-

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-63)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

އެއްވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީކުރުމާއި، ލައިސަންސް ދިނުމާއި، ލައިސަންސް އައުކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި، ލައިސަންސް ބާތިލުކުރުމާއި، އެޖެންސީ ހިންގުމާއި، އެފަދަ އެޖެންސީއަކުން ދެވޭ ހިދުމަތްތަކާއި، ހިދުމަތްތަކުގެ މިންގަނޑުތައް ބަޔާންކޮށްދިނުމުގެ ގޮތުން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) އާއި، އެ ގާނޫނުގެ 96 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ދިވެހިރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ "ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ތަންފީޒުކޮށް ހިންގާނީ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ކަންތައްތައް ތަންފީޒުކޮށް ހިންގުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީންނެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން ލާޒިމުވާ ފަރާތްތައް

(ހ) މި ގަވާއިދުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިސްނާ ފަރާތްތައް ފިޔަވައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ދޭ ފަރާތްތަކާއި އެ ހިދުމަތްތައް ލިބިގަންނަ ކޮންމެ ފަރާތެއް، މި ގަވާއިދަށް އަމަލުކުރަން ލާޒިމުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކީ ވަކި ހާއްޞަ ބާވަތެއްގެ ވަޒީފާއެއް ހަމަޖައްސައިދޭ އެޖެންސީއަކަށް ވުމާ ގުޅިގެން އަމަލުކުރަންޖެހޭ ހާއްޞަ ގަވާއިދެއް އޮތްނަމަ، އެ ގަވާއިދަކަށް އަމަލު ކުރަންވާނެއެވެ. އަދި އެ ގަވާއިދަކާ ހިލާފުނުވާ ނިސްބަތަކުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތައް އެ ފަރާތެއްގެ މައްޗަށް ހިނގާނެއެވެ.

 

4 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދަކީ، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަޒީފާގެ ބާޒާރުގައި ވަޒީފާދޭ ފަރާތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދައިދިނުމުގައްޔާއި، ވަޒީފާ ހޯދަން އުޅޭ މީހުންނަށް އެ މަގު ފަހިކޮށްދިނުމުގައި ރާއްޖޭގެ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުގެ ދައުރު އެކަށައަޅައި، އެފަދަ ވިޔަފާރިތައް ރަޖިސްޓަރީކޮށް، އެ މަސައްކަތް ކުރުމުގެ ލައިސަންސް ދޫކުރުމާއި، އެ ލައިސަންސް ހިފަހައްޓައި ބާތިލުކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ވަޒީފާގެ ގުޅުމުގައި ހިމެނޭ ފަރާތްތަކުގެ ހައްގަކަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތީން، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ފުށުނާރާނެ ގޮތެ އްގެ މަތީން، ވިޔަފާރީގެ އުސޫލުން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުންއެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

ދެވަނަ ބާބު

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ

 

5 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާ ދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރި އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެޖެންސީތަކުގެ ތެރޭގައި، ސަރުކާރުގެ ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތް ދޭ ދާއިރާތައް އިސްތިސްނާވާނެއެވެ.

 

6 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް ދެވޭނެ ހިދުމަތްތައް

ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަށް ދެވޭނެ ހިދުމަތްތައް، ތިރީގައި މިވަނީއެވެ.

(ހ) ރެކްރޫޓްމަންޓުގެ ހިދުމަތް:

ރެކްރޫޓްމަންޓުގެ ހިދުމަތަކީ، އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމާއި، ވަޒީފާ ދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅޭނެ މީހުން ހޯދައިދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

(ށ) ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ހިދުމަތް: 

ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ހިދުމަތަކީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި ހޯދަންޖެހޭ ހުއްދަތަކާއި، ވިޒާ ހޯދައިދިނުމާއި، އެ ހުއްދަތަކާ ގުޅިގެން ދައްކަންޖެހޭ ފީ ދެއްކުމާއި، ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންކަން ފުރިހަމަކުރުމެވެ.

(ނ) މޭންޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތް:

މޭންޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތަކީ، އެކި ބާވަތްތަކުގެ ހިދުމަތް ދޭ އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، މަސައްކަތްތަކަށް ނުވަތަ ހިދުމަތްތަކަށް ބޭނުންވާ މުވައްޒަފުން، ވިޔަފާރި އުސޫލުން އެ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

 

ތިންވަނަ ބާބު

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ލައިސަންސް ހޯދުން

 

7 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސް

މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ހިދުމަތެއް އެއްވެސް ފަރާތަކަށް ފޯރުކޮށްދޭންވާނީ މިނިސްޓްރީން ދޫކުރާ ހިދުމަތް ދިނުމުގެ ލައިސަންސް ހޯދުމަށްފަހުގައެވެ.

 

8 ވަނަ މާއްދާ - އެޖެންސީތައް ރަޖިސްޓަރީ ކުރެވޭ ކެޓަގަރީތައް

(ހ) އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސްގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް ދެވޭނެ ހިދުމަތްތަކާއި ހިދުމަތުގެ މިންގަނޑުތައް ކަނޑައެޅޭނީ، އެ ފަރާތެއް ރަޖިސްޓަރީ ކުރެވޭ ކެޓަގަރީއަކަށް ބަލައިގެންނެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީ ކުރެވޭ ކެޓަގަރީތައް ތިރީގައި މިވަނީއެވެ.

 1. ކެޓަގަރީ – (A)
  މި ކެޓަގަރީގައި ރަޖިސްޓަރީ ކުރެވޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރެކްރޫޓްމަންޓުގެ ހިދުމަތާއި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކެވެ.
 2. ކެޓަގަރީ – (B)
  މި ކެޓަގަރީގައި ރަޖިސްޓަރީ ކުރެވޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކެވެ.
 3. ކެޓަގަރީ – (C)
  މި ކެޓަގަރީގައި ރަޖިސްޓަރީ ކުރެވޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މޭންޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތް ދޭ އެޖެންސީތަކެވެ.

(ނ) މި ގަވާއިދުގެ ދަށުން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް، އެއް ވަގުތެއްގައި ރަޖިސްޓަރީ ވެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން 1 (އެކެއް) ކެޓަގަރީއެއްގައެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީއެއްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް، އެ ފަރާތަށް ދޫކޮށްފައިވާ ރަޖިސްޓަރީ ބާތިލު ކުރުމަށްފަހު، އެހެން ކެޓަގަރީއަކަށް ރަޖިސްޓަރީ ކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަ ޔާންކޮށްފައި އޮތް ނަމަވެސް، ކެޓަގަރީ (C) ގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ކެޓަގަރީ (A) ނުވަތަ ކެޓަގަރީ (B) ގެ ލައިސަންސެއް ދޫކުރެވޭނީ، މޭންޕަވަރ ސަޕްލައިގެ ގޮތުގައި ވަރކް ޕަރމިޓުގެ ދަށުން ދިވެހިރާއްޖެ ގެނެސްފައިވާ ހުރިހާ ބިދޭސީންގެ ވަރކް ޕަރމިޓް ކެންސަލް ކުރުމުންނެވެ.

(ޅ) އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސް ނުހޯދައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ހިދުމަތެއް ދިނުމަކީ މަނާކަމެކެވެ.

(ކ) މި މާއްދާގެ (ޅ) އާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު، މި މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

(އ) އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސެއް ނެތް ވިޔަފާރިއަކުން ނުވަތަ އަމިއްލަ ފަރުދަކު މި މާއްދާގައި ބަޔާން ކޮށްފައިވާ ހިދުމަތްތައް ދީފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 1. އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސެއް ނެތް ވިޔަފާރިއަކުން ނުވަތަ އަމިއްލަ ފަރުދަކު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ A ގެ ލައިސަންސަކާ ނުލައި ރެކްރޫޓްމަންޓުގެ ހިދުމަތްދީފިނަމަ އެ ފަރާތެއް؛
  1. މި ގަވާއިދުގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ 
   މަތީން 40،000 (ސާޅީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއި، ގަވާއިދާ ހިލާފަށް ރެކްރޫޓްކުރި ކޮންމެ މީހަކަށް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދުލެއްނުކުރެވޭނެއެވެ.
 2. އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސެއް ނެތް ވިޔަފާރިއަކުން ނުވަތަ  އަމިއްލަ ފަރުދަކު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ (A) ގެ ލައިސަންސަކާ ނުލައި ނުވަތަ (B) ލައިސަންސަކާ ނުލައި ވަރކް ޕަރމިޓް މެނޭޖްމަންޓުގެ ހިދުމަތް ދީފިނަމަ އެ ފަރާތެއް؛
  1. މި ގަވާއިދުގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ފަރާތުން ޕަރމިޓް މެނޭޖްކޮށްދިނުމުގެ ހިދުމަތް ދެވުނު ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް، މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދުލެއް ނުކުރެވޭނެއެވެ.
 3. އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސެއް ނެތް ވިޔަފާރިއަކުން ނުވަތަ އަމިއްލަ ފަރުދަކު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ (C) ގެ ލައިސަންސަކާ ނުލައި މޭންޕަވަރ ސަޕްލައިގެ ހިދުމަތްދީފިނަމަ އެ ފަރާތެއް؛
  1. މި ގަވާއިދުގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 50،000  (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއި، ގަވާއިދާ ހިލާފަށް ހިދުމަތް ދިނުމުގައި ބޭނުންކުރިކޮންމެ މީހަކަށް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެއް އެ ފަރާތަކަށް ދުލެއް ނުކުރެވޭނެއެވެ.

(ވ) އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސް ދޫކޮށްފައިވާ އެޖެންސީއަކުން ދޫކޮށްފައިވާ ލައިސަންސް ކެޓަގަރީގައި ނުހިމެނޭ ހިދުމަތްތައް ދީފިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 1. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ (A) ގެ ލައިސަންސެއް ނެތް އެޖެންސީއަކުން ރެކްރޫޓްމެންޓް ހިދުމަތްދީފިނަމަ:
  1. އެ އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާތިލުކުރުން؛
  2. އެ އެޖެންސީއެއް މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން އެ ފަރާތުން ޕަރމިޓް މެނޭޖްކޮށްދިނުމުގެ ހިދުމަތް ދިން، ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000 (ދިހަހާސް)  ރުފިޔާއިން ޖޫރިމަނާކުރުން؛
  3. މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް، މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެ އް އެ އެޖެންސީއަކަށް ދުލެއް ނުކުރެވޭނެއެވެ.
 2. މި މާއްދާގެ (ށ) ގައި ބަޔާންކޮ ށްފައިވާ ކެޓަގަރީ (A) ނުވަތަ ކެޓަގަރީ (B) ގެ ލައިސަންސެއް ނެތް އެޖެންސީއަކުން ވަރކް ޕަރމިޓް މެނޭޖްމަންޓުގެ ހިދުމަތްދީފިނަމަ:
  1. އެ އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާތިލުކުރުން؛
  2. އެ އެޖެންސީއެއް، މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 10،000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއި، ގަވާއިދާ ހިލާފަށް ރެކްރޫޓްކުރި ކޮންމެ މީހަކަށް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.
  3. މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް، މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެ އް އެ އެޖެންސީއަކަށް ދުލެއް ނުކުރެވޭނެއެވެ.
 3. މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ (C) ގެ ލައިސަންސެއް ނެތް އެޖެންސީއަކުން، މޭން ޕަވަރ ސަޕްލައިކުރުމުގެ ހިދުމަތް ދީފިނަމަ:
  1. އެ އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާތިލުކުރުން؛
  2. އެ އެޖެންސީއެއް، މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 50،000  (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއި، ގަވާއިދާ ހިލާފަށް ހިދުމަތް ދިނުމުގައި ބޭނުންކުރި ކޮންމެ މީހަކަށް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. މި ގަވާއިދުގެ 57 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ ގޮތުގެ މަތީން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް، މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެއް އެ އެޖެންސީއަކަށް ދުލެއް ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސްގެ މުއްދަތު 

އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސްގެ މުއްދަތު ކަނޑައެޅޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ކެޓަގަރީތަކަށް ބަލައިގެން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ކެޓަގަރީ – (A) ގެ ހިދުމަތް ދޭ އެޖެންސީތަކުގެ ލައިސަންސްގެ މުއްދަތަކީ،

3 (ތިނެއް) އަހަރުދުވަހެވެ.

(ށ) ކެޓަގަރީ – (B) ގެ ހިދުމަތް ދޭ އެޖެންސީތަކުގެ ލައިސަންސްގެ މުއްދަތަކީ،

2 (ދޭއް) އަހަރުދުވަހެވެ.

(ނ) ކެޓަގަރީ - (C) ގެ ހިދުމަތް ދޭ އެޖެންސީތަކުގެ ލައިސަންސްގެ މުއްދަތަކީ،

3 (ތިނެއް) އަހަރުދުވަހެވެ.

 

10 ވަނަ މާއްދާ - ޑިޕޮޒިޓް ހަމަޖެއްސުން

(ހ) އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސް ދޫކުރެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދުގެ ފައިސާ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ދެއްކުމުން، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދުގެ ފައިސާ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން ދޫކޮށްފައިވާ ބޭންކް ގެރެންޓީއެއް، ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ހަމަޖެއްސުމުން، ނުވަތަ މިނިސްޓްރީން ގަބޫލުކުރާ އިންށޫރެންސް ހަމަޖައްސައިދޭ އިދާރާއަކުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދުގެ އިންށޫރެންސެއް ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ހަމަޖެއްސުމުންނެވެ.

(ށ) ޑިޕޮޒިޓުގެ ގޮތުގައި ހަމަޖައްސަންޖެހޭ އަދަދު ކަނޑައެޅޭނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ކެޓަގަރީތަކަށް ބަލައިގެން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 1. ކެޓަގަރީ – (A)
  މި ކެޓަގަރީގައި ރަޖިސްޓަރީކުރެވޭ އެޖެންސީތަކުގެ ޑިޕޮޒިޓުގެ މިންވަރަކީ، 300,000 (ތިންލައްކަ) ރުފިޔާ އެވެ.
 2. ކެޓަގަރީ – (B)
  މި ކެޓަގަރީގައި ރަޖިސްޓަރީކުރެވޭ އެޖެންސީތަކުގެ ޑިޕޮޒިޓުގެ މިންވަރަކީ، 50,000 (ފަންސާސް ހާސް) ރުފިޔާއެވެ.
 3. ކެޓަގަރީ – (C)
  މި ކެޓަގަރީގައި ރަޖިސްޓަރީކުރެވޭ އެޖެންސީތަކުގެ ޑިޕޮޒިޓުގެ މިންވަރަކީ، 3,000,000 (ތިން މިލިޔަން) ރުފިޔާއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓަކީ، ކޮންމެ އަހަރަކު އައުކުރެވޭ ގެރެންޓީއެއް ނުވަތަ އިންށޫރެންސެއް ކަމުގައި ވާންވާނެއެވެ. އަދި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓުގެ ގޮތުގައި ބޭނުންކުރެވޭނެ ބޭންކް ގެރެންޓީއާއި އިންށޫރެންސްގެ ށަރުތުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ޑިޕޮޒިޓް، އަންނަނިވި ހާލަތުގައި ބޭނުންކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 1. (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާ ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދަކާ، ނުވަތަ ގާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) އާ، ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދަކާ ނުވަތަ މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެއްވެސް ހަރަދެއް ކުރަންޖެހި، އެ ހަރަދު އެ އެޖެންސީން ނުކޮށްފިނަމަ، މި ގަވާއިދުގެ ދަށުން އެ ފަރާތަކުން ހަމަޖައްސައިފައި ހުރި ޑިޕޮޒިޓް ފައިސާއިން އެ ހަރަދުކުރުން؛
 2. މި ގަވާއިދުގެ ދަށުން، ވަޒީފާ ހަޖައްސައިދޭ އެޖެންސީން ދައްކަންޖެހޭ ފީއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހޭ މުއްދަތެއްގައި ނުދައްކައިފި ނަމަ،އެ ފަދަ ފީއެއް ނުވަތަ ޖޫރިމަނާގެ އަދަދަށް ފައިސާ ޑިޕޮޒިޓުން ނެގުން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޑިޕޮޒިޓުގެ ތެރެއިން ފައިސާ ހަރަދަކުރަންޖެހުމުން، ޑިޕޮޒިޓުން އުނިވާ ފައިސާއާއި ޑިޕޮޒިޓުގެ އަދަދަށްވުރެ އިތުރަށް ހަރަދުވެއްޖެނަމަ، އެ ފައިސާ ހަރަދުކުރުމަށްފަހު މިނިސްޓްރީން އެ ފަރާތަށް އަންގާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން އެ ފައިސާގެ ކަންކަން ހަމަޖައްސައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު، ޑިޕޮޒިޓުގެ ފައިސާ ހަމަވަންދެން، މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އެޖެންސީއަކަށް ދޫކޮށްފައިވާ އެމްޕްލޯއިމަންޓް ސަރވިސް ލައިސަންސް ހިފަހައްޓައި، އަދި ޑިޕޮޒިޓުގެ ފައިސާ ހަމަކުރުމަށް އަންގާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޑިޕޮޒިޓް ފައިސާ ހަމަނުކޮށްފިނަމަ، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ ނުވަތަ އެޖެންޓެއްގެ ލައިސަންސް ހިފަހައްޓައިފައިވަނިކޮށް، އެ ފަރާތަކުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތް އެއްވެސް ފަރާތަކަށް ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ވަޒީފާ ހަމަޖައްސައިދިނުމުގެ އެއްވެސް ހިދުމަތެއް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން ފޯރުކޮށްދީފި ނަމަ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އެޖެންސީއަކުން ފޯރުކޮށްދިން ހިދުމަތާ ގުޅޭ ފިޔަވަޅުތައް އެޅޭނެއެވެ.

 

11 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ގޮތުގައި ލައިސަންސް ދޫކުރެވޭނެ ފަރާތްތަކާއި ދޫކުރެވޭ ލައިސަންސްގެ ކެޓަގަރީ

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ، ގާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ތިރީގައި މި ބަޔާންކޮށްފައިވާ ވިޔަފާރިތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފޮރިން އިންވެސްޓްމަންޓުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތައް ފިޔަވައި އެހެނިހެން ކުންފުނިތައް.

(ނ) ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕް ގާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނަރށިޕްތައް.

 

12 ވަނަ މާއްދާ - ލައިސަންސަށް އެދުން

(ހ) ލައިސަންސް ހޯދާނީ މިނިސްޓްރީން ތައާރުފުކުރާ އެމްޕްލޯއިމެންޓް އެޖެންސީ މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށް އެޕްލިކޭށަން ހުށަހަޅައިގެންނެވެ.

(ށ) ލައިސަންސް ދޫކުރެވޭނީ، ފީއެއްގެ ގޮތުގައި 5،000 (ފަސްހާސް) ރުފިޔާ ނެގުމަށް ފަހުގައެވެ.

 

13 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ށަރުތުތައް

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.

(ހ) ހުއްދައަށް އެދޭ ވިޔަފާރީގެ ވިޔަފާރި ހިދުމަތަކީ ހަމައެކަނި އެޖެންސީ ހިންގުން ކަމުގައި ރަޖިސްޓަރީކޮށްފައިވުން.

(ށ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކީ އެޕޮއިންޓްމެންޓް ހޯލްޑަރ އައްޔަނުކުރުން.

(ނ) މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ވިޔަފާރިއެއް / ފަރާތެއް ކަމުގައި ނުވުން.

 

14 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ލައިސަންސް ދޫނުކުރެވޭނެ ފަރާތްތައް

ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ވިޔަފާރިއަކީ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ވިޔަފާރިއެއް ކަމުގައި ވި ޔަސް، ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެ ވިޔަފާރިއެއް، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށެއްނުދެވޭނެއެވެ.

(ހ) ވިޔަފާރިއެއްގެ ހިއްސާދާރެއް، ނުވަތަ މަސްއޫލުވެރިޔަކު، ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިމެނިގެން އުފައްދައިގެން ހިންގަމުންގެންދާ އެހެން ވިޔަފާރިއަކަށް،ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި އެޖެންސީ ހިންގުމުގެ ލައިސަންސް ދުލެއް ނުކުރެވޭނެއެވެ.

 1. މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮ ށްފައިވާ ކެޓަގަރީތަކުގެ ތެރެއިން ކެޓަގަރީއެއްގެ ލައިސަންސް ދޫކޮށްފައިވާ އެޖެންސީއެއްގެ ހިއްސާދާރަކު، ނުވަތަ މަސްއޫލުވެރިޔަކު، ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިމެނިގެން އުފައްދާ އެހެން ވިޔަފާރިއަކަށް ހަމަ އެ ކެޓަގަރީގެ ލައިސަންސްގެ ދަށުން އެޖެންސީއެއް ހިންގުމަށް؛
 2. މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ (A) ގެ ލައިސަންސް ދޫކޮށްފައިވާ އެޖެންސީއެއްގެ ހިއްސާދާރަކު، ނުވަތަ މަސްއޫލުވެރިޔަކު، ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިމެނިގެން އުފައްދާ އެހެން ވިޔަފާރިއަކަށް ކެޓަގަރީ (B) ގެ ލައިސަންސްގެ ދަށުން އެޖެންސީއެއް ހިންގުމަށް؛
 3. މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ (B) ގެ ލައިސަންސް ދޫކޮށްފައިވާ އެޖެންސީއެއްގެ ހިއްސާދާރަކު، ނުވަތަ މަސްއޫލުވެރިޔަކު، ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިމެނިގެން އުފައްދާ އެހެން ވިޔަފާރިއަކަށް ކެޓަގަރީ (A) ގެލައިސަންސްގެ ދަށުން އެޖެންސީއެއް ހިންގުމަށް.

(ށ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދާ ނުވަތަ މީގެ ކުރިން އަމަލުކުރެވެމުން ދިޔަ ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަށް ހުއްދަދޫކުރުމާބެހޭ ގަވާއިދުތަކާ ހިލާފުވެގެން ލައިސަންސް / ހުއްދަ ބާތިލުކޮށްފައިވާ ނުވަތަ ލައިސަންސް / ހުއްދަ އައުކޮށްދީފައި ނުވާ ވިޔަފާރިއެއް.

(ނ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދާ ނުވަތަ މީގެ ކުރިން އަމަލުކުރެވެމުން ދިޔަ ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަށް ހުއްދަދޫކުރުމާބެހޭ ގަވާއިދުތަކާ ހިލާފުވެގެން ލައިސަންސް / ހުއްދަ ބާތިލުކޮށްފައިވާ ނުވަތަ ލައިސަންސް / ހުއްދަ އައުކޮށްދީފައި ނުވާ ވިޔަފާރިއެއްގެ ހިއްސާދާރަކު، ނުވަތަ މަސްއޫލުވެރިޔަކު، ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިމެނިގެން އުފައްދައިގެންހިންގަމުންގެންދާ ވިޔަފާރިއެއް.

(ރ) ތިރީގައި ބަޔާންކުރާ އެ އްވެސް އޮފީހެއްގެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފަކާ އާއިލީގޮތުން ގާތް ގުޅުން އޮތް ފަރާތެއް ހިއްސާދާރުންގެ ގޮތުގައި ނުވަތަ ޕާޓްނަރެއްގެ ގޮތުގައި ހިމެނޭ ކުންފުންޏެއް/ ޕާޓްނަރށިޕެއް ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި އެއްވެސް ވިޔަފާރިއެއް.

 1. ވަޒީފާއާބެހޭ ޒިންމާއާއި މަސްއޫލިއްޔަތު ތަންފީޒުކުރާ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުގައިވާ ތަންތަން؛
 2. ލޭބަރ ރިލޭށަންސް އޮތޯރިޓީ؛
 3. މޯލްޑިވްސް އިމިގްރޭށަން.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްވެސް އޮފީހެއްގެ ވަޒީފާއިން ވަކިވިތާ ނުވަތަ ވަކިކޮށްފައިވާތާ 12 (ބާރަ) މަސްދުވަސް ހަމަވެފައިނުވާ ފަރާތެއް ނުވަތަ އެ ފަރާތަކާ އާއިލީގޮތުން ގާތް ގުޅުމެއް އޮތް ފަރާތެއް ހިއްސާދާރުންގެ ގޮތުގައި ނުވަތަ ޕާޓްނަރެއްގެ ގޮތުގައި ހިމެނޭ ކުންފުންޏެއް/ ޕާޓްނަރށިޕެއް ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި އެއްވެސް ވިޔަފާރިއެއް.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ފަރާތަކުން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް ހިންގާ ކުންފުންޏެއްގެ މަސްއޫލުވެރިއެއްގެ ގޮތުގައި، ނުވަތަ ހިއްސާދާރެއްގެ ގޮތުގައި، ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި، ނުވަތަ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މަނާކަމެކެވެ.

(ކ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދާ ނުވަތަ މީގެ ކުރިން އަމަލުކުރެވެމުން ދިޔަ ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަށް ހުއްދަ ދޫކުރުމާބެހޭ ގަވާއިދުތަކާ ނުވަތަ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދާ ނުވަތަ ގާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދަކާ ހިލާފުވުމުގެ ސަބަބުން، އެ ވިޔަފާރިއަކާމެދު އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ، ނުވަތަ އެއްވެސް މައްސަލައެއްގެ ތަހުގީގު ހިނގަމުންދާނަމަ، އެ ވިޔަފާރިއެއް.

(އ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން، ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދާ ނުވަތަ މީގެ ކުރިން އަމަލުކުރެވެމުން ދިޔަ ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަށް ހުއްދަދޫކުރުމާބެހޭ ގަވާއިދުތަކާ ނުވަތަ ގަވާއިދު ނަންބަރު 16/2021 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) އާ، ނުވަތަ ގާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) އާ، ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ގަވާއިދަކާ، އެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔަކު، ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިލާފުވެގެން، އެއްވެސް މައްސަލައެއް އެ ފަރާތެއްގެ މައްޗަށް ހުށަހެޅިފައިވާނަމަ، ނުވަތަ އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ ނުވަތަ އެއްވެސް މައްސަލައެއްގެ ތަހުގީގު ހިނގަމުންދާނަމަ، އެ ފަރާތެއް ހިމެނޭ ވިޔަފާރިއެއް.

(ވ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން، ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ވައްކަން، ނުވަތަ ޓެކުން،ނުވަތަ ހިޔާނާތް، ނުވަތަ މަކަރާއި ހީލަތް ނުވަތަ ފޭރުމުގެ ނުވަތަ އެނޫންވެސް ޖިނާއީ މައްސަލައެއްގައި އެ ވިޔަފާރިއެއް ނުވަތަ އެ ކުންފުނީގެ ވިޔަފާރިއެއްގެ މަސްއޫލުވެރިޔަކާމެދު، ނުވަތަ ޑިރެކްޓަރަކާމެދު ނުވަތަ ޕާޓްނަރަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ ނުވަތަ އެއްވެސް މައްސަލައެއްގެ ތަހުގީގު ހިނގަމުންދާނަމަ، އެ ވިޔަފާރިއެއް.

 

15 ވަނަ މާއްދާ - އެޖެންސީގެ މައުލޫމާތު އަޕްޑޭޓްކުރުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން ލައިސަންސް ހޯދުމުގައި ހުށަހަޅައިފައިވާ މައުލޫމާތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، ސަރުކާރުގެ ބަންދު ދުވަސްތައް ނުހިމަނައި، ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެމްޕްލޯއިމެންޓް އެޖެންސީ މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކޮށްފިނަމަ، މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

16 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ގެ ލައިސަންސް އައުކުރުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، ލައިސަންސް އައުކުރުމަށް ހުށަހެޅުމަށް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެމްޕްލޯއިމެންޓް އެޖެންސީ މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށް، ލައިސަންސް އައުކުރުމަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސް އައުކުރަން ހުށަނާޅައިފިނަމަ، މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލައިސަންސް ހިފަހައްޓާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ލައިސަންސް އައު ނުކޮށްފިނަމަ، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ބާތިލުކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ ލައިސަންސް ހިފަހައްޓައިފައިވަނިކޮށް، އެ އެޖެންސީއަކުން ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތް އެއްވެސް ފަރާތަކަށް ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮ ށްފައިވާ ހާލަތުގައި ވަޒީފާ ހަމަޖައްސައިދިނުމުގެ އެއްވެސް ހިދުމަތެއް އެޖެންސީއަކުން ދީފިނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އެޖެންސީއަކަށް ފިޔަވަޅު އެޅޭނެއެވެ.

 

17 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ގެ ލައިސަންސް އައުކޮށްނު ދެވޭނެ ހާލަތްތައް

މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ނުވާނަމަ، ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ލައިސަންސް އައުނުކުރެވޭނެ ކަމަށް ފެންނަ ނަމަ، ލައިސަންސް އައުކޮށެއް ނުދެވޭނެއެވެ.

 

18 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ގެ ލައިސަންސް ބާތިލުކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ނުވަތަ އެފަދަ އަމަލެއް،ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން ކޮށްފިނަމަ، އެ އެޖެންސީއެއް ހިންގުމުގެ ލައިސަންސް ބާތިލުކުރެވޭނެއެވެ.

 1. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތުން، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމަށް އެދި ހުށަހެޅުން؛
 2. މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަނުވުން؛
 3. މި ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ލައިސަންސް އައުނުކުރުން؛
 4. ލައިސަންސް ބާތިލުކޮށްދިނުމަށް ށަރުއީ ކޯޓަކުން އެންގުން.

(ށ) ކެޓަގަރީ (C) ގެ ލައިސެންސް ބާތިލު ކުރެވޭނީ، މި ލައިސަންސްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީން، ވަޒީފާދޭ އެހެން ފަރާތަކަށް ބަދަލުކުރުމުން ނުވަތަ އެ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުންނެވެ.

 

19 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގާ ފަރާތާއި މުއްވައްޒަފުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޖެންސީ ހިންގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ކީ އެޕޮއިންޓްމެންޓް ހޯލްޑަރއާއި އެޖެންސީ ރެޕްރެޒެންޓޭޓިވުން އައްޔަނު ކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ކީ އެޕޮއިންޓްމެންޓް ހޯލްޑަރ އަ އްޔަނުކުރުން

(ހ) ކީ އެޕޮއިންޓްމެންޓް ހޯލްޑަރަކީ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމުގައްޔާއި،މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ހިންގައި ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ޑިރެކްޓަރު ނުވަތަ މަސްއޫލުވެރިޔާ ނުވަތަ ޕާޓްނަރެވެ.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގައްޔާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމެންޓް ސަރވިސް ލައިސަސް ދޫކުރެވެނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކީ އެޕޮއިންޓްމެންޓް ހޯލްޑަރ އައްޔަނު ކުރުމުންނެވެ.

(ނ) ކީ އެޕޮއިންޓްމެންޓް ހޯލްޑަރެއްގެ ގޮތުގައި އައްޔަނުކުރާ ފަރާތަކީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

 1. އެ ވިޔަފާރީގެ މަސްއޫލުވެރިއެއް، ނުވަތަ ޑިރެކްޓަރެއް، ނުވަތަ ޕާޓްނަރެއް ކަމުގައި ވުން؛
 2. ގަވާއިދު ނަންބަރު 16/2021 ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް އިންޓަރމީޑިއަރީ ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައި ވުން.

(ރ) އެޖެންސީ ކީ އެޕޮއިންޓްމެންޓް ހޯލްޑަރެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތެއް އެ ވިޔަފާރިން ވަކިވެއްޖެނަމަ، ނުވަތަ އެހެން ފަރާތަކަށް މަސްއޫލިއްޔަތު ބަދަލުކުރަން ބޭނުންވާނަމަ ނުވަތަ ބަދަލުވެއްޖެނަމަ، މިނިސްޓްރީން ހަމަޖައްސާ އުސޫލެއްގެ މަތީން އެމްޕްލޯއިމެންޓް މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށްއެކަން އަންގައި، އައު ކީ އެޕޮއިންޓްމެންޓް ހޯލްޑަރެއް އައްޔަނު ކުރަންވާނެއެވެ.

(ބ) އައު ކީ އެޕޮއިންޓްމެންޓް ހޯލްޑަރ އައްޔަނުކޮށް މިނިސްޓްރީއަށް އަންގައިފައި ނުވަނީސް ކީ އެޕޮއިންޓްމެންޓް ހޯލްޑަރ އެ ވިޔަފާރިއަކުން ވަކިވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އެޖެންސީއަކާމެދު ފިޔަވަޅު އެޅޭނެއެވެ.

 1. އެ އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާތިލުކުރުން؛
 2. އެ އެޖެންސީއެއް، މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން 30،000 (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
 3. މި ގަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ ގޮތުގެ މަތީން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް، މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެއް އެ އެޖެންސީއަކަށް ދުލެއް ނުކުރެވޭނެއެވެ.

 

21 ވަނަ މާއްދާ - ކީ އެޕޮއިންޓްމެންޓް ހޯލްޑަރަކަށް އައްޔަނުނުކުރެވޭނެ ފަރާތްތައް

ކީ އެޕޮއިންޓްމެންޓް ހޯލްޑަރެއްގެ ގޮތުގައި، ތިރީގައި ބަޔާންކޮށްފައި މިވާ ފަރާތްތައް އައްޔަނެއް ނުކުރެވޭނެއެވެ.

(ހ) ކީ އެޕޮއިންޓްމެންޓް ހޯލްޑަރ އައްޔަނުކުރަން ނިންމާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދާ ހިލާފުވެގެން ލައިސަންސް ބާތިލުކޮށްފައިވާ ނުވަތަ ލައިސަންސް އައުކޮށްދީފައި ނުވާ ވިޔަފާރިއެއް، ނުވަތަ ނުވަތަ ހިއްސާދާރެއް، ނުވަތަ މަސްއޫލުވެރިއެއް، ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް.

(ށ) ކީ އެޕޮއިންޓްމެންޓް ހޯލްޑަރ އައްޔަނުކުރަން ނިންމާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދާ ނުވަތަ މީގެ ކުރިން އަމަލުކުރެވެމުންދިޔަ ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަށް ހުއްދަ ދޫކުރުމާބެހޭ ގަވާއިދުތަކާއި ނުވަތަ ގަވާއިދު ނަންބަރު 16/2021 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒިފާ އަދާކުރުމާބެހޭ ގަވާއިދު) ނުވަތަ ގާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ނުވަތަ އެ ގާނޫނުގެ ދަށުން ހަދައިފައިވާ 
އެއްވެސް ގަވާއިދަކާ ހިލާފުވުމުގެ ސަބަބުން، އެ ފަރާތަކާމެދު އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ، ނުވަތަ އެއްވެސްމައްސަލައެއްގެ ތަހުގީގު ހިނގަމުންދާ ނުވަތަ ކުށެއް ސާބިތުވެފައިވާ ފަރާތެއް.

(ނ) ކީ އެޕޮއިންޓްމެންޓް ހޯލްޑަރ އައްޔަނުކުރަން ނިންމާ ތާރީހުން ފެށިގެން ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ވައްކަން ނުވަތަ ޓެކުން ނުވަތަ ހިޔާނާތް ނުވަތަ މަކަރާއި ހީލަތް ނުވަތަ ފޭރުމުގެ ނުވަތަ ޖިނާއީ އެނޫންވެސް މައްސަލައެއްގައި އެ ފަރާތަކާމެދު އެއްވެސް ފިޔަވަޅެއް އަޅައިފައިވާނަމަ، ނުވަތަ އެއްވެސް މައްސަލައެއްގެ ތަހުގީގު ހިނގަމުންދާ ނުވަތަ ކުށެއް ސާބިތުވެފައިވާ ފަރާތެއް.

(ރ) ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް އޮފީހެއްގެ މުވައްޒަފަކު ނުވަތަ އެ އޮފީހެއްގެ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނުވަތަ ވަޒީފާއިން ވަކިކުރުމަށްފަހު 12 (ބާރަ) މަސްދުވަސް ހަމަވެފައިނުވާ ފަރާތެއް.

 1. ވަޒީފާއާބެހޭ ޒިންމާއާއި މަސްއޫލިއްޔަތު ތަންފީޒުކުރާ މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުގައިވާ ތަންތަން؛
 2. ލޭބަރ ރިލޭށަންސް އޮތޯރިޓީ؛
 3. މޯލްޑިވްސް އިމިގްރޭށަން.

 

22 ވަނަ މާއްދާ - އެޖެންސީ ރެޕްރެޒެންޓޭޓިވުން އައްޔަނުކުރުން

(ހ) އެޖެންސީ ރެޕްރެޒެންޓޭޓިވުންނަކީ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުން ދެވޭނެކަމަށް މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ އެޖެންސީގެ މުވައްޒަފުންނެވެ.

(ށ) އެޖެންސީ ރެޕްރެޒެންޓޭޓިވުންގެ ގޮތުގައި އައްޔަނު ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ފުރިހަމަވާ ފަރާތްތަކެވެ.

 1. އެމްޕްލޯއިމަންޓް އިންޓަމީޑިއަރީ ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައިވުން؛
 2. މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަންސް ސްކީމުގައި ރަޖިސްޓަރީކޮށްފައިވާ އެ އެޖެންސީގެ ދާއިމީ ދިވެހި މުވައްޒަފެއް ކަމުގައި ވުން؛
 3. މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެމްޕްލޯއިމަންޓް އިންޓަމީޑިއަރީ ލައިސަންސްގެ ކޯސް "ސެޓްފިކެޓް އޮފް އެމްޕްލޯއިމަންޓް އިންޓަމީޑިއަރީސް" ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއު ކުރާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ފުރިހަމަ ކުރަންވާނެއެވެ.

(ރ) އެޖެންސީ ރެޕްރެޒެންޓެޓިވެއްގެ ގޮތުގައި މުވައްޒަފަކު ލައްވައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދޭންވާނީ، އެ ފަރާތެއް އެޖެންސީ ރެޕްރެޒެންޓޭޓިވެއްގެ ގޮތުގައި އައްޔަނުކޮށްފައިވާކަން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީން މިނިސްޓްރީއަށް އެންގުމަށް ފަހުގައެވެ. އަދި އެޖެންސީ ރެޕްރެޒެންޓެޓިވެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތެއް ވަޒީފާއިން ވަކިކޮށްފައިވާނަމަ ނުވަތަ ވަކިވެފައިވާނަމަ، ވަޒީފާއިން ވަކިކުރާތާ ނުވަތަ ވަކިވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައުލޫމާތު އަންގައިފައި ނުވާނަމަ، މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

23 ވަނަ މާއްދާ - ކީ އެޕޮއިންޓްމެންޓް ހޯލްޑަރސް އާއިއެޖެންސީ ރެޕްރެޒެންޓޭޓިވުން އައްޔަނު ނުކޮށް ހިދުމަތްދިނުން

(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ކީ އެޕޮއިންޓްމަންޓް ހޯލްޑަރުން އަދި އެޖެންސީ ރެޕްރެޒެންޓެޓިވުން އައްޔަން ނުކޮށް ހިދުމަތް ދިނުމާއި އެފަދަ މަގާމުތަކަށް ށަރުތު ފުރިހަމަނުވާ ފަރާތްތައް މެދުވެރިކޮށް، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ދިނުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ އެޖެންސީތަކާމެދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 1. އެ އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާތިލުކުރުން؛
 2. އެ އެޖެންސީއެއް، މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން 30،000 (ތިރީސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
 3. މި ގަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެއް އެ އެޖެންސީއަކަށް ދުލެއް ނުކުރެވޭނެއެވެ.

 

24 ވަނަ މާއްދާ - ކީ އެޕޮއިންޓްމެންޓް ހޯލްޑަރސް އާއިއެޖެންސީ ރެޕްރެޒެންޓޭޓެޓިވުންގެ މައުލޫމާތު ހުށަހެޅުން

(ހ) ކީ އެޕޮއިންޓްމެންޓް ހޯލްޑަރސްއާއި އެޖެންސީ ރެޕްރެޒެންޓެޓިވުންގެ ލައިސަންސް ދޫކުރެވިފައިވާ ފަރާތްތަކުގެ މައުލޫމާތުގެ ތެރެއިން މިނިސްޓްރީއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަދަލެއް އައިސްފައިވާނަމަ، މައުލޫމާތަށް ބަދަލު އަންނަތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއާ މައުލޫމާތު ހިއްސާކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

25 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ ވަޒީފާގައި ބިދޭސީން ގެންގުޅުން މަނާކުރުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ މަސައްކަތްތަކުގެ ތެރެއިން މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ދިނުމުގައި މުވައްޒަފުންގެ ގޮތުގައި ބިދޭސީން ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ އެޖެންސީތަކާމެދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 1. އެ އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާތިލުކުރުން؛
 2. އެ އެޖެންސީއެއް، މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮ ށްފައިވާގޮތުގެ މަތީން 50،000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއި، ގަވާއިދާ ހިލާފަށް ހިދުމަތް ދިނުމުގައި ގެންގުޅުނު ކޮންމެ ބިދޭސީއަކަށް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
 3. މި ގަވާއިދުގެ 57 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ ގޮތުގެ މަތީން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ، މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ލައިސަންސެއް އެ އެޖެންސީއަކަށް ދުލެއް ނުކުރެވޭނެއެވެ.

 

ހަތަރުވަނަ ބާބު

ހިދުމަތް ދިނުމާއި ހިދުމަތުގެ މިންގަނޑުތައް

އެއްވަނަ ބައި : ބިދޭސީންނަށް ދިވެހިރާއްޖެއިން ވަޒީ ފާ ހޯދައި ދިނުން

 

26 ވަނަ މާއްދާ - ބިދޭސީން ރެކްރޫޓްކުރުން

(ހ) ގަވާއިދު ނަންބަރު 16/2021 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމުގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ މެދުވެރިކޮށް ނުވަތަ ވަޒީފާ ދޭ ފަރާތްތަކުގެ އަމިއްލަ ވަޒީފާތަކަށް ބޭނުންވާ އެކިއެކި މަސައްކަތްކުރާ މީހުން ހޯދުމާއި،ވަޒީފާއަށް އައްޔަނުކުރުމުގެ މަސައްކަތް ވަޒީފާ ދޭ ފަރާތްތަކަށް އަމިއްލައަށް ކުރެވިދާނެއެވެ. ނަމަވެސް، އެހެން ފަރާތެއް މެދުވެރިކޮށް ކުރާނަމަ ކުރަންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތައް ލިބިފައިވާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގަވާއިދު ނަންބަރު 2023-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ ޖަދުވަލު 1 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވ،ާ ދައުލަތުގެ ބާރުތަކާއި އިދާރާތަކުން، ވަޒީފާދޭ ފަރާތުގެ ޓެކްނިކަލް މަގާމުތަކަށް ނުވަތަ ޕްރޮފެށަނަލް މަގާމުތަކަށް ގެންނަ ބިދޭސީ މުވައްޒަފުން ފިޔަވައި އެހެނިހެން ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރަންވާނީ، އަދި އެ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ  ހުއްދަތައް ހޯދުމާއި މެނޭޖްކުރުމުގެ ކަންކަން ފުރިހަމަ ކުރާންވާނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވ،ާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިކޮށެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ، ވަޒީފާދޭ ފަރާތަކުން، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ބިދޭސީން ރެކްރޫޓްކޮށްފިނަމަ، 50,000 (ފަންސާސްހާސް) ރުފިޔާއިން، ޖޫރިމަނާ ކުރުމާއި، ރެކްރޫޓްކުރެވޭ ކޮންމެ މީހަކަށް 5,000 (ފަސްހާސް) ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. (އިސްލާހު ކުރެވިފައި)

 

27 ވަނަ މާއްދާ - ބިދޭސީން ރެކްރޫޓްކުރެވޭނެ ގޮތްތައް

(ހ) ދިވެހިރާއްޖޭގެ ވަޒީފާތަކަށް ބިދޭސީ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތްކުރާ އެޖެންސީތަކަށް އެ މަސައްކަތް ކުރެވޭނީ، ތިރީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގޮތުގެ ތެރެއިން ގޮތެއްގެ މަތީންނެވެ.

 1. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުން، ބޭރުގެ އެޖެންސީއެއް ނުވަތަ އެޖެންޓެއް މެދުވެރިނުކޮށް ވަޒީފާއަށް މީހުން ހޯދައިދިނުމާއި ގެނައު ން؛
 2. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން ބޭރުގެ އެޖެންސީއެއް ނުވަތަ އެޖެންޓެއް މެދުވެރިކޮށްގެން ވަޒީފާއަށް މީހުން ހޯދައިދިނުމާއި ގެނައުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭރުގެ އެޖެންސީއެއް ނުވަތަ އެޖެންޓެއް މެދުވެރިނުކޮށް ވަޒީފާއަށް މީހުން ހޯދައިދީގެން ގެނައުމުގައި، ވަޒީފާއަށް މީހުން ހޯދަންވާނީ އަދި އެ ވަޒީފާތަކަށް މީހުން ހޮވަންވާނީ، އެ ގައުމެއްގައި ވަޒީފާއަށް މީހުން ހޯދައި އަދި އެ ވަޒީފާތަކަށް މީހުން ހޮވުމާބެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި އިންޓަރނޭށަނަލް މިންގަނޑުތަކާ ހިލާފުނުވާނޭ ގޮތެއްގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭރުގެ އެޖެންސީއެއް ނުވަތަ އެޖެންޓެއް މެދުވެރިކޮށްގެން ވަޒީފާއަށް މީހުން ހޯދަންވާނީ އަދި އެ ވަޒީފާތަކަށް މީހުން ހޮވަންވާނީ ނުވަތަ ގެންނަންވާނީ، އެ އެޖެންސީއެއް ނިސްބަތްވާ ގައުމެއްގެ ސަރުކާރުން، އެ އެޖެންސީއަކަށް ނުވަތަ އެޖެންޓަކަށް، ވަޒީފާ ހަމަޖައްސައިދޭ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އެޖެންސީއެއް ނުވަތަ އެޖެންޓެއް މެދުވެރިކޮށް އެ ގައުމެއްގައި ވަޒީފާއަށް މީހުން ހޯދައިގެން ނަގަންވާނީ، އެ ގައުމެއްގައި ވަޒީފާއަށް މީހުން ހޯދައި އަދި އެ ވަޒީފާތަކަށް މީހުން ހޮވުމާބެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި އިންޓަރނޭށަނަލް މިންގަނޑުތަކާ ހިލާފުނުވާނޭ ގޮތެއްގެ މަތީންނެވެ.
(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާއަށް މީހުން ހޯދައި އެ ވަޒީފާތަކަށް މީހުން ގެންނަ ފަރާތްތަކުން، ވަޒީފާ ހަމަޖައްސައިދޭ ފަރާތުން މުއާމަލާތުކުރާ ބޭރު ގައުމުތަކުގެ އެޖެންސީއާބެހޭ މައުލޫމާތާއި ލިޔެކިޔުންތައް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާއަށް މީހުން ހޯދައިގެން ގެންނަ ފަރާތްތަކުން، ވަޒީފާއަށް މީހުން ހޯދުމުގައި ނުވަތަ ގެނައުމުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ބޭރުގެ އެޖެންސީއާއެކު، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމަނައިގެން އެއްބަސްވުމެއް އެކުލަވައިލައި،އެ އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ކޮޕީ، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 1. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ނަން؛
 2. ޕޯސްޓަލް އެޑްރެސް؛
 3. ފޯނު ނަންބަރާއި ފެކްސް ނަންބަރު؛
 4. އީމެއިލް އެޑްރެސް؛
 5. މަސްއޫލުވެރިންގެ މައުލޫމާތު؛
 6. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ގޮތުގައި މަސައްކަތްކުރުމަށް އެ އެޖެންސީއެއް ނިސްބަތްވާ ގައުމެއްގެ ސަރުކާރުން އެ އެޖެންސީއަކަށް ދޫކޮށްފައިވާ ޞައްހަ ހުއްދައިގެ މައުލޫމާތު.

 

28 ވަނަ މާއްދާ - ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރުމުގެ ހުއްދަ ހޯދުމާއި، ހުއްދައިގެ ކަންކަން ބެލެހެއްޓުން

ވަޒީފާ ހަމަޖައްސައި ދޭ ފަރާތްތަކުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ހޯދުމާއި، ހުއްދައިގެ ކަންކަން ބަލަހައްޓައި ހިންގަންވާނީ، ގަވާއިދު ނަންބަރު 16/2021 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

29 ވަނަ މާއްދާ - ވަޒީފާ އަށް ހޯދައިގެން ގެންނަ ބިދޭސީންނާ ގުޅިގެން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކުން މަސްއޫލުވާންޖެހޭ ކަންތައްތަކާއި ޒިންމާތައް

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިވެގެން، ރާއްޖެ ގެންނަ މީހާ، ރާއްޖެ ގެނައުމުގެ ކުރިން، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ވަޒީފާ ދޭ ފަރާތުން ކުރަންވާނެއެވެ.

 1. ރާއްޖެ އަންނަ މީހާ ރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަނީ، އެ ވަޒީފާ 
  ހަމަޖައްސައިދޭ އެޖެންސީ މެދުވެރިވެގެންކަން އެ މީހާއަށް އެންގުން؛
 2. ރާއްޖެ އަންނަ މީހާ އަދާކުރާ ވަޒީއާބެހޭ އެންމެހައި މައުލޫމާތު އެ މީހާއަށް ލިބިފައިވާކަން ކަށަވަރުކުރުން؛
 3. ރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދޭސީން ރާއްޖެއަށް އައުމަށް ޓަކައި،އެ މީހެއްގެ ގައުމުން ފުރުމުގެ ކުރިން، އެ މީހަކާއި، އެ މީހަކަށް ވަޒީފާ ދޭ ފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، އެ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް، ވަޒީފާ ލިބޭ ފަރާތާ ހަވާލުކޮށް، އެ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގައި ފައިލުކޮށް ބެލެހެއްޓުން؛
 4. ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ހޯދަންޖެހޭ ހުއްދަތަކާބެހޭ މައުލޫމާތާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ކުރުން މަނާ ކަންތައްތަކާއި، ވަޒީފާގައި ޖެހޭ މައްސަލަތަކުގައި އަމަލުކުރާނެ ގޮތްތައް ބިދޭސީ މީހާއަށް އެންގުން؛
 5. ރާއްޖެ އަންނަ މީހާއަށް، އެ ވަޒީފާ ހަމަޖައްސައިދޭ ފަރާތާއި ވަޒީފާ ދޭ ފަރާތާ މުއާމަލާތުކުރާނެ އިންތިޒާމުތައް ހަމަޖެއްސުން.

(ށ) ވަޒީފާ ހަމަޖައްސައިދޭ ފަރާތެއް މެދުވެރިވެގެން، ރާއްޖެ އަންނަ މީހާ، ރާއްޖެ އެތެރެވާ ވަގުތުން ފެށިގެން، ވަޒީފާ ދޭ ފަރާތާ ހަވާލުކުރުމާ ހަމަޔަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން މަސްއޫލުވާންޖެހޭ ކަންތައްތަކެވެ. މިގޮތުގެ މަތީން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން މަސްއޫލުވާންޖެހޭ ކަންތައްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 1. ވަޒީފާއަށް ގެންނަ ބިދޭސީ މީހާ ރާއްޖެ އައުމުން، އެ ބިދޭސީމީހާއާގުޅޭގޮތުން ވަޒީފާ ދޭ ފަރާތާއި އެޖެންސީއާ ދެމެދު އެއްބަސްވެފައިވާ ގޮތެއްގެ މަތީން، އޭނާ އަންނަ ވައިގެ ބަނދަރަކުން ނުވަތަ އެ ނޫންވެސް އެހެން ބަނދަރަކުން އެ މީހާއާ ހަވާލުވެ، ވަޒީފާ ދިން ފަރާތާ އެ މީހާ ހަވާލުކުރުން؛
 2. ވަޒީފާއަށް ގެންނަ ބިދޭސީން ރާއްޖެ އެތެރެވާ ވަގުތުން ފެށިގެން ވަޒީފާ ދޭ ފަރާތާ ހަވާލުކުރުމާ ހަމަޔަށް އޭނާއަށް ބޭނުންވާ އަސާސީ ބޭނުންތަކާއި ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛
 3. ވަޒީފާއަށް ގެންނަ ބިދޭސީއަކު ކުއްލިގޮތަކަށް ބަލިވެއްޖެނަމަ، އެ މީހަކު ހުރި ތަނަކާ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކުން ނުވަތަ ޞިއްހީފަރުވާދޭ މަރުކަޒަކުން ޞިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، ވަޒީފާ ދޭ ފަރާތުން އެ މީހާއާ ހަވާލުވަންދެން އެ މީހާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން؛
 4. ވަޒީފާއަށް ގެންނަ ބިދޭސީއަކު، ވަޒީފާ ދޭ ފަރާތާ ހަވާލުކުރުމުގެ ކުރިން ނިޔާވެއްޖެނަމަ، ރާއްޖެއިން އެ ބިދޭސީއަކަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ހަރަދުގައި އެ މީހެއްގެ ހަށިގަނޑު، އެ މީހަކު ނިސްބަތްވާ ގައުމަށް އަނބުރާ ފޮނުވުން ނުވަތަ ރާއްޖޭގައި ވަޅުލުން.

(ނ) ވަޒީފާއަށް ގެންނަ ބިދޭސީއަކު، ރާއްޖެއަށް އަންނަ ތާރީހުން ފެށިގެން، ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި ވަޒީފާ ދޭ ފަރާތާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީ ން އުފުލަންޖެހޭ ޒިންމާތައް، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން ފުރިހަމައަށް އުފުލުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ އެއްބަސްވުމުގައި ހިމަނަން ލާޒިމުވާ މައުލޫމާތު، ތިރީގައި މިވަނީއެވެ.

 1. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ މެދުވެރިކޮށް ވަޒީފާ ދޭ ފަރާތުން ހޯދާ ހިދުމަތުގެ ތަފުސީލު؛
 2. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ މެދުވެރިކޮށް ވަޒީފާ ދޭ ފަރާތުން ރެކްރޫޓްކުރަން ބޭނުންވާ މީހުންގެ އަދަދުތަކާއި، މީހުން ހޯދަން ބޭނުންވާ ވަޒީފާތަކުގެ ތަފުސީލު؛
 3. އެޖެންސީ މެދުވެރިކޮށް ރެކްރޫޓްކުރާ މީހުންގެ މައުލޫމާތާއި، އެ މީހުން ރެކްރޫޓްކުރާ ވަޒީފާތަކުގެ މައުލޫމާތު ދެފަރާތުން ހިއްސާކޮށް ބަލަހައްޓާނެ ގޮތް؛
 4. އެޖެންސީ މެދުވެރިކޮށް ރެކްރޫޓްކުރާ މީހުން ރާއްޖެ ގެނައުމުގެ ކުރިން އެ މީހާއަށް ދޭންޖެހޭނެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ދެވޭނެ ގޮތްތައް؛
 5. އެޖެންސީ މެދުވެރިކޮށް ރެކްރޫޓްކުރާ މީހުން ރާއްޖެ ގެނައުމަށްފަހު އޭނާއާ ގުޅޭގޮތުން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތައް ކަމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި އެނޫންވެސް އެހެނިހެން ޒިންމާތައް އަދާކުރުމަށް ދެ ފަރާތުން އެއްބަސްވާ ގޮތް؛
 6. ވަޒީފާއަށް ގެނެވޭ މީހުންގެ ކިބައިގައި ވަޒީފާ ދޭ ފަރާތުން ބޭނުންވާ ފެންވަރު ނުވަތަ ށަރުތު ނެތިއްޖެނަމަ އެކަމާމެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް. އަދި އެ މީހަކު ފޮނުވައިލަން ޖެހިއްޖެ ހާލަތެއްގައި އެ މީހަކު ފޮނުވައިލުމަށް ކުރަންޖެހޭ ހަރަދުތަކަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައިފައި އޮތުން؛
 7. ބިދޭސީއަކު ރާއްޖޭގެ ވަޒީފާއަކަށް ގެނައުމުގައި، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން މަސްއޫލުވާންޖެހޭ ކަންކަމާއި، ވަޒީފާ ދޭ ފަރާތުން މަސްއޫލުވާންޖެހޭ ކަންކަން، އެއްވެސް އޮޅުމެއް ނާރާނޭހެން، ކޮންމެ ފަރާތަކުން ކުރަންޖެހޭ ކަންކަން، ތަފުސީލުކޮށް ވަކިވަކިން ބަޔާންކޮށްފައި އޮތުން؛
 8. މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި، ރެކްރޫޓްކުރެވޭ ބިދޭސީ މީހާއާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް ކުރާނެ ފަރާތާއި، އެ ހަރަދުތަކުގެ ހިސާބު ބަލަހައްޓާނެ ގޮތްތައް؛
 9. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ހިދުމަތުގެ ފީއާއި، ފީތައް ނެގުމަށް ހަމަޖެހިފައިވާ ގޮތް؛
 10. ދެ ފަރާތުގެ ދެމެދުގައި ޖެހޭ މައްސަލަ ހައްލުކުރުމުގައި އަމަލުކުރަން ހަމަޖެހިފައިވާ ގޮތް.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ގޮތަކާ ހިލާފަށް، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން އަމަލުކުރުމަކީ މަނާކަމެކެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

ދެވަނަ ބައި: ދިވެހީންނަށް ވަޒީފާ ހޯދައި ދިނުން

 

30 ވަނަ މާއްދާ - ދިވެހިންނަށް ރާއްޖެ އިން ވަޒީފާ ހޯދައިދިނުން

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ދިވެހީންނަށް ވަޒީފާ ހަމަޖައްސައިދޭންވާނީ، މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޖޮބް ސެންޓަރ މެދުވެރިކޮށެވެ.

 

31 ވަނަ މާއްދާ - ދިވެހިންނަށް ރާއްޖެއިން ބޭރުން ވަޒީފާ ހޯދައިދިނުން

(ހ) ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތައް މެދުވެރިވެގެން ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަން ދިވެހިން ފޮނުވޭނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ބަޔާންކޮށްފައިވާ ކެޓަގަރީ (A) ގެ ލައިސަންސް ލިބިގެން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށެވެ.

(ށ) ދިވެހިންނަށް ރާއްޖެއިން ބޭރުން ވަޒީފާ ހޯދައިދޭންވާނީ، ވަޒީފާ ހޯދައިދޭ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކާއި، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުނުވާނޭ ގޮތެއްގެ މަތީންނެވެ.

(ނ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިވެގެން ރާއްޖެއިންބޭރަށް ވަޒީފާ އަދާކުރަންދާ ފަރާތަށް، އެ ފަރާތުން އަދާކުރާ ވަޒީފާއާއި، ވަޒީފާ އަދާކުރާ ތަނާއި،ވަޒީފާގެ މުއްދަތާއި، ވަޒީފާ އަދާކުރާ ގައުމެއްގައި ވަޒީފާ އަދާކުރުމާ ބެހޭގޮތުންނާއި،ވަޒީފާ އަދާކުރަން އެ ގައުމަކަށްދާ ބިދޭސީން އަމަލުކުރަންޖެހޭ ގާނޫނާއި ގަވާއިދުތަކާބެހޭ މައުލޫމާތު ދީ، އެޖެންސީއާ މުއާމަލާތުކުރާނެ ގޮތްތައް ހަމަޖައްސައި،ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލަންވާނެއެވެ.

(ރ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއް މެދުވެރިވެގެން ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރަންދާ ފަރާތްތަކުގެ މައުލޫމާތާއި، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާމައުލޫމާތު މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން މިނިސްޓްރީއާ ހިއްސާ ކުރަންވާނެއެވެ.

 

ތިންވަނަ ބައި: މޭން ޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތް ދިނުން

 

32 ވަނަ މާއްދާ - ދެވޭނެ ހިދުމަތްތައް

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ (3 (ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކެޓަގަރީ (C)ގައި ރަޖިސްޓަރީ ކުރެވޭ އެޖެންސީތަކަށް ދެވޭނެ ހިދުމަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 1. ޕްރޮޖެކްޓްތަކަށް ބިނާވާ އެކި ބާވަތްތަކުގެ މަސައްކަތްކުރާ ފަރާތްތަކަށް، ކުރު މުއްދަތުގެ މަސަކަތްތަކަށް ބޭނުންވާ މުވައްޒަފުން، ވިޔަފާރި އުސޫލުން އެ ފަރާތްތަކަށް ފޯރުކޮށްދިނުން؛
 2. ގެވެށި މަސަކަތްތަކަށް ބޭނުންވާ މީހުންނަށް ވިޔަފާރި އުސޫލުން އެ މަސަކަތްތަކަށް ބޭނުންވާ މުވައްޒަފުން ފޯރުކޮށްދިނުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓްތަކަށް ބިނާކޮށްގެން ކުރެވޭ މަސައްކަތްކަމަށް ބަޔާންކޮށްފައި އެވަނީ، ވަކި މުއްދަތެއްގެ ތެރޭގައި ކޮށް ނިންމުމަށް ޕްލޭންކޮށްގެން ކުރެވޭ މަސައްކަތްތަކަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި، ކުރު މުއްދަތު ކަމުގައި ބަޔާންކޮށްފައި އެވަނީ، 6 (ހައެއް) މަސްދުވަހަށް ވުރެ ކުރު މުއްދަތަށެވެ.

(ރ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް މޭން ޕަވަރސަޕްލައިކުރެވޭނީ ކޮން މަސައްކަތްތަކެއް ކުރުމަށް ކަން މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގެވެށި މަސައްކަތްތަކަކީ، އާންމު ދިރިއުޅުމުގައި ގޭބިސީތަކުގައި ކުރަންޖެހޭ މަސައްކަތްތަކެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މޭން ޕަވަރ ސަޕްލައިކުރެވޭނީ، ދިވެހިރާއްޖޭގެގާނޫނުތަކާއި ގަވާއިދުތައް ހުއްދަކުރާ މަސައްކަތްތަކަށެވެ.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ މޭން ޕަވަރ ސަޕްލައިކުރުމުގެ ހިދުމަތްތައް ނޫން އެހެން ހިދުމަތްތައް އެޖެންސީތަކުން ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

(އ) މި މާއްދާއާ ހިލާފުވާ އެޖެންސީތަކާ މެދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 1. އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް، މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުން؛
 2. މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އެޖެންސީއަކުން ހިދުމަތް ދިނުމުގައި ގެންގުޅުނު ކޮންމެ ބިދޭސީއަކަށް 5،000 (ފަސްހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.

 

33 ވަނަ މާއްދާ - މޭން ޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތް ދިނުމުގައި ގެންގުޅޭނެ މުވައްޒަފުން

(ހ) މޭން ޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތް ދިނުމުގައި ބިދޭސީ މުވައްޒަފުން ގެންގުޅޭ ނަމަ ގެންގުޅެންވާނީ، ގަވާއިދު ނަންބަރު 16/2021 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ހުއްދަތައް ލިބިފައިވާ މުވައްޒަފުންނެވެ.

(ށ) މޭން ޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތް ދިނުމުގައި، ގެންގުޅުމަށް ހުއްދަ ދޫކުރެވޭނީ، ގަވާއިދު ނަންބަރު 16/2021 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ނޮން-ޕްރޮފެށަނަލް ކެޓަގަރީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް އެކަންޏެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ އެޖެންސީތަކާމެދު، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 1. މި ގަވާއިދުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޖެންސީއަކަށް ދޫކޮށްފައިވާ ލައިސަންސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުން؛
 2. މި ގަވާއިދުގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އެޖެންސީއަކުން ހިދުމަތް ދިނުމުގައި ގެންގުޅުނު ކޮންމެ ބިދޭސީއަކަށް 5،000 ފަސްހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރުން.

 

34 ވަނަ މާއްދާ - މޭން ޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތް ދިނުމުގައި ގެންގުޅޭނެ

މޭން ޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތް ދިނުމުގައި ގެންގުޅޭނެ މުވައްޒަފުންނަކީ، އެ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ މުވައްޒަފުން ކަމުގައި ވާތީ، އެ މުވައްޒަފުންނާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށް، ވަޒީފާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އެ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން ހަމަޖައްސަންވާނެއެވެ.

 

35 ވަނަ މާއްދާ - އެޖެންސީއާއި ހިދުމަތް ހޯދާ ފަރާތްތަކާ ދެމެދު އެއްބަސްވުމެއް ގާއި މުކުރުން

(ހ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓްތަކަށް ބިނާވާ މަސައްކަތަށް މޭން ޕަވަރ ސަޕްލައިކޮށްދެވޭނީ، އެޖެންސީއާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ހިމެނުން ލާޒިމުވާ މައުލޫމާތު، ތިރީގައި މިވަނީއެވެ.

 1. މުވައްޒަފުން ބޭނުންކޮށްގެން ކުރާ މަސައްކަތުގެ ތަފުސީލު؛
 2. ހިދުމަތަށް މުވައްޒަފުން ބޭނުންވާ މުއްދަތު؛
 3. މަސައްކަތްކުރާ ތަނުގެ ތަފުސީލު؛
 4. މަސައްކަތުގެ މުއްދަތު؛
 5. ބޭނުންވާ މުވައްފަޒުންގެ އަދަދު؛
 6. މުވައްޒަފުން ލައްވައި މަސައްކަތްކުރުވުމަށް، ވަޒީފާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ތައާރުޒު ނުވާނެ ގޮތެއްގެ މަތީން ދެފަރާތުން އެއްބަސްވާ ގޮތް؛
 7. ހިދުމަތުގެ ފީގެ އަދަދުތަކާއި، ފީ ދައްކާ ގޮތް.
 8. ވަޒީފާއާބެހޭ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން މުވައްޒަފުންގެ އަމިއްލަ މައުލޫމާތު ސިއްރުކުރުން.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއާއި، އެ އެއްބަސްވުމާ ގުޅުންހުރި މައުލޫމާތު، މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތީން އެމްޕްލޯއިމެންޓް އެޖެންސީ މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށް ކޮންމެ 1 (އެކެއް) އަހަރުދުވަހަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގެވެށި މަސައްކަތްތަކަށް، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތް ދެވެނުކަމުގެ ރަސީދު ތައްޔާރުކޮށް، އެ ރަސީދުތައް ބަލަހައްޓައި، މިނިސްޓްރީން ކަނޑައަޅާއުސޫލެއްގެ މަތީން މިނިސްޓްރީއަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

 1. ސަޕްލައިކޮށްދެވޭ މުވައްޒަފުންގެ މައުލޫމާތު؛
 2. މުވައްޒަފުން ލައްވައި ކުރެވޭ މަސައްކަތް؛
 3. މަސައްކަތް ކުރާ ތަން؛
 4. މަސައްކަތަށް ހޭދަވާ ވަގުތު؛
 5. ހިދުމަތުގެ ފީގެ އަދަދުތަކާއި، ފީ ދައްކާ ގޮތް؛

 

ހަތަރުވަނަ ބައި: މައުލޫމާތު ބެލެހެއްޓުމާއި ހިއްސާ ކުރުން

 

36 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުން

(ހ) އެޖެންސީން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް، ހިދުމަތް ފޯރުކޮށްދެވުނު ފަރާތްތަކާއި، ފޯރުކޮށްދެވުނު ހިދުމަތާއި، ހިދުމަތަށް ނެގުނު ފީއާއި، ހިދުމަތް ފޯރުކޮށްދެވުނު މުއްދަތު، ހިދުމަތް ފޯރުކޮށްދެވުނު ގޮތްތަކާއި ހިދުމަތާ ގުޅިގެން އެކުލަވައިލަންޖެހޭ ލިޔެކިޔުންތައް ހިމެނޭ ގޮތަށް، އެހެން ފަރާތަކަށް އެ މައުލޫމާތު ހާމަނުވާނެ ގޮތެއްގެ މަތީން، އަދި މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެހެން އިދާރާއަކުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ދެވޭނެ ފެންވަރަށް މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ބެލެހެއްޓުމަކީ އެޖެންސީގެ ޒިންމާއެކެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން، ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ވަގުތީގޮތުން ބަހައްޓަންޖެހޭ ޕާސްޕޯޓު ފަދަ މުހިންމު ލިޔެކިޔުންތައް، ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން ހަމަޖައްސަންވާނެއެވެ.

(ނ) ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން، އިދާރީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށް ޓަކައި، ޕާސްޕޯޓު ފަދަ މުހިންމު ލިޔުމެއް، ވަޒީފާ ހަމަޖައްސައިދޭ ފަރާތަކުން އެ މަގުސަދަށް ޓަކައި ނަގާނަމަ، ޕާސްޕޯޓު ފަދަ މުހިންމު ލިޔުމަކާ ވަގުތީގޮތުން އެޖެންސީން ހަވާލުވުމަށް، ޕާސްޕޯޓުގެ ވެރިފަރާތުން އިއުތިރާޒު ނުކުރާކަމުގެ ސޮއިކޮށްފައިވާ ލިޔުމެއް، ޕާސްޕޯޓުގެ ވެރިފަރާތުން ނުވަތަ އެ ލިޔުމެއްގެ ވެރިފަރާތުން ހޯދައި، އެ ލިޔުމުގެ އެއް އަސްލު އެޖެންސީގެ ރިކޯޑަށް އެ އެޖެންސީއެއްގައި ބާއްވައި، އެ ޕާސްޕޯޓުގެ ވެރިފަރާތާ ނުވަތަ އެ ލިޔުމެއްގެ ވެރިފަރާތާ އެ ލިޔުމުގެ އެއް އަސްލު ހަވާލުކުރަން ވާނެއެވެ.

(ރ) ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން، ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ވަގުތީގޮތުން ބަހައްޓަންޖެހޭ ޕާސްޕޯޓާއި ވަރކް ޕަރމިޓް ފަދަ މުހިންމު ލިޔުންތައް، އެ ލިޔުމަކާ ގުޅިގެން ކުރަންޖެހޭ ކަމެއް ފުރިހަމަވުމަށްފަހު، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން، ޕާސްޕޯޓު ފަދަ މުހިންމު ލިޔުންތައް ހިފެހެއްޓުމަކީ މަނާކަމެކެވެ.

(ޅ) މި މާއްދާގެ (ބ) ބަޔާންކޮ ށްފައިވާ ގޮތާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

37 ވަނަ މާއްދާ - ވަޒީފާއަށް އެދޭ މީހާގެ މައުލޫމާތު ސިއްރުކުރުން

(ހ) ވަޒީފާއަކަށް އެދޭ މީހަކަށް، އޭނާ އެދޭ ވަޒީފާ އަދާކުރުމުގެ ގާބިލުކަން ލިބިގެންވޭތޯ ބެލުމަށް ކޮންމެހެން ހޯދަންޖެހޭ މައުލޫމާތެއް ފިޔަވައި، އެ މީހެއްގެ އެހެން އެއްވެސް ޒާތީ މައުލޫމާތެއް ހޯދުމަށް އެދުމަކީ، ނުވަތަ އެފަދަ މައުލޫމާތު ރިކޯޑު ކުރުމަކީ،ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެއްކުރެވޭ، ވަޒީފާއަށް އެދޭ ފަރާތުގެ އަމިއްލަ މައުލޫމާތު، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން ހާމަކުރަންވާނީ، ވަޒީފާއާ ބެހޭ ގާނޫނުގެ 69 ވަ ނަ މާއްދާގެ (ށ) އާ ހިލާފުނުވާނޭ ގޮތެއްގެ މަތީން، ވަޒީފާ އަދާކުރުމަށް ވަކިކަހަލަ ސިފަތަކެއް ހުރި މީހަކު ހޯދުމަށް ށައުގުވެރިވާ، ވަޒީފާ ދޭ ފަރާތްތަކަށް އެކަންޏެވެ.

 

38 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން

(ހ) އެޖެންސީން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު، ހިދުމަތް ފޯރުކޮށްދިންފަރާތްތަކާއި، ފޯރުކޮށްދިން ހިދުމަތާއި، ހިދުމަތަށް ނެގި ފީއާއި، ހިދުމަތް ފޯރުކޮށްދިން މުއްދަތާއި، ހިދުމަތް ފޯރުކޮށްދިން ގޮތްތަކާއި، ހިދުމަތާ ގުޅިގެން އެކުލަވައިލަންޖެހޭ ލިޔެކިޔުންތައް މިނިސްޓްރީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތީން އެމްޕްލޯއިމެންޓް އެޖެންސީ މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޖެންސީން ދޭ ހިދުމަތްތަކާ ގުޅޭގޮތުން، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު، ބަޔާންކޮ ށްފައިވާ މުއްދަތުގައި، މިނިސްޓްރީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތީން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 1. މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން ބޭރުގެ އެޖެންސީއަކާ ގުޅިގެން ރެކްރޫޓްމެންޓް މަސައްކަތްކުރާނަމަ، އެ އެޖެންސީއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު މިނިސްޓްރީއާ ހިއްސާ ކުރުން.
  1. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ނަން.
  2. ޕޯސްޓަލް އެޑްރެސް.
  3. ފޯނު ނަންބަރާއި، ފެކްސް ނަންބަރު.
  4. އީމެއިލް އެޑްރެސް.
  5. މަސްއޫލުވެރިންގެ މައުލޫމާތު.
  6. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ގޮތުގައި މަސައްކަތް ކުރުމަށް، އެ އެޖެންސީއެއް ނިސްބަތްވާ ގައުމެއްގެ ސަރުކާރުން އެ އެޖެންސީއަކަށް ދޫކޮށްފައިވާ ހުއްދައިގެ އަސްލާ އެއްގޮތް އެޓެސްޓްކޮށްފައިވާ ކޮޕީ.
  7. މި މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ކޮޕީ (ޕަބްލިކް ނޮޓަރީއަކުން ނޮޓަރައިޒްކޮށްފައިވާ ނުވަތަ ކޯޓެއްގައި ރަޖިސްޓަރީކޮށްފައިވާ).
 2. ރެކްރޫޓްކުރުމުގެ ހިދުމަތް ދޭ، ވަޒީފާ ދޭ ފަރާތުގެ މައުލޫމާތުގެ ތެރެއިން ތިރީގައި ބަޔާންކުރާ މައުލޫމާތު.
  1. ވަޒީފާ ދޭ ފަރާތާއި އެޖެންސީއާ ދެމެދުގައި ހަދައިފައިވާ އެއްބަސްވުން، އެއްބަސްވުން ހަދާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހިއްސާކުރުން.
  2. އެ ވަޒީފާ ދޭ ފަރާތަށް ދޭ ހިދުމަތްތައް.
  3. އެ ވަޒީފާ ދޭ ފަރާތަށް ރެކްރޫޓްކުރާ މީހުންނާއި، ވަޒީފާއާ ބެހޭ މައުލޫމާތާއި އެ ފަރާތަށް ދިން މައުލޫމާތު، އަދި އެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭނެ ކަމަށް މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވާކަމާއި، އެ ކަންކަން ފުރިހަމަކުރި ގޮތްތައް. (ރެކްރޫޓް ކުރެވޭތާ 30 ދުވަހުގެ ތެރޭގައި)
 3. ރެކްރޫޓްމެންޓުގެ ހިދުމަތް ލިބިގަންނަ، ވަޒީފާ ހޯދާ ފަރާތްތަކާބެހޭ މައުލޫމާތު.
  1. ހިދުމަތް ލިބިގަންނަ މީހާއާބެހޭ މައުލޫމާތު.
  2. އެ ފަރާތްތަކަށް ދެވޭ ހިދުމަތްތައް.
  3. ހިދުމަތް ލިބިގަންނަ ފަރާތްތަކާއެކު އެކުލަވައިލެވޭ އެއްބަސްވުންތައް.
  4. މުއާމަލާތް ކުރި ގޮތްތަކާއި، ދިން މައުލޫމާތު.
  5. ވަޒީފާއާ ބެހޭ މައުލޫމާތާއި، އެ ފަރާތަށް ދިން މައުލޫމާތާއި، އެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭނެ ކަމަށް މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވާކަމާއި، އެ ކަންކަން ފުރިހަމަކުރި ގޮތްތައް.
 4. މޭން ޕަވަރ ސަޕްލައި ކުރުމާ ގުޅޭގޮތުން މި ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައުލޫމާތު ހުށަނާޅައިފިނަމަ،މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

ފަސްވަނަ ބައި: ހިދުމަތުގެ ފީ ނެގުން

 

39 ވަނަ މާއްދާ - ވަޒީފާ ދޭ ފަރާތްތަކުން ފީ ނެގުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހިދުމަތްތައް އެޖެންސީތަކުން ދޭންވާނީ، ވިޔަފާރި އުސޫލުން ފީއެއް ދައްކާ ގޮތަށެވެ.

(ށ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކަށް އެޖެންސީ މެދުވެރިކޮށް ދޭ ހިދުމަތްތަކުގެ ތެރެއިން ރެކްރޫޓްމެންޓުގެ ހިދުމަތުގެ ފީގެ އެންމެ ބޮޑު މިންވަރެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތްތަކުގެ އަތުން ނެގޭނީ،ރެކްރޫޓްކުރެވޭ ކޮންމެ ބިދޭސީއަކަށް، އެ ބިދޭސީއެއްގެ އަސާސީ މުސާރައިގެ 1 (އެކެއް) މަސްދުވަހަށް ވާ މިންވަރެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކާމެދު، މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

40 ވަނަ މާއްދާ - ވަޒީފާއަށް އެދޭ ފަރާތްތަކާއި ހިދުމަތުގައި ގެންގުޅޭ މުވައްޒަފުންގެއަތުން ފީ ނެގުން މަނާކުރުން

(ހ) ވަޒީފާއަކަށް އެދޭ ނުވަތަ ވަޒީފާ ހޯދާ މީހެއްގެ އަތުންނާއި، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މޭންޕަވަރ ސަޕްލައި ކުރުމުގެ ހިދުމަތުގައި ބޭނުންކުރާ މުވައްޒަފުންގެ އަތުން، ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް،އެއްވެސް ފީއެއް ނަގައިގެން ނުވާނެއެވެ.

(ށ) ވަޒީފާ ހަމަޖައްސައިދިނުމަށް ހިނގި ހަރަދު ނުވަތަ އެ ހަރަދުން ބައެއް، ވަޒީފާ ހޯދައިދެވޭ މީހާގެ އަތުން ނަގައިގެން ނުވާނެއެވެ.

 

ހަވަނަ ބައި: މުއާމަލާތު ކުރެވޭނެ އިންތިޒާ މު ހަމަޖެއްސުމާއި ތަފާތު ނުކުރުން

 

41 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި ވަޒީފާ ދޭ ފަރާތުގެ ގުޅުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި، އެ އެޖެންސީ މެދުވެރިވެގެން، މީހުން ހޯދައިދެވޭ ވަޒީފާ ދޭ ފަރާތާ ދެމެދު، އެކަމާ ބެހޭގޮތުން ލިޔުމުން އެއްބަސްވެފައި އޮންނަ އެއްބަސްވުމެއް އޮންނަންވާނެއެވެ.

(ށ) މި އެއްބަސްވުމުގައި، އެންމެ މަދުން ވެސް، ތިރީގައި ބަޔާންކޮ ށްފައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

 1. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ މެދުވެރިކޮށް، ވަޒީފާ ދޭ ފަރާތުން ހޯދާ 
  ހިދުމަތުގެ ތަފުސީލު؛
 2. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ މެދުވެރިކޮށް ވަޒީފާ ދޭ ފަރާތުން ރެކްރޫޓްކުރަން ބޭނުންވާ މީހުންގެ އަދަދުތަކާއި، މީހުން ހޯދަން ބޭނުންވާ ވަޒީފާތަކުގެ ތަފުސީލު؛
 3. އެޖެންސީ މެދުވެރިކޮށް ރެކްރޫޓްކުރެވޭ މީހުންގެ މައުލޫމާތާއި، އެ މީހުން ރެކްރޫޓްކުރެވޭ ވަޒީފާތަކުގެ މައުލޫމާތު ދެފަރާތުން ހިއްސާކޮށް ބަލަހައްޓާނެ ގޮތް؛
 4. އެޖެންސީ މެދުވެރިކޮށް ރެކްރޫޓްކުރެވޭ މީހުން ރާއްޖެ ގެނައުމުގެ ކުރިން އެ މީހާއަށް ދޭންޖެހޭނެކަމަށް މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ދެވޭނެ ގޮތްތައް؛
 5. އެޖެންސީ މެދުވެރިކޮށް ރެކްރޫޓްކުރެވޭ މީހުން ރާއްޖެ ގެނައުމަށްފަހު އޭނާއާ ގުޅިގެން އަދާކުރަންޖެހޭނެކަމަށް މި ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި އެހެނިހެން ޒިންމާތައް އަދާކުރުމަށް ދެ ފަރާތުން އެއްބަސްވާ ގޮތް. 
 6. ވަޒީފާއަށް ގެންނަ މީހުންގެ ކިބައިގައި ވަޒީފާދޭ ފަރާތުން ބޭނުންވާ ފެންވަރު ނުވަތަ ށަރުތު ނެތިއްޖެނަމަ، އެކަމާމެދު އަމަލުކުރުމަށް ހަމަޖެހިފައިވާގޮތާއި، އެ މީހަކު ފޮނުވައިލަން ޖެހިއްޖެ ހާލަތެއްގައި އެ މީހަކު ފޮނުވައިލުމަށް ކުރަންޖެހޭ ހަރަދުތައް ކުރާނެ ފަރާތެއް ކަނޑައަޅައިފައި އޮތުން؛
 7. ބިދޭސީއަކު ރާއްޖޭގެ ވަޒީފާއަކަށް ގެނައުމުގައި، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން މަސްއޫލުވާންޖެހޭ ކަންކަމާއި، ވަޒީފާ ދޭ ފަރާތުން މަސްއޫލުވާންޖެހޭ ކަންކަން، އެއްވެސް އޮޅުމެއް ނާރާނޭހެން، ކޮންމެ ފަރާތަކުން ކުރަންޖެހޭ ކަންކަން، ތަފުސީލުކޮށް ބަޔާންކޮށްފައި އޮތުން؛
 8. މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި އަދިވެސް ރެކްރޫޓްކުރެވޭ ބިދޭސީ މީހާއާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް ކުރާނެ ފަރާތާއި، އެ ހަރަދުތަކުގެ ހިސާބު ބަލަހައްޓާނެ ގޮތްތައް؛
 9. ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ހިދުމަތުގެ ފީއާއި، ފީ ނެގުމަށް ހަމަޖެހިފައިވާ ގޮތް؛
 10. ދެފަރާތުގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރަން ހަމަޖެހިފައިވާ ގޮތް.

(ނ) މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު މި ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

42 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކާ މުއާމަލާތު ކުރެވޭނެ އިންތިޒާ މުހަމަޖެއްސުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން، މީހަކަށް ވަޒީފާ ހަމަޖައްސައިދިނުމުގެ ގޮތުން ކުރާ ހުރިހާ މުއާމަލާތެއް ހުންނަންވާނީ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ލެޓަރހެޑްގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ތައްގަނޑު ޖަހައި، މަސްއޫލު ވެރިޔަކު ސޮއިކޮށްފައެވެ.

(ށ) މަގްބޫލު އުޒުރެއް ކަމުގައި ގަބޫލުކުރެވޭ ފަދަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން މެނުވީ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ފޯނާއި އީމެއިލުގެ ހިދުމަތް ލިބެން ހުންނަންވާނެއެވެ. މިގޮތުން، ޓެކްނިކަލް މައްސަލައެއް ދިމާވެގެން މުއާޞަލާތީ ހިދުމަތް މެދުކެނޑިގެންދާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ހިދުމަތް އަލުން ގާއިމުކުރަންވާނެއެވެ.

(ނ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން، އެ އެޖެންސީއެއްގެ ނަމުގައި، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮ ށްފައިވާ ބޭންކެއްގައި ވަކި އެކައުންޓެއް ހުޅުވަންޖެހޭނެއެވެ.

(ރ) މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

43 ވަނަ މާއްދާ - ތެދު މައުލޫމާތު ދިނުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން އެކިއެކި ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ މުއާމަލާތްތަކާއި އިސްތިހާރުތަކުގައި ބަޔާންކޮށްފައި ހުންނަންވާނީ ، ވަޒީފާއާބެހޭ ފުރިހަމަ ތެދު މައުލޫމާތެވެ.

(ށ) މި މާއްދާއާ ހިލާފަށް، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން އަމަލުކުރުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

44 ވަނަ މާއްދާ - ތަފާތު ނުކުރުން

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން ހިދުމަތް ފޯރުކޮށްދިނުމުގައި، ހިދުމަތް ފޯރުކޮށްދޭ މީހުންގެ ޖިންސަށް، ނުވަތަ ނަސްލަށް، ނުވަތަ ކުލަޔަށް، ނުވަތަ އިޖުތިމާއީ ނިސްބަތަށް، ނުވަތަ ދީނަށް ނުވަތަ ސިޔާސީ ގޮތުން ގެންގުޅޭ ވިސްނުމާއި ފިކުރަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ނުވަތަ ކައިވެނީގެ ނިސްބަތަށާއި އާއިލާގައި އަދާކުރާ ޒިންމާތަކަށް، ނުވަތަ ގާނޫނާ ހިލާފު ނުވާގޮތުން އެ މީހެއްގެ އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، ހިދުމަތް ފޯރުކޮށްދޭ މީހުންގެ މެދުގައި، އެއްވެސް ގޮތަކުން ތަފާތު ކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

ހަތްވަނަ ބައި: އެޖެންސީގެ އޮފީސް

 

45 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގާ އޮފީސް

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ އޮފީހުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމައަށް ހުންނަންވާނެއެވެ.

(ހ) މީހުން ދިރިއުޅުމަށް ކަނޑައަޅައިފައިވާ ރަށެއްގައި، އާންމުންނަށް ހިދުމަތް ދެވޭގޮތަށް އަދި މީހުން ދިރިއުޅޭ ގޭބިސީއާ ވަކިން ވަދެނުކުމެވޭ ގޮތަށް ވަކި އޮފީހެއްގެ ގޮތުގައި އެޖެންސީގެ އޮފީސް ގާއިމުކޮށްފައި ހުރުން.

(ށ) އިމާރާތުގެ ބޭރުގައްޔާއި އޮފީހުގެ ބޭރުގައި، އާންމުކޮށް ފެންނާނޭ ގޮތަށް، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީގެ ނަންބޯޑު ހުރުން.

(ނ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީން ހިދުމަތްދޭ ގަޑިތައް އާންމުކޮށް ފެންނާނޭހެން އިމާރާތުގެ ބޭރުގައްޔާއި އޮފީހުގެ ބޭރުގައި ހުރުން.

(ރ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމުގެ ލައިސަންސަށް އެދޭ ކުންފުނީގެ ނަމުގައި، މަސައްކަތްކުރާ އީމެއިލް އެޑްރެހެއް އަދި އެޖެންސީއާ ކުއްލިގޮތަކަށް މުއާމަލާތް ކުރަންޖެހިއްޖެ ނަމަ، ގުޅޭނެ މޯބައިލް ހޮޓްލައިނެއް ގާއިމުކޮށްފައި އޮތުން.

(ބ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމުގެ ލައިސަންސް ނުވަތަ ލައިސަންސް ދޭ މިނިސްޓްރީން ތައްގަނޑު ޖަހައިފައިވާ ލައިސަންސްގެ ނަކަލެއް، އެ އެޖެންސީގެ އޮފީހުގައި އާންމުކޮށް ފެންނާނޭ ހެން ބަހައްޓައިފައި ހުރުން.

(ޅ) މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

އަށްވަނަ ބައި: ހިދުމަތުގެ މިންގަނޑުތައް ހިފެހެއްޓުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކުން ކުރާނެ ކަންތައްތައް 

 

46 ވަނަ މާއްދާ - ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ، ކީ އެޕޮއިންޓްމެންޓް ހޯލްޑަރއިންނާއިއެޖެންސީ ރެޕްރެޒެންޓެޓިވުން ގަވާއިދަށް އަމަލުކުރަމުންދާ މިންވަރު މޮނިޓަރކޮށް ފިޔަވަޅު އެޅުމާއި މައުލޫމާތު އާންމުކުރުން

(ހ) އެޖެންސީންނާއި، ކީ އެޕޮއިންޓްމެންޓް ހޯލްޑަރއިންގެ ގޮތުގައި އައްޔަނު ކޮށްފައިވާފަރާތްތަކުންނާއި، އެޖެންސީ ރެޕްރެޒެންޓެޓިވުންގެ ގޮތުގައި އައްޔަނު ކޮށްފައިވާފަރާތްތަކުން މި ގަވާއިދަށް އަމަލުކުރަމުންދާ މިންވަރު މޮނިޓަރކޮށް ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މައުލޫމާތު އާންމު ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގަވާއިދަށް އަމަލުކުރަމުންދާ މިންވަރު މޮނިޓަރކޮށް މައުލޫމާތު އާންމު ކުރުމުގެ މަގުސަދަކީ، ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަކީ، މި ގަވާއިދާ ހިލާފަށް ހިދުމަތް ނުދޭ ފަރާތްތަކަކަށް ހެދުމާއި، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުންދާ ފަރާތްތަކަކަށް ހެދުމާއެކު، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އިތުބާރުކުރެވޭ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާއި ކީ އެޕޮއިންޓްމެންޓް ހޯލްޑަރއިންގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތްތަކުންނާއި އެޖެންސީ ރެޕްރެޒެންޓެޓިވުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތްތަކުން ގަވާއިދަށް އަމަލުކުރަމުންދާ މިންވަރު މޮނިޓަރކޮށް މައުލޫމާތު އާންމު ކުރެވޭނެ ގޮތުގެ އުސޫލު،މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

 

47 ވަނަ މާއްދާ - އޮޑިޓް ކުރުމާއި އިންސްޕެކްޓް ކުރުން

ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރަކުރުމަށް ޓަކައި، މިނިސްޓްރީން ކަނޑައަޅާ އޮފިސަރުން، ވަޒީފާ ހަމަޖައްސައިދިނުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކާއި އެ ފަރާތްތަކުން ހިންގާ އޮފީސްތައް އިންސްޕެކްޓް ކުރަންވާނެއެވެ.

 

48 ވަނަ މާއްދާ - އޮޑިޓްކުރާ އޮފިސަރުންނަށް ނުވަތަ އިންސްޕެކްޓުކުރާ އޮފިސަރުންނަށް ލިބިގެންވާ ބާރުތައް

(ހ) ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން މި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރު ކުރުމަށް ޓަކައި، އަންނަނިވި ކަންތައްތައް ކުރުމުގެ ބާރު، މިނިސްޓްރީން ކަނޑައަޅާ އޮފިސަރުންނަށް ލިބިގެންވެއެވެ.

 1. ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތާ ގުޅިގެން ދެވޭ ހިދުމަތްތަކާ ގުޅިގެން ބަލަހައްޓަންޖެހޭނެ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރިކޯޑެއް ނުވަތަ ދަފުތަރެއްގެ ގޮތުގައި ބޭނުންކުރާ ސިސްޓަމެއް ނުވަތަ ސޮފްޓްވެއަރއެއް ނުވަތަ ލިޔެކިޔުމެއް ބަލަހައްޓަމުންދާކަން ކަށަވަރުކުރުމަށް އެފަދަ ތަކެތި ދެއްކުމަށް، ނުވަތަ ހުށަހެޅުމަށް ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަށް އެންގުމާއި، އެފަދަ ތަކެތީގެ ކޮޕީ ހެއްދުން ނުވަތަ މައުލޫމާތު ނެގުން.
 2. ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކާ އިންޓަވިއުކޮށްގެން މައުލޫމާތު ހޯދުން.
  1. ވަޒީފާ ހަމަޖައްސައިދޭ ފަރާތް މެދުވެރިކޮށް ހިދުމަތް ހޯދާ، ވަޒީފާ ދޭ ފަރާތްތައް (ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަޒީފާ ދޭ ފަރާތްތައް ހިމެނޭގޮތަށް)،
  2. އެޖެންސީ މެދުވެރިކޮށް ހިދުމަތް ލިބިގަންނަ، ވަޒީފާ ހޯދާ ފަރާތްތައް (ދިވެހިންނާއި ބިދޭސީން ހިމެނޭގޮތަށް)،
  3. އެޖެންސީގެ މުވައްޒަފުން (ކީ އެޕޮއިންޓްމެންޓް ހޯލްޑަރއާއި އެޖެންސީ ރެޕްރެޒެންޓެޓިވް ހިމެނޭގޮތަށް)،
  4. ވަޒީފާ ހަމަޖައްސައިދިނުމުގައި މެދުވެރިވާ، ބޭރުގެ ވަޒީފާ ހަމަޖައްސައިދޭ ފަރާތްތައް.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު، އިންސްޕެކްޓަރުން ބަލަން އެދޭ ވަގުތު،މަގްބޫލު ސަބަބެއް އޮވެގެން ނުދެއްކިއްޖެނަމަ، މިނިސްޓްރީން ރިކޯޑުތައް ބަލަން އެދޭ ތާރީހުން ފެށިގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ރިކޯޑުތައް ދައްކަންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެފަދަ ލިޔުންތަކުގެ ކޮޕީ ލިބޭނެގޮތް ހަދައިދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކޮށްފި ނަމަ، މި ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

49 ވަނަ މާއްދާ - މައުލޫމާތު ހިއްސާކުރުން މަނާކުރުން

އެޖެންސީން މިނިސްޓްރީއާ ހިއްސާކުރާ މައުލޫމާތާއި އިންސްޕެކްށަންތަކާ ގުޅިގެން ހޯދޭ އެއްވެސް މައުލޫމާތެއް، އެ މައުލޫމާތު ލިބެންޖެހޭނެކަމަށް މި ގަވާއިދުގައި ނުވަތަ ރާއްޖޭގައި އަމަލުކުރެވޭ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހާމަކުރުމަކީ މަނާކަމެކެވެ.

 

50 ވަނަ މާއްދާ - އިންސްޕެކްށަން ރިޕޯޓު

(ހ) ވަޒީފާ ހަމަޖައްސައިދޭ ފަރާތްތައް އިންސްޕެކްޓްކޮށްގެން މިނިސްޓްރީން ތައްޔާރުކުރާ ރިޕޯޓު އެ ފަރާތްތަކަށް ފޮނުވަންވާނެއެވެ.

(ށ) ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން އިޞްލާހުކުރަންޖެހޭ ކަމެއް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާނަމަ، އެ ކަމެއް އިޞްލާހުކުރުމަށް ދޭ މުއްދަތުގައި، ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން އެ ކަމެއް އިޞްލާހުކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލު ނުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.

 

ފަސްވަނަ ބާބު

ފިޔަވަޅު އެޅުން 

 

51 ވަނަ މާއްދާ - އެޅޭނެ ފިޔަވަޅުތައް

މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ، ތިރީގައިވާ ފިޔަވަޅުތައް، މި ގަވާއިދުގެ ދަށުން އެޅޭނެއެވެ.

(ހ) ލައިސަންސް ބާތިލުކުރުން.

(ށ) ލައިސަންސް ހިފެހެއްޓުން (ސަސްޕެންށަން).

(ނ) ޖޫރިމަނާ ކުރުން.

(ރ) ލައިސަންސް ދޫނުކުރުން.

(ބ) ޑީ މެރިޓް ޕޮއިންޓް ދިނުން.

 

52 ވަނަ މާއްދާ - ފިޔަވަޅު އެޅޭނެ ފަރާތްތައް

މި ގަވާއިދާ ހިލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކާމެދު، މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ހ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ.

(ށ) ވަޒީފާ ދޭ ފަރާތް.

(ނ) ކީ އެޕޮއިންޓްމެންޓް ހޯލްޑަރސް.

(ރ) އެޖެންސީ ރެޕްރެޒެންޓެޓިވުން.

 

53 ވަނަ މާއްދާ - ފިޔަވަޅު އެޅޭނެ ހާލަތްތައް

ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ ފިޔަވަޅު އެޅޭނެއެވެ.

(ހ) ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތް، ލައިސަންސް ނުހޯދައި ފޯރުކޮށްދިނުން.

(ށ) ލައިސަންސް ލިބިފައި ވިޔަސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތެއް ދިނުން.

(ނ) ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކުން ފޯރުކޮށްދޭ ހިދުމަތް، ލައިސަންސް ނުހޯދައި ދިނުން.

(ރ) ކީ-އެޕޮއިންޓްމަންޓް ހޯލްޑަރސްގެ ލައިސަންސް ނެތި، ހިދުމަތެއް ދިނުން.

(ބ) އެޖެންސީ ރެޕްރެޒެންޓެޓިވްގެ ލައިސަންސް ނެތި، ހިދުމަތެއް ދިނުން.

(ޅ) ލައިސަންސް ނުހޯދައި، މޭން ޕަވަރ ސަރވިސްގެ ހިދުމަތް ދިނުން.

(ކ) ލައިސަންސް ނުހޯދައި، ރެކްރޫޓްމެންޓުގެ ހިދުމަތް ދިނުން.

(އ) ލައިސަންސް ނުހޯދައި ވަރކް ޕަރމިޓް މެނޭޖްމަންޓުގެ ހިދުމަތް ދިނުން.

(ވ) މި ގަވާއިދުގެ ދަށުން ވަޒީފާ ހަމަޖައްސައިދިނުމުގެ މަސައްކަތްކުރުމަށް ލިބިފައިވާ ލައިސަންސްގެ ދަށުން ހުއްދަވާ، ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ފިޔަވައި ވަޒީފާ ހަމަޖެއްސުމުގެ އިތުރުން އެހެން މަސައްކަތެއް ކުރުން.

(މ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް އައު ކުރަން ޖެހިއްޖެ ހާލަތެއްގައި ލައިސަންސް އައު ނުކުރުން.

(ފ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއްގައި ލައިސަންސް ކެންސަލް ނުކުރުން.

(ދ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައްތަކާ ގުޅިގެން މިނިސްޓްރީއަށް ނުވަތައެހެން އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ދައްކަންޖެހޭ ފީއެއް ނުވަތަ ފައިސާއެއް ނުދެއްކުން.

(ތ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުމާ ގުޅިގެން ބަހައްޓައިފައިވާ ޑިޕޮޒިޓް ފައިސާ އަލުން ދެއްކުމަށް އެންގުމުން ނުދެއްކުން، ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން ޑިޕޮޒިޓަށް ވުރެ އިތުރަށް ހިނގާ ހަރަދުތައް މިނިސްޓްރީއަށް ދެއްކުމަށް އެންގުމުން ނުދެއްކުން.

(ލ) ވަޒީފާ ހަމަޖައްސައިދޭ ފަރާތުން، ހިދުމަތްދޭ ފަރާތްތަކަށް ގެއްލުންވާނެ ގޮތަކަށް ހިދުމަތް ދިނުން.

(ގ) މި ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ތަފާތެއްކުރުން.

(ޏ) މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ނުވަތަ ސަރުކާރުގެ އެހެން އިދާރާއަކަށް ދޭންޖެހޭ މައުލޫމާތެއް ދިނުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވުން.

(ސ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ކުރާ މުއާމަލާތެއްގައި، ހިއުމަން ޓްރެފިކިންގއާ ގުޅުންހުރި މައްސަލައެއްގެ ތުހުމަތު ކުރެވުން.

(ޑ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ކުރާ މުއާމަލާތެއްގައި، ޞައްހަ ނޫން މައުލޫމާތު ދިނުން ނުވަތަ ހުށަހެޅުން.

(ޒ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ކުރާ މުއާމަލާތްތަކުގައި، ޞައްހަ ނޫން މައުލޫމާތު ދިނުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ ހުށަހެޅުން.

(ޓ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ކުރާ މުއާމަލާތެއްގައި، ޖިނާއީ ކުށެއްގެ ތަހުގީގު ހިނގަމުންދިޔުން ނުވަތަ ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލުން.

(ޔ) މި ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތުގައި އެއްބާރުލުން ނުދިނުމާއި، އަންގާ އެންގުންތަކަށް އަމަލު ނުކުރުން.

(ޕ) ކުށެއްގެ ތުހުމަތު ކުރެވުން ނުވަތަ ކުށެއް ސާބިތުވުން.

(ޖ) އާންމު ހާލަތަށް ގެއްލުންވާނެ ފަދަ ގޮތަކަށް ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ހިންގުން ނުވަތަ ވަޒީފާ ހަމަޖައްސައިދޭން މަސައްކަތްކުރުން.

(ޗ) ވަޒީފާ ހަމަޖައްސައިދޭ ފަރާތް އޮޑިޓްކުރުމަށް ނުވަތަ އިންސްޕެކްޓްކުރުމަށް އޮފިސަރުންނަށް ނުވަތަ އެކަން ކުރާ ފަރާތަކަށް އެއްބާރުލުން ނުދިނުން.

(ހހ) ވަޒީފާ ހަމަޖައްސައިދޭ ފަރާތް އޮޑިޓްކުރުމަށްފަހު ނުވަތަ އިންސްޕެކްޓް ކުރުމަށްފަހު އިޞްލާހުކުރުމަށް އަންގާ ކަމެއް، ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިޞްލާހު ނުކުރުން.

(ހށ) ވަޒީފާ ހަމަޖައްސައިދޭ ފަރާތް މެދުވެރިވެގެން ރާއްޖެ ގެންނަ ބިދޭސީންނާ ގުޅިގެން، ހަމަޖައްސަންވާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ނުކުރުން.(ހނ) މަތީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، މި ގަވާއިދުގައި ފިޔަވަޅު އެޅޭނެކަމަށް ބަޔާންކޮށްފައިވާ ކޮންމެ ހާލަތެއް.

 

54 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން

މި ގަވާއިދާ ހިލާފުވާ ފަރާތްތަކުން ގަވާއިދާ ހިލާފުވާ ކަމެއްގެ ބާވަތަށާއި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

55 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން (ސަސްޕެންށަން)

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަޒީފާ ހަމަޖައްސައިދިނުމުގެ ހިދުމަތްތައް ނުވަތަ ވަކި ހިދުމަތެއް ނުދެވޭ ގޮތަށް، މިނިސްޓްރީން ކަނޑައަޅާ މުއްދަތަކަށް، ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަ ނުކޮށްގެން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލައިސަންސެއް ހި ފަހައްޓައިފައިވާ ހާލަތުގައި، ލައިސަންސް ހިފަހައްޓައިފައިވާ މުއްދަތު 6 (ހައެއް) މަސްދުވަހަށްވުރެ އިތުރުވާނަމަ، މި ގަވާއިދުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ލައިސަންސެއް ބާތިލުކުރެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ހިފެހެއްޓޭނެ މުއްދަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 1. (3) ތިނެއް) މަސްދުވަސް.
 2. (6 (ހައެއް) މަސްދުވަސް.
 3. (1) އެކެއް) އަހަރުދުވަސް.
 4. (2) ދޭއް) އަހަރުދުވަސް.
 5. (3) ތިނެއް) އަހަރުދުވަސް.
 6. (4) ހަތަރެއް) އަހަރުދުވަސް.
 7. (5) ފަހެއް) އަހަރުދުވަސް.
 8. (މައްސަލަ ތަހުގީގުކޮށް ނިމެންދެން.

 

56 ވަނަ މާއްދާ - ޖޫރިމަނާ ކުރުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތައް، މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނީ،  5،000 (ފަސްހާސް) ރުފިޔާއާއި 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ، އެ ފައިސާ ދެއްކުމަށް މިނިސްޓްރީން ކަނޑައަޅައި އަންގާ ގޮތެއްގެ މަތީން، އަންގާ މުއްދަތެއްގެ ތެރޭގައި ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކާނީ،މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކަށެވެ.

 

57 ވަނަ މާއްދާ - ލައިސަންސް ދޫނުކުރުން

މި ގަވާއިދާ ހިލާފު ވެއްޖެނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލައިސަންސް، ތިރީގައި  ބަޔާންކޮށްފައިވާ މުއްދަތުތަކަށް ދޫނުކުރުމުގެ އިހުތިޔާރު މިނިސްޓްރަށް ލިބިގެންވެއެވެ.

(ހ) 3) ތިނެއް) މަސްދުވަސް.

(ށ) 6 (ހައެއް) މަސްދުވަސް.

(ނ) 1) އެކެއް) އަހަރުދުވަސް.

(ރ) 2) ދޭއް) އަހަރުދުވަސް.

(ބ) 5) ފަހެއް) އަހަރުދުވަސް.

(ޅ) 10) ދިހައެއް) އަހަރުދުވަސް.

(ކ) މައްސަލަ ތަހުގީގުކޮށް ނިމެންދެން.

 

58 ވަނަ މާއްދާ - ޑީ މެރިޓް ޕޮއިންޓް ދިނުން

(ހ) ޑީ މެރިޓް ޕޮއިންޓް ދިނުމަކީ، މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ އެޖެންސީތަކާއި، މި ގަވާއިދުގެ ދަށުން އައްޔަނުކުރާ ކީ އެޕޮއިންޓްމެންޓް ހޯލްޑަރއިންގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތްތަކާއި އެޖެންސީ ރެޕްރެޒެންޓެޓިވުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ފަރާތްތައް، މި ގަވާއިދަށް އަމަލުކުރަމުންދާ މިންވަރު ބަލައި، ގަވާއިދާ ހިލާފުވާ ހާލަތްތަކުގައި ނުވަތަ ކަންތައްތަކުގައި، ހާލަތަށް ނުވަތަ ކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށްފައި ޕޮއިންޓް ދިނުމެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޑީމެރިޓް ޕޮއިންޓް ދެވޭނެ ހާލަތްތައް ނުވަތަ ކަންތައްތަކާއި، ކޮންމެ ހާލަތަކާއި ނުވަތަ ކަމަކާ ގުޅިގެން ދެވޭނެ ޕޮއިންޓާއި ޑީ މެރިޓް ޕޮއިންޓްތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި ވާނެއެވެ.

 

59 ވަނަ މާއްދާ - ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނެތް ހާލަތެއްގައި، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

މި ގަވާއިދުގެ ދަށުން އަދަބު ކަނޑައެޅިފައި ނުވާ މި ގަވާއިދާ ހިލާފުވާ ކަންކަމުގައި، ގަވާއިދާ ހިލާފަށް އަމަލުކުރި ފަރާތަކާމެދު، މި ގަވާއިދުގެ 56 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކޮށް ޖޫރިމަނާ ކުރެވޭނެއެވެ.

 

ހަވަނަ ބާބު

އެހެނިހެން ކަންކަން

 

60  ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކާބެހޭ ށަކުވާއަކާމެދު އަމަލުކުރެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

61 ވަނަ މާއްދާ - އިސްތިސްނާ

މި ގަވާއިދުން އިސްތިސްނާވާނީ، ހަމައެކަނި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއަކީ ވަކި ހާއްޞަ ބާވަތެއްގެ ވަޒީފާއެއް ހަމަޖައްސައިދޭ އެޖެންސީއަކަށް ވުމާ ގުޅިގެން، އަމަލުކުރަންޖެހޭ ހާއްޞަ ގަވާއިދެއްވާނަމަ އެ ގަވާއިދަކަށް އަމަލުކުރާނަމައެވެ.

 

62 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކެޓަގަރީ – C ގެ ލައިސަންސް ދޫކުރަންފަށާނެ ތާރީހެއް މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާ ނު ކުރާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންށަލް އިންސްޓިޓިއުށަނަކުން ދޫކޮށްފައިވާ ބޭންކް ގެރެންޓީއެއް، ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ބަލައިގަންނަން ފަށާނެ ތާރީހެއް މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާނު ކުރާނެއެވެ.

 

63 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މިހައިތަނަށް އަމަލުކުރަމުން ގެންދިޔަ ގަވާއިދު ނަންބަރު 2016-21 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު) އުވުނީއެވެ.

 

64 ވަނަ މާއްދާ - ކުރިން ހުއްދަ ދޫކޮށްފައިވާ، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ގަވާއިދު ނަންބަރު 2016-21 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު) ގެ ދަށުން ހުއްދަ ލިބިގެން ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 180 (އެއްސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށް، ހުއްދަތައް ހޯދަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 180 (އެއް ސަތޭކަ އައްޑިހަ) ދުވަސް ވުމުން ބާތިލު ވާނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުއްދަ ދޫކޮށްފައިވާ، ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުން، ވަޒީފާ ހަމަޖައްސައިދިނުމާ ގުޅޭގޮތުން ކޮށްފައިވާ މުއާމަލާތްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި 
ފުރިހަމަކުރަންވާނެއެވެ.

 

65 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް މާނަކޮށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) "ވަޒީފާއާބެހޭ ގާނޫނު" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށެވެ.

(ށ) "ވަޒީފާ" ކަމަށް ބަޔާންކޮށްފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ ކޮންމެ މަސައްކަތަކަށެވެ.

(ނ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް ހަވާލުކޮށްފައިވާ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެހުރި ވަޒީރަކަށެވެ. ނުވަތަ އޭނާ ތަމްސީލުކުރުމުގެ ބާރު ލިބިގެންވާ ފަރާތަކަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ކަންތައްތައް ހިންގައި ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ ވަގުތަކަށް، ދައުލަތުން ހަވާލުކޮށްފައިވާ މިނިސްޓްރީއަކަށެވެ.

(ބ) "އާއިލީގޮތުން ގާތް ގުޅުން ހުރި ފަރާތްތައް" ކަމަށް ބުނެ ބަޔާންކޮށްފައި އެވަނީ،ބައްޕައާއި، މަންމައާއި، އެއްބަނޑުއެއްބަފާ، ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި، ފިރިމީހާ ނުވަތަ އަނބިމީހާއާއި، ދަރިންނަށެވެ.

(ޅ) "ގުޅުންހުރި އެއްވެސް ވިޔަފާރިއެއް" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ ނުވަތަ ވަކި ހިއްސާދާރެއްގެ ހިއްސާ އެހެން ކުންފުންޏެއްގައިވާ ކޮންމެ ކުންފުންޏަކަށެވެ.

(ކ) "އެމްޕްލޯއިމަންޓް ސަރވިސް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިދުމަތްތަކަށެވެ. 

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި

 

މައި ގަވާއިދު

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-63)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 02008-02)

ކިޔުންތެރިންގެ ހިޔާލު