-

ކްލެމެންސީ ބޯޑުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2012-46)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ޑިސެމްބަރު 2012 ގައި)

 

1 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 9 ވަނަ މާއްދާގައި މިހާރު ލިޔެފައިވަނީ، އެ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ކަމުގައި ބަލައި އެމާއްދާއަށް (ށ) އިތުރު ކުރުން.

(ށ) ބޯޑުގެ ރަސްމީ ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވާ ޕާޓްޓައިމް މެމްބަރުންނަށް އެލަވަންސެއް ކަނޑައެޅުމުގެ އިހުތިޔާރު ތައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ – ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 11 ވަނަ މާއްދާއަށް (އ)، (ވ)، (މ) އަދި (ފ) އިތުރު ކުރުން.

(އ) ޕެރޯލްގެ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ޕެރޯލްގެ ފުރުސަތު ލިބިގަތުމަށްޓަކައި ހުށަހަޅާ އެފުރުސަތު ލިބިފައިވާ ފަރަތްތައް، ޕެރޯލްގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން އެފުރުސަތު ގެއްލުމުގެ ކުރިން، މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅައިފިނަމަ، ޕެރޯލް ގަވާއިދުގެ 16 ވަނަ މާއްދާގެ (ރ) އާ ހަވާލާދީ އެ ފޯމު ބާތިލުކުރިކަން އެފަރާތަށް އެންގުން؛

(ވ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 88 ވަނަ މާއްދާގެ ދަށުން ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމުގެ އަމުރެއް ޑްރަގް ކޯޓުން ކޮށްފައިވާ ފަރާތެއްނަމަ އެ ގާނޫނުގެ ދަށުން ހުކުމް ތަންފީޒުކުރަން ފެށުމުގެ ކުރިން، މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅައިފިނަމަ، އެގާނޫނުގެ 85 ވަނަ މާއްދާގެ (ކ) އާ ހަވާލާދީ އެ ފޯމު ބާތިލުކުރިކަން އެފަރާތަށް އެންގުން؛

(މ) ގާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ބުނެފައިވާ ރިޔާސީ ދައުރެއްގައި، މައާފުކޮށް ދިނުމާއި އަދަބުލުއިކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ އިލްތިމާސަކާ ގުޅިގެން، ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ (1) އަދި (3) ގެ ދަށުން ނިންމުމެއް ނިންމައިފިނަމަ ނުވަތަ އެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބަށް ލުޔެއް ދީފިނަމަ އެ ރިޔާސީ ދައުރު ނިމުމުގެ ކުރިން، ނުވަތަ އެގާނޫނުގެ 17 ވަނަ މާއްދަގެ (ށ) ގެ (2) ގެ ދަށުން ނިންމުމެއް ނިންމައިފިނަމަ އެ ނިންމުން ނިންމި ތާރީހުން ފެށިގެން 2 އަހަރު ދުވަސް ފާއިތުވުމުގެ ކުރިން އެ އިލްތިމާސްގައި ބުނެފައިވާ ކުށާ ގުޅިގެން، މައާފުކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅައިފިނަމަ، އެ ފޯމު ބާތިލުކުރިކަން އެފަރާތަށް އެންގުން؛

(ފ) ގާނޫނު ނަންބަރު 2010-02 (މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން އަމަލިކޮށްފައިވުމަކީ އެ ގާނޫނުގެ 7 ވަނަ މާއްދާއިން ލާޒިމުކުރާ ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ތިންބައިކުޅަ އެއްބައި ތަންފީޒުވުން ކަމަށް ނުބެލުން؛

 

3 ވަނަ މާއްދާ – ކްލެމެންސީ ބޯޑުގެ ގަވާއިދަށް މިގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު