-

ގްރީން ޓެކްސް ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2015-181)

(1ވަނަ، 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ – ތައާރަފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ "ގްރީން ޓެކްސް ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) އާއި (މ) އާއި (ފ) ގެ ދަށުން ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، ގްރީން ޓެކްސް ނެގުމަށް ޓަކައި މީރާއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

 

އެއްވަނަ ބާބު: ރަޖިސްޓަރީކުރުން

 

3 ވަނަ މާއްދާ – ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން

(ހ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ތާރީހުން ފެށިގެން އެ ތަނެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވުނީ އެވެ. މި ގޮތުން އެ ޓޫރިސްޓު ރިޒޯޓު ނުވަތައިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓް ނުވަތަ ޓޫރިސްޓު ހޮޓާ ނުވަތަ ރިޒޯޓް ހޮޓާ ނުވަތަ ހޮޓާ ނުވަތަ އުޅަނދު ނުވަތަ ގެސްޓްހައުސްނުވަތަ އެނޫންވެސް އެފަދަ ތަނެއް މީރާގައި ރަޖިސްޓަރީ ކުރެވޭނީ އެ ތަން ނުވަތަ އެ އުޅަނދު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ނަމުގައެވެ. އަދި އެއިން ކޮންމެ ތަނަކާއި އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވޭނ ވަކިންނެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ-1) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު ހޮޓަލަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ހިންގުމުގެ ހުއްދަ، ގާނޫނު ނަންބަރު 2022-08 (ގާނޫނު ނަންބަރު 1999-02، (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން ބަދަލުކޮށްފިނަމަ، އެ ބަދަލުކުރެވުނު ކެޓަގަރީ އަށް، އެ ތަނެއް ގްރީން ޓެކުހަށް ކޮށްފައިވާރަޖިސްޓަރީ އަންނަނިވި ތާރީހުތަކުގެ ތެރެއިން ފަހުން އަންނަ ތާރީހަކުން ފެށިގެން ބަދަލުކުރެވޭނެއެވެ. (އިތުރު ކުރެވިފައި)

  1. ގާނޫނު ނަންބަރު 2022-08 (ގާނޫނު ނަންބަރު 1999-02، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން ހިންގުމުގެ ހުއްދަ ބަދަލުކުރި ތާރީހު؛
  2. 1 ޖަނަވަރީ 2023.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދުތައް މީރާގައި ރަޖިސްޓަރީކުރެވޭނީ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ދަށުން އައްޔަންކޮށްފައިވާ، އެ އުޅަނދުގެ ލޯކަލް އޭޖެންޓުގެ ނަމުގައެވެ.

(ނ) ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީ ކުރަންޖެހޭ ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑްޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަޓޫރިސްޓު އުޅަނދެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އެ މިނިސްޓްރީ ގައި ރަޖިސްޓަރީ ނުކޮށް ހިންގިކަމުގައި ވިޔަސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ނުވަތަ އެ ތަން ނުވަތަ އުޅަނދު ހިންގަން ފެށީ މި ގަވާއިދަށް އަމަލުކުރަން ފެށުމަށް ފަހުގައި ކަމަށް ވާނަމަ، އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށި ތާރީހުން ފެށިގެން، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) ޤާނޫނުގެ ދަށުން މިނިސްޓްރ އޮފް ޓޫރިޒަމުގައި ރަޖިސްޓަރ ކުރަންޖެހޭ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް ނުވަތަ އުޅަނދެއް އެ މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހިންގިކަމުގައި ވިޔަސް، އެ ތަނަކުން ނުވަތަ އެ އުޅަނދަކުން، ޤާނޫނުގެ ދަށުން ގްރީން ޓެކްސް ނެގުން ލާޒިމުވާ ތާރީޚުން ފެށިގެން، ނުވަތަ އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށީ އެ ތަނަކުން ނުވަތަ އެ އުޅަނދަކުން ޤާނޫނުގެ ދަށުން ގްރީން ޓެކްސް ނެގުން ލާޒިމުވާ ތާރީޚުގެ ފަހުން ކަމަށްވާނަމަ، އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށި ތާރީޚުން ފެށިގެން، އެ ތަން ނުވަތަ އެ އުޅަނދު ގްރީން ޓެކްސްއަށް ރަޖިސްޓަރ ކުރެވޭނެއެވެ. އަދި އެ ތަން ނުވަތަ އެ އުޅަނދު ހިންގާ ފަރާތުން ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ. (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)

 

4 ވަނަ މާއްދާ – އޮޕަރޭޓްކުރަމުންދާ ރިޒޯޓުތަކާއި ހޮޓާތަކާއި އުޅަނދުތަކާއި ގެސްޓްހައުސްތައް ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން 31 އޮކްޓޫބަރު 2015 ގެ ނިޔަލަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެފަދަ ރިޒޯޓުތަކާއި ހޮޓާތަކާއި އުޅަނދުތައް މީރާއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ތަން ހިންގުމުގެ ހުއްދަ އޮންނަ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(ށ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން 30 ސެޕްޓެމްބަރު 2016 ގެ ނިޔަލަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސްތައް ރަޖިސްޓަރީކުރުމަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެ ފަދަ ގެސްޓްހައުސްތައް މީރާއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ތަން ހިންގުމުގެ ހުއްދަ އޮންނަ ފަރާތަށް ފޯރުވައިދެވޭނެއެވެ. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ – ޓިން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ ކޮންމެ ޓޫރިސްޓު ރިޒޯޓަކަށާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށާއި، ޓޫރިސްޓު ހޮޓަލަކަށާއި، ރިޒޯޓް ހޮޓަލަކަށާއި، ހޮޓަލަކަށާއި، ޓޫރިސްޓު އުޅަނދަކަށާއި، ޓޫރިސްޓު ގެސްޓްހައުސްއަކަށާއި އެނޫންވެސް އެފަދަ ތަންތަނަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

 

6 ވަނަ މާއްދާ – ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓް

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ ކޮންމެ ޓޫރިސްޓު ރިޒޯޓަކަށާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށާއި، ޓޫރިސްޓު ހޮޓަލަކަށާއި، ރިޒޯޓް ހޮޓަލަކަށާއި، ހޮޓަލަކަށާއި، ޓޫރިސްޓު އުޅަނދަކަށާއި، ޓޫރިސްޓު ގެސްޓްހައުސްއަކަށާއި، އެނޫންވެސް އެފަދަ ތަންތަނަށް ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓެއް ދޫކުރެވޭނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ ކޮންމެ ތަނަކުންނާއި ކޮންމެ އުޅަނދަކުން، އެ ތަނެއް ނުވަތަ އެ އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކޮށްފައިވާކަން ކަސްޓަމަރުންނަށް އަންގައިދިނުމުގެ ބޭނުމަށް، މީރާއިން ދޫކޮށްފައިވާ ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނޭހެން އެ ތަނެއްގައި ނުވަތަ އެ އުޅަނދެއްގައި ބަހައްޓަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

7 ވަނަ މާއްދާ – ރަޖިސްޓަރީ ބާތިލުކުރުން

ޓޫރިސްޓު ރިޒޯޓު، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓު، ޓޫރިސްޓު ހޮޓާ، ރިޒޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓު އުޅަނދު ނުވަތަ ޓޫރިސްޓު ގެސްޓްހައުސް ނުވަތަ އެނޫންވެސް އެފަދަ ތަނެއްގެ ހިންގުމުގެ ހުއްދަ ބާތިލުކުރާ ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ގްރީން ޓެކްސް ރެޖިސްޓޭށަން ބާތިލުކުރުމަށް އެދި އެ ހުއްދަ އޮތް ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. (އިސްލާހު / އިސްލާހު2 ކުރެވިފައި)

 

ދެވަނަ ބާބު: ގްރީން ޓެކްސް ހިސާބުކުރުން

 

8 ވަނަ މާއްދާ – ގްރީން ޓެކްސް ހިސާބުކުރުން

ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) ގެ ބޭނުމަށް، ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ގްރީން ޓެކްސް ނަގަން ފަށާނީ، ޓޫރިސްޓަކު ޓޫރިސްޓު ރިޒޯޓަކަށް،އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށް، ޓޫރިސްޓު ހޮޓަލަކަށް، ރިޒޯޓް ހޮޓަލަކަށް، ހޮޓަލަކަށް، ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ޗެކް-އިން ވާ ވަގުތުން ފެށިގެންނެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) ޓޫރިސްޓު ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި ޓޫރިސްޓުއުޅަނދުތަކާއި އެނޫންވެސް އެފަދަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި ނުވަތަ އެ އުޅަނދުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ޓޫރިސްޓު ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އެހެންނަމަވެސް އެ ޓޫރިސްޓު އެ ތަނުން ޗެކް-އައުޓް ވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނ، އެ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 ( ބާރަ) ގަޑިއިރު ހޭދަކޮށްފައިވާނަމައެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 50 (ފަންސާސް) ކޮޓަރިއަށް ވުރެ ގިނަ އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު ގެސްޓްހައުސްތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، 1 ޖަނަވަރ 2023 އިން ފެށިގެން، ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، 50 (ފަންސާސް) ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، 1 ޖަނަވަރ 2023 އިން ފެށިގެން،ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. (އިސްލާހު ކުރެވިފައި)

(ބ) މަސް ނިމޭއިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރުމުގައި ބަލާނީ، އެ މަސް ނިމޭ ދުވަހުގެ 23:59 ނިސްބަތްވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ތެރޭގައި އޭނާ އެ ތަނުގައި ހޭދަކޮށްފައިވާ ވަގުތަށެވެ. އެ ގޮތުން އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް އެ މަހުގައި ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރު ގުނަން ފަށާ ވަގުތުން ފެށިގެން އެ މަސް ނިމޭ ދުވަހުގެ 23:59 އާ ހަމަ ޔަށް އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައިވާ ނަމައެވެ. އެ ނޫން ހާލަތުތަކުގައި އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީީ، ޖެހިގެން އަންނަ މަހުގައެވެ. (އިސްލާހު ކުރެވިފައި)

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަކަށް ގްރީން ޓެކްސް ދައްކަން ޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ފުރަތަމަ 12 (ބާރަ) ގަޑިއިރު ނިމޭ ތާރީހުގައި އެ ފަރާތަކުން ގްރީން ޓެކްސް ދައްކަންޖެހޭ ރޭޓުގައެވެ. (އިތުރު ކުރެވިފައި)

(ކ) ބޭރުގެ ޓޫރިސްޓު އުޅަނދުތަކުން ގްރީން ޓެކްސް ހިސާބުކުރަންޖެހެނ މަހުން މަހަށް ކަމުގައި ނުވާތ، އެ ފަދަ އުޅަނދުތަކަށް މި މާއްދާގެ (ބ) ރައްދެއް ނުވާނެއެވެ. (އިތުރު ކުރެވިފައި)

(އ) ހިލޭ ނުވަތަ ކޮމްޕްލިމެންޓަރ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ވެސް، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ. (އިތުރު ކުރެވިފައި)

 

9 ވަނަ މާއްދާ – ޗެކް-އިން ކުރުމާއި ޗެކް-އައުޓް ކުރުން

(ހ) މި ގަވާއިދުގެ ބޭނުމަށް، އެއްވެސް މީހަކުު، ޓޫރިސްޓު ރިޒޯޓަކަށް، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށް، ނުވަތަ ޓޫރިސްޓުހޮޓަލަކަށް، ނުވަތަ ރިޒޯޓް ހޮޓަލަކަށް، ނުވަތަ ހޮޓަލަކަށް، ނުވަތަ ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ޗެކް-އިން ވީ ކަމުގައި ބަލާނީ، އެ މީހަކު އެ ތަނުގައި ނުވަތަ އެ އުޅަނދުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ނުވަތަ އެ އުޅަނދުގެ ސިސްޓަމުގައި ނުވަތަ ލިޔެކިޔުންތަކުގައި ރިކޯޑުކުރުމުންނެވެ. އަދި އެ މީހާ އެ ތަނުން ނުވަތަ އެ އުޅަނދުން ޗެކް-އައުޓް ވީކަމުގައި ބަލާނީ، އެ ތަނުގެ ނުވަތަ އެ އުޅަނދުގެ ސިސްޓަ މުގައި ނުވަތަ ލިޔެކިޔުންތަކުގައި އެކަން ރިކޯޑުކުރުމުންނެވެ.  (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) ޓޫރިސްޓުން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހުއްދަ ދީފައިވާ ކޮޓަރިއެއްގައި ވަގުތު ހޭދުކުރާ ކޮންމެ މީހަކީ ވެސް އެ ތަނަށް ޗެކް-އިން ވީ މީހެއްގެ ގޮތުގައި ރިކޯޑުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، ބޭރުގެ ޓޫރިސްޓް އުޅަނދަކަށް މީހަކު ޗެކް-އިން ވީ ވަގުތު ކަމަށް ބަލާނީ އެ އުޅަނދުގެ "ކަސްޓަމްސް އިންވަރޑް ކްލިއަރެންސް ޓައިމް" އަށެވެ. އަދި ޗެކް-އައުޓްވި ވަގުތު ކަމަށް ބަލާނީ އެ އުޅަނދުގެ "އެސްޓިމޭޓެޑް ޓައިމް އޮފް ޑިޕާޗަރ" އަށެވެ.

(ރ) މި މާއްދާގެ (ހ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، 1 ނޮވެންބަރު 2015 ގެ 00:00 ގައި ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި ނުވަތަ ޓޫރިސްޓް އުޅަނދެއްގައި ހުރި މީހަކު އެ ތަނަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ 1 ނޮވެންބަރު 2015 ގެ 00:00 އެވެ.

(ބ) މި މާއްދާގެ (ހ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، 1 އޮކްޓޫބަރު 2016 ގެ 00:00 ގައި ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުރި މީހަކު އެ ތަނަށް ކެޗް-އިން ވީ ވަގުތު ކަމުގައި ބަލާނީ 1 އޮކްޓޫބަރު 2016 ގެ 00::00 އެވެ. (އިތުރު ކުރެވިފައި)

(ޅ) މީހަކުު، ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓުރިޒޯޓަކުން، ނުވަތަ ޓޫރިސްޓު ހޮޓަލަކުން، ނުވަތަ ރިޒޯޓް ހޮޓަލަކުން، ނުވަތަ ހޮޓަލަކުން، ނުވަތަ ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކުން ނުވަތަ އެނޫންވެސް އެފަދަ ތަނަކުން ޗެކް-އައުޓް ވާތާ 12 (ބާރަ) ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކު އެ ތަނުން ނުވަތަ އެ އުޅަނދުން ޗެކް-އައުޓް ވެފައިވާ މީހެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އަދި އެ މީހަކުު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ވެސް ހިސާބުކުރަންވާނީ، ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައި ބަލައިގެންނެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

 

9-1 އިންތިގާލީ ކަންކަން (އިތުރު ކުރެވިފައި)

ގާނޫނުގެ 35 ވަނަ މާއްދާގެ (މ) އާއި (ފ) ގެ ބޭނުމަށް، ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގްރީން ޓެކްސް ނަގަން ފަށާނީ، 21 ސެޕްޓެންބަރު 2022 އިން ފެށިގެންނެވެ.

(ށ) ގްރީން ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް، 21 ސެޕްޓެންބަރު 2022 ގެ 00:00 ގައި ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓު ހޮޓަލެއްގައި ނުވަތަ ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއްގައި ނުވަތަ ޓޫރިސްޓު އުޅަނދެއްގައި ހުރި މީހަކުު އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ، 21 ސެޕްޓެންބަރު 2022 ގެ 00:00 އެވެ.

(ނ) 21 ސެޕްޓެންބަރު 2022 އިން ފެށިގެން ގެސްޓް ރެޖިސްޓްރޭށަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، 21 ސެޕްޓެންބަރު 2022 ފެށުމާ ހަމަޔަށް ބޭނުންކުރަމުންދިޔަ ގެސްޓް ރެޖިސްޓްރޭށަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް އެ ތަރުތީ ބުންނެވެ. 

(ރ) ގްރީން ޓެކްސް ހިސާބުކުރާނ، މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ތިންވަނަ ބާބު: ޓެކްސް ބަޔާން

 

10 ވަނަ މާއްދާ – ގްރީން ޓެކްސް ބަޔާން

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި،ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން ގްރީން ޓެކްސް ހިސާބުކުރާނީ، އަދި މީރާއަށް ގްރީން ޓެކްސް ބަޔާން ހުށަހަޅާނީ، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތީންނެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން، ކޮންމެ ކަލަންޑަރު މަހަކާ ގުޅޭ ގޮތުން 501 MIRA (ގްރީން ޓެކްސް ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅަންޖެހޭނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ނ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓް ނުކުރިކަމުގައި ވިޔަސް، ނުވަތަ އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ނުބޭތިއްބި ކަމުގައި ވިޔަސް، އެ ތަނުގެ ނުވަތަ އުޅަނދުގެ ގްރީން ޓެކްސް ރެޖިސްޓްރޭށަން ބާތިލު ނުކުރާހައި ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގްރީން ޓެކްސް ބަޔާން، އެ އަކުރުގައިވާ ގޮތުގެ މަތީން މީރާއަށް ހުށަހަޅަންޖެހޭނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދެެއް ދިވެހިރާއްޖެއިން ފުރުމުގެ ކުރިން، އެ އުޅަނދު ދިވެހިރާއްޖޭގައި ހޭދަކުރި މުއްދަތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ  MIRA502 (ގްރީން ޓެކްސް ބަޔާން: ބޭރުގެ ޓޫރިސްޓް އުޅަނދުތައް) މީރާއަށް ހުށަހަޅަންޖެހޭނެއެވެ. ގާނޫނާއި މި ގަވަޢިދުގެ ބޭނުމަށް، ބޭރުގެ ޓޫރިސްޓް އުޅަނދަކުން MIRA502 ހުށަހަޅަންޖެހޭ ސުންގަޑިކަމުގައި ބަލާނީ އެ އުޅަނދަށް "ކަސްޓަމްސް އައުޓްވަރޑް ކްލިއަރެންސް" ލިބުނު ތާރީހެވެ.

(ބ) ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއިން ފުރި ގަޑިއާއި މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 'އެސްޓިމޭޓެޑް ޓައިމް އޮފް ޑިޕާޗަރ" ތަފާތުވެއްޖެނަމަ، އަދި އެ އުޅަނދުގައި ތިބި ޓޫރިސްޓުން ޗެކް-އައުޓް ވީ އެ އުޅަނދު ފުރި ގަޑީގައި ކަމަށް ބަލައިގެން ގްރީން ޓެކްސް ހިސާބުކޮށްފިނަމަ އެ އުޅަނދުން ގްރީން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަަދަށް ބަދަލެއް އަންނާނެ ކަމަށް ވާ ނަމަ، އެ އުޅަނދު ދިވެހިރާއްޖެއިން ފުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް ހުށަހަޅައި، އިތުރަށް ޓެކްސް ދައްކަންޖެހޭ ކަމަށް ވާ ނަމަ އެ ފައިސާ ދައްކަންޖެހޭނެއެވެ.

 

11 ވަނަ މާއްދާ – އޮންލައިންކޮށް ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ގްރީން ޓެކްސް ބަޔާނާއި، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭށަން ށީޓު މީރާއަށް ހުށަަހަޅަންވާނީ، މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި ގްރީން ޓެކުހާ ގުޅެ ގޮތުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ވެސް އެ ޕޯޓަލް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތްގޮތުން ހުށަހަޅާ ގްރީން ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށް ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ގްރީން ޓެކްސް ބަޔާނުގައި ސޮއިކުރަންވާނ، އެ ތަން ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް 117 MIRA (ރަޖިސްޓަރީ ކުރުމާއި މައުލޫމާތު ބަދަލުކުރުން) ފޯމު މެދުވެރިކޮށް މީރާއަށް އަންގައިފައިވާ ފަރާތަކުންކުރެ ފަރާތެކެވެ. (އިސްލާހު ކުރެވިފައި)

 

12 ވަނަ މާއްދާ – ޓެކްސް ބަޔާން އިސްލާހުކުރުން

(ހ) ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ ޓޫރިސްޓު ހޮޓަލަކުން، ނުވަތަ ރިޒޯޓް ހޮޓަލަކުން، ނުވަތަ ހޮޓަލަކުން، ނުވަތަ ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކުން ނުވަތަ އެނޫންވެސް އެ ފަދަ ތަނަކުން މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް ހުށަހަޅާނަމަ، އެ ބަޔާން އިސްލާހުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި ކަމާ ގުޅޭ ލިޔެކިޔުންތައް އެ ބަޔާނާއެކު ހުށަހަޅަންވާނެއެވެ.

(ނ) (އުނި ކުރެވިފައި)

(ރ) (އުނި ކުރެވިފައި)

(ބ) (އުނި ކުރެވިފައި) 

(ޅ) (އުނި ކުރެވިފައި)

 

13 ވަނަ މާއްދާ – އިންފޮމޭށަން ށީޓު ހުށަހެޅުން

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން ހުށަހަޅާ ގްރީން ޓެކްސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭށަން ށީޓެއް ހުށަހަޅަންވާނެއެވެ. މި އިންފޮމޭށަން ށީޓުގައި، އެ މުއްދަތެއްގެ ތެރޭގައި އެ ތަނުގައި ނުވަތަ އެ އުޅަނދުގައި ތިބި ހުރިހާ ގެސްޓުންގެ މައުލޫމާތު ހިމަނަންވާނެއެވެ.  (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) އިންފޮމޭށަން ށީޓް ތައްޔާރުކުރާނީ އަންނަނިވި އުސޫލުންނެވެ.

  1. ގެސްޓުންގެ ނަންތައް ތަރުތީބުކުރާނީ ގެސްޓް ރެޖިސްޓްރޭށަން ނަންބަރު ތަރުތީބުންނެވެ.
  2. އެ މަސް ނިމޭ ދުވަހުގެ 23:59 ގެ ނިޔަލަށް ޗެކް-އިން ވާ ހުރިހާ ގެސްޓުންގެ މައުލޫމާތު މި ށީޓުގައި ހިމަނަންވާނެއެވެ.
  3. މަސް ނިމޭއިރު ޗެކް-އައުޓް ނުވާ ގެސްޓުން، ޖެހިގެން އަންނަ މަހުގެ އިންފޮމޭށަން ށީޓުގައި ހިމަނަންވާނެއެވެ. ޖެހިގެން އަންނަ މަހުގެ އިންފޮމޭށަން ށީޓުގައި އެ ގެސްޓުން ހިމަނަންވާނީ ކުރިން ވެސް ބޭނުންކުރި ގެސްޓް ރެޖިސްޓްރޭށަން ނަންބަރުގެ ދަށުން، އެ ށީޓުގެ އެންމެ ކުރީގައެވެ.
  4. ކޮންމެ ކަލަންޑަރު އަހަރެއް ފެށުމާއެކު ގެސްޓް ރެޖިސްޓްރޭށަން ނަންބަރު 1 (އެކެއް) އަށް ރީސެޓްކުރަންވާނެއެވެ. އަދި 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ގެސްޓް ރެޖިސްޓްރޭށަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުން ދިޔަ ގެސްޓް ރެޖިސްޓްރޭށަން ނަންބަރުތައް މެދުކެނޑި ދެމިގެންދާ ގޮތަށް، އެ ތަރުތީބުންނެވެ.
  5. މި މާއްދާގެ (ށ) ގެ (4) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް ގެސްޓްހައުސްތަކުން 1 އޮކްޓޫބަރު 2016 އިން ފެށިގެން ގެސްޓް ރެޖިސްޓްރޭށަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، 30 ސްޕްޓެމްބަރު 2016 އާ ހަމައަށް ބޭނުންކުރަމުން ދިޔަ ގެސްޓް ރެޖިސްޓްރޭށަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް، އެ ތަރުތީބުންނެވެ. (އިތުރު ކުރެވިފައި)

 

ހަތަރުވަނަ ބާބު: ޓެކްސް ދެއްކުން

 

14 ވަނަ މާއްދާ – ގްރީން ޓެކްސް ދެއްކުން

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޯޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ މަހަކަށް ދައްކަންޖެހޭ ގްރީން ޓެކްސް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކަންޖެހޭނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއިން ފުރުމުގެ ކުރިން އެ އުޅަނދު ދިވެހިރާއްޖޭގައި ހޭދަކުރި މުއްދަތަށް ދައްކަންޖެހޭ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހޭނެއެވެ.

(ނ) ބޭރުގެ ޓޫރިސްޓް އުޅަނދެއްގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގައި މީރާއަށް ދެއްކުމަކީ އެ އުޅަނދެއްގެ ލޯކަލް އޭޖެންޓުގެ ޒިންމާއެކެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި އެ އުޅަނދަކުން އިތުރަށް ދައްކަންޖެހޭ އެއްވެސް އަދަދެއް ނުވަތަ ޖޫރިމަނައެއް ވާނަމަ، އެ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ދެއްކުމަކީ ވެސް ލޯކަލް އޭޖެންޓުގެ ޒިންމާއެކެވެ.

(ރ) ޓޫރިސްޓް އުޅަނދެއް ޗާޓަރުކޮށްފައިވާ ހާލަތުގައި ހާލަތުގައި އެ އުޅަނދުގައި ތިބޭ ގެސްޓުންގެ ފަރާތުން ގްރީން ޓެކްސް ދެއްކުމަކީ އެ އުޅަނދު ހިންގާ ފަރާތުގެ ޒިންމާއެކެވެ. މިގަވާއިދުގެ ބޭނުމަށް، ޓޫރިސްޓް އުޅަނދެއް ޗާޓަރުކޮށްފައިވާ ކަމުގައި ބަލާނީ ގަވާއިދު ނަންބަރު 43/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގައި ޓޫރިސްޓް އުޅަނދެއް ޗާޓަރުކުރުން ކަމަށް ބުނެފައިވާ ހާލަތުގައެވެ.

 

15 ވަނަ މާއްދާ – ގްރީން ޓެކްސް ދައްކަންޖެހޭ ފައިސާ

ގްރީން ޓެކްސް މީރާއަށް ދައްކަން ވާނީ އެމެރިކާ ޑޮލަރުންނެވެ.

 

ފަސްވަނަ ބާބު: އާންމު މާއްދާތައް

 

16 ވަނަ މާއްދާ – ގްރީން ޓެކުހުން ޖީ.އެސް.ޓީ ނުނެގުން

ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ބޭނުމަށް ތައްޔާރުކުރާ ޓެކްސް އިންވޮއިސްއެއްގައި ނުވަތަ ރަސީދެއްގައި ގްރީން ޓެކްސް ހިމެނިފައިވާނަމަ، އެ މުއާމަލާތެއްގައި ހިމެނޭ ގްރީން ޓެކުހުގެ އަދަދު ކަމުގައި ބަލާނީ، އެ މުއާމަލާތާ ގުޅިގެން ދޫކޮށްފައިވާ ޓެކްސް އިންވޮއިސްގައި ނުވަތަ ރަސީދުގައި ސާފުކޮށް ފެންނާނެހެން ލިޔެފައިވާ، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިސާބުކުރެވިފައިވާ ގްރީން ޓެކުހުގެ އަދަދެވެ.

 

17 ވަނަ މާއްދާ – ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ނަގާ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

ގާނޫނާއި މި ގަވާއިދުގެ ދަށުން ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ގްރީން ޓެކްސް ނަގައިފިނަމަ، ގާނޫނުގެ 35 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަރާތުން އެ ފައިސާ ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންވާނެއެވެ. 

 

18 ވަނަ މައްދާ – ރިކޯޑު ބެލެހެއްޓުން

ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރ ގަވާއިދު) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި ޓޫރިސްޓުގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، އަންނަނިވި ރިކޯޑުތައް ބަލަހައްޓަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ހ) ގެސްޓް ރެޖިސްޓަރ؛

(ށ) ގެސްޓް ރެޖިސްޓްރޭށަން ކާޑުތައް؛

(ނ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ގޮތުގައި ތިބޭ ދިވެހި ރައްޔިތުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛ (އިތުރު ކުރެވިފައި)

(ރ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ގޮތުގައި ތިބޭ ރެސިޑެންޓް ޕާރމިޓް ހޯލްޑަރުންގެ ވިސާގެ ކޮޕީ. (އިތުރު ކުރެވިފައި)

 

19 ވަނަ މާއްދާ – ޖޫރިމަނާ

ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭ ތަނަކުން ރަޖިސްޓަރީ ނުކޮށްފިނަމަ، ނުވަތަ ގްރީން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތަނަކުން ބަޔާން ހުށަނާޅައިފިނަމަ ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ ގްރީން ޓެކްސް ދައްކަންޖެހޭ ތާރީހަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ގަނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ވާ ގޮތުގެ މަތިން އެ ތަނެއް ޖޫރިމަނާ ވާނެއެވެ.

 

20 ވަނަ މާއްދާ – ގާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔާނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި އެ ގާނޫނުތަކުން ބާރު ލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައި ނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ގާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

 

21 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2015 އިން ފެށިގެންނެވެ.

 

22 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު :

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.

"ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 24 ވަނަ މާއްދަގައި ބަޔާންކޮށްފައިވާ އުޅަނދުތަކަށެވެ.

ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓު ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް "ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ތަނުގެ އޮޕަރޭޓިންގ ލައިސަންސް، މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ފަރާތަށެވެ. މި މާނަކުރުން، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) އަށް ރައްދެއް ނުވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

"ސައުވީސް ގަޑިއިރުގެ ބްލޮކް" ކަމަށް ބުނެފައި އެ ވަނީ، ޗެކް-އިން ވާ ވަގުތުން ފެށިގެން މެދުކެނޑުމަކާ ނުލައި ގުނާ ކޮންމެ 24 ގަޑިއިރަކަށެވެ.

"ޓޫރިސްޓެއް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖެއަށް އަންނަ ދިވެހިރައްޔިތަކު ނޫން 'ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ.

"ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެވެ.

"ގްރީން ޓެކްސް" ކަމަށް ބުނެފައި އެވަނީީ، ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) އާއި (މ) އާއި (ފ) ގެ ދަށުން ނެގޭ ޓެކުހަށެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

"މީރާ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ށ) މި ގަވަޢިދުގެ ބޭނުމަށް، އިބާރާތްކުރުމުގައި އެކަހެރި ނަން ގިނަނަމުގެ ތެރޭގައި އަދި ގިނަނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.

 

މައި ގަވާއިދު

ގްރީން ޓެކްސް ގަވާއިދު (ގަވާއިދު ނަންބަރު 2015-181)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ކިޔުންތެރިންގެ ހިޔާލު