-

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2021-102)

(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

މި ގަވާއިދުންވަނީ ގަވާއިދު ނަންބަރު 2009-04 އުވާލެވިފައި

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި، އުސޫލުތަކާއި، ލައިސަންސްގެ  ބާވަތްތަކާއި، ލައިސަންސް ބޭނުންކުރުމުގެ ހަމަތަކާއި، ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުމުގެ ހާލަތްތައް ކަނޑައެޅުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، އެ ގާނޫނުގެ (3) ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދެވޭނެ ށަރުތުތަކާއި، ލައިސަންސް ދޫކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުން.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ބާވަތްތައް ބަޔާންކުރުން.

(ނ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ މުއްދަތު ބަޔާންކުރުން.

(ރ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ އެކި ބާވަތްތަކުގެ ދަށުން އެއްގަމު އުޅަނދު ދުއްވޭނެ ސަރަހައްދުތައް ކަނޑައަޅައި ބަޔާންކުރުން.

(ބ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ފީ ކަނޑައަޅައި ބަޔާންކުރުން.

(ޅ) ރާއްޖެއިން ބޭރުގެ ގައުމަކުން ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ރާއްޖޭގައި ދުއްވުމުގެ އުސޫލުތައް ބަޔާންކުރުން.

(ކ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސުން ކްރެޑިޓް ޕޮއިންޓް އުނިކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި، ލައިސަންސް ބާތިލުކުރުމުގެ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކުންނެވެ.

 

4 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވަން ދަސްކުރުން

(ހ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރަންވާނީ، މިނިސްޓްރީން ލައިސަންސް ދޫކޮށްފައިވާ ސްކޫލެއް ނުވަތަ އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.

(ށ) އެއްގަމު އުޅަނދެއް ދުއްވުމަށް ނުވަތަ އޮޕަރޭޓް ކުރުމަށް ދަސްކުރުމުގެ ގޮތުން އުޅަނދު ދުއްވޭނީ، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކަށެވެ.

(ނ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމުގައި، އުޅަނދު ދުއްވުމުގެ ތިއަރީ ޓްރެއިނިންގއާއި އަމަލީ ޓްރެއިނިންގ، މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ފުރިހަމަކުރަންވާނެއެވެ.

(ރ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމުގެ އަމަލީ ޓްރެއިނިންގ ކުރިޔަށް ގެންދެވޭނެ ސަރަހައްދާއި ވަގުތު، ރަށެއްގައި ނަމަ، ރަށު ކައުންސިލުން ނުވަތަ ސިޓީއެއްގައި ނަމަ، ސިޓީ ކައުންސިލުން ކަނޑައަޅަންވާނެއެވެ. މިގޮތުން ކަނޑައަޅާ ސަރަހައްދާއި ވަގުތު އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އެއްގަމު އުޅަނދު ދުއްވަން ދަސްކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދުތަކުގައްޔާއި ވަގުތުތައް ފިޔަވައި އެހެން ސަރަހައްދެއްގައި ނުވަތަ ވަގުތެއްގައި، ދަސްކުރަން ދުއްވުމަކީ މަނާ ކަމެކެވެ.

(ޅ) އެއްގަމު އުޅަނދު ދުއްވަން ދަސްކުރާއިރު 20 (ވިހި) ކިލޯމީޓަރަށްވުރެ ބާރަށް އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.

 

5 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކުންނެވެ.

(ށ) މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް ނެތި، އެއްގަމު އުޅަނދު ދުއްވުމާއި އޮޕަރޭޓް ކުރުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - ލައިސަންސްގެ ބާވަތާއި މުއްދަތު

(ހ) އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަށް ނުވަތަ އޮޕަރޭޓް ކުރުމަށް ދޫކުރާނީ، ދެ ބާވަތެއްގެ ލައިސަންސެވެ. އެއީ ވަގުތީ ލައިސަންސާއި ދާއިމީ ލައިސަންސެވެ.

(ށ) ވަގުތީ ލައިސަންސްގެ ތެރޭގައި ހިމެނެނީ، މުޅިން އަލަށް ލައިސަންސް ނަގާ ދިވެހި ރައްޔިތުންނަށް ދޫކުރާ ލައިސަންސާއި، ބިދޭސީންނަށް ދޫކުރާ ލައިސަންސެވެ. ވަގުތީ ލައިސަންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރި ތާރީހުން ފެށިގެން، މީލާދީ 1 (އެކެއް) އަހަރުދުވަހެވެ.

(ނ) ދާއިމީ ލައިސަންސަކީ، ލައިސަންސް ނަގައިފައިވާ ދިވެހި ރައްޔިތުންނަށާއި، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފަރާތްތަކަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުން ދޫކުރާ ލައިސަންސެކެވެ. ދާއިމީ ލައިސަންސަކީ، ކޮންމެ 10 (ދިހައެއް) އަހަރަކުން އައުކުރަންޖެހޭ ލައިސަންސެކެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، އެ މީހަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުވާނެއެވެ. މިފަދައިން ބާތިލުވެފައިވާ ލައިސަންސެއް ބޭނުންކޮށްގެން އުޅަނދު ދުއްވުމަކީ ނުވަތަ އޮޕަރޭޓްކުރުމަކީ މަނާ ކަމެކެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދާއިމީ ލައިސަންސް، ވަގުތީ ލައިސަންސް ނަގައިފައިވާ ފަރާތަކަށް  ދޫކުރަންވާނީ، ވަގުތީ ލައިސަންސްގެ މުއްދަތުގެ ތެރޭގައި،  ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް އެ ފަރާތުން ކޮށްފައިވާކަމުގެ އެއްވެސް ރެކޯޑެއް ނެތްނަމައެވެ. ވަގުތީ ލައިސަންސްގެ މުއްދަތުގައި އެފަދަ ރެކޯޑެއް އޮވެއްޖެނަމަ، އެ ފަރާތަކަށް ދޫކުރާނީ ވަގުތީ ލައިސަންސެކެވެ.

  1. ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން؛
  2. ދުވެލީގެ މިންގަނޑާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުން؛
  3. އެއްކޮޅަށް ދުއްވަން ކަނޑައަޅައިފައިވާ މަގުތަކުގައި އެއާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުން؛
  4. ޓްރެފިކް ބައްތިއާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުން؛
  5. ޓްރެފިކް ނިށާންތަކާ ހިލާފަށް އަމަލުކުރުން؛
  6. އެއްގަމު އުޅަނދު ދުއްވަމުން މުއާސަލާތީ ވަސީލަތެއް ބޭނުންކުރުން؛
  7. އެއްގަމު އުޅަނދުގައި ދުންފަތުގެ އިސްތިއުމާލުކުރުން؛
  8. އިސްތިސްނާ ކޮށްފައިވާ އެއްގަމު އުޅަނދަށް ހުރަސްއެޅުން؛
  9. އެއްގަމު އުޅަނދު ދުއްވުމުގައި، މަގު ބޭނުންކުރުމުގެ ހަމަތަކާ ހިލާފުވުން؛
  10. އުޅަނދަށް ދީފައިވާ ރަޖިސްޓަރީ ނަންބަރު ނޫން އެހެން ނަންބަރެއް އުޅަނދުގައި ހަރުކުރުން ނުވަތަ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތެއްގެ ހުއްދަނެތި އުޅަނދުގެ އިންޖީނު ނުވަތަ ޗެސިސް ނަންބަރު ބަދަލުކުރުން.

(ޅ) ބިދޭސީންނަށް ދޫކުރާނީ، އަހަރަކު އެއްފަހަރު އައުކުރާގޮތަށް ދޭ ވަގުތީ ލައިސަންސެކެވެ.

(ކ) މި މާއްދާގެ (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ދާއިމީ ލައިސަންސެއް ދޫކުރެވިދާނެއެވެ. (އިތުރު ކުރެވިފައި)

 

7 ވަނަ މާއްދާ - ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލައިސަންސް ދޫކުރުން

(ހ) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާ ހާއްސަ އުޅަނދު ދުއްވުމަށް ޓަކައި، އެކަމަށް ކަނޑައަޅައިފައިވާ ހާއްސަ ލައިސަންސެއް، މިނިސްޓްރީން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް ދޫކުރެވިދާނެއެވެ.

(ށ) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގައި ހުރި ނުކުޅެދުންތެރިކަމުގެ މިންވަރަށް ބަލައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި އުސޫލުތަކުން އެ ފަރާތްތައް އިސްތިސްނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ކްރެޑިޓް ޕޮއިންޓް

(ހ) އެއްގަމު އުޅަނދު ދުއްވުމަށް އަލަށް ދޫކުރާ ކޮންމެ ލައިސަންސަކާއެކު 100 (އެއްސަތޭކަ) ކްރެޑިޓް ޕޮއިންޓް ހިމަނަންވާނެއެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމަށް ދޫކޮށްފައިވާ ލައިސަންސް އޮތް ފަރާތްތަކުން، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން، އެ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ލައިސަންސްގެ ކްރެޑިޓް ޕޮއިންޓުން ޕޮއިންޓް އުނިކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ލައިސަންސް ނެގުމަށް އެދި ހުށަހެޅުން

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށް ނުވަތަ ލައިސަންސަށް ކެޓަގަރީއެއް އިތުރުކުރުން ފަދަ، ލައިސަންސާ ގުޅޭ ހިދުމަތްތަކަށް އެދެންވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުންނެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅޭނީ، މިލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހުންނަށެވެ.

(ނ) ލައިސަންސަށް އެދި ހުށަހަޅާއިރު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމުގައިވާ އެންމެހައި މައުލޫމާތު ފުރިހަމަވާންވާނެއެވެ. އަދި އެ ފޯމާއެކު ހުށަހަޅާންޖެހޭކަމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ފުރިހަމަވާންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ  ފޯމު ހުށަހެޅުމުން، ފޯމުގައިވާ މައުލޫމާތު ފުރިހަމަތޯ  ބެލުމަށްފަހު، މައުލޫމާތު ފުރިހަމަ ނުވާނަމަ، ފޯމު ބާތިލު ކުރެވޭނެއެވެ.

(ބ) މި މާއްދާގެ ދަށުން ލައިސަންސަށް އެދޭ ފޯމު ހުށަހަޅައިފައިވަނީ ލައިސަންސަށް ކެޓަގަރީއެއް އިތުރުކުރުމަށް ކަމުގައި ވާނަމަ، އެ އުޅަނދެއް ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމަށް ހާޒިރުވާންޖެހޭ ތަނާއި، ތާރީހާއި، ގަޑި، ފޯމު ހުށަހެޅި ވަގުތުން ފެށިގެން، ލަސްވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، ފޯމު ބަލައިގަތް އިދާރާއިން، ފޯމު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވުމުގެ އިމްތިހާނު

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރެވޭނީ، އަންނަނިވި  ދެ އިމްތިހާނުގައި ބައިވެރިވެ، އެ އިމްތިހާނުތަކުން ފާސްވުމަށްފަހުއެވެ.

  1. އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނު؛
  2. އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނަކީ، ލައިސަންސަށް އެދޭ ފަރާތް، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށްޓަކައި ހަދަންޖެހޭ އިމްތިހާނެކެވެ.

(ނ) އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނަކީ، ލައިސަންސަށް އެދޭ ފަރާތް، އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް ފަރިތަވެފައިވާ މިންވަރު ބެލުމަށް ޓަކައި ހަދަންޖެހޭ އިމްތިހާނެކެވެ.

(ރ) އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީއާއި އަމަލީ އިމްތިހާނުގައި އިމްތިހާނު ކުރެވޭނެ ދާއިރާތަކާއި، އިމްތިހާނުގެ މިންގަނޑުތަކާއި، އިމްތިހާނު ކުރިޔަށްގެންދެވޭނެ ގޮތްތައް ކަނޑައަޅާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކުންނެވެ.

 

11 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނު

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނުގައި ބައިވެރިވެވޭނީ،   މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިއަރީ އިމްތިހާނު ހެދުމުގެ ފީ ދެއްކުމަށްފަހުގައި، ފޯމު ހުށަހެޅި ލައިސަންސް ދޫކުރާ އިދާރާއަށް ފީ ދެއްކިކަމުގެ ލިޔުން ހުށަހެޅުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފީ ދެއްކިކަމުގެ ލިޔުން ހުށަހަޅާތާ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، ތިއަރީ އިމްތިހާނު ހެދުމަށް ހާޒިރުވާންޖެހޭ ތަނާއި، ތާރީހާއި، ގަޑި، ލައިސަންސް ދޫކުރާ އިދާރާއިން، ލައިސަންސަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.

(ނ) އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނު ކުރިޔަށް ގެންދާނެ ސަރަހައްދާއި ތާރީހާއި ވަގުތު ކަނޑައަޅާނީ، ލައިސަންސް ދޫކުރާ އިދާރާއިންނެވެ.

(ރ) އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަނަށް، ލައިސަންސް ދޫކުރާ އިދާރާއިން އަންގައިފައިވާ ތާރީހާއި ގަޑިއަށް ހާޒިރުވާންވާނެއެވެ.

(ބ) ތިއަރީ އިމްތިހާނަށް ދިވެއްސަކު ހާޒިރުވާއިރު،  އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ހުށަހަޅަންވާނެއެވެ. ބިދޭސީއެއްނަމަ، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ވާރކް ވިސާ ކާޑުގެ އަސްލު ހުށަހަޅަންވާނެއެވެ.

(ޅ) ތިއަރީ އިމްތިހާނުން ފާސްވީކަމުގައި ބެލެވޭނީ، އިމްތިހާނުގައި ހިމެނޭ މަޖުބޫރު ހުރިހާ ސުވާލެއް ރަނގަޅު ކުރުމާއެކު، މުޅި އިމްތިހާނުން މަދުވެގެން %75 (ހަތްދިހަފަހެއް އިންސައްތަ) މާކްސް ލިބުމުންނެވެ.

(ކ) ތިއަރީ އިމްތިހާނު ފުރިހަމަކުރުމުން، އިމްތިހާނު ހެދި ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދޭންވާނެއެވެ. މި ލިޔުމުގައި، އެ ފަރާތަށް ލިބުނު މާކުހުގެ އަދަދާއި، ތިއަރީ އިމްތިހާނުން ފާސްވިކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(އ) ތިއަރީ އިމްތިހާނު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށާއި އިމްތިހާނުން ފެއިލްވާ ފަރާތްތަކަށް އަލުން އެ އިމްތިހާނުގައި ބައިވެރިވެވޭނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިއަރީ އިމްތިހާނު ހެދުމުގެ ފީ ދެއްކުމުންނެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ދައްކަންޖެހޭ ފީ ދައްކައި، ފީ ދެއްކިކަމުގެ ލިޔުން، ލައިސަންސް ދޫކުރާ އިދާރާއަށް ހުށަހެޅުމުން، ތިއަރީ އިމްތިހާނު ހެދުމަށް އަލުން ހާޒިރުވާންޖެހޭ ތަނާއި، ތާރީހާއި، ގަޑި، ލަސްވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، ލައިސަންސް ދޫކުރާ އިދާރާއިން، ލައިސަންސަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.

 

12 ވަނަ މާއްދާ - އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނުގައި ބައިވެރިވެވޭނީ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިއަރީއިމްތިހާނުން ފާސްވުމަށްފަހު، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޓްރެއިނިންގ ފުރިހަމަކުރުމުގެ ލިޔުމާއެކު، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިމްތިހާނު      ފީ ދެއްކުމަށްފަހުގައެވެ.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނުގައި ބައިވެރިވުމަށް އެދި ހުށަހަޅަންވާނީ، ތިއަރީ އިމްތިހާނު ހެދި އިދާރާއަކަށެވެ.

(ނ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދި މުޅިން އަލަށް ހުށަހަޅާ ފަރާތްތަކުން ތިއަރީ އިމްތިހާނު ހެދުމަށްފަހު، ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އަމަލީ އިމްތިހާނު ހެދުމަށް އެދި ހުށަހަޅަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނު އަލުން ފުރިހަމަ ކުރަން ވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ލައިސަންސަށް އެދި ހުށަހަޅައިފައިވަނީ ކެޓަގަރީއެއް އިތުރުކުރުމަށް ކަމުގައި ވާނަމަ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިއަރީ އިމްތިހާނު އަލުން ފުރިހަމަކުރުމުން އިސްތިސްނާވާނެއެވެ. 

(ބ) މި މާއްދާގެ (ހ) ގެ ދަށުން އަމަލީ އިމްތިހާނު ހެދުމުގެ ހިދުމަތަށް ފައިސާ ދައްކާތާ، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، އަމަލީ އިމްތިހާނު ހެދުމަށް ހާޒިރުވާންޖެހޭ ތަނާއި، ތާރީހާއި، ގަޑި، ލައިސަންސް ދޫކުރާ އިދާރާއިން، ލައިސަންސަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.

(ޅ) އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ކުރިޔަށް ގެންދާނެ ސަރަހައްދާއި ތާރީހާއި ވަގުތު ކަނޑައަޅާނީ، ލައިސަންސް ދޫކުރާ އިދާރާއިންނެވެ.

(ކ) އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވުމަށް، ލައިސަންސް ދޫކުރާ އިދާރާއިން އަންގައިފައިވާ ތާރީހާއި ގަޑިއަށް ހާޒިރުވާންވާނެއެވެ.

(އ) އަމަލީ އިމްތިހާނަށް ދިވެއްސަކު ހާޒިރުވާއިރު،  އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލު ނުވަތަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ޕޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެއެވެ. އަދި ބިދޭސީއެއްނަމަ، ޕާސްޕޯޓާއި ވާރކް ވިސާ ކާޑުގެ އަސްލާއި، އަމަލީ އިމްތިހާނުގައި ބައިވެރިވުމަށް ހާޒިރުވާން ޖެހޭނެކަމަށް ލައިސަންސް ދޫކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔުމުގެ އަސްލު ހުށަހަޅަންވާނެއެވެ.

(ވ) އަމަލީ އިމްތިހާނަށް ހާޒިރުވާއިރު، ދުއްވާނެ އުޅަނދެއް ގެނައުމަކީ އިމްތިހާނު ހަދާ ފަރާތުގެ ޒިންމާއެކެވެ.

(މ) އަމަލީ އިމްތިހާނު ކުރިޔަށް ގެންދާނީ، ލައިސަންސް ނެގުމަށް ބޭނުންވާ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ، މިނިސްޓްރީން ކަނޑައަޅާ އެގްޒަމިނަރެއްގެ ބެލުމުގެ ދަށުންނެވެ.

(ފ) އަމަލީ އިމްތިހާނުން ފާސްވީކަމުގައި ބެލެވޭނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަދި މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފަރިތަކަމާއެކު އުޅަނދު ދުއްވޭ ފަރާތެއް ކަމުގައި އިމްތިހާނުކުރާ އޮފިށަލް ކަނޑައެޅުމުންނެވެ.

(ދ) އަމަލީ އިމްތިހާން ފުރިހަމަކުރުމުން، އެކަން އެނގޭނެ ލިޔުމެއް، އިމްތިހާނު ހެދި ފަރާތަށް ދޭންވާނެއެވެ. މި ލިޔުމުގައި، އެ ފަރާތް އަމަލީ އިމްތިހާނުން ފާސްވިކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ތ) އަމަލީ އިމްތިހާނު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުންނާއި އިމްތިހާނުން ފެއިލްވާ ފަރާތްތަކުން އަލުން އެ އިމްތިހާނުގައި ބައިވެރިވެވޭނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމަލީ އިމްތިހާނު ހެދުމުގެ ފީ ދެއްކުމުންނެވެ.

(ލ) މި މާއްދާގެ (ތ) ގެ ދަށުން ދައްކަންޖެހޭ ފީ ދައްކައި، ފީ ދެއްކިކަމުގެ ލިޔުން، ލައިސަންސް ދޫކުރާ އިދާރާއަށް ހުށަހެޅުމުން، އަމަލީ އިމްތިހާނު ހެދުމަށް އަލުން ހާޒިރުވާންޖެހޭ ތަނާއި، ތާރީހާއި، ގަޑި، ލަސްވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، ލައިސަންސް ދޫކުރާ އިދާރާއިން، ލައސަންސަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.

(ގ) އަމަލީ އިމްތިހާނުން ފާސްވާ ފަރާތްތަކަށް، މި މާއްދާގެ (ދ) ގެ ދަށުން ދޫކުރާ އިމްތިހާނުން ފާސްވީކަމުގެ ލިޔުން ބޭނުންކޮށްގެން އުޅަނދު ދުއްވުމަކީ ނުވަތަ ބޭނުންކުރުމަކީ މަނާ ކަމެކެވެ.

(ޏ) އަމަލީ އިމްތިހާނުން ފާސްވާ ފަރާތްތަކަށް، މި މާއްދާގެ (ދ) ގެ ދަށުން ދޫކުރާ އިމްތިހާނުން ފާސްވީކަމުގެ ލިޔުން ލިބުމުން، މި ގަވާއިދުގެ  13 ވަނަ މާއްދާގެ ދަށުން ލައިސަންސް ކާޑު ހެއްދުމަށް އެދި ހުށަހަޅަންވާނެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސް ހެއްދުން

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީއާއި އަމަލީ އިމްތިހާނުން ފާސްވެފައިވާ ފަރާތްތަކަށް ލައިސަންސް ދޫކުރާނީ، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ލައިސަންސް ހެދުމުގެ ފީ ދެއްކުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލައިސަންސް ހެއްދުމަށް އެދި ހުށަހަޅާއިރު، އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  1. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތަށް އެދޭ ފޯމު؛
  2. ތިއަރީ އިމްތިހާނާއި އަމަލީ އިމްތިހާނު ފުރިހަމަކުރިކަމުގެ ލިޔުން؛
  3. ޕާސްޕޯޓުގައި ޖެހުމަށް ގަބޫލުކުރާ މިންގަނޑަށް ފެތޭ، ފޮޓޯ ނެގިތާ 3 (ތިނެއް) މަސްދުވަސް ހަމަނުވާ، ޕާސްޕޯޓު ސައިޒުގެ 1 (އެކެއް) ފޮޓޯ؛

(ނ) ލައިސަންސް ހެއްދުމުގެ ހިދުމަތަށް އެދި މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ހެދުމުގެ ފީ ދެއްކުމުން، 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި، ލައިސަންސް ދޫކުރާ އިދާރާއިން، ލައިސަންސަށް އެދޭ ފަރާތަށް، ލައިސަންސް ދޫކުރަންވާނެއެވެ. އަދި ލައިސަންސް ހެއްދުމަށްފަހުގައި،  ލައިސަންސަށް އެދޭ ފަރާތަށް އެކަން އަންގާތާ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ލައިސަންސާ ހަވާލުވާންވާނެއެވެ. 

(ރ) މި މާއްދާ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ލައިސަންސާ ހަވާލުނުވާ ފަރާތްތަކުގެ ލައިސަންސް ނައްތައިލުމުގެ އިހްތިޔާރު، ލައިސަންސް ދޫކުރާ އިދާރާއަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ނައްތައިލައިފައިވާ ލައިސަންސެއް އަލުން ހެއްދޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، ލައިސަންސް ނައްތައިލި އިދާރާއަށް ހުށަހެޅުމުންނެވެ.  މިފަދައިން ލައިސަންސް ހައްދާނަމަ، އިތުރު އިމްތިހާނެއް ހަދާކަށެއް ނުޖެހޭނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކަށް، ލައިސަންސް ކާޑު ހައްދައިދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ލައިސަންސްގެ ކެޓެގަރީތައް

(ހ) އެއްގަމު އުޅަނދުގެ ލައިސަންސްގެ ކެޓަގަރީތަކާއި، ކޮންމެ ކެޓަގަރީއެއްގައި ހިމެނޭނެ އުޅަނދުގެ ބާވަތްތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. "A1" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، 50 (ފަންސާސް) ސީސީ ހަމަނުވާ މޮޓޯސައިކަލާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކޮށްފައިވާ އެއްގަމު އުޅަނދާއި، ކަރަންޓު ބޭނުންކޮށްގެންނާއި އިރުގެ ހަކަތަ ނުވަތަ ބެޓެރި ހަކަތަ ބޭނުންކޮށްގެންނާއި ނުވަތަ އެނޫންވެސް ހަކަތައިގެ އެހީގައި ބޭނުންކުރެވިދާނެ ސައިކަލާއި ބައިސްކަލްފަދަ އެއްގަމު އުޅަނދެވެ.
  2. "A0" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، 50 (ފަންސާސް) ސީސީން ފެށިގެން މަތީގެ މޮޓޯސައިކަލާއި އޮޓޯސައިކަލެވެ.
  3. "B1" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 9 (ނުވައެއް) މީހުންނަށްވުރެ އިތުރުނުވާ، އެއްގަމު އުޅަނދެވެ.
  4. "B2" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 10 (ދިހައެއް) އިން ފެށިގެން 19 (ނަވާރަ) މީހުންނަށްވުރެ އިތުރުނުވާ އެއްގަމު އުޅަނދެވެ.
  5. "B3" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 3 (ތިނެއް) މީހުންނަށް ވުރެ އިތުރުނުވާ، ފަސިންޖަރުން އުފުލާ، 3 (ތިނެއް) ފުރޮޅުލީ އުޅަނދެވެ.
  6. "B4" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ 4 (ހަތަރެއް) މީހުންނަށް ވުރެ އިތުރުވާ، ފަސިންޖަރުން އުފުލާ، 3 (ތިނެއް) ފުރޮޅުލީ އުޅަނދެވެ.
  7. "B0" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގައިގައި 20 (ވިހި) މީހުންނަށްވުރެ އިތުރަށް މީހުން އުފުލޭ، އެއްގަމު އުޅަނދެވެ.
  8. "C1" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން އުފުލޭ ބަރުދަން 2000 (ދެހާސް) ކިލޯ (2 ޓަނު) ހަމަނުވާ، އެއްގަމު އުޅަނދެވެ.
  9. "C2" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުފަހަރުގެ ތެރެއިން އުފުލޭ ބަރުދަން 2000 (ދެހާސް) ކިލޯ (2 ޓަނު) އިން ފެށިގެން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) ހަމަނުވާ، އެއްގަމު އުޅަނދެވެ.
  10. "C3" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުގެ ތެރެއިން އުފުލޭ ބަރުދަން 1 (އެކެއް) ޓަނަށް ވުރެ ދަށުގެ ޓްރައިސައިކަލެވެ.
  11. "C4" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުގެ ތެރެއިން، އުފުލޭ ބަރުދަން 1 (އެކެއް) ޓަނުން ފެށިގެން މަތީގެ ޓްރައިސައިކަލެވެ.
  12. "C0" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ އުޅަނދުގެ ތެރެއިން، އުފުލޭ ބަރުދަން 4000 (ހަތަރުހާސް) ކިލޯ (4 ޓަނު) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދެވެ.
  13. "D0" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، އާރޓިކިއުލޭޓެޑް އުޅަނދުފަހަރު ނުވަތަ 3 (ތިނެއް) އެކްސެލްއަށްވުރެ ގިނަ އެކްސެލް ހުންނަ އެއްގަމު އުޅަނދެވެ.
  14. "E" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ،  B,C ނުވަތަ D ކެޓަގަރީގެ އުޅަނދެއްގައި ޓްރެއިލަރެއް ޖަހައިގެން ދުއްވާ އެއްގަމު އުޅަނދެވެ.
  15. "V1" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މަސައްކަތު ދާއިރާގައި ގެންގުޅޭ ވެހިކިއުލަރ އިކްވިޕްމަންޓުގެ ގޮތުގައި ބަލާ ފޯކްލިފްޓް، އެކްސްކަވޭޓަރ، ލޯޑަރ ނުވަތަ ބުލްޑޯޒަރ، ސޭލާ ފަދަ، ބަރު އުޅަނދެވެ.

(ށ) ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ކެޓަގަރީއަކުން ފާސްވުމާ ގުޅިގެން ކެޓަގަރީއެއް އިތުރު ކުރުމަށް އެދޭނަމަ، މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ޅ) ގައިވާ ފީ ދެއްކުމުން، ލައިސަންސަށް ކެޓަގަރީ އިތުރު ކޮށްދެވޭނެއެވެ.

  1. A0 ކެޓަގަރީގެ އުޅަނދު ދުއްވުމުގެ އިމްތިހާނުން ފާސްވާ ފަރާތްތަކަށް A1 ގެ ކެޓެގަރީއާއި، A0 ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  2. B1 ކެޓަގަރީގެ އުޅަނދު ދުއްވުމުގެ އިމްތިހާނުން ފާސްވާ ފަރާތްތަކަށް B1 ގެ ކެޓެގަރީއާއި،B3  ގެ ކެޓެގަރީއާއި، B4  ގެ ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  3. B2 ކެޓަގަރީގެ އުޅަނދު ދުއްވުމުގެ އިމްތިހާނުން ފާސްވާ ފަރާތްތަކަށް، B2 ގެ ކެޓެގަރީއާއި، B3 ގެ ކެޓެގަރީއާއި، B1 ގެ ކެޓެގަރީއާއި، B4 ގެ ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  4. C1 ގެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ އިމްތިހާނުން ފާސްވާ ފަރާތްތަކަށް، C1 ގެ ކެޓެގަރީއާއި، C3 ގެ ކެޓެގަރީއާއި،   C4 ގެ ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.
  5. C2 ގެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ އިމްތިހާނުން ފާސްވާ ފަރާތްތަކަށް C2 ގެ ކެޓެގަރީއާއި، C1, ގެ ކެޓެގަރީއާއި، C3 ގެ ކެޓެގަރީއާއި، C4 ގެ ކެޓަގަރީގެ ލައިސަންސް ދޫކުރެވޭނެއެވެ.  

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމަކާ ނުލައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ލައިސަންސް ކެޓަގަރީއެއް އިތުރުކޮށްދެވިދާނެއެވެ. މިގޮތުން ކެޓަގަރީ އިތުރުކުރުމަށް އެދޭނަމަ،މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ފޯމު ހުށަހަޅައި، މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފައިސާ ދައްކަން ވާނެއެވެ. (އިތުރު ކުރެވިފައި)

 

15 ވަނަ މާއްދާ - ބިދޭސީ ލައިސަންސް

(ހ) މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް، އެ ލައިސަންސް އޮތްހައި ހިނދަކު، މި ގަވާއިދުގެ ދަށުން އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، ބޭރު ގައުމަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދިވެހިރާއްޖެއަށް އަންނަ ތާރީހުން ފެށިގެން، ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އުޅަނދު ދުއްވާ ފަރާތެއްގެ މައުލޫމާތު ފުލުހުން ބަލަން ބޭނުންވެއްޖެނަމަ، އެ ފަރާތަކަށް ލިބިފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުލުހުންނަށް ހުށަހަޅަންވާނެއެވެ.

  1. ދިވެއްސެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ އަސްލާއި، ދިވެހިރާއްޖެއަށް އެތެރެވިކަން އަންގައިދޭ ޕާސްޕޯޓުގެ ތައްގަނޑު ޖެހި ސަފުހާގެ ކޮޕީ؛
  2. ބިދޭސީއެއްނަމަ، މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީއާއި، ދިވެހިރާއްޖެއަށް އެތެރެވިކަން އަންގައިދޭ، ޕާސްޕޯޓުގެ ތައްގަނޑު ޖެހި ސަފުހާގެ ކޮޕީ؛

(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށް، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުގެ ލިސްޓެއް މިނިސްޓްރީން އާންމުކޮށް، އަދާހަމަކުރަމުން ގެންދަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބޭރު ގައުމަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް ބިނާކޮށް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދާއިމީ ލައިސަންސް ދޫކުރެވޭނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ނުހިމެނޭ ބޭރު ގައުމަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް ބިނާކޮށް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދާއިމީ ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ، އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު ފުރިހަމަ ކުރުމުންނެވެ.

(ކ) ބޭރު ގައުމަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ލާނަރސް ނުވަތަ ރެސްޓްރިކްޓެޑް ލައިސަންސް ލިބިފައިވާ ފަރާތްތަކަށް، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ލައިސަންސް ދުލެއް ނުކުރެވޭނެއެވެ.

(އ) އެއްވެސް ފަރާތަކުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުމަށް ފުލުހުން އެދުމުން އެ ލިޔުންތައް ހުށަނާޅައިފިނަމަ، ނުވަތަ މި މާއްދާގެ (ބ) ގެ ދަށުން ލައިސަންސެއް ނެގުމެއް ނެތި، ބޭރު ގައުމަކުން ދޫކޮށްފައިވާ ލައިސަންސެއްގެ ދަށުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އެއްގަމު އުޅަނދު ދުއްވައިފިނަމަ، ނުވަތަ މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނިފައިނުވާ ބޭރު ގައުމަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ދަށުން އެއްގަމު އުޅަނދު ދުއްވައިފިނަމަ ބެލެވޭނީ، ލައިސަންސް ނެތި އެއްގަމު އުޅަނދެއް ދުއްވި ފަރާތެއްގެ ގޮތުގައެވެ.

(ވ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް އެ ގައުމަކުން ދޫކޮށްފައިވާ ލައިސަންސަށް ބިނާކޮށް، މި ގަވާއިދުގެ ދަށުން ހަދަންޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ އިތުރު އިމްތިހާނު ހެދުމަކާނުލައި މި ގަވާއިދުގެ ދަށުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރެވިދާނެއެވެ. އެފަދަ ފަރާތްތަކުން ރާއްޖޭގެ ލައިސަންސަށް އެދޭނަމަ، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިއުން ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭށަން ފޯމު؛
  2. ޑިޕްލޮމޭޓޭއްކަން ބަޔާންކޮށް ފޮރިން މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން؛
  3. ޕާސްޕޯޓް ފޮޓޯ (ފޮޓޯ ނެގިފަހުން ތިންމަސްދުވަސް ހަމަނުވާ)؛
  4. ޕާސްޕޯޓުގެ އަސްލާއި ކޮޕީ؛
  5. ވިސާކާޑުގެ އަސްލާއި ކޮޕީ؛
  6. ޑްރައިވިންގ ލައިސަންސްގެ އަސްލާއި ކޮޕީ؛
  7. ޑްރައިވިންގ ލައިސަންސަކީ ސައްހަ ލައިސަންސެއްކަން އެނގޭނެ، ލައިސަންސް ދޫކުރި ގައުމެއްގެ ސަރުކާރުގެ ރަސްމީ ލިޔުމެއްގެ އަސްލު.

 

16 ވަނަ މާއްދާ - ލައިސަންސް އައުކުރުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ވަގުތީ ލައިސަންސްތަކުގެ ތެރެއިން މުޅިން އަލަށް ލައިސަންސް ނަގައިފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސް، ދާއިމީ ލައިސަންސަކަށް ބަދަލުކުރުމަށް އެދި، ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ކުރިން ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ ލައިސަންސެއް ދާއިމީ ލައިސަންސަކަށް ބަދަލުކޮށްދިނުމަށް އެދި، މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފައިސާ ދައްކާތާ، ގިނަވެގެން، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 6 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، އެ ފަރާތަކަށް ދޫކުރުމަށް ނިންމާ ލައިސަންސް ދޫކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ދާއިމީ ލައިސަންސާއި، ވަގުތީ ލައިސަންސްތަކުގެ ތެރެއިން ބިދޭސީންނަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ގިނަވަގެން 30 (ތިރީސް)  ދުވަހުގެ ކުރިން، ލައިސަންސްގެ އައުކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ.

(ރ) ލައިސަންސް އައުކޮށްދިނުމަށް އެދި ހުށަހަޅާ ސަބަބަކީ، ލައިސަންސް ހަލާކުވެގެން ނުވަތަ ގެއްލިގެން ކަމުގައި ވާނަމަ، އެފަދަ ހުށަހެޅުންތައް، މި މާއްދާގެ (ހ) އާއި (ނ) އިން އިސްތިސްނާވާނެއެވެ.

(ބ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގެއްލިގެން، ނުވަތަ ހަލާކުވެގެން، ނުވަތަ މުއްދަތު ހަމަވެގެން އެ ލައިސަންސް އައުނުކޮށް އެއްގަމު އުޅަނދު ދުއްވުމާއި އޮޕަރޭޓްކުރުމަކީ މަނާކަމެކެވެ.

 

17 ވަނަ މާއްދާ - ލައިސަންސް ގެންގުޅުން

(ހ) ލައިސަންސް އޮވެގެން ދުއްވުމަށް ނުވަތަ އޮޕަރޭޓްކުރުމަށް ކަނޑައަޅައިފައިވާ އެއްގަމު އުޅަނދެއް ދުއްވާއިރު ނުވަތަ އޮޕަރޭޓްކުރާއިރު، އެ އުޅަނދު ދުއްވާ މީހާއަށް ނުވަތަ އޮޕަރޭޓްކުރާ މީހާއަށް ދޫކޮށްފައިވާ އެ ގިންތީގެ އުޅަނދެއް ދުއްވުމުގެ ލައިސަންސް، އެ މީހެއްގެ އަތުގައި ނުވަތަ ފަސޭހައިން ފެންނާނޭހެން އެ އުޅަނދެއްގައި އޮންނަންވާނެއެވެ.

(ށ) އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ލައިސަންސް ބެލުމަށް ފުލުހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެ ފަރާތްތަކުގެ ލައިސަންސް ބެލުމަށް ފުލުހުންނާ ހަވާލުކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ލައިސަންސުން  ކްރެޑިޓް ޕޮއިންޓް އުނިކުރުން

(ހ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް، އެ ގާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ޖޫރިމަނާގެ އަދަބު ނުވަތަ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެނޫންވެސް އަދަބާއި، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކްރެޑިޓް ޕޮއިންޓް ލައިސަންސުން އުނިކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) ލައިސަންސުން ކްރެޑިޓް ޕޮއިންޓް އުނިކުރަން ޖެހިގެން، ކްރެޑިޓް ޕޮއިންޓް އުނިކުރަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސުން 75 (ހަތްދިހަ ފަހެއް) ކްރެޑިޓް  ޕޮއިންޓް އުނިކުރުން؛
  2. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސުން 50 (ފަންސާސް) ކްރެޑިޓް ޕޮއިންޓް އުނިކުރުން؛
  3. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ކުށް 2 (ދޭއް) ފަހަރަށް ވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އުޅަނދު ދުއްވި ފަރާތުގެ ލައިސަންސުން 25 (ފަންސަވީސް) ކްރެޑިޓް ޕޮއިންޓް އުނިކުރުން؛
  4. އުޅަނދު ދުއްވި ފަރާތުގެ އިހުމާލުން، މީލާދީ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި 5 (ފަހެއް) އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސުން 20 (ވިހި) ކްރެޑިޓް ޕޮއިންޓް އުނިކުރުން؛
  5. ގާނޫނުގައި ނުވަތަ ގަވާއިދުގައި ކަނޑައަޅައިފައިވާ ދުވެލީގެ މިންގަނޑާ ހިލާފުވުމުގެ އަމަލު 2 (ދޭއް) ފަހަރަށްވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސުން 15 (ފަނަރަ) ކްރެޑިޓް ޕޮއިންޓް އުނިކުރުން؛
  6. އެއްކޮޅަށް ދުއްވުމަށް ކަނޑައަޅައިފައިވާ މަގެއްގައި އެއާ ހިލާފަށް ދުއްވުން ނުވަތަ ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވުމުގެ ކުށް 2 (ދޭއް) ފަހަރަށްވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސުން 10 (ދިހައެއް) ކްރެޑިޓް ޕޮއިންޓް އުނިކުރުން؛
  7. ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިންގ ވަޔަލޭށަން ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު، އުޅަނދު ޕާކުކުރި ފަރާތުގެ ލައިސަންސުން 5 (ފަހެއް) ކްރެޑިޓް ޕޮއިންޓް އުނިކުރުން؛
  8. މަތީގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކުށެއް ނުވަތަ މަނާ ކަމެއް 2 (ދޭއް) ފަހަރަށްވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެ ކަމެއް ކުރި ފަރާތުގެ ލައިސަންސުން 5 (ފަހެއް) ކްރެޑިޓް ޕޮއިންޓް އުނިކުރުން؛

 

19 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން

(ހ) އަންނަނިވި ހާލަތްތަކުގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

  1. ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކާއި މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަކުރާ ދުވެއްޔަށްވުރެ ބާރަށް ދުއްވުމުގެ އަމަލު 1 (އެކެއް) ފަހަރަށްވުރެ އިތުރަށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް 48 (ސާޅީސް އަށެއް) ގަޑިއިރަށް ހިފެހެއްޓުން؛
  2. އެކްސިޑެންޓުގެ ހާދިސާތަކުގެ ތަހުގީގުގެ ބޭނުމަށް، އެކްސިޑެންޓުގައި އިހުމާލުވިކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ލައިސަންސް، ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ހިފެހެއްޓުން؛
  3. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް 10 (ދިހައެއް) އަހަރުދުވަހާއި، 25 (ފަންސަވީސް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުން؛
  4. ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި، އުޅަނދު ދުއްވި މީހާގެ ލައިސަންސް 6 (ހައެއް) މަސްދުވަހާއި، 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުން؛
  5. މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާފަދަ ގޮތެއްގައި އުޅަނދު ދުއްވުމުގެ އަމަލު 2 (ދޭއް) ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް 1 (އެކެއް) އަހަރުދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހިފެހެއްޓުން؛
  6. އުޅަނދު ދުއްވި ފަރާތުގެ އިހުމާލުން، މީލާދީ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި 5 (ފަހެއް) އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ހިނގާ ކޮންމެ ފަހަރަކު، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް 6 (ހައެއް) މަސްދުވަހަށް ހިފެހެއްޓުން؛
  7. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތުގެ ލޮލުގެ ފެނުން ނުވަތަ އެނުންވެސް ސަބަބަކާހުރެ ބަލި ހާލަތު ނިޔާކުރާ ގޮތުން އުޅަނދު ދުއްވުމުގެ ގާބިލުކަން އެ ފަރާތުގެ ކިބައިގައި ނެތްކަމުގައި ނުވަތަ އެ ފަރާތަކީ އެއްގަމު އުޅަނދު ދުއްވުމަށް އެކަށީގެން މީހެއް ނޫންކަމުގައި ޓްރެފިކް ފުލުހުންނަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ސާބިތުވެއްޖެ ހިނދެއްގައި، ވަކި މުއްދަތެއް ނެތް ގޮތަކަށް އެ ފަރާތެއްގެ ލައިސަންސް ހިފެހެއްޓުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ހާލަތްތަކުގެ އިތުރުން، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ ލައިސަންސް، 48 (ސާޅީސް އަށެއް) ގަޑިއިރަށް ހިފެހެއްޓުމުގެ އިހްތިޔާރު ފުލުހުންނަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަންޖެހޭ ކަމުގައި ފުލުހުންނަށް ގަބޫލުކުރެވޭނަމަ، ކޯޓު އަމުރެއްގެ ދަށުން އިތުރު މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ނުވަތަ މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސް ހިފަހައްޓާ ހާލަތުގައި، ލައިސަންސް ހިފަހައްޓާ މުއްދަތަށް، އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޫކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތް ނަމަވެސް، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ލައިސަންސް ހިފަހައްޓާ ހާލަތުގައި، ހިނގައިދިޔަ އެކްސިޑެންޓުގެ ނުރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެކްސިޑެންޓުގައި އިހުމާލުވާ ފަރާތަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް ދޫނުކުރުމުގެ އިހްތިޔާރު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ޅ) އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމަށް ށަރުއީ ކޯޓަކުން ކުރާ އަމުރެއްގެ ދަށުން، އެ އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތަކަށް އެ ފަރާތެއްގެ ލައިސަންސް ހިފެހެއްޓޭނެއެވެ.

(ކ) މި މާއްދާގެ ދަށުން ހިފަހައްޓައިފައިވާ ލައިސަންސެއް އަނބުރާ ހަވާލުކުރެވޭނީ، ލައިސަންސް ހިފެހެއްޓުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމަށްފަހުގައި، އަދި ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެގެން، ލައިސަންސް ދޫކޮށްފައިވާ ފަރާތް ކޮށްފައިވާ އެންމެހައި ޖޫރިމަނާތަކަށް ދައްކަންޖެހިފައިވާ ފައިސާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސްކުރުމުންނެވެ.

(އ) މި މާއްދާގެ (ކ) ގެ ދަށުން ލައިސަންސް އަނބުރާ ހަވާލުކުރަންވާނީ، ލައިސަންސްގެ ވެރިފަރާތަށެވެ. އަދި ލައިސަންސް ހަވާލުކުރަންވާނީ، އެ ފަރާތުގެ  ފޮޓޯޖެހި، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހެޅެމުންނެވެ.  ލައިސަންސާ ހަވާލުވަނީ ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ނަމަ، ބަދަލުގައި އަންނަ ފަރާތަށް ލައިސަންސް ހަވާލުކުރުމާމެދު ލައިސަންސްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގައި ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކާއި، ލައިސަންސާ ހަވާލުވާ ފަރާތުގެ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލާއި ކޮޕީ ހުށަހަޅަންވާނެއެވެ. އަދި، ލައިސަންސް ހަވާލުކުރުމަށްފަހު، ލައިސަންސާ ހަވާލުވިކަމުގެ ލިޔުމެއްގައި،  ލައިސަންސާ ހަވާލުވި ފަރާތުން ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ.

(ވ) އެއްވެސް ސަބަބަކާހުރެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފަހައްޓައިފައި ވަނިކޮށް، ވަގުތީ ލައިސަންސެއް ނުވަތަ ހުއްދައެއް ނެތި، އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާ ކަމެކެވެ.

 

20 ވަނަ މާއްދާ - ލައިސަންސް ބާތިލުކުރުން

(ހ) އެއްގަމު އުޅަނދު ދުއްވުމަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމާއެކު، އެ ލައިސަންސް ބާތިލުވާނެއެވެ.

(ށ) ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި،   އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން، އެއްގަމު އުޅަނދު ދުއްވުމަށް ދޫކޮށްފައިވާ ލައިސަންސާއެކު ހިމަނައިފައިވާ ކްރެޑިޓް ޕޮއިންޓް އުނިކޮށްގެން ކްރެޑިޓް ޕޮއިންޓް ހުސްވުމުން، އެ ލައިސަންސް ބާތިލުވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބާތިލުކޮށްފައިވާ ލައިސަންސެއް އަލުން ހެއްދުމަށް ހުށަހެޅޭނީ، ލައިސަންސް ބާތިލުކުރިތާ 180 (އެއްސަތޭކަ އައްޑިހަ) ދުވަހުގެ ފަހުންނެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ބާތިލުކޮށްފައިވާ ލައިސަންސެއް އަލުން ހެއްދުމަށް އެދި ހުށަހެޅުމުން، މި ގަވާއިދުގެ ދަށުން މުޅިން އަލަށް ލައިސަންސް ނެގުމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިމްތިހާނުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުން ލާޒިމުވާނެއެވެ.

(ބ) އެއްވެސް ސަބަބަކާހުރެ ބާތިލުކޮށްފައިވާ ލައިސަންސެއްގެ ދަށުން އެއްގަމު އުޅަނދު ދުއްވުމަކީ ނުވަތަ ބޭނުންކުރުމަކީ މަނާ ކަމެކެވެ.

 

21 ވަނަ މާއްދާ - އަދަބު

(ހ) ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުނަގައި ދުއްވުމުގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރަށްނަމަ 1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެފަހަރަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ށ) ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވާ ފަރާތްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާކޮށް، އެ ފަރާތުން ދުއްވި އުޅަނދު، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް 2,000 (ދެހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) އެއްވެސް ސަބަބަކާހުރެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފަހައްޓައިފައި ވަނިކޮށް، ވަގުތީ ލައިސަންސެއް ނެތި، އެއްގަމު އުޅަނދެއް ދުއްވި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރަށްނަމަ 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ރ) މި ގަވާއިދުގައި ޖޫރިމަނާގެ އަދަދެއް ކަނޑައަޅައިފައިނުވާ، މި ގަވާއިދާ ހިލާފަށް ކުރާ ކޮންމެ އަމަލެއްގެ އަދަބަކީ، ގަވާއިދާ ހިލާފުވި ފަރާތް   750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

 

22 ވަނަ މާއްދާ - މި ގަވާއިދާ ހިލާފުވުމުން ހިފެހެއްޓޭ އެއްގަމު އުޅަނދާމެދު އަމަލުކުރާނެ ގޮތް

މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ހިފެހެއްޓޭ އެއްގަމު އުޅަނދާމެދު އަމަލުކުރާނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ  68-1 ވަނަ މާއްދާއާއި، އެ މާއްދާގެ ދަށުން މިނިސްޓްރީން އެކުލަވައިލާ ގަވާއިދެއްގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.

 

23 ވަނަ މާއްދާ - ހިދުމަތުގެ އަގުތައް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ އަންނަނިވި ހިދުމަތްތަކަށް، ތިރީގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު، ހިދުމަތުގެ ފީގެ ގޮތުގައި ނެގޭނެއެވެ.

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ފަހަރަކަށް 100 (އެއްސަތޭކަ) ރުފިޔާ.

(ށ) އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ފަހަރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

(ނ) އަލަށް ހައްދާ ލައިސަންސް ކާޑާއި، އޮޕަރޭޓިންގ ޕަރމިޓާއި، ލައިސަންސް ފޮތަށް 250 (ދުއިސައްތަ ފަންސާސް) ރުފިޔާ؛

(ރ) ލައިސަންސް ކާޑު، ނުވަތަ އޮޕަރޭޓިންގ ޕަރމިޓް، ނުވަތަ  ލައިސަންސް ފޮތް ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވެގެން އައުކުރާނަމަ 250 (ދުއިސައްތަ ފަންސާސް) ރުފިޔާ؛

(ބ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން އިތުރުކުރާ ކޮންމެ ކެޓަގަރީއަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

 

24 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދައިފައިވާ ގަވާއިދު ބާތިލުކުރުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2009-04  (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު) ބާތިލުވީއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގަވާއިދު ބާތިލުވި ނަމަވެސް، އެ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްތައް، އެ ލައިސަންސްތަކުގެ މުއްދަތު ހަމަވުމާ ހަމައަށް ގަބޫލުކުރެވޭނެއެވެ.

 

25 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އިހްތިޔާރު ދީފައިވާ ފަރާތަކުން، އެއްގަމު އުޅަނދު ދުއްވުމަށް ނުވަތަ އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ ގޮތުން ދޫކޮށްފައިވާ، ފޮޓޯޖެހި ލައިސަންސް ކާޑު، ނުވަތަ ލައިސަންސް ފޮތް، ނުވަތަ އެފަދަ އެހެން ލިޔުމަކަށެވެ.

(ށ) "ވަގުތީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ދާއިމީ ލައިސަންސް ދޫކުރުމުގެ ކުރިން ދޫކުރާ ލައިސަންސާއި، ބިދޭސީންނަށް ދޫކުރާ ލައިސަންސަށެވެ.

(ނ) "ދާއިމީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުން ދޫކުރާ ލައިސަންސަށެވެ.

(ރ) "ހުށަހަޅާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ލިބިގަންނަ މީހާއަށެވެ.

(ބ) "ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ތަރުތީބުކޮށްފައިވާ ގޮތަށެވެ.

(ޅ) "ބިދޭސީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުގެ ގައުމުތަކުން ދޫކޮށްފައިވާ ޑްރައިވިންގ ލައިސަންސަށެވެ.

(ކ)  "އަމަލީ އިމްތިހާނު" ކަމަށް ބުނެފައި އެވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަން ފަރިތަވެފައިވޭތޯ ބެލުމަށް ކުރާ އިމްތިހާނަށެވެ.

(އ)  "ތިއަރީ އިމްތިހާނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ހަދައިފައިވާ ގަވާއިދުތަކުގައިވާ ކަންކަމާއި، މަގުމަތީގެ އަދަބުތައް އެނގޭތޯ ބެލުމަށް ކުރާ އިމްތިހާނަށެވެ.

(ވ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް އެ ވަގުތަކު ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަށެވެ.

 

26 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

މައި ގަވާއިދު

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-102)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވުނު ގަވާއިދު

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު 2009-04

 

މައި ގާނޫނު

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2009-05)

ކިޔުންތެރިންގެ ހިޔާލު