެފައިނުވުން؛
  3. ހުކުމް ކުރުމުގެ ކުރިން ދައުވާކުރާ ފަރާތުން ކޮށްފައިވާ ދައުވާއިން އެދިފައިވާ ކަންކަން، ދައުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އަންނަނިވި ހާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިއާޔަތްކޮށް، ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް، އެ ހުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާތިލުކުރެވިދާނެއެވެ.

  1. ދައުވާލިބޭ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ހަގީގީ ސަބަބުތަކެއް ހުރުން؛ ނުވަތަ
  2. ހުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ ނުވަތަ ދައުވާ ދިފާއުކުރުމަށް ދައުވާލިބޭ ފަރާތަށް ފުރުސަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ގަބޫލުކުރެވޭ ސަބަބެއް އޮތުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުކުމް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް ކަނޑައެޅުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ހުކުމް ބާތިލުކުރަން ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އަވަސްމިން ހިމެނެއެވެ.

(ރ) ދައުވާކުރާ ފަރާތުން މި ގާނޫނުގެ 117 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާގެ އިތުރުން ފަރުވާއަކަށް އެދިފައިވާ ހާލަތުގައި، ދައުވާކުރާ ފަރާތުން ހޯދުމަށް އެދުނު އެ ފަރުވާ އެފަރާތުން ދޫކޮށްލީ މި ގާނޫނުގެ 117 ވަނަ މާއްދާގެ (ނ) ގެ ދަށުން ގައިރު ހާޒިރުގައި ކުރާ ހުކުމެއް ކަނޑައެޅުމަށް މަގުފަހިކުރުމަށް ކަމުގައިވާ ހާލަތުގައި، މި މާއްދާގެ ދަށުން ހުކުމް ބާތިލުކޮށްފިނަމަ، ދައުވާކުރާ ފަރާތުން ދޫކޮށްލާފައިވާ ދައުވާތަކަކީ އެފަރާތުން ދޫކޮށްލާފައިވާ ދައުވާތަކެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

އެގާރަވަނަ ބާބު

ދައުވާއަށް އެއްބަސްވުން

 

125 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވުން 

(ހ) ދައުވާލިބޭ ފަރާތެއްގެ މައްޗަށް ދައުވާއެއް އުފުލުމާއެކު، އެފަރާތުގެ މައްޗަށް ކޮށްފައިވާ މުޅި ދައުވާއަށް ނުވަތަ އެ ދައުވާގެ ވަކި ބަޔަކަށް އެއްބަސްވެވިދާނެއެވެ.

(ށ) އާންމު އުސޫލުން ދައުވާއަށް އެއްބަސްވާނީ، މި ގާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފޯމު މެދުވެރިކޮށެވެ. އެހެންނަމަވެސް، ދައުވާލިބޭ ފަރާތުން ވަކިން ހުށަހަޅާ ސިޓީއެއް ނުވަތަ ބަޔާނަކުންވެސް ދައުވާއަށް އެއްބަސްވެވިދާނެއެވެ.

(ނ) ދައުވާކުރާ ފަރާތުން ދައުވާގައި ހޯދުމަށް އެދޭ ހަމައެކަނި ފަރުވާއަކީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފައިސާ ހޯދުން ކަމުގައިވާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ދައުވާލިބޭ ފަރާތަށް ދައުވާއަށް އެއްބަސްވެވިދާނެއެވެ.

  1. މި ގާނޫނުގެ 128 ވަނަ މާއްދާއާ އެއްގޮތަށް މުޅި ދައުވާއަށް އެއްބަސްވުން؛
  2. މި ގާނޫނުގެ 129 ވަނަ މާއްދާއާ އެއްގޮތަށް ދައުވާގެ ވަކި ބަޔަކަށް އެއްބަސްވުން.

(ރ) ދައުވާކުރާ ފަރާތުން ދައުވާގައި ހޯދުމަށް އެދޭ ހަމައެކަނި ފަރުވާގައި ދައްކަންޖެހޭ ފައިސާގެ ވަކި މިންވަރެއް ބަޔާންކޮށްފައިނުވާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ދައުވާލިބޭ ފަރާތަށް ދައުވާއަށް އެއްބަސްވެވިދާނެއެވެ.

  1. މި ގާނޫނުގެ 130 ވަނަ މާއްދާއާ އެއްގޮތަށް ފައިސާގެ މުޅި އަދަދު ދެއްކުމަށް އެއްބަސްވުން؛
  2. މި ގާނޫނުގެ 131 ވަނަ މާއްދާއާ އެއްގޮތަށް ދައުވާއަށް އެކަށީގެންވާ އަދަދެއް ދެއްކުމަށް އެއްބަސްވުން.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާގޮތަށް ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވެއްޖެނަމަ، އަންނަނިވި ހާލަތްތަކުގައި މެނުވީ، މައްސަލައިގެ ހުކުމްކުރުމަށް އެދުމުގެ ހައްގު ދައުވާކުރާ ފަރާތަށް ލިބިގެންވެއެވެ.

  1. ދައުވާލިބޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކަށްވުން؛ ނުވަތަ 
  2. ދައުވާލިބޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކަށްވެފައި، ދައުވާއަށް އެއްބަސްވެފައިވަނީ މި ގާނޫނުގެ 129 ނުވަތަ 131 ވަނަ މާއްދާގެ ދަށުން ކަމުގައިވުން.

(ޅ) ދައުވާއަށް އެއްބަސްވުމަށްފަހު، އެ އެއްބަސްވުން އިސްލާހުކުރެވޭނީ ނުވަތަ އެފަދައިން އެއްބަސްވި އެއްބަސްވުން އަނބުރާ ގެންދެވޭނީ، ކޯޓުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

 

126 ވަނަ މާއްދާ - ދައުވާއަށް އެއްބަސްވުމުގެ މުއްދަތު

(ހ) މި ގާނޫނުގެ 128 ވަނަ މާއްދާގެ ދަށުން ދައުވާއަށް އެއްބަސްވުމަށް ނުވަތަ މި ގާނޫނުގެ 129، 130 ނުވަތަ 131 ވަނަ މާއްދާގެ ދަށުން ދައުވާއަށް އެއްބަސްވާކަން ބަޔާންކުރާ ލިޔުން ކޯޓަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ ހާލަތްތައް ފިޔަވައި، ދައުވާއަށް އެއްބަސްވާކަން ބަޔާންކުރާ ލިޔުން ކޯޓަށް ހުށަހެޅުމުގެ މުއްދަތަކީ ދައުވާލިބޭ ފަރާތަށް ދައުވާ ފޯމު ފޯރުކޮށްދޭތާ 14 (ސާދަ) ދުވަހެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ފާއިތުވުމަށްފަހުގައިވެސް، މި ގާނޫނުގެ ދިހަވަނަ ބާބު "ގައިރު ހާޒިރުގައި ކުރާ ހުކުމް" ގެ ދަށުން ގައިރު ހާޒިރުގައި ހުކުމެއް ކޮށްފައިނުވާނަމަ، ދައުވާލިބޭ ފަރާތަށް މި ގާނޫނުގެ 128 ވަނަ މާއްދާގެ ދަށުން ދައުވާއަށް އެއްބަސްވާކަމުގެ ލިޔުން ކޯޓަށް ހުށަހެޅިދާނެއެވެ. ނުވަތަ މި ގާނޫނުގެ 129 ވަނަ މާއްދާ ނުވަތަ 130 ވަނަ މާއްދާ ނުވަތަ 131 ވަނަ މާއްދާގެ ދަށުން ދައުވާއަށް އެއްބަސްވެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި އަމަލުކުރަންވާނީ، ކަނޑައަޅާފައިވާ އަސްލު މުއްދަތުގައި ދައުވާއަށް އެއްބަސްވެއްޖެނަމަ އަމަލުކުރަންޖެހޭ އިޖުރާއަތާ އެއްގޮތަށެވެ.

 

127 ވަނަ މާއްދާ - ހުކުމްކޮށްދިނުމަށް ކޯޓުގައި އެދުން 

(ހ) މި ގާނޫނުގެ 125 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާލިބޭ ފަރާތުން ލިޔުމުން ދައުވާއަށް އެއްބަސްވެއްޖެނަމަ، އެފަރާތުގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ހުކުމްކޮށްދިނުމަށް ދައުވާކުރާ ފަރާތުން އެދެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކޯޓުން ހުކުމްކުރަންވާނީ، ދައުވާއަށް އެއްބަސްވި އެއްބަސްވުމުގެ މައްޗަށް ބިނާކޮށް، ދައުވާކުރާ ފަރާތަށް ހައްގުވާކަމަށް ކޯޓަށް ގަބޫލުކުރެވޭ ފަރުވާއެއް ދިނުމަށެވެ.

 

128 ވަނަ މާއްދާ - ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ދައުވާކޮށްފައިވާ މައްސަލަތަކުގައި މުޅި ދައުވާއަށް އެއްބަސްވުން

(ހ) ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ދައުވާކޮށްފައިވާ މައްސަލަތަކުގައި މުޅި ދައުވާއަށް އެއްބަސްވުމަށްޓަކައި ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އެއްބަސްވިކަމުގެ ލިޔުމެއް ކޯޓަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވާކަން ބަޔާންކުރާ ލިޔުން ކޯޓަށް ހުށަހެޅުމުން، ކޯޓުން އެ ލިޔުން ދައުވާކުރާ ފަރާތަށް ފޮނުވަންވާނެއެވެ. އަދި އެ ލިޔުން ދައުވާކުރާ ފަރާތަށް ލިބުމުން، މައްސަލައިގައި ހުކުމްކޮށްދިނުން އެދި ދައުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިނުވާނަމަ އަމަލުކުރާނީ، މި މާއްދާގެ (ނ) އިން ފެށިގެން (ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
  2. ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިވާނަމަ އަމަލުކުރާނީ، މި ގާނޫނުގެ 133 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.

(ނ) ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު، އަންނަނިވި ކަންކަން ބަޔާންކުރެވިދާނެއެވެ.

  1. ފައިސާގެ ޖުމްލަ އަދަދު ދައްކާ ހަލާސްކުރަންޖެހޭނެ އެންމެ ފަހުގެ ތާރީހު؛
  2. ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާނަމަ، ފައިސާ ދައްކަންޖެހޭ ވަގުތުތަކާއި ފައިސާ ބަހާލާ ރޭޓުތައް.

(ރ) މައްސަލައިގައި ހުކުމްކުރަންވާނީ ދައުވާކުރި އަދަދުގެ ތެރެއިން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ޖެހޭ އަދަދާއި،ށަރީއަތުގެ ހަރަދުތައް އަންނަނިވި ގޮތަށް ދެއްކުމަށެވެ.

  1. ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު ބަޔާންކޮށްފައިވާ ތާރީހުގެ ނިޔަލަށް ފައިސާ ދެއްކުމަށް ނުވަތަ އެފަދައިން އެދޭއިރު ބަޔާންކޮށްފައިވާ ރޭޓުގައި ފައިސާ ދެއްކުމަށް؛
  2. ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު ފައިސާ ދައްކާނެ ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައި ނެތްނަމަ، ވަގުތުން ފައިސާ ދެއްކުމަށް.

 

129 ވަނަ މާއްދާ -  ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ދައުވާކޮށްފައިވާ މައްސަލަތަކުގައި ދައުވާގެ ވަކި ބަޔަކަށް އެއްބަސްވުން

(ހ) ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ދައުވާކޮށްފައިވާ މައްސަލަތަކުގައި ދައުވާގެ ވަކި ބަޔަކަށް އެއްބަސްވުމަށްޓަކައި ދައުވާލިބޭ ފަރާތުން ދައުވާގެ ބަޔަކަށް އެއްބަސްވާކަމުގެ ލިޔުމެއް ކޯޓަށް ފޮނުވަންވާނެއެވެ.

(ށ) ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވިކަމުގެ ލިޔުން ކޯޓަށް ހުށަހެޅުމުން އެ ލިޔުން ދައުވާކުރާ ފަރާތަށް ފޮނުވަންވާނެއެވެ. ދައުވާކުރާ ފަރާތަށް އެ ލިޔުން ލިބުމުން، ތިރީގައިވާ ގޮތްތަކުގެ ތެރެއިން ދައުވާކުރާ ފަރާތުން އިހްތިޔާރުކުރާ ގޮތެއް ބަޔާންކުރުމަށްފަހު ކޯޓަށް އަންގަންވާނެއެވެ.

  1. ދައުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ އަދަދު ދައުވާކުރާ ފަރާތުން ގަބޫލުކުރުން؛ 
  2. ދައުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ އަދަދު ދައުވާކުރާ ފަރާތުން ގަބޫލުނުކޮށް، ށަރީއަތުގެ މަރުހަލާގައި މައްސަލަ ކުރިއަށްގެންދިޔުމަށް އެދުން؛ ނުވަތަ
  3. ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އިތުރު މުއްދަތަކަށް އެދިފައިވާ ހާލަތުގައި، ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތުން ދައްކަން އެއްބަސްވި އަދަދު ގަބޫލުކުރިނަމަވެސް ފައިސާ ދެއްކުމަށް ހުށަހަޅާފައިވާ ގޮތަށް އެއްބަސްނުވުން.

(ނ) ދައުވާކުރާ ފަރާތަށް މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން އެންގުމެއް އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ދައުވާކުރާ ފަރާތުން އެދޭ ގޮތް ކޯޓަށް އެންގުން؛ އަދި 
  2. ދައުވާކުރާ ފަރާތުން އެދުނު ގޮތްތައް ކޯޓުން ދައުވާލިބޭ ފަރާތަށް އެންގުން.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދައުވާކުރާ ފަރާތަށް ނޯޓިސް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުވާކުރާ ފަރާތުން އެދޭ ގޮތް ކޯޓަށް އަންގާފައިނުވާނަމަ، ކޯޓުން ދައުވާ ކުރިއަށްގެންދަންވާނެއެވެ.

(ބ) ދައުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ އަދަދު ދައުވާކުރާ ފަރާތުން ގަބޫލުކުރާނަމަ، މައްސަލައިގައި ހުކުމްކޮށްދިނުން އެދި ދައުވާކުރާ ފަރާތަށް ކޯޓުގައި އެދެވިދާނެއެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިނުވާނަމަ، އަމަލުކުރާނީ މި މާއްދާގެ (ޅ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށެވެ.
  2. ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިވާނަމަ، އަމަލުކުރާނީ މި ގާނޫނުގެ 133 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު، އަންނަނިވި ކަންކަން ފާހަގަކުރަންވާނެއެވެ.

  1. ފައިސާގެ ޖުމްލަ އަދަދު ދައްކާ ހަލާސްކުރަންޖެހޭ އެންމެ ފަހުގެ ތާރީހު؛
  2. ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާނަމަ، ފައިސާ ދައްކަންޖެހޭ ވަގުތުތަކާއި ފައިސާ ބަހަލެވޭ ގޮތް.

(ކ) މައްސަލައިގައި ހުކުމްކުރަންވާނީ، ދައުވާކުރި އަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ދައުވާކުރި އަދަދުން ދައްކަންޖެހޭ ބާކީ އަދަދާއި ށަރީއަތުގެ ހަރަދުތައް އަންނަނިވި ގޮތަށް ދެއްކުމަށް ކަނޑައެޅުމާ އެކުގައެވެ.

  1. ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު ބަޔާންކޮށްފައިވާ ތާރީހުގެ ކުރިން އެއްބަސްވެފައިވާ އަދަދަށް، އަދި އެގޮތަށް ފައިސާ ދެއްކުމަށް؛ ނުވަތަ
  2. ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު ފައިސާ ދައްކާނެ ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައި ނެތްނަމަ، ވަގުތުން ފައިސާ ދެއްކުމަށް.

 

130 ވަނަ މާއްދާ - ހޯދަން އެދޭ ފައިސާގެ އަދަދު ބަޔާންކޮށްފައިނުވާ ދައުވާގައި މުޅި އަދަދު ދެއްކުމަށް އެއްބަސްވުން

(ހ) ހޯދަން އެދޭ ފައިސާގެ އަދަދު ބަޔާންކޮށްފައިނުވާ ދައުވާއެއްގައި މުޅި އަދަދު އެކުގައި ދެއްކުމަށް ދައުވާލިބޭ ފަރާތުން އެއްބަސްވާނަމަ، އެކަން ދައުވާލިބޭ ފަރާތުން ކޯޓަށް އަންގަންވާނެއެވެ.

(ށ) ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އެއްބަސްވިކަމުގެ ލިޔުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމުން، ދައުވާކުރާ ފަރާތަށް އެކަން ކޯޓުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ނޯޓިސް ދައުވާކުރާ ފަރާތަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އެންގުމަށް ޖަވާބުދޭންވާނެއެވެ. އަދި އެފަދައިން އެ އެންގުމަށް ޖަވާބު ފޮނުވާފައިނުވާނަމަ ކޯޓުން ދައުވާ ކުރިއަށްގެންދަންވާނެއެވެ.

(ރ) މައްސަލައިގައި ހުކުމްކުރަންވާނީ ދައްކަންޖެހޭނެކަމަށް ކޯޓުން ނިންމާ ފައިސާގެ އަދަދާއި ށަރީއަތުގެ ހަރަދުގެ ގޮތުގައި ދެއްކުމަށް އަންގާ ފައިސާގެ އަދަދު ދެއްކުމަށް ކަނޑައެޅުމާ އެކުގައެވެ.

 

131 ވަނަ މާއްދާ - ހޯދަން އެދޭ ފައިސާގެ އަދަދު ބަޔާންނުކޮށް ދައުވާކޮށްފައިވާ މައްސަލަތަކުގައި ދައުވާއަށް އެކަށީގެންވާ އަދަދެއް ދެއްކުމަށް އެއްބަސްވުން

(ހ) ހޯދަން އެދޭ ފައިސާގެ އަދަދު ބަޔާންނުކޮށް ދައުވާކޮށްފައިވާ މައްސަލަތަކުގައި ދައުވާއަށް އެކަށީގެންވާ އަދަދެއް ދެއްކުމަށް ދައުވާލިބޭ ފަރާތުން އެއްބަސްވާނަމަ، އެކަމުގެ ލިޔުމެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އެއްބަސްވިކަމުގެ ލިޔުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމުން، ދައުވާކުރާ ފަރާތަށް އެކަން ކޯޓުން އަންގަންވާނެއެވެ.

(ނ) ދައުވާކުރާ ފަރާތަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ނޯޓިސް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އެންގުމަށް ޖަވާބުދޭންވާނެއެވެ. އަދި އެފަދައިން އެން ގުމަށް ޖަވާބު ފޮނުވާފައިނުވާނަމަ، ކޯޓުން ދައުވާ ކުރިއަށްގެންދަންވާނެއެވެ.

(ރ) ދައުވާލިބޭ ފަރާތުގެ ހުށަހެޅުން ދައުވާކުރާ ފަރާތުން ގަބޫލުކުރާނަމަ، މައްސަލައިގައި ހުކުމްކޮށްދިނުން އެދި ދައުވާކުރާ ފަރާތަށް ކޯޓުގައި އެދެވިދާނެއެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރާނީ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިނުވާނަމަ، އަމަލުކުރާނީ، މި މާއްދާގެ (ބ) އިން ފެށިގެން(އ) ގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށެވެ.
  2. ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިވާނަމަ، އަމަލުކުރާނީ، މި ގާނޫނުގެ 133 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު، އަންނަނިވި ކަންކަން ފާހަގަކުރަންވާނެއެވެ.

  1. ފައިސާގެ ޖުމްލަ އަދަދު ދައްކާ ހަލާސްކުރަންޖެހޭ އެންމެ ފަހުގެ ތާރީހު؛
  2. ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާނަމަ، ފައިސާ ދައްކަންޖެހޭ ވަގުތުތަކާއި ފައިސާ ބަހަލެވޭ ގޮތް.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން މައްސަލައިގައި ހުކުމްކުރަންވާނީ، ދައުވާލިބޭ ފަރާތުން ދެއްކުމަށް ހުށަހެޅި އަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު، ދައުވާލިބޭ ފަރާތުން ދެއްކުމަށް ހުށަހެޅި އަދަދުން ދައްކަންޖެހޭ ބާކީ އަދަދާއި ށަރީއަތުގެ ހަރަދު އަންނަނިވި ގޮތަށް ދެއްކުމަށް ކަނޑައެޅުމާއެކުގައެވެ.

  1. ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު ބަޔާންކޮށްފައިވާ ތާރީހުގެ ނިޔަލަށް ފައިސާ ދެއްކުމަށް ނުވަތަ އެފަދައިން އެދޭއިރު ބަޔާންކޮށްފައިވާ އެ ރޭޓުގައި ފައިސާ ދެއްކުމަށް؛ ނުވަތަ 
  2. ދައުވާކުރާ ފަރާތުން ކޯޓުގައި ހުކުމްކޮށްދިނުމަށް އެދޭއިރު ފައިސާ ދައްކާނެ ގޮތުގެ ތަފްސީލުތައް ބަޔާންކޮށްފައި ނެތްނަމަ، ވަގުތުން ފައިސާ ދެއްކުމަށް.

(ކ) ދައުވާލިބޭ ފަރާތުން ދެއްކުމަށް ހުށަހެޅި އަދަދު ދައުވާކުރާ ފަރާތުން ގަބޫލުނުކުރާނަމަ، ކޯޓުން ހުކުމްކޮށްދިނުމަށް ދައުވާކުރާ ފަރާތުން ހުށަހެޅިދާނެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން ހުކުމްކުރަންވާނީ ކޯޓުން ކަނޑައަޅާ އަދަދަކާއި ށަރީއަތުގެ ހަރަދުގެ ފައިސާ ދެއްކުމަށެވެ.

 

131 ވަނަ މާއްދާ - އެއްބަސްވުމަކަށް ނާދެވޭ ކަންކަމުގައި ށަރީއަތަށް ފޮނުވުން

މި ގާނޫނުގެ 130 ވަނަ މާއްދާއާއި 131 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައެޅުމަށްޓަކައި ކޯޓުން ހުކުމްކުރާއިރު، ވަކި ކަމަކާމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ކޯޓަށް ފެންނަ އެންމެ އެކަށީގެންވާ ގޮތަކަށް އިރުށާދު ދިނުމާއެކު ކޯޓަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ މައްސަލަ ށަރީއަތަށް ފޮނުވުން ކަމުގައިވާނަމަ، މައްސަލަ ށަރީއަތަށް ފޮނުވިދާނެއެވެ.

 

133 ވަނަ މާއްދާ - ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދުން

(ހ) މި ގާނޫނުގެ 128 ވަނަ މާއްދާ ނުވަތަ 129 ވަނަ މާއްދާ ނުވަތަ 131 ވަނަ މާއްދާގެ ދަށުން ދައުވާލިބޭ ފަރާތުން ދައުވާއަށް އެއްބަސްވާނަމަ، ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެފަރާތަށް އެދެވިދާނެއެވެ.

(ށ) ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދި ހުށަހަޅާ ހުށަހެޅުމަކީ، ފައިސާ ދައްކާ ހަލާސްކުރަންޖެހޭ ތާރީހާމެދު ގޮތެއް ނިންމުމަށް ނުވަތަ ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާއިރު، ފައިސާ ދައްކަންޖެހޭ ވަގުތުތަކާއި ދައްކަންޖެހޭ ފައިސާ ބަހަލެވޭ ގޮތާމެދު ގޮތެއް ނިންމުމަށް ހުށަހަޅާ ހުށަހެޅުމެކެވެ.

(ނ) ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދި ދައުވާލިބޭ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުން، އެފަރާތުން ދައުވާއަށް އެއްބަސްވެ ކޯޓަށް ފޮނުވާ ލިޔުމާއެކު ހުށަހަޅަންވާނެއެވެ.

(ރ) ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތުގެ ހުށަހެޅުން ގަބޫލުކުރާނަމަ، މައްސަލައިގައި ހުކުމްކޮށްދިނުމަށް ދައުވާކުރާ ފަރާތަށް ކޯޓުގައި އެދެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓުގައި އެދޭ ހާލަތުގައި ކޯޓުން ހުކުމްކުރަންވާނީ އަންނަނިވި ކަންކަން ކަނޑައެޅުމާއެކުގައެވެ.

  1. މި ގާނޫނުގެ 128 ވަނަ މާއްދާގެ ދަށުންނަމަ، ދައުވާކުރި އަދަދުގެ ތެރެއިން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ އޭގެ ތެރެއިން ދައްކަންޖެހޭ ބާކީ އަދަދާއި ށަރީއަތުގެ ހަރަދުތައް ދެއްކުމަށް؛ ނުވަތަ
  2. މި ގާނޫނުގެ 129 ވަނަ މާއްދާގެ ދަށުންނަމަ، އެއްބަސްވެފައިވާ އަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ އެ އަދަދުން ދައްކަންޖެހޭ ބާކީ އަދަދާއި ށަރީއަތުގެ ހަރަދުތައް ދެއްކުމަށް؛ ނުވަތަ
  3. މި ގާނޫނުގެ 131 ވަނަ މާއްދާގެ ދަށުންނަމަ، ދައުވާލިބޭ ފަރާތުން ދެއްކުމަށް ހުށަހަޅާފައިވާ އަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ، ދައުވާލިބޭ ފަރާތުން ދެއްކުމަށް ހުށަހެޅި އަދަދުން ދައްކަންޖެހޭ ބާކީ އަދަދާއި ށަރީއަތުގެ ހަރަދުތައް ދެއްކުމަށް.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގައިވެސް ހުކުމްކުރަންވާނީ ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ތާރީހާއި ރޭޓުގައި ފައިސާ ދެއްކުމަށެވެ.

 

134 ވަނަ މާއްދާ - ފައިސާ ދައްކަންޖެހޭ ގޮތް ކަނޑައެޅުން

(ހ) މި ގާނޫނުގެ 133 ވަނަ މާއްދާގެ ދަށުން ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދޭ ހާލަތުގައި، ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ހުށަހަޅާފައިވާ ހުށަހެޅުން ދައުވާކުރާ ފަރާތުން ގަބޫލުނުކުރާނަމަ، ދައުވާކުރާ ފަރާތުން އެކަން ކޯޓަށް އަންގަންވާނެއެވެ.

(ށ) ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ހުށަހަޅާފައިވާ ހުށަހެޅުން ދައުވާކުރާ ފަރާތުން ގަބޫލުކުރާނަމަ، ދައުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވި އަދަދު، ކޯޓުން ކަނޑައަޅާ ތާރީހެއްގެ ކުރިން އަދި ކޯޓުން ކަނޑައަޅާ ރޭޓެއްގައި ދެއްކުމަށް ކޯޓުން ހުކުމްކުރަންވާނެއެވެ.

 

135 ވަނަ މާއްދާ - ފައިސާ ދައްކަންޖެހޭ ގޮތް ކޯޓުން ކަނޑައެޅުން

(ހ) ފައިސާ ދައްކަންޖެހޭ ތާރީހާއި ރޭޓު ކޯޓުން ކަނޑައެޅުމުގައި އަޑުއެހުމެއް ބޭއްވުން ލާޒިމެއް ނޫނެވެ.

(ށ) ފައިސާ ދައްކަންޖެހޭ ތާރީހާއި ރޭޓު ކަނޑައެޅުމަށްޓަކައި އަޑުއެހުމެއް ބާއްވާނަމަ، ކޮންމެ ހަސްމަކަށްވެސް އަޑުއެހުން އޮންނަ ތާރީހުގެ 7 (ހަތެއް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ކޯޓުން ދޭންވާނެއެވެ.

 

136 ވަނަ މާއްދާ - ފައިސާ ދައްކަންޖެހޭ ތާރީހާއި ގޮތް އަލުން ކަނޑައަޅައި ދިނުމަށް އެދުން

(ހ) މި ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ފައިސާ ދައްކަންޖެހޭ ތާރީހާއި ރޭޓު ކޯޓުން ކަނޑައަޅާފައިވަނީ އަޑުއެހުމެއް ބޭއްވުމަކާ ނުލައިނަމަ، ކޮންމެ ހަސްމަކަށްވެސް މައްސަލައިގައި އަލުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންޖެހޭނީ ކޯޓުން ކަނޑައެޅިގޮތް މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތަށް ލިޔުމުން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައެވެ.

 

137 ވަނަ މާއްދާ - އިންޓްރެސްޓް ދެއްކުން

މި ގާނޫނުގެ 128 ވަނަ މާއްދާގެ ދަށުން ދައުވާލިބޭ ފަރާތުން މުޅި ދައުވާއަށް އެއްބަސްވުމުން ހުކުމްކުރާ ހާލަތުގައި، އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ދައްކަންޖެހޭ ފައިސާގެ އަދަދުގެ ތެރޭގައި އިންޓްރެސްޓްގެ އަދަދު ހިމެނޭ ނެއެވެ.

(ހ) މި ގާނޫނުގެ 92 ވަނަ މާއްދާގެ ދަށުން ހިމަނަންޖެހޭ ތަފްސީލުތައް ދައުވާގެ ތަފްސީލުގައި ހިމަނާފައިވުން؛

(ށ) އިންޓްރެސްޓް ރޭޓްް %8 (އަށެއް އިންސައްތަ) އަށްވުރެ އިތުރުނުވުން؛ އަދި

(ނ) ދައުވާކުރާ ފަރާތުން ހުކުމްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، ދައުވާ ފޯމުގައި އިންޓްރެސްޓް ހިސާބުކުރެވުނު ދުވަހުން ފެށިގެން ހުކުމްކުރާ ދުވަހާ ހަމައަށް އިންޓްރެސްޓް ހިސާބުކުރި ގޮތުގެ ތަފްސީލު ހިމެނިފައިވުން.

 

ބާރަވަނަ ބާބު

ދައުވާގެ ދިފާއާއި ޖަވާބު

 

138 ވަނަ މާއްދާ - ދިފާއު ހުށަހެޅުން

(ހ) ދައުވާލިބޭ ފަރާތުގެ މައްޗަށް މި ގާނޫނުގެ ހަތްވަނަ ބާބު "ދައުވާކުރުން"ގައިވާ ގޮތުގެމަތިން ދައުވާއެއް ހުށަހެޅުމާއެކު، މުޅި ދައުވާ ނުވަތަ ދައުވާގެ ބައެއް ދިފާއުކުރުމަށް ދައުވާލިބޭ ފަރާތުން އެދޭނަމަ، އެ ދިފާއު މި ބާބުގައިވާ ގޮތުގެމަތިން ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދިފާއު ހުށަހަޅާކަށް ނުޖެހޭނެއެވެ.

  1. މި ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކޯޓުގެ އިހްތިސާސްއާމެދު ސުވާލު އުފައްދައި ދައުވާލިބޭ ފަރާތުން ކޯޓަށް ހުށަހަޅާފައިވާނަމަ؛ އަދި
  2. ދައުވާލިބޭ ފަރާތުން ދިފާއު ހުށަހެޅުމުގެ ކުރިން މި ގާނޫނުގެ 165 ވަނަ މާއްދާގެ (ހ) ގެ ދަށުން ށަރީއަތް ހިންގުމަކާ ނުލައި މައްސަލައިގެ ހުކުމްކޮށްދިނުމަށް އެދި ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާނަމަ، އެކަމާމެދު ގޮތެއް ނިންމުމުގެ ކުރިން.

 

139 ވަނަ މާއްދާ - ދިފާއުގައި ހިމަނަންޖެހޭ ކަންކަން 

(ހ) ދައުވާލިބޭ ފަރާތުން ހުށަހަޅާ ދިފާއެއްގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ދައުވާގެ ތަފްސީލުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ދައުވާލިބޭ ފަރާތުން އިންކާރުކުރާ ކަންކަން؛
  2. ދައުވާގެ ތަފްސީލުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ދައުވާލިބޭ ފަރާތުން އެއްބަސްވާ ކަންކަން؛
  3. ދައުވާގެ ތަފްސީލުގައި ހިމެނޭ ކަންކަމުގެ ތެރެއިން ދައުވާލިބޭ ފަރާތަށް އެއްބަސްވެވެން ނުވަތަ އިންކާރުކުރެވެން ނެތް،އެހެންނަމަވެސް ދައުވާކުރާ ފަރާތުން ސާބިތުކޮށްދިނުމަށް އެދޭ ކަންކަން.

(ށ) ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ދައުވާލިބޭ ފަރާތުން އިންކާރުކުރާނަމަ، އެކަމުގެ ސަބަބު ބަޔާންކުރުމާއެކު، އެ މައްސަލައިގެ ކަންހިނގާފައިވާ ގޮތްކަމަށް ދައުވާލިބޭ ފަރާތުން ހުށަހަޅާ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ދައުވާލިބޭ ފަރާތުން ދިފާއެއް ހުށަހަޅާފައި ނެތްނަމަވެސް، ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމާމެދު ދައުވާލިބޭ ފަރާތުން ދެކޭ ގޮތް ބަޔާންކޮށްފައިވާނަމަ، އެކަންކަން އެފަރާތުން ސާބިތުކޮށްދޭންވާނެއެވެ.

(ރ) ފައިސާއާގުޅޭ ދައުވާއެއްނަމަ، އެ ފައިސާއަކީ އޭނާ ދައްކަންޖެހޭ ފައިސާއެއްކަމަށް ދައުވާލިބޭ ފަރާތުން ސީދާ އެއްބަސްވެފައިނުވާނަމަ، އެ ފައިސާއަކީ ދައުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން، ދައުވާލިބޭ ފަރާތުން ދައުވާ ފޯމުގައި ހިމެނޭ ވަކި ކަމަކަށް އިންކާރުކޮށްފައިނުވާނަމަ ބަލާނީ އެފަރާތުން އެކަންކަމަށް އެއްބަސްވީ ކަމުގައެވެ.

(ޅ) ދައުވާކުރާ ފަރާތުން މި ގާނޫނުގެ 92 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ދައްކަންޖެހޭ ފައިސާގެ މިންވަރު ބަޔާންކުރާ ލިޔުމަށް ދައުވާލިބޭ ފަރާތުން އިންކާރުކުރާނަމަ، އެކަމުގެ ސަބަބު ބަޔާންކުރަންވާނެއެވެ. އަދި އޭގެ ރައްދުގައި ދައުވާލިބޭ ފަރާތުން ތައްޔާރުކޮށްފައިވާ ފައިސާގެ އަދަދު ބަޔާންކުރާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ކ) ދައުވާލިބޭ ފަރާތުން ދިފާއު ހުށަހަޅަނީ އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުންނަމަ، އެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.

(އ) ދައުވާލިބޭ ފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައިނުވާނަމަ، ދައުވާގެ ދިފާއު ހުށަހަޅާއިރު، ދައުވާލިބޭ ފަރާތަށް ކޯޓުން ލިޔެކިޔުން ފޮނުވަންވީ އެޑްރެސް ބަޔާންކުރަންވާނެއެވެ.

 

140 ވަނަ މާއްދާ - އަޅައިކެނޑުމުގެ ދިފާއު

ދައުވާލިބޭ ފަރާތަށް ދައުވާކުރާ ފަރާތުގެ ކިބައިން ލިބެންޖެހޭ ފައިސާއެއްވާކަމަށް ދައުވާލިބޭ ފަރާތުން ބަޔާންކުރާނަމަ، އަދި މުޅި ދައުވާ ނުވަތަ ދައުވާގެ ބަޔަކާ ގުޅިގެން އެ ދިފާއަށް ބަރޯސާވާނަމަ، އެކަން އޭނާ ހުށަހަޅާ ދިފާއުގައި ބަޔާންކޮށް، އެ ފައިސާ ދައުވާކުރާ ފަރާތުން ހޯދުމަށް އެދޭ ފައިސާއިން އަޅައިކެނޑިދާނެއެވެ.

 

141 ވަނަ މާއްދާ - ދިފާއެއް ހުށަނޭޅުުމުގެ ނަތީޖާ

ދައުވާލިބޭ ފަރާތުން މި ބާބުގައިވާ ގޮތުގެމަތިން ދައުވާގެ ދިފާއު ހުށަހަޅާފައިނުވާނަމަ، އަދި މި ގާނޫނުގެ ދިހަވަނަ ބާބު "ގައިރު ހާޒިރުގައި ކުރާ ހުކުމް" ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާނަމަ، ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް އެދި ދައުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.

 

142 ވަނަ މާއްދާ - ދިފާއު ހުށަހެޅުމުގެ މުއްދަތު

(ހ) އާންމު އުސޫލުން ހާލަތްތަކުގައި، ދިފާއެއް ހުށަހަޅާނީ އަންނަނިވި މުއްދަތުތަކުގައެވެ.

  1. ދައުވާ ފޯމު ލިބޭތާ 14 (ސާދަ) ދުވަސް؛ ނުވަތަ 
  2. ދައުވާލިބޭ ފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައިވާނަމަ، ދައުވާގެ ލިޔުން ދައުވާލިބޭ ފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަސް.

(ށ) ދައުވާ ފޯމު ފޮނުވާފައިވަނީ ދިވެހިރާއްޖެއިން ބޭރަށް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް 14 (ސާދަ) ދުވަސް އިތުރުވާނެއެވެ.

 

143 ވަނަ މާއްދާ - ދިފާއު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވުން

(ހ) މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ދިފާއު ހުށަހެޅުމުގެ މުއްދަތަށް 28 (އަށާވީސް) ދުވަސް އިތުރުކުރުމަށް ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތަށް އެއްބަސްވެވިދާނެއެވެ.

(ށ) ދިފާއު ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުން އެއްބަސްވާނަމަ، ދައުވާލިބޭ ފަރާތުން އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.

 

144 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން ހުށަހަޅާ ދިފާއު ދައުވާކުރާ ފަރާތަށް ރައްދުކުރުން

ދައުވާލިބޭ ފަރާތުން ހުށަހަޅާ ދައުވާގެ ދިފާއުގެ ކޮޕީ، ދައުވާކުރާ ފަރާތަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ.

 

145 ވަނަ މާއްދާ - ރައްދު ދައުވާއެއް ކުރުން

ދައުވާލިބޭ ފަރާތުން ރައްދު ދައުވާއެއް ކުރަން އެދޭނަމަ މި ގާނޫނުގެ ތޭރަވަނަ ބާބު "ރައްދު ދައުވާ އަދި އިތުރު ދައުވާ" ގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން ރައްދު ދައުވާއެއް އުފުލިދާނެއެވެ.

 

146 ވަނަ މާއްދާ - ދިފާއުގެ ރައްދުގައި ޖަވާބުދިނުން

ދައުވާލިބޭ ފަރާތުން ހުށަހަޅާ ދިފާއަށް ދައުވާކުރާ ފަރާތުން ރައްދުގައި ޖަވާބުދޭން އެދޭނަމަ، ދައުވާގެ ދިފާއުގެ ކޮޕީ ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުވާގެ ދިފާއުގެ ރައްދުގައި ދޭ ޖަވާބު ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ކޯޓުން ދައުވާލިބޭ ފަރާތަށް އެ ޖަވާބު ފޮނުވަންވާނެއެވެ.

 

147 ވަނަ މާއްދާ - ދިފާއުގެ ރައްދުގައި ޖަވާބު ހުށަހެޅުމާއި ހުށަނޭޅުުމުގެ ނަތީޖާ

(ހ) ދައުވާލިބޭ ފަރާތުން ހުށަހަޅާ ދިފާއުގެ ރައްދުގައި ދައުވާކުރާ ފަރާތުން ރައްދުގައި ޖަވާބެއް ނުދިނުމަކީ ދައުވާލިބޭ ފަރާތުން ދިފާއުގައި ފާހަގަކޮށްފައިވާ ކަންކަމަށް ދައުވާކުރާ ފަރާތުން އެއްބަސްވުން ކަމުގައެއް ނުބެލެވޭނެއެވެ.

(ށ) ދައުވާކުރާ ފަރާތުން ދިފާއުގެ ރައްދުގައި މި ގާނޫނުގެ 146 ވަނަ މާއްދާގެ ދަށުން ޖަވާބުދިން ނަމަވެސް، ދައުވާލިބޭ ފަރާތުން އޭނާގެ ދިފާއުގައި ބަޔާންކޮށްފައިވާ ކަމަކަށް ޖަވާބުދާރީވެފައިނުވާނަމަ، އެކަމެއް ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭނެއެވެ.

(ނ) ދައުވާލިބޭ ފަރާތުގެ ދިފާއުގެ ރައްދުގައި ދައުވާކުރާ ފަރާތުން ޖަވާބު ދެވޭނީ އެންމެ ފަހަރަކުއެވެ.

(ރ) ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތުގެ ދިފާއަށް ރައްދުދީފިނަމަ، އެއަށް ދައުވާލިބޭ ފަރާތުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންވާނެއެވެ. އެހެންނަމަވެސް، ދައުވާލިބޭ ފަރާތުން ދޭ ޖަވާބާ ގުޅިގެން ދައުވާކުރާ ފަރާތަށް އިތުރު ރައްދެއް ނުދެވޭނެއެވެ.

 

148 ވަނަ މާއްދާ - ރައްދު ބަޔާނަށްފަހު ކޯޓުގެ ހުއްދައާއެކު މެނުވީ އެހެން ބަޔާނެއް ހުށަނޭޅުުން

ދައުވާގެ ދިފާއުގެ ރައްދުގައި ދައުވާކުރާ ފަރާތުން ދޭ ޖަވާބާއި، އެ ޖަވާބަށް ދައުވާލިބޭ ފަރާތުން ހުށަހަޅާ ޖަވާބު ހުށަހެޅުމުން، ކޯޓުގެ ހުއްދައާއެކު މެނުވީ އެއްވެސް ހަސްމަކަށް ދައުވާއާގުޅޭ އެއްވެސް ލިޔުމެއް ހުށައެއްނޭޅޭނެއެވެ.

 

149 ވަނަ މާއްދާ - ފައިސާ ދައްކާ ހަލާސްކޮށްފިކަމުގެ ދިފާއު ހުށަހަޅާ ހާލަތުގައި ދައުވާކުރާ ފަރާތަށް ނޯޓިސްދިނުން

(ހ) ހަރަދާއި އިންޓްރެސްޓް ހޯދުމަށް ކުރާ ދައުވާ ފިޔަވައި، ދައުވާއެއް ކޮށްފައިވަނީ ހަމައެކަނި ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ކަމުގައިވާ ހާލަތުގައި، އަދި ދައުވާލިބޭ ފަރާތުގެ ދިފާއުގައި އެފަރާތުން ދައުވާކުރާ ފަރާތަށް އެ އަދަދަށް ފައިސާ ދައްކާފައިވާކަމަށް ބަޔާންކޮށްފިނަމަ، ކޯޓުން ދައުވާކުރާ ފަރާތަށް ނޯޓިހެއް ފޮނުވައި، ށަރީއަތް ކުރިއަށްގެންދިޔުމަށް ދައުވާކުރާ ފަރާތުން ބޭނުންވާކަން ނުވަތަ ނުވާކަން ލިޔުމުން ކޯޓަށް އެންގުމަށް އެފަރާތަށް އަންގަންވާނެއެވެ.

(ށ) ދައުވާކުރާ ފަރާތުން ޖަވާބުދީފިނަމަ، އެ ޖަވާބުގެ ކޮޕީއެއް ދައުވާލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ދައުވާކުރާ ފަރާތަށް ކޯޓުން އަންގާތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި އެފަރާތުން ކޯޓުގެ އެންގުމާ ގުޅޭ ގޮތުން ވަކި ޖަވާބެއް ދީފައިނުވާނަމަ، ކޯޓުން ދައުވާ ކުރިއަށް ނުގެންގޮސް މަޑުޖައްސާލަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ދައުވާ ކުރިއަށް ނުގެންދަން ކޯޓުން ނިންމި ނަމަވެސް، ކޮންމެ ހަސްމަކަށްވެސް ދައުވާ ކުރިއަށްގެންދިޔުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

 

150 ވަނަ މާއްދާ - ދައުވާއަށް ދިފާއެއް ހުށަހަޅާފައިނުވާނަމަ ނުވަތަ ދައުވާއަށް އެއްބަސްވެފައިނުވާނަމަ ދައުވާ ކުރިއަށް ނުގެންދިޔުން

(ހ) އަންނަނިވި ހާލަތްތަކުގައި ކޯޓުން ދައުވާ ކުރިއަށް ގެންގޮސްގެންނުވާނެއެވެ.

  1. މި ގާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާއު ހުށަހެޅުމުގެ މުއްދަތު ފާއިތުވިތާ 6 (ހައެއް) މަސްދުވަސް ވެފައިވުން؛
  2. ދައުވާލިބޭ އެއްވެސް ފަރާތަކުން ދައުވާއަށް އެއްބަސްވެފައިނުވުން ނުވަތަ ދިފާއެއް ނުވަތަ ރައްދު ދައުވާއެއް ހުށަހަޅާފައިނުވުން؛ އަދި
  3. މި ގާނޫނުގެ ދިހަވަނަ ބާބު "ގައިރު ހާޒިރުގައި ކުރާ ހުކުމް " ނުވަތަ ސާދަވަނަ ބާބު "ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން" ގެ ދަށުން ހުކުމްކޮށްދިނުން އެދި ދައުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިނުވުން.

(ށ) މި މާއްދާގެ ދަށުން ދައުވާ ކުރިއަށް ނުގެންދަން ނިންމާ ހާލަތުގައިވެސް ދައުވާ ކުރިއަށްގެންދިޔުމަށް އެދި ކޮންމެ ހަސްމަކަށްވެސް ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދައުވާ ކުރިއަށްގެންދަން އެއްވެސް ހަސްމަކު އެދޭނަމަ، އެކަމަށް އެދި ކޯޓަށް ހުށަހަޅަންވާނީ، މި ގާނޫނުގެ އެކާވީސްވަނަ ބާބުގެ ދަށުން ހުށަހަޅާ ހުށަހެޅުމަކުންނެވެ. އަދި އެ ހުށަހެޅުމުގައި، ދައުވާއަށް ރައްދުނުދީ ލަސްވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

151 ވަނަ މާއްދާ - ފަނަރަވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ބޭނުންކުރާނަމަ މި ބާބަށް އަމަލުނުކުރުން

މި ގާނޫނުގެ ފަނަރަވަނަ ބާބު "އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ގެ ދަށުން ދައުވާކުރާ ފަރާތުން ދައުވާކުރާނަމަ، މި ބާބުގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެވެ.

 

ތޭރަވަނަ ބާބު

ރައްދު ދައުވާ އަދި އިތުރު ދައުވާ 

 

152 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގާނޫނުގެ ބޭނުމަށްޓަކައި ”ރައްދު ދައުވާ“ ކަމަށް ބުނެފައި އެވަނީ، ދައުވާކުރާ ފަރާތުން ކޮށްފައިވާ ދައުވާގެ ޖަވާބުގައި ދައުވާލިބޭ ފަރާތުން ހުށަހަޅާ، އަދި އެ ދައުވާއާ އެކުގައި ކުރިއަށްގެންދާ ދައުވާއަށެވެ.

(ށ) މި ގާނޫނުގެ ބޭނުމަށްޓަކައި، ”އިތުރު ދައުވާ“ ކަމަށް ބުނެފައި އެވަނީ، ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ ނޫން އެހެން ދައުވާއަށެވެ. އަދި މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތާ މި ދެ ލަފްޒުގެ މާނައިގެ ތެރޭގައި، އިތުރު ދައުވާއެއް ހުށަހަޅާ ފަރާތާއި އެ ދައުވާ ރައްދުވާ ފަރާތްވެސް ހިމެނެއެވެ.

 

153 ވަނަ މާއްދާ - ދައުވާގެ ތެރެއިން ކުރާ އިތުރު ދައުވާގެ މައްޗަށް މި ގާނޫނު ހިނގުން

(ހ) މި ބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުވާއެއްގެ ތެރެއިން ކުރާ އިތުރު ދައުވާއަކީ މި ގާނޫނުގެ މަގްސަދަށްޓަކައި ދައުވާއެއް ކަމުގައި ބެލެވޭނެއެވެ. އަދި އެފަދައިން ހުށަހެޅޭ އިތުރު ދައުވާއަށްވެސް އަމަލުކުރާނީ، ދައުވާއާމެދު އަމަލުކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ދައުވާއެއްގެ ތެރެއިން ކުރާ އިތުރު ދައުވާއަކާ ގުޅިގެން މި ގާނޫނުގެ އަންނަނިވި ބާބުތަކަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.

  1. ފަސްވަނަ ބާބު "ދައުވާކުރުމުގެ މުއްދަތުތައް"؛
  2. ތޭރަވަނަ ބާބު "ރައްދު ދައުވާ އަދި އިތުރު ދައުވާ"؛
  3. ސޯޅަވަނަ ބާބު "މައްސަލަ ށަރީއަތަށް ފޮނުވުމާއި ޓްރެކް ކަނޑައެޅުން".

(ނ) މި ގާނޫނުގެ ތޭރަވަނަ ބާބު "ރައްދު ދައުވާ އަދި އިތުރު ދައުވާ" ގައިވާ ކަންކަން އިތުރު ދައުވާތަކުގެ މައްޗަށް ނުހިނގި ކަމުގައިވީނަމަވެސް، ރައްދު ދައުވާތަކުގެ މައްޗަށް އެ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.

(ރ) މި ގާނޫނުގެ 125 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި މި ގާނޫނުގެ 127 ވަނަ މާއްދާ ހިނގާނީ އިތުރު ދައުވާތަކުގެ މައްޗަށް އެކަންޏެވެ.

 

154 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދައުވާއެއް ކުރުން

(ހ) ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދައުވާއެއް ހުށަހެޅުމަށް އެދޭނަމަ، ކަމާގުޅޭ ފޯމު މެދުވެރިކޮށް ރައްދު ދައުވާއެއް ހުށަހެޅިދާނެއެވެ.

(ށ) ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދައުވާއެއް ކުރުމުގައި، ދައުވާލިބޭ ފަރާތުން ދިފާއު ހުށަހަޅާއިރު، އެއާއެކު ރައްދު ދައުވާ ހުށަހަޅާ ހާލަތުގައި ކޯޓުގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. އެނޫން ހާލަތުގައި، ރައްދު ދައުވާއެއް ހުށަހެޅޭނީ ކޯޓުގެ ހުއްދައާއެކުގައެވެ.

(ނ) ރައްދު ދައުވާއެއް ދިފާއުކުރަން އެދޭ ދައުވާކުރާ ފަރާތަކުން މި ގާނޫނުގެ 106 ވަނަ މާއްދާގައި ބަޔާންކުރާ ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

155 ވަނަ މާއްދާ - ދައުވާކުރާ ފަރާތް ނޫން އެހެން ފަރާތެއްގެ މައްޗަށް ރައްދު ދައުވާއެއްކުރުން

(ހ) ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތް ނޫން އެހެން ފަރާތެއްގެ މައްޗަށް ރައްދު ދައުވާއެއް ކުރަންއެދޭނަމަ، ދައުވާގެ އިތުރު ހަސްމެއްގެ ގޮތުގައި އެފަރާތް އިތުރުކުރުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ހަސްމަކު އިތުރުކުރުމަށް އެދި ނޯޓިސް ދިނުމަކާ ނުލައި ދައުވާލިބޭ ފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން މައްސަލައިގެ ތެރެއަށް ހަސްމަކު އިތުރުކުރުމަށް ކަނޑައަޅައިފިނަމަ އެ މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު ކޯޓުން ދޭންވާނެއެވެ.

 

156 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން އެހެން ފަރާތެއްގެ މައްޗަށް ކުރާ އިތުރު ދައުވާ

(ހ) ދައުވާލިބޭ ފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ނުވަތަ ދިފާއެއް ހުށަހަޅާފައިވާނަމަ، ދައުވާކުރާ ފަރާތް ފިޔަވައި، ދައުވާގައި ހިމެނޭ އެހެން ހަސްމެއްގެ ފަރާތުން ދައުވާލިބޭ ފަރާތަށް ލިބިފައިވާ ގެއްލުމަކަށް އޭނާ ޒިންމާ އުފުލަން އެއްބަސްވެފައިވާނަމަ، އެފަދައިން އެއްބަސްވެފައިވާ މިންވަރު ހޯދުމަށްޓަކައި، އެ ހަސްމެއްގެ މައްޗަށް އިތުރު ދައުވާއެއް ހުށަހެޅުމަށް އެދި އިތުރު ދައުވާގެ ބާވަތާއި، ދައުވާކުރާ ސަބަބުތައް ބަޔާންކުރާ ލިޔުމަކާއެކު، ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުން ކޯޓަށް ލިބުމާއެކު ކޯޓުން އެކަން އެ ހަސްމަށް އަންގައި ނޯޓިސް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އިތުރު ދައުވާ ހުށަހެޅޭނީ ދައުވާލިބޭ ފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ނުވަތަ ދިފާއެއް ހުށަހަޅާފައިވާނަމައެވެ.

(ރ) ކޯޓުގެ ހުއްދައާ ނުލައި، ދައުވާލިބޭ ފަރާތުގެ ދިފާއާ އެކުގައި އިތުރު ދައުވާއެއް ހުށަހަޅާނަމަ، ނުވަތަ ދައުވާއަށް އެ ހަސްމު އިތުރުކުރެވިފައިވަނީ ދައުވާގެ ދިފާއު ހުށަހަޅާތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި ކަމުގައިވާނަމަ، އެ ހަސްމެއްގެ މައްޗަށް ދައުވާލިބޭ ފަރާތަށް މި މާއްދާގެ (ހ) ގެ ދަށުން އިތުރު ދައުވާއެއް ހުށަހެޅިދާނެއެވެ. އެނޫން ހާލަތެއްގައި އިތުރު ދައުވާއެއް ހުށަހެޅޭނީ ކޯޓުގެ ހުއްދައާ އެކުގައެވެ.

 

157 ވަނަ މާއްދާ - އިތުރު ދައުވާ ހުށަހެޅުމުގެ އިޖުރާއަތު

(ހ) މި ގާނޫނުގެ 154، 155 އަދި 156 ވަނަ މާއްދާގައި ބަޔާންކުރާ ދައުވާތަކުގެ އިތުރުން، ދައުވާލިބޭ ފަރާތުން އިތުރު ދައުވާއެއް ހުށަހަޅަން އެދޭނަމަ، އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް އެ ދައުވާއެއް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިތުރު ދައުވާ ހުށަހަޅަނީ ދައުވާލިބޭ ފަރާތުން ދިފާއު ހުށަހެޅުމުގެ ކުރިން ނުވަތަ ދިފާއު ހުށަހަޅާ ވަގުތުގައި ކަމަށްވާނަމަ، ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި އެ ދައުވާ ހުށަހެޅިދާނެއެވެ. އެނޫން ހުރިހާ ހާލަތެއްގައި، ކޯޓުގެ ހުއްދަ ހޯދުން ލާޒިމުވާނެއެވެ.

(ނ) މި މާއްދާގެ ދަށުން އިތުރު ދައުވާއެއް ހުށަހަޅާއިރު، އެ އިތުރު ދައުވާއާއެކު އެ ދައުވާގެ ތަފްސީލުތައް ހިމަނަންވާނެއެވެ.

(ރ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، އިތުރު ދައުވާއެއް ހުށަހެޅުމަށް ކޯޓުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، އެކަމުގެ ނޯޓިސް މައްސަލައިގެ އެހެން ހަސްމުންނަށް ދިނުމަކީ ލާޒިމު ކަމެއްނޫނެވެ.

 

158 ވަނަ މާއްދާ - އިތުރު ދައުވާގެ ފޯމު ރައްދުކުރުން

(ހ) ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި، އިތުރު ދައުވާއެއް ހުށަހަޅާ ހާލަތުގައި، އެ ހުށަހަޅާ ދައުވާއަކީ މައްސަލައިގައި ހިމެނޭ ހަސްމެއްގެ މައްޗަށް ހުށަހަޅާ ރައްދު ދައުވާއެއް ކަމުގައިވާނަމަ، ދައުވާލިބޭ ފަރާތުން ދައުވާގެ ދިފާއު ހުށަހަޅާއިރު އެ ރައްދު ދައުވާ ފޯމުވެސް ހުށަހަޅަންވާނެއެވެ.

(ށ) ހަސްމެއް ފިޔަވައި އެނޫން ފަރާތެއްގެ މައްޗަށް އިތުރު ދައުވާއެއް ހުށަހަޅާނަމަ، އެ ދައުވާއެއް ހުށަހަޅާނީ ކަމާބެހޭ ފޯމު މެދުވެރިކޮށެވެ.

(ނ) އިތުރު ދައުވާއެއް ކޯޓަށް ހުށަހެޅޭ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އިތުރު ދައުވާ، ދައުވާ ރައްދުވާ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

(ރ) މި ގާނޫނުގެ 156 ވަނަ މާއްދާގެ ދަށުން ދައުވާކުރާ މައްސަލަތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.

 

159 ވަނަ މާއްދާ - އަސްލު ދައުވާއާ ވަކިން އިތުރު ދައުވާއެއް ކުރުމަށް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

އިތުރު ދައުވާއެއް ކުރުމަށް ހުއްދަ ދިނުމުގައާއި އެ ހުއްދަ ނުދިނުމުގައާއި، ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތުގެ މައްޗަށް ކުރާ ދައުވާއަކީ އަސްލު ދައުވާއާ ވަކިން ކުރިއަށްގެންދަންޖެހޭ ދައުވާއެއްތޯ ކަނޑައެޅުމުގައި، ކޯޓުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

(ހ) ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތުގެ މައްޗަށް ކުރާ އަސްލު ދައުވާއާއި އިތުރު ދައުވާއާ ދެމެދު ހުރި ގުޅުން؛

(ށ) އިތުރު ދައުވާގައި ދައުވާލިބޭ ފަރާތުގެ ކިބައިން އެދޭ ފަރުވާއަކީ އެހެން ހަސްމެއްވެސް އެފަރާތުގެ ކިބައިން އެދޭ ފަރުވާއެއްތޯ؛

(ނ) އިތުރު ދައުވާގެ ދަށުން ކޯޓުން ނިންމުންތަކެއް ނިންމަންޖެހޭ ސުވާލުތަކަކީ އަސްލު މައްސަލައިގެ މައުޒޫއާ ގުޅުންހުރި ކަމެއްތޯ.

 

160 ވަނަ މާއްދާ - އިތުރު ދައުވާއެއް ފޮނުވުމުގެ ނަތީޖާ

(ހ) ދައުވާގެ ހަސްމެއްގެ ގޮތުގައި ހިމެނިފައިނުވާ ފަރާތަކާ ދެކޮޅަށް އިތުރު ދައުވާއެއް ކުރާ ހާލަތުގައި އެފަރާތަށް ކޯޓުން އެ ދައުވާ ފޮނުވައިފިނަމަ، އެފަރާތަކީ ދައުވާގެ ހަސްމެއް ކަމުގައި ކަނޑައެޅިގެންދާނެއެވެ.

(ށ) ދައުވާގެ ހަސްމެއްގެ ގޮތުގައި ހިމެނޭ ފަރާތެއްގެ މައްޗަށް އެހެން ހައިސިއްޔަތަކުން ދައުވާއެއް ކުރުމަށް އެފަރާތަށް ދައުވާ ފޮނުވައިފިނަމަ، ދައުވާގެ ތެރެއިން އެ ހަސްމުގެ އެ ހައިސިއްޔަތު އިތުރުވެގެންދާނެއެވެ.

 

161 ވަނަ މާއްދާ - ރައްދު ދައުވާއާއި އިތުރު ދައުވާއާ ގުޅިގެން ގައިރު ހާޒިރުގައި ކުރާ ހުކުމްތައް

(ހ) ހުށަހެޅިފައިވާ އިތުރު ދައުވާއަކީ، ރައްދު ދައުވާއެއް ކަމަށްނުވާ ހާލަތުގައި، އަދި މި ގާނޫނުގެ 156 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ދައުވާއެއް ކަމުގައިނުވާ ހާލަތުގައި، އެ ދައުވާ ރައްދުވާ ފަރާތުން އެ އިތުރު ދައުވާގެ ދިފާއެއް ހުށަހަޅާފައިނުވާނަމަ ނުވަތަ ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅާފައިނުވާނަމަ ބެލެވޭނީ އެފަރާތަކީ އެ އިތުރު ދައުވާ ގަބޫލުކޮށްފައިވާ ފަރާތެއް ކަމުގައެވެ. އަދި އެ ދައުވާއާ ގުޅިގެން ކުރެވޭ ހުކުމެއްގައި ކަނޑައެޅޭ ކަންތައްތަކަށް އަމަލުކުރުން އެފަރާތުގެ މައްޗަށް ލާޒިމުވާނެ ފަރާތެއްގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެނޫން ހާލަތެއްގައި، މި ގާނޫނުގެ ދިހަވަނަ ބާބުގެ ދަށުން ގައިރު ހާޒިރުގައި ހުކުމެއް ކޮށްފައިވަނީ އިތުރު ދައުވާއެއް ކުރި ފަރާތާ ދެކޮޅަށް ކަމުގައިވާނަމަ، އެ އިތުރު ދައުވާއާ ގުޅިގެން ހުކުމެއް ކޮށްދިނުމަށް އެދި އެފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ށ) ގެ ދަށުން އިތުރު ދައުވާއެއް ކުރާ ފަރާތަށް ހުކުމްކޮށްދިނުމަށް އެދެވޭނީ ކޯޓުގެ ހުއްދައާ އެކުގައެވެ.

  1. ދައުވާކުރާ ފަރާތާ ދެކޮޅަށް ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމުގައިވާ އިލްތިޒާމުތައް އެފަރާތުން އަދާކޮށްފައިނުވުން؛
  2. މި ގާނޫނުގެ 156 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާ ނޫން އެހެން ފަރުވާއެއް ހޯދުމަށް އެދިފައިވުން.

(ރ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ނޯޓިހެއް ހުށަހެޅުމަކާ ނުލައި މި މާއްދާގެ (ނ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެވިދާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޮށްފައިވާ ހުކުމެއް ކޯޓަށް ކޮންމެ ވަގުތެއްގައިވެސް ބާތިލު ނުވަތަ ބަދަލުކުރެވިދާނެއެވެ.

 

162 ވަނަ މާއްދާ - ދައުވާގެ ހަސްމަކަށް ނުވާ ފަރާތަކަށް އިތުރު ދައުވާއެއްގެ ދައުވާ ފޯމު ފޮނުވުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު

(ހ) ދައުވާގެ ހަސްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތަކަށް އިތުރު ދައުވާއެއްގެ ދައުވާ ފޯމު ފޮނުވަންވާނީ އަންނަނިވި ލިޔުންތަކާ އެކީގައެވެ.

  1. ދައުވާގެ ދިފާއުގެ ފޯމު؛
  2. ދައުވާއަށް އެއްބަސްވާކަން ބަޔާންކުރާ ފޯމު؛ 
  3. ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން؛ 
  4. މައްސަލައިގައި އެހާތަނަށް ހުށަހެޅިފައިވާ ބަޔާންތައް؛ 
  5. ކޯޓުން އަންގާ އެނޫންވެސް ލިޔުމެއް.

(ށ) ދައުވާގެ ހަސްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތަކަށް މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ދައުވާ ފޯމުގެ ކޮޕީ، ދައުވާގެ އެހެން ހަސްމުންނަށް ކޯޓުން ފޮނުވަންވާނެއެވެ.

 

163 ވަނަ މާއްދާ - އިތުރު ދައުވާއަކާ ގުޅިގެން ދިފާއު ހުށަހަޅާފައިވާ މައްސަލަތަކުގައި މައްސަލަ ހިނގާނެ ގޮތް

(ހ) އިތުރު ދައުވާއަކާ ގުޅިގެން ދިފާއެއް ހުށަހަޅާފައިވާނަމަ، އެ މައްސަލައިގެ ށަރީއަތުގެ މަރުހަލާތައް ހިންގާނެ ގޮތުގެ އިރުށާދު ކޯޓުން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިރުށާދު ދިނުމުގައި، ވީވަރަކުން އަސްލު ދައުވާއާއި އިތުރު ދައުވާތައް އެކުގައި ހިންގޭނެ ގޮތެއް ކޯޓުން ކަށަވަރުކުރަންވާނެއެވެ.

 

ސާދަވަނަ ބާބު

ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން

 

164 ވަނަ މާއްދާ - ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމޭނެ ހާލަތްތައް

(ހ) އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކާ ގުޅިގެން ނުވަތަ ދައުވާގައި ހިމެނޭ ވަކި ބަޔަކާ ގުޅިގެން ށަރީއަތް ހިންގުމަކާ ނުލައި، ދައުވާކުރާ ފަރާތާ ދެކޮޅަށް ނުވަތަ ދައުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމައި، އެ ދައުވާ ނުވަތަ ދައުވާގެ ބަޔަކާމެދު ކޯޓަށް ގޮތެއް ކަނޑައެޅިދާނެއެވެ.

  1. ދައުވާ ނުވަތަ މައްސަލަ، ދައުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ނިމުމުގެ ފުރުސަތެއް ނެތްކަމުގައި ކޯޓަށް ގަބޫލުކުރެވުން؛ ނުވަތަ
  2. ދައުވާ ނުވަތަ މައްސަލައިން ދައުވާލިބޭ ފަރާތަށް ދިފާއުވެވިދާނެކަމުގެ ފުރުސަތެއް ނެތްކަމުގައި ކޯޓަށް ގަބޫލުކުރެވުން؛ އަދި
  3. ށަރީއަތް ހިންގައިގެން ދައުވާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ މަގުބޫލު ސަބަބެއް ނެތްކަމުގައި ކޯޓަށް ގަބޫލުކުރެވުން.

(ށ) ކޯޓުން ބަލަމުންދާ ކޮންމެ ބާވަތެއްގެ މައްސަލައެއްގައިވެސް، މި ބާބުގައިވާ ގޮތުގެމަތިން ށަރީއަތް ހިންގުމަކާ ނުލައި، ދައުވާކުރާ ފަރާތާ ނުވަތަ ދައުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމިދާނެއެވެ.

 

165 ވަނަ މާއްދާ - ށަރިއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމުގެ އިޖުރާއަތު

(ހ) ދައުވާލިބޭ ފަރާތުން ދައުވާގެ ދިފާއު ހުށަހެޅުމުގެ ކުރިން ނުވަތަ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހެޅުމުގެ ކުރިން، ދައުވާކުރާ ފަރާތުން ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދި ހުށައެއްނޭޅޭނެއެވެ.

(ށ) ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތަކުގައި، ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދި ހުށަހެޅޭނީ ދިފާއު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހުގައެވެ.

(ނ) ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމުގެ އަޑުއެހުން ތާވަލުކުރެވުމުން، ދައުވާލިބޭ ފަރާތަށް ނުވަތަ ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން އަޑުއެހުން ތާވަލުކުރާނަމަ ހަސްމުންނަށް އަޑުއެހުން އޮންނަ ތާރީހާއި އެ އަޑުއެހުމުގައި ކޯޓުން ނިންމުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ނޯޓިސް، އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވާ ދުވަހުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން ދޭންވާނެއެވެ.

 

166 ވަނަ މާއްދާ - ހެކި ހުށަހެޅުން

(ހ) ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދުނު ފަރާތް ފިޔަވައި އެ މައްސަލައަށް ޖަވާބުދާރީވާންޖެހޭ އަނެއް ފަރާތް ނުވަތަ ފަރާތްތަކުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހެކީގެ ރައްދުގައި ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދުނު ފަރާތުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށްޓަކައި އަޑުއެހުން ތާވަލުކޮށްފައިވަނީ ކޯޓުގެ އަމިއްލަ އިސްނެގުމުގައި ކަމަށްވާނަމަ، ކިތާބީ ހެކި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަޑުއެހުން ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅައި، އެގޮތުން ހުށަހަޅާ ހެކީގެ ރައްދުގައި އެއްވެސް ފަރާތަކުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ރ) ދައުވާއާ ގުޅިގެން ކުރިން ކޯޓަށް ހުށަހަޅާފައިވާ ހެކި މި މާއްދާގެ (ނ) ގެ ދަށުން އަލުން ކޯޓަށް ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

167 ވަނަ މާއްދާ - ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމުގައި ކޯޓަށް ލިބިގެންވާ ބާރު

ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުގައި، ދިފާއު ހުށަހަޅާނެ ގޮތުގެ ނުވަތަ މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުށާދުތައް ކޯޓުން ދޭންވާނެއެވެ.

 

ފަނަރަވަނަ ބާބު

އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު

 

168 ވަނަ މާއްދާ - މި ބާބުގެ ދަށުން ހުށަހެޅޭ ދައުވާތައް

(ހ މަދަނީ މައްސަލަތަކުގެ ތެރެއިން، އެ މައްސަލައެއްގެ ވާގިއާތަކާމެދު ނުވަތަ ގާނޫނީ ނުކުތާތަކާމެދު އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކަށް މި ބާބުގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުގެ ދަށުން އަވަސް ހައްލެއް ހޯދުމަށްޓަކައި، މި ބާބުގައިވާ ގޮތުގެމަތިން ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި ބާބުގެ ދަށުން އާންމު ގޮތެއްގައި ހުށަހަޅާނީ، ހަސްމުންގެ ދެމެދުގައި އިހްތިލާފެއް އުފެދިފައިނުވާ، އެހެންނަމަވެސް ށަރުއީ ކޯޓެއްގެ ނިންމުމެއް ކަނޑައެޅިފައި އޮންނަންޖެހޭ ފަދަ މައްސަލަތަކެވެ.

 

169 ވަނަ މާއްދާ - ހާއްސަ ދައުވާ ފޯމަކުން މައްސަލަ ހުށަހެޅުން

(ހ) ދައުވާކުރާ ފަރާތުން ދައުވާއެއް ހުށަހަޅަނީ، މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން ކަމުގައިވާނަމަ، އެ ދައުވާއެއް ހުށަހަޅަންވާނީ، އެކަމަށްޓަކައި ކޯޓުން ކަނޑައަޅާ ފޯމެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދައުވާ ފޯމަކީ، މި ބާބުގެ ދަށުން ހުށަހެޅޭ ދައުވާތައް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ފޯމެއް ކަމުގައިވާންވާނެއެވެ. އަދި އެ ފޯމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ދައުވާކުރާ ފަރާތުން ކޯޓުން އެކަމާމެދު ގޮތެއް ނިންމަން ބޭނުންވާ ސުވާލު؛ ނުވަތަ 
  2. ދައުވާކުރާ ފަރާތުން ހޯދުމަށް އެދޭ ފަރުވާއާއި، އެ ފަރުވާ ހޯދުމަށް ކޮށްފައިވާ ދައުވާ ބިނާވެފައިވާ ސަބަބުތައް؛
  3. ދައުވާކުރަނީ ވަކި ގާނޫނެއްގެ ދަށުން ކަމުގައިވާނަމަ، އެ ގާނޫނެއް؛
  4. ދައުވާލިބޭ ފަރާތުގެ މައްޗަށް ދައުވާކުރަނީ އެހެން ފަރާތެއް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން ކަމުގައިވާނަމަ، އެފަރާތުގެ ހައިސިއްޔަތު.

 

170 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން ރައްދުދިނުން

މި ބާބުގެ ދަށުން ކުރާ ދައުވާއެއްގައި ދައުވާގެ ދިފާއެއް ނުވަތަ ރައްދެއް ހުށައެއް ނާޅާނެއެވެ. އޭގެ ބަދަލުގައި، ދައުވާލިބޭ ފަރާތަށް ދައުވާގެ ލިޔުންތައް ލިބުމުން، 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން އެފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ. އެ ލިޔުމުގައި، ދައުވާލިބޭ ފަރާތުން ދައުވާއަށް އިންކާރުކުރާނަމަ އެކަމާއި، ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ފަރުވާ ނޫން އެހެން ފަރުވާއެއް ހޯދުމަށް އެދ ނަމަ އެކަމާއި، އެ ފަރުވާއަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ.

 

171 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުން ރައްދުނުދިނުމުގެ ނަތީޖާ

މި ގާނޫނުގެ 170 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ދައުވާލިބޭ ފަރާތުން ދައުވާއަށް ރައްދުދީފައި ނުވިނަމަވެސް ދައުވާލިބޭ ފަރާތަށް މައްސަލައިގެ ށަރީއަތުގެ މަޖިލީހަށް ހާޒިރުވެވިދާނެއެވެ. އެހެންނަމަވެސް، ކޯޓުގެ ހުއްދައާއެކު މެނުވީ އެ މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތަކުގައި ދައުވާލިބޭ ފަރާތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.

 

172 ވަނަ މާއްދާ - ހާއްސަ އިޖުރާއަތުގެ ދަށުން މައްސަލަ ބެލުމަށް ދައުވާލިބޭ ފަރާތުން އިއުތިރާޒުކުރުން

(ހ) މައުޒޫއީގޮތުން ދެފަރާތުން ދެބަސްވާ ކަންތައްތަކެއް ހިމެނޭ ދައުވާއަކަށްވުމުގެ ސަބަބުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރުމަށް ހުރަސްއެޅުމުގެ ސަބަބުން މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރުމަށް ދައުވާލިބޭ ފަރާތުން އިއުތިރާޒުކުރާނަމަ، އެފަރާތުން އެފަދައިން އިއުތިރާޒުކުރާ ސަބަބުތައް، މި ގާނޫނުގެ 170 ވަނަ މާއްދާގެ ދަށުން ދައުވާއަށް ރައްދުދޭއިރު ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާލިބޭ ފަރާތުން އިއުތިރާޒުކޮށްފިނަމަ، އެކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

173 ވަނަ މާއްދާ - އާންމު އުސޫލުތައް ނުހިނގުން

މި ބާބުގެ ދަށުން ދައުވާކުރާ ހާލަތުގައި، އާންމު ދައުވާތަކާ ބެހޭ ގޮތުން މި ގާނޫނުގައި ބަޔާންކުރާ އެންމެހައި އުސޫލުތަކެއް ނުހިނގާނެއެވެ. އެގޮތުން، މި ގާނޫނުގެ އަންނަނިވި ބާބުތަކެއް، މި ބާބުގެ ދަށުން ކުރާ ދައުވާތަކުގެ މައްޗަކަށް ނުހިނގާނެއެވެ.

(ހ) ދިހަވަނަ ބާބު "ގައިރު ހާޒިރުގައި ކުރާ ހުކުމް"؛

(ށ) އެގާރަވަނަ ބާބު "ދައުވާއަށް އެއްބަސްވުން"؛

(ނ) ބާރަވަނަ ބާބު "ދައުވާގެ ދިފާއާއި ޖަވާބު"؛

(ރ) އަށާވީސްވަނަ ބާބު "ހެކި ހާމަކުރުން".

 

174 ވަނަ މާއްދާ - ކިތާބީ އަދި ށަފަހީ ހެކި ހުށަހެޅުން

(ހ) ދައުވާކުރާ ފަރާތުން މި ބާބުގެ ދަށުން ދައުވާ ހުށަހަޅާއިރު ދައުވާއާގުޅޭ ކިތާބީ ހެކިވެސް ހުށަހަޅަންވާނެއެވެ. އަދި އެފަރާތުން އެއްވެސް ށަފަހީ ހެއްކެއް ހުށަހަޅަން ބޭނުންނަމަ، އެކަންވެސް ބަޔާންކުރަންވާނެއެވެ.

(ށ) ދައުވާކުރާ ފަރާތުން ހުށަހަޅާ ހެކި، ދައުވާ ފޯމާއެކު ދައުވާލިބޭ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) ދައުވާލިބޭ ފަރާތުން ކިތާބީ ހެކި ހުށަހަޅަން އެދޭނަމަ، އެފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހަޅާއިރު، ކިތާބީ ހެކިވެސް ހުށަހަޅަންވާނެއެވެ. އަދި ދައުވާލިބޭ ފަރާތުން އެއްވެސް ށަފަހީ ހެއްކެއް ހުށަހަޅަން ބޭނުންވާނަމަ، ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހަޅާއިރު، އެކަންވެސް ބަޔާންކުރަންވާނެއެވެ.

(ރ) ދައުވާލިބޭ ފަރާތުން މި މާއްދާގެ (ނ) އާ އެއްގޮތަށް އަމަލުކުރާނަމަ، އެފަރާތުން ހުށަހަޅާ ހެކީގެ ކޮޕީ ދައުވާކުރާ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

(ބ) ދައުވާލިބޭ ފަރާތުން ހުށަހަޅަން ގަސްދުކުރާ ހެކީގެ ކޮޕީ މި މާއްދާގެ (ރ) ގެ ދަށުން ފޯރުކޮށްދޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުވާކުރާ ފަރާތަށް އިތުރު ހެކި ހުށަހެޅިދާނެއެވެ. އެފަދައިންއަމަލުކުރާނަމަ، އެ މުއްދަތުގައި އެފަދައިން ހުށަހަޅާ އިތުރު ހެކީގެ ކޮޕީ، ދައުވާލިބޭ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހެކި ހުށަހެޅުމަށްފަހު، އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

(ކ) މި މާއްދާގެ ދަށުން ފޯރުކޮށްދީފައިނުވާ އެއްވެސް ހެއްކަކަށް ށަރީއަތުގައި ރިއާޔަތް ކޮށްގެންނުވާނެއެވެ.

 

175 ވަނަ މާއްދާ - މައްސަލައާމެދު ގޮތެއް ކަނޑައެޅުން

(ހ) ދައުވާގެ ލިޔުންތަކާއި ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުމާއި، ދައުވާއާއެކު ހުށަހަޅާ ހެކީގެ ލިސްޓު މައްސަލައިގެ ހަސްމުންނަށް ލިބުމުން، މައްސަލަ ކުރިއަށްގެންދާނެގޮތާ ގުޅޭ ގޮތުން ހަސްމުންނަށް ކޯޓުން އިރުށާދު ދޭންވާނެއެވެ. އަދި މައްސަލައާމެދު ވީ އެންމެ އަވަހަކަށް ގޮތެއް ކަނޑައަޅަންވާނެއެވެ.

(ށ) ހަސްމުން އެފަދައިން އެދޭނަމަ ނުވަތަ އިއުތިރާޒުނުކުރާނަމަ، ށަރީއަތް އިތުރަށް ކުރިއަށް ނުގެންގޮސް، ހުށަހެޅިފައިވާ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމައި، މައްސަލައިގެ ހުކުމް ކުރަންވާނެއެވެ.

(ނ) ކޯޓަށް ދައުވާއެއް ހުށަހެޅެނީ މި ބާބުގެ ދަށުން ކަމުގައިވީނަމަވެސް، މި ބާބުގެ ދަށުން ހުށަހެޅޭ ދައުވާއަކީ މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން ހިންގޭނެ ދައުވާއެއް ނޫންކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެ ދައުވާ ހުށަހަޅަންވާނީ މި ގާނޫނުގެ ހަތްވަނަ ބާބު "ދައުވާކުރުން" ގެ ދަށުން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި އެފަދައިން ކަނޑައަޅައިފިނަމަ، އެކަން ހަސްމުންނަށް އަންގަންވާނެއެވެ.

 

ތިންވަނަ ބައި

 

ށަރީއަތުގެ މަރުހަލާ

ސޯޅަވަނަ ބާބު

 

މައްސަލަ ށަރީއަތަށް ފޮނުވުމާއި ޓްރެކް ކަނޑައެޅުން

 

176 ވަނަ މާއްދާ - ދައުވާގެ ދިފާއު ހުށަހަޅާ މައްސަލަތައް ށަރީއަތަށް ފޮނުވުން

ކޯޓެއްގައި އުފުލޭ މަދަނީ ދައުވާތަކުގެ ތެރެއިން، ދައުވާލިބޭ ފަރާތުން ދިފާއު ހުށަހަޅާފައިވާ މައްސަލަތަކުގެ ށަރީއަތް ހިންގުމަށްޓަކައި، ކޯޓުން އެ މައްސަލަ ށަރީއަތަށް ފޮނުވަންވާނެއެވެ.

 

177 ވަނަ މާއްދާ - ށަރީއަތަށް ފޮނުވ މައްސަލަތައް ބެހިގެންވާ ބައިތައް

(ހ) މި ގާނޫނުގެ 176 ވަނަ މާއްދާގެ ދަށުން ށަރީއަތަށް ފޮނުވާ މައްސަލަތަކުގެ ށަރީއަތް ހިންގޭނީ، އަންނަނިވި ތިން ޓްރެކުންކުރެ ޓްރެކަކުންނެވެ.

  1. ކުދި މައްސަލަތަކުގެ ޓްރެކް؛ 
  2. އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް؛ 
  3. ބޮޑެތި މައްސަލަތަކުގެ ޓްރެކް.

(ށ) ށަރީއަތަށް ފޮނުވ މައްސަލައެއްގެ ށަރީއަތް ހިންގާނެ ޓްރެކް ކަނޑައަޅާނީ، މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ކޯޓުންނެވެ.

 

178 ވަނަ މާއްދާ - މައްސަލަތަކުގެ ޓްރެކް

(ހ) ކުދި މައްސަލަތަކުގެ ޓްރެކުން އާންމު ގޮތެއްގައި ބަލާނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ މައްސަލަތަކެވެ.

  1. ދައުވާގައި ހޯދުމަށް އެދޭ ފައިސާގެ އަދަދު 300،000 (ތިންލައްކަ) ރުފިޔާއަށްވުރެ މަދު؛ އަދި
  2. އެ މައްސަލައެއްގައި ށަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ބޮޑެތި ގާނޫނީ ނުކުތާތަކެއް އެކުލެވިގެންނުވާ؛ އަދި 
  3. އެ މައްސަލައެއްގައި ވަގުތީ ފަރުވާއަކަށް އެދިފައިނުވާ މައްސަލަތައް.

(ށ) ކުދި މައްސަލަތަކުގެ ޓްރެކުން އާންމު ގޮތެއްގައި ބަލާނީ އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.

  1. ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން ފައިސާ ހޯދުމަށް ކުރެވޭ ދައުވާތައް؛
  2. މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުން ހުށަހަޅާ، މުދާ ނުވަތަ ހިދުމަތުގެ ފެންވަރާއި، އެނޫންވެސް މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް؛
  3. އެކްސިޑެންޓްތަކާގުޅޭ ދައުވާތައް (ހަށިގަނޑަށް ލިބޭ އަނިޔާއާގުޅޭ ދައުވާތައް ނުހިމެނޭ ގޮތުން)؛
  4. މުދަލުގެ މިލްކުވެރިކަމާގުޅޭ މައްސަލަތައް (ނުއުފުލޭ މުދަލުގެ މިލްކުވެރިކަމާގުޅޭ މައްސަލަތައް ނުހިމެނޭ ގޮތުން)؛
  5. ކުއްޔަށްދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި، ޑިޕޮޒިޓާއި، މަރާމާތާގުޅޭ މައްސަލަތައް (ދިރިއުޅުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން މަރާމާތުނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާ ނުހިމެނޭ ގޮތުން).

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަތަކުގެ ތެރެއިންވެސް ދިރިއުޅުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން މީހުން ނުކުތުމަށް އަންގާ އެންގުންތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާއި، ހަށިގަނޑަށް ލިބޭ އަނިޔާގެ ދައުވާތައް، ކުދި މައްސަލަތަކުގެ ޓްރެކުން ބަލައިގެންނުވާނެއެވެ.

(ރ) ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލައެއްގައި ހިމެނޭ ފައިސާގެ އަދަދަކީ، މި މާއްދާގައި ކަނޑައަޅާފައިވާ ފައިސާގެ އަދަދަށްވުރެ އިތުރު އަދަދެއް ކަމުގައިވީނަމަވެސް، ށަރީއަތުގެ ހަރަދު ނަގައިދިނުމުގައި އަމަލުކުރާނީ މި ގާނޫނުގެ 279 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

179 ވަނަ މާއްދާ - އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް

(ހ) އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބަލާނީ، އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.

  1. ދައުވާގައި ހޯދުމަށް އެދޭ ފައިސާގެ އަދަދު 300،000 ތިންލައްކަ (ރުފިޔާއާއި) 1،000،000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދެއް ކަމުގައިވާ؛ ނުވަތަ
  2. މައްސަލައިގެ އަޑުއެހުން 1 (އެކެއް) ދުވަހަށްވުރެ އިތުރުނުވާނެކަމަށް ކޯޓަށް ފެންނަ؛ ނުވަތަ
  3. ށަރީއަތަށް ހުށަހެޅޭ ށަފަހީ ހެއްކަކީ، ހާއްސަ ދެ ދާއިރާއަކާ ގުޅޭ ގޮތުން ހުށަހެޅޭ ހެއްކަށްވެފައި، އެއިން ކޮންމެ ދާއިރާއަކުން ކޮންމެ ހަސްމަކު ހުށަހަޅަނީ އެންމެ ހަބީރަކު ކަމުގައިވާ މައްސަލަތައް.

(ށ) އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކަކީ، މައްސަލައިގެ ށަރީއަތުގެ އެންމެހައި މަރުހަލާތަކަށް ވަގުތު ކަނޑައެޅިފައިވާ، މައްސަލައިގެ އެހެން އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ބާއްވާ ށަރީއަތުގެ އަޑުއެހުން އެންމެ ދުވަހަކުން ނިންމޭނެ ބާވަތުގެ މައްސަލަތައް ހުށަހެޅޭ ޓްރެކެވެ.

 

180 ވަނަ މާއްދާ - ބޮޑެތި މައްސަލަތަކުގެ ޓްރެކް

(ހ) ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާނީ، އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.

  1. ދައުވާގައި ހޯދުމަށް އެދޭ ފައިސާގެ އަދަދު 1،000،000 (އެއްމިލިއަން) ރުފިޔާއަށްވުރެ ބޮޑު؛ އަދި
  2. ބޮޑެތި ގާނޫނީ ނުކުތާތައް އަދި/ނުވަތަ ވާގިއާތައް އެކުލެވޭ މައްސަލަތައް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ދައުވާގައި ހޯދުމަށް އެދޭ ފައިސާގެ އަދަދަކީ، 1،000،000 (އެއްމިލިއަން) ރުފިޔާއަށްވުރެ ކުޑަ އަދަދެއް ކަމުގައިވީނަމަވެސް، އެ މައްސަލައަކީ، އެ މައްސަލައިގައި ހިމެނޭ އެހެން ކަންކަމުގެ ސަބަބުން ކުދި މައްސަލަތަކުގެ ޓްރެކުން ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ނުހިންގޭނެ މައްސަލަތަކެއް ކަމުގައިވާނަމަ، އެ މައްސަލައެއް ބަލާނީ ބޮޑެތި މައްސަލަތަކުގެ ޓްރެކުންނެވެ.

(ނ) ބޮޑެތި މައްސަލަތަކުގެ ޓްރެކަކީ، މައްސަލައިގެ ށަރީއަތުގެ މަރުހަލާތަކަށް ވަގުތު ކަނޑައެޅިފައިނުވާ، ށަރީއަތުގެ އެއް އަޑުއެހުމަށްވުރެ ގިނަ އަޑުއެހުން ބާއްވައިގެން، މައްސަލަތައް ކުރިއަށްގެންދެވޭ ޓްރެކެކެވެ.

 

181 ވަނަ މާއްދާ - ޓްރެކް ކަނޑައެޅުމުގައި އަމަލުކުރާ އާންމު އުސޫލު

ށަރީއަތަށް ފޮނުވ މައްސަލައެއްގެ ށަރީއަތް ހިންގާނެ ޓްރެކް ކޯޓުން ކަނޑައަޅަންވާނީ ވީވަރަކުން، މި ގާނޫނުގެ 178 ވަނަ މާއްދާއާއި 179 ވަނަ މާއްދާއާއި 180 ވަނަ މާއްދާގައި ބަޔާންކުރާ ފައިސާގެ އަދަދާއި ށަރުތުތަކަށް ބިނާކޮށެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ޓްރެކަކުން މައްސަލަ ބެލުމަށް ކޯޓުން ކަނޑައަޅަންވާނީ، މި ގާނޫނުގެ 182 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

(ނ) ށަރީއަތް ހިންގުމަށް ކަނޑައެޅޭ މައްސަލަތަކުގެ ތެރެއިން ފައިސާގެ އަދަދެއް ނުހިމެނޭ މައްސަލަތައް ފޮނުވާނީ، އެ މައްސަ ލައިގެ ބާވަތަށް ބަލައި، އެ މައްސަލައެއް ބެލުމަށް އެންމެ އެކަށީގެންވާ ޓްރެކުކަމަށް ކޯޓަށް ގަބޫލުކުރެވޭ ޓްރެކަކަށެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އާންމު އުސޫލުން މައްސަލައިގައި ހޯދުމަށް އެދިފައިވާ ފައިސާގެ އަދަދު ނިސްބަތްވާ ޓްރެކް ނޫން އެހެން ޓްރެކަކުން މައްސަލަ ބަލަންވާނީ، މައްސަލައިގެ ހަސްމުންގެ އެއްބަސްވުމާ އެކުގައެވެ.

 

182 ވަނަ މާއްދާ - ޓްރެކް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

(ހ) ށަރީއަތް ހިންގުމަށްޓަކައި މައްސަލައެއް ފޮނުވާނެ ޓްރެކެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. ފައިސާގެ އަދަދު؛
  2. އެދޭ ފަރުވާގެ ބާވަތް؛ 
  3. މައްސަލައިގެ ވާގިއާތަކާއި، މައްސަލައިގައި ހިމެނޭ ހެކި؛
  4. މައްސަލައިގައި ހިމެނޭ ނުވަތަ ހިމެނިދާނެ ހަސްމުންގެ އަދަދު؛
  5. ރައްދު ދައުވާއެއް ހުށަހަޅާފައިވާނަމަ އެކަން އަދި އެފަދަ ރައްދު ދައުވާއެއްގައި އެދޭ ފައިސާގެ އަދަދު؛
  6. މައްސަލައިގައި ހުށަހެޅިދާނެ ށަފަހީ ހެކީންގެ އަދަދު؛ 
  7. މައްސަލައިގެ ހަސްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތަކަށް މައްސަލައިން އަސަރުކުރާނެ ނުވަތަ ކޮށްފާނެ މިންވަރު؛
  8. ހަސްމުންގެ ރައުޔު؛ އަދި 
  9. ހަސްމުންނަށް ކުރިމަތިވެދާނެ އިތުރު ކަންކަން.

(ށ) ދައުވާގައި ނަގައިދިނުމަށް އެދޭ ފައިސާގެ ނިސްބަތް ކަނޑައެޅުމުގައި ކޯޓުން އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެންނުވާނެއެވެ.

  1. ހުސޫމާތެއް އުފެދިފައިނުވާ އަދަދު؛ 
  2. އިންޓްރެސްޓްގެ ގޮތުގައި ނަގައިދިނުމަށް އެދޭ ފައިސާ؛ 
  3. ށަރީއަތުގެ ހަރަދު؛ އަދި 
  4. އަމިއްލަ އިހުމާލުން ލިބުނު ގެއްލުން.

(ނ) ދައުވާލިބޭ ފަރާތުގެ މައްޗަށް، އެއް ދައުވާ ފޯމަކުން އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަކުން ދައުވާކުރާ ހާލަތުގައި، ހުށަހެޅިފައިވާ ދައުވާއަކީ ތަފާތު ދެ ދައުވާއެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާގެ އަދަދު ކަނޑައެޅުމުގައި ކޯޓުން ބަލާނީ، އެއިން ކޮންމެ ދައުވާއަކީ ވަކި ދައުވާއެއްގެ ގޮތުގައެވެ.

 

183 ވަނަ މާއްދާ - ޓްރެކް ކަނޑައެޅުމަށްފަހު ދެވޭ ނޯޓިސް

މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލަ ބަލާނެ ޓްރެކް ކަނޑައެޅުމުން، އެކަން އަންގައި، މައްސަލައިގެ ހަސްމުންނަށް ޓްރެކް ކަނޑައެޅުމުގެ ނޯޓިސް ކޯޓުން ދޭންވާނެއެވެ.

 

184 ވަނަ މާއްދާ - ޓްރެކް ބަދަލުކުރުން

މައްސަލައެއް ބެލުމަށް ފުރަތަމަ ކަނޑައަޅާ ޓްރެކް، މި ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި، އެހެން ޓްރެކަކަށް ބަދަލުކުރެވިދާނެއެވެ. އެފަދައިން ޓްރެކް ބަދަލުކުރެވިއްޖެނަމަ، އެ މައްސަލައާ ގުޅޭ ގޮތުން ދެން ހިނގާނީ އެ ބަދަލުކުރެވުނު ޓްރެކަށް ކަނޑައަޅާފައިވާ އިޖުރާއަތެވެ.

 

ސަތާރަވަނަ ބާބު

އިބްތިދާއީ އަޑުއެހުން

 

185 ވަނަ މާއްދާ - އިބްތިދާއީ އަޑުއެހުން

(ހ) މި ގާނޫނުގެ 176 ވަނަ މާއްދާގެ ދަށުން ށަރީއަތް ހިންގުމަށް ކަނޑައެޅޭ ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް ބާއްވަންވާނެއެވެ.

(ށ) އިބްތިދާއީ އަޑުއެހުމުގެ ބޭނުމަކީ، މައްސަލައާގުޅޭ އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް، މައްސަލައިގައި ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމެވެ.

  1. މައްސަލަ ހައްލުކުރަން ހަސްމުން ބޭނުންވޭތޯ ނުވަތަ ނުވޭތޯ ސާފުކުރުން؛
  2. ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ބޭނުންވާނަމަ، އެކަމަށް ވަގުތު ކަނޑައަޅައި، ށަރީއަތުގެ މަރުހަލާތައް މަޑުޖައްސާލުން؛
  3. ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމަށް އެދޭނަމަ، އެކަން ކަނޑައެޅުން؛
  4. މައްސަލަ ހައްލުކުރަން ބޭނުންނުވާނަމަ، މައްސަލަ ހިންގާނެ ޓްރެކް ކަނޑައެޅުން.

(ނ) އިބްތިދާއީ އަޑުއެހުން ކުރިއަށްގެންދާނީ ފަނޑިޔާރެވެ.

(ރ) އިބްތިދާއީ އަޑުއެހުމުގައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ހަސްމުންގެ ކިބައިން ފަނޑިޔާރު ސާފުކޮށް، މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު ހަސްމުންނަށް ދޭންވާނެއެވެ.

 

186 ވަނަ މާއްދާ - ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އެދުން

(ހ) އިބްތިދާއީ އަޑުއެހުމެއްގައި، މައްސަލައިގެ ހަސްމުންނަށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް ހަސްމަކު އެދިއްޖެނަމަ، އެފަދައިން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށްޓަކައި 30 (ތިރީސް) ދުވަހުގެ މުއްދަތެއް ކޯޓުން ދޭންވާނެއެވެ. އަދި މިގޮތުން ދެވޭ މުއްދަތަކީ ގަސްދުގައި މައްސަލަ ލަސްކުރުމަށް އެ ހަސްމަކު ބޭނުންކުރާނެ މުއްދަތެއް ނޫންކަން އެކަށީގެންވާ ސަބަބާއެކު ކޯޓަށް ބަޔާންކޮށްދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ކޯޓުން ދިނުމާއެކު، އެ ފުރުސަތު މައްސަލައިގެ ހަސްމުންނަށްދެވިފައިވާކަން ކަނޑައަޅައި، އެ ކަމުގެ ނޯޓިސް އެފަރާތްތަކަށް ދޭންވާނެއެވެ. އަދި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ މަރުހަލާ ނިމެންދެން ށަރީއަތުގެ އެއްވެސް މަރުހަލާއެއް ކުރިއަށްނުގެންދެވޭނެކަން ކަނޑައަޅައި، އެފަދައިން އަމުރެއް ނެރެންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލަ ހައްލުކުރުމަށް ދީފައިވާ މުއްދަތުގައި މައްސަލަ ހައްލުކުރެވިދާނެކަމަށް ހަސްމުންނަށް ނުފެންނަނަމަ، އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހެޅިއްޖެނަމަ، ކޯޓަށް އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ށ) ނުވަތަ (ބ) ގެ ދަށުން ކަނޑައެޅޭ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލުކުރެވިއްޖެނަމަ ނުވަތަ ހައްލުނުކުރެވިއްޖެނަމަ، ދައުވާކުރާ ފަރާތުން އެކަން ކޯޓަށް އަންގަންވާނެއެވެ.

(ކ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރެވިއްޖެކަން ދައުވާކުރާ ފަރާތުން ކޯޓަށް އަންގައިފިނަމަ، ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބާތިލުކޮށް، އެކަން މައްސަލައިގެ ހަސްމުންނަށް ކޯޓުން އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު، މައްސަލަ ހައްލުކުރެވިއްޖެކަން ނުވަތަ ނޫންކަން މި މާއްދާގެ (ޅ) ގެ ދަށުން ދައުވާކުރާ ފަރާތުން ކޯޓަށް އަންގާފައިނުވާނަމަ، އެ މައްސަލައެއް ކުރިއަށްގެންދިޔުމުގައި އަމަލުކުރާނެ ގޮތުގެ އިތުރު އިރުށާދު ކޯޓުން ދޭންވާނެއެވެ.

 

187 ވަނަ މާއްދާ - ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމަށް އެދުން

(ހ) މި ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތަކަށް މައްސަލައިގެ ހަސްމުންނަށް އިބްތިދާއީ އަޑުއެހުމެއްގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހައްލުކުރުމަށް ހަސްމުން އެދޭ ހާލަތުގައި، އެ މައްސަލައަކީ، މި ގާނޫނުގެ 178 ވަނަ މާއްދާގައި ބަޔާންކުރާފަދަ މައްސަލައެއްނަމަ، އެ މައްސަލައެއް، މި ގާނޫނުގެ އަށާރަވަނަ ބާބު "މައްސަލަ ހައްލުކުރުމުގެ މަރުހަލާ" ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ހައްލުކުރުމަށް ފޮނުވުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާގެ ދަށުން މައްސަލައެއް ހައްލުކުރުމަށް ފޮނުވުމަށް ފަނޑިޔާރު ނިންމަންވާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. މައްސަލައިގެ ބާވަތް؛ 
  2. މައްސަލަ ބިނާވެފައިވާ އަސާސް؛ 
  3. ދައުވާކުރުމުގެ ކުރިން މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައިވާނަމަ، އެކަން؛
  4. ށަރީއަތުގައި ހިނގާނެކަމަށް އަންދާޒާކުރެވޭ ވަގުތާއި ހަރަދު؛ 
  5. މައްސަލަ ނިމުމަކަށް ނައިސް ލަސްވެގެން ހިނގައްޖެނަމަ ދައުވާއަށް ކުރާނެ އަސަރު.

(ރ) އަންނަނިވި ހާލަތްތަކުގައި މި މާއްދާގެ (ށ) ގެ ދަށުން މައްސަލަ ހައްލުކުރުމަށް ފޮނުވައިގެންނުވާނެއެވެ.

  1. މައްސަލައިގައި ވަގުތީ އަމުރަކަށް އެދިފައިވުމާއެކު، މައްސަލަ ހައްލުކުރަން ފޮނުވުމުގެ ސަބަބުން މައްސަލަ ލަސްވެގެން ހިނގައްޖެނަމަ، މައްސަލައިގެ އެއްވެސް ހަސްމަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއްވުމުގެ ފުރުސަތު އޮތްކަމަށް ނުވަތަ އިންސާފަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވުން؛
  2. ގާނޫނީ ގޮތުން ކޯޓުން ބަލައި ހުކުމެއް ކުރަންޖެހޭ އަދި އެ މައްޗަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ގަބޫލުކުރެވުން؛
  3. މައްސަލައިގެ ހަސްމުންގެ ދެމެދުގައި އުފެދިފައިވާ ހުސޫމާތަށް ރިއާޔަތްކުރާއިރު، މައްސަލައިގެ ހަސްމުންގެ މެދުގައި އޮތް ގުޅުމަށް ބަލައި، އެއް ހަސްމަކަށް އަނެއް ހަސްމުގެ މައްޗަށް ބާރުފޯރުވިދާނެތީ، އެކަށީގެންވާ ގޮތެއްގައި މައްސަލަ ހައްލުކުރެވިދާނެކަމަށް ގަބޫލުނުކުރެވުން؛
  4. މައްސަލައިގެ ދައުވާއަކީ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ދައުވާއަކަށްވެފައި، ދައުވާ ރައްދުވާ ފަރާތް އިފްލާސްކޮށްފައިވުން.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު ކޯޓުން ދިނުމާއެކު، އެ ފުރުސަތު މައްސަލައިގެ ހަސްމުންނަށް ދެވިފައިވާކަން ކަނޑައަޅައި، އެކަމުގެ ނޯޓިސް އެފަރާތްތަކަށް ދޭންވާނެއެވެ. އަދި މި ގާނޫނުގެ އަށާރަވަނަ ބާބު "މައްސަލަ ހައްލުކުރުމުގެ މަރުހަލާ" ގެ ދަށުން މައްސަލަ ހައްލުކުރުމުގެ މަރުހަލާ ނިމެންދެން ށަރީއަތުގެ އެއްވެސް މަރުހަލާއެއް ކުރިއަށް ނުގެންދެވޭނެކަން ކަނޑައަޅައި، އެފަދައިން އަމުރެއް ނެރެންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން މައްސަލަ ހައްލުކުރުމަށްޓަކައި ފޮނުވާ ހާލަތުގައި، އެ މައްސަލައާ ގުޅޭ ގޮތުން ދެން ހިނގާނީ މި ގާނޫނުގެ އަށާރަވަނަ ބާބު "މައްސަލަ ހައްލުކުރުމުގެ މަރުހަލާ" ގައި ބަޔާންކުރާ އިޖުރާއަތެވެ.

 

188 ވަނަ މާއްދާ - މައްސަލަ ހައްލުކުރަން ބޭނުންނުވާ ހާލަތުގައި ޓްރެކް ކަނޑައެޅުން

(ހ) އިބްތިދާއީ އަޑުއެހުމެއްގައި މައްސަލަ ހައްލުކުރަން ބޭނުންނުވާކަމަށް ހަސްމުން ބުނެފިނަމަ، އެ މައްސަލައެއް ބަލާނެ ޓްރެކް ކަނޑައެޅުމަށްޓަކައި، މައްސަލައިގައި ހިމެނޭ ހަސްމުންނާ ފަނޑިޔާރު މަށްވަރާކުރަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޓްރެކް ކަނޑައެޅުމުގައި، އެކަމަށް ބޭނުންވާ މައުލޫމާތު ހަސްމުންގެ ކިބައިން ކޯޓުން ސާފުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މައުލޫމާތު ސާފުކުރުމަށްފަހު، މައްސަލަ ބަލާނެ ޓްރެކެއް ކަނޑައެޅޭ މިންވަރަށް މައުލޫމާތު ސާފުކުރެވޭ ހާލަތުގައި، އިބްތިދާއީ އަޑުއެހުމުގައި އެ މައްސަލަ ބަލާނެ ޓްރެކެއް ކޯޓުން ކަނޑައަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން މައުލޫމާތު ސާފުކުރުމަށްފަހުގައިވެސް، މައްސަލަ ބަލާނެ ޓްރެކެއް ކަނޑައެޅުމުގެ ކުރިން، އިތުރު މައުލޫމާތު ބޭނުންވާކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އިބްތިދާއީ އަޑުއެހުމުގައި މައްސަލައިގެ ޓްރެކް ކަނޑައެޅުމުގެ ބަދަލުގައި، އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި މި ގާނޫނުގެ 189 ވަނަ މާއްދާގައި ބަޔާންކުރާ ފޯމު ފުރިހަމަކޮށް ކޯޓަށް ހުށަހެޅުމަށް ހަސްމުންނަށް އަންގަންވާނެއެވެ.

 

189 ވަނަ މާއްދާ - ޓްރެކް ކަނޑައެޅުމަށް މައުލޫމާތު ސާފުކުރުން

(ހ) އިބްތިދާއީ އަޑުއެހުން ބޭއްވުމަށްފަހު މި ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މައްސަލަ ހައްލުކުރަން މަސައްކަތްކުރުމަށްފަހު މައްސަލަ ހައްލުނުވާ ހާލަތްތަކުގައި، ނުވަތަ މި ގާނޫނުގެ 188 ވަނަ މާއްދާގެ (ރ) ގެ ދަށުން އިތުރު މައުލޫމާތު ބޭނުންވާކަމަށް ކޯޓަށް ފެންނަ ހާލަތެއްގައި، މައްސަލަ ބަލާނެ ޓްރެކް ކަނޑައެޅުމަށްޓަކައި، ޓްރެކް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ސާފުކުރާ ފޯމެއް މައްސަލައިގެ ހަސްމުންނަށް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ފޮނުވާ ފޯމު ފޮނުވާއިރު، އެ މައްސަލަ ބަލާނެ ޓްރެކެއް ވަގުތީގޮތުން ކޯޓުންކަނޑައަޅަންވާނެއެވެ. އަދި އަންނަނިވި ކަންކަން ބަޔާންކުރާ ނޯޓިހެއް އެ ފޯމާއެކު ހިމަނަންވާނެއެވެ.

  1. ހަސްމުންގެ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ މުއްދަތު؛
  2. މައުލޫމާތު ސާފުކުރާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ކޯޓުގެ އެޑްރެސް؛
  3. ހުށަހެޅިފައިވާ މައްސަލައަކީ، އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް ނުވަތަ ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލަންޖެހޭ ފަދަ މައްސަލައެއްނަމަ މައްސަލަ ހުށަހަޅާ ފޯމު ވަކި ތާރީހެއްގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ނޯޓިސް ހަސްމުންނަށް ފޮނުވުމުން، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ނޯޓިހުގައި ވަގުތީގޮތުން މައްސަލަ ބެލުމަށް ކަނޑައަޅާފައިވަނީ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުންނަމަ، މި މާއްދާގެ (ނ) ގެ ދަށުން ހަސްމުން ހުށަހަޅާ ލިޔެކިޔުންތައް އެފަރާތްތަކަށް ނޯޓިސް ލިބޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ނުވަތަ މައްސަލަ ބެލުމަށް ކަނޑައަޅާފައިވަނީ ބޮޑެތި މައްސަލަތަކުގެ ޓްރެކުންނަމަ، ގިނަވެގެން 28 (އަށާވީސް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން މައްސަލަ ބަލާނެ ޓްރެކެއް ކޯޓުން ކަނޑައަޅާނީ، މައުލޫމާތު ސާފުކުރާ ފޯމު ފުރިހަމަކުރުމަށްފަހު މައްސަލައިގެ ހަސްމުން ހުށަހެޅުމުންނެވެ.

(ޅ) މައްސަލައިގެ ހަސްމަކު މައްސަލަ ބަލާނެ ޓްރެކް ކަނޑައެޅުމަށްޓަކައި މައުލޫމާތު ސާފުކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، މައްސަލަ ބެލުމަށް އެންމެ އެކަށީގެންވާ ޓްރެކެއް ކޯޓުން ކަނޑައަޅައި މައްސަލަ ކުރިއަށްގެންދެވިދާނެއެވެ.

 

އަށާރަވަނަ ބާބު

މައްސަލަ ހައްލުކުރުމުގެ މަރުހަލާ

 

190 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމުގެ މަރުހަލާ ފެށުން

(ހ) މި ބާބުގެ ދަށުން ކޯޓު މަރުހަލާގައި މައްސަލަ ހައްލުކުރުމަށް ފޮނުވުމަށް ނިންމުމާއެކު، އެ މައްސަލައެއް ވީ އެންމެ އަވަހަށް ތާވަލުކޮށް، މައްސަލައިގެ ހަސްމުންނަށް އެކަމުގެ ނޯޓިސް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ނޯޓިހުގައި، ފުރަތަމަ ބައްދަލުވުން ބޭއްވޭނެ ތާރީހާއި ގަޑި ބަޔާންކުރަންވާނެއެވެ. އަދި، އެ ތާރީހަކީ، މި ގާނޫނުގެ 187 ވަނަ މާއްދާގެ ދަށުން މައްސަލަ ހައްލުކުރަން ފޮނުވުމަށް ނިންމި ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހަށްވުރެ ފަހުގެ ތާރީހެއް ކަމުގައި ވެގެންނުވާނެއެވެ.

 

191 ވަނަ މާއްދާ - ހެޔޮ ނިޔަތުގައި މައްސަލަ ހައްލުކުރަން މަސައްކަތްކުރުން

(ހ) މައްސަލައިގެ ހަސްމުން މި ބާބުގައި ބަޔާންކުރާ މައްސަލަ ހައްލުކުރުމުގެ މަރުހަލާގައި ބައިވެރިވާންވާނީ ހެޔޮ ނިޔަތުގައި، ދެފުށް ފެންނަ ގޮތަށް، އަދި، މައްސަލައަށް ހައްލެއް ހޯދުމަށް އެއްބާރުލުން ދިނުމާއެކުގައެވެ.

(ށ) މައްސަލައިގެ ހަސްމުންގެ ދެމެދުގައި މަށްވަރާ ކުރިއަށްގެންދިޔުމަށް ފަނޑިޔާރު އެހީތެރިވެދޭންވާނެއެވެ.

 

192 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމުގެ މަރުހަލާ ކުރިއަށްގެންދިޔުން

(ހ) މައްސަލަ ހައްލުކުރުމުގެ މަރުހަލާ ކުރިއަށްގެންދާނީ، ނުރަސްމީ ބައްދަލުވުންތަކެއްގެ ގޮތުގައެވެ.

(ށ) ފަނޑިޔާރު ކަނޑައަޅާ ހުރިހާ ބައްދަލުވުމަކަށްވެސް ހަސްމުން ހާޒިރުވާންވާނެއެވެ. އެއްވެސް ހަސްމަކު މަގުބޫލު ސަބަބެއް ނެތިބައްދަލުވުންތަކަށް ހާޒިރުނުވެއްޖެނަމަ ބެލެވޭނީ، މައްސަލަ ހައްލުކުރަން ބޭނުންނުވަނީ ކަމުގައެވެ. އަދި އެފަދަ ހާލަތެއްގައި، އެހިސާބުން މައްސަލަ ހައްލުކުރުމުގެ މަރުހަލާ ނިމުމަކަށް ގެންނަންވާނެއެވެ.

(ނ) މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުމަށްޓަކައި މި މާއްދާގެ ދަށުން ބާއްވާ ބައްދަލުވުންތަކަށް ހަސްމުންނަށް އިތުރު ފަރާތްތަކެއް ހާޒިރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ ފަރާތްތައް އެ ބައްދަލުވުންތަކަށް ގެނައުމަށްޓަކައި ހިނގާ ހަރަދަކީ އެފަރާތްތައް ގެނައުމުގެ ކުރިން، ގެންނަ ފަރާތުން ދައްކަން އެއްބަސްވެފައިވާ ހަރަދުތަކަކަށް ވާންވާނެއެވެ. އެކަމަށް ހިނގާ ހަރަދުތަކަށް ކޮންމެ ހަސްމަކުވެސް ޒިންމާވާނީ އަމިއްލައަށެވެ. މަށްވަރާއަށް ހާޒިރުވުމަށް އަންގާ ފަރާތްތަކުން ހާޒިރުވުމަކީ މި ގާނޫނުގެ ދަށުން ލާޒިމުކަމެއް ނޫނެވެ.

(ރ) މައްސަލަ ހައްލުކުރުމުގެ މަރުހަލާގައި ހަސްމުންނާ ދޭތެރޭ ފަނޑިޔާރު އަމަލުކުރަންވާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކުގައެވެ. އަދި ކޮންމެ ހަސްމަކަށްވެސް އެފަރާތުގެ ހުށަހެޅުން ހުށަހެޅުމުގެ އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ.

(ބ) އާންމު އުސޫލުން މި މާއްދާގެ ދަށުން ބާއްވާ ބައްދަލުވުންތައް ކުރިއަށްގެންދަންވާނީ ހުރިހާ ބައިވެރިންގެ ހާޒިރުގައެވެ. އެހެންނަމަވެސް، ހާލަތު ހުރިގޮތުން ހުރިހާ ބައިވެރިން ހާޒިރުކުރުމަކީ ކުރެވޭނެކަމެއް ކަމުގައިނުވާނަމަ ނުވަތަ އެއީ އެންމެ އެކަށީގެންވާ ގޮތް ކަމުގައިނުވާނަމަ، ހަސްމުންގެ ރުހުމާއެކު، މުއާސަލާތީ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ.

 

193 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމުގެ މަރުހަލާ ނިމުމަކަށް އައުން

(ހ) މައްސަލައެއް ހައްލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައަށް ހައްލެއް ހޯދިއްޖެނަމަ، މައްސަލަ ހައްލުކުރުމުގެ މަރުހަލާ ނިމުމަކަށް އަންނާނެއެވެ. އަދި މައްސަލައެއް ހައްލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައަށް ހައްލެއް ނުހޯދި، އެ މުއްދަތު ހަމަވެއްޖެނަމަވެސް، މައްސަލަ ހައްލުކުރުމުގެ މަރުހަލާ ނިމުމަކަށް އަންނާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތްތަކުގެ އިތުރުން އަންނަނިވި ހާލަތްތަކުގައިވެސް މައްސަލަ ހައްލުކުރުމުގެ މަރުހަލާ ނިމުމަކަށް ގެނެވިދާނެއެވެ.

  1. މައްސަލަ ހައްލުކުރުމުގެ މަރުހަލާ ކުރިއަށްގެންދަން ހަސްމަކު ބޭނުންނުވުން؛
  2. މަގުބޫލު ސަބަބެއް ނެތި ހަސްމަކު ބައްދަލުވުންތަކަށް ހާޒިރުނުވުން؛
  3. މައްސަލަ ކުރިއަށްދާގޮތަށް ބަލާއިރު، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިދާނެކަމަށް ފަނޑިޔާރަށް ނުފެނުން.

 

194 ވަނަ މާއްދާ - ސުލްހައިގެ އެއްބަސްވުން

(ހ) ހަސްމުންގެ މެދުގައި އޮތް ހުސޫމާތު އެއްކޮށް ހައްލުވެއްޖެނަމަ، ނުވަތަ އެއިން ބައެއް ހައްލުވެއްޖެނަމަ، ލިޔުމުންވެވޭ ސުލްހައިގެ އެއްބަސްވުމެއްގައި ހަސްމުން ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ އެކުގައި ނުވަތަ އެއިން ބައެއް ހައްލުވާ ހާލަތުގައި ހަސްމުންގެ މެދުގައިވާ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، އެ މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ އެ ބަޔާމެދު ގޮތެއް ކަނޑައެޅި ނިމުނީއެވެ. އެއަށްފަހު އެ މައްސަލަ ދެން ކޯޓަކަށް ހުށައެއްނޭޅޭނެއެވެ.

(ނ) ސުލްހައިގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ހަސްމުންނަށް ސާފުވެފައިވާކަން ފަނޑިޔާރު ޔަގީންކުރަންވާނެއެވެ. ސުލްހައިގެ އެއްބަސްވުން އެކުލަވާލުމުގައި ފަނޑިޔާރު ހަސްމުންނަށް އެހީތެރިވެދިން ނަމަވެސް، އެއްވެސް ހަސްމަކު ގަބޫލުނުކުރާ އިލްތިޒާމެއް އޭނާގެ ރުހުމާ ނުލައި، އެ އެއްބަސްވުމަށް އިތުރުކޮށްގެންނުވާނެއެވެ.

(ރ) ސުލްހައިގެ އެއްބަސްވުމުން ހައްލުވަނީ މައްސަލައިގެ ބައެއް ކަމުގައިވާނަމަ، ށަރީއަތަށް ފޮނުވާ ބައިގެ ތަފްސީލުތައް ބަޔާންކުރާ ލިޔުމެއްގައި ހަސްމުން ސޮއިކުރުމަށް އެންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

195 ވަނަ މާއްދާ - މައްސަލަ ހައްލުނުކުރެވުން

(ހ) މައްސަލަ ހައްލުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި މައްސަލަ ހައްލުނުކުރެވިއްޖެނަމަ، މި ގާނޫނުގެ ދަށުން ޓްރެކް ކަނޑައެޅުމަށްޓަކައި ލަސްނުކޮށް އެ މައްސަލަ ށަރީއަތަށް ފޮނުވަންވާނެއެވެ. އަދި މައްސަލައިގައި ހައްލެއް ލިބުނީ މައްސަލައިގެ އެއްބަޔަށް ކަމުގައިވާނަމަ، މި ގާނޫނުގެ 194 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔުމާއެކު، މައްސަލައިގެ ބާކީ ބައި މި ގާނޫނުގެ ދަށުން ޓްރެކް ކަނޑައެޅުމަށްޓަކައި ލަސްނުކޮށް ފޮނުވަންވާނެއެވެ.

(ށ) މި ބާބުގެ ދަށުން މައްސަލަ ހައްލުނުކުރެވިއްޖެ ހާލަތެއްގައި، މައްސަލަ ހައްލުކުރުމުގެ މަރުހަލާގައި އެއްވެސް ފަރާތަކުން ދީފައިވާ ބަޔާނެއް ނުވަތަ މައުލޫމާތެއް، އެފަރާތާ ދެކޮޅަށް ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ބޭނުމެއް ނުކުރެވޭނެއެވެ.

 

ނަވާރަވަނަ ބާބު

ށަރީއަތް ހިންގުމުގެ އާންމު އުސޫލު

 

196 ވަނަ މާއްދާ - ށަރީއަތް ހިންގުން

(ހ) ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ، މަދަނީ މައްސަލަތަކުގެ މައްޗަށް، މި ބާބުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތައް ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ ވިހިވަނަ ބާބު "ކުދި، އަވަސްނިޔާގެ އަދި ބޮޑެތި މައްސަލަތަކުގެ ޓްރެކް" ގައި ބަޔާންކުރާ ޓްރެކްތަކުން މައްސަލަ ބެލުމުގައި، މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ކޯޓަށް ގެނެވިދާނެއެވެ.

 

197 ވަނަ މާއްދާ - ށަރީއަތްކުރެވޭ ބަސް

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ހިންގާ މަދަނީ މައްސަލަތަކުގެ ށަރީއަތްތައް ކުރެވޭނީ ދިވެހި ބަހުންނެވެ.

 

198 ވަނަ މާއްދާ - މައްސަލައިގެ އަޑުއެހުންތައް

(ހ) މަދަނީ މައްސަލައެއްގެ އަޑުއެހުންތައް ބެހިގެންވަނީ، ށަރީއަތުގެ ކުރީގެ މަރުހަލާގެ އަޑުއެހުންތަކާއި ށަރީއަތުގެ މަރުހަލާގެ އަޑުއެހުންތަކުގެ މައްޗަށެވެ. އެއިން ކޮންމެ މަރުހަލާއެއްގެ އަޑުއެހުމަކީވެސް، މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހަސްމުން އަދި/ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތައް ހާޒިރުވާންޖެހޭ އަޑުއެހުންތަކެކެވެ.

(ށ) ށަރީއަތުގެ ކުރީގެ މަރުހަލާގެ އަންނަނިވި އަޑުއެހުންތައް، ށަރީއަތްކުރާ މަޖިލީހުން ބޭރުގައި، ނުރަސްމީ ސިފައެއްގައި ކުރިއަށްގެންދެވިދާނެއެވެ.

  1. އިބްތިދާއީ އަޑުއެހުން؛ 
  2. ހަސްމުންނަށް އިރުށާދު ދިނުމަށް ބާއްވާ އަޑުއެހުން؛ 
  3. މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުންތައް؛ 
  4. ށަރީއަތުގެ ކުރީގެ މުރާޖައާ ހިންގުމަށް ބާއްވާ އަޑުއެހުން.

(ނ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު މަދަނީ މައްސަލަތަކުގެ ށަރީއަތުގެ 
މަރުހަލާގެ އަޑުއެހުންތައް ކުރިއަށްގެންދަންވާނީ ހަސްމުން އަދި/ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތަކާއި މައްސަލަ ބަލާ ފަނޑިޔާރާ އެއް ހާޒިރެއްގައި އަދި އެއް މަޖިލީހެއްގައި ތިބެގެންނެވެ.

 

199 ވަނަ މާއްދާ - އަޑުއެހުންތައް ތާވަލުކުރުމާއި ފަސްކުރެވޭނެ ހާލަތްތައް

(ހ) މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވަންވާނީ، ދުރާލާ ތާވަލުކުރެވިގެންނެވެ.

(ށ) މައްސަލައެއްގެ އެއްވެސް މަރުހަލާއެއްގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް، މައްސަލައިގެ ހަސްމަކު އެ އަޑުއެހުން ފަސްކޮށްދިނުމަށް އެދިއްޖެނަމަ، އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވާ ސަބަބަކީ، ކޯޓަށް ބަލައިގަނެވޭ ސަބަބެއް ކަމުގައިވާނަމަ، އެ އަޑުއެހުމެއް ފަސްކޮށްދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަޑުއެހުމެއް ފަސްކޮށްދެވޭނީ، އެ އަޑުއެހުން ފަސްކުރަންއެދޭ ސަބަބަކީ އެ ހަސްމުގެ ބާރު ނުފޯރުވޭ ފަދަ ކަމެއްގެ ސަބަބުން މެދުވެރިވިކަމެއް ކަމުގައިވާ ހާލަތުގައި އެކަންޏެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން އަޑުއެހުމެއް ފަސްކޮށްފިނަމަ، އެ އަޑުއެހުން ފަސްކުރެވުނު ސަބަބު ލިޔުމުން ރެކޯޑުކޮށްފައި އޮންނަންވާނެއެވެ. އަދި މައްސަލައިގެ ށަރީއަތް ނިމި، ށަރީއަތުގެ ހަރަދު ނަގައިދިނުމުގައި، އަޑުއެހުން ފަސްކުރި ފަސްކުރުމަށް ރިއާޔަތްކުރެވޭނެއެވެ.

(ބ) އެއްވެސް ހަސްމަކަށް މައްސަލައެއްގެ އަޑުއެހުން ފަސްކޮށްދެވޭނީ، ށަރީއަތުގެ ކުރީގެ މަރުހަލާއާއި ށަރީއަތުގެ މަރުހަލާ ހިމެނޭ ގޮތުން ޖުމްލަ 3 (ތިނެއް) ފަހަރަށްވުރެ ގިނަނުވާނެ ގޮތެއްގެމަތިންނެވެ.

 

200 ވަނަ މާއްދާ - ދައުވާއާއި ދިފާއު ހުށަހެޅުން

(ހ) ވަކި ޓްރެކަކަށް ކަނޑައެޅިފައިވާ ހާއްސަ އިޖުރާއަތުގެ ދަށުން މައްސަލައިގެ ލިޔެކިޔުން ބަދަލުކުރުމުގެ މަރުހަލާ ފުރިހަމަކޮށް ނިމިފައިވާ މައްސަލަތައް ފިޔަވައި އެހެން މަދަނީ މައްސަލަތަކުގެ ށަރީއަތް އާންމު ގޮތެއްގައި ފަށާނީ، ދައުވާލިބޭ ފަރާތުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ، ދައުވާކުރާ ފަރާތުން ހުށަހެޅުމުންނެވެ.

(ށ) ދައުވާކުރާ ފަރާތުން ދައުވާ ހުށަހެޅުމުން، ދައުވާލިބޭ ފަރާތުން އޭނާގެ ދިފާއު ހުށަހަޅަންވާނެއެވެ.

 

201 ވަނަ މާއްދާ - ހެކި ހާމަކުރުމާއި ހެއްކާގުޅޭ އުސޫލުތައް

(ހ) މަދަނީ ދައުވާއެއް ހުށަހަޅާއިރު، އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކި، އެ ދައުވާއާއެކު ދައުވާކުރާ ފަރާތުން ހުށަހަޅަންވާނެއެވެ. އަދި ދައުވާލިބޭ ފަރާތުން އޭނާގެ ދިފާއު ހުށަހަޅާއިރު، އެ ދިފާއު ސާބިތުކުރުމަށްޓަކައި ހެކި ހުށަހަޅަންވާނެއެވެ.

(ށ) ހެކި ހާމަކުރުމުގެ މަރުހަލާ ހިނގާނީ، މި ގާނޫނުގެ ހަތަރުވަނަ ބައި "ހެއްކާބެހޭ" ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ހެކި ހުށަހެޅުމާ ގުޅޭ ގޮތުން އަމަލުކުރެވޭނީ، މި ގާނޫނުގެ ހަތަރުވަނަ ބައި "ހެއްކާބެހޭ " ގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި ގާނޫނުގައި ބަޔާންކުރާ ހެއްކާބެހޭ އުސޫލުތަކުގެ އިތުރުން، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، އެނޫންވެސް ހެއްކާ ގުޅޭ ގޮތުން ހެއްކާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް، އެ ގާނޫނުގައި ބަޔާންކުރާ ނިސްބަތަށް މަދަނީ ދައުވާތަކުގެ މައްޗަށް ހިނގާނެއެވެ.

 

202 ވަނަ މާއްދާ - ހެކިބަސް ނެގުން

ވަކި ޓްރެކެއްގައި ހެކިބަސް ނެގުމަށް ވަކި އުސޫލެއް ކަނޑައަޅާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، ހެކީންގެ ހެކިބަސް ނެގުމުގައި އަމަލުކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) ށަރީއަތުގެ އަޑުއެހުމެއްގައި ހެކީންގެ ހެކިބަސް ނަގަންޖެހޭ ހާލަތްތަކުގައި، އެ ހެކީންގެ ހެކިބަސް ނަގަންވާނީ، އާންމުކޮށް ހުޅުވާލެވިފައިވާ ށަރީއަތުގެ މަޖިލީހެއްގައި، ށަރީއަތުގެ އަޑުއެހުމަކަށް އެ މީހުން ހާޒިރުކޮށް، ހުވައި މަތީގައި އެ މީހުންނާ ސުވާލުކޮށްގެންނެވެ.

(ށ) ށަރީއަތުގެ އަޑުއެހުމެއްގައި ފިޔަވައި ށަރީއަތުގެ އެހެން މަރުހަލާއެއްގައި ހެކި ހުށަހަޅާނަމަ، އާންމު އުސޫލުން އެ ހެކި ހުށަހަޅާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހަޅައިގެންނެވެ. އަދި އެފިޑެވިޓް ހުށަހެޅުމަށް ހުއްދަކުރާ ހާލަތުގައި، ނުވަތަ އެފިޑެވިޓް ހުށަހެޅުމަށް އެހެން ގާނޫނަކުން ލާޒިމުކުރާ ހާލަތުގައި، އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހެޅިދާނެއެވެ.

(ނ) ފުރަތަމަ ހެކިބަސްދޭނީ ދައުވާކުރާ ފަރާތުން ހާޒިރުކުރާ ހެކީންނެވެ. ދައުވާކުރާ ފަރާތުން ހާޒިރުކުރާ ހެކީންނާ ދައުވާކުރާ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް -އެގްޒެމިންކުރުމުގެ ހައްގު، ދައުވާލިބޭ ފަރާތަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދައުވާލިބޭ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު،ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭ ގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ދައުވާކުރާ ފަރާތުގެ ހެކީން ދައުވާލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ހައްގު، ދައުވާކުރާ ފަރާތަށް ލިބިގެންވެއެވެ.

(ޅ) ދައުވާކުރާ ފަރާތުން ހާޒިރުކުރާ ހެކީންގެ ހެކިބަސް ނަގާ ނިމުމުން، އަދި އެ ހެކީން ދައުވާލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އަދި އެ ހެކީން ރީ-އެގްޒެމިންކުރާނަމަ ރީ-އެގްޒެމިންކޮށް ނިމުމުން، ދެން ހާޒިރުކުރާނީ ދައުވާލިބޭ ފަރާތުން ހާޒިރުކުރަން ބޭނުންވާ ހެކީންނެވެ.

(ކ) ދައުވާލިބޭ ފަރާތުން ހާޒިރުކުރާ ހެކީންނާ ދައުވާލިބޭ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ހައްގު ދައުވާކުރާ ފަރާތަށް ލިބިގެންވެއެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދައުވާކުރާ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭ ގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ދައުވާލިބޭ ފަރާތުގެ ހެކީން ދައުވާކުރާ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ހައްގު، ދައުވާލިބޭ ފަރާތަށް ލިބިގެންވެއެވެ.

 

203 ވަނަ މާއްދާ - ފަހު ބަޔާން ހުށަހެޅުމާއި ށަރީއަތުގެ އަޑުއެހުންތައް ނިންމާލުން

(ހ) މައްސަލައިގެ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމި، އެންމެ ފަހުގެ ބަޔާންތަކާއި ލިޔެކިޔުން ހުށަހަޅާ ނިމުމާއެކު ށަރީއަތުގެ އަޑުއެހުން ނުވަތަ އަޑުއެހުންތައް ފަނޑިޔާރު ނިންމާލަންވާނެއެވެ. އަދި އެކަން، އެ މަޖިލީހުގައި ފަނޑިޔާރު އިއުލާންކުރަންވާނެއެވެ

(ށ) މައްސަލައިގެ އަޑުއެހުންތައް ނިމުމުން، މައްސަލައިގެ ހުކުމް ކުރާނީ، މި ގާނޫނުގެ ސައުވީސްވަނަ ބާބު "ހުކުމް" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

204 ވަނަ މާއްދާ - އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިއަށްގެންދިޔުން

(ހ) މަދަނީ މައްސަލަތަކުގެ ށަރީއަތުގެ ކުރީގެ އަޑުއެހުންތައް، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދިޔުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި ށަރީއަތުގެ އަޑުއެހުންތައް، ހާއްސަ ހާލަތްތަކުގައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދިޔުމުގެ އިހްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ށަރީއަތުގެ މަޖިލީހުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދަންވާނީ، ހަސްމުން އެކަމަށް އިއުތިރާޒުނުކުރާހާ ހިނދަކުއެވެ.

(ނ) ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ށަރީއަތުގެ މަޖިލީހުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ، ފަނޑިޔާރާއި ކޯޓުގެ އޮފިސަރުން ހާޒިރުވެ ތިބޭ ށަރީއަތުގެ މަޖިލިސްކުރާ މާލަމާއި، ހަސްމުން އަދި/ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތްތައް ހާޒިރުވެ ތިބޭ މާލަންތައް، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވާލައިގެންނެވެ.

(ރ) ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދެވޭއަޑުއެހުންތައް ކުރިއަށްގެންދަންވާނީ، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތިން، އަދި ހަސްމުންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދައަކުންނެވެ.

 

205 ވަނަ މާއްދާ - އަލުން މައްސަލަ ބެލުން

(ހ) އަންނަނިވި ހާލަތްތަކުގައި ކޯޓެއްގައި އަލުން މައްސަލަ ބަލަންޖެހިއްޖެނަމަ، އެ މައްސަލައެއް ބަލަންވާނީ، ކުރިން އެ މައްސަލައެއްގައި ފުރިހަމަކޮށްފައިވާ އިޖުރާއަތުތައް އަލުން ފުރިހަމަކުރަން ލާޒިމުކުރުމަކާ ނުލައި، ވީވަރަކުން އެ ފުރިހަމަކުރެވިފައިވާ އިޖުރާއަތުތައް ފުރިހަމަވެފައިވާ ކަމަށް ބަލައިގެން މައްސަލަ ކުރިއަށްގެންދިޔުމަށެވެ.

  1. އެއްވެސް ސަބަބަކާހުރެ، މައްސަލަ ބަލަމުންދިޔަ ފަނޑިޔާރު ނޫން އެހެން ފަނޑިޔާރަކު ބަލަންޖެހޭ މައްސަލަތައް؛
  2. މަތީ މަރުހަލާގެ ކޯޓަކުން ތަހުވީލުކުރާ މައްސަލަތައް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ބެލުމުގައި، އެ މައްސަލައިގައި އެހާތަނަށް ފުރިހަމަވެފައިވާ އިޖުރާއަތުތައް ފުރިހަމަވެފައިވާ ގޮތަށް ރިއާޔަތްކޮށް، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ފަނޑިޔާރަށް އަމަލުކުރެވިދާނެއެވެ.

  1. ދައުވާ ސާބިތުކުރުމަށް ނުވަތަ ދިފާއުކުރުމަށް ހުށަހަޅާފައިވާ ހެކީގެ ތެރެއިން، ހެކިބަސްދޭ ފަރާތްތައް ށަރީއަތަށް ހާޒިރުކޮށް ދީފައިވާ ހެކިބަސް އަލުން ނަގަންނުޖެހޭނެކަމަށް ކަނޑައެޅުން؛ ނުވަތަ
  2. ދައުވާ ސާބިތުކުރުމަށް ނުވަތަ ދިފާއުކުރުމަށް ހުށަހަޅާފައިވާ ހެކީގެ ތެރެއިން، ށަރީއަތުގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަސް އަލުން ނަގައި، ކްރޮސް-އެގްޒެމިންކުރުމަށްޓަކައި އެފަރާތްތައް އަލުން ށަރީއަތަށް ހާޒިރުކުރަންޖެހޭނެކަމަށް ކަނޑައެޅުން.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން އަލުން ބަލާ މައްސަލައަކީ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްނަމަ، އެ މައްސަލަ ބަލަންވާނީ، މަތީ މަރުހަލާގެ ކޯޓުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. އަދި ފުރަތަމަ ބެލި މައްސަލައިގައި އިޖުރާއީގޮތުން ނުވަތަ މައުޒޫއީ ގޮތުން އަލުން ފުރިހަމަކުރުމަށް ކަނޑައަޅާ އިޖުރާއަތުތައް ފުރިހަމަކުރުމާއެކުގައެވެ.

 

ވިހިވަނަ ބާބު

ކުދި، އަވަސްނިޔާގެ އަދި ބޮޑެތި މައްސަލަތަކުގެ ޓްރެކް

އެއްވަނަ ބައި - ކުދި މައްސަލަތަކުގެ ޓްރެކް

 

206 ވަނަ މާއްދާ - މިބައި ހިނގާނެ ދާއިރާ

މި ބައިގައި އެކުލެވިގެންވަނީ މި ގާނޫނުގެ 178 ވަނަ މާއްދާގައި ބަޔާންކުރާ ކުދި މައްސަލަތަކުގެ ޓްރެކުން ބެލުމަށް ކަނޑައެޅިފައިވާ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެވެ.

 

207 ވަނަ މާއްދާ - ގާނޫނުގެ ބައެއް މާއްދާތައް ނުހިނގުން

(ހ) ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގެ މައްޗަށް މި ގާނޫނުގެ އަންނަނިވި ބާބުތަކެއް ނުހިނގާނެއެވެ.

  1. ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރު ނުހިމެނޭ ގޮތުން މި ގާނޫނުގެ ބާވީސްވަނަ ބާބު "ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު"؛
  2. މި ގާނޫނުގެ އަށާވީސްވަނަ ބާބު "ހެކި ހާމަކުރުން"؛
  3. މި ގާނޫނުގެ 322 ވަނަ މާއްދާ ނުހިމެނޭ ގޮތުން، މި ގާނޫނުގެ އޮނަތިރީސްވަނަ ބާބު "ހެއްކާގުޅޭ އާންމު އުސޫލުތައް"؛
  4. މި ގާނޫނުގެ ތިރީސްވަނަ ބާބު "ހެއްކާގުޅޭ ހާއްސަ އުސޫލުތައް"؛
  5. މި ގާނޫނުގެ 350 ވަނަ މާއްދާއާއި 354 ވަނަ މާއްދާއާއި 355 ވަނަ މާއްދާ ނުހިމެނޭ ގޮތުން، މި ގާނޫނުގެ އެއްތިރީސްވަނަ ބާބު "ހަބީރުން".

(ށ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައިތައް ފިޔަވައި މި ގާނޫނުގެ އެހެން މާއްދާތައް، ކުދި މައްސަލަތަކުގެ ޓްރެކުން ބެލޭ މައްސަލަތަކުގެ މައްޗަށް ހިނގާނެއެވެ.

 

208 ވަނަ މާއްދާ - ށަރީއަތަށް ތައްޔާރުވުމާއި، ހަސްމުންނަށް އިރުށާދު ދިނުން

(ހ) ކުދި މައްސަލަތަކުގެ ޓްރެކުން މައްސަލައެއް ބެލުމަށް ކަނޑައެޅުމާއެކު، އެކަން މައްސަލައިގެ ހަސްމުންނަށް އަންގައި ކޯޓުން ދޭ ނޯޓިސް ދިނުމާއެކު، މައްސަލައިގައި އަމަލުކުރާނެގޮތުގެ އާންމު އިރުށާދު ކޯޓުން ހަސްމުންނަށް ދީ، ށަރީއަތުގެ ފަހު އަޑުއެހުން ބާއްވާނެ ތާރީހެއް ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ދޭ އާާންމު އިރުށާދުގައި، މައްސަލައިގެ ށަރީއަތުގައި ހަސްމުން ބުރަދަން ދިނުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް، ށަރީއަތުގެ ފަހު އަޑުއެހުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން، އެއް ހަސްމު އަނެއް ހަސްމަށް ފޯރުކޮށްދިނުމަށް ކޯޓުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ދޭ އާާންމު އިރުށާދުގެ އިތުރުން، ހަސްމުންނަށް ހާއްސަ އިރުށާދު ދޭންޖެހޭ ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ ހާއްސަ އިރުށާދު ދިނުމާއެކު ށަރީއަތުގެ ފަހު އަޑުއެހުން ބާއްވާނެ ތާރީހެއް ކޯޓުން ކަނޑައަޅަންވާނެއެވެ.

(ރ) އާންމު ގޮތެއްގައި ކޯޓުން ހާއްސަ އިރުށާދުދޭނީ، މައްސަލައިގައި ހުށަހަޅާފައިވާ ކަމަކާ ގުޅިގެން ނުވަތަ ބަޔާނަކާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަމެއްވާނަމަ އެ ހާލަތުގައެވެ. ނުވަތަ މައްސަލައިގައި ހަސްމުން ހުށަހަޅާ ހެއްކާ ގުޅޭ ގޮތުން ކޯޓުން ދޭންޖެހޭ ހާއްސަ އިރުށާދު ދިނުމަށެވެ.

(ބ) ހެއްކާ ގުޅޭ ގޮތުން ހާއްސަ އިރުށާދު ދިނުމުގައި، ކޯޓަށް ހެކި ހުށަހެޅުމަށްޓަކައި އެ ހެކި ތައްޔާރުކުރަންޖެހޭ ގޮތުގެ އިރުށާދުކޯޓަށް ދެވިދާނެއެވެ. އަދި އެފަދައިން ދޭއިރުށާދާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، ހަސްމަކު ހުށަހަޅާ ހެކި ބަލައިނުގަތުމުގެ އިހްތިޔާރުކޯޓަށް ލިބިގެންވެއެވެ.

(ޅ) ހާއްސަ އިރުށާދު ދޭއިރު، އެ އިރުށާދު ދޭތާރީހުން ފެށިގެން، މަދުވެގެން 28 (އަށާވީސް) ދުވަހުގެ ތެރޭގައި މައްސަލަކުރިއަށްގެންދިޔުމުގައި ކޯޓުން އަމަލުކުރާނެގޮތުގެ އިތުރު އިރުށާދު ކޯޓުން ދޭނެކަން ހަސްމުންނަށް އަންގަންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން ކޯޓުން އިރުށާދު ދިނުމުގައި، މި ގާނޫނުގެ 212 ވަނަ މާއްދާގެ ދަށުން ށަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ ނިންމުމަށް ކޯޓުން ހުށަހަޅަން ގަސްދުކުރާނަމަ، އެކަން ހަސްމުންނަށް އަންގައި، އެކަމަށް ހަސްމުން އެއްބަސްވާކަން ނުވަތަ ނޫންކަން ބަޔާންކުރަން އެންގިދާނެއެވެ.

(އ) ށަރީއަތުގެ ފަހު އަޑުއެހުން ބާއްވާނެ ތާރީހެއް ކަނޑައެޅުމުން، އެ ތާރީހުގެ 21 (އެކާވީސް) ދުވަސް ކުރިން ހަސްމުންނަށް އެކަމުގެ ނޯޓިސް ދޭންވާނެއެވެ. އަދި ށަރީއަތުގެ ފަހު އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަސްމުންނަށް އަންގަންވާނެއެވެ.

(ވ) ހަބީރުންގެ ހެކިބަސް ނުވަތަ ހަބީރެއްގެ ރައުޔު އެކުލެވޭ ރިޕޯޓެއް އެއްވެސް ހަސްމަކު ށަރީއަތަށް ހުށަހަޅަން އެދޭނަމަ، ކޯޓުގެ ހުއްދަ ދުރާލާ ހޯދަންވާނެއެވެ. އަދި ކޯޓުން ދޭ އާާންމު އިރުށާދު ދިނުމާއެކު، ހަބީރުގެ ރިޕޯޓު ހުށަހަޅާ ސަބަބު ބަޔާންކޮށްދިނުމާއެކު އެކަމަށް ކޯޓުގައި އެދެންވާނެއެވެ.

(މ) ކޯޓުން ދޭއިރުށާދުތަކަށް އުނިއިތުރު ގެނައުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ފ) ކޯޓަށް ފެނިއްޖެ ހިނދެއްގައި، ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލައާގުޅޭ އިތުރު މައުލޫމާތު ހުށަހެޅުމަށް މައްސަލައިގެ ހަސްމުންނަށް އެންގިދާނެއެވެ.

 

209 ވަނަ މާއްދާ - އިތުރު އިރުށާދު ދިނުމަށް އަޑުއެހުމެއް ބޭއްވުން

(ހ) ކޯޓަށް ފެނިއްޖެ ހިނދެއްގައި އަންނަނިވި ހާލަތްތަކުގައި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވިިދާނެއެވެ.

  1. މައްސަލައިގައި އިންސާފުވެރި ށަރީއަތެއް ބޭއްވި ނީ، ހާއްސަ އިރުށާދު ދީގެންކަމުގައާއި، އަދި އެ ހާއްސަ އިރުށާދުތައް ހަސްމުންނަށް ސާފުކޮށްދެވޭނީ އަޑުއެހުމެއް ބާއްވައިގެން ކަމަށް  ކޯޓަށް ފެނުން؛ ނުވަތަ
  2. މައްސަލަ ހުށަހަޅާ ފަރާތަށް މައްސަލަ ކާމިޔާބުކުރެވޭނެ ކަމުގެ އެކަށީގެންވާ ފުރުސަތެއް ނެތްކަމަށް ފެންނަ ހާލަތެއްގައި، މައްސަލަ ބާތިލުކުރުމަށް؛ ނުވަތަ
  3. ދައުވާ ފޯމު ނުވަތަ ދިފާއު ނުވަތަ ދިފާއުގެ ޖަވާބު ނުވަތަ އެއިން ލިޔުމެއްގެ ވަކި ބަޔަކީ އެ ދައުވާ ބިނާކޮށްފައިވާ ސަބަބާ ގުޅުމެއް އޮތްކަމެއް ކަމަށް ނުވާ ހާލަތުގައި، އެފަދަ ބައިތައް އެ ލިޔުންތަކުން އުނިކުރުމަށް.

(ށ) އިރުށާދު ދިނުމުގެ އަޑުއެހުމެއް ބޭއްވުމާ ގުޅޭ ގޮތުން ކޯޓުން ގޮތެއް ކަނޑައަޅާއިރު މައްސަލައިގެ ހަސްމުންނަށް ކޯޓަށް ހާޒިރުވުމަށް އިތުރު ހަރަދެއް ހިނގާނަމަ، އެ ހަރަދުތައް ކުޑަކުރެވޭނެ ގޮތްތަކަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

(ނ) އިރުށާދު ދިނުމުގެ އަޑުއެހުމެއް ބޭއްވުމަށް ކޯޓުން ނިންމައިފިނަމަ، އެކަމުގެ ނޯޓިސް، މައްސަލައިގެ ށަރީއަތުގެ އަޑުއެހުމުގެ 14 (ސާދަ) ދުވަސް ކުރިން ހަސްމުންނަށް ކޯޓުން ފޮނުވަންވާނެއެވެ.

(ރ) މައްސަލައިގެ ހަސްމުން އެދޭނަމަ، މި މާއްދާގެ ދަށުން ބާއްވާ އިރުށާދު ދިނުމުގެ އަޑުއެހުމަކީ މައްސަލައިގެ ފަހު އަޑުއެހުން ކަމުގައިވެސް ކޯޓަށް ކަނޑައެޅިދާނެއެވެ.

(ބ) އިރުށާދު ދިނުމުގެ އަޑުއެހުމުގައި، ކޯޓުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މައްސަލައިގެ ށަރީއަތުގެ ފަހު އަޑުއެހުން ބާއްވާނެ ތާރީހެއް ކަނޑައަޅާފައިނުވާނަމަ، އެ ތާރީހު ކަނޑައެޅުމާއެކު، ހަސްމުންނަށް މަދުވެގެން 21 (އެކާވީސް) ދުވަހުގެ ނޯޓިހެއް ދިނުން؛
  2. މައްސަލައިގެ ށަރީއަތުގެ ފަހު އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު އެންގުން؛ އަދި
  3. ދޭންޖެހޭ އެހެން އިރުށާދުތައް ދިނުން.

 

210 ވަނަ މާއްދާ - ކުދި މައްސަލަތަކުގެ ށަރީއަތުގެ އަޑުއެހުން ކުރިއަށްގެންދާނެ ގޮތް

(ހ)  މައްސަލައިގެ ށަރީއަތް ފެށުމަށްޓަކައި މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް ނިމުމުން، މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ކޯޓުން ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ބާއްވާ ށަރީއަތް ބޭއްވުމުގައި، ކޯޓުން ވީވަރަކުން ބަލަންވާނީ، މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ބޭއްވުމުގެ ބަދަލުގައި، މައްސަލަ ދިގުވެގެންނުދާނެ ގޮތަކަށް މައްސަލައިގެ އަޑުއެހުންތައް އިންތިޒާމު ކުރުމަށެވެ. އަދި، ށަރީއަތުގެ ކުރީގެ މަރުހަލާގައި ފުރިހަމަކޮށް ނިންމާފައިވާ އިޖުރާއަތުތައް އަލުން ތަކުރާރުކުރަން ނުޖެހޭނެ ގޮތެއްގެމަތިން އެކަން ކުރުމަށެވެ.

(ނ) ކުދި މައްސަލަތަކުގެ ޓްރެކުން މައްސަލަ ބަލާއިރު، ހެކި ހުށަހެޅުމާ ގުޅޭ ގޮތުން މި ގާނޫނުގައި ކަނޑައަޅާފައިވާ ހާއްސަ އިޖުރާއަތުތަކެއް ނުހިނގާނެއެވެ.

(ރ) ކުދި މައްސަލަތަކުގެ ޓްރެކުން މައްސަލަ ބަލާއިރު، ހެކިބަސްދޭ ފަރާތްތައް ކްރޮސް-އެގްޒެމިންކުރުމުގެ އުސޫލުތައް ހެއްކާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި ކްރޮސް-އެގްޒެމިންކުރުމަށް ހޭދަކުރެވޭނެ ވަގުތާއި، ކްރޮސް-އެގްޒެމިންކުރެވޭނެ މައުޒޫއު ވެސް ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި ހަސްމުން ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

 

211 ވަނަ މާއްދާ - ށަރީއަތަށް ހާޒިރުނުވުން

(ހ) ކުދި މައްސަލަތަކުގެ ޓްރެކްގައި، މައްސަލައިގެ ހަސްމަކު ބޭނުންނަމަ، އެފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަސްމަކު ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އަންނަނިވި ފަދައިން އެފަރާތުން އަމަލުކޮށްފައިވާނަމަ، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ރިއާޔަތްކޮށް އެފަރާތުގެ ގައިރު ހާޒިރުގައި ކޯޓަށް މައްސަލަ ނިންމިދާނެއެވެ.

  1. ށަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވާ ތާރީހުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން ށަރީއަތުގެ އަޑުއެހުމަށް  ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް ކޯޓަށް އަދި މައްސަލައިގެ އަނެއް ހަސްމަށް ނޯޓިސް ދީފައިވުމާއެކު، އެ މުއްދަތުގެ ކުރިން މައްސަލައިގެ އެންމެހައި ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅާފައިވުން؛ އަދި
  2. ށަރީއަތުގެ އަޑުއެހުމަށް ހާޒިރުވެވެން ނެތް ސަބަބު ބަޔާންކޮށް ކޯޓަށް ފޮނުވާފައިވާ ނޯޓިހުގައި، އެފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންގޮސްދިނުމަށް އެދިފައިވުން.

(ނ) ދައުވާކުރާ ފަރާތުން ށަރީއަތުގެ ފަހު އަޑުއެހުމަށް ހާޒިރުވެފައިނުވާނަމަ، އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ނޯޓިސް ދީފައިނުވާނަމަ، ކޯޓަށް އެ މައްސަލަ ބާތިލުކުރެވިދާނެއެވެ.

(ރ) ދައުވާލިބޭ ފަރާތުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ނޯޓިސް ދިނުމަކާ ނުލައި ށަރީއަތުގެ ފަހު އަޑުއެހުމަށްހާޒިރުނުވެ އެހެންނަމަވެސް ދައުވާކުރާ ފަރާތުން ށަރީއަތަށް ހާޒިރުވެއްޖެނަމަ، ނުވަތަ ދައުވާކުރާ ފަރާތުން މި މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދީފައިވާނަމަ، ހަމައެކަނި ދައުވާކުރާ ފަރާތުގެ ދައުވާއަށާއި، އެފަރާތުން ހުށަހަޅާފައިވާ ހެއްކަށް ބިނާކޮށް މައްސަލައާމެދު ކޯޓަށް ގޮތެއް ކަނޑައެޅިދާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ނޯޓިސް ދިނުމަކާ ނުލައި މައްސަލައިގެ އެއްވެސް ހަސްމަކު ށަރީއަތުގެ ފަހު އަޑުއެހުމަށް ހާޒިރުވެފައިނުވާނަމަ، ކޯޓަށް މުޅި މައްސަލަ ބާތިލުކުރެވިދާނެއެވެ.

 

212 ވަނަ މާއްދާ - އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުން

(ހ) މައްސަލައިގެ އެންމެހައި ހަސްމުން އެދޭނަމަ، ށަރީއަތުގެ އަޑުއެހުމަކާ ނުލައި ކޯޓަށް މައްސަލަ ނިންމިދާނެއެވެ.

(ށ) ށަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ ނިންމާ ހާލަތެއްގައި، މައްސަލައިގެ ނިންމުމުގެ އިތުރުން، އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރާ ލިޔުމެއް، ހަސްމުންނަށް ފޮނުވަންވާނެއެވެ.

 

213 ވަނަ މާއްދާ - މައްސަލައިގެ ހުކުމް ބާތިލުކުރުމަށްފަހު އަލުން މައްސަލަ ބަލައިދިނުމަށް އެދުން

(ހ) މައްސަލައިގެ ހަސްމަކު ނުވަތަ އެފަރާތުން އައްޔަންކޮށްފައިވާ ފަރާތަކުން ށަރީއަތުގެ އަޑުއެހުމަށް ހާޒިރުވެފައިނުވާނަމަ އަދި މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ނޯޓިސް ދީފައިނުވާނަމަ، އެ މާއްދާގެ ދަށުން ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރުމަށާއި، މައްސަލަ އަލުން ބަލައިދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަސްމަކު ހުށަހެޅުމެއް ހުށަހަޅަން އެދޭނަމަ، މައްސަލައިގެ ހުކުމް އެފަރާތަށް ލިބޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން ކޯޓުން ބަލައިގަންނާނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ކޯޓަށް ހާޒިރުވެފައިނުވާ ސަބަބަކީ ނުވަތަ މި ގާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ކޯޓަށް ނޯޓިސް ދީފައިނުވާ ސަބަބަކީ އެކަށީގެންވާ ސަބަބަކަށްވުން؛ ނުވަތަ
  2. މައްސަލައިގައި އެފަރާތުން ހޯދުމަށް އެދޭ ފަރުވާ އެފަރާތަށް ލިބުމުގެ އެކަށީގެންވާ ފުރުސަތެއް އޮތުން.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ އަލުން ބެލުމަށް ކަނޑައަޅައިފިނަމަ، އެ މައްސަލައިގެ އަޑުއެހުމެއް އަލުން ތާވަލުކޮށް ށަރީއަތުގެ ފަހު އަޑުއެހުން ވީ އެންމެ އަވަހަކަށް ކުރިއަށްގެންދަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މައްސަލަ އަލުން ބަލާ ހާލަތުގައި، މައްސަލަ ކުރިން ބެލި ފަނޑިޔާރު އެ މައްސަލަ އަލުން ބެލުމަކަށް މި ގާނޫނު ހުރަހެއްނާޅައެވެ.

(ޅ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 212 ވަނަ މާއްދާގެ ދަށުން ހަސްމުންގެ އެއްބަސްވުމާއެކު އަޑުއެހުމަކާ ނުލައި މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ހާލަތުގައި، މި މާއްދާގެ ދަށުން މައްސަލަ އަލުން ބަލައިދިނުމަކަށް ނޭދެވޭނެއެވެ.

 

ދެވަނަ ބައި - އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް

 

214 ވަނަ މާއްދާ - މި ބައި ހިނގާނެ ދާއިރާ

މި ބައިގައި އެކުލެވިގެންވަނީ މި ގާނޫނުގެ 179 ވަނަ މާއްދާގައި ބަޔާންކުރާ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލުމަށް ކަނޑައެޅިފައިވާ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެވެ.

 

215 ވަނަ މާއްދާ - މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު ދިނުން

އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުގައި މައްސަލަތައް ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު، ކޯޓުން ދެ މަރުހަލާއެއްގައި ހަސްމުންނަށް ދޭންވާނެއެވެ. އެއީ، އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން މައްސަލަ ބެލުމަށް ފޮނުވުމާއެކު ދޭއިރުށާދާއި، ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ބަދަލުކުރާ މަރުހަލާގައި ދޭއިރުށާދެވެ. އަދި ކޯޓުން ވީވަރަކުން ބަލަންވާނީ ހަމައެކަނި މި ދެ މަރުހަލާގައި ހަސްމުންނަށް އިރުށާދު ދިނުމަށާއި، އަޑުއެހުންތަކެއް ބޭއްވުމަކާ ނުލައި އެ އިރުށާދުތައް ދިނުމަށެވެ.

 

216 ވަނަ މާއްދާ - ޓްރެކް ކަނޑައެޅުމާއެކު އިރުށާދު ދިނުން

(ހ) ވަކި މައްސަލައެއް އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލުމަށް ކަނޑައެޅުމާއެކު، އެކަން ހަސްމުންނަށް އަންގައި ކޯޓުން ދޭ ނޯޓިސް ދޭއިރު، އެ ޓްރެކްގައި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު، މައްސަލައިގެ ހަސްމުންނަށް ދޭންވާނެއެވެ. މި މަރުހަލާގައި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު ދިނުމުގެ ބޭނުމަކީ، ހަސްމުންގެ މެދުގައި އިހްތިލާފު އުފެދިފައިވާ މައްސަލަތަކަކީ ކޮބައިކަން ދުރާލާ ދެނެގަތުމާއި، މައްސަލައަށް ބޭނުންވާ ހެކި ހާމަކޮށް، ށަރީއަތަށް ހުށަހެޅުމަށް ތައްޔާރުކުރުމެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އިރުށާދު ދޭއިރު، އެ އިރުށާދު ދޭތާރީހުން ފެށިގެން މައްސަލައިގެ ށަރީއަތް ބޭއްވުމާ ހަމައަށް އެ މައްސަލައިގެ ށަރީއަތަށް ތައްޔާރުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ މަރުހަލާތަކާއި އެ މަރުހަލާތައް ފުރިހަމަކުރުމަށް ކަނޑައަޅާ ވަގުތު އަންގައިދޭ ތާވަލެއް ކަނޑައަޅައި ހަސްމުންނަށް އަންގަންވާނެއެވެ. އަދި މައްސަލައިގެ ށަރީއަތް ބާއްވާނެ ތާރީހެއް ނުވަތަ މައްސަލައިގެ ށަރީއަތް ދެމިގެންދާނެ އެންމެ ދިގު މުއްދަތެއް ކަނޑައަޅައި، ހަސްމުންނަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލައިގެ ށަރީއަތް ހިންގުމަށް ކޯޓުން ކަނޑައަޅާ މުއްދަތަކީ، މައްސަލައިގެ ޓްރެކް ކަނޑައަޅައި ކޯޓުން އަންގާ އެންގުން ފޮނުވާ ތާރީހުން ފެށިގެން 3 (ތިނެއް) ހަފްތާއަށްވުރެ އިތުރުނުވާނެ ފަދައިން ކަނޑައެޅޭ މުއްދަތެއް ކަމުގައިވާންވާނެއެވެ. އަދި ށަރީއަތް ބޭއްވި ތާރީހަކީ، އިރުށާދު ދޭތާރީހުން ފެށިގެން 8 (އަށެއް) ހަފްތާއަށްވުރެ އިތުރުނުވާނެ ގޮތަށް ކަނޑައެޅޭ ތާރީހެއް ކަމުގައިވާންވާނެއެވެ.

(ރ) އަޑުއެހުން ބާއްވާނެ ތާރީހު ނުވަތަ ށަރީއަތް ހިންގުމަށް ކަނޑައަޅާ އެންމެ ދިގު މުއްދަތު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިހުގައި ކަނޑައަޅާފައި އޮންނަންވާނެއެވެ.

 

217 ވަނަ މާއްދާ - ށަރީއަތުގެ ކުރީގެ މަރުހަލާގެ އިޖުރާއަތުތައް ފުރިހަމަކުރާނެ ގޮތުގެ ތާވަލު ކަނޑައެޅުން

(ހ) މި ގާނޫނުގެ 216 ވަނަ މާއްދާގެ (ހ) ގެ ދަށުން މައްސަލައިގެ ށަރީއަތަށް ތައްޔާރުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ މަރުހަލާތަކާއި އެ މަރުހަލާތައް ފުރިހަމަކުރުމަށް ކަނޑައަޅާ ވަގުތު އަންގައިދޭ ތާވަލު ކަނޑައެޅުމުގައި އަންނަނިވި މަރުހަލާތައް ފުރިހަމަކުރުމަށް އަންނަނިވި މުއްދަތުތައް ކަނޑައެޅުމަށް ވީ ވަރަކުން މަސައްކަތްކުރަންވާނެއެވެ.

  1. ހެކި ހާމަކުރުމުގެ މަރުހަލާ ފުރިހަމަކުރުމަށް 4 (ހަތަރެއް) ހަފްތާ؛ 
  2. ހެކީންގެ ބަޔާން ބަދަލުކުރުމަށް 10 (ދިހައެއް) ހަފްތާ؛ 
  3. ހަބީރުންގެ ރިޕޯޓު ބަދަލުކުރުމަށް 14 (ސާދަ) ހަފްތާ؛ 
  4. ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ހަސްމުންނަށް ފޮނުވުމަށް 20 (ވިހި) ހަފްތާ؛
  5. ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ކޯޓަށް ހުށަހެޅުމަށް 22 (ބާވީސް) ހަފްތާ؛
  6. ށަރީއަތުގެ އަޑުއެހުމަށް 30 (ތިރީސް) ހަފްތާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުތައް ހިނގަން ފަށާނީ، ޓްރެކް ކަނޑައެޅިކަން ހަސްމުންނަށް އަންގާ ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ތާވަލުގައި، އެކި މަރުހަލާތައް ފުރިހަމަކުރުމަށް ކަނޑައަޅާ މުއްދަތުތަކަށް ކޯޓަށް ބަދަލުގެނެވިދާނެއެވެ. އެހެންނަމަވެސް، އެފަދައިން މުއްދަތުތައް ބަދަލުކުރާއިރު، އެ އެންމެހައި މަރުހަލާތައް ފުރިހަމަކުރަންޖެހޭ ހާލަތެއްގައި، މައްސަލައިގެ ށަރީއަތް ބޭއްވުމަށް ކަނޑައަޅާފައިވާ 30 (ތިރީސް) ހަފްތާގެ މުއްދަތަށް ބަދަލެއް ގެނެސްގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ށަރީއަތް ބޭއްވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ކަމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުހަލާތަކުގެ ތެރެއިން ވަކި މަރުހަލާއެއް ކުރިއަށްގެންދިޔުން މުހިންމު ނޫން ކަމަށް ކޯޓަށް ފެނިއްޖެ ހާލަތެއްގައި، އެފަދަ މަރުހަލާއެއް ފުރިހަމަކުރަންނުޖެހޭނެކަމަށް ކަނޑައަޅައި، ށަރީއަތް ބޭއްވުން އަވަސްކުރެވިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން ކޯޓުން ތާވަލު އެކުލަވާލުމުގައި ވީ ވަރަކުން ހަސްމުންނާ މަށްވަރާކުރަންވާނެއެވެ. އަދި ހަސްމުންނަށް އެއްބަސްވެވޭ މުއްދަތުތަކެއް ކަނޑައެޅުމަށް އިސްކަންދޭންވާނެއެވެ.

(ޅ) ހަސްމުން ބޭނުންނަމަ، ހަސްމުންނަށް އެއްބަސްވެވޭ ތާވަލެއް އެކުލަވާލައި، ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި ހަސްމުން އެފަދައިން ހުށަހަޅާ ހުށަހެޅުންތަކަކީ، ކޯޓަށް ގަބޫލުކުރެވޭ ހުށަހެޅުންތަކެއް ކަމަށްވާނަމަ، އެ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް ކަނޑައެޅިދާނެއެވެ.

 

218 ވަނަ މާއްދާ - އިރުށާދު ދޭނެ ކަންކަން

(ހ) މި ގާނޫނުގެ 216 ވަނަ މާއްދާގެ (ހ) ގެ ދަށުން އިރުށާދު ދޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ހެކި ހާމަކުރުން؛ 
  2. ހެކީންގެ ބަޔާންތައް ފޯރުކޮށްދިނުން؛ 
  3. ހަބީރުންގެ ހެކި ހުށަހެޅުން.

(ށ) އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން މައްސަލައެއް ބެލުމުގައި، އާންމު އުސޫލުގެ ދަށުން ހެކި ހާމަކުރުމުގެ އިޖުރާއަތު ކުރިއަށްގެންދަންނުޖެހޭ ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ އިޖުރާއަތު އެކުގައި ނުހިނގާނެކަމަށް ކަނޑައަޅައި، ހަސްމުންނަށް އެންގިދާނެއެވެ. ނުވަތަ މުޅި އިޖުރާއަތު ހިންގުމުގެ ބަދަލުގައި ހަސްމުން ހާމަކުރަންޖެހޭ ވަކި ލިޔުންތަކެއް ނުވަތަ ވަކި ބާވަތެއްގެ ލިޔުންތަކެއް ކަނޑައަޅައި، ހަސްމުންނަށް އެންގިދާނެއެވެ.

 

219 ވަނަ މާއްދާ - މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލު އިސްލާހުކުރުން

(ހ) މި ގާނޫނުގެ 216 ވަނަ މާއްދާގެ ދަށުން ކޯޓުން އިރުށާދު ދިނުމުގައި ނުވަތަ މި ގާނޫނުގެ 217 ވަނަ މާއްދާގެ ދަށުން ތާވަލު ކަނޑައެޅުމުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ކޯޓުން ކަނޑައަޅާފައިވާ ތާރީހު ނުވަތަ މުއްދަތުތަކަށް ބަދަލެއް ގެނައުމަށް ހަސްމަކު ބޭނުންވާނަމަ، އެކަން ކޯޓަށް ހުށަހެޅިދާނެއެވެ.

  1. ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކުރުމަށްފަހު ކޯޓަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު؛
  2. ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހު؛
  3. ށަރީއަތް ހިންގުމަށް ކަނޑައަޅާފައިވާ މުއްދަތު.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަކި ކަމަކަށް ކަނޑައަޅާފައިވާ ވަކި ތާރީހެއް ނުވަތަ މުއްދަތެއް ބަދަލުކުރުމަށް ހަސްމަކު އެދޭ ހާލަތުގައި އެ ތާރީހެއް ނުވަތަ މުއްދަތެއް ބަދަލުކުރެވޭނީ، މައްސަލައިގެ ށަރީއަތް ބޭއްވުމަށް ކަނޑައަޅާފައިވާ 30 (ތިރީސް) ހަފްތާގެ މުއްދަތަށް ބަދަލު ނާންނާނެ ގޮތެއްގެމަތިންނެވެ.

 

220 ވަނަ މާއްދާ - އިރުށާދުތައް ސާފުކޮށްދިނުމަށް އަޑުއެހުމެއް ބޭއްވުން

(ހ) މި ގާނޫނުގެ 216 ވަނަ މާއްދާގެ ދަށުން ކޯޓުން ދޭއިރުށާދުތައް ހަސްމުންނަށް ސާފުކޮށްދިނުމަށްޓަކައި އަޑުއެހުމެއް ބޭއްވުމަކީ މުހިންމުކަމެއް ކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެފަދަ އަޑުއެހުމެއް ބޭއްވިިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަޑުއެހުމެއް ބާއްވާނަމަ، އަޑުއެހުން ބާއްވާ ދުވަހުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ހަސްމުންނަށް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަޑުއެހުމެއް ބޭއްވުމަށް މައްސަލައިގެ ހަސްމުންނަށްވެސް އެދެވިދާނެއެވެ.އެހެންނަމަވެސް، އެފަދަ އަޑުއެހުމެއް ކޯޓުން ބާއްވަންވާނީ އެއީ ކޮންމެހެން މުހިންމުކަމެއް ކަމުގައި ކޯޓަށް ފެނިއްޖެ ހާލަތެއްގައެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އަޑުއެހުމެއް ބޭއްވުމަށް ނިންމައިފިނަމަ، އެ އަޑުއެހުމުގައި، ކޯޓުން ދީފައިވާ އިރުށާދުތަކާ ގުޅޭ ގޮތުން ހަސްމުން ސާފުކުރަން ބޭނުންވާ ކަންކަމަށް އެ ހަސްމުން ދުރާލާ ތައްޔާރުވާންވާނެއެވެ.

221 ވަނަ މާއްދާ - ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު 

(ހ)  މި ގާނޫނުގެ 216 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު އަދި/ނުވަތަ މި ގާނޫނުގެ 220 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށްފަހުގައިވެސް ށަރީއަތަށް ތައްޔާރުވުމަށްޓަކައި މައްސަލައިގެ ހަސްމުން މި މާއްދާގައި ބަޔާންކުރާފަދަ ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓެއް ފުރިހަމަކުރަންޖެހޭ ކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެ ޗެކްލިސްޓު ފުރިހަމަކުރުމަށާއި، ކޯޓުން ކަނޑައަޅާ ތާރީހަކަށް އެ ޗެކްލިސްޓު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ހަސްމުންނަށް އެންގިދާނެއެވެ.

(ށ) ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ތާރީހު ކަމުގައި ކަނޑައަޅާ ތާރީހަކީ ށަރީއަތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގެ 8 (އަށެއް) ހަފްތާ ކުރީގެ ތާރީހަކަށް ވެގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ ތާރީހު ހަމަވާއިރު އެއްވެސް ހަސްމަކު ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، ހަސްމުންނަށް އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމާއެކު، އެ މައުލޫމާތު ހުށަހެޅުމަށް ކޯޓުން އެންގިދާނެއެވެ. އެ މުއްދަތު ދެވޭ ހާލަތުގައި، އެ މުއްދަތުގެ ތެރޭގައިވެސް ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، ހުށަހަޅާފައިވާ ދައުވާއާއި، ދިފާއު އަދި ރައްދު ދައުވާ ބާތިލުކުރެވޭނެކަން އަންގައި، ކޯޓުން އަމުރެއް ނެރެންވާނެއެވެ.

(ރ) ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓެއް އެއް ހަސްމަކު ހުށަހަޅާފައި، އަނެއް ހަސްމަކު ހުށަނާޅައިފިނަމަ، ނުވަތަ ޗެކްލިސްޓުގައި ކަނޑައަޅާފައިވާ އެންމެހައި މައުލޫމާތު ހުށަހަޅާފައިނުވާނަމަ، ނުވަތަ މައްސަލައިގެ ށަރީއަތަށް ތައްޔާރުވުމަށްޓަކައި ދޭންޖެހޭ އިރުށާދު ދިނުމުގެ ގޮތުން އަޑުއެހުމެއް ބޭއްވުން މުހިންމުކަމަށް ކޯޓަށް ފެނިއްޖެނަމަ، ކަމާގުޅޭ ގޮތުން ކޯޓަށް ފެންނަ އިރުށާދެއް ދެވިދާނެއެވެ.

 

222 ވަނަ މާއްދާ - އަޑުއެހުމުގެ ތާރީހު ކަނޑައެޅުމާއި އިތުރު އިރުށާދު ދިނުން 

(ހ)  ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީހަށްފަހު ވީ އެންމެ އަވަހަކަށް ކޯޓުން އަންނަނިވި ކަންކަން ހަމަޖައްސަންވާނެއެވެ.

  1. ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހެއް ކަނޑައެޅުން (ތާރީހު ކުރިން ކަނޑައަޅާފައިވާނަމަ، ތާރީހާމެދު އެންމެ ފަހުގެ ގޮތެއް ނިންމުން)؛
  2. ށަރީއަތުގެ އަޑުއެހުމުގެ އެކި މަރުހަލާތައް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ކަނޑައަޅައި، އަޑުއެހުމާ ގުޅޭ ގޮތުން ދޭންޖެހޭ އެހެން އިރުށާދުތައް ދިނުން؛ އަދި
  3. އަޑުއެހުމުގެ ކުރިން އަޅަންޖެހޭ އިތުރު ފިޔަވަޅެއްވާނަމަ އެކަމެއް ބަޔާންކުރުން.

(ށ) އިސްތިސްނާ ހާލަތްތަކެއްގައި ފިޔަވައި އެނޫން ހާލަތްތަކުގައި، އާންމު ގޮތެއްގައި އަޑުއެހުން އޮންނަ ތާރީހުގެ ކުރިން 3 (ތިނެއް) ހަފްތާގެ ނޯޓިހެއް ކޯޓުން ހަސްމުންނަށް ދޭންވާނެއެވެ.

 

223 ވަނަ މާއްދާ - އަވަސްނިޔާގެ މައްސަލަތަކުގެ ށަރީއަތުގެ އަޑުއެހުން ބޭއްވުން

(ހ) މައްސަލައިގެ ށަރީއަތް ފެށުމަށްޓަކައި މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް ނިމި، މި ގާނޫނުގެ 222 ވަނަ މާއްދާގެ ދަށުން ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހު ކަނޑައެޅުމާއެކު އެ ތާރީހުގައި މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ކޯޓުން ބާއްވަންވާނެއެވެ.

(ށ) އަވަސްނިޔާގެ ޓްރެކުން ބަލާ މައްސަލަތަކުގެ ށަރީއަތުގެ އަޑުއެހުން ބޭއްވުމަށް ކޯޓުން ބަލަންވާނީ، 1 (އެކެއް) ދުވަހުގެ ތެރޭގައި އަޑުއެހުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރެވޭނެ ގޮތަކަށް އަޑުއެހުމުގެ ވަގުތުތައް ކަނޑައެޅުމަށެވެ.

 

ތިންވަނަ ބައި - ބޮޑެތި މައްސަލަތަކުގެ ޓްރެކް

 

224 ވަނަ މާއްދާ - މި ބައި ހިނގާނެ ދާއިރާ

މި ބައިގައި އެކުލެވިގެންވަނީ، މި ގާނޫނުގެ 180 ވަނަ މާއްދާގައި ބަޔާންކުރާ ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބެލުމަށް ކަނޑައެޅިފައިވާ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެވެ.

 

225 ވަނަ މާއްދާ - މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު ދިނުން

(ހ) މައްސަލައެއް ބަލާނީ ބޮޑެތި މައްސަލަތަކުގެ ޓްރެކުން ކަމަށް ކަނޑައެޅުމާއެކު، ކޯޓުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުށާދު ހަސްމުންނަށް ދީ، މައްސަލައިގެ ށަރީއަތް ބާއްވާނެ ތާރީހެއް ނުވަތަ މައްސަލައިގެ ށަރީއަތުގައި ހޭދަވާނެ އެންމެ ދިގު މުއްދަތެއް ކަނޑައަޅައި، ހަސްމުންނަށް އެންގުން؛ ނުވަތަ 
  2. މައްސަލަ ކުރިއަށްގެންދާނެ ގޮތާމެދު އިރުށާދު ދީ، އެ އިރުށާދު ދޭތާރީހުން ފެށިގެން މައްސަލައިގެ އަޑުއެހުމާ ހަމައަށް އަޅާނެ ފިޔަވަޅުތަކުގެ ތާވަލެއް ކަނޑައެޅުމާއެކު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހަމަޖެއްސުން:
    1. މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް ބާއްވާނެ ތާރީހެއް ކަނޑައެޅުން؛ ނުވަތަ
    2. މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް ބާއްވާނެ ތާރީހަކާއި ށަރީއަތް ފެށުމުގެ ކުރިން މުރާޖައާއެއް  ކުރާނަމަ، އެކަމަށް ތާރީހެއް ކަނޑައެޅުން.

(ށ) ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހު ނުވަތަ ށަރީއަތުގައި މައްސަލައަށް ހޭދަވާނެ އެންމެ ދިގު މުއްދަތުގެ ގޮތުގައި ތާރީހެއް ވީ އެންމެ އަވަހަކަށް ކޯޓުން ކަނޑައަޅަންވާނެއެވެ.

(ނ) ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހު ނުވަތަ ށަރީއަތުގައި މައްސަލައަށް ހޭދަވާނެ އެންމެ ދިގު މުއްދަތުގެ ގޮތުގައި ކޯޓުން ތާރީހެއް ކަނޑައެޅުމާއެކު، އެ ތާރީހު ނުވަތަ މުއްދަތުގެ ނޯޓިސް ހަސްމުންނަށް ދޭންވާނެއެވެ. އަދި ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ހުށަހަޅަންޖެހޭ ތާރީހު ކޯޓުން ކަނޑައަޅައި އަންގަންވާނެއެވެ.

 

226 ވަނަ މާއްދާ - މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް ބޭއްވުން

މައްސަލަ ހިނގާނެ ޓްރެކް ކަނޑައެޅުމަށްފަހު ކޮންމެ ވަގުތެއްގައިވެސް މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް، ކޯޓަށް ބޭއްވިިދާނެއެވެ.

(ށ) މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމަކީ، މައްސަލައިގެ ށަރީއަތްތައް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެފައިވާ މިންވަރު ބެލުމަށްޓަކައި ހަސްމުންނާއި ފަނޑިޔާރާ ދެމެދުގައި ބާއްވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި، އަންނަނިވި ކަންކަން ކޯޓަށް ސާފުކުރެވިދާނެއެވެ.

  1. ހަސްމުން އެހާތަނަށް އަޅާފައިވާ ފިޔަވަޅުތައް؛ 
  2. ކޯޓުން ދީފައިވާ އިރުށާދުތަކާ އެއްގޮތަށް ހަސްމުން އަމަލުކުރަމުންދޭތޯ؛
  3. އެއް ފަރާތުގެ ދައުވާ އަނެއް ފަރާތަށް ސާފުވެފައިވޭތޯ؛
  4. ށަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދޭނެ މިންވަރެއް ބެލުމަށްޓަކައި އެހާތަނަށް ހިނގާފައިވާ ހަރަދުތައް؛
  5. އިތުރަށް ތާވަލެއް ކަނޑައަޅަންޖެހޭ ކަމެއްވާނަމަ އެކަމެއް.

 

227 ވަނަ މާއްދާ - ހަސްމުން ފުރިހަމަކުރަންޖެހޭ ކަންކަން

މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން، މައްސަލަ ތާވަލުކުރުމާ ގުޅޭ ގޮތުން ކޯޓުން ދީފައިވާ އިރުށާދުތަކާމެދު ހަސްމުންގެ މެދުގައި އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރަންވާނެއެވެ. ނުވަތަ ހަސްމުންނަށް އެއްބަސްވެވޭ ހަސްމުންގެ އަމިއްލަ ހުށަހެޅުމެއް ކޯޓަށް ހުށަހަޅަންވާނެއެވެ. ހަސްމުން އެއްބަސްވާ އިރުށާދުތައް ކޯޓުން ގަބޫލުކޮށްފިނަމަ ނުވަތަ ކޯޓުގެ އަމިއްލަ އިރުށާދު ކޯޓުން ދީފިނަމަ، ކޯޓުން އެކަން ހަސްމުންނަށް އެންގުމަށްފަހު، ތާވަލުކޮށްފައިވާ މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުން ބާތިލުކުރަންވާނެއެވެ. 

 

228 ވަނަ މާއްދާ - ށަރީއަތުގެ ކުރީގެ މަރުހަލާގެ އިޖުރާއަތުތައް ފުރިހަމަ ކުރާނެ ގޮތުގެ ތާވަލު ކަނޑައެޅުން

ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލައެއްގައި ށަރީއަތުގެ ކުރީގެ މަރުހަލާގެ އިޖުރާއަތުތައް ފުރިހަމަކުރާނެ ގޮތުގެ ތާވަލު ކަނޑައެޅުމުގައި އަމަލުކުރާނީ، އެކި މަރުހަލާތައް ފުރިހަމަކުރުމަށް މުއްދަތު ކަނޑައަޅާ ކަނޑައެޅުން ފިޔަވައި، އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުގައި އަމަލުކުރާ އުސޫލުންނެވެ.

 

229 ވަނަ މާއްދާ - މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލު އިސްލާހުކުރުން

އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ކޯޓުން ކަނޑައަޅާފައިވާ ތާރީހު ނުވަތަ މުއްދަތުތަކަށް ބަދަލެއް ގެނައުމަށް ހަސްމަކު އެދޭނަމަ، އެކަން ކޯޓަށް ހުށަހެޅިދާނެއެވެ.

(ހ) މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުން؛

(ށ) ށަރީއަތުގެ ކުރީގެ މަރުހަލާގެ މުރާޖައާ؛

(ނ) ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކުރުމަށްފަހު ކޯޓަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު؛

(ރ) ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހު؛ ނުވަތަ

(ބ) ށަރީއަތް ހިންގުމަށް ކަނޑައަޅާފައިވާ އެންމެ ދިގު މުއްދަތު.

 

230 ވަނަ މާއްދާ - ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު

(ހ) ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓަކާ ނުލައި، ދައުވާއެއްގެ ށަރީއަތް ހިންގިދާނެކަމަށް ކޯޓަށް ފެނިއްޖެ ހާލަތެއްގައި ފިޔަވައި، ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓެއް ފުރިހަމަކުރުމަށާއި، ކޯޓުން ކަނޑައަޅާ ތާރީހަކަށް އެ ޗެކްލިސްޓު ފުރިހަމަކުރުމަށްފަހު އަނބުރާ ހުށަހެޅުމަށް ހަސްމުންނަށް އެންގިދާނެއެވެ.

(ށ) ކޮންމެ ހަސްމަކުވެސް ކޯޓުން ބަޔާންކޮށްފައިވާ ތާރީހުގެ ކުރިން ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ ތާރީހު ހަމަވާއިރު އެއްވެސް ހަސްމަކު ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، ހަސްމުންނަށް އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމާއެކު، އެ މައުލޫމާތު ހުށަހެޅުމަށް ކޯޓުންއެންގިދާނެއެވެ. އެ މުއްދަތު ދެވޭ ހާލަތުގައި، އެ މުއްދަތުގެ ތެރޭގައިވެސް ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، ހުށަހަޅާފައިވާ ދައުވާއާއި، ދިފާއު އަދި ރައްދު ދައުވާ ބާތިލުކުރެވޭނެކަން އަންގައި، ކޯޓުން އަމުރެއް ނެރެންވާނެއެވެ.

(ރ) ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓެއް ހަސްމުންގެ ތެރެއިން އެއް ހަސްމަކު ހުށަހަޅާފައިވާއިރު އަނެއް ހަސްމަކު ހުށަހަޅާފައިނުވާނަމަ، ނުވަތަ ޗެކްލިސްޓުގައި ކަނޑައަޅާފައިވާ އެންމެހައި މައުލޫމާތު ހުށަހަޅާފައިނުވާނަމަ، ނުވަތަ މައްސަލައިގެ ށަރީއަތަށް ތައްޔާރުވުމަށްޓަކައި ދޭންޖެހޭ އިރުށާދު ދިނުމުގެ ގޮތުން އަޑުއެހުމެއް ބޭއްވުން މުހިންމުކަމަށް ކޯޓަށް ފެނިއްޖެނަމަ، ކަމާގުޅޭ ގޮތުން ކޯޓަށް ފެންނަ އިރުށާދެއް ދެވިދާނެއެވެ.

 

231 ވަނަ މާއްދާ - ށަރީއަތުގެ ކުރީގެ މަރުހަލާގެ މުރާޖައާ

(ހ) ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓުތައް ހަސްމުން ހުށަހެޅުމުން، ށަރީއަތުގެ ކުރީގެ މަރުހަލާގެ މުރާޖައާއެއް ކުރުން މުހިންމު ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ މުރާޖައާއެއް ކޯޓަށް ކުރެވިދާނެއެވެ. ށަރީއަތުގެ ކުރީގެ މަރުހަލާގެ މުރާޖައާއަކީ، ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ބަދަލުކުރުމަށްފަހު، އަންނަނިވި ކަންކަމާމެދު ގޮތެއް ނިންމުމަށް ކޯޓުން ކުރާ މުރާޖައާއެކެވެ.

  1. ށަރީއަތުގެ އަޑުއެހުންތަކުގެ ތާވަލެއް ކަނޑައެޅުން؛ 
  2. ހެކި ހުށަހަޅާނެ ގޮތާއި ހެކިބަސްދޭނެ ތަރުތީބާމެދު ގޮތެއް ނިންމުން؛
  3. ށަރީއަތަށް ހޭދަވާނެ ވަގުތު ކަނޑައެޅުން؛ 
  4. އެނޫންވެސް ށަރީއަތަށް ތައްޔާރުވުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުން.

(ށ) މި މާއްދާގެ ދަށުން ކޯޓުން ކުރާ މުރާޖައާއަށްފަހު، ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހެއް ކުރިން ކަނޑައަޅާފައިނުވާނަމަ، އެ ތާރީހު ކަނޑައަޅައި، ހަސްމުންނަށް އަންގަންވާނެއެވެ.

(ނ) ހަސްމުންގެ ފަރާތުން ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓުތައް ލިބުމުން، ކުރިން ހަމަޖެހިފައިވާ ށަރީއަތުގެ ކުރީގެ މަރުހަލާގެ މުރާޖައާއެއް ބާތިލުކޮށްފިނަމަ، މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ 7 (ހަތެއް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ހަސްމުންނަށް ފޯރުކޮށްދޭންވާނެއެވެ.

 

232 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުންތަކުގެ ތާވަލު ކަނޑައެޅުން

(ހ) އަންނަނިވި ކަންކަން ފުރިހަމަވުމާއެކު، އެންމެ އަވަސް ތާރީހެއްގައި ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހެޅުމުން ނުވަތަ ށަރީއަތުގެ ކުރީގެ މަރުހަލާގެ ޗެކްލިސްޓާ ގުޅޭ ގޮތުން ކޯޓުން ބާއްވާ އަޑުއެހުމެއް ބޭއްވުމާއެކު، ނުވަތަ ށަރީއަތުގެ ކުރީގެ މަރުހަލާގެ މުރާޖައާއެއް ކުރުމާއެކު، ވީ އެންމެ އަވަހަކަށް ކޯޓުން އަންނަނިވި ކަންކަން ހަމަޖައްސަންވާނެއެވެ.

  1. ށަރީއަތުގެ އަޑުއެހުމުގެ އެކި މަރުހަލާތައް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ކުރިން ކަނޑައަޅާފައިނުވާނަމަ، އަދި އެފަދަ ތާވަލެއް ކަނޑައަޅަންވާނެކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، އަޑުއެހުން ބާއްވާނެ ގޮތުގެ ތާވަލެއް ކަނޑައަޅައި، އަޑުއެހުމާ ގުޅޭ ގޮތުން ދޭންޖެހޭ އެހެން އިރުށާދުތައް ދިނުން؛
  2. ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހެއް ނުވަތަ އަޑުއެހުންތައް ފަށާނެ ތާރީހެއް ކަނޑައެޅުން ނުވަތަ ށަރީއަތުގެ އަޑުއެހުން ބާއްވާނެ ތާރީހު ކުރިން ކަނޑައަޅާފައިވާނަމަ، އެ ތާރީހާމެދު އެންމެ ފަހުގެ ގޮތެއް ނިންމުން؛ އަދ
  3. މި މާއްދާގެ ދަށުން ތާވަލެއް ކަނޑައަޅާނަމަ، އަޑުއެހުން ބޭއްވުމުގެ ތާވަލާއި އަޑުއެހުން ބާއްވާނެ ތާރީހު ނުވަތަ މުއްދަތު ހަސްމުންނަށް އެންގުން.

(ށ) އިސްތިސްނާ ހާލަތްތައް ނޫން ހާލަތްތަކުގައި، އާންމު ގޮތެއްގައި އަޑުއެހުން އޮންނަ ތާރީހުގެ ކުރިން 3 (ތިނެއް) ހަފްތާގެ ނޯޓިހެއް ކޯޓުން ހަސްމުންނަށް ދޭންވާނެއެވެ.

 

233 ވަނަ މާއްދާ - އިރުށާދުތައް ސާފުކޮށްދިނުމަށް އަޑުއެހުމެއް ބޭއްވުން

މި ބާބުގެ ދަށުން ދޭއިރުށާދުތައް ސާފުކޮށްދިނުމަށް ށަރީއަތުގެ ކުރީގެ މަރުހަލާގައި އަޑުއެހުމެއް ބާއްވަންޖެހޭ ކަމަށް ފެނިއްޖެނަމަ، އެފަދަ އަޑުއެހުމެއް ކޯޓަށް ބޭއްވިިދާނެއެވެ.

 

234 ވަނަ މާއްދާ - ބޮޑެތި މައްސަލަތަކުގެ ށަރީއަތް ބޭއްވުން

ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގެ ށަރީއަތްތައް ފެށުމަށްޓަކައި މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް ނިމުމުން، އަޑުއެހުންތައް ބާއްވާނެ ތާރީހު ކަނޑައެޅުމާއެކު އެ ތާރީހުގައި މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ކޯޓުން ބާއްވަންވާނެއެވެ.

 

އެކާވީސްވަނަ ބާބު

ކޯޓު އަމުރު

 

235 ވަނަ މާއްދާ - ކޯޓު އަމުރަށް އެދުން

(ހ) ހިނގަމުންދާ ދައުވާއަކާ ގުޅިގެން ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ ދައުވާ ހުށަހެޅިފައިވާ ކޯޓަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދައުވާ ފުރަތަމަ ހުށަހެޅި ކޯޓަށް އެ ދައުވާ ހުށަހެޅުމަށްފަހު އެ ދައުވާ އެހެން ކޯޓަކަށް ބަދަލުކުރެވިފައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ އެ ދައުވާ ބަދަލުކުރެވިފައިވާ ކޯޓަށެވެ.

(ނ) ކޯޓު އަމުރަކަށް އެދެނީ ދައުވާއެއް ހުށަހެޅުމުގެ ކުރިން ކަމުގައިވާނަމަ، އެ ކޯޓު އަމުރަށް އެދި ހުށަހަޅަންވާނީ، އެ ދައުވާ ހުށަހެޅޭނެކަމަށް ބެލެވޭ ކޯޓަށެވެ.

(ރ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކޯޓު އަމުރަކަށް އެދެނީ ހުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ކޯޓުން ފެށުމަށްފަހުގައި ކަމަށްވާނަމަ، ކޯޓު އަމުރަށް އެދި ހުށަހަޅަންވާނީ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ކުރިއަށްގެންދާ ކޯޓަށެވެ.

(ބ) މި ބާބުގެ ބޭނުމަށްޓަކައި، "އަމުރަށް އެދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރަކަށް އެދި މި ބާބުގެ ދަށުން ހުށަހަޅާ ފަރާތަށެވެ.

(ޅ) މި ބާބުގެ ބޭނުމަށްޓަކައި "އަމުރު ރައްދުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެމީހަކާ ދެކޮޅަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދިފައިވާ ފަރާތް ނުވަތަ ކޯޓު އަމުރު ރައްދުވާ ކޮންމެ ފަރާތަކަށެވެ.

(ކ) މި ބާބުގެ ބޭނުމަށްޓަކައި "އަމުރަށް އެދޭ ފޯމު" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ބޭނުންވާކަމަށް ބަޔާންކޮށް އަމުރަށް އެދޭ ފަރާތުން ހުށަހަޅާ ފޯމަށެވެ.

 

236 ވަނަ މާއްދާ - ކޯޓު އަމުރަށް އެދޭ ފޯމު ފުރިހަމަކުރުން

(ހ) ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ އެކަމަށްޓަކައި ކޯޓުން ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ.

(ށ) ކޯޓު އަމުރަށް އެދޭ ފޯމުގައި މަދުވެގެން އަންނަނިވި މައުލޫމާތާއި ލިޔެކިޔުން އަމުރަށް އެދޭ ފަރާތުން ހިމަނަންވާނެއެވެ.

  1. ނެރެދިނުމަށް އެދޭ އަަމުރުގެ ބާވަތް؛ 
  2. އަމުރު ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް؛ 
  3. އަމުރަށް އެދ ސަބަބުތައް؛ 
  4. އަމުރު އޮންނަންވީ ގޮތް.

(ނ) ކޯޓު އަމުރަކަށް އެދޭއިރު، އެ އަމުރާ ގުޅިގެން ހުށަހަޅަންޖެހޭ ހެކި ހުށަހަޅަންވާނެއެވެ.

 

237 ވަނަ މާއްދާ - އަމުރަށް އެދޭ ފޯމު ރައްދުކުރުން

(ހ) ކޯޓު އަމުރަށް އެދޭ ފޯމު ކޯޓަށް ލިބުމާއެކު، ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއެކު އެ ފޯމު އަމުރު ރައްދުވާ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.

(ށ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އަމުރާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އަމުރު ރައްދުވާ ފަރާތަށް ފޯމު ރައްދުކުރަންވާނެއެވެ.

 

238 ވަނަ މާއްދާ - އަޑުއެހުމަކާ ނުލައި އަމުރާމެދު ގޮތެއް ކަނޑައެޅުން

އަންނަނިވި ހާލަތްތަކުގައި އަޑުއެހުމެއް ބޭއްވުމަކާ ނުލައި، ކޯޓު އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޯޓަށް ގޮތެއް ކަނޑައެޅިދާނެއެވެ.

(ހ) އެދިފައިވާ އަމުރުގައިވާ ކަންކަމަށް ހަސްމުން އެއްބަސްވުން؛ ނުވަތަ

(ށ) އަޑުއެހުމެއް ބޭއްވުމަކާ ނުލައި އަމުރާމެދު ކޯޓަށް ފެންނަ ގޮތެއް ކަނޑައެޅުމަށް ހަސްމުން އެއްބަސްވުން؛ ނުވަތަ

(ނ) އަމުރާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އަޑުއެހުމެއް ބޭއްވުމަކީ، މުހިންމުކަމެއް ކަމަށް ކޯޓަށް ނުފެނުން.

 

239 ވަނަ މާއްދާ - ގައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދިޔުމުގެ ބާރު

ކޯޓު އަމުރަކާ ގުޅިގެން ކޯޓުން އަޑުއެހުމެއް ބާއްވާ ހާލަތުގައި އެ އަޑުއެހުމަށް އަމުރަށް އެދޭ ފަރާތުން ނުވަތަ އަމުރު ރައްދުވާ ފަރާތުން ހާޒިރުނުވިނަމަވެސް، އެއިން ފަރާތެއްގެ ގައިރު ހާޒިރުގައި ކޯޓަށް އެ މައްސަލަ ކުރިއަށްގެންދެވިދާނެއެވެ.

 

240 ވަނަ މާއްދާ - އަމުރާމެދު ގޮތެއް ނިންމުން

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޯޓުން އެ އަމުރާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ.

(ށ) މި ބާބުގެ ދަށުން ކޯޓުން އަމުރެއް ނެރެދ ހާލަތުގައި އެ އަމުރުގައި އަންނަނިވި ކަންކަން ފަނޑިޔާރު ބަޔާންކުރަންވާނެއެވެ.

  1. އަމުރަށް އެދުނު ފަރާތާއި އަމުރު ރައްދުވާ ފަރާތް؛
  2. އަމުރުގެ ބާވަތް؛ 
  3. އަމުރު ބިނާކޮށްފައިވާ ވާގިއާ އަދި ގާނޫނީ ސަބަބުތައް؛ 
  4. ވަކި މުއްދަތެއްގައި އަމުރު ތަންފީޒުކުރަންޖެހޭ ނަމަ އެ މުއްދަތު؛ 
  5. އަމުރުގެ ތަންފީޒީ ބާރު ހިނގާނީ ވަކި މުއްދަތަކަށްނަމަ، އެ މުއްދަތު؛
  6. އެނޫންވެސް އަމުރާގުޅޭ މުހިންމު ކަންކަން.

(ނ) އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން ނިންމާ ހާލަތުގައި، އެފަދައިން ކޯޓުން ނިންމި ސަބަބުތަކާއެކު އެ ނިންމުން، އަމުރަށް އެދުނު ފަރާތަށާއި އަމުރު ރައްދުވާ ފަރާތަށާއި ދައުވާގެ އެންމެހައި ހަސްމުންނަށް، އެ ނިންމުން ނިންމި ތާރީހުގައި ދޭންވާނެއެވެ.

 

241 ވަނަ މާއްދާ - އަސާސެއް ނެތި ހުށަހަޅާ ހުށަހެޅުންތައް

(ހ) މި ބާބުގެ ދަށުން އަމުރަކަށް އެދިފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމުގައި ކޯޓަށް ފެނިއްޖެނަމަ، އެކަން ފާހަގަކޮށް، އަމުރަށް އެދޭ ފޯމު ބާތިލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާމެދު މި ގާނޫނުގެ 422 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

ބާވީސްވަނަ ބާބު

ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު

 

242 ވަނަ މާއްދާ - ވަގުތީ އަމުރު

(ހ) މި ބާބުގެ ބޭނުމަށްޓަކައި "ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދ ވަގުތީ ފަރުވާގެ އަމުރަށެވެ.

(ށ) ވަގުތީ އަމުރުގެ ގޮތުގައި އަންނަނިވި ބާވަތުގެ އަމުރުތައް ކޯޓަށް ނެރެދެވިދާނެއެވެ.

  1. ވަކި ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް؛ 
  2. ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް؛ 
  3. އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށް ނެރޭ ވަގުތީ އަމުރެއް؛
    1. ވަކި މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވަކި ފަރާތެއްގެ ބެލުމުގެ ދަށަށް ގެނައުމަށް ނުވަތަ މުދާ ރައްކާތެރިކަމާއެކު  ބެލެހެއްޓުމަށް؛
    2. ވަކި މުދަލެއް ބަލައި ފާސްކުރުމަށް؛
    3. ވަކި މުދަލެއްގެ ސާމްޕަލް ނެގުމަށް؛
    4. ވަކި މުދަލެއްގެ ތަހުލީލެއް ހެދުމަށް ނުވަތަ އެ މުދަލެއް ހިމެނޭ ތަނެއް ބެލުމަށް؛
    5. ވަކި މުދަލަކީ ފަނާވެދާފަދަ މުދަލެއްނަމަ ނުވަތައެނޫންވެސް އެކަށީގެންވާ ސަބަބަކަށްޓަކައި އަވަހަށް ވިއްކާލަންޖެހޭ ފަދަ މުދަލެއްނަމަ އެ މުދަލެއް ވިއްކާލުމަށް؛
    6. ވަކި މުދަލަކުން ލިބޭ މަންފާ ނުވަތަ އާމްދަނީ ށަރީއަތް ނިމެންދެން ކޯޓަށް ދެއްކުމަށް.
  4. މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން ހަސްމެއްގެ ބެލުމުގެ ދަށުގައިވާ ބިމެއް ނުވަތަ އިމާރާތަކަށް ވަނުމަށް ހުއްދަކުރާ އަމުރެއް؛
  5. މުދާ ރައްދުކުރުމަށް ކުރާ އަމުރެއް؛ 
  6. މުދަލުން ތަސައްރުފުކުރުން ހުއްޓުވުމުގެ އަމުރެއް؛ 
  7. މުދާ ބަލައި ފާސްކުރުމަށް ކުރާ އަމުރެއް؛
  8. މުދަލުން ތަސައްރުފުކުރުން ހުއްޓުވުމުގެ އަމުރެއް ނިސްބަތްވާ މުދަލެއް ހުރި ތަނެއް ހާމަކުރުމަށް މައްސަލައިގައި ހިމެނޭ ހަސްމެއްގެ މައްޗަށް ކުރާ އަމުރެއް؛
  9. ދައުވާ ފެށުމުގެ ކުރިން ހެކި ހާމަކުރުމަށް އަންގައި ކުރާ އަމުރެއް؛ 
  10. ދައުވާގެ ހަސްމެއް ކަމުގައި ނުވާ ފަރާތަކާ ދެކޮޅަށް ހެކި ހާމަކުރުމަށް ކުރާ އަމުރެއް؛
  11. ދައުވާލިބޭ ފަރާތާ ދެކޮޅަށް ކުރާ ފައިސާ ދެއްކުމުގެ އަމުރެއް.

(ނ) ވަގުތީ އަމުރެއް މެދުވެރިކޮށް ވަގުތީ ފަރުވާގެ ގޮތުގައި ނަގައިދިނުމަށް އެދޭ ބާވަތުގެ ފަރުވާއެއް މައުޒޫއީ ދައުވާގައި އެދިފައިނުވިނަމަވެސް، އެ ފަރުވާއެއް ވަގުތީ ފަރުވާއެއްގެ ގޮތުގައި ކޯޓަށް ނަގައިދެވިދާނެއެވެ.

 

243 ވަނަ މާއްދާ - ވަގުތީ އަމުރަކަށް އެދެވޭނެ ވަގުތު

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކޮންމެ ވަގުތެއްގައިވެސް މި ބާބުގައި ބަޔާންކޮށްފައިވާ ފަދަ ވަގުތީ އަމުރަކަށް ކޯޓުގައި އެދެވިދާނެއެވެ. އެގޮތުން، ދައުވާގެ ށަރީއަތްތައް ފެށުމުގެ ކުރިން، ނުވަތަ ދައުވާގެ ހުކުމްކުރުމަށްފަހުގައިވެސް، ވަގުތީ އަމުރެއް ނެރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ދައުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވާނަމައެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޯޓުން އެނޫންގޮތަކަށް ކަނޑަނާޅާހާހިނދަކު، ދައުވާލިބޭ ފަރާތަށް ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، ދައުވާގެ ދިފާއު ހުށަހެޅުމަށްފަހުގައި ނުވަތަ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ހުށަހެޅުމަށްފަހުގައެވެ.

(ރ) އަޑުއެހުންތައް ފެށުމުގެ ކުރިން ކޯޓުން ވަގުތީ އަމުރެއް ނެރެދީފިނަމަ، މައްސަލައިގެ އަޑުއެހުންތައް ފެށުމާގުޅޭ އިރުށާދު ކޯޓުން ދޭންވާނެއެވެ. އަދި އެ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި މައްސަލައިގެ އަޑުއެހުންތައް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ކޯޓުން އިރުށާދު ދޭންވާނެއެވެ.

 

244 ވަނަ މާއްދާ - ވަގުތީ އަމުރަކަށް އެދޭނެ ގޮތް

(ހ) ވަގުތީ އަމުރަކަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށެވެ.

(ށ) ވަގުތީ އަމުރަށް އެދި ހުށަހަޅާ ފޯމާއެކު، އެ އަމުރު ނެރެދިނުމަށް އެދޭ ސަބަބުތަކަށް ބާރުދޭ ހެކި ހުށަހަޅަންވާނެއެވެ.

(ނ) ފައިސާއިން ނުވަތަ މުދަލުން މުއާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ނުވަތަ ބަލައި ފާސްކުރުމުގެ ވަގުތީ އަމުރަކަށް އެދޭި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. އެނޫން ބާވަތުގެ ވަގުތީ އަމުރަށް އެދެންވާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާ އެކުގައެވެ.

(ރ) އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރަކަށް އެދޭނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ އިބާރާތް އޮންނަން އެދޭ ގޮތް ބަޔާންކުރާ ލިޔުމެއް ހިމަނަންވާނެއެވެ. އަދި އެ ލިޔުމުގެ ސޮފްޓް ކޮޕީ، ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އަމުރު ރައްދުވާ އެންމެހައި ފަރާތްތަކަށް ބޭނުންވާ އަދަދަށް އެ ފޯމާއި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ.

 

245 ވަނަ މާއްދާ - ށަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން މުދާ ބަލައި ފާސްކުރުމުގެ އަމުރަކަށް އެދުން

(ހ) ދައުވާއެއްގެ ށަރީއަތްތައް ފެށުމުގެ ކުރިން މުދާ ބަލައި ފާސްކުރުމަށް ބޭނުންވާނަމަ، ނުވަތަ ދައުވާގެ ހަސްމަކަށް ނުވާ ފަރާތެއްގެ މުދާ ބަލައި ފާސްކުރުމަށް ބޭނުންވާނަމަ، އެފަދަ އަމުރަކަށް ކޯޓުގައި އެދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އަމުރަކަށް އެދި ހުށަހަޅާއިރު، ބަލައި ފާސްކުރުމަށް އެދޭ މުދަލަކީ ދައުވާގެ މައުޒޫއުގައި ހިމެނޭ ނުވަތަ ދައުވާއާ ގުޅިގެން ކުރިމަތިވެދާނެ ކަމަކާގުޅޭ މުދަލެއްކަން ސާބިތުކޮށްދ ހެކި ހުށަހަޅަންވާނެއެވެ.

(ނ) އަމުރު ރައްދުވާ ފަރާތަށާއި އަމުރަށް އެދި ހުށަހަޅާ ފަރާތް ފިޔަވައި، އެ ދައުވާގައި ހިމެނޭ އެހެން ހަސްމުންނަށް އެ އަމުރުގެ ކޮޕީއެއް، ކަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ހެއްކާއެކު ފޮނުވަންވާނެއެވެ.

 

246 ވަނަ މާއްދާ - ފައިސާ ދެއްކުމުގެ ވަގުތީ އަމުރަކަށް އެދުމާގުޅޭ އާންމު އުސޫލު

(ހ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ރައްދުވަނީ ދައުވާލިބޭ ފަރާތަށްނަމަ، ދައުވާކުރާ ފަރާތަށް އެފަދަ އަމުރަކަށް އެދެވޭނީ، ދައުވާއަށް ރައްދުދިނުމަށް ދައުވާލިބޭ ފަރާތަށް ދެވިފައިވާ މުއްދަތު ހަމަވުމަށްފަހުގައެވެ.

(ށ) ފައިސާ ދެއްކުމުގެ އެއް ވަގުތީ އަމުރަށްވުރެ ގިނަ އަމުރަށް އެދި ދައުވާކުރާ ފަރާތުން ހުށަހެޅިދާނެއެވެ.

(ނ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ރައްދުވާ ފަރާތުން، އެ އަމުރާ ގުޅޭ ގޮތުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާ ކަމުގައިވާނަމަ، ވަގުތީ އަމުރާ ގުޅޭ ގޮތުން ބާއްވާ އަޑުއެހުން ބޭއްވުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ވަގުތީ އަމުރު ރައްދުވާ ފަރާތުން ހުށަހަޅާ ކިތާބީ ހެކީގެ ރައްދުގައި، އެ އަމުރަށް އެދޭ ފަރާތުން ހެކި ހުށަހަޅަން ބޭނުންވާ ކަމުގައިވާނަމަ، ވަގުތީ އަމުރާ ގުޅޭ ގޮތުން ބާއްވާ އަޑުއެހުން ބޭއްވުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހުށަހަޅަން ބޭނުންވާ ހެއްކަކީ، ކޯޓަށް ކުރިން ހުށަހަޅާފައިވާ ކިތާބީ ހެއްކެއްނަމަ އެ ހެއްކެއް އަލުން ކޯޓަށް ހުށަހެޅުން މި މާއްދާ ލާޒިމެއް ނުކުރެއެވެ.

(ޅ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއްގައި އެ ފައިސާއެއް އެކީ އެއްފަހަރާ ދެއްކުމުގެ ނުވަތަ އެކި ފަހަރު މަތިން ބަހާލައިގެން ދެއްކުމަށް ކޯޓަށް އެންގިދާނެއެވެ.

 

247 ވަނަ މާއްދާ - ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ނެރެދިނުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން

(ހ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ކޯޓުން ނެރެދޭންވާނީ އެ ހުށަހެޅުމާ ގުޅޭ ގޮތުން އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާނަމައެވެ.

  1. ދައުވާކުރާ ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ އެނޫންވެސް ހަރަދެއް ދިނުމަށް ވަގުތީ އަމުރު ރައްދުވާ ފަރާތުން ޒިންމާވާނެކަމަށް އެފަރާތުން ކޯޓުގައި އެއްބަސްވެފައިވުން؛
  2. ދައުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލަކަށް ނުވަތަ ދޭންޖެހޭ ހަރަދުގެ ބަދަލަކަށް ވަގުތީ އަމުރު ރައްދުވާ ފަރާތުން ޒިންމާވާންޖެހޭނެ ކަމުގައި ކަނޑައަޅައި، އެ ގެއްލުމުގެ ބަދަލު ނުވަތަ ހަރަދުގެ ބަދަލު ހިސާބުކުރުމަށް އަންގައި ކޮށްފައިވާ ހުކުމެއް އޮތުން؛
  3. ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ މައްޗަށް ދައުވާލިބޭ މައްސަލަތަކުގައި، ވަގުތީ އަމުރު ރައްދުވަނީ އޭގެ ތެރެއިން އެއް ފަރާތަށްނަމަ ނުވަތަ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަކަށްނަމަ، އަންނަނިވި ށަރުތުތައް ފުރިހަމަވުން؛
    1. ދައުވާގެ ށަރީއަތް ހިންގުމަށް ފަހުގައި ދައުވާލިބޭ ކޮންމެވެސް އެއް ފަރާތެއްގެ ކިބައިން ގިނަ އަދަދެއްގެ ފައިސާ ދައުވާކުރާ ފަރާތަށް ލިބިދާނެކަމަށް ކޯޓަށް ބުރަވެވުން؛ ނުވަތަ
    2. ދައުވާލިބޭ ފަރާތްތަކަކީ ދައުވާއާ ގުޅިގެން އިންށުއަރކޮށްފައިވާ ފަރާތްތަކަކަށްވުން ނުވަތަ އެފަރާތްތަކަކީ އިންށުއަރެންސް ވިޔަފާރިކުރާ ފަރާތްތައް ކަމުގައިވުން.

(ށ) ވަގުތީ އަމުރެއްގެ ދަށުން ނަގައިދޭންވާނީ، މައްސަލައިގެ ހުކުމުގައި ނަގައިދެވިދާނެކަމަށް ބެލެވޭ ޖުމްލަ އަދަދާ އަޅާބަލާއިރު، އެ އަދަދަށްވުރެ ބޮޑުނުވާނޭހެން، އެކަށީގެންވާ މިންވަރެއްގެ ފައިސާއެވެ.

(ނ) ވަގުތީ އަމުރަށް އެދޭ ފަރާތުން އެ އަމުރު ރައްދުވާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާއެއް އަޅައިކެނޑުމަށާއި، ރައްދު ދައުވާއަށާއި، ގެއްލުން ކުޑަކުރުމުގައި ދައުވާލިބޭ ފަރާތުން ވެފައިވާ އިހުމާލަށް، ވަގުތީ އަމުރު ނެރެދިނުމުގައި ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

 

248 ވަނަ މާއްދާ - ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ނެރޭ ކޯޓަށް ލިބިދޭ ބާރުތައް

(ހ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ދައުވާލިބޭ ފަރާތުގެ މައްޗަށް ނެރެފައިވާނަމަ، ނުވަތަ އެފަދަ އަމުރަކާ އެއްގޮތަށް ދައުވާލިބޭ ފަރާތުން ފައިސާ ދައްކާފައިވާނަމަ، ނުވަތަ ދައުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާގެ މިންވަރެއް އަމިއްލަ އިހްތިޔާރުގައި ދައްކާފައިވާނަމަ، ފައިސާ ދެއްކުމުގެ ވަގުތީ އަމުރުގައިވާ ފައިސާގެ މިންވަރަށް އުނިއިތުރު ގެނައުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން ކޯޓަށް ލިބޭ ބާރުތަކުގެ ތެރޭގައި، ފައިސާ އެކުގައި ނުވަތަ އެއިން ބައެއް އަލުން ދެއްކުމަށް، ނުވަތަ ފައިސާ ދެއްކުމުގެ ވަގުތީ އަމުރު ބަދަލުކުރުމާއި ބާތިލުކުރުމަށް، ނުވަތަ އެފަދަ އަމުރެއްގެ ދަށުން ފައިސާ ލިބިފައިވާ ފަރާތުން އެ ފައިސާ އެކުގައި ނުވަތަ އެ ފައިސާއިން ބައެއް، ފައިސާ ދެއްކި ފަރާތަށް އަނބުރާ ދިނުމަށް އަމުރުކުރުން ހިމެނެއެވެ.

(ނ) ދައުވާގެ ހަސްމެއްގެ ފަރާތުން އަމުރަކަށް އެދިފައިނުވިނަމަވެސް، ދައުވާ ނުވަތަ ދައުވާއިން ބައެއް ބާތިލުކުރާ ވަގުތު، މި މާއްދާގެ ދަށުން ކޯޓަށް އަމުރެއް ނެރެވިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކޮށްފައިވާ އަމުރަކާ އެއްގޮތަށް ދައުވާލިބޭ ފަރާތުން ފައިސާ ދައްކާފައިވާ ހާލަތުގައި، އެ އަދަދަކީ ދައުވާގެ ހުކުމުގައި އެފަރާތުން ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރު އަދަދެއްނަމަ، އިތުރަށް ދައްކާފައިވާ އަދަދަށް ފައިސާ ދެއްކި ދުވަހުން ފެށިގެން އިންޓްރެސްޓް ނަގައިދިނުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

 

249 ވަނަ މާއްދާ - ދައުވާ ފަސްކުރެވޭ ހާލަތުގައި ވަގުތީ އަމުރު ތަންފީޒުނުވުން

މުއާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ފިޔަވައި، އެނޫން ބާވަތެއްގެ ވަގުތީ އަމުރެއް ކޯޓުން ނެރެފައިވާނަމަ، އަދި ދައުވާގެ ހަސްމުން އެއްބަސްވެގެން ދައުވާ ފަސްކުރާ ފަސްކުރުން ފިޔަވައި، އެނޫން ގޮތަކުން ދައުވާ ފަސްކުރެވިފައިވާނަމަ، ދައުވާ ފަސްކުރެވުނު ނަމަވެސް، ވަގުތީ އަމުރު ތަންފީޒުކުރެވޭނެ ކަމުގައި ކޯޓުން ކަނޑަނާޅާހާ ހިނދަކު، ދައުވާ ފަސްކުރުމާއެކު ވަގުތީ އަމުރުގެ ތަންފީޒީ ބާރު ނެތިގެންދާނެއެވެ.

 

250 ވަނަ މާއްދާ - ދައުވާ ބާތިލުކުރާ ހާލަތުގައި ވަގުތީ އަމުރު ތަންފީޒުނުވުން

(ހ) ދައުވާކުރާ ފަރާތުން ދައްކަންޖެހޭ ފީ ދައްކާފައިނުވާތީ ކޯޓުން ދައުވާއެއް ބާތިލުކުރާ ހާލަތުގައި، އެ ދައުވާއާ ގުޅިގެން ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، ދައުވާ ކޯޓުން ބާތިލުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަސް ހަމަވާ ތާރީހުގައި އެ ވަގުތީ އަމުރެއްގެ ތަންފީޒީ ބާރު ނެތިގެންދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން، ދައުވާކުރާ ފަރާތުން އަލުން ކޯޓަށް ދައުވާ ހުށަހަޅާފައިވާނަމަ، އެނޫން ގޮތަކަށް ކޯޓުން ކަނޑަނާޅާހާ ހިނދަކު، ވަގުތީ އަމުރާގުޅޭ އަޑުއެހުން ބޭއްވުމާ ހަމައަށް ވަގުތީ އަމުރުގެ ތަންފީޒީ ބާރު ދެމިއޮންނާނެއެވެ.

 

251 ވަނަ މާއްދާ - ށަރީއަތުގެ ހަރަދުތަކަށް ސެކިއުރިޓީއެއް ނެގުން

(ހ) ށަރީއަތުގެ ހަރަދުތަކަށް ދައުވާކުރާ ފަރާތުގެ ކިބައިން ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގައި ކުރާ އަމުރެއް ނެރެދިނުމަށް އެދި ދައުވާލިބޭ ފަރާތަށް ހުށަހެޅިދާނެއެވެ.

(ށ) ށަރީއަތުގެ ހަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގާ އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމާއެކު، އެ ހުށަހެޅުމަކަށް ބާރުދޭ ހެކި ހުށަހަޅަންވާނެއެވެ.

(ނ) ށަރީއަތުގެ ހަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް ދައުވާކުރާ ފަރާތުގެ މައްޗަށް ކުރާ އަމުރުގައި، ސެކިއުރިޓީގެ އަދަދާއި، ސެކިއުރިޓީ ދައްކާނެ ގޮތާއި ވަގުތު ކޯޓުން ކަނޑައަޅަންވާނެއެވެ.

(ރ) ށަރީއަތުގެ ހަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް ދައުވާލިބޭ ފަރާތުގެ މައްޗަށް އެންގޭނީ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު އެފަދަ އަމުރެއް ކުރުމަކީ އަދުލުވެރި ގޮތެއްކަމުގައި ކޯޓަށް ބުރަވެވޭ ނަމަ، އަދި މި މާއްދާގެ (ބ) ގައި ބަޔާންކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ހާލަތުގައި ނުވަތަ އެފަދަ ސެކިއުރިޓީއެއް ނެގުމަށް އެހެން ގާނޫނަކުން ކޯޓަށް ލާޒިމުކޮށްފައިވާނަމައެވެ.

(ބ) ށަރީއަތުގެ ހަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް ދައުވާކުރާ ފަރާތުގެ މައްޗަށް އެންގޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. ދައުވާކުރާ ފަރާތް އާންމުކޮށް ދިރިއުޅެނީ ދިވެހިރާއްޖެއިން ބޭރުގައިކަމަށްވުން؛
  2. ދައުވާކުރާ ފަރާތަކީ ގާނޫނީ ށަހްސަކަށްވެފައި، ދައުވާލިބޭ ފަރާތުން ކުރަންޖެހުނު ހަރަދުތައް ދެއްކުމަށް އަމުރުކޮށްފިނަމަ، އެ ހަރަދުގެ ފައިސާ އެ ގާނޫނީ ށަހްސަށް ނުދެއްކޭނެ ކަމުގައި ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
  3. ދައުވާގެ އަޑުއެހުންތައް ފެށުމަށްފަހު، އެ ދައުވާގެ ނަތީޖާއިން ބަރީއަވުމުގެ ބޭނުމުގައި، ދައުވާކުރާ ފަރާތުން އެފަރާތުގެ އެޑްރެސް ބަދަލުކޮށްފައިވުން؛
  4. ދައުވާ ފޯމުގައި ދައުވާކުރާ ފަރާތުގެ އެޑްރެސް ބަޔާންކޮށްފައި ނެތުން، ނުވަތަ ރަނގަޅު ނޫން އެޑްރެހެއް ބަޔާންކޮށްފައި އޮތުން؛
  5. ދައުވާކުރާ ފަރާތުން ދައުވާކޮށްފައިވަނީ ތިންވަނަ ފަރާތެއްގެ ފައިދާއަށް ކަމުގައިވެފައި، ދައުވާލިބޭ ފަރާތުން ކުރަންޖެހުނު ހަރަދުތައް ދެއްކުމަށް ދައުވާކުރާ ފަރާތުގެ މައްޗަށް އަމުރުކޮށްފިނަމަ، އެ ހަރަދުގެ ފައިސާ އެފަރާތަށް ނުދެއްކޭނެ ކަމުގައި ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
  6. ދައުވާކުރާ ފަރާތުގެ މުދަލާމެދު އެފަރާތުން އަޅާފައިވާ ފިޔަވަޅުތަކަކީ، ދައުވާލިބޭ ފަރާތުން ކުރަންޖެހުނު ހަރަދުތައް ދެއްކުމަށް އެފަރާތުގެ މައްޗަށް ކުރާ އަމުރެއް ތަންފީޒުކުރުމަށް ދަތިވާފަދަ ފިޔަވަޅުތަކަކަށްވުން.

 

ތޭވީސްވަނަ ބާބު

ދައުވާ އަނބުރާ ގެނައުން

 

252 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުމުގެ ހައްގު 

(ހ) ދައުވާކުރާ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި، އެފަރާތުން ކޮށްފައިވާ ދައުވާ އެކުގައި ނުވަތަ އެ ދައުވާއިން ބައެއް އަނބުރާ ގެނެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި ހާލަތްތަކުގައި ދައުވާ ނުވަތަ ދައުވާގެ ބައެއް އަނބުރާ ގެނައުމަށްޓަކައި ކޯޓުގެ ހުއްދައެއް ހޯދަންވާނެއެވެ.

  1. އެ ދައުވާއާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައިވުން؛ 
  2. އެ ދައުވާއާ ގުޅިގެން ދައުވާގެ ހަސްމަކު ވަކި ކަމަކަށް ކޯޓުގައި އެއްބަސްވެފައިވުން؛
  3. ދައުވާ އަނބުރާ ގެންނަން ބޭނުންވާ ތާރީހުގެ ކުރިއަށް އޮތް 1 (އެކެއް) މަސްދުވަހުގެ މުއްދަތުގައި މައްސަލައިގެ ށަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ކަނޑައަޅާފައިވުން.

(ނ) ދައުވާއާ ގުޅިގެން ދައުވާކުރާ ފަރާތަށް އެހާތަނަށް އެއްވެސް ފައިސާއެއް ލިބިފައިވާނަމަ، އެ ދައުވާއެއް އަނބުރާ ގެނެވޭނީ، ދައުވާ އަނބުރާ ގެނައުމަށް ދައުވާލިބޭ ފަރާތުގެ ރުހުން ލިޔުމުން ލިބިއްޖެނަމަ، ނުވަތަ ކޯޓުން އެކަމަށް ހުއްދަދީފިނަމައެވެ.

(ރ) ދައުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދައުވާތަކުގައި، އެ އެންމެހައި ފަރާތްތަކެއްގެ މައްޗަށް ކޮށްފައިވާ ދައުވާ ނުވަތަ އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދައުވާ އެކުގައި ނުވަތަ ދައުވާގެ ބައެއް، ދައުވާކުރާ ފަރާތަށް އަނބުރާ ގެނެވިދާނެއެވެ.

(ބ) ދައުވާކުރާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދައުވާތަކުގައި، ދައުވާކުރާ އެއްވެސް ފަރާތަކަށް ދައުވާ އަނބުރާ ގެނެވޭނީ، ދައުވާ އަނބުރާ ގެނައުމާމެދު އޭނާ ފިޔަވައި ދެންތިބި ދައުވާކުރާ ފަރާތްތަކުގެ ރުހުން ލިޔުމުން ލިބިއްޖެނަމަ، ނުވަތަ ކޯޓުން އެކަމަށް ހުއްދަ ދީފިނަމައެވެ.

 

253 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުމުގެ އިޖުރާއަތު

(ހ) ދައުވާކުރާ ފަރާތުން ދައުވާއެއް އެކުގައި ނުވަތަ ދައުވާއިން ބައެއް އަނބުރާ ގެނައުމަށް އެދޭނަމަ، ދައުވާ އަނބުރާ ގެނައުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ދައުވާގެ އެހެން ހަސްމުންނަށް އެ ހުށަހެޅުމުގެ ކޮޕީއެއް ކޯޓުން ފޯރުކޮށްދޭންވާނެއެވެ.

(ށ) ދައުވާ އަނބުރާ ގެނައުމަށްޓަކައި، ދައުވާގެ ހަސްމެއްގެ ރުހުން ހޯދަންޖެހޭ ހާލަތުގައި، އެ ރުހުން ލިބިފައިވާކަމުގެ ލިޔުން މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާއެކު ދައުވާކުރާ ފަރާތުން ހުށަހަޅަންވާނެއެވެ.

(ނ) ދައުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދައުވާތަކުގައި، ދައުވާކުރާ ފަރާތުން އަނބުރާ ގެންނަނީ އޭގެ ތެރެއިން ކޮން ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ދައުވާއެއްކަން، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމުގައި ބަޔާންކުރަންވާނެއެވެ.

 

254 ވަނަ މާއްދާ - ދައުވާ އަނބުރާ ގެންނަން ހުށަހެޅި ހުށަހެޅުން ބާތި ލުކުރަން އެދުން

(ހ) މި ގާނޫނުގެ 253 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުވާކުރާ ފަރާތުން ދައުވާ އަނބުރާ ގެނައުމަށް ހުށަހަޅާ ހާލަތުގައި، އެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ބާތިލުކޮށްދިނުމަށް އެދި ދައުވާލިބޭ ފަރާތަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުވާ އަނބުރާ ގެނައުމުގެ ހުށަހެޅުމެއް ބާތިލުކުރުމަށް ދައުވާލިބޭ ފަރާތުން އެދޭނަމަ، ދައުވާ އަނބުރާ ގެންނަކަމުގެ ލިޔުން އެފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ހުށަހަޅަންވާނެއެވެ.

 

255 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުމަށް ހުށަހަޅާ ހުށަހެޅުން ކޯޓުގެ ހުއްދައަކާ ނުލައި ތަންފީޒުވުން

(ހ) ދައުވާ އަނބުރާ ގެންނަކަމުގެ ލިޔުން މި ގާނޫނުގެ 253 ވަނަ މާއްދާގެ

(ހ) ގެ ދަށުން ދައުވާލިބޭ ފަރާތަށް ލިބޭތާރީހުގައި ދައުވާ އަނބުރާ ގެނައީކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މައްސަލަ މުޅިން ނިމުނީ ކަމުގައި ބެލެވޭނީ މި ގާނޫނުގެ 254 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީހުގައެވެ.

(ނ) މި ބާބުގެ ދަށުން ދައުވާ އަނބުރާ ގެނައިނަމަވެސް، ދައުވާކުރުމުގެ ސަބަބުން ހަސްމުން ކުރަންޖެހުނު ހަރަދާގުޅޭ މައްސަލައަށް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަކަށް މި ބާބުގައިވާ އެއްވެސް މާއްދާއެއް ހުރަހެއްނާޅައެވެ.

 

256 ވަނަ މާއްދާ - ދައުވާކުރުމުގެ ސަބަބުން ކުރަންޖެހުނު ހަރަދަށް ޒިންމާވުން

(ހ) ދައުވާކުރާ ފަރާތުން ދައުވާ އަނބުރާ ގެނެސްފިނަމަ، އޭނާ ކޮށްފައިވާ ދައުވާގެ ސަބަބުން ދައުވާލިބޭ ފަރާތުން އެހާތަނަށް ނުވަތަ އެ ތާރީހުގެ ކުރިން ކުރަންޖެހުނު ހަރަދުތަކަށް ދައުވާލިބޭ ފަރާތުން ޒިންމާވާންޖެހޭނެއެވެ.

(ށ) ދައުވާކުރާ ފަރާތުން އަނބުރާ ގެންނަން އެދެނީ ދައުވާގެ ބައެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ދައުވާކުރާ ފަރާތުން ޒިންމާވާންޖެހޭނީ ހަމައެކަނި އަނބުރާ ގެންނަ ބަޔަކާ ގުޅިގެން ހިނގާފައިވާ ހަރަދުތަކަށެވެ. އަދި އެ ހާލަތުގައި، ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ދައުވާކުރާ ފަރާތުން ދައްކަންޖެހޭ ހަރަދުތައް ބަލައި ވަޒަންކުރާނީ، މުޅި ދައުވާ އެކުގައި ބަލައި ގޮތެއް ކަނޑައެޅުމަށްފަހުގައެވެ.

(ނ) ކުދި މައްސަލަތަކުގެ ޓްރެކުން ކުރިއަށްގެންދާ މައްސަލަތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ.

 

257 ވަނަ މާއްދާ - ދައުވާ އަނބުރާ ގެނައުމަށްފަހު އަލުން މައްސަލަ ހުށަހެޅުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު އަންނަނިވި ހާލަތްތަކުގައި، ދައުވާ އަނބުރާ ގެނައުމަށްފަހު އަލުން އެ ދައުވާ ލިބުނު ފަރާތުގެ މައްޗަށް ދައުވާއެއް ކުރާނަމަ، އެކަމަށްޓަކައި ކޯޓުގެ ހުއްދަ ހޯދަންވާނެއެވެ.

(ހ) ދައުވާ އަނބުރާ ގެނައީ ދައުވާލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމަށް ފަހުގައި ކަމަށްވުން؛

(ށ) އަލުން ހުށަހަޅަން ބޭނުންވާ ދައުވާ އެމައްޗަށް ބިނާވެފައިވާ ވާގިއާތަކާއި އަނބުރާ ގެނައި ދައުވާ ބިނާވެފައިވާ ވާގިއާތައް އެއްގޮތްވުން ނުވަތަ ދެ ދައުވާގެ ވާގިއާތަކަކީ ދާދި އެއްގޮތް ވާގިއާތަކަކަށްވުން.

 

258 ވަނަ މާއްދާ - ދައުވާގެ ބައެއް އަނބުރާ ގެންނަ ހާލަތުގައި ހަރަދުގެ މައްސަލަ މަޑުޖައްސާލުން

(ހ) ދައުވާކުރާ ފަރާތުން ދައުވާގެ ބައެއް އަނބުރާ ގެނައުމުގެ ސަބަބުން މި ގާނޫނުގެ 256 ވަނަ މާއްދާގެ ދަށުން އެފަރާތުން ޒިންމާވާންޖެހޭ ހާލަތުގައި، އެ ހަރަދު ދެއްކުމަށް ދައުވާކުރާ ފަރާތަށް ކޯޓުން އަންގާފައިވާ ތާރީހުން ފެށިގެން، ނުވަތަ އެ ހަރަދުގެ މިންވަރާ ގުޅޭ ގޮތުން ދައުވާގެ ހަސްމުން އެއްބަސްވި ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ދައުވާކުރާ ފަރާތުން އެ ހަރަދު ދައްކާފައިނުވާނަމަ، އެފަރާތުން ދައްކަންޖެހިފައިވާ ހަރަދު ދައްކަންދެން އެ ދައުވާއިން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ބައިތަކާގުޅޭ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ކުރިއަށްގެންދިޔުން މަޑުޖައްސާލުމަށް ދައުވާލިބޭ ފަރާތުން ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އަޑުއެހުމަކާ ނުލައި ކޯޓަށް އެކަމާމެދު ގޮތެއް ނިންމިދާނެއެވެ.

 

ސައުވީސްވަނަ ބާބު

ހުކުމް

 

259 ވަނަ މާއްދާ - ހުކުމްކުރުން

(ހ) ދަނީ މައްސަލައެއްގެ ށަރީއަތުގެ އަޑުއެހުންތައް ނިމުމާއެކު، ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ހުކުމް ކުރަންވާނެއެވެ.

(ށ) މައްސަލައެއްގެ އަޑުއެހުންތައް ނިމުމާއެކު ވަގުތުން ހުކުމް ނުކުރާނަމަ، ހުކުމް ކުރާނެ ތާރީހެއް، ށަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި ހަސްމުންނަށް އަންގަންވާނެއެވެ. ނުވަތަ ށަރީއަތުގެ ފަހު އަޑުއެހުމުގައި ހުކުމްކުރާނެ ތާރީހެއް ކަނޑައެޅެން ނެތްނަމަ، އެ އަޑުއެހުން ބާއްވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލައިގެ ހުކުމްކުރާނެ ތާރީހެއް ކަނޑައަޅައި، ހަސްމުންނަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީހަކީ، ށަރީއަތުގެ ފަހު އަޑުއެހުން ބާއްވާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ ފަހުގެ ތާރީހެއް ކަމުގައި ވެގެންނުވާނެއެވެ.

 

260 ވަނަ މާއްދާ - ހުކުމް އިއްވުން

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މަދަނީ ކޮންމެ މައްސަލައެއްގައި ކޯޓުން ހުކުމްކުރަންވާނީ، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން މައްސަލައިގެ ފުރިހަމަ ށަރީއަތެއް ހިންގުމަށްފަހު، ހުށަހެޅިފައިވާ ދައުވާއަށާއި ދިފާއަށާއި، ހުށަހެޅުނު ހެއްކަށް ރިއާޔަތްކުރުމަށްފަހު، ހުޅުވާލެވިފައިވާ ށަރީއަތުގެ އަޑުއެހުމެއްގައެވެ.

(ށ) ހުކުމްކުރުމުގެ މަޖިލީހުގައި ފަނޑިޔާރު އިއްވާ ހުކުމަކީ ލިޔެ ތައްޔާރުކޮށްފައިވާ ހުކުމެއްނަމަ، މުޅި ހުކުމް އެކުގައި އިއްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، އެ ހުކުމް އިއްވުމަށްފަހު، މުޅި ހުކުމުގެ އަސްލު، ވަގުތުން ހަސްމުންނަށް ދޭންވާނެއެވެ.

 

261 ވަނަ މާއްދާ - ހުކުމެއްގައި ފުރިހަމަވާންޖެހޭ މައިގަނޑު ކަންކަން

(ހ) މަދަނީ މައްސަލައަކާމެދު ގޮތެއް ކަނޑައަޅައި ކުރާ ހުކުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. އެ ހުކުމް އިއްވި ފަނޑިޔާރުގެ ނަމާއި ސޮއި އަދި މަގާމު ބަޔާންކޮށްފައި އޮތުން؛
  2. ހުކުމްކުރި ތާރީހު ބަޔާންކޮށްފައި އޮތުން؛ 
  3. ކޯޓުގެ ސިއްކަ ޖަހާފައި އޮތުން؛
  4. ހުކުމް ތަންފީޒުކުރެވޭ ތާރީހަކީ ހުކުމްކުރި ތާރީހު ކަމުގައިނުވާނަމަ، އެފަދައިން ހުކުމް ތަންފީޒުކުރެވޭނެ ތާރީހެއް ހިމަނާފައި އޮތުން؛
  5. ހުކުމަށް ފަނޑިޔާރު ރުޖޫއަވި ސަބަބުތައް ބަޔާންކޮށްފައި އޮތުން.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ތަފްސީލުތައް ހުކުމުގައި ހިމަނާއިރު، ދައުވާގައި ވަކި ކަމެއް ހިނގި ގޮތާމެދު ސުވާލު އުފައްދާފައިވާނަމަ، އަދި އެކަންކަމާގުޅޭ ވަކިވަކި ގާނޫނީ ސުވާލު އުފައްދާފައިވާނަމަ، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.

 

262 ވަނަ މާއްދާ - ފައިސާ ދެއްކުމަށް ކަނޑައަޅައި ކުރާ ހުކުމް

(ހ) ކޯޓުން ކުރާ ހުކުމެއްގައި، ފައިސާ ދެއްކުމަށް ކަނޑައަޅާނަމަ، އެ ހުކުމުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

  1. ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު؛ 
  2. ފައިސާ ދައްކަންޖެހޭ ފަރާތް؛ 
  3. ފައިސާ ލިބެންޖެހޭ ފަރާތް؛ 
  4. ފައިސާ ދައްކަން ފަށަންޖެހޭ ތާރީހު؛
  5. ފައިސާ ދައްކާ ހަލާސްކޮށް ނިންމަންޖެހޭ ތާރީހު.

(ށ) ފައިސާ ދެއްކުމަށް ކަނޑައަޅައި ކުރާ ހުކުމެއްގައި، އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް ލާޒިމުކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އެ ހުކުމުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

  1. ކޮންމެ އިންސްޓޯލްމަންޓެއްގައި ދައްކަންޖެހޭ އަދަދު؛ 
  2. ކޮންމެ އިންސްޓޯލްމަންޓެއް ދައްކަންޖެހޭ ތާރީހު.

(ނ) ދައުވާއަކާ ގުޅިގެން ރައްދު ދައުވާއެއް ނުވަތަ އިތުރު ދައުވާއެއް ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާ ހާލަތެއްގައި، އެ ދައުވާގެ ހުކުމް ކުރުމުގައި، ދައުވާކުރާ ފަރާތަށާއި ދައުވާލިބޭ ފަރާތަށް ލިބެންޖެހޭ ފައިސާ ހުކުމުގައި ބަޔާންކުރަންވާނެއެވެ. އަދި ދެފަރާތުން ދައްކަންޖެހޭ އަދަދު އަޅައިކެނޑުމަށްފަހު ބާކީ ދައްކަންޖެހޭ އަދަދު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

263 ވަނަ މާއްދާ - ހުކުމުގެ ތަންފީޒީ ބާރު ހިނގާ ވަގުތު

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ނުވަތަ ހުކުމްކުރި ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހުކުމުގެ ތަންފީޒީ ބާރު، އެ ހުކުމް ކުރި ތާރީހުގައި ހިނގަން ފަށާނެއެވެ. ހުކުމުގައި އެ ހުކުމުގެ ތަންފީޒީ ބާރު ހިނގާނެކަމަށް ބަޔާންކުރަނީ އެހެން ތާރީހެއް ކަމަށްވާނަމަ، އެ ހުކުމުގެ ތަންފީޒީ ބާރު ހިނގަން ފަށާނީ، އެ ތާރީހަކުން ފެށިގެންނެވެ.

(ށ) ހުކުމް ކުރި ކޯޓަކީ ފުރަތަމަ މަރުހަލާގެ ކޯޓެއްނަމަ، އަދި ހުކުމަކީ ވަގުތީ ފަރުވާގެ ހުކުމެއް ނުވަތަ ނިންމުމެއް ނުވަތަ އަމުރެއް ކަމުގައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ހުކުމުގެ ނުވަތަ ނިންމުމުގެ ނުވަތަ އަމުރުގެ ތަންފީޒީ ބާރު ހިނގަން ފަށާނީ އަރަނިވެރިޔާގެ ފަރާތުން އެކަށީގެންވާ ސެކިއުރިޓީއެއް ބަހައްޓާ ހާލަތުގައެވެ.

(ނ) އަރަނިވެރިޔާގެ ފަރާތުން ސެކިއުރިޓީއެއް ބަހައްޓާފައިނުވާ ހާލަތުގައި، ދަރަނިވެރިޔާގެ ފަރާތުން އެކަށީގެންވާ ސެކިއުރިޓީއެއް ބަހައްޓާފައިވާނަމަ، ހުކުމުގެ ތަންފީޒީ ބާރު ފަސްކުރެވިގެންދާނެއެވެ.

(ރ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާއާއި، މި ދެ ފަރާތަށްވެސް އެކަށީގެންވާ ސެކިއުރިޓީއެއް ހުށަހެޅެން ނެތް ހާލަތެއްގައި، ފުރަތަމަ މަރުހަލާގެ ކޯޓުގެ ނިންމުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ތަންފީޒުކުރެވޭނެއެވެ.

 

264 ވަނަ މާއްދާ - ހުކުމް ނުވަތަ އަމުރު ތަންފީޒުކޮށް ނިންމަންޖެހޭ ތާރީހު

(ހ) އަންނަނިވި ހާލަތްތަކުގައި ފިޔަވައި، ފައިސާގެ އަދަދެއް ދެއްކުމަށް ކޯޓުން ކޮށްފައިވާ ހުކުމެއް، އެ ހުކުމެއް ކުރާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިންމަންވާނެއެވެ.

  1. ހުކުމް ނުވަތަ އަމުރު ތަންފީޒުކޮށް ނިންމަންޖެހޭ ވަކި ތާރީހެއް އެ ހުކުމުގައި ނުވަތަ އަމުރުގައި ކަނޑައަޅާފައިވުން (އިންސްޓޯލްމަންޓުތަކަކަށް ބަހާލައިގެން ފައިސާ ދައްކަންޖެހޭ ނަމަ އެކަން ހިމެނޭ ގޮތުން)؛ ނުވަތަ
  2. ހުކުމް ނުވަތަ އަމުރު ތަންފީޒުކޮށް ނިންމަންޖެހޭ ވަކި ތާރީހެއް އެހެން ގާނޫނެއްގައި ކަނޑައަޅާފައިވުން؛ ނުވަތަ
  3. ހުކުމް ތަންފީޒުކުރުން ކޯޓުން ފަސްކޮށްފައިވުން.

(ށ) މި މާއްދާގެ ދަށުން ހުކުމް ތަންފީޒުކޮށް ނިންމަން ލާޒިމުވާ ތާރީހުގެ ތެރޭގައި ށަރީއަތުގެ ހަރަދު ނަގައިދިނުމަށް ކޯޓުން ކަނޑައަޅާފައިވާނަމަ، އެ ހަރަދު ނަގައިދިނުމަށް ނިންމި ނިންމުމުގެ މައްޗަށްވެސް އެ ތާރީހު ހިނގާނެއެވެ.

 

265 ވަނަ މާއްދާ - ކޮންމެ ކަމަކާމެދު ނިންމާ ނިންމުން ބަޔާންކުރުން

ދައުވާއެއްގައި، އެއް ކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭ ނަމަ، މައްސަލައިގެ ހުކުމް ކުރުމުގައި، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި، އެއިން ކޮންމެ ނިންމުމަކަށް ފަނޑިޔާރު ވާސިލުވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެއްވެސް ހާލެއްގައި، އެއް ކަމަކަށްވުރެ ގިނަ ކަންކަން ހިމެނޭ ދައުވާއެއްގައި، އެ ދައުވާއެއްގެ އެންމެ ނުކުތާއަކަށް ބިނާކޮށް ކޯޓުން ނިންމުމެއް ނިންމައިގެންނުވާނެއެވެ.

 

266 ވަނަ މާއްދާ - ހުކުމުގައިވާ ލިޔުމުގެ ނުވަތަ މައުލޫމާތުގެ ކުށް އިސްލާހުކުރުމުގެ އިޖުރާއަތު

(ހ) ކޯޓުން ކޮށްފައިވާ ހުކުމެއްގައި ލިޔުމުގެ ކުށެއް ނުވަތަ މައުލޫމާތުގެ ކުށެއް އެކުލެވިގެންވާނަމަ، ކޯޓުން އަމިއްލައަށް އިސްނަގައިގެން ނުވަތަ ހަސްމަކު އެކަމަށް އެދި ހުށަހެޅުމުން، މައްސަލައިގެ ހުކުމް ކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ހުކުމް އިސްލާހުކުރަންވާނެއެވެ. އެގޮތުން، ހަސްމަކު ހުށަހަޅާ ހުށަހެޅުމުގައި މައްސަލަ އެކުލެވޭ ބައިތަކާއި އެ ހުކުމަށް ގެންނަންޖެހޭ ކަމަށް ފެންނަ އިސްލާހުތައް ބަޔާންކުރަންވާނެއެވެ.

(ށ) ހުކުމެއް އިސްލާހުކުރުމަށް ހަސްމަކު ހުށަހަޅާ ހުށަހެޅުމަކީ ކޯޓަށް ބަލައިގަނެވޭ ހުށަހެޅުމެއްނަމަ ނުވަތަ އެކަށީގެންވާ ސަބަބެއް އޮވެގެން ހުށަހަޅާފައިވާ ހުށަހެޅުމެއްނަމަ، އެ ހުށަހެޅުމަކާ ގުޅޭ ގޮތުން އަނެއް ހަސްމު ޖަވާބުދާރީވުމަށްޓަކައި ކޯޓުން އަނެއް ހަސްމަށް އެ ހުށަހެޅުން ފޯރުކޮށްދޭންވާނެއެވެ.

(ނ) ހުކުމް އިސްލާހުކުރުމަށް އެދި ހުށަހެޅުނު ކަމުގައިވީނަމަވެސް، އެ ހުކުމުގެ ގާނޫނީ ނަތީޖާ ނުވަތަ އެ ހުކުމް ތަންފީޒުކުރުން ފަސްވެގެންނެއް ނުދާނެއެވެ.

(ރ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކޯޓުން ކޮށްފައިވާ ހުކުމުގައިވާ އިމްލާ ކުށް ނުވަތަ ހިސާބުކުރުމުގެ ކުށް އިސްލާހުކުރުމަށްޓަކައި ހަސްމުންގެ ބަހެއް ހޯދާކަށް ނުޖެހޭނެއެވެ.

(ބ) ހުކުމެއް އިސްލާހުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު ކޯޓުން ނިންމާ ނިންމުމަކީ އެކަމާމެދު ސުވާލު އުފެއްދޭނެ ނިންމުމެއް ނޫނެވެ.

(ޅ) އިސްލާހުކުރެވޭ ހުކުމް، އެންމެހައި ހަސްމުންނަށް ފޯރުކޮށްދޭންވާނެއެވެ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ހިނގާނީ މައްސަލައިގެ ހުކުމްކުރާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ނިޔަލަށެވެ.

(އ) ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު އިސްލާހުކުރުމުގައިވެސް އަމަލުކުރަންވާނީ، މި މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.

 

267 ވަނަ މާއްދާ - ހުކުމްކުރި ކޯޓުން ހުކުމް މުރާޖައާނުކުރުން

މި ގާނޫނުގެ ހަތާވީސްވަނަ ބާބު "ނިހާއީ ހުކުމް މުރާޖައާކުރެވޭނެ އިސްތިސްނާ ހާލަތްތައް" ގެ ދަށުން ހުއްދަކޮށްފައިވާ ހާއްސަ އިސްތިސްނާ ހާލަތުގައި މެނުވީ، މައްސަލައެއްގައި ހުކުމް ކުރި ކޯޓުން، އެ ހުކުމް މުރާޖައާކޮށްގެންނުވާނެއެވެ.

 

268 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު ކަނޑައަޅާފައިނުވާ ހާލަތުގައި، ކޯޓުން މައްސަލައިގެ ހުކުމްކުރުމަށްފަހު، އެ ހުކުމް އިސްތިއުނާފުކުރުމުގެ ހައްގު އެ ހަސްމަށް ލިބިގެންވާ ކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ހަސްމުންނަށް ސާފުކޮށްދޭންވާނެއެވެ. އަދި އެކަން އެފަދައިން ކޮށްފައިވާކަން ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. 

 

269 ވަނަ މާއްދާ - ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު

(ހ) ހުކުމް ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް އެ މައްސަލައެއްގެ ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، ކޯޓުން އެކުލަވާލަންވާނެއެވެ.

(ށ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ގަޒިއްޔާ ނަންބަރު؛ 
  2. ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތުގެ ނަމާއި އެޑްރެސް؛ 
  3. ދައުވާގެ ތަފްސީލުތައް؛
  4. މައްސަލަ ނިމުނު ގޮތް؛
  5. މައްސަލައިގައި ހުށަހެޅުނު އެންމެހައި ބަޔާންތަކާއި ހެކި.

(ނ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، ރިޕޯޓު ތައްޔާރުކުރި ފަނޑިޔާރުގެ ނަމާއި ސޮއި ހިމަނާފައި އޮންނަންވާނެއެވެ.

(ރ) ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު، މައްސަލައިގައި ހުކުމްކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޯޓުން ތައްޔާރުކޮށް، ހަސްމުންނަށް ފޮނުވަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ހުލާސާއެއް، މައްސަލައިގައި ހުކުމްކުރާ ދުވަހު ކޯޓުން ތައްޔާރުކޮށް، ހަސްމުންނާ ހަވާލުކުރަންވާނެއެވެ.

 

ފަންސަވީސްވަނަ ބާބު

ށަރީއަތުގެ ހަރަދު ނަގައިދިނުން

 

270 ވަނަ މާއްދާ - ށަރީއަތުގެ ހަރަދު 

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އާންމު އުސޫލުން، ށަރީއަތުގެ ހަރަދު، ދައުވާ ކާމިޔާބުކުރާ ފަރާތަކަށް،އެ ދައުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓަށް ނަގައިދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ށަރީއަތުގެ ހަރަދު ނަގައިދިނުމުގައި އަންނަނިވި ކަންކަން ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

  1. އެއް ހަސްމުގެ ފަރާތުން އަނެއް ހަސްމަށް ށަރީއަތުގެ ހަރަދުތައް ދައްކަންޖެހޭ ކަން ނުވަތަ ނޫންކަން؛
  2. ށަރީއަތުގެ ހަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު؛ އަދި
  3. ށަރީއަތުގެ ހަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ދައްކަންޖެހޭ މުއްދަތު.

 

271 ވަނަ މާއްދާ - އިސްތިސްނާވާ މައްސަލަތައް

މި ގާނޫނުގެ 270 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އާއިލާއާބެހޭ މައްސަލަތަކާއި، ތަރިކައިގެ އުސޫލުން މުދާބެހުމާގުޅޭ މައްސަލަތަކުގެ މައްޗަކަށް އެ މާއްދާގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.

 

272 ވަނަ މާއްދާ - ކޯޓުން ރިއާޔަތްކުރާނެ ކަންކަން

(ހ) ށަރީއަތުގެ ހަރަދުތައް އެއް ހަސްމަކު އަނެއް ހަސްމަކަށް ދައްކަންޖެހޭ ކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކޯޓުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ދައުވާ ހުށަހެޅުމާއި، ދައުވާއަށް ދިފާއު ހުށަހެޅުމާއި، މައްސަލައިގެ ބަޔާންތައް ހުށަހެޅުމުގައި އަމަލުކޮށްފައިވާ ގޮތް ހިމެނޭ ގޮތުން، ހަސްމުން އެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތް؛
  2. ހަސްމަކަށް މުޅި މައްސަލަ ކާމިޔާބުނުވި ކަމުގައިވީނަމަވެސް، ދައުވާގެ ބައެއް ކާމިޔާބުވެފައިވުން؛
  3. މައްސަލަ ހައްލުކުރުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެކަން؛
  4. ހުށަހެޅިފައިވާ ދައުވާ ހުރިހާ ހަސްމުންނަށްވެސް މުހިންމުވާ މިންވަރު؛
  5. މައްސަލައިގެ އުނދަގޫކަމާއި، މައްސަލައިގައި ނަގާފައިވާ ގާނޫނީ ސުވާލުތަކުގެ މުހިންމުކަން؛
  6. މައްސަލައަށް ހޭދަވި ވަގުތު؛
  7. މައްސަލައަކީ މުދަލެއް ހިމެނޭ މައްސަލައެއްނަމަ އެ މުދަލުގެ އަގު؛
  8. މައްސަލައިގައި ހަސްމަކު އަމަލުކޮށްފައިވާ ގޮތުން، ށަރީއަތް ހިންގުން ނުވަތަ ށަރީއަތުގެ މަރުހަލާތައް ފުރިހަމަކުރުމުގައި އެއްވެސް ލަސްވުމެއް މެދުވެރިވެފައިވާނަމަ އެކަން؛
  9. އެނޫންވެސް މައްސަލައިގެ ވަށައިގެންވާ އެފަދަ އެންމެހައި ކަންކަން.

(ށ) ށަރީއަތުގެ ހަރަދު ދެއްކުމަށް ކޯޓުން ނިންމާ ނިންމުމުގައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އެ ހަރަދު ދެއްކުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

  1. އަނެއް ހަސްމުގެ ށަރީއަތުގެ ހަރަދުގެ ބައެއް ދެއްކުމަށް؛ 
  2. އަނެއް ހަސްމުގެ ހަރަދުގެ ތެރެއިން ވަކި މިންވަރެއް ދެއްކުމަށް؛ 
  3. ވަކި ތާރީހަކުން ފެށިގެން ނުވަތަ ވަކި ތާރީހެއްގެ ނިޔަލަށް ހިނގާފައިވާ ހަރަދު ދެއްކުމަށް؛
  4. ށަރީއަތް ފެށުމުގެ ކުރިން ހިނގި ހަރަދު ދެއްކުމަށް؛ 
  5. ށަރީއަތުގައި ވަކި މަރުހަލާތަކުގައި ހިނގި ހަރަދު ދެއްކުމަށް؛ 
  6. ށަރީއަތުގެ ވަކި ބަޔަކާ ގުޅިގެން ހިނގި ހަރަދު ދެއްކުމަށް؛ 
  7. ހުކުމް ކުރެވުނު ތާރީހު ހިމެނޭ ގޮތުން، ވަކި ތާރީހަކުން ފެށިގެން ނުވަތަ ވަކި ތާރީހެއްގެ ނިޔަލަށް އިންޓްރެސްޓް ދެއްކުން؛
  8. ވަކި ތާރީހަކުން ފެށިގެން ނުވަތަ ވަކި ތާރީހަކާ ހަމައަށް ހަރަދުގެ ޖޫރިމަނާ ދެއްކުމަށް.

(ނ) މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގެ ދަށުން ހަރަދު ނަގައިދިނުމުގެ އަމުރެއް ނެރުމުގެ ކުރިން، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގެ ދަށުން ހަރަދު ނަގައިދިނުމަކީ އެކަށީގެންވާ ކަމެއްތޯ ނުވަތަ ނޫންތޯ ކޯޓުން ބަލަންވާނެއެވެ.

(ރ) ތަފްސީލު އެސެސްމަންޓެއް ހެދުމަށް ށަރުތުކޮށް ށަރީއަތުގެ ހަރަދު ނަގައިދިނުމަށް ކޯޓުން އަމުރުކޮށްފިނަމަ، އެނޫން ގޮތަކަށް އަމަލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތްނަމަ، ހަރަދުގެ ގޮތުގައި އެކަށީގެންވާ މިންވަރެއް ދެއް ކުމަށް ކޯޓަށް އެންގިދާނެއެވެ.

 

273 ވަނަ މާއްދާ - ށަރީއަތުގެ ހަރަދު ނަގައިދިނުމުގައި ހަދާ އެސެސްމަންޓް

އެސެސްމަންޓެއް ހެދުމަށްފަހު ށަރީއަތުގެ ހަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައެޅުމުގައި، އެކަށީގެންނުވާ ގޮތެއްގައި ކޮށްފައިވާ ހަރަދުތަކާއި، އެކަށީގެންވާ މިންވަރަށްވުރެ ބޮޑު އަދަދުތަކުގެ ގޮތުގައި ބެލެވޭ އަދަދުތައް އުނިކުރުމަށްފަހު، ހަރަދުގެ އަދަދު ކަނޑައަޅާނީ އަންނަނިވި ދެ ގޮތުންކުރެ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.

(ހ) އާންމު އުސޫލުގެ ދަށުން ހަރަދު ނަގައިދިނުން؛ ނުވަތަ

(ށ) ލިބުނު ގެއްލުން ފޫބެއްދޭނެ މިންވަރަށް ހަރަދު ނަގައިދިނުން.

 

274 ވަނަ މާއްދާ - އާންމު އުސޫލުގެ ދަށުން ހަރަދު ނަގައިދިނުން

އާންމު އުސޫލުގެ ދަށުން ހަރަދު ނަގައިދިނުމުގައި ކޯޓުން އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ދައުވާގައި ހިމެނޭ ކަންކަމާ ގުޅިގެން ކޮށްފައިވާ ހަރަދާ އެކަށީގެންވާ މިންވަރެއް ދައްކަން އެންގުން؛ އެގޮތުން، އެ ހަރަދަކީ ކޮންމެހެން ކުރަންޖެހިގެން ކުރި ހަރަދެއްނަމަވެސް، އެއީ އެކަށީގެންވާ މިންވަރެއް ކަމަށް ކޯޓަށް ގަބޫލުނުކުރެވޭ ނަމަ، އެ ހަރަދެއް ނަގައެއް ނުދެވޭނެއެވެ.

(ށ) ހަރަދު ނަގައިދެވޭ ފަރާތުން އެ ހަރަދުތައް ކޮށްފައިވަނީ ކޮންމެހެން ކުރަންޖެހިގެންކަން ނުވަތަ އެކަށީގެންވާ ހާލަތެއްގައިތޯ ނުވަތަ ހަރަދުގެ މިންވަރަކީ އެކަށީގެންވާ އަދަދެއްތޯ، އެކަންކަމާމެދު އުފެދޭ ސުވާލުތަކަށް ހައްލެއް ލިބިގެންދާނެ ގޮތަކަށް ކޯޓަށް ހަރަދު ނަގައިދެވިދާނެއެވެ.

 

275 ވަނަ މާއްދާ - ލިބުނު ގެއްލުން ފޫބެއްދޭނެ މިންވަރަށް ހަރަދު ނަގައިދިނުން

ލިބުނު ގެއްލުން ފޫބެއްދުމުގެ ގޮތުން ހަރަދުގެ މިންވަރެއް ކޯޓުން ކަނޑައަޅާނަމަ، ހަރަދުތައް ކޮށްފައިވަނީ ކޮންމެހެން ކުރަންޖެހިގެން ނުވަތަ އެކަށީގެންވާ ހާލަތެއްގައިތޯ ނުވަތަ ނޫންތޯއާއި ހަރަދުތަކުގެ އަދަދުތަކަކީ މުނާސަބު އަދަދެއްކަން ނުވަތަ ނޫންކަން ފަދަ ސުވާލުތަކާމެދު ގޮތެއް ނިންމުމުގައި، ހަރަދު ނަގައިދެވޭ ހަސްމުގެ މަސްލަހަތަށް ކޯޓުން އިސްކަންދޭންވާނެއެވެ.

 

276 ވަނަ މާއްދާ - ހަރަދު ނަގައިދިނުމުގެ މުއްދަތު

(ހ) ށަރީއަތުގެ ހަރަދު ނަގައިދިނުމަށް ކޯޓުން ކުރާ އަމުރެއްގައި ހަރަދުގެ ގޮތުގައި ދައްކަންޖެހޭނެ މިންވަރެއް ކަނޑައަޅާފައިވާނަމަ، އެ އަމުރުގައިވާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ހަރަދު ދައްކަންވާނެއެވެ.

(ށ) ށަރީއަތުގެ ހަރަދު ނަގައިދިނުމަށް ކޯޓުން ކުރާ އަމުރުގައި ހަރަދުގެ ގޮތުގައި ދައްކަންޖެހޭނެ މިންވަރު ފަހުން ކަނޑައަޅާގޮތަށް އޮތްނަމަ، އެ ހަރަދު ދެއްކުމަށް ކޯޓުން އަންގާ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހަރަދު ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ކޯޓުން ކަނޑައަޅާ އެނޫން ތާރީހެއްގައި ހަރަދު ދެއްކުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

277 ވަނަ މާއްދާ - ކޯޓުން އަންގާ ގޮތާ ހިލާފަށް އަމަލުކުރުން

މި ގާނޫނުގެ 273 ވަނަ މާއްދާގެ ދަށުން ހަދާ އެސެސްމަންޓް ހެދުމުގައި ނުވަތަ ށަރީއަތުގެ މަރުހަލާގައި ނުވަތަ އޭގެ ކުރިންވެސް، ހަސްމަކު ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތަކުން ކޯޓުގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފަށް އަމަލުކޮށްފައިވާނަމަ އެ އެސެސްމަންޓް ނިސްބަތްވާ ހަރަދު އެއްކޮށް ނުވަތަ އޭގެ ބައެއް ނަގައިނުދިނުމަށް ކޯޓަށް ނިންމިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކޯޓުގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފަށް އަމަލުކޮށްފައިވާ ހަސްމަކު ނުވަތަ އެފަރާތް ތަމްސީލުކުރާ ފަރާތަކުން ކުރި ކަމަކާ ގުޅިގެން އަނެއް ފަރާތުން ކުރަންޖެހުނު ހަރަދެއްވާނަމަ، އެ ހަރަދެއް ދެއްކުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

 

278 ވަނަ މާއްދާ - އަޅައިކެނޑުން

ށަރީއަތުގެ ހަރަދު ނަގައިދެވޭ ފަރާތުން، ހަމަ އެ ށަރީއަތުގައި ހަރަދުގެ ފައިސާ ދައްކަންޖެހޭ ނަމަ، އެ މިންވަރުތަކަށް ރިއާޔަތްކޮށް އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމަށް ކޯޓުން އެފަރާތަށް އެންގިދާނެއެވެ.

(ހ) ހަރަދުގެ ފައިސާގެ ގޮތުގައި ލިބެންޖެހޭ މިންވަރު، އެ ފައިސާ ލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށްފަހު، ބާކީ އޮތް މިންވަރު ދެއްކުމަށް؛

(ށ) ހަރަދުގެ ގޮތުގައި އެ ހަސްމަކަށް ފަހުން ލިބެންޖެހޭ ފައިސާ ދެއްކުމަށް ކޯޓުން އަންގާ އެންގުން، އެފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރަންދެން މަޑުޖެއްސުމަށް.

 

279 ވަނަ މާއްދާ - ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހަރަދު ނަގައިދެވޭނެ މިންވަރު ކަނޑައެޅުން

ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި، އަންނަނިވި ހަރަދުތައް ފިޔަވައި، މައްސަލައާ ގުޅިގެން އެއް ހަސްމު އަނެއް ހަސްމަށް ދައްކަންޖެހޭ ހަރަދުގެ ގޮތުގައި އެއްވެސް އަދަދެއް ކޯޓުން ނަގައިދީގެންނުވާނެއެވެ.

(ހ) މައްސަލައިގެ ހަސްމަކު ދައުވާ ފޯމު ހުށަހެޅުމުގެ ގޮތުން ކޯޓަށް ދައްކާފައިވާ ފީ؛

(ށ) ދައުވާ ފޯމު ހުށަހެޅުމަށް ދެއްކި ފީގެ އިތުރުން، ކޯޓަށް ދައްކާފައިވާ އެހެން ފީއެއްވާނަމަ އެ ފީ؛

(ނ) ވަކި ކަމެއް ހިންގުން ހުއްޓުވުމަށް ނުވަތަ ވަކި ކަމެއް ކުރުވުމަށް ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ މައްސަލައެއްނަމަ، އަދި ހަސްމު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަންކޮށްފައިވާނަމަ، އެ ގާނޫނީ ވަކީލު ފޯރުކޮށްދީފައިވާ ހިދުމަތަށް ނަގައިދިނުމަށް މި ގާނޫނުގެ ދަށުން ހުއްދަކުރާ އަދަދު؛

(ރ) ކޯޓަށް ހާޒިރުވުމުގެ ގޮތުން، ހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ހަސްމު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށާއި، އެ ރަށެއްގައި ހުރުމަށް ކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ހަރަދު؛

(ބ) ކޯޓަށް ހާޒިރުވުމުގެ ގޮތުން، ހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ހަސްމު ދަތުރުކުރަންޖެހޭުމުގެ ސަބަބުން ނުވަތަ ރަށުން ބޭރުގައި ހުންނަންޖެހުމުގެ ސަބަބުން އެފަރާތެއް އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އެކަށީގެންވާ އަދަދު؛

(ޅ) ހަބީރަކު ހާޒިރުކުރުމަށް ހިނގި އެކަށީގެންވާ މިންވަރެއްގެ ހަރަދު؛

(ކ) އެ ހަސްމުގެ އަމަލުތައް ހުރިގޮތުގެ ސަބަބުން މައްސަލައިގައި ހިނގާފައިވާ އިތުރު ހަރަދު ކަމަށް ކޯޓުން ހަދާ އެސެސްމަންޓަކުން ކަނޑައަޅާ އަދަދު.

 

ސައްބީސްވަނަ ބާބު

އިސްތިއުނާފުކުރުން

 

280 ވަނަ މާއްދާ - އިސްތިއުނާފުކުރުމަށް ހުށަހެޅުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މައްސަލަތަކުގައި ކޯޓުތަކުން ނިންމާ އަންނަނިވި ނިންމުންތައް، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ނިންމުމެއް އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.

  1. ހުކުމްތަކާއި، ކޯޓު އަމުރުތަކާއި، އެނޫންވެސް ނިންމުންތައް؛ 
  2. ވަގުތީ އަމުރު؛ 
  3. ހުކުމް ތަންފީޒުކުރާ ކޯޓަކުން ނިންމާ ނިންމުންތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ހަސްމުންނަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ހަސްމަކަށްނުވާ، އެހެންނަމަވެސް އެ ހުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ރައްދުވާ ފަރާތަކަށް އެފަދަ ނިންމުމެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އިސްތިއުނާފުކުރެވިދާނެއެވެ.

281 ވަނަ މާއްދާ - އިސްތިއުނާފުކުރުމުން ހުކުމް ތަންފީޒުކުރުން ފަސްނުވުން

(ހ) ދަށު ކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުނު ކަމުގައިވީނަމަވެސް، އެ ހުކުމެއްގެ ގާނޫނީ ނަތީޖާ ނުވަތަ އެ ހުކުމް ތަންފީޒުކުރުން ފަސްވެގެނެއްނުދާނެއެވެ.

(ށ) ދަށު ކޯޓެއްގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ހަސްމަކު އެދޭނަމަ، އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް، އެކަމަށް އެދޭ ހަސްމު ކޯޓަށް ހުށަހަޅަންވާނެއެވެ.

 

282 ވަނަ މާއްދާ - އިސްތިއުނާފުކުރެވިދާނެ ހާލަތްތައް

(ހ) މި ގާނޫނުގެ 280 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ނިންމުމެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ، އެ ނިންމުމެއް ގާނޫނުއަސާސީއާއި، ނުވަތަ ގާނޫނަކާ ހިލާފުވެގެން ނުވަތަ އެ ނިންމުމެއްގައި ކޯޓުން ގާނޫނު މާނަކޮށްފައިވަނީ ނުވަތަ ގާނޫނު ތަތްބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެފައި، އެކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރުކޮށްފައިވާނަމައެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ށަރީއަތުގެ މަރުހަލާގައި ކަނޑައަޅާފައިވާ އިޖުރާއަތާ ހިލާފަށް ހިނގާފައިވާ ކަމެއް އެ ކޯޓުގައި ހިނގިއިރު ހަސްމަކު އެކަން ފާހަގަކޮށްފައިވީނަމަވެސް، ކޯޓުން މައްސަލަ ނިންމިއިރު އެކަމަށް ރިއާޔަތްކޮށްފައިނުވާނަމަ އަދި އެކަމެއްގެ ސަބަބުން ސީދާ މައްސަލައިގެ ހުކުމަށް އަސަރުކޮށްފައިވާކަމަށް ހަސްމަކަށް ގަބޫލުކުރެވޭ ނަމަ ހައިކޯޓަށް އެ މައްސަލައެއް އިސްތިއުނާފުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

283 ވަނަ މާއްދާ - ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތުތައް

(ހ) ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެ މުއްދަތުގެ ތެރޭގައި ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކުރާ ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ހުލާސާއަށް ބިނާކޮށް އިސްތިއުނާފުކުރުމަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭ ފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ދަށު ކޯޓުގެ ނިންމުން ނިންމި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރެވިދާނެއެވެ.

(ބ) މި ގާނޫނުގެ 280 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނިންމުންތައް އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެއެވެ.

 

284 ވަނަ މާއްދާ - ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތުތައް

(ހ) ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ހައިކޯޓުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، އެ މުއްދަތުގެ ތެރޭގައި ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކުރާ ތާރީހުން ފެށިގެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ށަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ ހުލާސާއަށް ބިނާކޮށް އިސްތިއުނާފުކުރުމަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭ ފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ހައިކޯޓުގެ ނިންމުން ނިންމި ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ސުޕްރީމް ކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރެވިދާނެއެވެ.

 

285 ވަނަ މާއްދާ - އިސްތިއުނާފު ހުށަހަޅަންވީ ގޮތް

(ހ) ކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހަޅާނީ، އެކަމަށްޓަކައި ކޯޓުން ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުމުގައި، އިސްތިއުނާފު ބިނާކޮށްފައިވާ ނުކުތާތަކާއި، އޭގެ ގާނޫނީ ސަބަބުތަކާއި، އެފަރާތުން އެދެނީ ހުކުމް ބާތިލުކުރަންކަން ނުވަތަ ހުކުމް އިސްލާހުކުރަންކަން ބަޔާންކުރަންވާނެއެވެ. އަދި، މައްސަލަ ބެލި ކޯޓުގެ ނަމާއި، މައްސަލައިގެ ހަސްމުންނާއި، ހުކުމް ކުރެވުނު ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާއެކު، ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

(ރ) އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމާއެކު، އެ މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމާ ބެހޭ ގޮތުން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހެޅިފައިވާ ކޯޓުން ވަކި ގޮތެއް ނިންމަންވާނެއެވެ.

(ޅ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އިސްތިއުނާފުކުރެވޭ މައްސަލައެއް ބަލައިގަތުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ، އަޑުއެހުމަކާ ނުލައެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން މައްސަލައިގެ އިސްތިއުނާފާ ގުޅޭ ގޮތުން ނިންމާ ނިންމުން، އިސްތިއުނާފުކުރާ ފަރާތަށް ލިޔުމުން އިސްތިއުނާފު ހުށަހެޅިފައިވާ ކޯޓުގެ ރަޖިސްޓްރާރ އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ބ) ގެ ދަށުން ނިންމާ ނިންމުމަކީ އިސްތިއުނާފު ބަލައިނުގަތުން ކަމުގައިވާނަމަ، އެ ނިންމުމެއް ނިންމާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން މުރާޖައާކޮށްދިނުން އެދި އެ ކޯޓަށް ހުށަހެޅުމުގެ ހައްގު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ރަޖިސްޓްރާރގެ ނިންމުމާމެދު ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމުމުގައި އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، އަޑުއެހުމެއް ބޭއްވުމަށްފަހު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން މެނުވީ އެ މައްސަލަ އިސްތިއުނާފުކުރުމާމެދު އިންސާފުވެރި ގޮތެއް ނިންމިދާނެކަމަށް ފަނޑިޔާރުންނަށް ގަބޫލުނުކުރެވޭ ހާލަތުގައި އެފަދަ އަޑުއެހުމެއް ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(މ) އިސްތިއުނާފު ބަލައިގަތުމާ ބެހޭ ގޮތުން އަޑުއެހުމެއް ބާއްވާނަމަ، އެކަން މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް އަންގަންވާނެއެވެ. އަދި އަޑުއެހުން ތާވަލުކުރެވޭ ވަގުތާއި ތާރީހު އަންގަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގެ ދަށުން އަޑުއެހުމެއް ބާއްވާނަމަ، އެ އަޑުއެހުމަށްފަހު، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްތިއުނާފު ބަލައިގަތުމާމެދު ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމަންވާނެއެވެ.

(ދ) މި މާއްދާގެ ދަށުން ރަޖިސްޓްރާރގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ހައިކޯޓަށް ކަމަށްވާނަމަ، އަދި މި މާއްދާގެ (ފ) ގައި ބަޔާންކުރާ މަރުހަލާއަށްފަހުގައި އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިނަމަ، އެ ނިންމުން ނިންމާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހައްގު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ތ) ކޯޓުން އިސްތިއުނާފު ބަލައިގަތުމަށް ނިންމައިފިނަމަ، އިސްތިއުނާފުގެ މައްސަލަ ކުރިއަށްގެންދާއިރު، ށަރީއަތުގެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ވާހަކަ ދައްކަންވީ ނުކުތާތަކެއް ކަނޑައެޅުމުގެ އިތުރުން، އެ އަޑުއެހުން ކުރިއަށްގެންދާނެ ގޮތާމެދު ކޯޓުން އިތުރު ށަރުތުތަކެއް ކަނޑައެޅިދާނެއެވެ.

(ލ) މި މާއްދާގެ (ތ) ގެ ދަށުން އިސްތިއުނާފު ބަލައިގަތުމަށް ކޯޓުން ނިންމުމަށްފަހު، އިސްތިއުނާފު ހުށަހަޅާ ފޯމަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ ކޯޓުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

 

286 ވަނަ މާއްދާ - އެއް މައްސަލައެއް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އިސްތިއުނާފުކުރުން

(ހ) ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުން، އިސްތިއުނާފުކުރުމަށް އެ މައްސަލައިގައި ހިމެނޭ ހަސްމަކު މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވީނަމަވެސް، އެ އިސްތިއުނާފު ރައްދުވާ ފަރާތަށް ނުވަތަ އެ މައްސަލައިގައި މަސްލަހަތު އޮތް އެހެން ފަރާތަކަށްވެސް އެ މައްސަލައެއް އިސްތިއުނާފުކުރުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅަންވާނީ، އެ މައްސަލައެއް އިސްތިއުނާފުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަކަށް ކޯޓުން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ. އަދި މި ގާނޫނުގެ ބާވީސްވަނަ ބާބު "ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު" ގެ ދަށުން ނެރޭ ވަގުތީ ފަރުވާގެ އަމުރަކާ ގުޅިގެން ކުރެވޭ އިސްތިއުނާފެއްނަމަ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އެފަދައިން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

(ނ) އިސްތިއުނާފު ރައްދުވާ ފަރާތުން ނުވަތަ މަސްލަހަތު އޮތް ކޮންމެ ފަރާތަކުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ލިބުމާއެކު، ވީ އެންމެ އަވަހަކަށް އެ ހުށަހެޅުން މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް ކޯޓުން އަންގަންވާނެއެވެ.

(ރ) މައްސަލައެއްގައި ހިމެނޭ ހަސްމަކު މި މާއްދާގެ ދަށުން ހުށަހަޅާ އިތުރު އިސްތިއުނާފުގެ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެހެން ފަރާތަކުން ހަމަ އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިނަމަވެސް، އަންނަނިވި ހާލަތްތަކުގައި އެ މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެއެވެ.

  1. ފުރަތަމަ އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމާފައިވުން؛
  2. ފުރަތަމަ އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފަކީ، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ އިސްތިއުނާފަކަށް ނުވުމުގެ ސަބަބުން އެ އިސްތިއުނާފު ބާތިލުކޮށްފައިވުން؛ ނުވަތަ
  3. މައްސަލައެއްގައި ހިމެނޭ ހަސްމަކު އެ މައްސަލައިގެ އިސްތިއުނާފު ހުށަހެޅުމުގެ ކުރިން، އެ މައްސަލަ ފުރަތަމަ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފު އަނބުރާ ގެންގޮސްފައިވުން.

 

287 ވަނަ މާއްދާ - އިސްތިއުނާފު މައްސަލައާމެދު އިސްތިއުނާފު ރައްދުވާ ފަރާތުން އެދެވިދާނެ ކަންކަން

(ހ) އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅާފައިވާކަން ނުވަތަ އިސްތިއުނާފުކުރާ މައްސަލައެއް ހުށަހަޅާފައިވަނިކޮށް އިތުރު އިސްތިއުނާފު މައްސަލައެއް ހުށަހަޅާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ކޯޓުން އަންގާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓުގައި އެދެވިދާނެއެވެ.

  1. އިސްތިއުނާފުކުރުމަށް ހިނގާ ހަރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް؛ އެފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން އެދިއްޖެނަމަ، އިސްތިއުނާފުކުރާ ފަރާތުން އެ ސެކިއުރިޓީ ބެހެއްޓުމަށް ކޯޓުން ށަރުތުކުރެވިދާނެއެވެ.
  2. އަންނަނިވި ހާލަތްތަކުގައި އިސްތިއުނާފުގެ މައްސަލަ ބާތިލުކުރުމަށް؛
    1. އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންނުވާ ފަރާތަކުން އިސްތިއުނާފު ހުށަހަޅާފައިވުން ނުވަތަ މި ގާނޫނުގެ 285 ވަނަ މާއްދާއާ ހިލާފަށް އިސްތިއުނާފު ހުށަހަޅާފައިވުން؛
    2. އިސްތިއުނާފު ހުށަހަޅާފައިވަނީ، މި ގާނޫނުގެ 421 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށް ކަމުގައިވުން؛ ނުވަތަ
    3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބެހެއްޓުމަށް އެދިފައިވާ ސެކިއުރިޓީ ކަނޑައަޅާފައިވާ މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބަހައްޓާފައި ނުވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ފަސްކުރަންވާނެއެވެ. އެގޮތުން ފަސްކުރެވޭނީ، ގިނަވެގެން 20 (ވިހި) ދުވަހުގެ މުއްދަތަށެވެ.

(ނ) މި ބާބުގެ ދަށުން ހުށަހެޅޭ މައްސަލައެއް ބެލުމަށް ނިންމައިފިނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޖަވާބުދާރީވުމަށް މަދުވެގެން 20 (ވިހި) ދުވަސް ދޭންވާނެއެވެ.

 

288 ވަނަ މާއްދާ - އިސްތިއުނާފުގެ ބައްދަލުވުން

(ހ) ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ނުވަތަ މި ގާނޫނުގެ 285 ވަނަ މާއްދާގެ (ބ) ގެ ދަށުން އިސްތިއުނާފު ބަލައިގަތުމަށް ނިންމާ ހާލަތުގައި، މައްސަލައިގައި ހިމެނޭ ހަސްމުން އެދިގެން އިސްތިއުނާފުގެ މައްސަލަ އަވަހަށް ކުރިއަށްގެންދިޔުމަށާއި މައްސަލަ ހިންގުމަށް ފަސޭހަކުރުމަށްޓަކައި، އެ މައްސަލައިގައި ހުސޫމާތް އުފެދިފައިވާ ނުކުތާތަކަކީ ކޮބައިކަން ދެނެގަނެ، އަވަސް ގޮތެއްގައިށަރީއަތް ކުރިއަށްގެންދެވޭނެ ގޮތްތަކާ މެދުގައި ހަސްމުން މަށްވަރާކޮށް، އެ ކަމާމެދު ގޮތްތަކެއް ކަނޑައެޅުމަށް ބައްދަލުވުމެއް ބޭއްވިިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމަކީ ކުރިން އެއްވެސް ލިޔެކިޔުމެއް ބަދަލުކުރުމެއް ނެތި ބޭއްވި ނުރަސްމީ ބައްދަލުވުމެކެވެ. އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ ބައްދަލުވުން ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައަކާ ގުޅިގެން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރުމަށް ފުރުސަތު ދިނުމަށްފަހު، އިސްތިއުނާފާ ގުޅިގެން ހުށަހަޅަންޖެހޭނެ ލިޔެކިޔުންތަކާއި ބާއްވަންޖެހޭނެ އަޑުއެހުންތަކުގެ އަދަދު ކޯޓަށް ކަނޑައެޅިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގައި ނިންމ ނިންމުންތަކަކީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަމަލުކުރުން ލާޒިމު ނިންމުންތަކެކެވެ.

 

289 ވަނަ މާއްދާ - އާ ވާގިއާއާއި ހެކި

އިސްތިއުނާފުކޮށްފައިވާ މައްސަލައަކާ ގުޅިގެން އެއްވެސް އާ ވާގިއާއެއް ނުވަތަ ހެއްކަކަށް ކޯޓުން ރިއާޔަތް ކުރަންވާނީ ހަމައެކަނި އަންނަނިވި ހާލަތްތަކުގައެވެ.

(ހ) އާ ވާގިއާއެއް ނުވަތަ ހެއްކެއް ލިބުމުން ވަގުތުން ހުށަހަޅާފައިވުން؛

(ށ) އެންމެ ފަރުވާތެރިކަމާ އެކުގައި މަސައްކަތްކޮށްފައިވީނަމަވެސް ކޯޓަށް އެ ވާގިއާތަކާއި ހެކި ހުށަހެޅިފައި ނުވުން؛

(ނ) އެ ވާގިއާތަކާއި ހެއްކަކީ މައްސަލައިގެ ނިންމުމަށް އޭގެ ސަބަބުން އެކަށީގެންވާ ބޮޑު ބަދަލެއް އަތުވެދާނެ ވާގިއާއެއް ނުވަތަ ހެއްކެއް ކަމުގައިވުން.

 

290 ވަނަ މާއްދާ - އިސްތިއުނާފުގެ އަޑުއެހުން

(ހ) އިސްތިއުނާފު ބަލައިގަތްކަން މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް އަންގާފައިވާނަމަ، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އިސްތިއުނާފުގެ އަޑުއެހުން ކޯޓުން ތާވަލު ކުރަންވާނެއެވެ.

(ށ) އިސްތިއުނާފުގެ އަޑުއެހުން ތާވަލުކޮށްފައިވާ ތާރީހާއި މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަނގަބަހުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހަޅާނެ ތާރީހު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކޯޓުން އަންގަންވާނެއެވެ.

(ނ) ކޯޓުގެ އަޑުއެހުންތައް ބާއްވަންވާނީ މަދުވެގެން 3 (ތިނެއް) ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. ނުވަތަ ކޯޓުގެ ގަވާއިދުގައި ކަނޑައަޅާފައިވާނަމަ، ނުވަތަ ކޯޓުން ކަނޑައަޅައިފިނަމަ، އެއަށްވުރެ ގިނަ ފަނޑިޔާރުން ހިމެނޭ މަޖިލީހެއް އެކުލަވާލުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

291 ވަނަ މާއްދާ - ގޮތެއް ނިންމުން

(ހ) އިސްތިއުނާފުކުރެވޭ މައްސަލައިގެ ށަރީއަތުގެ އަޑުއެހުން ނިމުނުކަމަށް ކޯޓުން ކަނޑައަޅާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފުގެ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އެހެންނަމަވެސް އިސްތިސްނާ ހާލަތްތަކުގައި، މި މުއްދަތު، އިތުރު 1 (އެކެއް) މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރެވިދާނެއެވެ.

(ށ) ކޯޓުގެ ނިންމުންތައް ނިންމަންވާނީ މައްސަލަ ބަލާ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރަކު މަގާމުން ވަކިވެފައިވުމުގެ ސަބަބުން ނުވަތަ އެ މައްސަލަ ބެލުމުގައި އެ ފަނޑިޔާރަށް ބައިވެރިވެވެން ނެތްނަމަ، ކަނޑައެޅިފައިވާ އަދަދަށް އެ މަޖިލީހުގައި ފަނޑިޔާރުން ހަމަވާނަމަ އެ މައްސަލައިގައި ހުކުމްކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން އާ އަޑުއެހުމެއް ބާއްވަންޖެހޭ ހާލަތެއް އޮތް ކަމަށް ކޯޓަށް ފެނިއްޖެނަމަ، މައްސަލައިގެ އާ އަޑުއެހުމެއް ބޭއްވިިދާނެއެވެ.

(ބ) އިސްތިއުނާފުގެ މައްސަލައެއް ބެލުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިންމުމެއް ކޯޓަށް ނިންމިދާނެއެވެ.

  1. އިސްތިއުނާފުކުރެވުނު ހުކުމް ދެމެހެއްޓުމަށް؛ ނުވަތަ 
  2. ހުކުމް ބަދަލުކޮށް، އާ ހުކުމެއް ކަނޑައެޅުމަށް؛ ނުވަތަ 
  3. ދައުވާގެ މުހިންމު ބަޔަކަށް ރިއާޔަތްކޮށްފައިނުވާތީ ނުވަތަ މައްސަލައިގެ މުހިންމު ވާގިއާއެއް ސާބިތުކުރަންޖެހިފައިވާތީ، އެ މައްސަލަ އަލުން ބެލުމަށްޓަކައި، ދަށު ކޯޓަށް ތަހުވީލުކުރުމަށް.

(ޅ) ކޯޓުން އާ ހުކުމެއް ކުރާނަމަ، ފުރަތަމަ މަރުހަލާގައި މައްސަލަ ހިންގިއިރު ނިންމާފައިވާ ށަރީއަތުގެ ހަރަދާ ގުޅޭ ގޮތުންވެސް ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

(ކ) ކޯޓުގެ ނިންމުމުގައި އެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްސީލާއެކު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(އ) ކޯޓުގެ ހުކުމް އިއްވާނީ، މި ގާނޫނުގެ ސައުވީސްވަނަ ބާބު "ހުކުމް" ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ވ) މި ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ ކޯޓުގެ ނިންމުމަކީ ވަގުތުން ތަންފީޒުކުރެވޭނެ ހުކުމެކެވެ. ހުކުމް ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްގެންދަންވާނީ މި ގާނޫނުގެ ބައްތިރީސްވަނަ ބާބު "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުކުމް ތަންފީޒުކުރުން" ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ ކޯޓެއްގެ ހުކުމް ތަންފީޒުކުރުމާބެހޭ ޑިވިޒަނުންނެވެ.

 

ހަތާވީސްވަނަ ބާބު

ނިހާއީ ހުކުމް މުރާޖައާކުރެވޭނެ އިސްތިސްނާ ހާލަތްތައް

 

292 ވަނަ މާއްދާ - ނިހާއީ ހުކުމެއް އަލުން މުރާޖައާކުރުން

(ހ) މި މާއްދާގައި ބަޔާންކުރާ ހާއްސަ އިސްތިސްނާ ހާލަތްތަކުގައި، ނިހާއީ ހުކުމެއް އަލުން މުރާޖައާކުރަން އެދި، އެ ހުކުމް ނިސްބަތްވާ މައްސަލައިގެ ހަސްމަށް، އެ ހުކުމް ކުރި ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ހުކުމެއް ނިހާއީ ވެފައިވާކަމަށް ބެލެވޭނީ އެ ހުކުމެއް އިސްތިއުނާފުކުރުމުގެ އެންމެހައި މަރުހަލާއެއް ނިމިފައިވުމަށް ނުވަތަ އިސްތިއުނާފުކުރުމަށް އޮތް އެންމެހައި ފުރުސަތު ގެއްލިފައިވުމަށެވެ.

(ނ) ނިހާއީ ހުކުމެއް އަލުން މުރާޖައާކުރަން އެދި ހުށަހެޅޭނީ، އަންނަނިވި ހާލަތްތަކުގައި، އެ ހުކުމް ނިސްބަތްވާ މައްސަލައިގެ ހަސްމަކަށެވެ.

  1. ނިހާއީ ހުކުމްކޮށްފައިވާ މައްސަލައިގެ ހަސްމަކަށް މައްސަލައިގެ ށަރީއަތް ހިނގަމުން ދިޔައިރު ވުޖޫދުވެފައިވާ، ނަމަވެސް މައްސަލައިގެ ހަސްމަކަށް ލިބިފައިނެތް، މައްސަލައަށް މުހިންމު އަދި މައްސަލައިގައި ކޮށްފައިވާ ހުކުމް ބަދަލުވެދާފަދަ ހެއްކެއް ނުވަތަ ވާގިއާއެއް މައްސަލައިގެ ހުކުމްކުރުމަށްފަހު، ލިބުން ނުވަތަ އެނގުން. (މީގެ ތެރޭގައި، ހުކުމް ކުރި ތާރީހުގެ ފަހުން ވުޖޫދުވެފައިވާ ވާގިއާއެއް ނުވަތަ ހެއްކެއް ނުހިމެނެއެވެ)؛ ނުވަތަ
  2. ނިހާއީ ހުކުމް ނިސްބަތްވާ މައްސަލައިގެ ހަސްމަކާ ދެކޮޅަށް މައްސަލަ ނިމިފައިވަނީ، ހިނގާފައިވާ ޖިނާއީ ކުށެއްގެ ސަބަބުން ކަމަށް، ށަރީއަތަށް ސާބިތުވުން. (މި ނަންބަރުގެ ބޭނުމަށްޓަކައި، މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ށަރީއަތުން ސާބިތުވެފައި އޮތުމަކީ ލާޒިމުކަމެއް ނޫނެވެ.)

(ރ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންވާނީ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާކަން، ސަބަބު ބަޔާންކުރުމާއެކު ލިޔުމުންނެވެ.

(ބ) ނިހާއީ ހުކުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވިތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވުމަށްފަހު، ހުކުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށައެއްނޭޅޭނެއެވެ. އެހެންނަމަވެސް، މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެފައިވާނަމަ، އެ ހުކުމްކުރާތާ ގިނަވެގެން 2 (ދޭއް) އަހަރުދުވަސް ހަމަވުމުގެ ކުރިން ހުކުމް މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ.

(ކ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ނިހާއީ ހުކުމެއް ކޯޓުން އަލުން މުރާޖައާކުރަންވާނީ، މައްސަލައިގެ ހަސްމަކަށް ބޭއިންސާފެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި މި މާއްދާގެ (ނ) ގައި ބަޔާންކުރާ އެ ހުކުމް އަލުން ބަލަންޖެހޭ ފަދަ އިސްތިސްނާ ހާލަތެއް މެދުވެރިވެފައިވާނަމަ، ހުކުމް އަލުން މުރާޖައާކުރުން ފިޔަވައި އެހެން ގޮތަކުން އެ މައްސަލައަށް ހައްލެއް ލިބިދާނެކަމަށް ނުފެންނަ ކަމުގައިވާނަމައެވެ.

(އ) މި މާއްދާގެ (ހ) ގެ ދަށުން ނިހާއީ ހުކުމެއް އަލުން މުރާޖައާކުރުމަށް އެދި އެ ހުކުމެއް ކޮށްފައިވާ ކޯޓަށް ހުށަހެޅުމެއް ލިބޭތާ، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުކުމެއް އަލުން މުރާޖައާކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަތުމާމެދު އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އަދި ކޯޓުން ނިންމާގޮތެއް އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ނިހާއީ ހުކުމެއް އަލުން މުރާޖައާކުރުމާމެދު ކޯޓަކުން ނިންމާ ނިންމުމަކީ އިސްތިއުނާފުކުރެވޭނެ ނިންމުމެއް ނޫނެވެ.

 

293 ވަނަ މާއްދާ - މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ޖަވާބުދާރީވުން

ނިހާއީ ހުކުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކީ ބަލައިގަނެވެން ނެތް ނުވަތަ އެއްވެސް އަސާސެއް ނެތި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ނުވާހާ ހިނދަކު، މައްސަލައިގައި ހިމެނޭ އަނެއް ހަސްމު ނުވަތަ ހަސްމުން ޖަވާބުދާރީވުމަށްޓަކައި ކޯޓުން އެފަރާތްތަކަށް އެ ހުށަހެޅުން ފޮނުވަންވާނެއެވެ.

 

294 ވަނަ މާއްދާ - ހުކުމުގެ ނަތީޖާ ނުވަތަ ހުކުމް ތަންފީޒުކުރުން ފަސްނުވުން

(ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާހިނދަކު، މި ބާބުގެ ދަށުން ނިހާއީ ހުކުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހެޅުނު ކަމުގައިވީނަމަވެސް، އެ ހުކުމެއްގެ ގާނޫނީ ނަތީޖާ ނުވަތަ އެ ހުކުމް ތަންފީޒުކުރުން ފަސްވެގެނެއް ނުދާނެއެވެ.

(ށ) މުރާޖައާކުރުމަށް އެދި ހުށަހަޅާފައިވާ ނިހާއީ ހުކުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން އެ ހުކުމް ތަންފީޒުކުރުން ކޯޓަށް ފަސްކުރެވިދާނެއެވެ. އަދި މުދަލެއް ހިމެނޭ މައްސަލައެއްނަމަ، ކުރިން ކޮށްފައިވާ ހުކުމުގައި ހިމެނޭ މުދާ ރައްކާތެރިކުރުމަށާއި، ފައިސާ ހިމެނޭ މައްސަލައެއްނަމަ ހުކުމް މުރާޖައާކޮށް ވަކި ގޮތެއް ކޯޓުން ކަނޑައަޅަންދެން ސެކިއުރިޓީއެއް ބެހެއްޓުމަށް ކޯޓަށް ފެންނަނަމަ އެކަމަށް އަމުރުކުރެވިދާނެއެވެ.

 

295 ވަނަ މާއްދާ - މުރާޖައާކޮށްދިނުމާމެދު ގޮތެއް ނިންމުން

(ހ) ނިހާއީ ހުކުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ފޮނުވާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ނިންމާ ނިންމުމަކީ އެކަމާމެދު ސުވާލު އުފެއްދޭނެ ނިންމުމެއް ނޫނެވެ.

 

296 ވަނަ މާއްދާ - މުރާޖައާކުރުމަށްފަހު މައްސަލައިގައި އަލުން ހުކުމްކުރުން

(ހ) ނިހާއީ ހުކުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ބިނާކޮށް ކޯޓުގެ ހުކުމް މުރާޖައާކުރުމަށް ނިންމާ ހާލަތުގައި، އެ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކުގެ ތަފްސީލު ބަޔާންކޮށް ކޯޓުން އަލުން ހުކުމްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓުން އަލުން ހުކުމް ކުރާނަމަ، ކުރިން އެ މައްސަލައިގައި ނަގައިދީފައިވާ ށަރީއަތުގެ ހަރަދާ މެދުގައިވެސް ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކޯޓުން ނިންމި ނިންމުން ބިނާކޮށްފައިވާ ތަފްސީލީ ސަބަބުތައް ބަޔާންކުރާ ލިޔުމެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ.

 

ހަތަރުވަނަ ބައި

ހެއްކާބެހޭ

 

އަށާވީސްވަނަ ބާބު

ހެކި ހާމަކުރުން

 

297 މި ބާބު ހިނގާނެ ދާއިރާ 

(ހ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ފަނަރަވަނަ ބާބު "އިހްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދައުވާކުރުމުގެ ހާއްސަ އިޖުރާއަތު" ގައި ބަޔާންކުރާ ބާވަތުގެ މައްސަލަތަކާއި، ވިހިވަނަ ބާބުގެ އެއްވަނަ ބައި "ކުދި މައްސަލަތަކުގެ ޓްރެކް" ގައި ބަޔާންކުރާ ބާވަތުގެ މައްސަލަތައް ފިޔަވައި، އެހެން މަދަނީ މައްސަލަތަކުގެ ށަރީއަތްތަކުގައި ހެކި ހާމަކުރުމާ ގުޅޭ ގޮތުން އަމަލުކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) މި ބާބުގެ ދަށުން ހަސްމަކު ލިޔުމެއް ހާމަކުރާނީ ވަކި ލިޔުމެއް ވުޖޫދުގައި ވާކަން ނުވަތަ ކޮންމެވެސް އިރެއްގައި ވުޖޫދުގައި ވީކަން ބަޔާންކޮށްގެންނެވެ.

 

298 ވަނަ މާއްދާ - ހާމަކުރާ ލިޔުމެއް ބެލުމުގެ ހައްގު

(ހ) އަންނަނިވި ހާލަތްތަކުގައި ފިޔަވައި، މި ބާބުގެ ދަށުން ލިޔުމެއް ހާމަކުރުމުން، މައްސަލައިގެ އަނެއް ހަސްމަށް އެ ލިޔުން ބެލުމުގެ ހައްގު ލިބިގެންވެއެވެ.

  1. އެ ލިޔުމަކީ، ލިޔުން ހާމަކުރި ހަސްމުގެ ބާރުގެ ދަށުގައިވާ ލިޔުމެއް ކަމުގައި ނުވުން؛
  2. އެ ލިޔުން ބެލުން ހުއްޓުވުމަކީ އެ ލިޔުން ހާމަކުރި ހަސްމުގެ ހައްގެއް ނުވަތަ ޒިންމާއެއް ކަމަށްވުން؛
  3. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހާމަކޮށްފައިވާ ބާވަތުގެ ނުވަތަ ގިންތިއެއްގެ ލިޔުންތައް ބެލުމުގެ ހުއްދަ ދިނުމަކީ މައްސަލައިގެ މައުޒޫއާ ނުބައްދަލު ކަމަކަށް ވާނެކަމަށް މައްސަލައިގެ ހަސްމަކަށް ގަބޫލުކުރެވޭ ނަމަ، އެ ބާވަތުގެ ނުވަތަ ގިންތީގެ ތެރޭގައި ހިމެނޭ ލިޔުންތައް ބެލުމުގެ ހުއްދަ ދިނުން އެފަރާތަށް ލާޒިމެއްނޫނެވެ. ނަމަވެސް އެ ލިޔުންތައް ބެލުމުގެ ހުއްދަ ދިނުން މައްސަލައިގެ މައުޒޫއާ ނުބައްދަލުވާނެ ސަބަބަށްޓަކައި އެ ލިޔުންތައް ބެލުމުގެ ހުއްދަ ނުދޭ ކަން އެފަރާތުން ހުށަހަޅާ ހެކި ހާމަކުރުމާގުޅޭ ބަޔާނުގައި ފާހަގަކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ލިޔުމެއް ބެލުން ހުއްޓުވުމަކީ އެ ލިޔުން ހާމަކުރި ހަސްމުގެ ހައްގެއް ނުވަތަ ޒިންމާއެއް ކަމަށް ބަލާނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ގާނޫނީ ފަންނުގެ އިމްތިޔާޒު އެ މައްޗަށް ހިނގާ ލިޔުމަކަށްވުން؛ 
  2. އެ ލިޔުމުގައި އޭނާ، ނުވަތަ އޭނާ ކައިވެނި ކޮށްގެން އުޅ ފަރާތް ނުވަތަ އޭނާގެ ދަރިންގެ މައްޗަށް ކުށެއް ސާބިތުވާނެ ފަދަ މައުލޫމާތެއް ހިމެނިފައިވުން؛
  3. އާންމު މަސްލަހަތަށްޓަކައި އެ ލިޔުމަކީ އިމްތިޔާޒު ލިބިގެންވާ ލިޔުމަކަށްވުން.

 

299 ވަނަ މާއްދާ - ލިޔުމުގެ މާނަ

(ހ) މި ބާބުގެ ބޭނުމަށްޓަކައި، "ލިޔުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ހިމެނިފައިވާ ނުވަތަ ރައްކާކުރެވިފައިވާ ކޮންމެ އެއްޗަކަށެވެ. ލިޔުމުގެ މާނައިގެ ތެރޭގައި އަތުން ލިޔެފައިވާ ލިޔުންތަކާއި، އޯޑިއޯ ޓޭޕާއި، ވީޑިއޯ ޓޭޕާއި، ފޮޓޯއާއި، އީ-މެއިލާއި އެހެނިހެން އިލެކްޓްރޯނިކް މުއާސަލާތުތައް ހިމެނޭ ގޮތުން އިލެކްޓްރޯނިކް ލިޔުންތަކާއި، ވޯޑް-ޕްރޮސެސްކޮށްފައިވާ ލިޔުންތަކާއި، ޑޭޓާބޭސްތަކާއި، ފޮހެލާފައިވާ ލިޔުންތަކާއި މެޓަޑޭޓާ ހިމެނެއެވެ.

(ށ) މި ބާބުގައި، "ކޮޕީ" ކަމަށް ބުނެފައި އެވަނީ، ލިޔުމަކާ ގުޅޭ ގޮތުން، ލިޔުމުގައި ހިމެނިފައިވާ ނުވަތަ ރައްކާކުރެވިފައިވާ މައުލޫމާތު ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ނަކަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.

 

300 ވަނަ މާއްދާ - ހެކި ހާމަކުރުން

މި ގާނޫނުގެ 313 ވަނަ މާއްދާ އެ މައްޗަށް ހިނގާ މައްސަލަތައް ފިޔަވައި، އެނޫން ކޮންމެ މައްސަލައެއްގައި ހެކި ހާމަކުރުމާ ގުޅިގެން އަމަލުކުރާނީ އަންނަނިވި އުސޫލުތަކަށެވެ.

(ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަޅާނާހާހިނދަކު، ހެކި ހާމަކުރުމަށް ކޯޓުން އަންގައިފިނަމަ، އެ އިށާރާތްކުރަނީ ހެކި ހާމަކުރުމުގެ އާންމު އުސޫލަށެވެ.

(ށ) ހެކި ހާމަކުރުމުގެ އާންމު އުސޫލުގެ ދަށުން ހާމަކުރާކުރުމުން ފުދޭނެކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، ހާމަކުރާ މިންވަރު ނުވަތަ ހާމަކުރުމުގެ ދާއިރާ ހަނިކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) އާންމު އުސޫލުގެ ދަށުން ހެކި ހާމަކުރާ މިންވަރަށް ހެކި ހާމަކުރުމަށް ނުވަތަ ހެކި ހާމަކުރުމުގެ ދާއިރާ ހަނިކުރުމަށް މައްސަލައިގައި ހިމެނޭ ހަސްމުންނަށްވެސް ލިޔުމުން އެއްބަސްވެވިދާނެއެވެ.

 

301 ވަނަ މާއްދާ - އާންމު އުސޫލުގެ ދަށުން ހާމަކުރަންޖެހޭ ލިޔެކިޔުން

އާންމު އުސޫލުގެ ދަށުން ހެކި ހާމަކުރާ ކުރުމުގައި ހަސްމަކު ހާމަކުރުން ލާޒިމުވާނީ ހަމައެކަނި އަންނަނިވި ލިޔުންތަކެވެ.

(ހ) އެފަރާތަކުން އެމައްޗަށް ބަރޯސާވާ ލިޔުންތައް؛ އަދި

(ށ) އެފަރާތެއް ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ލިޔުންތަކާއި، އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއްކޮށްފާނެ ލިޔުންތަކާއި އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބޭ ލިޔުންތައް؛ އަދި

(ނ) އެހެން ގާނޫނެއްގެ ދަށުން އެފަރާތެއް ހާމަކުރަންޖެހޭ ލިޔުންތައް.

 

302 ވަނަ މާއްދާ - ލިޔެކިޔުން ހޯދުމުގެ ޒިންމާ

(ހ) އާންމު އުސޫލުގެ ދަށުން ހެކި ހާމަކުރުމުގައި، މި ގާނޫނުގެ 301 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ގިންތީގައި ހިމެނޭ ލިޔުންތައް ހޯދުމަށް އެ ހަސްމަކު އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ ލިޔެކިޔުން ހޯދުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްކޮށްފައިވާކަން ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތްކުރެވިދާނެއެވެ.

  1. ލިޔުންތަކުގެ އަދަދު؛ 
  2. މައްސަލައިގެ ބާވަތާއި އޭގެ އުނދަގޫ މިންވަރު؛ 
  3. ވަކި ލިޔުމެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތުގެ ފަސޭހަކަމާއި އެކަމަށް ހިނގާނެ ހަރަދު؛ އަދި 
  4. ލިޔެކިޔުން ހޯދުމުގެ ތެރޭގައި ހޯދިދާނެކަމަށް ބެލެވޭ ލިޔުމެއްގެ މުހިންމުކަން.

(ނ) ވަކި ގިންތިއެއްގެ ނުވަތަ ބާވަތެއްގެ ލިޔުން ހޯދުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ގަބޫލުކުރެވިގެން ހަސްމަކު އެފަދަ ލިޔުމެއް ހޯދާފައިނުވާނަމަ، އެ ލިޔުމެއް ނިސްބަތްވާ ގިންތި ނުވަތަ ބާވަތާއެކު އެކަން، ހެކި ހާމަކުރިކަމުގެ ބަޔާނުގައި ފާހަގަކުރަންވާނެއެވެ.

(ރ) ހަސްމަކު ހެކި ހޯދާފައިވާ ގޮތާމެދު ތައުނުކުރުމަށް އެ މައްސަލައިގެ އެހެން ހަސްމުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.

 

303 ވަނަ މާއްދާ - ހަސްމެއްގެ ބާރުގެ ދަށުގައި ހުރި ލިޔުންތައް

(ހ) ހެކި ހާމަކުރުމަށް ހަސްމަކަށް އޮންނަ ޒިންމާ އޮންނާނީ އޭނާގެ ބާރުގެ ދަށުގައި އެއިރެއްގައި ހުރި، ނުވަތަ ކޮންމެވެސް އިރެއްގައި ހުރި ލިޔުންތައް ހާމަކުރުމަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަގްސަދަށްޓަކައި، ހަސްމެއްގެ ބާރުގެ ދަށުގައި އެއިރެއްގައި ނުވަތަ ކޮންމެވެސް އިރެއްގައި ލިޔުމެއް ހުރި ކަމަށް ބެލެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. މާއްދީގޮތުން އޭނާގެ ހިޔާޒަތުގެ ދަށުގައި އެއިރެއްގައި ނުވަތަ ކޮންމެވެސް އެހެން އިރެއްގައި ހުރި އެއްޗަކަށްވުން؛
  2. އޭގެ ހިޔާޒަތުގެ ހައްގު އޭނާއަށް އެއިރެއްގައި ނުވަތަ ކޮންމެވެސް އެހެން އިރެއްގައި ލިބިފައިވާ އެއްޗަކަށްވުން؛ ނުވަތަ 
  3. އެ އެއްޗެއް ބެލުމަށް ނުވަތަ އޭގެ ކޮޕީ ނެގުމަށް އޭނާއަށް އެ އިރެއްގައި ނުވަތަ ކޮންމެވެސް އެހެން އިރެއްގައި ހައްގު ލިބިފައިވާ އެއްޗަކަށްވުން.

 

304 ވަނަ މާއްދާ - ކޮޕީ ހާމަކުރުން

(ހ) ލިޔުމެއްގެ އެއް ކޮޕީއަށްވުރެ ގިނަ ކޮޕީ ހާމަކުރުމަށް އެއްވެސް ހަސްމަކަށް ލާޒިމުވެގެނެއްނުވެއެވެ.

(ށ) އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ހާސިލުކުރުމަށްޓަކައި ހަސްމަކު ހުށަހެޅުމަށް ގަސްދުކުރާ ލިޔުމަކީ އުނިއިތުރެއް ގެނެވިފައިވާ، ނުވަތަ އެ ލިޔުމެއްގެ ބައެއް ފޮހެލުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައިވާ، ނުވަތަ އެހެންވެސް ފާހަގައެއް ޖަހާފައިވާ ލިޔުމެއްގެ ކޮޕީއެއްނަމަ، އެ ލިޔުމަކީ ވަކި ލިޔުމެއް ކަމުގައި ބަލަންވާނެއެވެ.

  1. އެފަރާތަކުން އެ މައްޗަށް ބަރޯސާވުމަށް ގަސްދުކޮށްފައިވާ ލިޔުމެއް ކަމުގައިވުން؛ ނުވަތަ 
  2. އެފަރާތެއް ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރުކުރާނެ، ނުވަތަ އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރުކުރާނެ، ނުވަތަ އެހެން ހަސްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބިދޭ ލިޔުމެއް ކަމުގައިވުން.

 

305 ވަނަ މާއްދާ - އާންމު އުސޫލުގެ ދަށުން ހާމަކުރާ ކުރުމުގައި އަމަލުކުރާ އިޖުރާއަތު

(ހ) އާންމު އުސޫލުން ހެކި ހާމަކުރުމުގެ އިޖުރާއަތު ހިނގާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ކޮންމެ ހަސްމަކުވެސް ހާމަކުރުމަށް ލާޒިމުވާ ލިޔުންތަކުގެ ލިސްޓެއް ތައްޔާރުކޮށް އަނެއް ހަސްމަށް ނުވަތަ ހަސްމުންނަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ލިސްޓުގައި ފަސޭހަ ތަރުތީބަކުން، އަދި ވީހާވެސް ކުރުކޮށް، ބޭނުންވާ ލިޔުންތައް ފާހަގަކުރުމާއެކު، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އެ ލިޔުމެއް ބެލުމުގެ ފުރުސަތު ނުދިނުމަށް އެފަރާތުގެ މައްޗަށް ހައްގެއް ނުވަތަ ޒިންމާއެއް އޮތްކަމަށް ބުނާ ލިޔުންތައް؛ އަދި 
  2. އެ ހަސްމުގެ ބާރުގެ ދަށުގައި މިހާރު ނެތް ލިޔުންތައް އަދި އެ ލިޔުންތަކަށް ވެފައިވާ ގޮތް.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިސްޓާއެކު ހެކި ހާމަކުރިކަމުގެ ބަޔާނެއް އެ ލިޔުންތައް ހާމަކުރި ހަސްމު ހިމަނަންވާނެއެވެ. އެ ބަޔާނުގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ހެކީގެ ގޮތުގައި ހާމަކުރުން ލާޒިމުވާ ލިޔުމެއް ހޯދުމަށްޓަކައި މަސައްކަތް ކުރީ ކިހާ މިންވަރަކަށްކަން؛
  2. އެފަރާތުން ހާމަކުރަންޖެހޭ ލިޔެކިޔުން ހާމަކުރުމަށް އޮތް ޒިންމާ އެނގޭނެކަމަށް ބުނެ އިގުރާރުވެފައިވުން؛ އަދި 
  3. ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެފަރާތުގެ މައްޗަށް އޮތް ޒިންމާ އަދާކުރިކަމަށް ބުނެ އިގުރާރުވެފައިވުން.

(ބ) ހެކި ހާމަކުރިކަމުގެ ބަޔާން ދޭ ފަރާތަކީ ކުންފުންޏެއް، ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ޖަމްއިއްޔާއެއް ނުވަތަ އެނޫންވެސް އެފަދަ ގާނޫނީ ށަހްސެއްނަމަ، އެ ބަޔާނުގައި، އެ ގާނޫނީ ށަހްސެއްގެ ފަރާތުން ބަޔާން ދޭ ފަރާތަކީ ކޮބައިކަން އެނގޭނެ ފަދައިން ބަޔާންކޮށް އަދި އޭނާއަކީ އެ ބަޔާން ދިނުމަށް އެކަށީގެންވާ ފަރާތެއް ކަމަށް ދެކޭ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ލިސްޓެއް އެކުލަވާލުމަކާ ނުލައި، އަދި ހާމަކުރާ ފަރާތުން ހާމަކުރިކަމުގެ ބަޔާނެއް ހުށަހެޅުމަކާ ނުލައި ލިޔުންތައް ހާމަކުރުމަށް މައްސަލައިގެ ހަސްމުންނަށް ލިޔުމުން އެއްބަސްވެވިދާނެއެވެ.

(ކ) އެހެން ގާނޫނަކުން ހުއްދަކުރާ ހާލަތުގައި، މައްސަލައިގެ ހަސްމަކަށް ނުވާ ފަރާތަކަށް ހެކި ހާމަކުރިކަމުގެ ބަޔާން ދެވިދާނެއެވެ.

 

306 ވަނަ މާއްދާ - މައްސަލަ ހިނގަމުންދާއިރު ހާމަކުރުމުގެ އިލްތިޒާމު ދެމިގެންދިޔުން

ހެކި ހާމަކުރުމަށް ހަސްމުންގެ މައްޗަށް އޮންނަ ޒިންމާ މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ނިމެންދެން ދެމިއޮންނާނެއެވެ. އަދި ހާމަކުރުމުގެ އިލްތިޒާމު އެމައްޗަށް ހިނގާ ލިޔުންތަކެއްގެ މައުލޫމާތު މައްސަލަ ހިނގަމުންދަނިކޮށް ހަސްމަކަށް ލިބިއްޖެނަމަ، އެކަން އެހެން ހަސްމުންގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

 

307 ވަނަ މާއްދާ - ހެކި ހާމަކުރުމުގެ ހާއްސަ އުސޫލު

(ހ) އާންމު އުސޫލުގެ ދަށުން ހަސްމަކު ހާމަކޮށްފައިވާ ހެއްކަކީ މައްސަލައިގައި ބޭނުންވާ މިންވަރަށްވުރެ މަދު ހެކި ކަމުގައިވާނަމަ، މި މާއްދާގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ވަކި ލިޔުމެއް ހާމަކުރުމަށް އެހެން ހަސްމަކަށް އެދެވިދާނެއެވެ. ވަކި ލިޔުމެއް ހާމަކުރުމަށް ހަސްމަކު ކޯޓުގައި އެދޭއިރު، ކޯޓުން ކުރުމަށް ބޭނުންވާ އަމުރު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ކޯޓުގައި އެދޭ ކަންކަމާގުޅޭ ހެކި، އެ ހުށަހެޅުމާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) ވަކި ލިޔުމެއް ހާމަކުރުމަށް ކުރާ އަމުރަކީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ހަސްމަކަށް އަންގައި ކޯޓުން ކުރާ އަމުރެކެވެ.

  1. އެ އަމުރުގައި ބަޔާންކޮށްފައިވާ ގިންތި ނުވަތަ ބާވަތަށް ނިސްބަތްވާ ލިޔުންތައް ހާމަކުރުމަށް؛
  2. އެ އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަށް ލިޔުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް؛
  3. ލިޔެކިޔުން ހޯދުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފެންނަ ލިޔުންތައް ހާމަކުރުމަށް.

(ނ) ވަކި ލިޔުމެއް ހާމަކުރުމަށް އަމުރުކުރުމާމެދު ކޯޓުން ގޮތެއް ނިންމުމުގައި، މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ. ހާއްސަކޮށް ހަސްމަކު ހާމަކުރުމަށް ލާޒިމުވާ އެންމެހައި ލިޔެކިޔުން ހާމަކުރުމަށް އޮތް ޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައި އޭނާ އަދާކޮށްފައިވޭތޯ ކޯޓުން ބަލަންވާނެއެވެ.

(ރ) ވަކި ލިޔުމެއް ބެލުމުގެ ފުރުސަތު ދިނުމަށް ކޯޓުން ކުރާ އަމުރަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުމެއް ބެލުމުގެ ފުރުސަތު ހަސްމަކަށް ދިނުމަށް އެހެން ހަސްމެއްގެ މައްޗަށް ކުރާ އަމުރެކެވެ.

 

308 ވަނަ މާއްދާ - މަރުހަލާތަކަކަށް ބަހާލައިގެން ހާމަކުރުން

މަރުހަލާތަކަކަށް ބަހާލައިގެން ލިޔެކިޔުން ހާމަކުރުމަށް ނުވަތަ ލިޔުންތައް ބެލުމަށް ނުވަތަ އެ ދެ ކަންތައް ކުރުމަށް މައްސަލައިގެ ހަސްމުންނަށް ލިޔުމުން އެއްބަސްވެވިދާނެއެވެ. ނުވަތަ ކޯޓަށް އެފަދައިން އެންގިދާނެއެވެ.

 

309 ވަނަ މާއްދާ - ދައުވާގެ ލިޔުންތަކާގުޅޭ ހެކީންގެ ބަޔާނާއި އެފިޑެވިޓްގައި ހަވާލާދޭ ލިޔުންތައް ހަސްމުން ބެލުން

(ހ) އަންނަނިވި ކޮންމެ ލިޔުމެއްގައި ހަވާލާދީފައިވާ އެހެން ލިޔުމެއް، ކޮންމެ ހަސްމަކަށްވެސް ބެލިދާނެއެވެ.

  1. ދައުވާގައި ނުވަތަ ދައުވާގެ ޖަވާބުގައި ނުވަތަ ރައްދު ދައުވާއެއްގައި ނުވަތަ އިތުރު ދައުވާއެއްގައި؛ ނުވަތަ 
  2. ހެކިބަސްދޭ ފަރާތެއްގެ ބަޔާނުގައި؛ ނުވަތަ 
  3. ހެކިބަސްދޭ ފަރާތުން ދޭންޖެހޭ ހެކި އަންގައިދޭ ބަޔާނުގައި؛ ނުވަތަ 
  4. އެފިޑެވިޓެއްގައި. 

(ށ) އެހާތަނަށް މައްސަލައިގައި ހާމަކޮށްފައިނުވާ ލިޔުމަކަށް ހަބީރެއްގެ ރިޕޯޓުގައި ހަވާލާދީފައިވާނަމަ، އެފަދަ ކޮންމެ ލިޔުމެއް ބެލުމުގެ އަމުރަކަށް އެދި ހަސްމަކަށް ހުށަހެޅިދާނެއެވެ.

 

310 ވަނަ މާއްދާ - ލިޔުންތައް ބެލުމާއި ކޮޕީ ނެގުން

ލިޔުމެއް ބެލުމުގެ ހައްގު ލިބިފައިވާ ކޮންމެ ހަސްމަކު އެ ލިޔުން ބެލުމުގައި އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

(ހ) އެ ލިޔުން ބަލަން ބޭނުންވާކަމުގެ ނޯޓިސް އެ ލިޔުން ހާމަކުރި ހަސްމަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިސް ލިބޭތާ މަދުވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ލިޔުމެއް ހާމަކުރި ހަސްމަކު އެ ލިޔުން ބެލުމުގެ ހުއްދަ ދޭންވާނެއެވެ. (މިގޮތުން ލިޔުން ބެލުމަށް ހުއްދަ ދީފައިވާކަން ކޯޓަށް އަންގަންވާނެއެވެ.) އަދި 

(ނ) ލިޔުމެއްގެ ކޮޕީ ނެގުމަށް ހިނގާ އެކަށީގެންވާ މިންވަރެއްގެ ހަރަދު ދިނުމަށް އެއްބަސްވެ، އެ ލިޔުމުގެ ކޮޕީއެއް ފޯރުކޮށްދިނުމަށް ހަސްމަކު އެދޭނަމަ، އެފަދައިން އެދޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުން ހާމަކުރި ފަރާތުން އެ ލިޔުމުގެ ކޮޕީ ފޯރުކޮށްދޭންވާނެއެވެ.

 

311 ވަނަ މާއްދާ - ދައުވާއެއް ހުށަހެޅުމުގެ ކުރިން ލިޔެކިޔުން ހާމަކުރުން

(ހ) ދައުވާއެއް ހުށަހެޅުމުގެ ކުރިން ހެކި ހާމަކުރުމަށް ކޯޓުގައި އެދުމަށް އެހެން ގާނޫނަކުން ހުއްދަކުރާ ހާލަތުގައި، މި މާއްދާގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.

(ށ) ކޯޓަކަށް ހުށަހެޅިދާނެކަމަށް ބެލެވޭ ދައުވާއެއްގެ ހަސްމަކަށް ވާނެކަމަށް ބެލެވޭ މީހަކު މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާ ހުށަހެޅުމަކަށް، އެ މައްސަލައިގެ ހަސްމަކަށް ވާނެކަމަށް ބެލެވޭ، އަދި އެމީހެއްގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި އެއިރެއްގައި ނުވަތަ ކޮންމެވެސް އެއް އިރެއްގައި މައްސަލައާ ގުޅިގެން އުފެދިދާނެ މައުޒޫއުއަކާ ގުޅުންހުރި ލިޔުންތަކެއް ހުރެދާނެކަމަށް ބެލެވޭ މީހެއްގެ މައްޗަށް މި މާއްދާގައިވާ ގޮތުގެމަތިން އަމުރެއް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކީ ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ވާންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން އަމުރެއް ނެރެންވާނީ ހަމައެކަނި އަންނަނިވި ހާލަތްތަކުގައެވެ.

  1. އަމުރު ރައްދުވާ ފަރާތަކީ ކޯޓަށް ހުށަހެޅޭނެކަމަށް ބެލެވޭ މައްސަލައިގެ ހަސްމަކަށްވުމުގެ ފުރުސަތު އޮތް މީހަކަށްވުން؛
  2. އަމުރަށް އެދޭ ފަރާތަކީވެސް ކޯޓަށް ހުށަހެޅޭނެކަމަށް ބެލެވޭ މައްސަލައިގެ ހަސްމަކަށް ވުމުގެ ފުރުސަތު އޮތް މީހަކަށްވުން؛
  3. މައްސަލަ ހުށަހެޅި ހިނގަން ފަށާ ހާލަތެއްގައި، މި ގާނޫނުގެ 301 ވަނަ މާއްދާގެ ދަށުން އަމުރު ރައްދުވާ ފަރާތުން އާންމު އުސޫލުން ހާމަކުރުމަށް ލާޒިމުވާ ލިޔެކިޔުމުގެ ތެރޭގައި އަމުރަށް އެދޭ ފަރާތުން ހާމަކުރުމަށް އެދޭ ގިންތީގެ ނުވަތަ ބާވަތުގެ ލިޔުންތައްވެސް ހިމެނުން؛ އަދި
  4. އަންނަނިވި ސަބަބުތަކަށްޓަކައި ދައުވާ ފެށުމުގެ ކުރިން ހެކި ހާމަކުރުން އެދެވިގެންވާކަން:
    1. ހުށަހެޅޭނެކަމަށް ބެލެވޭ ދައުވާ އިންސާފުވެރިކަމާއެކު ނިންމުމަށްޓަކައި؛
    2. އަޑުއެހުމަކާ ނުލައި ހުސޫމާތަށް ހައްލެއް ގެނައުމަށް އެހީތެރިވުމަށް؛ ނުވަތަ
    3. ހަރަދު ކުޑަކުރުމަށް. 

(ބ) މި މާއްދާގެ ދަށުން ކުރާ އަމުރެއްގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތުން ހާމަކުރަންޖެހޭ ގިންތީގެ ނުވަތަ ބާވަތުގެ ލިޔުންތަކަކީ ކޮބައިކަން؛ އަދި 
  2. ހެކި ހާމަކުރުމުގައި، އެފަރާތުން ހާމަކުރަންޖެހޭ އެއްވެސް ލިޔުމަކީ އޭނާގެ ބާރުގެ ދަށުގައި އެވަގުތު ނެތް ލިޔުމެއްނަމަ އެކަން ނުވަތަ އެ ލިޔުމެއް ބެލުން ހުއްޓުވުމުގެ ހައްގު ނުވަތަ ޒިންމާއެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނާނަމަ އެކަން.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރެއްގައި، އެ އަމުރު ރައްދުވާ ފަރާތުގެ ބާރުގެ ދަށުގައި ވަކި ލިޔުމެއް ނެތްނަމަ އެ ލިޔުމަކަށް ވެފައިވާ ގޮތް ބަޔާންކުރުމަށާއި އަދި ލިޔުންތައް ހާމަކޮށް، އެ ލިޔުންތައް ބެލުމަށް ހަމަޖައްސާނެ ވަގުތާއި ތަނެއް ބަޔާންކުރަންވާނެއެވެ.

 

312 ވަނަ މާއްދާ - ހަސްމަކަށް ނުވާ ފަރާތެއްގެ މައްޗަށް ހެކި ހާމަކުރުމަށް ކުރާ އަމުރު

(ހ) ދައުވާއެއްގެ ހަސްމަކަށް ނުވާ ފަރާތެއް ހެކި ހާމަކުރުމަށް އެންގުމަށް އެހެން ގާނޫނަކުން ހުއްދަކުރާ ހާލަތުގައި، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އަމަލުކުރެވިދާނެއެވެ.

(ށ) ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ ހަސްމަކު މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާ ހުށަހެޅުމަކަށް، އެ މައްސަލައިގެ ހަސްމަކަށް ނުވާ، އެހެންނަމަވެސް، އެފަރާތެއްގެ ކިބައިގައި ނުވަތަ އެފަރާތެއްގެ ހިޔާޒަތުގައި، ނުވަތަ ބެލުމުގެ ދަށުގައި، ނުވަތަ ބާރުގެ ދަށުގައި މައްސަލައާ ގުޅިގެން އުފެދޭނެ މައުޒޫއުއަކާ ގުޅުންހުރި ލިޔުންތަކެއް ހުންނާނެކަމަށް ބެލެވޭ ކޮންމެ މީހެއްގެ މައްޗަށް، އެ ލިޔުމެއް ފޯރުކޮށްދިނުމަށް އަމުރުކޮށް ދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހުށަހެޅުމުގައި އަންނަނިވި ކަންކަމަށް އެދެވިދާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތުން ހާމަކުރަންޖެހޭ ގިންތީގެ ނުވަތަ ބާވަތުގެ ލިޔުންތަކަކީ ކޮބައިކަން؛ އަދި 
  2. ހެކި ހާމަކުރުމުގައި، އެފަރާތުން ހާމަކުރަންޖެހޭ އެއްވެސް ލިޔުމަކީ އޭނާގެ ބާރުގެ ދަށުގައި އެވަގުތު ނެތް ލިޔުމެއްނަމަ އެކަން ނުވަތަ އެ ލިޔުމެއް ބެލުން ހުއްޓުވުމުގެ ހައްގު ނުވަތަ ޒިންމާއެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނާނަމަ އެކަން.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުން ހުށަހަޅަންވާނީ ހެއްކާއެކުގައެވެ.

(ބ) މި މާއްދާގެ ދަށުން ކޯޓުން އަމުރެއް ކުރަންވާނީ ހަމައެކަނި އަމުރަށް އެދުނު ފަރާތުން ހޯދަން އެދޭ ލިޔުންތަކަކީ އެފަރާތުން ވަކާލާތުކުރާ ކަންތައްތަކަށް ބާރުދޭ، ނުވަތަ އެ މައްސަލައިގެ އެހެން ހަސްމަކު ވަކާލާތުކުރާ ކަންތައްތައް ނަފީކުރާ ލިޔުމަކަށް ވުމުގެ އިތުރުން އެ ލިޔުން ހާމަކުރުމަކީ، ހުށަ ހެޅިފައިވާ މައްސަލަ އިންސާފުވެރިކަމާއެކު ނިންމުމަށް ނުވަތަ ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެހެން މުހިންމު ކަމަކަށްވާނެ ނަމައެވެ.

(ޅ) މި މާއްދާގެ ދަށުން ކުރާ އަމުރެއްގައި، އަމުރު ރައްދުވާ ފަރާތުން ހާމަކުރަންޖެހޭ ގިންތީގެ ނުވަތަ ބާވަތުގެ ލިޔުންތަކަކީކޮބައިކަން ބަޔާންކުރަންވާނެއެވެ. އަދި ހާމަކުރުމުގައި، އެފަރާތުން ހާމަކުރަންޖެހޭ އެއްވެސް ލިޔުމަކީ އޭނާގެ ބާރުގެ ދަށުގައި އެވަގުތުނެތް ލިޔުމެއްނަމަ ނުވަތަ އެ ލިޔުމެއް ބެލުން ހުއްޓުވުމުގެ ހައްގު ނުވަތަ ޒިންމާއެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނާނަމަ އެކަން ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން ކުރާ އަމުރެއްގައި، އެ އަމުރު ރައްދުވާ ފަރާތުގެ ބާރުގެ ދަށުގައި ވަކި ލިޔުމެއް ނެތްނަމަ އެ ލިޔުމަކަށް ވެފައިވާ ގޮތް ބަޔާންކުރުމަށާއި އަދި އެ ލިޔުމެއް ހާމަކޮށް، އެ ލިޔުމެއް ބެލުމަށް ހަމަޖައްސާނެ ވަގުތަކާއި ތަނެއް ބަޔާންކުރަންވާނެއެވެ.

 

313 ވަނަ މާއްދާ - ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރުން

(ހ) ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު، ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ އެންމެހައި މައްސަލަތަކުގެ މައްޗަށް މި މާއްދާގެ (ށ) އިން ފެށިގެން މި މާއްދާގެ ނިޔަލަށް ހުރި މާއްދާތައް ހިނގާނެއެވެ.

(ށ) މައްސަލަ ތަރުތީބުކުރުމުގެ ފުރަތަމަ ބައްދަލުވުމުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން، ތެދުކަމަށްބުނެ ދޭ ބަޔާނަކުން ކަށަވަރުކޮށްފައިވާ އަންނަނިވި މައުލޫމާތުތައް ހިމެނޭ ރިޕޯޓެއް ކޮންމެ ހަސްމަކުވެސް ހުށަހަޅަންވާނެއެވެ.

  1. މައްސަލައިގެ މައުޒޫއާ ގުޅޭ ގޮތުން ވުޖޫދުގައިވާ ނުވަތަ ވުޖޫދުވެދާނެ ލިޔުންތަކަކީ ކޮބައިކަން ހުލާސާކޮށް ބަޔާންކުރުން؛
  2. އެ ލިޔުންތައް ވީ، ނުވަތަ ލިޔުންތައް ވުން އެކަށީގެންވަނީ ކޮން ފަރާތެއްގެ އަތުގައިކަން އަދި ކޮންތާކުކަން ބަޔާންކުރުން؛
  3. އިލެކްޓްރޯނިކް ލިޔުންތަކެއްނަމަ، އެ ލިޔުންތައް ރައްކާކޮށްފައި ހުރި ގޮތް ބަޔާންކުރުން؛
  4. އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށްފައިވާ ލިޔުންތައް ހޯދައި ހާމަކުރުމަށް ދާނެ ހަރަދު ހިމެނޭ ގޮތުން، އާންމު އުސޫލުގެ ދަށުން ހެކި ހާމަކުރާ މިންވަރަށް ހެކި ހާމަކުރުމަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދު ބަޔާންކުރުން؛ އަދި
  5. މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އިރުށާދުތަކުގެ ތެރެއިން އެދެނީ ކޮން އިރުށާދަކަށްކަން ބަޔާންކުރުން. 

(ނ) މައްސަލަ ތަރުތީބުކުރުމުގެ ފުރަތަމަ ބައްދަލުވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން، އަދި އޭގެ ފަހުން ކޯޓުން އަންގާ އެހެން ކޮންމެ ހާލަތެއްގައިވެސް، މި ގާނޫނުގެ އާންމު މަގްސަދު ހާސިލުވާނެ ގޮތެއްގެމަތިން ހެކި ހާމަކުރުމާގުޅޭ ކަންކަމާމެދު ދެފަރާތުން މަށްވަރާކޮށް ވަކި ގޮތަކަށް އެއްބަސްވުމަށް މަސައްކަތްކުރަންވާނެއެވެ. މިގޮތުން އެއްބަސްވުމަކަށް އާދެވިއްޖެނަމަ ދެ ހަސްމުން ހަމަ އެ ތާރީހުގައި ވަކިވަކީން އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި އެފަދައިން އަންގާއިރު އެ އެއްބަސްވުމުގައި ހިމެނޭ ބައިތައް ކޯޓަށް އަންގަންވާނެއެވެ.

(ރ) ހެކި ހާމަކުރުމުގެ ދާއިރާއާމެދު މައްސަލައިގެ ހަސްމުން ވަކި ހުށަހެޅުމަކަށް އެއްބަސްވެފައިވާނަމަ، އަދި އެފަދައިން އެއްބަސްވާ ކަންކަމަކީ ހުރިހާ ހާލަތެއްގައިވެސް އެކަށީގެންވާ ކަންކަން ކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، އަޑުއެހުމެއް ބޭއްވުމަކާ ނުލައި، އެފަދައިން އެއްބަސްވެފައިވާ ކަންކަން ކޯޓަށް ބަލައިގަނެ، އެ ކަންކަމާ އެއްގޮތަށް ކުރިއަށްދިޔުމަށް އެންގިދާނެއެވެ.

(ބ) މި ގާނޫނުގެ އާންމު މަގްސަދަށާއި، އަދުލުވެރިކަމާއެކު މައްސަލަ ކުރިއަށްގެންދިޔުމަށްޓަކައި ކޮންމެހެން ބޭނުންވާ މިންވަރަށް ހެކި ހާމަކުރުމާގުޅޭ އުސޫލުތައް ހަނިކުރުމުގެ ބޭނުންތެރިކަން އޮތް މިންވަރަށް ރިއާޔަތްކޮށް، މައްސަލަ ތަރުތީބުކުރުމުގެ ފުރަތަމަ ބައްދަލުވުމުގައި އަދި އޭގެ ފަހުން ބާއްވާ ކޮންމެ ބައްދަލުވުމެއްގައިވެސް، ހެކި ހާމަކުރުމާ ގުޅޭ ގޮތުން ނެރޭނީ އަންނަނިވި އަމުރުތަކުގެ ތެރެއިން ކޮން އަމުރެއްކަން ކޯޓުން ނިންމަންވާނެއެވެ.

  1. ހާއްސަ ގޮތެއްގައި މައްސަލައިގެ ކުރީގެ މަރުހަލާއެއްގައި ތަފްސީލުކޮށް ނުވަތަ އެކަށީގެންވާ މިންވަރަށް (މައްސަލައިގެ ކުރިން ނުވަތަ ވަގުތީ އަމުރަކާ ގުޅިގެން ހާމަކުރާކުރުން ހިމެނޭ ގޮތުން) ހެކި ހާމަކޮށްފައިވާނަމަ، ހެކި ހާމަކުރުމުގެ މަރުހަލާ ކުރިއަށްގެންދަން ނުޖެހޭނެކަމަށް އަންގައި ނެރޭ އަމުރު؛
  2. ހަސްމަކު އޭނާ އެ މައްޗަށް ބަރޯސާވާ ލިޔުންތައް ހާމަކުރުމަށް، އަދި ހަމަ އެއާއެކު އެނޫން އެހެން ހަސްމެއްގެ ފަރާތުން ވަކި ހާއްސަ ލިޔުމެއް ހާމަކުރުމަށް އެދޭނަމަ އެކަން ހާމަކުރުމަށް ކުރާ އަމުރު؛
  3. އެކަމަކީ ކުރެވޭނެ ކަމަކަށްވާނަމަ، މައްސަލައިގެ ފަހަރަކު މައުޒޫއަކާ ގުޅިގެން ކޮންމެ ހަސްމަކު ހެކި ހާމަކުރަމުން ގެންދިޔުމަށް ކުރާ އަމުރު؛
  4. އެ ހަސްމެއް ވަކާލާތުކުރާ ކަމަކަށް ބާރުދޭ ލިޔުމެއް، ނުވަތަ އެހެން ހަސްމެއް ވަކާލާތުކުރާ ކަމެއް ނަފީކުރާ ފަދަ މައުލޫމާތެއް ހިމެނިދާނެކަމަށް ބެލެވޭ ލިޔުމެއް، ނުވަތަ ހޯދާ ހޯދުމަކުން އެފަދަ ނިންމުމަކަށް ވާސިލުވެވޭނެ ކޮންމެ ލިޔުމެއް ހާމަކުރުމަށް އެންމެހައި ހަސްމުންނަށް ކުރާ އަމުރު؛
  5. އާންމު އުސޫލުގެ ދަށުން ހެކި ހާމަކުރުމަށް ކުރާ އަމުރު؛ އަދި 
  6. ހެކި ހާމަކުރުމާ ގުޅޭ ގޮތުން އަމުރެއް ކުރުން މުހިންމުކަމަށް ކޯޓަށް ގަބޫލުކުރެވޭ ކޮންމެ އަމުރެއް.

(ޅ) ހެކި ހާމަކުރުން ކުރިއަށްގެންދަންވީ ކިހިނެއްކަން ބަޔާންކޮށް މައްސަލައިގެ ކޮންމެ ހިސާބަކުންވެސް އަންނަނިވި ކަންކަން ހިމެނޭ ގޮތުން ކޯޓަށް އިރުށާދު ދެވިދާނެއެވެ.

  1. ކުރިއަށްގެންދަންވީ ކޮންކަހަލަ ހޯދުމެއްކަމާއި، ކޮން ތަނެއްގައިކަމާއި، ކޮން އެއްޗެއް ހޯދުމަށްކަމާއި، ކޮން މުއްދަތަކާ ގުޅޭ ގޮތުންކަމާއި، ކާކުކަމާއި، އަދި އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށްފައިވާ ލިޔުންތައް ހޯދާނީ ކިހާ މިންވަރަކަށްކަން؛
  2. ލިޔުންތަކުގެ ލިސްޓެއް ބޭނުންވާކަން ނުވަތަ ނޫންކަން؛ 
  3. ހެކި ހާމަކުރިކަމަށް ބުނެ ދޭ ބަޔާން ހުށަހަޅާނީ ކޮންއިރަކުކަމާއި ކިހިނެއްކަން؛
  4. ލިޔުންތައް ހާމަކުރަންވީ ކޮން ނަމޫނާއަކާ އެއްގޮތްވާ ގޮތުގެމަތިންކަން؛
  5. އެ އިރެއްގައި ވުޖޫދުގައި ނެތް، އެހެންނަމަވެސް އޭގެ ކުރިން ކޮންމެވެސް އިރެއްގައި ވުޖޫދުގައި ހުރި ލިޔުންތަކާ ގުޅޭ ގޮތުން ހާމަކުރުމަށް ބޭނުންވަނީ ކޮން މައުލޫމާތެއްކަން؛ އަދި
  6. ހާމަކުރުން ކުރިއަށްގެންދާނީ މަރުހަލާތަކަކަށް ބަހާލައިގެންކަން ނުވަތަ ނޫންކަން.

 

314 ވަނަ މާއްދާ - ހެކި ހާމަކުރުމަށް އަމުރުކުރުމަށް ކޯޓަށް ލިބިދޭ ބާރު މި ގާނޫނުން ހަނިނުކުރުން

މައްސަލަ ފެށުމުގެ ކުރިން ހެކި ހާމަކުރުމަށް އެންގުމަށާއި، މައްސަލައިގެ ހަސްމަކަށް ނުވާ ފަރާތަކާ ދެކޮޅަށް ހެކި ހާމަކުރުމުގެ އަމުރެއް ކުރުމަށް ކޯޓަށް ލިބިދީފައިވާ އެހެން ބާރުތަކަކަށް، މި ގާނޫނުގެ 311 ވަނަ މާއްދާއާއި، 312 ވަނަ މާއްދާގެ ސަބަބުން ހަނިކަމެއް ނާންނާނެއެވެ.

 

315 ވަނަ މާއްދާ - ލިޔުމެއް ހާމަކުރުން ނުވަތަ ބެލުން ހުއްޓުވުމަށް އެދުން

(ހ) ލިޔުމެއް ނުވަތަ ލިޔުމެއްގެ ބައެއް ހާމަކޮށްފިނަމަ އޭގެ ސަބަބުން އާންމު މަސްލަހަތަށް އުނިކަން އަތުވެދާނެނަމަ، އެ ލިޔުމެއް ހާމަކުރުން ހުއްޓުވުމުގެ އަމުރަކަށް ކޮންމެ ފަރާތަކަށްވެސް، އެހެން އެއްވެސް ފަރާތަކަށް އެކަމުގެ ނޯޓިސް ދިނުމަކާ ނުލައި، އެދެވިދާނެއެވެ.

(ށ) ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާހާ ހިނދަކު މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކުރާ އަމުރެއް، އެހެން އެއްވެސް ފަރާތަކަށް ރައްދުކޮށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ބެލުމަށް، ފުރުސަތު ދީގެންނުވާނެއެވެ.

(ނ) ލިޔުމެއް ބެލުން ހުއްޓުވުމުގެ ހައްގު ނުވަތަ ޒިންމާއެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނެ ހުށަހަޅަން ބޭނުންވާ މީހަކު، އެ ހުށަހެޅުން ހުށަހަޅާނަމަ އެ ހައްގު ނުވަތަ އެ ޒިންމާ އޭނާގެ މައްޗަށް އޮތްކަން އަދި އެ ހައްގު ނުވަތަ ޒިންމާ އޭނާގެ މައްޗަށް އޮތީ ކީއްވެގެންކަން ބަޔާންކުރާ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބަޔާނަކީ ލިޔުންތައް ހާމަކުރާ ލިސްޓުގައި ހިމަނަންވާނެ ބަޔާނެކެވެ. އެފަދަ ލިސްޓެއް ހުށަނާޅާނަމަ، އެކަން ބަޔާންކޮށް އެ ލިޔުން ބެލުމަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދެމެހެއްޓިދާނެތޯ ކަނޑައެޅުމަށް ކޮންމެ ހަސްމަކަށްވެސް ކޯޓަށް ހުށަހެޅިދާނެއެވެ.

(ޅ) މި މާއްދާގެ (ހ) ނުވަތަ (ނ) ގައި ބަޔާންކުރާ ފަދަ ހުށަހެޅުމަކާ ގުޅިގެން ނިންމުމެއް ނިންމުމުގައި، އެ ލިޔުމެއް ހާމަކުރުން ހުއްޓުވުމަށް ނުވަތަ ބެލުން ހުއްޓުވުމަށް އެފަރާތުން އެދޭ ލިޔުން ކޯޓަށް ހުށަހެޅުމަށް ކޯޓުން އެފަރާތަށް އެންގިދާނެއެވެ. އަދި އެފަރާތަކީ މައްސަލައިގެ ހަސްމަކަށްވިޔަސް ނުވަތަ ނުވިޔަސް، އެފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ދެވިދާނެއެވެ.

(ކ) މި މާއްދާގެ (ހ) އަދި (ބ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކީ ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ވާންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ލިޔުމެއް ހާމަކޮށްފިނަމަ އާންމު މަސްލަހަތަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ބެލެވޭނީ، އެ ލިޔުމެއް ވުޖޫދުގައި އޮތްކަން ނުވަތަ އެ ލިޔުމެއްގައި އޮތް އެއްޗެއް ހާމަކުރުމަކީ ގައުމީ ސަލާމަތާއި، ދިވެހިރާއްޖެއިން އެހެން ފަރާތްތަކާއެކު ބާއްވާ ބައިނަލްއަގުވާމީ ގުޅުންތައް ހިމެނޭ ގޮތުން، އާންމު މަސްލަހަތަށް ނޭދެވޭ އަސަރެއްކުރާނަމައެވެ. އެފަދަ ލިޔުންތަކުގެ ތެރޭގައި އަންނަނިވި ލިޔެކިޔުން ހިމެނެއެވެ.

  1. ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ؛
  2. ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމާގުޅޭ ލިޔުންތައް؛ 
  3. ދައުލަތުގެ މުއައްސަސާއެއްގެ އިޖްތިމާއީ މަސައްކަތުގެ ރެކޯޑު؛ 
  4. ޕްރޮބޭށަން ހިދުމަތުގެ ރެކޯޑު؛ 
  5. ސަލާމަތީ ހިދުމަތްތަކަށް މައުލޫމާތުދޭ ފަރާތެއްގެ ވަނަވަރު އެނގޭނެ މައުލޫމާތު.

(ވ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރެއްގައި، އާންމު މަސްލަހަތު ހިމާޔަތްކުރާއިރު ހަމަހަމަ އުސޫލަކުން ކަންކުރެވޭ ކަން ކޯޓުން ޔަގީންކުރަންވާނެއެވެ.

(މ) އާންމު މަސްލަހަތަށް ގެއްލުންވެދާނެކަމަށްޓަކައި ލިޔުމެއް ހާމަކުރުން ނުވަތަ ބެލުން ހުއްޓުވުން އެހެން ގާނޫނަކުން ހުއްދަކުރާ ކުރުމަކަށް މި މާއްދާއިން އެއްވެސް އަސަރެއް ނުކުރާނެއެވެ.

 

316 ވަނަ މާއްދާ - އިމްތިޔާޒު ލިބިގެންވާ ލިޔުމެއް ބޭނުންކުރުން ހުއްޓުވުން

އިމްތިޔާޒު ލިބިގެންވާ ލިޔުމެއް ހަސްމަކަށް އޮޅުމެއްގެ ތެރެއިން ބެލުމަށް ދެވިއްޖެނަމަ، އެ ލިޔުން ބެލި ހަސްމަށް އެ ލިޔުން ނުވަތަ އޭގައިވާ މައުލޫމާތެއް ބޭނުންކުރެވޭނީ ހަމައެކަނި ކޯޓުގެ ހުއްދައާ އެކުގައެވެ.

 

317 ވަނަ މާއްދާ - ހާމަނުކުރުމުގެ ނުވަތަ ބެލުމުގެ ހުއްދަ ނުދިނުމުގެ ނަތީޖާ

(ހ) މަގުބޫލު ސަބަބެއްނެތި ހާމަނުކުރާ ނުވަތަ ބެލުމުގެ ހުއްދަ ދީފައިނުވާ ލިޔުމެއްގެ މައްޗަށް އެ ހާމަނުކުރި ހަސްމަކަށް ބަރޯސާއެއް ނުވެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަގުބޫލު ސަބަބެއްކަމަށް ބުނެފައި އެވަނީ، ކޯޓުގެ ހުއްދަ ލިބިފައި އޮތުން ނުވަތަ އިންސާނީ ބާރު ނުފޯރާފަދަ ހާލަތެއް މެދުވެރިވުމަށެވެ. އެކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ އެ ލިޔުމެއް ހާމަނުކުރި ނުވަތަ ބެލުމުގެ ހުއްދަ ނުދޭ ހަސްމުގެ މައްޗަށެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދަ ދިނުމުގައި، ހާމަނުކުރާ ލިޔުމުގެ މުހިންމުކަމަށާއި، އެ ލިޔުން ހާމަނުކުރި ސަބަބަށާއި، އެ ލިޔުމުގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން އެހެން ހަސްމުންނަށް ނޯޓިސް ދެވިފައިވާ މިންވަރަށާއި، އެކަމުގެ ސަބަބުން އެހެން ހަސްމުންނަށް ލިބިދާނެ ގެއްލުމަށް، ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

 

318 ވަނަ މާއްދާ - ހާމަކޮށްފައިވާ ލިޔުންތައް ބޭނުންކުރުން

(ހ) އަންނަނިވި ހާލަތްތައް ފިޔަވައި، ލިޔުމެއް ހާމަކުރެވޭ ހަސްމަކު އެ ލިޔުން ބޭނުންކުރަންވާނީ ހަމައެކަނި އެ ލިޔުމެއް ހާމަކުރެވުނު މައްސަލައަކާ ގުޅޭ ގޮތުންނެވެ.

  1. އާންމުކޮށް ހުޅުވާލައިގެން ބޭއްވުނު އަޑުއެހުމެއްގައި ކޯޓުން ނުވަތަ ކޯޓަށް އެ ލިޔުމެއް ހުށަހެޅި، އެ ލިޔުމުގައިވާ އެއްޗެއް ހާމަވެގެން ގޮސްފައިވުން؛
  2. ކޯޓުން އެކަމަށް ހުއްދަ ދީފިނަމަ؛ ނުވަތަ
  3. އެ ލިޔުމުގެ ވެރިފަރާތުން ނުވަތަ އެ ލިޔުން ހާމަކުރި ފަރާތުން އެކަމަށް އެއްބަސްވާނަމަ.

(ށ) އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގައި އެ ލިޔުމެއް ނުވަތަ ލިޔުމެއްގައިވާ އެއްޗެއް ހާމަކުރެވޭނެ ދާއިރާ ހަނިކުރުމަށް ނުވަތަ އެފަދައިން ހާމަކުރެވޭ ލިޔުން އެހެން ފަރާތަކުން ބޭނުންކުރުން މަނާކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ. އަދި ކޮންމެ ހަސްމަކަށްވެސް ނުވަތަ އެ ލިޔުމުގެ ވެރިފަރާތަށް އެފަދަ އަމުރަކަށް އެދި ހުށަހެޅިދާނެއެވެ.

 

319 ވަނަ މާއްދާ - ހެކި ހާމަކުރުމާ ގުޅޭ ގޮތުން ދޮގު ބަޔާންދިނުން

ހެކި ހާމަކުރުމުގެ ބަޔާނުގައިވާ އެއްޗެއްގެ ތެދުކަން ހަގީގަތުގައިވެސް ގަބޫލުނުކުރާ ހާލު، އެ ހެކި ހާމަކުރުމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ދޮގު ބަޔާނެއް ދީފިނަމަ ނުވަތަ ދޭން މަގުފަހިކޮށްފިނަމަ، އެމީހަކު ކޯޓުގެ ހުރުމަތް ކެނޑީ ކަމުގައި ބަލައި، ފިޔަވަޅު އެޅުމުގެ އިހްތިޔާރު އެ ކޯޓަށް ލިބިގެންވެއެވެ.

 

320 ވަނަ މާއްދާ - ގާނޫނީ ވަކީލުންގެ ޒިންމާ

(ހ) ހަސްމަކު ގާނޫނީ ވަކީލެއް އައްޔަންކުރުމާއެކު، ހާމަކުރަންޖެހިދާނެ ލިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަން، ގާނޫނީ ވަކީލު އެ ހަސްމަށް އަންގަންވާނެއެވެ. ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ ލިޔުންތަކުގެ ތެރޭގައި، އެ ތަނެއްގައި ލިޔެކިޔުން ރައްކާތެރިކޮށް ބެލެހެއްޓުމާއި ނައްތާލުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އާންމު އުސޫލެއްގެ ދަށުން ނައްތާލެވިދާނެ ލިޔުންތައް ހިމެނެއެވެ.

(ށ) ހާމަކުރަންޖެހިދާނެ ލިޔުންތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ދުރާލާ ކުރުމަށް ގާނޫނީ ވަކީލު އޭނާގެ މުވައްކިލަށް ލަފާދޭންވާނެއެވެ.

(ނ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ލާޒިމުނުވާ މައްސަލަތަކުގައި، ހެކި ހާމަކުރުމަށް ކޯޓުން ކުރާއަމުރަކަށް ތަބާވުމަށް މުވައްކިލު ދެކޮޅު ހަދައިފިނަމަ، ކޯޓަށް ނުވަތަ އެހެން ހަސްމަކަށް ސަބަބު ބަޔާންކޮށްދިނުމަކާ ނުލައި ގާނޫނީ ވަކީލަށް އެ މައްސަލައަކުން ތަނާޒުލުވެވިދާނެއެވެ.

(ރ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ލާޒިމު މައްސަލަތަކުގައި، ހެކި ހާމަކުރުމަށް ކޯޓުން ކުރާ އަމުރަކަށް ތަބާވުމަށް މުވައްކިލު ދެކޮޅު ހަދައިފިނަމަ، އިތުރު ތަފްސީލު ދިނުމަކާ ނުލައި، ގާނޫނީ ވަކީލު އެ މައްސަލައިން ތަނާޒުލުވާނެކަން ކޯޓަށް ހާމަކުރެވިދާނެއެވެ. އެ ހާލަތުގައި އެ ހަސްމަކު ކޯޓުގެ އަމުރާ އެއްގޮތަށް އަމަލުކުރުމަށް 15 (ފަނަރަ) ދުވަހުގެ ފުރުސަތެއް ކޯޓުން ދޭންވާނެއެވެ. ކަނޑައަޅާފައިވާ މުއްދަތުގައި އެ ހަސްމަކު ކޯޓުގެ އަމުރަށް ފުރިހަމައަށް އަމަލުނުކޮށްފިނަމަ، އެ ހަސްމުގެ ގާނޫނީ ވަކީލު އެ މައްސަލައިން ވަގުތުން ތަނާޒުލުވާންވާނެއެވެ. އަދި އެ ހަސްމަކު އެ މައްސަލައިގައި ކޮށްފައިވާ ދައުވާ ނުވަތަ މައްސަލައިގައި ކޮށްފައިވާ ދައުވާއަށް އެ ހަސްމަކު ދީފައިވާ ޖަވާބު ނުވަތަ އެ ހަސްމަކު ރައްދު ދައުވާއެއް ހުށަހަޅާފައިވާނަމަ، އެ ދައުވާ ނުވަތަ ޖަވާބު ނުވަތަ ރައްދު ދައުވާވެސް ކޯޓުން ވަގުތުން ބާތިލުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި މާއްދާތަކުގެ ދަށުން ހަސްމެއްގެ ގާނޫނީ ވަކީލެއްގެ މައްޗަށް އޮތް ޒިންމާތަކުގެ އިތުރަށް، ހަސްމެއްގެ ގާނޫނީ ވަކީލަކު އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ގާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ އައްޔަންކުރެވުމާއެކު، ފެށިފައިވާ ދައުވާއެއް ނުވަތަ ހުށަހެޅިދާނެކަމަށް ބެލެވޭ ދައުވާއެއްގެ މައުޒޫއާ ގުޅުންހުރެދާނެ ލިޔުންތަކުގެ ތެރެއިން އޭނާގެ ބެލުމުގެ ދަށުގައިހުރި ލިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުން؛
  2. އިތުބާރުހިފޭ، އަވަސް އަދި ހަރަދުކުޑަ ގޮތަކަށް ހެކި ހާމަކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި، މައްސަލައިގައި ހިމެނޭ އެހެން ހަސްމުންގެ ގާނޫނީ ވަކީލުންނާ (ނުވަތަ ހަސްމުންގގާނޫނީ ވަކީލުން ނެތްނަމަ އެ ހަސްމުންނާ) އެކު މަށްވަރާކޮށް، އެފަރާތްތަކަށް އެއްބާރުލުން ދިނުން؛
  3. ލިޔުމެއް ހާމަކުރުމުން މަނާވެގަނެވޭނެ ފަދަ އިމްތިޔާޒެއް ލިބިގެންވާކަމަށް ހަސްމަކު ބުނާނަމަ، އެފަދައިން ބުނާ ބުނުމަކީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއްތޯއާއި، އެފަދައިން ބުނާ ބުނުން ރަނގަޅަށް ތަފްސީލުކޮށްދެވިފައިވޭތޯ ކަށަވަރުކުރުމަށްޓަކައި އެކަން މުރާޖައާކުރުން.

 

321 ވަނަ މާއްދާ - ލިޔެކިޔުން ނައްތާލުން

(ހ) ދައުވާއެއް ފެށުމުގެ ކުރިން ދައުވާގެ ލިޔެކިޔުންތައް ނައްތާލައިފިނަމަ ނުވަތަ ނައްތާލަން މަސައްކަތްކޮށްފިނަމަ، އެކަމުން ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެކަމަށް ބެލެވޭނީ ހަމައެކަނި އެ ލިޔެކިޔުންތައް ނައްތާލީ މައްސަލައެއް ހުށަހެޅިދާނެކަމަށް ބަލައިގެން ގަސްދުގައިކަމަށް ދޭހަވާފަދަ ސާފު ހެކި ލިބިފައިވާ ހާލަތުގައެވެ.

(ށ) ދައުވާއެއް ފެށުމަށްފަހު، އެހެންނަމަވެސް ލިޔެކިޔުންތައް ހާމަކުރުމުގެ އަމުރެއް ނެރެފައިނުވާ ހާލަތެއްގައި، މައްސަލައިގެ ލިޔެކިޔުންތައް ނައްތާލައިފިނަމަ، އެ އަމަލު އެމީހަކާ ދެކޮޅަށް މާނަކޮށް، އަދި މައްސަލައިގެ ހަރަދު ކަނޑައެޅުމުގައި ލިޔެކިޔުންތައް ނައްތާލާފައި އޮތް އޮތުމަށް ރިއާޔަތްކުރެވިދާނެއެވެ.

(ނ) ލިޔެކިޔުންތައް ހާމަކުރުމުގެ އަމުރެއް ނެރެފައިވާ ހާލަތުގައި ގަސްދުގައި ނުވަތަ އެނޫންވެސް ގޮތަކަށް މައްސަލައިގެ ލިޔެކިޔުންތައް ނައްތާލައިފިނަމަ، އެ އަމަލު އެމީހަކާ ދެކޮޅަށް މާނަކޮށް، އަދި ށަރީއަތުގެ ހަރަދު ކަނޑައެޅުމުގައި ލިޔެކިޔުންތައް ނައްތާލާފައި އޮތް އޮތުމަށް ރިއާޔަތްކުރަންވާނެއެވެ.

(ރ) ލިޔެކިޔުންތައް ނެތިގެން ގޮސްފައިވަނީ އިންސާނީ ބާރު ނުފޯރާފަދަ ހާދިސާއެއް މެދުވެރިވެގެން ކަމަށްވާނަމަ، މި މާއްދާގެ (ށ) ނުވަތަ (ނ) ގައި ބަޔާންކުރާ ފިޔަވަޅުތައް އަޅައިގެންނުވާނެއެވެ. އިންސާނީ ބާރު ނުފޯރާފަދަ ހާދިސާއެއް މެދުވެރިވިކަން ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ ހަލާކުވި ލިޔެކިޔުންތައް ނިސްބަތްވާ ހަސްމެއްގެ މައްޗަށެވެ. އެފަދައިން ލިޔެކިޔުންތައް ނެތިގެން ދިޔުމުގެ ސަބަބުން އިން ސާފުވެރި ށަރީއަތެއް ކުރެވެން ނެތްނަމަ ކޯޓުން އެ މައްސަލަ ބާތިލުކުރަންވާނެއެވެ.

(ބ) ލިޔުންތައް ނައްތާލުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލުމަށް ކޯޓަށް ލިބިގެންވާ އެއްވެސް ބާރަކަށް މި މާއްދާގައިވާ އެއްވެސް ކަމެއްގެ ސަބަބުން ހަނިކަމެއް ނާންނާނެއެވެ.

 

އޮނަތިރީސްވަނަ ބާބު

ހެއްކާގުޅޭ އާންމު އުސޫލުތައް

 

322 ވަނަ މާއްދާ - ހެއްކާ ގުޅޭ ގޮތުން ކޯޓަށް ލިބިދޭ ބާރު

(ހ) ކޯޓުން ބަލަމުންދާ މައްސަލައެއްގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ ތެރެއިން އެކަންކަމަށް ގޮތެއް ކަނޑައެޅުމަށްޓަކައި ހެކި ބޭނުންވާނެ ކަންކަމާއި، އެ ހެކީގެ ބާވަތާއި، އެ ހެކި ކޯޓަށް ހުށަހަޅަންޖެހޭ ގޮތުގެ އިރުށާދު، ކޯޓުން ހަސްމުންނަށް ދެވިދާނެއެވެ.

(ށ) މައްސަލައިގެ ހަސްމުން ހުށަހަޅާ ހެއްކަކީ އާންމު އުސޫލުން ކޯޓުން ބަލައިގަންނާނެ ހެކި ކަމުގައި ވީނަމަވެސް، އެ ހެއްކެއް ބަލައިނުގަތުމަށް ކޯޓަށް ފެނިއްޖެނަމަ ސަބަބު ބަޔާންކުރުމާއެކު، އެ ހެއްކެއް ބަލައިނުގަތުމަށް ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) ކްރޮސް-އެގްޒެމިން ކުރުމަށް މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަސްމުންނަށް ލިބޭ ހައްގު މި ގާނޫނުގައިވާ ގޮތުގެމަތިން ކޯޓަށް ހަނިކުރެވިދާނެއެވެ.

 

323 ވަނަ މާއްދާ - ހެކިބަހާގުޅޭ އާންމު އުސޫލު

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ނުވަތަ ކޯޓުން އެނޫން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މައްސަލައިގެ ވާގިއާއެއް ސާބިތުކުރުމަށްޓަކައި ހެކިބަސްދޭނެ ފަރާތެއްގެ ހެކިބަސް ކޯޓަށް ހުށަހެޅުމަށް ބޭނުންވާ ހާލަތުގައި، ށަރީއަތުގެ މަރުހަލާގައި އެ ހެކިބަސް ހުށަހަޅާނީ އާންމުކޮށް ހުޅުވާލެވިފައިވާ ށަރީއަތެއްގައި ހެކިބަސްދޭ ފަރާތުގެ ހެކިބަސް ދީގެންނެވެ. ށަރީއަތުގެ އަޑުއެހުމެއް ފިޔަވައި، އެނޫން އަޑުއެހުމެއްގައިނަމަ، ހެކިބަސްދޭ ފަރާތުގެ ބަޔާނެއް މެދުވެރިކޮށް، ލިޔުމުންނެވެ.

(ށ) ވަކި ވާގިއާއެއް ސާބިތުކުރުމަށްޓަކައި ހެކިބަސް ބޭނުންވާ ކަންކަމާއި، އެ ވާގިއާއެއް ސާބިތުކުރުމަށްޓަކައި ހެކިބަސްދޭނެ ފަރާތްތައް ހުށަހެޅޭނެ މިންވަރާއި، ށަރީއަތުގައި ހެކިބަސް ނަގާނެ ހެކިބަސްދޭ ފަރާތްތަކާއި ހެކިބަހުގެ ބަޔާން ހުށަހަޅާނެ ހެކިބަސްދޭ ފަރާތްތަކާއި، ހެކިބަސްދޭ ފަރާތުގެ ބަޔާނުގެ ދިގުމިނާއި ބަޔާން އޮންނަންވީ ގޮތް ކޯޓަށް ކަނޑައެޅިދާނެއެވެ.

 

324 ވަނަ މާއްދާ - ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ދެވޭ ހެކި

ހެކިބަސްދޭ ފަރާތް ކޯޓަށް ސީދާ ހާޒިރުވުމުގެ ބަދަލުގައި، ހާއްސަ ހާލަތްތަކުގައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެފަރާތުން ހެކިބަސް ދިނުމަށް ކޯޓަށް ހުއްދަ ދެވިދާނެއެވެ.

 

325 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތުގެ ބަޔާން

(ހ) ހެކިބަސްދޭ ފަރާތުގެ ބަޔާނަކީ ށަރީއަތުގައި އޭނާ ދޭން ބޭނުންވާ ހެކިބަސް ލިޔެ، ސޮއިކޮށްފައިވާ ބަޔާނެކެވެ.

(ށ) ހެކިބަސްދޭ ފަރާތެއްގެ ބަޔާނެއް މައްސަލައިގެ ހަސްމަކު ހުށަހަޅައިފިނަމަ، އެ މައްސަލައިގެ އެހެން ހަސްމުންނަށް އެ ބަޔާން ކޯޓުން ދޭންވާނެއެވެ.

 

326 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތުގެ ބަޔާން ށަރީއަތުގެ މަރުހަލާގައި ބަލައިގަތުމުގެ އުސޫލު

(ހ) ހަސްމަކު ހުށަހަޅާފައިވާ ހެކިބަސްދޭ ފަރާތުގެ ބަޔާނަށް މައްސަލައިގެ ށަރީއަތުގެ މަރުހަލާގައި ރިއާޔަތްކޮށްދިނުމަށް އެ ބަޔާން ހުށަހެޅި ހަސްމުގެ ފަރާތުން ބޭނުންވާނަމަ، ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ ބަޔާން ދީފައިވާ ހެކިބަސްދޭ ފަރާތް ހާޒިރުކޮށް އޭނާގެ ހެކިބަސް ށަރީއަތުގައި ނަގައިދިނުމަށް ކޯޓުގައި އެދެންވާނެއެވެ. އެނޫން ގޮތަކަށް ށަރީއަތު ގެ މަރުހަލާގައި ހެކިބަސްދޭ ފަރާތުގެ ބަޔާނަށް ރިއާޔަތްކުރެވޭނީ އިވުނުކަމަށް ބުނާ ހެކީގެ ގޮތުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސްދޭ ފަރާތް ހެކިބަސްދޭނީ، ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އޭނާ ދީފައިވާ ބަޔާނަކީ އޭނާގެ ހެކިބަހުގެ އަސްލު ކަމުގައި ބަލައިގެންނެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކޯޓުގެ ހުއްދައާއެކު، ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި ހުރި ކަންކަން އިތުރަށް ތަފްސީލުކޮށް، ބަޔާން ކޯޓަށް ހުށަހެޅި ފަހުން ހިނގައިދިޔަ އާ ކަންކަމާ ގުޅޭ ގޮތުންވެސް އޭނާއަށް ހެކިބަސް ދެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ހުއްދަ ދޭންވާނީ، ހެކިބަސްދޭ ފަރާތުގެ ހެކިބަސް އޭނާ ދީފައިވާ ބަޔާނުގެ މައްޗަށް ގައިދުކުރަންނުޖެހޭ ރަނގަޅު ސަބަބެއް އޮތްކަމަށް ކޯޓަށް ފެނިއްޖެނަމައެވެ.

(ބ) ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހެޅި ހަސްމުގެ ފަރާތުން، އެ ބަޔާން ދީފައިވާ ހެކިބަސްދޭ ފަރާތުގެ ހެކިބަސް ނެގުމަށް އޭނާ ހާޒިރުނުކުރާނަމަ، ނުވަތަ އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި އެ ބަޔާން ހުށަނާޅާނަމަ، އެ ބަޔާން، އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި އެހެން ހަސްމަކަށް ހުށަހެޅިދާނެއެވެ.

 

327 ވަނަ މާއްދާ - ކްރޮސް -އެގްޒެމިންކުރުމަށް ހުއްދަދިނުން

(ހ) ށަރީއަތުގެ މަރުހަލާ ފިޔަވައި އެހެން މަރުހަލާއެއްގައި ހެކިބަސް ހުށަހަޅާފައިވަނީ ހެކިބަސްދޭ ފަރާތުގެ ބަޔާނެއް މެދުވެރިކޮށް ކަމުގައިވާނަމަ، ބަޔާން ދީފައިވާ ހެކިބަސްދޭ ފަރާތް ކްރޮސް-އެގްޒެމިން ކުރުމުގެ ހުއްދައަށް އެދި ކޮންމެ ހަސްމަކަށްވެސް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ހުއްދަ ދިނުމަށްފަހު، ކްރޮސް- އެގްޒެމިންކުރުމަށް ބޭއްވި ށަރީއަތުގެ އަޑުއެހުމަށް ހެކިބަސްދޭ ފަރާތް ހާޒިރުނުވެއްޖެނަމަ، ކޯޓުގެ ހުއްދަ ލިބިގެން މެނުވީ، ހެކިބަސްދޭ ފަރާތުގެ ބަޔާން ބޭނުމެއް ނުކުރެވޭނެއެވެ.

 

328 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތުގެ ބަޔާން އޮންނަންވީ ގޮތް

ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި، އަންނަނިވި މައުލޫމާތު ހިމަނާފައި އޮންނަންވާނެއެވެ.

(ހ) މައްސަލަ ނުވަތަ ގަޒިއްޔާ ނަންބަރު؛

(ށ) މައްސަލައިގެ ހަސްމުންގެ މައުލޫމާތު؛

(ނ) ހެކިބަސް ދެނީ ކޮން ހަސްމެއްގެ ފަރާތުންކަން؛

(ރ) ހެކިބަސްދޭ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ކާކުކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ނަންބަރު އަދި ސޮއި؛

(ބ) ބަޔާނުގައި ހަވާލާދީފައިވާ ކޮންމެ އެގްޒިބިޓެއްގެ ނަންބަރު؛

(ޅ) ބަޔާން ދީފައިވާ ތާރީހު.

 

329 ވަނަ މާއްދާ - ހެކީގެ ހުލާސާ ބަޔާނެއް ހުށަހެޅުން

(ހ) ށަރީއަތުގެ މަރުހަލާގައި ހެކިބަސްދޭ ފަރާތުގެ ބަޔާނެއް ހުށަހަޅަންޖެހިފައިވާ ހަސްމަކަށް، އެ ބަޔާން ހޯދެން ނެތްކަމުގައިވާނަމަ، އެ ހަސްމަކަށް ހެކީގެ ހުލާސާ ބަޔާނެއް ހުށަހެޅިދާނެއެވެ.

(ށ) ހެކީގެ ހުލާސާ ބަޔާނަކީ، ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި ހިމެނޭ ނެ ހެކީގެ ހުލާސާއެއް ނުވަތަ ހެކިބަސްދޭ ފަރާތުން ދޭނެ ހެކިބަހުގައި ހިމެނޭ ކަންކަން އެނގިފައިނުވާނަމަ، ހަސްމުގެ ފަރާތުން ހެކިބަސްދޭ ފަރާތާ ސުވާލުކުރަން ބޭނުންވާ ކަންކަމުގެ ހުލާސާއެއް ހިމެނޭ ބަޔާނެކެވެ.

(ނ) ކޯޓުން އެނޫން ގޮތަކަށް ކަނޑައަޅާފައިނުވާހާހިނދަކު، ހެކިބަސްދޭ ފަރާތުގެ ހެކީގެ ހުލާސާ ބަޔާނުގައި، ބަޔާން ދިނުމަށް ހަމަޖެހިފައިވާ ހެކިބަސްދޭ ފަރާތުގެ ނަމާއި އެޑްރެސް ބަޔާންކުރަންވާނެއެވެ.

(ރ) ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހެކިބަސްދޭ ފަރާތުގެ ހެކީގެ ހުލާސާ ބަޔާން ހުށަހަޅަންވާނެއެވެ.

(ބ) ހެކީގެ ހުލާސާ ބަޔާނުގެ މައްޗަށް، މި ގާނޫނުގެ 325 ވަނަ މާއްދާ އާއި، 326 ވަނަ މާއްދާގެ (ނ) އަދި 328 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ހިނގާނެއެވެ.

 

330 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ ހެކިބަސްދޭ ފަރާތުގެ ހެކީގެ ހުލާސާ ބަޔާން ހުށަނޭޅުުމުގެ ނަތީޖާ

ކޯޓުން ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި، ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ ހެކިބަސްދޭ ފަރާތުގެ ހެކީގެ ހުލާސާ ބަޔާން ހުށަހަޅާފައިނުވާނަމަ، ބަޔާން ދީފައިވާ ނުވަތަ ދިނުމަށް ހަމަޖެހިފައިވާ ހެކިބަސްދޭ ފަރާތުގެ ހެކިބަސް ނެގުމަށް އެފަރާތް ށަރީއަތަށް ހާޒިރެއް ނުކުރެވޭނެއެވެ.

 

331 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތުގެ ބަޔާނަކާ ގުޅޭ ގޮތުން ކްރޮސް-އެގްޒެމިން ކުރުން

ހެކިބަސްދޭ ފަރާތެއް ހެކިބަސް ދިނުމަށްޓަކައި ށަރީއަތަށް ހާޒިރުކުރެވިއްޖެނަމަ، އެފަރާތުން ދީފައިވާ ބަޔާނަށް ނުވަތަ އެ ބަޔާނުގައިވާ ކަންކަމަށް އެ ހެކިބަހުގައި ހަވާލާދީފައިނުވި ނަމަވެސް، އެފަރާތުގެ ބަޔާނުގައި ހުރި ކަންކަމާ ގުޅޭ ގޮތުން، އެފަރާތް ކްރޮސް-އެގްޒެމިން ކުރެވިދާނެއެވެ.

 

332 ވަނަ މާއްދާ - އެހެން ބޭނުންތަކަށް ހެކިބަސްދޭ ފަރާތެއްގެ ބަޔާން ބޭނުންކުރުން

(ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި، ހެކިބަސްދޭ ފަރާތުގެ ބަޔާނެއް ބޭނުންކުރެވޭނީ ހަމައެކަނި އެ ބަޔާނެއް ހުށަހަޅާފައިވާ މައްސަލައިގައެވެ.

(ށ) އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއްގައި، މި މާއްދާގެ (ހ) އަށް އަމަލުކުރާކަށް ލާޒިމެއްނޫނެވެ.

  1. ހެކިބަހުގެ ބޭނުން އެހެން ކަމަކަށް ކުރުމަށް ހެކިބަސްދޭ ފަރާތް ހުއްދަ ދިނުން؛
  2. ހެކިބަހުގެ ބޭނުން އެހެން ކަމަކަށް ކުރުމަށް ކޯޓުން ހުއްދަ ދިނުން؛ ނުވަތަ
  3. އާންމުކޮށް ހުޅުވާލެވިގެން ބޭއްވި އަޑުއެހުމެއްގައި، އެ ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހެޅި، މައްސަލައިގެ ހެކީގެ ތެރޭގައި ހިމަނާފައިވުން.

 

333 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތުގެ ބަޔާން ބެލުން

(ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މައްސަލައިގެ މައިގަނޑު ހެއްކެއްގެ ގޮތުގައި ހުށަހަޅާ ހެކިބަސްދޭ ފަރާތުގެ ބަޔާން ށަރީއަތް ހިނގަމުންދާ ކޮންމެ ވަގުތެއްގައިވެސް ބެލުމުގެ ފުރުސަތު ހަސްމުންނަށް ލިބިގެންވެއެވެ.

(ށ) ހެކިބަސްދޭ ފަރާތުގެ ބަޔާން ހަސްމުން ބެލުމަށް ލިބިދޭ ންނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޮންމެ ފަރާތަކަށްވެސް ކޯޓުގައި އެދެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހެކިބަސްދޭ ފަރާތުގެ ބަޔާން ބެލުމުގެ ފުރުސަތު ވަކި ފަރާތަކަށް ލިބިގެންނުވާ ކަމަށް ކޯޓުން ކަނޑައަޅަންވާނީ އަންނަނިވި ސަބަބުތަކަށްޓަކައި އެކަންޏެވެ.

  1. އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި؛ 
  2. އާންމު މަސްލަހަތަށްޓަކައި؛ 
  3. އެ ބަޔާނަކީ ސިއްހީ ދާއިރާގެ ހަބީރެއްގެ ބަޔާނަކަށްވެފައި، އެ ބަޔާނުގައި ހައްސާސީ މައުލޫމާތު ހިމެނިފައިވުން؛
  4. ބަޔާނުގައި ސިއްރު މައުލޫމާތު ހިމެނިފައިވުން؛
  5. ރައްކާތެރިކުރެވިފައިވާ ފަރާތެއްގެ ނުވަތަ ކުޑަކުއްޖެއްގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި.

(ރ) ކޯޓަށް ފެނިއްޖެ ހިނދެއްގައި، ހެކިބަސްދޭ ފަރާތެއްގެ ބަޔާނެއް ބެލުމަށް ފުރުސަތު ދޭއިރު، އެ ބަޔާނުގައި ހިމެނޭ ވަކި ލަފްޒުތަކެއް ނުވަތަ އިބާރާތްތަކެއް ހާމަނުކުރުމަށް އެންގިދާނެއެވެ.

 

334 ވަނަ މާއްދާ - ދޮގު މައުލޫމާތު ދިނުން

ށަރީއަތަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ލިޔުމަކީ، ތެދުކަމަށްބުނެ އިގުރާރުވެ ސޮއިކޮށްފައިވާ ލިޔުމެއް ކަމުގައިވެފައި، އެ ލިޔުމުގައި ދޮގު މައުލޫމާތު ދީފިނަމަ، އެމީހަކާ ދެކޮޅަށް ކޯޓުގެ ހުރުމަތް ކެނޑީ ކަމުގައި ބަލައި، ފިޔަވަޅު އެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

335 ވަނަ މާއްދާ - އެފިޑެވިޓް މެދުވެރިކޮށް ދޭ ހެކިބަސް

އެހެން ގާނޫނަކުން ލާޒިމުކުރާ ހާލަތުގައި ނުވަތަ ކޯޓުން އެފަދައިން ކަނޑައަޅައިފި ހިނދެއްގައި، ހެކިބަސްދޭ ފަރާތުގެ ބަޔާނުގެ ބަދަލުގައި ނުވަތަ ހެކިބަސްދޭ ފަރާތުގެ ބަޔާނުގެ އިތުރުން، ހެކިބަސްދޭ ފަރާތެއްގެ ހެކިބަސް ކޯޓަށް ހުށަހެޅޭނީ އެފިޑެވިޓް މެދުވެރިކޮށެވެ.

 

336 ވަނަ މާއްދާ - ދިވެހިރާއްޖެއިން ބޭރުގައި ހުރެ އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހެޅުން

ހެކިބަސްދޭ ފަރާތް ހުރީ ދިވެހިރާއްޖެއިން ބޭރުގައިނަމަ، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ އެ ގައުމެއްގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ބޭރު ގައުމުގައި ހުރެގެންވެސް އެފިޑެވިޓް މެދުވެރިކޮށް ހެކިބަސް ދެވިދާނެއެވެ.

 

337 ވަނަ މާއްދާ - އެފިޑެވިޓް ހުށަހަޅަންޖެހޭނެ ހާލަތްތައް

(ހ) އަންނަނިވި ހާލަތްތަކުގައި ހުށަހެޅޭ ދައުވާއަކާ ގުޅިގެން ހެކި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށެވެ.

  1. ހެކި ހުށަހަޅަންޖެހޭނީ ހުވާމަތީގައި ކަމަށް އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވުން؛
  2. ބަލައި ފާސްކުރުމުގެ އަމުރަކަށް ނުވަތަ މުދަލުން ތަސައްރުފުކުރުން ހުއްޓުވުމުގެ އަމުރަކަށް ނުވަތަ އެއްވެސް ފަރާތެއްގެ ބިމަކަށް އެހެން ފަރާތަކުން ވަނުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވުން.

(ށ) ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ހުށަހަޅަންޖެހޭ ހެއްކަކީ ހުވާ މަތީގައި ދިނުމަށް އެހެން ގައުމެއްގެ ކޯޓަކުން ލާޒިމުކުރާ ހެއްކެއް ކަމަށް ހަސްމަކަށް ގަބޫލުކުރެވޭ ނަމަ، ށަރީއަތުގެ ކުރީގެ މަރުހަލާތަކުގައި ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ހުށަހެޅޭނީ އެފިޑެވިޓް މެދުވެރިކޮށް ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.

(ނ) ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނުވަތަ މައްސަލައިގެ ހަސްމެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ މައްސަލައެއްގައި ހުށަހަޅާ ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ ދައުވާގެ ލިޔެކިޔުންތަކުގެ ބަދަލުގައި ނުވަތަ އެ ލިޔުންތަކުގެ އިތުރުން ހެކީގެ ގޮތުގައި އެފިޑެވިޓް ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ.

 

338 ވަނަ މާއްދާ - އެފިޑެވިޓް އޮންނަންވީ ގޮތް

(ހ) އެފިޑެވިޓެއް ދޭ ފަރާތަކުން އެ އެފިޑެވިޓްގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އޭނާއަށް އެނގިފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމާއި، އޭނާއަށް ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމާއި، އޭނާއަށް ގަބޫލުކުރެވޭ ގަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަން ވަކިން އެނގޭނެ ގޮތަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ މައުލޫމާތެއް ނުވަތަ ގަބޫލުކުރުމެއް ބިނާކޮށްފައިވާ މަސްދަރުތައްވެސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) އެފިޑެވިޓެއްގައި، އެ އެފިޑެވިޓެއް ދެނީ ކޮން ހަސްމެއްގެ ފަރާތަކުން ކަމާއި، އެފިޑެވިޓް ދޭ ފަރާތުގެ ނަމާއި، ހުވާކުރި ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެފިޑެވިޓް ދޭ ފަރާތުން ސޮއިކޮށް، އިނގިލީގެ ނިށާން ޖަހާފައި އޮންނަންވާނެއެވެ. އަދި އެފަރާތެއްގެ ކުރިމަތީގައި އޭނާ ހުވާކޮށްފައިވާ ފަރާތުގެ ނަމާއި އެޑްރެހާއި، ހައިސިއްޔަތާއި އަދި އެފަރާތުގެ ސޮޔާއި، އިނގިލީގެ ނިށާންވެސް އޮންނަންވާނެއެވެ.

 

339 ވަނަ މާއްދާ - އެފިޑެވިޓް ހުށަހަޅާ ފަރާތް ނޫން ފަރާތަކުން އެފިޑެވިޓްގައި ސޮއިކުރުން

(ހ) މައްސަލައެއްގައި އެފިޑެވިޓް ހުށަހަޅާފައިވާ ފަރާތަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން އެ އެފިޑެވިޓް ކިޔުމަށް ނުވަތަ އެ އެފިޑެވިޓްގައި ސޮއިކުރުމަށް ނުކުޅެދިފައިވާ ފަރާތެއްނަމަ، އެފަރާތެއްގެ ކުރިމަތީގައި އޭނާ ހުވާކުރި ފަރާތުން، އެ އެފިޑެވިޓްގައި އަންނަނިވި ކަންކަން ބަޔާންކޮށް، ސޮއިކުރަންވާނެއެވެ.

  1. އެފިޑެވިޓް ހުށަހަޅާ ފަރާތަށް އޭނާ އެ އެފިޑެވިޓް ކިޔައިދީފައިވާކަން؛
  2. އެފިޑެވިޓް ހުށަހަޅާ ފަރާތަށް އޭގައި ބަޔާންކޮށްފައިވާ ކަންކަން ފަހުމްވެފައިވާކަން؛ އަދި 
  3. އެފިޑެވިޓް ހުށަހަޅާ ފަރާތުން އެ އެފިޑެވިޓް ދީފައިވަނީ އޭނާގެ ހާޒިރުގައި ހުވާކުރުމަށްފަހުގައިކަން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނާފައިނުވާ އެފިޑެވިޓެއް ކޯޓުން ބަލައިގަންނަންވާނީ އެ އެފިޑެވިޓް ހުށަހަޅާ ފަރާތަށް އެފިޑެވިޓް ކިޔާދީ އެފަރާތަށް އޭގައި ބަޔާންކޮށްފައިވާ ކަންކަން ފަހުމްވެފައިވާކަން ކޯޓަށް ގަބޫލުކުރެވޭ ނަމަ އެކަންޏެވެ.

(ނ) އެފިޑެވިޓެއްގެ ބޭނުމަށްޓަކައި ހުވާކުރަންވާނީ ހަމައެކަނި އަންނަނިވި ފަރާތްތަކުގެ ކުރިމަތީގައެވެ.

  1. ފަނޑިޔާރަކު؛ ނުވަތަ
  2. ގާނޫނުގައި ކަނޑައަޅާފައިވާ އެހެން ފަރާތެއް.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކީ، މައްސަލައިގެ ހަސްމަކު ނުވަތަ ހަސްމަކު ތަމްސީލުކުރާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ.

 

340 ވަނަ މާއްދާ - އެފިޑެވިޓް ތަރުޖަމާކުރުން

(ހ) ހުށަހަޅަން އެދޭ އެެފިޑެވިޓްއަކީ އެހެން ގައުމެއްގެ ބަހަކުން އޮތް އެފިޑެވިޓެއްނަމަ، އެ އެފިޑެވިޓަށް ރިއާޔަތްކުރުމަށް އެދޭ ފަރާތުން އެ އެފިޑެވިޓްގެ ދިވެހި ތަރުޖަމާއަކާއި ބޭރު ގައުމެއްގެ ބަހުން އޮތް އެފިޑެވިޓްގެ އަސްލު ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެފިޑެވިޓެއްގެ ތަރުޖަމާ ހުށަހަޅާނަމަ، އެފިޑެވިޓް ތަރުޖަމާކުރި ފަރާތުން އެ އެފިޑެވިޓްގެ ތަރުޖަމާ ކަށަވަރުކުރުމާއެކު، އެފިޑެވިޓްގެ ތަރުޖަމާއާއި ބޭރު ގައުމުގެ ބަހުން އޮތް އެފިޑެވިޓްގެ ކޮޕީ އެ އެފިޑެވިޓަށް ރިއާޔަތްކުރުމަށް އެދޭ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

 

241 ވަނަ މާއްދާ - ލިޔެކިޔުމުގެ ސައްހަކަން ކަށަވަރު ކުރުން

(ހ) ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް މި ގާނޫނުގެ އަށާވީސްވަނަ ބާބު "ހެކި ހާމަކުރުން" ގެ ދަށުން ހަސްމަކާ ހިއްސާކުރުމަށްފަހު، ށަރީއަތުގައި އެ ލިޔުމުގެ ސައްހަކަމާމެދު ސުވާލު ނުއުފައްދާހާ ހިނދަކު، އެ ލިޔުމުގެ ސައްހަކަން އެ ހަސްމަކު ގަބޫލުކުރާ ކަމުގައި ބެލެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލިޔުމެއްގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ހަސްމަކު އެދޭނަމަ، ހެކިބަސްދޭ ފަރާތުގެ ހެކީގެ ހުލާސާ ބަޔާން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހުގެ ތާރީހާއި، ނުވަތަ ލިޔުމެއް ހިއްސާކުރާތާ 7 (ހަތެއް) ދުވަސް ހަމަވާ ތާރީހުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީހެއްގެ ކުރިން، ލިޔުމުގެ ސައްހަކަން ށަރީއަތުގައި ސާބިތުކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.

(ނ) ކަމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނޯޓަރައިޒްކޮށްފައިވާ ލިޔުންތަކާއި އެފަދަ މުސްތަނަދުތައް ނުވަތަ އިތުރަށް ސާބިތުކުރުމަކާ ނުލައި ކޯޓުން ބަލައިގަންނަންޖެހޭ ލިޔުމެއް ކަމުގައި އެހެން ގާނޫނަކުން ކަނޑައަޅާފައިވާ ކޮންމެ ލިޔުމަކީ، އިތުރު ހެއްކަކާ ނުލައި، ސައްހަ ލިޔުންތަކެއް ކަމުގައި ކޯޓުން ބަލައިގަންނަންވާނެއެވެ.

 

ތިރީސްވަނަ ބާބު

ހެއްކާގުޅޭ ހާއްސަ އުސޫލުތައް

 

342 ވަނަ މާއްދާ - ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭހެކި

(ހ) މި ބާބުގެ ބޭނުމަށްޓަކައި، ”ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކި“ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހަކު، އޭނާއަށް ކަނޑައެޅިގެން ފެނުނު އެއްޗެއް ނުވަތަ އިވުނު އެއްޗެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް އެމީހަކު ބުނާ ބުނުމެއް، ހެކިބަސްދޭ މީހާއަށް އަޑުއިވުނު ކަމުގެ މައްޗަށް ދޭ ހެކިބަހަށެވެ.

(ށ) ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކީގެ ގޮތުގައި ހެކި ދިނުމަށް މަދަނީ މައްސަލައެއްގައި ހަސްމަކު ހުށަހަޅާ ހެކިބަސްދޭ ފަރާތަކީ އޭނާގެ ހެކިބަހުގެ ބަޔާން ދިންއިރު އޭނާގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ހެކިބަސްދޭ ފަރާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ފަރާތެއް ކަމަށްވާނަމަ، އޭނާގެ ހެކިބަސް އެ މައްސަލައިގައި ބަލައިގަނެގެންނުވާނެއެވެ.

 

343 ވަނަ މާއްދާ - ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކީގެ މައްޗަށް ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުން

(ހ) ވަކި ކަމެއް އިވުނު ކަމަށް ބުނެ މީހަކު ދޭ ހެކިބަހެއްގެ މައްޗަށް ށަރީއަތުގެ މަރުހަލާގައި ރިއާޔަތްކޮށްދިނުމަށް ހަސްމަކު އެދޭނަމަ، އެއީ ށަރީއަތުގައި ހެކިބަސްދޭ އެެހެން ފަރާތެއްގެ ހެއްކެއްނަމަވެސް، ނުވަތަ ހެކިބަސްދޭ ފަރާތެއްގެ ބަޔާނެއްގައި ހިމަނާފައިވާ ހެއްކެއް ނަމަވެސް، އެ ހެކިބަސްދޭ ފަރާތަށް އިވުނު ކަމަށް ބުނާ ހެކި، އެ ހެކިބަސްދޭ ފަރާތުގެ ބަޔާނެއްގެ ގޮތުގައި ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހަޅާއިރު، ބަޔާންދީފައިވާ ފަރާތުގެ ހެކިބަސް ނެގުމަށް އޭނާ ށަރީއަތަށް ހާޒިރު ނުކުރެވޭނެކަމާއި، އެކަމުގެ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

 

344 ވަނަ މާއްދާ - ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކީގެ މައްޗަށް ރިއާޔަތްކޮށްދިނުމަށް އެދޭ ކަމުގެ ނޯޓިސް ދޭ ންނުޖެހޭ ހާލަތްތައް

އަންނަނިވި ހާލަތްތަކުގައި، މައްސަލައެއްގައި ވަކި ކަމެއް އިވުނު ކަމަށް ބުނެ ހުށަހަޅާ ހެކި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ހެކީގެ މައްޗަށް ރިއާޔަތްކޮށްދިނުމަށް އެދޭ ކަމުގެ ނޯޓިހެއް، މައްސަލައިގެ އެހެން ހަސްމުންނަށް ދޭކަށް ލާޒިމެއް ނޫނެވެ.

(ހ) ށަރީއަތުގެ މަރުހަލާ ފިޔަވައި އެނޫން އެހެން މަރުހަލާތަކުގައި އެ ހެކި ހުށަހަޅާނަމަ؛

(ށ) ށަރީއަތުގެ މަރުހަލާގައި ބޭނުންކުރުމަށް ހުށަހަޅާ ހުވާގެ މަތީގައި ދީފައިވާ ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި އިވުނު އަޑުކަމަށް ބުނާ ހެއްކެއް ނުހިމެނޭ ނަމަ؛

(ނ) މައްސަލައަކީ ތަރިކައިގެ މައްސަލައަކަށްވެފައި، އެ ހަސްމަކު ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވަނީ އެމީހެއްގެ ތަރިކައާމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ފަރާތުން ދިން ކަމަށް ބުނާ ބަޔާނެއް ކަމަށްވާނަމަ؛ ނުވަތަ

(ރ) އެހެން ގާނޫނަކުން އެކަން ލާޒިމުކޮށްފައި ނެތުން.

 

345 ވަނަ މާއްދާ - ވަކި ކަމެއް އިވުނު ކަމަށް ބުނެ ހެކިބަސްދޭ ފަރާތް ކްރޮސް - އެގްޒެމިންކުރުމަށްޓަކައި ހާޒިރުކުރުމުގެ ބާރު

(ހ) ވަކި ކަމެއް އިވުނު ކަމަށްބުނެ ހެކިބަސްދޭ ފަރާތުގެ ހެކިބަސް ނެގުމަށް އޭނާ ށަރީއަތަށް ހާޒިރުކުރުމަށް އެ ހެކި ހުށަހަޅާ ހަސްމުގެ ފަރާތުން ބޭނުންނުވިނަމަވެސް، އެ މައްސަލައިގެ އެހެން ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، އެ ހެކިބަސްދޭ ފަރާތް ކްރޮސް-އެގްޒެމިންކުރުމަށްޓަކައި ހާޒިރުކުރުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކްރޮސް-އެގްޒެމިންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ ވަކި ކަމެއް އިވުނު ކަމަށް ބުނެ ހެކިބަސްދޭ ފަރާތުގެ ބަޔާން ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައެވެ.

346 ވަނަ މާއްދާ - ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކި ވަޒަންކުރުމުގައި ބަލާނެ ކަންކަން

މަދަނީ މައްސަލަތަކުގައި، ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެއްކަށް ދޭންޖެހޭ ބުރަދަން ދިނުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

(ހ) އެފަރާތުގެ ބަޔާނުގައި ހަވާލާދޭ، ވަކި ކަމެއް އެމީހެއްގެ ލޮލަށް ފެނުނު ނުވަތަ އެމީހަކަށް ސީދާ އަޑުއިވުނު ކަމަށް ބުނާ ފަރާތް ށަރީއަތަށް ހާޒިރުކުރުމުގެ ފުރުސަތު އޮތް މިންވަރު؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތުގެ ބަހަކީ، ސާބިތުކުރުމަށް ބޭނުންވާ ވާގިއާ ހިނގައިދިޔަ ދުވަސްވަރުގައި ބުނެފައިވާ ބަހެއްތޯ؛

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތް، އިތުރު ފަރާތްތަކަށް ހަވާލާދީފައިވާ މިންވަރު؛

(ރ) މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ކަމެއް ފޮރުވަފާނެ ނުވަތަ ކަން އޮތްގޮތް ނޫން އެހެން ގޮތެއް ބަޔާންކޮށްފާނެ ސަބަބެއް އޮތްކަން ނުވަތަ ނޫންކަން؛

(ބ) ލޮލަށް ފެނުނު ހެކީގެ ބަސް ބަދަލުކޮށްފައިވާކަން ނުވަތަ އޭނާ ބުނި ވާހަކައަކީ ވަކި ބޭނުމަކަށް ނުވަތަ ވަކި ކަމަކާ ގުޅުވައިގެން ބުނެފައިވާ ބަހެއްތޯ ނުވަތަ ނޫންތޯ؛

(ޅ) ހެކި ހުށަހެޅުމުގައި ހިނގާފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު، އެ ހެކީގެ ހަގީގީ ބުރަދަން ބެލުމަށް ހުރަސްއެޅުމަށް ކަމެއްކޮށްފައިވާކަން ދޭހަވާފަދަ ކަމެއް އޮތްތޯ ނުވަތަ ނެތްތޯ.

 

347 ވަނަ މާއްދާ - އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ބަލައިގަނެވޭ ލިޔެކިޔުން

(ހ) ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔެކިޔުމަކީ އެ ލިޔެކިޔުމުގެ ސައްހަކަމާއި އެ ލިޔެކިޔުމުން ދޭހަވާ ކަންކަން އިތުރަށް ސާބިތުކުރުމަކާ ނުލައި ހެކީގެ ގޮތުގައި ށަރީއަތަށް ބަލައިގަނެވޭނެ ލިޔެކިޔުމެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަކި ލިޔުމަކީ ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއްކަމަށް ބެލެވޭނީ، އެ ލިޔުމެއް ނިސްބަތްވާ ވިޔަފާރިއެއް ނުވަތަ އިދާރާއެއްގެ އޮފިސަރަކު އެ ލިޔުމުގައި ސޮއިކޮށް، އެ ތަނެއްގެ ސިއްކައެއް އެ ލިޔުމުގައި ޖަހާފައިވާނަމައެވެ.

(ނ) މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ވަކި ލިޔުމަކާ ގުޅޭ ގޮތުން މި މާއްދާގެ (ހ) އަދި/ނުވަތަ (ށ) އަށް އަމަލުނުކުރެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

 

348 ވަނަ މާއްދާ - އެހެން ގައުމުތަކުގެ ގާނޫނުގެ ދަށުން ހޯދާ ހެކި

ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމެއްގެ ގާނޫނުގެ ދަށުން ހޯދާ ހެކި ކޯޓަށް ބަލައިގަންނަންވާނީ، އެ ހެއްކެއް ބަލައިގަތުމުގައި އެ ގައުމެއްގެ ކަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

349 ވަނަ މާއްދާ - ޓްރަސްޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަދީފައިވާ ކަމުގެ ހެކި

ޓްރަސްޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރުހުންދ ކަމަށް ބުނެ މީހަކު ސޮއިކޮށްފައިވާ ލިޔުމަކީ، އެ ސޮއިގެ ސައްހަކަން ތިންވަނަ ފަރާތަކުން ކަށަވަރުކޮށްދީފިނަމަ، ޓްރަސްޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރުހުންދީފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ލިޔުމެކެވެ.

 

އެއްތިރީސްވަނަ ބާބު

ހަބީރުން

 

350 ވަނަ މާއްދާ - ހަބީރުންގެ ހެކިބަހާގުޅޭ އާންމު އުސޫލުތައް

(ހ) މައްސަލައެއްގައި ހަބީރުންގެ ހެކިބަސް ނަގަންވާނީ، އެ މައްސަލައެއް ފައިސަލާކުރުމަށްޓަކައި ހަބީރުންގެ ހެކިބަސް ބޭނުންވާ ކަންކަމުގެ މައްޗަށް އެކަންޏެވެ.

(ށ) ހަބީރަކަށް ލިބިފައިވާ ފަންނީ މައުލޫމާތާއި ތަޖުރިބާގެ އަލީގައި ކޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ހަބީރެއްގެވެސް ޒިންމާއެކެވެ. އެގޮތުން، ހަބީރަކަށް އިރުށާދު ދޭ ފަރާތް ނުވަތަ އުޖޫރަ ދޭ ފަރާތުގެ މައްޗަށް އޮތް ޒިންމާއަށްވުރެ، ކޯޓަށް އޮންނަ ޒިންމާ އިސްވާންވާނެއެވެ.

 

351 ވަނަ މާއްދާ - ހަބީރުންގެ ހެކިބަސް ނެގުމުގައި ކޯޓަށް ލިބިގެންވާ ބާރުތައް

(ހ) މަދަނީ މައްސަލައެއްގެ ށަރީއަތުގައި ހެކިބަސް ނެގުމަށްޓަކައި ހަބީރަކު ހާޒިރުކުރެވޭނީ، އަދި މައްސަލައިގެ ހެކީގެ ތެރޭގައި، ހަބީރެއްގެ ރިޕޯޓު ހިމެނޭނީ ކޯޓުގެ ހުއްދައާއެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދި ހަސްމުން ހުށަހަޅާއިރު، ހަބީރުގެ ހެކިބަސް ނެގުމަށް ހިނގާނެ ހަރަދުގެ އަންދާޒާއެއް ހުށަހެޅުމާއެކު، ހަބީރުގެ ހެކި ބޭނުންވާ ދާއިރާއާއި، އެ ހެކިބަސް ނަގަނީ ކޮން ކަންތައްތަކަކާ ގުޅިގެންކަމާއި، ހަބީރުގެ ނަން ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކޯޓުން ދޭ ހުއްދައިގައި، ހެކިބަސް ނެގޭނީ ކޮން ކަންތައްތަކަކާ ގުޅިގެން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ރ) ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލޭ މައްސަލައެއްގައި، ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ ހަބީރެއްގެ ހެކި ހުށަހެޅުމުގެ ހުއްދަ ދެވޭނީ، ކަނޑައަޅާފައިވާ ވަކި ކަމަކާ ގުޅިގެން އެންމެ ހަބީރެއްގެ ހެކި ހުށަހެޅުމަށެވެ.

(ބ) މައްސަލައެއްގެ ހަސްމަކަށް، އެހެން ހަސްމެއްގެ ކިބައިން ހަބީރުންގެ ފީއާއި ހަރަދުގެ ގޮތުގައި ހޯދޭނެ އަދަދު ކޯޓަށް ގައިދުކުރެވިދާނެއެވެ.

 

352 ވަނަ މާއްދާ - ހަބީރުގެ ހެކިބަސް ލިޔުމުން އޮންނަ ރިޕޯޓެއްގައި ދިނުން ލާޒިމުވުން

ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހަބީރުންގެ ހެކިބަސް ދޭންވާނީ ލިޔުމުން އޮންނަ ރިޕޯޓެއްގެ ގޮތުގައެވެ.

(ށ) ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލައެއްނަމަ، އެ މައްސަލައެއްގައި އިންސާފު ގާއިމުކުރުމަށްޓަކައި ހަބީރު ށަރީއަތަށް ހާޒިރުކުރުމަށް ކޮންމެހެން ބޭނުންވާކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ، ހަބީރުގެ ހެކިބަސް ނެގުމަށް މައްސަލައިގެ އަޑުއެހުމަކަށް އޭނާ ހާޒިރުކުރެވިދާނެއެވެ.

 

353 ވަނަ މާއްދާ - ހަބީރުންނާ ލިޔުމުން ސުވާލުކުރުން

(ހ) މައްސަލައެއްގައި ހުށަހަޅާފައިވާ ހަބީރެއްގެ ރިޕޯޓަކާމެދު އެ ހަބީރަކާ ލިޔުމުން ސުވާލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަބީރަކާ ލިޔުމުން ސުވާލުކުރެވޭނީ އެއްފަހަރުއެވެ. އަދި އެފަދައިން ސުވާލުކުރެވޭނީ، ހަބީރުގެ ރިޕޯޓު ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ.

(ނ) ކޯޓުން އެނޫން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އަދި ހަބީރުގެ ރިޕޯޓު ހުށަހެޅި ހަސްމު އިތުރު ސުވާލެއް ކުރުމަށް އިއުތިރާޒުކުރާނަމަ، ހަބީރުގެ ރިޕޯޓާ ގުޅިގެން ސުވާލުކުރެވޭނީ ހަމައެކަނި އޭގައިވާ ކަމެއް ސާފުކުރުމަށްޓަކައެވެ.

(ރ) މި މާއްދާގެ ދަށުން ހަބީރާ ކުރާ ސުވާލުތަކަށް އޭނާ ދޭ ޖަވާބަކީ ހަބީރުގެ ރިޕޯޓުގެ ބައެއް ކަމުގައި ބެލެވޭނެއެވެ.

(ބ) ހަސްމަކު ހުށަހަޅާފައިވާ ހަބީރެއްގެ ރިޕޯޓަކާ ގުޅިގެން މި މާއްދާގެ ދަށުން އެ ހަބީރަކާ ކުރާ ސުވާލަށް އޭނާ ޖަވާބު ނުދީފިނަމަ، ހަބީރުގެ ހެކިބަހަށް ބުރަނުވެވޭނެ ކަމުގައި، ނުވަތަ ހަބީރުގެ ފީ އަނެއް ހަސްމުގެ ފަރާތުން ނަގައިނުދެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

 

354 ވަނަ މާއްދާ - ދެ ހަސްމުން އެކުގައި އެއް ހަބީރަކު ހުށަހެޅުމަށް އެންގުން

(ހ) ދޭއް ް ނުވަތަ އެއަށްވުރެ ގިނަ ހަސްމުން އެއް ކަމަކާ ގުޅިގެން ހަބީރުންގެ ހެކިބަސް ހުށަހަޅަން ބޭނުންވާނަމަ، އެ ހަސްމުންގެ ފަރާތުން ހުށަހަޅަންވާނީ އެއް ހަބީރަކު ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަންގާ އެންގުމަކާ އެއްގޮތަށް ހުށަހަޅާނެ ހަބީރަކާމެދު ހަސްމުންނަށް އެއްބަސްނުވެވޭ ނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ހަބީރަކު ހަމަޖެއްސުމަށް ނުވަތަ ހަސްމުންގެ ފަރާތުން ހުށަހަޅާ ހަބީރުންގެ ލިސްޓަކުން ކޯޓުން ވަކި ހަބީރަކު ހަމަޖެއްސުމަށް ކޯޓަށް ނިންމިދާނެއެވެ.

 

355 ވަނަ މާއްދާ - ހަބީރުންނަށް އިރުށާދު ދިނުން

(ހ) ދޭއް ް ނުވަތަ އެއަށްވުރެ ގިނަ ހަސްމުންގެ ފަރާތުން ހުށަހަޅާ ހަބީރަކަށް އެއިން ކޮންމެ ހަސްމަކަށްވެސް އިރުށާދު ދެވިދާނެއެވެ.

(ށ) ހަސްމުގެ ފަރާތުން ހަބީރަށް ލިބޭ އިރުށާދުގެ ކޮޕީއެއް، މައްސަލައިގެ އެހެން ހަސްމުންނަށް ދޭންވާނެއެވެ.

(ނ) ހަބީރުގެ ފީއާއި ހަރަދުތައް ދޭނެގޮތާއި، ހަބީރު ކުރިއަށްގެންދަން ބޭނުންވާ ތަހުލީލުތަކާއި ހޯދުންތަކާ ގުޅޭ ގޮތުން ކޯޓަށް ގޮތެއް ކަނޑައަޅައި އެންގިދާނެއެވެ.

 

356 ވަނަ މާއްދާ - މައުލޫމާތު ދިނުމަށް ހަސްމުންނަށް އެންގުމުގެ ބާރު

ހަސްމެއްގެ ކިބައިގައިވާ މައުލޫމާތަކީ އެކަށީގެންވާ ގޮތެއްގައި އަނެއް ހަސްމަށް ލިބެން ނެތް މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތުގެ ރެކޯޑެއް ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ.

 

357 ވަނަ މާއްދާ - ހަބީރުގެ ރިޕޯޓުގައި ހިމަނަންޖެހޭ ބައިތައް

(ހ) ހަބީރެއްގެ ރިޕޯޓުގެ ނިންމުމުގައި، ކޯޓުގެ މައްޗަށް ހަބީރަށް އޮތް ޒިންމާތައް އެނގޭ ކަމާއި، އެ ޒިންމާތަކާ އެއްގޮތަށް އަމަލުކުރިކަން އަންގައިދޭ ބަޔާނެއް ހިމަނައި، ރިޕޯޓު އެމައްޗަށް ބިނާކޮށްފައިވާ އިރުށާދުތައް ބަޔާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ރިޕޯޓު އެ މައްޗަށް ބިނާކޮށްފައިވާ އިރުށާދުތައް ފުރިހަމައަށް ބަޔާންކޮށްފައިނުވާކަމަށް ކޯޓަށް ގަބޫލުކުރެވޭ ހާލަތުގައި ފިޔަވައި، އެ އިރުށާދުތަކާގުޅޭ ވަކި ލިޔުމެއް ހުށަހެޅުމަށް އަންގައިގެންނުވާނެއެވެ. އަދި ހަބީރަށް އިރުށާދު ދީފައިވާ ހަސްމު ފިޔަވައި އެހެން ހަސްމެއްގެ ފަރާތުން ހަބީރާ ސުވާލުކުރުމުގެ ހުއްދަ ކޯޓުން ދީގެންނުވާނެއެވެ.

 

358 ވަނަ މާއްދާ - ހަސްމަކު ހުށަހަޅާ ހަބީރުގެ ރިޕޯޓު އެހެން ހަސްމަކު ބޭނުންކުރުން

ހަސްމަކު ހަބީރެއްގެ ރިޕޯޓު ހުށަހަޅައިފިނަމަ، އެހެން ކޮންމެ ހަސްމަކަށްވެސް އެ ހަބީރުގެ ރިޕޯޓު ށަރީއަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

 

359 ވަނަ މާއްދާ - ހަބީރުންގެ މެދުގައި މަށްވަރާކުރުން

(ހ) ހަބީރުގެ ހެކިބަސް ހުށަހަޅާ ކަންކަމާ ގުޅޭ ގޮތުން މަށްވަރާކުރުމަށާއި، އެކަންކަމުގައި އެއްބަސްވެވޭ ރައުޔެއް ނެރުމުގެ ބޭނުމުގައި ހަބީރުންގެ މެދުގައި މަށްވަރާކުރުމަށް ކޯޓަށް އެންގިދާނެއެވެ.

(ށ) ހަބީރުން މަށްވަރާކުރަންވީ ކޮން ކަންކަމަކާ މެދުގައިކަން ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި މަށްވަރާއަށްފަހު ހަބީރުންނަށް އެއްބަސްވެވުނު ކަންކަމާއި އެއްބަސްނުވެވުނު ކަންކަމަކީ ކޮބައިކަމާއި ހުލާސާގޮތެއްގައި އެކަމުގެ ސަބަބު ބަޔާންކޮށް، ކޯޓަށް ބަޔާނެއް ހުށަހެޅުމަށް ހަބީރުންނަށް އެންގިދާނެއެވެ.

(ނ) ހަސްމުން އެއްބަސްނުވާނަމަ، ހަބީރުންގެ މެދުގައި ކުރެވުނު މަށްވަރާގެ ބައިތަކަށް ށަރީއަތުން ރިއާޔަތްކޮށްގެން ނުވާނެއެވެ.

(ރ) ހަބީރުންގެ މަށްވަރާއަށްފަހު އެމީހުން ވަކި ކަމަކާމެދު އެއްބަސްވުމަކަށް އައިނަމަވެސް، ހަބީރުން އެއްބަސްވާ ކަންކަމަކީ ހަސްމުންގެ މެދުގައި ވަނދެވޭނެ ކަންކަންކަމުގައި ހަސްމުން ދުރާލާ އެއްބަސްވެފައިވާ ހާލަތުގައި މެނުވީ، އެކަންކަން ހަސްމުންގެ މައްޗަށް ލާޒިމުވެގެނެއްނުވެއެވެ.

 

360 ވަނަ މާއްދާ - ހަބީރުގެ ރިޕޯޓު ހާމަނުކުރުމުގެ ނަތީޖާ

ހަބީރެއްގެ ރިޕޯޓު ހެކީގެ ގޮތުގައި ހާމަކޮށްފައި ނުވަނީ، ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައިވާނަމަ، ށަރީއަތުގައި އެ ރިޕޯޓު ބޭނުމެއް ނުކުރެވޭނެއެވެ. އަދި ށަފަހީ ހެކި ދިނުމަށް ހަބީރު ހާޒިރެއްވެސް ނުކުރެވޭނެއެވެ.

 

361 ވަނަ މާއްދާ - ހަބީރުން ކޯޓުގެ އިރުށާދު ހޯދުން

ހަބީރުން، އެމީހުންގެ ޒިންމާ އަދާކުރުމުގައި އެހީތެރިކަން ހޯދުމަށްޓަކައި، އެފަރާތްތަކަށް އިރުށާދު ދިނުމަށް އެދި ލިޔުމުން ކޯޓަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން ހަބީރަކު ކޯޓުގައި އެދޭ ހާލަތުގައި، އެކަމުގެ ނޯޓިސް، އެ ހަބީރަށް އިރުށާދުދޭ ހަސްމަށާއި އެހެން ހަސްމުންނަށް ދޭންވާނެއެވެ.

 

ފަސްވަނަ ބައި

ހުކުމް ތަންފީޒުކުރުން 

 

ބައްތިރީސްވަނަ ބާބު

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުކުމް ތަންފީޒުކުރުން

 

އެއްވަނަ ބައި - ހުކުމް ތަންފީޒުކުރުމާގުޅޭ އާންމު އުސޫލު

362 ވަނަ މާއްދާ - އާންމު އުސޫލު

(ހ) މަދަނީ މައްސަލައެއްގައި ކުރާ ހުކުމްތަކުގެ ތެރެއިން، ތަންފީޒީ ބާރު ހިނގާ ކޮންމެ ހުކުމެއް ތަންފީޒުކުރަންވާނީ، ހުކުމް ތަންފީޒުކުރުމަށް އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތުގެ އަމިއްލަ އިހްތިޔާރުގައި، ފައިސާ ދައްކައިގެން ނުވަތަ މުދަލެއް ހަވާލުކޮށްގެން ނުވަތަ އެ ހުކުމުގައި ތަންފީޒުކުރުމަށް އަމުރުކޮށްފައިވާ އެނޫން އެހެން ކަމެއްކޮށްގެންނެވެ.

(ށ) ތަންފީޒީ ބާރު ހިނގާ ހުކުމެއް، އެ ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތުގެ އަމިއްލަ އިހްތިޔާރުގައި ތަންފީޒުކުރުމަށް އޭނާ ދެކޮޅުހަދާ ހާލަތުގައި، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ހުކުމް ތަންފީޒުކުރުމަށް އަމުރުކުރުމަށް ކޯޓަށް ލާޒިމުވެގެންވެއެވެ.

(ނ) މި ބާބުގެ ބޭނުމަށްޓަކައި "ހުކުމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ، ތަންފީޒީ ބާރު ލިބިގެންވާ ހުކުމެއް ނުވަތަ އަމުރެއް ނުވަތަ އެނޫންވެސް ނިންމުމަކަށެވެ.

 

363 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބަލާ ކޯޓުތައް

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަންނަނިވި ކޯޓުތަކުން ކުރާ އަންނަނިވި ބާވަތުގެ ހުކުމްތައް ތަންފީޒުކުރުމުގެ މައްސަލަތައް ބަލާނީ، ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުމާބެހޭ ޑިވިޒަނުންނެވެ.

  1. ސިވިލް ކޯޓުން ކުރާ އެންމެހައި ހުކުމްތައް؛ 
  2. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ އެންމެހައި ނިންމުންތައް؛ 
  3. ސުޕްރީމް ކޯޓާއި ހައިކޯޓުން ކުރާ މަދަނީ ހުކުމްތައް ނުވަތަ އެއިން ކޯޓަކުން ކުރާ ހުކުމެއްގައި ހިމެނޭ މަދަނީ ބައިތައް؛
  4. ކްރިމިނަލް ކޯޓުން ކުރާ ހުކުމެއްގައި ހިމެނޭ މަދަނީ ބައިތައް.

(ށ) ފެމިލީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކުރާނީ، އެ ކޯޓުގެ ކަމާބެހޭ ޑިވިޒަނުންނެވެ.

(ނ) މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރާނީ، އެ ކޯޓެއްގެ ކަމާބެހޭ ޑިވިޒަނުން، ނުވަތަ އެފަދަ ޑިވިޒަނެއް ގާއިމުވެފައިނުވާ ކޯޓެއްގައިނަމަ، އެ ހުކުމެއް ކުރި ކޯޓަކުންނެވެ.

(ރ) މި ބާބުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ބާބުގެ ބޭނުމަށްޓަކައި، "ކޯޓު" ކަމަށް ބުނެފައި އެވަނީ، ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއް ކަމަށް މި މާއްދާގައި ބަޔާންކުރާ ކޮންމެ ކޯޓަކަށެވެ.

 

364 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުން ފަސްކުރުން

ދަށު ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނުވަތަ ހައިކޯޓުން ކޮށްފައިވާ ހުކުމެއް ނުވަތަ ހުކުމެއްގެ ބައެއް ތަންފީޒުކުރުން ފަސްކުރެވޭނީ، އެ ހުކުމް ނުވަތަ ހުކުމުގެ ބައެއް ތަންފީޒުކުރުން ފަސްކުރުމަށް މަތީ މަރުހަލާގެ ކޯޓަކުން އަމުރުކޮށްފި ހިނދެއްގައި އެކަންޏެވެ.

 

365 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ މައްޗަށް ސުލްހަކުރުމުގެ އިޖުރާއަތު ނުހިނގުން

ހަސްމުންގެ މެދުގައި މައްސަލަ ހައްލުކުރުމަށް ކޯޓެއްގައި ގާއިމުކޮށްފައިވާ ނިޒާމަކަށް އެއްވެސް ހާލަތެއްގައި ހުކުމް ތަންފީޒުޒުކުރުމުގެ މައްސަލައެއް ހުށައެއްނޭޅުނެއެވެ.

 

ދެވަނަ ބައި - ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުން

 

366 ވަނަ މާއްދާ - މި ބައި ހިނގާނެ ދާއިރާ

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ބައިގައި ބަޔާންކުރާ އުސޫލުތައް ހިނގާނީ، ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުންނެވެ.

 

367 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ އިޖުރާއަތު ފެށުން

(ހ) ހުކުމް ތަންފީޒުކުރުމަށް އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަރަނިވެރިޔާގެ އަމިއްލަ އިހްތިޔާރުގައި ފުރިހަމައަށް ހުކުމް ތަންފީޒުކޮށްފައިނުވާނަމަ، ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އަރަނިވެރިޔާގެ ފަރާތުން ކޯޓަށް ހުށަހަޅައިފިނަމަ، މި ބާބުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ކޯޓުން ކުރިއަށްގެންދަންވާނެއެވެ.

(ށ) ކޯޓުން ހުކުމް ތަންފީޒުކޮށްދިނުމަށް އަރަނިވެރިޔާ ބޭނުންވާނަމަ، އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް ކޯޓަށް ހުށަހަޅަންވާނެއެވެ. އެފަދައިން ހުށަހަޅާ ހުށަހެޅުމާއެކު، ތަންފީޒުކުރަން އެދޭ ހުކުމުގެ ކޮޕީއަކާއި، ދަރަނިވެރިޔާގެ މުދާ ހުރި ތަނުގެ މައުލޫމާތާއި، އެނޫންވެސް ހުކުމް ތަންފީޒުކުރުމަށް އެހީއަކަށްވާނެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުކުމް ތަންފީޒުކޮށްދިނުމަށް އެދި އަރަނިވެރިޔާ ހުށަހެޅުމުން، އަންނަނިވި މައުލޫމާތު ހިމެނޭ ގޮތުގެމަތިން، ހުކުމް ތަންފީޒުކުރުމުގެ ނޯޓިހެއް ކޯޓުން ދަރަނިވެރިޔާއަށް ފޮނުވަންވާނެއެވެ. އެގޮތުން ދޭ ނޯޓިހުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ހުކުމުގެ ތާރީހު؛ 
  2. އަރަނިވެރިޔާއާއި ދަރަނިވެރިޔާގެ ނަމާއި، އެފަރާތްތަކަށް ގުޅޭނެ ގޮތުގެ މައުލޫމާތު؛
  3. ކޯޓަށް ގުޅޭނެ މައުލޫމާތު؛ 
  4. ހުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ އަދަދު؛ 
  5. ހުކުމުގެ ބައެއް ތަންފީޒުވެފައިވާނަމަ އެކަން؛ 
  6. ތަންފީޒުކުރުމަށް އަޅަން ބޭނުންވާ ފިޔަވަޅުތައް.

 

368 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކާއި އިލްތިޒާމުތައް

(ހ) މި ގާނޫނުގެ 367 ވަނަ މާއްދާގެ (ނ) ގެ ދަށުން ދޭ ހުކުމް ތަންފީޒުކުރުމުގެ ނޯޓިސް، ދަރަނިވެރިޔާއަށް ލިބުމުން، ހެޔޮ ނިޔަތުގައި ހުކުމް ތަންފީޒުކުރުމަށް އެއްބާރުލުންދޭންވާނެއެވެ. އަދި ހުކުމް ތަންފީޒުކުރުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް އެފަރާތްތަކުން ކޮށްގެންނުވާނެއެވެ.

(ށ) ދަރަނިވެރިޔާ ދިރިއުޅޭ ނުވަތަ މަސައްކަތްކުރާ ތަނަކަށް ގުޅޭނެ މައުލޫމާތު ކޯޓަށް ފޯރުކޮށްދިނުމަށް، އާންމު ފަރުދަކަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ކޯޓުން އަމުރުކުރެވިދާނެއެވެ. ސިއްރު ހިފެހެއްޓުމާއި މައުލޫމާތު ހާމަނުކުރުމާ ގުޅޭ ގޮތުން އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ ދަށުން ކޯޓުން ކުރާ އަމުރު، އެ އަމުރު ރައްދުވާ ފަރާތުން ތަންފީޒުކުރަން ލާޒިމުވާނެއެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ އަމުރުގައި ހާމަކުރުމަށް އަންގާފައިވާ މައުލޫމާތަކީ ގާނޫނީ އިމްތިޔާޒު ލިބިގެންވާ މައުލޫމާތެއްނަމަ، އެ މައުލޫމާތެއް ހާމަކުރުން ލާޒިމުވެގެންނުވެއެވެ.

(ރ) ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ކޯޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން ކޯޓުގެ ކަމާބެހޭ މުވައްޒަފަކު ކުރަންޖެހޭ ކަންކަން ކުރުމުގައި އެ މުވައްޒަފު ގަސްދުގައި ނުވަތަ ފާޅުކަންބޮޑު ގޮތެއްގައި ގޯހެއް ހަދާފައިނުވާނަމަ، އެ ކަންކަމަށް އެ މުވައްޒަފަކު ޒިންމާވާކަށް ނުޖެހޭނެއެވެ.

(ބ) ހުކުމް ތަންފީޒުކުރުމުގެ ގޮތުން ވަކި ތަނެއްގައި ހުރި މީހެއް ނުވަތަ މުދަލެއް އެތަނަކުން ނެރުމުގެ ބޭނުމުގައި ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ ބޭނުމުގައި ނުވަތަ ވަކި ތަނެއްގައި ހުރި މީހަކު އެތަނަކުން ނެރުމަށް އެތަނަކަށް ވަނުމަށްޓަކައި ބާރުގެ ބޭނުންކުރަންޖެހިއްޖެނަމަ، ކޯޓުގެ ކަމާބެހޭ މުވައްޒަފު އެތަނަކަށް ވަނުމުގެ ކުރިން ފުލުހުންގެ އެހީތެރިކަމަށް އެދެންވާނެއެވެ. އަދި ހުކުމް ތަންފީޒުކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަންގާ އެންގުންތަކާ އެއްގޮތަށް ފުލުހުން އަމަލުކުރަންވާނެއެވެ.

(ޅ) ހުކުމް ތަންފީޒުކުރަންޖެހޭނީ ކޯޓުގެ އިހްތިސާސް ހިނގާ ސަރަހައްދުން ބޭރުގައިނަމަ، ހުކުމް ތަންފީޒުކުރުމުގެގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ސަރަހައްދެއްގެ ސަރަހައްދީ އިހްތިސާސް ލިބިފައިވާ ކޯޓަކާ ހަވާލުކުރެވިދާނެއެވެ.

 

369 ވަނަ މާއްދާ - ހުކުމް ކުރުމަށްފަހުގައި ދަރަނިވެރިޔާގެ މާލީ ހާލަތު ބެލުން

(ހ) ހުކުމުގެ ތަންފީޒީ ބާރު ހިނގަން ފެށުމުން، ދަރަނިވެރިޔާގެ އާމްދަނީއާއި، އިލްތިޒާމުތަކާއި، ދަރަންޏާއި، އަރަންޏާއި، އެ ހުކުމް ނިސްބަތްވާ ދަރަނިވެރިޔާގެ މުދަލާއި، ހުކުމް ކުރުމުގެ ކުރިން ނުވަތަ ފަހުން ދަރަނިވެރިޔާ ހޯދާފައިވާ އެނޫންވެސް މުދަލަކާގުޅޭ ގޮތުން ދަރަނިވެރިޔާގެ މާލީ ހާލަތު ހުރިނެތްގޮތް ކޯޓުން ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ދަރަނިވެރިޔާގެ މާލީ ހާލަތު ބަލާ ބެލުމުގައި، ހެކީގެ ގޮތުގައި ވަކި ލިޔެކިޔުމެއް ހުށަހެޅުމަށް ދަރަނިވެރިޔާގެ މައްޗަށް ލާޒިމުކުރެވިދާނެއެވެ.

(ނ) ދަރަނިވެރިޔާގެ މާލީ ހާލަތު ބެލުމަށްޓަކައި، އޭނާގެ މުދަލަކާ ބެހޭ ގޮތުން މައުލޫމާތު ދެވޭނެފަދަ މަގާމެއްގައި ހުރި އެހެން ފަރާތަކާވެސް ކޯޓުން ސުވާލުކުރެވިދާނެއެވެ.

(ރ) ދަރަނިވެރިޔާގެ މާލީ ހާލަތު ބެލުމަށްޓަކައި އޭނާގެ ކިބައިން ނުވަތަ އެހެން ފަރާތެއްގެ ކިބައިން މައުލޫމާތު ހޯދުމަށް ކޯޓުން ބޭނުންވާނަމަ، އެކަމަށް ހާޒިރުވާންޖެހޭ ތަނާއި ވަގުތާއި، އެކަމަށް ބޭނުންވާ ލިޔެކިޔުމާއި އެނޫންވެސް ކަމާބެހޭ މައުލޫމާތުތައް ހިމެނޭ ނޯޓިހެއް އެފަރާތަކަށް ކޯޓުން ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ދެވޭ ނޯޓިހާ އެއްގޮތަށް އެ ނޯޓިސް ރައްދުވާ ފަރާތުން ހާޒިރުނުވުމަކީ ނުވަތަ ހާޒިރުވެ ގަސްދުގައި ކޯޓަށް ދޮގު މައުލޫމާތު ދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމުގައި ބެލެވޭނެއެވެ.

 

370 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާލަންޖެހިދާނެ ހާލަތްތައް

(ހ) މި ގާނޫނުގެ 367 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ފަށާފައިވަނިކޮށް ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓުން ކުރިއަށްގެންދިޔުން މަޑުޖައްސާލަންވާނީ ނުވަތަ ހުއްޓާލަންވާނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެގެންނެވެ.

  1. އަރަނިވެރިޔާ ނުވަތަ ދަރަނިވެރިޔާ މަރުވުމާ ގުޅިގެން އެފަރާތްތަކުގެ ވާރިސުން ސާބިތުކުރެވިފައިނުވުން؛
  2. ދަރަނި ދައްކައި ހަލާސްކޮށްފިކަމަށް ނުވަތަ ހުކުމް ތަންފީޒުކޮށްފިކަމަށް އަރަނިވެރިޔާގެ ވާރިސުންގެ ފަރާތުން ކޯޓަށް އެންގުން؛
  3. ދަރަނި ދައްކައި ހަލާސްކޮށްފިކަމުގެ ނުވަތަ ހުކުމް ތަންފީޒުކޮށްފިކަމުގެ ހެކި ދަރަނިވެރިޔާގެ ވާރިސުން ކޯޓަށް ހުށަހެޅުން؛ ނުވަތަ
  4. ދަރަނިވެރިޔާގެ ވާރިސުން ބަލައިގަތުމަށް އަރަނިވެރިޔާ ދެކޮޅުހެދުން.

(ށ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާއަކީ ގާނޫނީ ށަހްސަކަށްވެފައި، މި ގާނޫނުގެ 367 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ފަށާފައިވަނިކޮށް އެއިން ފަރާތެއްގެ ވިޔަފާރި ތިންވަނަ ފަރާތަކަށް ބަދަލުކޮށް، އެފަރާތުގެ ގާނޫނީ ހައިސިއްޔަތު އުވާލައިފި ހާލަތެއްގައި، ދަރަނި ދައްކައި ހަލާސްކޮށްފިކަމަށް ނުވަތަ ހުކުމް ތަންފީޒުކޮށްފިކަމަށް އެފަރާތުގެ ވިޔަފާރި ބަދަލުވި ފަރާތުން ކޯޓަށް އަންގައިފި ހާލަތެއްގައި މެނުވީ، ނުވަތަ ދަރަނި ދައްކައި ހަލާސްކޮށްފިކަމުގެ ނުވަތަ ހުކުމް ތަންފީޒުކޮށްފިކަމުގެ ހެކި، ވިޔަފާރި ބަދަލުވި ފަރާތުން ކޯޓަށް ހުށަހަޅައިފި ހާލަތެއްގައި މެނުވީ، ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓުން ކުރިއަށްގެންދަންވާނެއެވެ.

 

371 ވަނަ މާއްދާ - ހިފެހެއްޓުމުން އިސްތިސްނާވެގެންވާ މުދާ

(ހ) ހުކުމް ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި އަންނަނިވި މުދާ ކޯޓުން ހިފަހައްޓައިގެން ނުވާނެއެވެ

  1. ދަރަނިވެރިޔާއާއި އޭނާ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ބަލަހައްޓަންޖެހޭ ފަރާތްތައް ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ ޒަރޫރީ ތަކެތީގެ ތެރެއިން، އެތަކެތީގެ ބާޒާރުގެ އަގު 20،000 (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ތަކެތި؛
  2. ދަރަނިވެރިޔާ ނުވަތަ އޭނާ ބަލަހައްޓަންޖެހޭ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ނުވަތަ ބައްޔަކަށް ކުރަންޖެހޭ ބޭސްފަރުވާ ކުރުމަށްޓަކައި ބޭނުންކުރާ ތަކެތި؛
  3. ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ހުކުމަކާ ގުޅިގެން، ނުވަތަ ދިވެހިރާއްޖޭގެ ކޯޓަކުން ތަންފީޒުކޮށްފައިވާ ހުކުމަކާ ނުވަތަ އެއްބަސްވުމަކާ ގުޅިގެން، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ނަގައިދެވޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިފައިވާ އެންމެހައި ފައިސާ؛
  4. ދަރަނިވެރިޔާ އާންމު ގޮތެއްގައި ދިރިއުޅޭ ތަނުގައި ހުރި ހިފައިގެންގުޅޭ ތަކެތީގެ ތެރެއިން، ދަރަނިވެރިޔާއާއި އޭނާގެ އާއިލާގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތީގެ ތެރެއިން އެތަކެތީގެ ބާޒާރުގެ އަގު 10،000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ތަކެއްޗާއި، އެތަކެތީގެ އަގު ދެނެގަނެވިފައިނުވާނަމަ ދަރަނިވެރިޔާގެ އަތުގައި ބެހެއްޓުމަށް އޭނާ ބޭނުންވާ އޭނާގެ އަމިއްލަ ތަކެތި؛ ދަރަނިވެރިޔާ އާންމު ގޮތެއްގައި ދިރިއުޅޭ ތަނުގައި ހުރި ހިފައިގެންގުޅޭ ތަކެއްޗަކީ އޭނާގެ މުދާކަމުގައި ބެލެވޭނެއެވެ.
  5. އެހެން ގާނޫނަކުން ހިފެހެއްޓުން އިސްތިސްނާކުރެވިފައިވާ ކޮންމެ މުދަލެއް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާކުރެވިފައިވާ މުދަލެއްގެ މައްޗަށް އޮތް ހައްގެއް ދޫކޮށްލަން އެއްބަސްވެފައިވާ އެއްބަސްވުމަކީ ބާތިލު އެއްޗެކެވެ.

(ނ) ދަރަނިވެރިޔާއާއި އޭނާ ބަލަހައްޓަންޖެހޭ އާއިލާގެ މެންބަރުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު އުނިކުރުމަށްފަހު، ދަރަނިވެރިޔާގެ އާމްދަނީން ބާކީ ހުންނަ ފައިސާއެއް ކޯޓަށް ހިފެހެއްޓިދާނެއެވެ.

(ރ) ދަރަނިވެރިޔާގެ ރަސްމީ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަކީ އޭނާ މަސައްކަތް ކުރަމުންދާހާ ހިނދަކު، އަދި އެ މަސައްކަތުން ލިބޭ އާމްދަނީން ދަރަނި ދައްކާ ހަލާސްކުރެވިދާނެކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، ނުވަތަ އެ އާމްދަނީން ދަރަނީގެ ޖުމްލަ އަދަދުގެ ތެރެއިން ކޯޓުން ކަނޑައަޅާ މިންވަރެއް އަރަނިވެރިޔާއަށް ދެއްކޭނެނަމަ، އެ ތަކެތި ހިފެހެއްޓުމުން އިސްތިސްނާކުރެވިދާނެ ތަކެއްޗެވެ.

(ބ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާގެ އެދުމުގެ މަތިން، މި މާއްދާގެ ދަށުން ކޯޓުން ނިންމާ ނިންމުން މުރާޖައާކުރެވިދާނެއެވެ. އެގޮތުން ކޯޓުގެ ނިންމުން ނިންމާތާ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ނިންމުމެއް މުރާޖައާކުރުމަށް އެދި ހުށަހަޅަންވާނެއެވެ.

 

372 ވަނަ މާއްދާ - މުދާ ހިފެހެއްޓުމުގެ އުސޫލުތައް

(ހ) ހުކުމަކާ ގުޅިގެން އަރަނިވެރިޔާގެ ފަރާތުން ބޭނުންވެއްޖެނަމަ ހުކުމް ތަންފީޒުކުރުމުގެ ތަފާތު ފިޔަވަޅުތައް އެއް ވަގުތެއްގައި އަޅައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.

(ށ) ދަރަނިވެރިޔާގެ އުފުލޭ ނުވަތަ ނުއުފުލޭ މުދަލުގެ ތެރެއިން ދަރަނިވެރިޔާގެ ނުވަތަ ތިންވަނަ ފަރާތެއްގެ ހިޔާޒަތުގެ ދަށުގައި ހުރި ކޮންމެ މުދަލެއް ހިފެހެއްޓުމަށް އަރަނިވެރިޔާއަށް ކޯޓުގައި އެދެވިދާނެއެވެ.

(ނ) ދަރަނިވެރިޔާގެ މުދާ ހިފެހެއްޓުމުގެ ބޭނުމަކީ އެ މުދަލެއް ކޯޓުގެ ބެލުމުގެ ދަށަށް ގެނައުމާއެކު އެ މުދާ ވިއްކައިގެން ދަރަނި ހަލާސްކުރުމެވެ.

(ރ) އުފުލޭ މުދާ ހިފަހައްޓާނީ އެ މުދަލެއް ހުރި ތަނަކުން، ކޯޓުންނެވެ.

(ބ) އާމްދަނީ ނުވަތަ އުޖޫރަ ހިފަހައްޓާނީ، އެ އާމްދަނީ ނުވަތަ އުޖޫރަ ދަރަނިވެރިޔާއަށް އަދާކުރަންޖެހޭ ތިންވަނަ ފަރާތުގެ ކިބައިން، އެފަރާތަށް ހުކުމް ތަންފީޒުކުރުމުގެ ނޯޓިސް ފޮނުވައިގެންނެވެ.

(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، މޭވާއާއި ތަރުކާރީފަދަ ކާނާގެ ބާވަތްތަކަކީ އެތަކެތި ފޯދިފައިވާ ބިމުން ވަކިނުކުރިކަމުގައިވީނަމަވެސް، އުފުލޭ މުދާކަމުގައި ބެލެވޭނެއެވެ.

 

373 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގައި މުދަލާމެދު އަމަލުކުރާނެ ގޮތް

(ހ) އާންމު އުސޫލުން މުދާ ހިފަހައްޓަންވާނީ ރަސްމީ ބަންދުނޫން ދުވަހެއްގެ ރަސްމީ ގަޑީގައި، ދަރަނިވެރިޔާއަށް ނުވަތަ ގާނިށީއަކަށް ތަންފީޒުކުރުމުގެ ނޯޓިސް ރައްދުކުރުމަށްފަހުގައެވެ.

(ށ) ހިފަހައްޓަން ބޭނުންވާ މުދަލުގެ ނާޖާއިޒު ބޭނުން ކުރަމުންދާނަމަ ނުވަތަ އެ މުދާ ވިއްކާލުމުގެ އިހްތިމާލު އޮތްނަމަ ނުވަތަ ވީރާނާވާން ދޫކޮށްލައިފިނަމަ، މި މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ވަގުތުތައް ނޫން ވަގުތުތަކުގައިވެސް ކޯޓަށް މުދާ ހިފެހެއްޓިދާނެއެވެ.

(ނ) އުފުލޭ މުދާ ހިފެހެއްޓުމުގެ މަސައްކަތް ފެށުމަށްފަހު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން އެ މަސައްކަތް ނުނިމިއްޖެނަމަ، މައްސަލައިގެ ހަސްމުންގެ މަސްލަހަތުގައި އެންމެ ރަނގަޅުގޮތަކީ އެ މަސައްކަތް ކުރިއަށްގެންދިޔުންކަމަށް ކޯޓަށް ފެނިއްޖެ ހާލަތެއްގައި އެ މަސައްކަތް ކުރިއަށްގެންދެވިދާނެއެވެ. އެނޫން ހާލަތެއްގައި، އެ މަސައްކަތް ވިދިގެން އަންނަ ސަރުކާރު ބަންދު ނޫން ދުވަހެއްގައި ކުރިއަށްގެންދިޔުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްފަހު، އެ މަސައްކަތް ހުއްޓާލަންވާނެއެވެ.

 

374 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގައި މުދަލާމެދު އަމަލުކުރި ގޮތުގެ ޔައުމިއްޔާ

(ހ) މުދާ ހިފެހެއްޓުމުގެ ކަންކަން ކުރިއަށްދިޔަގޮތުގެ ޔައުމިއްޔާއެއް ކޯޓުން ތައްޔާރުކޮށް، އަންނަނިވި ކަންކަން އެ ޔައުމިއްޔާގައި ކޯޓުން ރެކޯޑުކުރަންވާނެއެވެ.

  1. ދަރަނިވެރިޔާގެ ނަން؛ 
  2. މުދާ ހިފެހެއްޓުނު ވަގުތު ދަރަނިވެރިޔާ ހާޒިވުރެ ހުރިކަން ނުވަތަ ނޫންކަން؛
  3. ހިފެހެއްޓުނު މުދަލުގެ މިލްކުވެރިކަމާގުޅޭ މައުލޫމާތު؛ 
  4. ހުކުމް ތަންފީޒުކުރުމުގެ ނޯޓިހުގެ ތާރީހު؛ 
  5. އަރަނިވެރިޔާގެ ނަން؛ 
  6. މުދާ ހިފެހެއްޓުނު ތާރީހާއި، ވަގުތާއި، ހިފެހެއްޓުނު ގޮތް؛ 
  7. މުދަލުގެ ބެލެނިވެރި ފަރާތުގެ ނަމާއި، އަދި ކޯޓުން އެކަމަށް ހުއްދަ ދީފައިވާނަމަ އެ ހުއްދައަށް ހަވާލާދީފައި އޮތް އޮތުން.

(ށ) އުފުލޭ މުދާ ހިފަހައްޓާ ހާލަތުގައި، ހިފެހެއްޓ މުދަލުގެ އަގުން ހުކުމް ތަންފީޒުކުރުމަށް ދާ ހަރަދު އުނިކުރުމަށްފަހު ބާކީވާ އަދަދަކީ އަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާގެ އަދަދަށްވުރެ ކުޑަ އަދަދެއްނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ދަރަ ނިވެރިޔާގެ އުފުލޭ މުދަލުގެ ތެރެއިން ހިފަހައްޓާފައިނުވާ މުދަލުގެ ބާޒާރުގެ އަގު އެ ޔައުމިއްޔާގައި ރެކޯޑުކުރަންވާނެއެވެ.

(ނ) ދަރަނިވެރިޔާއަށާއި އަރަނިވެރިޔާއަށް، އަދި ހިފެހެއްޓުނު މުދަލުގެ މައްޗަށް ހައްގެއް އޮތް ކޮންމެ އަރަނިވެރިޔަކަށާއި މުދާ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ތިންވަނަ ފަރާތްތަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާ ކޯޓުން ފޮނުވަންވާނެއެވެ.

 

375 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގައި ދަރަނިވެރިޔާ އަމިއްލައަށް މުދާ ވިއްކާލުން

(ހ) ހިފެހެއްޓިފައިވާ މުދަލަކީ ރަހުނުކޮށްފައިވާ މުދަލަކަށް ނުވާނަމަ، އެއްބަސްވުމެއްގެ ދަށުން އެ މުދަލެއް ވިއްކާލުމަށްޓަކައި، މުދާ ހިފެހެއްޓުނު ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަސް ދަރަނިވެރިޔާއަށް ލިބިގެންވެއެވެ. އެ މުއްދަތުގައި ދަރަނިވެރިޔާ އެ މުދާ ވިއްކާފައިނުވާނަމަ، ނުވަތަ އެ ހައްގު ދޫކޮށްލައިފިނަމަ، ކޯޓުން އެ މުދާ ވިއްކާލެވިދާނެއެވެ.

(ށ) ހިފެހެއްޓިފައިވާ މުދަލެއް ދަރަނިވެރިޔާއަށް ވިއްކާލެވޭނީ، މުދާ ވިއްކާ އަގަކީ ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގެއް ކަމުގައި ކޯޓަށް ގަބޫލުކުރެވޭ އަގެއްގައި، ކޯޓުގެ ހުއްދައާއެކުގައެވެ.

(ނ) މުދާ ވިއްކާ އަގަކީ ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގެއް ކަމުގައި ކޯޓަށް ގަބޫލުކުރެވޭ ނަމަ، މުދާ ވިއްކާލުމުގެ ނޯޓިސް ހުކުމް ތަންފީޒުކުރަން އެދޭ އަަރަނިވެރިޔާއަށާއި، ހިފެހެއްޓިފައިވާ މުދަލުގެ މައްޗަށް ހައްގެއް އޮތް ކޮންމެ އަރަނިވެރިޔަކަށާއި ގާނިށީއަކަށް ފޮނުވަންވާނެއެވެ. އަދި އެ އަގުގައި އެ މުދާ ވިއްކުމަށް އިއުތިރާޒުކުރުމަށް އެފަރާތްތަކަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ކޯޓުން ދޭންވާނެއެވެ. އެގޮތުން ދެވޭ މުއްދަތުގައި އެ އަގާމެދު އެއްވެސް ފަރާތަކުން އިއުތިރާޒުކޮށްފައިނުވާނަމަ، އެ މުއްދަތު ހަމަވާ ތާރީހުގައި މުދާ ވިއްކާލެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މުދާ ވިއްކާލުމަށްފަހު މުދަލުގެ އަގުގެ ގޮތުގައި ލިބުނު ފައިސާ، އެ މުއާމަލާތް ނިމޭ ތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކޯޓާ ހަވާލުކުރަންވާނެއެވެ.

(ބ) މުދާ ވިއްކާލުމުގެ ކުރިން، ހުކުމް ތަންފީޒުކުރުމަށް ހިނގާފައިވާ ހަރަދާއެކު، ހުކުމުގައި ދެއްކުމަށް އަންގާފައިވާ ފައިސާ އެއްކޮށް ދައްކައި ހަލާސްކުރުމަށްފަހު، އެ މުދަލެއް ހިފަހައްޓާފައި އޮތް އޮތުން ބާތިލުކުރުމަށް އެދެވިދާނެއެވެ.

(ޅ) ދަރަނިވެރިޔާގެ ވަކި މުދަލެއް ހިފެހެއްޓުމުގެ ސަބަބުން ދަރަނިވެރިޔާއަށް ގެއްލުންވާނަމަ، ކޯޓުގެ ހުއްދައާއެކު، އެފަދައިން ހިފެހެއްޓިފައިވާ މުދާ،ރަހުނުކޮށްފައިނުވާ މުދަލަކާ ބަދަލުކުރެވިދާނެއެވެ. އެގޮތުން ބަދަލުކުރެވޭ މުދަލަކީ އެ ވިއްކައިގެން ހުކުމް އެކުގައި ތަންފީޒުކުރެވޭނެވަރުގެ އަގުހުރި މުދަލަކަށްވާންވާނެއެވެ.

(ކ) މުދާ ވިއްކާލުމުގެ ކުރިން، އެ މުދާ ހިފަހައްޓާފައި އޮތް އޮތުން ބާތިލުކުރުމުގެ ހުއްދަ ދަރަނިވެރިޔާ ހޯދައިފިނަމަ، އެކަން ކޯޓުން ރެކޯޑުކޮށް އަދި ކަމުގެ މަސްލަހަތު އޮތް ފަރާތަކުން އެދިއްޖެނަމަ މުދާ ދޫކުރެވިފައިވާކަމުގެ ލިޔުމެއް އެފަރާތަކަށް ދޫކުރަންވާނެއެވެ.

 

376 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމަށްޓަކައި ތަން ހުސްކުރަންޖެހޭ ހާލަތުގައި ހިނގާނެ ހާއްސަ އުސޫލުތައް

(ހ) ހުކުމް ތަންފީޒުކުރުމުގެ ގޮތުން ވަކި ތަނަކުން ދަރަނިވެރިޔާ ނެރެ، ތަން ހުސްކުރަންޖެހޭ ނަމަ، ހުކުމް ތަންފީޒުކުރަން ހަމަޖެހިފައިވާ ތާރީހުގެ 30 (ތިރީސް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ދޭަރަނިވެރިޔާއަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ނޯޓިހުގައި، ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ދަރަނިވެރިޔާގެ އެންމެހައި އުފުލޭ މުދަލެއް އެތަނަކުން ނެރުމަށް ނުވަތަ އެކަމަށް ދާނެ ހަރަދު ދިނުމަށް އަމުރުކުރަންވާނެއެވެ. އަދި އެފަދައިން އަމަލުނުކޮށްފިނަމަ، އެތަނުގައި ހުރި އުފުލޭ މުދާ ދޫކޮށްލީ ކަމުގައި ބެލެވޭނެކަމަށާއި އެ މުދަލާމެދު މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އަމަލުކުރެވޭނެ ކަމުގައި ބަޔާންކުރަންވާނެއެވެ.

(ނ) ހާއްސަ ހާލަތްތަކުގައި ކޯޓުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ރަސްމީ ބަންދު ނޫން ދުވަހެއްގެ ރަސްމީ ގަޑި ފިޔަވައި އެހެން ވަގުތަކު ތަން ހުސްކުރުމުގެ މަސައްކަތް ކޮށްގެންނުވާނެއެވެ.

(ރ) ތަން ހުސްކޮށް ދަރަނިވެރިޔާ އެތަނަކުން ނެރޭއިރު، އެތަނުގައި ބަހައްޓާފައި ހުންނަ އުފުލޭ މުދަލަކީ ދަރަނިވެރިޔާ ދޫކޮށްލި މުދަލެއްކަމަށް ބަލައި، އެ މުދަލެއް އަރަނިވެރިޔާގެ ފައިދާއަށް ވިއްކާލުމަށް، ނުވަތަ އެ މުދަލެއް ވިއްކާލެވެން ނެތް ހާލަތުގައި، ސަދަގާތެއްގެ ގޮތުގައި ދިނުމަށް ނުވަތަ ދައުލަތަށް ނެގުމަށް ނުވަތަ އެފަދައިން އަމަލުކުރެވެން ނެތްނަމަ، އެ މުދަލެއް ނައްތާލުމަށް ކޯޓަށް ނިންމިދާނެއެވެ.

 

377 ވަނަ މާއްދާ - ގާނިށީގެ ކިބައިން މުދާ ހިފެހެއްޓުމުގެ އާންމު އުސޫލުތައް

(ހ) ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި، ގާނިށީއެއްގެ ފަރާތުން ހުކުމުގައި ބަޔާންކުރާ ފައިސާ ހޯދިދާނެކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، ކޯޓުން އެ ގާނިށީއަށް ހުކުމް ތަންފީޒުކުރުމުގެ ނޯޓިހެއް ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިސް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ދަރަނިވެރިޔާއަށް ގާނިށީ އަދާކުރަންޖެހޭ ދަރަންޏާ ގުޅޭ ގޮތުންނާއި ކޯޓަށް އޭނާ ބަޔާން ހުށަހަޅާ ވަގުތުގައި އޭނާ ޒިންމާވާންޖެހިދާނެ ދަރަންޏަކާ ގުޅޭ ގޮތުން، އެދަރަނީގެ އަދަދާއި، ސަބަބާއި ށަރުތުތައް ބަޔާންކޮށް، ކޯޓަށް ބަޔާނެއް ހުށަހެޅުމަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ގާނިށީ ހުށަހަޅާ ބަޔާނާއެކު، އޭނާގެ ހިޔާޒަތުގެ ދަށުގައި ހުރި ދަރަނިވެރިޔާގެ މުދަލާއި، އެ މުދަލުގެ މިލްކުވެރިކަމާބެހޭ ތަފްސީލު މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި، ގާނިށީގެ އެއްވެސް މުދަލެއް ހިފެހެއްޓިފައިވާނަމަ، އެކަންވެސް އޭނާގެ ބަޔާނުގައި ހާމަކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ގާނިށީ ހުށަހަޅާ ބަޔާން ކޯޓަށް ލިބުމާއެކު، އެ ބަޔާން ރެކޯޑުކޮށް، އެ ބަޔާން އަރަނިވެރިޔާއަށާއި ދަރަނިވެރިޔާއަށް ރައްދުކޮށް، އެ ބަޔާނަށް އިއުތިރާޒުކުރުމަށް 15 (ފަނަރަ) ދުވަހުގެ ފުރުސަތެއް އެފަރާތްތަކަށް ދޭންވާނެއެވެ.

(ބ) ތަންފީޒުކުރެވެނީ އެއް ހުކުމަށްވުރެ ގިނަ ހުކުމްތަކެއްނަމަ، ނުވަތަ ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގައި އެއް އަރަނިވެރިޔަކަށްވުރެ ގިނަ އަރަނިވެރިން ތިބިނަމަ، އެއިން ކޮންމެ ހުކުމަކާ ނުވަތަ އަރަނިވެރިޔަކާގުޅޭ ރެކޯޑެއްގައި ގާނިށީގެ ބަޔާން ފައިލުކުރަންވާނެއެވެ.

(ޅ) ގާނިށީގެ ކިބައިން މުދާ ހިފެހެއްޓުމުން، ގާނިށީ ވެގެންދާނީ އެ މުދަލުގެ ބެލެހެއްޓުން ހަވާލުކުރެވިފައިވާ ފަރާތަށެވެ.

(ކ) ގާނިށީގެ ހިޔާޒަތުގެ ދަށުގައި ހުރި ދަރަނިވެރިޔާގެ މުދާ ހަވާލުކުރުމަށް ކޯޓުން އެދިއްޖެނަމަ އެ މުދާ ކޯޓާ ހަވާލުކުރަންވާނެއެވެ. އަދި ކޯޓުން އެދިއްޖެނަމަ، ގާނިށީ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ދަރަންޏާބެހޭ އެންމެހައި ލިޔެކިޔުންތައް ކޯޓާ ހަވާލުކުރަންވާނެއެވެ. އޭގެ އިތުރުން، ކޯޓުން އަމުރުކޮށްފިނަމަ، މި ގާނޫނުގެ 369 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގާނިށީގެ މާލީ ހާލަތު އެނގޭނެ ބަޔާނެއް އޭނާ ކޯޓަށް ހުށަހަޅަންވާނެއެވެ.

(އ) ދަރަނިވެރިޔާގެ އާމްދަނީ ކޯޓުން ހިފަހައްޓާނަމަ، ހުކުމް ތަންފީޒުކުރުމުގެ ނޯޓިސް ގާނިށީއަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ގާނިށީ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، އާމްދަނީގެ ގޮތުގައި ހިފެހެއްޓިފައިވާ ފައިސާގެ މިންވަރު އުނިކޮށް، އެ ފައިސާ ކޯޓަށް ދައްކަންވާނެއެވެ.

(ވ) ދަރަނިވެރިޔާއަށް އާމްދަނީ ލިބޭ އެއް ވަސީލަތަށްވުރެ ގިނަ ވަސީލަތް ހުރިނަމަ، އާމްދަނީގެ ތެރެއިން ހިފެހެއްޓޭނީ ކިހާ މިންވަރެއްކަން ކަނޑައެޅުމަށްފަހު، ގާނިށީ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އުނިކޮށް ކޯޓަށް ދައްކަންޖެހޭ މިންވަރު ކަނޑައަޅާނީ ކޯޓުންނެވެ.

(މ) ދަރަނިވެރިޔާގެ އާމްދަނީ ލިބޭ ވަސީލަތްތައް ފަސޭހައިން ދެނެގަނެވެން ނެތްނަމަ، ނުވަތަ އޭނާއަށް އާމްދަނީ ލިބެނީ ދާއިމީ ސިފައެއްގައި ކަމުގައިނުވާނަމަ، އިންސްޓޯލްމަންޓް އެއްބަސްވުމެއްގެ ދަށުން ދަރަނިވެރިޔާ ކޯޓަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅާނީ ކޯޓުންނެވެ.

(ފ) ގާނިށީއާއި ދަރަނިވެރިޔާއާ ދެމެދު އޮތް ގާނޫނީ ގުޅުމަށް ބޮޑު ބަދަލެއް އަތުވެއްޖެނަމަ، ނުވަތަ އެގުޅުން ނިމުމަކަށް އަތުވެއްޖެނަމަ، ގާނިށީ ލަސްނުކޮށް އެކަން ކޯޓަށް އަންގަންވާނެއެވެ.

(ދ) ދަރަނިވެރިޔާގެ އާމްދަނީ ލިބޭ ވަސީލަތްތައް އެގޮތުގައި ދެމިއޮތްހާ ހިނދަކު، އަދި އަރަނިވެރިން ކޮށްފައިވާ ދައުވާތަކަށް ފައިސާ ދައްކާ ހަލާސްކޮށް ނިމެންދެން، ދަރަނިވެރިޔާގެ އާމްދަނީ ހިފަހައްޓާފައިވާ ހިފެހެއްޓުން ދެމިއޮންނާނެއެވެ.

(ތ) ގާނިށީއަށް ދަރަނިވެރިޔާ މަސައްކަތްކޮށްދެނީ އުޖޫރައަކާ ނުލައިކަމަށް އެފަރާތުން ބުނާނަމަ، ނުވަތަ ގާނިށީ ދޭ އުުޖޫރައަކީ މަސައްކަތާ ނުބައްދަލު އުޖޫރައެއްކަމުގައި ސާފުކޮށް އެނގެން އޮތްނަމަ، ދަރަނިވެރިޔާ ކުރާ މަސައްކަތުގެ އަގު މުރާޖައާކޮށް އެ މަސައްކަތަށް އަދުލުވެރި އުޖޫރައެއް ކޯޓަށް ކަނޑައެޅިދާނެއެވެ. ނުވަތަ އެފަދައިން ކަނޑައަޅައިދިނުމަށް އެދި އަރަނިވެރިޔާއަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ލ) މި މާއްދާގެ (ތ) ގެ ދަށުން އެފަދައިން ކޯޓުން އުޖޫރައެއް ކަނޑައަޅައިފިނަމަ، އެ ކަނޑައެޅި އަދަދު ބަދަލުކުރަންޖެހޭ ކަމުގައި ކޯޓުން ކަނޑަނާޅާހާ ހިނދަކު، އުޖޫރައިގެ އަދަދު މުރާޖައާކޮށްދިނުމަށް ކޯޓަށް ހުށަހެޅި ތާރީހުން ފެށިގެން އެ އަދަދަށް ބަދަލުއައީ ކަމުގައި ބެލެވޭނެއެވެ.

(ގ) މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އުޖޫރަ މުރާޖައާކުރުމުގެ އަޑުއެހުމެއް ބޭއްވުމުގެ 5 (ފަހެއް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ދަރަނިވެރިޔާއަށާއި ގާނިށީއަށް ކޯޓުން ފޮނުވަންވާނެއެވެ. އުޖޫރަ މުރާޖައާކުރުމާމެދު ކޯޓުން ނިންމާ ނިންމުން އިސްތިއުނާފެއް ނުކުރެވޭނެއެވެ.

(ނ) ގާނިށީ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ދަރަނި އަދާކޮށް ނިންމަންޖެހޭނީ ކުރިއަށް އޮތް ތާރީހެއްގައި ކަމަށްވާނަމަ، އެ ދަރަންޏެއް އަދާކުރަންޖެހޭ ތާރީހުގައި ކޯޓަށް އެ ފައިސާ ދައްކަންވާނެއެވެ. އަދި އެ ދަރަނި ދެއްކުން ބިނާވަނީ ވަކި ށަރުތެއް ފުރިހަމަވުމުގެ، ނުވަތަ ދަރަނިވެރިޔާ ވަކި އިލްތިޒާމެއް އަދާކުރުމުގެ މައްޗަށް ކަމުގައިވާނަމަ، އެ ށަރުތެއް ނުވަތަ އެ އިލްތިޒާމެއް ފުރިހަމަވަންދެން ދަރަނިވެރިޔާގެ ފައިސާ ނުވަތަ މުދާ ހިފަހައްޓާފައި އޮތް އޮތުން ދެމިއޮންނާނެއެވެ.

(ސ) ދަރަނިވެރިޔާއަށް ގާނިށީ ދަރަނިވެރިވެފައިނުވާކަމަށް އެފަރާތުން ބުނިނަމަވެސް އެކަން ކޯޓަށް ސާބިތުކޮށްނުދެވޭ ނަމަ، މުދާ ދޫކުރުމުގެ ހުއްދައަކަށް އެދި ގާނިށީއަށް ނުވަތަ ދަރަނިވެރިޔާއަށް ކޯޓުގައި އެދެވިދާނެއެވެ. އަދި އެ ހާލަތުގައި ހުކުމް ތަންފީޒުކުރުމުގެ ހަރަދަށް ޒިންމާވާނީ މުދާ ހިފަހައްޓަން އެދޭ އަަރަނިވެރިޔާއެވެ.

(ޑ) ގާނިށީގެ ފަރާތުން ކޯޓަށް ދޭންޖެހޭ ބަޔާނާއި މައުލޫމާތު، އެފަރާތުން ކޯޓަށް ދީފައިނުވާނަމަ ނުވަތަ ދޮގު މައުލޫމާތެއް ދީފައިވާނަމަ ނުވަތަ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާއެއް ދައްކާފައިނުވާނަމަ ނުވަތަ އެ ފައިސާއެއް ދެއްކުމަށް އިއުތިރާޒުކޮށްފިނަމަ، ދަރަނިވެރިޔާ އަރަނިވެރިޔާއަށް ދައްކަންޖެހިފައިވާ ފައިސާ، ދަރަނިވެރިޔާގެ ހައިސިއްޔަތުން ދެއްކުމަށް ގާނިށީގެ މައްޗަށް އަމުރުކުރެވިދާނެއެވެ. ގާނިށީގެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަކޮށްފިނަމަ، ނުވަތަ ހަގީގަތް އޮޅުވާލައިފިނަމަ، އެކަމުގެ ބަދަލުދިނުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

(ޒ) މި މާއްދާގެ (ޑ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދަރަނިވެރިޔާއަށް ފައިސާ ދެއްކިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭ ފަދަ ކަމެއް މެދުވެރިވެގެން ކަމުގައިވެފައި، ވީ އެންމެ އަވަހަކަށް ގާނިށީ އެ ފައިސާ ދައްކާފައިވާނަމަ އެފަދަ އަމުރެއް ނުކުރެވޭނެއެވެ.

 

378 ވަނަ މާއްދާ - ޓެކްނޮލޮޖީގެ އާލާތެއް ހިފެހެއްޓުން

(ހ) ޓެކްނޮލޮޖީގެ އާލާތެއް ހިފަހައްޓާ ހާލަތުގައި، އެ އާލާތެއްގައި ހުރި ދަރަނިވެރިޔާގެ ނުވަތަ ގާނިށީގެ ލިޔެކިޔުންތައް، އެހެން އާލާތަކަށް ބަދަލުކުރުމުގެ ހައްގު އެފަރާތްތަކަށް ލިބިގެންވާ ކަމުގައި ކޯޓުން އެފަރާތްތަކަށް އަންގަންވާނެއެވެ.

(ށ) ހިފެހެއްޓިފައިވާ އާލާތުގެ ބެލެނިވެރިކަން ތިންވަނަ ފަރާތަކާ ހަވާލުކުރެވިފައިވާނަމަ، އޭގައިވާ ލިޔެކިޔުމެއް ބަދަލުކުރުމަށް ދަރަނިވެރިޔާ ނުވަތަ ގާނިށީ ބޭނުންވާނަމަ، އެ އާލާތް ހިފެހެއްޓި ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އަންގަންވާނެއެވެ.

(ނ) ލިޔެކިޔުންތައް ބަދަލުކުރުމަށް ހިނގާ ހަރަދަށް ޒިންމާވާންޖެހޭނީ، ދަރަނިވެރިޔާ ނުވަތަ ގާނިށީއެވެ.

(ރ) ޓެކްނޮލޮޖީގެ އާލާތް ހިފެހެއްޓުމާމެދު އެއްވެސް ފަރާތަކުން އިއުތިރާޒެއް ހުށަހަޅާފައިނުވާނަމަ، ނުވަތަ ހުށަހަޅާފައިވާ އިއުތިރާޒު ކޯޓުން ބަލައިނުގެންފިނަމަ، އެ އާލާތެއް ވިއްކާލުމުގެ ކުރިން އޭގައި ހުރި އެންމެހައި ލިޔެކިޔުމެއް ފޮހެލައި އެކަން ޔައުމިއްޔާއެއްގައި ރެކޯޑުކުރަންވާނެއެވެ. އެގޮތުން ލިޔެކިޔުންތައް ފޮހެލުމަށްޓަކައި ކަމާބެހޭ ފަންނުވެރިއެއްގެ އެހީތެރިކަން ކޯޓަށް ހޯދިދާނެއެވެ. އަދި އެ ލިޔެކިޔުންތައް ފޮހެލުމުގައި އެކަމުގެ ހަބީރެއްގެ އެހީތެރިކަން ކޯޓަށް ހޯދިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން ހިފަހައްޓާ ޓެކްނޮލޮޖީގެ އާލާތުގައި ހިމެނޭ މި ލިޔެކިޔުންތަކަކީ ދަރަނިވެރިޔާ ނުވަތަ ގާނިށީގެ ވަޒީފާގެ ގޮތުން އިމްތިޔާޒު ލިބިފައިވާ ލިޔެކިޔުންތަކެއްނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ ލިޔެކިޔުންތައް ފޮހެލަންވާނީ ދަރަނިވެރިޔާ ނުވަތަ ގާނިށީގެ ފަރާތުން އައްޔަންކުރާ ފަރާތެއްގެ ހާޒިރުގައެވެ.

 

379 ވަނަ މާއްދާ - ދަރަނިވެރިޔާގެ އަތުގައި އޮތް މުދަލެއް ހިފެހެއްޓުން

(ހ) ދަރަނިވެރިޔާގެ އަތުގައި އަގުހުރި މުދަލެއް އޮތްކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، އެ މުދަލެއް ހިފެހެއްޓުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ފުލުހުންގެ އެހީތެރިކަން ކޯޓަށް ހޯދިދާނެއެވެ.

(ށ) ދަރަނިވެރިޔާގެ އަތުގައި އޮތް މުދަލެއް ހިފެހެއްޓުމުގެ ކުރިން، އެ މުދަލެއް ކޯޓަށް ހަވާލުކުރުމަށް ކޯޓުން ދަރަނިވެރިޔާއަށް އަންގަންވާނެއެވެ. ދަރަނިވެރިޔާ އެކަމަށް އިންކާރުކޮށްފިނަމަ، ފުލުހުންގެ އެހީތެރިކަމާއެކު ދަރަނިވެރިޔާގެ ހަށިގަނޑު ބަލައި ފާސްކުރެވިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން ދަރަނިވެރިޔާގެ ހަށިގަނޑު ބަލައި ފާސްކުރަންވާނީ އޭނާގެ ޒާތީ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރެވޭނެ ގޮތެއްގެމަތިންނެވެ.

 

380 ވަނަ މާއްދާ - ސެކިއުރިޓީއެއް ހިފެހެއްޓުން

(ހ) ހުކުމް ތަންފީޒުކުރުމުގެ ގޮތުން ސެކިއުރިޓީއެއް އަތުލާނީ، ސެކިއުރިޓީ ސެޓްފިކެޓް އޮތް މީހާއަށާއި ސެކިއުރިޓީ ދޫކުރި ފަރާތަށް ނުވަތަ ދިވެހިރާއްޖޭގައި ހުރި އެފަރާތުގެ ޓްރާންސްފަރ އޭޖެންޓަށް ހުކުމް ތަންފީޒުކުރުމުގެ ނޯޓިސް ފޮނުވައިގެންނެވެ.

(ށ) ސަރޓިފައިކުރެވިފައިވާ ސެކިއުރިޓީއެއްގެ އިތުރުން، ސަރޓިފައި ކުރެވިފައިނުވާ ސެކިއުރިޓީއާއި، ސެކިއުރިޓީގެ ފައިދާއާއި އެނޫންވެސް ސެކިއުރިޓީގެ އެންމެހައި މަންފާއެއް ކޯޓަށް ހިފެހެއްޓިދާނެއެވެ.

(ނ) ސެކިއުރިޓީއެއް ހިފެހެއްޓުމުން އެ ސެކިއުރިޓީގެ އަދަދާއި، އިންޓްރެސްޓާއި ޑިވިޑެންޑާބެހޭ މައުލޫމާތާއި، ސެކިއުރިޓީއަށް ފައިސާ ދައްކާފައިވާ މިންވަރާއި އެނޫންވެސް އެ ސެކިއުރިޓީއާބެހޭ ތަފްސީލުތައް ސެކިއުރިޓީ ދޫކޮށްފައިވާ ފަރާތުން ކޯޓަށް އަންގަންވާނެއެވެ.

 

381 ވަނަ މާއްދާ - ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ހިފެހެއްޓުން

ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއް ހިފަހައްޓާނީ އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ބަލަހައްޓާ ސަރުކާރުގެ އިދާރާއަށް ހުކުމް ތަންފީޒުކުރުމުގެ ނޯޓިސް ފޮނުވައިގެންނެވެ.

 

382 ވަނަ މާއްދާ - ހިފަހައްޓާފައިވާ މުދަލުގެ ބެލެނިވެރިކަން ހަވާލުކުރެވޭ ފަރާތް

(ހ) މުދާ ހިފެހެއްޓުމަށްފަހު އެ މުދަލުގެ ބެލެނިވެރިކަން ވަގުތުން ކޯޓަށް ނެގިދާނެއެވެ. ނުވަތަ އެ މުދަލެއް ބެލެހެއްޓުން ދަރަނިވެރިޔާއާ ނުވަތަ ތިންވަނަ ފަރާތަކާ ކޯޓަށް ހަވާލުކުރެވިދާނެއެވެ.

(ށ) ހިފަހައްޓާފައިވާ މުދަލުގެ މައްޗަށް މަސްލަހަތު އޮތް އެއްވެސް ފަރާތަކަށް އެ މުދާ ބެލެހެއްޓުމަށް ކޯޓުން ހަވާލުކޮށްގެންނުވާނެއެވެ. މިގޮތުން، އަރަނިވެރިންނާއި، އަރަނިވެރިންގެ ގާނޫނީ ވަކީލުންނާއި، އެމީހުންގެ އާއިލާގެ މެންބަރުންނަށް މުދާ ބެލެހެއްޓުމަށް ހަވާލެއް ނުކުރެވޭނެއެވެ.

(ނ) މުދާ ގެއްލިގެން ހިނގައިދާނެކަމަށް ބެލެވޭ އެއްވެސް ހާލަތެއް އޮތްނަމަ، މުދަލުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ ފަރާތުން އެކަން ކޯޓަށް އަންގަންވާނެއެވެ.

(ރ) ހިފަހައްޓާފައިވާ މުދަލެއް އެއްތަނުން އަނެއްތަނަށް ބަދަލުކުރެވޭނީ، ކޯޓުގެ ހުއްދައާ އެކުގައެވެ.

(ބ) ކޯޓުން އަންގައިފިނަމަ، މުދަލުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ ފަރާތުން މުދާ ކޯޓާ ހަވާލުކުރަންވާނެއެވެ.

(ޅ) މި މާއްދާއާ ހިލާފަށް މުދަލުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ ފަރާތުން އަމަލުކޮށްފިނަމަ، ނުވަތަ މުދަލަށް ގެއްލުމެއް ދީފިނަމަ، އެކަމާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލަށް އެފަރާތުން ޒިންމާވާންޖެހޭނެއެވެ. އަދި އެފަރާތުން ކޮށްފައިވާ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމުގައި ބެލެވޭނެއެވެ.

(ކ) މުދަލުގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން އެ މުދާ ބެލެހެއްޓުން އެހެން ފަރާތަކާ ހަވާލުކުރެވިދާނެއެވެ.

 

383 ވަނަ މާއްދާ - މުދާ ވިއްކުން ހުއްޓުވުން

(ހ) އަންނަނިވި ހާލަތްތަކުގައި ކޯޓުން މުދާ ހިފަހައްޓާފައި އޮތް އޮތުމަށާއި މުދާ ވިއްކާލުމަށް ނިންމާފައިވާ ނިންމުމަށް އިއުތިރާޒުކޮށް މުދާ ހިފެހެއްޓުމާއި ވިއްކާލުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.

  1. އެ މުދަލަކީ ހިފެހެއްޓުމުން އިސްތިސްނާކުރެވިފައިވާ މުދަލަކަށްވުން؛
  2. ދަރަނި ދައްކައި ހަލާސްކޮށް ނިމިފައިވުން؛ 
  3. މުދާ ގަތުމަށް ހުށަހަޅާފައިވާ އަގަކީ ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގަކަށްނުވުން؛
  4. މުދާ ހިފެހެއްޓުމުގައި ނުވަތަ ވިއްކާލުމުގައި، އިޖުރާއަތާ ހިލާފަށް ކޯޓުން އަމަލުކޮށްފައިވުން؛
  5. ހިފެހެއްޓިފައިވާ މުދާ އެއްކޮށް ނުވަތަ އެ މުދަލުގެ ބައެއްގެ މިލްކުވެރިކަން ކަނޑައެޅުމަށް ލިބިގެންވާ ހައްގު ބޭނުންކޮށްފައިވުން.

(ށ) މުދާ ގަތުމަށް ހުށަހަޅާފައިވާ އަގަކީ ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގެއްކަމުގައި ކަނޑައަޅާނީ، މުދަލުގެ ބާޒާރުގެ އަގަށާއި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އެއީ އެކަށީގެންވާ އަގެއްކަމުގައި ވާނަމައެވެ.

(ނ) ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ ހަސްމުންގެ އިތުރުން މުދަލުގެ މައްޗަށް މަސްލަހަތު އޮތް ކޮންމެ ފަރާތަކަށްވެސް މި މާއްދާގެ (ހ) ގެ ދަށުން މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ. އަދި ކޯޓުން އެ މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވިއްކުމަށް ނިންމާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެކަން ހުއްޓުވައި ދިނުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.

(ރ) މުދާ ވިއްކާލުމަށް އިށްތިހާރުކޮށްފައިވުމުގެ ސަބަބުން މުދަލުގެ ވެރިފަރާތް ފިޔަވައި، ވިއްކާލާ މުދަލުގެ މައްޗަށް ހައްގެއް އޮތް އެއްވެސް ފަރާތެއްގެ މަސްލަހަތަށް ނުރަނގަޅު އަސަރެއް ކޮށްފާނެކަމަށް އެފަރާތަކަށް ފެނިއްޖެނަމަ، އެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެފަރާތުގެ ހައްގު އަދާކުރެވިގެންދާނެކަން ކަށަވަރުކުރުމަށް އެކަށީގެންވާ ގެރެންޓީއެއް ބަހައްޓާފައިނުވާނަމަ މުދާވިއްކުން ހުއްޓުވުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މުދާ ވިއްކުން ހުއްޓުވުމަށް އެދި މުދާ ހިފެހެއްޓިފައިވާކަމުގެ ޔައުމިއްޔާ، ނުވަތަ މުދާ ވިއްކާލުމުގެ ނޯޓިސް ނުވަތަ ތިންވަނަ ފަރާތެއްގެ ކިބައިގައި މުދާ ހިފެހެއްޓިފައިވާކަމުގެ ނޯޓިސް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. އަދި އެކަން، ހުކުމް ތަންފީޒުކުރުމަށް އެދޭ އަަރަނިވެރިޔާއަށާއި، އެނޫން އަރަނިވެރިންނަށާއި މަސްލަހަތު އޮތް އެހެން ފަރާތްތަކަށް އަންގަންވާނެއެވެ.

 

384 ވަނަ މާއްދާ - މުދާ ހިފެހެއްޓުމާއި ވިއްކާލުމަށް އިއުތިރާޒުކުރުމުގެ ނަތީޖާ

މި ގާނޫނުގެ 383 ވަނަ މާއްދާގެ ދަށުން މުދާ ހިފެހެއްޓުމާއި ވިއްކާލުމަށް އިއުތިރާޒުކޮށް މުދާ ހިފެހެއްޓުމާއި ވިއްކާލުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް ކޯޓުގައި އެދިއްޖެނަމަ، އެ އިޖުރާއަތު ކޯޓުން ވަގުތީގޮތުން ފަސްކުރަންވާނެއެވެ.

(ށ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް ކޯޓުގައި އެދިފައިވަނީ އެކަށީގެންނުވާ ސަބަބުތަކަށްޓަކައި، ހުކުމް ތަންފީޒުކުރަން ހުރަސްއެޅުމުގެ ގޮތުންކަމުގައިވާނަމަ، ކޯޓުން އެ އިޖުރާއަތު ފަސްކޮށްގެންނުވާނެއެވެ.

(ނ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށްފަހު، ހާއްސަ ހާލަތެއްގައި މެނުވީ، އެ ހުށަހެޅުން ކޯޓުން ބަލައިގަނެގެން ނުވާނެއެވެ.

(ރ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި އެދިފައިވަނީ އުޖޫރަ ހިފެހެއްޓުމަށް ކަމަށްވާނަމަ، ހުއްޓުވޭނީ ހަމައެކަނި އެ ފައިސާއެއް އަރަނިވެރިންގެ މެދުގައި ބެހުމެވެ.

(ބ) ތަންފީޒުކުރުމުގެ މައްސަލައިގައި 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ އަރަނިވެރިން ހިމެނޭ ހާލަތުގައި، މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވަނީ އޭގެ ތެރެއިން އެންމެ އަރަނިވެރިޔަކާ ދެކޮޅަށް ކަމަށްވާނަމަ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް އެންގުމަށްފަހު، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ކުރިއަށްގެންދަންވާނީ މައްސަލައިގައި ހިމެނޭ ހުރިހާ އަރަނިވެރިންގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތެއްގެ މަތިންނެވެ.

(ޅ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން ކޯޓުން ބަލައިނުގެންފިނަމަ، އިޖުރާއަތު ހުއްޓިފައިވާ މުއްދަތަށް އަރަނިވެރިންނަށް ދައްކަންޖެހިފައިވާ ފައިސާއަށް އަރަމުންދާ ޖޫރިމަނާއަށް އެ ހުށަހެޅުން ހުށަހެޅި ފަރާތުން ޒިންމާވާންޖެހޭނެއެވެ.

(ކ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ކުރިން ހުށަހަޅާ ހުށަހެޅުން ކޯޓުން ބާތިލުކޮށްފައިވަނިކޮށް، އަލުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން މުދާ ވިއްކާލުން ހުއްޓުވޭނީ، އަލުން ހުށަހެޅި ހުށަހެޅުން ބިނާވެފައިވަނީ ކުރިން ކޯޓުން ބާތިލުކުރި ހުށަހެޅުމަށްފަހު މެދުވެރިވެފައިވާ ވާގިއާތަކެއްގެ މައްޗަށް ކަމަށްވެފައި، އެކަމަށް ކޯޓުގެ ހުއްދަ ލިބިފައިވާނަމައެވެ.

(އ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

 

385 ވަނަ މާއްދާ - ށަރީއަތުން މުދާ ވިއްކާލުން

(ހ) ހުކުމް ތަންފީޒުކުރުމުގެ ގޮތުން، ހިފަހައްޓާފައިވާ މުދަލެއް ވިއްކާލުމުގެ ކަންކަން ކުރިއަށްގެންދާނީ، ކޯޓުގެ ބެލުމުގެ ދަށުން، އެކަމަށްޓަކައި އައްޔަންކުރާ ފަރާތެއް މެދުވެރިކޮށެވެ.

(ށ) މުދާ ވިއްކާލުން ހަވާލުކުރެވިފައިވާ ފަރާތުން މުދާ ވިއްކާލުމުގެ އެންމެހައި އިޖުރާއަތުތަކަށް ޒިންމާވާންޖެހޭނެއެވެ.

(ނ) މުދާ ވިއްކުމަށް އައްޔަންކޮށްފައިވާ ފަރާތުން މުދާ ވިއްކުމާ ގުޅޭ ގޮތުން އަޅަމުންދާ ފިޔަވަޅުތައް ރެކޯޑުކޮށް، އެ ފިޔަވަޅުތަކުގެ މައުލޫމާތު ދަރަނިވެރިޔާއަށާއި އަރަނިވެރިޔާއަށް އަދި މުދަލުގެ މައްޗަށް މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ދޭންވާނެއެވެ.

(ރ) މުދާ ވިއްކާލަންވާނީ ދަރަނިވެރިޔާއަށާއި އަރަނިވެރިޔާއަށްވެސް އެންމެ މަސްލަހަތު ބޮޑު ގޮތެއްގެ މަތިން، ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގެއްގައެވެ.

(ބ) މުދަލުގެ ބާވަތަށް ބަލައި، އެއްބަސްވުމެއްގެ ދަށުން ނުވަތަ ބީލަމުގެ އުސޫލުން ނުވަތަ ނީލަމުގައިވެސް މުދާ ވިއްކާލެވިދާނެއެވެ.

(ޅ) ފަސޭހައިން ހަލާކުވެދާނެފަދަ އުފުލޭ މުދާ ނުވަތަ ބެލެހެއްޓުމުގެ ހަރަދު ބޮޑު މުދާ، މުދާ ވިއްކުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަކާ ނުލައިވެސް ލަސްނުކޮށް ވިއްކާލެވިދާނެއެވެ.

(ކ) މުދާ ވިއްކާލުމަށް ހަމަޖެހިފައިވާ އެންމެ ދަށް އަގެއް ކޯޓަށް ކަނޑައެޅިދާނެއެވެ.

(އ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާގެ އެދުމުގެ މަތިން، އެ ދެފަރާތުގެ ހަރަދުގައި، އެންމެ ފައިދާބޮޑު ގޮތެއްގައި މުދާ ވިއްކާލުމުގެ ބޭނުމުގައި، މުދާ ވިއްކުން އިއުލާންކުރެވިދާނެއެވެ.

(ވ) މުދާ ވިއްކާލުމުގެ ނޯޓިސް، މުދާ ވިއްކާލުމަށް ކަނޑައަޅާފައިވާ ދުވަހުގެ 30 (ތިރީސް) ދުވަހުގެ ކުރިން މުދާ ވިއްކާ ފަރާތުން އާންމުކުރަންވާނެއެވެ. އަދި އެ ނޯޓިސް ދަރަނިވެރިޔާއަށާއި، އަރަނިވެރިޔާއަށާއި، މުދަލާގުޅޭ ގޮތުން ދައުވާއެއްކޮށްފައިވާ އެ ދައުވާގެ ހަސްމުންނަށާއި، މުދަލާގުޅޭ ގޮތުން ހައްގެއް އޮތްކަމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، ގާނިށީއަށް ފޮނުވަންވާނެއެވެ. ނޯޓިސް ދިނުމުގެ އުސޫލުތަކާއި ނޯޓިހުގައި ހިމަނަންޖެހޭ މައުލޫމާތު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(މ) މުދާ ވިއްކާލުމަށް ކޯޓުން އައްޔަންކޮށްފައިވާ ފަރާތުން ކަނޑައަޅާފައިވާ ގޮތާއި، އެންމެ ދަށް އަގާއި، ވިއްކާލުމުގެ ށަރުތުތަކާމެދު ހިތްހަމަނުޖެހޭ ނަމަ، އެކަމުގެ ށަކުވާ އެފަރާތަށް ހުށަހަޅައި އެ ށަކުވާއަކާމެދު ނިންމާ ގޮތާމެދު ށަކުވާ ހުށަހެޅި ފަރާތުން ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ނިންމި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅިދާނެއެވެ. އަދި މިފަދައިން ކޯޓަށް ށަކުވާ ހުށަހެޅުނުނަމަވެސް، ކޯޓުން އަމުރެއް ނުކުރާނަމަ، ވިއްކާލުމުގެ އިޖުރާއަތު ކުރިއަށްގެންދަންވާނެއެވެ.

(ފ) މުދާ ވިއްކާލުމުގެ މުއާމަލާތެއްގައި ކޯޓުން އައްޔަންކުރާ ފަރާތުން ތަމްސީލުކުރާނީ މުދަލުގެ ވެރިފަރާތެވެ. އެގޮތުން، ވެރިފަރާތުގެ ނަމުގައި ގަނެވިއްކުމުގެ މުއާމަލާތް ފުރިހަމަކުރުމާއި، ސޮއިކުރަންޖެހޭ ލިޔުމެއްގައި ސޮއިކުރުމާއި، މުދަލުގެ އަގު ބަލައިގަންނާނީ އެފަރާތުންނެވެ.

(ދ) ވިއްކާލުމަށް ނިންމާފައިވާ މުދަލަކީ ސެކިއުރިޓީއެއްނަމަ، އެފަދަ ސެކިއުރިޓީ ވިއްކުމާބެހޭ ގޮތުން ކަމާބެހޭ ގާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އިޖުރާއަތުތަކަށް ކޯޓުން އައްޔަންކޮށްފައިވާ ފަރާތުން އަމަލުކުރަންވާނެއެވެ.

(ތ) މުދާ ވިއްކުމަށް އިއުލާންކުރުމަށްފަހު، މުދާ ވިއްކާނުލެވިއްޖެނަމަ، މުދާ ވިއްކުމުގެ އިޖުރާއަތު އިތުރު ދެ ފަހަރު ތަކުރާރުކުރަންވާނެއެވެ. އެ އިޖުރާއަތު ހިންގާނީ، އެކަމަށް އެއްބަސްވާ އަރަނިވެރިންގެ ހަރަދުގައި، 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ކޮންމެ އިޖުރާއަތެއްގެ ދެމެދުގައި ހޭދަވާނެ ގޮތެއްގެމަތިންނެވެ.

(ލ) މުދާ ވިއްކާލުމަށްފަހު ލިބޭ މުދަލުގެ އަގު، އަރަނިވެރިންގެ މެދުގައި ބަހާނީ މި ގާނޫނުގެ 386 ވަނަ މާއްދާގައިވާ ގޮތުގަމަތިންނެވެ.

(ގ) މުދާ ވިއްކާލުމުގެ އިޖުރާއަތު ނިންމުމަށްފަހު، އެކަމުގެ ތަފްސީލުތައް ކޯޓުން އައްޔަންކޮށްފައިވާ ފަރާތުން ރެކޯޑުކޮށް، މުދަލުގެ އަގު ކޯޓަށް އަދާކުރަންވާނެއެވެ.

(ނ) މުދާ ގަތް ފަރާތުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ނުވަތަ މުދަލާ ހަވާލުވުމަށް ނުވަތަ މުދަލުގެ އަގު އަދާކުރުމަށް ދެކޮޅުހަދާނަމަ، ގަނެވިއްކުން ހިނގި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ގަނެވިއްކުމުގެ މުއާމަލާތް ތަންފީޒުކުރުމުގެ އަމުރެއް މުދާ ގަތް ފަރާތުގެ މައްޗަށް ކުރުމަށް އެދި މުދާ ވިއްކާލުމަށް ކޯޓުން އައްޔަންކުރި ފަރާތުން ކޯޓަށް ހުށަހެޅިދާނެއެވެ. އެގޮތުން ކޯޓުން ނެރޭ އަމުރަކީ، ގަނެވިއްކުމުގެ މުއާމަލާތް ފުރިހަމަވެފައިވާކަމުގެ ލިޔުމެއްގެ ގޮތުގައި ބެލެވޭނެއެވެ.

(ސ) މުދާ ވިއްކާލާފައިވަނީ މުދަލުގެ ބާޒާރުގެ އަގާ ބަލާއިރު އެކަށީގެންނުވާ އަގަކަށް ކަމުގައި ސާފުކޮށް އެނގެން އޮތްނަމަ، ނުވަތަ މުދާ ވިއްކާލުމުގެ އިޖުރާއަތުތަކާ ހިލާފަށް އަމަލުކޮށްފައިވާނަމަ އަދި އެ އިޖުރާއަތުތަކާ ހިލާފުވެފައިވާކަން މުދާ ވިއްކާލުމުގެ ކުރިން އެނގެން ނެތްނަމަ، މުދާ ގަނެވިއްކުމުގެ މުއާމަލާތް ބާތިލުކޮށްދިނުމަށް އެދި ދަރަނިވެރިޔާއަށް ނުވަތަ އަރަނިވެރިޔާއަށް ކޯޓަށް ހުށަހެޅިދާނެއެވެ. 

(ޑ) ވިއްކާލާފައިވާ މުދާ ވިއްކި ތާރީހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި މި މާއްދާގެ (ސ) ގެ ދަށުން ގަނެވިއްކުމުގެ މުއާމަލާތް ބާތިލުކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.

(ޒ) މި މާއްދާގެ (ޑ) ގެ ދަށުން ގަނެވިއްކުމުގެ މުއާމަލާތް ބާތިލުކުރުމަށް ހުށަހަޅާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

 

386 ވަނަ މާއްދާ - ހުކުމް ތަންފީޒުކޮށްގެން ލިބޭ ފައިސާ ބެހުން

(ހ) މުދާ ވިއްކާލައިގެން ލިބޭ ފައިސާއާއި، ހިފަހައްޓާފައިވާ ފައިސާ އަރަނިވެރިޔާއަށް ނުވަތަ އަރަނިވެރިންނަށް ބެހުމަކީ ކޯޓުގެ ޒިންމާއެކެވެ.

(ށ) މުދާ ވިއްކާލައިގެން ލިބޭ ފައިސާއާއި، ހިފަހައްޓާފައިވާ ފައިސާ ބަހަންޖެހެނީ ދެ އަރަނިވެރިއެއް ނުވަތަ އެއަށްވުރެ ގިނަ އަރަނިވެރިންގެ މެދުގައިނަމަ، އަރަނިވެރިންގެ މެދުގައި ފައިސާ ބަހާނެ ތަރުތީބު ކަނޑައަޅާނީ ކޯޓުންނެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މުދާ ވިއްކާލައިގެން ލިބޭ ފައި ސާއާއި، ހިފަހައްޓާފައިވާ ފައިސާ ބަހާނީ އަންނަނިވި ތަރުތީބުން އިސްކަންދީގެންނެވެ.

  1. ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާ؛ 
  2. މުދާ ވިއްކާލުމަށް ކޮށްފައިވާ ހަރަދު؛ 
  3. ރަހުނެއް ހިމެނޭ ދައުވާތައް؛ 
  4. ރަހުނެއް ނުހިމެނޭ ދައުވާތައް.

(ރ) މުދާ ވިއްކާލުމުގެ ހަރަދުގެ ތެރޭގައި، މުދާ ވިއްކާލުމަށް ހިނގާފައިވާ ހަރަދާއި، ފައިސާ ބެހުމުގެ ހަރަދާއި، މުދާ ހިފެހެއްޓުމުގެ ހަރަދާއި، މުދާ ވިއްކާލުމަށް އައްޔަންކުރާ ފަރާތުގެ ހަރަދު ހިމެނެއެވެ.

(ބ) ދަރަނިވެރިޔާއަށް ލިބޭ އާމްދަނީ ހިފަހައްޓާފައިވާ ހާލަތުގައި، އެ އާމްދަނީއަކީ އެކި މުއްދަތުތަކުގައި ދައްކަމުންދާ އާމްދަނީއެއްނަމަ،އެ އާމްދަނީގެ ފައިސާ މަދުވެގެން ކޮންމެ ތިން މަހަކުން އަރަނިވެރިޔާއަށް ދިނުމަށް ކަނޑައެޅިދާނެއެވެ. ނުވަތަ، އަރަނިވެރިޔާއާއި އނާ ބަލަހައްޓަންޖެހޭ އާއިލާގެ އަސާސީ ބޭނުންތައް ފުއްދުމަށް އެ ފައިސާއަށް ބަރޯސާވާނަމަ، އެ ފައިސާ ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކު އަރަނިވެރިޔާއަށް ލިބޭނެ އިންތިޒާމް ކޯޓަށް ހަމަޖެއްސިދާނެއެވެ.

(ޅ) އަރަނިވެރިޔާއަށް ދައްކަންޖެހޭ ދަރަނި ދައްކައި ހަލާސްކުރުމަށްފަހު، އެކަމުގެ ނޯޓިހެއް އަރަނިވެރިޔާއަށާއި ދަރަނިވެރިޔާއަށް ކޯޓުން ދޭންވާނެއެވެ. އަދި އެ ނޯޓިސް ލިބޭތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަމުގެ ށަކުވާއެއް އޮތްނަމަ އެފަރާތްތަކުން ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ކޯޓަށް ށަކުވާ ލިބޭތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ށަކުވާއާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ކ) ހުކުމް ތަންފީޒުކޮށްގެން ލިބުނު ފައިސާއިން އަރަނިވެރިންނަށް ދޭންޖެހޭ ފައިސާއާއި، ހުކުމް ތަންފީޒުކުރުމަށް ހިނގި ހަރަދު ދައްކައި ހަލާސްކުރުމަށްފަހު ބާކީވާ ފައިސާ ދަރަނިވެރިޔާއާ ކޯޓުން ހަވާލުކުރަންވާނެއެވެ.

 

ތިންވަނަ ބައި - ފައިސާގެ އަދަދެއް ހިމެނިފައިނުވާ ހުކުމް ތަންފީޒުކުރުން 

 

387 ވަނަ މާއްދާ - ފައިސާގެ އަދަދެއް ހިމެނިފައިނުވާ ހުކުމްތައް ތަންފީޒުކުރުން

(ހ) ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއް، އެ ހުކުމް ތަންފީޒުކުރުން ލާޒިމުވާ ފަރާތުގެ އަމިއްލަ އިހްތިޔާރުގައި ތަންފީޒުކޮށްފައިނުވާނަމަ، އެ ހުކުމް ކޯޓު މެދުވެރިކޮށް ތަންފީޒުކުރާނީ ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތް ޖޫރިމަނާކޮށްގެންނެވެ.

(ށ) މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާއަކީ ކަނޑައަޅާފައިވާ ވަކި އަދަދެއްކަމުގައި ނުވަތަ އިތުރުވަމުންދާ އަދަދެއްކަމުގައި ނުވަތަ ތަންފީޒުނުކުރާ ހުކުމުގެ ކޮންމެ ބަޔަކަށް ހިނގާ ޖޫރިމަނާއެއްގެ ގޮތުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާ ހިނގަންފަށާނީ، ޖޫރިމަނާކުރުމަށް ނިންމި ނިންމުން ދަރަނިވެރިޔާއަށް ރައްދުކުރުމަށްފަހުއެވެ.

(ރ) ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއް ތަންފީޒުނުކުރުމުގެ ސަބަބުން އެ ހުކުމް ތަންފީޒުކުރުމަށް އަރަނިވެރިޔާ ކޯޓުގައި އެދެފިނަމަ، ހުކުމުގައި ދަރަނިވެރިޔާ އަދާކުރުމަށް ކަނޑައަޅާފައިވާ އިލްތިޒާމް ފައިސާއިން އަގުކޮށްދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) ފައިސާގެ އަދަދެއް ނުހިމެނޭ ހުކުމެއްގައި ހިމެނޭ މައިގަނޑު އިލްތިޒާމު ތަންފީޒުކުރުމަކީ މުސްތަހީލުކަމެއް ކަމުގައި ކޯޓަށް ފެނިއްޖެނަމަ، ޖޫރިމަނާގެ އަދަދު ކޯޓަށް ދަށްކުރެވިދާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، ފައިސާގެ އަދަދެއް ހިމެނޭ ހުކުމެއް ތަންފީޒުކުރުމަށް މި ބާބުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ޖޫރިމަނާގެ ފައިސާ ހޯދިދާނެއެވެ.

(ކ) ހުކުމާ އެއްގޮތަށް އަމަލުނުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބަލައި، އެ ކަމަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބެއް ދަރަނިވެރިޔާގެ މައްޗަށް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

388 ވަނަ މާއްދާ - ފައިސާ ދެއްކުމަށް އަންގައި ކުރާ ހުކުމް ފިޔަވައި އެހެން ހުކުމެއްގައި ހަސްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ކޮށްފައިވާ އަމުރެއް ހިމެނުން

ފައިސާ ދެއްކުމަށް އަންގައި ކޯޓުން ކުރާ ހުކުމެއް ފިޔަވައި އެހެން ހުކުމެއްގައި، އެ މައްސަލައިގެ ހަސްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ކޮށްފައިވާ އަމުރެއް ހިމެނޭ ނަމަ، އެ މައްސަލައިގައި ހިމެނުނު ހަސްމެކޭ އެއްފަދައިން އެ އަމުރެއް އެފަރާތުގެ މައްޗަށް ތަންފީޒުކުރެވޭނެއެވެ.

 

389 ވަނަ މާއްދާ - ފައިސާ ދެއްކުމަށް އަންގައި ކުރާ ހުކުމް ފިޔަވައި އެހެން ހުކުމްތައް ތަންފީޒުކުރުމަށް ހުށަހެޅުން

ފައިސާ ދެއްކުމަށް އަންގައި ކުރާ ހުކުމް ފިޔަވައި އެހެން ހުކުމްތައް ތަންފީޒުކުރުމަށް ހުށަހަޅާނީ އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް، އެ ހުކުމެއް ކުރި ކޯޓަކަށެވެ.

 

ތެއްތިރީސްވަނަ ބާބު

ބޭރު ގައުމުތަކުގެ ހުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުން

 

390 ވަނަ މާއްދާ - އާންމު މާއްދާތައް

ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް، މި ބާބުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެއެވެ. އަދި އެފަދަ ހުކުމެއް ބަލައިގަންނަން ނުވަތަ ތަންފީޒުކުރަން އިއުތިރާޒުކުރެވޭނީ ހަމައެކަނި މި ބާބުގައި ބަޔާންކުރާ ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.

(ށ) ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރަން އެދި ހުށަހަޅާ މައްސަލައެއް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި މައުޒޫއީގޮތުން ނުބެލޭނެއެވެ. އެފަދަ މައްސަލައެއްގައި ބެލެވޭނީ ހަމައެކަނި މި ބާބުގައި ބަޔާންކުރާ ސަބަބުތައް ތަތުބީގުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަންތައްތަކެވެ.

(ނ) ބޭރު ގައުމެއްގެ ހުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެވޭނީ، އެ ހުކުމަކީ އެ މައްސަލަ ހުށަހެޅުނު ގައުމުގައި ބާރު ހިނގާ ހުކުމެއްނަމައެވެ. އަދި އެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނީ، އެ ހުކުމަކީ އެ ގައުމުގައި ތަންފީޒުކުރެވޭނެ ހުކުމަކަށް ވާނަމައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުކުމަކީ، މައްސަލަ ހުށަހެޅުނު ގައުމުގައި އިސްތިއުނާފަށް ހުށަހެޅިފައިވާ ހުކުމެއްނަމަ، ނުވަތަ އެ ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް އާންމު އުސޫލުން އޮންނަ މުއްދަތު ހަމަވެފައިނުވާނަމަ، އެ ހުކުމް ތަންފީޒުކުރަން އިއުތިރާޒުކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ) އާއި (ރ) އެހެން އޮތްނަމަވެސް، ބޭރު ގައުމެއްގެ ހުކުމެއް ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނީ، އެ ހުކުމުގައި ދިވެހިރާއްޖޭގެ ގާނޫނަކާ ނުވަތަ އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ކަމެއް އެކުލެވިގެންނުވާ ނަމައެވެ.

 

391 ވަނަ މާއްދާ - ބަލައިގަނެ ތަންފީޒުކުރެވޭނެ ސަބަބުތައް

(ހ) އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާނަމަ، ބޭރު ގައުމެއްގެ ހުކުމަކީ ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ހުކުމެކެވެ.

  1. އެފަރާތަކާ ދެކޮޅަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަތުމަށާއި ތަންފީޒުކުރުމަށް ހުށަހަޅާ ހުށަހެޅުން ރައްދުވާ މީހާއަކީ، އެ ގައުމެއްގެ ކޯޓުގައި މައްސަލަ ހިނގިއިރު އެ ގައުމެއްގައި އާންމުގޮތެއްގައި ދިރިއުޅޭ މީހަކަށްވެފައި އެ މައްސަލައިގެ ހަސްމަކަށްވުން؛
  2. އެފަރާތަކާ ދެކޮޅަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަތުމަށާއި ތަންފީޒުކުރުމަށް ހުށަހަޅާ ހުށަހެޅުން ރައްދުވާ މީހާއަކީ، ރައްދު ދައުވާ ނުހިމެނޭ ގޮތުން، ހުކުމް އެ މައްޗަށް ބިނާވި ދައުވާ ހުށަހެޅި މީހާކަމަށްވުން؛
  3. މައްސަލަ ހުށަހެޅުނު ކޯޓުގައި ހިނގި މައްސަލައިގެ ހަސްމަކަށް ވީއިރު މައްސަލަ ހުށަހެޅުނު ގައުމުގައި ވަކި ގާނޫނީ ށަހްސަކަށް ނުވާގޮތަށް ގޮތްޕެއް، ނުވަތަ އޭޖެންސީއެއް ނުވަތަ އެހެންވެސް ތަނެއް ދައުވާލިބޭ ފަރާތުން ހިންގަމުން ދިއުމާއި، އަދި ހުކުމް އެ މައްޗަށް ބިނާވި ދައުވާ އުފެދުނީ އެ ގޮތްޕެއް، ނުވަތަ އޭޖެންސީއެއް ނުވަތަ އެހެންވެސް ތަނަކުން ހިންގަމުން ދިޔަ ހަރަކާތްތަކާ ގުޅޭ ގޮތުން ކަމަށްވުން؛
  4. ހުކުމް ކުރެވުނު މައްސަލަ ހިނގަމުން ދިޔައިރު، ދައުވާލިބޭ ފަރާތުން މައްސަލަ ހުށަހެޅުނު ކޯޓުގެ އިހްތިސާސްއަށް ސަރީހަ ބަހުން އެއްބަސްވެފައިވުން؛
  5. އިހްތިސާސްއާމެދު ނުވަތަ އިހްތިސާސް ހިންގުމާމެދު ދައުވާލިބޭ ފަރާތުން ކުރާ އިއުތިރާޒަކީ މައްސަލަ ހުށަހެޅުނު ގައުމުގެ ގާނޫނުތަކުގެ ދަށުން ކާމިޔާބުނުވާނެ އިއުތިރާޒެއްކަން އެނގެން އޮތްހާލަތުގައި ފިޔަވައި، މައްސަލަ ހުށަހެޅުނު ގައުމުގެ ގާނޫނުތަކުގެ ދަށުން އިހްތިސާސްއާމެދު އިއުތިރާޒުކުރުމަށް އޮތް މުއްދަތުގެ ތެރޭގައި އިއުތިރާޒުނުކޮށް، މައްސަލަ ހުށަހެޅުނު ކޯޓުގައި ދައުވާލިބޭ ފަރާތުން މައްސަލައިގެ މައުޒޫއަށް ވާހަކަދެއްކުން؛
  6. އެ ހުކުމަކީ ކޮންޓްރެކްޓަކާ ގުޅިގެން އުފުލަންޖެހޭ އިލްތިޒާމަކާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމަކަށްވެފައި، އެ ހުކުމްކޮށްފައިވަނީ، އަންނަނިވި ހަމަތަކުގެ މަތިން އެ އިލްތިޒާމު އަދާކުރި ނުވަތަ ކުރަންޖެހޭ ތަން ނިސްބަތްވާ ގައުމުގައި ހުންނަ ކޯޓެއްގައި ކަމަށްވުން:
    1. ދެ ފަރާތުން އެއްބަސްވުން.
    2. އިލްތިޒާމު އަދާކުރަންޖެހޭ ތަން ކަނޑައަޅާފައި ނެތް ހާލަތުގައި، އެ ކޮންޓްރެކްޓެއްގެ މައްޗަށް ހިނގާނެ ގާނޫނު. (މިކަމުގެ އިސްތިސްނާއަކީ އެ މުއާމަލާތުގައި ދައުވާލިބޭ ފަރާތުގެ އަމަލުތައް ގެންގުޅެފައިވާ ގޮތުން،އެ ގައުމާ އެކަށީގެންވާވަރުގެ ގުޅުމެއް އޮތްކަން ދެއްކެން ނެތުމެވެ.)
  7. އެ ހުކުމަކީ ނުއުފުލޭ މުދަލެއް ކުއްޔަށްދިނުމާގުޅޭ ގޮތުން ކޮށްފައިވާ ހުކުމަކަށްވެފައި، ހުކުމްކުރީ އެ މުދަލެއް ހުރި ގައުމުގެ ކޯޓަކުން ކަމަށްވުން؛
  8. އެ ހުކުމުގައި، މައްސަލަ ހުށަހެޅުނު ގައުމުގައި ހުރި ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ހައްގަކާ ގުޅޭ ގޮތުން އޮތް ކޮންޓްރެކްޓަކާ ގުޅިގެން އުފުލަންޖެހޭ އިލްތިޒާމެއްގެ މައްސަލައިގައި ދައުވާލިބޭ ފަރާތާ ދެކޮޅަށް ނިންމާފައިވުމާއެކު، ކޮންޓްރެކްޓާގުޅޭ އެ ދައުވާ، ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ހައްގާބެހޭ ދައުވާއާއެކު ދައުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވުން؛
  9. އެ ހުކުމްކޮށްފައިވަނީ މަރު، ނުވަތަ ޖިސްމާނީ އަނިޔާ، ނުވަތަ މާއްދީގޮތުން މުދަލަށް ލިބޭ ގެއްލުން ނުވަތަ މުދާ ނެތިގެންދިޔުން ފަދަ ކަމަކާ ގުޅިގެން އުފެދުނު އެއްބަސްވުމެއްގެ އިލްތިޒާމަކަށް ނުވާކަމަކާ ގުޅޭ ގޮތުން ކަމަށްވެފައި، އަދި އެފަދަ އަނިޔާއެއް ނުވަތަ ސީދާ ގެއްލުމެއް ކުރިމަތިވީ މައްސަލަ ހުށަހެޅުނު ގައުމުގައި ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ކަމަށްވުން؛
  10. އެ ހުކުމަކީ އަމިއްލަ އިހްތިޔާރުގައި އުފައްދައި، ލިޔުމުން ސާބިތުކޮށްދެވޭނެ ޓްރަސްޓެއްގެ ސައްހަކަމާއި، އުފެއްދި ގޮތާއި، އެއިން ކުރާ އަސަރުތަކާއި، އެ ބެލެހެއްޓުން ނުވަތަ ބަދަލުކުރުމާގުޅޭ ހުކުމަކަށްވުމާއި، އަދި މައްސަލަ ހުށަހެޅުނު އިރު، މައްސަލަ ހުށަހެޅުނު ގައުމަކީ އެ ގައުމެއްގެ ކޯޓުތަކުގައި އެ ޓްރަސްޓަކާމެދު އުފެދޭ ހިލާފުތައް ހައްލުކުރުމަށް ޓްރަސްޓުގެ މުސްތަނަދުގައި ކަނޑައަޅާފައިވާ ގައުމަށްވުން ނުވަތަ މައްސަލަ ހުށަހެޅުނުއިރު، މައްސަލަ ހުށަހެޅުނު ގައުމަކީ ޓްރަސްޓު ހިންގަން ޓްރަސްޓުގެ މުސްތަނަދުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ކަނޑައަޅާފައިވާ މައިގަނޑު ތަން ހުންނަ ގައުމަށްވުން؛
  11. ރައްދު ދައުވާ އުފެދިގެން އައީ ދައުވާވެސް ބިނާވެގެންވާ މުއާމަލާތް ނުވަތަ ހާދިސާގެ މައްޗަށް ކަމަށްވާނަމަ، ރައްދު ދައުވާކުރި ފަރާތަށް ފަހިވާގޮތަށް އެ ހުކުމް ނިންމާފައި އޮތް މިންވަރަށް؛ ނުވަތަ ރައްދު ދައުވާ ހުށަނާޅައިފިނަމަ ދެން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެކަމަށް މައްސަލަ ހުށަހެޅުނު ގައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާނަމަ، ރައްދު ދައުވާކުރި ފަރާތާ ދެކޮޅަށް އެ ހުކުމް ނިންމާފައި އޮތް މިންވަރަށް އެ ހުކުމުގައި ރައްދު ދައުވާއާމެދު ގޮތެއް ކަނޑައަޅާފައިވުން؛
  12. އެ ހުކުމް ކުރި ކޯޓަކީ ވިޔަފާރިވެރިންގެ ހައިސިއްޔަތުން ދެފަރާތަކުން ވެފައިވާ އެއްބަސްވުމެއްގައި، މައްސަލަ ހައްލުކުރުމަށް ހުށަހަޅާނެ ހަމައެކަނި ކޯޓުގެ ގޮތުގައި ދެފަރާތުން ސަރީހަ އިބާރާތުން އެއްބަސްވި ކޯޓު ކަމަށްވުން؛
  13. އެ ހުކުމަކީ އިފްލާސްކުރުމުގެ މައްސަލައަކާ ގުޅިގެން ނެރެފައިވާ ހުކުމަކަށްވެފައި، އެ ހުކުމްކޮށްފައިވަނީ ދަރަނިވެރިޔާގެ މައިގަނޑު މަސްލަހަތުތަކުގެ މަރުކަޒު ހުރި ގައުމަށް ނިސްބަތްވާ ކޯޓަކުންކަމަށްވުން.

(ށ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރު ހިނގާނީ ހަމައެކަނި ޓްރަސްޓުގެ ގުޅުމަކުން ބަނދެވިފައިވާ ދެ ފަރާތެއްގެ މެދުގައި އޮތް ޓްރަސްޓެއްގެ އެތެރޭގެ ކަންކަމާ ގުޅޭ ގޮތުން ކުރާ ހުކުމްތަކަށެވެ.

(ނ) ބަލައިގަތުމަށާއި ތަންފީޒުކުރަން އެދެނީ މުދާ ވިއްކުމުގެ ނުވަތަ ހިދުމަތް ހޯދުމުގެ އެއްބަސްވުމަކާ ގުޅޭ ކަމެއްގައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެކޮޅަށް ކަމަށްވާނަމަ، ނުވަތަ މުވައްޒަފެއްގެ ވަޒީފާއާބެހޭ ކޮންޓްރެކްޓަކާގުޅޭ ކަމެއްގައި އެ މުވައްޒަފަކާ ދެކޮޅަށް ކަމަށްވާނަމަ، މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރަށް އަމަލުކުރެވޭނީ، ލިޔުމުން ނުވަތަ އަނގަބަހުން ކޯޓުގައި ރުހުން ދީފައިވާނަމައެވެ. އެ ހާލަތުގައި މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އަދި (6) ވަނަ ނަންބަރަށް އަމަލެއް ނުކުރެވޭނެއެވެ.

(ރ) ހުކުމްކުރެވުނު ގައުމުގައި ހުރި ދަރަނިވެރިޔާގެ ވިޔަފާރީގެ ގޮތްޕެއް، ނުވަތަ އޭޖެންސީއެއް ނުވަތަ އެހެންވެސް ތަނެއް ހިމެނޭ ގޮތުން، ހަމަ އެ ދަރަނިވެރިޔާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން އިފްލާސްކުރުމުގެ މައްސަލައެއް ހިންގަން ފަށައިފިނަމަ، މި މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރަށް އަމަލެއްނުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ނުއުފުލޭ މުދަލާ ގުޅޭ ގޮތުން އޮތް ހައްގެއްގެ މައްޗަށް ކުރާ ހުކުމެއް ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭނީ މައްސަލަ ހުށަހެޅުނު ގައުމުގައި އެ މުދަލެއް ހުރި ހާލަތުގައި އެކަންޏެވެ.

 

392 ވަނަ މާއްދާ - ހުކުމް ގަބޫލުކޮށް ތަންފީޒުކުރުމަށް އިއުތިރާޒުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި މި ބާބުގައި ބަޔާންކޮށްފައިވާ ބޭރު ގައުމެއްގެ ހުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރަން އިއުތިރާޒުކުރެވިދާނެއެވެ.

  1. ދައުވާގެ ބަޔާން ހިމެނޭ ގޮތުން، މައްސަލަ ހުށަހެޅުމަށް ބޭނުންކުރި ދައުވާ ފޯމު ނުވަތަ އެނޫންވެސް ދައުވާ ހުށަހެޅުމަށް ބޭނުންކުރެވުނު ލިޔުމެއް:-
    1. ދައުވާލިބޭ ފަރާތަށް އެކަށީގެންވާ ވަގުތެއްގައި އެ ލިޔުންތައް ލިބިފައިނުވުމާއި، ނަތީޖާއެއްގެ ގޮތުން ދައުވާއާ ގުޅިގެން ދިފާއު ހުށަހެޅިފައިނުވުން؛ 
      (މި ހާލަތުގައި މައްސަލަ ހުށަހެޅުނު ގައުމުގެ ގާނޫނުތަކުގެ ދަށުން އެ ލިޔުމެއް ރައްދުކުރި ގޮތާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބިދީފައިވީނަމަވެސް، އެކަން ކުރުމުގެ ބަދަލުގައި ދައުވާ ރައްދުވާ ފަރާތުން ދައުވާއިން ދިފާއުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮވެގެން ނުވާނެއެވެ.) ނުވަތަ
    2. ދިވެހިރާއްޖޭގައި ހުރި ދައުވާލިބޭ ފަރާތަށް ދިވެހިރާއްޖޭގައި އަމަލުކުރާ މައިގަނޑު އުސޫލުތަކާ ހިލާފަށް އެ ލިޔުމެއް ރައްދުކޮށްފައިވުން.
  2. ހުކުމް ނެރެފައިވަނީ ހަގީގަތް އޮޅުވާލައިގެންކަމަށްވުން؛ 
  3. ހުކުމް ތަންފީޒުކުރުމަކީ މައުޒޫއީގޮތުން ނުވަތަ އިޖުރާއީގޮތުންވެސް ދިވެހިރާއްޖޭގެ އާންމު ސިޔާސަތާ ކަނޑައެޅިގެން ހިލާފުކަމަކަށްވުން؛
  4. މައްސަލަ ހުށަހެޅުނު ކޯޓުގައި ބެލުނު މައްސަލައަކީ، އެއްބަސްވުމެއް ނުވަތަ ޓްރަސްޓް އިންސްޓްރޫމަންޓެއްގެ ދަށުން އުފެދޭ ހިލާފުތައް ހައްލުކުރުމަށްޓަކައި އެއްބަސްވެފައިވާ ގޮތާ ހިލާފަށް މައްސަލަ ހުށަހެޅުނު ގައުމު ފިޔަވައި އެހެން ގައުމެއްގެ ކޯޓުގައި ބެލުމަށް ހާއްސަ އިހްތިސާސްއެއް ދީފައިވާ މައްސަލައަކަށްވުން؛
  5. އެ ހުކުމަކީ، ހިލާފު އުފެދިފައިވާ ދެފަރާތުގެ މެދުގައި ހިނގާފައިވާ ހިލާފަކާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ހުކުމަކާ ފުށުއެރުންހުރި ހުކުމަކަށްވުން؛ ނުވަތަ 
  6. ފުރަތަމަ ކޮށްފައިވާ ހުކުމަކީ ދިވެހިރާއްޖޭގައި އެ ހުކުމް ގަބޫލުކުރުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަވާ ހުކުމެއް ކަމުގައިވާ ހާލަތުގައި، އެ ހުކުމަކީ އެ ހުކުމުގެ ކުރިން ހަމަ އެ މައުޒޫއުގައި އެ ހަސްމުންގެ މެދުގައި ކޮށްފައިވާ ހުކުމަކާ ފުށުއެރުން ހުރި ހުކުމަކަށްވުން.

(ށ) އެއް ހަސްމުންތަކެއްގެ މެދުގައި ހަމަ އެ މައުޒޫއުގައި ދިވެހިރާއްޖޭގައި މައްސަލައެއް ހުށަހެޅި ހިނގަމުންދާނަމަ، އަންނަނިވި ހާލަތްތަކުގައި ބޭރު ގައުމެއްގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒުކުރަން އިއުތިރާޒުކުރެވިދާނެއެވެ.

  1. މައްސަލަ ބޭރު ގައުމުގެ ކޯޓަކަށް ހުށަހެޅުމުގެ ކުރިން ދިވެހިރާއްޖޭގެ ކޯޓަށް މައްސަލަ ހުށަހެޅިފައިވުން؛ އަދި 
  2. މި ގާނޫނުގެ ހަތަރުވަނަ ބާބު "ކޯޓުތަކުގެ އިހްތިސާސް" ގެ ދަށުން ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ އިހްތިސާސް ލިބިފައިވުން.

 

393 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު

(ހ) ހަސްމަކަށް ހަގީގަތުގައި ލިބުނު ގެއްލުމަށް ބަދަލު ލިބިނުދެވޭ ގޮތަށް ކޯޓުން މައުނަވީ ބަދަލު ނަގައިދީފައިވާ ހާލަތްތައް ހިމެނޭ ގޮތުން، ހުކުމަކުން ބަދަލުދިނުމަށް އަންގާފައިވާނަމަ އެ މިންވަރަށް ގަބޫލުކޮށް ތަންފީޒުކުރަން ދެކޮޅު ހެދިދާނެއެވެ.

(ށ) މައްސަލައިގައި ހިނގާފައިވާ ހަރަދުތައް ހޯދޭނެ ކަމާމެދު ނުވަތަ ހޯދޭނެ މިންވަރާމެދު މައްސަލަ ހުށަހެޅުނު ކޯޓުން ބަލާފައިވާ މިންގަނޑަށް، ތަންފީޒުކުރުމަށް އެދެވޭ ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

 

393 ވަނަ މާއްދާ - ހުށަހަޅަންޖެހޭ ލިޔުންތައް 

ބޭރު ގައުމެއްގައި ކޮށްފައިވާ ހުކުމެއް ގަބޫލުކުރުމަށް ނުވަތަ ތަންފީޒުކުރުމަށް އެދި ހުށަހަޅާ ހަސްމަކު އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ހުކުމުގެ ފުރިހަމަ އަދި އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށްފައިވާ ކޮޕީއެއް؛
  2. އެ ހުކުމަކީ ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއްނަމަ، ހާޒިރުނުވި ހަސްމަށް ދައުވާއާގުޅޭ ލިޔުންތައް ރައްދުކުރިކަން އަންގައިދޭނެ ލިޔުމެއްގެ އަސްލު ނުވަތަ ކަށަވަރުކޮށްފައިވާ ކޮޕީއެއް؛
  3. އެ ހުކުމަކީ މައްސަލަ ހުށަހެޅުނު ގައުމުގައި އޭގެ ބާރު ހިނގާ، ނުވަތަ ތަންފީޒުކުރެވޭނެ ހުކުމެއްކަންއަންގައިދިނުމަށް ކޮންމެހެން ބޭނުންވާނެ ލިޔުންތައް.

(ށ) ތަންފީޒުކުރަން ހުށަހެޅޭ ކޯޓަކުން މި ބާބުގައި ހިމެނޭ ކަންތައްތައް ފުރިހަމަވެފައިވޭތޯ ބެލުމަށް އެ ހުކުމަކުން ޖާގަނުދޭ ނަމަ، ކޮންމެހެން ބޭނުންވާނެ އެހެން ލިޔުންތައް ހުށަހެޅުމަށް އެ ކޯޓަކަށް އެންގިދާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުރީ ދިވެހި ބަހުން ކަމުގައިނުވާނަމަ، އެ ލިޔުމާއެކު ކޯޓުން ގަބޫލުކުރާ ދިވެހި ތަރުޖަމާއެއް ހުށަހަޅަންވާނެއެވެ. ދިވެހިރާއްޖޭގެ ގާނޫނުން ނުވަތަ ކޯޓުން އެނޫންގޮތަކަށް ލާޒިމުނުކުރާހާހިނދަކު، ސަރޓިފައިކޮށްފައިވާ އިނގިރޭސި ތަރުޖަމާ ކޯޓުން ގަބޫލުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) މި ބާބުގައި ބަޔާންކުރާ އިޖުރާއަތެއް ތަންފީޒުކުރުމުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭ ގޮތުން ހަސްމަކަށް ވަގުތީ ފިޔަވަޅު ނުވަތަ ވަގުތީ ފަރުވާއަށް އެދެވިދާނެއެވެ. މިގޮތަށް އެދެފިނަމަ ކޯޓުން އެންމެ ފުރަތަމަ ގޮތެއް ނިންމަންވާނީ އެ ފިޔަވަޅުތަކާ މެދުގައެވެ.

 

395 ވަނަ މާއްދާ - އިހްތިސާސް ލިބިގެންވާ ކޯޓު

މި ގާނޫނުގައި އިސްތިއުނާފަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް، ބޭރު ގައުމުގެ ހުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމުގެ ހާއްސަ އިހްތިސާސް ފުރަތަމަ މަރުހަލާގައި ލިބިގެންވަނީ ސިވިލް ކޯޓަށެވެ.

 

396 ވަނަ މާއްދާ - އެމީހަކާ ދެކޮޅަށް ބަލައިގަނެ ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅިފައިވާ މީހާއަށް ލިޔުން ރައްދުކުރުން

(ހ) މި މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ބޭރު ގައުމުގެ ހުކުމެއް ބަލައިގަނެ ތަންފީޒުކުރަން އެދޭނަމަ، އެ ހުށަހެޅުމެއް ކޯޓަށް ހުށަހަޅާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި، އެމީހަކާ ދެކޮޅަށް ބަލައިގަނެ ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅިފައިވާ މީހާއަށް އެ ހުށަހެޅުން ފޮނުވަންވާނެއެވެ.

(ށ) މި ގާނޫނުގެ 394 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭ ގޮތުން އެޅޭ ވަގުތީ ފިޔަވަޅަކަށް ނުވަތަ ވަގުތީ ފަރުވާ އަކަށް އެދިފައިވާނަމަ، އެފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭ ގޮތުން އެޅޭ ވަގުތީ ފިޔަވަޅު ނުވަތަ ވަގުތީ ފަރުވާއާމެދު ކޯޓުން ގޮތެއް ނިންމާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި، ބޭރު ގައުމެއްގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅިފައިވާ ހުށަހެޅުން ރައްދުވާ ފަރާތަށް، ބަލައިގަނެ ތަންފީޒުކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ފޮނުވަންވާނެއެވެ.

 

397 ވަނަ މާއްދާ - ބޭރު ގައުމުގައި ހިނގި މައްސަލައިގެ ހަސްމަކަށް ނުވާ މީހާއަށް އޮތް ހައްގުތައް

ބޭރު ގައުމުގައި ހިނގި މައްސަލައިގެ ހަސްމަކަށް ނުވާ، އެހެން ނަމަވެސް، ބޭރު ގައުމުގެ ހުކުމް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޒުކޮށްފިނަމަ އެކަމުގެ ސަބަބުން އެފަރާތެއްގެ ގާނޫނީ ހައްގުތަކަށް ސީދާ އަސަރުކުރާނެ ފަރާތްތަކުން، އެފަދަ ހުކުމެއް ދިވެހިރާއްޖޭގައި ގަބޫލުކޮށް ތަންފީޒުކުރުމަށް އިއުތިރާޒުކޮށް ސިވިލް ކޯޓަށް ހުށަހެޅިދާނެއެވެ.

 

ހަވަނަ ބައި

އެހެނިހެން

 

ސައުރަތިރީސްވަނަ ބާބު

ކޯޓުގެ ލިޔެކިޔުންތައް 
 
އެއްވަނަ ބައި - ލިޔެކިޔުން ތައްޔާރުކުރުމާއި ކޯޓަށް ހުށަހެޅުން

 

398 ވަނަ މާއްދާ - ލިޔެކިޔުން ތައްޔާރުކުރުން

(ހ) މި ގާނޫނުގެ ދަށުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމުގައި، ކޯޓުން އެނޫންގޮތަކަށް އަންގާފައިނުވާހާހިނދަކު، ކޯޓުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް އެ ލިޔެކިޔުން ހުށަހަޅާ ހަސްމަކަށް ނުވަތަ ފަރާތަކަށް އެ ލިޔެކިޔުން ތައްޔާރުކުރެވިދާނެއެވެ.

(ށ) ލިޔެފައި ހުރި އެއްޗެއް ކިޔަން ނޭނގޭ ގޮތަށް ހުންނަ ލިޔެކިޔުންތަކާއި، ހުއްދަނެތި ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކާއި، އެނޫންވެސް ސަބަބުތަކަށްޓަކައި ކޯޓަށް ގަބޫލުނުކުރެވޭނެ ލިޔެކިޔުންތައް ބަލައިނުގަތުމަށް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް މި މާއްދާއިން އެއްވެސް ހަނިކަމެއް ނާންނާނެއެވެ.

(ނ) މި ގާނޫނުގެ އެއްވެސް މާއްދާއަކުން ލިޔުމެއްގައި ސޮއިކޮށްފައި އޮތުން ލާޒިމުކޮށްފައިވާނަމަ، ކޮމްޕިއުޓަރަކުން ޕްރިންޓުކޮށްގެން ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ގޮތަކުން ސޮއިކޮށްފައިވާނަމަ، ބުނެވިދިޔަ ބޭނުމަށްޓަކައި ފުދޭނެއެވެ.

 

399 ވަމަ މާއްދާ - ތެދުކަމަށް ބުނެ ދޭ ބަޔާނަކުން ކަށަވަރުކުރަންޖެހޭ ލިޔުންތައް

(ހ) އަންނަނިވި ލިޔުންތަކަކީ، ތެދުކަމަށްބުނެ ދޭ ބަޔާނަކުން ކަށަވަރުކޮށްދޭންޖެހޭ ލިޔުންތަކެކެވެ.

  1. ދައުވާފޯމާއި، ދައުވާގެ ދިފާއާއި، ރައްދު ދައުވާއާއި އިތުރު ދައުވާ؛ 
  2. އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ކޯޓުން ކުރާ އަމުރަކަށް ތަބާވުމަށް ތައްޔާރުކުރާ ޖަވާބު؛
  3. ހެކިބަސްދޭ ފަރާތްތަކުގެ ބަޔާން؛ 
  4. ދައުވާކުރުމުގެ ހާއްސަ އިޖުރާއަތެއް މެދުވެރިކޮށް ހުށަހަޅާފައިވާ ދައުވާއެއް ރައްދުވެފައިވާ ކަމަށްބުނެ ދޭ ބަޔާން؛
  5. ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށް ބުނެ ދޭ ބަޔާން؛ އަދި 
  6. ތެދުކަމަށްބުނެ ދޭ ބަޔާނަކުން ކަށަވަރުކުރުމަށް މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ލާޒިމުކުރާ މިނޫންވެސް އެހެން ލިޔުންތައް.

(ށ) ދައުވާފޯމާއި، ދައުވާގެ ދިފާއާއި، ރައްދު ދައުވާއާއި އިތުރު ދައުވާއެއް އިސްލާހުކޮށްފިނަމަ، ތެދުކަމަށްބުނެ ދޭ ބަޔާނަކުން އެ އިސްލާހުތައް ކަށަވަރުކުރަންވާނެއެވެ.

(ނ) ކޯޓަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމުގެ ނޯޓިސް ދޭއިރު، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ ކަންކަމަށް ހެކީގެ ގޮތުގައި ބަރޯސާވާން އެދޭނަމަ، އެ ހުށަހެޅުމުގެ ނޯޓިސް ދިން ފަރާތުން ތެދުކަމަށްބުނެ ދޭ ބަޔާނަކުން އެ ނޯޓިސް ކަށަވަރުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، ތެދުކަމަށްބުނެ ދޭ ބަޔާނަކީ އަންނަނިވި ފަރާތްތަކުންދޭ ބަޔާނެކެވެ.

  1. ލިޔުން ހުށަހަޅާ ހަސްމެއް؛ 
  2. ހެކިބަސްދޭ ފަރާތްތަކުގެ ބަޔާނާ ގުޅުވައިގެންނަމަ، އެ ބަޔާން ދޭ ހެކިބަސްދޭ ފަރާތް؛ ނުވަތަ
  3. ލިޔުމެއް ހަވާލުކޮށްފައިވާ ކަމަށްބުނެ ދޭ ސެޓްފިކެޓަކާ ގުޅުވައިގެންނަމަ، އެ ސެޓްފިކެޓުގައި ސޮއިކުރާ މީހާ.

(ބ) ހަސްމަކު މައްސަލައެއް ކުރިއަށްގެންދަނީ އެފަރާތެއް ތަމްސީލުކުރާ ބެލެނިވެރިއަކާއެކު ކަމަށްވާނަމަ، ދައުވާފޯމާއި، ދައުވާގެ ދިފާއާއި، ރައްދު ދައުވާއާއި އިތުރު ދައުވާއެއް ނުވަތަ ހުށަހެޅުމެއްގެ ނޯޓިހާ ގުޅިގެން ތެދުކަމަށްބުނެ ދޭ ބަޔާނަކީ އޭގައިވާ ވާގިއާތަކުގެ ތެދުކަން އެ ބެލެނިވެރިޔާ ގަބޫލުކުރާ ބަޔާނެއް ކަމުގައި ބެލޭނެއެވެ.

(ޅ) ތެދުކަމަށްބުނެ ދޭ ބަޔާނުގައި ސޮއިކުރާނީ، ދައުވާފޯމާއި، ދައުވާގެ ދިފާއާއި، ރައްދު ދައުވާއާއި އިތުރު ދައުވާއެއް ނުވަތަ ހުށަހެޅުމަކާ ގުޅޭ ގޮތުން އެ ހަސްމަކު ނުވަތަ ހަސްމު ތަމްސީލުކުރާ ބެލެނިވެރިޔަކު ނުވަތަ އެ ހަސްމަކު ނުވަތަ އެ ބެލެނިވެރިއަކު ގާނޫނީގޮތުން ތަމްސީލުކުރާ ފަރާތަކުންނެވެ.

(ކ) ހެކިބަސްދޭ ފަރާތްތަކުގެ ބަޔާނާ ގުޅުވައިގެންނަމަ، ތެދުކަމަށްބުނެ ދޭ ބަޔާނުގައި ސޮއިކުރާނީ، އެ ބަޔާން ދޭ ހެކިބަސްދޭ ފަރާތެވެ.

(އ) ލިޔުމެއް ތެދުކަމަށްބުނެ ދޭ ބަޔާން އެ ލިޔުމެއްގެ ތެރޭގައި ނުހިމެނޭ ނަމަ، ބަޔާނުގައި ކަށަވަރުކަންދ ލިޔުމަކީ ކޮބައިކަން އެނގޭނެގޮތަށް ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

400 ވަނަ މާއްދާ - ދައުވާގެ ލިޔެކިޔުން ކަށަވަރުނުކުރުން

(ހ) ދައުވާފޯމާއި، ދައުވާގެ ދިފާއާއި، ރައްދު ދައުވާއާއި އިތުރު ދައުވާއެއް ހަސްމަކު ތެދުކަމަށްބުނެ ދޭ ބަޔާނަކުން ކަށަވަރުކޮށްދީފައިނުވާނަމަ، ކޯޓަށް އެ ލިޔެކިޔުން ބާތިލުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ދައުވާފޯމާއި، ދައުވާގެ ދިފާއާއި، ރައްދު ދައުވާއާއި އިތުރު ދައުވާ ކޯޓުން ބާތިލުނުކުރާހާ ހިނދަކު އެ ލިޔެކިޔުން ސައްހަގޮތުގައި ދެމިއޮންނާނެއެވެ.

(ނ) ކޮންމެ ހަސްމަކަށްވެސް މި މާއްދާގެ (ހ) ދަށުން މައްސަލައިގެ ލިޔެކިޔުން ބާތިލުކޮށްދިނުމުގެ އަމުރަކަށް އެދެވިދާނެއެވެ.

 

401 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތްތަކުގެ ބަޔާން ކަށަވަރުނުކުރުން

ހެކިބަސްދޭ ފަރާތެއް، ތެދުކަމަށްބުނެ ދޭ ބަޔާނަކުން އެ ހެކީގެ ބަޔާނުގެ ތެދުކަން ކަށަވަރުކޮށްދީފައިނުވާނަމަ، އެ ބަޔާން ހެކީގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.

 

402 ވަނަ މާއްދާ - ލިޔުމެއް ކަށަވަރުކުރުމަށް ލާޒިމުކުރުމަށް ކޯޓަށް ލިބިގެންވާ ބާރު

(ހ) މި ގާނޫނުގެ 401 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އެއްވެސް ފަރާތަކުން ލިޔުމެއް ކަށަވަރުކޮށްފައިނުވާނަމަ، އެ ލިޔުމެއްގެ ތެދުކަން ކަށަވަރުކޮށްދިނުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) ކޮންމެ ހަސްމަކަށްވެސް މި މާއްދާގެ (ހ) ގެ ދަށުން އެ ލިޔުމެއް ކަށަވަރުކޮށް ދިނުމުގެ އަމުރަކަށް އެދެވިދާނެއެވެ.

 

403 ވަނަ މާއްދާ - ކޯޓުގެ ލިޔުންތަކުގައި ސިއްކަ ޖެހުން

(ހ) އަންނަނިވި ލިޔުންތައް ދޫކުރުމުގެ ކުރިން، އެ ލިޔުމުގައި ކޯޓުން ސިއްކަ ޖަހަންވާނެއެވެ.

  1. ހުކުމް؛ 
  2. ށަރީއަތް ނިމުނުގޮތުގެ ރިޕޯޓު؛ 
  3. މި ގާނޫނުގެ ނުވަތަ އެހެން ގާނޫނަކުން ސިއްކަ ޖެހުމަށް ކޯޓަށް ލާޒިމުކުރާ އެނޫން އެހެން ކޮންމެ ލިޔުމެއް.

(ށ) އިލެކްޓްރޯނިކް ވަސީލަތެއްގެ ޒަރީއާއިން ނުވަތަ އެނޫންގޮތަކަށްވެސް ލިޔުމެއްގައި ކޯޓުން ސިއްކަ ޖެހިދާނެއެވެ.

(ނ) ކޯޓުގެ ސިއްކަ ޖަހާފައިވާ ލިޔުމެއް އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވޭނެއެވެ.

 

404 - ވަނަ މާއްދާ - ފޯމުތައް

(ހ) ކޯޓުން އެނޫންގޮތަކަށް ކަނޑަނާޅާހާހިނދަކު، މައްސަލައަކާ ގުޅޭ ގޮތުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ ފޯމުތައް އެ މައްސަލައެއް ހުށަހެޅުމުގައި ބޭނުންކުރެވޭނެއެވެ.

(ށ) ވަކި ކަމަކާ ގުޅިގެން އުފެދޭ ހާލަތެއްގައި ފޯމަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ، ކޯޓަށް އެ ބަދަލެއް ގެނެވިދާނެއެވެ.

(ނ) މި ގާނޫނުގައި ހަސްމުންނަށް ފޯމެއް ފޮނުވަން ކޯޓުން ލާޒިމުކޮށްފައިވާނަމަ، ވަކި ކަމަކާ ގުޅިގެން ފޯމަށް ބަދަލެއް ގެންނަންޖެހިއްޖެ ހާލަތެއްގައި މެނުވީ، އެ ފޯމެއް ފޮނުވަންވާނީ އެއްވެސް އުނިއިތުރެއް ގެނައުމަކާ ނުލައެވެ. އަދި އެފަދަ އުނިއިތުރެއް ގެނެވޭނީ ހަމައެކަނި ކޯޓަށެވެ.

(ރ) ހަސްމަކު ތަމްސީލުކުރުމަށް ގާނޫނީ ވަކީލަކު އައްޔަންކޮށްފައިނުވާ ހާލަތެއްގައި، ކޯޓަށް ހުށަހެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރުމަށް ކޯޓުން ހަސްމުންނަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.

 

405 ވަނަ މާއްދާ - އީ -މެއިލްގެ ޒަރީއާއިން ލިޔުންތައް ހުށަހެޅުމާއި މުއާމަލާތްކުރުން

މައްސަލައަކާ ގުޅިގެން ކޯޓުން ހަސްމުންނާ މުއާމަލާތްކުރުމުގައާއި، ދައުވާފޯމު ހުށަހެޅުމާއި، ކޯޓަށް ފޮނުވަންޖެހޭ އެނޫންވެސް ލިޔެކިޔުންތައް ފޮނުވުމާއި، މައްސަލައާގުޅޭ އެންމެހައި ލިޔެކިޔުންތައް ފޮނުވުމުގައި، އީ-މެއިލް މެދުވެރިކޮށް ފޮނުވ ނެ އިންތިޒާމް ކޯޓުތަކުން ގާއިމުކުރަންވާނެއެވެ.

 

406 ވަނަ މާއްދާ - ކޯޓަށް ލިޔެކިޔުން ހުށަހެޅުމާއި ކޯޓުން ކުރަންޖެހޭ މުއާމަލާތްތައް ކުރުން

(ހ) ކޯޓަށް ދައުވާއާއި ދައުވާއާގުޅޭ ލިޔެކިޔުމާއި އެނޫންވެސް ލިޔެކިޔުންތައް ހުށަހަޅާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

  1. ސީދާ ކޯޓަށް ހުށަހެޅުން؛ 
  2. އީ-މެއިލް މެދުވެރިކޮށް ހުށަހެޅުން؛ 
  3. އިލެކްޓްރޯނިކް ފައިލިންގ ހިދުމަތް މެދުވެރިކޮށް ހުށަހެޅުން.

(ށ) ދައުވާފޯމާއި ކޯޓަށް ފޮނުވަންޖެހޭ އެނޫންވެސް ލިޔެކިޔުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ފޮނުވުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް، ކޯޓުތަކުގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ނ) ކޯޓަށް ހުށަހެޅޭ ދައުވާއެއް ނުވަތަ މައްސަލައަކާ ގުޅިގެން ކޯޓުން މައްސަލައިގެ ހަސްމުންނާ މުއާމަލާތްކުރުމުގައި، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ވަސީލަތްތައް މެދުވެރިކޮށް އެ މުއާމަލާތްތައް ކުރެވިދާނެއެވެ.

(ރ) މި ގާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ހަސްމުންގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ނޯޓިސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅުމުން ނުވަތަ ފޮނުވުމުން، މި ގާނޫނުގެ ބޭނުމަށް އެ އިޖުރާއަތެއް ފުރިހަމަކުރެވުނީ ކަމުގައި ބަލަންވާނެއެވެ.

 

407 ވަނަ މާއްދާ - އިލެކްޓްރޯނިކް ފައިލިންގ ހިދުމަތް

(ހ) މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޮންމެ ކޯޓެއްގައި، އިލެކްޓްރޯނިކް ފައިލިންގ ހިދުމަތެއް ގާއިމުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިލެކްޓްރޯނިކް ފައިލިންގ ހިދުމަތަކީ، ކޯޓުތަކަށް ދައުވާއާއި މައްސަލަ ހުށަހެޅުމުގައާއި، ކޯޓަށް ހުށަހަޅާ އެނޫންވެސް ހުށަހެޅުންތައް ހުށަހެޅުމުގައާއި، ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ހަސްމުންގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހެޅުމުގައާއި، ކޯޓުގެ ފަރާތުން ހަސްމުންނަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި އަމުރާއި ނޯޓިސް ފޮނުވުމުގައި ބޭނުންކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގައި ބަޔާންކުރާ އިލެކްޓްރޯނިކް ފައިލިންގ ހިދުމަތަކީ، އެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުން އެ ހިދުމަތް ބޭނުންކުރުމަށްޓަކައި ރަޖިސްޓަރީކުރަންޖެހޭ ގޮތަށް ކަނޑައެޅޭ ހިދުމަތެއް ކަމުގައިވާންވާނެއެވެ.

(ރ) ކޯޓަށް ހުށަހަޅަންޖެހޭ ލިޔުމަކީ، މި ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ ގާނޫނެއްގެ ދަށުން އެ ލިޔުން ހުށަހަޅާ ފަރާތުން އެލިޔުމުގައި ސޮއިކޮށް އަދި/ނުވަތަ އިނިގިލީގެ ނިށާން އެ ލިޔުމުގައި ޖެހުމަށްފަހުގައި ހުށަހަޅަންޖެހޭ ލިޔުމެއް ކަމުގައިވީނަމަވެސް، އެފަދަ ލިޔުމެއްގައި ސޮއިކުރަންޖެހޭ ފަރާތުން އެ ލިޔުން ކޯޓަށް ހުށަހަޅަނީ އިލެކްޓްރޯނިކް ފައިލިންގ ސިސްޓަމް މެދުވެރިކޮށް އަދި މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން ކަނޑައެޅިފައިވާ ރަޖިސްޓްރ ށަން ނިޒާމެއް މެދުވެރިކޮށް ކަމުގައިވާނަމަ، އެ ލިޔުމަކީ އޭނާގެ ފަރާތުން ސޮއިކޮށް ހުށަހަޅާފައިވާ ލިޔުމެއްކަމުގައި ބަލަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ގޮތްތަކަށް ލިޔެކިޔުން ބަދަލުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކޯޓުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އެގޮތުން، އެ ގަވާއިދުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. އިލެކްޓްރޯނިކް ފައިލިންގ ހިދުމަތް މެދުވެރިކޮށް ކޯޓަށް ލިޔެކިޔުން ފޮނުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ރަޖިސްޓްރ ށަނާގުޅޭ ކަންކަން؛
  2. ކޯޓަށް ލިޔެކިޔުން ބަލައިގަންނަން ހަމަޖެހިފައިވާ ވަގުތުތައް؛ 
  3. ކޯޓުން ލިޔެކިޔުން ފޮނުވުމަށް ހަމަޖެހިފައިވާ ވަގުތުތައް؛ 
  4. ކޯޓަށް ލިޔެކިޔުން ހުށަހެޅުނީކަމުގައި ނުވަތަ ފޮނުވުނީ ކަމުގައި ބަލާނެ ހާލަތްތަކާއި ވަގުތުތައް؛
  5. ފީއާ ގުޅޭ ކަންކަން.

 

ދެވަނަ ބައި - ދައުވާއާގުޅޭ ލިޔެކިޔުމާއި އެހެނިހެން ލިޔެކިޔުން ރައްދުކުރުން

 

408 ވަމަ މާއްދާ - ދައުވާ ފޯމު ފިޔަވައި އެހެން ލިޔުންތައް ރައްދުކުރުމުގެ އިޖުރާއަތު

(ހ) މައްސަލައާގުޅޭ ލިޔުންތައް ރައްދުކުރުމަށްޓަކައި، އެފަރާތަކަށް ލިޔުންތައް ރައްދުކުރެވޭނެ އެޑްރެހެއް މައްސަލައެއްގެ ކޮންމެ ހަސްމަކުވެސް ދޭންވާނެއެވެ.

(ށ) އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހަސްމަކަށް ލިޔެކިޔުން ރައްދުކުރާ އެޑްރެސް ވާންވާނީ،ރައްދުކުރެވޭ ހަސްމުގެ ގާނޫނީ ވަކީލުންގެ އޮފީސް ހުންނަ އެޑްރެހަށެވެ. ނުވަތަ އެ ހަސްމަކު ގާނޫނީ ވަކީލަކު އައްޔަންކޮށްފައިނުވާނަމަ، އެ ހަސްމަކު އާންމު ގޮތެއްގައި ދިރިއުޅޭ ނުވަތަ ވިޔަފާރި ހިންގާ އެޑްރެހަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް ފިޔަވައި އެނޫން ހާލަތެއްގައިނަމަ، ލިޔެކިޔުން ރައްދުކުރުމުގެ ބޭނުމަށް އެ ހަސްމަކު އެހެން އެޑްރެހެއް ދޭންވާނެއެވެ.

(ރ) އަތުން އަތަށް ރައްދުކުރަން ނުޖެހޭ ނަމަ، ނުވަތަ ކޯޓުން އެހެން ގޮތަކަށް އަމުރުކޮށްފައިނުވާނަމަ، މައްސަލައަކާ ގުޅިގެން ރައްދުކުރަންޖެހޭ އެއްވެސް ލިޔުމެއް ރައްދުކުރާނީ މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ހަސްމުގެ ލިޔެކިޔުން ރައްދުކުރާ އެޑްރެހަށް އެ ލިޔުމެއް ފޮނުވަ އިގެންނެވެ.

(ބ) ހަސްމަކު ލިޔެކިޔުން ބަލައިގަންނަން ބޭނުންވަނީ އިލެކްޓްރޯނިކް ވަސީލަތެއްގެ ޒަރީއާއިން ކަމަށް ބުނެފައިވާނަމަ، އެ ހަސްމަކު ދީފައިވާ އީ-މެއިލް އެޑްރެސް ނުވަތަ އިލެކްޓްރޯނިކް އައިޑެންޓިފިކ ށަނަކީ އެފަރާތަށް ލިޔެކިޔުން ރައްދުކުރާ އެޑްރެސްކަމަށް ބެލެވޭނެއެވެ.

(ޅ) ދައުލަތުން ދައުވާކުރާ ނުވަތަ ދައުލަތަށް ދައުވާ ރައްދުވާ މައްސަލަތަކުގައި، ދައުލަތަށް ލިޔެކިޔުން ރައްދުކުރާނީ އެއީ ދައުވާ ފޯމެއް ފަދައިން، މި ގާނޫނުގެ 410 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.

(ކ) މި ގާނޫނުގެ 412 ވަނަ މާއްދާގެ ދަށުން ކޯޓުން ކުރާ އަމުރެއްގައި ލިޔުމެއް ރައްދުކުރަންވީ ތަން ބަޔާންކޮށްފައިވާނަމަ، މި މާއްދާގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެވެ.

 

409 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން

(ހ) ދައުވާކުރާ ފަރާތަށާއި ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ރައްދުކުރާނީ އަތުން އަތަށެވެ.

(ށ) ދައުވާކުރާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ރައްދުކުރާނީ، ކޯޓު އަމުރާއި ލިޔެކިޔުން ރައްދުކުރުމަށް އެފަރާތުން ކޯޓަށް ދީފައިވާ އެޑްރެހަށެވެ.

(ނ) ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓުން ރައްދުކުރާނީ ދައުވާލިބޭ ފަރާތުގެ އެޑްރެސް ކަމަށް ބުނެ ދައުވާކުރާ ފަރާތުން ދީފައިވާ އެޑްރެހަށެވެ.

(ރ) ދައުވާކުރާ ފަރާތުން ދީފައިވާ ދައުވާ ލިބޭ ފަރާތުގެ އެޑްރެހަށް އަމުރު ރައްދުކުރުމަށް ކޯޓުން މަދުވެގެން ތިން ފަހަރު މަސައްކަތްކުރަންވާނެއެވެ. އަދި އެފަދައިން މަސައްކަތްކޮށްގެންވެސް އެ އެޑްރެހަށް އަމުރު ރައްދުނުކުރެވިއްޖެނަމަ، ދައުވާލިބޭ ފަރާތުގެ އެޑްރެހަކީ ކޮބައިކަން ސާފުކުރުމަށްފަހު 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އެންގުމަށް ދައުވާކުރާ ފަރާތަށް ކޯޓުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުވާކުރާ ފަރާތުން، ދައުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކުރުމަށް މަސައްކަތްކޮށްގެންވެސް އެފަރާތުގެ އެޑްރެސް ސާފުކުރެވިފައިނުވާނަމަ އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި އެގޮތަށް ދައުވާކުރާ ފަރާތުން އެންގުމުން ކޯޓުން ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރުމަށް މަސައްކަތްކުރަންވާނެއެވެ.

(ޅ) ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަށްވެސް އަމުރު ރައްދުނުކުރެވިއްޖެނަމަ، ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހުގައި އަމުރުގެ ރަތް ނޯޓިހެއް ހަރުކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަތް ނޯޓިސް ހަރުކުރުމަށްފަހުގައިވެސް، ދައުވާލިބޭ ފަރާތުން ކަނޑައަޅާފައިވާ ތާރީހަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ، ވަކި ވަގުތަކަށް ކޯޓަށް ހާޒިރުވުމަށް ދައުވާލިބޭ ފަރާތަށް އަންގައި އާންމުކޮށް އިއުލާންކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް އާންމުކޮށް އިއުލާންކުރުމުންވެސް ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުނުވިނަމަ، ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދިޔުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

 

410 ވަނަ މާއްދާ - ދައުވާ ފޯމު ރައްދުކުރުން

(ހ) ދައުވާކުރާ ފަރާތް ފިޔަވައި، މައްސަލައިގައި ހިމެނޭ ހަސްމުންނަށް ދައުވާ ފޯމު ރައްދުކުރާނީ ކޯޓުންނެވެ.

(ށ) ދައުވާ ފޯމު ރައްދުކުރާނީ، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމުގައި ކޯޓުން އަމަލުކުރާނެ އިޖުރާއަތު ކަމުގައި މި ގާނޫނުގެ 409 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

411 ވަނަ މާއްދާ - ދައުވާ ފޯމު ފިޔަވައި އެހެން ލިޔުންތައް ރައްދުކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި ފިޔަވައި، ކޯޓުން ތައްޔާރުކުރާ ލިޔުމެއް ރައްދުކުރާނީ ކޯޓުންނެވެ.

  1. އެ ލިޔުން ރައްދުކުރާނީ ހަސްމަކު ކަމަށް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވުން؛
  2. އެ ހަސްމެއްގެ ފަރާތުން ކޯޓުން އެ ލިޔުމެއް ރައްދުކުރާ ހަސްމަކު، އޭނާ އަމިއްލައަށް އެ ލިޔުން ރައްދުކުރަން ބޭނުންކަމަށް ބުނެ ކޯޓަށް އެންގުން؛ ނުވަތަ 
  3. ކޯޓުން އެހެން ގޮތަކަށް އަމުރުކުރުން.

(ށ) ލިޔުމެއް ރައްދުކުރަނީ ކޯޓުން ކަމަށްވާނަމަ، އެ ލިޔުން ރައްދުކުރާނެ ގޮތް ނިންމާނީ ކޯޓުންނެވެ.

(ނ) ހަސްމަކު ތައްޔާރުކޮށްފައިވާ ލިޔުމެއް ކޯޓު މެދުވެރިކޮށް ރައްދުކުރާނަމަ، ކޯޓަށާއި، މައްސަލައިގައި ހިމެނޭ ކޮންމެ ހަސްމަކަށް އެ ލިޔުމުގެ ކޮޕީއެއް އެ ހަސްމަކު ހުށަހަޅަންވާނެއެވެ.

(ރ) އެހެން ގާނޫނަކުން ނުވަތަ ކޯޓު އަމުރަކުން އެފަދައިން ލާޒިމުކޮށްފައިވާނަމަ، ދައުވާ ފޯމު ފިޔަވައި، އެހެން ލިޔުންތައް ރައްދުކުރަންވާނީ އަތުން އަތަށެވެ.

 

412 ވަނަ މާއްދާ - އެޑްރެސް ބަދަލުވުން

ހަސްމަކަށް ލިޔެކިޔުން ރައްދުކުރާ އެޑްރެސް ބަދަލުވެއްޖެނަމަ، އެ ބަދަލެއް، ވީ އެންމެ އަވަހަކަށް ކޯޓަށާއި އެހެން ހަސްމުންނަށް ލިޔުމުން އަންގަންވާނެއެވެ.

 

413 ވަނަ މާއްދާ - ކުޑަކުދިންނާއި ރައްކާތެރިކަން ލިބިދީފައިވާ މީހުންނަށް ރައްދުކުރުން

(ހ) ކުޑަކުއްޖަކަށް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ މީހަކަށް ރައްދުކުރަންޖެހޭ ލިޔުމެއް ރައްދުކުރާނީ އެ ކުއްޖެއްގެ ނުވަތަ އެ ރައްކާތެރިކަން ލިބިދީފައިވާ މީހެއްގެ ފަރާތުން މައްސަލައިގައި ތަމްސީލުކުރާ ފަރާތަކަށެވެ.

(ށ) ކުޑަކުއްޖަކަށް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ މީހަކަށް ނުވަތަ އެފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް ކަނޑައަޅާފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ލިޔެކިޔުން ރައްދުކުރުމަށް ހުއްދަދީ، ކޯޓަށް އަމުރެއް ނެރެވިދާނެއެވެ.

(ނ) އަނެއް ފަރާތަށް ނޯޓިސް ދިނުމަކާ ނުލައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އަމުރަކަށް އެދި ހުށަހެޅިދާނެއެވެ.

 

414 ވަނަ މާއްދާ - އެހެން ގޮތަކަށް ނުވަތަ އެހެން ތަނަކަށް ރައްދުކުރުން

(ހ) ދައުވާ ފޯމު ނޫން އެހެން ލިޔެކިޔުން ރައްދުކުރުމަށް މި ގާނޫނުގައި ވަކި ގޮތްތަކެއް ކަނޑައަޅާފައިވީނަމަވެސް، ނުވަތަ ވަކި ތަނަކަށް ފޮނުވަންޖެހޭ ހާލަތެއްގައިނަމަވެސް، އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، ކޯޓުން ކަނޑައަޅާ އެހެން ގޮތަކަށް ނުވަތަ އެހެން ތަނަކަށް ލިޔެކިޔުން ފޮނުވުމުގެ އަމުރަކަށް އެދެވިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން އަމުރެއް ނެރުމުގައި، ދައުވާ ފޯމު ނޫން އެހެން ލިޔެކިޔުން މި ގާނޫނުގައި ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ނުވަތަ އެހެން ތަނަކަށް ފޮނުވައިގެން އެ ލިޔެކިޔުން ރައްދުވާންޖެހޭ ފަރާތަކަށް ރައްދުކުރުމަށް އެހާތަނަށް އަމަލުކޮށްފައިވާ ގޮތަކީ އެ ލިޔެކިޔުން ރައްދުކުރަން ކަނޑައަޅާފައިވާ ގޮތަށް ރައްދުކުރުން ކަމަށް ބެލެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ނެރެދިނުމަށް އެދި އެ ހުށަހެޅުމާއެކު، އެ ހުށަހެޅުމުގައި އެދޭ ކަންކަން ސާބިތުކޮށްދެވޭނެ ހެކި ހުށަހަޅަންވާނެއެވެ. މައްސަލައިގައި ހިމެނޭ އެހެން ފަރާތަކަށް ނޯޓިހެއް ދިނުމަކާ ނުލައިވެސް ހެކި ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ނެރޭ އަމުރުގައި، ލިޔެކިޔުން ފޮނުވަންވީ ގޮތާއި، ތަނެއް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ލިޔެކިޔުން ރައްދުވިކަމަށް ބަލާނެ ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

415 ވަނަ މާއްދާ - ރައްދުކުރެވޭ ގޮތްތައް

އަންނަނިވި ގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށްވެސް ލިޔުމެއް ރައްދުކުރެވިދާނެއެވެ.

(ހ) އަތުން އަތަށް ދިނުން؛

(ށ) ޕޯސްޓް ނުވަތަ ކޮރިއަރގެ ހިދުމަތް؛

(ނ) ފެކްސް ނުވަތަ އީ-މެއިލް ނުވަތަ އެނޫންވެސް މުއާސަލާތުކުރުމަށް ބޭނުންކުރާ އެހެން އިލެކްޓްރޯނިކް ވަސީލަތެއް؛ ނުވަތަ

(ރ) މި ގާނޫނުގެ 414 ވަނަ މާއްދާގެ ދަށުން ކޯޓުން ހުއްދަކުރާ ކޮންމެ ގޮތެއް.

 

ތިންވަނަ ބައި - ރެކޯޑު ބެލެހެއްޓުމާއި ރެކޯޑު ދޫކުރުން

 

416 ވަނަ މާއްދާ - ދައުވާތަކުގެ ރަޖިސްޓަރީ

(ހ) މަދަނީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ބަލަހައްޓާ ދައުވާތަކުގެ ރަޖިސްޓަރީއެއް، އެ ކޯޓެއްގައި، އާންމުންނަށް ބެލޭނެގޮތަށް ގާއިމުކޮށްފައި އޮންނަންވާނެއެވެ.

(ށ) މި ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ސިއްރުކުރަންޖެހޭ މައުލޫމާތު ފިޔަވައި، ދައުވާތަކުގެ ރަޖިސްޓަރީގައި ފެންނަންއޮތް ކޮންމެ ދައުވާއެއް، ކަނޑައަޅާފައިވާ ފީއެއް ދެއްކުމަށްފަހު ރަސްމީ ގަޑީގައި ބެލޭނެ އިންތިޒާމު ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.

 

417 ވަނަ މާއްދާ - އާ ހަސްމުންނަށް ލިޔުންތައް ފޯރުކޮށްދިނުން

(ހ) ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް އެހެން ފަރާތަކުން ތަދައްހުލުވެއްޖެނަމަ، މައްސަލައިގައި ހިމެނޭ ހަސްމުންނަށް އޭގެ ކުރިން ރައްދުކޮށްފައިވާ މައްސަލައިގެ ބަޔާންތަކާއި، ލިޔުމުން ހުރި ހެއްކާއި، އެ ތަކެއްޗާއެކު ޖަދުވަލުތަކުގެ ގޮތުގައި ހިމަނާފައިވާ އެންމެހައި ލިޔުމަކާއި، މައްސަލައިގައި އެހާތަނަށް ނެރެފައިވާ އެންމެހައި އަމުރެއްގެ ކޮޕީ، ތަދައްހުލުވި ފަރާތަށް އެއްވެސް އަގަކާ ނުލައި ދިނުމަށް އެދުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބިދިނުމަށް އެދޭ ލިޔުންތައް ވާންވާނީ ތަދައްހުލުވި ފަރާތާއި މައްސަލައިގެ އެހެން ހަސްމުންނާ ދެމެދު އޮތް މައްސަލައާ ގުޅުންހުރި ލިޔުންތަކަށެވެ. މިފަދައިން ލިޔުންތައް ލިބިދިނުމަށް ލިޔުމުން އެދޭތާ، 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ ލިޔުންތައް ކޯޓުން އެފަރާތަށް ފޯރުކޮށްދޭންވާނެއެވެ.

 

418 ވަނަ މާއްދާ - ކޯޓު ރެކޯޑުތަކުން ހަސްމަކަށް ލިޔުންތައް ފޯރުކޮށްދިނުން

(ހ) ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު، މައްސަލައެއްގެ ހަސްމަކަށް ކޯޓު ރެކޯޑުތަކުން އަންނަނިވި ލިޔުންތަކުގެ ކޮޕީ ފޯރުކޮށްދެވިދާނެއެވެ.

  1. ދައުވާ ފޯމު ނުވަތަ ދައުވާގެ ދިފާއު ނުވަތަ ރައްދު ދައުވާ ނުވަތަ އިތުރު ދައުވާއެއްގެ ކޮޕީއާއި، މައްސަލައިގެ ބަޔާންތަކާއި، އެއިން ލިޔުމަކާއެކު ހުށަހެޅި ލިޔުންތައް ނުވަތަ ދައުވާ ފޯމާއެކު ހުށަހެޅުމަށް ގަސްދުކޮށްފައިވާ އެފަދަ ލިޔުންތައް؛
  2. ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުމާއި، އެ ލިޔުމާއެކު ހުށަހެޅުނު ލިޔުންތައް ނުވަތަ އެ ލިޔުމާއެކު ހުށަހެޅުމަށް ގަސްދުކޮށްފައިވާ އެފަދަ ލިޔުންތައް؛
  3. މި އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުށަހެޅުމަކާ ގުޅިގެން ނެރޭ އަމުރު ނުވަތަ ހުށަހެޅުމެއްގެ ނޯޓިސް ރައްދުކުރިކަމުގެ ލިޔުން ފިޔަވައި، އެނޫން ލިޔުމެއް ރައްދުކުރިކަމުގެ ލިޔުން؛
  4. ރައްދުނުކުރެވޭ ކަމުގެ ނޯޓިސް؛
  5. ކޯޓަށް އަންގަންޖެހޭ ކަންކަން އެންގުމަށް ހުށަހަޅާ ހުށަހެޅުންތަކުގެ ނޯޓިސް؛ އޭގެ ތެރޭގައި، މައްސަލައެއްގައި ހަސްމަކު ތަމްސީލުކުރާ ގާނޫނީ ވަކީލަކު، ހަސްމަކު ތަމްސީލުކުރުން ހުއްޓާލިކަން އެންގުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމުގެ ނޯޓިސް ނުވަތަ މައްސަލައެއްގައި ހިމެނޭ ހަސްމެއް ނުވަތަ ހެކިބަސްދޭ ފަރާތަކީ ކާކުކަން ހާމަވެދާނެ ފަދަ މައުލޫމާތެއް އާންމުނުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގެ ނޯޓިހެއް ނުހިމެނެއެވެ.
  6. މި އަކުރުގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމެއް ފިޔަވައި، އެހެން ހުށަހެޅުމަކާ ގުޅިގެން ލިޔުމުން ހުށަހަޅާފައިވާ ހެކި؛
  7. އާންމުކޮށް ހުޅުވާލެވިގެން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް؛
  8. ށަރީއަތް ނިމުނު ގޮތުގެ ރިޕޯޓު؛
  9. ހަރަދުގެ ބަޔާން؛
  10. ހެކި ހާމަކުރުމުގެ ލިސްޓު؛
  11. ކޯޓަށް ފައިސާ ދެއްކިކަމުގެ ނޯޓިސް؛
  12. ދައުވާ އަނބުރާ ގެނައުމުގެ ނޯޓިސް؛
  13. ބަދަލުވީކަމުގެ ނޯޓިސް؛ ނުވަތަ
  14. އިސްތިއުނާފުކުރާ ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތުގެ އިސްތިއުނާފު ނޯޓިސް.

(ށ) ކޯޓުން ހުއްދަ ދީފިނަމަ، މައްސަލައެއްގެ ހަސްމަކު ހުށަހަޅާފައިވާ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން އެހެން ލިޔުމެއް ނުވަތަ ކޯޓާއި ހަސްމަކާ ނުވަތަ އެހެން ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއްގެ ކޮޕީ، މައްސަލައިގެ ހަސްމަކަށް ކޯޓު ރެކޯޑުތަކުން ފޯރުކޮށްދެވިދާނެއެވެ.

 

419 ވަނަ މާއްދާ - ކޯޓު ރެކޯޑުތަކުން ހަސްމެއް ނޫން ފަރާތަކަށް ލިޔުންތައް ފޯރުކޮށްދިނުން

(ހ) އާންމު އުސޫލެއްގެ ގޮތުން، މައްސަލައެއްގެ ހަސްމަކަށް ނުވާ ފަރާތަކަށް ކޯޓު ރެކޯޑުތަކުން އަންނަނިވި ލިޔުންތަކުގެ ކޮޕީ ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.

  1. ދައުވާ ފޯމު ނުވަތަ ދައުވާގެ ދިފާއު ނުވަތަ ރައްދު ދައުވާ ނުވަތަ އިތުރު ދައުވާ؛
  2. އާންމުކޮށް ހުޅުވާލެވިގެން ބޭއްވި ށަރީއަތުގެ އަޑުއެހުމެއްގައި ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް.

(ށ) ކޯޓުން ހުއްދަ ދީފިނަމަ، މައްސަލައެއްގެ ހަސްމަކު ހުށަހަޅާފައިވާ މިނޫންވެސް އެހެން ލިޔުމެއް ނުވަތަ ކޯޓާއި ހަސްމަކާ ނުވަތަ އެހެން ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއްގެ ކޮޕީ، މައްސަލައިގެ ހަސްމަކަށް ނުވާ ފަރާތަކަށް ކޯޓު ރެކޯޑުތަކުން ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގެ ދައުވާ ފޯމު ނުވަތަ ދައުވާގެ ދިފާއު ނުވަތަ ރައްދު ދައުވާ ނުވަތަ އިތުރު ދައުވާއާއި، ހުކުމުގެ ނުވަތަ އަމުރުގެ ކޮޕީ، މައްސަލައިގެ ހަސްމަކަށް ނުވާ ފަރާތަކަށް ހޯދާނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. ދައުވާ ލިބެނީ އެންމެ ފަރާތަކަށްނަމަ، އެފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ނުވަތަ ދައުވާގެ ދިފާއު ހުށަހަޅާފައިވާނަމަ؛
  2. ދައުވާ ލިބެނީ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ކަމަށްވާނަމަ:
    1. އެ އެންމެހައި ފަރާތަކުން ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ނުވަތަ ދައުވާގެ ދިފާއު ހުށަހަޅާފައިވާނަމަ؛ ނުވަތަ
    2. މަދުވެގެން ދައުވާލިބޭ އެއް ފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުން ނުވަތަ ދައުވާގެ ދިފާއުހުށަހަޅާފައިވާނަމަ އަދި ކޯޓުން އެކަމަށް ހުއްދަ ދީފައިވާނަމަ.
  3. މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާނަމަ؛ ނުވަތަ 
  4. މައްސަލައިގައި ހުކުމެއް ކޮށްފައިވާނަމަ.

(ރ) މައްސަލައިގެ ހަސްމަކު ނުވަތަ ދައުވާ ފޯމު ނުވަތަ ދައުވާގެ ދިފާއު ނުވަތަ ރައްދު ދައުވާ ނުވަތަ އިތުރު ދައުވާއެއްގައި ހަވާލާދީފައިވާ މީހަކު އެދެފިނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.

  1. އެ މައްސަލައިގެ ހަސްމަކަށް ނުވާ މީހަކަށް މި މާއްދާގެ (ހ) ގެ ދަށުން ލިޔުންތައް ފޯރުކޮށްދީގެން ނުވާނެކަމަށް؛
  2. ވަކި މީހަކަށް ނުވަތަ ވަކި ގިންތިއަކަށް ނިސްބަތްވާ ބަޔަކަށް ދައުވާ ފޯމު ނުވަތަ ދައުވާގެ ދިފާއު ނުވަތަ ރައްދު ދައުވާ ނުވަތަ އިތުރު ދައުވާއެއްގެ ކޮޕީ އެފަރާތަކަށް ލިބޭނީ ހަމައެކަނި ކޯޓުން އަންގާ ގޮތަކަށް އެ ބަޔާންތަކަށް ބަދަލު ގެންނަ ހާލަތުގައި ކަމަށް؛ ނުވަތަ
  3. ކޯޓަށް ފެންނަ އެނޫން އެހެން ގޮތަކަށް.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އަމުރަކަށް އެދޭނަމަ، ކޯޓަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

420 ވަނަ މާއްދާ - ކޯޓު ރެކޯޑުތަކުން ލިޔުންތައް ފޯރުކޮށްދިނުން

(ހ) މި ގާނޫނުގެ 418 އަދި 419 ވަނަ މާއްދާގެ ދަށުން ލިޔުމެއް ހޯދަން އެދޭ ކޮންމެ މީހަކު، އެކަމަށް ކަނޑައަޅާފައިވާ ފީއެއް ކޯޓަށް ދައްކަންވާނެއެވެ. އަދި އެކަމަކީ ކޯޓުގެ ހުއްދަ ބޭނުންވާ ކަމެއްނަމަ، އެކަން އެފަރާތަށް ކޯޓުން އެންގުމުން، އެ ހުއްދައަށް އެދި ހުށަހެޅިދާނެއެވެ.

(ށ) މި ގާނޫނުގެ 419 ވަނަ މާއްދާގެ (ރ) ގެ ދަށުން އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މި ގާނޫނުގެ 418 ވަނަ މާއްދާ ނުވަތަ 419 ވަނަ މާއްދާގެ ދަށުން ނޯޓިހަކާ ނުލައި، ލިޔުމެއްގެ ކޮޕީ ހޯދުމުގެ ހުއްދައަކަށް އެދި ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، ކޯޓުގެ ނިންމުމުގެ ސަބަބުން އަސަރުކުރާނެ ކޮންމެ ފަރާތަކަށް ނޯޓިސް ދިނުމަށް ކޯޓަށް އެންގިދާނެއެވެ.

(ނ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން މި ގާނޫނުގެ 417، 418 އަދި 419 ވަނަ މާއްދާއެއް ނުހިނގާނެއެވެ.

 

ފަންސަތިރީސްވަނަ ބާބު

ކޯޓުގެ ބައެއް ބާރުތައް ތަންފީޒުކުރުން

 

421 ވަނަ މާއްދާ - ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ހާލަތުގައި ފިޔަވަޅުއެޅުމަށް ކޯޓަށް ލިބިދޭ ބާރު

(ހ) ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ހިނގައިފިނަމަ، އެ އަމަލު ހިނގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓުގެ އަމިއްލަ އިސްނެގުމުގައި އެ އަމަލު ހިންގި ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅިދާނެއެވެ.

(ށ) ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލުގެ ތެރޭގައި، ސަބަބެއް ނުވަތަ ބޭނުމެއް ނެތި ކުރާ އަމަލުތައް ނުވަތަ ވަގުތު ބ ކާރުކުރުމުގެ އަމަލުތައް ނުވަތަ އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ އަމަލުތައް ހިމެނެއެވެ. އަދި ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންސާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުމާއި، އާންމު މަށްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ އަމަލުތަކަކީވެސް ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލުތައް ކަމަށް ބެލެވޭނެއެވެ.

(ނ) އެއް ހަސްމަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއްގެ ގޮތުގައި ބެލިދާނެކަމަށް އަނެއް ހަސްމަކު ކޯޓުގައި އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދީފިނަމަ، އެ ހުށަހެޅުމަކީ ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫންކަމާއި، އެފަދަ ހުށަހެޅުމެއް ހުށަހަޅަން ގާނޫނުން ތަންދ ކަން ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ހުށަހެޅުން ހުށަހެޅި ފަރާތުންނެވެ. އެފަދަ ހުށަހެޅުމަކާއި ދިފާއެއް އަނގަބަހުން  ހުށަހެޅުމަށްފަހު، ލިބިފައިވާ ހެއްކަށް ރިއާޔަތްކޮށް ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

(ރ) ހުށަހެޅުމެއް ހުށަހެޅުމުގައި ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، އެފަދަ ހުށަހެޅުމެއް ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކޯޓަށް ފެނިއްޖެނަމަ، އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް  އެޅިދާނެއެވެ.

  1. ހުށަހެޅުމާ ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ވަކި ށަރުތުތަކެއް ކަނޑައެޅުން؛
  2. ކަމާގުޅ ހަސްމުގެ ފަރާތުން ށަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެކަމުގެ ޔަގީންކަން ހޯދުން؛
  3. ށަރީއަތުގެ މަރުހަލާ 1 (އެކެއް) މަސްދުވަހަށްވުރެ އިތުރުނުވާނެގޮތަށް މެދުކަނޑާލުން؛
  4. އަނެއް ފަރާތަށް ލިބުނު އަނިޔާގެ ގެއްލުމުގެ ބަދަލު ދެއްކުމަށް އެ ހުށަހެޅުން ހުށަހެޅި ހަސްމުގެ މައްޗަށް އަމުރުކުރުން. ގެއްލުމުގެ ބަދަލުގެ ތެރޭގައި ގާނޫނީ ވަކީލުގެ ފީއާއި، އެފަރާތުން ކުރަންޖެހުނު އެހެން ހަރަދުތައް ހިމެނިދާނެއެވެ.

(ޅ) ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލުގެ ޒިންމާ ނަގަންޖެހޭނީ ގާނޫނީ ށަހްސެއް ކަމުގައިވާނަމަ، އެފަދަ ނިންމުމެއް ނިންމުމުގައި ބައިވެރިވި ޑިރެކްޓަރުންނާއި އެ ގާނޫނީ ށަހްސުގެ އެހެން ފަރާތަކުން އެކަމަށް ބަދަލު ދެއްކުމަށް ކޯޓުން އަމުރުކުރެވިދާނެއެވެ.

(ކ) ށަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ މުދަލެއް ބެލެހެއްޓުމާ ހަވާލުވެގެންހުރި ފަރާތެއް ކަމުގައިވީނަމަވެސް، މި މާއްދާގައި ބަޔާންކުރާ އިޖުރާއަތު ހިނގާނެއެވެ.

 

422 ވަނަ މާއްދާ - އަސާސެއް ނެތް ދައުވާކުރުން ހުއްޓުވުމަށް ކޯޓަށް ލިބިގެންވާ ބާރު

(ހ) އެކަށީގެންވާ އަސާސެއް ނެތް ދެ ހުށަހެޅުމަށްވުރެ ގިނަ ހުށަހެޅުން ހަސްމަކު ހުށަހަޅައިފިނަމަ، އަސާސެއް ނެތް ދައުވާކުރުން ހުއްޓުވުމުގެ ގޮތުން ކޯޓަށް ލިބިދޭ ބާރުގެ ދަށުން ކޯޓަށް އެ ހަސްމަކާ ދެކޮޅަށް އަމުރެއް ނެރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހަސްމަކާ ދެކޮޅަށް ކޯޓުން އަމުރެއް ކުރާއިރު، އަންނަނިވި ށަރުތުތަކުގެ ތެރެއިން ށަރުތެއް ކަނޑައެޅިދާނެއެވެ.

  1. ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅާފައިވަނީ ފަނޑިޔާރުގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައިވާނަމަ، އެ ފަނޑިޔާރެއްގެ ހުއްދަ ލިބިގެން މެނުވީ ށަރީއަތުގައި އިތުރު ހުށަހެޅުމެއް ހުށަހެޅުން މަނާކުރުން؛
  2. ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅާފައިވަނީ ފަނޑިޔާރުގެ ހުއްދަ ހޯދައިގެން ކަމުގައިވާނަމަ، އެ ހުށަހެޅުން އިސްލާހުކުރަން އެންގުން ނުވަތަ ބާތިލުކުރުން.

(ނ) މި މާއްދާގެ ދަށުން ކޯޓުން އަމުރެއް ކޮށްފައިވާ ހަސްމަކު ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅާފައިވަނީ ފަނޑިޔާރުގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައިވާނަމަ، އަދި އަމުރު ނެރުނު ފަހުން ށަރީއަތުގައި އިތުރު ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އިތުރު އަމުރެއް ނެރުމަކާ ނުލައި، އަދި އަނެއް ހަސްމަށް އެކަމަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަކާ ނުލައި، އެ ހުށަހެޅުން ވަގުތުން ފަނޑިޔާރަށް ބާތިލުކުރެވިދާނެއެވެ.

(ރ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރަކާ ގުޅިގެން، ތަކުރާރުކޮށް އެއްވެސް އަސާސެއް ނެތް އިތުރު ހުށަހެޅުމެއް ހުށަހެޅުމަށްޓަކައި ކޯޓުގެ ހުއްދައަށް އެދޭނަމަ، އެފަދަ ހުށަހެޅުމެއް ހުށަހެޅުމަށްޓަކައި އިތުރަށް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުން ބާތިލުކުރެވިދާނެއެވެ. އަދި އެ ހާލަތުގައި، އިސްތިއުނާފުކުރުމުގެ އާންމު އިޖުރާއަތާ އެއްގޮތަށް އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގު އެ ހަސްމަށް ލިބިގެންވެއެވެ.

(ބ) އެ ހަސްމަކާ ދެކޮޅަށް މި މާއްދާގެ ދަށުން އަމުރެއް ނެރެފައިވާ ހަސްމަކަށް މި މާއްދާގެ (ށ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެވޭނީ، އެކަމުގެ ނޯޓިސް ކޯޓަށް ދިނުމާއެކު، ކޯޓުން އަނެއް ހަސްމަށް އެކަން އެންގުމަށް ފަހުގައެވެ. އެގޮތުން، ކޯޓުން އަންގާ އެންގުމުގައި ކޯޓުގެ ހުއްދައަށް އެދުނު ސަބަބުތަކާއި، މައްސަލައިގެ ތަބީއަތް ބަޔާންކުރުމާއެކު، އެކަމަށް ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ ފުރުސަތެއް ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެންވާނީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ނޯޓިހަށް އަނެއް ހަސްމު ދިން ޖަވާބާއެކު، ލިޔުމުންނެވެ. އެފަދަ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމާނީ އަޑުއެހުމެއް ބޭއްވުމަކާ ނުލައެވެ.

(ކ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ހިނގާނީ އެ އަމުރު ނެރުނު ށަރީއަތާ ގުޅިގެން އެކަންޏެވެ. ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު، އެ އަމުރު، އެ އަމުރު ނެރެނު ށަރީއަތުގެ މުއްދަތަށް ދެމިއޮންނާނެއެވެ. އަދި އަމުރުގައި މި މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ކޯޓު ގެ ހުއްދައަށް އެދި ހުށަހަޅަންވީ ކޮން ފަނޑިޔާރެއް ނުވަތަ ފަނޑިޔާރަކަށްކަން ބަޔާންކުރަންވާނެއެވެ.

 

423 ވަނަ މާއްދާ - ދައުވާގެ ހަސްމުންގެ ގޮތުގައި ނުހިމެނޭ ފަރާތްތައް ހުކުމާ އެއްގޮތަށް އަމަލުކުރަން އެންގުމަށް ކޯޓަށް ލިބިގެންވާ ބާރު

(ހ)  ވާރުތަ މުދާ ބެހުމުގެ ދައުވާއަށާއި، ޓްރަސްޓެއްގެ ދަށުގައިވާ މުދަލުގެ ދައުވާއަށާއި، މުދާ ވިއްކުމުގެ ދައުވާތަކުގައި، ހަސްމުންގެ ގޮތުގައި ނުހިމެނޭ، އެހެން ނަމަވެސް ދައުވާގެ ސަބަބުން އެފަރާތަކަށް އަސަރުކުރާނެ ފަރާތަކަށް ދައުވާ ނުވަތަ މައްސަލައިގެ ތެރެއިން ނެރެފައިވާ އަމުރެއް ނުވަތަ ހުކުމަކާ އެއްގޮތަށް އަމަލުކުރުމަށް ކޯޓަށް އެންގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައަޅާ ހާލަތުގެ އިތުރުން ދައުވާގެ ހަސްމުންގެ ގޮތުގައި ނުހިމެނޭ ފަރާތްތައް ހުކުމާ އެއްގޮތަށް އަމަލުކުރުވުމަށް އެދި އެ ހަސްމަކަށް ކޯޓަށް ހުށަހެޅިދާނެއެވެ. ކޯޓަށް ހުށަހަޅާނީ ދައުވާގެ ހަސްމުންގެ ގޮތުގައި ނުހިމެނޭ ފަރާތްތައް ހުކުމާ އެއްގޮތަށް އަމަލުކުރަންޖެހޭ ސަބަބުތައް ބަޔާންކުރާ ކިތާބީ ހެއްކާ އެކުގައެވެ.

(ނ) ކޯޓުން އެހެންގޮތަކަށް އަމުރު ނުކުރާހާ ހިނދަކު:

  1. ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ދައުވާ ފޯމާ ހަވާލުވިކަން އަންގާ ލިޔުމާއެކު، ދައުވާ ނުވަތަ މައްސަލައިގެ ތެރެއިން ނެރެފައިވާ އަމުރެއް ނުވަތަ ހުކުމެއްގެ ނޯޓިސް ކޯޓުން ނެރެންވާނެއެވެ.
  2. ދައުވާގެ ނޯޓިހާއެކު ކޯޓުން އަންގާ ގޮތެއްގެމަތިން ދައުވާ ފޯމުގެ ކޮޕީއަކާއި، ދައުވާއާއެކު ހުށަހެޅުނު ބަޔާންތަކާއި، ހެކިބަސްދޭ ފަރާތްތަކުގެ ބަޔާންތަކާއި ތެދުކަން ކަށަވަރުކޮށްދީފައިވާ ލިޔުންތައްވެސް ހުށަހަޅަންވާނެއެވެ.
  3. ދައުވާ ނުވަތަ އަމުރުގެ ނޯޓިހާއެކު ހުކުމް ނުވަތަ އަމުރުގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.

(ރ) ވަކި ފަރާތަކީ މި މާއްދާގެ ދަށުން އަމުރެއް ނުވަތަ ހުކުމެއް ރައްދުވެފައިވާ ފަރާތެއްނަމަ ދައުވާގެ ހަސްމެކޭ އެއްފަދައިން ހުކުމަކާ އެއްގޮތަށް އެފަރާތުންވެސް އަމަލުކުރަންވާނެއެވެ. އެހެންނަމަވެސް، ނޯޓިސް ލިބޭތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި ހުކުމް ނުވަތަ އަމުރު ބާތިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ. އަދި ހުކުމް ނުވަތަ އަމުރާ ގުޅިގެން ބޭއްވި ށަރީއަތެއްގައި އެފަރާތަށް ބައިވެރިވެވިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން އަމުރު ނެރޭ ތާރީހު ކަމަށް ބަލާނީ ކޯޓުން އަމުރުގައި ބަޔާންކުރާ ތާރީހެވެ.

424 ވަނަ މާއްދަ - ސަތިރީސްވަނަ ބާބު އާންމު މާއްދާތައް މުއްދަތު ގުނުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން އެއްވެސް ކަމެއް ކުރުމުގައި މުއްދަތު ގުނަންޖެހިއްޖެނަމަ އަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.

  1. މުއްދަތެއް ކަނޑައެޅުމުގައި، ވަކި ދުވަސްތަކެއްގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ބުނެފައިވާނަމަ، އެ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭދުވަހެއް ނުހިމެނޭ ނެއެވެ.
  2. ހަތް ދުވަހަށްވުރެ ކުރު މުއްދަތެއް ގުނުމުގައި، އެ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭ ނަމަ، އެ ބަންދު ދުވަހެއް އެ މުއްދަތު ގުނުމުގައެއް ނުހިމެނޭ ނެއެވެ.
  3. މި ގާނޫނުގައި، ނުވަތަ ކޯޓު ހުކުމެއްގައި ނުވަތަ ކޯޓު އަމުރެއްގައި ނުވަތަ ކޯޓަކުން ނެރެފައިވާ އެނޫންވެސް އެންގުމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން، އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލޭނެއެވެ.
  4. ހުކުމެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ކޯޓަކުން ނެރެފައިވާ އެނޫންވެސް އެންގުމެއްގައި މަހަކަށް ހަވާލާދީފައިވާނަމަ، އެ ހަވާލާދެނީ، މީލާދީ މަހަކަށެވެ.

(ށ) ކޯޓަކުން ކުރާ ހުކުމެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އެނޫންވެސް ނިންމުމެއްގައި، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ބަޔާންކުރާނަމަ، އެ މުއްދަތު ހަމަވާ ތާރީހު، މީލާދީ ތާރީހުން ކޯޓުގެ އެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެއީ އެ ތާރީހުގެ ވަކި ވަގުތެއްގެ ކުރިން ފުރިހަމަކުރަންޖެހޭ ކަމެއް ކަމުގައިވާނަމަ، އެ ވަގުތެއްވެސް ބަޔާންކުރަންވާނެއެވެ.

(ނ) ވަކި ކަމެއް ކުރުމަށް ކަނޑައަޅާފައިވާ ތާރީހެއް އެއްވެސް ލިޔުމެއްގައި ބަޔާންކުރާނަމަ، އެ ލިޔުމެއްގައި އެ ތާރީހު ބަޔާންކުރަންވާނީ މީލާދީ ތާރީހުންނެވެ.

 

425 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ށަރީއަތްކުރުމާ ގުޅޭ ގޮތުން މި ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ކޯޓުތަކުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ކަމާބެހޭ ކޯޓަކުންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް، މި ގާނޫނު ތަސްދީގުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

426 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މަދަނީ އިޖުރާއަތުގެ އާންމު ހަމަތަކެއް އެހެން ގާނޫނެއްގައި ކަނޑައަޅާފައިވީނަމަވެސް އާންމު މަދަނީ އިޖުރާއަތާގުޅޭ ކަންކަމުގައި އަމަލުކުރާނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، އެހެން ގާނޫނަކުން ބާރުލިބިދީގެން ތަންފީޒުކުރަމުން އައިސްފައިވާ ގަވާއިދުތަކުގެ ތެރެއިން، މި ގާނޫނުގައި ބަޔާންކުރާ އެއްވެސް އުސޫލަކާ ތައާރުޒުވާ ގަވާއިދެއްވާނަމަ، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފަދަ ގަވާއިދެއް އިސްލާހުކުރަންވާނެއެވެ. އެ މުއްދަތުގައި އެ ގަވާއިދެއް އިސްލާހުކޮށްފައިނުވާނަމަ، އެ ގަވާއިދެއްގައި ހިމެނޭ މި ގާނޫނާ ތައާރުޒުވާ ބައި ބާތިލުވާނެއެވެ.

 

427 ވަނަ މާއްދާ - އުވާލެވޭ ގާނޫނާއި ގަވާއިދު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އަންނަނިވި ގާނޫނުތަކާއި ގަވާއިދުތައް އުވުނީއެވެ.

(ހ) ގާނޫނު ނަންބަރު 1975-25 (ތަރިކައާބެހޭ ދައުވާގެ ގާނޫނު)؛

(ށ) ގާނޫނު ނަންބަރު 1978-81 (ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ދައުވާއާއި މައްސަލަތައް ށަރީއަތަށް ހުށަހެޅުމާބެހޭ ގާނޫނު)؛

(ނ) ގާނޫނު ނަންބަރު 1978-82 (ފައިސާ ބަހައްޓައިގެން ށަރީއަތަށް މީހުން ހާޒިރުކުރުމާއި މެސެޖުގެ ޒަރީއާއިން ހެކިބަސް ހޯދުމާބެހޭ ގާނޫނު)؛

(ރ) ށަރީއަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0؛

(ބ) ށަރީއަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.1.

 

428 ވަނަ މާއްދާ - ޤާނޫނަށް ޢަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

429 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "މަދަނީ އިޖުރާއަތާބެހޭ ހާއްސަ ގާނޫނެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ވަކި ހާއްސަ ކަމަކާގުޅޭ މަދަނީ އިޖުރާއަތު ކަނޑައެޅުމުގެ ގާނޫނަށެވެ.

(ށ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ދިވެހިރާއްޖޭގެ ކޮންމެ ކޯޓަކަށެވެ.

(ނ) "ކޯޓު އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް މި ގާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރާ އަމުރަށެވެ.

(ރ) "ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ދަށު ކޯޓުތަކާއި، ދިވެހިރާއްޖޭގެ  ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.

(ބ) "ހައިކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.

(ޅ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.

(ކ) "ސިވިލް ކޯޓު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ފިޔަވައި، އެހެން ހުރިހާ ބާވަތެއްގެ މަދަނީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިފައިވާ މާލ ގައި ގާއިމުކޮށްފައިވާ ކޯޓަށެވެ.

(އ) "އާއިލާއާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އަށެވެ.

(ވ) "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) އަށެވެ.

(މ) "އާބިޓްރޭށަނުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-10 (އާބިޓްރޭށަނުގެ ގާނޫނު) އަށެވެ.

(ފ) "ހެއްކާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1976-24 (ހެއްކާބެހޭ ގާނޫނު) އާއި، އެނޫނަސް ހެއްކާ ގުޅޭ ގޮތުން އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެނޫންވެސް ގާނޫނަށެވެ.

(ދ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.

(ތ) "ހަބީރު" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގެ ބޭނުމަށްޓަކައި ހަބީރެއްގެ ހައިސިއްޔަތުން ހެކިބަސް ދިނުމަށް އިރުށާދު ދެވޭ މީހާއަށް ނުވަތަ އެފަދައިން ހެކިބަސްދޭ މީހާއަށެވެ.

(ލ) "އެފިޑެވިޓް" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ހުވައި މަތީގައިހުރެ ލިޔުމުން ދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.

(ގ) "އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގެ ށަރީއަތުގެ މަރުހަލާގައިނަމަ، އެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމަށްޓަކައި، މައްސަލައިގެ ހަސްމުންނާއި މައްސަލަ ބަލާ ފަނޑިޔާރާ އެކުގައި ބާއްވާ ބައްދަލުވުމަށެވެ.

(ނ) "ގާނިށީ" ކަމަށް ބުނެފައި އެވަނީ، ދަރަނިވެރިޔަކު ދައްކަންޖެހޭ ސާބިތު ދަރަންޏަކާ ގުޅިގެން ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ފައިސާ ދެއްކުމަށް ކޯޓުން އަމުރުކުރާ، އަދި އެ ދަރަނިވެރިޔާގެ ފައިސާ އެފަރާތެއްގެ ކިބައިގައިވާ ތިންވަނަ ފަރާތަށެވެ.

(ސ) "ގާނޫނީ ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މައިންބަފައިންނާއި، މައިންބަފައިން ނެތް ހާލަތެއްގައި ކުއްޖާގެ ށަރުއީ ބަލަދުވެރިޔާއާއި، ކުއްޖާގެ ބެލެނިވެރިކަމާ ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތަށެވެ.

(ޑ) "ކިތާބީ ހެކި" ކަމަށް ބުނެފައި އެވަނީ، ހުސޫމާތެއް އުފެދިފައިވާ ވާގިއާއެއް ސާބިތުކޮށްދިނުމަށް ށަރީއަތަށް ހުށަހެޅޭ ލިޔުމަށެވެ.

(ޒ) "ށަފަހީ ހެކި" ކަމަށް ބުނެފައި އެވަނީ، ހުސޫމާތެއް އުފެދިފައިވާ ވަކި ވާގިއާއަކާ ގުޅޭ ގޮތުން ހެކިބަސްދޭ މީހާ ށަރީއަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އެ މަޖިލީހުގައި އޭނާ އަނގަބަހުން ދހެކިބަހަށެވެ.

(ޓ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކާއި، ރެގިއުލޭޓަރީ ބޮޑީތަކާއި، ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

(ޔ) "ރައްކާތެރިކަން ލިބިގެންވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން ފަރާތެއް މެދުވެރިކޮށްގެން މެނުވީ، މަދަނީ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާތައް ކުރިއަށްގެންދިޔުމުގެ ގާބިލުކަން ނެތް ކޮންމެ ފަރާތަކަށެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-14)
  2. ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-105)
  3. ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-101)
  4. ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-100)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު