gaanoon_logo
-

ޓޫރިޒަމާބެހޭ ގާނޫނުގާނޫނު (ނަންބަރު 1999-02) އަށް 11 ވަނަ ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2022-08)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 ޖުލައި 2022 ގައި)

ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތައާރުފާއި ނަން 1.

(ހ) މި ގާނޫނަކީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރާނެ ސަރަހައްދުތަކާއި ރަށްރަށް ކަނޑައެޅުމާއި، ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށް ދޫކުރުމާއި، ރިޒޯޓް ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ބިން ދޫކުރުމާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ބިން ދޫކުރުމާއި، އެފަދަ ތަންތަން ހިންގުމާއި، ޔޮޓް ބަނދަރާއި، ޔޮޓްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ފީނުމުގެ ހިދުމަތްދޭ ތަންތަނާއި، ދަތުރު ރާވައި ހިންގުމުގެ ހިދުމަތްދޭ ފަރާތްތަކާއި، އެނޫންވެސް ފަތުރުވެރިކަމުގެ އެކި ވިޔަފާރިއާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓޫރިސްޓް ރިޒޯޓާއި ހޮޓާ ހެދުމަށް ބިންދޫކުރުމާއި އެފަދަ ތަންތަން ހިންގުމާއި ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ފަދަ ތަންތަން ހިންގުން 2.

ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓާއި، ރިޒޯޓް ހޮޓަލާއި، ހޮޓާ ހެދުމަށް ރަށްރަށާއި ބިންބިމާއި ފަޅު ދޫކުރަންވާނީ، އަދި ޓޫރިސްޓް ރިޒޯޓާއި، ރިޒޯޓް ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސް ފަދަ ތަންތަނާއި ޔޮޓް ބަނދަރު ހިންގަންވާނީ، އަދި ޔޮޓްތަކާއި ޓޫރިސްޓް އުޅަނދުތައް ދުއްވަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓޫރިޒަމްގެ ސަރަހައްދުތަކާއި ޓޫރިސްޓް ރިޒޯޓް ހަދާނެ ރަށްރަށާއި، ރިޒޯޓް ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސް ހަދާނެ ތަންތަން ކަނޑައެޅުން 4.

(ހ) ދިވެހިރާއްޖޭގައި ޓޫރިސްޓް ރިޒޯޓް ހެދުމަށާއި އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅު، އަދި ރިޒޯޓް ހޮޓަލާއި، ހޮޓާ އަދި ޓޫރިސްޓް ގެސްޓްހައުސް ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ބިން ކަނޑައެޅުމުގެ އިހްތިޔާރު، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) (3). ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ 5 އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެތްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް، ނުވަތަ އެފަދަ މަށްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، މި މާއްދާގެ (މ) ގައިވާ ގޮތުގެމަތިން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން، މި ގާނޫނުގެ ދަށުން ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރުމަށްޓަކައި ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތައް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ، އެ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަނެއް ހިއްސާދާރަށް ނުވަތަ ހިއްސާދާރުންނަށް ނުވަތަ ތިންވަނަ ފަރާތަކަށް މި މާއްދާގައިވާ ގޮތުގެމަތިން ވިއްކާލުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.

  1. ހިއްސާ ވިއްކާއިރު، އެ ހިއްސާ ވިއްކާލުމުގެ މުއާމަލާތް ހިންގަންވާނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅައި އާންމުކުރާ ގަވާއިދަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
  2. މި އަކުރުގައި ބަޔާންކޮށްފައިވާ ސަރުކާރު ހިމެނޭގޮތަށް ހެދިފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ވިއްކުމުގައި، ސަރުކާރުގެ ހިއްސާގެ އެންމެ ދަށް އަގު ކަނޑައަޅާނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އައްޔަނުކުރާ މުސްތަގިއްލު ވެލުއަރއެއް މެދުވެރިކޮށް ހަދާ ވެލިއުއޭށަނަކުންނެވެ. އަދި އެ ވެލިއުއޭށަން ހެދުމުގައި، ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކުރާ ރަށްތަކަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އެކުއިޒިށަން ފީ އަދި ބިމު ކުއްޔަށް ރިއާޔަތް ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) 5 (މ).

  1. ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެތްގޮތްވާ  ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ މަށްރޫއަކަށް ހަރަދު ކުރާ ފަރާތަކަށް މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ސަރުކާރުން ދޭންވާނީ، މި އަކުރުގެ (2) ވަނަ ނަންބަރުން ފެށިގެން (10) ވަނަ ނަންބަރުގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ.
  2. މި މާއްދާގެ ބޭނުމަށްޓަކައި "ކްރޮސް ސަބްސިޑީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަށްރޫއެއް ހަވާލުކުރެވޭ ފަރާތަކުން، ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާކަމަށްޓަކައި، ނުވަތަ އެފަދައިން ހިންގާ މަށްރޫއަކަށް ހަރަދު ކުރާ ފަރާތަކުން، ދުރާލާ ކަނޑައަޅާފައިވާ އަދަދަކަށް އެފަރާތުގެ އަމިއްލަ ފައިސާ ހަރަދު ކުރާކަމަށްޓަކައި، އެ މަސައްކަތުގެ ނުވަތަ އެ ހަރަދުގެ އަގުގެ މުގާބިލުގައި ދައުލަތުން އެފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅަށެވެ.
  3. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއުތަކާއި، އެ މަށްރޫއު ހަވާލުކުރެވޭ ފަރާތުން ނުވަތަ މަށްރޫއަށް ބޭނުންވާ ފައިސާ ހަރަދުކުރުމަށް އެއްބަސްވާ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓްގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި، ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (5) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

5 (މ) (5).

މި އަކުރުގެ (4) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ރަށް ހަވާލުކުރެވޭ ފަރާތާ މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން ހަވާލުކޮށްފައިވާ މަށްރޫއު ފުރިހަމަކޮށް ނިމިފައިވާ ހާލަތުގައި، ނުވަތަ އެފަރާތުން މަށްރޫއަށް ހަރަދުކުރަންޖެހޭ ޖުމްލަ ފައިސާ ދައުލަތަށް ދައްކައި ނިމިފައިވާ ހާލަތުގައި، އެފަރާތުން މި ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފީ ދެއްކުމުން، ކުއްޔަށް ދޫކުރާ މުއްދަތު، އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދެވިދާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

5 (މ) (7). މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް 5 ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރަންވާނީ، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ފަރާތާއި ދިވެހިސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުމުގައި، މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއެއްގެ ދަށުން އެފަރާތާ ހަވާލުކުރެވޭ މަސައްކަތް ފުރިހަމަނުކޮށްފިނަމަ ނުވަތަ އެފަރާތުން އެ މަށްރޫއަކަށް ކުރަން ކަނޑައަޅާފައިވާ ހަރަދު ނުކޮށްފިނަމަ ރަށް ނުވަތަ ބިން ނުވަތަ ފަޅު ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

8. މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވެނީ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަށްރޫއުގެ ދަށުން ކުރާ މަސައްކަތް ނުވަތަ މަސައްކަތަށް ކުރާ ހަރަދު، އެފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން ކުރާކަމަށްޓަކައި، އެ ފައިސާގެ މުގާބިލުގައި އެފަރާތަށް ދޭ އިނާޔަތެއް ނުވަތަ ލުޔެއް ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރެވޭ ރަށެއްގެ ގޮތުގައި ކަމަށްވާތީ، އެ ރަށަށް ނުވަތަ ބިމަށް ނުވަތަ ފަޅަށް ދައްކަންޖެހޭ ކުލި އަދި އެކުއިޒިށަން ކޮސްޓް، އެފަރާތުން ކުރާ އިންވެސްޓްމަންޓާ އަޅައިކަނޑައިދެވޭނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (9) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް  އިތުރުކުރުން.

5 (މ) 10). މި މާއްދާގެ ދަށުން ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށް ނުވަތަ ބިން 5 ނުވަތަ ފަޅު ދޫކުރުމަށް އެފަދަ ތަންތަނުގެ އެންމެ ކުޑައެކުއިޒިށަން ކޮސްޓް ހިސާބުކުރާނެ މިންގަނޑެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-5 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

1-5 (ރ). ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 10 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު، ކުލީގެ އެއް އެއްބަސްވުމުގެ ދަށުން އެއް ފަޅަށްވުރެ ގިނަ ފަޅު ކުއްޔަށް ދޫކޮށްފައިވާނަމަ މި މާއްދާގެ ދަށުން އެ ވަކިވަކި ފަޅުތަކަށްވެސް ވަކި ކުލީގެ އެއްބަސްވުން އެކުލަވާލެވިދާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކޮށް، އެ މާއްދާގެ އަކުރުތައް ތަރުތީބުކުރުން.

(ކ) ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލަން ބޭނުންވެއްޖެނަމަ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ބަދަލުކުރާނަމަ، އަމަލުކުރާނެ ގޮތް.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

7 (ހ) (2). ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މީހުން ދިރިއުޅޭ ރަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ކުލި ދައްކާނީ މި ގާނޫނުގެ ޖަދުވަލު 2 ގައިވާ ގޮތުގެމަތިންނެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ގޮތަށް ނަންބަރެއް އިތުރުކުރުން.

7 (ހ) (3). ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން މީހުން ދިރިއުޅޭ ރަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ކުލި، އެ ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލެވޭ ބީލަމެއްގެ ތެރެއިން، މި ގާނޫނުގެ ޖަދުވަލު 2 ގައިވާ އުސޫލުގެ ދަށުން އެ ބިމަކަށް ހިސާބުކުރެވޭ ކުލީގެ މިންވަރަށްވުރެ ކުޑަ ނުވާގޮތަށް ކަނޑައަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7 (ށ). ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޔޮޓް މެރީނާ އަދި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިމަށްވެސް ކުލި ދައްކާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

15  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9 (ހ). މި ގާނޫނުގެ 10 ވަނަ މާއްދާގައާއި މި މާއްދާގެ (ކ) ގައި ބުނެފައިވާ ހާލަތްތައް ފިޔަވައި، މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ހިފާ ފަރާތާ ރަށް ނުވަތަ ބިން ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން މީލާދީ 50 (ފަންސާސް) އަހަރުދުވަހަށެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

9 (ކ). ޓޫރިސްޓް ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް 9 ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން މި މާއްދާގެ ދަށުން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފާފައިވާ ފަރާތަކީ ތިރީގައި ބުނެފައިވާ ށަރުތުތައް ހަމަވާ ފަރާތެއްނަމަ، އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 (ސާޅީސްނުވައެއް) އަހަރުދުވަހަށް އިތުރުކޮށްދޭންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 9 ވަނަ މާއްދާގެ (ކ) ގެ (2) ވަނަ ނަންބަރު އުނިކޮށް، އެ އަކުރުގެ ދެން ހުރި ނަންބަރުތައް ތަރުތީބުކުރުން.

9 (ކ) (2). ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި ތަރައްގީކުރާ ރިޒޯޓް ހުޅުވާފައިވުން. 9

 

18  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުން 12.

ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއްގައި ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކައިލެވޭނީ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ، ނުވަތަ ބަދަލުކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ށަރުތުތަކެއްގެ މަތިން އަދި ކުއްޔަށް ހިފާ ފަރާތާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ށަރުތުތަކެއްގެ މަތިންނެވެ.

 

19  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަށްރަށާއި ނުވަތަ ބިންބިމާއި ނުވަތަ ފަޅުފަޅަށް ދާއިމީ ބަދަލެއް އަންނަ ކަންކަން ކުރުން 15.

15 (ހ). ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި އެތަނެއްގެ ތިމާވެށްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރަންވާނީ، ތިމާވެށްޓާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާ ސަރުކާރުގެ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެ ލިޔުން ހުށަހަޅައި މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި، އެ ބިމަކީ މީހުން ދިރިއުޅޭ ރަށެއްގެ އިހްތިސާސްގައި ހިމެނޭ ބިމެއްނަމަ އެ ބިމެއްގެ މައްޗަށް އިހްތިސާސް ހިނގާ ކައުންސިލަށް އެ ލިޔުން ހުށަހަޅައި، އެ ކައުންސިލްގެ ހުއްދަ ހޯދިދާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1-16 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

16-1 (ށ) (1). "އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހިންގުމަށް ކަނޑައަޅާފައިވާ ވަކި ރަށެއް ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް، އެ ރަށެއް ނުވަތަ ސަރަހައްދެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ވަކިވަކި ޓޫރިސްޓް ރިޒޯޓް،ރިޒޯޓް ހޮޓާ، ހޮޓާ، އަދި/ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަދި/ނުވަތަ ޔޮޓް މެރީނާ އަދި/ނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެވިޔަފާރީގެ އެއް ބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްގީކުރާ ސަރަހައްދަށެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2-16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16-2 (ށ). އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމުގެ ބޭނުމަށްޓަކައި، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހިންގުމަށް ކަނޑައަޅާފައިވާ ވަކި ރަށެއް ނުވަތަ ސަރަހައްދެއްގައި، ތިންވަނަ ފަރާތެއް މެދުވެރިކޮށް ވަކިވަކި ޓޫރިސްޓް ރިޒޯޓް، ރިޒޯޓް ހޮޓާ، ހޮޓާ،ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެނޫންވެސް ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކޮށް ހިންގުމަށްޓަކައި، އެ ރަށެއް ނުވަތަ ސަރަހައްދެއް ކުއްޔަށް ދިނުމަށްޓަކައި ސަރުކާރާއެކު އެއްބަސްވުން ވެފައިވާ ފަރާތުން،އެ ރަށުގެ ނުވަތަ ސަރަހައްދުގެ ވަކިވަކި ބައިބައި ތިންވަނަ ފަރާތަކަށް ކުއްޔަށްދޭންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3-16 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16-3 (ރ). މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އިންޓަގްރޭޓަޑް  ޓޫރިސްޓް ރިޒޯޓެއްގައި ހިމެނޭ ވަކިވަކި ޓޫރިސްޓް ރިޒޯޓް، ރިޒޯޓް ހޮޓާ، ހޮޓާ، ނުވަތަ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ އެނޫންވެސްފަތުރުވެރިކަމުގެ ވިޔަފާރިއެއް ހިންގަންވާނީ، އެތަންތަން ހިންގުމަށް މި ގާނޫނުގެ ދަށުން ހޯދަންޖެހޭ ހުއްދަތައް ހޯދައިގެންނެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4-16 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16-4 (ނ). މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ތަނެއް އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގާ ތަނެއްގެ ގޮތުގައި ބަދަލުކުރެވޭނީ، 1،000،000 (އެއްމިލިއަން) އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުމަށްފަހުގައެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4-16 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

16-4 (ރ). މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއް ހިންގަން ފަށާފައިނުވާނަމަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ހިންގާ ތަނެއްގެ ގޮތުގައި ބަދަލުކުރެވޭނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން 1،000،000 (އެއްމިލިއަން) އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުމަށް އެތަން ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވުމުންނެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5-16 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16-5 (ބ). މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ މިނިސްޓްރީގެ ހުއްދައާއެކު، އެ ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ދިނުމަށް ސަރުކާރާއެކު ކޮށްފައިވާ އެއްބަސްވުން އެހެން ފަރާތަކަށް ބަދަލުކުރެވިދާނެއެވެ.

  1. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވޭ އެހެން ކުންފުންޏަކަށް އެއްބަސްވުން ބަދަލުކުރުން؛
  2. އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގަން ފަށާތާ 10 (ދިހައެއް) އަހަރުދުވަސް ފާއިތުވުމަށްފަހު، ސަރުކާރު ފިޔަވައި އިތުރު ފަރާތެއްގެ ހިއްސާ އެކުލެވޭ ކުންފުންޏަކަށް ނުވަތަ ވިޔަފާރިއަކަށް ބަދަލުކުރުން.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 16-16 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16-16 (ކ). މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށްޓަކައި، ޓޫރިޒަމާބެހޭ މިނިސްޓްރީއާއި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏާއެކު ކުރެވޭ އެއްބަސްވުން، މި ގާނޫނުގެ 17-16 ވަނަ  މާއްދާގައި ބަޔާންކުރާ ހާލަތުގައި މެނުވީ، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ އެހެން ކުންފުންޏެއް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17-16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕްރައިވެޓް އައިލެންޑް ދިގު މުއްދަތަށް ކުއްޔަށް ދިނުން 17-16.

(ހ) މި ގާނޫނުގެ 16-16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ތަރައްގީކުރާ ޕްރައިވެޓް އައިލެންޑް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކުރާ ގޮތެއްގެމަތިން، އިންވެސްޓަރަކަށް، އަންނަނިވި ފަދައިން ބޭނުންކުރުމަށް، ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ.

  1. އިންވެސްޓަރ އަމިއްލައަށް ޗުއްޓީ ހޭދަކުރުމަށް؛ 
  2. ވިޔަފާރި އުސޫލުން ނޫން ގޮތަކަށް އިންވެސްޓަރ ހުއްދަކުރާ އެހެން ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް؛
  3. މި ގާނޫނުގެ 20-16 ވަނަ މާއްދާގައިވާ ގޮތަށް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރުމަށް.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17-16 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި މާއްދާގެ ދަށުން ޕްރައިވެޓް އައިލެންޑެއް ދިގު މުއްދަތަށް 17-16.

(ށ) ކުއްޔަށްދޭއިރު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އެއްބަސްވުމެއްގައި، ޑިވެލޮޕަރާއި ކުއްޔަށް ހިފާ އިންވެސްޓަރާ ދެމެދު ސޮއިކޮށް، އެ އެއްބަސްވުން ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރަންވާނެއެވެ. އަދި، އެ އެއްބަސްވުން ފުރިހަމަކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކުރުމާއެކު، މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ އެއްބަސްވުމުގައިވާ ޑިވެލޮޕަރުގެ އެންމެހައި ހައްގުތަކާއި އިލްތިޒާމުތައް، އަންނަނިވި ގޮތުގެމަތިން ޕްރައިވެޓް އައިލެންޑް ކުއްޔަށް ހިފާ އިންވެސްޓަރަށް ބަދަލުވެގެންދާނެއެވެ.

  1. އިންވެސްޓަރ ކުއްޔަށް ހިފާ ޕްރައިވެޓް އައިލެންޑާ ގުޅިގެން އިންވެސްޓަރާ ޓޫރިޒަމާބެހޭ މިނިސްޓްރީއާ ދެމެދު މި ގާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ވަކި ކުލީގެ އެއްބަސްވުމެއް އެކުލަވާލުން؛
  2. ޕްރައިވެޓް އައިލެންޑާ ގުޅޭގޮތުން މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކުރާ މުއްދަތަށް އިންވެސްޓަރަށް ވަކި ޕްރައިވެޓް 
    އައިލެންޑް ކުއްޔަށް ދިނުން؛
  3. ޕްރައިވެޓް އައިލެންޑާ ގުޅޭގޮތުން މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްބަސްވުމުގައި ސޮއިކުރުމުން މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާއެއްބަސްވުމުން އެ ޕްރައިވެޓް އައިލެންޑްގެ ސަރަހައްދުއުނިކުރުން؛
  4. މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުން.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17-16 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި ގާނޫނުގެ ދަށުން ޕްރައިވެޓް އައިލެންޑެއް، ޑިވެލޮޕަރ އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމުގެ މުއާމަލާތެއްގެ ދަށުން ކުއްޔަށްދެވޭ ރަށް ކުއްޔަށްދެވޭ މުއްދަތު މި ގާނޫނުގެ 16-16 ވަނަ މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކުރާ މުއްދަތަށްވުރެ  ދިގުވެގެންނުވާނެއެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17-16 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

17-16 (ކ). މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޕްރައިވެޓް އައިލެންޑް ބަލަހައްޓައި ހިންގުމަށް ތިންވަނަ ފަރާތަކާ އެކުގައި އިންވެސްޓަރ ނުވަތަ ޑިވެލޮޕަރ މެނޭޖްމަންޓް އެގްރީމަންޓެއް ހެދުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19-16 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕްރައިވެޓް އައިލެންޑްގެ އަހަރީ ކުލި 19-16.

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ދިގު މުއްދަތަށް ކުއްޔަށްދެވޭ ރަށްރަށަށް ޑިވެލޮޕަރ، ނުވަތަ ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށްފަހު މި ގާނޫނުގެ 17-16 ވަނަ މާއްދާގެ ދަށުން ދިގު މުއްދަތަށް އިންވެސްޓަރަކަށް ކުއްޔަށް ދޫކޮށްފައިވާނަމަ އިންވެސްޓަރ، ސަރުކާރަށް ކުލި ދައްކާނީ އަންނަނިވި ގޮތަށެވެ.

(ހ) ހިއްކުމަށްފަހު ދިގު މުއްދަތަކަށް އިންވެސްޓަރަކަށް ކުއްޔަށް ދޫނުކުރެވި ޑިވެލޮޕަރުގެ އިލްތިޒާމު ހިނގާ ރަށްތަކުގެ ތެރެއިން އެއްވެސް ބޭނުމަކަށް ބޭނުންނުކުރާ ރަށްތަކުން އަހަރަކަށް އަކަމީޓަރަކަށް 1 (އެކެއް) އެމެރިކާ ޑޮލަރު.

(ށ) މި ގާނޫނުގެ 17-16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ގޮތަށް ބޭނުންކުރެވޭ ޕްރައިވެޓް އައިލެންޑްތަކުން އަހަރަކަށް އަކަމީޓަރަކަށް 1 (އެކެއް) އެމެރިކާ ޑޮލަރު.

(ނ) މި ގާނޫނުގެ 17-16 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް ބޭނުންކުރެވޭ ޕްރައިވެޓް އައިލެންޑްތަކުން މި ގާނޫނުގެ ޖަދުވަލު 1 ގައިވާ ގޮތަށް.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19-16 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން 20-16.

ވިޔަފާރި އުސޫލުން ޕްރައިވެޓް އައިލެންޑް ފަތުރުވެރިކަމުގެ ބޭނުމަށް ބޭނުންކުރުން 20-16.

(ހ) ޑިވެލޮޕަރ ނުވަތަ ޕްރައިވެޓް އައިލެންޑެއް ދިގު މުއްދަތަށް ކުއްޔަށް ހިފާފައިވާ އިންވެސްޓަރެއް، ޕްރައިވެޓް އައިލެންޑެއް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރަން ބޭނުންވާނަމަ އެކަމަށް، އެތަނެއް ވިޔަފާރި އުސޫލުން ހިންގުމުގެ ހުއްދަ މިނިސްޓްރީން ހޯދަންވާނެއެވެ.

(ށ) ޕްރައިވެޓް އައިލެންޑް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކަށެވެ.

(ނ) ޕްރައިވެޓް އައިލެންޑް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ އެ ރަށް ތަރައްގީކުރާ ޑިވެލޮޕަރަށް، ނުވަތަ އެ ރަށެއް ދިގު މުއްދަތަށް ކުއްޔަށް ހިފާފައިވާ އިންވެސްޓަރަށް، ނުވަތަ މި ގާނޫނުގެ 17-16 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން އެ ރަށެއް ހިންގުމަށް ނުވަތަ ބެލެހެއްޓުމަށް މެނޭޖްމަންޓް އެގްރީމަންޓް ހަދާފައިވާ ތިންވަނަ ފަރާތަށެވެ.

(ރ) ޕްރައިވެޓް އައިލެންޑް ފަތުރުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ދޫކުރާ ހިންގުމުގެ ހުއްދައިގެ މުއްދަތާއި އެ ހުއްދަ ދޫކުރުމަށް ނަގާނެ ފީ، އަދި ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

33  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، "ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސާބެހޭ"، ބާބުގެ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ރިޒޯޓް ހޮޓަލާއި، ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާބެހޭ  

 
34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީކުރުމާއި ހިންގުމުގެ ހުއްދަ ހޯދުން 17.

ދިވެހިރާއްޖޭގައި އެއްވެސް ރިޒޯޓް ހޮޓަލެއް ނުވަތަ އެއްވެސް ހޮޓަލެއް ނުވަތަ އެއްވެސް ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގަންވާނީ، ޓޫރިޒަމާބެހޭ މިނިސްޓްރީގައި އެތަނެއް ރަޖިސްޓަރީކޮށް، އެފަދަ ތަންތަން ހިންގުމަށް އެ މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުއްދަ ދޫކުރެވޭ ތަންތަން 18.

ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގެ ހުއްދަ ދޫކުރާނީ، ތިރީގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވާ ތަންތަނަށެވެ.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 18 ވަނަ މާއްދާގެ (ނ) އުނިކޮށް، އެ މާއްދާގެ ދެން ހުރި އަކުރުތައް ތަރުތީބުކުރުން.

18 (ނ). މި ގާނޫނުގެ 21 ވަނަ މާއްދާގައި ބުނެފައިވާ ރަޖިސްޓަރީ ފީ ދައްކާފައިވުން.

 

37  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރިޒޯޓް ހޮޓަލާއި ހޮޓާ ހެދުމަށް ބިން ދޫކުރުން 19.

ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ހެދުމަށް ސަރުކާރުން ބިމެއް ދޫކުރާނަމަ ދޫކުރަންވާނީ، މި ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. އަދި، ބިން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ޓޫރިސްޓް ރިޒޯޓުތަކާމެދު އަމަލުކުރުމަށް މި ގާނޫނުގައި ހިމަނާފައިވާ މާއްދާތައް ރިޒޯޓް ހޮޓަލާއި ހޮޓަލުގެ މައްޗަށްވެސް ހިނގާނެއެވެ.

 

38  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓޫރިސްޓުންނަށް ތިބެވޭނެ ތަންތަން 20.

މި ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ރިޒޯޓް ހޮޓަލެއް، ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ނުވަތަ މި ގާނޫނުގެ ދަށުން ހުއްދަ ލިބިފައިވާ ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް އުޅަނދެއް ނޫން ތަނެއްގައި އެއްވެސް ޓޫރިސްޓަކު އަގަށް ބަހައްޓައިގެން ނުވާނެއެވެ.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 21 ވަނަ މާއްދާ އުނިކުރުން.

ރަޖިސްޓަރީ ފީ 21.

ކޮންމެ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ޓޫރިސްޓް ހޮޓަލެއް ނުވަތަ އެ ޓޫރިސްޓް ގެސްޓްހައުސެއް ރަޖިސްޓަރީ ކުރުމަށްޓަކައި، ހޮޓަލެއްނަމަ 10،000 ރުފިޔާ، ގެސްޓްހައުސެއްނަމަ 5،000 ރުފިޔާގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

40 (ށ). މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުޅަނދުތަކަށް، މި މާއްދާގެ ދަށުން 24 ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ދޫކުރާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރާގޮތަށް އެކަމަށް ފީއެއް ދެއްކުމުންނެވެ. އެ ފީއަކީ، އެ އުޅަނދު ދިވެހިރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ދޫކުރުމަށް ނެގޭ ފީއެކެވެ. އެ ފީ ދެއްކުމުގެ ޒިންމާ އުފުލާނީ، އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ދިވެހިރާއްޖޭގައި ހުންނަ އޭޖެންޓެވެ.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 25 ވަނަ މާއްދާ އުނިކުރުން.

ޔޮޓް ބަނދަރު ހަދައި ހިންގޭނެ ތަންތަން 25.

ދިވެހިރާއްޖޭގައި ޔޮޓް ބަނދަރު ހަދައި ހިންގަންވާނީ، މި ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ދޫކުރާ ތަންތަނުގައެވެ.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 26 ވަނަ މާއްދާ އުނިކުރުން.

ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރުން 26.

ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރަންވާނީ، ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ދޫކުރުމަށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި ޓޫރިސްޓް ރިޒޯޓުތަކާމެދު އަމަލު ކުރުމަށް މި ގާނޫނުގައި ހިމަނާފައިވާ މާއްދާތައް ޔޮޓް ބަނދަރުތަކުގެ މައްޗަށްވެސް ހިނގާނެއެވެ.

 

43  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފީނުމުގެ ހިދުމަތްދޭ ތަންތަނުގެ ހުއްދަ ދޫކުރެވޭ ފަރާތްތައް 30.

މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ފީނުމުގެ ހިދުމަތްދޭ ތަނެއް ހިންގުމުގެ ހުއްދަ ދޫކުރާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމާއެކު އެ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ގެންދާ މަރުކަޒެއް ހުރުމާއި، އެފަދަ ތަނަކުން ލިބެންޖެހޭނެކަމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ހިދުމަތްތައް، އެތަނަކުން ލިބެންހުރުމުންނެވެ.

 

44  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 31 ވަނަ މާއްދާ އުނިކުރުން.

ރަޖިސްޓަރީ ފީ 31.

މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ފީނުމުގެ ހިދުމަތްދޭ ތަނެއް ރަޖިސްޓަރީ ކޮށްދެވޭނީ، އެތަނެއް ރަޖިސްޓަރީ ކުރުމަށްޓަކައި 5،000 ރުފިޔާގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 33 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުއްދަ ދޫކުރެވޭ ފަރާތްތައް 33.

ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35 (ކ). 1 ޖަނަވަރީ 2023 އިން ފެށިގެން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ 50 (ފަންސާސް) ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެއެވެ.

 

47  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 35 ވަނަ މާއްދާގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

35 (އ). މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، 1 ޖަނަވަރީ 35 2023 އިން ފެށިގެން މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 (ފަންސާސް) ކޮޓަރި ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެއެވެ.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 39 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގައި ސެކިއުރިޓީ ބެލެހެއްޓުން 39.

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޔޮޓް މެރީނާތައް އަދި ޓޫރިސްޓް ގެސްޓްހައުސް ތަކުގައި ކަމާގުޅުންހުރި މުއައްސަސާތައް ގަބޫލުކުރާ މިންގަނޑުތަކެއްގެ މައްޗަށް އެކަށައެޅޭ ސެކިއުރިޓީ ނިޒާމެއް، މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައިވާ ގޮތުގެމަތިން ގާއިމުކުރަންވާނެއެވެ. އެގޮތުން އެކުލަވާލާ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސެކިއުރިޓީ ނިޒާމު ކޮންމެ 2 (ދޭއް) އަހަރުން 1 (އެކެއް) ފަހަރު ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީން ބަލައި ފާސްކުރަންވާނެއެވެ.

 

49  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ތިރީގައި ނަކަލުކޮށްފައިވާ 40 ވަނަ މާއްދާ އުނިކުރުން.

ބިދޭސީން ޓޫރިޒަމުގެ މަސައްކަތެއް ކުރުން 40. 

މި ގާނޫނުގައި ބުނެފައިވާ ޓޫރިޒަމުގެ މަސައްކަތެއް ބޭރުގެ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ކުރަންވާނީ ގާނޫނު ނަންބަރު 1970-25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނު) ގައި ބުނެފައިވާ އެގްރިމަންޓްކޮށް، އެ ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން، އެ އިންވެސްޓްމަންޓެއް ޓޫރިޒަމާބެހޭ މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ.

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުއްދަ ދޫކުރާ މުއްދަތާއި، ހުއްދަ އާކުރުން 43.

މި ގާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި، ރިޒޯޓް ހޮޓަލާއި، ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓް ބަނދަރު ހިންގުމަށާއި ޓޫރިސްޓް އުޅަނދު ދުއްވުމަށާއި ފީނުމުގެ ހިދުމަތް ދޭ ތަންތަނާއި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ތަންތަން ހިންގުމުގެ ހުއްދައާއި އެނޫންވެސް ހުއްދަ ދޫކުރާނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ބުނެފައިވާ މުއްދަތަށެވެ. ކޮންމެ ހުއްދައެއްވެސް، އެ ހުއްދައެއް ދޫކުރި މުއްދަތު ހަމަވުމުން، އާކުރަންވާނެއެވެ.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53 (ހ). "ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ ރަށަކަށެވެ.

(ށ) "ހޮޓާ" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް މިނިސްޓްރީން ކަނޑައަޅާ ވަސީލަތްތަކެއް ހިމެނޭގޮތަށް ރަށެއްގެ ބައެއްގައި ތައްޔާރުކޮށްފައިވާ ތަންތަނަށެވެ.

 

52  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އެ މާއްދާގެ (ނ) ގެ ގޮތުގައި އަންނަނިވި އަކުރު އިތުރުކޮށް، ދެންހުރި އަކުރުތައް ތަރުތީބުކުރުން.

53 (ނ). "ރިޒޯޓް ހޮޓާ" ކަމަށް ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް މިނިސްޓްރީން ކަނޑައަޅާ ވަސީލަތްތަކަކާއި ހިދުމަތްތަކެއް ހިމެނޭގޮތަށް ރަށެއްގެ ބައެއްގައި ތައްޔާރުކޮށްފައިވާ ތަންތަނަށެވެ.

 

53  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) އަކީ އެ މާއްދާގެ (ރ) ކަމުގައި ހަމަޖައްސައި، އެ އަކުރު އަންނަނިވި 
ގޮތަށް އިސްލާހުކުރުން.

53 (ރ). "ޓޫރިސްޓް ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، ނިދުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ކޮޓަރިތައް ހިމެނޭގޮތަށް މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ތަރައްގީކުރެވޭ ތަންތަނަށެވެ.

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53 (މ). "ފަތުރުވެރިކަމާބެހޭ ކަންކަން" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ރިޒޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރުފަދަ ތަންތަން ހަދައި ތަރައްގީކޮށް ހިންގުމަށާއި، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހާއްސަކުރެވިގެން ދެވޭ ފީނުމާއި، ވޯޓަރ ސްޕޯޓްސް އަދި ފަތުރުވެރިން ދަތުރު ދިއުމުގެ ހިދުމަތް ދިނުން ފަދަ ކަންކަމަށެވެ.

 

55  ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53 (ތ). "ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ ވާ ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ،ސަރުކާރުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް ނުވަތަ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނިތަކެއްގެ ނަމުގައި ހިމެނޭ ކުންފުނި ހިމެނޭ ގޮތުންނެވެ.

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ޖަދުވަލު 2 އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ޖަދުވަލު 2

މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންބިމުގެ ކުލި 

 

57 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

58  ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

59 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން މިނިސްޓްރީން ހުއްދަ ދީގެން ފަތުރުވެރިން ބައިތިއްބުމަށް  ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި ގާނޫނުގައި  ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީހުގެ ކުރިން ބަދަލުކުރަންވާނެއެވެ. އަދި، މި ގާނޫނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެފަދަ ތަންތަން ހިންގުމަށް މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެއެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު