-

އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-999) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-54)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 3 ޖޫން 2024 ގައި)

 

ގަވާއިދު ނަންބަރު  2019-999 (އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީީ ކުރުމުގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާއަށް (ވ) އިތުރުކުރުން.

މާނަކުރުން 5.

(ވ) "މައްސަލަ ބަލާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވެގެން މިނިސްޓްރީ އަށް ހުށަހެޅޭ މައްސަލަތައް ބަލައި، އެފަދަ މައްސަލަތަކާ ގުޅިގެން އަންގާ އެންގުންތައް ކަނޑައެޅުމުގައި ލަފާ ދިނުމަށް ޓަކައި އިމާރާތްކުރުމާބެހޭ އިދާރީީ ގަވާއިދުގެ 183 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ކޮމިޓީ އަށެވެ. 

 

2 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާއަށް (ނ) އިތުރުކުރުން.

ރަޖިސްޓަރީީ ކޮށްގެން މަސައްކަތްކުރުން 6.

(ނ) މި މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓަރީ ނުވެ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާއިދާރާއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މަނާކަމެކެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ ދަށަށް (ހ) އާއި (ށ) އިތުރުކުރުން.

ރަޖިސްޓަރީ ކުރެވޭ "ހުއްދަ ދޫކުރާ އިދާރާތައް" 7.

މި ގަވާއިދުގެ ދަށުން "ހުއްދަ ދޫކުރާ އިދާރާ" ގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ، އިމާރާތްކުރުމާ ގުޅޭ އެކިއެކި ހުއްދަތައް ދިނުމަށް ނުވަތަ އިމާރާތްކުރުމާ ގުޅޭ ކަންކަން ބެލެހެއްޓުން ފަދަ މަސައްކަތެއް ކުރުމަށް ތިރީގައިވާ ފަދައިން ހަވާލުކޮށްފައިވާ ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ވުޒާރާތަކާއި، ކައުންސިލްތަކާއި، އޮތޯރިޓ ތަކާއި، ސަރުކާރު ހިއްސާ ވާ ކުންފުނިތަކެވެ.

(ހ) ގާނޫނަކުން އެ މަސައްކަތެއް ކުރުމަށް ހަވާލުކޮށްފައިވާ ވުޒާރާތަކާއި، ކައުންސިލްތަކާއި، އޮތޯރިޓ ތަކާއި، އިދާރާތައް. ނުވަތަ؛

(ށ) ގާނޫނަކުން ހަވާލުކޮށްފައިވާ ނުވަތަ ވިޔަފާރިއާބެހޭ ވުޒާރާގައި އެ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީ ކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، (ށ) ގެ ފަހަތަށް (ނ) އާއި (ރ) އިތުރުކުރުން.

ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން 9.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ރަޖިސްޓަރީ ވެފައިވާ އިދާރާތަކާއި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ މަސައްކަތުގެ ގޮތުގައި އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރަންވާނީ، މި ގަވާއިދުގެ ދަށުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތައް ރަޖިސްޓަރީ ކުރުމަށް، ތިރީގައިވާ ތަކެތި މިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު؛
  2. ރަޖިސްޓަރީ ވުމަށް ޓަކައި ހުށަހަޅާ އިދާރާއަކުން ޓެކްނިކަލް ފަރާތެއް ހުށަހަޅާނަމަ، އެ ފަރާތެއްގެ ތިރީގައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.
    1. އެ އިދާރާއެއްގެ ދާއިމީ ވަޒީފާގައި އުޅޭ ފަރާތެއް ނަމަ، ވަޒީފާގައި އުޅޭކަމުގެ ލިޔުން؛
    2. އެ އިދާރާގެ ކޮންޓްރެކްޓް ވަޒީފާގައި ނުވަތަ ކޮންސަލްޓެންޓެއްގެ ގޮތުގައި އުޅޭ ފަރާތެއް ނަމަ، އެ އިދާރާއަށް އެ ފަރާތެއް މަސައްކަތްކޮށްދޭކަމަށް އެ އިދާރާއަކުން ދޭ ލިޔުމެއްގެ ކޮޕީ ނުވަތަ ފަރާތުގެ ދެމެދުގައި ވެފައިވާ މަސައްކަތުގެ އެއްބަސްވުމުގެ ކޮޕީ،
      އަދި؛
    3. އިމާރާތްކުރުމުގެ ދާއިރާއިން ޓެކްނިކަލް ގާބިލުކަން ނުވަތަ ފަންނީ ގާބިލުކަން އަންގައިދޭ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމަށް އެޓެސްޓްކޮށްފައިވާ ކޮޕީ، އަދި ދިވެހިރާއްޖެއިން ބޭރު ގައުމެއްގެ މަތީތައުލީމުދޭ މަރުކަޒަކުން ހާސިލުކޮށްފައިވާ ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ،
    4. ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން އެދެނ ކައުންސިލެއް ނޫން ފަރާތެއްނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާއަށް އެ ފަރާތެއް ފެތޭކަމުގެ ލިޔުމެއް.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމެއް މި ގަވާއިދަށް ފެތޭނަމަ، ހުށަހަޅާތާ ގިނަވެގެން ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ފަރާތެއް ރަޖިސްޓަރީ ކޮށްދޭން ވާނެއެވެ. އަދި ރަޖިސްޓަރީ ކުރެވެން ނެތްނަމަވެސް، ސަބަބު ބަޔާންކޮށް، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީވާން އެދި ހުށަހެޅި ފަރާތަށް، ސަބަބާއެކު އެކަން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އުނިކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އާއި (ރ) އާއި (ބ) އާއި (ޅ) އާއި (ކ) އިތުރުކުރުން.

ރަޖިސްޓަރީ ކުރެވޭ ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރާނެ ގޮތް 13.

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތާވަލުގައިވާ ގޮތުގެ މަތީން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތާވަލުގައި ދީފައިވާ މުއްދަތުތަކަށް، ބަޔާންކޮށްފައިވާ ފެންވަރުގެ މުވައްޒަފުން، އެ ހުއްދަ ދޫކުރާ އިދާރާއެއްގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައި ވާންވާނެއެވެ.

(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ތާވަލުގައި ދީފައިވާ މުއްދަތުތަކަށް،  ކަނޑައަޅައިފައިވާ ށަރުތުތަކުން އެންމެ ދަށް ށަރުތު ފުރިހަމަނުވާނަމަ ނުވަތަ ރަޖިސްޓަރީ ވުމަށް ފަހުގައި ވެސް ޖަދުވަލު 1 ގައިވާ ތާވަލުގައިވާ ށަރުތުތަކުން އެންމެ ދަށް ށަރުތު އެ ފަރާތުގެ ކިބައިން އުނިވެއްޖެނަމަ، މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެކަން އަންގަންވާނެއެވެ. މިގޮތަށް އެންގުމުން، މިނިސްޓްރީން އެ ފަރާތެއްގެ ހުއްދަ ހިފަހައްޓައި، ރަޖިސްޓަރީގައި އެކަން ރިކޯޑުކުރަންވާނެއެވެ. އަދި ހުއްދަ ހިފަހައްޓައިފައިވާ މުއްދަތުގައި، ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި މަސައްކަތް ކުރުމަކ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މަސައްކަތްކުރުން މަނާވާ ހުއްދަ ދޫކުރާ އިދާރާތަކަށް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަނެ، މި މާއްދާގެ (ބ) އާއި (ޅ) ގައިވާ ގޮތުގެ މަތީން ދޭ ހުއްދަތައް، ހުއްދައަށް އެދި ހުށަހަޅާ ފަރާތަށް ދޫކުރުމަށް ހުރަހެއް ނާޅައެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން މަސައްކަތްކުރުން މަނާވާ ހުއްދަ ދޫކުރާ އިދާރާތަކުގެ ގޮތުގައި މަސައްކަތްކުރަމުންއައި ރަށު ކައުންސިލުގެ އިދާރާއަކަށް މަސައްކަތްކުރުން މަނާވެފައިވާ މުއްދަތުގައި، އެ އިދާރާއަށް ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުމަށް ހުއްދަ ދިނުމަށް ޓަކައި ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި މަސައްކަތްކުރަމުންއައި، އެ އަތޮޅުގެ އަތޮޅު ކައުންސިލުގެ އިދާރާއަށް ފޮނުވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) އަށް ނުފެތޭ ހާލަތްތަކުގައި ހުއްދައަށް އެދި ހުށަހަޅާ ލިޔެކިޔުމަށް ހުއްދަ ދިނުމަށް ޓަކައި މިނިސްޓްރީ އަށް ފޮނުވިދާނެއެވެ.

(ކ) މި މާއްދާގެ (ނ) ގެ ދަށުން ހުއްދަ ހިފަހައްޓައިފައިވާ ފަރާތެއް އަލުން ށަރުތު ފުރިހަމަވުމުން، އަލުން ރަޖިސްޓަރީ ކުރުމަށް ޓަކައި މި ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޓެކްނީށަނުންގެ ށަރުތުތައް 14.

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގައި މަސައްކަތްކުރާ ޓެކްނީށަނެއްގެ ކިބައިގައިވާ ށަރުތުތައް ކަމަށް ބަލައިގަންނާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ދިވެހި ރައްޔިތުންނެވެ.

(ށ) އެ އިދާރީައެއްގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތެއް ޓެކްނީށަނުގެ ގޮތުގައި ހުށަހެޅިދާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އާއި (ރ) އިތުރުކުރުން.

ގިންތިކުރުން 15.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގިންތި 1 ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް، މި ތާރީހުގެ ފަހުން ބެލެވޭނީ، ގިންތި 3 ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކެއް ކަމުގައެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގިންތި 2 ގައި ރަޖިސްޓަރީ ވެފައިވާ އިދާރާތައް، މި ތާރީހުގެ ފަހުން ބެލެވޭނީ، ގިންތި 4 ގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކެއް ކަމުގައެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގިންތި ބަދަލުވުން 17.

(ހ) ރަޖިސްޓަރީ ވެފައިވާ ގިންތީގެ ށަރުތު ފުރިހަމަނުވާ ހާލަތެއް ރަޖިސްޓަރީ ކޮށްފައިވާ އިދާރާއަކަށް އެއްވެސް ސަބަބަކާހުރެ މެދުވެރިވެއްޖެނަމަ، އެ އިދާރާއެއް ރަޖިސްޓަރީ ކޮށްފައިވާ ގިންތި ބަދަލުކުރުމަށް އެދި، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީ އަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުށަހެޅުމުން، އެ ހުއްދަ ދޫކުރާ އިދާރާއެއްގެ ކިބައިގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގިންތިއެއްގައި އެ އިދާރާ ރަޖިސްޓަރީކޮށް، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ރަޖިސްޓަރީ ކުރިކަމުގެ ލިޔުން މިނިސްޓްރީން ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ފަދައިން ހުށަހެޅުމުން، އެ ހުއްދަ ދޫކުރާ އިދާރާއެއްގެ ކިބައިގައި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ގިންތިއެއް ނެތްނަމަ، އެ އިދާރާއަކަށް އެކަން އަންގައި، ވަކި މުއްދަތެއް ކަނޑައެޅުމެއްނެތި އެ އިދާރާއެއް ވަގުތ ގޮތުން ރަޖިސްޓަރީން ސަސްޕެންޑް ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަގުތ ގޮތުން ރަޖިސްޓަރީން ސަސްޕެންޑްކޮށްފައިވާ އިދާރާތައް، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ށަރުތު ފުރިހަމަވުމުން، މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅައި، އަލުން ރަޖިސްޓަރީ ކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާ އުނިކުރުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހުއްދަ ދޫކުރާ އިދާރާތަކުގެ މަސްއޫލިއްޔަތު 21.

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވާ އަތޮޅު ކައުންސިލުގެ އިދާރާ މެނުވ ހުއްދަ ދޫކުރާ އެހެން އިދާރާތަކުން ތިރީގައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ހ) އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިޔަށްދަނ އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުމުގެ ގޮތުން އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

(ށ) އިމާރާތްކުރުމާބެހޭ އިދާރީީ ގަވާއިދުގައި ހުއްދަ ދޫކުރާ އިދާރާއިން ދިނުމަށް ކަނޑައަޅައިފައިވާ އެންމެހައި ހުއްދަތައް، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ދިނުން.

(ނ) އިމާރާތްކުރަމުންދާ ނުވަތަ ކޮށްނިމިފައިވާ އިމާރާތްކުރުމުގެ މަސައްކަތްތައް ބަލައި ޗެކުކުރުމާއި، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި،މި ގަވާއިދާއި، ގަވާއިދު ނަންބަރު 2019-1004 (އިމާރާތްކުރުމާބެހޭ އިދާރީީގަވާއިދު) އާއި، ގަވާއިދު ނަންބަރު 2019-156 (އިމާރާތްކުރުމުގެ އަމަލީމަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތ މިންގަނޑުތަކުގެ ގަވާއިދު) އާއި، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އެހެން ގަވާއިދުތަކާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ އިސްލާހުތަކުގައި ވެސް ހުއްދަ ދޫކުރާ އިދާރާއިން ކުރަން ކަނޑައަޅައިފައިވާ މަސައްކަތްތައް ކުރުމާއި، ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އިމާރާތްކުރުމާ ގުޅުންހުރި މޮނިޓަރިންގ މަސައްކަތްތައް ކުރުން.

(ރ) އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިޔަށްދަނ އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކުރުކުރުމުގެ މަސައްކަތްތައް ކުރުމަށް ޓަކައި ބޭނުންވާ ފެންވަރުގެ މުވައްޒަފުން ހަމަޖެއްސުމަށް މަސައްކަތްކުރުން.

(ބ) އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެއްގައި ހުއްދަ ދޫކުރާ އިދާރާއިން ފިޔަވަޅުއަޅަން ކަނޑައަޅައިފައިވާނަމަ، އެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުތައް އެޅުން.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އަޅަންވާނ، ހުއްދަ ދޫކުރާ އިދާރާގައި އެކުލަވައިލައިފައިވާ، މަދުވެގެން 3 (ތިނެއް) މެންބަ ރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އަކުން ފާސްކުރުމަށްފަހުގައި.

(ކ) މި ގަވާއިދުގެ 1-21 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ދޫކުރާ އިދާރާއިން ރިކޯޑާއި ލިޔެކިޔުމާއި ދަފުތަރާއި ތަފާސްހިސާބު ބެލެހެއްޓުމާއި، އެ ތަކެތި މިނިސްޓްރީއާ ހިއްސާކުރުން.

(އ) އިމާރާތްކުރުމުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން، ސިއްހ ގޮތުން ރައްކައުތެރިނޫން އިމާރާތްތަކާއި، އިމާރާތްކުރުމުގެ ގާނޫނުގެ 49 ވަނަ މާއްދާގައިވާ ފަދަ ރައްކައުތެރި ނޫން އިމާރާތެއް ނުވަތަ ރައްކައުތެރި ނޫންކަމަށް ށައްކުކުރެވޭ އިމާރާތެއްގެ މައުލޫމާތު ލިބުމުން ނުވަތަ އެފަދަ ތަނެއް އިދާރާއަށް ފާހަގަކުރެވުމުން އިމާރާތްކުރުމާބެހޭ އިދާރީީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުން.

(ވ) އިމާރާތްކުރުމުގެ އިދާރީީ ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިމާރާތުގެ ބައެއް ނުވަތަ އިމާރާތުގައި ހަރުކޮށްފައިވާ ނުވަތަ ބަހައް ޓައިފައިވާ ތަކެތި މަގަކަށް ނުވަތަ އިންވެގެންވާ އެހެން ބިމަކަށް ވެއްޓިދާނެކަމުގެ ބިރު އޮތްކަމުގައި ވާނަމަ، އެފަދަ ކަމަކުން ރައްކައުތެރިކުރުމަށް ޓަކައި އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުން.

(މ) ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅޭ މައްސަލަތަކުގެ ސައްހަކަން ދެނެގަތުމާއި، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅައި މޮނިޓަރ ކުރަމުންދިއުން.

(ފ) ހުއްދަ ދޫކުރާ އިދާރާގައި އިމާރާތްކުރުމުގެ ގާނޫނާ ގުޅޭ މަސައްކަތްތައް ކުރާ މުވައްޒަފުންނާއި އެ މަސައްކަތްތައް ޗެކުކުރާ މުވައްޒަފުން، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު، މި މާއްދާގެ ބޭނުމަށް މިނިސްޓްރީން ހިންގާ ނުވަތަ މިނިސްޓްރީން ހުއްދަ ދީގެން ހިންގާ ތިރީގައިވާ ތަމްރީނުތައް ފުރިހަމަކުރާކަން ކަށަވަރުކުރުން.

  1. އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުތައް ހިމެނޭ ތަމްރީނު؛
  2. މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އެއްވެސް ތައުލީމެއް ނުވަތަ ތަޖުރިބާއެއް ލިބިފައިވާ ފަރާތެއް އެ އިދާރާއެއްގައި ނެތްނަމަ، އިމާރާތެއް ޗެކުކުރުމާއި އިމާރާތުގެ ކުރެހުން ޗެކުކުރުމުގެ ތަމްރީނު.

(ދ) 4 ވަނަ ގިންތީ ގައި ރަޖިސްޓަރީވާ އިދާރާތަކުން ޓެކްނިކަލް މަސައްކަތްތައް ކުރުމުގައި މި ގަވާއިދުގެ 1-21 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަތޮޅު ކައުންސިލުގެ ޓެކްނިކަލް ސަޕޯޓު ހޯދުން.

(ތ) އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ ފަހަތަށް 1-21 ވަނަ މާއްދާއާއި 2-21 ވަނަ މާއްދާ އިތުރުކުރުން.

ހުއްދަ ދޫކުރާ އިދާރާގެ ގޮތުގައި ރަޖިސްޓަރީކުރާ އަތޮޅު ކައުންސިލުގެ މަސްއޫލިއްޔަތު 1-21.

ހުއްދަ ދޫކުރާ އިދާރާގެ ގޮތުގައި ރަޖިސްޓަރީކުރާ އަތޮޅު ކައުންސިލް އިދާރާގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(ހ) އަތޮޅު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްތަކުގެ ހުއްދަ ދޫކުރާ އިދާރާތަކުން 21 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓެކްނިކަލް ސަޕޯޓު ބޭނުންވާނަމަ، ތިރީގައިވާ މަސައްކަތް ކުރުމަށް ހުއްދަ ދޫކުރާ އިދާރާއަކުން އެހީތެރިކަން ބޭނުންވާ ކަންކަމުގައި އަތޮޅު ކައުންސިލުން އެހީތެރިކަން ދިނުން.

  1. އިމާރާތްކުރުމުގެ ކުރެހުން ޗެކުކޮށް، ރިޕޯޓު އެކުލަވައިލުން؛
  2. ފައުންޑޭށަނުގެ އިން ޗެކުކުރުމާއި، ރިޕޯޓު އެކުލަވައިލުން؛
  3. އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ބޭނުމަށް އިމާރާތް ޗެކުކޮށް، ރިޕޯޓު އެކުލަވައިލުން؛
  4. ހުއްދަ ދޫކުރާ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން، ކުރަމުންދާ ނުވަތަ ކޮށް ނިމިފައިވާ އިމާރާތްކުރުމުގެ މަސައްކަތްތަކާއި އެއާ ގުޅޭ ލިޔެކިޔުންތައް ބަލައި ޗެކުކޮށް ރިޕޯޓެއް އެކުލަވައިލުން؛
  5. ރައްކައުތެރި ނޫން އިމާރާތްތައް ޗެކުކޮށް ރިޕޯޓު އެކުލަވައިލުން؛
  6. ސިއްހ ގޮތުން ރައްކައުތެރި ނޫން އިމާރާތްތައް ޗެކުކޮށް ރިޕޯޓު އެކުލަވައިލުން؛
  7. ރައްކައުތެރިކަމުގެ ހާއްސަ ފިޔަވަޅު ވަގުތުން ވަގުތަށް އަޅަންޖެހޭ ހާލަތްތަކުގައި، އިމާރާތާއި ވަށައިގެންވާ ސަރަހައްދު ޗެކުކޮށް ރިޕޯޓު އެކުލަވައިލުން؛
  8. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ނުވިނަމަވެސް، ހުއްދަ ދޫކުރާ އިދާރާއަކުން ދޫކޮށްފައިވާ ހުއްދައަކާ ގުޅިގެން ކުރަންޖެހޭ ޗެކެއް ކޮށް އެކުލަވައިލާ ޓެކްނިކަލް ރިޕޯޓު އެކުލަވައިލުން.

(ނ) އަތޮޅުތެރޭގައި ހިމެނޭ ރަށްތަކުގެ ހުއްދަ ދޫކުރާ އިދާރާތަކުން މި ގަވާއިދުގެ 2-21 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ރިކޯޑު ބެލެހެއްޓުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރިކޯޑުތައް ބަލަހައްޓަމުންދާކަން ކަށަވަރުކުރުމާއި، މިނިސްޓްރީއާ އެ ކަންކަން ހިއްސާކުރާކަން ކަށަވަރުކުރުން.

(ރ) އަތޮޅުގައި ހިމެނޭ ރަށްތަކުގެ ހުއްދަ ދޫކުރާ އިދާރާތަކުން މަސައްކަތް ކުރަމުންދާގޮތް ބެލެހެއްޓުން.

(ބ) މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން މަސައްކަތްކުރުން މަނާވާ ހުއްދަ ދޫކުރާ އިދާރާތަކުގެ ގޮތުގައި މަސައްކަތްކުރަމުންއައި ރަށު ކައުންސިލުގެ އިދާރާއަކަށް މަސައްކަތްކުރުން މަނާވެފައިވާ މުއްދަތުގައި، ހުއްދައަށް އެދި ރަށު ކައުންސިލުގެ އިދާރާއަށް ހުށަހަޅާ ލިޔެކިޔުން، ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ އެ އަތޮޅުގެ އަތޮޅު ކައުންސިލުގެ އިދާރާއަށް ފޮނުވުމުން،ތިރީގަ ގަވާއިދާ އެއްގޮތަށް ހުއްދަ ދިނުން ނުވަތަ ހުއްދަ ނުދެވޭނަމަ އެކަން އެންގުން. 

ހުުއްދަ ދޫކުރާ އިދާރާއިން ރިކޯޑާއި ލިޔެކިޔުން ބެލެހެއްޓުން 2-21.

މި ގަވާއިދުގެ ދަށުން އިމާރާތްކުރުމާ ގުޅޭ އެކިއެކި މަސައްކަތާ ގުޅޭ ރިކޯޑާއި ލިޔެކިޔުން ތިރީގައިވާ ފަދައިން ބަލަހައްޓައި، އެކަން މިނިސްޓްރީއާ ހިއްސާކުރަމުން ގެންދާންވާނެއެވެ.

(ހ) ހުއްދަދީފައިވާ ކުރެހުންތަކާއި އެ ހުއްދައާ ގުޅޭ ލިޔެކިޔުންތައް، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް، ހުއްދަ ދޫކުރާ އިދާރާއިން ބަލަހައްޓަންވާނެއެވެ.

  1. ދީފައިވާ ހުއްދައަށް އިމާރާތްކޮށްފައިވާނަމަ، އެ އިމާރާތެއް ތަޅައިލެވެންދެން؛
  2. ދީފައިވާ ހުއްދައަށް އިމާރާތްކޮށްފައި ނުވާނަމަ، ހުއްދައިގެ މުއްދަތު ހަމަވުމަށްފަހ،ު މަދުވެގެން 5 (ފަހެއް) އަހަރުދުވަސް ވަންދެން.

(ށ) މި މާއްދާގެ (ހ) ގައިވާ ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅައިފައިވާ ހާލަތްތަކުގައި އެ ލިޔެކިޔުންތައް ސާފުކޮށް ކިޔަން އެނގޭގޮތަށް އަދި އަސްލު ނުގެއްލޭގޮތަށް ސްކޭލްކޮށް ސްކޭންކުރުމަށްފަހު ޑިޖިޓަލްކޮށް ބެލެހެއްޓުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) އިމާރާތްކުރުމާ ގުޅޭ އެކިއެކި ހުއްދައާއި އިމާރާތްތައް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތައް، އިމާރާތްކުރުމާބެހޭ އިދާރީީ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ބަލައި ޗެކުކުރުމަށްފަހު ހުއްދަތައް ދިނުމާއެކު ނުވަތަ ހުއްދަތައް ބާތިލުކުރުމާއެކު، ހުއްދަދޭތާ ނުވަތަ ހުއްދަ ބާތިލުކުރާތާ ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ހުއްދައަށް އެދި ހުށަހެޅި ލިޔެކިޔުންތަކާއި، އެކަމާ ގުޅިގެން ހުއްދަ ދޫކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔެކިޔުމާއި، އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ އެހެނިހެން ލިޔެކިޔުންތައް 
މިނިސްޓްރީ އަށް ފޮނުވަންވާނެއެވެ.

(ރ) އެކިއެކި ސަބަބުތަކާހެދި އިމާރާތްކުރުމާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތައް ބަލައި ނިމުމުން، އެ މައްސަލަތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، އެ މައްސަލައެއް ބަލައި ނިމޭތާ ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީ އަށް ފޮނުވަންވާނެއެވެ.

(ބ) އިމާރާތްކުރުމާ ގުޅޭ އެކިއެކި ހުއްދައާއި، އިމާރާތްތައް ބޭނުންކުރުމުގެ ހުއްދައާއި، އިމާރާތްތަކުގެ މޮނިޓަރިންގ މަސައްކަތްތަކާއި، އިމާރާތްކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި، އެކިއެކި ސަބަބުތަކާހެދި އިމާރާތްކުރުމާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކާއި ހުށަހަޅާ އެކިއެކި ހުށަހެޅުންތަކުގެ މައުލޫމާތު އެކުލެވޭ ދަފުތަރުތައް، މިނިސްޓްރީން އާންމުކުރާ ނަމޫނާއަކާ އެއްގޮތްވާ ގޮތަށް އެކުލަވައިލައި ސްޕްރެޑްށީޓެއްގައި ބަލަހައްޓަންވާނެއެވެ.

(ޅ) ކޮންމެ މަހެއް ނިމުމުން، މަސް ނިމޭތާ ގިނަވެގެން ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ަފުތަރުތަކުގެ ކޮޕީ އެއް، ސްޕްރެޑްށީޓު ފޯމެޓުގައި، މިނިސްޓްރީން ކަނޑައަޅާ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް، މިނިސްޓްރީ އަށް ފޮނުވަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާ އުނިކުރުން.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރަޖިސްޓަރީ ކުރުމަކާ ނުލައި ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ގިންތީގެ ބޭރުން މަސައްކަތްކުރުން މަނާކުރުން 26.

(ހ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެ އެފަދަ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީ ކޮށްފައި އޮތްކަމަށް ދެއްކުމާއި، އެފަދައިން ދޭހަވާނެ ގޮތަކަށް އަމަލުކުރުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓަރީ ނުކޮށް އިމާރާތްކުރުމާ ގުޅޭ ހުއްދަ ދީފައިވާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، ސަރުކާރު ބަންދުނޫން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ ނުވަތަ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީނުވެ އިމާރާތްކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ތަކުރާރުކޮށް ކުރަމުންދާނަމަ، ޖޫރިމަނާ ފައިސާ ދެއްކުމަށް ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީނުވެ އިމާރާތްކުރުމުގެ ހުއްދަދިނުމުގެ މަސައްކަތްކުރުން ހުއްޓުވުމަށް އަމުރުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް މިނިސްޓްރީން ފޮނުވަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ ފަހަތަށް 27 ވަނަ މާއްދާ އަންނަނިވި ގޮތަށް އިތުރުކުރުން.

ރަޖިސްޓަރ ކޮށްފައިވާ ހުއްދަ ދޫކުރާ އިދާރާތައް އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުވުމުން އެޅޭ ފިޔަވަޅު 27.

(ހ) މި ގަވާއިދުގައިވާ ފަދައިން ހުއްދަ ދޫކުރާ އިދާރާގެ މަސްއޫލިއްޔަތު އަދާނުކުރާނަމަ، ނުވަތަ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދެއްގައި ހުއްދަ ދޫކުރާ އިދާރާއިން ކުރަން ކަނޑައަޅައިފައިވާ ކަމެއް ނުކުރާނަމަ، ނުވަތަ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފަށް އަމަލުކުރާނަމަ، ނުވަތަ ގަވާއިދަކާ އެއްގޮތަށް ވަކި ކަމަކަށް މިނިސްޓްރީން ކަނޑައަޅާ އުސޫލަކާ އެއްގޮތަށް އަމަލު ނުކުރާނަމަ، މައްސަލަ ބަލާ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން، އަދި ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ އިދާރާއަކާމެދު ފިޔަވަޅު އަޅަންވާނެއެވެ.

  1. ތިރީގައިވާ ފިޔަވަޅުތަކުން ފިޔަވަޅެއް އެޅުން؛
    1. އެ ކަމެއް ރަނގަޅުކުރުމަށް، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަނޑައެޅުމާއެކު، އެކަން އެންގުން؛ 
    2. ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ނުވަތަ؛ 
    3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ 1.1 އާއި 1.2 ގައިވާ  ފިޔަވަޅުތައް އެއްކޮށް އެޅުން.
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެ ކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގެ ތެރޭގައި އެ ކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކޮށް، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެންގުމާއެކު، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ މުއްދަތުގައި އެ ކަމެއް އިސްލާހުކުރުމަށް އެންގުން؛
  3. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމުން އެ ކަމަކަށް ފިޔަވަޅުއެޅުމަށްފަހ،ު 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އެ ކަމެއް ަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކޮށް، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެންގުމާއެކު، ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ މުއްދަތުގައި އެ ކަމެއް އިސްލާހުކުރުމަށް އެންގުން؛
  4. މި މާއްދާގެ (ހ) ގައިވާ ކުށެއް 5 (ފަހެއް) ފަހަރަށްވުރެ އިތުރަށް ތަކުރާރުވެއްޖެނަމަ، މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރުމާއެކު، ތިރީގައިވާ ފިޔަވަޅުތަކުން ފިޔަވަޅެއް އެޅުން؛
    1. ތަމްރީނެއް ފުރިހަމަކުރުމަށް އެންގުން؛
    2. އެ އިދާރާއަކުން ވަކި ތަމްރީނެއް ފުރިހަމަކުރުމަށް އަންގައި، އެ ތަމްރީނު ފުރިހަމަކުރަންދެން ހުއްދަ ހިފެހެއްޓުން؛
    3. 12 (ބާރަ) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްދަ ހިފެހެއްޓުން.
  5. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ކަނޑައަޅައިފައިވާ ޖޫރިމަނާ ފައިސާ ދެއްކުމަށް ދޭ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެ ފައިސާއެއް ދައްކަންދެން އެ އިދާރާގެ ހުއްދަ ހިފެހެއްޓުން؛
  6. މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައިވާ ގޮތަށް އަމަލުކުރުމަށްފަހު 12 (ބާރަ) މަސްދުވަސް ފާއިތުވާއިރު ވެސް އެ ފައިސާ ނުދައްކައިފިނަމަ،  އެ އިދާރާއެއްގެ ހުއްދަ ބާތިލުކޮށް، ހުއްދަ ބާތިލުކުރިކަން ރަޖިސްޓަރީގައި ރިކޯޑުކުރުން؛
  7. މި މާއްދާގެ (ހ) ގައި އި ސް ލާހުކުރަން ކަނޑައަޅައިފައިވާ ކަންކަން އިސްލާހުކުރަން ދީފައިވާ މުއްދަތުގައި އެ ކަންކަން އިސްލާހު ކޮށްފައި  ނުވާނަމަ، ނުވަތަ މި މާއްދާގެ (ހ) ގައި ޖޫރިމަނާ ފައިސާ ދެއްކުމަށް ދޭ މުއްދަތުގައި ޖޫރިމަނާ ފައިސާ ދައްކައިފައި ނުވާނަމަ، އެކަން އިސްލާހުކުރުމަށާއި ޖޫރިމަނާ ފައިސާ ހޯދުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް މިނިސްޓްރީން ފޮނުވުން.  

(ށ) މި ގަވާއިދާ ހިލާފުވުމުން އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތާއި ކުރެވޭ ޖޫރިމަނާ، މި ގަވާއިދުގެ އެހެން މާއްދާއަކުން ވަކި ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، ތިރީގައިވާ ފިޔަވަޅުގެ ތެރެއިން މައްސަލަ ބަލާ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން، ފިޔަވަޅު އަޅަންވާނެއެވެ.

  1. އިންޒާރުދިނުން؛
  2. އެ އިދާރާއަށް އަންގައިފައިވާ އެންގުމުގައި ވަކި ތަމްރީނެއް ފުރިހަމަކުރުމަށް ކަނޑައަޅައިފައިވާނަމަ، އެ ފަދައިން އަމަލުކުރުމަށް އެންގުން؛
  3. ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2,500 (ދެހާސް ފަސްސަތޭކަ) ރުފިޔާއާއި 250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ އިދާރާއެއް ޖޫރިމަނާކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅުމުގައި، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެކުގައި އެޅުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ރަނގަޅުކުރަން ކަނޑައަޅައިފައިވާ ކަންކަން ރަނގަޅުކުރަން ދީފައިވާ މުއްދަތުގައި ރަނގަޅުކޮށްފައި ނުވާނަމަ ނުވަތަ މި މާއްދާގެ (ހ) ގައި ޖޫރިމަނާ ފައިސާ ދެއްކުމަށް ދޭ މުއްދަތުގައި ޖޫރިމަނާ ފައިސާ ދައްކައިފައި ނުވާނަމަ، އެކަން އިސްލާހުކުރުމަށާއި ޖޫރިމަނާ ފައިސާ ހޯދުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް މިނިސްޓްރީން ފޮނުވުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް ޖަދުވަލު 1 އިތުރުކުރުން.

 

ޖަދުވަލު 1

 

 

17 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-999)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-999)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު