-

ގްރީން ޓެކްސް ގަވާއިދު (ގަވާއިދު ނަންބަރު 2015-181) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-145)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ސެޕްޓެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2015-181 (ގްރީން ޓެކްސް ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަގުސަދު 2.

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) އާއި (މ) އާއި (ފ) ގެ ދަށުން ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، ގްރީން ޓެކްސް ނެގުމަށް ޓަކައި މީރާއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރުން 3.

(ހ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ތާރީހުން ފެށިގެން އެ ތަނެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވުނީ އެވެ. މި ގޮތުން އެ ޓޫރިސްޓު ރިޒޯޓު ނުވަތައިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓް ނުވަތަ ޓޫރިސްޓު ހޮޓާ ނުވަތަ ރިޒޯޓް ހޮޓާ ނުވަތަ ހޮޓާ ނުވަތަ އުޅަނދު ނުވަތަ ގެސްޓްހައުސްނުވަތަ އެނޫންވެސް އެފަދަ ތަނެއް މީރާގައި ރަޖިސްޓަރީ ކުރެވޭނީ އެ ތަން ނުވަތަ އެ އުޅަނދު ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ނަމުގައެވެ. އަދި އެއިން ކޮންމެ ތަނަކާއި އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވޭނ ވަކިންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

3. (1-ހ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު ހޮޓަލަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ހިންގުމުގެ ހުއްދަ، ގާނޫނު ނަންބަރު 2022-08 (ގާނޫނު ނަންބަރު 1999-02، (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން ބަދަލުކޮށްފިނަމަ، އެ ބަދަލުކުރެވުނު ކެޓަގަރީ އަށް، އެ ތަނެއް ގްރީން ޓެކުހަށް ކޮށްފައިވާރަޖިސްޓަރީ އަންނަނިވި ތާރީހުތަކުގެ ތެރެއިން ފަހުން އަންނަ ތާރީހަކުން ފެށިގެން ބަދަލުކުރެވޭނެއެވެ.

  1. ގާނޫނު ނަންބަރު 2022-08 (ގާނޫނު ނަންބަރު 1999-02، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 59 ވަނަ މާއްދާގެ ދަށުން ހިންގުމުގެ ހުއްދަ ބަދަލުކުރި ތާރީހު؛
  2. 1 ޖަނަވަރީ 2023.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީ ކުރަންޖެހޭ ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑްޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަޓޫރިސްޓު އުޅަނދެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އެ މިނިސްޓްރީ ގައި ރަޖިސްޓަރީ ނުކޮށް ހިންގިކަމުގައި ވިޔަސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ނުވަތަ އެ ތަން ނުވަތަ އުޅަނދު ހިންގަން ފެށީ މި ގަވާއިދަށް އަމަލުކުރަން ފެށުމަށް ފަހުގައި ކަމަށް ވާނަމަ، އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށި ތާރީހުން ފެށިގެން، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.

(ރ) ޤާނޫނުގެ ދަށުން މިނިސްޓްރ އޮފް ޓޫރިޒަމުގައި ރަޖިސްޓަރ ކުރަންޖެހޭ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަނެއް ނުވަތަ އުޅަނދެއް އެ މިނިސްޓްރީގައި ރަޖިސްޓަރީނުކޮށް ހިންގިކަމުގައި ވިޔަސް، އެ ތަނަކުން ނުވަތަ އެ އުޅަނދަކުން، ޤާނޫނުގެ ދަށުން ގްރީން ޓެކްސް ނެގުން ލާޒިމުވާ ތާރީޚުން ފެށިގެން، ނުވަތަ އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށީ އެ ތަނަކުން ނުވަތަ އެ އުޅަނދަކުން ޤާނޫނުގެ ދަށުން ގްރީން ޓެކްސް ނެގުން ލާޒިމުވާ ތާރީޚުގެ ފަހުން ކަމަށްވާނަމަ، އެ ތަން ނުވަތަ އެ އުޅަނދު ހިންގަން ފެށި ތާރީޚުން ފެށިގެން، އެ ތަން ނުވަތަ އެ އުޅަނދު ގްރީން ޓެކްސްއަށް ރަޖިސްޓަރ ކުރެވޭނެއެވެ. އަދި އެ ތަން ނުވަތަ އެ އުޅަނދު ހިންގާ ފަރާތުން ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓިން 5.

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ ކޮންމެ ޓޫރިސްޓު ރިޒޯޓަކަށާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށާއި، ޓޫރިސްޓު ހޮޓަލަކަށާއި، ރިޒޯޓް ހޮޓަލަކަށާއި، ހޮޓަލަކަށާއި، ޓޫރިސްޓު އުޅަނދަކަށާއި، ޓޫރިސްޓު ގެސްޓްހައުސްއަކަށާއި އެނޫންވެސް އެފަދަ ތަންތަނަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓް 6.

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ ކޮންމެ ޓޫރިސްޓު ރިޒޯޓަކަށާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށާއި، ޓޫރިސްޓު ހޮޓަލަކަށާއި، ރިޒޯޓް ހޮޓަލަކަށާއި، ހޮޓަލަކަށާއި، ޓޫރިސްޓު އުޅަނދަކަށާއި، ޓޫރިސްޓު ގެސްޓްހައުސްއަކަށާއި، އެނޫންވެސް އެފަދަ ތަންތަނަށް ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓެއް ދޫކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ ކޮންމެ ތަނަކުންނާއި ކޮންމެ އުޅަނދަކުން، އެ ތަނެއް ނުވަތަ އެ އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކޮށްފައިވާކަން ކަސްޓަމަރުންނަށް އަންގައިދިނުމުގެ ބޭނުމަށް، މީރާއިން ދޫކޮށްފައިވާ ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނޭހެން އެ ތަނެއްގައި ނުވަތަ އެ އުޅަނދެއްގައި ބަހައްޓަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ރަޖިސްޓަރީ ބާތިލުކުރުން 7.

ޓޫރިސްޓު ރިޒޯޓު، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓު، ޓޫރިސްޓު ހޮޓާ، ރިޒޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓު އުޅަނދު ނުވަތަ ޓޫރިސްޓު ގެސްޓްހައުސް ނުވަތަ އެނޫންވެސް އެފަދަ ތަނެއްގެ ހިންގުމުގެ ހުއްދަ ބާތިލުކުރާ ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ގްރީން ޓެކްސް ރެޖިސްޓޭށަން ބާތިލުކުރުމަށް އެދި އެ ހުއްދަ އޮތް ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގްރީން ޓެކްސްގެ ގްރީން ޓެކްސް ހިސާބުކުރުން 8.

ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) ގެ ބޭނުމަށް، ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގްރީން ޓެކްސް ނަގަން ފަށާނީ، ޓޫރިސްޓަކު ޓޫރިސްޓު ރިޒޯޓަކަށް،އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށް، ޓޫރިސްޓު ހޮޓަލަކަށް، ރިޒޯޓް ހޮޓަލަކަށް، ހޮޓަލަކަށް، ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ޗެކް-އިން ވާ ވަގުތުން ފެށިގެންނެވެ.

(ށ) ޓޫރިސްޓު ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި ޓޫރިސްޓުއުޅަނދުތަކާއި އެނޫންވެސް އެފަދަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި ނުވަތަ އެ އުޅަނދުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ޓޫރިސްޓު ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އެހެންނަމަވެސް އެ ޓޫރިސްޓު އެ ތަނުން ޗެކް-އައުޓް ވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނ، އެ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 ( ބާރަ) ގަޑިއިރު ހޭދަކޮށްފައިވާނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 50 (ފަންސާސް) ކޮޓަރިއަށް ވުރެ ގިނަ އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު ގެސްޓްހައުސްތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، 1 ޖަނަވަރ 2023 އިން ފެށިގެން، ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، 50 (ފަންސާސް) ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ހޮޓާތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، 1 ޖަނަވަރ 2023 އިން ފެށިގެން،ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓު ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 3 (ތިނެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. 

(ބ) މަސް ނިމޭއިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރުމުގައި ބަލާނީ، އެ މަސް ނިމޭ ދުވަހުގެ 23:59 ނިސްބަތްވާ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ތެރޭގައި އޭނާ އެ ތަނުގައި ހޭދަކޮށްފައިވާ ވަގުތަށެވެ. އެ ގޮތުން އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް އެ މަހުގައި ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރު ގުނަން ފަށާ ވަގުތުން ފެށިގެން އެ މަސް ނިމޭ ދުވަހުގެ 23:59 އާ ހަމަ ޔަށް އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައިވާ ނަމައެވެ. އެ ނޫން ހާލަތުތަކުގައި އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީީ، ޖެހިގެން އަންނަ މަހުގައެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 24 (ސައުވީސް) ގަޑިއިރުގެ ބްލޮކަކަށް ގްރީން ޓެކްސް ދައްކަން ޖެހޭނީ، އެ 24 (ސައުވީސް) ގަޑިއިރުގެ ބްލޮކްގެ ފުރަތަމަ 12 (ބާރަ) ގަޑިއިރު ނިމޭ ތާރީހުގައި އެ ފަރާތަކުން ގްރީން ޓެކްސް ދައްކަންޖެހޭ ރޭޓުގައެވެ.

(ކ) ބޭރުގެ ޓޫރިސްޓު އުޅަނދުތަކުން ގްރީން ޓެކްސް ހިސާބުކުރަންޖެހެނ މަހުން މަހަށް ކަމުގައި ނުވާތ، އެ ފަދަ އުޅަނދުތަކަށް މި މާއްދާގެ (ބ) ރައްދެއް ނުވާނެއެވެ.

(އ) ހިލޭ ނުވަތަ ކޮމްޕްލިމެންޓަރ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ވެސް، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޗެކް-އިން ކުރުމާއި ޗެކް-އައުޓް ކުރުން 9.

(ހ) މި ގަވާއިދުގެ ބޭނުމަށް، އެއްވެސް މީހަކުު، ޓޫރިސްޓު ރިޒޯޓަކަށް، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކަށް، ނުވަތަ ޓޫރިސްޓުހޮޓަލަކަށް، ނުވަތަ ރިޒޯޓް ހޮޓަލަކަށް، ނުވަތަ ހޮޓަލަކަށް، ނުވަތަ ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކަށް ނުވަތަ އެނޫންވެސް އެފަދަ ތަނަކަށް ޗެކް-އިން ވީ ކަމުގައި ބަލާނީ، އެ މީހަކު އެ ތަނުގައި ނުވަތަ އެ އުޅަނދުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ނުވަތަ އެ އުޅަނދުގެ ސިސްޓަމުގައި ނުވަތަ ލިޔެކިޔުންތަކުގައި ރިކޯޑުކުރުމުންނެވެ. އަދި އެ މީހާ އެ ތަނުން ނުވަތަ އެ އުޅަނދުން ޗެކް-އައުޓް ވީކަމުގައި ބަލާނީ، އެ ތަނުގެ ނުވަތަ އެ އުޅަނދުގެ ސިސްޓަ މުގައި ނުވަތަ ލިޔެކިޔުންތަކުގައި އެކަން ރިކޯޑުކުރުމުންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

(ޅ) މީހަކުު، ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓުރިޒޯޓަކުން، ނުވަތަ ޓޫރިސްޓު ހޮޓަލަކުން، ނުވަތަ ރިޒޯޓް ހޮޓަލަކުން، ނުވަތަ ހޮޓަލަކުން، ނުވަތަ ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކުން ނުވަތަ އެނޫންވެސް އެފަދަ ތަނަކުން ޗެކް-އައުޓް ވާތާ 12 (ބާރަ) ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކު އެ ތަނުން ނުވަތަ އެ އުޅަނދުން ޗެކް-އައުޓް ވެފައިވާ މީހެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އަދި އެ މީހަކުު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ވެސް ހިސާބުކުރަންވާނީ، ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައި ބަލައިގެންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

9-1 އިންތިގާލީ ކަންކަން

ގާނޫނުގެ 35 ވަނަ މާއްދާގެ (މ) އާއި (ފ) ގެ ބޭނުމަށް، ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގްރީން ޓެކްސް ނަގަން ފަށާނީ، 21 ސެޕްޓެންބަރު 2022 އިން ފެށިގެންނެވެ.

(ށ) ގްރީން ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް، 21 ސެޕްޓެންބަރު 2022 ގެ 00:00 ގައި ޓޫރިސްޓު ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓު ހޮޓަލެއްގައި ނުވަތަ ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއްގައި ނުވަތަ ޓޫރިސްޓު އުޅަނދެއްގައި ހުރި މީހަކުު އެ ތަނަށް ނުވަތަ އެ އުޅަނދަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ، 21 ސެޕްޓެންބަރު 2022 ގެ 00:00 އެވެ.

(ނ) 21 ސެޕްޓެންބަރު 2022 އިން ފެށިގެން ގެސްޓް ރެޖިސްޓްރޭށަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، 21 ސެޕްޓެންބަރު 2022 ފެށުމާ ހަމަޔަށް ބޭނުންކުރަމުންދިޔަ ގެސްޓް ރެޖިސްޓްރޭށަން ނަންބަރުތައް މެދުނުކެނޑި ދެމިގެންދާ ގޮތަށް އެ ތަރުތީ ބުންނެވެ. 

(ރ) ގްރީން ޓެކްސް ހިސާބުކުރާނ، މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގްރީން ޓެކްސް ބަޔާން 10.

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި،ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން ގްރީން ޓެކްސް ހިސާބުކުރާނީ، އަދި މީރާއަށް ގްރީން ޓެކްސް ބަޔާން ހުށަހަޅާނީ، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތީންނެވެ.

(ށ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން، ކޮންމެ ކަލަންޑަރު މަހަކާ ގުޅޭ ގޮތުން 501 MIRA (ގްރީން ޓެކްސް ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅަންޖެހޭނެއެވެ.

(ނ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް އޮޕަރޭޓް ނުކުރިކަމުގައި ވިޔަސް، ނުވަތަ އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ނުބޭތިއްބި ކަމުގައި ވިޔަސް، އެ ތަނުގެ ނުވަތަ އުޅަނދުގެ ގްރީން ޓެކްސް ރެޖިސްޓްރޭށަން ބާތިލު ނުކުރާހައި ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގްރީން ޓެކްސް ބަޔާން، އެ އަކުރުގައިވާ ގޮތުގެ މަތީން މީރާއަށް ހުށަހަޅަންޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެނޫން ގޮތްގޮތުން ހުށަހަޅާ ގްރީން ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިހްތިޔާރު، ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށް ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ގްރީން ޓެކްސް ބަޔާނުގައި ސޮއިކުރަންވާނ، އެ ތަން ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް 117 MIRA (ރަޖިސްޓަރީ ކުރުމާއި މައުލޫމާތު ބަދަލުކުރުން) ފޯމު މެދުވެރިކޮށް މީރާއަށް އަންގައިފައިވާ ފަރާތަކުންކުރެ ފަރާތެކެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓެކްސް ބަޔާން އިސްލާހުކުރުން 12.

(ހ) ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓަކުން، ނުވަތަ ޓޫރިސްޓު ހޮޓަލަކުން، ނުވަތަ ރިޒޯޓް ހޮޓަލަކުން، ނުވަތަ ހޮޓަލަކުން، ނުވަތަ ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއަކުން ނުވަތަ އެނޫންވެސް އެ ފަދަ ތަނަކުން މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އުނިކުރުން.

(ނ) (އުނިކޮށްފައި).

(ރ) (އުނިކޮށްފައި).

(ބ) (އުނިކޮށްފައި).

(ޅ) (އުނިކޮށްފައި).

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންފޮމޭށަން ށީޓު ހުށަހެޅުން 13.

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި އެނޫންވެސް އެފަދަ ތަންތަނުން ހުށަހަޅާ ގްރީން ޓެކްސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭށަން ށީޓެއް ހުށަހަޅަންވާނެއެވެ. މި އިންފޮމޭށަން ށީޓުގައި، އެ މުއްދަތެއްގެ ތެރޭގައި އެ ތަނުގައި ނުވަތަ އެ އުޅަނދުގައި ތިބި ހުރިހާ ގެސްޓުންގެ މައުލޫމާތު ހިމަނަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގްރީން ޓެކްސް ދެއްކުން 14.

(ހ) ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޯޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ މަހަކަށް ދައްކަންޖެހޭ ގްރީން ޓެކްސް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކަންޖެހޭނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ނަގާ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހުން 17.

ގާނޫނާއި މި ގަވާއިދުގެ ދަށުން ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ގްރީން ޓެކްސް ނަގައިފިނަމަ، ގާނޫނުގެ 35 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަރާތުން އެ ފައިސާ ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރިކޯޑު ބެލެހެއްޓުން 18.

ގާނޫނު ނަންބަރު 2010-03 (ޓެކްސް ނެގުމާބެހޭ އިދާރ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2013-45 (ޓެކްސް ނެގުމާބެހޭ އިދާރ ގަވާއިދު) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި ޓޫރިސްޓުގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، އަންނަނިވި ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.

(ހ) ގެސްޓް ރެޖިސްޓަރީ؛

(ށ) ގެސްޓް ރެޖިސްޓްރޭށަން ކާޑުތައް؛

(ނ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ގޮތުގައި ތިބޭ ދިވެހި ރައްޔިތުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕ ނުވަތަ ޕާސްޕޯޓުގެ ކޮޕީ؛

(ރ) އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ގެސްޓުން ގޮތުގައި ތިބޭ ރެސިޑެންޓް ޕާރމިޓް ހޯލްޑަރުންގެ ވިސާގެ ކޮޕީ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގައި އެކުލެވޭ ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް "ހިންގާ ފަރާތް" ގެ މާނަ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓޫރިސްޓު ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓު ރިޒޯޓެއް ނުވަތަ ޓޫރިސްޓު ހޮޓަލެއް ނުވަތަ ރިޒޯޓު ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓު އުޅަނދެއް ނުވަތަ ޓޫރިސްޓު ގެސްޓްހައުސްއެއް ނުވަތަ އެނޫންވެސް އެފަދަ ތަނެއް "ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ތަނުގެ އޮޕަރޭޓިންގ ލައިސަންސް، މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ފަރާތަށެވެ. މި މާނަކުރުން، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) އަށް ރައްދެއް ނުވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގައި އެކުލެވޭ "ގްރީން ޓެކްސް" ގެ މާނަ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) "ގްރީން ޓެކްސް" ކަމަށް ބުނެފައި އެވަނީީ، ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) އާއި (އ) އާއި (މ) އާއި (ފ) ގެ ދަށުން ނެގޭ ޓެކުހަށެވެ.

 

22 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގްރީން ޓެކްސް ގަވާއިދު (ގަވާއިދު ނަންބަރު 2015-181)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގްރީން ޓެކްސް ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-181)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު