ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު
(ކޮންސޮލިޑޭޓެޑް ނަންބަރު 2010-23)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ ބާބު
ތައާރުފު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ކޮޕީރައިޓާއި އަދި އެއާގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދިނުމާއި، އެފަދަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމާބެހޭ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - ހިންގޭނެ ދާއިރާ
މި ގާނޫނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި އަޑުގެ ރިކޯޑިންގތަކާއި، ބްރޯޑްކާސްޓްތައް ހިމާޔަތްކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
2 ވަނަ ބާބު
ކޮޕީރައިޓާއި އެއާގުޅޭ ހައްގުތައް (ސުރުހީ އިސްލާހު ކުރެވިފައި)
3 ވަނަ މާއްދާ - މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ އުފެއްދުންތައް
ތިރީގައި ބަޔާންކޮށްފައިމިވާ ބާވަތްބާވަތުގެ އުފެއްދުންތަކަށް މި ގާނޫނުގެ ދަށުން ހިމާޔަތް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ލިޔުމުގެ އަސްލީ އުފެއްދުންތަކާއި، މިޔުޒިކީ އަސްލީ އުފެއްދުންތައް އަދި އަސްލީ ފަންނުވެރި އުފެއްދުންތައް، ވަކިން ހާއްސަކޮށް ތިރީގައިމިވާ ތަކެތި:
- ފޮތް، ލުއިފޮތް، މަޒުމޫނު އަދި މިނޫން ލިޔުންތައް؛
- އިލްމީ، އަދަބީ، އަދި އާޓިސްޓިކް ތަގުރީރުތަކާއި މުހާތަބުކޮށް ދައްކާވާހަކަ؛
- ޑްރާމާ، މިޔުޒިކީ ޑްރާމާ، ސްޓޭޖު ނެށުމާއި، އެ ނެށުން ރާވައި އަތުރާފައިވާ ގޮތާއި، ފިޔަވަޅުތަކާއި، އިށާރާތުން ހުށަހަޅާ ހުށަހެޅުންތަކާއި، މިނޫންވެސް މިފަދަ ހުށަހެޅުންތަކާއި އުފެއްދުންތައް؛ (އިސްލާހު ކުރެވިފައި)
- ޅެމާއި، ލަވައާއި، ރާގާއި، މިނޫންވެސް މިޔުޒިކީ އުފެއްދުންތައް؛
- ފީޗަރ ފިލްމް، ޑޮކިއުމެންޓްރީ ފިލްމް، ޑްރާމާ، ވީޑިއޯ ލަވަ އަދި އެހެނިހެން އޯޑިއޯ ވިށުއަލް ހުށަހެޅުންތަކާއި މަސައްކަތްތައް؛ (އިސްލާހު ކުރެވިފައި)
- ކުރެހުމާއި ފަރުމާކުރުމުގެ މަސައްކަތްތައް؛
- ފޮޓޯގެ މަސައްކަތްތައް؛
- އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތްތައް؛
- އިލަސްޓްރޭށަން، ޗާޓް، ޕްލޭން، ސްކެޗް އާއި ޖޯގްރަފީ، ޓޮޕޯގްރަފީ، ފަރުމާކުރުން ނުވަތަ ސައިންސާގުޅޭ 3 ޑައިމެންށަންގެ އުފެއްދުންތައް؛
- ކޮމްޕިއުޓަރ ޕްރޮގްރާމްތައް (ޕްރޮގްރާމް ލިޔުނުގޮތަށް ނުވަތަ ފޯމެޓަށް ބެލުމެއްނެތި)؛ (އިސްލާހު ކުރެވިފައި)
(ށ) ކޮޕީރައިޓާގުޅޭ އަންނަނިވި އުފެއްދުންތައް. (މުޅި ނަންބަރު އިސްލާހު ކުރެވިފައި)
- އަޑުގެ ރިކޯޑިންގތައް؛ (އިތުރު ކުރެވިފައި)
- ސެޓަލައިޓް، އިންޓަރނެޓް، އަދި ކޭބަލް މެދުވެރިކޮށް ކުރެވޭ ބްރޯޑްކާސްޓް. (އިތުރު ކުރެވިފައި)
3-1 ވަނަ މާއްދާ - އުފެއްދުން ހިމާޔަތްކުރުން (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)
މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ، އެއުފެއްދުމެއް ހުށަހަޅައިދޭގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގްސަދަށް ބަލައިގެނެއްނޫނެވެ. މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެއެވެ.
4 ވަނަ މާއްދާ - އެހެން އުފެއްދުމެއް ބޭނުންކޮށްގެން އަލަށް އުފެއްދޭ އުފެއްދުންތައް
(ހ) އެހެން އުފެއްދުމެއް ބޭނުންކޮށްގެން އަލަށް އުފެއްދޭ އުފެއްދުންތަކުގެ ތެރެއިން ތިރީގައިވާ މަސައްކަތްތައް މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.
- އުފެއްދުމެއްގެ ތަރުޖަމާ، އެތުރުން، ހުލާސާ އަދި އެއަށް ގެނެވޭ އެކިއެކި ބަދަލުތައް؛
- އެއްކުރުމުގައި ނުވަތަ އެތުރުމުގައި އަސްލީ ސިފަ ހުންނަ އެއްކޮށްފައިވާ މަސައްކަތްތަކާއި، ކޮންމެ ސިފައެއްގައި އެއްކޮށްފައި ވީނަމަވެސް އެއްކުރުމުގައި ނުވަތަ އެތުރުމުގައި އަސްލީ ސިފަ ހުންނަ މައުލޫމާތު ކޮށާރު (ޑޭޓާބޭސް) އަދި އެއްކުރުމުގައި ނުވަތަ އެތުރުމުގައި އަސްލީ ސިފަ ހުންނަ އެކްސްޕްރެށަން އޮފް ފޯކްލޯރ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އުފެއްދުންތައް ހިމާޔަތްކުރެވޭއިރު، އެ މަސައްކަތެއް އުފެއްދުމުގައި ބޭނުންކޮށްފައިވާ ނުވަތަ ހިމެނިފައިވާ އުފެއްދުމަކަށް ނުވަތަ އެކްސްޕްރެށަން އޮފް ފޯކްލޯރއަކަށް ދެވިފައިވާ ހިމާޔަތަކަށް އުނިކަމެއް ނާންނާނެއެވެ.
5 ވަނަ މާއްދާ - އަސްލީ މަސައްކަތަކަށް ވުން
މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުފެއްދުންތަކާއި މަސައްކަތްތަކަށް މި ގާނޫނުގެ ދަށުން ހިމާޔަތް ލިބޭނީ އެ އުފެއްދުމަކީ ނުވަތަ އެ މަސައްކަތަކީ އެފަރާތުގެ އަސްލީ އުފެއްދުމެއް ނުވަތަ މަސައްކަތެއް ކަމަށްވާނަމައެވެ.
6 ވަނަ މާއްދާ - ހިމާޔަތްކޮށް ނުދޭ ތަކެތި
މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ނުހިމެނޭ، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި މި ގާނޫނުގެ ދަށުން ހިމާޔަތްކޮށް ނުދެވޭނެއެވެ.
(ހ) އުފެއްދުމެއްގައި ހުށަހަޅައި ބަޔާން ކޮށްދީފައި ވީނަމަވެސް، އެއްވެސް ހިޔާލެއް، ކަންހިނގާ ގޮތެއް، ނިޒާމެއް، ކަމެއް ހިންގާގޮތެއް، ކަމެއްގެ އަސާސެއް، އުސޫލެއް، ހޯދުމެއް، ނުވަތަ ހަމަ ހުސް ޑޭޓާއެއް ކޮންމެ ސިފައެއްގައި ބަޔާންކޮށްދީފައި ވީނަމަވެސް؛ އަދި
(ށ) ގާނޫނީ ނުވަތަ ގާނޫނު ހިންގުމުގެ ބޭނުމުގައި ހުންނަ ރަސްމީ ލިޔުމާއި އެފަދަ ލިޔުންތަކުގެ ތަރުޖަމާ.
7 ވަނަ މާއްދާ - ކޮޕީރައިޓު ރަޖިސްޓަރީކުރުން
(ހ) މި ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހައްގުތައް ލިބިގަތުމަށްޓަކައި އެ ހައްގުތައް ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކުރުމަކީ ލާޒިމުކަމެއްނޫނެވެ. އެހެންނަމަވެސް، މިފަދަ ހައްގުތައް ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތަކަށް، އެ ހައްގުތައް މިނިސްޓްރީގައި ރަޖިސްޓަރީކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ކޮޕީރައިޓު ރަޖިސްޓަރީކުރުމުގެ ފުރުސަތު އޮތްނަމަވެސް، ރަޖިސްޓަރީ ނުކުރާ ކޮޕީރައިޓުގެ ހައްގުތަކަށް އެކަމުން އެއްވެސް އުނިކަމެއް ނާންނާނެއެވެ. ރަޖިސްޓަރީކުރުމުގެ މައިގަނޑު މަގްސަދަކީ ށަރީއަތުގައި މުސައްނިފަށް އެ އުފެއްދުމަކީ އޭނާގެ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދިނުމަށް މަގުފަހިކޮށްދިނުމެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޮޕީރައިޓު ރަޖިސްޓަރީކުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ފީއެއް ނެގިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޮޕީރައިޓުގެ ހައްގެއް ރަޖިސްޓަރީކުރާ ފަރާތްތަކުގެ ދަފްތަރެއް މިނިސްޓްރީން އެކުލަވާލައި ބަލަހައްޓަންވާނެއެވެ. އަދި އެ ދަފްތަރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާންމުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
8 ވަނަ މާއްދާ - ކޮޕީރައިޓު ކުރާ އުފެއްދުން މާއްދީގޮތަކަށް އެކުލަވާލެވިފައިވުން
(ހ) މި ގާނޫނުގެ ދަށުން ކޮޕީރައިޓު ކުރެވޭނެ އުފެއްދުންތައް ހުންނަންވާނީ ކޮންމެވެސް މާއްދީގޮތަކަށް އެކުލަވާލެވިފައެވެ. ނަމަވެސް، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުގެ ސަބަބުން މި ގާނޫނުގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަންނާނުންގެ ހައްގުތަކަށް ހުރަހެއް ނޭޅޭނެއެވެ.
(ށ) ކޮމްޕިއުޓަރ މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި އޮޓޮމެޓިކްކޮށް ކޮމްޕިއުޓަރުން ކޮޕީކުރެވޭ ޕްރޮގްރާމްތަކަކީ މާއްދީގޮތަކަށް އެކުލަވާލެވިފައިވާ އެއްޗަކަށް ނުވާތީވެ، އެކަމަކީ ކޮޕީރައިޓުގެ ހައްގަކަށް އުނިކަމެއް އަންނަފަދަކަމެއް ކަމަކަށް މި ގާނޫނުގެ ދަށުން ނުބެލެވޭނެއެވެ.
(ނ) މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ކޮޕީރައިޓު ރަޖިސްޓަރީކުރުން އިހްތިޔާރު ނުކުރާ ފަރާތަކުން އެ އުފެއްދުމަކީ އެފަރާތުގެ އަމިއްލަ އުފެއްދުމެއްކަމަށް ށަރީއަތުގެ މަޖިލީހުގައި ސާބިތުކުރުމުގެ ބޭނުމުގައި، އެ އުފެއްދުމެއް މާއްދީގޮތަކަށް އެކުލަވާލުމަށްފަހު، ރަޖިސްޓަރީކޮށްފައިވާ ޕޯސްޓުން އެ އެއްޗެއް އެފަރާތުގެ އަމިއްލަ އެޑްރެހަށް ފޮނުވިދާނެއެވެ. އެހެންނަމަވެސް އަމިއްލައަށް ފޮނުވާ މިފަދަ ސިޓީއުރަ ށަރީއަތުގެ މަޖިލީހުގައި ހެކީގެ ގޮތުގައި ގަބޫލުކުރެވޭނީ އެ ސިޓީއުރަ ނުކަނޑައި، ޕޯސްޓްކުރި ތާރީހު އެ ސިޓީއުރައިން އެނގެން އޮންނަގޮތަށް އޮތުމުންނެވެ.
9 ވަނަ މާއްދާ - މުސައްނިފުގެ ހައްގުތައް
(ހ) ލިޔެވިފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އުފެއްދުމުގެ ކޮޕީރައިޓު އޮންނާނީ އެ އުފެއްދުމުގެ މުސައްނިފަށެވެ.
(ށ) ލިޔެވިފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ އުފެއްދުމެއް ށާއިއުކުރުމާއި، އެ އުފެއްދުމެއް ށާއިއުކުރާނޭގޮތް ކަނޑައެޅުމުގެ ހައްގު ލިބިގެންވަނީ އެ އުފެއްދުމުގެ މުސައްނިފަށެވެ.
(ނ) ލިޔެވިފައިވާ އެއްބަސްވުމެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އުފެއްދުމުގެ އިގްތިސާދީ ފައިދާ ހޯދުމުގެ އަދި ވިޔަފާރީގެ ގޮތުގައި އެ އުފެއްދުމެއް ބޭނުންކުރުމުގެ ހައްގު ލިބިގެންވަނީ އެ އުފެއްދުމުގެ މުސައްނިފަށެވެ.
10 ވަނަ މާއްދާ - އިގްތިސާދީ ހައްގުތައް
(ހ) މި ގާނޫނުގެ 13 ވަނަ މާއްދާއިން ފެށިގެން 20 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ގޮތުގެމަތިން، އުފެއްދުމަކާ ގުޅޭގޮތުން ތިރީގައިމިވާ ކަންތައްތައް ކުރުމުގެ ނުވަތަ އެއިން ކަމެއް ކުރުމަށް ހުއްދަ ދިނުމުގެ ހައްގު ލިބިގެންވަނީ، މުސައްނިފަށް ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތަށެވެ. (އިސްލާހު ކުރެވިފައި)
- އުފެއްދުމެއް އަލުން އުފެއްދުން؛
- އުފެއްދުމެއް ތަރުޖަމާ ކުރުން؛
- އުފެއްދުމަކަށް ބަދަލެއް ގެނައުން؛
- އެއްވެސް ފަރާތަކަށް ވިއްކާފައި ނުވަތަ ޓްރާންސްފަރކޮށްފައި ނުވަތަ މިލްކުވެރިކަން ބަދަލުކޮށްފައިނުވާ ހިނދެއްގައި، ދިވެހިރާއްޖޭގައި ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން ހުއްދަ ދީފައިވާ އެހެން ގައުމެއްގައި، އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ޑިސްޓްރިބިއުޓްކުރުން؛ (އިސްލާހު ކުރެވިފައި)
- އޯޑިއޯ ވިށުއަލް އުފެއްދުމެއް، އަޑުގެ ރިކޯޑިންގއެއްގައި ހިމެނޭ އުފެއްދުމެއް، ކޮމްޕިއުޓަރ ޕްރޮގްރާމެއް، މައުލޫމާތު ކޮށާރެއް (ޑޭޓާބޭސްއެއް) ނުވަތަ ނޮޓޭށަންއެއްގެ ސިފައިގައިވާ މިޔުޒިކުގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އެ އެއްޗެއްގެ ވެރިފަރާތަކީ ކޮންމެފަރާތެއް ކަމުގައިވިޔަސް، ކޮޕީރައިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ހުއްދަ ދީފައިނުވާ ހިނދެއްގައި އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ވިއްކުން ނުވަތަ ކުއްޔަށް ދިނުން؛ (އިސްލާހު ކުރެވިފައި)
- އުފެއްދުމުގެ އަސްލު ނުވަތަ ކޮޕީއެއް އާންމުންނަށް ފެންނަގޮތަށް ބެހެއްޓުން؛
- އުފެއްދުމެއް އާންމުންނަށް ހުށަހަޅައިދިނުން؛
- އުފެއްދުމެއް ބްރޯޑްކާސްޓް ކުރުން؛
- ބްރޯޑްކާސްޓް ކުރުން ފިޔަވައި، މުއާސަލާތުކުރުމުގެ އެނޫންވެސް ވަސީލަތަކުން، އުފެއްދުމެއް އާންމުންނަށް ފޯރުކޮށްދިނުން. (އިސްލާހު ކުރެވިފައި)
(ށ) ކޮމްޕިއުޓަރ ޕްރޮގްރާމެއް ކުއްޔަށް ދިނުމުގައި އެ ޕްރޮގްރާމެއް ކުއްޔަށް ދިނުމަކީ އޭގެ މައިގަނޑު މަގްސަދު ކަމުގައިނުވާނަމަ، އެކަމަށް މި މާއްދާގެ (ހ) ގެ (5) ގައި ބަޔާންކޮށްފައިވާ ހައްގު ލިބިގެނެއްނުވެއެވެ. (އިސްލާހު ކުރެވިފައި)
11 ވަނަ މާއްދާ - އަހްލާގީ ހައްގުތައް
(ހ) އުފެއްދުމެއްގެ މުސައްނިފަކީ އެ އުފެއްދުމުގެ ކޮޕީރައިޓުގެ ވެރިފަރާތް ކަމުގައި ނުވިނަމަވެސް، އެފަރާތަށް މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ އިގްތިސާދީ ހައްގުތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
- އުފެއްދުމުގެ ކޮޕީތަކުގައި އޭނާގެ ނަން ރަނގަޅަށް ފާޅުވާނޭގޮތަށް ބަޔާންކޮށްފައި އޮތުމާއި އާންމުން އެއިންކުރާ ބޭނުންތަކުގައި އޭނާގެ ނަން ބަޔާންކޮށްފައި އޮތުމުގެ ހައްގު؛
- އުފެއްދުމުގެ ކޮޕީތަކުގައި އަދި އާންމުން އެއިންކުރާ ބޭނުންތަކުގައި އޭނާގެ ނަން ހާމަނުކޮށް ވަނަން ބޭނުންކުރުމުގެ ހައްގު؛ އަދި
- އޭނާގެ އަބުރަށާއި އިއްޒަތަށް ގެއްލުމެއް ލިބޭފަދަ ގޮތަކަށް އޭނާގެ އުފެއްދުމަކަށް ގެނެވޭ ކޮންމެ ބަދަލަކަށް އަދި ހައްގުނޫންގޮތަށް ގެނެވޭ ކޮންމެ އުނިއިތުރަކަށް ދެކޮޅުހެދުމުގެ ހައްގު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްވެސް ހައްގެއް މުސައްނިފުގެ ހަޔާތުގައި އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް މުސައްނިފު މަރުވުމަށްފަހު އިސްވެ ބުނެވުނު ހައްގުތައް ވަސިއްޔަތަކުން ނުވަތަ ށަރުއީ ހަމައިގެ މަތިން އެހެންފަރާތަކަށް ބަދަލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އަހްލާގީ ހައްގުތައް ނުވަތަ އެއިން ބައެއް މުސައްނިފަށް ދޫކޮށްލެވިދާނެއެވެ. މިގޮތަށް ދޫކޮށްލެވޭނީ ދޫކޮށްލާ ހައްގު ނުވަތަ ހައްގުތަކާއި ދޫކޮށްލެވޭ ހާލަތު ލިޔެ ބަޔާން ކުރުމަށްފަހުގައެވެ. އަދި މި މާއްދާގެ (ހ) ގެ (3) ގައިވާ ހައްގެއް ދޫކޮށްލާނަމަ، ދޫކޮށްލާ މިންވަރަކާއި ބަދަލުގެނެވޭނޭ ގޮތް ކަނޑައެޅިފައި އޮންނަންވާނެއެވެ.
(ރ) މުސައްނިފު މަރުވުމަށްފަހު އޭނާގެ ހައްގުތައް ލިބޭ، ނުވަތަ ލިބިދޭ ފަރުދަކަށް ނުވަތަ ގާނޫނީ ށަހްސަކަށްވެސް މި މާއްދާގެ (ނ) ގެ ދަށުން އަމަލުކުރެވިދާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް މީހަކު އަރައިގެންފިނަމަ، އޭގެ ސަބަބުން އެފަރާތުގެ މާލަށާއި އަބުރަށް ލިބޭ ގެއްލުމެއްގެ ބަދަލު ހޯދުމުގެ ހައްގު މި ގާނޫނުގެ 31-1 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެފަރާތަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ޅ) އެއްވެސް ފަރާތަކުން މި މާއްދާގެ (ނ) ގެ ދަށުން ހައްގެއް ދޫކޮށްލާނަމަ، މި ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކުލަވާލާ ދަފްތަރުގައި ހިމެނޭ މައުލޫމާތު މިނިސްޓްރީން އިސްލާހުކޮށް، އެ ދަފްތަރު އަދާހަމަކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
12 ވަނަ މާއްދާ - އަމިއްލަ ބޭނުމަށްޓަކައި އަލުން އުފެއްދުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ގައި ނުހިމެނޭ ގޮތަށް އަދި މި ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ށާއިއުކޮށްފައިވާ އުފެއްދުމެއްގެ މުސައްނިފުގެ ނުވަތަ ކޮޕީރައިޓުގެ ެރިފަރާތުގެ ހުއްދައެއް ނެތި، އެ އުފެއްދުމުގެ އެންމެ ކޮޕީއެއް އޭގެ އަސްލާ އެއްގޮތަށް، މީހަކަށް ހަމައެކަނި އޭނާގެ އަމިއްލަ ބޭނުމަށް އަލުން އުފެއްދިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗަށް އެ އަކުރުގެ ދަށުން އުފެއްދުމުގެ ހުއްދަ ލިބިގެނެއްނުވެއެވެ. (އިސްލާހު ކުރެވިފައި)
- އިމާރާތެއް ނުވަތަ އެހެން ބިނާއެއްކުރުމަށް ފަރުމާ ކޮށްފައިވާ ފަރުމާކުރުމުގެ މަސައްކަތް ނަކަލުކުރުން؛
- ފޮތެއްގެ ބޮޑުބައެއް ނުވަތަ ނޮޓޭށަނެއްގެ ގޮތުގައި ހުރި މިޔުޒިކްގެ މަސައްކަތެއް އަލުން އުފައްދާ އުފެއްދުމެއްގެ ގޮތުގައި ނަކަލުކުރުން؛
- ޑިޖިޓަލްކޮށް ހުރި ޑޭޓާބޭސް އެއް (މައުލޫމާތު ކޮށާރެއް) ނުވަތަ އޭގެ ބޮޑުބައެއް ނަކަލުކުރުން؛
- މި ގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާގޮތް ނޫންގޮތަކަށް ކޮމްޕިއުޓަރ ޕްރޮގްރާމެއް ނަކަލުކުރުން؛ އަދި
- މަސައްކަތް އަލުން އުފައްދާއިރު އޭގެ އާންމު މަންފާއަށް ބުރޫއެރުމާއެކު އެ މަސައްކަތުގެ މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގުތަކަށް މަގުބޫލު ސަބަބެއްނެތި އުނިކަމެއް އަންނަފަދަ ނަކަލުކުރުންތައް؛ (އިސްލާހު ކުރެވިފައި)
- ވިޔަފާރީގެގޮތުގައި ބޭނުންކުރުމަށް އުފައްދާފައިވާ ފީޗަރ ފިލްމް، ޑޮކިއުމެންޓްރީ ފިލްމް، ޑްރާމާ، ވީޑިއޯ ލަވަ އަދި އެހެނިހެން އޯޑިއޯ ވިށުއަލް ހުށަހެޅުންތަކާއި މަސައްކަތްތައް.
13 ވަނަ މާއްދާ - ވަގުތީ ގޮތަކަށް އަލުން އުފެއްދުން
ތިރީގައިމިވާ ހުރިހާ ށަރުތުތަކެއް ފުރިހަމަވާނަމަ، މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން، މަސައްކަތެއް ވަގުތީގޮތުން އަލުން އުފެއްދިދާނެއެވެ.
(ހ) އަލުން އުފައްދާފައިވަނީ އެހެން އުފެއްދުމެއް ޑިޖިޓަލްކޮށް ޓްރާންސްމިޓް ކުރުމުގެ ތެރޭގައި ނުވަތަ ޑިޖިޓަލްކޮށް ރައްކާކޮށްފައިވާ އުފެއްދުމެއް ފެންނަގޮތް ހެދުމުގެ ތެރޭގައި ކަމަށްވުން.
(ށ) އަލުން އުފައްދާފައިވަނީ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ލިބިފައިވާ، ނުވަތަ ގާނޫނީގޮތުން އަލުން އުފެއްދުމުގެ ބާރު ލިބިފައިވާ، މީހެއް ނުވަތަ ގާނޫނީ ށަހްސެއް ކަމަށްވުން.(ށ) އަލުން އުފައްދާފައިވަނީ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ލިބިފައިވާ، ނުވަތަ ގާނޫނީގޮތުން އަލުން އުފެއްދުމުގެ ބާރު ލިބިފައިވާ، މީހެއް ނުވަތަ ގާނޫނީ ށަހްސެއް ކަމަށްވުން. (އިސްލާހު ކުރެވިފައި)
(ނ) އުފެއްދުމެއް ޓްރާންސްމިޓްކުރުމަށް ނުވަތަ ފެންނާނޭގޮތް ހެދުމަށްޓަކައި އެހީވެދޭކަމެއް ކުރުމުގައި އެކަމެއް ހިނގާފައިވަނީ ބޭނުންކުރާ އިކުއިޕްމަންޓް އާންމުކޮށް ބޭނުންކުރާ ބޭނުންކުރުމުގައި ކަމަށްވެފައި މި މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާކަމެއް ފިޔަވައި އެހެން ކަމަކަށް ބޭނުން ނުކުރެވޭގޮތަށް ކޮޕީ އޮޓޮމެޓިކްކޮށް ފުހެލެވޭގޮތަށް އުފައްދާ އުފެއްދުމެއް ކަމުގައިވުން.
14 ވަނަ މާއްދާ - ހަވާލާދީ ހުށަހެޅުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނެ ގޮތަށް، ހަމައާއި އިންސާފުގެ މަތިން، އެ ކުރާ ކަމަކަށް ބޭނުންވާ ވަރަށްވުރެ އިތުރުނުވާގޮތަށް މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާނުލައި ށާއިއުކޮށްފައިވާ މަސައްކަތަކުން ކުޑަ މިންވަރެއް، ހަވާލާދީ ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން އަލުން ބޭނުންކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ހަވާލާދީ ހުށަހަޅާ ހުށަހެޅުން ށާއިއުކޮށްފައިވާ މަސައްކަތުގައި މުސައްނިފުގެ ނަން އެނގެން އޮތްނަމަ، މުސައްނިފުގެ ނަމާއި މަސްދަރާއި ށާއިއުކޮށްފައިވާ ގޮތް، ބޭނުންކުރާ މަސައްކަތުގައި ބަޔާންކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
15 ވަނަ މާއްދާ - އުނގަންނައިދިނުމުގައި ބޭނުންކުރުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނެ ގޮތަށް ޕަބްލިކޭށަންތަކުގައި، ބްރޯޑްކާސްޓިންގ ނުވަތަ ސައުންޑް ނުވަތަ ވިށުއަލް ނުވަތަ އަޑުގެ ރިކޯޑިންގތަކުގައި އާންމުންނަށް ލިބެންހުރި މަސައްކަތެއް، މުސައްނިފުގެ ނުވަތަ ކޮޕީރައިޓުގެ އެހެނިހެން ވެރިފަރާތުގެ ހުއްދައަކާ ނުލައި، އުނގަންނައިދިނުމުގެ ބޭނުންތަކަށް، ހަމައާއި އިންސާފުގެމަތިން، އެ ބޭނުންވާ ވަރަށްވުރެ އިތުރުނުވާގޮތަށް ބޭނުންކުރެވިދާނެއެވެ. އޭގެތެރޭގައި ކިޔަވާ ދަރިވަރުންނަށާއި އުނގަންނައިދޭ ފަރާތްތަކަށް ވަދެވޭ ކޮމްޕިއުޓަރ ނެޓްވޯރކްތައް މެދުވެރިކޮށް، އެފަދަ މަސައްކަތްތައް ހަމައެކަނި އެފަރާތްތަކަށް ލިބޭނެ ގޮތް ހެދުން ހިމެނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) އަލުން އުފެއްދި އެއްޗެއްގެ މުސައްނިފުގެ ނަމާއި، ށާއިއުކޮށްފައިވާ އެއްޗަކާއި، ގޮތް މި މާއްދާގެ (ހ) ގައި ބުނެފައިވާ އުފެއްދުމުގައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހާމަކޮށް ބަޔާން ކުރަންވާނެއެވެ.
16 ވަނަ މާއްދާ - ލައިބްރަރީ އާއި އަރުށީފްތަކުން އަލުން އުފައްދާ އުފެއްދުން
މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނެ ގޮތަށް، ސީދާކޮށް ނުވަތަ ނުސީދާކޮށް ކަމުގައިވިޔަސް، ވިޔަފާރީގެ ފައިދާއަކަށް ނުވާގޮތަށް، ކޮންމެ ލައިބްރަރީއަކުން ނުވަތަ އަރުށީފަކުން، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި، އެ އުފެއްދުމެއްގެ އެއް ކޮޕީ ތިރީގައިމިވާ ގޮތުގެމަތިން އުފެއްދިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ރިޕްރޮގްރަފިކް ވަސީލަތެއް ބޭނުންކޮށްގެން އަލުން އުފެއްދުން، އަދި އަލުން އުފައްދާ އުފެއްދުމަކީ ށާއިއުކޮށްފައިވާ ލިޔުމެއް، އެހެން މަސައްކަތެއް ނުވަތަ މަސައްކަތެއްގެ ބައެއް ވަކި މީހެއްގެ ބޭނުމަކަށް އަލުން އުފެއްދުމެއް ކަމަށް ވާހިނދު؛ (އިސްލާހު ކުރެވިފައި)
- ކޮޕީ ބޭނުންކުރެވެނީ ހަމައެކަނި އުނގެނުމަކަށް ނުވަތަ އިލްމީ ބޭނުމަކަށް ނުވަތަ އަމިއްލަ ދިރާސާއަކަށްޓަކައިކަން ލައިބްރަރީއަށް ނުވަތަ އަރުށީފްއަށް ޔަގީންވުމުން؛
- އަލުން އުފެއްދި އުފެއްދުމަކީ ހަމައެކަނި އެންމެފަހަރަކު ހިނގިކަމެއް ކަމުގައިވުމުން ނުވަތަ ތަކުރާރުވިޔަސް، ކުރިން އަލުން އުފައްދާފައިވާ އެއްޗަކާއި ގުޅުމެއް ނެތި ތަފާތު ހާލަތްތަކުގައި އުފައްދާ އުފެއްދުމެއް ކަމުގައިވުމުން؛ އަދި
- ކޮޕީރައިޓުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއަކުން އެފަދަ ގޮތަކަށް ކޮޕީތައް ހެދުމަށް ވަކި ބާވަތެއްގެ ލައިސަންސެއް ލިބެން ނެތުމުން. (އިސްލާހު ކުރެވިފައި)
(ށ) ރިޕްރޮގްރަފިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އުފެއްދުމެއްގެ ކޮޕީއެއް ހަދާފައިވަނީ އެހެން ލައިބްރަރީއެއް ނުވަތަ އަރުށީފެއްގައިވާ ކޮޕީއެއް ރައްކާކޮށް ރަނގަޅަށް ބެލެހެއްޓުމުގެ މަގްސަދުގައި، ނުވަތަ ގެއްލިފައިވާ، ނުވަތަ ހަލާކުވެފައިވާ، ނުވަތަ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކޮޕީއެއްގެ ބަދަލުގައި ބޭނުންކުރުމުގެ މަގްސަދުގައިކަމަށްވެފައި އަދި އެ އުފެއްދުމެއްގެ އަސްލު ކޮޕީއެއް ހޯދުމަކީ ފަސޭހައިން ކުރެވޭނެކަމަކަށް ނުވެފައި، އެ އުފެއްދުމެއް އަލުން އުފައްދާފައިވަނީ އެންމެފަހަރަކު ކަމުގައި، ނުވަތަ އެއް ފަހަރަށްވުރެ ގިނަފަހަރު ރިޕްރޮގްރަފިކް ވަސީލަތްތައް މެދުވެރިކޮށް އުފައްދާފައިވަނީ މުޅިން ތަފާތު އަދި ގުޅުމެއްނެތް ފަހަރުތަކުގެ މަތިން ކަމުގައިވުމުން. (އިސްލާހު ކުރެވިފައި)
17 ވަނަ މާއްދާ - އާންމުންނަށް މައުލޫމާތު ދިނުމުގެ ބޭނުމުގައި ބްރޯޑްކާސްޓް ކުރުމަށާއި އެނޫން ގޮތްތައް އެ މައުލޫމާތު މުއާސަލާތުކުރުމަށް އަލުން އުފައްދާ އުފެއްދުން
މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1)، )8( އަދި (9) އަށް އުނިކަމެއް ނާންނާނެ ގޮތަށް، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި، އެ މަސައްކަތުގެ މުސައްނިފު އެނގޭނެ ގޮތަކަށް އަދި އެ މަސައްކަތް ލިބެންހުރި ނުވަތަ ފެންނަން ހުރިގޮތް ވީހާވެސް ބޮޑަކަށް ހާމަކުރުމާއެކު، ތިރީގައިމިވާ ކަންކަން ކުރެވިދާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) ނޫހެއް ނުވަތަ މަޖައްލާއެއްގައި ހިނގަމުންދާ އިގްތިސދީ، އިޖްތިމާއީ، ނުވަތަ ދީނީ ކަމަކާބެހޭގޮތުން ށާއިއުކޮށްފައިވާ ލިޔުމެއް ނުވަތަ އެފަދަ ބްރޯޑްކާސްޓް އުފެއްދުމެއް، ނޫހެއް ނުވަތަ މަޖައްލާއެއްގައި އަލުން އުފެއްދުން ނުވަތަ ބްރޯޑްކާސްޓް ކުރުން ނުވަތަ އެނޫންވެސް އެހެން ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުން. މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން އިސްވެ ބަޔާންކުރެވުނު ކަހަލަ އެއްވެސް އުފެއްދުމެއް އެފަރާތުގެ ހުއްދައާއެކު ނޫނީ އަލުން އުފެއްދުމަށް ނުވަތަ ބްރޯޑްކާސްޓް ކުރުމަށް ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުމަށް ކަނޑައަޅާފައިވާނަމަ، އިސްވެ ބަޔާންކުރެވިފަ އިވާ ގޮތަށް މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައާ ނުލައި އަލުން އެ މަސައްކަތެއް ނުއުފެއްދޭނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގއެއްގައި ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުމުގައި ސިޔާސީ ތަގުރީރެއް، އިލްމީ ތަގުރީރެއް، ދީނީ ނަސޭހަތެއް، ބަޔަކާ މުހާތަބުކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނުވަތަ ގާނޫނީ ނުވަތަ ށަރުއީ މަޖިލީހެއްގައި ކަންތައް ހިނގައި ދިޔަގޮތުގެ ވާހަކައެއް އެންމެފަހުގެ މައުލޫމާތު ދިނުމުގެ ގޮތުން ހަމައާއި އިންސާފުގެ މަތިން އަލުން އުފެއްދުން؛ އަދި
(ނ) ތާޒާ ހަބަރު ފޯރުކޮށްދިނުމުގެ މަގްސަދުގައި އަޑުއިވިފައިވާ ނުވަތަ ފެނިފައިވާ މަސައްކަތެއްގެ ކުރު ބައެއް ހަމައާއި އިންސާފުގެ މަތިން އަލުން އުފެއްދުން.
18 ވަނަ މާއްދާ - ކޮމްޕިއުޓަރ ޕްރޮގްރާމަށް ބަދަލުގެނައުމާއި އަލުން އުފެއްދުން
(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އާއި (3) އަށް އުނިކަމެއް ނާންނާނެ ގޮތަށް، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި ކޮމްޕިއުޓަރ ޕްރޮގްރާމެއް ގަތް ފަރާތަކުން އެ ޕްރޮގްރާމެއް ބޭނުންކުރުމުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ނުވަތަ ބަދަލެއް ގެންނަންޖެހޭ ހިނދެއްގައި ކޮންމެހެން ގެންނަންޖެހޭ ބަދަލަކާއެކު އެފަދަ ޕްރޮގްރާމެއް ތިރީގައިމިވާ ބޭނުންތަކަށް އަލުން އުފެއްދިދާނެއެވެ. (އިސްލާހު ކުރެވިފައި)
- ކޮމްޕިއުޓަރ ޕްރޮގްރާމް ހޯދި ބޭނުމެއްގައި ކޮމްޕިއުޓަރުގައި ބޭނުން ކުރުމަށް؛ ނުވަތަ
- ކޮމްޕިއުޓަރ ޕްރޮގްރާމް ގިނަދުވަހަށް ރައްކާކޮށްފައި ބޭއްވުމުގެ ބޭނުމުގައި ނުވަތަ ބޭނުންކުރަމުންދާ ކޮޕީ ގެއްލިގެން ނުވަތަ ބޭނުން ނުކުރެވޭފަދަ ހާލަތަކަށް ހަލާކުވެގެން އޭގެ ބަދަލުގައި ބޭނުންކުރުމަށް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި އެހެން އެއްވެސްކަމަކަށް ކޮމްޕިއުޓަރ ޕްރޮގްރާމެއްގެ ކޮޕީއެއް ނުވަތަ އެފަދަ ޕްރޮގްރާމަކަށް ބަދަލެއް ގެނެސްގެންވިޔަސް، ބޭނުންކޮށްގެންނުވާނެއެވެ. އަދި އެފަދަ ކޮޕީއެއް ގެންގުޅުން މަނާވެއްޖެ ހިނދެއްގައި، އެ ކޮޕީއެއް ނުވަތަ ބަދަލު ގެނެސްފައިވާ ކޮޕީ، ބަދަލު ދިނުމަކާނުލައި ވަގުތުން ނައްތާލައި އެނޫންވެސް ގޮތަކުން ބޭނުން ނުކުރެވޭނެގޮތަށް ހެދުމުގެ ބާރު ކަމާބެހޭ ސަރުކާރުގެ އިދާރާއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
19 ވަނަ މާއްދާ - މަސައްކަތް އާންމުންނަށް ފެންނަގޮތަށް ބެހެއްޓުން
މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (6) އަށް އުނިކަމެއް ނާންނާނެގޮތަށް ފިލްމެއް، ސްލައިޑެއް، ޓީ.ވީ މަންޒަރެއް ނުވަތަ ސްކްރީނެއްފަދަ ވަސީލަތެއް މެދުވެރިކޮށް ދެއްކޭ ތަކެތި ފިޔަވައި ކުރިން ށާއިއުކޮށްފައިވާ އުފެއްދުމެއް ނުވަތަ މުސައްނިފު ނުވަތަ އޭނާގެ ވާރިސަކު ވިއްކާލާފައި ނުވަތަ އެނޫންވެސް އެހެންގޮތަކަށް އެހެން ފަރާތަކަށް ދީފައިވާ އުފެއްދުމެއްގެ އަސްލު ނުވަތަ ކޮޕީއެއް މުސައްނިފުގެ ހުއްދައާއި ނުލާ އާންމުންނަށް ފެންނަގޮތަށް ބެހެއްޓިދާނެއެވެ.
20 ވަނަ މާއްދާ - ކޮޕީރައިޓުގެ މުއްދަތު
(ހ) މި މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތިން، އުފެއްދުމެއްގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް، އެ އުފެއްދުމެއްގެ މުސައްނިފުގެ ހަޔާތުގައި އަދި އެމީހަކު މަރުވުމަށްފަހު، ފުރިހަމަ 70 (ހަތްދިހަ) އަހަރު ވަންދެން މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް، އެ މުސައްނިފުންގެ ތެރެއިން އެންމެފަހުން ދިރިހުރި މުސައްނިފުގެ ހަޔާތުގައި، އަދި އެއަށްފަހު ފުރިހަމަ 70 (ހަތްދިހަ) އަހަރު ވަންދެން މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތް ފިޔަވައި، ކަލެކްޓިވް އުފެއްދުމާއި އޯޑިއޯ ވިށުއަލް އުފެއްދުމުގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް ހިމާޔަތްކޮށްދެވޭނީ އެ އުފެއްދުމެއް އުފެއްދި ތާރީހު ނުވަތަ ފުރަތަމަ ާންމުންނަށް ލިބެންފެށި ތާރީހު ނުވަތަ ފުރަތަމަ ށާއިއުކުރެވުނު ތާރީހުތަކުގެ ތެރެއިން އެންމެފަހުގެ ތާރީހަކުން ފެށިގެން ފުރަތަމަ 70 (ހަތްދިހަ) އަހަރު ވަންދެންނެވެ. (އިސްލާހު ކުރެވިފައި)
(ރ) އުފެއްދި ފަރާތް ނޭނގޭގޮތަށް ނުވަތަ ވަނަމެއްގައި ށާއިއުކުރެވިފައިވާ އުފެއްދުމެއްނަމަ، އޭގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް ހިމާޔަތްކޮށްދެވޭނީ އެ އުފެއްދުމެއް އުފެއްދި ތާރީހު ނުވަތަ ފުރަތަމަ އާންމުންނަށް ލިބެންފެށި ތާރީހު ނުވަތަ ފުރަތަމަ ށާއިއުކުރެވުނު ތާރީހުތަކުގެ ތެރެއިން އެންމެފަހުގެ ތާރީހަކުން ފެށިގެން ފުރަތަމަ 70 (ހަތްދިހަ) އަހަރު ވަންދެންނެވެ. ނަމަވެސް މި މުއްދަތު ހަމަވުމުގެ ކުރިން މުސައްނިފަކީ ކޮންފަރާތެއްކަން ހާމަވެއްޖެނަމަ ނުވަތަ މުސައްނިފަކީ ކޮންފަރާތެއް ކަމާމެދު ށައްކެއް ނުއުފެދޭނަމަ، މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އަމަލުކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ބ) އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތުގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް ހިމާޔަތްކޮށްދެވޭނީ، އެ އުފެއްދުމެއް އުފައްދާ ތާރީހުން ފެށިގެން ފުރިހަމަ 35 (ތިރީސްފަހެއް) އަހަރު ވަންދެންނެވެ. (އިސްލާހު ކުރެވިފައި)
(ޅ) މި މާއްދާގައި ކަނޑައެޅިފައިވާ މުއްދަތުތައް އެ މުއްދަތެއް ހަމަވާ މީލާދީ އަހަރުގެ ނިޔަލަށް ދެމިއޮންނާނެއެވެ.
21 ވަނަ މާއްދާ - އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތް
(ހ) މި މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކީ އެ އުފެއްދުމެއްގެ މުސައްނިފެވެ.
(ށ) ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަމީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްނަމަ، އެ އުފެއްދުމެއްގެ އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކީ އެ އުފެއްދުމެއް އުފެއްދި ހުރިހާ މުސައްނިފުންނެވެ. ނަމަވެސް މިފަދަ އުފެއްދުމެއްގައި ވަކިވަކިން ބޭނުންކުރެވޭ ބައިތަކެއްވާނަމަ، އަދި އެކިއެކި ބައިތަކުގެ މުސައްނިފުން ވަކިވަކިން އެނގޭނަމަ، އެފަދަ ބައެއްގެ އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކަށް ވާނީ އެބައެއް އުފެއްދި މުސައްނިފު ނުވަތަ މުސައްނިފުންނެވެ.
(ނ) ކަލެކްޓިވް އުފެއްދުމެއްގެ އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކީ އެ އުފެއްދުމެއް އުފައްދަން އިސްނެގި އަދި އިރުށާދުދިން ވަކި ފަރުދު ނުވަތަ ގާނޫނީ ށަހްސެވެ.
(ރ) ފަރުދެއްގެ ނުވަތަ ގާނޫނީ ށަހްސެއް ލިބިފައިވާ ފަރާތެއްގެ މުވައްޒަފަކަށްވެހުރެ އުފައްދާ އުފެއްދުމެއްގެ އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކަށް ވާނީ، އެ ދެފަރާތުގެ ދެމެދުގައި އެހެންގޮތަކަށް އެއްބަސްވެވިފައި ނުވާހާ ހިނދަކު، ވަޒީފާ ދީފައިވާ ފަރާތެވެ.
(ބ) އޯޑިއޯ ވިށުއަލް އުފެއްދުމެއްނަމަ، އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކަށް ވާނީ އެހެން ގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އޭގެ ޕްރޮޑިއުސަރެވެ. އޯޑިއޯ ވިށުއަލް އުފެއްދުމުގައި ބައިވެރިވި މުސައްނިފުންނާއި، އަލަށް އުފައްދާފައިވާ އޯޑިއޯ ވިށުއަލް އުފެއްދުމުގައި ހިމަނާފައިވާ ކުރިން އުފައްދާފައިވާ އުފެއްދުމެއްގެ މުސައްނިފުންގެ އިގްތިސާދީ ހައްގުތައް، އެމީހުން ކޮށްފައިވާ މަސައްކަތުގެ ނިސްބަތުން ނުވަތަ އެ މަސައްކަތްތަކުގެ އިގްތިސާދީ ހައްގުތައް ރައްކާތެރިކުރެވިފައިވާ މިންވަރަކަށް އެފަރާތްތަކުގެ އިގްތިސާދީ ހައްގުތައް ވަކިން ދެމެހެއްޓިގެންދާނެއެވެ. (އިސްލާހު ކުރެވިފައި)
22 ވަނަ މާއްދާ - މުސައްނިފުކަމަށް ބެލުމާއި، މުސައްނިފު ތަމްސީލުކުރުން
(ހ) އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހާ ހިނދަކު، އުފެއްދުމެއްގައި ނުވަތަ މަސައްކަތެއްގައި އޭގެ މުސައްނިފުކަމަށް އާންމު އުސޫލާއެއްގޮތަށް ބަޔާން ކޮށްފައިވާ މީހަކީ އޭގެ މުސައްނިފުކަމަށް ބެލެވޭނެއެވެ. މިގޮތުން ބަޔާންކޮށްފައިވާ ނަމަކީ ވަނަމެއްކަމުގައިވިޔަސް، އެމީހަކީ ކާކުކަމާމެދު ށައްކު ނުއުފެދޭހާ ހިނދަކު، މި މާއްދާގެ ދަށުން އަމަލުކުރެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ފަހުބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކާކުކަން ނޭނގޭގޮތަށް އުފައްދާފައިވާ އުފެއްދުމެއްގައި ނުވަތަ ވަނަމެއް ބޭނުންކޮށްގެން އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހާ ހިނދަކު، އެ އުފެއްދުމެއް ށާއިއުކުރިކަމަށް އުފެއްދުމުގައި ބުނެފައިވާ ފަރާތަކީ މުސައްނިފު ތަމްސީލުކުރާ ފަރާތްކަމަށް ބަލަންވާނެއެވެ. އަދި މިގޮތުން މުސައްނިފަކަށް ލިބިގެންވާ މޯރަލް އަދި އިގްތިސާދީ ހައްގުތައް ބޭނުންކޮށް އެއަށް
އަމަލުކުރުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ. މުސައްނިފު އޭނާއަކީ ކާކުކަން ހާމަކުރުމުން މިގޮތުން ބަލާބެލުން ނިމުމަކަށް އަންނާނެއެވެ.
23 ވަނަ މާއްދާ - މުސައްނިފުގެ ހައްގުތައް އެހެން ފަރާތަކަށް ދިނުމާއި، ބޭނުންކުރުމަށް ލައިސަންސް ދިނުން
(ހ) މުސައްނިފުގެ އިގްތިސާދީ ހައްގުތައް އެއްކޮށް ނުވަތަ އޭގެ ބައެއް އެހެން ފަރާތަކަށް ދެވިދާނެއެވެ.
(ށ) އިގްތިސާދީ ހައްގެއް އެހެން ފަރާތަކަށް ދޭންވާނީ ނުވަތަ އެ ހައްގު ބޭނުންކުރުމުގެ ލައިސަންސް މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ދޭންވާނީ ލިޔުމަކުންނެވެ. މި ލިޔުމުގައި، ދޭ ފަރާތާއި ލިބިގަންނަ ފަރާތުން ނުވަތަ ލައިސަންސް ދޭ ފަރާތާއި ލައިސަންސް ހޯދާ ފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ނ) އިގްތިސާދީ ހައްގެއް އެއްކޮށް ނުވަތަ އޭގެ ބައެއް، އެހެން ފަރާތަކަށް ދޭއިރު ނުވަތަ އެ ހައްގު ބޭނުންކުރުމުގެ ލައިސަންސް މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން ވަކި ފަރާތަކަށް ދޭއިރ،ު ކަނޑައެޅިގެން ބަޔާންކުރެވިފައިވާ ހައްގުތައް ފިޔަވައި އެހެން އިތުރު ހައްގެއް އޭގައި ހިމެނޭނެކަމަށް ނުވަތަ ހިމެނިދާނެކަމަށް ބަލައިގެން ނުވާނެއެވެ. (އިސްލާހު ކުރެވިފައި)
24 ވަނަ މާއްދާ - ކޮޕީރައިޓުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާ (އިސްލާހު ކުރެވިފައި)
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ކޮޕީރައިޓުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއެއް އުފެއްދިދާނެއެވެ. ކޮޕީރައިޓުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއަކ،ީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ވެރިފަރާތްތަކުން ނުވަތަ ކުރިމަގުގައި އެފަދަ ވެރިފަރާތްތަކަށްވާނެ މީހުން ނުވަތަ ވެރިފަރާތްތަކުގެ އޭޖެންޓުން ނުވަތަ ކުރިމަގުގައި އެފަދަ ވެރިފަރާތްތަކަށްވާނެ މީހުންގެ އޭޖެންޓުން ގުޅިގެން އުފައްދާ ޖަމްއިއްޔާއެކެވެ. އެފަދަ ޖަމްއިއްޔާއެއް އުފައްދާނަމަ، މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ އުފެއްދުންތައް އެހެން ފަރާތްތަކުން ބޭނުންކުރުމަށްޓަކައި ލައިސަންސް ދޫކުރުން ނުވަތަ އެފަދަ ލައިސަންސްތައް ދޫކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު ނެގޯށިއޭޓުކުރުން އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެންވާނެއެވެ.
3 ވަނަ ބާބު
އުފެއްދުމަކާ ގުޅިގެން ހުއްދަ ހޯދަންޖެހޭ ހާލަތްތަކާއި އިސްތިސްނާ ހާލަތްތައް (ސުރުހީ އިސްލާހު ކުރެވިފައި)
25 ވަނަ މާއްދާ - ސްޓޭޖުފަދަ ތަންތަނުގައި މަސައްކަތްތަކާއި އުފެއްދުންތައް ހުށަހަޅައިދޭ ފަންނާނުންގެ ހުއްދަ ހޯދަންޖެހޭ ކަންތައްތައް
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ތިރީގައި ބަޔާން ކޮށްފައިވާ ކަންތައްތައްކުރުމާއި އެކަންތައްތަކަށް ހުއްދަ ދިނުމުގެ ހައްގު ލިބިގެންވަނީ ޕަރފޯމް ކުރާ ފަންނާނަކަށެވެ.
- ތިރީގައި ބަޔާންކުރެވިފައިވާ ހާލަތްތައް ފިޔަވައި އެނޫންގޮތަކަށް ފަންނާނެއްގެ މަސައްކަތް ނުވަތަ އުފެއްދުން ބްރޯޑްކާސްޓް ކުރުން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުން؛
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަހަލަ ފިކްސޭށަނަކަށްނުވާ ފިކްސޭށަނަކުން ނުވަތަ ފަންނާނުގެ ހުއްދަ ހޯދުމަކާނުލައި ހަދާފައިވާ ފިކްސޭށަނަކުން ބްރޯޑްކާސްޓް ކުރުން ނުވަތަ އާންމުންނަށް ފޯރުކޮށްދިނުން؛ ނުވަތަ
(ށ) އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރި ޖަމާއަތުން ނުވަތަ އެފަރާތުގެ ހުއްދައާއި އެކު އަލުން އެ ބްރޯޑްކާސްޓް ކުރުން ނުވަތަ އާންމުންނަށް ފޯރުކޮށްދިނުން. - ފަންނާނުގެ ފިކްސްނުކުރާ ޕަރފޯމަންސެއްގެ ފިކްސޭށަން؛
- ފަންނާނެއްގެ ޕަރފޯމަންސެއްގެ ފިކްސޭށަން ސީދާކޮށް ނުވަތަ ނުސީދާކޮށް އެއްވެސް ސިފައަކަށް އަލުން އުފެއްދުން؛
- ފަންނާނެއްގެ ޕަރފޯމަންސެއްގެ ފިކްސޭށަނެއް ނުވަތަ އޭގެ ކޮޕީއެއް، އެ ފަންނާނެއް ކުރިން ޑިސްޓްރިބިއުޓްކުރުމުގެ ހުއްދަ ދީފައިނުވާނަމަ، އެ އުފެއްދުމެއް އާންމުންނަށް ފޯރުކޮށްދިނުން؛ (އިސްލާހު ކުރެވިފައި)
- ފަންނާނެއްގެ ޕަރފޯމަންސެއްގެ ފިކްސޭށަނެއް ނުވަތަ އޭގެ ކޮޕީގެ ވެރިފަރާތަކީ ކޮންމެ ފަރާތެއްކަމުގައިވިޔަސް، އާންމުންނަށް ކުއްޔަށް ދިނުން؛ އަދި (އިސްލާހު ކުރެވިފައި)
- އާންމުން ބޭނުން ތާކުން ބޭނުން ވަގުތަކު ފަންނާނެއްގެ މަސައްކަތެއް ފެންނާނޭގޮތަށް ނަރެއްގެ ޒަރީއާއިން ނުވަތަ ވަޔަރލެސްކޮށް އެ ފަންނާނުގެ ޕަރފޯމަންސްގެ ފިކްސޭށަން އާންމުންނަށް ލިބޭނޭގޮތް ހެދުން.
(ށ) (އުނި ކުރެވިފައި)
(ނ) ފަންނާނެއްގެ އިގްތިސާދީ ހައްގުތަކާއި ވަކިން، އަދި އެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުވެފައި ވީނަމަވެސް، އޭނާ ވަގުތުން ހުށަހަޅަމުން ގެންދާ ޕަރފޯމަންސެއްގެ ނުވަތަ އެފަދަ ޕަރފޯމަންސެއްގެ ފިކްސޭށަނެއްގައި އެ ޕަރފޯމަންސެއް ހުށަހަޅައިދިނީ އޭނާކަން ހާމަކުރުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ. އަދި އޭނާގެ އަބުރާއި އިއްޒަތަށް އުނިކަމެއް އަތުވެދާނެފަދަ ގޮތަކަށް އެފަދަ ޕަރފޯމަންސަކަށް ބަދަލުގެނެވިފައިވާނަމަ، އެފަދަ ކަންކަމާއި ދެކޮޅަށް ށަކުވާ އުފުލުމުގެ ހައްގުވެސް އޭނާއަށް ލިބިގެންވެއެވެ. ޕަރފޯމަންސް ބޭނުންކުރެވޭގޮތުގެ ސަބަބުން ފަންނާނުގެ ނަން ހާމަނުކުރާ ހާލަތްތައް މި މާއްދާއިން އިސްތިސްނާވެއެވެ. މި މާއްދާގެ ދަށުން ލިބިދޭ ހައްގުތަކަށް، މައްސަލައެއްގެ ހާލަތަށް ބަލާފައި މި ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރެވިފައިވާ ހައްގުތައް ލިބިދެއެވެ.
(ރ) ޕަރފޯމް ކުރާ ފަންނާނުން ކޮންޓްރެކްޓް ހަދާއިރު މި ގާނޫނުގެ އެއްވެސް މާއްދާއަކުން، އެ ފަންނާނުންނަށް ފައިދާހުރިގޮތަށް ކޮންޓްރެކްޓް ހެދުމުގެ މައްޗަށް އޮންނަ އެއްވެސް ހައްގަކަށް މި ގާނޫނުގެ އެއްވެސް މާއްދާއެއް ހުރަހެއް ނާޅައެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް، ހުށަހަޅައިދޭ ހުށަހެޅުމުގެ އަޑު ފޮނޮގްރާމެއް (އަޑު ހިފަހައްޓާ އެއްޗެއް) ގައި ފިކްސޭށަނަކަށްވާ ތާރީހަކުން ފެށިގެން ނުވަތަ އެފަދަ ފިކްސޭށަނެއް ނެތް ހިނދެއްގައި ޕަރފޯމް ކުރާ ތާރީހަކުން ފެށިގެން 70 (ހަތްދިހަ) އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކޮށްދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
26 ވަނަ މާއްދާ - އަޑުގެ ރިކޯޑިންގއެއް އުފައްދާ ޕްރޮޑިއުސަރުގެ ފަރާތުން ހުއްދަ ހޯދަންޖެހޭ ކަންތައްތައް
(ހ) މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން، އަންނަނިވި ކަންކަން ކުރުމުގެ ހައްގު ނުވަތަ އެ ކަންކަންކުރަން ހުއްދަދިނުމުގެ ހައްގު ލިބިފައިވަނީ ހަމައެކަނި އަޑުގެ ރިކޯޑިންގއެއް އުފައްދާ ޕްރޮޑިއުސަރަށެވެ.
- އަޑުގެ ރިކޯޑިންގއެއް ކޮންމެ ސިފައެއްގައި ވިޔަސް، ސީދާކޮށް ނުވަތަ ނުސީދާކޮށް އަލުން އުފެއްދުން؛
- ޕްރޮޑިއުސަރުގެ ހުއްދައާއެކު އާންމުންނަށް އަދި ފޯރުކޮށްނުދޭ އަޑުގެ ރިކޯޑިންގއެއްގެ އަސްލު ނުވަތަ ކޮޕީ އާންމުންނަށް ވިއްކުން ނުވަތަ އެނޫންވެސް އެހެން ގޮތަކަށް މިލްކުވެރިކަން ބަދަލުކުރުން؛
- ކޮޕީގެ ވެރިފަރާތަކީ ކޮންމެ މީހެއްކަމުގައި ވިޔަސް، އަޑުގެ ރިކޯރޑިންގއެއްގެ ކޮޕީއެއް އާންމުންނަށް ކުއްޔަށް ދޫކުރުން ނުވަތަ އަނބުރާ ގެނެސްދޭގޮތަށް އާންމުންނަށް ދޫކުރުން؛ އަދި
- ނަރެއް ނުވަތަ ވަޔަރލެސްގެ ޒަރީއާއިން އަޑުގެ ރިކޯޑިންގއެއް މީހުންނަށް ބޭނުންތާކުން ބޭނުން ވަގުތަކު އާންމުކޮށް ލިބޭނޭގޮތްހެދުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ހައްގުތައް، އަޑުގެ ރިކޯޑިންގ ށާއިއުކުރެވުނު ތާރީހުން ފެށިގެން، ނުވަތަ ށާއިއުކުރެވިފައިނުވާ ރިކޯޑިންގއެއްނަމަ، އެ ރިކޯޑިންގއެއްގެ ފިކްސޭށަން ހެދިފައިވާ ތާރީހުން ފެށިގެން 70 (ހަތްދިހަ) އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކޮށްދެވޭނެއެވެ. (އިސްލާހު ކުރެވިފައި)
27 ވަނަ މާއްދާ - އަޑުގެ ރިކޯޑިންގއެއް ބޭނުންކުރުމަށް ދެވޭ ހަމަ އުޖޫރަ
(ހ) އާންމުންނަށް އެއްވަގުތަކު އެއްތަނަކުން އެ އަޑުގެ ރިކޯޑިންގ އިވުން ނުވަތަ އެމީހުން ހިޔާރުކުރާ ތަންތަން އަދ/ިނުވަތަ ވަކިވަކިން ހިޔާރުކުރާ ވަގުތުތަކުގައި އެ އަޑުގެ ރިކޯޑިންގއެއް އަޑުއިވުން ފިޔަވައި، ވިޔަފާރީގެ ބޭނުމަށް މީހަކު އުފައްދާ ށާއިއުކޮށްފައިވާ އަޑުގެ ރިކޯޑިންގއެއް ނުވަތަ މިފަދަ އުފެއްދުމަކުން އަލުން ރިކޯޑްކޮށްފައިވާ އެއްޗެއް ސީދާ ބްރޯޑްކާސްޓް ކުރުމަށް ނުވަތަ އާންމު ތަނެއްގައި ޕަރފޯމް ކުރުމަށް ނުވަތަ މިނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުމަށް ބޭނުންކޮށްފިނަމަ، ބޭނުންކުރި ފަރާތުން ޕަރފޯމް ކުރި ފަންނާނަށް ނުވަތަ ފަންނާނުންނަށް އަދި އަޑުގެ ރިކޯޑިންގ އުފެއްދި ޕްރޮޑިއުސަރަށް އިންސާފުވެރި އުޖޫރައެއް އެއްފަހަރާ ދައްކަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ށ) އަޑުގެ ރިކޯޑިންގއެއް އުފެއްދި ޕްރޮޑިއުސަރާއި ޕަރފޯމް ކުރި ފަންނާނު ނުވަތަ ފަންނާނުންނާއި ދެމެދުގައި އެހެންގޮތަކަށް އެއްބަސްވެފައި ނުވާހާ ހިނދަކު، މި މާއްދާގެ (ހ) ގައި ބުނެފައިވާ އުޖޫރައަށް ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައި ޕަރފޯމް ކުރި ފަންނާނަށް ނުވަތަ ފަންނާނުންނަށް ޕްރޮޑިއުސަރު ދޭންވާނެއެވެ.
(ނ) އަޑުގެ ރިކޯޑިންގއެއް ށާއިއުކޮށްފައިވާ ތާރީހުން ފެށިގެން ނުވަތަ ށާއިއުކޮށްފައިނުވާނަމަ، އެ ރިކޯޑިންގއެއްގެ ފިކްސޭށަން ހަދާ ތާރީހުން ފެށިގެން 70 (ހަތްދިހަ) އަހަރު ހަމަވާ އަހަރުގެ ނިޔަލަށް މި މާއްދާގައި ބުނެފައިވާ އިންސާފުވެރި އުޖޫރައިގެ ހައްގު ހިމާޔަތްކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
(ރ) އާންމުކޮށް މީހުންނަށް ބޭނުން ތަނެއްގައި ބޭނުން ވަގުތަކު ލިބޭގޮތަށް ނަރު ނުވަތަ ވަޔަރލެސްގެ ޒަރީއާއިން އަޑުގެ ރިކޯޑިންގއެއް ފޯރުކޮށްދީފައިވާނަމަ، މި މާއްދާގެ ބޭނުމަށްޓަކައި ބެލެވޭނީ މިފަދަ ރިކޯޑިންގއެއް ށާއިއުކޮށްފައިވަނީ ވިޔަފާރީގެ ބޭނުމަށް ކަމަށެވެ.
28 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރާ ތަންތަނުން ހުއްދަ ހޯދަންޖެހޭ ކަންތައްތައް
(ހ) ތިރީގައިމިވާ ކަންތައްތައްކުރުމުގެ ނުވަތަ ކުރަން ހުއްދަދިނުމުގެ ހުރިހާ ހައްގެއް ލިބިގެންވަނީ މި ގާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން، ހަމައެކަނި ބްރޯޑްކާސްޓް ކުރާ ތަނަކަށެވެ.
- އެތަނަކުން ބްރޯޑްކާސްޓް ކޮށްފައިވާ އެއްޗެއް އަލުން ބްރޯޑްކާސްޓް ކުރުން؛
- އެތަނަކުން ކޮށްފައިވާ ބްރޯޑްކާސްޓެއް އާންމުންނަށް މުއާސަލާތުކުރުން؛
- އެތަނަކުން ބްރޯޑްކާސްޓް ކޮށްފައިވާ އެއްޗެއްގެ ފިކްސޭށަން ހެދުން؛ އަދި
- އެތަނަކުން ބްރޯޑްކާސްޓް ކޮށްފައިވާ އެއްޗެއް އަލުން އުފެއްދުން.
(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް، ބްރޯޑްކާސްޓް ކުރާ ތާރީހަކުން ފެށިގެން 70 (ހަތްދިހަ) އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)
29 ވަނަ މާއްދާ - ހިމާޔަތްކުރެވިފައި ނުވާ ތަކެތި
މި ގާނޫނުގެ 25، 26، 27 އަދި 28 ވަނަ މާއްދާ ތިރީގައި ބަޔާންކޮށް ހަވާލާދީފައިވާ ކަންތައްތަކުގެ މައްޗަކަށް ނުހިނގާނެއެވެ.
(ހ) އޭރަކު ހިނގާ ކަންތައްތަކާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ މަގްސަދުގައި އެކަމަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރުނުވާގޮތަށް އެ މަސައްކަތަކުން ކުޑަމިންވަރެއް ބޭނުން ކުރުން؛
(ށ) ސައިންސްގެ ރޮނގުން ހަމައެކަނި ދިރާސާއެއްކުރުމުގެ ބޭނުމުގައި ކުރިން އުފައްދާފައިވާ އެއްޗެއް އަލުން އުފެއްދުން؛
(ނ) ކިޔަވައިދިނުމުގެ ބޭނުމަށް ނުވަތަ މައުލޫމާތު ދިނުމަށް އުފައްދާފައި ހުންނަ ހުށަހެޅުންތަކާއި އަޑު ހިފަހައްޓާފައި ހުންނަ ފޮނޮގްރާމްތައް ފިޔަވައި އެހެންތަކެތި ހަމައެކަނި ކްލާހެއްގައި ކިޔަވައިދޭ ފަދައިން އުނގަންނައިދިނުމަށް އަލުން އުފެއްދުން؛ އަދި
(ރ) މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި މަސައްކަތެއް ނުވަތަ އުފެއްދުމެއް ބޭނުންކުރެވޭ ހާލަތްތަކަށް. (އިސްލާހު ކުރެވިފައި)
29-1 ވަނަ މާއްދާ - ހުއްދަކޮށްފައިވާ އިދާރާތައް (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)
(ހ) އަންނަނިވި ށަރުޠުތައް ފުރިހަމަވާނަމަ، ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ނެތި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެގޮތަށް އުފެއްދުމެއްގެ ކޮޕީއެއް ހެދުމާއި، ހުއްދަކޮށްފައިވާ އެހެން އިދާރާއަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެގޮތަށް ތައްޔާރުކުރާ އުފެއްދުމެއްގެ ކޮޕީއެއް ހޯދައި، އެ ކޮޕީތައް، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިޔަފާރި އުސޫލުން ނޫންގޮތަކަށް ބޭނުންކުރުމަށް ނުވަތަ އިލެކްޓްރޯނިކް މުއާމަލާތްތައް މެދުވެރިކޮށް، ނުވަތަ އެހެންވެސް ހަރަކާތެއް ހިންގައިގެން ފޯރުކޮށްދިނުމުގެ ހުއްދ،ަ ހުއްދަކޮށްފައިވާ އިދާރާތަކަށް ލިބިގެންވެއެވެ.
- އެ ހަރަކާތެއް ހިންގަން ބޭނުންވާ ފަރާތަކީ އެ އުފެއްދުމެއް ނުވަތަ އެ އުފެއްދުމެއްގެ ކޮޕީއެއް ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތަކަށްވުން.
- ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެގޮތަށް ބަދަލުކުރުމަށް ބޭނުންވާ ބަދަލުތައް ފިޔަވައި އެހެން ބަދަލެއް ގެނެސްފައިނުވާ އުފެއްދުންތައް؛
- އެ އުފެއްދުމެއްގެ ކޮޕީ ފޯރުކޮށްދެނީ ހަމައެކަނި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމުގައިވުން؛
- އެ ހަރަކާތަކީ ނޮނ-ްޕްރޮފިޓް އު ސޫލުން ހިންގާ ހަރަކާތަކަށްވުން.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ''ހުއްދަކޮށްފައިވާ އިދާރާ'' ކަމަށް ބުނެފައި އެވަނީ، ފެނުމުގެ ދަތިކަން ހުންނަ މީހުންނަށް ތައުލީމާއި ތަމްރީނާއި، އެޑެޕްޓިވް ރީޑިންގ ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާއަކުން ހުއްދަކުރާ ނުވަތަ ގަބޫލުކުރާ ފަރާތަކަށެވެ. މީގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ތެރެއިން، އެތަނެއްގެ އަސާސީ އެއް ހަރަކާތަކީ އެފަދަ ފަރާތްތަކަށް ހިދުމަތް ދިނުން ކަމުގައި ކަނޑައަޅާފައިވާ އިދާރާތަކާއި ޖަމްއިއްޔާތައްވެސް ހިމެނެއެވެ.
29-2 ވަނަ މާއްދާ - ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)
(ހ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތައް ބެލުމަށް ހަވާލުވެފައިވާ ފަރާތްތައް ހިމެނޭ ގޮތަށް، އެމީހެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން ގޮތަކުން އެހީތެރިވުމަށްޓަކައި އުފެއްދުމެއް ބޭނުންކުރެވޭފަދަ ގޮތަށް އޭގެ ކޮޕީއެއް ހެދުމުގެ ހުއްދ،ަ އެ އުފެއްދުމެއް ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތަކަށް ލިބިގެންވެއެވެ.
(ށ) ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ނެތި، އުފެއްދުމެއްގެ ބޭނުންކުރެވޭފަދަ ގޮތަށް ތައްޔާރުކުރާ ކޮޕީއެއް އުފައްދައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުމަށް ބޭނުންކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ހުއްދައެއް ވަކި ފަރާތަކަށް ދީފައިވާ ކަމުގައި ބެލޭނީ، އެ ހުއްދަ ދީފައިވަނީ، އެ އުފެއްދުމެއްގެ ކޮޕީ ބޭނުންކުރާނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ނޫން ފަރާތެއްކަން އެނގިފައިނުވާނަމަ ނުވަތަ އެނގޭނެ ސަބަބުތަކެއް ނެތް ހާލަތެއްގައި ނަމައެވެ. މިފަދަ ކޮޕީއެއް އުފެއްދޭނީ ނުވަތަ ޑިސްޓްރިބިއުޓްކުރެވޭނީ މި ގާނޫނުގެ ދަށުން ަދާ ގަވާއިދުގައި ބަޔާންކުރާ ހާއްސަ ހާލަތްތަކެއްގައި، އެ އުފެއްދުމެއްގެ ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަކަށް އުނިކަމެއް ނާންނާނެފަދަ ގޮތަކަށެވެ.
(ރ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުމަށްޓަކައި، އެފަރާތްތަކަށް ބޭނުންކުރެވޭނެގޮތަށް ތައްޔާރުކުރާ އުފެއްދުމެއްގެ ކޮޕީއެއް، ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ނެތި އެތެރެކުރުމުގެ ހުއްދަ ލިބިގެންވެއެވެ.
(ބ) މި މާއްދާ ހިނގާ އުފެއްދުންތަކުގެ ތެރޭގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ، ކޮންމެވެސް ސިފައެއްގައި ށާއިއުކޮށްފައިވާ ނުވަތަ އެހެންވެސް ގޮތަކުން އާންމުކޮށްފައިވާ ލިޔުންތަކާއި، ނޮޓޭށަންތަކާއި، ތަސްވީރުތަކާއި، އަޑުގެ ރިކޯޑިންގތައް ހިމެނެއެވެ.
(ޅ) މި މާއްދާގެ ބޭނުމަށް ''ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް'' ކަމަށް ބުނެފައި އެވަނީ:
- ލޯފަންވެފައިވާ މީހަކު ކަމަށްވުން؛ ނުވަތަ
- އެމީހަކީ ފެނުމުގެ އުނިކަމެއް ނުވަތަ ވިސްނުމުގެ ނުވަތަ އުނގެނުމުގެ ނުކުޅެދުންތެރިކަމެއް ހުރެ އެކަން އިތުރަށް ރަނގަޅުވުމުގެ ފުރުސަތު ނެތުމުގެ ސަބަބުން އެފަދަ އުނިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއް ނެތް މީހަކާ އެއްވަރަށް ޗާޕުކޮށްފައިވާ ލިޔުންތައް ކިޔަން ނޭނގޭ މިންވަރަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު ކަމަށްވުން؛ ނުވަތަ
- އެމީހަކީ އެހެން ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން، ފޮތެއް ހިފަހައްޓައިގެން ކިޔުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން ނުވަތަ ލޮލުން ފޯކަސްނުކުރެވޭ ނުވަތަ ލޯ ހަރަކާތް ނުކުރެވޭ މީހަކަށްވުމުގެ ސަބަބުން އެ ފޮތުގައިވާ ލިޔުމެއް ނުވަތަ އެނޫންވެސް ބަލައިގެން ކިޔޭނެފަދަ މައުލޫމާތެއް އާންމުކޮށް ކިޔުމަށް ބޭނުންވާ މިންވަރަށް ކިޔުމަށް ނުކުޅެދުންތެރިވާ މީހަކު ކަމަށްވުން.
29-3 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)
(ހ) މި މާއްދާގައި ބަޔާންކުރާ އިސްތިސްނާގެ އުސޫލުތައް ހިނގާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެފަރާތެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބޭނުންކުރުން ހުއްދަކުރާ އުފެއްދުމެއް އެހެން ފަރާތްތަކެކޭ އެއްފަދައިން ބޭނުން ނުކުރެވޭ ހާލަތްތަކުގައެވެ.
(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ނުވަތަ އެފަރާތެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުން އެހެން ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން ބޭނުންކުރުން ހުއްދަކުރާ އުފެއްދުމެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ އަމިއްލަ ބޭނުމަށްޓަކައި އެފަރާތަކަށް ބޭނުންކުރެވޭފަދަ ގޮތަކަށް އެ އުފެއްދުމެއްގެ ކޮޕީއެއް ތައްޔާރުކުރުމަކ،ީ ކޮޕީރައިޓުގެ ހައްގަށް އަރައިގަތުން ކަމުގައެއް ނުބެލެވޭނެއެވެ.
(ނ) މި މާއްދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭފަދަ ގޮތަށް ތައްޔާރުކުރާ އުފެއްދުމެއްގެ ކޮޕީއެއް ކުއްޔަށް ދެވޭނީ ނުވަތަ ވިއްކޭނީ ނުވަތަ ވިއްކުމަށް ނުވަތަ ކުއްޔަށް ދިނުމަށް މަގުފަހިކޮށްދެވޭނީ، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައާއެކުގައެވެ.
29-4 ވަނަ މާއްދާ - ވިޔަފާރި ފައިދާއަކަށް ނުވާގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ޓެކްސްޓް އަދި ޑޭޓާ އެނެލިސިސްގެ ކޮޕީ ހެދުން (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)
(ހ) އަންނަނިވި ށަރުޠުތައް ފުރިހަމަވާނަމަ، ވަކި އުފެއްދުމެއް ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތަކުން އެ އުފެއްދުމެއްގެ ކޮޕީއެއް ހެދުމަކީ ކޮޕީރައިޓަށް އަރައިގަތުން ކަމުގައެއް ނުބެލެވޭނެއެވެ.
- އެ ކޮޕީ ހަދާފައިވަނީ، އެ އުފެއްދުމެއް ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތަކުން، ހަމައެކަނި ވިޔަފާރި ފައިދާއަކަށް ނުވާގޮތަށް ކުރާ ދިރާސާއެއްގެ ބޭނުމަށް، އެ އުފެއްދުމެއްގައި ރިކޯޑްކުރެވިފައިވާ ޑޭޓާގެ ކޮމްޕިއުޓޭށަނަލް އެނެލިސިސްއެއް ހެދުމުގެ ބޭނުމަށް ކަމަށްވުން؛ އަދި
- އެ ކޮޕީގައި، އެއީ ވަކި އުފެއްދުމެއްގެ ނަކަލެއްކަން ބަޔާންކޮށްފައި އޮތުން (އެއީ، އެ ކޮޕީގެ ބާވަތުން އަމަލީގޮތުން ކުރެވެން ނެތް ކަމެއްކަމަށްވާ ހާލަތުގައި ފިޔަވައި).
(ށ) އަންނަނިވި ށަރުޠުތައް ފުރިހަމަވާ ހާލަތުގައި، އެއްވެސް ފަރާތަކުން ވަކި އުފެއްދުމެއްގެ ކޮޕީއެއް ހެދުމަކީ އެ އުފެއްދުމެއްގެ ކޮޕީރައިޓަށް އަރައިގަތުން ކަމުގައި ބެލެވޭނެއެވެ.
- މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން ހުއްދަ ދީފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތެއްގައި ތިންވަނަ ފަރާތަކަށް ކޮޕީރައިޓު ބަދަލުކުރުން؛
- މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން ހުއްދަ ދީފައިވާ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް އެ ނަކަލު ބޭނުންކުރުން.
(ނ) މި މާއްދާގެ ދަށުން ތައްޔާރުކުރާ ކޮޕީއެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޭނުންކުރުމަށްފަހު، އޭގެ އިތުރަށް ބޭނުންކުރާނަމަ، އެ މުއާމަލާތުގެ ބޭނުމަށް އެ ކޮޕީއެއް ބަލާނީ ކޮޕީރައިޓާ ހިލާފު ކޮޕީއެއްގެ ގޮތުގައެވެ.
(ރ) މި ގާނޫނުގެ ދަށުން ކޮޕީރައިޓަށް އަރައިނުގަނެވޭފަދަ ގޮތަށް ކޮޕީއެއް ތައްޔާރުކުރުމުގެ ހުއްދަ އޮތް އުފެއްދުމެއްގެ ކޮޕީއެއް ތައްޔާރުކުރުން މަނާކުރާ ގޮތަށް އެއްބަސްވުމެއް އެކުލަވާލައިފިނަމަ، މި ގާނޫނުގެ މަގްސަދަށްޓަކައި އެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެކެވެ.
4 ވަނަ ބާބު
ހައްގުތައް ލިބިދިނުން
30 ވަނަ މާއްދާ - ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ދައުވާކުރުން (ސުރުހީއާއި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެއްދުމަކާ ގުޅޭގޮތުން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭ ހައްގުގެ ބޭނުންކޮށް، އެފަރާތުގެ އެ ހައްގަށް އަރައިގަތުން ހުއްޓުވުމަށް ނުވަތަ އެކަމުގެ ސަބަބުން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިފައިވާ އަދި ލިބެމުންދާ އެންމެހައި ގެއްލުމެއްގެ ބަދަލު ހޯދުމަށް ނުވަތަ އެނޫންވެސް މިލްކުވެރިކަމުގެ ހައްގެއް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގޮތުން ގާނޫނު ހުއްދަކުރާ ކޮންމެ ފިޔަވަޅެއް އަޅައިދިނުމަށް އެދި ދައުވާކުރުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
31 ވަނަ މާއްދާ - ހައްގަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުން (ސުރުހީ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ހައްގަކަށް އަރައިގަތުން ނުވަތަ އަރައިގަންނަމުން ދިޔުން ހުއްޓުވުމަށްޓަކައި، ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ހައްގަށް އަރައިގަތުމުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ އެކަން ހުއްޓުވުމުގެ ބާރު ލިބިފައިވާ ކޮންމެ ފަރާތަކަށްވެސް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރުތައް ކުރުމުގެ އިތުރުން، މަދަނީ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެޅުމަށް ހުއްދަކުރާ އެންމެހައި ފިޔަވަޅުތަކެއް އެޅުމުގެ ފުރިހަމަ ބާރު ކޯޓަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)
(ނ) (އުނި ކުރެވިފައި)
(ރ) (އުނި ކުރެވިފައި)
(ބ) (އުނި ކުރެވިފައި)
(ޅ) (އުނި ކުރެވިފައި)
31-1 ވަނަ މާޢްދާ - ބަދަލު ލިބިދިނުމާއި އެނޫން ފަރުވާ ނަގައިދިނުން (ސުރުހީއާޢި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، ކޮޕީރައިޓުގެ ވެރިފަރާތަށް މި ގާނޫނުން ލިބިދީފައިވާ ހައްގަށް އަރައިގަތުން ނުވަތަ އަރައިގަންނަމުން ދިޔުން ހުއްޓުވުމަށްޓަކައި މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން އަމުރުތައް ނެރުމުގެ އިތުރުން، ކޮޕީރައިޓުގެ ވެރިފަރާތަށް މި ގާނޫނުން ލިބިދީފައިވާ ހައްގަށް އަރައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ކޮޕީރައިޓުގެ ވެރިފަރާތަށް ބަދަލު ލިބިދިނުމަށާއި، މުސްތަގްބަލުގައި އެ ހައްގަށް އަރައިގަތުން މަނާކުރުމުގެ ގޮތުން އަންނަނިވި ބާވަތުގެ ފަރުވާތައް ކޯޓުން ނަގައިދެވިދާނެއެވެ.
- ބަދަލު ހޯދުމަށް ހިނގާފައިވާ އެންމެހައި ހަރަދާއި ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތް ފަރާތަށް އެކަމުން ލިބުނު ފައިދާ ހިމެނޭ ގޮތުން، ކޮޕީރައިޓުގެ ވެރިފަރާތުގެ މާލަށާއި އަބުރަށް ލިބުނު ސީދާ އަދި ނުސީދާ ގެއްލުމެއްގެ ބަދަލު ހައްގަށް އަރައިގަތް ފަރާތުގެ ކިބައިން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދިނުން؛
- ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ގޮތުން އެ ހައްގަށް އަރައިގަތް ފަރާތުން ގަސްދުގައި ނުވަތަ އެކަށީގެންވާ ފަރުވާ ނުބަހައްޓައި ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، އަދަބެއްގެ ގޮތުން އެފަރާތް 10,000 )ދިހަހާސް( ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ޖޫރިމަނާ ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދިނުން؛
- ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ގޮތުން އުފައްދާފައިވާ އެންމެހައި އުފެއްދުންތަކާއި އޭގެ ނަކަލުތައް ކޮޕީރައިޓުގެ ވެރިފަރާތާ ހަވާލުކުރުމަށް ނުވަތަ އެތަކެތި ނައްތާލުމަށް ނުވަތަ އެތަކެތި ވިޔަފާރީގެ ބާޒާރުން ނެގުމަށް އަމުރުކުރުން؛
- ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ތުހުމަތުކުރެވޭ ފަރާތުން މުސްތަގްބަލުގައިވެސް ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގެންފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް ހުރިނަމަ، އެކަން މަނާކުރުމުގެ ގޮތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް އެފަރާތުގެ މައްޗަށް އަމުރުކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) އަދި (2) އެހެން އޮތްނަމަވެސް، ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ތުހުމަތުކުރެވިފައިވާ ފަރާތުން އެ ހައްގަށް އަރައިގަތުމަށް ކުރި އަމަލެއް އެފަރާތަކުން ކޮށްފައިވަނީ، އެކަށީގެންވާ ސަބަބުވެރި މިންގަނޑަކުން ބަލާއިރ،ު އެއީ އެފަދަ ކަމެއްކަން ނޭނގިހުރެ ކަމަށްވާނަމަ ނުވަތަ އެއީ އެފަދަ ކަމެއްކަން ދެނެގަނެވޭނެ ހާލަތެއް ވުޖޫދުވެފައިނުވާނަމަ، އެފަރާތުގެ ކިބައިން ނަގައިދެވޭނީ އެފަރާތަށް އެކަމުން ލިބުނު ފައިދާގެ ބަދަލެއް އެކަންޏެވެ.
31-2 ވަނަ މާއްދާ - ޖިނާއީ ޒިންމާ އުފުލުން (ސުރުހީއާޢި މުޅި މާއްދާ އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގައި ބަޔާންކުރާ ހައްގަކަށް އަރައިގަތުމުގެ އަމަލަކ،ީ މި ގާނޫނުގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއްނަމަ، އެކަން ތަހްގީގުކުރުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހުށަހެޅުމުގެ ހައްގު ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އަދި އެފަދަ އަމަލެއް ހިނގައިފިކަން ނުވަތަ ހިނގަމުންދާކަމުގެ ރިޕޯޓު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިއްޖެނަމަ ނުވަތަ އެއިން އިދާރާއެއްގެ ސަމާލުކަމަށް އެކަ ން އައިސްފިނަމަ، އެކަމުގެ ފުރިހަމަ ތަހްގީގެއް ކޮށް، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.
(ށ) މި ގާނޫނުގައި ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކ،ީ މި ގާނޫނުގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާ ދެކޮޅަށް މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މަދަނީ ދައުވާއެއް އުފުލައި އެފަދަ ދައުވާއެއްގައި އެފަރާތަކާ ދެކޮޅަށް ނަގައިދެވޭ މަދަނީ ފަރުވާތައް ކޯޓުން ކަނޑައެޅުމުގެ އިތުރުން، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން އެފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.
32 ވަނަ މާއްދާ - ޖިނާއީ ފިޔަވަޅުތައް
(ހ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް ގަސްދުގައި އުނިކަމެއް އަންނާނެ ގޮތަކަށް އަމަލުކޮށްފިނަމަ، ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތަށް ގެއްލުންވާނެކަން އެނގިހުރެ އެފަދަ އަމަލެއް ކޮށްފިނަމަ، އެ އަމަލެއް ކުރި ފަރާތަކުން އެ ކުރަނީ ކުށެކެވެ. (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކ،ީ އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 50,000 (ފަންސާސްހާސް) ރުފިޔާއާއި 300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގެ ދަށުން އަދަބު ކަނޑައެޅުމުގައި ހިމާޔަތްކުރެވިފައިވާ ހައްގެއްގެ ވެރިފަރާތަށް ލިބިފައިވާ ނުވަތަ ލިބޭނެ ގެއްލުމެއްގެ މައްޗަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.(އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ސާބިތުވެފައިވާ ފަރާތަކުން ކުށް ތަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކަށް މި މާއްދާގެ (ށ) އިން ކަނޑައަޅާފައިވާ ކުށުގެ އަދަބުގެ ދެގުނަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)
33 ވަނަ މާއްދާ - ހައްގުތައް ހިމާޔަތްކުރުމަށް ބޭނުންކުރާ ފަންނީ ވަސީލަތްތަކާއި ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަންގެ ހައްގުތަކަށް ނަހަމަގޮތުގައި އަރައިގަތުމުން އެކަމާދެކޮޅަށް
އަޅާފިޔަވަޅުތަކާއި ކަނޑައަޅާ އަދަބުތައް
(ހ) މި ގާނޫނުގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާއި 1-31 ވަނަ މާއްދާއާއި 2-31 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގައި، އަންނަނިވި އަމަލުތައް ބަލާނީ އެއީ ގާނޫނުން ހިމާޔަތްކޮށްދޭ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކެއް ކަމުގައެވެ. އަދި އެކަންކަން ބެލެވޭނީ ގާނޫނާ ހިލާފު އަމަލުތަކއް ކަމުގައެވެ.ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން. (އިސްލަހު ކުރެވިފައި)
- ފަންނީ މަސައްކަތެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓް ކުރާ އެއްޗެއް އަލުން ނުއުފެއްދޭގޮތަށް ހެދުމަށްޓަކައި ނުވަތަ އެފަދަ ކަމެއް ކޮންޓްރޯލްކުރުމަށްޓަކައި ވަސީލަތެއްގެ ގޮތުން ބޭނުންކުރުމަށް އުފައްދާފައިވާ އެއްވެސް އެއްޗެއްގެ ބޭނުން ނުހިފޭގޮތް ހެދުން ނުވަތަ އެކަމަށް ހުރަސް އަޅަން ބޭނުންކުރާ ނުވަތަ ކުރާނެ ފަރާތަކަށް ވިއްކުމަށް ނުވަތަ ކުއްޔަށްދިނުމަށް އެއްވެސް ކަހަލަ އެއްޗެއް އުފެއްދުން؛
- ބްރޯޑްކާސްޓް ކޮށްގެން ނުވަތަ ސެޓަލައިޓް މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކަށް ސިއްރުވާގޮތަށް ފޮނުވާ ޕްރޮގްރާމެއް ލިބިގަތުމުގެ ހައްގެއްނެތް ފަރާތަކަށް، ލިބިގަތުމަށް ނުވަތަ ލިބިގަތުން ފަސޭހަކުރުމަށްޓަކައި ވިއްކުމަށް ނުވަތަ ކުއްޔަށް ދިނުމަށް އެއްވެސް އެއްޗެއް އުފެއްދުން؛
- ހުއްދައަކާ ނުލައި އިލެކްޓްރޯނިކް ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަން ނެގުން ނުވަތަ ބަދަލުކުރުން؛ އަދި
- އިލެކްޓްރޯނިކް ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަން ވަނީ ހުއްދަނެތި ނަގާފައިކަން ނުވަތަ ބަދަލުކޮށްފައިކަން އެނގިހުރެ ނުވަތަ އެނގޭފަދަ ގޮތަކަށް ހުރެ އެފަދަ ހުއްދައަކާ ނުލައި ފަންނާނެއްގެ މަސައްކަތެއް، ޕަރފޯމަންސެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓެއް އާންމުންނަށް ފޯރުކޮށްދިނުން، ނުވަތަ އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި އިމްޕޯޓުކުރުން، ނުވަތަ ބްރޯޑްކާސްޓް ކުރުން، ނުވަތަ އާންމުންނަށް މުއާސަލާތުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާގޮތަށް އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އަދި އެކަން ބެލެވޭނީ މި ގާނޫނުގައި ބަޔާންކުރާ ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތައް ފޭރިގަތުންކަމަށެވެ. މި ކުށް ކުރި މީހެއްގެ އަދަބަކީ އެފަރާތެއް 1000 (އެއްހާސް) ރުފިޔާ އާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މީގެ އިތުރުން އެކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް މި ގާނޫނުގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ ހައްގުލިބިގެންވެއެވެ.
33-1 ވަނަ މާއްދާ - އެކްސްކްލޫ ސިވް ލައިސަންސީންގެ ހައްގުތައް (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)
އެކްސްކްލޫސިވް ލައިސަންސްގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް އަރައިގަތުމާ ގުޅިގެން ފިޔަވަޅު އެޅުމަށް ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭ އެންމެހައި ހައްގުތަކާއި އިހްތިޔާރުތައް، އެ ހައްގެއްގެ އެކްސްކްލޫސިވް ލައިސަންސީއަށް ލިބިގެންވެއެވެ.
5 ވަނަ ބާބު
އެހެނިހެން ކަންކަން
34 ވަނަ މާއްދާ - އަމަލުކުރެވޭ ދާއިރާ
(ހ) އަދަބީ އަދި ފަންނާނީ އުފެއްދުމާއި މަސައްކަތްތައް ހިމާޔަތްކުރުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ހިންގޭނީ ތިރީގައިމިވާ ބާވަތް ބާވަތުގެ މަސައްކަތްތަކަށެވެ.
- މި ގާނޫނުގައިވާ ގޮތުގެމަތިން، ދިވެހި މުސައްނިފުން ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ މުސައްނިފުންގެ މަސައްކަތްތައް؛
- ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތަކުގެ ދަށުން ހިމާޔަތްކޮށްދިނުމަށް ދިވެހިރާއްޖެއަށް ލާޒިމުވާ މުސައްނިފުންގެ މަސައްކަތްތައް އެ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް؛
- ދިވެހިރާއްޖޭގައި މަރުކަޒީ އޮފީސް ގާއިމުކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ ޕްރޮޑިއުސަރުންގެ އޯޑިއޯ ވިށުއަލް މަސައްކަތްތައް؛ އަދި
- ރާއްޖޭގައި ހަދާފައިވާ އިމާރާތްތަކުގެ ފަރުމާކުރުމުގެ މަސައްކަތާއި، ދިވެހިރާއްޖޭގައި ހަދާފައިވާ، އިމާރާތްތަކާއި އެނޫން ތަންތަނުގައި ބޭނުން ކޮށްފައިވާ ފަންނާނީ މަސައްކަތްތައް.
(ށ) ތިރީގައި ބަޔާންކޮށްފައިވާ ފަންނާނުންގެ ހައްގުތައް މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދެވެއެވެ.
- ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ފަންނާނުން؛
- ތިރީގައި ބަޔާންކުރެވިފައިވާ ށަރުތުތައް ފުރިހަމަވާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުވާ ފަންނާނުން؛
(ހ) ޕަރފޯމަންސް ހިނގާފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކަމަށްވުމުން؛ ނުވަތަ
(ށ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އަޑުގެ ރިކޯޑިންގއެއްގައި ޕަރފޯމަންސް އެކުލަވާލެވިފައިވުމުން؛ ނުވަތަ
(ނ) އަޑުގެ ރިކޯޑިންގއެއްގައި ފިކްސޭށަނަކަށް ނުހެދޭ ޕަރފޯމަންސެއް އެހެންނަމަވެސް، މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ ބްރޯޑްކާސްޓިންގއެއްގައި ހިމެނޭ ޕަރފޯމަންސެއް ކަމުގައިވުމުން.
(ނ) މި ގާނޫނުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ އަޑުގެ ރިކޯޑިންގތައް ހިމާޔަތްކޮށްދެއެވެ.
- ދިވެހިރާއްޖޭގެ ރައްޔިތަކު ޕްރޮޑިއުސްކުރާ އަޑުގެ ރިކޯޑިންގތައް؛
- ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފިކްސޭށަނަކަށް ހަދާފައިވާ އަޑުގެ ރިކޯޑިންގތައް؛ އަދި
- ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ށާއިއުކުރެވިފައިވާ އަޑުގެ ރިކޯޑިންގތައް.
(ރ) މި ގާނޫނުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ ބްރޯޑްކާސްޓްތައް ހިމާޔަތްކޮށްދެއެވެ.
- ދިވެހިރާއްޖޭގައި މަރުކަޒީ އޮފީސްތައް ހުންނަ އޯގަނައިޒޭށަންތަކުގެ ބްރޯޑްކާސްޓްތައް؛ އަދި
- ދިވެހިރާއްޖޭގައި ބަހައްޓާފައިވާ ބްރޯޑްކާސްޓް ކުރާ ޓްރާންސްމީޓަރތަކުގެ ބްރޯޑްކާސްޓްތައް.
(ބ) ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ހިމާޔަތްކޮށްދީފައިވާ އުފެއްދުންތަކާއި ފަންނާނުންނާއި، އަޑުގެ ރިކޯޑިންގ އުފައްދާ ޕްރޮޑިއުސަރުންނާއި އަދި ބްރޯޑްކާސްޓް ކުރާ ޖަމާއަތްތައް އެ މުއާހަދާތަކާއި އެއްބަސްވުންތަކުން ހިމާޔަތްކޮށްދީފައިވާ ގޮތުގެމަތިން މި ގާނޫނުގެ ދަށުންވެސް ހިމާޔަތްކޮށްދެވޭނެއެވެ.
35 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރުމުގެ ކުރިން އުފައްދާފައިވާ ތަކެތި
(ހ) މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެކަމަށް ބަޔާންކޮށްފައިވާ އުފެއްދުމެއް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އުފައްދާފައިވާނަމަ، މި ގާނޫނުގެ ދަށުން އެ އުފެއްދުމާގުޅޭ ހައްގުތައް ހިމާޔަތްކުރެވޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރެވުނު އެއްވެސް ގަވާއިދެއްގެ ދަށުން އެ އުފެއްދުމެއް ހިމާޔަތްކުރެވުނު މުއްދަތު ހަމަނުވާކަމަށްވާނަމަ؛
- ދިވެހިރާއްޖެ ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއްގެ ދަށުން ހިމާޔަތްލިބޭނެކަމަށް ބަޔާންކުރެވިފައިވާ ބަޔަކު އުފައްދާފައިވާ އުފެއްދުމެއްގެ މުއްދަތު އެ އުފެއްދި ގައުމެއްގެ ގާނޫނުގެ ދަށުން ހަމަނުވާނަމަ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްކުރެވޭ އުފެއްދުންތަކުގެ މުއްދަތު ގުނުމުގައި މުއްދަތު ފެށޭ ތާރީހުކަމަށް ބަލާނީ އެ އުފެއްދުމެއްގެ ކޮޕީރައިޓު އެއްވެސް ތަނެއްގައި ރަޖިސްޓަރީކުރެވިފައިވާނަމަ، ރަޖިސްޓަރީކުރެވުނު ތާރީހު ނުވަތަ ރަޖިސްޓަރީކުރެވިފައިނުވާނަމަ، އެ އުފެއްދުމެއް އާންމުކޮށް ލިބެންފެށި ތާރީހެވެ.
36 ވަނަ މާއްދާ - އިސްތިސްނާވާ ކަންކަން
މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އުފައްދާފައިވާ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި، އަޑުގެ ރިކޯޑިންގތަކާއި، އަދި ބްރޯޑްކާސްޓް ކުރުމާގުޅޭ ގޮތުން ވެވިފައިވާ އެއްބަސްވުންތަކާއި، އުނގަންނައިދިނުމަށްޓަކައި ބޭނުންކުރެވުނު އުފެއްދުންތަކާއި، އަދި ލައިބްރަރީއާއި، އަރުށީފްތަކުންނާއި އަދި މިފަދަ ތަންތަން ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރެވުނު އުފެއްދުންތަކުގެ ކޮޕީތައް މި ގާނޫނުން އިސްތިސްނާ ވާނެއެވެ.
37 ވަނަ މާއްދާ - ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުން
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކޮޕީރައިޓު އަދި ކޮޕީރައިޓާއިގުޅޭ އެހެނިހެން ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާތައް، މި ގާނޫނުގައި ބަޔާންކުރެވިފައިވާ ކަންކަމުގެ މައްޗަށް ބާރު ހިނގާނެއެވެ. އަދި މި ގާނޫނުގައިވާ އެއްވެސް މާއްދާއެއް މިފަދަ ބައިނަލްއަގްވާމީ މުއާހަދާއެއްގެ އެއްވެސް މާއްދާއަކާ ތައާރުޒުވާނަމަ، މި ގާނޫނުގެ މާއްދާގެ މައްޗަށް އެ މުއާހަދާއެއްގެ މާއްދާގެ ބާރު ހިނގާނެއެވެ.
38 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދަންވާނެއެވެ. މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއަކުންނެވެ.
39 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. އަދި މި ގާނޫނު ތަސްދީގުކުރާތާ 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި މި ގާނޫނަށް ފުރިހަމައަށް އަމަލުކުރަން ވާނެއެވެ.
40 ވަނަ މާއްދާ - ގާނޫނުގައި އުވާލެވޭ ބައެއް މާއްދާތައް
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ގާނޫނު ނަންބަރު 2008-06 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ ޖަދުވަލު 1 ގައި ބަޔާންކުރެވިފައިވާ އަންނަނިވި ގަވާއިދުތައް އުވުނީއެވެ.
(ހ) ގަވާއިދު ނަންބަރު 51 (ދިވެހިރާއްޖޭގައި އުފައްދާ ފޮތް ރަޖިސްޓަރީކުރުމުގެ ގަވާއިދު).
(ށ) ގަވާއިދު ނަންބަރު 52 (ދިވެހިރާއްޖޭގައި ޅެމާއި ލަވަ ފާސްކުރުމުގެ ގަވާއިދު).
(ނ) ގަވާއިދު ނަންބަރު 53 (ދިވެހިރާއްޖޭގައި އަމިއްލަ ރާގު/މިޔުޒިކް ރަޖިސްޓަރީކުރުމުގެ ގަވާއިދު).
(ރ) ގަވާއިދު ނަންބަރު 54 (ދިވެހިރާއްޖޭގައި އޯޑިއޯ އަލްބަމް ރަޖިސްޓަރީކުރުމުގެ ގަވާއިދު).
41 ވަނަ މާއްދާ – މާނަ
މި ގާނޫނުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު:
''ކޮޕީރައިޓުގެ ވެރިފަރާތް'' ކަމަށް ބުނެފައި އެވަނީ: (އިސްލާހު ކުރެވިފައި)
- އިގްތިސާދީ ހައްގުތައް މުސައްނިފަށް ލިބިފައިވާނަމަ މުސައްނިފަށް؛ ނުވަތަ
- އިގްތިސާދީ ހައްގުތައް މުސައްނިފު ނޫން އެހެން ފަރުދަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ލިބިފައިވާނަމަ، އެ ފަރުދަކަށް ނުވަތަ އެ ށަހްސަކަށް؛ ނުވަތަ
- އިގްތިސާދީ ހައްގުތައް ފަރުދެއްގެ ނުވަތަ ގާނޫނީ ށަހްސެއްގެ މައްޗަށް ބަދަލުކޮށްފައިވާނަމަ އެކަން ލިބިދެވިފައިވާ ފަރުދަކަށް ނުވަތަ ށަހްސަކަށް.
"ނޮޓޭށަން" ކަމަށް ބުނެފައި އެވަނީ، އަޑުއަހާ މިޔުޒިކު ލިޔުމުން ހުށަހަޅައިދޭ ނިޒާމަކަށެވެ.
"ރައިޓްސް މެނޭޖްމަންޓް އިންފޮމޭށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނު ބުނާ އުފެއްދުމާއި އެ އުފެއްދުންތަކުގެ މުސައްނިފުންނާއި، ޕަރފޯމަންސްތަކާއި، ޕަރފޯމަންސް ހުށަހަޅައިދޭ ފަންނާނުންނާއި، އަޑުގެ ރިކޯޑިންގތަކާއި، އަޑުގެ ރިކޯޑިންގ އުފެއްދި ޕްރޮޑިއުސަރުންނާއި، ބްރޯޑްކާސްޓް ކުރާ އުފެއްދުންތަކާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކާއި އަދި މި ގާނޫނުގެ ދަށުން މިލްކުކޮށްދޭނަމަ، މިލްކުކޮށްދޭ ހައްގުތަކާއި އެ ހައްގުތައް މިލްކުކޮށްދޭ މީހުން ވަކިކުރަން އެނގޭނޭ މައުލޫމާތަށެވެ. ނުވަތަ މި ގާނޫނުގައި ބުނެފައިވާ އުފެއްދުމެއް، ހުށަހެޅުމެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓް ކުރާ އުފެއްދުމެއް ބޭނުންކުރުމުގެ ގަވާއިދުތަކާއި ށަރުތުތައް އަންގައިދޭ މައުލޫމާތަށެވެ. އަދި މިފަދަ މައުލޫމާތުތައް އެކުލަވާލެވިފައިވަނީ ނަންބަރުތަކާއި ކޯޑުތައް ބޭނުންކޮށްގެންކަމަށްވާނަމަ، އެފަދަ މައުލޫމާތުވެސް މި ލަފްޒުގެ މާނައިގައި ހިމެނެއެވެ.
"ބްރޯޑްކާސްޓް ކުރުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއް، ޕަރފޯމަންސެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް ވަޔަރލެސް ޓްރާންސްމިށަން މެދުވެރިކޮށް އާންމުންނަށް ދުރަށް ފޮނުވުމަށެވެ. މީގެތެރޭގައި ސެޓެލައިޓް މެދުވެރިކޮށް ދުރަށް ފޮނުވާ ފޮނުވުންވެސް ހިމެނެއެވެ.
"ކުއްޔަށް ދިނުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްގެ ނުވަތަ އަޑުގެ ރިކޯޑިންގއެއްގެ އަސްލު ނުވަތަ ކޮޕީއެއް ވަކި މުއްދަތަކަށް ފައިދާއެއް ހޯދުމުގެ މަގްސަދުގައި ކުއްޔަށްދޫކުރުމަށެވެ.
"ކޮމްޕިއުޓަރ" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބިފައިވާ އިލެކްޓްރޯނިކްގެ ވަސީލަތުން ނުވަތަ މިފަދަ އެހެން ގޮތަކުން ހަދާފައިހުންނަ ތަކެއްޗަށެވެ.
"ކޮމްޕިއުޓަރ ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރަށް އެނގޭ ބަހަކުން، ކޯޑަކުން، ސްކީމަކުން، ނުވަތަ އެހެންވެސް ގޮތަކުން، ކޮމްޕިއުޓަރުން ވަކި މަސައްކަތެއްކުރުމަށް ނުވަތަ ވަކި ނަތީޖާއެއް ނެރުމަށްޓަކައި އެކުލަވާލާފައިވާ އެންގުންތަކަށް ނުވަތަ އިރުށާދުތަކަށެވެ.
"ކަލެކްޓިވް އުފެއްދުމެއް" ކަމަށް ބުނެފައި އެވަނީ، ވަކި މީހެއްގެ ނުވަތަ ގާނޫނީ ވަކި ށަހްސެއް އިސްނަގައިގެން ނުވަތަ އިރުށާދު ދީގެން އެމީހެއްގެ ނުވަތަ އެ ށަހްސެއްގެ އުފެއްދުމެއްގެ ގޮތުގައި ނެރުމަށާއި އޭގައި ހިއްސާވާ އެހެން މީހުން ނުވަތަ ފަރާތްތައް ހާމަނުކުރުމަށް އެއްބަސްވެގެން ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން އުފައްދާ އުފެއްދުންތަކަށެވެ.
"އެކްސްޕްރެށަން އޮފް ފޯކްލޯރ" ކަމަށް ބުނެފައި އެވަނީ، މުޖުތަމައެއްގެ އާދަކާދައިގެ މައްޗަށް ވަކި ބަޔަކަށް ނިސްބަތްވާގޮތަށް އެ މުޖްތަމައެއްގެ އިޖްތިމާއީ ށަހްސާއި އެބައެއްގެ ސަގާފަތް އަދި އަގުކުރާ ސިފަތަކާއި ކަންތައްތައް ވަޒަންކުރާ ހަމަތައް ދޭހަވާގޮތަށް އަމިއްލަ ފަރުދަކު ނުވަތަ ބަޔަކު މީހުން އަނގަބަހުން، ނުވަތަ ހަރަކާތަކުން ނުވަތަ އެހެންވެސް ގޮތަކުން އުފައްދާ އުފެއްދުމަށެވެ. މީގެތެރޭގައި ތިރީގައިމިވާ ތަކެތި ހިމެނެއެވެ.
- އެވޭލާ ޒަމާނުގެ ވާހަކައާއި، އެވޭލާ ޒަމާނުގެ ޅެމާއި، ބަނދި އަދި އިހުގެ އަރަތް؛
- އެވޭލާ ލަވަ އާއި ރާގުތައް؛
- އެވޭލާ ނެށުމާއި އެވޭލާ ތަމްސީލުތައް؛
- ކުރެހުންތަކާއި، ބިންވަޅުނެގުންތަކާއި، ސިފަ އުފެއްދުންތަކާއި (ސްކަލްޕްޗަރ)، މުށީގެ މަސައްކަތްތަކާއި، ކަނބުރުވެރިކަމުގެ މަސައްކަތްތަކާއި، ތިލޭރުކަމުގެ މަސައްކަތްތަކާއި، އަތްތެރި މަސައްކަތުގެ އުފެއްދުންތަކާއި، ކޮސްޓިއުމް އަދި މުޖުތަމައު އަށް ނިސްބަތްވާ ފޭރާން ފަދަ އުފެއްދުންތަކެވެ.
"އުފެއްދުމެއް" އަދި "މަސައްކަތެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި 4 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އަދަބީ އަދި ފަންނާނީ އަސްލީ އަދި ނަގްލީ އުފެއްދުމަށެވެ.
"އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، އިތުރު ބޭނުމެއް ހިފޭގޮތަށް އަތުން ނުވަތަ ސިނާއީ ގޮތުން އުފައްދާފައި ހުންނަ ފަންނާނީ އުފެއްދުމަށެވެ.
"އަލުން އުފެއްދުން" ކަމަށް ބުނެފައި އެވަނީ، އުފައްދާފައިވާ އުފެއްދުމަކުން ނުވަތަ އަޑުގެ ރިކޯޑިންގއަކުން، ދާއިމީކޮށް ނުވަތަ ވަގުތީގޮތުން އިލެކްޓްރޯނިކްގެ ވަސީލަތުން ރައްކާކުރެވޭގޮތަށް ނުވަތަ އެހެން ކޮންމެގޮތަކަށް ވިޔަސް، ބެހެއްޓޭގޮތަށް އެއް ކޮޕީ ނުވަތަ އެއަށްވުރެ ގިނަ ކޮޕީ އުފެއްދުމަށެވެ.
"އޯޑިއޯ ވިށުއަލް" އުފެއްދުމެއް ނުވަތަ މަސައްކަތެއް ކަމަށް ބުނެފައި އެވަނީ، އަޑު އެކުލެވޭ އަދި އަޑު އެކުލެވިފައިނުވާ ނަމަވެސް، ހަރަކާތެއް ނުވަތަ ހަރަކާތްތަކެއް ދައްކުވައިދޭ ގުޅިފައިވާ މަންޒަރުތަކެއްގެ ސިލްސިލާއެއްހެން ފެންނާނެގޮތަށް އުފައްދާފައިވާ އުފެއްދުންތަކަށެވެ.
"އަޑުގެ ރިކޯޑިންގ" ކަމަށް ބުނެފައި އެވަނީ، ކޮންމެ ގޮތަކަށް ފިކްސޭށަނަކަށް ހެދުނުކަމުގައި ވިޔަސް އަދި ކޮންމެ މީޑިއަމްއެއްގައި އަޑުތައް އެކުލެވިގެން ކަމުގައިވިޔަސް، ޕަރފޯމަންސެއްގެ އަޑުތަކުގެ ނުވަތަ އެނޫންވެސް އެހެނިހެން އަޑުތަކުގެ ފިކްސޭށަނަކަށެވެ. އޯޑިއޯ ވިށުއަލް މަސައްކަތެއްގެ ސައުންޑްޓްރެކްފަދަ އަޑާއި މަންޒަރު އެކުއެކީގައި ހިމެނިގެންވާ ފިކްސޭށަންތައް މި މާނައިގެ ތެރޭގައި ނުހިމެނެއެވެ.
"އިގްތިސާދީ ހައްގުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ހައްގުތަކަށެވެ.
"އަހްލާގީ ހައްގުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހައްގުތަކަށެވެ.
"މުސައްނިފު" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއް އުފައްދާފައިވާ މީހާއަށެވެ.
"ފަންނާނުން" ކަމަށް ބުނެފައި އެވަނީ، ލަވަ ކިޔާމީހުންނާއި މިޔުޒިކް ކުޅޭމީހުންނާއި އަދި މިނޫނަސް ތަމްސީލުގެ ހަރަކާތްތައް ދައްކައި ހުށަހަޅާ ހަދާ މީހުންނާއި މީގެ އިތުރުންވެސް އެހެނިހެން އަދަބީ އަދި ސަގާފީ ހަރަކާތްތައް ދައްކައިދޭ މީހުންނަށެވެ.
"ފިކްސޭށަން" ކަމަށް ބުނެފައި އެވަނީ، އޭގެ އަސަރު އިހުސާސްކުރެވޭނެ ނުވަތަ އަލުން އުފެއްދިދާނެ ނުވަތަ ކޮންމެވެސް ވަސީލަތަކުން ޓްރާންސްމިޓް ކުރެވިދާނެގޮތަށް އެއްކޮށްލެވިފައިވާ އަޑުތަކެއް ނުވަތަ އެއަޑު ތަމްސީލުކުރާނެ އުފެއްދުމަކަށެވެ.
"ފޮޓޯގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ކެމިކަލް ނުވަތަ އިލެކްޓްރޯނިކް ނުވަތަ އެހެން ޓެކްނިކެއް ވިޔަސް ބޭނުންކޮށްގެން އަލި ނުވަތަ އެހެން ރޭޑިއޭށަނެއް ތަސްވީރެއްގެ ގޮތުގައި ނުވަތަ އެއިން ތަސްވީރު އުފެއްދޭ އުފެއްދުމެއްގެގޮތަށް ރިކޯޑް ކުރުމަށެވެ. އޯޑިއޯ ވިށުއަލް އުފެއްދުމަކުން ނަގާފައިވާ ހިމޭން މަންޒަރެއް ފޮޓޯގްރަފިކް އުފެއްދުމަކަށް ނުބެލެވޭނެއެވެ. އެ މަންޒަރެއް ނުވަތަ އެބައެއް ބެލެވޭނީ އޯޑިއޯ ވިށުއަލް އުފެއްދުމުގެ ބައެއްގެ ގޮތުގައެވެ.
"ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއް" ކަމަށް ބުނެފައި އެވަނީ، ފަންނާނުންގެ ދެ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެ މަސައްކަތަކަށް ހިއްސާވެގެން ކުރާ، މި މާއްދާގައި ބަޔާންކުރެވިފައިވާ ކަލެކްޓިވް އުފެއްދުމެއްކަމަށް ނުވާ އުފެއްދުމަށެވެ.
"ޕަރފޯމް" ކަމަށް ބުނެފައި އެވަނީ، ފަންނާނެއް ޕަރފޯމަންސެއް ހުށަހަޅައިދިނުމަށެވެ.
"ޕަރފޯމަންސް" ކަމަށް ބުނެފައި އެވަނީ، ލަވަ، މިޔުޒިކު އަދި މިނޫންވެސް ތަމްސީލުގެ ހަރަކާތްތަކަށާއި އަދި އެހެނިހެން އަދަބީ އަދި ސަގާފީ ހަރަކާތްތަކަށެވެ.
"ޕްރޮޑިއުސަރު" ކަމަށް ބުނެފައި އެވަނީ، އޯޑިއޯ ވިށުއަލް މަސައްކަތެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް އުފެއްދުމަށް އިސްނެގި ނުވަތަ އެ އުފެއްދުމަކަށް ޒިންމާދާރުވާ މީހާ ނުވަތަ އެކަމުގެ ގާނޫނީ ށަހްސަށެވެ.
"އާންމުންނަށް ހުށަހަޅައި ދިނުން" ކަމަށް ބުނެފައި އެވަނީ، ގާތްތިމާގެ މީހުންނާއި ގާތްކޮށްއުޅޭ މީހުން ފިޔަވައި އެހެންމީހުން ތިބި ނުވަތަ ތިބެވިދާނެ ތަނެއްގައި އެއްފަހަރާ ނުވަތަ އެފަދަ އެކިތަންތަނުގައި އެކިފަހަރު ކަމަށްވިޔަސް، މި މާއްދާގައި އާންމުންނަށް މުއާސަލާތުކުރުން ކަމަށް ބުނެފައިވާ ގޮތަށް ނޫންގޮތަކުން ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ކުރުމަށެވެ.
- އޯޑިއޯ ވިށުއަލް އުފެއްދުމެއް ފިޔަވައި އެހެން އުފެއްދުމެއްގައި، ސީދާކޮށް ނުވަތަ ނުސީދާކޮށް ކަމަށްވިޔަސް، އެ އުފެއްދުމެއް ކިޔުން، ކުޅުން، ނެށުން، އެކްޓްކުރުން އަދި ތައާރުފުކޮށްދިނުން؛
- އޯޑިއޯ ވިށުއަލް އުފެއްދުމެއްނަމަ މަންޒަރުތައް ގުޅިގެންދާގޮތަށް ދެއްކުމާއި އެއާއެކުގައި އަންނަ އަޑުއިވޭގޮތަށް ހުށަހެޅުން؛ ނުވަތަ
- އަޑުގެ ރިކޯޑިންގއެއްނަމަ، ރިކޯޑިންގގެ އަޑު އިއްވުމެވެ.
"އާންމުންނަށް މުއާސަލާތުކުރުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއް، ޕަރފޯމަންސެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓްއެއްގެ މަންޒަރު ނުވަތަ އަޑު ނުވަތަ އަޑާއި މަންޒަރު އެކުގައި ނަރު މެދުވެރިކޮށް ނުވަތަ ވަޔަރލެސްކޮށް ޓްރާންސްމިށަން އަކުން އެ ޓްރާންސްމިޓްކުރާ ތަނަކާއި ދުރުތާކުން، ޓްރާންސްމިޓްނުކުރާނަމަ، ނުލިބޭނެ މަންޒަރު ނުވަތަ އަޑު އެއްތަނަކުން އެއްވަގުތެއްގައި ނުވަތަ އެކިވަގުތު އެކިތަންތަނުން ލިބުނުކަމުގައި ވިޔަސް ގާތްތިމާގެ މީހުން ފިޔަވައި އެހެން ބަޔަކަށް، ޓްރާންސްމިޓްކުރާ އަޑު ނުވަތަ މަންޒަރު ނުވަތަ އަޑާއި މަންޒަރު ލިބޭގޮތަށް ފޮނުވުމަށެވެ.
"އާންމުންނަށް ފެންނަ ގޮތަށް ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އުފެއްދުމުގެ އަސްލު ނުވަތަ ކޮޕީއެއް ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް، ގާތްތިމާގެ މީހުންނާއި ގާތްކޮށް އުޅޭ މީހުން ފިޔަވައި އެހެން މީހުންނަށް، އައިސް ތިބެވޭނެ ތަނެއްގައި ނުވަތަ އެކި ތަންތަނުގައި އެއްވަގުތެއްގައި ނުވަތަ އެކި ތަންތަނުގައި އެކި ވަގުތު މި މާއްދާގައި އާންމުންނަށް މުއާސަލާތުކުރުންކަމަށް ބުނެފައިވާގޮތަށް ނޫންގޮތަކަށް ދެއްކުމަށެވެ.
- ހަމަސީދާ ފެންނަގޮތަށް ބެހެއްޓުން؛
- ފިލްމެއް، ސްލައިޑެއް، ޓީ.ވީ މަންޒަރެއްގެގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ސްކްރީނެއްގައި ދައްކާލުން؛
- (1) އާއި (2) ގައި ބުނެފައިވާ ގޮތްތައް ނޫންގޮތަކަށް ނުވަތަ އެނޫން ވަސީލަތެއް މެދުވެރިކޮށްގެންވިޔަސް ދެއްކުން؛ ނުވަތަ
- އޯޑިއޯ ވިށުއަލް އުފެއްދުމެއްގައި މަންޒަރުތައް ގުޅިގެން އަންނަގޮތް ނޫންގޮތަކަށް ވިޔަސް ދެއްކުން.
"އާންމުކޮށް ދޫކުރުން" (އުނި ކުރެވިފައި)
'''ށާއިއުކޮށްފައިވާ'' އުފެއްދުމެއް ކަމަށް ބުނެފައި ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ނުވަތަ އަޑުގެ ރިކޯޑިންގއެއްނަމަ އުފެއްދި ފަރާތުގެ ނުވަތަ އެފަރާތުގެ ވާރިޘުންގެ ހުއްދައާއެކު އާންމުކޮށް ވިއްކުމަށް ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ އާންމުކޮށް ދޫކުރުމަށް އޭގެ ކޮޕީތައް އެކަށީގެންވާ ގިނަ އަދަދަކަށް ލިބޭނޭ ގޮތަށް ތައްޔާރުކޮށްފައި ހުރުމަށެވެ. (އިސްލާހު ކުރެވިފައި)
"އަސްލީ އުފެއްދުމެއް" ނުވަތަ މަސައްކަތެއްކަމަށް ބުނެފައި އެވަނީ، އެ އުފެއްދުމެއް ނުވަތަ އެ މަސައްކަތެއް އުފެދުމުގެ މައިގަނޑު އަސާސްގެ މައްޗަށެވެ.
"ޑިސްޓްރިބިއުޓްކުރުން" ކަމަށް ބުނެފައި އެވަނީ، މަސައްކަތެއްގެ އަސްލު ނުވަތަ ކޮޕީއެއް، ޕަރފޯމަންސެއްގެ ފިކްސޭށަން ނުވަތަ ފޮނޮގްރާމް އޭގެ ޓެންޖިބަލް ފޯމެޓުގައި ވިއްކުމަށް ނުވަތަ އެނޫންވެސް ގޮތަކަށް މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހެޅުން ނުވަތަ ސަރކިއުލޭޓްކުރުމަށެވެ. އޭގެ ތެރޭގައި އެ އުފެއްދުމެއް ސަރކިއުލޭޓްކުރުމަށް، އަދި ވިއްކުމަށް އަދި މިލްކުވެރިކަން ބަދަލުކުރުމަށް އިމްޕޯޓްކުރުންވެސް ހިމެނެއެވެ. (އިތުރު ކުރެވިފައި)
"ރިޕްރޮގްރަފިކް ވަސީލަތެއް ބޭނުންކޮށްގެން އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ޗާޕުކުރުން ނޫން އެހެން ވަސީލަތްތަކުން، މަސައްކަތެއްގެ އަސްލު ނުވަތަ ކޮޕީއަކާ އެއްގޮތަށް ކޮޕީއެއް ހެދުމަށެވެ. (އިތުރު ކުރެވިފައި)
މައި ގާނޫނު
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-23)
މި ގާނޫނަށް ގެނެވިފައިވާ އިސްލާހު
ކިޔުންތެރިންގެ ހިޔާލު