ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު
(ގާނޫނު ނަންބަރު 2010-23)
1 ވަނަ ބާބު
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ކޮޕީރައިޓާއި އަދި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދިނުމާއި، އެފަދަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމާބެހޭ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ހިންގޭނެ ދާއިރާ
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގައި އުފައްދާ ހުރިހާ ތަކެއްޗާއި ދިވެހިރާއްޖެ ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގައި ބަޔާންކުރެވިފައިވާ ބަޔަކު އުފައްދާ ތަކެތި މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެކަމަށް ބަޔާންކުރެވިފައިވާ އުފެއްދުމެއް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އުފައްދާފައިވާނަމަ، މި ގާނޫނުގެ ދަށުން އެ އުފެއްދުމާގުޅޭ ހައްގުތައް ހިމާޔަތްކުރެވޭނީ އަންނަނިވި ހާލަތުގައެވެ.
- މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވުނު އެއްވެސް ގަވާއިދެއްގެ ދަށުން އެ އުފެއްދުމެއް ހިމާޔަތްކުރެވުނު މުއްދަތު ހަމަނުވާ ކަމަށްވާނަމަ؛ ނުވަތަ
- ދިވެހިރާއްޖެ ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ބަޔާންކުރެވިފައިވާ ބަޔަކު އުފައްދާފައިވާ އުފެއްދުމެއްގެ މުއްދަތު އެ އުފެއްދި ގައުމެއްގެ ގާނޫނުގެ ދަށުން ހަމަނުވާނަމައެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހިމާޔަތްކުރެވޭ އުފެއްދުންތަކުގެ މުއްދަތު ގުނުމުގައި މުއްދަތު ފެށޭ ތާރީހުކަމަށް ބަލާނީ އެ އުފެއްދުމުގެ ކޮޕީރައިޓު އެއްވެސް ތަނެއްގެ ރަޖިސްޓަރީކުރެވިފައިވާނަމަ، ރަޖިސްޓަރީކުރެވުނު ތާރީހު ނުވަތަ ރަޖިސްޓަރީކުރެވިފައިނުވާނަމަ، އެ އުފެއްދުމެއް އާންމުކޮށް ލިބެންފެށި ތާރީހެވެ.
2 ވަނަ ބާބު
ކޮޕީރައިޓު
3 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ އުފެއްދުންތައް
ތިރީގައި ބަޔާންކޮށްފައިމިވާ ބާވަތްބާވަތުގެ އުފެއްދުންތަކަށް މި ގާނޫނުގެ ދަށުން ހިމާޔަތް ލިބިގެންވެއެވެ.
(ހ) އަދަބީ އަދި ފަންނީ ގިންތީގައި ހިމެނޭ އަދަބީ އަދި ފަންނާނީ އުފެއްދުންތައް، ވަކިން ހާއްސަކޮށް ތިރީގައިމިވާ ތަކެތި:
- ފޮތް، ލުއިފޮތް، މަޒުމޫނު އަދި މިނޫން ލިޔުންތައް؛
- އިލްމީ، އަދަބީ، އަދި އާޓިސްޓިކް ތަގުރީރުތަކާއި މުހާތަބުކޮށް ދައްކާވާހަކަ؛
- ޑްރާމާ، މިޔުޒިކީ ޑްރާމާ، ސްޓޭޖު ނެށުމާއި، އެ ނެށުން ރާވައި އަތުރާފައިވާ ގޮތާއި، ފިޔަވަޅުތަކާއި މިފަދަ ހުށަހެޅުންތަކާއި މިނޫންވެސް މިފަދަ އުފެއްދުންތައް؛
- ޅެމާއި، ލަވައާއި، ރާގާއި، މިނޫންވެސް މިޔުޒިކީ އުފެއްދުންތައް؛
- ފީޗަރ ފިލްމް، ޑޮކިއުމެންޓްރީ ފިލްމް، ޑްރާމާ، ވީޑީއޯ ލަވަ އަދި އެހެނިހެން ވީޑިއޯ ވިށުއަލް ހުށަހެޅުންތަކާއި މަސައްކަތްތައް؛
- ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތްތައް؛
- ފޮޓޯގެ މަސައްކަތްތައް؛
- އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތްތައް؛
- އިލަސްޓްރޭށަން، ޗާޓް، ޕްލޭން، ސްކެޗް އާއި ޖޯގްރަފީ، ޓޮޕޯގްރަފީ، ފަރުމާކުރުން ނުވަތަ ސައިންސާގުޅޭ 3 ޑައިމެންށަންގެ އުފެއްދުންތައް؛
- ކޮމްޕިއުޓަރ ޕްރޮގްރާމްތައް (ސޯސް ކޯޑު ނުވަތަ އޮބްޖެކްޓް ކޯޑުގެ ގޮތުގައި ހުރި ނަމަވެސް).
(ށ) މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ އެ އުފެއްދުމެއް ހުށަހަޅައިދޭގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގްސަދަށް ބަލައިގެންނޫނެވެ. މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެއެވެ.
4 ވަނަ މާއްދާ - އެހެން އުފެއްދުމެއް ބޭނުންކޮށްގެން އަލަށް އުފެއްދޭ އުފެއްދުންތައް
(ހ) އެހެން އުފެއްދުމެއް ބޭނުންކޮށްގެން އަލަށް އުފެއްދޭ އުފެއްދުންތަކުގެ ތެރެއިން ތިރީގައިވާ މަސައްކަތްތައް މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.
- އުފެއްދުމެއްގެ ތަރުޖަމާ، އެތުރުން، ހުލާސާ އަދި އެއަށް ގެނެވޭ އެކިއެކި ބަދަލުތައް؛
- އެއްކޮށްފައިވާ މަސައްކަތްތައް، ކޮންމެ ސިފައެއްގައި ނަމަވެސް އެއްކޮށްފައިވާ މައުލޫމާތު ކޮށާރު (ޑޭޓާބޭސް) އަދި އެއްކުރުމުގައި ނުވަތަ އެތުރުމުގައި އަމިއްލަކަން ހުންނަ އެކްސްޕްރެށަން އޮފް ފޯކްލޯރ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އުފެއްދުންތައް ހިމާޔަތްކުރެވޭއިރު، އެ މަސައްކަތެއް އުފެއްދުމުގައި ބޭނުންކޮށްފައިވާ ނުވަތަ ހިމެނިފައިވާ އުފެއްދުމަކަށް ނުވަތަ އެކްސްޕްރެށަން އޮފް ފޯކްލޯރއަކަށް ދެވިފައިވާ ހިމާޔަތަކަށް އުނިކަމެއް ނާންނާނެއެވެ.
5 ވަނަ މާއްދާ - އަސްލީ މަސައްކަތަކަށް ވުން
މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުފެއްދުންތަކާއި މަސައްކަތްތަކަށް މި ގާނޫނުގެ ދަށުން ހިމާޔަތް ލިބޭނީ އެ އުފެއްދުމަކީ ނުވަތަ އެ މަސައްކަތަކީ އެފަރާތުގެ އަސްލީ އުފެއްދުމެއް ނުވަތަ މަސައްކަތެއް ކަމަށްވާނަމައެވެ.
6 ވަނަ މާއްދާ - ހިމާޔަތްކޮށް ނުދޭ ތަކެތި
މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ނުހިމެނޭ، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި މި ގާނޫނުގެ ދަށުން ހިމާޔަތްކޮށް ނުދެވޭނެއެވެ.
(ހ) އުފެއްދުމެއްގައި ހުށަހަޅައި ބަޔާން ކޮށްދީފައި ވީނަމަވެސް، އެއްވެސް ހިޔާލެއް، ކަންހިނގާ ގޮތެއް، ނިޒާމެއް، ކަމެއް ހިންގާގޮތެއް، ކަމެއްގެ އަސާސެއް، އުސޫލެއް، ހޯދުމެއް، ނުވަތަ ހަމަ ހުސް ޑޭޓާއެއް ކޮންމެ ސިފައެއްގައި ބަޔާންކޮށްދީފައި ވީނަމަވެސް؛ އަދި
(ށ) ގާނޫނީ ނުވަތަ ގާނޫނު ހިންގުމުގެ ބޭނުމުގައި ހުންނަ ރަސްމީ ލިޔުމާއި އެފަދަ ލިޔުންތަކުގެ ތަރުޖަމާ.
7 ވަނަ މާއްދާ - ކޮޕީރައިޓު ރަޖިސްޓަރީކުރުން
(ހ) މި ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހައްގުތައް ލިބިގަތުމަށްޓަކައި އެ ހައްގުތައް ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކުރުމަކީ ލާޒިމުކަމެއްނޫނެވެ. އެހެންނަމަވެސް، މިފަދަ ހައްގުތައް ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތަކަށް، އެ ހައްގުތައް ސަރުކާރުން ކަނޑައަޅާ އިދާރާއެއްގައި ރަޖިސްޓަރީކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ކޮޕީރައިޓު ރަޖިސްޓަރީކުރުމުގެ ފުރުސަތު އޮތްނަމަވެސް، ރަޖިސްޓަރީ ނުކުރާ ކޮޕީރައިޓުގެ ހައްގުތަކަށް އެކަމުން އެއްވެސް އުނިކަމެއް ނާންނާނެއެވެ. ރަޖިސްޓަރީކުރުމުގެ މައިގަނޑު މަގްސަދަކީ ށަރީއަތުގައި މުސައްނިފަށް އެ އުފެއްދުމަކީ އޭނާގެ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދިނުމަށް މަގުފަހިކޮށްދިނުމެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އިދާރާއަކުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ކޮޕީރައިޓު ރަޖިސްޓަރީކުރުމަށް ފީއެއް ނެގިދާނެއެވެ.
8 ވަނަ މާއްދާ - ކޮޕީރައިޓު ކުރާ އުފެއްދުން މާއްދީގޮތަކަށް އެކުލަވާލެވިފައިވުން
(ހ) މި ގާނޫނުގެ ދަށުން ކޮޕީރައިޓު ކުރެވޭނެ އުފެއްދުންތައް ހުންނަންވާނީ ކޮންމެވެސް މާއްދީގޮތަކަށް އެކުލަވާލެވިފައެވެ. ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުގެ ސަބަބުން މި ގާނޫނުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަންނާނުންގެ ހައްގުތަކަށް ހުރަހެއް ނޭޅޭނެއެވެ.
(ށ) ކޮމްޕިއުޓަރ މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި އޮޓޮމެޓިކްކޮށް ކޮމްޕިއުޓަރުން ކޮޕީކުރެވޭ ޕްރޮގްރާމްތަކަކީ މާއްދީގޮތަކަށް އެކުލަވާލެވިފައިވާ އެއްޗަކަށް ނުވާތީވެ، އެކަމަކީ ކޮޕީރައިޓުގެ ހައްގަކަށް އުނިކަމެއް އަންނަފަދަކަމެއް ކަމަކަށް މި ގާނޫނުގެ ދަށުން ނުބެލެވޭނެއެވެ.
(ނ) މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ކޮޕީރައިޓު ރަޖިސްޓަރީކުރުން އިހްތިޔާރު ނުކުރާ ފަރާތަކުން އެ އުފެއްދުމަކީ އެފަރާތުގެ އަމިއްލަ އުފެއްދުމެއްކަމަށް ށަރީއަތުގެ މަޖިލީހުގައި ސާބިތުކުރުމުގެ ބޭނުމުގައި، އެ އުފެއްދުމެއް މާއްދީގޮތަކަށް އެކުލަވާލުމަށްފަހު، ރަޖިސްޓަރީކޮށްފައިވާ ޕޯސްޓުން އެ އެއްޗެއް އެފަރާތުގެ އަމިއްލަ އެޑްރެހަށް ފޮނުވިދާނެއެވެ. އެހެންނަމަވެސް އަމިއްލައަށް ފޮނުވާ މިފަދަ ސިޓީއުރަ ށަރީއަތުގެ މަޖިލީހުގައި ހެކީގެ ގޮތުގައި ގަބޫލުކުރެވޭނީ އެ ސިޓީއުރަ ނުކަނޑައި، ޕޯސްޓްކުރި ތާރީހު އެ ސިޓީއުރައިން އެނގެން އޮންނަގޮތަށް އޮތުމުންނެވެ.
9 ވަނަ މާއްދާ - މުސައްނިފުގެ ހައްގުތައް
(ހ) ލިޔެވިފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އުފެއްދުމުގެ ކޮޕީރައިޓު އޮންނާނީ އެ އުފެއްދުމުގެ މުސައްނިފަށެވެ.
(ށ) ލިޔެވިފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އުފެއްދުމެއް ށާއިއުކުރުމާއި، އެ އުފެއްދުމެއް ށާއިއުކުރާނޭގޮތް ކަނޑައެޅުމުގެ ހައްގު ލިބިގެންވަނީ އެ އުފެއްދުމުގެ މުސައްނިފަށެވެ.
(ނ) ލިޔެވިފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އުފެއްދުމުގެ އިގްތިސާދީ ފައިދާ ހޯދުމުގެ އަދި ވިޔަފާރީގެ ގޮތުގައި އެ އުފެއްދުމެއް ބޭނުންކުރުމުގެ ހައްގު ލިބިގެންވަނީ އެ އުފެއްދުމުގެ މުސައްނިފަށެވެ.
10 ވަނަ މާއްދާ - އިގްތިސާދީ ހައްގުތައް
(ހ) މި ގާނޫނުގެ 13 ވަނަ މާއްދާއިން ފެށިގެން 20 ވަނަ މާއްދާއާއި ދެމެދުގައިވާ ގޮތުގެމަތިން، އުފެއްދުމަކާގުޅޭ ގޮތުން ތިރީގައިމިވާ ކަންތައްތައް ކުރުމުގެ ނުވަތަ އެއިންކަމެއް ކުރުމަށް ހުއްދަ ދިނުމުގެ ހައްގު ލިބިގެންވަނީ މުސައްނިފަށް ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތަށެވެ.
- އުފެއްދުމެއް އަލުން އުފެއްދުން؛
- އުފެއްދުމެއް ތަރުޖަމާ ކުރުން؛
- އުފެއްދުމަކަށް ބަދަލެއް ގެނައުން؛
- ނަކަލުކުރުމުގެ ވެރިފަރާތުން އެހެން ފަރާތަކަށް ހުއްދަދީފައި ނުވާ ހިނދެއްގައި އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ވިއްކުން، ކުއްޔަށް ދިނުން، އާންމުންނަށް ދޫކުރުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ފޯރުކޮށްދިނުން؛
- އޯޑިއޯ ވިށުއަލް އުފެއްދުމެއް، އަޑުގެ ރިކޯޑިންގއެއްގައި ހިމެނޭ އުފެއްދުމެއް، ކޮމްޕިއުޓަރ ޕްރޮގްރާމެއް، ޑޭޓާ ބޭސްއެއް (މައުލޫމާތު ކޮށާރެއް) ނުވަތަ ނޮޓޭށަންއެއްގެ ސިފައިގައިވާ މިޔުޒިކުގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އެ އެއްޗެއްގެ ވެރިފަރާތަކީ ކޮންމެފަރާތެއް ކަމުގައިވިޔަސް، ކުއްޔަށް ދިނުން ނުވަތަ އެހެން ގޮތަކުން ވިޔަސް އާންމުންނަށް ދޫކުރުން؛
- އުފެއްދުމުގެ އަސްލު ނުވަތަ ކޮޕީއެއް އާންމުންނަށް ފެންނަގޮތަށް ބެހެއްޓުން؛
- އުފެއްދުމެއް އާންމުންނަށް ހުށަހަޅައިދިނުން؛
- އުފެއްދުމެއް ބްރޯޑްކާސްޓް ކުރުން؛
- އުފެއްދުމެއް، މުއާސަލާތުކުރުމުގެ އެހެން ވަސީލަތަކުންވިޔަސް، އާންމުންނަށް ފޯރުކޮށްދިނުން.
(ށ) ކޮމްޕިއުޓަރ ޕްރޮގްރާމެއް ކުއްޔަށް ދިނުމުގައި ނުވަތަ ދޫކުރުމުގައި އެ ޕްރޮގްރާމަކީ އޭގެ މައިގަނޑު މަގްސަދުކަމުގައި ނުވާނަމަ، އެއަކަށް މި މާއްދާގެ (ހ) ގެ (5) ގައި ބުނެފައިވާ ހައްގެއް ނޯންނާނެއެވެ.
11 ވަނަ މާއްދާ - އަހްލާގީ ހައްގުތައް
(ހ) މުސައްނިފުގެ އިގްތިސާދީ ހައްގުތަކުގެ އިތުރުން، އަދި ނަކަލުކުރުމުގެ ވެރި ފަރާތްކަމުގައި ނުވިނަމަވެސް، އެއްޗެއް އުފެއްދި ފަރާތަށް ތިރީގައި ބަޔާން ކޮށްފައިވާ ހައްގުތައް ލިބިގެންވެއެވެ.
- އުފެއްދުމުގެ ކޮޕީތަކުގައި އޭނާގެ ނަން ރަނގަޅަށް ފާޅުވާނޭގޮތަށް ބަޔާންކޮށްފައި އޮތުމާއި އާންމުން އެއިންކުރާ ބޭނުންތަކުގައި އޭނާގެ ނަން ބަޔާންކޮށްފައި އޮތުމުގެ ހައްގު؛
- އުފެއްދުމުގެ ކޮޕީތަކުގައި އަދި އާންމުން އެއިންކުރާ ބޭނުންތަކުގައި އޭނާގެ ނަން ހާމަނުކޮށް ވަނަން ބޭނުންކުރުމުގެ ހައްގު؛ އަދި
- އޭނާގެ އަބުރަށާއި އިއްޒަތަށް ގެއްލުމެއް ލިބޭފަދަ ގޮތަކަށް އޭނާގެ އުފެއްދުމަކަށް ގެނެވޭ ކޮންމެ ބަދަލަކަށް އަދި ހައްގުނޫންގޮތަށް ގެނެވޭ ކޮންމެ އުނިއިތުރަކަށް ދެކޮޅުހެދުމުގެ ހައްގު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްވެސް ހައްގެއް މުސައްނިފުގެ ހަޔާތުގައި އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް މުސައްނިފު މަރުވުމަށްފަހު އިސްވެ ބުނެވުނު ހައްގުތައް ވަސިއްޔަތަކުން ނުވަތަ ށަރުއީ ހަމައިގެ މަތިން އެހެންފަރާތަކަށް ބަދަލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އަހްލާގީ ހައްގުތައް ނުވަތަ އެއިން ބައެއް މުސައްނިފަށް ދޫކޮށްލެވިދާނެއެވެ. މިގޮތަށް ދޫކޮށްލެވޭނީ ދޫކޮށްލާ ހައްގު ނުވަތަ ހައްގުތަކާއި ދޫކޮށްލެވޭ ހާލަތު ލިޔެ ބަޔާން ކުރުމަށްފަހުގައެވެ. އަދި މި މާއްދާގެ (ހ) ގެ (3) ގައިވާ ހައްގެއް ދޫކޮށްލާނަމަ، ދޫކޮށްލާ މިންވަރަކާއި ބަދަލުގެނެވޭނޭ ގޮތް ކަނޑައެޅިފައި އޮންނަންވާނެއެވެ.
(ރ) މުސައްނިފު މަރުވުމަށްފަހު އޭނާގެ ހައްގުތައް ލިބޭ، ނުވަތަ ލިބިދޭ ފަރުދަކަށް ނުވަތަ ގާނޫނީ ށަހްސަކަށްވެސް މި މާއްދާގެ (ނ) ގެ ދަށުން އަމަލުކުރެވިދާނެއެވެ.
12 ވަނަ މާއްދާ - އަމިއްލަ ބޭނުމަށްޓަކައި އަލުން އުފެއްދުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ގައި ނުހިމެނޭގޮތަށް އަދި މި ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާގޮތަށް ށާއިއު ކޮށްފައިވާ އުފެއްދުމެއްގެ މުސައްނިފުގެ ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައެއް ނެތި އެ އުފެއްދުމުގެ އެންމެ ކޮޕީއެއް އޭގެ އަސްލާއި އެއްގޮތަށް މީހަކަށް ހަމައެކަނި އޭނާގެ އަމިއްލަ ބޭނުމަށް އަލުން އުފެއްދިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ދީފައިވާ އުފެއްދުމުގެ ހުއްދަ ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗަށް ނޯންނާނެއެވެ.
- އިމާރާތެއް ނުވަތަ އެހެން ބިނާއެއްކުރުމަށް ފަރުމާ ކޮށްފައިވާ ފަރުމާކުރުމުގެ މަސައްކަތް ނަކަލުކުރުން؛
- ފޮތެއްގެ ބޮޑުބައެއް ނުވަތަ ނޮޓޭށަނެއްގެ ގޮތުގައި ހުރި މިޔުޒިކްގެ މަސައްކަތެއް އަލުން އުފައްދާ އުފެއްދުމެއްގެ ގޮތުގައި ނަކަލުކުރުން؛
- ޑިޖިޓަލްކޮށް ހުރި ޑޭޓާބޭސް އެއް (މައުލޫމާތު ކޮށާރެއް) ނުވަތަ އޭގެ ބޮޑުބައެއް ނަކަލުކުރުން؛
- މި ގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާގޮތް ނޫންގޮތަކަށް ކޮމްޕިއުޓަރ ޕްރޮގްރާމެއް ނަކަލުކުރުން؛ އަދި
- މަސައްކަތް އަލުން އުފައްދާއިރު އޭގެ އާންމު މަންފާއަށް ބުރޫއެރުމާއެކު އެ މަސައްކަތުގެ މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހައްގުތަކަށް އުނިކަމެއް އަންނަފަދަ ނަކަލުކުރުންތައް؛
- ވިޔަފާރީގެގޮތުގައި ބޭނުންކުރުމަށް އުފައްދާފައިވާ ފީޗަރ ފިލްމް، ޑޮކިއުމެންޓްރީ ފިލްމް، ޑްރާމާ، ވީޑިއޯ ލަވަ އަދި އެހެނިހެން އޯޑިއޯ ވިށުއަލް ހުށަހެޅުންތަކާއި މަސައްކަތްތައް.
13 ވަނަ މާއްދާ - ވަގުތީ ގޮތަކަށް އަލުން އުފެއްދުން
ތިރީގައިމިވާ ހުރިހާ ށަރުތުތަކެއް ފުރިހަމަވާނަމަ، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން، މަސައްކަތެއް ވަގުތީގޮތުން އަލުން އުފެއްދިދާނެއެވެ.
(ހ) އަލުން އުފައްދާފައިވަނީ އެހެން އުފެއްދުމެއް ޑިޖިޓަލްކޮށް ޓްރާންސްމިޓް ކުރުމުގެ ތެރޭގައި ނުވަތަ ޑިޖިޓަލްކޮށް ރައްކާކޮށްފައިވާ އުފެއްދުމެއް ފެންނަގޮތް ހެދުމުގެ ތެރޭގައި ކަމަށްވުން.
(ށ) އަލުން އުފައްދާފައިވަނީ މީހަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ވާ ފަރާތަކުން، ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ގާނޫނީގޮތުން އަލުން އުފެއްދުމުގެ ބާރު ލިބިގެން ކަމަށްވުން.
(ނ) އުފެއްދުމެއް ޓްރާންސްމިޓްކުރުމަށް ނުވަތަ ފެންނާނޭގޮތް ހެދުމަށްޓަކައި އެހީވެދޭކަމެއް ކުރުމުގައި އެކަމެއް ހިނގާފައިވަނީ ބޭނުންކުރާ އިކުއިޕްމަންޓް އާންމުކޮށް ބޭނުންކުރާ ބޭނުންކުރުމުގައި ކަމަށްވެފައި މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާކަމެއް ފިޔަވައި އެހެން ކަމަކަށް ބޭނުން ނުކުރެވޭގޮތަށް ކޮޕީ އޮޓޮމެޓިކްކޮށް ފުހެލެވޭގޮތަށް އުފައްދާ އުފެއްދުމެއް ކަމުގައިވުން.
14 ވަނަ މާއްދާ - ހަވާލާދީ ހުށަހެޅުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނޭ ގޮތަށް، ހަމައާއި އިންސާފުގެ މަތިން، އެކުރާކަމަކަށް ބޭނުންވާ ވަރަށްވުރެ އިތުރުނުވާގޮތަށް މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި ށާއިއުކޮށްފައިވާ މަސައްކަތަކުން ކުޑަ މިންވަރެއް ހަވާލާދީ ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން އަލުން އުފެއްދިދާނެއެވެ.
(ށ) ހަވާލާދީ ހުށަހަޅާ ހުށަހެޅުން ށާއިއުކޮށްފައިވާ މަސައްކަތުގައި މުސައްނިފުގެ ނަން އެނގެން އޮތްނަމަ، މުސައްނިފުގެ ނަމާއި ށާއިއުކޮށްފައިވާ އެއްޗަކާއި ގޮތް އަލުން އުފައްދާ އުފެއްދުމުގައި ބަޔާން ކުރަންވާނެއެވެ.
15 ވަނަ މާއްދާ - އުނގަންނައިދިނުމަށްޓަކައި އަލުން އުފެއްދުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނެގޮތަށް މުސައްނިފުގެ ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި އެފަރާތުން އުފައްދާފައިވާ މަސައްކަތެއް ހަމައާއި އިންސާފުގެ މަތިން، އުނގަންނައިދިނުމަށް ބޭނުންވާ ވަރަށްވުރެ އިތުރުނުވާގޮތަށް އަލުން އުފެއްދިދާނެއެވެ.
(ށ) އަލުން އުފެއްދި އެއްޗެއްގެ މުސައްނިފުގެ ނަމާއި، ށާއިއުކޮށްފައިވާ އެއްޗަކާއި، ގޮތް މި މާއްދާގެ (ހ) ގައި ބުނެފައިވާ އުފެއްދުމުގައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހާމަކޮށް ބަޔާން ކުރަންވާނެއެވެ.
16 ވަނަ މާއްދާ - ލައިބްރަރީ އާއި އަރުށީފްތަކުން އަލުން އުފައްދާ އުފެއްދުން
މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނޭގޮތުން ސީދާކޮށް ނުވަތަ ނުސީދާކޮށްކަމުގައިވިޔަސް، ވިޔަފާރީގެ ފައިދާއަކަށް ނުވާގޮތަށް ކޮންމެ ލައިބްރަރީ އަކުން ނުވަތަ އަރުށީފް އަކުން މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި އެ އުފެއްދުމެއްގެ އެއްކޮޕީ ތިރީގައި މިވާގޮތުގެމަތިން، އުފެއްދިދާނެއެވެ.
(ހ) އަލުން އުފައްދާ އުފެއްދުމަކީ ށާއިއުކޮށްފައިވާ ލިޔުމެއް، އެހެން މަސައްކަތެއް ނުވަތަ މަސައްކަތެއްގެ ބައެއް ވަކިމީހެއްގެ ބޭނުމަކަށް އަލުން އުފައްދާ އުފެއްދުމަކަށް ވާހިނދު؛
- ކޮޕީ ބޭނުންކުރެވެނީ ހަމައެކަނި އުނގެނުމަކަށް ނުވަތަ އިލްމީ ބޭނުމަކަށް ނުވަތަ އަމިއްލަ ދިރާސާއަކަށްޓަކައިކަން ލައިބްރަރީއަށް ނުވަތަ އަރުށީފްއަށް ޔަގީންވުމުން؛
- އަލުން އުފެއްދި އުފެއްދުމަކީ ހަމައެކަނި އެންމެފަހަރަކު ހިނގިކަމެއް ކަމުގައިވުމުން ނުވަތަ ތަކުރާރުވިޔަސް، ކުރިން އަލުން އުފައްދާފައިވާ އެއްޗަކާއި ގުޅުމެއް ނެތި ތަފާތު ހާލަތްތަކުގައި އުފައްދާ އުފެއްދުމެއް ކަމުގައިވުމުން؛ އަދި
- ނަކަލުކުރުމުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއަކުން އެފަދަ ގޮތަކަށް ކޮޕީތައް ހެދުމަށް ވަކި ކަހަލަ ލައިސަންސެއް ލިބެން ނެތުމުން.
(ށ) އުފެއްދުމެއްގެ ކޮޕީއެއް ހަދާފައިވަނީ އެހެން ލައިބްރަރީއެއް ނުވަތަ އަރުށީފްއެއްގައިވާ ކޮޕީއެއް ރައްކާކޮށް ރަނގަޅަށް ބެލެހެއްޓުމުގެ މަގްސަދުގައި، ނުވަތަ ގެއްލިފައިވާ، ނުވަތަ ހަލާކުވެފައިވާ، ނުވަތަ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކޮޕީއެއްގެ ބަދަލުގައި ބޭނުންކުރުމުގެ މަގްސަދުގައިކަމަށްވެފައި އަދި އެ އުފެއްދުމެއްގެ އަސްލު ކޮޕީއެއް ހޯދުމަކީ ފަސޭހައިން ކުރެވޭނެކަމަކަށް ނުވެފައި، އެ އުފެއްދުމެއް އަލުން އުފައްދާފައިވަނީ އެންމެފަހަރަކު ކަމުގައި، ނުވަތަ އެއް ފަހަރަށްވުރެ ގިނަފަހަރު އަލުން އުފައްދާފައިވަނީ މުޅިން ތަފާތު އަދި ގުޅުމެއްނެތް ފަހަރުތަކުގެ މަތިން ކަމުގައިވުމުން.
17 ވަނަ މާއްދާ - އާންމުންނަށް މައުލޫމާތު ދިނުމުގެ ބޭނުމުގައި ބްރޯޑްކާސްޓް ކުރުމަށާއި އެނޫން ގޮތްތައް އެ މައުލޫމާތު މުއާސަލާތުކުރުމަށް އަލުން އުފައްދާ އުފެއްދުން
މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1)، (8) އަދި (9) އަށް އުނިކަމެއް ނާންނާނޭގޮތަށް، މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި އެ މަސައްކަތުގެ މުސައްނިފު އެނގޭނެގޮތަކަށް އަދި އެ މަސައްކަތް ލިބެންހުރި ނުވަތަ ފެންނަން ހުރިގޮތް ވީހާވެސް ބޮޑަކަށް ހާމަ ކުރުމާއެކު ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.
(ހ) ނޫހެއް ނުވަތަ މަޖައްލާއެއްގައި ހިނގަމުންދާ އިގްތިސާދީ، އިޖްތިމާއީ، ނުވަތަ ދީނީ ކަމަކާބެހޭ ގޮތުން ށާއިއުކޮށްފައިވާ ލިޔުމެއް ނުވަތަ އެފަދަ ބްރޯޑްކާސްޓް އުފެއްދުމެއް ނޫހެއް ނުވަތަ މަޖައްލާއެއްގައި އަލުން އުފެއްދުން، ނުވަތަ ބްރޯޑްކާސްޓް ކުރުން ނުވަތަ އެނޫންވެސް އެހެންގޮތަކަށް އާންމުންނަށް މުއާސަލާތުކުރުން. މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުން އިސްވެ ބަޔާންކުރެވުނު ކަހަލަ އެއްވެސް އުފެއްދުމެއް އެފަރާތުގެ ހުއްދައާއެކު ނޫނީ އަލުން އުފެއްދުމަށް ނުވަތަ ބްރޯޑްކާސްޓް ކުރުމަށް ނުވަތަ އެނޫންވެސް އެހެން އެއްވެސްގޮތަކަށް އާންމުންނަށް މުއާސަލާތުކުރުމަށް ކަނޑައަޅާފައިވާނަމަ، އިސްވެ ބަޔާންކުރެވިފައިވާގޮތަށް މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައާއި ނުލާ އަލުން އެ މަސައްކަތެއް ނުއުފެއްދޭނެއެވެ.
(ށ) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގއެއްގައި ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުމުގައި ސިޔާސީ ތަގުރީރެއް، އިލްމީ ތަގުރީރެއް، ދީނީ ނަސޭހަތެއް، ބަޔަކާ މުހާތަބުކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނުވަތަ ގާނޫނީ ނުވަތަ ށަރުއީ މަޖިލީހެއްގައި ކަންތައް ހިނގައި ދިޔަގޮތުގެ ވާހަކައެއް އެންމެފަހުގެ މައުލޫމާތު ދިނުމުގެ ގޮތުން ހަމައާއި އިންސާފުގެ މަތިން އަލުން އުފެއްދުން؛ އަދި
(ނ) ތާޒާ ހަބަރު ފޯރުކޮށްދިނުމުގެ މަގްސަދުގައި އަޑުއިވިފައިވާ ނުވަތަ ފެނިފައިވާ މަސައްކަތެއްގެ ކުރު ބައެއް ހަމައާއި އިންސާފުގެ މަތިން އަލުން އުފެއްދުން.
18 ވަނަ މާއްދާ - ކޮމްޕިއުޓަރ ޕްރޮގްރާމަށް ބަދަލުގެނައުމާއި އަލުން އުފެއްދުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އާއި (3) އަށް އުނިކަމެއް ނާންނާނެ ގޮތަށް މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި ކޮމްޕިއުޓަރ ޕްރޮގްރާމެއް ގަތްފަރާތަކުން އެ ޕްރޮގްރާމެއްގެ އެއް ކޮޕީ ނުވަތަ ބަދަލެއް ގެންނަންޖެހޭ ހިނދެއްގައި ކޮންމެހެން ގެންނަންޖެހޭ ބަދަލަކާއެކު އެފަދަ ޕްރޮގްރާމެއްގެ އެއް ކޮޕީ ތިރީގައިމިވާ ބޭނުންތަކަށް އަލުން އުފެއްދިދާނެއެވެ.
- ކޮމްޕިއުޓަރ ޕްރޮގްރާމް ހޯދި ބޭނުމެއްގައި ކޮމްޕިއުޓަރުގައި ބޭނުން ކުރުމަށް؛ ނުވަތަ
- ކޮމްޕިއުޓަރ ޕްރޮގްރާމް ގިނަދުވަހަށް ރައްކާކޮށްފައި ބޭއްވުމުގެ ބޭނުމުގައި ނުވަތަ ބޭނުންކުރަމުންދާ ކޮޕީ ގެއްލިގެން ނުވަތަ ބޭނުން ނުކުރެވޭފަދަ ހާލަތަކަށް ހަލާކުވެގެން އޭގެ ބަދަލުގައި ބޭނުންކުރުމަށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި އެހެން އެއްވެސްކަމަކަށް ކޮމްޕިއުޓަރ ޕްރޮގްރާމެއްގެ ކޮޕީއެއް ނުވަތަ މިފަދަ ޕްރޮގްރާމަކަށް ބަދަލެއް ގެނެސްގެން ވިޔަސް، ބޭނުންކޮށްގެންނުވާނެއެވެ. އަދި މިފަދަ ކޮޕީއެއް ގެންގުޅުން މަނާވެއްޖެ ހިނދެއްގައި ބަދަލުދިނުމަކާ ނުލައި އެ ކޮޕީއެއް ނައްތާލުމުގެ ބާރު ކަމާބެހޭ ސަރުކާރުގެ އިދާރާއަށް ލިބިގެންވެއެވެ.
19 ވަނަ މާއްދާ - މަސައްކަތް އާންމުންނަށް ފެންނަގޮތަށް ބެހެއްޓުން
މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (6) އަށް އުނިކަމެއް ނާންނާނެގޮތަށް ފިލްމެއް، ސްލައިޑެއް، ޓީ.ވީ މަންޒަރެއް ނުވަތަ ސްކްރީނެއްފަދަ ވަސީލަތެއް މެދުވެރިކޮށް ދެއްކޭ ތަކެތި ފިޔަވައި ކުރިން ށާއިއުކޮށްފައިވާ އުފެއްދުމެއް ނުވަތަ މުސައްނިފު ނުވަތަ އޭނާގެ ވާރިސަކު ވިއްކާލާފައި ނުވަތަ އެނޫންވެސް އެހެންގޮތަކަށް އެހެން ފަރާތަކަށް ދީފައިވާ އުފެއްދުމެއްގެ އަސްލު ނުވަތަ ކޮޕީއެއް މުސައްނިފުގެ ހުއްދައާއި ނުލާ އާންމުންނަށް ފެންނަގޮތަށް ބެހެއްޓިދާނެއެވެ.
20 ވަނަ މާއްދާ - ކޮޕީރައިޓުގެ މުއްދަތު
(ހ) މި މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތިން، މަސައްކަތެއް ނުވަތަ އުފެއްދުމެއްގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް، އެ މަސައްކަތެއް ނުވަތަ އެ އުފެއްދުމެއްގެ މުސައްނިފުގެ ހަޔާތުގައި އަދި އެމީހަކު މަރުވުމަށްފަހު ފުރިހަމަ 50 އަހަރު ވަންދެން މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.
(ށ) ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަމީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް އެންމެފަހުން ދިރިހުރި މުސައްނިފުގެ ހަޔާތުގައި، އަދި އެއަށްފަހު ފުރިހަމަ 50 އަހަރު ވަންދެން މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.
(ނ) އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތް ފިޔަވައި ކަލެކްޓިވް އުފެއްދުމާއި، އޯޑިއޯ ވިށުއަލް އުފެއްދުމުގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް ހިމާޔަތްކޮށްދެވޭނީ އެ އުފެއްދުމެއް އުފެއްދި ތާރީހު، ނުވަތަ ފުރަތަމަ އާންމުންނަށް ލިބެންފެށި ތާރީހު، ނުވަތަ ފުރަތަމަ ށާއިއު ކުރެވުނު ތާރީހުތަކުގެ ތެރެއިން އެންމެފަހުގެ ތާރީހަކުން ފެށިގެން ފުރަތަމަ 50 އަހަރު ވަންދެންނެވެ.
(ރ) އުފެއްދި ފަރާތް ނޭނގޭގޮތަށް ނުވަތަ ވަނަމެއްގައި ށާއިއުކުރެވިފައިވާ އުފެއްދުމެއްނަމަ އޭގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް ހިމާޔަތްކޮށްދެވޭނީ އެ އުފެއްދުމެއް އުފެއްދި ތާރީހު، ނުވަތަ ފުރަތަމަ އާންމުންނަށް ލިބެންފެށި ތާރީހު، ނުވަތަ ފުރަތަމަ ށާއިއުކުރެވުނު ތާރީހުތަކުގެ ތެރެއިން އެންމެފަހުގެ ތާރީހަކުން ފެށިގެން ފުރަތަމަ 50 އަހަރު ވަންދެނެވެ. ނަމަވެސް މި މުއްދަތު ހަމަވުމުގެ ކުރިން މުސައްނިފަކީ ކޮންފަރާތެއްކަން ހާމަވެއްޖެނަމަ ނުވަތަ މުސައްނިފަކީ ކޮންފަރާތެއް ކަމާމެދު ށައްކެއް ނުއުފެދޭނަމަ، މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އަމަލުކުރެވޭނެއެވެ.
(ބ) އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތުގެ އިގްތިސާދީ އަދި މޯރަލް ހައްގުތައް ހިމާޔަތްކޮށްދެވޭނީ އެ އުފެއްދުމެއް އުފައްދާ ތާރީހުން ފެށިގެން ފުރިހަމަ 25 އަހަރު ވަންދެންނެވެ.
(ޅ) މި މާއްދާގައި ކަނޑައެޅިފައިވާ މުއްދަތުތައް އެ މުއްދަތެއް ހަމަވާ މީލާދީ އަހަރުގެ ނިޔަލަށް ދެމިއޮންނާނެއެވެ.
21 ވަނަ މާއްދާ - އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތް
(ހ) މި މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކީ އެ އުފެއްދުމެއްގެ މުސައްނިފެވެ.
(ށ) ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަމީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްނަމަ، އެ އުފެއްދުމެއްގެ އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކީ އެ އުފެއްދުމެއް އުފެއްދި ހުރިހާ މުސައްނިފުންނެވެ. ނަމަވެސް މިފަދަ އުފެއްދުމެއްގައި ވަކިވަކިން ބޭނުންކުރެވޭ ބައިތަކެއްވާނަމަ، އަދި އެކިއެކި ބައިތަކުގެ މުސައްނިފުން ވަކިވަކިން އެނގޭނަމަ، އެފަދަ ބައެއްގެ އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކަށް ވާނީ އެބައެއް އުފެއްދި މުސައްނިފު ނުވަތަ މުސައްނިފުންނެވެ.
(ނ) ކަލެކްޓިވް އުފެއްދުމެއްގެ އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކީ އެ އުފެއްދުމެއް އުފައްދަން އިސްނެގި އަދި އިރުށާދުދިން ވަކި ފަރުދު ނުވަތަ ގާނޫނީ ށަހްސެވެ.
(ރ) ފަރުދެއްގެ ނުވަތަ ގާނޫނީ ށަހްސެއް ލިބިފައިވާ ފަރާތެއްގެ މުވައްޒަފަކަށްވެހުރެ އުފައްދާ އުފެއްދުމެއްގެ އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކަށް ވާނީ، އެ ދެފަރާތުގެ ދެމެދުގައި އެހެންގޮތަކަށް އެއްބަސްވެވިފައި ނުވާހާ ހިނދަކު، ވަޒީފާ ދީފައިވާ ފަރާތެވެ.
(ބ) އޯޑިއޯ ވިށުއަލް އުފެއްދުމެއްނަމަ، އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކަށް ވާނީ އެހެންގޮތަކަށް އެއްބަސްވެފައި ނުވާހާ ހިނދަކު، އޭގެ ޕްރޮޑިއުސަރެވެ. އޯޑިއޯ ވިށުއަލް އުފެއްދުމުގައި ބައިވެރިވި މުސައްނިފުންނާއި، އަލަށް އުފައްދާފައިވާ މަސައްކަތެއްގައި ކުރިން އުފައްދާފައިވާ އުފެއްދުމެއް ބޭނުންކުރެވިފައިވާނަމަ، އެ އުފެއްދުމުގެ މުސައްނިފުންނަށް އެމީހުން ކޮށްފައިވާ މަސައްކަތުގެ ނިސްބަތުން ނުވަތަ އެ މަސައްކަތްތަކުގެ އިގްތިސާދީ ހައްގުތައް ރައްކާތެރި ކުރެވިފައިވާ މިންވަރަކުން އެފަރާތްތަކުގެ އިގްތިސާދީ ހައްގުތައް ދެމެހެއްޓިދާނެއެވެ.
22 ވަނަ މާއްދާ - މުސައްނިފުކަމަށް ބެލުމާއި، މުސައްނިފު ތަމްސީލުކުރުން
(ހ) އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހާ ހިނދަކު، އުފެއްދުމެއްގައި ނުވަތަ މަސައްކަތެއްގައި އޭގެ މުސައްނިފުކަމަށް އާންމު އުސޫލާއެއްގޮތަށް ބަޔާން ކޮށްފައިވާ މީހަކީ އޭގެ މުސައްނިފުކަމަށް ބެލެވޭނެއެވެ. މިގޮތުން ބަޔާންކޮށްފައިވާ ނަމަކީ ވަނަމެއްކަމުގައިވިޔަސް، އެމީހަކީ ކާކުކަމާމެދު ށައްކު ނުއުފެދޭހާ ހިނދަކު، މި މާއްދާގެ ދަށުން އަމަލުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ފަހުބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކާކުކަން ނޭނގޭގޮތަށް އުފައްދާފައިވާ އުފެއްދުމެއްގައި ނުވަތަ ވަނަމެއް ބޭނުންކޮށްގެން އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހާ ހިނދަކު، އެ އުފެއްދުމެއް ށާއިއުކުރިކަމަށް އުފެއްދުމުގައި ބުނެފައިވާ ފަރާތަކީ މުސައްނިފު ތަމްސީލުކުރާ ފަރާތްކަމަށް ބަލަންވާނެއެވެ. އަދި މިގޮތުން މުސައްނިފަކަށް ލިބިގެންވާ މޯރަލް އަދި އިގްތިސާދީ ހައްގުތައް ބޭނުންކޮށް އެއަށް
އަމަލުކުރުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ. މުސައްނިފު އޭނާއަކީ ކާކުކަން ހާމަކުރުމުން މިގޮތުން ބަލާބެލުން ނިމުމަކަށް އަންނާނެއެވެ.
23 ވަނަ މާއްދާ - މުސައްނިފުގެ ހައްގުތައް އެހެން ފަރާތަކަށް ދިނުމާއި، ބޭނުންކުރުމަށް ލައިސަންސް ދިނުން
(ހ) މުސައްނިފުގެ އިގްތިސާދީ ހައްގުތައް އެއްކޮށް ނުވަތަ އޭގެ ބައެއް އެހެން ފަރާތަކަށް ދެވިދާނެއެވެ.
(ށ) އިގްތިސާދީ ހައްގެއް އެހެން ފަރާތަކަށް ދޭންވާނީ ނުވަތަ އެ ހައްގު ބޭނުންކުރުމުގެ ލައިސަންސް މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުން އެހެން ފަރާތަކަށް ދޭންވާނީ ލިޔުމަކުންނެވެ. މި ލިޔުމުގައި ދޭފަރާތާއި، ލިބިގަންނަ ފަރާތުން ނުވަތަ ލައިސަންސް ދޭފަރާތާއި ލައިސަންސް ހޯދާ ފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ.
(ނ) އިގްތިސާދީ ހައްގެއް އެއްކޮށް ނުވަތަ އޭގެބައެއް އެހެން ފަރާތަކަށް ދޭއިރު ނުވަތަ އެ ހައްގު ބޭނުންކުރުމުގެ ލައިސަންސް މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުން ވަކިފަރާތަކަށް ދޭއިރު، ކަނޑައެޅިގެން ބަޔާންކުރެވިފައިވާ ހައްގުތައް ފިޔަވައި އެހެން އިތުރު ހައްގެއް އޭގައި ހިމެނޭނެކަމަށް ނުވަތަ ހިމެނިދާނެކަމަށް ބަލައިގެން ނުވާނެއެވެ.
24 ވަނަ މާއްދާ - ނަކަލުކުރުމުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާ
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ނަކަލުކުރުމުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއެއް އުފެއްދިދާނެއެވެ. ނަކަލުކުރުމުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއަކީ ކޮޕީރައިޓާއި އެއާއިގުޅޭ އެހެނިހެން ހައްގުތަކުގެ ވެރިފަރާތްތަކުން، ނުވަތަ ކުރިމަގުގައި އެފަދަ ވެރިފަރާތްތަކަށްވާނެ މީހުން، ނުވަތަ ވެރިފަރާތްތަކުގެ އޭޖެންޓުން، ނުވަތަ ކުރިމަގުގައި އެފަދަ ވެރިފަރާތްތަކަށްވާނެ މީހުންގެ އޭޖެންޓުން ގުޅިގެން އުފައްދާ ޖަމްއިއްޔާއެކެވެ. މިފަދަ ޖަމްއިއްޔާއެއްގައި މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ އުފެއްދުންތައް އެހެން ފަރާތްތަކުން ބޭނުންކުރުމަށްޓަކައި ލައިސަންސް ދޫކުރުން ނުވަތަ އެފަދަ ލައިސަންސްތައް ދޫކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު، ނެގޯށިއޭޓުކުރުން އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެންވާނެއެވެ.
3 ވަނަ ބާބު
ސްޓޭޖުފަދަ ތަންތަނުގައި މަސައްކަތްތަކާއި އުފެއްދުންތައް ހުށަހަޅައިދޭ ފަންނާނުންނާއި އަޑުގެ ރިކޯޑިންގ އުފައްދާ ޕްރޮޑިއުސަރުންނާއި ބްރޯޑްކާސްޓް ކުރާ ޖަމާއަތްތައް ހިމާޔަތްކުރުން
25 ވަނަ މާއްދާ - ސްޓޭޖުފަދަ ތަންތަނުގައި މަސައްކަތްތަކާއި އުފެއްދުންތައް ހުށަހަޅައިދޭ ފަންނާނުންގެ ހުއްދަ ހޯދަންޖެހޭ ކަންތައްތައް
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ތިރީގައި ބަޔާން ކޮށްފައިވާ ކަންތައްތައްކުރުމާއި އެކަންތައްތަކަށް ހުއްދަ ދިނުމުގެ ހައްގު ލިބިގެންވަނީ ޕަރފޯމް ކުރާ ފަންނާނަކަށެވެ.
- ތިރީގައި ބަޔާންކުރެވިފައިވާ ހާލަތްތައް ފިޔަވައި އެނޫންގޮތަކަށް ފަންނާނެއްގެ މަސައްކަތް ނުވަތަ އުފެއްދުން ބްރޯޑްކާސްޓް ކުރުން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުން؛
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަހަލަ ފިކްސޭށަނަކަށްނުވާ ފިކްސޭށަނަކުން ނުވަތަ ފަންނާނުގެ ހުއްދަ ހޯދުމަކާނުލައި ހަދާފައިވާ ފިކްސޭށަނަކުން ބްރޯޑްކާސްޓް ކުރުން ނުވަތަ އާންމުންނަށް ފޯރުކޮށްދިނުން؛ ނުވަތަ
(ށ) އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރި ޖަމާއަތުން ނުވަތަ އެފަރާތުގެ ހުއްދައާއި އެކު އަލުން އެ ބްރޯޑްކާސްޓް ކުރުން ނުވަތަ އާންމުންނަށް ފޯރުކޮށްދިނުން. - ފަންނާނުގެ ފިކްސްނުކުރާ ޕަރފޯމަންސެއްގެ ފިކްސޭށަން؛
- ފަންނާނެއްގެ ޕަރފޯމަންސެއްގެ ފިކްސޭށަން ސީދާކޮށް ނުވަތަ ނުސީދާކޮށް އެއްވެސް ސިފައަކަށް އަލުން އުފެއްދުން؛
- ފަންނާނެއްގެ ޕަރފޯމަންސެއްގެ ފިކްސޭށަނެއް ނުވަތަ އޭގެ ކޮޕީއެއް ވިއްކައިގެން ނުވަތަ އެނޫންގޮތަކަށް ނަމަވެސް މިލްކުވެރިކަން ބަދަލުކޮށްގެން އާންމުންނާއި ހަމައަށް ފުރަތަމަ ފޯރުކޮށްދިނުން؛
- ފަންނާނެއްގެ ޕަރފޯމަންސެއްގެ ފިކްސޭށަނެއް ނުވަތަ އޭގެ ކޮޕީއެއް ކޮޕީގެ ވެރިފަރާތަކީ ކޮންމެ ފަރާތެއްކަމުގައިވިޔަސް، އާންމުންނަށް ކުއްޔަށް ނުވަތަ އަނބުރާ ދައްކާގޮތަށް ދިނުން؛ އަދި
- އާންމުން ބޭނުން ތާކުން ބޭނުން ވަގުތަކު ފަންނާނެއްގެ މަސައްކަތެއް ފެންނާނޭގޮތަށް ނަރެއްގެ ޒަރީއާއިން ނުވަތަ ވަޔަރލެސްކޮށް އެ ފަންނާނުގެ ޕަރފޯމަންސްގެ ފިކްސޭށަން އާންމުންނަށް ލިބޭނޭގޮތް ހެދުން.
(ށ) ފަންނާނެއްގެ ޕަރފޯމަންސް އޯޑިއޯ ވިށުއަލް ފިކްސޭށަނެއްގައި ހިމެނުމަށް އެ ފަންނާނު ހުއްދަ ދީފިނަމަ، އެ މަސައްކަތަށް މި މާއްދާގެ (ހ) ގެ ދަށުން އަމަލުނުކުރެވޭނެއެވެ.
(ނ) ފަންނާނެއްގެ އިގްތިސާދީ ހައްގުތަކާއި ވަކިން، އަދި އެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުވެފައި ވީނަމަވެސް، އޭނާ ވަގުތުން ހުށަހަޅަމުން ގެންދާ ޕަރފޯމަންސެއްގެ ނުވަތަ އެފަދަ ޕަރފޯމަންސެއްގެ ފިކްސޭށަނެއްގައި އެ ޕަރފޯމަންސެއް ހުށަހަޅައިދިނީ އޭނާކަން ހާމަކުރުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާގެ އަބުރާއި އިއްޒަތަށް އުނިކަމެއް އަތުވެދާނެފަދަ ގޮތަކަށް އެފަދަ ޕަރފޯމަންސަކަށް ބަދަލުގެނެވިފައިވާނަމަ، އެފަދަ ކަންކަމާއި ދެކޮޅަށް ށަކުވާ އުފުލުމުގެ ހައްގުވެސް އޭނާއަށް ލިބިގެންވެއެވެ. ޕަރފޯމަންސް ބޭނުންކުރެވޭގޮތުގެ ސަބަބުން ފަންނާނުގެ ނަން ހާމަނުކުރާ ހާލަތްތައް މި މާއްދާއިން އިސްތިސްނާވެއެވެ. މި މާއްދާގެ ދަށުން ލިބިދޭ ހައްގުތަކަށް، މައްސަލައެއްގެ ހާލަތަށް ބަލާފައި މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރެވިފައިވާ ހައްގުތައް ލިބިދެއެވެ.
(ރ) ޕަރފޯމް ކުރާ ފަންނާނުން ކޮންޓްރެކްޓް ހަދާއިރު މި ގާނޫނުގެ އެއްވެސް މާއްދާއަކުން، އެ ފަންނާނުންނަށް ފައިދާހުރިގޮތަށް ކޮންޓްރެކްޓް ހެދުމުގެ މައްޗަށް އޮންނަ އެއްވެސް ހައްގަކަށް މި ގާނޫނުގެ އެއްވެސް މާއްދާއެއް ހުރަހެއް ނާޅައެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް، ހުށަހަޅައިދޭ ހުށަހެޅުމުގެ އަޑު ފޮނޮގްރާމެއް (އަޑު ހިފަހައްޓާއެއްޗެއް) ގައި ފިކްސޭށަނަކަށްވާ ތާރީހަކުން ފެށިގެން ނުވަތަ އެފަދަ ފިކްސޭށަނެއް ނެތް ހިނދެއްގައި ޕަރފޯމް ކުރާ ތާރީހަކުން ފެށިގެން 50 އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކޮށްދެވޭނެއެވެ.
26 ވަނަ މާއްދާ - އަޑުގެ ރިކޯޑިންގއެއް އުފައްދާ ޕްރޮޑިއުސަރުގެ ފަރާތުން ހުއްދަ ހޯދަންޖެހޭ ކަންތައްތައް
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން، އަންނަނިވި ކަންކަން ކުރުމުގެ ހައްގު ނުވަތަ އެ ކަންކަންކުރަން ހުއްދަދިނުމުގެ ހައްގު ލިބިފައިވަނީ ހަމައެކަނި އަޑުގެ ރިކޯޑިންގއެއް އުފައްދާ ޕްރޮޑިއުސަރަށެވެ.
- އަޑުގެ ރިކޯޑިންގއެއް ކޮންމެ ސިފައެއްގައި ވިޔަސް، ސީދާކޮށް ނުވަތަ ނުސީދާކޮށް އަލުން އުފެއްދުން؛
- ޕްރޮޑިއުސަރުގެ ހުއްދައާއެކު އާންމުންނަށް އަދި ފޯރުކޮށްނުދޭ އަޑުގެ ރިކޯޑިންގއެއްގެ އަސްލު ނުވަތަ ކޮޕީ އާންމުންނަށް ވިއްކުން ނުވަތަ އެނޫންވެސް އެހެން ގޮތަކަށް މިލްކުވެރިކަން ބަދަލުކުރުން؛
- ކޮޕީގެ ވެރިފަރާތަކީ ކޮންމެ މީހެއްކަމުގައި ވިޔަސް، އަޑުގެ ރިކޯރޑިންގއެއްގެ ކޮޕީއެއް އާންމުންނަށް ކުއްޔަށް ދޫކުރުން ނުވަތަ އަނބުރާ ގެނެސްދޭގޮތަށް އާންމުންނަށް ދޫކުރުން؛ އަދި
- ނަރެއް ނުވަތަ ވަޔަރލެސްގެ ޒަރީއާއިން އަޑުގެ ރިކޯޑިންގއެއް މީހުންނަށް ބޭނުންތާކުން ބޭނުން ވަގުތަކު އާންމުކޮށް ލިބޭނޭގޮތްހެދުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ހައްގުތައް، އަޑުގެ ރިކޯޑިންގ ށާއިއުކުރެވުނު ތާރީހުން ފެށިގެން، ނުވަތަ ށާއިއުކުރެވިފައިނުވާ ރިކޯޑިންގއެއްނަމަ، އެ ރިކޯޑިންގއެއްގެ ފިކްސޭށަން ހެދިފައިވާ ތާރީހުން ފެށިގެން 50 އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކޮށްދެވޭނެއެވެ.
27 ވަނަ މާއްދާ - އަޑުގެ ރިކޯޑިންގއެއް ބޭނުންކުރުމަށް ދެވޭ ހަމަ އުޖޫރަ
(ހ) ވިޔަފާރީގެ ބޭނުމަށް މީހަކު އުފައްދާ ށާއިއުކޮށްފައިވާ އަޑުގެ ރިކޯޑިންގއެއް ނުވަތަ މިފަދަ އުފެއްދުމަކުން އަލުން ރިކޯޑްކޮށްފައިވާ އެއްޗެއް ސީދާ ބްރޯޑްކާސްޓް ކުރުމަށް ނުވަތަ އާންމު ތަނެއްގައި ޕަރފޯމް ކުރުމަށް ނުވަތަ މިނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުމަށް ބޭނުންކޮށްފިނަމަ، ބޭނުންކުރި ފަރާތުން ޕަރފޯމް ކުރި ފަންނާނަށް ނުވަތަ ފަންނާނުންނަށް އަދި އަޑުގެ ރިކޯޑިންގ އުފެއްދި ޕްރޮޑިއުސަރަށް އިންސާފުވެރި އުޖޫރައެއް އެއްފަހަރާ ދައްކަންވާނެއެވެ.
(ށ) އަޑުގެ ރިކޯޑިންގއެއް އުފެއްދި ޕްރޮޑިއުސަރާއި ޕަރފޯމް ކުރި ފަންނާނު ނުވަތަ ފަންނާނުންނާއި ދެމެދުގައި އެހެންގޮތަކަށް އެއްބަސްވެފައި ނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގައި ބުނެފައިވާ އުޖޫރައަށް ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ޕަރފޯމް ކުރި ފަންނާނަށް ނުވަތަ ފަންނާނުންނަށް ޕްރޮޑިއުސަރު ދޭންވާނެއެވެ.
(ނ) އަޑުގެ ރިކޯޑިންގއެއް ށާއިއުކޮށްފައިވާ ތާރީހުން ފެށިގެން ނުވަތަ ށާއިއުކޮށްފައި ނުވާނަމަ، އެ ރިކޯޑިންގއެއްގެ ފިކްސޭށަން ހަދާ ތާރީހުން ފެށިގެން 50 އަހަރު ހަމަވާ އަހަރުގެ ނިޔަލަށް މި މާއްދާގައި ބުނެފައިވާ އިންސާފުވެރި އުޖޫރައިގެ ހައްގު ހިމާޔަތްކުރެވޭނެއެވެ.
(ރ) އާންމުކޮށް މީހުންނަށް ބޭނުން ތަނެއްގައި ބޭނުން ވަގުތަކު ލިބޭގޮތަށް ނަރު ނުވަތަ ވަޔަރލެސްގެ ޒަރީއާއިން އަޑުގެ ރިކޯޑިންގއެއް ފޯރުކޮށްދީފައިވާނަމަ، މި މާއްދާގެ ބޭނުމަށްޓަކައި ބެލެވޭނީ މިފަދަ ރިކޯޑިންގއެއް ށާއިއުކޮށްފައިވަނީ ވިޔަފާރީގެ ބޭނުމަށް ކަމަށެވެ.
28 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރާ ތަންތަނުން ހުއްދަ ހޯދަންޖެހޭ ކަންތައްތައް
(ހ) ތިރީގައިމިވާ ކަންތައްތައްކުރުމުގެ ނުވަތަ ކުރަން ހުއްދަދިނުމުގެ ހުރިހާ ހައްގެއް ލިބިގެންވަނީ މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން، ހަމައެކަނި ބްރޯޑްކާސްޓް ކުރާ ތަނަކަށެވެ.
- އެތަނަކުން ބްރޯޑްކާސްޓް ކޮށްފައިވާ އެއްޗެއް އަލުން ބްރޯޑްކާސްޓް ކުރުން؛
- އެތަނަކުން ކޮށްފައިވާ ބްރޯޑްކާސްޓެއް އާންމުންނަށް މުއާސަލާތުކުރުން؛
- އެތަނަކުން ބްރޯޑްކާސްޓް ކޮށްފައިވާ އެއްޗެއްގެ ފިކްސޭށަން ހެދުން؛ އަދި
- އެތަނަކުން ބްރޯޑްކާސްޓް ކޮށްފައިވާ އެއްޗެއް އަލުން އުފެއްދުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް، ބްރޯޑްކާސްޓް ކުރާ ތާރީހަކުން ފެށިގެން 50 އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކުރެވޭނެއެވެ.
29 ވަނަ މާއްދާ - ހިމާޔަތްކުރެވިފައި ނުވާ ތަކެތި
މި ގާނޫނުގެ 25، 26، 27 އަދި 28 ވަނަ މާއްދާ ތިރީގައި ބަޔާންކޮށް ހަވާލާދީފައިވާ ކަންތައްތަކުގެ މައްޗަކަށް ނުހިނގާނެއެވެ.
(ހ) އޭރަކު ހިނގާ ކަންތައްތަކާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ މަގްސަދުގައި އެކަމަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރުނުވާގޮތަށް އެ މަސައްކަތަކުން ކުޑަމިންވަރެއް ބޭނުން ކުރުން؛
(ށ) ސައިންސްގެ ރޮނގުން ހަމައެކަނި ދިރާސާއެއްކުރުމުގެ ބޭނުމުގައި ކުރިން އުފައްދާފައިވާ އެއްޗެއް އަލުން އުފެއްދުން؛
(ނ) ކިޔަވައިދިނުމުގެ ބޭނުމަށް ނުވަތަ މައުލޫމާތު ދިނުމަށް އުފައްދާފައި ހުންނަ ހުށަހެޅުންތަކާއި އަޑު ހިފަހައްޓާފައި ހުންނަ ފޮނޮގްރާމްތައް ފިޔަވައި އެހެންތަކެތި ހަމައެކަނި ކްލާހެއްގައި ކިޔަވައިދޭ ފަދައިން އުނގަންނައިދިނުމަށް އަލުން އުފެއްދުން؛ އަދި
(ރ) ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުސައްނިފު ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި މަސައްކަތެއް ނުވަތަ އުފެއްދުމެއް ބޭނުންކުރެވޭ ހާލަތްތަކަށް.
4 ވަނަ ބާބު
ހައްގުތައް ލިބިދިނުން
30 ވަނަ މާއްދާ - ފިޔަވަޅު އެޅުން
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި، ދިވެހިރާއްޖޭގައި މަދަނީ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދުތަކާއެއްގޮތްވާ ގޮތުގެމަތިން، އަދި ހަމައާއި އިންސާފުގެ މައްޗަށް ރިއާޔަތްކޮށް، ތިރީގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކުރުމުގެ ބާރު ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކަށް ލިބިގެންވެއެވެ.
- މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދެވިފައިވާ ހައްގަކަށް އަރައިގަތުން ނުވަތަ އަރައިގަންނަމުން ގެންދިއުން ހުއްޓާލުމަށް އަމުރު ނެރުން؛ އަދި
- މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދެވިފައިވާ އެއްވެސް ހައްގެއްގެ ވެރިފަރާތުން ހުއްދަ ހޯދައިގެން މެނުވީ ނުއުފެއްދޭނެ އެއްވެސް އެއްޗެއް ހުއްދަ ނުހޯދައި އުފައްދާފައިވާކަމަށް ތުހުމަތުކުރެވޭނަމަ، އެ އެއްޗަކާއި އެއާބެހޭ ލިޔުންތައް ހިފެހެއްޓުމަށް އަމުރު ނެރުން.
(ށ) މި ގާނޫނުގައިވާ ހައްގަކަށް އަރައިގެންފިކަމަށް ތުހުމަތުކުރެވޭ ސަބަބުތަކެއް ހުރިނަމަ، ކަމާބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ މަދަނީ އަދި ޖިނާއީ އިޖުރާއަތުތަކާ ގަވާއިދުތަކުގައި، ހޯދައިބަލާ ފާސްކޮށް ހިފެހެއްޓުމާބެހޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން އެކަން ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
31 ވަނަ މާއްދާ - މަދަނީ ފިޔަވަޅުތައް
(ހ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް މީހަކު ނުވަތަ ބަޔަކު އަރައިގެންފިނަމަ، އޭގެ ސަބަބުން އެފަރާތުގެ މާލަށާއި
އަބުރަށް ލިބުނު ގެއްލުމެއްގެ ބަދަލާއި އެކަން ލިބިގަތުމަށް ކުރިނަމަ، ކުރި ހޭދައެއްގެ ހަރަދު ލިބިގަތުމުގެ ހައްގު އެ ހައްގުގެ ވެރިފަރާތަށް އޮންނާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަދަލުގެ މިންވަރު ކަނޑައަޅާނީ ހައްގުގެ ވެރިފަރާތަށް ލިބުނު ގެއްލުމުގެ މިންވަރަށާއި އެ ހައްގަކަށް އަރައިގަތް ފަރާތަކަށް އެއިން ލިބުނު ފައިދާއެއްގެ މައްޗަށް ބަލައިގެންނެވެ.
(ނ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް އަރައިގަތް ފަރާތަކުން އެކަން ކޮށްފައިވަނީ އޭނާ އެކުރަނީ އެފަދަކަމެއްކަން ނޭނގި ނުވަތަ އެނގޭނެ އެއްވެސްގޮތެއް ނެތް ހާލަތެއްގައި ކަމަށްވާނަމަ، ކޯޓުން ބަދަލު އަތުލައިދޭނީ އެކަމަކުން ލިބުނު ފައިދާގެ މައްޗަށް ބަލައިގެންނެވެ.
(ރ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަންނަފަދަ ގޮތަކަށް، ގާނޫނާއި ހިލާފަށް އުފައްދާފައިވާ ކޮޕީތަކެއް ހުރިނަމަ، އަދި އެ ހައްގުތަކުގެ ވެރިފަރާތުން އެހެންގޮތަކަށް ނޭދޭނަމަ، ހައްގުތަކުގެ ވެރިފަރާތަށް ގެއްލުމެއް ނުވާނެ ކަހަލަ ގޮތަކަށް އެ ކޮޕީތައް ނައްތާލުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ތިންވަނަ ފަރާތަކުން ހޯދާފައިވާ ކޮޕީތަކަކީ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަންނަފަދަ ގޮތަކަށް އުފައްދާފައިވާ ކޮޕީތަކެއްކަން ނޭނގިހުރެ ހެޔޮ ނިޔަތުގައި ހޯދާފައިވާ ކޮޕީތައް މި މާއްދާއިން އިސްތިސްނާވެއެވެ.
(ބ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް އަރައިގަތުމަށް އެއްވެސް އެއްޗެއް ބޭނުންކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެތަކެތި ނައްތާލުމަށް، ނުވަތަ ހައްގުގެ ވެރިފަރާތާއި އެ އެއްޗެއް ހަވާލުކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ޅ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް އަރައިގަތުމުގެ އަމަލެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެކަމެއް ނުކުރުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި ކޯޓު އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ، މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 10,000 (ދިހަހާސް) ރުފިޔާ އާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
32 ވަނަ މާއްދާ - ޖިނާއީ ފިޔަވަޅުތައް
(ހ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް ގަސްތުގައި ނުވަތަ އިހުމާލަކުންވިޔަސް އުނިކަމެއް އަންނަފަދަ ގޮތަކަށް އަމަލުކޮށްފިނަމަ، އެފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާ އާއި 300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ ހިމާޔަތްކުރެވިފައިވާ ހައްގެއްގެ ވެރިފަރާތަށް ލިބިފައިވާ ނުވަތަ ލިބޭނެ ގެއްލުމެއްގެ މައްޗަށް ބިނާކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ކުށެއްކޮށްގެން އެކަން ސާބިތުވެފައިވާ ފަރާތަކުން ފުރަތަމަ ކުށް ސާބިތުވާތާ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ އަދަބުތަކުގެ މަތީ މިންވަރު ދެގުނައަށް އިތުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ނ) ޖިނާއީ ގޮތުން މައްސަލަ ހިންގަމުންދާއިރު، މި ގާނޫނުގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މަދަނީ މައްސަލަ ނުނިމި އޮވެއްޖެނަމަ، ޖިނާއީ މައްސަލައިގެ ތެރޭގައި މަދަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބައިވެސް ހިންގިދާނެއެވެ.
33 ވަނަ މާއްދާ - ހައްގުތައް ހިމާޔަތްކުރުމަށް ބޭނުންކުރާ ފަންނީ ވަސީލަތްތަކާއި ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަންގެ ހައްގުތަކަށް ނަހަމަގޮތުގައި އަރައިގަތުމުން އެކަމާދެކޮޅަށް އަޅާފިޔަވަޅުތަކާއި ކަނޑައަޅާ އަދަބުތައް
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ބެލެވޭނީ ގާނޫނާ ހިލާފު އަމަލުތަކެއްކަމަށެވެ. އަދި މި ގާނޫނުގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާއި 32 ވަނަ މާއްދާއަށް އަމަލުކުރުމުގައި ބަލާނީ އެކަންތައްތަކަކީ މި ގާނޫނުން ހިމާޔަތްކޮށްދޭ ހައްގުތަކަށް އަރައިގަނެވޭ ކަންތައްތަކެއް ކަމަށެވެ.
- ފަންނީ މަސައްކަތެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓް ކުރާ އެއްޗެއް އަލުން ނުއުފެއްދޭގޮތަށް ހެދުމަށްޓަކައި ނުވަތަ އެފަދަ ކަމެއް ކޮންޓްރޯލްކުރުމަށްޓަކައި ވަސީލަތެއްގެ ގޮތުން ބޭނުންކުރުމަށް އުފައްދާފައިވާ އެއްވެސް އެއްޗެއްގެ ބޭނުން ނުހިފޭގޮތް ހެދުން ނުވަތަ އެކަމަށް ހުރަސް އަޅަން ބޭނުންކުރާ ނުވަތަ ކުރާނެ ފަރާތަކަށް ވިއްކުމަށް ނުވަތަ ކުއްޔަށްދިނުމަށް އެއްވެސް ކަހަލަ އެއްޗެއް އުފެއްދުން؛
- ބްރޯޑްކާސްޓް ކޮށްގެން ނުވަތަ ސެޓަލައިޓް މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކަށް ސިއްރުވާގޮތަށް ފޮނުވާ ޕްރޮގްރާމެއް ލިބިގަތުމުގެ ހައްގެއްނެތް ފަރާތަކަށް، ލިބިގަތުމަށް ނުވަތަ ލިބިގަތުން ފަސޭހަކުރުމަށްޓަކައި ވިއްކުމަށް ނުވަތަ ކުއްޔަށް ދިނުމަށް އެއްވެސް އެއްޗެއް އުފެއްދުން؛
- ހުއްދައަކާ ނުލައި އިލެކްޓްރޯނިކް ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަން ނެގުން ނުވަތަ ބަދަލުކުރުން؛ އަދި
- އިލެކްޓްރޯނިކް ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަން ވަނީ ހުއްދަނެތި ނަގާފައިކަން ނުވަތަ ބަދަލުކޮށްފައިކަން އެނގިހުރެ ނުވަތަ އެނގޭފަދަ ގޮތަކަށް ހުރެ އެފަދަ ހުއްދައަކާ ނުލައި ފަންނާނެއްގެ މަސައްކަތެއް، ޕަރފޯމަންސެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓެއް އާންމުންނަށް ފޯރުކޮށްދިނުން، ނުވަތަ އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި އިމްޕޯޓުކުރުން، ނުވަތަ ބްރޯޑްކާސްޓް ކުރުން، ނުވަތަ އާންމުންނަށް މުއާސަލާތުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާގޮތަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އަދި އެކަން ބެލެވޭނީ މި ގާނޫނުގައި ބަޔާންކުރާ ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތައް ފޭރިގަތުންކަމަށެވެ. މި ކުށް ކުރި މީހެއްގެ އަދަބަކީ އެފަރާތެއް 1000 (އެއްހާސް) ރުފިޔާ އާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މީގެ އިތުރުން އެކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް މި ގާނޫނުގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ހައްގުލިބިގެންވެއެވެ.
5 ވަނަ ބާބު
އެހެނިހެން ކަންކަން
34 ވަނަ މާއްދާ - އަމަލުކުރެވޭ ދާއިރާ
(ހ) އަދަބީ އަދި ފަންނާނީ އުފެއްދުމާއި މަސައްކަތްތައް ހިމާޔަތްކުރުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގޭނީ ތިރީގައިމިވާ ބާވަތް ބާވަތުގެ މަސައްކަތްތަކަށެވެ.
- މި ގާނޫނުގައިވާ ގޮތުގެމަތިން، ދިވެހި މުސައްނިފުން ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ މުސައްނިފުންގެ މަސައްކަތްތައް؛
- ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތަކުގެ ދަށުން ހިމާޔަތްކޮށްދިނުމަށް ދިވެހިރާއްޖެއަށް ލާޒިމުވާ މުސައްނިފުންގެ މަސައްކަތްތައް އެ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް؛
- ދިވެހިރާއްޖޭގައި މަރުކަޒީ އޮފީސް ގާއިމުކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ ޕްރޮޑިއުސަރުންގެ އޯޑިއޯ ވިށުއަލް މަސައްކަތްތައް؛ އަދި
- ރާއްޖޭގައި ހަދާފައިވާ އިމާރާތްތަކުގެ ފަރުމާކުރުމުގެ މަސައްކަތާއި، ދިވެހިރާއްޖޭގައި ހަދާފައިވާ، އިމާރާތްތަކާއި އެނޫން ތަންތަނުގައި ބޭނުން ކޮށްފައިވާ ފަންނާނީ މަސައްކަތްތައް.
(ށ) ތިރީގައި ބަޔާންކޮށްފައިވާ ފަންނާނުންގެ ހައްގުތައް މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދެވެއެވެ.
- ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ފަންނާނުން؛
- ތިރީގައި ބަޔާންކުރެވިފައިވާ ށަރުތުތައް ފުރިހަމަވާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވާ ފަންނާނުން؛
(ހ) ޕަރފޯމަންސް ހިނގާފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކަމަށްވުމުން؛ ނުވަތަ
(ށ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އަޑުގެ ރިކޯޑިންގއެއްގައި ޕަރފޯމަންސް އެކުލަވާލެވިފައިވުމުން؛ ނުވަތަ
(ނ) އަޑުގެ ރިކޯޑިންގއެއްގައި ފިކްސޭށަނަކަށް ނުހެދޭ ޕަރފޯމަންސެއް އެހެންނަމަވެސް، މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ ބްރޯޑްކާސްޓިންގއެއްގައި ހިމެނޭ ޕަރފޯމަންސެއް ކަމުގައިވުމުން.
(ނ) މި ގާނޫނުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ އަޑުގެ ރިކޯޑިންގތައް ހިމާޔަތްކޮށްދެއެވެ.
- ދިވެހިރާއްޖޭގެ ރައްޔިތަކު ޕްރޮޑިއުސްކުރާ އަޑުގެ ރިކޯޑިންގތައް؛
- ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފިކްސޭށަނަކަށް ހަދާފައިވާ އަޑުގެ ރިކޯޑިންގތައް؛ އަދި
- ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ށާއިއުކުރެވިފައިވާ އަޑުގެ ރިކޯޑިންގތައް.
(ރ) މި ގާނޫނުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ ބްރޯޑްކާސްޓްތައް ހިމާޔަތްކޮށްދެއެވެ.
- ދިވެހިރާއްޖޭގައި މަރުކަޒީ އޮފީސްތައް ހުންނަ އޯގަނައިޒޭށަންތަކުގެ ބްރޯޑްކާސްޓްތައް؛ އަދި
- ދިވެހިރާއްޖޭގައި ބަހައްޓާފައިވާ ބްރޯޑްކާސްޓް ކުރާ ޓްރާންސްމީޓަރތަކުގެ ބްރޯޑްކާސްޓްތައް.
(ބ) ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ހިމާޔަތްކޮށްދީފައިވާ އުފެއްދުންތަކާއި ފަންނާނުންނާއި، އަޑުގެ ރިކޯޑިންގ އުފައްދާ ޕްރޮޑިއުސަރުންނާއި އަދި ބްރޯޑްކާސްޓް ކުރާ ޖަމާއަތްތައް އެ މުއާހަދާތަކާއި އެއްބަސްވުންތަކުން ހިމާޔަތްކޮށްދީފައިވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުންވެސް ހިމާޔަތްކޮށްދެވޭނެއެވެ.
35 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރުމުގެ ކުރިން އުފައްދާފައިވާ ތަކެތި
(ހ) މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެކަމަށް ބަޔާންކޮށްފައިވާ އުފެއްދުމެއް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އުފައްދާފައިވާނަމަ، މި ގާނޫނުގެ ދަށުން އެ އުފެއްދުމާގުޅޭ ހައްގުތައް ހިމާޔަތްކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވުނު އެއްވެސް ގަވާއިދެއްގެ ދަށުން އެ އުފެއްދުމެއް ހިމާޔަތްކުރެވުނު މުއްދަތު ހަމަނުވާކަމަށްވާނަމަ؛
- ދިވެހިރާއްޖެ ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ހިމާޔަތްލިބޭނެކަމަށް ބަޔާންކުރެވިފައިވާ ބަޔަކު އުފައްދާފައިވާ އުފެއްދުމެއްގެ މުއްދަތު އެ އުފެއްދި ގައުމެއްގެ ގާނޫނުގެ ދަށުން ހަމަނުވާނަމަ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްކުރެވޭ އުފެއްދުންތަކުގެ މުއްދަތު ގުނުމުގައި މުއްދަތު ފެށޭ ތާރީހުކަމަށް ބަލާނީ އެ އުފެއްދުމެއްގެ ކޮޕީރައިޓު އެއްވެސް ތަނެއްގައި ރަޖިސްޓަރީކުރެވިފައިވާނަމަ، ރަޖިސްޓަރީކުރެވުނު ތާރީހު ނުވަތަ ރަޖިސްޓަރީކުރެވިފައިނުވާނަމަ، އެ އުފެއްދުމެއް އާންމުކޮށް ލިބެންފެށި ތާރީހެވެ.
36 ވަނަ މާއްދާ - އިސްތިސްނާވާ ކަންކަން
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އުފައްދާފައިވާ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި، އަޑުގެ ރިކޯޑިންގތަކާއި، އަދި ބްރޯޑްކާސްޓް ކުރުމާގުޅޭ ގޮތުން ވެވިފައިވާ އެއްބަސްވުންތަކާއި، އުނގަންނައިދިނުމަށްޓަކައި ބޭނުންކުރެވުނު އުފެއްދުންތަކާއި، އަދި ލައިބްރަރީއާއި، އަރުށީފްތަކުންނާއި އަދި މިފަދަ ތަންތަން ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރެވުނު އުފެއްދުންތަކުގެ ކޮޕީތައް މި ގާނޫނުން އިސްތިސްނާ ވާނެއެވެ.
37 ވަނަ މާއްދާ - ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުން
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކޮޕީރައިޓު އަދި ކޮޕީރައިޓާއިގުޅޭ އެހެނިހެން ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާތައް، މި ގާނޫނުގައި ބަޔާންކުރެވިފައިވާ ކަންކަމުގެ މައްޗަށް ބާރު ހިނގާނެއެވެ. އަދި މި ގާނޫނުގައިވާ އެއްވެސް މާއްދާއެއް މިފަދަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ އެއްވެސް މާއްދާއަކާ ތައާރުޒުވާނަމަ، މި ގާނޫނުގެ މާއްދާގެ މައްޗަށް އެ މުއާހަދާއެއްގެ މާއްދާގެ ބާރު ހިނގާނެއެވެ.
38 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދަންވާނެއެވެ. މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއަކުންނެވެ.
39 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. އަދި މި ގާނޫނު ތަސްދީގުކުރާތާ 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި މި ގާނޫނަށް ފުރިހަމައަށް އަމަލުކުރަން ވާނެއެވެ.
40 ވަނަ މާއްދާ - ގާނޫނުގައި އުވާލެވޭ ބައެއް މާއްދާތައް
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ގާނޫނު ނަންބަރު 2008-06 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ޖަދުވަލު 1 ގައި ބަޔާންކުރެވިފައިވާ އަންނަނިވި ގަވާއިދުތައް އުވުނީއެވެ.
(ހ) ގަވާއިދު ނަންބަރު 51 (ދިވެހިރާއްޖޭގައި އުފައްދާ ފޮތް ރަޖިސްޓަރީކުރުމުގެ ގަވާއިދު).
(ށ) ގަވާއިދު ނަންބަރު 52 (ދިވެހިރާއްޖޭގައި ޅެމާއި ލަވަ ފާސްކުރުމުގެ ގަވާއިދު).
(ނ) ގަވާއިދު ނަންބަރު 53 (ދިވެހިރާއްޖޭގައި އަމިއްލަ ރާގު/މިޔުޒިކް ރަޖިސްޓަރީކުރުމުގެ ގަވާއިދު).
(ރ) ގަވާއިދު ނަންބަރު 54 (ދިވެހިރާއްޖޭގައި އޯޑިއޯ އަލްބަމް ރަޖިސްޓަރީކުރުމުގެ ގަވާއިދު).
41 ވަނަ މާއްދާ – މާނަ
މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު:
"ނަކަލުކުރުމުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ:
- އިގްތިސާދީ ހައްގުތައް މުސައްނިފަށް ލިބިފައިވާނަމަ މުސައްނިފަށް؛
- އިގްތިސާދީ ހައްގުތައް މުސައްނިފު ނޫން އެހެން ފަރުދަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ލިބިފައިވާނަމަ، އެ ފަރުދެއް ނުވަތަ އެ ށަހްސަކަށް؛ އަދި
- އިގްތިސާދީ ހައްގުތައް ފަރުދެއްގެ ނުވަތަ ގާނޫނީ ށަހްސެއްގެ މައްޗަށް ބަދަލުކޮށްފައިވާނަމަ އެކަން ލިބިދެވިފައިވާ ފަރުދު ނުވަތަ ށަހްސަކަށް.
"ނޮޓޭށަން" ކަމަށް ބުނެފައި އެވަނީ، އަޑުއަހާ މިޔުޒިކު ލިޔުމުން ހުށަހަޅައިދޭ ނިޒާމަކަށެވެ.
"ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު ބުނާ އުފެއްދުމާއި އެ އުފެއްދުންތަކުގެ މުސައްނިފުންނާއި، ޕަރފޯމަންސްތަކާއި، ޕަރފޯމަންސް ހުށަހަޅައިދޭ ފަންނާނުންނާއި، އަޑުގެ ރިކޯޑިންގތަކާއި، އަޑުގެ ރިކޯޑިންގ އުފެއްދި ޕްރޮޑިއުސަރުންނާއި، ބްރޯޑްކާސްޓް ކުރާ އުފެއްދުންތަކާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކާއި އަދި މި ގާނޫނުގެ ދަށުން މިލްކުކޮށްދޭނަމަ، މިލްކުކޮށްދޭ ހައްގުތަކާއި އެ ހައްގުތައް މިލްކުކޮށްދޭ މީހުން ވަކިކުރަން އެނގޭނޭ މައުލޫމާތަށެވެ. ނުވަތަ މި ގާނޫނުގައި ބުނެފައިވާ އުފެއްދުމެއް، ހުށަހެޅުމެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓް ކުރާ އުފެއްދުމެއް ބޭނުންކުރުމުގެ ގަވާއިދުތަކާއި ށަރުތުތައް އަންގައިދޭ މައުލޫމާތަށެވެ. އަދި މިފަދަ މައުލޫމާތުތައް އެކުލަވާލެވިފައިވަނީ ނަންބަރުތަކާއި ކޯޑުތައް ބޭނުންކޮށްގެންކަމަށްވާނަމަ، އެފަދަ މައުލޫމާތުވެސް މި ލަފްޒުގެ މާނައިގައި ހިމެނެއެވެ.
"ބްރޯޑްކާސްޓް ކުރުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއް، ޕަރފޯމަންސެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް ވަޔަރލެސް ޓްރާންސްމިށަން މެދުވެރިކޮށް އާންމުންނަށް ދުރަށް ފޮނުވުމަށެވެ. މީގެތެރޭގައި ސެޓެލައިޓް މެދުވެރިކޮށް ދުރަށް ފޮނުވާ ފޮނުވުންވެސް ހިމެނެއެވެ.
"ކުއްޔަށް ދިނުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްގެ ނުވަތަ އަޑުގެ ރިކޯޑިންގއެއްގެ އަސްލު ނުވަތަ ކޮޕީއެއް ވަކި މުއްދަތަކަށް ފައިދާއެއް ހޯދުމުގެ މަގްސަދުގައި ކުއްޔަށްދޫކުރުމަށެވެ.
"ކޮމްޕިއުޓަރ" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބިފައިވާ އިލެކްޓްރޯނިކްގެ ވަސީލަތުން ނުވަތަ މިފަދަ އެހެން ގޮތަކުން ހަދާފައިހުންނަ ތަކެއްޗަށެވެ.
"ކޮމްޕިއުޓަރ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރަށް އެނގޭ ބަހަކުން، ކޯޑަކުން، ސްކީމަކުން، ނުވަތަ އެހެންވެސް ގޮތަކުން، ކޮމްޕިއުޓަރުން ވަކި މަސައްކަތެއްކުރުމަށް ނުވަތަ ވަކި ނަތީޖާއެއް ނެރުމަށްޓަކައި އެކުލަވާލާފައިވާ އެންގުންތަކަށް ނުވަތަ އިރުށާދުތަކަށެވެ.
"ކަލެކްޓިވް އުފެއްދުމެއް" ކަމަށް ބުނެފައި އެވަނީ، ވަކި މީހެއްގެ ނުވަތަ ގާނޫނީ ވަކި ށަހްސެއް އިސްނަގައިގެން ނުވަތަ އިރުށާދު ދީގެން އެމީހެއްގެ ނުވަތަ އެ ށަހްސެއްގެ އުފެއްދުމެއްގެ ގޮތުގައި ނެރުމަށާއި އޭގައި ހިއްސާވާ އެހެން މީހުން ނުވަތަ ފަރާތްތައް ހާމަނުކުރުމަށް އެއްބަސްވެގެން ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން އުފައްދާ އުފެއްދުންތަކަށެވެ.
"އެކްސްޕްރެށަން އޮފް ފޯކްލޯރ" ކަމަށް ބުނެފައި އެވަނީ، މުޖުތަމައެއްގެ އާދަކާދައިގެ މައްޗަށް ވަކި ބަޔަކަށް ނިސްބަތްވާގޮތަށް އެ މުޖްތަމައެއްގެ އިޖްތިމާއީ ށަހްސާއި އެބައެއްގެ ސަގާފަތް އަދި އަގުކުރާ ސިފަތަކާއި ކަންތައްތައް ވަޒަންކުރާ ހަމަތައް ދޭހަވާގޮތަށް އަމިއްލަ ފަރުދަކު ނުވަތަ ބަޔަކު މީހުން އަނގަބަހުން، ނުވަތަ ހަރަކާތަކުން ނުވަތަ އެހެންވެސް ގޮތަކުން އުފައްދާ އުފެއްދުމަށެވެ. މީގެތެރޭގައި ތިރީގައިމިވާ ތަކެތި ހިމެނެއެވެ.
- އެވޭލާ ޒަމާނުގެ ވާހަކައާއި، އެވޭލާ ޒަމާނުގެ ޅެމާއި، ބަނދި އަދި އިހުގެ އަރަތް؛
- އެވޭލާ ލަވަ އާއި ރާގުތައް؛
- އެވޭލާ ނެށުމާއި އެވޭލާ ތަމްސީލުތައް؛
- ކުރެހުންތަކާއި، ބިންވަޅުނެގުންތަކާއި، ސިފަ އުފެއްދުންތަކާއި (ސްކަލްޕްޗަރ)، މުށީގެ މަސައްކަތްތަކާއި، ކަނބުރުވެރިކަމުގެ މަސައްކަތްތަކާއި، ތިލޭރުކަމުގެ މަސައްކަތްތަކާއި، އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ކޮސްޓިއުމް އަދި މުޖުތަމައު އަށް ނިސްބަތްވާ ފޭރާން ފަދަ އުފެއްދުންތަކެވެ.
"އުފެއްދުމެއް" އަދި "މަސައްކަތެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި 4 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އަދަބީ އަދި ފަންނާނީ އަސްލީ އަދި ނަގްލީ އުފެއްދުމަށެވެ.
"އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، އިތުރު ބޭނުމެއް ހިފޭގޮތަށް އަތުން ނުވަތަ ސިނާއީ ގޮތުން އުފައްދާފައި ހުންނަ ފަންނާނީ އުފެއްދުމަށެވެ.
"އަލުން އުފެއްދުން" ކަމަށް ބުނެފައި އެވަނީ، އުފައްދާފައިވާ އުފެއްދުމަކުން ނުވަތަ އަޑުގެ ރިކޯޑިންގއަކުން، ދާއިމީކޮށް ނުވަތަ ވަގުތީގޮތުން އިލެކްޓްރޯނިކްގެ ވަސީލަތުން ރައްކާކުރެވޭގޮތަށް ނުވަތަ އެހެން ކޮންމެގޮތަކަށް ވިޔަސް، ބެހެއްޓޭގޮތަށް އެއް ކޮޕީ ނުވަތަ އެއަށްވުރެ ގިނަ ކޮޕީ އުފެއްދުމަށެވެ.
"އޯޑިއޯ ވިށުއަލް" އުފެއްދުމެއް ނުވަތަ މަސައްކަތެއް ކަމަށް ބުނެފައި އެވަނީ، އަޑު އެކުލެވޭ އަދި އަޑު އެކުލެވިފައިނުވާ ނަމަވެސް، ހަރަކާތެއް ނުވަތަ ހަރަކާތްތަކެއް ދައްކުވައިދޭ ގުޅިފައިވާ މަންޒަރުތަކެއްގެ ސިލްސިލާއެއްހެން ފެންނާނެގޮތަށް އުފައްދާފައިވާ އުފެއްދުންތަކަށެވެ.
"އަޑުގެ ރިކޯޑިންގ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ގޮތަކަށް ފިކްސޭށަނަކަށް ހެދުނުކަމުގައި ވިޔަސް އަދި ކޮންމެ މީޑިއަމްއެއްގައި އަޑުތައް އެކުލެވިގެން ކަމުގައިވިޔަސް، ޕަރފޯމަންސެއްގެ އަޑުތަކުގެ ނުވަތަ އެނޫންވެސް އެހެނިހެން އަޑުތަކުގެ ފިކްސޭށަނަކަށެވެ. އޯޑިއޯ ވިށުއަލް މަސައްކަތެއްގެ ސައުންޑްޓްރެކްފަދަ އަޑާއި މަންޒަރު އެކުއެކީގައި ހިމެނިގެންވާ ފިކްސޭށަންތައް މި މާނައިގެ ތެރޭގައި ނުހިމެނެއެވެ.
"އިގްތިސާދީ ހައްގުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ހައްގުތަކަށެވެ.
"އަހްލާގީ ހައްގުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހައްގުތަކަށެވެ.
"މުސައްނިފު" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއް އުފައްދާފައިވާ މީހާއަށެވެ.
"ފަންނާނުން" ކަމަށް ބުނެފައި އެވަނީ، ލަވަ ކިޔާމީހުންނާއި މިޔުޒިކް ކުޅޭމީހުންނާއި އަދި މިނޫނަސް ތަމްސީލުގެ ހަރަކާތްތައް ދައްކައި ހުށަހަޅާ ހަދާ މީހުންނާއި މީގެ އިތުރުންވެސް އެހެނިހެން އަދަބީ އަދި ސަގާފީ ހަރަކާތްތައް ދައްކައިދޭ މީހުންނަށެވެ.
"ފިކްސޭށަން" ކަމަށް ބުނެފައި އެވަނީ، އޭގެ އަސަރު އިހުސާސްކުރެވޭނެ ނުވަތަ އަލުން އުފެއްދިދާނެ ނުވަތަ ކޮންމެވެސް ވަސީލަތަކުން ޓްރާންސްމިޓް ކުރެވިދާނެގޮތަށް އެއްކޮށްލެވިފައިވާ އަޑުތަކެއް ނުވަތަ އެއަޑު ތަމްސީލުކުރާނެ އުފެއްދުމަކަށެވެ.
"ފޮޓޯގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ނުވަތަ އިލެކްޓްރޯނިކް ނުވަތަ އެހެން ޓެކްނިކެއް ވިޔަސް ބޭނުންކޮށްގެން އަލި ނުވަތަ އެހެން ރޭޑިއޭށަނެއް ތަސްވީރެއްގެ ގޮތުގައި ނުވަތަ އެއިން ތަސްވީރު އުފެއްދޭ އުފެއްދުމެއްގެގޮތަށް ރިކޯޑް ކުރުމަށެވެ. އޯޑިއޯ ވިށުއަލް އުފެއްދުމަކުން ނަގާފައިވާ ހިމޭން މަންޒަރެއް ފޮޓޯގްރަފިކް އުފެއްދުމަކަށް ނުބެލެވޭނެއެވެ. އެ މަންޒަރެއް ނުވަތަ އެބައެއް ބެލެވޭނީ އޯޑިއޯ ވިށުއަލް އުފެއްދުމުގެ ބައެއްގެ ގޮތުގައެވެ.
"ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއް" ކަމަށް ބުނެފައި އެވަނީ، ފަންނާނުންގެ ދެ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެ މަސައްކަތަކަށް ހިއްސާވެގެން ކުރާ، މި މާއްދާގައި ބަޔާންކުރެވިފައިވާ ކަލެކްޓިވް އުފެއްދުމެއްކަމަށް ނުވާ އުފެއްދުމަށެވެ.
"ޕަރފޯމް" ކަމަށް ބުނެފައި އެވަނީ، ފަންނާނެއް ޕަރފޯމަންސެއް ހުށަހަޅައިދިނުމަށެވެ.
"ޕަރފޯމަންސް" ކަމަށް ބުނެފައި އެވަނީ، ލަވަ، މިޔުޒިކު އަދި މިނޫންވެސް ތަމްސީލުގެ ހަރަކާތްތަކަށާއި އަދި އެހެނިހެން އަދަބީ އަދި ސަގާފީ ހަރަކާތްތަކަށެވެ.
"ޕްރޮޑިއުސަރު" ކަމަށް ބުނެފައި އެވަނީ، އޯޑިއޯ ވިށުއަލް މަސައްކަތެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް އުފެއްދުމަށް އިސްނެގި ނުވަތަ އެ އުފެއްދުމަކަށް ޒިންމާދާރުވާ މީހާ ނުވަތަ އެކަމުގެ ގާނޫނީ ށަހްސަށެވެ.
"އާންމުންނަށް ހުށަހަޅައި ދިނުން" ކަމަށް ބުނެފައި އެވަނީ، ގާތްތިމާގެ މީހުންނާއި ގާތްކޮށްއުޅޭ މީހުން ފިޔަވައި އެހެންމީހުން ތިބި ނުވަތަ ތިބެވިދާނެ ތަނެއްގައި އެއްފަހަރާ ނުވަތަ އެފަދަ އެކިތަންތަނުގައި އެކިފަހަރު ކަމަށްވިޔަސް، މި މާއްދާގައި އާންމުންނަށް މުއާސަލާތުކުރުން ކަމަށް ބުނެފައިވާ ގޮތަށް ނޫންގޮތަކުން ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ކުރުމަށެވެ.
- އޯޑިއޯ ވިށުއަލް އުފެއްދުމެއް ފިޔަވައި އެހެން އުފެއްދުމެއްގައި، ސީދާކޮށް ނުވަތަ ނުސީދާކޮށް ކަމަށްވިޔަސް، އެ އުފެއްދުމެއް ކިޔުން، ކުޅުން، ނެށުން، އެކްޓްކުރުން އަދި ތައާރުފުކޮށްދިނުން؛
- އޯޑިއޯ ވިށުއަލް އުފެއްދުމެއްނަމަ މަންޒަރުތައް ގުޅިގެންދާގޮތަށް ދެއްކުމާއި އެއާއެކުގައި އަންނަ އަޑުއިވޭގޮތަށް ހުށަހެޅުން؛ ނުވަތަ
- އަޑުގެ ރިކޯޑިންގއެއްނަމަ، ރިކޯޑިންގގެ އަޑު އިއްވުމެވެ.
"އާންމުންނަށް މުއާސަލާތުކުރުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއް، ޕަރފޯމަންސެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓްއެއްގެ މަންޒަރު ނުވަތަ އަޑު ނުވަތަ އަޑާއި މަންޒަރު އެކުގައި ނަރު މެދުވެރިކޮށް ނުވަތަ ވަޔަރލެސްކޮށް ޓްރާންސްމިށަން އަކުން އެ ޓްރާންސްމިޓްކުރާ ތަނަކާއި ދުރުތާކުން، ޓްރާންސްމިޓްނުކުރާނަމަ، ނުލިބޭނެ މަންޒަރު ނުވަތަ އަޑު އެއްތަނަކުން އެއްވަގުތެއްގައި ނުވަތަ އެކިވަގުތު އެކިތަންތަނުން ލިބުނުކަމުގައި ވިޔަސް ގާތްތިމާގެ މީހުން ފިޔަވައި އެހެން ބަޔަކަށް، ޓްރާންސްމިޓްކުރާ އަޑު ނުވަތަ މަންޒަރު ނުވަތަ އަޑާއި މަންޒަރު ލިބޭގޮތަށް ފޮނުވުމަށެވެ.
"އާންމުންނަށް ފެންނަ ގޮތަށް ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމުގެ އަސްލު ނުވަތަ ކޮޕީއެއް ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް، ގާތްތިމާގެ މީހުންނާއި ގާތްކޮށް އުޅޭ މީހުން ފިޔަވައި އެހެން މީހުންނަށް، އައިސް ތިބެވޭނެ ތަނެއްގައި ނުވަތަ އެކި ތަންތަނުގައި އެއްވަގުތެއްގައި ނުވަތަ އެކި ތަންތަނުގައި އެކި ވަގުތު މި މާއްދާގައި އާންމުންނަށް މުއާސަލާތުކުރުންކަމަށް ބުނެފައިވާގޮތަށް ނޫންގޮތަކަށް ދެއްކުމަށެވެ.
- ހަމަސީދާ ފެންނަގޮތަށް ބެހެއްޓުން؛
- ފިލްމެއް، ސްލައިޑެއް، ޓީ.ވީ މަންޒަރެއްގެގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ސްކްރީނެއްގައި ދައްކާލުން؛
- (1) އާއި (2) ގައި ބުނެފައިވާ ގޮތްތައް ނޫންގޮތަކަށް ނުވަތަ އެނޫން ވަސީލަތެއް މެދުވެރިކޮށްގެންވިޔަސް ދެއްކުން؛ ނުވަތަ
- އޯޑިއޯ ވިށުއަލް އުފެއްދުމެއްގައި މަންޒަރުތައް ގުޅިގެން އަންނަގޮތް ނޫންގޮތަކަށް ވިޔަސް ދެއްކުން.
"އާންމުކޮށް ދޫކުރުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްގެ ނުވަތަ އަޑުގެ ރިކޯޑިންގއެއްގެ އަސްލު ނުވަތަ ކޮޕީއެއް އާންމުންނަށް ހިދުމަތްދޭ ކުތުބުހާނާ އަކުން ނުވަތަ އަރްށީފެއްފަދަ މަރުކަޒަކުން ވަކި މުއްދަތަކަށް ވިޔަފާރީގެ ބޭނުމަކަށް ނުވާގޮތަށް ދޫކުރުމަށެވެ.
"ށާއިއުކޮށްފައިވާ އުފެއްދުމެއް" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްނަމަ މުސައްނިފުގެ ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތް ނުވަތަ، އަޑުގެ ރިކޯޑިންގއެއްނަމަ އުފެއްދި ފަރާތުގެ ނުވަތަ އެފަރާތުގެ ވާރިސުންގެ ހުއްދައާއެކު އާންމުކޮށް ވިއްކުމަށް، ކުއްޔަށް ދިނުމަށް، އާންމުކޮށް ދޫކުރުމަށް އޭގެ ހަރު ކޮޕީތައް އެކަށީގެންވާ ގިނަ އަދަދަކަށް ލިބޭނޭގޮތަށް ތައްޔާރުކޮށްފައި ހުރުމަށެވެ.
"އަސްލީ އުފެއްދުމެއް" ނުވަތަ މަސައްކަތެއްކަމަށް ބުނެފައި އެވަނީ، އެ އުފެއްދުމެއް ނުވަތަ އެ މަސައްކަތެއް އުފެދުމުގެ މައިގަނޑު އަސާސްގެ މައްޗަށެވެ.
މި ގާނޫނަށް ގެނެވިފައިވާ އިސްލާހު
ކޮންސޮލިޑޭޓެޑް ގާނޫނު
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2010-23)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
ރިފަރެންސް
6 އޮކްޓޯބަރ 2010 ވި ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާއިން ފާސްކުޅަ "ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ބިލު" ބަލައި، ތަސްދީގުކޮށްފައިވަނީ 21 އޮކްޓޯބަރ 2010 (13 ޛުލްގަޢިދާ 1431) ގައެވެ.
ކިޔުންތެރިންގެ ހިޔާލު