ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-14)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 1 ފެބުރުއަރީ 2024 ގައި)
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 156 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) ގެ 425 ވަނަ މާއްދާއިން ބާރު ލިބިގެން، ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ސިވިލް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - މި ގަވާއިދު އޭގެ މައްޗަށް ހިނގާނެ މައްސަލަތައް
މި ގަވާއިދު ހިނގާނީ، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށާއި، ގާނޫނު ނަންބަރު 2021-32 (މަދަނީ އިޖުރާއަތުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމަށްފަހު ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ މައްޗަށެވެ.
ކޯޓަށް ހާޒިރު ވުމުގެ އަމުރު ރައްދުކުރުން
4 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރު
(ހ) ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވާ އަމުރަކީ ގަވާއިދު ނަންބަރު 2022-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމުރެވެ.
(ށ) ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވާ އަމުރާއެކު، މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާ ހާއްސަ އެންގުން، ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާ ކޮންމެ ފަރާތަކަށް ފޮނުވަންވާނެއެވެ.
5 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން
ކޯޓަށް މީހުން ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރާނީ، ކޯޓަށް ހާޒިރުވާންޖެހޭ މީހާއަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް އެ ވަގުތު ދިރިއުޅޭ އެޑްރެހަށް ނުވަތަ ދާއިމީ އެޑްރެހަށް ނުވަތަ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިދާނެކަމަށް އެ ފަރާތުން ކޯޓަށް މައުލޫމާތު ދީފައިވާ އީމެއިލަކަށް، ނުވަތަ ވައިބަރ ނަންބަރަކަށް، ނުވަތަ އެނޫންވެސް ވަސީލަތަކުން ކޯޓަށް ހާޒިރުވުމުގެ އަމުރު އެ ފަރާތަކަށް ރައްދުކުރުމުން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމަށް ބަލަންވާނެއެވެ.
(ނ) ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް ދިރިއުޅޭ އެޑްރެހުގައި ނުވަތަ ދާއިމީ އެޑްރެހުގައި އުޅޭ ތަސައްރަފު ފުދިފައިވާ މީހަކަ ށް ނުވަތަ ކޯޓަށް ހާޒިރުވާންޖެހޭ މީހާގެ ވަކީލަށް ނުވަތަ ކޯޓުގައި އެ މީހަކު ތަމްސީލު ކުރުމަށް އައްޔަނުކޮށްފައިވާ މީހަކަށް އަމުރު ހަވާލުކުރުމުން، ކޯޓަށް ހާޒިރުވުމުގެ އަމުރު އެ ފަރާތަކަށް ރައްދުކުރެވުނީ ކަމަށްބަލަންވާނެއެވެ.
(ރ) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރަން ދިޔައިރު، ކޯޓަށް ހާޒިރުވާންޖެހޭ މީހާދިރިއުޅެނީ އެ އެޑްރެހުގައިކަމަށް ވީނަމަވެސް، އެ ވަގުތު އެ އެޑްރެހުގައި އެ މީހާ ނެތްކަމަށް ބުނެ އެ އެޑްރެހުގައި އުޅޭ މީހަކު މައުލޫމާތު ދީފައިވާނަމަ، އަމުރު ރައްދުކުރެވޭތޯ 3 (ތިނެއް) ފަހަރު ބެލުމަށްފަހު، އަމުރު ރައްދު ނުކުރެވުނުނަމަ، ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރު، އެ އެޑްރެހުގައި ތަތްކުރެވިދާނެއެވެ. މިފަދައިން އަމުރު ތަތްކުރުމުން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ކުރެވުނީ ކަމަށް ބަލަންވާނެއެވެ.
(ބ) ކޯޓަށް ހާޒިރުކުރަންޖެހޭ މީހާ އާންމުކޮށް ދިރިއުޅޭ ތަނަކީ ނުވަތަ މަސައްކަތްކުރާ ތަނަކީ ކަނޑުގައި ދުއްވާ އުޅަނދެއްނަމަ، ހާޒިރުވާންޖެހޭ މީހާއަށް ނުވަތަ އުޅަނދުގެކެޕްޓަނަކަށް ނުވަތަ އުޅަނދުގައި މަސައްކަތްކުރާ މީހަކަށް އަމުރު ރައްދުކުރުމުން،ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން އުޅަނދުގައި ތިބި މީހުން އަމުރާ ހަވާލުނުވާ ހާލަތުގައި އެ އުޅަނދުގައި އަމުރު ތަތްކުރެވިދާނެއެވެ. އަދި މިފަދައިން އަމަލުކުރުމުންކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމުގައި ބަލަންވާނެއެވެ.
6 ވަނަ މާއްދާ - ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން
ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ދައުވާލިބޭ ފަރާތަށް ރައްދުކުރުމުގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދި ގަވާއިދު ނަންބަރު 2022-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 153 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރެވިދާނެއެވެ.
7 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކުރުން
(ހ) ދައުވާލިބޭ ފަރާތް ދިރިއުޅޭ އެޑްރެސްކަމުގައި ދައުވާކުރާ ފަރާތުން ހިއްސާކޮށްފައިވާ އެޑްރެހުގައި ދައުވާލިބޭ ފަރާތް ނޫޅޭނަމަ، ދައުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކޮށްދިނުމަށް ދައުވާކުރާ ފަރާތަށް ކޯޓުން އަންގާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކުރުމަށްފަހު، އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދައުވާކުރާ ފަރާތަށް އެންގި އެންގުމަށް ދައުވާކުރާ ފަރާތުން އިޖާބަދީފައި ނުވާނަމަ، ދައުވާ ފޯމު ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރުން
ދައުވާލިބޭ ފަރާތުގެ އެޑްރެސް ސާފުނުވެގެން އެކަން ދައުވާކުރާ ފަރާތުން ހިއްސާކޮށްފިނަމަ، ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރާނީއެވެ.
9 ވަނަ މާއްދާ - ދާއިމީ އެޑްރެހުގައި ރަތް ނޯޓިސް ތަތްކުރުން
ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރެވިފައި ނުވާނަމަ، ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހުގައި ރަތް ނޯޓިސް ތަތްކުރާނީއެވެ.
10 ވަނަ މާއްދާ - ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަކީ ދަފުތަރުކަމުގައިވުން
ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަކީ ދަފުތަރު ކަމަށް ވާނަމަ، މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާއަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.
11 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރުން
(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން ތަތްކުރާ ރަތް ނޯޓިހަށް ދައުވާލިބޭ ފަރާތުން އިޖާބަދީފައި ނުވާނަމަ، ނުވަތަ ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަކީ ދަފުތަރު ކަމަށްވާނަމަ، ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާނީއެވެ.
(ށ) ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުމުން ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުނުވިނަމަ، ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންގޮސް މައްސަލައާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުން
(ހ) ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއްގައި ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އަމަލުކުރުމެއް ނެތި ކޯޓަށް ހާޒިރުނުވިނަމަ ނުވަތަ އަމުރުގައި ނުހިފައިފިނަމަ ނުވަތަ ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ހިނގައްޖެނަމަ ނުވަތަ އެޑްރެސް ބަދަލުވެގެން އެކަން ކޯޓަށް އަންގައިފައި ނެތުމުން ކޯޓަށް ހާޒިރުވުމުގެ އަމުރު އެ ފަރާތަށް ރައްދުކުރެވެން ނެތްނަމަ، ދައުވާލިބޭ ފަރާތް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަންގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރު ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ އަމުރެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ބަންދުކޮށްގެން ހާޒިރުކުރާނީ ދައުވާލިބޭ ހަސްމެވެ.
(ނ) ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރު ނުކުރެވޭ ހާލަތުގައި، އެ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރުމެއް ނެތި ހުކުމް ތަންފީޒު ކުރެވެން އޮތްނަމަ، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ހުކުމް ތަންފީޒުކުރުމަކީ ކޯޓަށް ލިބިގެންވާ އިހްތިޔާރެކެވެ.
(ރ) ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުނުވިނަމަ ނުވަތަ އަމުރުގައި ނުހިފައިފިނަމަ ނުވަތަ ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ހިނގައްޖެނަމަ ނުވަތަ އެޑްރެސް ބަދަލުވެގެން އެކަން ކޯޓަށް އަންގައިފައި ނެތުމުން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން ނެތްނަމަ، ދައުވާލިބޭ ފަރާތް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - މައުލޫމާތު ސާފުކުރުމަށް ޑިރެކްޓަރުން ހާޒިރު ކުރުން
(ހ) ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި ދައުވާ ލިބެނީ ކުންފުންޏެއްނަމަ ނުވަތަ ގާނޫނީ ށަހްސެއްކަމުގައިވާނަމަ، އަދި އެ ފަރާތުން ކޯޓަށް ހާޒިރު ނުވާނަމަ ނުވަތަ ހާޒިރުވުމުގެ އަމުރާ ހަވާލުނުވިނަމަ ނުވަތަ އެޑްރެސް ބަދަލުވެގެން އެކަން ކޯޓަށް އަންގައިފައި ނެތުމުގެ ސަބަބުން ކޯޓަށް ހާޒިރުވުމުގެ އަމުރު އެ ފަރާތަށް ރައްދުކުރެވެން ނެތްނަމަ، ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ މައުލޫމާތު ސާފުކުރުމުގެ ބޭނުމަށް، ކުންފުންޏެއް ނުވަތަ ގާނޫނީ ށަހްސެއްގެ ޑިރެކްޓަރުންނާއި މަސްއޫލުވެރިންނާއި އެ ތަނެއްގެ އެކި މަގާމުތައް އަދާކޮށްފައިވާ ނުވަތަ އަދާކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) ކޯޓަށް ހާޒިރުވުމަށް އަންގައިފައިވާ ޑިރެކްޓަރަކު ނުވަތަ މަސްއޫލުވެރިޔަކު ނުވަތަ ކުންފުނީގެ މަގާމެއް އަދާކުރި ނުވަތަ އަދާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވިނަމަ ނުވަތަ އަމުރުގައި ނުހިފައިފިނަމަ، ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - ޕާސްޕޯޓު ހިފަހައްޓައިފިކަން އެންގުން
މި ގަވާއިދުގައިވާ ގޮތުގެ މަތިން އެއްވެސް މީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ހާލަތުގައި، ޕާސްޕޯޓު ހިފަހައްޓައިފިކަމުގެ ލިޔުން، ވީ އެންމެ އަވަހަކަށް އެ މީހަކަށް ފޮނުވުމަށް މަސައްކަތް ކުރަންވާނެއެވެ.
15 ވަނަ މާއްދާ - ބަންދުގައި ތިބޭ މީހުން ކޯޓަށް ހާޒިރު ކުރުން
(ހ) ބަންދުގައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ކޯޓަށް ހާޒިރުކުރުމަށް އަންގައި އަމުރުކުރާނީ، އެ މީހަކު ބަންދުކުރުމުގެ ނުވަތަ ހައްޔަރުކުރުމުގެ ކަންތައްތަކާ ހަވާލުވެފައިވާ އިދާރާއަކަށެވެ.
(ށ) ބަންދުގައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ކޯޓަށް ހާޒިރުކުރުމަށް ޓަކައި ފޮނުވާ އަމުރު އެ އިދާރާއަކަށް ރައްދުކުރުމުން، އެ މީހަކު ބަންދުކޮށްފައިވާ އިދާރާއަކުން ނުވަތަ ހައްޔަރުކޮށްފައިވާ އިދާރާއަކުން ކޯޓަށް ހާޒިރުވުމަށް އަންގައިފައިވާ ތާރީހާއި ގަޑިއާއި، ހާޒިރުވާންޖެހޭ ސަބަބު، ވީ އެންމެ އަވަހަކަށް އެ މީހާއަށް އޮޅުންފިލުވައިދޭން ވާނެއެވެ.
(ނ) ބަންދުގައި ހުރި މީހަކު ނުވަތަ ޖަލުގައި ހުރި މީހަކު ކޯޓަށް ހާޒިރުކުރުމަށް އަންގާ އަމުރު، ބަންދުގައި ނުވަތަ ހައްޔަރުގައި ބަހައްޓައިފައިވާ އިދާރާއަށް ރައްދުވުމުން،އެ އިދާރާއަކުން، އަމުރުގައިވާ ތާރީހާއި ގަޑިއަށް އެ މީހަކު ކޯޓަށް ހާޒިރު ކޮށްދޭންވާނެއެވެ.
16 ވަނަ މާއްދާ - އެހެން ރަށެއްގައި ހުރި މީހަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުން
(ހ) އެހެން ރަށެއްގައި ހުރި މީހަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު، ޕޯސްޓް މެދުވެރިކޮށް ނުވަތަ ކޮރިއަރ ހިދުމަތެއް މެދުވެރިކޮށް ފޮނުވިދާނެއެވެ. ނުވަތަ ސިވިލް ކޯޓުގެ އަމުރު ރައްދުކޮށްދިނުމަށް އެ ރަށެއްގައި ހުރި މެޖިސްޓްރޭޓް ކޯޓެއްގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް ސިވިލް ކޯޓުން ފޮނުވާ ކޯޓު އަމުރު، އެ ރަށެއްގެ ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް ރައްދުކުރުމުން، އަމުރު ރައްދުކުރީކަމުގައި ބެލެވޭނެއެވެ.
ކޯޓަށް ހާޒިރުވުން
17 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުން
(ހ) ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރު ރައްދުކުރެވޭ ކޮންމެ ފަރާތަކުން ވެސް، އަމުރުގައި ކަނޑައެޅިފައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ހާޒިރުވާން ވާނެއެވެ. އަދި އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުން ބޭއްވުމަށް ޓަކައި ފޮނުވާ އަމުރާ އެއްގޮތަށް އެ އަމުރު ރައްދުކުރެވޭ ކޮންމެ ފަރާތަކުން ވެސް އަޑުއެހުމުގައި ބައިވެރިވާންވާނެއެވެ.
(ށ) ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް ކޯޓަށް ހާޒިރުވިކަމަށް ބަލާނީ، އަމުރުގައި ކަނޑައެޅިފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވެ، ކޯޓަށް ހާޒިރުވިކަން ކޯޓުގެ ކައުންޓަރާ ހިއްސާކުރުމުންނެވެ. އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް އަޑުއެހުމެއްނަމަ ކޯޓަށް ހާޒިރުވިކަމަށް ބަލާނީ، ކޯޓުން އިރުށާދު ދީފައިވާ ގޮތަށް އަޑުއެހުމުގައި ބައިވެރިވުމުންނެވެ. އަދި އެ އަމުރުގައިވާ ގޮތަށް އަޑުއެހުމުގައި ބައިވެރިނުވުމަކީ ކޯޓަށް ހާޒިރު ނުވުން ކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުވުމަށް އަމުރު ލިބި، އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް ނެތި އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރު ނުވެއްޖެނަމަ، އެ ފަރާތަކާމެދު މި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށް، އަމިއްލަ ބާރު ނުފޯރާފަދަ ސަބަބުތައް ކަމުގައި ބަލާނީ އަންނަނިވި ސަބަބުތަކެވެ.
- ކޯޓަށް ހާޒިރުވާންޖެހޭ މީހާ ނުވަތަ އެ މީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ އުފަން ދަރިޔަކު ނުވަތަ ށަރުއީގޮތުން ނުވަތަ ގާނޫނީގޮތުން ބަލަންޖެހޭ އެނޫންވެސް މީހަކު ބަލިވެގެން އެ މީހަކު ބެލުމަށް ނުވަތަ އެ މީހަކަށް އެހީތެރިވާން ހުންނަން ޖެހުން؛
- އަނބިމީހާ ވިހެއުމަށް ނުވަތަ ދަރިޔަކު ހިތާނުކުރުމަށް އެ ތަނުގައި ހުންނަން ޖެހުން؛
- ތިމާ ނުވަތަ ތިމާގެ ވާރުތަވެރިޔަކު ނުވަތަ ތިމާގެ ބެލުމުގެ ދަށުގައިވާ މީހަކު ނުވަތަ ތިމާ ކައިވެނިކޮށްގެންއުޅޭ މީހާ ނުވަތަ އެ މީހާގެ ވާރުތަވެރި ޔަކު ނުވަތަ ތިމާގެ ބެލުމުގެ ދަށުގައިވާ މީހަކު ނިޔާވުން؛
- ކޯޓަށް ހާޒިރުވާންޖެހޭ މީހާ ހުރީ ބަންދެއްގައި ނުވަތަ ގާނޫނު ލާޒިމުކުރާ ކަރަންޓީނުގައި ކަމަށް ވުން؛
- ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުނުއިރު އެ އަމުރުގައިވާ ގަޑިއަށް އެހެން ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހާޒިރުވުމަށް ކުރިން އަމުރު ލިބިފައި އޮތުން؛
- ކައިވެނީގެ މައުޒޫނެއްގެ ގޮތުން ނުވަތަ ވަލީވެރިއެއްގެ ގޮތުން ނުވަތަ ހެކިވެރިއެއްގެ ގޮތުން ނުވަތަ ކައިވެނިވާ މީހެއްގެ ގޮތުން ކައިވެނީގެ މަޖިލީހަކަށް ހާޒިރުވާންޖެހުން؛
- ކޯޓު އަމުރުގައިވާ ގަޑީގައި ތިމާ ބައިވެރިވާންޖެހޭގޮތަށް ކޮލެޖެއްގައި ނުވަތަ ޔުނިވަރސިޓީއެއްގައި ނުވަތަ ސްކޫލެއްގައި އިމްތިހާނެއް އޮތުން؛
- ކޯޓަށް ހާޒިރުވާންޖެހިފައިވާ މީހާގެ ބާރު ނުހިނގާ ކަމެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް އެ މީހަކަށް ދިމާވުން؛
- މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރާއި އެއްގަމު ދަތުރު ނުކުރެވޭ ގޮތް ދިމާވުން؛
- މި މާއްދާގެ (1) ވަނަ ނަންބަރު ން ފެށިގެން (9) ވަނަ ނަންބަރު ގެ ނިޔަލަށް ބަޔާންކޮށްފައިވާ ސަބަބުތައް ފިޔަވައި އަމިއްލަ ބާރު ނުފޯރާފަދ،ަ ކޯޓަށް ބަލައިގަނެވޭނެ އެހެން ސަބަބެއް އޮތުނ.ް
(ބ) ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުނުއިރު، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެފައިވާނަމަ، އަމުރު ރައްދުކުރާ ދުވަހާ ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު، ސަބަބު ބަޔާންކޮށް ލިޔުމަކުން ކޯޓަށް އެކަން އަންގަންވާނެއެވެ. އަދި މިފަދައިން އަންގާ އެންގުމާއެކު އެކަމަށް ބާރުދޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
(ޅ) މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ، އަމުރު ރައްދުކުރި ދުވަހަށް ނުވަތަ ޖެހިގެން އަންނަ ދުވަހަށް ކަމުގައިވާނަމަ އަދި މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެފައިވާނަމަ، އެ ސަބަބު ބަޔާންކޮށް، ހާޒިރުވާންޖެހޭ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން، ލިޔުމަކުން އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި މިފަދައިން އަންގާ އެންގުމާއެކު، އެކަމަށް ބާރުދޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. މިފަދައިން އަމަލު ނުކުރާނަމަ ބަލާނީ، ކޯޓަށް ހާޒިރުނުވީކަމުގައެވެ.
(ކ) ކޯޓަށް ހާޒިރު ނުވެވޭކަމަށް ބަޔާންކޮށް ހުށަހެޅި ސަބަބަކީ، އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއްކަމަށް ކޯޓުން ކަނޑައަޅައި އަޑުއެހުން ކެންސަލް ކުރިކަން ނާންގާހައި ހިނދަކު އަމުރުގައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުވާންޖެހޭނެއެވެ.
(އ) ކޯޓަށް ހާޒިރުވާންޖެހޭ މީހަކީ ބަންދުގައި ހުރި މީހެއްނަމަ، މި މާއްދާގެ (ބ) އާއި (ޅ) ގައިވާ ގޮތުގެ މަތިން އެ މީހަކު ކޯޓަށް ހާޒިރު ނުކުރެވޭ ސަބަބު ކޯޓަށް އަންގާނީ، އެ މީހަކު ބެލެހެއްޓުމާ ހަވާލުވެހުރި އިދާރާއަކުންނެވެ.
(ވ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެގެން ކޯޓަށް ހާޒިރުވެވެން ނެތްނަމަ، އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިޔަށް ގެންދިއުމަށް ހަސްމުންނަށް އެދެވިދާނެއެވެ. އަދި އެފަދައިން އެދޭނަމަ، ކޯޓަށް ހާޒިރުވާންޖެހޭ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން އެކަމަށް އެދި ހުށަހަޅަންވާނެއެވެ.
މ) ކޯޓަށް ހާޒިރުވެވެން ނެތްކަމަށް ބަޔާންކުރި ސަބަބަށް ބަލައި، މައްސަލައިގެ އަޑުއެހުން އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. އެފަދައިން ކަނޑައަޅާ ހާލަތުގައި، އޯޑިއޯ ކޮންފަރެންސްގައި ނުވަތަ ވީޑިއޯ ކޮންފަރެންސްގައި ހަސްމުން ބައިވެރިވާންޖެހޭނެއެވެ.
(ފ) މި މާއްދާގެ (މ) ގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް،އޯޑިއޯ ކޮންފަރެންސިންގ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކޯޓުގެ އަޑުއެހުމެއް ކުރިޔަށް ގެންދެވޭނީ، އެ އަޑުއެހުމެއް އޯޑިއޯ ކޮންފަރެންސިންގމެދުވެރިކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ގާނޫނު ހުއްދަކޮށްފައިވާ ހާލަތުގައެވެ.
18 ވަނަ މާއްދާ - މެޑިކަލް ފޯމު ހުށަހެޅުން
(ހ) ކޯޓަށް ހާޒިރު ނުވުމަށް ދިމާވި ސަބަބަކީ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަބަބު ކަމުގައި ވާނަމަ، އަޑުއެހުން ތާވަލުކޮށްފައިވާ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން ކޯޓަށް އެކަން ހިއްސާކުރަންވާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ކޯޓުގެ މެޑިކަލް ފޯމު ފުރުމަށްފަހު، ހާޒިރުވާންޖެހޭ ދުވަހާ ވިދިގެން އަންނަ ދުވަހު ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ކޯޓުން ގަބޫލުކުރާނީ، ހޮސްޕިޓަލަކުން ނުވަތަ ސިއްހީ ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ އެނޫންވެސް ތަނަކުން މެޑިކަލް ޑޮކްޓަރަކު އެ ފޯމު ފުރިހަމަކޮށްފައިވާނަމައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮ ށްފައިވާ ލިޔުމުގެ ތެދު ދޮގު ސާބިތުކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، މެޑިކަލް ފޯމުގައި ސޮއިކުރި ފަރާތް ކޯޓަށް ހާޒިރުކުރެވޭނެއެވެ.
19 ވަނަ މާއްދާ - ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރު ނުވުން
(ހ) ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އަމިއްލަ ބާރު ނުފޯރ،ާ ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް ނެތ،ި ދައުވާލިބޭ ފަރާތުން ކޯޓު އަމުރުގައިވާ ގޮތުގެ މަތިން ކޯޓަށް ހާޒިރުނުވެއްޖެނަމަ، ދައުވާލިބޭ މީހާގެ ގައިރު ހާޒިރުގައި މައްސަލަ ކުރިޔަށްގެންދިޔުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) މައުޒޫއީ މައްސަލައެއްގައި ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި އަދިކަނޑައެޅިފައިވާ ގޮތުގެ މަތިން އަމަލުކުރުމެއް ނެތި ކޯޓަށް ހާޒިރުނުވިނަމަ، އެ މީހަކު ހާޒިރު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ބަލައި، އެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަންގައި ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މި ހާލަތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ އަމުރެވެ.
20 ވަނަ މާއްދާ - ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވުން
ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާފަދަ އަމިއްލަ ބާރު ނުފޯރ،ާ ކޯޓަށް ބަލައިގަނެވޭނެ ސަބަބެއް މެދުވެރިވެގެން ނޫންގޮތަކަށް އަމުރުގައިވާ ތާރީހާއި ގަޑިއަށް ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެނަމަ، ދައުވާ ފޯމު ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
21 ވަނަ މާއްދާ - ހަސްމަކު ކޯޓުގެ ހުއްދަ ނެތި ފުރައިގެން ދިއުން
(ހ) ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ދައުވާކުރާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް ނުވަތަ އެ ދައުވާއަކާ ގުޅިގެން ހާޒިރުވާންޖެހޭ މީހަކު ކޯޓަށް ހާޒިރުނުވެވޭގޮތަށްރަށުން ބޭރަށް ފުރައިގެން ދާންވާނީ، ގަވާއިދު ނަންބަރު 2022-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 176 ވަނަ މާއްދާގައި ހަވާލާދޭ އެ ގަވާއިދުގެ ޖަދުވަލު 44 ގައި ބަޔާންކޮށްފައިވާ ފޯމު ހުށަހަޅައި، ކޯޓުގެ ހުއްދަ ލިބިގެންނެވެ.
(ށ) މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ދައުވާކުރާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން، ރަށުގައި ނެތުމުގެ ސަބަބުން އަމުރު ރައްދު ނުވިނަމަ އަދި ގަވާއިދު ނަންބަރު 2022-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ176 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކޮށްފައި ނުވާނަމަ، މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، ދައުވާފޯމު ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން، ރަށުގައި ނެތުމުގެ ސަބަބުން އަމުރު ރައްދު ނުވިނަމަ އަދި ގަވާއިދު ނަންބަރު 2022-105 (ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު) ގެ 176 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކޮށްފައި ނުވާނަމަ، ގައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
22 ވަނަ މާއްދާ - ކޯޓަށް ހާޒިރުވުމަށް އަންގައިފައިވާ ގޮތަށް ކޯޓަށް ހާޒިރު ނުވުން
ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ، އަމުރުގައިވާ ގޮތަށް ކޯޓަށް ހާޒިރު ނުވިނަމަ، އަދި މި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކޮށްފައި ނުވާނަމަ، ކޯޓަށް ހާޒިރުވާންޖެހޭ ފަރާތް 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ޖޫރިމަނާކުރިކަން އެ ފަރާތަކަށް އަންގާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ޗިޓުންނެވެ.
23 ވަނަ މާއްދާ - މައުޒޫއީ މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވާ އަމުރުގައި ނުހިފުން
(ހ) މައުޒޫއީ މައްސަލައެއްގައި، ކޯޓަށް ހާޒިރުކުރުމުގެ އަމުރު ރައްދުކުރުމަށް ކޯޓުން މަސައްކަތްކޮށް، ދައުވާލިބޭ ފަރާތުން އެ އަމުރުގައި ނުހިފައިފިނަމަ، އިތުރު ނޯޓިހެއް ދިނުމެއްނެތި އެ މީހެއްގެ ގައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ށ) މައުޒޫއީ މައްސަލައެއްގައި، ކޯޓަށް ހާޒިރުކުރުމުގެ އަމުރު ރައްދުކުރުމަށް ކޯޓުން މަސައްކަތްކޮށް، ދައުވާކުރާ ފަރާތުން އެ އަމުރުގައި ނުހިފައިފިނަމަ، ދައުވާ ފޯމު ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ނުހިފިކަމަށް ކޯޓުން ބަލާނީ، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް ކޯޓުން ދާ މުވައްޒަފު ދޭ މައުލޫމާތުގެ މައްޗަށް ބަލައިގެންނެވެ.
24 ވަނަ މާއްދާ - އެޑްރެސް ބަދަލުވުން
(ހ) ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި އެ މައްސަލައިގައި ހިމެނޭ ހަސްމުން ނުވަތަ ހަސްމުން ތަމްސީލުކުރާ ފަރާތުގެ އެޑްރެސް ބަދަލުވެއްޖެނަމަ، އެކަން ވަގުތުން ކޯޓަށް އަންގަންވާނެއެވެ.
(ށ) ދައުވާކުރާ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް ދިޔައިރު، އެ ފަރާތް ދިރިއުޅޭކަމަށް އެ ފަރާތުން ކޯޓަށް ހިއްސާކޮށްފައިވާ އެޑްރެހުގައި އޭނާ ނޫޅޭނަމަ، ދައުވާ ފޯމު ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް ދިޔައިރު، އެ ފަރާތް ދިރިއުޅޭކަމަށް ދައުވާލިބޭ ފަރާތުން ކޯ ޓަށް ހިއްސާކޮށްފައިވާ އެޑްރެހުގައި އެ ފަރާތް ނޫޅޭނަމަ، ގައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
25 ވަނަ މާއްދާ - ގައިރު ހާޒިރުގައި ހިންގާ މައްސަލަތަކުގެ އަޑުއެހުންތައް
ދައުވާލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލަ ކުރިޔަށްގެންދަން ނިންމާ ހާލަތުގައި، ކުރިޔަށް ހުރި އަޑުއެހުންތަކަށް ހާޒިރުވުމަށް ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ކޯޓަކުން ނުފޮނުވާނެއެވެ.
26 ވަނަ މާއްދާ - ޖަދުވަލުތައް
މި ގަވާއިދުގައިވާ ޖަދުވަލުތަކަކީ، މި ގަވާއިދުގެ ބައެކެވެ.
27 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 2024 ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ޖަދުވަލު 1
1 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވުމަށް އެންގުނު ފަރާތުން، އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާންޖެހޭނެއެވެ.
2 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވުމަށް ވަކީލަކު އައްޔަނު ކުރެވިދާނެއެވެ. އައްޔަނުކުރެވޭ ވަކީލ،ު އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާންޖެހޭނެއެވެ.
3 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވާންވާނ،ީ ކޯޓުގެ ހުރުމަތާ ގުޅޭ އެކަށީގެންވާ ހެދުމެއްގައެވެ. މިގޮތުން، ގިރުވާން ނެތް ޓީށާޓާއި ސޯޓުފަދަ ތަކެތި ލައިގެން ނުވަތަ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އެނޫންވެސް ހެދުމެއް ލައިގެން ކޯޓަށް ހާޒިރުވާ ހާލަތުގައި، ކޯޓުން އެ ހެދުމެއް ގަބޫލު ނުކުރާނަމަ، އެ ދުވަހުގެ އެ އަޑުއެހުމަށް އެ މީހަކު ހާޒިރު ނުވީކަމުގައި ބެލުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
4 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވާއިރ،ު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޑްރައިވިންގ ލައިސަންސް ކާޑު ނުވަތަ ޕާސްޕޯޓު ގެންނަންވާނެއެވެ.
5 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބުނުއިރ،ު އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް މެދުވެރިވެފައިވާނަމަ، އަމުރު ރައްދުކުރާ ދުވަހާ ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު، ސަބަބު ބަޔާންކޮށް ލިޔުމަކުން ކޯޓަށް އެކަން އަންގަންވާނެއެވެ. އަދި މިފަދައިން އަންގާ އެންގުމާއެކު، އެކަމަށް ބާރުދޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
6 ވަނަ މާއްދާ -
މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނ،ީ އަމުރު ރައްދުކުރި ދުވަހަށް ނުވަތަ ޖެހިގެން އަންނަ ދުވަހަށް ކަމުގައި ވާނަމަ އަދި ކޯޓަށް ހާޒިރު ނުވެވޭފަދަ އަމިއްލަ ބާރު ނުފޯރާ ސަބަބެއް މެދުވެރިވެފައިވާނަމަ، އެ ސަބަބު ބަޔާންކޮށ،ް ހާޒިރުވާންޖެހޭ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން، ލިޔުމަކުން އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި މިފަދައިން އަންގާ އެންގުމާއެކު އެކަމަށް ބާރުދޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. މިފަދައިން އަމަލު ނުކުރާނަމަ ބަލާނ،ީ ކޯޓަށް ހާޒިރުނުވީކަމުގައެވެ.
7 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވަނިކޮށ،ް ކޯޓަށް ހާޒިރު ނުވެވޭފަދަ އަމިއްލަ ބާރު ނުފޯރާ ސަބަބެއް މެދުވެރިވެއްޖެނަމަ، އެކަން މެދުވެރިވާ ދުވަހު ނުވަތަ އެ ސަބަބެއް މެދުވެރިވެފައިވަނީ ކޯޓަށް ހާޒިރުވާ ދުވަހުގައި ކަމަށްވާނަމަ، އަޑުއެހުން ތާވަލުކުރެވިފައިވާ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި މިފަދައިން އަންގާ އެންގުމާއެކު، އެކަމަށް ބާރުދޭ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. މިފަދައިން އަމަލު ނުކުރާނަމަ ބަލާނ،ީ ކޯޓަށް ހާޒިރުނުވީކަމުގައެވެ.
8 ވަނަ މާއްދާ -
ކޯޓަށް ހާޒިރު ނުވެވޭފަދަ އަމިއްލަ ބާރު ނުފޯރާ ސަބަބެއް މެދުވެރިވެގެން ކޯޓަށް ހާޒިރުވެވެން ނެތްނަމަ،އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ކުރިޔަށް ގެންދިއުމަށް ހަސްމުންނަށް އެދެވިދާނެއެވެ. އަދި އެފަދައިން އެދޭނަމަ، ކޯޓަށް ހާޒިރުވާންޖެހޭ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން އެކަމަށް އެދި ހުށަހަޅަންވާނެއެވެ.
9 ވަނަ މާއްދާ -
ކޯޓަށް ހާޒިރު ނުވެވުނު ސަބަބު ކޯޓަށް އެންގޭނެ ހާލަ ތެއް އަޑުއެހުމުގެ ވަގުތު ފެށުމުގެ ކުރިން ނެތްކަމުގައިވާނަމަ އެކަން ބަޔާންކޮށ،ް އެކަމާ ގުޅޭ ލިޔުންތަކާއެކު، ހާޒިރުވާންޖެހޭ ދުވަހު ކޯޓަށް އަންގަންވާނެއެވެ.
10 ވަނަ މާއްދާ -
ކޯޓަށް ހާޒިރު ނުވެވޭކަމަށް ބަޔާންކުރި ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ ސަބަބެއް ކަމަށް ބަލައި، އަޑުއެހުން ކެންސަލް ނުކުރާ ހިނދަކު، ހާޒިރުވުމަށް ކަނޑައެޅިފައިވާ ގޮތަށް ކޯޓަށް ހާޒިރުވާންޖެހޭނެއެވެ.
11 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވިކަމަށް ބަލާނ،ީ ކޯޓަށް ހާޒިރުވިކަން، ކޯޓުގެ ކައުންޓަރާ ހިއްސާކުރުމުންނެވެ. އޯޑިއޯ ކޮންފަރެންސް ނުވަތަ ވީޑިއޯ ކޮންފަރެންސް އަޑުއެހުމެއްނަމަ އަޑުއެހުމުގައި ބައިވެރިވުމުންނެވެ.
12 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވެއްޖެނަމަ، ނުވަތަ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވެ ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެ މީހަކު 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
13 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވުމަށްފަހު، އަޑުއެހުމުން ނިމުމުގެ ކުރިން ކޯޓުގެ ހުއްދަނެތި ބޭރަށް ގޮސްގެން ނުވާނެއެވެ. އަޑުއެހުން ފެށުމުގެ ކުރިން ބޭރަށް ހިނގައްޖެ ނަމަ ބަލާނީ ހާޒިރުނުވާކަމަށެވެ.
14 ވަނަ މާއްދާ -
ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވ،ެ ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވިނަމަ، ދައުވާ ބާތިލުކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި ދައުވާލިބޭ ފަރާތަށް ކޯޓަށް ހާޒިރުވުމުގެ ރައްދުވެ އެ ފަރާތުން ކޯޓަށް ހާޒިރު ނުވިނަމަ، ޣައިރު ހާޒިރުގައި މައްސަލަ ކުރިޔަށް ގެންދިއުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
ޖަދުވަލު 2
ޖަދުވަލު 3
ޖަދުވަލު 4
މައި ގާނޫނު
މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32) (ގާނޫނު ނަންބަރު 2021-32)
ކިޔުންތެރިންގެ ހިޔާލު