-

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2024-02)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި އެފަދަ އުޅަނދުފަހަރު ބަނދަރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖެއައުން

ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ، އެ އުޅަނދެއްގެ ކަންތައްތަކާއި ރާއްޖެއިން ހަވާލުވާނެ އޭޖެންޓަކު ހަމަޖެއްސުމަށްފަހުގައެވެ.

 

3 ވަނަ މާއްދާ - އޭޖެންޓް

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓަކަށް ވެވޭނީ، ކަމާބެހޭ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ، އެ ހުއްދައިގައި ބަޔާންކޮށްފައިވާ މުއްދަތަކަށެވެ.

(ށ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުއްދަ ލިބިފައިވުމުގެ އިތުރުން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވެބްސައިޓުގައި އާންމުކުރާ ފޯމު މެދުވެރިކޮށް، ޓޫރިސްޓް އުޅަނދުގެ އޭޖެންޓްކަން ކުރުމަށް ޓަކައި އެ ވުޒާރާގައި އޭޖެންޓަކަށްވުމަށް ރަޖިސްޓަރީކޮށް، އޭޖެންޓަކަށްވުމުގެ ހުއްދަ ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓްކަމާ ހަވާލުވެވޭނީ، ހިއްސާދާރުންގެ ގޮތުގައި ހަމައެކަނި ދިވެހި ރައްޔިތުން ހިމެނޭ ކުންފުންޏަކަށެވެ. އެފަދަ ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ސޯލް-ޕްރޮޕްރިއޭޓަރށިޕެއް ހިމެނޭ ނަމަ، އެފަދަ ކުންފުންޏެއްގެ ނުވަތަ ޕާޓްނަރށިޕެއްގެ ނުވަތަ ސޯލް-ޕްރޮޕްރިއޭޓަރށިޕެއްގެ ބައިވެރީންގެ ގޮތުގައި ތިބެންވާނީ ހަމައެކަނި ދިވެހި ރައްޔިތުންނެވެ. (އިތުރު ކުރެވިފައި)

 

4 ވަނަ މާއްދާ - އޭޖެންޓުގެ ޒިންމާ

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމާއި، ހުއްދަ ހޯދުމަށް ޓަކައި ދައްކަންޖެހޭ ފީ ދެއްކުމަކީ، އޭޖެންޓުގެ ޒިންމާއެކެވެ.

(ށ) ކޮންމެ އުޅަނދެއް ވެސް ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން، އެ އުޅަނދަކުން ދައުލަތަށް ފައިސާއެއް ނުވަތަ ޓެކުހެއް ދައްކަން ޖެހިފައިވާނަމަ، އެ ފައިސާއެއް ނުވަތަ އެ ޓެކުހެއ،ް ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެކެވެ.

(ނ) ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދާ ހަވާލުވެފައިވާ އޭޖެންޓު ބަދަލުވެއްޖެނަމަ، އައު އޭޖެންޓު ރަޖިސްޓަރީ ކުރުމަށް ޓަކައި، އޭޖެންޓް ބަދަލުވާތާ، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމ،ު ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

(ރ) ދިވެހިރާއްޖެއަށް އަންނަ ކްރޫޒް ލައިނަރތަކަށް އަންނަ ޕެސެންޖަރުންނަށް ދޭ ށޯ އެކްސްކާރށަން ދިނުމުގައި ހަމައެކަނި ހަރަކާތްތެރިވެވޭނީ، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ އުޅަނދު ދިވެހިރާއްޖެއަށް އައި އިރު އުޅަނދުގައި ތިބި ޕެސެންޖަރުންނަށް ނުވަތަ ގަވާއިދު ނަންބަރު 2012-44 (ޓުއަރ ގައިޑުންނާބެހޭ ގަވާއިދު) ގެ ދަށުން ހުއްދަ ދޫކޮށްފައިވާ ޓުއަރ ގައިޑުންނަށެވެ. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - ބަނދަރު ކުރުމާއި ދުއްވުމުގެ ހުއްދަ

(ހ) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ދިވެހިރާއްޖޭގައި ބަނދަރު ކުރުމަށާއި ދުއްވުމަށް ޓަކައި، އަންނަނިވި ގޮތުގެ މަތީން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދަންވާނެއެވެ.

  1. ޓޫރިސްޓް އުޅަނދު ރާއްޖެ އައުމުގެ ކުރިން، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހުއްދަ ހޯދުން؛ ނުވަތަ
  2. ޓޫރިސްޓް އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާރޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 4 (ހަތަރެއް) ދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ޓަކައި، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު؛
  2. މި މާއްދާގެ (ހ) ގައިވާ ހުއްދަ ހޯދުމަށް އެދެނީ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދެއް ނަމަ، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. (މުޅި މި ނަންބަރު އިސްލާހު ކުރެވިފައި)

    2.1 އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، ކެޕްޓަނުގެ ސެޓުފިކެޓު އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިޔުމެއް ހުށަހެޅުން؛

    2.1.1 އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ 

    2.1.2 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

    2.1.3 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

    2.1.4 އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްކޮށްފައިވާ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް.

  3. މި މާއްދާގެ (ހ) ގައިވާ ހުއްދަ ހޯދުމަށް އެދެނީ، 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް އުޅަނދެއް ނަމަ، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. (މުޅި މި ނަންބަރު އިސްލާހު ކުރެވިފައި)

    3.1 ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން.

    3.2 ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ލިޔުމެއް ހުށަހެޅުން.

    3.2.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ ނުވަތަ

    3.2.2 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

    3.2.3 އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސްގެ ކޮޕީ. 

  4. އުޅަނދުގައި ތިބޭ ފަޅުވެރިންނާއި ޕެސެންޖަރުންގެ އަދަދު ހިމެނޭގޮތަށް، ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ހަދައިފައިވާ، އުޅަނދުގެ ކެޕްޓަނުގެ ޑެކްލަރޭށަން. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް އެދެނީ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދެއް ނަމަ، ކްރޫސިންގ ޕާރމިޓް ހޯދުމަށް ޓަކައި 1,000.00 (އެއްހާސް) އެމެރިކާ ޑޮލަރުގެ ފީއެއް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން، ކްރޫސިންގ ޕާރމިޓް، އޭޖެންޓަށް ދޫކުރަންވާނެއެވެ. އަދި ހުއްދައަށް އެދި ހުށަހަޅައިފައިވާ، 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް އެއްވެސް ފީއަކާ ނުލައި ކްރޫސިންގ ޕާރމިޓް ދޫކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

6 ވަނަ މާއްދާ - ހުއްދައިގެ މުއްދަތު (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދުތަކަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. ނަމަވެސް ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް 275 (ދުއިސައްތަ ހަތްދިހަ ފަހެއް) ދުވަހާ ހަމަޔަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

  1. އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ޕެސެންޖަރ އިންށުއަރެންސް، ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއިތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުމާއި، ތީރީގައި ބަޔާންކޮށްފައިވާ ލިއުންތަކުން ކުރެ ލިޔުމެއް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.2 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.3 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

1.4 އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްކޮށްފައިވާ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް.

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކްރޫސިންގ ޕާރމިޓް ލިބިފައިވާ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް އުޅަނދުތަކަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. ނަމަވެސް ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް 275 (ދުއިސައްތަ ހަތްދިހަ ފަހެއް) ދުވަހާ ހަމަޔަށް ހުއްދައިގެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

  1. ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުމާއި، ތީރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުން ކުރެ ލިޔުމެއް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ނުވަތަ

1.2 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

1.3 އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، އެ އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސުގެ ކޮޕީ.

 

7 ވަނަ މާއްދާ - ޓޫރިސްޓް އުޅަނދު ދުއްވުމުގައި ނެގޭ އިތުރު ފީ (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން މުއްދަތު އިތުރުކުރެވޭނީ، އެ އިތުރުކުރާ މުއްދަތަށް، ކޮންމެ ދުވަހަކަށް 100.00 (އެއްސަތޭކަ) އެމެރިކާ ޑޮލަރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުންނެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކުރެވޭނީ، އެ އިތުރުކުރާ މުއްދަތަށް، ކޮންމެ ދުވަހަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުންނެވެ.

 

8 ވަނަ މާއްދާ - މުއްދަތު އިތުރުކުރުން

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ދެވިފައިވާ ހުއްދައިގެ މުއްދަތު 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަސް ހަމަވުމުން، މުއްދަތު އިތުރުކުރުމަށް ބޭނުންވާނަމަ، ކްރޫސިންގ ޕާރމިޓް އައުކުރުމަށް 3,500.00 (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފީތައ،ް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމުން މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ށ) ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ލިބިފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އެދޭނަމަ، ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 7 (ހަތެއް) ދުވަހުގެ ކުރިން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު ހުށަހަޅަންވާނެއެވެ. މި މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

9 ވަނަ މާއްދާ - ޗާޓަރ ލައިސަންސް (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދުގެ ދަށުން ހުއްދަދެވޭ ބޭރުގެ ޓޫރިސްޓް އުޅަނދެއް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން) ފިޔަވައި ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަން އެދޭ ނަމަ، ޕެސެންޖަރ ލައިސަންސް ހޯދަންވާނެއެވެ. ޕެސެންޖަރ ލައިސަންސް ދޫކުރެވޭނީ، އެ އުޅަނދާ ހަވާލުވެ ހުންނަ އޭޖެންޓުގެ ނަމުގައެވެ.

(ށ) ޕެސެންޖަރ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި ލިޔެކިޔުންތައް ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ދައުލަތަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

  1. ޕެސެންޖަރ ލައިސަންސް ނަގައިގެން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށް ޓަކައި، އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކުރާ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު"
  2. ޕެސެންޖަރ ލައިސަންސްގެ މުއްދަތާއި، އެ މުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދާއި މައުލޫމާތު ބަޔާންކޮށް، އުޅަނދުގެ ކެޕްޓަނުގެ ފަރާތުން ލިޔުމެއް (ކެޕްޓަންސް ޑެކްލަރޭށަން)؛ މި ލިޔުން އޮންނަންވާނީ، އެއްގޮތަށެވެ. 
  3. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ، އޭޖެންޓުގެ ޓެކްސް ކްލިއަރެންސް ރިޕޯޓު.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޕެސެންޖަރ ލައިސަންސަށް އެދެނީ، 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދެއް ނަމަ، އަންނަނިވި ށަރުތުތައް އެ އުޅަނދެއްގައި ފުރިހަމަވާން ޖެހޭނެއެވެ.

  1. އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުމާއި، ތީރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުން ކުރެ ލިޔުމެއް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.2 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ 

1.3 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

1.4 އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްކޮށްފައިވާ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ޕެސެންޖަރ ލައިސަންސަށް އެދެނީ، 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް އުޅަނދެއް ނަމަ، އަންނަނިވި ށަރުތުތައް އެ އުޅަނދެއްގައި ފުރިހަމަވާން ޖެހޭނެއެވެ.

  1. ޕެސެންޖަރ އިންށުއަރެންސް ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުމާއި، ތީރީގައި ބަޔާންކޮށްފައިވާ ލިޔުންތަކުން ކުރެ ލިޔުމެއް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ ނުވަތަ

1.2 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އުޅަނދުގައި އޮތްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުން؛ ނުވަތަ

1.3 އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތައް ހުރުން؛

1.4 އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސްގެ ކޮޕީ އޮތުން.

(ބ) ޕެސެންޖަރ ލައިސަންސް ލިބިފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދ،ު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފީއާއި، އުޅަނދަށް އަރުވާ ކޮންމެ ޕެސެންޖަރަކަށް 5.00 (ފަހެއް) އެމެރިކާ ޑޮލަރުގެ ޕެސެންޖަރ ފީއެއް ދައްކަންވާނެއެވެ. މި ފީ ދައްކާނީ، އުޅަނދު ދިވެހިރާއްޖެއިން ފުރުމުގެ ކުރިން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ޅ) ޕެސެންޖަރ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، ޕެސެންޖަރ ލައިސަންސް އޮންނަ މުއްދަތަށް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފީ ދައްކާކަށެއް ނުޖެހޭނެއެވެ. (އިތުރު ކުރެވިފައި)

(ކ) ޕެސެންޖަރ ލައިސަންސްގެ މުއްދަތު އިތުރުކުރުމަށް އެދޭ ނަމަ، ކުރިން ދޫކޮށްފައިވާ ޕެސެންޖަރ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން، އައު ޕެސެންޖަރ ލައިސަންސަށް އެދި، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(އ) އައު ޕެސެންޖަރ ލައިސަންސަށް އެދޭއިރު، އޭޖެންޓަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ 1 (އެކެއް) މަސްދުވަސް ހަމަނުވާ ޓެކްސް ކްލިއަރެންސް ރިޕޯޓެއް ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - ޕެސެންޖަރ ލައިނަރ ހުއްދަ (އުނި ކުރެވިފައި)

 

10 ވަނަ މާއްދާ - ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހުށަހެޅުން

މި ގަވާއިދުގެ ދަށުން ހުއްދަ ދީ ފައިވާ އުޅަނދުފަހަރާ ހަވާލުވާ އޭޖެންޓަކު، އެ އޭޖެންޓަކު ހަވާލުވެހުރި ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި، ގަވާއިދު ނަންބަރު 2020-39 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސްހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާބެހޭ ގަވާއިދު) އާ އެއްގޮތަށް ތަފާސްހިސާބު ފުރިހަމަކުރުމަށްފަހ،ު އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދާ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ޓެކްސް ދެއްކުން

މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހަ އްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދައުލަތަށް ޓެކުހެއް ދައްކަންޖެހޭނަމަ، އެ ޓެކުހެއް ދައްކަންވާނެއެވެ.

 

12 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން

މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ އުޅަނދުތަކުން ކުރާ ހުރިހާ ކަމެއް ވެސް ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

13 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މި ގަވާއިދާ ހިލާފުވުމުން، އުޅަނދާ ހަވާލުވެހުރި އޭޖެންޓާ މެދު އަންނަނިވި ގޮތަށް ފިޔަވަޅު އެޅުމުގެ އިހްތިޔާރ،ު ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ލިބިގެންވެއެވެ.

(ހ) ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރަށް 1,000.00 (އެއްހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން.

(ށ) ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރަށް 2,000.00 (ދެހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުން.

(ނ) ދެ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވެއްޖެނަމަ، 6,000.00 (ހަހާސް) އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމާއެކު، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން.

(ރ) މި މާއްދާގެ (ހ) ގައި ނުވަތަ (ށ) ގައި ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސ،ާ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ދައްކައިފައި ނުވާނަމަ، އެ އޭޖެންޓެއްގެ އޭޖެންޓްކަމުގެ ހުއްދަ އަލުން ދޫކުރާނީ، މި ގަވާއިދުގެ ދަށުން އެ އޭޖެންޓަކު ދައްކަންޖެހިފައިވާ ފައިސ،ާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސް ކުރުމަށްފަހުގައެވ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ޖޫރިމަނާ ކުރެވިފައިވާ ފަރާތް، އެ ފަރާތް ކުރެވިފައިވާ ޖޫރިމަނާ ދައްކައި ހަލާސްކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި މި ގަވާއިދާ ހިލާފު އަމަލެއް ކޮށްފައި ނުވާނަމަ، ދެން އެ ފަރާތުން މި ގަވާއިދާ ހިލާފުވެގެން ފިޔަވަޅު އަޅަންޖެހޭ ފަހަރު ވާނީ، މި ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ފަރާތަކާމެދު ފިޔަވަޅު އަޅަންވާނީ، މި މާއްދާގެ (ހ) އިން ފެށިގެން

(ރ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުއްދަދީފައިވާ އުޅަނދުތައް

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ހުއްދަދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، އެ އުޅަނދަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކުރުމަށް އެދި "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހުށަހެޅުމުން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ހުއްދައިގެ މުއްދަތު އިތުރުކޮށް ދެވިދާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ހުއްދަދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ކުރެ މުއްދަތު ހަމަވެފައިވާ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) ނުވަތަ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ މަތީ އުޅަނދުތަކުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދެވިދާނެއެވެ. (މުޅި މި ނަންބަރު އިސްލާހު ކުރެވިފައި)

1. އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، ކެޕްޓަނުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީއާއި، މިނިމަމް ސޭފް މޭނިންގ ސެޓުފިކެޓާއި، ޕެސެންޖަރ އިންށުއަރެންސް، ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އޮތުމާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުގެ މުއާހަދާއެއްކަމަށްވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) ގެ ދަށުން އުޅަނދެއްގައި ހުރުން ލާޒިމުކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.2 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓު؛ ނުވަތަ

1.3 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އޮތް އުޅަނދެއްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

1.4 އެ އުޅަނދު ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ ގައުމުން އެންޑޯޒްކޮށްފައިވާ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސަންސް.

2. އެ އުޅަނދާ ގުޅިގެން ދިވެހި ދައުލަތަށް ފައިސާއެއް ދައްކަން ޖެހޭ ނަމަ، އެ ފައިސާއެއް ދައްކައިފައިވުން.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކުރުމަށް ހުއްދަދީފައިވާ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ކުރެ މުއްދަތު ހަމަވެފައިވާ 100 (އެއްސަތޭކަ) ގްރޮސް ރެޖިސްޓަރ ޓަނޭޖް (ޖީ.އާރް.ޓީ) އަށް ވުރެ ދަށް އުޅަނދުފަހަރުގެ ތެރެއިން ތިރީގައިވާ ށަރުތުތައް ފުރިހަމަވާ އުޅަނދުފަހަރަށް މި ގަވާއިދުގައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދެވިދާނެއެވެ. (މުޅި ނަންބަރު އިތުރު ކުރެވިފައި)

1. ޕެސެންޖަރ އިންށުއަރެންސް، ހަލް އެންޑް މެށިނަރީއާއި ސަލްވޭޖާއި ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހިމެނޭ ގޮތަށް ނަގައިފައިވާ އިންށުއަރެންސް ޕޮލިސީ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ މިންގަނޑަށް އުޅަނދުގައި ހުރިކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން އުޅަނދުގައި އޮތުމާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުން.

1.1 އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީ (އައި.އޭ.ސީ.އެސް) އިން ދޫކުރާ، މުއްދަތު ހަމަނުވާ ސެޓުފިކެޓެއް؛ނުވަތަ
1.2 މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނަށް ގަބޫލުކުރެވޭ، މުއްދަތު ހަމަނުވާ ކްލަސިފިކޭށަން ސެޓުފިކެޓެއް އޮތް އުޅަނދެއްކަމަށް ބަޔާންކޮށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން.

2. އެ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމުގެ ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ އުޅަނދުގެ ސަލާމަތާ ގުޅޭ، މުއްދަތު ހަމަނުވާ ސެޓުފިކެޓުތަކާއި، އުޅަނދުގެ ކެޕްޓަނާއި ކްރޫއިންގެ، މުއްދަތު ހަމަނުވާ ލައިސެންސުގެ ކޮޕީ އޮތުން؛

3. އެ އުޅަނދާ ގުޅިގެން ދިވެހި ދައުލަތަށް ފައިސާއެއް ދައްކަން ޖެހޭ ނަމަ، އެ ފައިސާއެއް ދައްކައިފައިވުން.

 

15 ވަނަ މާއްދާ - ހިދުމަތުގެ މިންގަނޑު ކަނޑައެޅުން

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގައި ތިބޭ ފަތުރުވެރިންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ މިންގަނޑ،ު ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ރާއްޖޭގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ކަނޑުގެ ސަރަހައްދާ ހަމަޔަށެވެ. 

(ށ) "ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ތެރެއިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރ،ު އެ އުޅަނދަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭށަނުން ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރަށެވެ.

(ނ) (އުނި ކުރެވިފައި)

(ރ) "އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އައުމާ ގުޅޭގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކާ ހަވާލުވެހުންނ،ަ ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށެވެ.

(ބ) "ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ޓޫރިސްޓު ވީޒާ" ގައި ދިވެހިރާއްޖެއަށް އަންނަ ނުވަތަ އެ ވީޒާ ލިބިގެން ދިވެހިރާއްޖޭގައި ހުންނަ ކޮންމެ މީހަކަށެވެ.

(ޅ) "ފަތުރުވެރިކަމާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކޮށްފައިވާ ވުޒާރާއަށެވެ.

(ކ) "ކްރޫޒް ލައިނަރ" ކަމުގައި ބުނެފައި އެވަނީ، 50 (ފަންސާސް) އަށް ވުރެ ގިނަ ޕެސެންޖަރުން ގޮވައިގެން އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށެވެ. (އިސްލާހު ކުރެވިފައި)

(އ) "ކްރޫސިންގ ޕާރމިޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވައި ބަނދަރު ކުރުމަށް ދެވޭ ހުއްދައަށެވެ.

(ވ) "ޕެސެންޖަރ ލައިސެންސް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަދޭ އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫން) ފިޔަވައި ޕެސެންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމަށް ދެވޭ ލައިސަންސަށެވެ. (އިސްލާހު ކުރެވިފައި)

(މ) "ފަޅުވެރިން" ކަމުގައި ބުނެފައި އެވަނީ، އުޅަނދު ދުއްވައި، ބަނދަރުކޮށް ހެދުމުގެ މަސައްކަތް ކުރުމަށް އުޅޭ، "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ގައި ފަޅުވެރިންގެ ގޮތުގައި ލިސްޓުކޮށްފައިވާ ފަރާތްތަކަށެވެ. (އިތުރު ކުރެވިފައި)

(ފ) "ޕެސެންޖަރުން" ކަމުގައި ބުނެފައި އެވަނީ، އުޅަނދުގެ ފަޅުވެރިން ފިޔަވައި،  ފަތުރުވެރިކަމުގެ ބޭނުމަށް އުޅަނދަށް އަރުވައި ބާލާ މީހުންނަށެވެ. (އިތުރު ކުރެވިފައި)

ދ) "ށޯ އެކްސްކާރށަން" ކަމުގައި ބުނެފައި އެވަނީ، ފަތުރު ވެރިކަމުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ޕެސެންޖަރުން ގޮވައިގެން ކުރާ ދަތުރުތަކަށެވެ. (އިތުރު ކުރެވިފައި)

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

18 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2023-155 (ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

 

ޖަދުވަލު 1 (މުޅި ޖަދުވަލު އިސްލާހު ކުރެވިފައި)

ޕެސެންޖަރ ލައިސަންސް ހޯދުމަށް ދައްކަންޖެހޭ ފީ 

 

އުޅަނދުގެ ދިގުމިން  

ޕެސެންޖަރ ލައިސަންސް ފީ (ޔ.ޫއެސް. ޑޮލަރުން)

ދިގުމިނުގައި 20 (ވިހި) މީޓަރު ނުވަތަ 20 (ވިހި) މީޓަރަށް ވުރެ ކުދި އުޅަނދުތައް. ދުވާލަކަށް 100.00 (އެއްސަތޭކަ) އެމެރިކާ ޑޮލަރު. 
ދިގުމިން 20 (ވިހި) މީޓަރަށް ވުރެ ބޮޑު އަދި 35 (ތިރީސްފަހެއް) މީޓަރަށް ވުރެ ކުދި އުޅަނދުތައް.  ދުވާލަކަށް 250.00 (ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 35 (ތިރީސްފަހެއް) މީޓަރަށް ވުރެ ބޮޑު 45 (ސާޅީސް ފަހެއް) މީޓަރަށް ވުރެ ކުދި އުޅަނދުތައް. ދުވާލަކަށް 400.00 (ހަތަރު ސަތޭކަ) އެމެރިކާ ޑޮލަރު.
ދިގުމިން 45 (ސާޅީސް ފަހެއް) މީޓަރަށް ވުރެ ބޮޑު 75 (ހަތްދިހަ ފަހެއް) މީޓަރަށް ވުރެ ކުދި އުޅަނދުތައް. ދުވާލަކަށް 550.00 (ފަސްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 75 (ހަތްދިހަ ފަހެއް) މީޓަރަށް ވުރެ ބޮޑު 100 (އެއްސަތޭކަ) މީޓަރަށް ވުރެ ކުދި އުޅަނދުތައް. ދުވާލަކަށް 650.00 (ހަސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 100 (އެއްސަތޭކަ) މީޓަރަށް ވުރެ ބޮޑު ކްރޫޒް ލައިނަރ ނޫން އުޅަނދުތައް.  ދުވާލަކަށް 750.00 (ހަތްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 
ދިގުމިން 100 (އެއްސަތޭކަ) މީޓަރަށް ވުރެ ބޮޑު ކްރޫޒް ލައިނަރތައް.  ދުވާލަކަށް 850.00 (އަށްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު. 

 

 

މައި ގަވާއިދު

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024-02)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

އުވުނު ގަވާއިދު

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-155)

ކިޔުންތެރިންގެ ހިޔާލު