-

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010 (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2010-00)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ ދަށުން މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާ ދިނުމަށް އެ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކްލެމެންސީ ބޯޑުގެ މެންބަރުން އައްޔަންކުރުގައާއި ވަކިިކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، އެ ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ އުސޫލާއި އެ ބޯޑުން ނިންމާ ކަންކަން ނިންމާނެ ގޮތުގެ އުސޫލުތަައް ބަޔާންކޮށްދޭ ގަވާއިދެއް އެޓަރނީ ޖެނެރަލް އެކަށައަޅައި، އާންމުކޮށް އިއުލާނުކުރަންވާޏެ ކަމަށް ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީ، އެ މާއްދާގެ ދަށުން އެޓަރނީ ޖެނެރަލް އެކަށައަޅާފައިވާ ގަވައިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ 'ކްލެމެންސީ ބޯޑުގެ ގަވާއިދު' އެވެ.

 

2 ވަނަ މާއްދާ -  ބޯޑުގެ މެންބަރުންގެ އަދަދާއި ބޯޑުގެ މެންބަރުން އައްޔަންކުރުން

(ހ) ބޯޑު އެކުލެވިގެން ވަނީ އެޓަރނީ ޖެނެރަލާއެކު ޖުމްލަ 11 (އެގާރަ) މެންބަރުންގެ މައްޗަށެވެ.

(ށ) ބޯޑުގެ މެންބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ބޯޑުގެ މެންބަރުން އައްޔަންކުރުމުގައި އަންނަނިވި ދާއިރާތަކުގެ މީހުން ބޯޑުގެ މެންބަރުންގެ ގޮތުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދޭންވާނެއެވެ.

  1. ގާނޫނީ ދާއިރާގެ މީހަކު؛
  2. ތައުލީމީ ދާއިރާގެ މީހަކު؛
  3. އިޖްތިމާއީ ދާއިރާގެ މީހަކު؛
  4. ސިއްހީ ދާއިރާގެ މީހަކު؛
  5. ދީނީ އިލްމުގެ މީހަކު؛
  6. މަދަނީ ޖަމްއިއްޔާއެއްގެ މީހަކު؛
  7. ޕެރޯލް ބޯޑުގެ މީހަކު؛
  8. ފުލުހުންގެ ދާއިރާގެ މީހަކު؛
  9. ށަރުއީ ދާއިރާގެ މީހަކު؛ އަދި
  10. ރައްޔިތުންގެ މަޖިލީހުން، އެމަޖިލީހުގެ މެންބަރުން އައްޔަންކުރާ މެންބަރަކު.

(ނ) ބޯޑުގެ މެންބަރުގެ ތެރޭގައި ފުލްޓައިމް 3 (ތިނެއް) މެންބަރުން ތިބެންވާނެއެވެ. އަދި ނައިބުރައީސަކީ އޭގެ ތެރެއިން އެއް މެންބަރު ކަމުގައި ވާންވާނެއެވެ.

(ރ) މަގާމުގެ ހައިސިއްޔަތުން ބޯޑުގައި ހިމެނޭ މެންބަރަކު މެންބަރު ކަމުގައި ދެމިހުންނާނީ، އެމަގާމުގައި އެމީހަކު ދެމިހުރިހާ ހިނދަކުއެވެ.

 

3 ވަނަ މާއްދާ - މެންބަރުންގެ ސިފަތައް

ބޯޑުގެ މެންބަރުގެ ގޮތުގައި އައްޔަންކުރާ މީހުންގެ ކިބައިގައި ތިރީގައި ބަޔާންކުރާ ސިފަތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން؛

(ށ) ބުއްދި ހަމަޔަށް ހުރި މީހަކު ކަމުގައިވުން؛

(ނ) އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން؛

(ރ) އެ މީހަކީ ބޯޑުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހަކު ކަމުގައިވުން.

 

4 ވަނަ މާއްދާ -  ބޯޑުގެ ރައީސާއި ރައީސްގެ ޒިންމާތައް.

(ހ) ބޯޑުގެ ރައީސަކީ އެޓާރނީ ޖެނެރަލްއެވެ.

(ށ) ބޯޑުގެ ރައީސްގެ ޒިންމާތައް ތިރީގައި އެވަނީއެވެ.

  1. ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުން؛ އަދި
  2. ބޯޑުގެ ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓުން.

 

5 ވަނަ މާއްދާ - ބޯޑުގެ ނައިބު ރައީސް

(ހ) ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކު، ބޯޑުގެ ނައިބުރައީސް ކަމުގައި އައްޔަން ކުރަންވާނެއެވެ.

(ށ) ބޯޑުގެ ނައިބުރައީސް އައްޔަންކުރާނީ ރަައީސުލްޖުމްހޫރިއްޔާއެވެ.

(ނ) ބޯޑުގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، އޭނާގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާނީ ބޯޑުގެ ނައިބުރައީސެވެ. މީގެ އިތުރުން، ބޯޑުގެ ރައީސަށް ބޯޑު ހިންގުމުގައި ނައިބުރައީސް އެހީތެރިވެދޭންވާނެއެވެ.

 

6 ވަނަ މާއްދާ -  މެންބަރުކަމުގެ ދައުރު

މަގާމުގެ ހައިސިއްޔަތުން ބޯޑަށް އައްޔަންކުރެވޭ މެންބަރުން ފިޔަވައި، ބޯޑަށް އައްޔަނުކުރެވޭ ކޮންމެ މެންބަރަކުމެ، އެމަގާމުގައި ދެމިހުންނާނީ އެމެންބަރަކު އައްޔަނުކުރެވޭ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

 

7 ވަނަ މާއްދާ -  ބޯޑުގެ މެންބަރުކަމުން ވަކިވުން

ބޯޑުގެ މެންބަރަކަށް އަންނަނިވި ގޮތްތަކުުންކުރެ ގޮތެއް މެދުވެރިވެއްޖެނަމަ ބޯޑުގެ މެންބަރުކަމުން އޭނާ ވަކިވާނެއެވެ.

(ހ) ށަރުއީ ހުކުމަކުން އިފްލާސްކުރުން؛

(ށ) ބޯޑުގެ މެންބަރެއްގެ ކިބައިގައި ހުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސިފައެއް އުނިވުން؛

(ނ) ޖިނާއީ ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން؛

(ރ) އިސްތިއުފާދިނުން؛

(ބ) މަގާމުގެ ހައިސިއްޔަތުން މެންބަރުކަމަށް އައްޔަންކޮށްފައިވާ މީހެއްނަމަ އެ މީހަކު އެވަޒީފާއިން ވަކިވުން؛

(ޅ) ބޯޑުގެ މެންބަރުކަމުން ރައީސުލްޖުމްހޫރިއްޔާ އެމީހަކު ވަކިކުރުން.

 

8 ވަނަ މާއްދާ - މެންބަރަކު އިސްތިއުފާ ދިނުން

ބޯޑުގެ މެންބަރަކު، ބޯޑުގެ މެންބަރުކަމުން އިސްތިއުފާދޭން ވެއްޖެނަމަ، ބޯޑުގެ މެންބަރުކަމުން އިސްތިއުފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން އެ މެންބަރަކު ބޯޑުގެ މެންބަރުކަމުން ވަކިވީއެވެ.

 

9 ވަނަ މާއްދާ - މެންބަރުންނަށް ދެވޭ އުޖޫރަ

(ހ) ބޯޑުގެ މެންބަރުންގެ ތެރެއިން އުޖޫރަދެވޭނީ ފުލްޓައިމް މެންބަރުންނަށެވެ. އެ މެންބަރުންގެ އުޖޫރަ ކަނޑައަޅާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެށަރީގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) ބޯޑުގެ ރަސްމީ ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވާ ޕާޓްޓައިމް މެމްބަރުންނަށް އެލަވަންސެއް ކަނޑައެޅުމުގެ އިހުތިޔާރު ތައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތައް

ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލިއުކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސާ ގޫޅެގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރުމަށް ފެންނަ ގޮތުގެ ލަފާދިނުން.

(ށ) ބޯޑުން ދިރާސާކޮށްދިނުން އެދި އިލްތިމާސެއް ލިބުމުން، އެ އިލްތިމާސެއް ލިބޭތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެ އިލްތިމާސް ދިރާސާކުރުމަށްފަހު، އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިޔުމުން ލަފާދިނުން. (އިސްލާހު ކުރެވިފައި)

 

11 ވަނަ މާއްދާ -  ބޯޑަށް ލިބިގެންވާ ބާރުތަކާއި ޒިންމާ

މައާފު ހޯދުމަށް ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅިފައިވާ ހުށަހެޅުމަކާ ގުޅިގެން އަންނަނިވި ކަންކަން ކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.

(ހ) ބޯޑޫން ބަލަމުންދާ ކަމަކާ ގުޅުންހުރިކަމަށް ފެންނަ ފަރާތްތައް ބޯޑަށް ހާޒިުކުރުމާއި އެމީހުންގެ ހެކިބަހާއި ބަޔާންހޯދުން؛

(ށ) އެކި ފަރާތްތައް ބޯޑަށް ހާޒިކުރުމަށްޓަކައި ޗިޓު ފޮނުވުން؛

(ނ) ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެހީތެރިކަން ހޯދަންޖެހޭކަމަށް ބޯޑަށް ފެނިއްޖެނަމަ، އެ އެހީތެރިކަމެއް ހޯދުން؛

(ރ) ބޯޑުން ބަލަމުންދާ ކަމަކާ ގުޅުންހުރިކަމަށް ފެންނަ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ތަންތަނަށް ބޯޑޫގެ މެންބަރުން ގޮސް އެތަނަންތަނާއި އެތަންތަނުގައި ހުރި ލިޔެކިޔުން ބެލުމާއި ނަކަލުކުރުމާއި ބޭނުންވެއްޖެނަމަ ބޯޑަށް ގެނައުން؛

(ބ) ވަކި ކަމަކާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެ ކަމަށް ބޯޑަށް ފެންނަ ފަރާތަކުން، އެމައުލޫމާތެއް ހޯދުން؛

(ޅ) ބޯޑަށް ހުށަހެޅޭ ކަމަކާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަނގަބަހުން ނުވަތަ ލިޔުމުން ބޯޑަށް މައުލޫމާތު ދިނުމަށް، ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެންގުން؛

(ކ) ށަރުއީ ހުކުމެއްގެ ދަށުން ނުވަތަ ގާނޫނީ އަމުރެއްގެ ދަށުން، ބަންދުކޮށްފައި ތިބޭ މީހުން ތިބޭ ކޮންމެ ތަނަކުން ބޯޑުން ކަނޑައަޅާ އުސޫލެއްގެ މަތިން، ބޮޑުން ކަނޑައަޅާ ތަނަކަށް ހާޒިރުކޮށްދިނުން އެދި އެމީހަކު ބަންދުކޮށް ނުވަތަ ބަލަހައްޓާ ފަރާތަށް އެންގުން،

(އ) (އިތުރު ކުރެވި/ އުނި ކުރެވިފައި)

(އ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 88 ވަނަ މާއްދާގެ ދަށުން ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރެއް ޑްރަގް ކޯޓުން ކޮށްފައިވާ ފަރާތެއްނަމަ އެ ގާނޫނުގެ ދަށުން ހުކުމް ތަންފީޒުކުރަން ފެށުމުގެ ކުރިން، މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅައިފިނަމަ، އެގާނޫނުގެ 85 ވަނަ މާއްދާގެ (ކ) އާ ހަވާލާދީ އެ ފޯމު ބާތިލުކުރިކަން އެފަރާތަށް އެންގުން؛ (އިތުރު ކުރެވިފައި)

(ވ) ރިޔާސީ ދައުރެއްގެތެރޭގައި އިލްތިމާސަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ގަޒިއްޔާއެއްގެ ހުކުމަކަށް ރައީސުލްޖުމްހޫރިއްޔާ ލުޔެއް ދީފިނަމަ، ދެން އެ ރިޔާސީ ދައުރެއްގައި އެ ގަޒިއްޔާއެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންނުވެއެވެ. (އިތުރު ކުރެވި / އިސްލާހުއިސްލާހު2 ކުރެވިފައި)

(މ) މި މާއްދާގެ (ވ) ގައި ބުނެވިދިޔަ ގޮތަށް ބަޔާންކޮށްފައިވީނަމަވެސ،ް ރިޔާސީ ދައުރެއްގެ ތެރޭގައި އިލްތިމާސަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ގަޒިއްޔާއެއްގެ ހުކުމަކަށް ލުޔެއް ދިނުމަށް ނުފެންނަކަމަށް ނިންމާފައިވާނަމަ، އެ ނިންމުމުގައިވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފަހުންއެ ގަޒިއްޔާއެއްގެ ހުކުމް، އަލުން އިލްތިމާސަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

 

12 ވަނަ މާއްދާ - ބޯޑުގެ އެހެނިހެން ބާރުތައް

ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، އަންނަނިވި ބާރުތައް ބޯޑަށް ލިބިގެންވެއެވެ.

(ހ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ އެންމެހައި ސާމާނާއި، ވަސީލަތާއި، އާލާތްތައް ހޯދައި، ގެންގުޅެ، އެތަކެތީގެ ބޭނުން ހިފުން؛

(ށ) ބޯޑުން އެކިއެކި ކަންކަން ބެލުުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި، ބޯޑޫގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި، ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) އާއި، މި ގަވާއިދަށް އަމަލުކުރުމުގައި ގެންގުޅޭނެ އުސޫލުތައް އެކުލަވާލުން؛

(ނ) ބޯޑުގެ މެންބަރުގެ ސުލޫކީ މިންގަނޑު އެކުލަވާލުން.

 

13 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ ރައީސެވެ.

(ށ) ބޯޑުގެ ބައްދަލުވުމަކަށް ރައީސަށް ހާޒިރު ނުވެވިއްޖެނަމަ، ނުވަތަ ބޯޑޫގެ ރިޔާސަތު ބެލެހެއްޓުމަށް ބޯޑުގެ ރައީސް އުޒުރުވެރިވާ ހާލަތުތަކުގައި އެބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ، ބޯޑުގެ ނައިބުރައީސެވެ.

(ނ) ބޯޑުގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ 5 (ފަހެއް) މެމްބަރުންނެވެ. (އިސްލާހު ކުރެވިފައި)

(ރ) ބޯޑުގެ ބައްދަލުވުމަކަށް ރައީސް ނުވަތަ ނައިބުރައީސްއަށް ހާޒިރުނުވެވިއްޖިނަމަ، ނުވަތަ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމަށް ބޯޑުގެ ރައީސް ނުވަތަ ނައިބުރައީސް އުޒުރުވެރިވާ ހާލަތްތަކުގައި އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ، އެ ދުވަހެއްގައި ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އައްލަބިއްޔަތުން އައްޔަންކުރާ މެންބަރުކެވެ. (އިތުރު ކުރެވިފައި)

 

14 ވަނަ މާއްދާ - ބޯޑުގެ ނިންމުންތައް

(ހ) ބޯޑުގެ ނިންމުންތައް ނިންމުމުގައި، ބޯޑުގެ އިއްތިފާގުން އެކަމެއް ނިންމުމަށް މަސައްކަތްކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމުގައި، ބޯޑުގެ އިއްތިފާގު ނުލިބޭ ހާލަތުތަކުގައި، ބޯޑުން ކަމެއް ފާސްވެއްޖެ ކަމަށް ބެލެވޭނީ ބޯޑުގެ އެ ޖަލްސާއަކަށް ހާޒިރުވެ ތިބި މެންބަރުންގެ އަގްލަބިއްޔަތުން އެކަމެއް ފާސްވުމުންނެވެ.

(ށ) ދެކޮޅަށް ލިބޭ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާ ފަރާތަކަށް ވޯޓު ދެވިދާނެއެވެ. (އިސްލާހު ކުރެވިފައި)

 

15 ވަނަ މާއްދާ - ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުން

(ހ) މައާފު ދިނުމާބެހޭ ގޮތުން ބޯޑުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމުގައި، އެ ލަފާ އޮންނަންވާނީ އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށެވެ.

  1. ހުށަހެޅިފައިވާ ގޮތުގެމަތިން މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ފެންނަކަމަށް؛
  2. ހުށަހެޅިފައިވާ ގޮތަށް މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަކަމަށް އަދި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ހއްދަކުރާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ނިސްބަތްވާ އެއްވެސް ގޮތަކަށްވެސް މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލިއުކޮށްދިނުމަށް ނުފެންނަކަމަށް؛
  3. ހުށަހެޅިފައިވާ ގޮތަށް މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމާއި އަދަބު ލިއުކޮށްދިނުމަށް ނުފެންނަކަމަށް، އެހެންނަމަވެސް މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ހުއްދަކުރާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ނިސްބަތްވާގޮތަކަށް، މައާފުކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ފެންނަކަމަށް އަދި އެ ގިންތިއަކީ ކޮބައިކަން.

(ށ) މި މާއްދާގެ ދަށުން ބޯޑުގެ ލަފާ އެކުލަވާލުމުގައި، އެ ލަފާ ބިނާކުރާ ސަބަބުތައް ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - ބޯޑުން ދޭ ލަފައާ އެއްގޮތަށް އަމަލުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމުން

މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ހުށަހަޅާ އިލްތިމާސަކާ ގުޅޭގޮތުން، ބޯޑޫން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިން ގޮތަށް އަަމަލުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފި ހިނދެއްގައި، އެގޮތަށް ކަނޑައެޅި ސަބަބު ރައީސުލްޖުމްހޫރިއްޔާ ބޯޑަށް ލިޔުމުން އަންގަންވާނެއެވެ.

 

17 ވަނަ މާއްދާ - މެންބަރުންނަށާއި މުވައްޒަފުންނަށް ދެވޭ ހިމާޔަތް

ބޯޑުގެ މަސްްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުންނާއި، ބޯޑަށް ލިބިދޭ ބާރުތަކުގެ ދަށުން އަމަލުކުރުމުގައި ގާނޫނާ ހިލާފުނުވާ ގޮތެއްގެމަތިން ބޯޑުގެ މެންބަރަކު، ނުވަތަ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާމެދު ދައުވާއެއް ނުއުފުލޭނެއެވެ.

 

18 ވަނަ މާއްދާ - މަސްހަލަތު އޮތްކަން ހާމަކުރުން

މައާފު ހޯދުމަށް ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި ހުށަހަޅާ ފަރާތާ ބޯޑުގެ އެއްވެސް މެންބަރަކާ ދެމެދު އާއިލީ ގުޅުމެއް ނުވަތަ ރަހްމަތްތެރިކަމުގެ ގުޅުމެއް ނުވަތަ ގާނޫނީ ވަކީލާއި މުވައްކިލުގެ ގުޅުމެއް ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތްނަމަ، އެ މެންބަރަކު އެކަން ލިޔުމަކުން ބޯޑަށް ހާމަކުރުމަށްފަހު، އެފަދަ ގުޅުމެއް މެންބަރަކާއެކު އޮތް މީހަކު ބޯޑަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ބޯޑުގެ ޖަލްސާގައި ބަހުސްކުރެވޭ ހިނދު، ބޯޑުގެ އެޖަލްސާގައި އެފަދަ ގުޅުމެއް އޮތް ބޯޑުގެ މެންބަރު ހާޒިރުވެ ހުރެގެންނުވާނެއެވެ. އަދި އެ ހުށަހެޅުމަކާމެދު ބޯޑުން ގޮތެއް ނިންމުމުގައި އެ މެންބަރަކު އެއްވެސް ސިފައެއްގައި ބައިވެރިވުމާއި، ބޯޑުގެ އެހެން މެންބަރުންނަށް ނުފޫޒު ފޯރުވުމަށް ނުވަތަ ވަކިގޮތެއް ވިސްނައިދިނުމަށް ނުވަަތަ ވަކިގޮތަކަށް ވޯޓު ދިނުމަށް ބާރުއަޅައިގެންނުވާނެއެވެ.

 

19 ވަނަ މާއްދާ -  އަހަރީ ރިޕޯޓް

(ހ) ބޯޑުގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓުގައި، އެރިޕޯޓުގެ މުއްދަތުގައި ހިނގައިދިޔަ، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ބޯޑަށް ހުށަހެޅުނު ކަންކަން.
  2. ބޯޑުން ނިންމި މައްސަލަތަކާއި، އެމައްސަލަތައް ނިންމިގޮތް.
  3. ހުށަހެޅިފައިވާ މައްސަލަތަކެ ތެރެއިން، ބަލަމުންދާ މައްސަލަތައް.

(ނ) ދިމާވާ ހާއްސަ ހާލަތެއްގައި، ބޯޑަށް ފެނިއްޖެ ހިނދެއްގައި، އެހާލަތަކާގުޅޭ ހާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ އިހްތިޔާރު ބޯޑަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ -  ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަންފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު (2010)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

މައި ގާނޫނު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-02)

ކިޔުންތެރިންގެ ހިޔާލު