-

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-23) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-31)

(މި ގާނޫނަށް އަމަލުކުރަން ފަށާނީ/ފެށީ 10 މާޗް 2025 ގައި)

 

ގާނޫނު ނަންބަރު 2010-23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިންގޭނެ ދާއިރާ 2.

މި ގާނޫނަށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަހައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި އަޑުގެ ރިކޯޑިންގތަކާއި، ބްރޯޑްކާސްޓްތައް ހިމާޔަތްކުރެވޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2 ވަނަ ބާބު

ކޮޕީރައިޓާއި އެއާގުޅޭ ހައްގުތައް

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ލިޔުމުގެ އަސްލީ އުފެއްދުންތަކާއި، މިޔުޒިކީ އަސްލީ އުފެއްދުންތައް އަދި އަސްލީ ފަންނުވެރި އުފެއްދުންތައް، ވަކިން ހާއްސަކޮށް ތިރީގައިމިވާ ތަކެތި: 

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) ޑްރާމާ، މިޔުޒިކީ ޑްރާމާ، ސްޓޭޖު ނެށުމާއި، އެ ނެށުން ރާވައި އަތުރާފައިވާ ގޮތާއި، ފިޔަވަޅުތަކާއި، އިށާރާތުން ހުށަހަޅާ ހުށަހެޅުންތަކާއި، މިނޫންވެސް މިފަދަ ހުށަހެޅުންތަކާއި އުފެއްދުންތައް؛

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(5) ފީޗަރ ފިލްމް، ޑޮކިއުމެންޓްރީ ފިލްމް، ޑްރާމާ، ވީޑިއޯ ލަވަ އަދި އެހެނިހެން އޯޑިއޯ ވިށުއަލް ހުށަހެޅުންތަކާއި މަސައްކަތްތައް؛

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(10) ކޮމްޕިއުޓަރ ޕްރޮގްރާމްތައް (ޕްރޮގްރާމް ލިޔުނުގޮތަށް ނުވަތަ ފޯމެޓަށް ބެލުމެއްނެތި).

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ކޮޕީރައިޓާގުޅޭ އަންނަނިވި އުފެއްދުންތައް.

  1. އަޑުގެ ރިކޯޑިންގތައް؛
  2. ސެޓަލައިޓް، އިންޓަރނެޓް، އަދި ކޭބަލް މެދުވެރިކޮށް ކުރެވޭ ބްރޯޑްކާސްޓް.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

އުފެއްދުން ހިމާޔަތްކުރުން 1-3.

މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގްސަދަށް ބަލައިގެނެއްނޫނެވެ. މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(2) އެއްކުރުމުގައި ނުވަތަ އެތުރުމުގައި އަސްލީ ސިފަ ހުންނަ އެއްކޮށްފައިވާ މަސައްކަތްތަކާއި، ކޮންމެ ސިފައެއްގައި އެއްކޮށްފައި ވީނަމަވެސް އެއްކުރުމުގައި ނުވަތަ އެތުރުމުގައި އަސްލީ ސިފަ ހުންނަ މައުލޫމާތު ކޮށާރު (ޑޭޓާބޭސް) އަދި އެއްކުރުމުގައި ނުވަތަ އެތުރުމުގައި އަސްލީ ސިފަ ހުންނަ އެކްސްޕްރެށަން އޮފް ފޯކްލޯރ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހައްގުތައް ލިބިގަތުމަށްޓަކައި އެ ހައްގުތައް ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކުރުމަކީ ލާޒިމުކަމެއްނޫނެވެ. އެހެންނަމަވެސް، މިފަދަ ހައްގުތައް ރަޖިސްޓަރީކުރަން ބޭނުންވާ ފަރާތަކަށް، އެ ހައްގުތައް މިނިސްޓްރީގައި ރަޖިސްޓަރީކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޮޕީރައިޓު ރަޖިސްޓަރީކުރުމަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ފީއެއް ނެގިދާނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޮޕީރައިޓުގެ ހައްގެއް ރަޖިސްޓަރީކުރާ ފަރާތްތަކުގެ ދަފްތަރެއް މިނިސްޓްރީން އެކުލަވާލައި ބަލަހައްޓަންވާނެއެވެ. އަދި އެ ދަފްތަރު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާންމުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ 13 ވަނަ މާއްދާއިން ފެށިގެން 20 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކުރާ ގޮތުގެމަތިން، އުފެއްދުމަކާ ގުޅޭގޮތުން ތިރީގައިމިވާ ކަންތައްތައް ކުރުމުގެ ނުވަތަ އެއިން ކަމެއް ކުރުމަށް ހުއްދަ ދިނުމުގެ ހައްގު ލިބިގެންވަނީ، މުސައްނިފަށް ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތަށެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(4) އެއްވެސް ފަރާތަކަށް ވިއްކާފައި ނުވަތަ ޓްރާންސްފަރކޮށްފައި ނުވަތަ މިލްކުވެރިކަން ބަދަލުކޮށްފައިނުވާ ހިނދެއްގައި، ދިވެހިރާއްޖޭގައި ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން ހުއްދަ ދީފައިވާ އެހެން ގައުމެއްގައި، އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ޑިސްޓްރިބިއުޓްކުރުން؛

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(5) އޯޑިއޯ ވިށުއަލް އުފެއްދުމެއް، އަޑުގެ ރިކޯޑިންގއެއްގައި ހިމެނޭ އުފެއްދުމެއް، ކޮމްޕިއުޓަރ ޕްރޮގްރާމެއް، މައުލޫމާތު ކޮށާރެއް (ޑޭޓާބޭސްއެއް) ނުވަތަ ނޮޓޭށަންއެއްގެ ސިފައިގައިވާ މިޔުޒިކުގެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އެ އެއްޗެއްގެ ވެރިފަރާތަކީ ކޮންމެފަރާތެއް ކަމުގައިވިޔަސް، ކޮޕީރައިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ހުއްދަ ދީފައިނުވާ ހިނދެއްގައި އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ވިއްކުން ނުވަތަ ކުއްޔަށް ދިނުން؛

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(9) ބްރޯޑްކާސްޓް ކުރުން ފިޔަވައި، މުއާސަލާތުކުރުމުގެ އެނޫންވެސް ވަސީލަތަކުން، އުފެއްދުމެއް އާންމުންނަށް ފޯރުކޮށްދިނުން

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ކޮމްޕިއުޓަރ ޕްރޮގްރާމެއް ކުއްޔަށް ދިނުމުގައި އެ ޕްރޮގްރާމެއް ކުއްޔަށް ދިނުމަކީ އޭގެ މައިގަނޑު މަގްސަދު ކަމުގައިނުވާނަމަ، އެކަމަށް މި މާއްދާގެ (ހ) ގެ (5) ގައި ބަޔާންކޮށްފައިވާ ހައްގު ލިބިގެނެއްނުވެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) އުފެއްދުމެއްގެ މުސައްނިފަކީ އެ އުފެއްދުމުގެ ކޮޕީރައިޓުގެ ވެރިފަރާތް ކަމުގައި ނުވިނަމަވެސް، އެފަރާތަށް މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ އިގްތިސާދީ ހައްގުތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިގެންވެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހިމާޔަތްކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް މީހަކު އަރައިގެންފިނަމަ، އޭގެ ސަބަބުން އެފަރާތުގެ މާލަށާއި އަބުރަށް ލިބޭ ގެއްލުމެއްގެ ބަދަލު ހޯދުމުގެ ހައްގު މި ގާނޫނުގެ 31-1 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެފަރާތަށް ލިބިގެންވެއެވެ.

(ޅ) އެއްވެސް ފަރާތަކުން މި މާއްދާގެ (ނ) ގެ ދަށުން ހައްގެއް ދޫކޮށްލާނަމަ، މި ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކުލަވާލާ ދަފްތަރުގައި ހިމެނޭ މައުލޫމާތު މިނިސްޓްރީން އިސްލާހުކޮށް، އެ ދަފްތަރު އަދާހަމަކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ގައި ނުހިމެނޭ ގޮތަށް އަދި މި ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ށާއިއުކޮށްފައިވާ އުފެއްދުމެއްގެ މުސައްނިފުގެ ނުވަތަ ކޮޕީރައިޓުގެ ެރިފަރާތުގެ ހުއްދައެއް ނެތި، އެ އުފެއްދުމުގެ އެންމެ ކޮޕީއެއް އޭގެ އަސްލާ އެއްގޮތަށް، މީހަކަށް ހަމައެކަނި އޭނާގެ އަމިއްލަ ބޭނުމަށް އަލުން އުފެއްދިދާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗަށް އެ އަކުރުގެ ދަށުން އުފެއްދުމުގެ ހުއްދަ ލިބިގެނެއްނުވެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(5) މަސައްކަތް އަލުން އުފައްދާއިރު އޭގެ އާންމު މަންފާއަށް ބުރޫއެރުމާއެކު އެ މަސައްކަތުގެ މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގުތަކަށް މަގުބޫލު ސަބަބެއްނެތި އުނިކަމެއް އަންނަފަދަ ނަކަލުކުރުންތައް؛

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) އަލުން އުފައްދާފައިވަނީ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ލިބިފައިވާ، ނުވަތަ ގާނޫނީގޮތުން އަލުން އުފެއްދުމުގެ ބާރު ލިބިފައިވާ، މީހެއް ނުވަތަ ގާނޫނީ ށަހްސެއް ކަމަށްވުން.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހަވާލާދީ ހުށަހެޅުން 14.

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނެ ގޮތަށް، ހަމައާއި އިންސާފުގެ މަތިން، އެ ކުރާ ކަމަކަށް ބޭނުންވާ ވަރަށްވުރެ އިތުރުނުވާގޮތަށް މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާނުލައި ށާއިއުކޮށްފައިވާ މަސައްކަތަކުން ކުޑަ މިންވަރެއް، ހަވާލާދީ ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން އަލުން ބޭނުންކުރެވިދާނެއެވެ.

(ށ) ހަވާލާދީ ހުށަހަޅާ ހުށަހެޅުން ށާއިއުކޮށްފައިވާ މަސައްކަތުގައި މުސައްނިފުގެ ނަން އެނގެން އޮތްނަމަ، މުސައްނިފުގެ ނަމާއި މަސްދަރާއި ށާއިއުކޮށްފައިވާ ގޮތް، ބޭނުންކުރާ މަސައްކަތުގައި ބަޔާންކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ އަރިމަތީ ސުރުހީއާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހު ކުރުން

އުނގަންނައިދިނުމުގައި ބޭނުންކުރުން 15.

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނެ ގޮތަށް ޕަބްލިކޭށަންތަކުގައި، ބްރޯޑްކާސްޓިންގ ނުވަތަ ސައުންޑް ނުވަތަ ވިށުއަލް ނުވަތަ އަޑުގެ ރިކޯޑިންގތަކުގައި އާންމުންނަށް ލިބެންހުރި މަސައްކަތެއް، މުސައްނިފުގެ ނުވަތަ ކޮޕީރައިޓުގެ އެހެނިހެން ވެރިފަރާތުގެ ހުއްދައަކާ ނުލައި، އުނގަންނައިދިނުމުގެ ބޭނުންތަކަށް، ހަމައާއި އިންސާފުގެމަތިން، އެ ބޭނުންވާ ވަރަށްވުރެ އިތުރުނުވާގޮތަށް ބޭނުންކުރެވިދާނެއެވެ. އޭގެތެރޭގައި ކިޔަވާ ދަރިވަރުންނަށާއި އުނގަންނައިދޭ ފަރާތްތަކަށް ވަދެވޭ ކޮމްޕިއުޓަރ ނެޓްވޯރކްތައް މެދުވެރިކޮށް، އެފަދަ މަސައްކަތްތައް ހަމައެކަނި އެފަރާތްތަކަށް ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަށް އުނިކަމެއް ނާންނާނެ ގޮތަށް، ސީދާކޮށް ނުވަތަ ނުސީދާކޮށް ކަމުގައިވިޔަސް، ވިޔަފާރީގެ ފައިދާއަކަށް ނުވާގޮތަށް، ކޮންމެ ލައިބްރަރީއަކުން ނުވަތަ އަރުށީފަކުން، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި، އެ އުފެއްދުމެއްގެ އެއް ކޮޕީ ތިރީގައިމިވާ ގޮތުގެމަތިން އުފެއްދިދާނެއެވެ. 

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ރިޕްރޮގްރަފިކް ވަސީލަތެއް ބޭނުންކޮށްގެން އަލުން އުފެއްދުން، އަދި އަލުން އުފައްދާ އުފެއްދުމަކީ ށާއިއުކޮށްފައިވާ ލިޔުމެއް، އެހެން މަސައްކަތެއް ނުވަތަ މަސައްކަތެއްގެ ބައެއް ވަކި މީހެއްގެ ބޭނުމަކަށް އަލުން އުފެއްދުމެއް ކަމަށް ވާހިނދު؛

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) ކޮޕީރައިޓުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއަކުން އެފަދަ ގޮތަކަށް ކޮޕީތައް ހެދުމަށް ވަކި ބާވަތެއްގެ ލައިސަންސެއް ލިބެން ނެތުމުން. 

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ރިޕްރޮގްރަފިކް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އުފެއްދުމެއްގެ ކޮޕީއެއް ހަދާފައިވަނީ އެހެން ލައިބްރަރީއެއް ނުވަތަ އަރުށީފެއްގައިވާ ކޮޕީއެއް ރައްކާކޮށް ރަނގަޅަށް ބެލެހެއްޓުމުގެ މަގްސަދުގައި، ނުވަތަ ގެއްލިފައިވާ، ނުވަތަ ހަލާކުވެފައިވާ، ނުވަތަ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކޮޕީއެއްގެ ބަދަލުގައި ބޭނުންކުރުމުގެ މަގްސަދުގައިކަމަށްވެފައި އަދި އެ އުފެއްދުމެއްގެ އަސްލު ކޮޕީއެއް ހޯދުމަކީ ފަސޭހައިން ކުރެވޭނެކަމަކަށް ނުވެފައި، އެ އުފެއްދުމެއް އަލުން އުފައްދާފައިވަނީ އެންމެފަހަރަކު ކަމުގައި، ނުވަތަ އެއް ފަހަރަށްވުރެ ގިނަފަހަރު ރިޕްރޮގްރަފިކް ވަސީލަތްތައް މެދުވެރިކޮށް އުފައްދާފައިވަނީ މުޅިން ތަފާތު އަދި ގުޅުމެއްނެތް ފަހަރުތަކުގެ މަތިން ކަމުގައިވުމުން.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1)، )8( އަދި (9) އަށް އުނިކަމެއް ނާންނާނެ ގޮތަށް، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި، އެ މަސައްކަތުގެ މުސައްނިފު އެނގޭނެ ގޮތަކަށް އަދި އެ މަސައްކަތް ލިބެންހުރި ނުވަތަ ފެންނަން ހުރިގޮތް ވީހާވެސް ބޮޑަކަށް ހާމަކުރުމާއެކު، ތިރީގައިމިވާ ކަންކަން ކުރެވިދާނެއެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ހ) ނޫހެއް ނުވަތަ މަޖައްލާއެއްގައި ހިނގަމުންދާ އިގްތިސދީ، އިޖްތިމާއީ، ނުވަތަ ދީނީ ކަމަކާބެހޭގޮތުން ށާއިއުކޮށްފައިވާ ލިޔުމެއް ނުވަތަ އެފަދަ ބްރޯޑްކާސްޓް އުފެއްދުމެއް، ނޫހެއް ނުވަތަ މަޖައްލާއެއްގައި އަލުން އުފެއްދުން ނުވަތަ ބްރޯޑްކާސްޓް ކުރުން ނުވަތަ އެނޫންވެސް އެހެން ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުން. މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން އިސްވެ ބަޔާންކުރެވުނު ކަހަލަ އެއްވެސް އުފެއްދުމެއް އެފަރާތުގެ ހުއްދައާއެކު ނޫނީ އަލުން އުފެއްދުމަށް ނުވަތަ ބްރޯޑްކާސްޓް ކުރުމަށް ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުމަށް ކަނޑައަޅާފައިވާނަމަ، އިސްވެ ބަޔާންކުރެވިފަ އިވާ ގޮތަށް މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައާ ނުލައި އަލުން އެ މަސައްކަތެއް ނުއުފެއްދޭނެއެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އާއި (3) އަށް އުނިކަމެއް ނާންނާނެ ގޮތަށް، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި ކޮމްޕިއުޓަރ ޕްރޮގްރާމެއް ގަތް ފަރާތަކުން އެ ޕްރޮގްރާމެއް ބޭނުންކުރުމުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ނުވަތަ ބަދަލެއް ގެންނަންޖެހޭ ހިނދެއްގައި ކޮންމެހެން ގެންނަންޖެހޭ ބަދަލަކާއެކު އެފަދަ ޕްރޮގްރާމެއް ތިރީގައިމިވާ ބޭނުންތަކަށް އަލުން އުފެއްދިދާނެއެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި އެހެން އެއްވެސްކަމަކަށް ކޮމްޕިއުޓަރ ޕްރޮގްރާމެއްގެ ކޮޕީއެއް ނުވަތަ އެފަދަ ޕްރޮގްރާމަކަށް ބަދަލެއް ގެނެސްގެންވިޔަސް، ބޭނުންކޮށްގެންނުވާނެއެވެ. އަދި އެފަދަ ކޮޕީއެއް ގެންގުޅުން މަނާވެއްޖެ ހިނދެއްގައި، އެ ކޮޕީއެއް ނުވަތަ ބަދަލު ގެނެސްފައިވާ ކޮޕީ، ބަދަލު ދިނުމަކާނުލައި ވަގުތުން ނައްތާލައި އެނޫންވެސް ގޮތަކުން ބޭނުން ނުކުރެވޭނެގޮތަށް ހެދުމުގެ ބާރު ކަމާބެހޭ ސަރުކާރުގެ އިދާރާއަށް ލިބިގެންވެއެވެ. 

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮޕީރައިޓުގެ މުއްދަތު 20.

(ހ) މި މާއްދާގެ (ށ)، (ނ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތިން، އުފެއްދުމެއްގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް، އެ އުފެއްދުމެއްގެ މުސައްނިފުގެ ހަޔާތުގައި އަދި އެމީހަކު މަރުވުމަށްފަހު، ފުރިހަމަ 70 (ހަތްދިހަ) އަހަރު ވަންދެން މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.

(ށ) ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް، އެ މުސައްނިފުންގެ ތެރެއިން އެންމެފަހުން ދިރިހުރި މުސައްނިފުގެ ހަޔާތުގައި، އަދި އެއަށްފަހު ފުރިހަމަ 70 (ހަތްދިހަ) އަހަރު ވަންދެން މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެއެވެ.

(ނ) އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތް ފިޔަވައި، ކަލެކްޓިވް އުފެއްދުމާއި އޯޑިއޯ ވިށުއަލް އުފެއްދުމުގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް ހިމާޔަތްކޮށްދެވޭނީ އެ އުފެއްދުމެއް އުފެއްދި ތާރީހު ނުވަތަ ފުރަތަމަ ާންމުންނަށް ލިބެންފެށި ތާރީހު ނުވަތަ ފުރަތަމަ ށާއިއުކުރެވުނު ތާރީހުތަކުގެ ތެރެއިން އެންމެފަހުގެ ތާރީހަކުން ފެށިގެން ފުރަތަމަ 70 (ހަތްދިހަ) އަހަރު ވަންދެންނެވެ.

(ރ) އުފެއްދި ފަރާތް ނޭނގޭގޮތަށް ނުވަތަ ވަނަމެއްގައި ށާއިއުކުރެވިފައިވާ އުފެއްދުމެއްނަމަ، އޭގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް ހިމާޔަތްކޮށްދެވޭނީ އެ އުފެއްދުމެއް އުފެއްދި ތާރީހު ނުވަތަ ފުރަތަމަ އާންމުންނަށް ލިބެންފެށި ތާރީހު ނުވަތަ ފުރަތަމަ ށާއިއުކުރެވުނު ތާރީހުތަކުގެ ތެރެއިން އެންމެފަހުގެ ތާރީހަކުން ފެށިގެން ފުރަތަމަ 70 (ހަތްދިހަ) އަހަރު ވަންދެންނެވެ. ނަމަވެސް މި މުއްދަތު ހަމަވުމުގެ ކުރިން މުސައްނިފަކީ ކޮންފަރާތެއްކަން ހާމަވެއްޖެނަމަ ނުވަތަ މުސައްނިފަކީ ކޮންފަރާތެއް ކަމާމެދު ށައްކެއް ނުއުފެދޭނަމަ، މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އަމަލުކުރެވޭނެއެވެ.

(ބ) އިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތުގެ އިގްތިސާދީ އަދި އަހްލާގީ ހައްގުތައް ހިމާޔަތްކޮށްދެވޭނީ، އެ އުފެއްދުމެއް އުފައްދާ ތާރީހުން ފެށިގެން ފުރިހަމަ 35 (ތިރީސްފަހެއް) އަހަރު ވަންދެންނެވެ.

(ޅ) މި މާއްދާގައި ކަނޑައެޅިފައިވާ މުއްދަތުތައް އެ މުއްދަތެއް ހަމަވާ މީލާދީ އަހަރުގެ ނިޔަލަށް ދެމިއޮންނާނެއެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) އޯޑިއޯ ވިށުއަލް އުފެއްދުމެއްނަމަ، އިގްތިސާދީ ހައްގުތަކުގެ ފުރަތަމަ ވެރިފަރާތަކަށް ވާނީ އެހެން ގޮތަކަށް އެއްބަސްވެފައިނުވާހާ ހިނދަކު، އޭގެ ޕްރޮޑިއުސަރެވެ. އޯޑިއޯ ވިށުއަލް އުފެއްދުމުގައި ބައިވެރިވި މުސައްނިފުންނާއި، އަލަށް އުފައްދާފައިވާ އޯޑިއޯ ވިށުއަލް އުފެއްދުމުގައި ހިމަނާފައިވާ ކުރިން އުފައްދާފައިވާ އުފެއްދުމެއްގެ މުސައްނިފުންގެ އިގްތިސާދީ ހައްގުތައް، އެމީހުން ކޮށްފައިވާ މަސައްކަތުގެ ނިސްބަތުން ނުވަތަ އެ މަސައްކަތްތަކުގެ އިގްތިސާދީ ހައްގުތައް ރައްކާތެރިކުރެވިފައިވާ މިންވަރަކަށް އެފަރާތްތަކުގެ އިގްތިސާދީ ހައްގުތައް ވަކިން ދެމެހެއްޓިގެންދާނެއެވެ. 

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) އިގްތިސާދީ ހައްގެއް އެހެން ފަރާތަކަށް ދޭންވާނީ ނުވަތަ އެ ހައްގު ބޭނުންކުރުމުގެ ލައިސަންސް މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ދޭންވާނީ ލިޔުމަކުންނެވެ. މި ލިޔުމުގައި، ދޭ ފަރާތާއި ލިބިގަންނަ ފަރާތުން ނުވަތަ ލައިސަންސް ދޭ ފަރާތާއި ލައިސަންސް ހޯދާ ފަރާތުން ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 23 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ނ) އިގްތިސާދީ ހައްގެއް އެއްކޮށް ނުވަތަ އޭގެ ބައެއް، އެހެން ފަރާތަކަށް ދޭއިރު ނުވަތަ އެ ހައްގު ބޭނުންކުރުމުގެ ލައިސަންސް މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން ވަކި ފަރާތަކަށް ދޭއިރ،ު ކަނޑައެޅިގެން ބަޔާންކުރެވިފައިވާ ހައްގުތައް ފިޔަވައި އެހެން އިތުރު ހައްގެއް އޭގައި ހިމެނޭނެކަމަށް ނުވަތަ ހިމެނިދާނެކަމަށް ބަލައިގެން ނުވާނެއެވެ. 

 

38 ވަނަ މާއްދާ ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮޕީރައިޓުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާ 24.

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ކޮޕީރައިޓުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއެއް އުފެއްދިދާނެއެވެ. ކޮޕީރައިޓުގެ ވެރިފަރާތްތައް ތަމްސީލުކޮށްދޭ ޖަމްއިއްޔާއަކ،ީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ވެރިފަރާތްތަކުން ނުވަތަ ކުރިމަގުގައި އެފަދަ ވެރިފަރާތްތަކަށްވާނެ މީހުން ނުވަތަ ވެރިފަރާތްތަކުގެ އޭޖެންޓުން ނުވަތަ ކުރިމަގުގައި އެފަދަ ވެރިފަރާތްތަކަށްވާނެ މީހުންގެ އޭޖެންޓުން ގުޅިގެން އުފައްދާ ޖަމްއިއްޔާއެކެވެ. އެފަދަ ޖަމްއިއްޔާއެއް އުފައްދާނަމަ، މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭ އުފެއްދުންތައް އެހެން ފަރާތްތަކުން ބޭނުންކުރުމަށްޓަކައި ލައިސަންސް ދޫކުރުން ނުވަތަ އެފަދަ ލައިސަންސްތައް ދޫކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު ނެގޯށިއޭޓުކުރުން އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެންވާނެއެވެ.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

3 ވަނަ ބާބު

އުފެއްދުމަކާ ގުޅިގެން ހުއްދަ ހޯދަންޖެހޭ ހާލަތްތަކާއި އިސްތިސްނާ ހާލަތްތައް

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(4) ފަންނާނެއްގެ ޕަރފޯމަންސެއްގެ ފިކްސޭށަނެއް ނުވަތަ އޭގެ ކޮޕީއެއް، އެ ފަންނާނެއް ކުރިން ޑިސްޓްރިބިއުޓްކުރުމުގެ ހުއްދަ ދީފައިނުވާނަމަ، އެ އުފެއްދުމެއް އާންމުންނަށް ފޯރުކޮށްދިނުން؛

(5) ފަންނާނެއްގެ ޕަރފޯމަންސެއްގެ ފިކްސޭށަނެއް ނުވަތަ އޭގެ ކޮޕީގެ ވެރިފަރާތަކީ ކޮންމެ ފަރާތެއްކަމުގައިވިޔަސް، އާންމުންނަށް ކުއްޔަށް ދިނުން؛ އަދި

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) އުނިކުރުން.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 25 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް، ހުށަހަޅައިދޭ ހުށަހެޅުމުގެ އަޑު ފޮނޮގްރާމެއް (އަޑު ހިފަހައްޓާ އެއްޗެއް) ގައި ފިކްސޭށަނަކަށްވާ ތާރީހަކުން ފެށިގެން ނުވަތަ އެފަދަ ފިކްސޭށަނެއް ނެތް ހިނދެއްގައި ޕަރފޯމް ކުރާ ތާރީހަކުން ފެށިގެން 70 (ހަތްދިހަ) އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކޮށްދެވޭނެއެވެ.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 26 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ހައްގުތައް، އަޑުގެ ރިކޯޑިންގ ށާއިއުކުރެވުނު ތާރީހުން ފެށިގެން، ނުވަތަ ށާއިއުކުރެވިފައިނުވާ ރިކޯޑިންގއެއްނަމަ، އެ ރިކޯޑިންގއެއްގެ ފިކްސޭށަން ހެދިފައިވާ ތާރީހުން ފެށިގެން 70 (ހަތްދިހަ) އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކޮށްދެވޭނެއެވެ.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ހ) އާންމުންނަށް އެއްވަގުތަކު އެއްތަނަކުން އެ އަޑުގެ ރިކޯޑިންގ އިވުން ނުވަތަ އެމީހުން ހިޔާރުކުރާ ތަންތަން އަދ/ިނުވަތަ ވަކިވަކިން ހިޔާރުކުރާ ވަގުތުތަކުގައި އެ އަޑުގެ ރިކޯޑިންގއެއް އަޑުއިވުން ފިޔަވައި، ވިޔަފާރީގެ ބޭނުމަށް މީހަކު އުފައްދާ ށާއިއުކޮށްފައިވާ އަޑުގެ ރިކޯޑިންގއެއް ނުވަތަ މިފަދަ އުފެއްދުމަކުން އަލުން ރިކޯޑްކޮށްފައިވާ އެއްޗެއް ސީދާ ބްރޯޑްކާސްޓް ކުރުމަށް ނުވަތަ އާންމު ތަނެއްގައި ޕަރފޯމް ކުރުމަށް ނުވަތަ މިނޫންވެސް ގޮތަކަށް އާންމުންނަށް މުއާސަލާތުކުރުމަށް ބޭނުންކޮށްފިނަމަ، ބޭނުންކުރި ފަރާތުން ޕަރފޯމް ކުރި ފަންނާނަށް ނުވަތަ ފަންނާނުންނަށް އަދި އަޑުގެ ރިކޯޑިންގ އުފެއްދި ޕްރޮޑިއުސަރަށް އިންސާފުވެރި އުޖޫރައެއް އެއްފަހަރާ ދައްކަންވާނެއެވެ. 

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 27 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) އަޑުގެ ރިކޯޑިންގއެއް ށާއިއުކޮށްފައިވާ ތާރީހުން ފެށިގެން ނުވަތަ ށާއިއުކޮށްފައިނުވާނަމަ، އެ ރިކޯޑިންގއެއްގެ ފިކްސޭށަން ހަދާ ތާރީހުން ފެށިގެން 70 (ހަތްދިހަ) އަހަރު ހަމަވާ އަހަރުގެ ނިޔަލަށް މި މާއްދާގައި ބުނެފައިވާ އިންސާފުވެރި އުޖޫރައިގެ ހައްގު ހިމާޔަތްކުރެވޭނެއެވެ.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 28 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް، ބްރޯޑްކާސްޓް ކުރާ ތާރީހަކުން ފެށިގެން 70 (ހަތްދިހަ) އަހަރު ހަމަވާ އަހަރުގެ ނިޔަލަށް ހިމާޔަތްކުރެވޭނެއެވެ.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައަކާ ނުލައި މަސައްކަތެއް ނުވަތަ އުފެއްދުމެއް ބޭނުންކުރެވޭ ހާލަތްތަކަށް.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 29 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ހަތަރު މާއްދާ އިތުރުކުރުން

ހުއްދަކޮށްފައިވާ އިދާރާތައް 1-29.

(ހ) އަންނަނިވި ށަރުޠުތައް ފުރިހަމަވާނަމަ، ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ނެތި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެގޮތަށް އުފެއްދުމެއްގެ ކޮޕީއެއް ހެދުމާއި، ހުއްދަކޮށްފައިވާ އެހެން އިދާރާއަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެގޮތަށް ތައްޔާރުކުރާ އުފެއްދުމެއްގެ ކޮޕީއެއް ހޯދައި، އެ ކޮޕީތައް، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިޔަފާރި އުސޫލުން ނޫންގޮތަކަށް ބޭނުންކުރުމަށް ނުވަތަ އިލެކްޓްރޯނިކް މުއާމަލާތްތައް މެދުވެރިކޮށް، ނުވަތަ އެހެންވެސް ހަރަކާތެއް ހިންގައިގެން ފޯރުކޮށްދިނުމުގެ ހުއްދ،ަ ހުއްދަކޮށްފައިވާ އިދާރާތަކަށް ލިބިގެންވެއެވެ.

  1. އެ ހަރަކާތެއް ހިންގަން ބޭނުންވާ ފަރާތަކީ އެ އުފެއްދުމެއް ނުވަތަ އެ އުފެއްދުމެއްގެ ކޮޕީއެއް ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތަކަށްވުން.
  2. ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެގޮތަށް ބަދަލުކުރުމަށް ބޭނުންވާ ބަދަލުތައް ފިޔަވައި އެހެން ބަދަލެއް ގެނެސްފައިނުވާ އުފެއްދުންތައް؛
  3. އެ އުފެއްދުމެއްގެ ކޮޕީ ފޯރުކޮށްދެނީ ހަމައެކަނި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމުގައިވުން؛
  4. އެ ހަރަކާތަކީ ނޮނ-ްޕްރޮފިޓް އު ސޫލުން ހިންގާ ހަރަކާތަކަށްވުން.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ''ހުއްދަކޮށްފައިވާ އިދާރާ'' ކަމަށް ބުނެފައި އެވަނީ، ފެނުމުގެ ދަތިކަން ހުންނަ މީހުންނަށް ތައުލީމާއި ތަމްރީނާއި، އެޑެޕްޓިވް ރީޑިންގ ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާއަކުން ހުއްދަކުރާ ނުވަތަ ގަބޫލުކުރާ ފަރާތަކަށެވެ. މީގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ތެރެއިން، އެތަނެއްގެ އަސާސީ އެއް ހަރަކާތަކީ އެފަދަ ފަރާތްތަކަށް ހިދުމަތް ދިނުން ކަމުގައި ކަނޑައަޅާފައިވާ އިދާރާތަކާއި ޖަމްއިއްޔާތައްވެސް ހިމެނެއެވެ. 

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް 2-29.

(ހ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތައް ބެލުމަށް ހަވާލުވެފައިވާ ފަރާތްތައް ހިމެނޭ ގޮތަށް، އެމީހެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން ގޮތަކުން އެހީތެރިވުމަށްޓަކައި އުފެއްދުމެއް ބޭނުންކުރެވޭފަދަ ގޮތަށް އޭގެ ކޮޕީއެއް ހެދުމުގެ ހުއްދ،ަ އެ އުފެއްދުމެއް ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތަކަށް ލިބިގެންވެއެވެ.

(ށ) ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ނެތި، އުފެއްދުމެއްގެ ބޭނުންކުރެވޭފަދަ ގޮތަށް ތައްޔާރުކުރާ ކޮޕީއެއް އުފައްދައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުމަށް ބޭނުންކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ހުއްދައެއް ވަކި ފަރާތަކަށް ދީފައިވާ ކަމުގައި ބެލޭނީ، އެ ހުއްދަ ދީފައިވަނީ، އެ އުފެއްދުމެއްގެ ކޮޕީ ބޭނުންކުރާނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ނޫން ފަރާތެއްކަން އެނގިފައިނުވާނަމަ ނުވަތަ އެނގޭނެ ސަބަބުތަކެއް ނެތް ހާލަތެއްގައި ނަމައެވެ. މިފަދަ ކޮޕީއެއް އުފެއްދޭނީ ނުވަތަ ޑިސްޓްރިބިއުޓްކުރެވޭނީ މި ގާނޫނުގެ ދަށުން ަދާ ގަވާއިދުގައި ބަޔާންކުރާ ހާއްސަ ހާލަތްތަކެއްގައި، އެ އުފެއްދުމެއްގެ ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަކަށް އުނިކަމެއް ނާންނާނެފަދަ ގޮތަކަށެވެ.

(ރ) ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުމަށްޓަކައި، އެފަރާތްތަކަށް ބޭނުންކުރެވޭނެގޮތަށް ތައްޔާރުކުރާ އުފެއްދުމެއްގެ ކޮޕީއެއް، ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދަ ނެތި އެތެރެކުރުމުގެ ހުއްދަ ލިބިގެންވެއެވެ.

(ބ) މި މާއްދާ ހިނގާ އުފެއްދުންތަކުގެ ތެރޭގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ، ކޮންމެވެސް ސިފައެއްގައި ށާއިއުކޮށްފައިވާ ނުވަތަ އެހެންވެސް ގޮތަކުން އާންމުކޮށްފައިވާ ލިޔުންތަކާއި، ނޮޓޭށަންތަކާއި، ތަސްވީރުތަކާއި، އަޑުގެ ރިކޯޑިންގތައް ހިމެނެއެވެ.

(ޅ) މި މާއްދާގެ ބޭނުމަށް ''ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް'' ކަމަށް ބުނެފައި އެވަނީ: 

  1. ލޯފަންވެފައިވާ މީހަކު ކަމަށްވުން؛ ނުވަތަ
  2. އެމީހަކީ ފެނުމުގެ އުނިކަމެއް ނުވަތަ ވިސްނުމުގެ ނުވަތަ އުނގެނުމުގެ ނުކުޅެދުންތެރިކަމެއް ހުރެ އެކަން އިތުރަށް ރަނގަޅުވުމުގެ ފުރުސަތު ނެތުމުގެ ސަބަބުން އެފަދަ އުނިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއް ނެތް މީހަކާ އެއްވަރަށް ޗާޕުކޮށްފައިވާ ލިޔުންތައް ކިޔަން ނޭނގޭ މިންވަރަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު ކަމަށްވުން؛ ނުވަތަ
  3. އެމީހަކީ އެހެން ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން، ފޮތެއް ހިފަހައްޓައިގެން ކިޔުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން ނުވަތަ ލޮލުން ފޯކަސްނުކުރެވޭ ނުވަތަ ލޯ ހަރަކާތް ނުކުރެވޭ މީހަކަށްވުމުގެ ސަބަބުން އެ ފޮތުގައިވާ ލިޔުމެއް ނުވަތަ އެނޫންވެސް ބަލައިގެން ކިޔޭނެފަދަ މައުލޫމާތެއް އާންމުކޮށް ކިޔުމަށް ބޭނުންވާ މިންވަރަށް ކިޔުމަށް ނުކުޅެދުންތެރިވާ މީހަކު ކަމަށްވުން. 

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ 3-29.

(ހ) މި މާއްދާގައި ބަޔާންކުރާ އިސްތިސްނާގެ އުސޫލުތައް ހިނގާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެފަރާތެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބޭނުންކުރުން ހުއްދަކުރާ އުފެއްދުމެއް އެހެން ފަރާތްތަކެކޭ އެއްފަދައިން ބޭނުން ނުކުރެވޭ ހާލަތްތަކުގައެވެ.

(ށ) ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ނުވަތަ އެފަރާތެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުން އެހެން ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން ބޭނުންކުރުން ހުއްދަކުރާ އުފެއްދުމެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ އަމިއްލަ ބޭނުމަށްޓަކައި އެފަރާތަކަށް ބޭނުންކުރެވޭފަދަ ގޮތަކަށް އެ އުފެއްދުމެއްގެ ކޮޕީއެއް ތައްޔާރުކުރުމަކ،ީ ކޮޕީރައިޓުގެ ހައްގަށް އަރައިގަތުން ކަމުގައެއް ނުބެލެވޭނެއެވެ. 

(ނ) މި މާއްދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭފަދަ ގޮތަށް ތައްޔާރުކުރާ އުފެއްދުމެއްގެ ކޮޕީއެއް ކުއްޔަށް ދެވޭނީ ނުވަތަ ވިއްކޭނީ ނުވަތަ ވިއްކުމަށް ނުވަތަ ކުއްޔަށް ދިނުމަށް މަގުފަހިކޮށްދެވޭނީ، މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ހުއްދައާއެކުގައެވެ.

 

ވިޔަފާރި ފައިދާއަކަށް ނުވާގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ޓެކްސްޓް އަދި ޑޭޓާ އެނެލިސިސްގެ ކޮޕީ ހެދުން 4-29.

(ހ) އަންނަނިވި ށަރުޠުތައް ފުރިހަމަވާނަމަ، ވަކި އުފެއްދުމެއް ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތަކުން އެ އުފެއްދުމެއްގެ ކޮޕީއެއް ހެދުމަކީ ކޮޕީރައިޓަށް އަރައިގަތުން ކަމުގައެއް ނުބެލެވޭނެއެވެ. 

  1.  އެ ކޮޕީ ހަދާފައިވަނީ، އެ އުފެއްދުމެއް ބޭނުންކުރުމުގެ ހުއްދަ އޮތް ފަރާތަކުން، ހަމައެކަނި ވިޔަފާރި ފައިދާއަކަށް ނުވާގޮތަށް ކުރާ ދިރާސާއެއްގެ ބޭނުމަށް، އެ އުފެއްދުމެއްގައި ރިކޯޑްކުރެވިފައިވާ ޑޭޓާގެ ކޮމްޕިއުޓޭށަނަލް އެނެލިސިސްއެއް ހެދުމުގެ ބޭނުމަށް ކަމަށްވުން؛ އަދި
  2. އެ ކޮޕީގައި، އެއީ ވަކި އުފެއްދުމެއްގެ ނަކަލެއްކަން ބަޔާންކޮށްފައި އޮތުން (އެއީ، އެ ކޮޕީގެ ބާވަތުން އަމަލީގޮތުން ކުރެވެން ނެތް ކަމެއްކަމަށްވާ ހާލަތުގައި ފިޔަވައި). 

(ށ) އަންނަނިވި ށަރުޠުތައް ފުރިހަމަވާ ހާލަތުގައި، އެއްވެސް ފަރާތަކުން ވަކި އުފެއްދުމެއްގެ ކޮޕީއެއް ހެދުމަކީ އެ އުފެއްދުމެއްގެ ކޮޕީރައިޓަށް އަރައިގަތުން ކަމުގައި ބެލެވޭނެއެވެ.

  1. މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން ހުއްދަ ދީފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތެއްގައި ތިންވަނަ ފަރާތަކަށް ކޮޕީރައިޓު ބަދަލުކުރުން؛
  2. މުސައްނިފު ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުން ހުއްދަ ދީފައިވާ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް އެ ނަކަލު ބޭނުންކުރުން.

(ނ) މި މާއްދާގެ ދަށުން ތައްޔާރުކުރާ ކޮޕީއެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބޭނުންކުރުމަށްފަހު، އޭގެ އިތުރަށް ބޭނުންކުރާނަމަ، އެ މުއާމަލާތުގެ ބޭނުމަށް އެ ކޮޕީއެއް ބަލާނީ ކޮޕީރައިޓާ ހިލާފު ކޮޕީއެއްގެ ގޮތުގައެވެ.

(ރ) މި ގާނޫނުގެ ދަށުން ކޮޕީރައިޓަށް އަރައިނުގަނެވޭފަދަ ގޮތަށް ކޮޕީއެއް ތައްޔާރުކުރުމުގެ ހުއްދަ އޮތް އުފެއްދުމެއްގެ ކޮޕީއެއް ތައްޔާރުކުރުން މަނާކުރާ ގޮތަށް އެއްބަސްވުމެއް އެކުލަވާލައިފިނަމަ، މި ގާނޫނުގެ މަގްސަދަށްޓަކައި އެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުމެކެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ދައުވާކުރުން 30.

(ހ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެއްދުމަކާ ގުޅޭގޮތުން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭ ހައްގުގެ ބޭނުންކޮށް، އެފަރާތުގެ އެ ހައްގަށް އަރައިގަތުން ހުއްޓުވުމަށް ނުވަތަ އެކަމުގެ ސަބަބުން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިފައިވާ އަދި ލިބެމުންދާ އެންމެހައި ގެއްލުމެއްގެ ބަދަލު ހޯދުމަށް ނުވަތަ އެނޫންވެސް މިލްކުވެރިކަމުގެ ހައްގެއް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގޮތުން ގާނޫނު ހުއްދަކުރާ ކޮންމެ ފިޔަވަޅެއް އަޅައިދިނުމަށް އެދި ދައުވާކުރުމުގެ ހައްގު އެފަރާތަށް ލިބިގެންވެއެވެ.

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހައްގަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުން 31.

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ހައްގަކަށް އަރައިގަތުން ނުވަތަ އަރައިގަންނަމުން ދިޔުން ހުއްޓުވުމަށްޓަކައި، ވަކި ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ހައްގަށް އަރައިގަތުމުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ އެކަން ހުއްޓުވުމުގެ ބާރު ލިބިފައިވާ ކޮންމެ ފަރާތަކަށްވެސް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރުތައް ކުރުމުގެ އިތުރުން، މަދަނީ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެޅުމަށް ހުއްދަކުރާ އެންމެހައި ފިޔަވަޅުތަކެއް އެޅުމުގެ ފުރިހަމަ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން ދެ މާއްދާ އިތުރުކުރުން.

ބަދަލު ލިބިދިނުމާއި އެނޫން ފަރުވާ ނަގައިދިނުން 1-31.

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، ކޮޕީރައިޓުގެ ވެރިފަރާތަށް މި ގާނޫނުން ލިބިދީފައިވާ ހައްގަށް އަރައިގަތުން ނުވަތަ އަރައިގަންނަމުން ދިޔުން ހުއްޓުވުމަށްޓަކައި މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން އަމުރުތައް ނެރުމުގެ އިތުރުން، ކޮޕީރައިޓުގެ ވެރިފަރާތަށް މި ގާނޫނުން ލިބިދީފައިވާ ހައްގަށް އަރައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ކޮޕީރައިޓުގެ ވެރިފަރާތަށް ބަދަލު ލިބިދިނުމަށާއި، މުސްތަގްބަލުގައި އެ ހައްގަށް އަރައިގަތުން މަނާކުރުމުގެ ގޮތުން އަންނަނިވި ބާވަތުގެ ފަރުވާތައް ކޯޓުން ނަގައިދެވިދާނެއެވެ.

  1. ބަދަލު ހޯދުމަށް ހިނގާފައިވާ އެންމެހައި ހަރަދާއި ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތް ފަރާތަށް އެކަމުން ލިބުނު ފައިދާ ހިމެނޭ ގޮތުން، ކޮޕީރައިޓުގެ ވެރިފަރާތުގެ މާލަށާއި އަބުރަށް ލިބުނު ސީދާ އަދި ނުސީދާ ގެއްލުމެއްގެ ބަދަލު ހައްގަށް އަރައިގަތް ފަރާތުގެ ކިބައިން ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދިނުން؛
  2. ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ގޮތުން އެ ހައްގަށް އަރައިގަތް ފަރާތުން ގަސްދުގައި ނުވަތަ އެކަށީގެންވާ ފަރުވާ ނުބަހައްޓައި ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، އަދަބެއްގެ ގޮތުން އެފަރާތް 10,000 )ދިހަހާސް( ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ޖޫރިމަނާ ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދިނުން؛
  3. ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ގޮތުން އުފައްދާފައިވާ އެންމެހައި އުފެއްދުންތަކާއި އޭގެ ނަކަލުތައް ކޮޕީރައިޓުގެ ވެރިފަރާތާ ހަވާލުކުރުމަށް ނުވަތަ އެތަކެތި ނައްތާލުމަށް ނުވަތަ އެތަކެތި ވިޔަފާރީގެ ބާޒާރުން ނެގުމަށް އަމުރުކުރުން؛
  4. ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ތުހުމަތުކުރެވޭ ފަރާތުން މުސްތަގްބަލުގައިވެސް ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގެންފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތައް ހުރިނަމަ، އެކަން މަނާކުރުމުގެ ގޮތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ނުކުރުމަށް އެފަރާތުގެ މައްޗަށް އަމުރުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (1) އަދި (2) އެހެން އޮތްނަމަވެސް، ކޮޕީރައިޓުގެ ވެރިފަރާތުގެ ހައްގަށް އަރައިގަތުމުގެ ތުހުމަތުކުރެވިފައިވާ ފަރާތުން އެ ހައްގަށް އަރައިގަތުމަށް ކުރި އަމަލެއް އެފަރާތަކުން ކޮށްފައިވަނީ، އެކަށީގެންވާ ސަބަބުވެރި މިންގަނޑަކުން ބަލާއިރ،ު އެއީ އެފަދަ ކަމެއްކަން ނޭނގިހުރެ ކަމަށްވާނަމަ ނުވަތަ އެއީ އެފަދަ ކަމެއްކަން ދެނެގަނެވޭނެ ހާލަތެއް ވުޖޫދުވެފައިނުވާނަމަ، އެފަރާތުގެ ކިބައިން ނަގައިދެވޭނީ އެފަރާތަށް އެކަމުން ލިބުނު ފައިދާގެ ބަދަލެއް އެކަންޏެވެ.

 

ޖިނާއީ ޒިންމާ އުފުލުން 2-31.

(ހ) މި ގާނޫނުގައި ބަޔާންކުރާ ހައްގަކަށް އަރައިގަތުމުގެ އަމަލަކ،ީ މި ގާނޫނުގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއްނަމަ، އެކަން ތަހްގީގުކުރުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހުށަހެޅުމުގެ ހައްގު ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އަދި އެފަދަ އަމަލެއް ހިނގައިފިކަން ނުވަތަ ހިނގަމުންދާކަމުގެ ރިޕޯޓު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިއްޖެނަމަ ނުވަތަ އެއިން އިދާރާއެއްގެ ސަމާލުކަމަށް އެކަ ން އައިސްފިނަމަ، އެކަމުގެ ފުރިހަމަ ތަހްގީގެއް ކޮށް، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ. 

(ށ) މި ގާނޫނުގައި ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކ،ީ މި ގާނޫނުގެ ދަށުން ނުވަތަ ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާ ދެކޮޅަށް މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މަދަނީ ދައުވާއެއް އުފުލައި އެފަދަ ދައުވާއެއްގައި އެފަރާތަކާ ދެކޮޅަށް ނަގައިދެވޭ މަދަނީ ފަރުވާތައް ކޯޓުން ކަނޑައެޅުމުގެ އިތުރުން، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން އެފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

ޖިނާއީ ފިޔަވަޅުތައް 32.

(ހ) މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް ގަސްދުގައި އުނިކަމެއް އަންނާނެ ގޮތަކަށް އަމަލުކޮށްފިނަމަ، ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތަށް ގެއްލުންވާނެކަން އެނގިހުރެ އެފަދަ އަމަލެއް ކޮށްފިނަމަ، އެ އަމަލެއް ކުރި ފަރާތަކުން އެ ކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކ،ީ އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 50,000 (ފަންސާސްހާސް) ރުފިޔާއާއި 300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަދަބު ކަނޑައެޅުމުގައި ހިމާޔަތްކުރެވިފައިވާ ހައްގެއްގެ ވެރިފަރާތަށް ލިބިފައިވާ ނުވަތަ ލިބޭނެ ގެއްލުމެއްގެ މައްޗަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ސާބިތުވެފައިވާ ފަރާތަކުން ކުށް ތަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކަށް މި މާއްދާގެ (ށ) އިން ކަނޑައަޅާފައިވާ ކުށުގެ އަދަބުގެ ދެގުނަ އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގާނޫނުގެ 30 ވަނަ މާއްދާއާއި 31 ވަނަ މާއްދާއާއި 1-31 ވަނަ މާއްދާއާއި 2-31 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގައި، އަންނަނިވި އަމަލުތައް ބަލާނީ އެއީ ގާނޫނުން ހިމާޔަތްކޮށްދޭ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކެއް ކަމުގައެވެ. އަދި އެކަންކަން ބެލެވޭނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމުގައެވެ.ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

 

54 ވަނަ މާޢްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރު ކުރުން 

އެކްސްކްލޫ ސިވް ލައިސަންސީންގެ ހައްގުތައް 1-33.

އެކްސްކްލޫސިވް ލައިސަންސްގެ އެއްބަސްވުމުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް އަރައިގަތުމާ ގުޅިގެން ފިޔަވަޅު އެޅުމަށް ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭ އެންމެހައި ހައްގުތަކާއި އިހްތިޔާރުތައް، އެ ހައްގެއްގެ އެކްސްކްލޫސިވް ލައިސަންސީއަށް ލިބިގެންވެއެވެ. 

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ "ނަކަލުކުރުމުގެ ވެރިފަރާތް" އެ އިބާރާތުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

''ކޮޕީރައިޓުގެ ވެރިފަރާތް'' ކަމަށް ބުނެފައި އެވަނީ:

  1. އިގްތިސާދީ ހައްގުތައް މުސައްނިފަށް ލިބިފައިވާނަމަ މުސައްނިފަށް؛ ނުވަތަ
  2. އިގްތިސާދީ ހައްގުތައް މުސައްނިފު ނޫން އެހެން ފަރުދަކަށް ނުވަތަ ގާނޫނީ ށަހްސަކަށް ލިބިފައިވާނަމަ، އެ ފަރުދަކަށް ނުވަތަ އެ ށަހްސަކަށް؛ ނުވަތަ
  3. އިގްތިސާދީ ހައްގުތައް ފަރުދެއްގެ ނުވަތަ ގާނޫނީ ށަހްސެއްގެ މައްޗަށް ބަދަލުކޮށްފައިވާނަމަ އެކަން ލިބިދެވިފައިވާ ފަރުދަކަށް ނުވަތަ ށަހްސަކަށް. 

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ "ށާއިއުކޮށްފައިވާ" އެ އިބާރާތުގެ މާނަކުރުން އަންނަނިވި ގޮތަށް އިސްލާހުކުރުން.

''ށާއިއުކޮށްފައިވާ'' އުފެއްދުމެއް ކަމަށް ބުނެފައި ނުވަތަ ކޮޕީރައިޓުގެ ވެރިފަރާތުގެ ނުވަތަ އަޑުގެ ރިކޯޑިންގއެއްނަމަ އުފެއްދި ފަރާތުގެ ނުވަތަ އެފަރާތުގެ ވާރިޘުންގެ ހުއްދައާއެކު އާންމުކޮށް ވިއްކުމަށް ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ އާންމުކޮށް ދޫކުރުމަށް އޭގެ ކޮޕީތައް އެކަށީގެންވާ ގިނަ އަދަދަކަށް ލިބޭނޭ ގޮތަށް ތައްޔާރުކޮށްފައި ހުރުމަށެވެ. 

 

57 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާއަށް އަންނަނިވި ފަދައިން ދެ އިބާރާތުގެ މާނަކުރުން އިތުރުކުރުން.

"ޑިސްޓްރިބިއުޓްކުރުން" ކަމަށް ބުނެފައި އެވަނީ، މަސައްކަތެއްގެ އަސްލު ނުވަތަ ކޮޕީއެއް، ޕަރފޯމަންސެއްގެ ފިކްސޭށަން ނުވަތަ ފޮނޮގްރާމް އޭގެ ޓެންޖިބަލް ފޯމެޓުގައި ވިއްކުމަށް ނުވަތަ އެނޫންވެސް ގޮތަކަށް މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހެޅުން ނުވަތަ ސަރކިއުލޭޓްކުރުމަށެވެ. އޭގެ ތެރޭގައި އެ އުފެއްދުމެއް ސަރކިއުލޭޓްކުރުމަށް، އަދި ވިއްކުމަށް އަދި މިލްކުވެރިކަން ބަދަލުކުރުމަށް އިމްޕޯޓްކުރުންވެސް ހިމެނެއެވެ.

 

"ރިޕްރޮގްރަފިކް ވަސީލަތެއް ބޭނުންކޮށްގެން އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ޗާޕުކުރުން ނޫން އެހެން ވަސީލަތްތަކުން، މަސައްކަތެއްގެ އަސްލު ނުވަތަ ކޮޕީއަކާ އެއްގޮތަށް ކޮޕީއެއް ހެދުމަށެވެ. 

 

58 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ "އާންމުކޮށް ދޫކުރުން" އެ އިބާރާތުގެ މާނަކުރުން އުނިކުރުން.

 

59 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި، އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

60 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2010-23)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2010-23)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު