-

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2022-125)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާއިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތައިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަށް ރިއާޔަތްކޮށް،އެ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ 9 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެންއެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

ނަން

(ށ) މި ގަވާއިދަށް ކިޔާނީ، "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަ ޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެ ފަދަ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަށްރޫއުތައް ކަނޑައެޅުން

(ހ) ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ކަނޑައެޅޭ މަށްރޫއުތަކުގެ ތެރެއިން، އެ މަށްރޫއެއް ހިންގުމުގެ މުގާބިލުގައި ނުވަތަ އެ މަށްރޫއަކަށް ހަރަދުކުރުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ، މުހިންމު މަށްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާގޮތަށް ކަނޑައަޅާ މަށްރޫއުތަކާ ގުޅޭ އަންނަނިވި ކަންކަން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

  1. ހިންގުމަށް ބޭނުންވާ މަށްރޫއުގެ ތައާރުފު 
  2. މަށްރޫއު ހިންގުމަށް ގަސްތުކުރެވޭ އަތޮޅާއި ރަށް ނުވަތަ ސަރަހައްދު
  3. މަށްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރު

(ނ) މި މާއްދާގެ (ހ) ގައިވާ މަށްރޫއުތަކުގެ ލިސްޓަށް އުނި އިތުރު ގެނެސް، މި މާއްދާގެ (ހ) ގައި ބުނާ ގަރާރު އިސްލާހުކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - މަށްރޫއުތައް ހިންގުމަށް ނުވަތަ މަށްރޫއުތަކަށް ހަރަދުކުރުމަށް އެދި ހުށަހެޅޭ ޕްރޮޕޯޒަލްތަކާމެދު އަމަލުކުރާނޭ ގޮތް (ސުރުހީއާއި މުޅި މާއްދާ އިސްލާހު ކުރެވިފައި)

މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރެވޭ މަށްރޫއެއް ހިންގުމަށް ނުވަތަ އެފަދަ މަށްރޫއަކަށް ހަރަދުކުރުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަތުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް. ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. (އިސްލާހު ކުރެވިފައި)

 

5 ވަނަ މާއްދާ - މަށްރޫއެއްގެ މުގާބިލުގައި ކުއްޔަށް ދޫކުރާ ތަންތަން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައެޅުން

(ހ) މަށްރޫއެއްގެ މުގާބިލުގައި ނުވަތަ މަށްރޫއަށް ކުރާ ހަރަދުގެ މުގާބިލުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ހިފުމަށް ހުށަހަޅައި، ސަރުކާރުން އެ ހުށަހެޅުން ގަބޫލުކުރުމުން، އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅައި އެކަން ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މަށްރޫއު ހިންގާ ފަރާތުންނުވަތަ މަށްރޫއަށް ހަރަދުކުރާ ފަރާތުން ތަނެއް ހުށަހެޅުމުން، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އެ ފަރާތަށް ކުއްޔަށް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

 

6 ވަނަ މާއްދާ - ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުން

(ހ) ކްރޮސް ސަބްސިޑީގެ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން އެ ނިންމެވުމާ އެއްގޮތަށް އެ ތަނެއްކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތާ އެކީ އެ ތަނެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ސޮއިކުރަންވާނެއެވެ.

(ށ) މަށްރޫއެއް ހިންގުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަށްރޫއުގެ ތެރެއިން ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅައިފައިވާ މަސައްކަތް ނިމުމުން ނުވަތަ މަށްރޫއުގެ ތެރެއިން، ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅަ އިފައިވާ މަސައްކަތް އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ، ދައުލަތާ ހަވާލުކުރުމުން ކަމުގައި އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
  2. މަށްރޫއު ހަވާލުކުރުމަށް ވެވޭ އެއްބަސްވުމާ އެއްގޮތަށް އެ މަށްރޫއު ކުރިއަށް ނުގެންދިއުމާ ގުޅިގެން މަށްރޫއު ހިންގުމަށް ހަވާލުކުރުމުގައި ހެދިފައިވާ އެއްބަސްވުން ބާތިލު ކުރާ ހާލަތުގައި، ކްރޮސް ސަބްސިޑީގެ ގޮތުގައި ކުއްޔަށް ދެވޭ ރަށް ނުވަތަ ފަޅު ނުވަތަ ބިމުގެ ކުލީގެ އެއްބަސްވުން ބާތިލުކުރެވޭނެ ކަމުގައާއި، އެ ފަދައިން ބާތިލުކުރެވޭ އެއްބަސްވުމަކާ ގުޅިގެން އަމަލުކުރާނީ، ގާނޫނު ނަންބަރު 1999-02  (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަން އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.

(ނ) މަށްރޫއަކަށް ހަރަދުކުރުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. މަށްރޫއަށް ހަރަދުކުރަން ހުށަހަޅައިފައިވާ ޖުމްލަ ފައިސާ، ސަރުކާރަށްދައްކަން 60) ފަސްދޮޅަސް) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފަން ހުށަހަޅައިފައިވާ ފަރާތަށް ދޭންވާނެއެވެ.
  2. މަށްރޫއަށް ކުރަން ކަނޑައަޅާ ހަރަދަށްވާ ޖުމްލަ ފައިސާ ދެއްކުމަށް މި އަކުރުގެ (1 (ވަނަ ނަންބަރުގެ ދަށުން ދެވޭ މުއްދަތު ހަމަވުމުގެ ކުރިން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިންއެފަދަ އިތުރު މުއްދަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިނަމަ، އެންމެ ފުރަތަމަ ފައިސާ ދެއްކުމަށް ދިން މުއްދަތު ހިމެނޭގޮތަށް ޖުމްލަ 180 (ސަތޭކަ އަށްޑިހަ) ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ފައިސާ ދެއްކުމަށް ދެވިދާނެއެވެ.
  3. ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަންވާނީ، އެ މަށްރޫއަކަށް އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން އެ މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ޖުމްލަ ފައިސާ، މި އަކުރުގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ދެވޭ މުއްދަތުގައި ދައުލަތަށް ދައްކައި ހަލާސްކުރުމުންނެވެ.

(ރ) ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އަޅައި ކަނޑައިދެވޭ އެކުއިޒިށަން ކޮސްޓާއި ބިމު ކުލީގެ މިންވަރު ނުވަތަ އެ މިންވަރު ހިސާބުކުރެވޭނެ އުސޫލު ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލައަދަދު ދެއްކުމުގެ ކުރިން، އަންނަނިވި ށަރުތުތަކާއެކު ކުލީގެ އެއްބަސްވުމުގައި ސޮއިކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)

  1. އެ ރަށަކަށް ނުވަތަ އެ ފަޅަކަށް ނުވަތަ އެ ބިމަކަށް ޖެހޭ ޖުމުލަ އަދަދު 10,000,000 (ދިހަ މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ، ބޮޑުވާ ނަމަ، އެ އަދަދުގެ %50 (ފަންސާސް އިންސައްތަ) ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެއްކުމާއެކު، ބާކީ ދައްކަންޖެހޭ ފައިސާ 31 ޑިސެންބަރު 2024 ގެ ނިޔަލަށް ބަހައިލައިގެން ދެއްކުން؛ (އިސްލާހު ކުރެވިފައި)
  2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ދެވޭ މުއްދަތުގައި މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދު ދައުލަތަށް ދައްކައި ހަލާސް ނުކޮށްފިނަމަ، އެ ތަނެއްގެ ކުލީގެ އެއްބަސްވުން ބާތިލު ކުރަންވާނެކަމަށް ކުލީގެ އެއްބަސްވުމުގައި ހިމެނުން؛
  3. މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެ ރަށް، ނުވަތަ އެ ފަޅު، ނުވަތަ އެ ބިން ކުއްޔަށް ހިފާ ފަރާތަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށް، ކުލީގެ އެއްބަސްވުމުގައި ހިމެނުން؛
  4. މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެ ރަށް، ފަޅު، ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތުން މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، ކުލީގެ އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް ދައްކައިފައިވާ އެއްވެސް ފައިސާއެއް އަނބުރާ ރައްދުނުކުރެވޭނެ ކަމަށް ކުލީގެ އެއްބަސްވުމުގައި ހިމެނުން.

 

7 ވަނަ މާއްދާ - އިންވެސްޓްމަންޓު ގެ ބަދަލުގައި އެކުއިޒިށަން ކޮސްޓާއި ކުލި އަޅައި ކަނޑައިދިނުން

(ހ) މި ގަވާއިދުގެ ދަށުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދިނުމަށްޓަކައި ރަށްރަށާއި، ބިންބިމާއި، ފަޅުފަޅުގެ އެކުއިޒިށަން ކޮސްޓުގެ އެން މެ ކުޑަ މިންވަރު ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވައިލައި،ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާގެ ރުހުން ހޯދަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް،މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައެޅޭ މިންވަރަށްވުރެކުޑަނޫން އެކުއިޒިށަން ކޮސްޓެއް ކަނޑައަޅަންވާނެއެވެ.

(ނ) ކުއްޔަށް ދޫކުރާ ރަށަށް ނުވަތަ ބިމަށް ނުވަތަ ފަޅަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކަނޑައެޅޭ އެކުއިޒިށަން ކޮސްޓާއި، އެ ތަނެއް ކުއްޔަށް ދޫކުރުމުން، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން އެ ތަނަކަށް ދައްކަންޖެހޭ ބިމު ކުލި، އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މަށްރޫއަށް ހަރަދު ކޮށްފައިވާ ފައިސާއާ އަޅައިކަނޑައި ދެވިދާނެއެވެ.

 

8 ވަނަ މާއްދާ - މަށްރޫއުތަކަށް ހަރަދުކުރުމަށް ލިބޭ ފައިސާއާމެދު އަމަލުކުރާނެ ގޮތް

(ހ) މަށްރޫއެއް ހިންގުމަށް ދޭ ފައިސާއާމެދު އަމަލުކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) އެ މަށްރޫއެއްގެ ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާ މަށްރޫއުތަކަށް ހަރަދުކުރަން އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާ ފަރާތުން ސަރުކާރަށް ދައްކާ ފައިސާ ޖަމާކުރަންވާނީ އެކަމަށް 
ހާއްސަ ކުރެވޭ ޓްރަސްޓް އެކައުންޓަކަށެވެ.

(ނ) ވަކި މަށްރޫއަކަށް ހަރަދުކުރުމަށް ލިބޭ ފައިސާ ހަރަދުކުރަންވާނީ ހަމައެކަނި އެ މަށްރޫއުގެ މަގުސަދުތަކުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބުނެފައިވީނަމަވެސް، ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން ހިންގުމަށް ކަނޑައަޅާ މަށްރޫއެއް ނިމޭއިރު އެ މަށްރޫއަކަށް ހަރަދު ކުރުމަށް ލިބިފައިވާ ފައިސާއިން ބައެއް ބާކީ ވެފައިވާނަމަ އެ ފައިސާ، އެ މަށްރޫއެއް ހިންގުމުގެ ނުވަތަ ހިންގަން ހަރަދުކުރުމުގެ މުގާބިލުގައި ކްރޮސް ސަބްސިޑީގެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ކަނޑައަޅައިފައިވާ އެހެން މަށްރޫއަކަށް ހަރަދުކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ - ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް ދައުލަތުން އެއްބަސްވެފައިވާ އެއްބަސްވުންތައް

(ހ) ގާނޫނު ނަންބަރު 2020-35 ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގައި ނިމިފައިވާ ޕްރޮޖެކްޓެއްގެ މުގާބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާނަމަ، މި މާއްދާގައިވާ ގޮތަށް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދެވިދާނެއެވެ.

(ށ) ގާނޫނު ނަންބަރު 2020-35 (ގާނޫނު ނަންބަރު 1999-02  (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގައި ނިމިފައިވާ ޕްރޮޖެކްޓެއްގެ މުގާބިލުގައި ރަށެއް ދޫކުރުމުގެ ކުރިން އެ ޕްރޮޖެކްޓަކާ ގުޅޭ އަންނަނިވި މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ.

  1. މަށްރޫއުގެ ތައާރުފު 
  2. މަށްރޫއު ހިންގައިފައިވާ އަތޮޅާއި ރަށް
  3. މަށްރޫއު ހިންގި ފަރާތުން ކޮށްފައިވާ ހަރަދު 
  4. މަށްރޫއު ހިންގި ފަރާތް
  5. މަށްރޫއު ހިންގުމަށް އެ ފަރާތާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުން އެކުލަވައިލެވުނު ތާރީހު
  6. މަށްރޫއު ނިމުނު ތާރީހު 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މަށްރޫއާ ގުޅޭ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، މި ގަވާއިދުގެ 5 ވަނަ މާއްދާއާ އެއްގޮތަށް އެ މަށްރޫއެއްގެ މުގާބިލުގައި ދޫކުރާނެ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކަނޑައަޅަންވާނެއެވެ.

(ރ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާއާ އެއްގޮތަށް ކުއްޔަށް ދޫކުރާ ރަށަކާއި ނުވަތަ ފަޅަކާއި ނުވަތަ ބިމަކާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ބިމު ކުލި އަދި އެކުއިޒިށަން ކޮސްޓް، އެ މަށްރޫއެއް ހިންގުމުގެ މުގާބިލުގައި މަށްރޫއަށް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން ހަރަދު ކޮށްފައިވާ ފައިސާއާ އަޅައި ކަނޑައިދޭންވާނީ، އެ މަށްރޫއަކާ ގުޅިގެން އެންމެ ފުރަތަމަ ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ،ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ކަންކަން ހިންގައި ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މަތިކުރައްވައިފައިވާ ވުޒާރާއަށެވެ.

(ށ) "ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލާ ކަނޑައަޅައިފައިވާ އަދަދަކަށް، އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.

(ނ) "ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ވަޒީރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލާ ކޮމިޓީތަކަށެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހަޅައިފައިވާ ހުށަހެޅުންތައް

މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން 2021-114 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް، އަލުން ހުށަހެޅުމަކާ ނުލައި، މި ގަވާއިދުގެ ދަށުން ގަބޫލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2021-114 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) އުވުނީއެވެ. 

 

ޖަަދުވަލު 1

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް. ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯޒަލް 
ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު 

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، މި ގަވާއިދުގެ ދަށުނ،ް ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭ ޕްރޮޕޯޒަލްތައް ހުށަހެޅުމާއި، އެފަދަ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ. 

 

2 ވަނަ މާއްދާ - ޕްރޮޕޯޒަލުގެ ބާވަތްތައް 

މި އުސޫލުގެ ދަށުން ސަރުކާރަށް ހުށަހެޅޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަދަ ޕްރޮޕޯޒަލްތަކެވެ.

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ މަށްރޫއެއް ހިންގުމަށް ހަރަދުކުރުމަށް އެދި ހުށަހެޅޭ ޕްރޮޕޯޒަލް.

 

3 ވަނަ މާއްދާ - ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް

މި އުސޫލުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅަންވާނީ، ތިރީގައިވާ ބައިތައް ހިމެނޭ ގޮތަށެވެ.

(ހ) އެޕްލިކޭށަން ފޯމު.

(ށ)

  1. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާރޓްނަރށިޕެއް ނަމަ، ރަޖިސްޓަރީކޮށްފައިވާކަމުގެ ސެޓުފިކެޓުގެ ކޮޕީއާއި، އަސާސީ ގަވާއިދުގެ ކޮޕީއާއި، ހިންގާ ގަވާއިދުގެ ކޮޕީ ނުވަތަ އެނޫންވެސް ގާނޫނީ އެފަދަ ލިޔެކިޔުންތަކުގެ ކޮޕީ؛
  2. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ދިވެހި އަމިއްލަ ފަރުދެއް ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛ 
  3. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތަކީ ބިދޭސީއެއް ނަމަ، އެ ފަރާތުގެ ޕާސްޕޯޓުގެ ނޯޓަރައިޒްކޮށްފައިވާ ކޮޕީ.

(ނ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.

(ރ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ ކޮޕީ (މި އަކުރު މިހެން އޮތްކަމުގައި ވިޔަސ،ް ހުށަހެޅިފައިވާ ޕްރޮޕޯޒަލުގައި ހިމެނޭ ކަންކަމުގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރަށްވުރެ ދިގު މުއްދަތުގެ އޮޑިޓުކޮށްފައިވާ މާލީބަޔާން ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.)

(ބ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލަކީ މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލެއް ނަމަ، އެ މަށްރޫއު ގެ ދާއިރާގައި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފަންނީ ގާބިލުކަން ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.

 

4 ވަނަ މާއްދާ - ޕްރޮޕޯޒަލް ހުށަހެޅުން

(ހ) ޕްރޮޕޯޒަލް ހުށަހަޅާނީ، މިނިސްޓްރީގެ އަންނަނިވި އެޑްރެހަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް

5 ވަނަ ފަންގިފިލ،ާ ވެލާނާގ،ެ އަމީރު އަހްމަދު މަގ،ު މާލ،ެ ދިވެހިރާއްޖެފޯނ:ު 2200 302 +960

އީމެއިލް: [email protected]

(ށ) ޕްރޮޕޯޒަލް ތައްޔާރުކުރުމުގައި އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ނަމަ،އެ ކަމެއް ސާފުކުރުމަށް ޓަކައި މަތީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ ކަމެއް ސާފުކުރުމަށް ހުށަހެޅިދާނެއެވެ.

(ނ) ޕްރޮޕޯޒަލެއް ހުށަހެޅުމަށްފަހ،ު ޕްރޮޕޯޒަލާއި އެ ޕްރޮޕޯޒަލަކާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބޭނެއެވެ. އެހެންނަމަވެސ،ް ޕްރޮޕޯޒަލުގައި ހިމެނިފައިވާ އެންމެހައި މައުލޫމާތުތަކުގެ ފިކުރީ މިލްކުވެރިކަމުގެ ހަމައެކަނި ހައްގުވެރި ފަރާތަކީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތެވެ.

(ރ) ޕްރޮޕޯޒަލް ހުށަހެޅުމުގައި ހިނގާ ހުރިހާ ހަރަދަކަށް ޒިންމާވާނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުންނެވެ.

(ބ) މިނިސްޓްރީއަށް ޕްރޮޕޯޒަލެއް ލިބުމުނ،ް އެ ޕްރޮޕޯޒަލް ލިބުނުކަމުގެ ރަސީދެއް، ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - އެސެސްމަންޓާއި، ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުން

މި ގަވާއިދުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތައް އެސެސްކޮށް ޕްރޮޕޯޒަލާމެދު ގޮތެއް ނިންމާނީ ތިރީގައިވާ މަރުހަލާތަކަށް ބަހައިލައިގެންނެވެ.

(ހ) ފުރަތަމަ މަރުހަލާ.

  1. ޕްރޮޕޯޒަލް ހުށަހެޅުމުގައި ކަނޑައަޅައިފައިވާ އަސާސީ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ އިވެލުއޭށަން ކޮމިޓީން ބެލުން؛
  2. ޕްރޮޕޯޒަލާ ގުޅޭ ޑީޓެއިލްޑް އެސެސްމަންޓެއް އިވެލުއޭށަން ކޮމިޓީން ހެދުން؛
  3. ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ޕްރޮޕޯޒަލް ހުށަހެޅުމާމެދު އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމުން.

(ށ) ދެވަނަ މަރުހަލާ.

  1. ޕްރޮޕޯޒަލާމެދު ގޮތެއް ނިންމުމަށް ޓަކައި ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުން؛
  2. މަށްރޫއުގެ ނުވަތަ ފައިސާ ދައްކާނެ ގޮތުގެ ޓަރމްސް ނެގޯށިއޭޓްކޮށް ފައިނަލައިޒްކުރުން.

(ނ) ތިންވަނަ މަރުހަލާ.

  1. ފޮރިން އިންވެސްޓްމަންޓް އަ/ދިނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން؛
  2. އެއްބަސްވުމުގައި ސޮއިކުރުން.

 

 

ފުރަތަމަ މަރުހަލާ 

 

6 ވަނަ މާއްދާ އިނީށަލް އެސެސްމަންޓް

(ހ) ޕްރޮޕޯޒަލް ހުށަހެޅުމުން ހެދޭ އިނީށަލް އެސެސްމަންޓުގައި، މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގައި ހިމަނަންޖެހޭ ބައިތައް ހިމަނައިފައިވޭތޯ، އިވެލުއޭށަން ކޮމިޓީން ކަށަވަރުކުރަންވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލެއްގައި ހިމަނަންޖެހޭކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވާ ބައިތައް ޕްރޮޕޯޒަލުގައި ފުރިހަމަޔަށް ހިމަނައިފައި ނުވާކަމަށް. މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހަދާ އިނީށަލް އެސެސްމަންޓުން މިނިސްޓްރީއަށް ފެންނަ ހާލަތުގައި، އިވެލުއޭށަން ކޮމިޓީން އެ ޕްރޮޕޯޒަލް ފުރިހަމަކޮށް އަލުން ހުށަހެޅުމަށް ނުވަތަ އެ ޕްރޮޕޯޒަލް ބާތިލުކުރުމަށް އިވެލުއޭށަން ކޮމިޓީއަށް ނިންމިދާނެއެވެ. އަދި މިގޮތުގެ މަތީން ނިންމާ ނިންމުން، އެގޮތަށް ނިންމި ސަބަބުތައް ބަޔާންކޮށް. ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ޑީޓެއިލްޑް އެސެސްމަންޓް 

(ހ) މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނީށަލް އެސެސްމަންޓް ހެދުމަށްފަހު ބަލައިގަތުމަށް ނިންމާ ޕްރޮޕޯޒަލްތަކުގެ ޑީޓެއިލްޑް އެސެސްމަންޓެއ،ް ތިރީގައިވާ ކަންކަން ހިމެނޭގޮތަށް، އިވެލުއޭށަން ކޮމިޓީން ތައްޔާރުކުރަންވާނެއެވެ.

  1. ހުށަހަޅައިފައިވާ ޕްރޮޕޯޒަލަކީ ވަކި މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅައިފައިވާ ޕްރޮޕޯޒަލެއް ނަމަ، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް. އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު؛
    1. ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުން ހުށަހަޅައިފައިވާ މަށްރޫއާއި އެފަދަ އެހެނިހެން މަށްރޫއުތައް ހިންގުމުގައި މަސައްކަތްކޮށްފައިވާ މިންވަރާއި، އެކަމުގެ ތަޖުރިބާ. 
    2. ހުށަހަޅައިފައިވާ މަށްރޫއު ހިންގުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު.
    3. މަށްރޫއަށް ފަންޑުކުރުމަށް ރާވައިފައިވާ ގޮތް.
    4. އިތުރު އެއްވެސް ކޮމާށަލް ޓަރމްއެއް ހުށަހެޅިފައިވާ ނަމަ، އެފަދަ ޓަރމްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރު.
  2. ހުށަހަޅައިފައިވާ ޕްރޮޕޯޒަލަކީ ވަކި މަށްރޫއެއް ހިންގުމަށް ހަރަދުކުރުމަށް އެދި ހުށަހަޅައިފައިވާ ޕްރޮޕޯޒަލެއް ނަމަ، ތިރީގައިވާ ކަންކަން ހިމެނޭގޮތަށް. އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ ފަންނީ ގާބިލުކަމާއި މާލީ ގާބިލުކަންހުރި މިންވަރު.
    1. ހުށަހަޅައިފައިވާ މަށްރޫއު ހިންގުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރު.
    2. މަށްރޫއަށް ފަންޑުކުރުމަށް ރާވައިފައިވާ ގޮތް.
    3. އިތުރު އެއްވެސް ކޮމާށަލް ޓަރމްއެއް ހުށަހެޅިފައިވާ ނަމަ، އެފަދަ ޓަރމްތައް ސަރުކާރަށް ގަބޫލުކުރެވޭ މިންވަރު.
  3. ހުށަހެޅިފައިވާ ޕްރޮޕޯޒަލުގައި، ކްރޮސް ސަބްސިޑީގެ ދަށުން ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށް ކަނޑައެޅޭ އެންމެ މަދު އަދަދު އަދި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުން އެކުއިޒިށަން ކޮސްޓުގެ ގޮތުގައި ހުށަހަޅައިފައިވާ އަދަދ.ު

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ޑީޓެއިލްޑް އެސެސްމަންޓް ތައްޔާރުކުރުމުގައި ކަމާ ގުޅޭ އެންމެހައި ފަންނީ ތަޖުރިބާކާރުންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ދާއިރާއާއި، މާލީ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާއި ކަމާގުޅޭ މި ނޫންވެސް މުއައްސަސާތަކުގެ އެހީތެރިކަން ހޯދިދާނެއެވެ.

(ނ) ޕްރޮޕޯޒަލުގެ އިނީށަލް އެސެސްމަންޓާއި، ޑީޓެއިލްޑް އެސެސްމަންޓަށްފަހު އިވެލުއޭށަން ކޮމިޓީއަށް އަންނަނިވި ގޮތަށް ނިންމިދާނެއެވެ.

  1. ހުށަހަޅައިފައިވާ ގޮތަށް ކުރިޔަށްގެންދަން ނިންމުމަށް؛
  2. ސީދާ މަށްވަރާއަކަށް ދިއުމަށް ނިންމުމަށް؛
  3. ކުރިޔަށް ގެންދިޔުމަށް ނުފެންނަކަމަށް ނިންމުމަށ.ް

(ރ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އިވެލުއޭށަން ކޮމިޓީން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބު ބަޔާންކޮށް. ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލުގެ ކަންކަން ކުރިޔަށްގެންދިއުމަށް ނުފެންނަކަމަށް އިވެލުއޭށަން ކޮމިޓީން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބު ބަޔާންކޮށް. ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް މިނިސްޓްރީން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ދެވަނަ މަރުހަލާ ޕްރޮޕޯޒަލާ ގުޅޭ މަށްވަރާތައް ކުރިޔަށްގެންދިޔުމާއި، ކޮމާށަލް ޓަރމްސް ފައިނަލައިޒްކުރުން

(ހ) ޕްރޮޕޯޒަލުގައި ހިމެނިފައިވާ ކަންކަމާ ގުޅޭގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު، މި އުސޫލުގެ 7 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސީދާ މަށްވަރާއަށް ދިޔުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފި ނަމަ، އެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މިނިސްޓްރީން ސީދާ މަށްވަރާއަށް ގޮސް މަށްރޫއުގެ ޓަރމްސްތައް ފައިނަލައިޒް ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު ސީދާ މަށްވަރާއަށް ދިޔުމަށް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ނިންމާ ހާލަތުގައި، މަށްރޫއުގެ ޓަރމްސްތަކާމެދު ސީދާ މަށްވަރާއަށް ދިޔުމުގެ ކުރިން އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު ފަހުމުނާމާ )މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ( އެއްގައި ސޮއިކުރުމަށް ދެފަރާތުންއެއްބަސްވެވޭ ނަމަ، އެފަދަ ފަހުމުނާމާއެއްގައި ސޮއިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއި ސަރުކާރާއެކު ސީދާ މަށްވަރާތައް ކުރުމުގައި ކަމާ ގުޅޭ އެންމެހައި ވުޒާރާތައް ބައިވެރިކުރަންވާނެއެވެ. އަދި މިކަމުގައި ފަންނީ ތަޖުރިބާކާރުންގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ދާއިރާއާއި، މާލީ ދާއިރާއާއި، ތިމާވެށީގެ ދާއިރާ ހިމެނޭހެނ،ް ކަމާގުޅޭ މުއައްސަސާތަކުގެ އެހީތެރިކަން ވެސް ހޯދިދާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ކުރެވޭ ސީދާ މަށްވަރާތައް ނިމިގެންދާގޮތަށް ރިއާޔަތްކޮށް. ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ މައިގަނޑު ޓަރމްސްއާމެދު ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ހުއްދަ ހޯދުމަށް އިވެލުވޭށަން ކޮމިޓީގެ ލަފާގެ މަތީނ،ް ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށް މިނިސްޓްރީން ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ތިންވަނަ މަރުހަލާ ފޮރިން އިންވެސްޓްމަން އަ/ދިނުވަތަ ވިޔަފާރި ރަޖިސްޓަރީކުރުން

މި ގަވާއިދުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތަކ،ީ ދިވެހިރާއްޖޭގައި މަށްރޫއެއް ހިންގުމަށް ޓަކައި ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއް ރަޖިސްޓަރީކުރަންޖެހޭ ފަރާތެއް ކަމުގައި ވާ ނަމަ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ކަންކަމުގެ ގާނޫނީ އިޖުރާތު ފުރިހަމަކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - އެއްބަސްވުމުގައި ސޮއިކުރުން

(ހ) މި މަރުހަލާގައި، ސަރުކާރާއި ޕްރޮޕޯޒަލް ހުށަހަޅައިފައިވާ ފަރާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ. މި އެއްބަސްވުން ބިނާކުރެވޭނީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ އަދި ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ހުއްދަ ދީފައިވާ 

 

ޖަދުވަލު 1 (މުޅި ޖަދުވަލު އިތުރު ކުރެވިފައި)

އިވެލުއޭށަން ކޮމިޓީ 

 

11 ވަނަ މާއްދާ -އިވެލުއޭށަން ކޮމިޓީ

މި އުސޫލުގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލްތައް ވަޒަންކުރާނީ، މި މިނިސްޓްރީން އެކުލަވައިލާ ކޮމިޓީންނެވެ.

 

12 ވަނަ މާއްދާ -ކޮމިޓީ އައްޔަނުކުރުން .

އިވެލުއޭށަން ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ ޓޫރިޒަމާބެހޭ ވަޒީރެވެ.

 

13 ވަނަ މާއްދާ - ކޮމިޓީގައި ހިމެނޭ ފަރާތްތައް

އިވެލުއޭށަން ކޮމިޓީގައި ހިމެނޭނީ ތިރީގައިވާ ފަރާތްތަކެވެ.

(ހ) މިނިސްޓްރީގެ ފަރާތުން އައްޔަނުކުރާ 3 (ތިނެއް) މެންބަރުން.

(ށ) ޕްރޮޕޯޒަލް ހިމެނޭ ދާއިރާއާ ގުޅުންހުރި މިނިސްޓްރީން އައްޔަނުކުރާ 2 (ދޭއް) މެންބަރުން.

(ނ) ކޮމިޓީގެ ސެކެޓޭރިއަޓް ބެލެހެއްޓުމަށް ޓަކައި އައްޔަނުކުރާ 2 (ދޭއް) މެންބަރުން.

 

14 ވަނަ މާއްދާ - ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާ

މި ގަވާއިދުގެ ދަށުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ޒިންމާތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުން.

(ށ) ޕްރޮޕޯޒަލް އެސެސްކުރުމުގައި އިތުރު މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި،މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައުލޫމާތު ހުށަހެޅުން.

(ނ) ޕްރޮޕޯޒަލާއެކު ހުށަހަޅާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން.

 

15 ވަނަ މާއްދާ - މިނިސްޓްރީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

(ހ) ހުށަހެޅޭ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައްޔާއި، އެ ޕްރޮޕޯޒަލްތައް އެނަލައިޒް ކުރުމުގައްޔާއި، މި ކަންކަން ވިލަރެސްކުރުމުގައި އެންމެ އިސް ދައުރު އަދާކުރުނ.ޓަރމްސްގެ މައްޗަށެވެ.

(ށ) މި ގަވާއިދުގެ ދަށުން މަށްރޫއެއް ހިންގުމަށް އެދި ހުށަހަޅާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ، އެ މަށްރޫއެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން މަށްރޫއެއް ހިންގުމަށް ހަރަދުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ މިނިސްޓްރީންނެވެ.

(ރ) މި ގަވާއިދުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތަކާ ގުޅިގެން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރާނީ މިނިސްޓްރީންނެވެ.

(ށ) ޕްރޮޕޯޒަލްތައް ލިބޭ މިންވަރަކުން ގަވާއިދުން އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަމުން ގެންދިއުން.

(ނ) ހުށަހަޅައިފައިވާ ޕްރޮޕޯޒަލް ފުރިހަމަތޯ ބެލުން.

(ރ) ޕްރޮޕޯޒަލް އެސެސްކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެހެނިހެން ވުޒާރާތަކާއި އިދާރާތައް ބައިވެރިކުރުމުގެ ކަންކަން ހަމަޖެއްސުން.

(ބ) ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ކިބައިން އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ، އެ މައުލޫމާތެއް ފޯރުކޮށްދިނުމަށް އެދުން.

(ޅ) ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް އެ ޕްރޮޕޯޒަލުގެ ކޮމްޕްލައެންސް ނުވަތަ ނޮނ-ްކޮމްޕްލައެންސް އެންގުން.

(ކ) މި އުސޫލުގައި ކަނޑައަޅައިފައިވާ އެސެސްމަންޓް ކްރައިޓީރިއާގެ ދަށުން ޕްރޮޕޯޒަލް އެސެސްކުރުން.

 

16 ވަނަ މާއްދާ - ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ދައުރު

(ހ) ފުރަތަމަ މަރުހަލާ ކަޑައްތުކޮށްފައިވާ ޕްރޮޕޯޒަލްތަކާމެދު ގޮތެއް ނިންމުން.

(ށ) މަށްރޫއުގެ މައިގަނޑު ޓަރމްސްއަށް ހުއްދަދިނުން.

(ނ) ކުރިން އެއްބަސްވެފައިވާ ޓަރމްސްއަށް ނުވަތަ މަށްރޫއާބެހޭ މުހިންމު އެއްވެސް ކަމަކަށް ބަދަލެއް އަތުވެއްޖެ ހާލަތެއްގައި، އެ ބަދަލަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމާމެދު ގޮތެއް ނިންމުން. އެހެނިހެން

 

17 ވަނަ މާއްދާ - މައުލޫމާތު ހާމަކުރުން

(ހ) މި އުސޫލުގެ ދަށުން ހުށަހެޅޭ ޕްރޮޕޯޒަލްތަކުގެ ތެރެއިން އެއްބަސްވުމަކާ ހަމަޔަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށާއިއުކުރެވޭ މައުލޫމާތުގެ ތެރޭގައި ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި، ހުށަހަޅައިފައިވާ ޕްރޮޕޯޒަލުގެ ސްކޯޕް ހިމަނަންވާނެއެވެ.

(ނ) ވިޔަފާރީގެގޮތުން ހައްސާސް މައުލޫމާތުތައް ރައްކައުތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ޓަކައި އެއްވެސް މައުލޫމާތެއް ހާމަކުރަންވާނީ، މިނިސްޓްރީން އެ ޕްރޮޕޯޒަލް ހުށަހެޅި ފަރާތާއެކު މަށްވަރާކުރުމަށްފަހުގައެވެ.

 

18 ވަނަ މާއްދާ - އާންމު މާއްދާ

(ހ) ޕްރޮޕޯޒަލް އެސެސްކުރުމުގެ އެންމެހައި މަރުހަލާތަކުގައްޔާއި އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިޔަށްގެންދަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި އުސޫލުގައި ބަޔާންކޮށްފައިނުވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަމާމެދު ގޮތެއް ނިންމާނީ، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީންނެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

"އިވެލުއޭށަން ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނީ، މިނިސްޓްރީން އައްޔަނުކުރާ 3 (ތިނެއް) މެން ބަރުންނާއި ޕްރޮޕޯޒަލުގައި ހިމެނޭ މަށްރޫއުގެ ދާއިރާއާ ގުޅޭ ވުޒާރާއިން އައްޔަނުކުރާ 2 (ދޭއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަށެވެ.

 

މައި ގަވާއިދު

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-125)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

އުވުނު ގަވާއިދު

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-114)

ކިޔުންތެރިންގެ ހިޔާލު