މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ގާނޫނު
(ގާނޫނު ނަންބަރު 2025-12)
(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 1 ޖަނަވަރީ 2026 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ފިކުރީ މުދަލާގުޅޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެކި ބާވަތުގެ ފިކުރީ މުދަލާއި، އެއާގުޅޭ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ހިންގުމަށްޓަކައި، މި ހާއްސަ އޮފީހެއް ގާއިމުކުރުމާއި، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި، ބާރުތައް ބަޔާންކުރުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ، "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ގާނޫނު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭށަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމެވެ.
3 ވަނަ މާއްދާ - ފިކުރީ މުދާ
މި ގާނޫނުގެ ބޭނުމަށްޓަކައި "ފިކުރީ މުދާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އަމަލުކުރެވޭ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތުގެ ފިކުރީ މުދަލަށެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިންއާއި، ޖިއޮގްރަފިކަލް އިންޑިކޭށަންތައް ހިމެނެއެވެ
ދެވަނަ ބާބު
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް
4 ވަނަ މާއްދާ - މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ގާއިމުކުރުން
(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި، ތަންފީޒުކުރުމަށްޓަކައި، "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.
(ށ) މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިނގަމުންދާނީ މިނިސްޓްރީގެ ދަށުންނެވެ. އަދި އެ އޮފީހުގެ އެންމެހައި ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.
5 ވަނަ މާއްދާ - އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ފިކުރީ މުދާ ރަޖިސްޓަރީކުރުން.
(ށ) ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލުގެ ދަފްތަރެއް އެކުލަވާލައި، އަދާހަމަކޮށް ބެލެހެއްޓުން.
(ނ) ސަރަހައްދީ އަދި ބައިނަލްއަގްވާމީ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޖަމާއަތްތަކާ ގުޅުން ގާއިމުކޮށް ބަދަހިކުރުމާއެކު އެ ޖަމާއަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން.
(ރ) ފިކުރީ މުދަލާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވުމާގުޅޭ ކަންކަމާއި އެ މުއާހަދާތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމާއި ވިލަރެސްކުރުން.
(ބ) ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން.
(ޅ) ފިކުރީ މުދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
(ކ) ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމާއި، އެ ގާނޫނުތަކުގެ ދަށުން އެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ނެގުން.
(އ) މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތައް ކަމުގައި ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.
6 ވަނަ މާއްދާ - ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއެވެ.
7 ވަނަ މާއްދާ - ރަޖިސްޓްރާރ އައްޔަންކުރުމާއި ވަކިކުރުން
(ހ) ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ މިނިސްޓަރެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރަޖިސްޓްރާރގެ މަގާމަށް، މި ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތެއް މިނިސްޓަރު އައްޔަންކުރަންވާނެއެވެ.
(ނ) ރަޖިސްޓްރާރގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، މިނިސްޓަރުގެ ލަފާގެ މަތިން ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
8 ވަނަ މާއްދާ - ރަޖިސްޓްރާރގެ ށަރުތުތައް
ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ މަގާމަށް އައްޔަންކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.
(ށ) އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
(ނ) ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ނުވަތަ ދައުލަތުގެ އެއްވެސް މަގާމެއްގައި ނުވަތަ އެއްވެސް ފަރާތެއްގެ ވަޒީފާގައި ހުރި މީހަކު ކަމުގައި ނުވުން.
(ރ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
(ބ) އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ ދާއިރާއިން ނުވަތަ ގުޅުންހުރި އެހެން ދާއިރާއަކުން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.
(ޅ) ހިންގުމުގެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
(ކ) އެއްވެސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު ކަމުގައި ނުވުން.
(އ) މަގާމަށް އައްޔަންކުރުމުގެ ކުރިން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ދަރަންޏެއް ސާބިތުވެ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކާ ހިލާފުވެފައިވާ މީހެއް ކަމުގައި ނުވުން.
އަދި
(ވ) މި ގާނޫނުގައި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ކަމުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވޭވަރުގެ އެކަށީގެންވާ ގާބިލުކަން ލިބިގެންވާ ފަރާތެއް ކަމުގައިވުން.
9 ވަނަ މާއްދާ - މަގާމުގެ މުއްދަތު
(ހ) ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އެ މަގާމުގައި ދެމިހުންނާނީ އޭނާ އައްޔަންކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ފަރާތެއް ފިޔަވައި އެހެން ކޮންމެ ފަރާތެއް 5 (ފަހެއް) އަހަރުދުވަހުގެ އިތުރު ދައުރަކަށް ރަޖިސްޓްރާރގެ މަގާމަށް އައްޔަންކުރެވިދާނެއެވެ.
10 ވަނަ މާއްދާ - މަގާމު ހުސްވުން
(ހ) ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ މަގާމު ހުސްވެއްޖެކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައެވެ.
- މަގާމުގެ މުއްދަތު ހަމަވުން؛
- މަގާމުން އިސްތިއުފާދިނުން؛
- މި ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަގާމުން ވަކިކުރުން؛
- ގާނޫނުއަސާސީގެ ދަށުން، ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމަކަށް ކުރިމަތިލުން ނުވަތަ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަގާމަކަށް އައްޔަންކުރެވުން؛
- މަރުވުން؛
- ރަޖިސްޓްރާރގެ ކިބައިގައި ފުރިހަމަވުމަށް މި ގާނޫނު ލާޒިމުކުރާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.
(ށ) ރަޖިސްޓްރާރގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު އެ މަގާމަށް މީހަކު އަލުން އައްޔަންކުރަންވާނެއެވެ.
11 ވަނަ މާއްދާ - މަގާމުން ވަކިކުރުން
ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އުޒުރުވެރިވެއްޖެނަމަ، ނުވަތަ އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެއްޖެނަމަ، ނުވަތަ އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދޭފަދަ ދާއިމީ ހާލަތެއް އޭނާއަށް މެދުވެރިވެއްޖެނަމަ، އޭނާ އެ މަގާމުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ - އިސްތިއުފާދިނުން
ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން ބަޔާންކޮށް މިނިސްޓަރަށް ފޮނުވާ ލިޔުމަކުން އިސްތިއުފާދެވިދާނެއެވެ. އަދި އިސްތިއުފާދިންކަމުގެ ލިޔުން، މިނިސްޓަރަށް ލިބުމުން ރަޖިސްޓްރާރ އޭނާގެ މަގާމުން އިސްތިއުފާދިނީ ކަމުގައި ބެލެވޭނެއެވެ.
13 ވަނަ މާއްދާ - އޮފީހުގެ މުވައްޒަފުން
(ހ) ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއާ މި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި އެހީތެރިވެދިނުމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަށް ހަމަޖައްސައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް، އެ މުވައްޒަފުންގެ މަގާމުގެ ށަރުތުތަކާއި އެކި ކަންކަމަށް މުވައްޒަފުން ތިބެންވާނެ އަދަދު ބަޔާންކުރާ މުވައްޒަފުންގެ އިދާރީ އޮނިގަނޑެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އޮނިގަނޑު އެކުލަވާލާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރަޖިސްޓްރާރެވެ.
(ރ) މި ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރގެ މަގާމަށް މީހަކު އައްޔަންކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑު ރަޖިސްޓްރާރ އެކުލަވާލައި ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިދާރީ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަށް ބޭނުންވާ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ ސިވިލް ސަރވިސް ކޮމިށަނުންނެވެ.
14 ވަނަ މާއްދާ - ރަޖިސްޓްރާރ ގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ފިކުރީ މުދާ ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ހުށަހެޅޭނެ އަދި ބަލައިގަނެވޭނެ ފަހި ގޮތްތައް ހަމަޖެއްސުމާއި، އެފަދަ ހުށަހެޅުންތައް ރައްކާތެރި ނިޒާމެއްގެ ތެރެއިން އާންމުކުރުމާއި ދިރާސާކުރުމާއި، އެ ހުށަހެޅުންތަކާ ގުޅޭގޮތުން އަންގަންޖެހޭ އެންގުންތައް އެންގުމާއި، ނިންމަންޖެހޭ ކަންކަން ނިންމުން؛
(ށ) ހިދުމަތްތައް ފޯރުކޮށްދިނުން ފަސޭހަކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދިނުމާއި އަދި ފޯރުކޮށްދެވޭ ހިދުމަތްތަކާބެހޭ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން؛
(ނ) ފިކުރީ މުދަލުގެ ދަފްތަރު ގާއިމުކޮށް ގަވާއިދުން އިސްލާހުކޮށް އަދާހަމަކޮށް ބެލެހެއްޓުން؛
(ރ) މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރާރާ ނުވަތަ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހާ މަތިކޮށްފައިވާ އެނޫންވެސް މަސްއޫލިއްޔަތުތައް އަދާކުރުން.
15 ވަނަ މާއްދާ - މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ އަދި ރަޖިސްޓްރާރގެ މުސްތަގިއްލުކަން
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބާރުތައް ބޭނުންކުރުމުގައި ރަޖިސްޓްރާރ އަދި އޮފީހުގެ އެންމެހައި މުވައްޒަފުން އަމަލުކުރަންވާނީ ސިޔާސީ ނުވަތަ އެނޫން އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒަށް ލެނބުމަކާ ނުލައި ޕްރޮފެށަނަލް އިންޑިޕެންޑެންސް ހިފަހައްޓައިގެންނެވެ.
16 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން
(ހ) މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަށް ހުށަހެޅިފައިވާ އެއްވެސް ހުށަހެޅުމެއްގައި ނުވަތަ އޮފީހުން ބަލަމުންދާ އެއްވެސް މައްސަލައެއްގައި ރަޖިސްޓްރާރ ނުވަތަ އޮފީހުގެ އެހެން މުވައްޒަފެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއްވާނަމަ، އެ ހުށަހެޅުމެއް ނުވަތަ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި އެއްވެސް މިންވަރަކަށް އެއިން ފަރާތެއް ބައިވެރިވެގެން ނުވާނެއެވެ. އަދި އޮފީހުން ބަލާ މައްސަލައަކީ ނުވަތަ ކަމަކީ، އެއިން ފަރާތެއްގެ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ ދައުރެއް އޮތް މައްސަލައެއްކަން ނުވަތަ ކަމެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭ ހިނދުން ފެށިގެން އެ މައްސަލައެއް ނުވަތަ ކަމެއް ބެލުމަށް އަދި/ނުވަތަ އެ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުން އެ ފަރާތެއް ތަނާޒުލުވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މަސްލަހަތު ފުށުއެރުމެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ އުސޫލާއި، އެފަދަ މައްސަލަތަކުން ތަނާޒުލުވުމުގައި އަމަލުކުރާނެ އުސޫލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ރަޖިސްޓްރާރ ބަޔާންކުރަންވާނެއެވެ.
17 ވަނަ މާއްދާ - ސުލޫކީ ހަމަތައް
(ހ) ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި މި ގާނޫނުގައި ބަޔާންވެގެންވާ ސުލޫކީ ހަމަތައް، އެންމެ މަތީ މިންގަނޑުގައި ހިފަހައްޓައި، އެހެން މީހުންނަށްވެސް އެ ހަމަތަކަށް ތަބާވާކަން އެނގޭ މިންވަރަށް ހުރިހާ ހާލަތެއްގައިވެސް އެ ހަމަތަކަށް ތަބާވާންވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރާރ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ހުރަސްއެޅޭނެ ނުވަތަ ބުރޫއަރާފާނެ ފަދަ އެއްވެސް ކަމެއް ރަޖިސްޓްރާރ ކޮށްގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް، އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ މުވައްޒަފަކުވެސް ކޮށްގެން ނުވާނެއެވެ.
(ނ) ރަޖިސްޓްރާރ އަދި އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ އެއްވެސް މުވައްޒަފަކު، މި ގާނޫނުގެ ދަށުން އެ ފަރާތެއްގެ ވާޖިބު އަދާކުރުމުގައި އެއްވެސް ބާވަތެއްގެ ހަދިޔާއެއް ނުވަތަ މަންފާއެއް އޭނާގެ އަމިއްލަ ނަމުގައި ނުވަތަ އެހެން މީހެއްގެ ނަމުގައި ނުވަތަ ވިޔަފާރީގެ ގޮތުން ނުވަތަ މާލީ ގޮތުން އެ މީހަކާ ގުޅުމެއް އޮތް މީހެއްގެ ނަމުގައި، ގަބޫލުކޮށްގެން ނުވާނެއެވެ.
18 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއަށް އަދި އޮފީހުގެ މުވައްޒަފުންނަށް މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތެވެ. އެފަދަ މައުލޫމާތެއް، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތަކަށް ހާމަކުރާ ކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން އެއްވެސް ފަރާތަކުން، ރަޖިސްޓްރާރަށް ހުށަހަޅާ މައުލޫމާތުގެ ތެރެއިން ވިޔަފާރީގެ ސިއްރު މައުލޫމާތުގެ ގޮތުގައި ރަޖިސްޓްރާރ ކަނޑައަޅާ މައުލޫމާތު ގާނޫނަކުން ބާރު ލިބިގެން ތަހްގީގީ އިދާރާއަކުން ހިންގާ ތަހްގީގަކަށް އެ ގާނޫނުގައިވާ ގޮތުގެމަތިން ހާމަކުރާ ކުރުން ފިޔަވައި، ނުވަތަ ކޯޓު އަމުރަކަށް ހާމަކުރާ ކުރުން ފިޔަވައި ރަޖިސްޓްރާރ ނުވަތަ އޮފީހުގައި މަސައްކަތްކުރާ އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވަތަ އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.
19 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް
(ހ) މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ގޮތުންނާއި، މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ލިބިދޭ ބާރުތައް ތަންފީޒުކުރުމުގައި، ގާނޫނުގައިވާ ގޮތުގެމަތިން، ނުވަތަ ކަމާބެހޭ ގާނޫނަކުން ލިބިދޭ ބާރެއްގެ ދާއިރާގެ ތެރޭގައި ރަޖިސްޓްރާރ ނުވަތަ އޮފީހުގެ މުވައްޒަފަކު، ނުވަތަ ރަޖިސްޓްރާރގެ އިރުށާދު ލިބިގެން މަސައްކަތްކުރާ އެއްވެސް ފަރާތެއް، ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި، ކުރާ ކަމަކާމެދު، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު، އެއްވެސް މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް ނުއުފުލޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އޮފީހުގެ މުވައްޒަފަކު ނުވަތަ ރަޖިސްޓްރާރގެ އިރުށާދު ލިބިގެން މަސައްކަތްކުރާ އެއްވެސް ފަރާތެއް ގަސްދުގައި ކުރާ ކަމަކުން ނުވަތަ އެއިން ފަރާތެއްގެ އިހުމާލުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް ކަމާގުޅޭ ގާނޫނުތަކުގެ ދަށުން ޒިންމާ އުފުލުމުގެ އިލްތިޒާމު ދެމިއޮންނާނެއެވެ.
20 ވަނަ މާއްދާ - ސައްހަކަން ބެލުމުގެ އިލްތިޒާމެއް ނެތުން
މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއްގެ ނުވަތަ އެފަދަ ލިޔެކިޔުމެއްގައި ހިމެނޭ އެއްވެސް މައުލޫމާތެއްގެ ސައްހަކަން ބެލުމަކާ ނުލައި، ލިޔެކިޔުމާ އެއްގޮތަށް އަމަލުކުރުމުގެ އިހްތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. އަދި އެފަދަ އެއްވެސް ލިޔުމަކީ ސައްހަނޫން ލިޔުމެއް ކަމަށްވާ ހާލަތުގައި ނުވަތަ އެފަދަ ލިޔުމެއްގައި ހިމެނޭ އެއްވެސް މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއް ކަމުގައިވާ ހާލަތުގައި، އެ ކަމެއްގެ ޒިންމާ ނުވަތަ އެ ކަމެއްގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ރަޖިސްޓްރާރ އުފުލާކަށް ނުޖެހޭނެއެވެ.
ތިންވަނަ ބާބު
ފިކުރީ މުދަލުގެ ދަފްތަރު
21 ވަނަ މާއްދާ - ފިކުރީ މުދަލުގެ ދަފްތަރު
(ހ) ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރާ ފިކުރީ މުދަލުގެ ދަފްތަރެއް ރަޖިސްޓްރާރ ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފްތަރުގައި މަދުވެގެން އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.
- ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލާއި އޭގެ ކްލެސިފިކޭށަން؛
- ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތުގެ މައުލޫމާތު؛
- ރަޖިސްޓަރީކުރި ތާރީހް؛
- ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލަށް ހިމާޔަތް ލިބިދެވޭ މުއްދަތު؛
- ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލާ ގުޅޭގޮތުން، ދަފްތަރުގައި ހިމަނަން ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުން ލާޒިމުކުރާ މައުލޫމާތު؛
- ހައްގުތައް ބަދަލުކުރެވިފައިވާނަމަ، އެކަން، ނުވަތަ ލައިސަންސިންގ އެގްރީމަންޓެއްވާނަމަ އެކަން ހިމެނޭގޮތުން ރަޖިސްޓްރޭށަންގެ ހާލަތު؛
- ރަޖިސްޓްރޭށަނަށް ގެނެވޭ އެންމެހައި ބަދަލުތައް؛
- ރަޖިސްޓަރީކުރެވޭ ފިކުރީ މުދަލާގުޅޭ، ކަމާބެހޭ ގާނޫނުގައި، އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަފްތަރު ބަލަހައްޓަންވާނީ މި ގާނޫނާއި، ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
22 ވަނަ މާއްދާ - ދަފްތަރުގައި ހިމެނޭ މައުލޫމާތު ފޯރުކޮށްދިނުން
މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރު ބަލަން ބޭނުންވާ ފަރާތްތަކަށް އެ ދަފްތަރު ބެލޭނެ އިންތިޒާމު، އަދި ދަފްތަރުގައި ހިމެނޭ ފިކުރީ މުދަލާގުޅޭ ހާމަކުރެވޭނެ މައުލޫމާތުގެ ދެލިކޮޕީ ދޫކުރެވޭނެ އިންތިޒާމް، ކަމާބެހޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން ރަޖިސްޓްރާރ ހަމަޖައްސަންވާނެއެވެ.
23 ވަނަ މާއްދާ - ކްލެސިފިކޭށަނަށް އަންނަ ބަދަލާ ގުޅިގެން ދަފްތަރު އިސްލާހުކުރުން
(ހ) ރަޖިސްޓަރީކޮށްފައިވާ ފިކުރީ މުދަލެއް ނިސްބަތްވާ މުދަލެއް ނުވަތަ ހިދުމަތެއްގެ ކްލެސިފިކޭށަނަށް އަންނަ ބަދަލުތަކާއި، ރަޖިސްޓަރީކޮށްފައިވާ ފިކުރީ މުދަލެއްގެ ހައިސިއްޔަތަށް އަންނަ ބަދަލުތައް މި ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރުގައި ހިމަނައި ދަފްތަރުގައި އެ ފިކުރީ މުދަލާގުޅޭ މައުލޫމާތު އިސްލާހުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދަފްތަރަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
24 ވަނަ މާއްދާ - ދަފްތަރުގައި ހިމެނޭ މައުލޫމާތަށް އުނިއިތުރު ގެނައުން
(ހ) ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ދަފްތަރުގައި ހިމެނޭ ފިކުރީ މުދަލަކާގުޅޭ މަސްލަހަތު އޮތް ފަރާތަކުން، އެ މުދަލަކާ ގުޅޭގޮތުން ދަފްތަރުގައި ހިމެނޭ ކުށެއް އިސްލާހުކުރުމަށް ނުވަތަ ދަފްތަރުގައި ހިމެނިފައިނުވާ މައުލޫމާތެއް ދަފްތަރުގައި ހިމަނައިދިނުމަށް އެދޭނަމަ، އެ ކަމަށް އެދި، މި މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފިކުރީ މުދަލެއްގެ ރަޖިސްޓްރޭށަންގެ ސައްހަކަމަށް އަސަރުކުރާ ކަމެއް މި މާއްދާގެ ދަށުން ހުށައެއްނޭޅޭނެއެވެ.
(ނ) ދަފްތަރުގައި ހިމެނޭ ކުށެއް އިސްލާހުކުރުމަށް ނުވަތަ ދަފްތަރުގައި ހިމެނިފައިނުވާ މައުލޫމާތެއް ދަފްތަރުގައި ހިމަނައިދިނުމަށް އެދި އަންނަނިވި ފަދައިން ކޯޓަށް ނުވަތަ ރަޖިސްޓްރާރަށް ހުށަހެޅިދާނެއެވެ.
- ފިކުރީ މުދަލާގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާނަމަ، ކޯޓަށް.
- ފިކުރީ މުދަލާގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައިނުވާނަމަ، ރަޖިސްޓްރާރަށް.
ހަތަރުވަނަ ބާބު
ނިންމުންތައް މުރާޖައާކުރުމާއި ށަކުވާ ހުށަހެޅުން
25 ވަނަ މާއްދާ - މި ބާބުގައި ބަޔާންކުރާ އުސޫލުތައް ހިނގާނެ ދާއިރާ
މި ބާބުގައި ބަޔާންކުރާ އުސޫލުތައް ހިނގާނީ، ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކުއެވެ.
26 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުން
(ހ) މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނެއްގެ ދަށުން ރަޖިސްޓްރާރ އަދާކުރަންޖެހޭ މަސްއޫލިއްޔަތަކާ ގުޅިގެން ރަޖިސްޓްރާރ ނިންމާ ނިންމުމެއް، އެ ނިންމުން ރައްދުވި ފަރާތަށް ގަބޫލުނުކުރެވޭނަމަ، ރަޖިސްޓްރާރގެ ނިންމުން ނިންމައި، އެކަން އެ ފަރާތަށް އަންގާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ނިންމުމަށް އިއުތިރާޒުކުރާކަމުގެ ނޯޓިހެއް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮފީހަށް ހުށަހަޅާ އިއުތިރާޒުކުރުމުގެ ނޯޓިހުގައި، ރަޖިސްޓްރާރގެ ނިންމުމަށް އެ ނިންމުން ރައްދުވި ފަރާތުން އިއުތިރާޒުކުރާ ސަބަބު ހެއްކާއެކު ބަޔާންކުރަންވާނެއެވެ.
27 ވަނަ މާއްދާ - އިއުތިރާޒުކުރާކަމުގެ ނޯޓިހާމެދު
(ހ) ރަޖިސްޓްރާރގެ ނިންމުމެއް ރައްދުވި ފަރާތުން މި ގާނޫނުގެ 26 ވަނަ ގޮތެއް ކަނޑައެޅުން މާއްދާގެ ދަށުން އިއުތިރާޒުކުރާކަމުގެ ނޯޓިހެއް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހަށް ހުށަހަޅައިފިނަމަ، މި މާއްދާގައިވާ ގޮތުގެމަތިން އެ ނިންމުމާމެދު ކުރިއަށްދާނެ ގޮތެއް ކަނޑައަޅަންވާނެއެވެ.
(ށ) މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައަކާމެދު ކުރިއަށްދާނެ ގޮތެއް މި މާއްދާގެ (ހ) ގެ ދަށުން ނިންމުމުގައި، އެ ނޯޓިހުގައި ބަޔާންކުރާ މައްސަލައިގެ ބާވަތުން، ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރަންނުޖެހޭ ކަމަށް ފެނިއްޖެނަމަ، އެކަން ސަބަބު ބަޔާންކޮށް އެ ނޯޓިސް ހުށަހަޅާ ތާރީހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ނޯޓިސް ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
(ނ) މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައަކާމެދު ކުރިއަށްދާނެ ގޮތެއް މި މާއްދާގެ (ހ) ގެ ދަށުން ނިންމުމުގައި އެ ނޯޓިހުގައި ބަޔާންކުރާ މައްސަލައިގެ ބާވަތުން ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރަންޖެހޭ ކަމަށް ފެނިއްޖެނަމަ، އެ ނިންމުން މުރާޖައާކޮށް އެ ނޯޓިސް ހުށަހަޅާ ތާރީހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެކަމާމެދު ގޮތެއް ނިންމައި، ނޯޓިސް ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.
28 ވަނަ މާއްދާ - ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުމުގެ އުސޫލު
(ހ) ރަޖިސްޓްރާރގެ ނިންމުމަށް އިއުތިރާޒުކޮށް ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ބެލުމުގައި ރަޖިސްޓްރާރަށް ލަފާދިނުމަށްޓަކައި މުރާޖައާ ކޮމިޓީއެއް އެކުލަވާލާފައި އޮންނަންވާނެއެވެ. އަދި އެފަދަ މައްސަލަތަކާމެދު ރަޖިސްޓްރާރ ގޮތެއް ނިންމަންވާނީ، އެ ކޮމިޓީއަށް އެ މައްސަލައެއް ހުށަހަޅައި، އެ ކޮމިޓީން އެ ކަމުގައި ނިންމާ ގޮތެއްގެ މައްޗަށް ރިއާޔަތްކުރުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރގެ ނިންމުން މުރާޖައާކުރުމަށް ހުށަހަޅާނެގޮތުގެ އިޖުރާއަތުތަކާއި، އެފަދަ ނިންމުން މުރާޖައާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މުރާޖައާ ކޮމިޓީ އެކުލަވާލާނެ ގޮތުގެ އުސޫލުތައް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
29 ވަނަ މާއްދާ - ކޯޓަށް މައްސަލަ ހުށަހެޅުން
(ހ) މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލައެއް މުރާޖައާކުރުމަށްފަހު އެ މައްސަލައަކާމެދު މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ ނިންމާ ނިންމުމަކާމެދު، އެ ނިންމުން ރައްދުވާ ފަރާތުން ހިތްހަމަނުޖެހޭނަމަ އެ ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ ނިންމަންޖެހޭ ނިންމުމާމެދު ގޮތެއް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިނުވާނަމަ، އެ ނިންމުން ނިންމަންޖެހޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ކޯޓަށް ހުށަހެޅިދާނެއެވެ.
30 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނެއްގެ ދަށުން އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހާ ނުވަތަ ރަޖިސްޓްރާރާ މަތިކޮށްފައިވާ މަސްއޫލިއްޔަތަކާ ގުޅިގެން އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން ށަކުވާ ހުށަހެޅޭނެ ނިޒާމެއް، މި ގާނޫނުގެ ދަށުން ރަޖިސްޓްރާރ ގާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ގާއިމުކުރާ ނިޒާމުގެ ދަށުން ށަކުވާ ހުށަހެޅޭނެ ގޮތާއި އެ ށަކުވާތަކަށް ރަޖިސްޓްރާރ ޖަވާބުދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މުއްދަތުތަކާއި ކަމާގުޅޭ އިޖުރާއަތުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ފަސްވަނަ ބާބު
އެހެނިހެން ކަންކަން
31 ވަނަ މާއްދާ - އިސްކަންދިނުން
މި ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތަކާއި ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނެއްގައި ކަނޑައަޅާފައިވާ އިޖުރާއަތެއްގައި އެއްވެސް ތައާރުޒެއްވާ ހާލަތުގައި، އެ ދެ އިޖުރާއަތުގެ ތެރެއިން އިސްކަންދޭނީ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތަށެވެ.
32 ވަނަ މާއްދާ - ކޮޕީރައިޓް ރަޖިސްޓަރީކުރުމާގުޅޭ ކަންކަން ބަދަލުވުން
ގާނޫނު ނަންބަރު 2010-23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު) ގެ ދަށުން، ކޮޕީރައިޓާއި އެއާގުޅޭ ހައްގުތައް ރަޖިސްޓަރީކުރުމާއި ކޮޕީރައިޓުގެ ހައްގެއް ރަޖިސްޓަރީކުރާ ފަރާތްތަކުގެ ދަފްތަރު ބެލެހެއްޓުމާއި ކަމާގުޅޭގޮތުން އެ ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ މިނިސްޓްރީއާ އެ ގާނޫނުން މަތިކޮށްފައިވާ އެނޫންވެސް މަސްއޫލިއްޔަތުތައް، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއަށް ބަދަލުވީއެވެ.
33 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ ރަޖިސްޓްރާރެވެ.
(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއުކުރަންވާނެއެވެ.
34 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.
35 ވަނަ މާއްދާ - މާނަކުރުން
މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ) "އޮފީސް" ނުވަތަ "އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" އަށެވެ.
(ށ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއަށެވެ.
(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ބ) "ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، އެކި ބާވަތްތަކުގެ ފިކުރީ މުދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ހާއްސަ ގާނޫނުތަކުގެ ތެރެއިން ކަމާބެހޭ ގާނޫނަށެވެ.
ގުޅުންހުރި ގާނޫނު
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-23)
ކިޔުންތެރިންގެ ހިޔާލު