ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު
(ގާނޫނު ނަންބަރު 2010-15)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލުކުރުމަށްޓަކައި، ދުންފަތް ހެއްދުން އަދި ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭ ގޮތްތަކާއި، ގަނޑުކޮށް އަދި ވަކިވަކިން ވިއްކޭ ގޮތްތަކާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ބަންދުކުރުމާއި، ލޭބަލްޖަހާނެ ގޮތްތަކާއި، ދުންފަތުގެ ބާވަތްތަކުން ޓެކްސް ނެގުމާއި، ދުންފަތުގެ ދުމުން ދުންފަތް ބޭނުންނުކުރާ ފަރާތްތައް ރައްކާތެރިކުރުމާއި، ދުންފަތުގެ ނުރައްކާތެރި ވަބާއިން މިންޖުވެތިބުމަށް ބޭނުންވާނެ މައުލޫމާތާއި، ތަމްރީނު ދިނުމާއި އަދި ދުންފަތް ބޭނުންކުރުމުގެ އާދަ ހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔާނީ "ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު" އެވެ.
އެއްވަނަ ބާބު
ދުންފަތުގެ ދުމުން ރައްކާތެރިކަން ލިބިދިނުން
2 ވަނަ މާއްދާ - ދުންފަތުގެ
ދުމުން ރައްކާތެރިވެ ތިބުމުގެ ހައްގު2.އެހެން މީހަކު ބޭރުކުރާ ދުންފަތުގެ ދުމުން ތިމާގެ އަމިއްލަ ނަފްސު ދުރުކޮށް އަދި އެއިން ރައްކާތެރިވެ ތިބުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
3 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން
ތިރީގައި ބުނެފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ.
(ހ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މަސައްކަތްކުރާ ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް.
(ށ) ސިނަމާތަކާއި ޖަލްސާކުރާ މާލަންތައް.
(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އެންމެހައި އުޅަނދުފަހަރާއި ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް.
(ރ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ސައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތި ހަދާ ތަންތަނާއި، ވިއްކާ ތަންތަން ނުވަތަ އެފަދަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް.
(ބ) މިސްކިތްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އުނގަންނައިދޭ ތަންތަނާއި، ކުޑަކުދިން ބަލަހައްޓާ އަދި ތަރުބިއްޔަތުދޭ ތަންތަނާއި، އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި، އެތަންތަނުގެ ގޯތި ތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި، އެތަންތަނުގެ ގޯއްޗާއި، ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަ ހިދުމަތްދޭ ތަންތަން.
(ޅ) ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތައް.
(ކ) ކުޅިވަރުކުޅޭ އިމާރާތްތަކާއި، ކޯޓުތަކާއި، ދަނޑުތަކާއި، ސްޓޭޑިއަމްތައް.
(އ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހައި ތަންތަން.
4 ވަނަ މާއްދާ - ރިޕޯޓުކުރާ މީހާގެ ރައްކާތެރިކަން
މި ބާބުގައި ބުނެފައިވާ ކަމަކާ ހިލާފުވެއްޖެކަމަށް ބުނެ ކަމާބެހޭ ފަރާތަކަށް ރިޕޯޓުކުރުމުން ނުވަތަ އެހެން މީހަކު ބޭރުކުރާ ދުންފަތުގެ ދުމުން ރައްކާތެރިވެ ތިބުމުގެ ހައްގު ލިބިދިނުމަށް އެއްވެސް މީހަކު ނުވަތަ މުވައްޒަފަކު އެދުމުން، އެތަނެއްގެ ވެރިޔަކު ނުވަތަ އާންމު ދަތުރުފަތުރުގެ ވަސީލަތުގެ ކަންތައްތައް ބަލަހައްޓައި ހިންގާ ފަރާތަކުން ނުވަތަ އޭނާ އައްޔަންކުރާ ފަރާތަކުން އެފަދަ ރިޕޯޓެއްކުރާ މީހަކާމެދު ފިޔަވަޅު އަޅައި، އެކަމުގެ ބަދަލުހިފައިގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތަކަށް އިސްކަންދިނުން
މި ބާބުގެ މާއްދާތައް މާނަކުރުމުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާއި އެފަދަ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެއްވެސް އިރެއްގައި ވަކިތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވިދާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަމަކާމެދު ގޮތެއް ނިންމަންވާނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތަކަށް އިސްކަންދީގެންނެވެ.
ދެވަނަ ބާބު
ދުންފަތުގެ ބާވަތްތައް ގަނެވިއްކުމާއި، ދުންފަތް ހެއްދުމާއި ދުންފަތް އުފެއްދުން
6 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ވިއްކުމާއި ގަތުން
(ހ) އެއްވެސް މީހަކު ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް 18 އަހަރުން ދަށުގެ ކުއްޖަކަށް ވިއްކައިގެން ނުވާނެއެވެ.
(ށ) އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކުމުގެ މުއާމަލާތެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިކޮށްގެން ނުވާނެއެވެ.
(ނ) ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 18 އަހަރު ވެފައިވާ މީހެއްކަން ޔަގީންކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން އެމީހެއްގެ ކިބައިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދެއްކުމަށް ނުވަތަ އެއްޗެހި ދުއްވުމުގެ ލައިސަންސް ނުވަތަ އެފަދަ އެހެންވެސް ރަސްމީ ލިޔުމެއް ދެއްކުމަށް އެންގިދާނެއެވެ.
(ރ) މި ގާނޫނުގައި ކަނޑައަޅާފައިވާ ފަދައިން، ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތުކުރުމަށް ދޫކުރެވޭ ވަކި ލައިސަންސެއް ނުވަތަ ގަވާއިދުން އައު ކުރަންޖެހޭ ހުއްދައެއްގެ ދަށުން ހުއްދަކުރެވޭ ތަނެއްގައި މެނުވީ ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެއެވެ.
(ބ) ދުންފަތް ނުވަތަ ދުންފަތުން އުފައްދާފައިވާ ތަކެތި ގަންނަނީ ކާކުކަން ނޭނގޭފަދަ ގޮތަކަށް، ވެންޑިންގް މެށިނަކުން، ނުވަތަ ޕޯސްޓްގެ ޒަރީއާއިން ސިޓީ މެދުވެރިކޮށް، ނުވަތަ އިންޓަރނެޓް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އަމިއްލައަށް ލިބިގަންނަ ހިދުމަތަކަށްވާ ގޮތަށް ދުންފަތުގެ ބާވަތެއް އެއްވެސް މީހަކު ވިއްކައިގެން ނުވަތަ ގަނެގެންވެސް ނުވާނެއެވެ. ދުންފަތުގެ ބާވަތް ވިއްކޭ ފަރާތުގެ އުމުރު ނޭނގޭ ގޮތެއްގައި ދުންފަތުގެ ވިޔަފާރި ކުރެވޭ އެހެނިހެން މަގުތައް ބަންދުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއްކަން އަންގައިދޭ ލިޔުން ބެހެއްޓުން
ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ވިޔަފާރި ކުރާ ތަންތަނުގައި 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އެއްވެސް އެއްޗެއް ވިއްކުމަކީ ގާނޫނުގައި މަނާކަމެއްކަން އެނގޭނޭހެން މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކަކާ އެއްގޮތްވާ ގޮތެއްގެމަތިން އެކަމާގުޅޭ ލިޔުމެއްލިޔެ، އާންމުންނަށް ފެންނާނެހެން އެތަންތަނުގައި ބަހައްޓަންވާނެއެވެ.
8 ވަނަ މާއްދާ - ސިނގިރޭޓް ވިއްކާތަނުގައި އިށްތިހާރުނުކުރުން
ދުންފަތުގެ ބާވަތްތަކުގެ ފޮށި ނުވަތަ ކާޓަން މަގުމަތިން ހިނގައިބިނގައިވެ އުޅޭ މީހުންނަށް ފެންނާނެހެން އެއްވެސް ފަރާތަކުން ބަހައްޓައިގެންނުވާނެއެވެ. އަދި އެއްތަނުން އަނެއްތަނަށް އުފުލައި ގެންގުޅުމުގައި ދުންފަތުގެ ބާވަތެއް އިށްތިހާރުކުރުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭފަދަ ގޮތަކަށް، މަގުމަތިން ހިނގައިބިނގައިވެ އުޅޭ މީހުންނަށް އެފަދަ ތަކެތި ފެންނާނެހެން ބަހައްޓައިގެންނުވާނެއެވެ.
9 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުން އެހެނިހެން އެއްޗެތި ނުއުފެއްދުން
އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ކުޅޭއެއްޗެއްގެ ނުވަތަ ކާއެއްޗެއްގެ ނުވަތަ އެނޫން އެހެންވެސް އެއްޗެއްގެ ސިފައިގައި އުފައްދައި، ބަހައި، ވިއްކައި ނުވަތަ ވިއްކުމަށް މާނަކުރެވޭގޮތަށް އާންމުންނަށް ފެންނާނެހެން ބަހައްޓައިގެންނުވާނެއެވެ.
10 ވަނަ މާއްދާ - ދުންފަތް ހެއްދުމާއި ދުންފަތް އުފެއްދުން
(ހ) ދުންފަތް އާއިލާގައި ހިމެނޭ އެއްވެސް ބާވަތެއްގެ ގަހެއް އެއްވެސް މިންވަރަކަށް ރާއްޖޭގައި އިންދައި ހެއްދުމަކީ މަނާކަމެކެވެ.
(ށ) ދުންފަތް ގަހުގެ ފަތް ބޭނުންކޮށްގެން ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ.
ތިންވަނަ ބާބު
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލްޖެހުން
11 ވަނަ މާއްދާ - ދުންފަތާބެހޭ މައުލޫމާތު ދިނުމާއި ހާމަކުރުން
(ހ) ދުންފަތުގެ ބާވަތްތަކުން ސިއްހަތަށްކުރާ ނޭދެވޭ އަސަރާއި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ އެހެން މީހުން ބޭރުކުރާ ދުމުން ދުންފަތުގެ ބޭނުންނުކުރާ ފަރާތްތަކަށް ލިބިދާނެ ގެއްލުމާބެހޭ ފުރިހަމަ މައުލޫމާތު ލިބުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ފުރިހަމަ މައުލޫމާތު ލިބުމޭ މިބުނެވުނީ އެފަދަ މައުލޫމާތެއް ހޯދަންބޭނުންވާ ފަރާތްތަކަށް އެމައުލޫމާތު ލިބުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ކުރިމަތި ނުކުރުމަށާއި ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގައާއި ޕެކެޓްކުރުމުގައި މަކަރާއި ހީލަތް ހަދައި އޮޅުވައިނުލުމަށެވެ.
(ށ) ދުންފަތުގެ ބާވަތްތައް ހިމެނޭ ޕެކެޓްތަކާއި ކާޓަންތަކާމެދު ތިރީގައި މިވާގޮތަށް އަމަލުކުރުމުގެ މައްޗަށް ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފައްދާ ފަރާތްތަކާއި، ރާއްޖެއިން ބޭރުން އެތެރެކުރާ ފަރާތްތަކާއި، ދުންފަތުގެ ބާވަތްތައް ވަކިވަކިން ވިއްކާ ފަރާތްތަކުންވެސް ސަމާލުކަން ދޭންވާނެއެވެ.
- ދުންފަތުގެ ބާވަތްތައް ޕެކެޓްގައި ބަންދުކުރާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ލިބޭ ގެއްލުމާބެހޭ ގޮތުން މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އިންޒާރުގެ އިބާރާތްކޮޅާއެކު އޮންނަންޖެހޭ އިބާރާތެއްވާނަމަ އެފަދަ އިބާރާތަކާއި، އަދި ތަސްވީރެއް ނުވަތަ ފާހަގައެއްވާނަމަ އެފަދަ އެއްޗެއް، ދުންފަތުގެ ބާވަތް ބަންދުކޮށްފައި ހުންނަ އެއްޗެއްގެ ބޭރުގައި، ބޭރުން ފެންނާނެހެން ޗާޕުކޮށްފައި ހުންނަންވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ހިމެނޭ ޕެކެޓްތަކާއި ކާޓަންފަދަ އެއްޗެހީގައި ވަކި ނަމޫނާއަކާއެއްގޮތަށް ލޭބަލްޖެހުމަށްވެސް މިނިސްޓްރީން އެންގިދާނެއެވެ.
- ދުންފަތުގެ ބާވަތެއް ޕެކެޓްކުރެވިފައިވާ ކޮންމެ އެއްޗެއްގައި އޭގައި ހިމެނޭ ދުންފަތުގެ ބާވަތުގައި އެކުލެވޭ ބައިތަކާއި، އެއިން ބޭރުވާ މާއްދާތަކާބެހޭ ތަފްސީލާއި، މިނިސްޓްރީން ކަނޑައަޅާ މާއްދާތަކެއް އެއިން އެއްޗެއްގައި ހިމެނޭ މިންވަރު އެނގެން އޮންނަންވާނެއެވެ.
- ދުންފަތުގެ ބާވަތަކާމެދު ނުވަތަ އެއިން ސިއްހަތަށް ލިބޭ ގެއްލުމާމެދު ނުވަތަ އެއިން ބޭރުވާ މާއްދާތަކާބެހޭ ހަގީގަތް އޮޅޭފަދަ އެއްވެސް އިބާރާތެއް، ކުރެހުމެއް، ނޫނީ އެފަދަ އެހެންވެސް އެއްޗެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ދޭހަވާގޮތަށް ނުވަތަ އޮޅުވައިލުމުގެ މަގްސަދުގައި އެއްވެސް އެއްޗެއްގައި ހިމަނައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ (1) ގައި ބުނެފައިވާ މިނިސްޓްރީން ކަނޑައަޅާ އިންޒާރުގެ އިބާރާތްކޮޅާއި އެހެން އިބާރާތްތައް ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކަކާއެއްގޮތަށް ދިވެހިބަހުން ލިޔެ ޗާޕުކޮށްފައެވެ.
(ރ) ރާއްޖޭގައި ވަކިވަކި ފަރުދުން ވިޔަފާރީގެ ބޭނުމުގައި އުފައްދާ ބިޑި، ސުއްޓާ، ދުންފަތް ޕެކެޓް، ތެޅި ދުންފަތް ފަދަ ތަކެތި ތައްޔާރުކުރުމާއި، ޕެކެޓްކުރުމާއި، އެފަދަ އެއްޗެހީގައި ލޭބަލްޖެހުމާބެހޭ ގޮތުން މި ގާނޫނުގެ ދަށުންހަދާ ގަވާއިދުތަކާ އެއްގޮތަށް އެތަކެތި އުފައްދާ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.
12 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުގައި ލޭބަލްޖެހުން
ދުންފަތުގެ ބާވަތް ހިމެނޭ ކޮންމެ ޕެކެޓަކާއި ކޮންމެ ސިނގިރޭޓް ކާޓަނެއްގައި އަންނަނިވި މައުލޫމާތުތައް އިނގިރޭސި ބަހުން ޗާޕުކުރެވިފައި ހުންނަންވާނެއެވެ.
(ހ) ތަކެތި އުފެއްދި ފަރާތުގެ ނުވަތަ ކުންފުނީގެ ނަމާއި ލައިސަންސް ނަންބަރު.
(ށ) ތަކެތި އުފައްދާ ފަރާތަށް ހާއްސަކުރެވިފައިވާ ސީރިއަލް ނަންބަރާއި ތަކެތި އުފެއްދި ތާރީހު.
(ނ) ތަކެތި އުފެއްދި ގައުމާއި ރަށް.
(ރ) އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ ކޮންމެ މައުލޫމާތެއް.
13 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އުފައްދާ، އެތެރެކުރާ ނުވަތަ ވިއްކާ ފަރާތްތަކުން ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކަށް ތަބާވުން
މި ބާބުގައި ބުނާ ގޮތުގެމަތިން ދުންފަތުގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި، އެތެރެކުރާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކުން އަމަލުކުރިކަމުގައިވިޔަސް، ދުންފަތުގެ ބާވަތްތަކުން ލިބޭ ގެއްލުމާބެހޭ މައުލޫމާތު އަނެކުންނަށް ފޯރުވައިދިނުމަށް ބާރުއެޅުމުގެ ގޮތުން އެފަދަ ފަރާތްތަކުން އަމަލުކުރަންޖެހޭ އަދި ހުރްމަތްތެރިކޮށް ހިތަންޖެހޭ ގަވާއިދުތަކާއި، އާދަކާދަތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގައި ބަޔާންވެފައިވާ އެފަރާތްތަކުގެ ޒިންމާތަކަކަށް އެއްވެސް ލުޔެއް ނުލިބޭނެއެވެ.
ހަތަރުވަނަ ބާބު
ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރުމާއި ސްޕޮންސަރުކުރުމާއި އެހެނިހެން ޕްރޮމޯށަންތައް
14 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އިށްތިހާރުނުކުރުން
(ހ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތާ ހިލާފުވާގޮތަކަށް ދުންފަތުގެ ބާވަތެއް އިށްތިހާރުކޮށް، ނުވަތަ ސްޕޮންސަރުކޮށް ނުވަތަ ޕްރޮމޯށަންގެ ހަރަކާތެއް ހިންގައިގެން ނުވާނެއެވެ. ނުވަތަ އެއިން ކަމެއް އިންތިޒާމުކޮށްގެން ނުވާނެއެވެ. ނުވަތަ އެއިން ކަމެއްގައި ބައިވެރިވެގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އިން އިސްތިސްނާ ވަނީ؛
- ދުންފަތުގެ ބާވަތްތައް ހައްދައި، އުފައްދައި، އެތެރެކޮށް، ބޭރުކޮށް، ވިއްކާ ފަރާތްތައް އެއްފަރާތް އަނެއް ފަރާތާދެމެދު ހިންގާ މުއާމަލާތުތަކާއި؛
- ދުންފަތުން ސިއްހަތަށް ލިބޭ ނޭދެވޭ އަސަރު އެނގޭނޭހެން ލިޔެ، ތަކެތި ވިއްކާ ކައުންޓަރުގެ ކައިރީގައި ބަހައްޓާފައި ހުންނަ ކަޅާއި ހުދުން ޗާޕުކޮށްފައިވާ ދުންފަތުގެ ބާވަތްތަކުގެ އަގު ލިސްޓާއި؛
- ދުންފަތުގެ ބާވަތްތައް ވިއްކުމަށް ބާރުނާޅާގޮތެއްގައި އަދި ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރުމުގެ މަގްސަދު ނުހިމެނޭ ގޮތަކަށް ތަނުގެ މުވައްޒަފުންނާއި، ހިއްސާދާރުންނާއި،
- އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަކުރެވިގެން ނެރޭ ވިޔަފާރީގެ މައުލޫމާތު ހިމެނޭ ލިޔެކިޔުންތަކާއި؛
- ދުންފަތުގެ ބާވަތްތައް އުފައްދާ ތަންތަނުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ބެހެއްޓިފައި ހުންނަ ތަނުގެ ނަންބޯޑެވެ.
15 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް ހިލޭ ބެހުން މަނާވުން
ވިޔަފާރި ކުރިއެރުވުމުގެ ބޭނުމުގައި ދުންފަތުގެ ބާވަތްތައް ހިލޭ ބެހުމާއި އެފަދަ ބާވަތްތައް ނުވަތަ އޭގެ ނަމޫނާއަށް ބެލެވޭފަދަ އެއްޗެއް އާންމުންނަށް ބަހައި ހެދުމަކީ މަނާކަމެކެވެ. މިފަދަކަމެއް ކުރިބަޔަކާއި އެފަދަ ހަރަކާތެއް ހިންގުމުގައި ބައިވެރިވި ބަޔަކުވެސް ކުށްވެރިވާނެއެވެ.
16 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އިށްތިހާރުކުރަނީކަމަށް ބެލެވޭނެ މިންގަނޑުތައް
ދުންފަތުގެ އުފެއްދުންތައް އިށްތިހާރުކުރުމުގެ ގޮތުން، އެއިން ބާވަތެއްގެ ނަމެއް، ކުރެހުމެއް، ތަސްވީރެއް، ށިއާރެއް، ނުވަތަ އެއިން ބާވަތެއް ދޭހަކޮށްދޭ އެއްވެސް އެއްޗެއް ނުވަތަ އެފަދަ އެއްޗެއްގެ ބައެއް ވިޔަސް އާންމުންނަށް ފެންނާނެހެން ބަހައްޓައިގެންނުވާނެއެވެ. އަދި އިމާރާތްތަކާއި އެނޫންވެސް އެފަދަ ތަންތަނާއި ތަކެތި ހިމެނޭގޮތުން، ދުންފަތުގެ ބާވަތަކަށް ނުހިމެނޭ އެއްވެސް އެއްޗެއްގައި ދުންފަތުގެ ބާވަތެއް އިށްތިހާރުކުރުމުގެ ބޭނުމުގައި އެއިން ނަމެއް، ކުރެހުމެއް، ތަސްވީރެއް، ށިއާރެއް، ނުވަތަ އެއިން ބާވަތެއް ދޭހަކޮށްދޭ އެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ޖަހައިގެން އާންމުންނަށް ފެންނާނެހެން ވިއްކުމަށް ނުވަތަ އިށްތިހާރުކުރުމަށް ބަހައްޓައިގެންނުވާނެއެވެ.
17 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުގެ ނުވަތަ ބާވަތްތަކަށް ނަމުގެ ރަޖިސްޓަރީ ބަދަލުކުރުން
މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ދުންފަތުގެ ބާވަތްތަކަށް ބޭނުންކުރުމަށް ރަޖިސްޓަރީކުރެވިފައިވާ ނަމެއް ނުވަތަ އެފަދަ ނަމެއްގެ ބައެއްވެސް ދުންފަތުގެ ބާވަތްތަކަށް ނުހިމެނޭ އެއްޗަކަށް ދިނުމާއި، ދުންފަތުގެ ބާވަތްތައް ނޫން ތަކެއްޗަށް ބޭނުންކުރުމަށް އެއްވެސް އިރެއްގައި ރަޖިސްޓަރީކޮށް ބޭނުންކޮށްފައިވާ ނަމެއް ދުންފަތުގެ ބާވަތަކަށް ދީގެން ނުވާނެއެވެ.
ފަސްވަނަ ބާބު
ޓެކްސް ނެގުން
18 ވަނަ މާއްދާ - ޓެކްސް ނެގުން
ދިވެހިރާއްޖޭގައި ވިއްކުމަށް އެތެރެކުރާ ދުންފަތުގެ ހުރިހާ ބާވަތްތަކަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެންމެހައި ތަކެއްޗަށް ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭނެއެވެ.
ހަވަނަ ބާބު
ދުންފަތުގެ ބާވަތްތަކުގެ ފެންވަރު ހިފެހެއްޓުން
19 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ ހިލާފަށް ދުންފަތުގެ މުއާމަލާތުކުރުން
މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ ހިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ހައްދައި، ނުވަތަ އުފައްދައި، ނުވަތަ އެތެރެކޮށް، ނުވަތަ ބޭރުކޮށް، ނުވަތަ ބަހައި، ނުވަތަ ވިއްކައި ހަދައިގެން ނުވާނެއެވެ.
20 ވަނަ މާއްދާ - ދުންފަތުގެ އެހެން ބާވަތްތަކާއި އަޅާބަލާއިރު ސިއްހަތަށް ގެއްލުން ކުޑަކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތައް
އިތުބާރު ހިފޭ ތަހުލީލުތަކެއްގެ ނަތީޖާތަކެއް ނުވަތަ ހެކިތަކެއް ހުށަހަޅައި، ދުންފަތުގެ އެބާވަތަކީ ދުންފަތުގެ އެހެން ބާވަތްތަކާ އަޅާބަލާއިރު ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއްކަން މިނިސްޓްރީއަށް ގަބޫލުކުރެވިގެން ހުއްދަދިނުމުގެ ކުރިން، ދުންފަތުގެ ބާވަތެއް ހިމެނޭ އެއްޗެއްގެ ޕެކެޓްގައި، އެބާވަތަކީ އެހެން ދުންފަތުގެ ބާވަތްތަކަށްވުރެ ސިއްހަތަށް ގެއްލުން ކުޑަ ބާވަތެއްކަމަށް ނުވަތަ އެފަދަ އެއްޗެއް ދޭހަވާ ގޮތަކަށް ލިޔެ ނުވަތަ ޗާޕުކޮށްގެން ނުވާނެއެވެ. މިގޮތުގެމަތިން ހުއްދަ ދޫކުރާއިރު އެހެން ކަންތައްތަކުގެ އިތުރުން ތިރީގައި ބުނެފައިވާ ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.
(ހ) ދުންފަތުގެ އެބާވަތަކީ އެހެން އެފަދަ ބާވަތްތަކާ އަޅާބަލާއިރު ބޭނުންކުރާ މީހާގެ ސިއްހަތަށް ނުވަތަ އެބާވަތުގެ ދުމުން އެހެން މީހުންނަށް ލިބޭ ގެއްލުން ކުޑަ ބާވަތެއްކަން ދަލީލުކޮށްދޭ އިތުބާރު ހިފޭ ތަހުލީލުތަކެއްގެ ނަތީޖާތަކަށް.
(ށ) ދުންފަތުގެ ބޭނުންކުރާ މީހުން އޭގެ ބޭނުންކުރުމުގެ ދޭތެރެ ދުރުކޮށްދޭކަން ނުވަތަ ހުއްޓައިލުމަށް މަގުފަހިވާކަން ނުވަތަ ދުންފަތުގެ ބޭނުންނުކުރާ މީހުން އޭގެ ބޭނުންކުރުމަށް ހިތްވަރުލިބޭ މިންވަރެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު އެފަދަ އެއްޗަކީ އާބާދީގެ ނިސްބަތުން ބަލާއިރު ސިއްހަތަށް ފައިދާކުރާ އެއްޗެއްކަމުގައި ބެލެވިދާނެކަމުގެ ދަލީލުތަކަށް.
ހަތްވަނަ ބާބު
ދުންފަތުގެ ބާވަތްތަކުގައި ހިމެނޭ މާއްދާތަކާއި އެއިން ބޭރުވާ މާއްދާތަކުގެ މައުލޫމާތާއި ވިޔަފާރީގެ މައުލޫމާތު ރިޕޯޓުކުރުން
21 ވަނަ މާއްދާ - ދުންފަތާބެހޭ ރިޕޯޓު ހުށަހެޅުން
ދުންފަތުގެ ބާވަތްތައް އުފައްދާ ކޮންމެ މީހަކާއި އެފަދަ ތަކެތި އެތެރެކުރާ ކޮންމެ މީހަކު، މި ގާނޫނުގެ ދަށުންހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން މި ބާބުގައި ބުނެފައިވާ މައުލޫމާތު ރިޕޯޓެއްގެ ގޮތުގައި އެކުލަވާލައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
22 ވަނަ މާއްދާ - ރިޕޯޓުގައި ހިމަނަންޖެހޭ މައުލޫމާތު
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގޮތުން ބޭނުންކުރާ ދުންފަތުގެ ބާވަތްތަކާއި އެނޫން ބޭނުންތަކަށް ބޭނުންކުރާ ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފައްދާ ފަރާތާއި، ވިއްކާ ފަރާތާއި، ރާއްޖެއިން ބޭރުކުރާ ފަރާތްތަކުން އެފަދަ ކޮންމެ ބާވަތެއް އެއެއްޗެއްގެ ބްރޭންޑު ނަމުން ރިޕޯޓުގައި ލިސްޓުކުރުމާއެކު އެއެއްޗަކާބެހޭ އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.
(ހ) ތާރު އަދި ނިކޮޓިން އެކުލެވޭ މިންވަރާއި އެހެން ބާވަތްތަކާ ނުގުޅި ވަކިން ހުންނަ ނިކޮޓިން ދުމުގައި ހިމެނޭ ނިސްބަތް.
(ށ) ދުންފަތުގެ ދުމުގައި ޕީއެޗް ހުންނަ މިންގަނޑާއި އެކިފަހަރު މަތިން ބޭރުކުރެވޭ ދުމުގައި ޕީއެޗް ހުންނަގޮތުގެ ތަފްސީލު.
(ނ) ފިލްޓަރުން އޭގެ ބޭނުން ހާސިލްވާ މިންވަރު އަދި ފިލްޓަރުކުރެވޭ ނިސްބަތް އިންސައްތައިން.
(ރ) ދުންފަތުން ބޭރުކުރާ ދުމުގައި ވިހަ ތާސީރުފަދަ ތަކެތި ހިމެނޭ ނިސްބަތާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، އެކި ބާވަތްތަކުގެ ނިސްބަތް ނުވަތަ އެބާވަތަކާ ނިކޮޓިން އަޅައިކިޔައި އޭގެ ރޭށިއޯ ނުވަތަ ގަވާއިދުގައި ބުނާ އެހެން މިންގަނޑެއް.
23 ވަނަ މާއްދާ - ރިޕޯޓު ތައްޔާރުކުރަންޖެހޭ ދުންފަތުގެ ބާވަތްތައް
ރިޕޯޓު އެކުލަވާލަންވާނީ މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ބުނާ މިންގަނޑުތަކާއެއްގޮތަށް ތައްޔާރުކޮށް ޓެސްޓުކުރެވިފައިވާ ދުންފަތުގެ ބާވަތްތަކަށެވެ.
24 ވަނަ މާއްދާ - ރާއްޖޭގައި ކުރިން ވިއްކާފައިނުވާ ދުންފަތުގެ ބާވަތްތައް
މި ގާނޫނަށް އަމަލުކުރުމުގެ ކުރިން ދިވެހިރާއްޖޭގައި ވިއްކާފައިނުވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިނުވާ ދުންފަތުގެ އުފެއްދުންތައް ވިއްކަންވާނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެންވާނީ އެއުފެއްދުމަކާގުޅޭ ގޮތުން ހުށަހަޅަންޖެހޭ އެންމެހައި ރިޕޯޓުތައް ހުށަހަޅައި މިނިސްޓްރީން ހުއްދަ ލިބުމަށްފަހުގައެވެ.
25 ވަނަ މާއްދާ - ރިޕޯޓުގައި ހިމަނަންޖެހޭ އިތުރު މައުލޫމާތު
މި ބާބުގެ ދަށުން ރިޕޯޓުގައި ހިމަނަންޖެހޭނެކަމަށް ބުނާ ބައިތަކުގެ އިތުރުން، މި ގާނޫނަށް އަމަލުކުރެވެން ފަށާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ދުންފަތުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފައްދާ ކޮންމެ ފަރާތަކާއި، އެތެރެކުރާ ކޮންމެ ފަރާތަކާއި، ބޭރުކުރާ ކޮންމެ ފަރާތަކުން ކަނޑައެޅިފައިވާ ގޮތެއްގެމަތިން، ތިރީގައި ބުނެފައިވާ މައުލޫމާތުތައް، ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާހިނދަކު، މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، އެފަދަ ރިޕޯޓެއްގައި ހުންނަން ޖެހޭނެކަމަށް މިނިސްޓްރީން ކަނޑައަޅާ ގަވާއިދެއްގައި ބުނާ އެންމެހައި މައުލޫމާތުވެސް ހިމަނަންވާނެއެވެ.
(ހ) ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި އުފައްދައި ނުވަތަ، އެތެރެކުރި ނުވަތަ ބޭރުކުރި ބިޑި، ސުއްޓާ، ސިނގިރޭޓް، ދުންފަތް ޕެކެޓް، ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެހެނިހެން ތަކެތީގެ އަދަދާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ނޫން އެހެން ބޭނުންތަކަށް އުފައްދާ، އެތެރެކުރި ނުވަތަ ބޭރުކުރި ދުންފަތުގެ ބާވަތްތަކުގެ ބަރުދަނާއި، އެއިން ކޮންމެ ބާވަތެއް ވިއްކައިގެން ލިބުނު ފައިސާގެ މިންވަރު ވަކިވަކިން އެނގޭނޭގޮތަށް.
(ށ) ރާއްޖޭން ބޭރުކުރި ދުންފަތުގެ ބާވަތެއްނަމަ،
- ބްރޭންޑުގެ ނަންނަމުންނާއި، ތަކެތި ފޮނުވޭ ގައުމުތަކުގެ ނަންނަމުންނާއި، އަދި ހޯލްސޭލްކުރެވޭ ފަރާތްތަކުގެ ނަންނަމުން އެބާވަތެއް ބޭރުކުރެވުނު މިންވަރު.
- ބޭރުކުރެވޭ ށިޕްމަންޓުގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ބާވަތެއްނަމަ ޕެކެޓް ނުވަތަ ފޮށީގެ އަދަދު އަދި އެހެން ބޭނުމަކަށް ބޭނުންކުރާ ބާވަތެއްނަމަ އޭގެ ބަރުދަން ގްރާމުން.
- ދުންފަތުގެ ބާވަތް ބޭރުކުރެވުނު ތާރީހާއި ބޭރުކުރެވުނު ވަކިވަކި ށިޕްމަންޓުތަކަށް ދެވިފައިވާ ސީރިއަލް ނަންބަރުތައް.
(ނ) ރާއްޖެއަށް އެތެރެކުރި ދުންފަތުގެ ބާވަތެއްނަމަ،
- ބްރޭންޑުގެ ނަންނަމުންނާއި، ތަކެތި އުފެއްދި ގައުމުތަކުގެ ނަންނަމުންނާއި އަދި ހޯލްސޭލްކުރި ފަރާތުގެ ނަމުން، އެބާވަތެއް އެތެރެކުރި މިންވަރު.
- ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އައުމުގެ މަގުމަތީގައި އުފުލާ ގެންގުޅުމަށް ބޭނުންކުރި މަންޒިލުތަކުގެ ލިސްޓާއި އެތަކެއްޗަށް ދެވިފައިވާ ސީރިއަލް ނަންބަރުތައް.
- އެތެރެކުރި ށިޕްމަންޓުގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ބާވަތްތަކުގެ ޕެކެޓްގެ އަދަދު ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރާ ބާވަތެއް ނަމަ އޭގެ ބަރުދަން ގްރާމުން.
- ތަކެތި އެތެރެކުރި ތާރީހާއި އެތެރެކުރެވުނު ށިޕްމަންޓުގެ ސީރިއަލް ނަންބަރުތައް.
(ރ) ތަކެތި ބޭރުކުރި ފަރާތުން ނުވަތަ އުފެއްދި ފަރާތުން އެއެއްޗެއް ވިއްކި އަގާއި ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ބްރޭންޑުތަކުގެ އަގަށް އައި ބަދަލުތަކާއި އެބްރޭންޑުތަކުގެ ނަންތައް.
(ބ) ރިޕޯޓުކުރާ މުއްދަތުގެ ތެރޭގައި ދުންފަތުގެ އުފެއްދުންތައް ވިޔަފާރި ކުރާ ތަންތަނުގެ އޯޑިޓް ރިޕޯޓުގެ ކޮޕީ.
(ޅ) ދުންފަތުގެ ބާވަތް ހިމެނޭ ފޮށީގެ ނަމޫނާއަކާއި އޭގައި ޖަހާފައިވާ ލޭބަލްތަކުގެ ނަމޫނާ.
(ކ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނާ އެހެނިހެން މައުލޫމާތުތައް.
26 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން
މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން މި ބާބުގެ ދަށުން އެއްކުރެވޭ މައުލޫމާތުތައް ވާންވާނީ، އާންމުންނަށް ފެންނަގޮތަށް ހުންނަ އާންމު މައުލޫމާތުތަކެއްކަމުގައެވެ. އަދި މި ބާބުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ހުށަހެޅޭ ދުންފަތުގެ ބާވަތްތަކާބެހޭ ރިޕޯޓުތައް މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކެއްގެ ގޮތުގައި އާންމުކޮށް ށާއިއުކުރަންވާނެއެވެ.
27 ވަނަ މާއްދާ - ރިޕޯޓުގެ ފޯމެޓް
މި ބާބުގެ ދަށުގައި ބުނެފައިވާ ރިޕޯޓު ހުށަހަޅަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ ފޯމެޓަކަށެވެ.
އަށްވަނަ ބާބު
ހުއްދަ ދޫކުރުން
28 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތުކުރުމަށް ނަގާ ހުއްދަ
(ހ) ދުންފަތުގެ ބާވަތްތައް އުފައްދާ ކޮންމެ ފަރާތަކާއި، އެތެރެކުރާ ކޮންމެ ފަރާތަކާއި، ބޭރުކުރާ ކޮންމެ ފަރާތަކާއި، އަދި ދުންފަތުގެ ބާވަތްތައް ހޯލްސޭލްކޮށް ނުވަތަ ރީޓޭލްކޮށް ވިއްކާ ކޮންމެ ފަރާތެއް އެފަރާތަކާގުޅޭ ދުންފަތުގެ ބާވަތްތައް އުފެއްދުމުގެ ނުވަތަ އެތެރެކުރުމުގެ ނުވަތަ ބޭރުކުރުމުގެ ނުވަތަ ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ސައްހަ ހުއްދައެއް އޮންނަންވާނެއެވެ. މިހުއްދައަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދޫކުރާ ހުއްދަތަކުގެ އިތުރުން ނަގާ ތަފާތު ވަކި ހުއްދައެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނާ ހުއްދަ ދޫކުރާނީ މިނިސްޓްރީންނެވެ. ހަމައެކަނި ދުންފަތުގެ ބާވަތްތައް އުފައްދައި ވިއްކުމަށް ނުވަތަ ދުންފަތާގުޅޭ ވިޔަފާރިއެއް ހިންގުމަށް މި މާއްދާގައި ބުނެފައިވާ ހުއްދަ ދުލެއްނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނާ ދުންފަތުގެ މުއާމަލާތުކުރުމަށް ނަގަންޖެހޭ ހުއްދަ ދޫކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އެއްގޮތަށް ހުއްދަ ނެގުމަށް އެދި ހުށަހެޅުމުން، ހުއްދަ ދޫކުރުމަށް ގަވާއިދުގައި ބަޔާންކުރެވިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
ނުވަވަނަ ބާބު
ގާނޫނާއި ގަވާއިދާ ހިލާފުވުމުން އެޅޭނެ ފިޔަވަޅުތައް
29 ވަނަ މާއްދާ - ގާނޫނު ހިންގުމާއި އަމަލުކުރުމާއި ހިލާފުވުމުން އެޅޭނެ ފިޔަވަޅުތައް
މި ގާނޫނު ހިންގުމާއި ނުވަތަ މި ގާނޫނާ ހިލާފުވެއްޖެނަމަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެފަރާތަކުން މި ގާނޫނާ ހިލާފަށްކޮށްފައިވާ ކަންތައްތަކަށް ބަލައި ވަކިވަކި އަމަލުތަކާމެދު ނުވަތަ ޖުމްލަގޮތެއްގައިވެސް ފިޔަވަޅުއެޅިދާނެއެވެ. މިގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ:
(ހ) ދުންފަތުގެ މުއާމަލާތުކުރުމަށް ދޫކުރެވިފައިވާ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމާއި، ބާތިލުކުރުމާއި އަދި ހުއްދައިގައި ހިމެނޭ ވަކިވަކި ކަންތައްތަކެއް ހިފެހެއްޓުން.
(ށ)
- މި ގާނޫނުގެ އެގާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑުން ހަދާ ގަވައިދުގައިވާ ގޮތުގެމަތިން، 500 (ފައްސަތޭކަ) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. ޖޫރިމަނާކުރެވޭ ފަރާތުން ކުރި ކުށަކީ، ދުންފަތުގެ ވަގު ބާވަތްތަކުން މުއާމަލާތުކުރުން ނުވަތަ ވަގު ވިޔަފާރި ކުރުން ނުވަތަ ސްމަގްލްކުރުން ނުވަތަ އިމްޕޯޓް އަދި އެކްސްޕޯޓް މަރުހަލާގައި ހާމަކުރަންޖެހޭ މައުލޫމާތު ހާމަނުކުރުން ނުވަތަ އޮޅުވައިލުން ނުވަތަ ޕެކެޓްކޮށް، ބަންދުކުރުމާއި ލޭބަލްޖަހަންޖެހޭ އުސޫލުތަކާ ހިލާފުވުންފަދަ ކަންކަންކަމުގައިވާނަމަ ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ އެކުށާ ގުޅުންހުރި މުދަލުގެ އަގުގެ ތެރެއަށް، އެމަރުހަލާގައި ދައްކަންޖެހޭ ޓެކްސްތަކާއި ފީތައް އިތުރުކޮށްގެން އަންނަ ޖުމްލަ އަދަދުގެ 10 (ދިހަ) ގުނައިގެ ގޮތުގައެވެ. އަދި މިގޮތުން އަންނަ ޖުމްލަ އަދަދަކީ 500 (ފައްސަތޭކަ) ރުފިޔާއަށްވުރެ ކުޑަ އަދަދެއްނަމަ ޖޫރިމަނާގެ އަދަދަކަށްވާނީ 500 (ފައްސަތޭކަ) ރުފިޔާއެވެ.
- ވަގުތުންކުރާ ޖޫރިމަނާއާއި ޖޫރިމަނާކޮށްފައިދޭ ޗިޓު ޖޫރިމަނާކުރެވޭ ފަރާތާ ހަވާލުކުރަންވާނީ އެކަމަށް ހުއްދަ ލިބިގެންވާ ފަރާތަކުންނެވެ. އަދި އެގޮތަށް ޖޫރިމަނާކުރަންވާނީ، އެމީހަކީ ރަސްމީގޮތުން އެކަންކުރުމުގެ ހުއްދަ ލިބިގެންވާ މީހެއްކަން ޖޫރިމަނާކުރެވޭ ފަރާތަށް ހާމަކުރުމަށްފަހުގައެވެ.
- މި މާއްދާގެ (ށ) ގެ 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުރާ ޖޫރިމަނާއަކާމެދު ޖޫރިމަނާކުރެވޭ ފަރާތް ހިތްހަމަނުޖެހޭނަމަ، އެކަން އިސްތިއުނާފު ކުރުމުގެ ހައްގު އެފަރާތަކަށް ލިބިގެންވެއެވެ.
(ނ) ދުންފަތުގެ ދުމުން އާންމުން ރައްކާތެރިކޮށްދިނުމަށް މި ގާނޫނުގެ މާއްދާތަކުގައި ބުނެފައިވާ ކަމަކާ ހިލާފުވެގެން ގާނޫނީގޮތުން ބާރުލިބިފައިވާ ފަރާތަކުން އެފަދަ މީހަކު އެފަދަ އަމަލެއް ކުރަންހުރި ތަނަކުން ދުރުކުރުމާއި ގާނޫނާ ހިލާފު އަމަލު ހިންގުމަށް ބޭނުންކުރާ ތަކެތި ވަގުތީ ގޮތުން ބާރުގެ ދަށަށް ގެނައުން ނުވަތަ ވަގުތީ ގޮތުން އަތުލުން.
(ރ) ގާނޫނާހިލާފު އަމަލު ހިންގުމަށް ބޭނުންކުރާ ތަކެތި އިހްތިޔާރު ލިބިފައިވާ ފަރާތުގެ ބާރުގެ ދަށަށް ގެނެސް، ތިމާވެށްޓަށް ގެއްލުންނުވާ ގޮތެއްގެމަތިން ނައްތާލެވިދާނެއެވެ. މިފަދަ ތަކެތީގެ ތެރޭގައި ހިމެނެނީ،
- މި ގާނޫނުގައި ދުންފަތުގެ ބާވަތް އިށްތިހާރުކުރުމާއި ސްފޮންސަރުކުރުމާއި ޕްރޮމޯށަންގެ ހަރަކާތާބެހޭ ގޮތުން އައިސްފައިވާ މާއްދާއަކާ ހިލާފަށް ގަސްދުގައި ނުވަތަ ނޭނގި ނަމަވެސް ގެންގުޅޭ ކޮންމެ އެއްޗަކާއި؛
- ޕެކެޓްކުރުމަށް ނުވަތަ ލޭބަލްޖެހުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ތިމާއަށް އެކަން އެނގިހުރެ ނުވަތަ ނޭނގިނަމަވެސް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރުމަށް ނުވަތަ މި ގާނޫނުގެ މާއްދާއަކާއި ހިލާފުވުމަށް ބޭނުންކުރެވިދާނެ ގޮތަށް އަތުގައި އޮންނަ އެއްޗެއް ނުވަތަ މެށިނެއް ނުވަތަ ލިޔުމަކާއި؛
- ގާނޫނާ ހިލާފުވި ފަރާތުގެ އަތުގައި ހުރި ނުވަތަ ބެލުމުގެ ދަށުގައިހުރި ދުންފަތުގެ އެހެނިހެން ބާވަތްތަކާއި ތަކެއްޗާއި؛
- އަސްލު ނޫންތަކެތި އުފެއްދުމަށް ނުވަތަ ދުންފަތާބެހޭ ތަކެތި ސްމަގްލްކުރުމަށް ބޭނުންކުރި ސާމާނާއި، މެށިނަރީ އާއި ލޭބަލްކުރުމަށާއި، ޕެކެޓްކުރުމަށާއި އެހެނިހެން ކަންކަމަށް ބޭނުންކޮށްފައިވާ ތަކެއްޗާއި؛
- ޑިއުޓީ ނުދައްކައި އޮތް ދުންފަތުގެ ކޮންމެ ބާވަތަކާއި ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް އެހެން ގައުމަކުން އެތެރެކޮށްފައިވާ ދުންފަތުގެ ކޮންމެ ބާވަތަކާއި؛ އަދި
- ދުންފަތުގެ ބާވަތްތަކުގައި ހުންނަންޖެހޭނެކަމަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައި ބުނެފައިވާ މިންގަނޑުތަކާ ހިލާފަށް ތައްޔާރުކުރެވިފައިވާ ދުންފަތުގެ ކޮންމެ އެއްޗަކާއި، ރާއްޖޭގެ ކޮންމެވެސް ތަނެއްގައި ބަޔަކު މީހުން ގަސްދުގައި ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ބަހައްޓައިފައި ހުރި އަސްލުނޫން ދުންފަތުގެ ބާވަތްތަކެވެ.
30 ވަނަ މާއްދާ - ކޮންމެ ކުށަކަށް ވަކިން އަދަބު ދިނުން
ގާނޫނާ ހިލާފުވެގެން ކުރާ ކޮންމެކަމަކާއި ގާނޫނާ ހިލާފުވުމަށް ކުރާ ކޮންމެ އަމަލެއް ބެލެވޭނީ ވަކި ކުށެއްގެ ގޮތުގައެވެ. އަދި ކުރެވޭ ކޮންމެ ކުށަކަށް އެކުށަކާ އެކަށީގެންވާ އަދަބު ވަކިން ދެވޭނެއެވެ.
31 ވަނަ މާއްދާ - ތަކުރާރުކޮށް ކުށްކުރުމުން އަދަބު ބޮޑުކުރުން
މި ގާނޫނުގެ ދަށުން ތަކުރާރުކޮށް ކުށްކުރާ ކޮންމެ ފަހަރަކު ދެވޭ އަދަބު އެއްފަހަރުން އަނެއްފަހަރަށް ބޮޑުކުރަމުން ގެންދަންވާނެއެވެ.
32 ވަނަ މާއްދާ - ށަރީއަތް މެދުވެރިކޮށް ހޯދާ ފައިސާ އާއި ޖޫރިމަނާ
ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ކުރާ އަމަލެއްގެ ސަބަބުން މި ގާނޫނާ ހިލާފުވެގެން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޑިއުޓީއެއް ނުދެއްކުމުގެ ސަބަބުން މީހެއްގެ ކިބައިން ށަރީއަތް މެދުވެރިކޮށް އަތުލެވޭ ފައިސާއެއް ހޯދުމުގެ އިތުރަށް އެމީހަކު އެކުރި ކުށަކަށް ކަނޑައެޅިފައިވާ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.
33 ވަނަ މާއްދާ - ވެރިންގެ ޒިންމާ
މި ގާނޫނާ ހިލާފަށް އަމަލުކޮށްފި ތަނެއްގެ ވެރިޔަކު، ނުވަތަ އެފަދަ އަމަލެއް ކުރުމަށް ހުއްދަ ނުވަތަ ހިތްވަރުދީފި ވެރިޔަކު، ނުވަތަ މި ގާނޫނުގައި ބުނާ ކަމެއް ނުކޮށް ދޫކޮށްލައިފިކަން ނުވަތަ މި ގާނޫނާ ހިލާފަށް ކަމެއް ކުރާކަން ތިމާއަށް އެނގިހުރެ ހިނގާނަމަ އެކަން ދެނެހުރި ވެރިޔަކުވެސް އެފަދަ އަމަލެއްގެ ޒިންމާ އުފުލަންޖެހޭނެއެވެ.
34 ވަނަ މާއްދާ - ދުންފަތުގެ ބާވަތްތައް އުފައްދާ ފަރާތްތަކާއި ސަޕްލައިކުރާ ފަރާތްތަކުގެ ޒިންމާ
އަމިއްލަ ގައުމުގައި ދުންފަތުގެ ބާވަތްތައް އުފައްދައި ބޭރުކުރާ ފަރާތްތަކުން އެތަކެތި ފޮނުވުމަށް ކަނޑައެޅިފައިވާ މަންޒިލަށް ފޮނުވުމުގެ މަގުމަތީގައި އެތަކެތި އެތެރެވާ ގައުމުތަކުން ދައްކަން ބުނާ ޓެކުހާއި ޑިއުޓީ ދައްކާފައި ނުވާނަމަ، ނުވަތަ ސްމަގްލްކުރެވިފައިވާކަމަށް ބެލެވިއްޖެނަމަ، އެކަމުގެ ޒިންމާ އެތަކެތި އުފައްދާ ފަރާތަކުން ނުވަތަ އެތަކެތި ސަޕްލައިކޮށްދޭ ފަރާތަކުން އުފުލަންވާނެއެވެ.
ދިހަވަނަ ބާބު
ގާނޫނު ތަންފީޒުކުރުން
35 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުން
(ހ) ކޮންމެ މިނިސްޓަރަކުވެސް އެމިނިސްޓަރަކާ ހަވާލުވެފައިވާ ދާއިރާއަކާ ގުޅުންހުރި މި ގާނޫނުގެ މާއްދާތައް ތަންފީޒުކުރަންވާނެއެވެ. އަދި އެމާއްދާތަކުގައި ބުނާ ކަންތައްތައް އެންމެ އެދެވޭ ގޮތުގައި ތަންފީޒުކުރުމުގެ މައްޗަށް ސަމާލުކަންދީ، ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ މުއާހަދާތަކަށް އަމަލުކުރުމުގެ ގޮތުން އެކަމަކާގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގަންވާނެއެވެ.
(ށ) މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން މި ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަމަލުތަކާމެދު ފާރަވެރިވުމަށާއި، އެފަދަ ކަންތައްތައް ތަހުގީގުކުރުމަށާއި، އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއަޅައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށް ބާރުއެޅުމަށްޓަކައި، މި ގާނޫނުގެ މާއްދާތައް ތަންފީޒުކުރަންޖެހޭ ކޮންމެ މިނިސްޓަރަކުމެ އެމީހެއްގެ ދަށުން އެމަސައްކަތްކުރާނެ ވެރިޔަކު އައްޔަންކޮށް އެމީހަކަށް ފުރިހަމަ އިހްތިޔާރާއި ބާރުދޭންވާނެއެވެ.
އެގާރަވަނަ ބާބު
ދުންފަތް ކޮންޓްރޯލުކުރުމަށް ބޯޑެއް އެކުލަވާލުން
36 ވަނަ މާއްދާ - ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑު އެކުލަވާލުން
(ހ) ގައުމީ ފެންވަރުގައި މަސައްކަތްކުރާނެ މުއައްސަސާއެއްގެ ގޮތުގައި "ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑު" މިނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ މިނިސްޓަރެވެ.
(ށ) މި ބޯޑުގެ މެންބަރުންގެ ގޮތުގައި އަންނަނިވި ފަރާތްތައް ހިމެނެންވާނެއެވެ.
- ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުން މަންދޫބުން.
- ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ތަޖުރިބާކާރުން.
- އާންމު ސިއްހަތުގެ ތަޖުރިބާކާރުން.
- ތަކެތި ގަންނަ މީހުންގެ ހައްގުތަކާބެހޭ މީހުން.
- މަދަނީ އަދި ވިޔަފާރި ޖަމްއިއްޔާތަކުގެ މަންދޫބުން.
37 ވަނަ މާއްދާ – ދައުރު
(ހ) ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑުގެ ދައުރަކީ ދުންފަތުން މީސްތަކުން ރައްކާތެރިކުރުމަށް ހިންގާ ކަންކަމުގައި ލަފަޔާއި މަށްވަރާ ދިނުމެވެ. އޭގެ ތެރޭގައި ތިރީގައި ބުނެފައިވާ ކަންތައްތަކާބެހޭ ގޮތުން ލަފަޔާއި މަށްވަރާ ދިނުން ހިމެނެއެވެ.
- ދުންފަތުގެ ބޭނުންކުރުމުންނާއި ދުންފަތަށް ހުށަހެޅުމުން ޖުމްލަގޮތެއްގައި އާބާދީގެ ސިއްހަތަށްކުރާ އަސަރާއި، ފަރުދުންގެ ސިއްހަތަށް އަންނަ ބަދަލު ދެނެގަނެ އެކަމާބެހޭ ދިރާސާތައްކުރުން.
- މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.
- މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މަގްސަދު ހާސިލްވާ މިންވަރެއް ބަލައި އެއިރަކަށް އިސްލާހުކުރަންޖެހޭ ބައެއް އިސްލާހުކުރުން.
- ދުންފަތް ކޮންޓްރޯލުކުރުމާގުޅޭ ގޮތުން ގައުމީ ފެންވަރުގައި ކުރާނެ ކަންތައްތައް ކަނޑައަޅައި އެކުލަވާލުމަށްފަހު ކެބިނެޓަށް ލަފާދިނުން.
- މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ދުންފަތާ ދެކޮޅަށްކުރާ މަސައްކަތްތައް ވިލަރެސްކުރުން.
- ދުންފަތް ކޮންޓްރޯލުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ މިނިސްޓަރަށް ލިބިދޭ އިހްތިޔާރުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބާރުއެޅުން.
(ށ) ބޯޑުން ފާރަވެރިވެ ބަލަހައްޓާ ކަންކަމާގުޅިގެންނާއި، ދުންފަތް ކޮންޓްރޯލުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުންނާއި، ބޯޑަށް ފެންނަ ކަންކަމުގައި ކެބިނެޓަށް މަށްވަރާ ދިނުމުގެ ގޮތުން އަހަރަކު އެއްފަހަރު ރިޕޯޓެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، ދުންފަތާބެހޭ މުއާހަދާތަކުގައި ބައިވެރިވާ ގައުމުތަކުގެ ފަރާތުން އެފަދަ ބައްދަލުވުންތަކުގައި ހުށަހަޅަންޖެހޭ ރިޕޯޓުތައް އެކުލަވާލައި ތައްޔާރުކުރަންވާނެއެވެ.
(ނ) ދުންފަތުގެ ބާވަތެއް އުފައްދާ ފަރާތެއް، އެތެރެކުރާ ފަރާތެއް، ބޭރުކުރާ ފަރާތެއް، ގަނޑުކޮށް ވިއްކާ ފަރާތެއް، ވަކިވަކިން ވިއްކާ ފަރާތެއް ނުވަތަ ދުންފަތާގުޅޭ ވިޔަފާރިއަކީ ގުޅުންހުރި އެއްވެސް މީހަކު ނުވަތަ އެފަދަ ފަރާތެއް ތަމްސީލުކުރާ މީހަކު މި ބޯޑަށް އައްޔަންކޮށްގެން ނުވާނެއެވެ. އަދި އެފަދަ މީހަކު މި މަޖިލީހުގައި މެންބަރެއްގެ ދައުރު އަދާކޮށްގެންވެސް ނުވާނެއެވެ.
(ރ) މި ބޯޑުގެ ހިންގާ ގަވާއިދު އެކުލަވާލުމާއި ނިންމުންތައް ނިންމުމުގައި އަމަލުކުރާނެގޮތް ކަނޑައެޅުމާއި އެބައިތައް އިސްލާހުކުރާނީ ބޯޑުގެ މެންބަރުންނެވެ. މި ހުރިހާ ބައިތަކެއް ލިޔެ އާންމުންނަށް ލިބޭނެފަދަ ގޮތަކަށް އާންމުކުރަންވާނެއެވެ.
(ބ) ފަންނީކަންކަމާގުޅޭ ގޮތުން ނުވަތަ ކަނޑައެޅޭ ވަކިކަންކަމާގުޅޭ ގޮތުން މި ބޯޑަށް ލަފަޔާއި މަށްވަރާ ދިނުމަށްޓަކައި ފަންނީ ތަޖްރިބާކާރުން އެކުލެވޭ ކޮމެޓީތަކެއް އައްޔަންކުރެވިދާނެއެވެ.
ބާރަވަނަ ބާބު
ދުންފަތުން ލިބޭ ގެއްލުމާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްވުމަށް މަގުފަހިކޮށްދިނުން
38 ވަނަ މާއްދާ - ހޭލުންތެރިކުރުމަށް ހަރުދަނާ ހަރަކާތްތައް ރާވައި ހިންގުން
ދުންފަތް އުފެއްދުމާއި އޭގެ އިސްތިއުމާލު ކުރުމުން ސިއްހަތަށާއި، އިގްތިސާދަށާއި، ތިމާވެށްޓަށާއި މުޖްތަމައަށް ލިބޭ ގެއްލުން އަންގައިދީ، އެކަމަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ހަރުދަނާ ހަރަކާތްތައް ރާވައި ހިންގަންވާނެއެވެ. އެފަދަ ހަރަކާތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ދުންފަތުން ލިބޭ އެންމެހައި ގެއްލުމާބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން.
(ށ) ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އެކަން ހުއްޓައިލުމުން ލިބޭނެ ފައިދާ އަންގައިދިނުން.
(ނ) ދުންފަތުގެ ވިޔަފާރިއާބެހޭ މައުލޫމާތު ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އާންމުކޮށް ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން.
(ރ) ދުންފަތް ކޮންޓްރޯލުކުރުމާބެހޭ މައުލޫމާތާއި ތަމްރީނު ސިއްހީ ހިދުމަތްދޭ ފަރާތްތަކަށާއި، އިޖްތިމާއީ މަސައްކަތްކުރާ ފަރާތްތަކަށާއި، ނޫސްވެރިންނާއި މީޑިޔާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރާ ފަރާތްތަކަށާއި އަދި މިނޫންވެސް ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
(ބ) ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ތެރެއިން ކަމާގުޅޭ އިދާރާތަކާއި ޖަމްއިއްޔާތައް ބައިވެރިކޮށް، އެފަރާތްތަކުން އެކަމަށްޓަކައި ކުރާ މަސައްކަތުގައި އެހީތެރިވެދިނުން.
39 ވަނަ މާއްދާ - ދުންފަތަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތްކުރުމަށް މަގުފަހިކުރުން
ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްވުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ ސިއްހަތާބެހޭ ވުޒާރާއާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުން މަސައްކަތްކުރަންވާނެއެވެ.
(ހ) ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމުގެ ފައިދާ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އަންގައިދިނުން.
(ށ) ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްކޮށް، އެމީހުންނަށް ފަރުވާދިނުމަށްޓަކައި ވަކި އިދާރާއެއް ނުވަތަ ކްލިނިކެއް ސިއްހީ ހިދުމަތްދޭ ތަންތަނުގައި ނުވަތަ ސިއްހަތާބެހޭ ވުޒާރާއިން ކަނޑައަޅާ ތަނެއްގައި ގާއިމްކުރަންވާނެއެވެ. މިފަދަ ތަނެއްގައި، އެކަން ހުއްޓުމަށް ބޭނުންވާ މީހުންނަށް އެކަމާގުޅޭ އެންމެހައި މައުލޫމާތާއި، ކައުންސެލިންގް އަދި އެކަމަށް ބޭނުންވާ ބޭސްފަރުވާގެ ހިދުމަތް ލިބެން ހުންނަންވާނެއެވެ. އޭގެ ތެރޭގައި، ބޭހާއި، ބޭސްފޯރުކޮށްދޭ ވަސީލަތްތަކާއި، ތަހުލީލުކުރުމަށް ބޭނުންކުރާ ވަސީލަތްތައްވެސް ހިމެނެއެވެ.
ތޭރަވަނަ ބާބު
އެހެނިހެން ކަންތައްތައް
40 ވަނަ މާއްދާ - ބޯޑު އެކުލަވާލަންޖެހޭ މުއްދަތު
މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ އެގާރަވަނަ ބާބުގައި ބުނެފައިވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.
41 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން
ރައީސުލްޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ހަދައި ނިންމައި މި ގާނޫނަށް އަމަލުކުރަން ފަށަންވާނެއެވެ.
42 ވަނަ މާއްދާ – މާނަ
މި ގާނޫނުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހާ ހިނދަކު:
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ސިއްހަތާބެހޭ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.
(ށ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ސިއްހަތާބެހޭ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ނ) "އާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، ވިޔަފާރި އުސޫލުން ނުވަތަ ފީއެއް ނުވަތަ އަގެއް ނަގައިގެން އެއްތަނުން އަނެއްތަނަށް މީހުން އުފުލާ އުޅަނދުފަހަރާއި، މިގޮތަށް މީހުން އުފުލުމުގެ ނުވަތަ ދަތުރުފަތުރު ކުރުމުގެ އެކި މަރުހަލާގައި ބޭނުންކުރަންޖެހޭ ތަންތަނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިފަދަ އެހެން އުޅަނދުފަހަރާއި ތަންތަނަށެވެ. ފީއެއް ނުވަތަ އަގެއް ނުނެގިނަމަވެސް، ވަކި މުނާސަބަތަކާ ނުވަތަ ހާދިސާއަކާއި ނުވަތަ މިނޫންވެސް އިޖްތިމާއީ ހަރަކާތަކާއި ނުވަތަ ޒިންމާއަކާއި ގުޅިގެން އާންމުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެއްތަނުން އަނެއްތަނަށް އުފުލުންވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ. ހަމައެކަނި ތަކެތި އުފުލާ އުޅަނދުފަހަރާއި މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރު، އެފަދަ އުޅަނދުފަހަރުން ވިޔަފާރި އުސޫލުން ނުވަތަ އަގެއްނަގައިގެން މީހަކު ނުވަތަ މީހުން އުފުލާ ހާލަތްތަކުގައި ނޫނީ މި މާނައިން އިސްތިސްނާވާނެއެވެ.
(ރ) "އިށްތިހާރު" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި، ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި، އޭގެ ބްރޭންޑުތަކާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކާބެހޭ މައުލޫމާތު ވިޔަފާރީގެ އުސޫލުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދުންފަތުގެ ބާވަތްތަކާއި، ބްރޭންޑުތައް ވިއްކުމަށްޓަކައި ނުވަތަ ވިއްކޭ އަދަދު އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮމޯށަން ހަރަކާތްތަކަށެވެ. ދުންފަތުގެ އިށްތިހާރުކަމަށް ބެލެވޭނީ ދުންފަތުގެ ބާވަތާއި، ބްރޭންޑާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތުގެ ނުވަތަ އެފަދަ ފަރާތްތަކުން ބޭނުންކުރާ ނުވަތަ އެފަރާތްތަކަށް އިށާރާތްކުރެވޭ ބަސްތަކާއި، ނަންތަކާއި، އިބާރާތްތަކާއި، ށިއާރުތަކާއި، އަކުރުތަކާއި، ނަންބަރުތަކާއި، ތަސްވީރުތަކާއި، ކުރެހުންތަކާއި، ޑިޒައިންތަކާއި، ލޯގޯތަކާއި، ކުލަތަކާއި އަދި އެހެނިހެން އެފަދަ ބާވަތްތަކުގެ އިތުރުން އަޑާއި، ލަވަޔާއި، ރާގާއި މިޔުޒިކެވެ.
(ބ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އެތަނެއްގައި މީހުން ހިނގައިބިނގައިވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، އެފަދަ ގޮތަކަށް ބޭނުންކުރެވޭ އުޅަނދުފަހަރުފަދަ ތަކެއްޗަށާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އާންމު ތަންތަނަށެވެ.
(ޅ) "ވިޔަފާރީގެ އުސޫލުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ކުރިއެރުވުމުގެ ނުވަތަ ވިޔަފާރީގެ މަގްސަދު ހާސިލްކުރުމުގެ ގޮތުން ކަމެއްކުރުމަށެވެ.
(ކ) "ވިއްކުން" ކަމަށް ބުނެފައި އެވަނީ، އަގެއް ލިބޭގޮތަށް ނުވަތަ އަގެއް ކަނޑައަޅައިގެން މީހަކަށް ނުވަތަ ބަޔަކަށް އެއްޗެއް ހުށަހެޅުން ނުވަތަ ދިނުމަށެވެ.
(އ) "މީހަކު" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ށަހްސު ލިބިފައިވާ ކޮންމެ ފަރާތަކަށެވެ. މީގެތެރޭގައި ވަކިފަރުދުންނާއި ކުންފުނިތަކާއި އަދި އެހެން ގާނޫނެއްގައި ށަހްސެއްކަމަށް ބަޔާންކުރެވިފައިވާ ތަންތަން ހިމެނެއެވެ
(ވ) "މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފުރާޅަކުން ނުވަތަ މިނޫންވެސް އެފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ނުވަތަ ފާރަކުން ނުވަތަ ފާރުތަކަކުން ނުވަތަ ބިތްގަނޑަކުން ނުވަތަ ބިތްގަނޑުތަކަކުން ނުވަތަ މިފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެންވިއަސް ބަންދުކުރެވިފައިވާ ނުވަތަ ނިވާކުރެވިފައިވާ ތަންތަނުގެ ތެރެއިން އުޖޫރައެއް ލިބޭ ގޮތަށް ނުވަތަ ހިލޭސާބަހަށް ހިދުމަތްކުރުމުގެ ގޮތުން މީހަކު މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ކޮންމެ ތަނަކަށެވެ. މިގޮތުން، މަސައްކަތް އާންމުކޮށްކުރާ ތަނުގެ އިތުރުން އެތަނަކާ ގުޅިފައިހުންނަ، އަދި މަސައްކަތްކުރާ މީހުން މަސައްކަތުގެ ވަގުތުގައި ބޭނުންކުރާ ލިފްޓާއި، ކޮރިޑޯއާއި، ސިޑިއާއި، ލޮބީއާއި، ފާހާނާއާއި، ލައުންޖާއި، ކެފެޓީރިއާއި، ކެންޓީނާއި، ސައިކޮޓަރިފަދަ ތަންތަން މި މާނައިގެ ތެރޭގައި ހިމެނެއެވެ. ވިޔަފާރީގެ ބޭނުމުގައި ނުވަތަ އާންމު ހިދުމަތެއް ދިނުމުގައި ބޭނުންނުކުރާނަމަ، ދިރިއުޅުމަށް ބޭނުންކުރާ ތަންތަން މަސައްކަތްކުރާ ތަންތަނުގެ ތެރޭގައި ނުހިމެނެއެވެ. އަދި މަސައްކަތްކުރާ ތަނެއް މާނަކުރުމުގައި މުޅި ރަށް އެއީ މަސައްކަތްކުރާ ތަންކަމުގައެއް ނުބެލެވޭނެއެވެ.
(މ) "ޕްރޮމޯޓުކުރުމާއި ޕްރޮމޯށަންގެ ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ، އިށްތިހާރުކުރުންވެސް ހިމެނޭގޮތުން، އެހެންނަމަވެސް އެއަށްވުރެ ފުޅާ މާނައެއްގައި ދުންފަތުގެ ބާވަތްތަކުގެ ވިއްކުންތައް އިތުރުކުރުމުގެ މަގްސަދުގައި ދުންފަތާބެހޭ ބާވަތްތައް ބެހުމާއި، ހަދިޔާގެ ގޮތުގައި ދިނުމާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ހިންގާ ހަރަކާތްތަކަށެވެ.
(ފ) "ދުންފަތް" ކަމަށް ބުނެފައި އެވަނީ، ދުންފަތް އާއިލާގައި ހިމެނޭ އެންމެހައި ގަސްގަހުގެ ފަތަށެވެ.
(ދ) "ދުންފަތުގެ ބާވަތް" ކަމަށް ބުނެފައި އެވަނީ، ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ދުންފަތާއި ދުންފަތުގެ ތަނޑިން ނުވަތަ ދުންފަތާއި ދުންފަތުގެ ތަނޑި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ.
(ތ) "ދުންފަތް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ވައި، އަވި އަދި އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ މިނޫންވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުންކުރުމަށްޓަކައި ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރުކުރުމަށެވެ. ހިއްކާފައިހުރި ފަތް ބޭނުންކޮށްގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށް ބަންދުކުރެވިފައިވާ ބިޑި، ސުއްޓާ އަދި ދުންބޯފަތް ތައްޔާރުކުރުން މީގެ ތެރޭގައި ނުހިމެނެއެވެ.
(ލ) "ދުންފަތުގެ އިސްތިއުމާލު ކުރުން" ކަމަށް ބުނެފައި އެވަނީ، ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގައަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުމަށެވެ.
(ގ) "ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ސާމާނު" ކަމަށް ބުނެފައި އެވަނީ، ދުން ބުއިމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ދުންފަތުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންކުރާ ކަރުދާހާއި، ސިނގިރޭޓް ނުވަތަ ބިޑި އެނބުރުމަށް ބޭނުންކުރާ އާލާތްތަކާއި ތަކެއްޗާއި، ތެންމާފައި ހުންނަ ދުންފަތް ދަޅު، ގުޑުގުޑާ، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ކަށިގަނޑާއި، އެތަކެތީގައި ބޭނުންކުރެވޭ ތަކެއްޗަށެވެ.
(ޏ) "ދުންފަތް ސްޕޮންސަރުކުރުން" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ނުވަތަ ވިއްކާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް ތިރީގައި ބުނެވިފައިވާ ކަމަކާގުޅޭ ގޮތުން އޮތްކަން ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭ އެއްޗެއް އެއްވެސް ސިފައެއްގައި އެއިން ހަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ.
- މުނިފޫހިފިލުމުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އިލްމީ އަދި އަދަބީ ހަރަކާތްތަކާއި، ސަގާފީ އަދި ފެށަނާގުޅޭ ކަންކަމާއި އަދި އެފަދަ އެނޫންވެސް ބާވަތްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތަކާއި އަދި ށޯތަކާއި، ފިލްމުތަކާއި، ވީޑިއޯތައް؛
- އިސްވެ ބުނެވުނުކަމެއްގައި ބައިވެރިވާ ބަޔަކު ނުވަތަ މީހަކު، އެއިން މީހަކު ބޭނުންކުރާ ހެދުމަކާއި، ޔުނީފޯމަކާއި އަދި ގެންގުޅޭ ސާމާނުތައް؛
- އާންމު ތަންތަނުގައި ނުވަތަ މީހުން އެއްވެއުޅޭ ތަންތަނުގައި ބޭއްވޭ ހަރަކާތްތައް؛
- ދުންފަތުގެ ބާވަތްތައް އުފައްދާ ތަންތަން ފިޔަވައި، އެހެން އިމާރާތްތަކާއި، އުނގަންނައިދޭ ތަންތަނާއި، ހާމަކޮށް އޮންނަ ބިންބިމާ އަދި އާންމު ތަންތަން.
(ސ) "ސަރުކާރުގެ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީތަކާއި، އެތަންތަނުގެ ޑިޕާޓްމަންޓުތަކާއި ޑިވިޒަންތަކާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، ސަރުކާރުގެ ބާރުގެ ދަށުން ހިނގާ ކޯޕަރޭށަންތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހައި ތަންތަނަށެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
ރިފަރެންސް
2 އޯގަސްޓް 2010 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުޅަ "ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބިލު" ބަލައި، ތަޞްދީޤުކޮށްފައިވަނީ 18 އޯގަސްޓް 2010 (8 ރަމަޟާން 1431) ގައެވެ.
ކިޔުންތެރިންގެ ހިޔާލު