-

ގްރީން ޓެކްސް ގަވާއިދު (ގަވާއިދު ނަންބަރު 2015-181) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-01)

މިއީ ގާނޫނު ނަންބަރު 2011-14 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ގާނޫނަށް ހަވާލާދީފައިވާ ތަންތަނުގައި އެ ވަނީ އިސްލާހުކޮށްފައިވާ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) އަށެވެ. އަދި ގަވާއިދަށް ހަވާލާދީފައިވާ ތަންތަނުގައި ހަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2015-181 (ގްރީން ޓެކްސް ގަވާިއދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ގާނޫނ ގޮތުން ލާޒިމުކުރެއެވެ. 

 

1 ވަނަ މާއްދާ - ތައާރުފު

މި ރޫލިންގގެ މަގުސަދަކީ، ގާނޫނު ނަންބަރު 2016-13 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އާ ގުޅިގެން ގަވާއިދު ނަންބަރު 2015-181 (ގްރީން ޓެކްސް ގަވާއިދު) އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. 

 

2 ވަނަ މާއްދާ - ރޫލިންގ

ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން:

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އަދި (އ) ގެ ދަށުން ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، ގްރީން ޓެކްސް ނެގުމަށްޓަކައި މީރާއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި އެ ނޫން ވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ -  ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

(ހ) ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް އުޅަނދެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ތާރީހުން ފެށިގެން އެ ތަނެއް ގްރީން ޓެކްހަށް ރަޖިސްޓަރީ ކުރެވުނީއެވެ. މި ގޮތުން އެ ރިޒޯޓު ނުވަތަ ހޮޓާ ނުވަތަ އުޅަނދު ނުވަތަ ގެސްޓްހައުސް މީރާގައި ރަޖިސްޓާރީކުރެވޭނީ އެ ތަން ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ނަމުގައެވެ. އަދި ކޮންމެ ރިޒޯޓެއް، ހޮޓަލެއް، އުޅަނދެއް އަދި ގެސްޓްހައުސްއެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވޭނީ ވަކިންނެވެ. 

 

4 ވަނަ މާއްދާ - ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން:

(ރ) ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކުރަންޖެހޭ ޓޫރިސްޓް ގެސްޓްހަސްއެއް އެ މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށް ހިންގިކަމުގައި ވިޔަސް، 1 އޮކްޓޫބަރު 2016 އިން ފެށިގެން، ނުވަތަ އެ ތަން ފެށީ 1 އޮކްޓޫބަރު 2016 ގެ ފަހުން ކަމަށް ވާ ނަމަ އެ ތަން ހިންގަން ފެށި ތާރީހުން ފެށިގެން، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ. 

 

5 ވަނަ މާއްދާ - ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން:

އޮޕަރޭޓްކުރަމުންދާ ރިޒޯޓުތަކާއި ހޮޓާތަކާއި އުޅަނދުތަކާއި ގެސްޓްހައުސްތައް ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން 

(ހ) ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން 31 އޮކްޓޫބަރު 2015 ގެ ނިޔަލަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަޅާކަށް ނުޖެހެނޭނެއެވެ. އެފަދަ ރިޒޯޓުތަކާއި ހޮޓާތަކާއި އުޅަނދުތައް މީރާއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ތަން ހިންގުމުގެ ހުއްދަ އޮންނަ ފަރާތަށް ފޯރުވައިދެވޭނެއެވެ. 

(ށ)  ގާނޫނު ނަންބަރު 2011-10 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން 30 ސެޕްޓެމްބަރު 2016 ގެ ނިޔަލަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސްތައް ރަޖިސްޓަރީކުރުމަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެ ފަދަ ގެސްޓްހައުސްތައް މީރާއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ތަން ހިންގުމުގެ ހުއްދަ އޮންނަ ފަރާތަށް ފޯރުވައިދެވޭނެއެވެ. 

 

6 ވަނަ މާއްދާ - ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން:

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޓޫރިސްޓް ރިޒޯޓަކަށާއި ޓޫރިސްޓް ހޮޓަލަކަށާއި ޓޫރިސްޓް އުޅަނދަކަށާއި ޓޫރިސްޓް ގެސްޓްހައުސްއަކަށް ޓެކްސްޕޭޔަރަ އައިޑެންޓެންޓިފިކޭށަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ. 

 

7 ވަނަ މާއްދާ - ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޓޫރިސްޓް ރިޒޯޓަކަށާއި ޓޫރިސްޓް ހޮޓަލަކަށާއި ޓޫރިސްޓް އުޅަނދަކަށާއި ޓޫރިސްޓް ގެސްޓްހައުސްއަކަށް ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓެއް ދޫކުރެވޭނެއެވެ. 

 

8 ވަނަ މާއްދާ - ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން:

ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު، ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ބާތިލުކުރާ ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ގްރީން ޓެކްސް ރެޖިސްޓްރޭށަން ބާތިލުކުރުމަށް އެދި އެ ހުއްދަ އޮތް ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. 

 

9 ވަނަ މާއްދާ - ގަވާއިދުގެ 8 ވަނަ މާއްދާގެ މައިގަނޑު އަންނަނިވި ގޮތަށް އިސްލާހުކުރުން:

ގާނޫނު ނަންބަރު 35 ވަނަ މާއްދާގެ (ކ) އަދި (އ) ގެ ބޭނުމަށް، ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ. 

 

10 ވަނަ މާއްދާ - ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

(ހ) ގްރީން ޓެކްސް ނަގަން ފަށާނީ ޓޫރިސްޓް ރިޒޯޓަކަށް، ޓޫރިސްޓް ހޮޓަލަކަށް، ޓޫރިސްޓް އުޅަނދަކަށް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކަށް ޗެކް-އިން ވާ ވަގުތުން ފެށިގެންނެވެ. 

(ށ) ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓަކު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އެހެން ނަމަވެސް އެ ޓޫރިސްޓް އެ ތަނުން ޗެކް-އައުޓު ވާ 24 ގަޑިއރިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައި ވާ ނަމައެވެ. 

 

11 ވަނަ މާއްދާ - ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

(ހ) މި ގަވާއިދުގެ ބޭނުމަށް، އެއްވެސް މީހަކު ޓޫރިސްޓް ރިސޯޓަކަށް، ޓޫރިސްޓް ހޮޓަލަކަށް، ޓޫރިސްޓް އުޅަނދަކަށް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކަށް ޗެކް-އިން ވީ ކަމުގައި ބަލާނީ، އެ މީހަކީ އެ ތަނުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި ރެކޯޑުކުރުމުންނެވެ. އަދި އެމީހާ އެ ތަނުން ކެޗް-އައުޓް ވީ ކަމުގައި ބަލާނީ، އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި އެ ކަން ރެކޯޑުކުރުމުންނެވެ. 

 

12 ވަނަ މާއްދާ - ގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކޮށް، އޭގެ ފަހަތަށްހުރި އަކުރުތައް ތަރުތީބުކުރުން: 

(ބ) މި މާއްދާގެ (ހ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، 1 އޮކްޓޫބަރު 2016 ގެ 00:00 ގައި ޓޫރިސްޓް ގެސްޓްހައުސްއެއްގައި ހުރި މީހަކު އެ ތަނަށް ކެޗް-އިން ވީ ވަގުތު ކަމުގައި ބަލާނީ 1 އޮކްޓޫބަރު 2016 ގެ 00::00 އެވެ.  

 

13 ވަނަ މާއްދާ - ގަވާއިދުގެ 9 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

(ޅ) މީހަކު، ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓް ހޮޓަލަކުން، ޓޫރިސްޓް އުޅަނދަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ޗެކް-އައުޓް ވާތާ 12 ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކީ އެ ތަނުން ޗެކް-އައުޓް ވެފައިވާ މީހެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އަދި އެ މީހަކު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދުވެސް ހިސާބުކުރަންވާނީ، ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައި ބަލައިގެންނެވެ. 

 

14 ވަނަ މާއްދާ - ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ހިސާބުކުރާނީ، އަދި މީރާއަށް ގްރީން ޓެކްސް ބަޔާން ހުށަހަޅާނީ، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. 

(ށ) ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުން ކޮންމެ ކަލަންޑަރު މަހަކާ ގުޅޭ ގޮތުން MIRA501 (ގްރީން ޓެކްސް ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅަންޖެހޭނެއެވެ. 

(ނ) ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް އުޅަނދެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް އޮޕަރޭޓްނުކުރިކަމުގައި ވިއަސް، ނުވަތަ އެ ފަދަ ތަނެއްގައި ގެސްޓުން ނުބޭތިއްބި ކަމުގައިވިއަސް، އެ ތަނުގެ ގްރީން ޓެކްސް ރެޖިސްޓްރޭށަން ބާތިލުނުކުރާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގްރީން ޓެކްސް ބަޔާން، އެ އަކުރުގައިވާ ގޮތުގެ މަތިން މީރާއަށް ހުށަހަޅަންޖެހޭނެއެވެ. 

 

15 ވަނަ މާއްދާ - ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

ޓޫރިސްޓް ރިޒޯޓަކުން ޓޫރިސްޓް ހޮޓަލަކުން، ޓޫރިސްޓް އުޅަނދަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން މި ގަވާއިދުގެ 10 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެއެވެ.  

 

16 ވަނަ މާއްދާ - ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުން ހުށަހަޅާ ގްރީން ޓެކްސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ މޯމެޓެއްގައި އިންފޮމޭށަން ށީޓެއް ހުށަހަޅަންވާނެއެވެ. މި އިންފޮމޭށަން ށީޓުގައި އެ މުއްދަތެއްގެ ތެރޭގައި އެ ތަނުގައި ތިބި ހުރިހާ ގެސްޓުންގެ މައުލޫމާތު ހިމަނަންވާނެއެވެ. 

 

17 ވަނަ މާއްދާ - ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ (4) ގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން:

(5) މި މާއްދާގެ (ށ) ގެ (4) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިސްޓް ގެސްޓްހައުސްތަކުން 1 އޮކްޓޫބަރު 2016 އިން ފެށިގެން ގެސްޓް ރެޖިސްޓްރޭށަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، 30 ސްޕްޓެމްބަރު 2016 އާ ހަމައަށް ބޭނުންކުރަމުން ދިޔަ ގެސްޓް ރެޖިސްޓްރޭށަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް، އެ ތަރުތީބުންނެވެ.

 

18 ވަނަ މާއްދާ - ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން:

ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުން ކޮންމެ މަހަކަށް ދައްކަންޖެހޭ ގްރީން ޓެކްސް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކަންވާނެއެވެ. 

 

19 ވަނަ މާއްދާ - ގަވާއިދުގެ 18 ވަނަ މާއްދާގެ މައިގަނޑު އަންނަނިވި ގޮތަށް އިސްލާހުކުރުން:

ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަދި ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުން އަންނަނިވި ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.

 

20 ވަނަ މާއްދާ - ގަވާއިދުގެ 22 ވަނަ މާއްދާގައި ހިމެނޭ އަންނަނިވި މާނަކުރުންތައް އަންނަނިވި ގޮތަށް އިސްލާހު ކުރުން:

ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު، ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް "ހިންގާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، އެ ތަނުގެ އޮޕަރޭޓިންގ ލައިސަންސް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ފަރާތަށެވެ. 

"ގްރީން ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އަދި (އ) ގެ ދަށުން ނެގޭ ޓެކުހަށެވެ. 

 

21 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ރޫލިންގއަށް އަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ގްރީން ޓެކްސް ގަވާއިދު (ގަވާއިދު ނަންބަރު 2015-181)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގްރީން ޓެކްސް ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-181)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު