gaanoon_logo
-

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ނަންބަރު 2021-102) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގަވާއިދު ނަންބަރު 2025-33)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 އެޕްރީލް 2025 ގައި)

 

ގަވާއިދު ނަންބަރު 2021-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، އަންނަނިވި ގޮތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން 5.

(ނ) މިނިސްޓްރީން ލައިސަންސްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަދީފައިވާ ސިޓީއެއްގައި ނުވަތަ އަތޮޅެއްގައި ނުވަތަ ރަށެއްގައ،ި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހިދުމަތް ދޭނީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ދަށުން ބިދޭސީންނަށް ދޫކުރާނީ އަހަރަކު އެއްފަހަރު އައުކުރާ ގޮތަށް ދޫކުރެވޭ ވަގުތީ ލައިސަންސާއި، މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން ދޫކުރެވޭ ލައިސަންސެވެ.

 

3 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ ލައިސަންސެއް ދޫކުރުން 7.

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ބޭނުންކުރާ ހާއްސަ އުޅަނދު ދުއްވުމަށް ޓަކައި، އެކަމަށް ކަނޑައަޅައިފައިވާ ހާއްސަ ލައިސަންސެއް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކުރެވިދާނެއެވެ

(ށ) ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގައި ހުރި ނުކުޅެދުންތެރިކަމުގެ މިންވަރަށް ބަލައި، ގަވާއިދުގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރުމުގެ ށަރުތުތަކާއި އުސޫލުތަކުން އެ ފަރާތްތައް އިސްތިސްނާކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަ ލައިސަންސެއް ދޫކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސަކީ 60 (ފަސްދޮޅަސް) އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ހާއްސަކޮށް ދޫކުރެވޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެކެވެ.

(ބ) އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ދޮށީ އުމުރުގެ މީހުންނަށް ހާއްސަކުރެވިފައިވާ ލައިސަންސް މި ގަވާއިދުގެ ދަށުން ދޫކުރުމުގެ އިހުތިޔާރު، ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް އަދި ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށް ލިބިގެންވެއެވެ.

  1. އުމުރުން 60 (ފަސްދޮޅަސް) އަހަރު ފުރިފައިވުން؛
  2. މި މާއްދާގެ (ޅ) ގެ ދަށުން ކަނޑައަޅައިފައިވާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން.

(ޅ) މި ގަވާއިދުގެ ދަށުން ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ލައިސަންސް ބޭނުން ކުރެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. މި ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީ އިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް ފަދަ އުޅަނދު ދުއްވުމަށެވެ.
  2. މި ލައިސަންސް ބޭނުންކޮށްގެން އުޅަނދު ދުއްވޭނީ ހަމައެކަނި ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައެވެ.
  3. މި ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވުން ހުއްދަކުރާ މަގުތަކުގައެވެ.
  4. މި ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން މީލާދީގޮތުން 10 (ދިހައެއް) އަހަރުދުވަހެވެ.
  5. މި މާއްދާގެ ދަށުން ދޫކުރެވިފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުން، ލައިސަންސް ލިބިފައިވާ ފަރާތަށް ލައިސަންސް އައުކުރުމުގެ އިހްތިޔާރު ލިބިގެނެއް ނުވެއެވެ. އެހެންނަމަވެސް މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ތަމްރީނު ޕްރޮގްރާމް އަލުން ފުރިހަމަކުރުމަށްފަހު، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ފަރާތަށް އޮންނާނެއެވެ. މިފަދައިން ހުށަހަޅާ ހުށަހެޅުން ބެލެވޭނީ ލައިސަންސަށް އެދި އަލުން ހުށަހަޅާ އައު ހުށަހެޅުމެއްގެ ގޮތުގައެވެ.

(ކ) މި ގަވާއިދުގެ ދަށުން ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ލައިސަންސް ދޫކުރުމުގެ ހިދުމަތްދޭ ކައުންސިލްތަކުން މަދުވެގެން 4 (ހަތަރެއް) ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންދަންވާނެއެވެ. މި ތަމްރީނު ޕްރޮގްރާމުގައި މަދުވެގެން އަންނަނިވި މައުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ފޯރުކޮށްދޭންވާނެއެވެ.

  1. ކޯޑްވާދިނަސް އަދި އާރް.ސީ އާއި އިންށުއަރެންސް ފަދަ އެއްގަމު އުޅަނދެއްގައި ހުރުން ލާޒިމުވާ ކަންކަން
  2. އުޅަނދުގެ އެކި ބައިތަކާއި އޭގެ ބޭނުންތައް (މީގެ ތެރޭގައި ހުންގާނު، ބުރަކި އަދި ހަރުފަ ފަދަ ބައިތައް ހިމެނެއެވެ.)
  3. އުޅަނދުގެ ޑޭށްބޯޑުން ފެންނަ އެކިއެކި ސިގްނަލްތަކާބެހޭ ތަފުސީލީ މައުލޫމާތު
  4. މަގުމަތީގެ ގަވާއިދުތަކާއި ނިށާންތަކާއި ގަވާއިދުގައި ކަނޑައަޅައިފައިވާ ދުވެލީގެ މިންގަނޑު
  5. މަގުމަތީގެ ސަލާމަތާއި ރައްކައުތެރިކަމާ ގުޅޭ މައުލޫމާތާއި މަގަށް ސަމާލުވެގެން ދުއްވުމުގެ ހުނަރުތައް
  6. އުޅަނދު ދުއްވުމާއި ޕާކުކުރުމުގެ ހުނަރުތަކާއި އުޅަނދާބެހޭ އާންމު މައުލޫމާތު އަމަލީގޮތުން ދަސްކޮށްދިނުން

(އ) މި މާއްދާގެ ދަށުން ދޮށި އުމުރުގެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ލައިސަންސް އޮންނަންވާނީ ތިރީގައިވާ މައުލޫމާތު ހިމެނޭގޮތަށް މިނިސްޓްރީން ފޯރުކޮށްދޭ ނަމޫނާއާ އެއްގޮތަށެވެ.

  1. ލައިސަންސް ދޫކުރި އިދާރާގެ ނަން
  2. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ފުރިހަމަ ނަން
  3. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ އެޑްރެސް
  4. ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު
  5. ލައިސަންސް ދޫކުރި ތާރީހާއި މުއްދަތު ހަމަވާ ތާރީހު
  6. ލައިސަންސް ބޭނުންކޮށްގެން އުޅަނދު ދުއްވުމަށް ހުއްދަކުރެވިފައިވާ ސަރަހައްދު
  7. ލައިސަންސް ބޭނުންކޮށްގެން ދުއްވުމަށް ހުއްދަކުރެވިފައިވާ ކެޓަގަރީގެ މައުލޫމާތު
  8. އެމަޖެންސީ ހާލަތުގައި ގުޅާނެ ފަރާތުގެ މައުލޫމާތު

(ވ) ދޮށި އުމުރުގެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވާ ފަރާތަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ އިހްތިޔާރު، މި މިނިސްޓްރީއަށް ނުވަތަ އެ ލައިސަންސް ދޫކުރި އިދާރާއަށް ލިބިގެންވެއެވެ. އަދި ލައިސަންސް ދޫކުރި އިދާރާއަކުން ލައިސަންސް ބާތިލުކޮށްފި ނަމަ، އެ މައުލޫމާތު ލިޔުމުން މިނިސްޓްރީއާ ހިއްސާ ކުރަންވާނެއެވެ.

(މ) މި މާއްދާގެ ދަށުން ދޫކުރާ ދޮށި އުމުރުގެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ލައިސަންސަކީ، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލައިސަންސް ދޫކުރުމަށްޓަކައި މި ގަވާއިދުގައި ކަނޑައަޅައިފައިވާ ށަރުތުތަކުން އިސްތިސްނާވެގެންވާ ލައިސަންސެކެވެ. ލައިސަންސް ދޫކުރުމުގައި ބަލަންވާނީ ހަމައެކަނި މި މާއްދާގައި ކަނޑައަޅައިފައިވާ ށަރުތުތަކަށެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު 12.

(ހ) އެއްގަމު އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނުގައި ބައިވެރިވެވޭނީ މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނުން ފާސްވުމަށްފަހު، ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތިއަރީ އިމްތިހާނު ފުރިހަމަކުރިކަމުގެ ލިޔުމާއެކު މި ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިމްތިހާނު ފީ ދެއްކުމަށްފަހުގައެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ބ) އާއި (ޅ) އާއި (ވ) އަންނަނިވި ގޮތަށް އިސްލާހުކޮށް އެ މާއްދާގެ (ވ) ގެ ފަހަތަށް (މ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ބިދޭސީ ލައިސަންސް 15.

(ބ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބޭރު ގައުމަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް ބިނާކޮށް ލައިސަންސް ދޫކުރެވޭނީ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލީ އިމްތިހާނުގައި ބައިވެރިވެ އެ އިމްތިހާނުން ފާސްވުމުންނެވެ. މިގޮތަށް ލައިސަންސް ދޫކުރާނީ އެ ގައުމަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއްގެ މުއްދަތަށެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ނުހިމެނޭ ބޭރު ގައުމަކުން ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް ބިނާކޮށް ދޫކުރެވޭނީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަގުތީ ލައިސަންސެވެ. އަދި މި ލައިސަންސް ދޫކުރެވޭނީ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތިއަރީ އިމްތިހާނާއި، އަމަލީ އިމްތިހާނުގައި ބައިވެރިވެ އެ އިމްތިހާނުތަކުން ފާސްވުމުންނެވެ.

(ވ) މި މާއްދާގެ (ބ) އާއި (ޅ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ޑިޕްލޮމޭޓުންނަށް އެ ގައުމަކުން ދޫކޮށްފައިވާ ލައިސަންސަށް ބިނާކޮށް، މި ގަވާއިދުގެ ދަށުން ހަދަންޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ އިތުރު އިމްތިހާނު ހެދުމަކާނުލައި، އެފަރާތެއް ރާއްޖޭގައި ވަޒީފާއަދާކުރާ މުއްދަތަށް ލައިސަންސް ދޫކުރެވިދާނެއެވެ. އެފަދަ ފަރާތްތަކުން ރާއްޖޭގެ ލައިސަންސަށް އެދޭ ނަމަ، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ ހިދުމަތަށް އެދޭ ފޯމު.
  2. ޑިޕްލޮމޭޓެއްކަން ބަޔާންކޮށް ފޮރިން މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން.
  3. ޕާސްޕޯޓު ފޮޓޯ (ފޮޓޯ ނެގިފަހުން 3 (ތިނެއް) މަސްދުވަސް ހަމަނުވާ)
  4. ޕާސްޕޯޓުގެ އަސްލާއި ކޮޕީ
  5. ވިސާކާޑުގެ އަސްލާއި ކޮޕީ
  6. ޑްރައިވިންގ ލައިސަންސްގެ އަސްލާއި ކޮޕީ
  7. ޑްރައިވިންގ ލައިސަންސަކީ ސައްހަ ލައިސަންސެއްކަން އެނގޭނެ ލައިސަންސް ދޫކުރި ގައުމެއްގެ ސަރުކާރުގެ ރަސްމީ ލިޔުމެއްގެ އަސްލު

(މ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ނ) ގެ ދަށުން މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބޭރު ގައުމަކުން ދިވެހި ރައްޔިތަކަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް ބިނާކޮށް މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތިއުރީ އިމްތިހާނާއި އަމަލީ އިމްތިހާނު ހެދުމަކާނުލައި މި ގަވާއިދުގެ ދަށުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް ދޫކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ހިދުމަތުގެ އަގުތައް 23.

(ޅ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ ދަށުން ދޫކުރެވޭ ލައިސަންސް ހޯދުމަށާއި، އެ ލައިސަންސްއާ ގުޅޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ޓަކައި ހިދުމަތަށް އެދޭ ފަރާތުން 250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-102)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-102)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު