މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2016-37)
(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ – ތައާރަފު
(ހ) މިއީ، ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޖިނާއީ ކުށުގެ ހުކުމް ކޮށްފައިވާ މީހެއްގެ ދަމުންދާ އުމުރަށް ބަލައި ނުވަތަ އޭނާ ގައިހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ހާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި މީހެއްގެ އަދަބު ލުއިކޮށްދިނުމުގެ އިހުތިޔާރު، ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، 'މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' އެވެ.
2 ވަނަ މާއްދާ – އަދަބު ލުއިކޮށްދިނުން
މި ގަވާއިދުގައިވާ އުސޫލުތަކަށް ޢަމަލުކުރާނީ ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 29 ވނަ މާއްދާގެ (ނ) ގެ ދަށުން އަދަބު ލުއިކޮށްދިނުމުގައެވެ. އަދި އެގޮތުން އަދަބު ލުއިކޮށްދޭންވާނީ މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގިންތިއަކުން ކުރެ ގިންތިއަކަށް ނިސްބަތްކޮށެވެ.
3 ވަނަ މާއްދާ – އަދަބު ލުއިކޮށްދެވޭނެ ގިންތިތައް
މި ގަވާއިދުގެ ދަށުން އަދަބު ލުއިކޮށްދެވޭނެ ގިންތިތައް ތިރީގައި އެވަނީއެވެ.
(ހ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ތަންފީޛުކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން؛
(ށ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށްދިނުން؛
(ނ) މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށާ ގުޅިގެން އެއަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ގާނޫނުގައި ފުރުޞަތު ލިބިގެންވާ ކުށެއްކަމުގައިވާނަމަ، އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަކަށް، އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުން
(ރ)މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާނަމަ، އެ އިލްތިޒާމް އުފުލުމުން އެމީހަކު ބަރީއަކޮށެއް ނުދެވޭނެއެވެ.
4 ވަނަ މާއްދާ – ބައެއް ބާވަތުގެ ކުށްކުށުގެ އަދަބަށް ލުއިދިނުމުގައި ގެންގުޅެންވީ މިންގަނޑުތަށް
(ހ) މި ގަވާއިދުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އަންނަނިވި ކުށްކުށުގެ އަދަބު ތަންފީޒުކުރަންމުންދާ މީހުންގެ އަދަބު ލުއިކޮށްދެވޭނީ އެ މީހަކު ތަންފީޒުކުރަންޖެހޭ ހުކުމުގެ 50 (ފަންސާސް) އިންސައްތަ ތަންފީޒުކޮށް ނިމުމުންނެވެ.
- މީހަކު މެރުމުގެ ކުށް؛
- އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށް؛
- އެއްވެސް ގާނޫނެއްގެ ދަށުން 14 (ސާދަ) ގްރާމަށްވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހުރެގެން އުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައެޅިފައިވާކުށް؛
- ގާނޫނު ނަންބަރު 1990-10 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2015-30 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ހިމެނޭ އެންމެހައި ކުށްތައް؛
- ގާނޫނޫ ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުމުގެ ގާނޫނު) ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތުގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛ (އުނި ކުރެވިފައި)
- ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތުގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 1981-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ޗެޕްޓަރ 1 އާއި، ގާނޫނު ނަންބަރު 1981-21 ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ޗެޕްޓަރ 2 އާއި، ގާނޫނު ނަންބަރު 1966-01 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)) ގެ ޗެޕްޓަރ 3 އާއި، ގާނޫނު ނަންބަރު 1968-10 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ޗެޕްޓަރ 4 ގައި 10 އަހަރުދުވަހަށްވުރެ ދިގު މުއްދަތުގެ އަދަބު ކަނޑައަޅާފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގައި 10 އަހަރަށްވުރެ ދިގު މުއްދަތުގެ އަދަބު ކަނޑްއެޅިފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 14 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތައް؛
- ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ހިމެނޭ ކުށްތައް؛ އަދި
- ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގެ ތިންވަނަ ބާބުގައި ކަނޑައަޅާފައިވާ ކުށްތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ބާވަތުގެ ކުށްކުށުގެ އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މި ގަވާއިދުގެ ދަށުން އެކުލަވައިލާންވާނެއެވެ. އަދި ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) އާއި މި ގަވާއިދާ ހިލާފު ނުވާނެގޮތުގެ މަތިން، އެ އުސޫލު ތަންފީޛުކޮށް ހިންގާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ. (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގައިވާ އަސާސީ މިންގަނޑު އެހެން އޮތްނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ މީހަކު އަމިއްލައަށް އެދިގެން ފަރުވާ ފުރިހަމަކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެމީހެއްގެ މައްޗަށް ޑްރަގް ކޯޓުގައި ދައުވާ އުފުލި، ޑްރަގް ކޯޓުން އެ މީހެއްގެ މައްޗަށް ކުރާ ރިހެބިލިޓޭށަން އަމުރާ އެއްގޮތަށް ފަރުވާ ފުރިހަމަކުރުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ މައްޗަށް އުފުލާފައިވ،ާ އަދި އުފުލަންޖެހިފައިވާ އެހެނިހެން ޖިނާއީ ކުށްކުށުގެ ދައުވާތައް ކުރިޔަށް ނުގެންދަން ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅައިފިނަމަ، އެ މީހަކު ހުރި ހާލަތަށް ބަލައި އެ މީހާގެ މައްޗަށް ތަންފީޛުކުރަންޖެހޭ ހުކުމްތަކަށް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގައިވާ ގިންތިތަކުން ކުރެ ގިންތިއަކަށް ނިސްބަތްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ގޮތެއް ކަނޑައެޅިދާނެއެވެ. (އިތުރު ކުރެވިފައި)
(ރ) މަސްތުވާތަކެތި ބޭނުންކުރާ މީހަކު އަމިއްލައަށް އެދިގެން ުނވަތަ އެ މީހެއްގެ މައްޗަށް ޑްރަގް ކޯޓުގައި ދައުވާ އުފުލި، ޑްރަގް ކޯޓުން އެ މީހެއްގެ މައްޗަށް ކުރާ ރިހެބިލިޓޭށަން އަމުރާ އެއްގޮތަށް ފަރުވާ ފުރިހަމަކުރާ ހާލަތުގައި، އެ މީހާގެ މައްޗަށް ތަންފީޛުކުރަންޖެހޭ އެހެން ހުކުމެއް އޮތްނަމަ، އެ މީހަކު ހުރި ހާލަތަށް ބަލައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގައިވާ ގިންތިތަކުން ކުރެ ގިންތިއަކަށް ނިސްބަތްކޮށް މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާފައިވާ އުސޫލާ އެއްގޮތްވާގޮތުގެ މަތިން އަދަބު ލުއިކޮށްދެވިދާނެއެވެ. (އިތުރު ކުރެވިފައި)
5 ވަނަ މާއްދާ – އެހެނިހެން ށަރުތުތައް
މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ ކުށްތަކެއް ކުރުމާ ގުޅިގެން މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ލުއިކޮށްދިނުމުގައި އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުގެ އިތުރުން އަންނަނިވި ށަރުތުތަކަށް ރިއާޔަތްކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)
(ހ) އެ މީހަކީ، އެ މީހަކާ ދެކޮޅަށް ށަރުއީ ކޯޓެއްގައި ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލިފައިވާ މީހެއް ކަމުގައި ނުވުން؛ އަދި
(ށ) އެ މީހަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި އަދި/ ނުވަތަ މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތާއި އަމަންއަމާންކަމަށް ނުރައްކާވެދާނެ މީހެއް ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާފައިވާ މީހެއްކަމުގައި ނުވުނ
6 ވަނަ މާއްދާ – ހުކުމެއްގެ ސައްހަކަމާމެދު ސުވާލު ނުއުފެއްދުން
މީހެއްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ސައްހަކަމަކީ، ނުވަތަ ކުށް ސާބިތުވެފައިވާ ގޮތުގެ ސައްހަކަމަކީ، ނުވަތަ ހުކުމް އައިސްފައިވާ ގޮތުގެ ސައްހަކަމަކީ، މި ގަވާއިދުގެ ދަށުން އަދަބު ލުއިކޮށްދިނުމާ ގުޅިގެން ދިރާސާކުރެވޭނެ ނުވަތަ ގޮތެއް ކަނޑައެޅޭނެ ކަންކަމެއް ނޫނެވެ.
7 ވަނަ މާއްދާ - މޮނިޓަރުކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަދަބު ލުއިކޮށްދީފައިވާ މީހެއްގެ މައްޗަށް ކަނޑައަޅާ ށަރުތުތަކާ އެއްގޮތަށް އެ މީހަކު އަމަލުކުރަމުންދާކަން ނުވަތަ ނުކުރާކަން މޮނިޓަރކޮށް ބެލެހެއްޓުމަކީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޒިންމާއެކެވެ.
8 ވަނަ މާއްދާ – ގަވާއިދު ހަދައި ހިންގުން
މި ގަވާއިދު ހަދައި ހިންގާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
9 ވަނަ މާއްދާ – އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
މައި ގާނޫނު
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-02)
ކިޔުންތެރިންގެ ހިޔާލު