-

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2019-999)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިގަވާއިދަކީ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތއް ރަޖިސްޓަރީކުރުމާ ގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 ވަނަ މާއްދާގެ (ހ) ގެ 13 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފއިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އިމާރާތް ކުރުމާ ގުޅޭގޮތުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާކުރުމުގެ ގޮތުން ހުއްދަ ދޫކުރާ އިދާރާތަކުގައި ހުންނަންވީ ހަމަތަކާއި މިންގަނޑުތަކާއި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން؛

(ށ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް މިނިސްޓްރީގައި ރަޖިސްޓަރީކުރާނެ އިޖުރާއަތުތައް ކަނޑައެޅުމާއި އިންތިޒާމްކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން؛

(ނ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރުމާއި ގިންތިއަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ގިންތިތަކުގައި ރަޖިސްޓަރީވާ ފަރާތްތައް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛

(ރ) ރަޖިސްޓަރީކޮށް ގިންގިކުރެވޭ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާތަކުގެ މަސްއޫލިއްޔަތު ކަނޑައެޅުން؛

(ބ) އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާތަކުގެ ރަޖިސްޓަރީ ބާތިލުކުރެވޭނެ ހާލަތްތައް ބަޔާންކުރުން؛ އަދި 

(ޅ) ރަޖިސްޓަރީ ކޮށްފައިވާ، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކާ ގޮޅޭގޮތުން މައްސަލަ ހުށަހަޅާނެ ގޮތާއި އެފަދަ މައްސަލަ ބެލޭނެ ގޮތް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކޮށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީކުރާނީ އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. 

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. 

 

5 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ" ނުވަތަ "ހުއްދަ ދޫކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ،  އިމާރާތްކުރުމުގެ މަސައްކަތްތަކަށް ހުއްދަ ދިނުމާއި، އިމާރާތް ބޭނުންކުރުމަށް ހުއްދަދިނުމާއި، އެ މަސައްކަތްތައް ބެލުމާއި، ކަމާ ގުޅޭ އެކިއެކި މައްސަލަތައް ބެލުމަށް މިނިސްޓްރީން ހުއްދަދީފައިވާ އިދާރާތަކަށެވެ. 

(ށ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަކުރެވޭ، ހުއްދަ ދޫކުރާ އިދާރަތަކުގެ މައުލޫމާތު އެކުލެވޭ ގޮތަށް މިނިސްޓްރީން ލިޔެ ބަލަހައްޓާ ދަފުތަރަށެވެ. 

(ނ) "މިނިސްޓްރީ" ކަމަސް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "ޓެކްނިށަނެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި އިމާރާކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އެ ފަރާތެއް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތްތަކަށެވެ. 

(ބ) "ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުއްދަދެވިފައިވާ ފަރާތަކާ ބެހޭގޮތުން ކޮށްފައިވާ ށަކުވާއަކާ ގުޅިގެން ބެލޭ ބެލުމަކުން ނުވަތަ އެއިން ފަރާތެއްގެ އަމަލުތަކާމެދު ބެލޭ ބެލުމަކުން ނިންމޭ ނިންމުމަކަށެވެ. 

(ޅ) "އިމާރާތް އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަދަ މަގްސަދެއް ހާސިލުކުރުމަށްޓަކައި އިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން އެ މަސައްކަތް ކުރާ ގޮތަށް ފާޑުކިޔައި، ކޮންޓްރޯލްކޮށް އަދި ބެލެހެއްޓުމަށެވެ. 

  1. އެ މަސައްކަތެއް ކުރެވެނީ އެކަށީގެންވާ ފެންވަރަކަށްތޯ ބެލުމަށް؛
  2. އެ މަސައްކަތެއް ކުރެވެނީ އެ މަސައްކަތެއް ކުރުމަށް ދީފައިވާ ހުއްދައާ އެއްގޮތަށްތޯ ބެލުމަށް؛

(ކ) "މޮނިޓަރ ކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ މަސައްކަތް ހިނގަމުންދާގޮތާއި، އިމާރާތްތައް ބޭނުން ކުރަމުންދާ ގޮތް ބެލެހެއްޓުމެވެ. 

(އ) "އިމާރާތްކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) އަށެވެ. 

(ވ) "މައްސަލަ ބަލާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވެގެން މިނިސްޓްރީ އަށް ހުށަހެޅޭ މައްސަލަތައް ބަލައި، އެފަދަ މައްސަލަތަކާ ގުޅިގެން އަންގާ އެންގުންތައް ކަނޑައެޅުމުގައި ލަފާ ދިނުމަށް ޓަކައި އިމާރާތްކުރުމާބެހޭ އިދާރީީ ގަވާއިދުގެ 183 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ކޮމިޓީ އަށެވެ. (އިތުރު ކުރެވިފައި)

 

 

ދެވަނަ ބާބު

ރަޖިސްޓަރީ ކުރުން

 

6 ވަނަ މާއްދާ - ރަޖިސްޓަރީކޮށްގެން މަސައްކަތްކުރުން

(ހ) އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ އެއްވެސް މަސައްކަތެއް ކުރަންވާނީ މި ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، އިމާރާތްކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތަކާއި، އިމާރާތް ބޭނުންކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތަކާއި، އިމާރާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތައް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރެވެންދެން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތަކެއް ކަމުގައި ބެލޭނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓަރީ ނުވެ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާއިދާރާއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މަނާކަމެކެވެ. (އިތުރު ކުރެވިފައި)

 

7 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ "ހުއްދަ ދޫކުރާ އިދާރާތައް"

މި ގަވާއިދުގެ ދަށުން "ހުއްދަ ދޫކުރާ އިދާރާ" ގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ، އިމާރާތްކުރުމާ ގުޅޭ އެކިއެކި ހުއްދަތައް ދިނުމަށް ނުވަތަ އިމާރާތްކުރުމާ ގުޅޭ ކަންކަން ބެލެހެއްޓުން ފަދަ މަސައްކަތެއް ކުރުމަށް ތިރީގައިވާ ފަދައިން ހަވާލުކޮށްފައިވާ ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ވުޒާރާތަކާއި، ކައުންސިލްތަކާއި، އޮތޯރިޓ ތަކާއި، ސަރުކާރު ހިއްސާ ވާ ކުންފުނިތަކެވެ. (އިސްލާހު ކުރެވިފައި)

(ހ) ގާނޫނަކުން އެ މަސައްކަތެއް ކުރުމަށް ހަވާލުކޮށްފައިވާ ވުޒާރާތަކާއި، ކައުންސިލްތަކާއި، އޮތޯރިޓ ތަކާއި، އިދާރާތައް. ނުވަތަ؛ (އިތުރު ކުރެވިފައި)

(ށ) ގާނޫނަކުން ހަވާލުކޮށްފައިވާ ނުވަތަ ވިޔަފާރިއާބެހޭ ވުޒާރާގައި އެ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް. (އިތުރު ކުރެވިފައި)

 

8 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ ހުއްދަ ދޫކުރާ އިދާރާތަކުގެ އިހްތިސާސް

(ހ) މި ގަވާއިދުގެ ބޭނުމަށް ހުއްދަ ދޫކުރާ އިދާރާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭނީ، އެ ހުއްދަ ދޫކުރާ އިދާރާތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްރަށާއި، އަވަށްއަވަށާއި، ފަޅުތަކާއި އަދި ގާނޫނަކުން އެފަދަ އިދާރާއެއްގެ އިހްތިސާސް ހިނގާކަމަށް ކަނޑައަޅައިފައިވާ އެންމެހައި ތަންތަނެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުން އިސްތިސްނާވާ ތަންތަން ހުއްދަދޭ އިދާރާތަކުގެ އިހްތިސާސްގެ ތެރޭގައެއް ނުހިމެނޭނެއެވެ. 

 

9 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތަކުން މި ގަވާއިދަށް އަމަލުކުރަން ފަށާތާ 120 (ސަތޭކަ ވިހި) ދުވަހުގެ ތެރޭގައި، މިނިސްޓްރީން އާންމުކުރާ "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު" މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓަރީ ވެފައިވާ އިދާރާތަކާއި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ މަސައްކަތުގެ ގޮތުގައި އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރަންވާނީ، މި ގަވާއިދުގެ ދަށުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށްފަހުގައެވެ.(އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތައް ރަޖިސްޓަރީ ކުރުމަށް، ތިރީގައިވާ ތަކެތި މިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު؛ (މުޅި (ނ) އިތުރު ކުރެވިފައި)
  2. ރަޖިސްޓަރީ ވުމަށް ޓަކައި ހުށަހަޅާ އިދާރާއަކުން ޓެކްނިކަލް ފަރާތެއް ހުށަހަޅާނަމަ، އެ ފަރާތެއްގެ ތިރީގައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.
    1. އެ އިދާރާއެއްގެ ދާއިމީ ވަޒީފާގައި އުޅޭ ފަރާތެއް ނަމަ، ވަޒީފާގައި އުޅޭކަމުގެ ލިޔުން؛
    2. އެ އިދާރާގެ ކޮންޓްރެކްޓް ވަޒީފާގައި ނުވަތަ ކޮންސަލްޓެންޓެއްގެ ގޮތުގައި އުޅޭ ފަރާތެއް ނަމަ، އެ އިދާރާއަށް އެ ފަރާތެއް މަސައްކަތްކޮށްދޭކަމަށް އެ އިދާރާއަކުން ދޭ ލިޔުމެއްގެ ކޮޕީ ނުވަތަ ފަރާތުގެ ދެމެދުގައި ވެފައިވާ މަސައްކަތުގެ އެއްބަސްވުމުގެ ކޮޕީ،
      އަދި؛
    3. އިމާރާތްކުރުމުގެ ދާއިރާއިން ޓެކްނިކަލް ގާބިލުކަން ނުވަތަ ފަންނީ ގާބިލުކަން އަންގައިދޭ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކޮށްފައިވާ ކޮޕީ، އަދި ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ މަތީތައުލީމުދޭ މަރުކަޒަކުން ހާސިލުކޮށްފައިވާ ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ،
    4. ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން އެދެނ ކައުންސިލެއް ނޫން ފަރާތެއްނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާއަށް އެ ފަރާތެއް ފެތޭކަމުގެ ލިޔުމެއް.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމެއް މި ގަވާއިދަށް ފެތޭނަމަ، ހުށަހަޅާތާ ގިނަވެގެން ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފަރާތެއް ރަޖިސްޓަރީ ކޮށްދޭން ވާނެއެވެ. އަދި ރަޖިސްޓަރީ ކުރެވެން ނެތްނަމަވެސް، ސަބަބު ބަޔާންކޮށް، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީވާން އެދި ހުށަހެޅި ފަރާތަށް، ސަބަބާއެކު އެކަން އަންގަންވާނެއެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - ހުއްދަދިނުމާއި ރަޖިސްޓަރީ ކުރުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން މިނިސްޓްރީން ބެލުމަށްފަހު 10 (ދިހައެއް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށް ދެވެންހުރި އިދާރާތައް "އިމާރާތްކުރުމާ ގުޅޭ ހުއްދަ ދޫކުރާ އިދާރާ" އެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީކޮށް ގިންތި ކުރުމަށްފަހު، ރަޖިސްޓަރީކުރިކަމުގެ ލިޔުން މިނިސްޓްރީން ދޫކުރަންވާނެއެވެ. 

(ށ) ހުއްދަ ދޫކުރާ އިދާރާތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓަރީކުރެވުމުން، އެ އިދާރާއަކުން މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތުގެ ތެރެއިން، ތިރީގައިވާ މައުލޫމާތުތައް 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކުރަންވާނެއެވެ. 

  1. ރަޖިސްޓަރީކުރެވުނު އިދާރާގެ ނަން؛
  2. އެ އިދާރާ ރަޖިސްޓަރީ ކުރެވުނު ތާރީހު؛
  3. އެ އިދާރާ ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛
  4. ހުއްދަ ދޫކުރާ އިދާރާ، ހުއްދަ ދިނުމަށް ކަނޑައަޅައިފައިވާ އިހްތިސާސް.

 

ތިންވަނަ ބާބު

ހުއްދަ ދޫކުރާ އިދާރާތައް ގިންތި ކުރުން

 

11 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދޫކުރާ އިދާރާތައް މިނިސްޓްރީގައި ރަޖިސްޓަރީކުރެވޭނީ ގިންތި ކުރުމަށް ފަހުއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ގިންތިކުރުމުން، ހުއްދަ ދޫކުރާ އިދާރާއަށް ކުރެވޭނީ، އެ ހުއްދަ ދޫކުރާ އިދާރާއެއް ހިމެނޭ ގިންތިއެއްގެ މަސައްކަތްތަކެވެ،

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތައް، މި ގަވާއިދުގެ 9 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރެވެންދެން،އެ އިދާރާތަކަށް ހުއްދަދީފައިވާ މަސައްކަތްތައް ކުރުމަކަށް، މި ގަވާއިދު ހުރަހެއް ނާޅައެވެ. (އިސްލާހު ކުރެވިފައި)

 

12 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

13 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރާނެ ގޮތް (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތާވަލުގައިވާ ގޮތުގެ މަތީން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ. (އިސްލާހު ކުރެވިފައި)

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތާވަލުގައި ދީފައިވާ މުއްދަތުތަކަށް، ބަޔާންކޮށްފައިވާ ފެންވަރުގެ މުވައްޒަފުން، އެ ހުއްދަ ދޫކުރާ އިދާރާއެއްގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައި ވާންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތާވަލުގައި ދީފައިވާ މުއްދަތުތަކަށް،  ކަނޑައަޅައިފައިވާ ށަރުތުތަކުން އެންމެ ދަށް ށަރުތު ފުރިހަމަނުވާނަމަ ނުވަތަ ރަޖިސްޓަރީ ވުމަށް ފަހުގައި ވެސް ޖަދުވަލު 1 ގައިވާ ތާވަލުގައިވާ ށަރުތުތަކުން އެންމެ ދަށް ށަރުތު އެ ފަރާތުގެ ކިބައިން އުނިވެއްޖެނަމަ، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެކަން އަންގަންވާނެއެވެ. މިގޮތަށް އެންގުމުން، މިނިސްޓްރީން އެ ފަރާތެއްގެ ހުއްދަ ހިފަހައްޓައި، ރަޖިސްޓަރީގައި އެކަން ރިކޯޑުކުރަންވާނެއެވެ. އަދި ހުއްދަ ހިފަހައްޓައިފައިވާ މުއްދަތުގައި، ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި މަސައްކަތް ކުރުމަކ މަނާކަމެކެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ނ) ގެ ދަށުން މަސައްކަތްކުރުން މަނާވާ ހުއްދަ ދޫކުރާ އިދާރާތަކަށް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަނެ، މި މާއްދާގެ (ބ) އާއި (ޅ) ގައިވާ ގޮތުގެ މަތީން ދޭ ހުއްދަތައް، ހުއްދައަށް އެދި ހުށަހަޅާ ފަރާތަށް ދޫކުރުމަށް ހުރަހެއް ނާޅައެވެ. (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ނ) ގެ ދަށުން މަސައްކަތްކުރުން މަނާވާ ހުއްދަ ދޫކުރާ އިދާރާތަކުގެ ގޮތުގައި މަސައްކަތްކުރަމުންއައި ރަށު ކައުންސިލުގެ އިދާރާއަކަށް މަސައްކަތްކުރުން މަނާވެފައިވާ މުއްދަތުގައި، އެ އިދާރާއަށް ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުމަށް ހުއްދަ ދިނުމަށް ޓަކައި ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި މަސައްކަތްކުރަމުންއައި، އެ އަތޮޅުގެ އަތޮޅު ކައުންސިލުގެ އިދާރާއަށް ފޮނުވިދާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) އަށް ނުފެތޭ ހާލަތްތަކުގައި ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުމަށް ހުއްދަ ދިނުމަށް ޓަކައި މިނިސްޓްރީ އަށް ފޮނުވިދާނެއެވެ. (އިތުރު ކުރެވިފައި)

(ކ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދަ ހިފަހައްޓައިފައިވާ ފަރާތެއް އަލުން ށަރުތު ފުރިހަމަވުމުން، އަލުން ރަޖިސްޓަރީ ކުރުމަށް ޓަކައި މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

 

14 ވަނަ މާއްދާ - ޓެކްނީށަނުންގެ ށަރުތުތައް (ސުރުހީ އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގައި މަސައްކަތްކުރާ ޓެކްނީށަނެއްގެ ކިބައިގައިވާ ށަރުތުތައް ކަމަށް ބަލައިގަންނާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ދިވެހި ރައްޔިތުންނެވެ. (އިސްލާހު ކުރެވިފައި)

(ށ) އެ އިދާރީައެއްގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތެއް ޓެކްނީށަނުގެ ގޮތުގައި ހުށަހެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) (އުނި ކުރެވިފައި)

 

15 ވަނަ މާއްދާ - ގިންތިކުރުން

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަކި ގިންތިއެއްގައި ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވައިލުމުން، ހުއްދަ ދޫކުރާ އިދާރާއެއްގެ ގިންތި ބަދަލުކުރަން އެދޭނަމަ، ތިރީގައިވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

  1. މި ގަވާއިދުގެ ދަށުން މިނިސްޓްރީން އާންމުކުރާ "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު"؛
  2. އެ އިދާރާއެއްގައި މަސައްކަތް ކުރުމަށް ހަމަޖައްސައިފައިވާ ޓެކްނީށަނެއް ހުރިނަމަ، އެ ޓެކްނިށަނާއެކު އެ މަސައްކަތެއް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ކޮޕީ؛
  3. އެ އިދާރާއެއްގައި މަސައްކަތް ކުރުމަށް ހަމަޖައްސައިފައިވާ ޓެކްނީށަނެއް ހުރިނަމަ އެ ޓެކްނީށަނުގެ ތައުލީމީ ސެޓުފިކެޓުގެ ކޮޕީ؛
  4. އެ އިދާރާއެއްގައި މަސައްކަތް ކުރުމަށް ހަމަޖައްސައިފައިވާ ޓެކްނީށަނަކީ މިނިސްޓްރީން ކަނޑައަޅާ ވަކި ތަމްރީނެއް ފުރިހަމަ ކޮށްފައިވާ ހުންނަންޖެހޭ ފަރާތެއްނަމަ، ތަމްރީނު ހާސިލުކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީ؛
  5. އެ އިދާރާއެއްގައި މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ޓެކްނީށަނަކީ މިނިސްޓްރީން ކަނޑައަޅާ ވަކި އިމްތިހާނަކުން ފާސްވެފައިވާ ފަރާތެއްނަމަ، އެ އިމްތިހާނަކުން ފާސްވެފައިވާ ކަމުގެ ލިޔުމުގެ ކޮޕީ؛
  6. އެ އިދާރާއެއްގެ ބައެއް މަސައްކަތްތައް ކުރުމަށް އެހެން އިދާރާއެއް އައްޔަނުކޮށްފައިވާނަމަ، ދެ އިދާރާގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ކޮޕީ. މި އެއްބަސްވުމުގައި ތިރީގައިވާ ކަންކަން ބަޔާންކޮށްފައިވާ އޮންނަންވާނެއެވެ. 
    1. މަސައްކަތް ހަވާލުކުރާ އިދާރާގެ ތަފުސީލު؛
    2. މަސައްަކތް ހަވާލުވާ އިދާރާގެ ތަފުސީލު؛
    3. ހަވާލުކުރާ މަސައްކަތްކަތުގެ ތަފުސީލު. 
    4. މަސައްކަތް ހަވާލުވާ އިދާރާއިން މަސައްކަތް ހަވާލުކުރާ އިދާރާގެ މަސައްކަތްތަކަށް އައްޔަންކުރާ ޓެކްނީށަނާއި އިތުރު އެހެން ފަރާތްތަކުގެ މައުލޫމާތު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގިންތި ބަދަލުކުރުމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމެއް ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ. އަދި ގިންތި ބަދަލުކުރެވެން ނެތްނަމަވެސް، ސަބަބު ބަޔާންކޮށް، 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އިދާރާއަކަށް އެކަން އަންގަންވާނެއެވެ. 

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގިންތި 1 ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް، މި ތާރީހުގެ ފަހުން ބެލެވޭނީ، ގިންތި 3 ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކެއް ކަމުގައެވެ. (އިތުރު ކުރެވިފައި)

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގިންތި 2 ގައި ރަޖިސްޓަރީ ވެފައިވާ އިދާރާތައް، މި ތާރީހުގެ ފަހުން ބެލެވޭނީ، ގިންތި 4 ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކެއް ކަމުގައެވެ. (އިތުރު ކުރެވިފައި) 

 

16 ވަނަ މާއްދާ - ގިންތިތަކުގައި ރަޖިސްޓަރީ ކުރެވޭ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ އިދާރާތައް ރަޖިސްޓަރީ ކުރެވޭނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ގިންތީގެ ށަރުތެއް، ހުއްދަ ދޫކުރާ އިދާރާގެ ކިބައިން އުނިވެއްޖެނަމަ، މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ. އަދި ހުއްދަ ދޫކުރާ އިދާރާއިން ހުށަހަޅާ ލިޔެކިއުމަށް ބެލުމަށްފަހު ދެން އެފަރާތް ށަރުތު ފުރިހަމަވާ ގިންތިއެއްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގިންތި ކޮށްފައިވާ އިދާރާއެއްގެ ށަރުތެއް އުނިކުރުމަށްފަހު، އެ އިދާރާއެއް ށަރުތު ފުރިހަމަވާ އެހެން ގިންތިއެއްގައި ރަޖިސްޓަރީ ކުރެވެންދެން އެ އިދާރާއަކުން ހުއްދަ ދޫކުރުން ހުއްޓައިލަންވާނެއެވެ. 

 

17 ވަނަ މާއްދާ - ގިންތި ބަދަލުވުން

(ހ) ރަޖިސްޓަރީ ވެފައިވާ ގިންތީގެ ށަރުތު ފުރިހަމަނުވާ ހާލަތެއް ރަޖިސްޓަރީ ކޮށްފައިވާ އިދާރާއަކަށް އެއްވެސް ސަބަބަކާހުރެ މެދުވެރިވެއްޖެނަމަ، އެ އިދާރާއެއް ރަޖިސްޓަރީ ކޮށްފައިވާ ގިންތި ބަދަލުކުރުމަށް އެދި، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުށަހެޅުމުން، އެ ހުއްދަ ދޫކުރާ އިދާރާއެއްގެ ކިބައިގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގިންތިއެއްގައި އެ އިދާރާ ރަޖިސްޓަރީކޮށް، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީ ކުރިކަމުގެ ލިޔުން މިނިސްޓްރީން ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުށަހެޅުމުން، އެ ހުއްދަ ދޫކުރާ އިދާރާއެއްގެ ކިބައިގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގިންތިއެއް ނެތްނަމަ، އެ އިދާރާއަކަށް އެކަން އަންގައި، ވަކި މުއްދަތެއް ކަނޑައެޅުމެއްނެތި އެ އިދާރާއެއް ވަގުތ ގޮތުން ރަޖިސްޓަރީން ސަސްޕެންޑް ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ނ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތ ގޮތުން ރަޖިސްޓަރީން ސަސްޕެންޑްކޮށްފައިވާ އިދާރާތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ށަރުތު ފުރިހަމަވުމުން، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅައި، އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

18 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާތަކުގެ ގިންތިތަކުގެ ދަފުތަރު އެކުލަވައިލުން

(ހ) މި ގަވާއިދު ތަންފީޒުކުރަން ފަށާތާ 15 (ފަނަރަ) މަސްދުވަހުގެ ތެރޭގައި (ހުއްދަ ދޫކުރާ އިދާރާތަކުގެ ދަފުތަރު" މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. 

(ށ) މިނިސްޓޤރީން އާންމުކުރާ ދަފުތަރުގައި އެއްވެސް އިދާރާއެއް ހިމެނިފައި ނުވާކަން ނުވަތަ އެ އިދާރާއެއް ގިންތި ކުރުމުގައި މައްސަލައެއް އޮތްކަން ފާހަގަވެއްޖެނަމަ، މިނިސްޓޤރީން ދަފުތަރު އާންމު ކުރާތާ ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓީއަށް އެންގުމަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ. 

 

19 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާތަކުގެ ގިންތީގެ ދަފުތަރު އާންކުރުން

ހުއްދަ ދޫކުރާ އިދާރާތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގިންތިކުރެވުމުން، އެ އިދާރާއަކުން މިނިސްޓްރީއަށް ހުށަހަޅާ މައުޅުމާތުގެ ތެރެއިން، ތިރީގައިވާ މައުލޫމާތުތައް މިނިސްޓްރީން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އާންކުރަންވާނެއެވެ. 

(ހ) ހުއްދަ ދޭ އިދާރާގެ ނަން؛

(ށ) ހުއްދަ ދޭ އިދާރާއަށް ކަނޑައަޅައިފައިވާ ގިންތި؛

(ނ) ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛

(ރ) ހުއްދަ ދޫކުރާ އިދާރާގެ ޓެކްނީށަނެއްގެ ގޮތުގައި މަސައްކަަތް ކުރާ ފަރާތްތަކުގެ ނަން؛ އަދި

(ބ) ހުއްދަ ދޫކުރާ އިދާރާއަށް ދޫކޮށްފައިވާ ހުއްދައިގެ ނަންބަރު.

 

20 ވަނަ މާއްދާ - (އުނި ކުރެވިފައި)

 

 

ހަތަރުވަނަ ބާބު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތަކުގެ ޒިންމާތަކާއި، އެ އިދާރާތަކުން އަމަލު ކުރަންވީ ގޮތް

 

21 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާތަކުގެ މަސްއޫލިއްޔަތު (ސުރުހީ އިސްލާހު ކުރެވިފައި)

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވާ އަތޮޅު ކައުންސިލުގެ އިދާރާ މެނުވ ހުއްދަ ދޫކުރާ އެހެން އިދާރާތަކުން ތިރީގައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ހ) އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިޔަށްދަނ އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުމުގެ ގޮތުން އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރަންޖެހޭ މަސައްކަތްތައް ކުރުން. (އިސްލާހު ކުރެވިފައި)

(ށ) އިމާރާތްކުރުމާބެހޭ އިދާރީީ ގަވާއިދުގައި ހުއްދަ ދޫކުރާ އިދާރާއިން ދިނުމަށް ކަނޑައަޅައިފައިވާ އެންމެހައި ހުއްދަތައް، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ދިނުން. (އިސްލާހު ކުރެވިފައި)

(ނ) އިމާރާތްކުރަމުންދާ ނުވަތަ ކޮށްނިމިފައިވާ އިމާރާތްކުރުމުގެ މަސައްކަތްތައް ބަލައި ޗެކުކުރުމާއި، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި،މި ގަވާއިދާއި، ގަވާއިދު ނަންބަރު 2019-1004 (އިމާރާތްކުރުމާބެހޭ އިދާރީީގަވާއިދު) އާއި، ގަވާއިދު ނަންބަރު 2019-156 (އިމާރާތްކުރުމުގެ އަމަލީމަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތ މިންގަނޑުތަކުގެ ގަވާއިދު) އާއި، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އެހެން ގަވާއިދުތަކާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ އިސްލާހުތަކުގައި ވެސް ހުއްދަ ދޫކުރާ އިދާރާއިން ކުރަން ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމާއި، ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އިމާރާތްކުރުމާ ގުޅުންހުރި މޮނިޓަރިންގ މަސައްކަތްތައް ކުރުން. (އިސްލާހު ކުރެވިފައި)

(ރ) އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިޔަށްދަނ އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުކުރުމުގެ މަސައްކަތްތައް ކުރުމަށް ޓަކައި ބޭނުންވާ ފެންވަރުގެ މުވައްޒަފުން ހަމަޖެއްސުމަށް މަސައްކަތްކުރުން. (އިސްލާހު ކުރެވިފައި)

(ބ) އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްގައި ހުއްދަ ދޫކުރާ އިދާރާއިން ފިޔަވަޅުއަޅަން ކަނޑައަޅައިފައިވާނަމަ، އެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުތައް އެޅުން. (އިސްލާހު ކުރެވިފައި)

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަންވާނ، ހުއްދަ ދޫކުރާ އިދާރާގައި އެކުލަވައިލައިފައިވާ، މަދުވެގެން 3 (ތިނެއް) މެންބަ ރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އަކުން ފާސްކުރުމަށްފަހުގައި. (އިސްލާހު ކުރެވިފައި)

(ކ) މި ގަވާއިދުގެ 1-21 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ދޫކުރާ އިދާރާއިން ރިކޯޑާއި ލިޔެކިޔުމާއި ދަފުތަރާއި ތަފާސްހިސާބު ބެލެހެއްޓުމާއި، އެ ތަކެތި މިނިސްޓްރީއާ ހިއްސާކުރުން. (އިސްލާހު ކުރެވިފައި)

(އ) އިމާރާތްކުރުމުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން، ސިއްހ ގޮތުން ރައްކައުތެރިނޫން އިމާރާތްތަކާއި، އިމާރާތްކުރުމުގެ ގާނޫނުގެ 49 ވަނަ މާއްދާގައިވާ ފަދަ ރައްކައުތެރި ނޫން އިމާރާތެއް ނުވަތަ ރައްކައުތެރި ނޫންކަމަށް ށައްކުކުރެވޭ އިމާރާތެއްގެ މައުލޫމާތު ލިބުމުން ނުވަތަ އެފަދަ ތަނެއް އިދާރާއަށް ފާހަގަކުރެވުމުން އިމާރާތްކުރުމާބެހޭ އިދާރީީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުން. (އިސްލާހު ކުރެވިފައި)

(ވ) އިމާރާތްކުރުމުގެ އިދާރީީ ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިމާރާތުގެ ބައެއް ނުވަތަ އިމާރާތުގައި ހަރުކޮށްފައިވާ ނުވަތަ ބަހައް ޓައިފައިވާ ތަކެތި މަގަކަށް ނުވަތަ އިންވެގެންވާ އެހެން ބިމަކަށް ވެއްޓިދާނެކަމުގެ ބިރު އޮތްކަމުގައި ވާނަމަ، އެފަދަ ކަމަކުން ރައްކައުތެރިކުރުމަށް ޓަކައި އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުން. (އިސްލާހު ކުރެވިފައި)

(މ) ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅޭ މައްސަލަތަކުގެ ސައްހަކަން ދެނެގަތުމާއި، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި މޮނިޓަރ ކުރަމުންދިއުން. (އިސްލާހު ކުރެވިފައި)

(ފ) ހުއްދަ ދޫކުރާ އިދާރާގައި އިމާރާތްކުރުމުގެ ގާނޫނާ ގުޅޭ މަސައްކަތްތައް ކުރާ މުވައްޒަފުންނާއި އެ މަސައްކަތްތައް ޗެކުކުރާ މުވައްޒަފުން، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު، މި މާއްދާގެ ބޭނުމަށް މިނިސްޓްރީން ހިންގާ ނުވަތަ މިނިސްޓްރީން ހުއްދަ ދީގެން ހިންގާ ތިރީގައިވާ ތަމްރީނުތައް ފުރިހަމަކުރާކަން ކަށަވަރުކުރުން.

  1. އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުތައް ހިމެނޭ ތަމްރީނު؛
  2. މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެއްވެސް ތައުލ މެއް ނުވަތަ ތަޖުރިބާއެއް ލިބިފައިވާ ފަރާތެއް އެ އިދާރާއެއްގައި ނެތްނަމަ، އިމާރާތެއް ޗެކުކުރުމާއި އިމާރާތުގެ ކުރެހުން ޗެކުކުރުމުގެ ތަމްރީނު. (މުޅި (ފ) އިސްލާހު ކުރެވިފައި)

(ދ) 4 ވަނަ ގިންތީ ގައި ރަޖިސްޓަރީވާ އިދާރާތަކުން ޓެކްނިކަލް މަސައްކަތްތައް ކުރުމުގައި މި ގަވާއިދުގެ 1-21 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަތޮޅު ކައުންސިލުގެ ޓެކްނިކަލް ސަޕޯޓު ހޯދުން. (އިސްލާހު ކުރެވިފައި) 

(ތ) އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. (އިސްލާހު ކުރެވިފައި) 

(ލ) (އުނި ކުރެވިފައި) 

 

21-1 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާގެ ގޮތުގައި ރަޖިސްޓަރީކުރާ އަތޮޅު ކައުންސިލުގެ މަސްއޫލިއްޔަތު (މުޅި މާއްދާ އިތުރު ކުރެވިފައި) 

ހުއްދަ ދޫކުރާ އިދާރާގެ ގޮތުގައި ރަޖިސްޓަރީކުރާ އަތޮޅު ކައުންސިލް އިދާރާގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(ހ) އަތޮޅު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްތަކުގެ ހުއްދަ ދޫކުރާ އިދާރާތަކުން 21 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓެކްނިކަލް ސަޕޯޓު ބޭނުންވާނަމަ، ތިރީގައިވާ މަސައްކަތް ކުރުމަށް ހުއްދަ ދޫކުރާ އިދާރާއަކުން އެހީތެރިކަން ބޭނުންވާ ކަންކަމުގައި އަތޮޅު ކައުންސިލުން އެހީތެރިކަން ދިނުން.

  1. އިމާރާތްކުރުމުގެ ކުރެހުން ޗެކުކޮށް، ރިޕޯޓު އެކުލަވައިލުން؛
  2. ފައުންޑޭށަނުގެ އިން ޗެކުކުރުމާއި، ރިޕޯޓު އެކުލަވައިލުން؛
  3. އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ބޭނުމަށް އިމާރާތް ޗެކުކޮށް، ރިޕޯޓު އެކުލަވައިލުން؛
  4. ހުއްދަ ދޫކުރާ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން، ކުރަމުންދާ ނުވަތަ ކޮށް ނިމިފައިވާ އިމާރާތްކުރުމުގެ މަސައްކަތްތަކާއި އެއާ ގުޅޭ ލިޔެކިޔުންތައް ބަލައި ޗެކުކޮށް ރިޕޯޓެއް އެކުލަވައިލުން؛
  5. ރައްކައުތެރި ނޫން އިމާރާތްތައް ޗެކުކޮށް ރިޕޯޓު އެކުލަވައިލުން؛
  6. ސިއްހ ގޮތުން ރައްކައުތެރި ނޫން އިމާރާތްތައް ޗެކުކޮށް ރިޕޯޓު އެކުލަވައިލުން؛
  7. ރައްކައުތެރިކަމުގެ ހާއްސަ ފިޔަވަޅު ވަގުތުން ވަގުތަށް އަޅަންޖެހޭ ހާލަތްތަކުގައި، އިމާރާތާއި ވަށައިގެންވާ ސަރަހައްދު ޗެކުކޮށް ރިޕޯޓު އެކުލަވައިލުން؛
  8. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ނުވިނަމަވެސް، ހުއްދަ ދޫކުރާ އިދާރާއަކުން ދޫކޮށްފައިވާ ހުއްދައަކާ ގުޅިގެން ކުރަންޖެހޭ ޗެކެއް ކޮށް އެކުލަވައިލާ ޓެކްނިކަލް ރިޕޯޓު އެކުލަވައިލުން.

(ނ) އަތޮޅުތެރޭގައި ހިމެނޭ ރަށްތަކުގެ ހުއްދަ ދޫކުރާ އިދާރާތަކުން މި ގަވާއިދުގެ 2-21 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ރިކޯޑު ބެލެހެއްޓުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިކޯޑުތައް ބަލަހައްޓަމުންދާކަން ކަށަވަރުކުރުމާއި، މިނިސްޓްރީއާ އެ ކަންކަން ހިއްސާކުރާކަން ކަށަވަރުކުރުން.

(ރ) އަތޮޅުގައި ހިމެނޭ ރަށްތަކުގެ ހުއްދަ ދޫކުރާ އިދާރާތަކުން މަސައްކަތް ކުރަމުންދާގޮތް ބެލެހެއްޓުން.

(ބ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން މަސައްކަތްކުރުން މަނާވާ ހުއްދަ ދޫކުރާ އިދާރާތަކުގެ ގޮތުގައި މަސައްކަތްކުރަމުންއައި ރަށު ކައުންސިލުގެ އިދާރާއަކަށް މަސައްކަތްކުރުން މަނާވެފައިވާ މުއްދަތުގައި، ހުއްދައަށް އެދި ރަށު ކައުންސިލުގެ އިދާރާއަށް ހުށަހަޅާ ލިޔެކިޔުން، ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ އެ އަތޮޅުގެ އަތޮޅު ކައުންސިލުގެ އިދާރާއަށް ފޮނުވުމުން،ތިރީގަ ގަވާއިދާ އެއްގޮތަށް ހުއްދަ ދިނުން ނުވަތަ ހުއްދަ ނުދެވޭނަމަ އެކަން އެންގުން. 

 

21-2 ވަނަ މާއްދާ - ހުުއްދަ ދޫކުރާ އިދާރާއިން ރިކޯޑާއި ލިޔެކިޔުން ބެލެހެއްޓުން (މުޅި މާއްދާ އިތުރު ކުރެވިފައި) 

މި ގަވާއިދުގެ ދަށުން އިމާރާތްކުރުމާ ގުޅޭ އެކިއެކި މަސައްކަތާ ގުޅޭ ރިކޯޑާއި ލިޔެކިޔުން ތިރީގައިވާ ފަދައިން ބަލަހައްޓައި، އެކަން މިނިސްޓްރީއާ ހިއްސާކުރަމުން ގެންދާންވާނެއެވެ.

(ހ) ހުއްދަދީފައިވާ ކުރެހުންތަކާއި އެ ހުއްދައާ ގުޅޭ ލިޔެކިޔުންތައް، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް، ހުއްދަ ދޫކުރާ އިދާރާއިން ބަލަހައްޓަންވާނެއެވެ.

  1. ދީފައިވާ ހުއްދައަށް އިމާރާތްކޮށްފައިވާނަމަ، އެ އިމާރާތެއް ތަޅައިލެވެންދެން؛
  2. ދީފައިވާ ހުއްދައަށް އިމާރާތްކޮށްފައި ނުވާނަމަ، ހުއްދައިގެ މުއްދަތު ހަމަވުމަށްފަހ،ު މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން.

(ށ) މި މާއްދާގެ (ހ) ގައިވާ ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅައިފައިވާ ހާލަތްތަކުގައި އެ ލިޔެކިޔުންތައް ސާފުކޮށް ކިޔަން އެނގޭގޮތަށް އަދި އަސްލު ނުގެއްލޭގޮތަށް ސްކޭލްކޮށް ސްކޭންކުރުމަށްފަހު ޑިޖިޓަލްކޮށް ބެލެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) އިމާރާތްކުރުމާ ގުޅޭ އެކިއެކި ހުއްދައާއި އިމާރާތްތައް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތައް، އިމާރާތްކުރުމާބެހޭ އިދާރީީ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ބަލައި ޗެކުކުރުމަށްފަހު ހުއްދަތައް ދިނުމާއެކު ނުވަތަ ހުއްދަތައް ބާތިލުކުރުމާއެކު، ހުއްދަދޭތާ ނުވަތަ ހުއްދަ ބާތިލުކުރާތާ ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ހުއްދައަށް އެދި ހުށަހެޅި ލިޔެކިޔުންތަކާއި، އެކަމާ ގުޅިގެން ހުއްދަ ދޫކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔެކިޔުމާއި، އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ އެހެނިހެން ލިޔެކިޔުންތައް 
މިނިސްޓްރީ އަށް ފޮނުވަންވާނެއެވެ.

(ރ) އެކިއެކި ސަބަބުތަކާހެދި އިމާރާތްކުރުމާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތައް ބަލައި ނިމުމުން، އެ މައްސަލަތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، އެ މައްސަލައެއް ބަލައި ނިމޭތާ ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީ އަށް ފޮނުވަންވާނެއެވެ.

(ބ) އިމާރާތްކުރުމާ ގުޅޭ އެކިއެކި ހުއްދައާއި، އިމާރާތްތައް ބޭނުންކުރުމުގެ ހުއްދައާއި، އިމާރާތްތަކުގެ މޮނިޓަރިންގ މަސައްކަތްތަކާއި، އިމާރާތްކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި، އެކިއެކި ސަބަބުތަކާހެދި އިމާރާތްކުރުމާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކާއި ހުށަހަޅާ އެކިއެކި ހުށަހެޅުންތަކުގެ މައުލޫމާތު އެކުލެވޭ ދަފުތަރުތައް، މިނިސްޓްރީން އާންމުކުރާ ނަމޫނާއަކާ އެއްގޮތްވާ ގޮތަށް އެކުލަވައިލައި ސްޕްރެޑްށީޓެއްގައި ބަލަހައްޓަންވާނެއެވެ.

(ޅ) ކޮންމެ މަހެއް ނިމުމުން، މަސް ނިމޭތާ ގިނަވެގެން ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ަފުތަރުތަކުގެ ކޮޕީ އެއް، ސްޕްރެޑްށީޓު ފޯމެޓުގައި، މިނިސްޓްރީން ކަނޑައަޅާ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް، މިނިސްޓްރީ އަށް ފޮނުވަންވާނެއެވެ.

 

22 ވަނަ މާއްދާ - އިމާރާތްކުރުމުގައި ނަގަންޖެހޭ ހުއްދަތަކަށް އެދި ހުށަހަޅާ މައްސަލަތަކަށާއި، އިމާރާތް ބޭނުންކުރުމުގައި ނަގަންޖެހޭ ހުއްދަތަކަށް އެދި ހުށަހަޅާ މައްސަލަތަކަށް ޖަވާބުދޭންވީ މުއްދަތު

އިމާރާތްކުރުމަށް ނަގަންޖެހޭ ހުއްދަތަކަށާއި އިމާރާތް ބޭނުންކުރުމަށް ނަގަންޖެހޭ ހުއްދަތަކަށް އެދި ހުށަހަޅާ މައްސަލަތަކަށް އިމާރާތްކުރުމގެ ހުއްދަ ދޫކުރާ އިދާރާތަކުން ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދޭންވާނެއެވެ. 

(ހ) ކުރެހުން ފާސްކުރުމަށާއި އިމާރާތްކުރުމާ ގުޅޭ އެހެނިހެން ހުއްދަތަކަށް އެދި ހުށަހެޅުމުން، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ޗެކުކުރުމަށްފަހު، ގިނަވެގެން 10 (ދިހައެއް ދުވަހުގެ މުއްދަތުގެ ތެރޭގައި ޖަވާބެއް ދޭންވާނެއެވެ. 

(ށ) އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ނަގާ އިމާރާތްކުރުމުގެ ހުއްދަ ފިޔަވައި އެހެން ހުއްދައަކަށް ހުއްދައަށް އެދި ހުށަހަޅާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންވާނެއެވެ. 

(ނ) ދިރިއުޅުމަށް ދޫކުރެވޭ އިމާރާތްކުރުމުގެ ހުއްދައަށް އެދި، ހުއްދަ ދޫކުރާ އިދާރާއަކަށް ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފަދަ ހުށަހެޅުމަކަށް ޖަވާބެއް ދޭންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް އިމާރާތްކުރުމުގެ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިމާރާތް އިންސްޕެކްޓް ކޮށްފައިވާ ނަމަ، ހުއްދައަށް އެދި ހުށަހެޅުމުން، އިމާރާތް ބޭނުންކުރުމަށް އެދި ހުށަހަޅާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންވާނެއެވެ. 

 

23 ވަނަ މާއްދާ(އުނި ކުރެވިފައި) 

 

24 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ އިދާރާއަކާ ގުޅިގެން މައްސަލަ ހުށަހަޅާނެ ގޮތާއި އެފަދަ މައްސަލަ ބެލޭނެ ގޮތް

(ހ)  ހުއްދަ ދޫކުރާ އިދާރާއަކާމެދު އެހެން ފަރާތެއްގެ މައްސަލައެއް އޮވެއްޖެނަމަ، ނުވަތަ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ހުއްދައަށް އެދި ހުށަހަޅައިގެން އެކަށީގެންވާ ޖަވާބެއް ނުލިބޭ ނަމަ، އެކަން ބަލައިދިނުން އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. 

(ށ) ހުއްދަ ދޫކުރާ އިދާރާއެއްގެ މަސައްކަތުން ބައެއް އެހެން އިދާރާއަކާ ހަވާލުކުރުމާއެކު، މަސައްކަތް ހަވާލުވެފައިވާ އިދާރާއިން އެކަށީގެންވާ ޖަވާބެއް ނުލިބޭ ނަމަ، އެ މައްސަލަ ބަލައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލަ ބެލުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާންވާނީ ސިޓީއަކުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތީންނެވެ.

(ރ) ހުއްދަ ދޫކުރާ އިދާރާއަކާމެދު މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް މިނިސްޓްރީން ބެލުމަށްފަހު މައްސަލައިގެ ބާވަތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

 

25 ވަނަ މާއްދާ - މަސައްކަތުގެ އަހްލާގީ ނުވަތަ ސުލޫކީ މިންގަނޑު

ހުއްދަދޭ އިދާރާގައި ހުއްދަ ދިނުމުގެ މަސައްކަތް ކުރާ މުވައްޒަފުން އަމަލުކުރަންވާނީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވޭ ގަވާއިދުތަކަށާއި، އެ އިދާރާއަކަށް ހެދިފައިވާ ވަޒީފާގެ ސުލޫކީ މިންގަނޑާއި، ހެދިފައިވާ އުސޫލުތަކާ އެގޮތްވާ ގޮތުގެމަތިންނެވެ. 

 

26 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމަކާ ނުލައި ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ގިންތީގެ ބޭރުން މަސައްކަތްކުރުން މަނާކުރުން

(ހ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެ އެފަދަ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީ ކޮށްފައި އޮތްކަމަށް ދެއްކުމާއި، އެފަދައިން ދޭހަވާނެ ގޮތަކަށް އަމަލުކުރުމަކީ މަނާކަމެކެވެ. (އިސްލާހު ކުރެވިފައި) 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީ ނުކޮށް އިމާރާތްކުރުމާ ގުޅޭ ހުއްދަ ދީފައިވާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގަންވާނެއެވެ. (އިސްލާހު ކުރެވިފައި) 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ ނުވަތަ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީނުވެ އިމާރާތްކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ތަކުރާރުކޮށް ކުރަމުންދާނަމަ، ޖޫރިމަނާ ފައިސާ ދެއްކުމަށް ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީނުވެ އިމާރާތްކުރުމުގެ ހުއްދަދިނުމުގެ މަސައްކަތްކުރުން ހުއްޓުވުމަށް އަމުރުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް މިނިސްޓްރީން ފޮނުވަންވާނެއެވެ.  (އިސްލާހު ކުރެވިފައި) 

(ރ) (އުނި ކުރެވިފައި)

 

27 ވަނަ މާއްދާ - ރަޖިސްޓަރ ކޮށްފައިވާ ހުއްދަ ދޫކުރާ އިދާރާތައް އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުވުމުން އެޅޭ ފިޔަވަޅު (މުޅީ މާއްދާ އިތުރު ކުރެވިފައި) 

(ހ) މި ގަވާއިދުގައިވާ ފަދައިން ހުއްދަ ދޫކުރާ އިދާރާގެ މަސްއޫލިއްޔަތު އަދާނުކުރާނަމަ، ނުވަތަ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދެއްގައި ހުއްދަ ދޫކުރާ އިދާރާއިން ކުރަން ކަނޑައަޅައިފައިވާ ކަމެއް ނުކުރާނަމަ، ނުވަތަ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފަށް އަމަލުކުރާނަމަ، ނުވަތަ ގަވާއިދަކާ އެއްގޮތަށް ވަކި ކަމަކަށް މިނިސްޓްރީން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް އަމަލު ނުކުރާނަމަ، މައްސަލަ ބަލާ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން، އަދި ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އިދާރާއަކާމެދު ފިޔަވަޅު އަޅަންވާނެއެވެ.

  1. ތިރީގައިވާ ފިޔަވަޅުތަކުން ފިޔަވަޅެއް އެޅުން؛
    1. އެ ކަމެއް ރަނގަޅުކުރުމަށް، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަނޑައެޅުމާއެކު، އެކަން އެންގުން؛ 
    2. ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ނުވަތަ؛ 
    3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ 1.1 އާއި 1.2 ގައިވާ  ފިޔަވަޅުތައް އެއްކޮށް އެޅުން.
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެ ކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގެ ތެރޭގައި އެ ކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކޮށް، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެންގުމާއެކު، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ މުއްދަތުގައި އެ ކަމެއް އިސްލާހުކުރުމަށް އެންގުން؛
  3. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުން އެ ކަމަކަށް ފިޔަވަޅުއެޅުމަށްފަހ،ު 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ ކަމެއް ަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކޮށް، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެންގުމާއެކު، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ މުއްދަތުގައި އެ ކަމެއް އިސްލާހުކުރުމަށް އެންގުން؛
  4. މި މާއްދާގެ (ހ) ގައިވާ ކުށެއް 5 (ފަހެއް) ފަހަރަށްވުރެ އިތުރަށް ތަކުރާރުވެއްޖެނަމަ، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރުމާއެކު، ތިރީގައިވާ ފިޔަވަޅުތަކުން ފިޔަވަޅެއް އެޅުން؛
    1. ތަމްރީނެއް ފުރިހަމަކުރުމަށް އެންގުން؛
    2. އެ އިދާރާއަކުން ވަކި ތަމްރީނެއް ފުރިހަމަކުރުމަށް އަންގައި، އެ ތަމްރީނު ފުރިހަމަކުރަންދެން ހުއްދަ ހިފެހެއްޓުން؛
    3. 12 (ބާރަ) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްދަ ހިފެހެއްޓުން.
  5. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ކަނޑައަޅައިފައިވާ ޖޫރިމަނާ ފައިސާ ދެއްކުމަށް ދޭ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާއެއް ދައްކަންދެން އެ އިދާރާގެ ހުއްދަ ހިފެހެއްޓުން؛
  6. މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރުމަށްފަހު 12 (ބާރަ) މަސްދުވަސް ފާއިތުވާއިރު ވެސް އެ ފައިސާ ނުދައްކައިފިނަމަ،  އެ އިދާރާއެއްގެ ހުއްދަ ބާތިލުކޮށް، ހުއްދަ ބާތިލުކުރިކަން ރަޖިސްޓަރީގައި ރިކޯޑުކުރުން؛
  7. މި މާއްދާގެ (ހ) ގައި އި ސް ލާހުކުރަން ކަނޑައަޅައިފައިވާ ކަންކަން އިސްލާހުކުރަން ދީފައިވާ މުއްދަތުގައި އެ ކަންކަން އިސްލާހު ކޮށްފައި  ނުވާނަމަ، ނުވަތަ މި މާއްދާގެ (ހ) ގައި ޖޫރިމަނާ ފައިސާ ދެއްކުމަށް ދޭ މުއްދަތުގައި ޖޫރިމަނާ ފައިސާ ދައްކައިފައި ނުވާނަމަ، އެކަން އިސްލާހުކުރުމަށާއި ޖޫރިމަނާ ފައިސާ ހޯދުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް މިނިސްޓްރީން ފޮނުވުން.  

(ށ) މި ގަވާއިދާ ހިލާފުވުމުން އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތާއި ކުރެވޭ ޖޫރިމަނާ، މި ގަވާއިދުގެ އެހެން މާއްދާއަކުން ވަކި ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، ތިރީގައިވާ ފިޔަވަޅުގެ ތެރެއިން މައްސަލަ ބަލާ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން، ފިޔަވަޅު އަޅަންވާނެއެވެ.

  1. އިންޒާރުދިނުން؛
  2. އެ އިދާރާއަށް އަންގައިފައިވާ އެންގުމުގައި ވަކި ތަމްރީނެއް ފުރިހަމަކުރުމަށް ކަނޑައަޅައިފައިވާނަމަ، އެ ފަދައިން އަމަލުކުރުމަށް އެންގުން؛
  3. ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ އިދާރާއެއް ޖޫރިމަނާކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅުމުގައި، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެކުގައި އެޅުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ރަނގަޅުކުރަން ކަނޑައަޅައިފައިވާ ކަންކަން ރަނގަޅުކުރަން ދީފައިވާ މުއްދަތުގައި ރަނގަޅުކޮށްފައި ނުވާނަމަ ނުވަތަ މި މާއްދާގެ (ހ) ގައި ޖޫރިމަނާ ފައިސާ ދެއްކުމަށް ދޭ މުއްދަތުގައި ޖޫރިމަނާ ފައިސާ ދައްކައިފައި ނުވާނަމަ، އެކަން އިސްލާހުކުރުމަށާއި ޖޫރިމަނާ ފައިސާ ހޯދުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް މިނިސްޓްރީން ފޮނުވުން.

 

 

ޖަދުވަލު 1 (އިތުރު ކުރެވިފައި)

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 999/2019)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2017)

ކިޔުންތެރިންގެ ހިޔާލު