-

އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 156/2019)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

މިއީ، ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ ދަށުން އިމާރާތްކުރުމުގައިހިފަހައްޓަންޖެހޭ ސަލާމަތާއި ރައްކައުތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނވި ކަންކަން ހާސިލުކުރުމެވެ.

(ހ) މަސައްކަތްކުރާ މީހުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އަޅަންޖެހޭ އެންމެ ކުޑަ މިންވަރެއްގައި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރުން؛

(ށ) އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތަކާއި، ފިޔަވަޅުއަޅާނެ ފަރާތްތައް ކަނޑައަޅައި ބަޔާންކުރުން.


3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކުރާނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނާއި، އެކިއެކި ހުއްދަ ދިނުމަށް މިނިސްޓްރީން ކަނޑައަޅާ އިދާރާތަކުންނެވެ.

 
4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ދެވަނަ ބާބު

ކޮންޓްރެކްޓަރު ނުވަތަ އިމާރާތް ކުރާ ފަރާތުގެ އާންމު ޒިންމާތައް


5 ވަނަ މާއްދާ - ކޮންޓްރެކްޓަރުގެ އާންމު ޒިންމާތައް

އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ކޮންޓްރެކްޓަރުގެ އާންމު ޒިންމާތަކުގެ ތެރޭގައި ހިމެނޭނެ ކަންކަމެވެ.

(ހ) ކޮންޓްރެކްޓަރ ކުރުމަށް ހަވާލުވެފައިވާ އިމާރާތްކުރުމުގެ މަސައްކަތަކީ، 1،500،000 (އެއްމިލިޔަން ފަސްސަތޭކަހާސް) ރުފިޔާއަށްވުރެ ބޮޑު މަސައްކަތެއްނަމަ، މަސައްކަތުގައި ހަރަކާތްތެރިވާ އެފަރާތުގެ މުވައްޒަފުންނާއި، އާންމުންގެ ސަލާމަތީ ކަންކަމާއި ސިއްހަތު ރައްކައުތެރިކުރާނެ "ސޭފްޓީ އެންޑް ހެލްތު" ނުވަތަ ސަލާމަތީ ކަންކަމާއި ސިއްހީ ކަންކަމާ ގުޅޭ މައުލޫމާތު ކަރުދާހެއް ނުވަތަ އަތްމަތީ ފޮ ތެއް އެކުލަވައިލައި، މުވައްޒަފުންނަށް ތަމްރީނުދީ، އެ ކަރުދާހުގައި ވާ ކަންކަން ތަންފީޒުކުރުން؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަސް ހަމަވުމަށްފަހުގައެވެ.

(ނ) އިމާރާތްކުރުމުގެ މަސައްކަތުގައި ގެންގުޅޭ ތަކެތި ބޭނުންކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ގުދަންކުރުމުގައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާންމުންގެ ސަލާމަތީ ކަންކަމާއި ސިއްހީ ރައްކައުތެރިކަން ކަށަވަރުކުރަން ބޭނުންވާ ހުރިހާ އިންތިޒާމެއް ފުރިހަމަކުރުން؛

(ރ) އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ މީހަކަށްވެސް މަސައްކަތުގައި ދިމާވެދާނެ ނުރައްކައުތަކުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދީ، އެކަންކަމަށް ސަމާލުވުމަށް އެންގުން؛

(ބ) މަސައްކަތްކުރުމުގެ ތެރޭގައި މީހަކަށް ނުރައްކައުތެރި ހާދިސާއެއް ދިމާވެދާނެކަމަށް ނުވަތަ މީހަކު ޒަހަމްވެދާނެކަމަށް ނުވަތަ މީހެއްގެ ސިއްހަތަށް ނުރައްކަލެއް ވެދާނެކަމަށް ބަލައި، ފުރިހަމައަށް ސަމާލުވެ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކުއްލި ހާލަތެއްގައި އަމަލުކުރާނެ އިންތިޒާމްތަކެއް ހަމަޖެއްސުން؛

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވައިލައިފައިވާ "ސޭފްޓީ އެންޑް ހެލްތު" ނުވަތަ ސަލާމަތީ ކަންކަމާއި ސިއްހީ ކަންކަމާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ނުވަތަ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރަމުންދާކަން ކަށަވަރުކުރުން؛

(ކ)  އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް، އެ މުވައްޒަފުންގެ އަމިއްލަ ސަލާމަތާއި ރައްކައުތެރިކަމާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ސިއްހީގޮތުން ރައްކައުތެރިވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކުގެ ތަމްރީން ދިނުން؛

(އ) އިމާރާތްކުރުމުގެ މަސައްކަތެއްގައި ކޮންކްރީޓްކުރުމާއި ސިމެންތި ޖެހުމާއި ކުލަލުމާއި ދަވާދުލުމާއި އިމާރާތްކުރުމުގެ އެނޫން މަސައްކަތެއްކުރުމުގައި، އިމާރާތުގައި ކަތި ބިތްގަނޑާއި ސަލާމަތީ ދައު (ސޭފްޓީ ނެޓް) ޖެހުމުގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތެއްގެ ސަބަބުން، ވަށައިގެން އުޅޭ ފަރާތްތަކާއި ވަށައިގެން ހުރި ގޭގެއާއި އެ ތަންތަނުގެ ފުރާޅަށާއި ގޯތިތެރެއަށާއި މަގަށް ނުވަތަ ގޯޅިއަށް ސިމެންތިއާއި ކުލަޔާއި ދަވާދާއި ކުނޑިއާއި އެނޫން އެއްޗެއްވެސް ނުފައިބާނެ ގޮތަކަށް ނުވަތަ ނުވެއްޓޭނެ ގޮތަކަށް އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުން؛

(ވ) އިމާރާތްކުރުމުގެ މަސައްކަތްކުރުމުގައި ، އެ މަސައްކަތެއްގައި ބޭނުންކުރާ، ސިއްހަތަށް ގެއްލުންވާފަދަ ވަސް އެކުލެވިގެންވާ ކެމިކަލް ނުވަތަ އެނޫން ތަކެތިންވެސް އާންމުން ރައްކައުތެރިކުރެވޭނެ ފިޔަވަޅުތައް އެޅުން؛

(މ) އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން ވެލްޑިންގގެ
މަސައްކަތްކުރުމުގައި، އިމާރާތުގައި ޖަހާ ކަތި ބިތްގަނޑާއި، ސަލާމަތީ ދައު (ސޭފްޓީ ނެޓް) ޖެހުމުގެ އިތުރުން، ވަށައިގެން ހުރި ގޭގެއާއި ތަންތަނުގެ ފުރާޅަށާއި ގޯތިތެރެއަށާއި މަގަށް ނުވަތަ ގޯޅިއަށް، އެ މަސައްކަތުގެ ސަބަބުން އެއްވެސް އެއްޗެއް ނުފައިބާނެ ގޮތަކަށް، ނުވަތަ ނުވެއްޓޭނެ ގޮތަކަށް އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުން؛

(ފ) އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ތަށިމުށި (ޓައިލް) ކެފުމާއި ޕުޓީ ގޭނުން ފަދަ މަސައްކަތެއްގެ ސަބަބުން އުފެދޭ ކުނޑީގެ ސަބަބުން މީހުންނަށް އުނދަގޫނުވާނެ ގޮތަކަށާއި، މަގުމަގަށާއި ގޭގެއަށާއި ތަންތަނަށް ކުނޑިފަދަ ތަކެތި ނުބުރާނެ ގޮތަކަށް ސަލާމަތީ ފިޔަވަޅުތައް އެޅުން؛

(ދ) އިމާރާތްކުރަމުންދާ ތަންތަނުގައި ހުންނަ ޓިނު ނުވަތަ ފުލައިވުޑް ނުވަތަ އެފަދަ އެހެން އެއްޗެހި، ވައިގަދަވުމުގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބަކުން ވިއްސައިގެން ނުދާނެގޮތަކަށް ނުވަތަ ނުވެއްޓޭނެ ގޮތަކަށް ރައްކައުތެރިކަމުގެ ފިޔަވަޅުއެޅުން؛

(ތ) އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އެމީހުން ކުރާ މަސައްކަތްތަކާ އެކަށީގެންވާ ފަދަ ގޮތަކަށް ހެދުންއަޅައި، ސޭފްޓީ ބެލްޓް، ސޭފްޓީ ހެލްމެޓް، ސޭފްޓީ ގްލަވް ނުވަތަ އަންގި، ސޭފްޓީ ބޫޓު، ވެލްޑިންގ މާސްކް އަދި ކުރާ މަސައްކަތާ ގުޅޭގޮތުން މަސައްކަތްކުރާ މީހާ ބޭނުންކުރަންޖެހޭ އެނޫން އެންމެހައި އާލާތްތައްވެސް ބޭނުންކޮށް، އެ މަސައްކަތާ އެށީގެންވާ ސަލާމަތީ ފިޔަވަޅު އަޅައިފައިވާކަން ކަށަވަރުކުރުން؛

(ލ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިމާރާތްކުރުމުގެ މަސައްކަތްކުރާ ހުރިހާ ފަރާތަކުން، މި މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ އެންމެހައި އަލާތްތައް، މަސައްކަތުގައި ހަރާކާތްތެރިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުން؛

(ގ) ކޮނުމުގެ މަސައްކަތް ކުރާއިރު، ވަށައިގެން ހުރި ގޭގެއާއި ތަންތަނަށް ގެއްލުން ނުވާނެ ގޮތަށް، އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައި، އެތަނެއް ނުވަތަ އެތަނެއްގެ ފަސްގަނޑު ދަމައިގަތަނުދީ ހިފެހެއްޓުމަށާއި ފައުންޑޭށަން ރައްކައުތެރިކުރުމަށްޓަކައި ފައުންޑޭށަން ޕްރޮޓެކްށަން މެތަޑެއް ބޭނުންކުރުން؛

(ޏ) މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާގޮތަށް ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް ބޭނުންކުރުމުގައި، ފައުންޑޭށަން ޕްރޮޓެކްށަން ފާސްކުރަންޖެހޭ ހާލަތްތަކުގައި ފާސްކޮށްފައިވާ ފައުންޑޭށަން ޕްރޮޓެކްށަން މެތަޑް ބޭނުންކުރުން؛

(ސ) އިމާރަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ނުރައްކައުތެރި ހާދިސާއެއް ހިނގައިފާނެ ހާލަތެއްގައި، ދިމާވެދާނެ ހާދިސާގެ ނިސްބަތަށާއި ހާދިސާގެ ބާވަތަށް ރިއާޔަތްކޮށް، މަސައްކަތުގެ ވެށީގައި ސަލާމަތަށާއި ސިއްހަތަށް ދިމާވެދާނެ ނުރައްކައުތަކުން ރައްކައުތެރިވެވޭނެ ގޮތްތައް ހަމަޖެއްސުން؛

(ޑ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް، އިމާރާތްކުރުމުގެ މަސައްކަތެއްކުރާ ތަނެއްގެ ވަށައިގެން ހުންނަ ގޭގެއާއި ތަންތަނާއި، އެތަނުގެ ވަށައިގެން އުޅޭ މީހުންނާއި، އެތނުގެ ވަށައިގެންވާ ސަރަހައްދުގައިވާ މުދައު ރައްކައުތެރިކުރުމަށްޓަކައި އަޅަންޖެހޭ އެކަށީގެންވާ އެންމެހައި ފިޔަވަޅު އެޅުން؛

(ޒ) ވަދެނިކުމެވާ މަގުތަކުގައްޔާއި ސިޑިތަކުގައްޔާއި މަސައްކަތުގެ ވެށްޓާއި މަސައްކަތްކުރި މުޅި ސަރަހައްދުގައި ހުރި ހުރިހާ ކުނިބުނި ނަގައި، ގަވާއިދުން ކުނިކަހައި ސާފުކޮށް، އެތަކެތި ނެއްތައިލުމަށް އަޅަންޖެހޭ، ކަމާ އެކަށީގެންވާގޮތަށް ފަރުމާކުރެވިފައިވާ ވަށިގަނޑަށް ނުވަތަ ތަންތަނަށް އެޅުމަކީ ކޮންޓްރެކްޓަރު ކުރަންވާނެ ކަމެކެވެ.

(ޓ) ކޮންމެ މަސައްކަތު މީހަކަށްވެސް އެ މީހަކު މަސައްކަތްކުރާ ތަނަށް ރައްކައުތެރިކަމާއެކު ވަދެ ނުކުމެވޭނެގޮތް ކަށަވަރުކުރުން؛

(ޔ) މަސައްކަތްކުރާ ސަރަހައްދުގައި ހުންނަ މަގުތަކާއި، ގޯޅިތަކާއި، ހަރުގަނޑާއި، ސިޑިތަކާއި، ސްކެފޯލްޑިން ހުރީ ރައްކައުތެރި ހާލަތެއްގައިކަން ކަށަވަރުކުރުން؛

(ޕ) ހިނގާބިނގާވެ އުޅޭ ހުރިހާ ވޯކްވޭއެއްވެސް ހުރީ އަޑިގުޑަން ފިލުވައި، ވޯކްވޭތައް ބަންދުނުވާފަދަ ގޮތަކަށްކަން ކަށަވަރުކުރުން؛

(ޖ) މަސައްކަތުގައި ބޭނުންކުރާ ތަކެތި ނުވަތަ މެޓީރިއަލް ހުރީ ރައްކައުތެރި ކަމާއެކު ގުދަންކުރެވިފައިކަން ކަށަވަރުކުރުން؛

(ޗ) ކޮނެފައިވާ ވަޅުގަނޑުތައް ހުރީ އެކަށީގެންވާ މިނަށް ބިތްގަނޑު ޖަހައިގެން ފޮރުވައި، އެކަށީގެންވާގޮތަށް ރައްކައުތެރިވުމަށް އަންގާ ނިށާން ހަރުކޮށްފައިކަން ކަށަވަރުކުރުން؛

(ހހ) މަސައްކަތުގެ ވެށީގައި އުފެދޭ ކުނި ހުރީ އެކަމަށް ހާއްސަކޮށްފައިވާ ވަށީގައި ނުވަތަ ތަންތަނުގައި ކަން ކަށަވަރުކުރުން؛

(ހށ) ތަޅާލި ތަނުގައި ހުރި ލަކުޑި އަލުން ބޭނުންކުރާނަމަ، އެފަދަ ތަކެތީގައި ހުރި މޮހޮރުތައް ނައްޓައިފައިހުރިތޯ ނުވަތަ ގަޔަށް ނުހެރޭގޮތަށް އެތަކެއްޗަށް ޖަހައި ވައްދައިފައިތޯ ބަލައި ކަށަވަރުކުރުން.

(ހނ) މަސައްކަތްކުރާ ތަނަށް އެކަށީގެންވާވަރަށް އަލި ފޯރުކޮށްދީފައިވޭތޯ ބަލައި ކަށަވަރުކުރުން؛

(ހރ) ވަގުތީގޮތުން މަސައްކަތްކުރާ ސަރަހައްދުގައި ކަމާ އެކަށީގެންވާ ވަގުތީ ބިތްގަނޑަކާއި ނިވާފަތްގަނޑެއް ޖަހައިފައިހުރިތޯ ބަލައި ކަށަވަރުކުރުން؛

(ހބ) މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނާއި، އެ ތަނެއް ބޭނުންކުރަމުންއަންނަ މީހުންނަށް މަސައްކަތުގެ ތެރޭގައި ކުރިމަތިވާނޭ ސިއްހީ ނުރައްކައުތަކުންނާއި ސަލާމަތީ ނުރައްކައުތަކުން އެމީހުން ހިމާޔަތްކުރާނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން؛

 
6 ވަނަ މާއްދާ - އިމަރޖެންސީ ރެސްޕޮންސް ޕްލޭން ނުވަތަ ކުއްލިހާލަތުގައި ކަންކުރާނެގޮތުގެ ޕްލޭން

(ހ) 1،500،000 (އެއްމިލިޔަން ފަސްސަތޭކަހާސް) ރުފިޔާއަށްވުރެ ބޮޑު އަގަކަށް ކުރާ އިމާރާތްކުރުމުގެ މަސައްކަތުގައި ނުރައްކައުތެރި ހާދިސާއެއް ހިނގައިފާނެ ހާލަތްތައް ފާހަގަކޮށް، އެފަދަ ހާލަތެއްގައި ދިމާވެދާނެ ހާދިސާގެ ނިސްބަތަށާއި ޒާތަށް ރިއާޔަތްކޮށް، މަސައްކަތުގެ ވެށީގައި ސަލާމަތީގޮތުންނާއި ސިއްހީގޮތުން ދިމާވެދާނެ ނުރައްކައުތަކުން ރައްކައުތެރިވެވޭނެ ގޮތްތައް ހިމެނޭ "އިމަރޖެންސީ ރެސްޕޮންސް ޕްލޭން" އެއް ލިޔެފައި އޮންނަންވާނެއެވެ. އަދި މިގޮތުން އެކުލަވައިލާ ޕްލޭނާ ގުޅިގެން އަންނަނިވި ކަންކަން ހަމަޖައްސައިފައި ހުންނަންވާނެއެވެ.
)1 )އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓަށް ވަދެނުކުމެވާ އެންމެންނަށް ފަސޭހައިން ފެންނާނޭ ފަދަ ތަނެއްގައި އިމަރޖެންސީ ރެންޕޮންސް ޕްލޭން ހަރުކޮށްފައި ބެހެއްޓުން؛
(2) އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި މަސައްކަތްކުރާ ފަރާތްތައް އިމަރޖެންސީ ރެސްޕޮންސް ޕްލޭނަށް އަހުލުވެރިކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ދިނުން؛
(3) އަހަރަކު މަދުވެގެން 2 (ދޭއް) ފަހަރު އިމަރޖެންސީ ރެސްޕޮންސް ޕްލޭނާ އެއްގޮތަށް ޑްރިލެއް ބޭއްވުން؛
(4) ފަސްޓްއެއިޑު ދިނުމުގެ ތަމްރީނު ލިބިފައިވާ މީހަކު، އިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާ ހުރިހާ ވަގުތެއްގައިވެސް އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި ބެހެއްޓުން؛
(5) އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި "ފަސްޓްއެއިޑު ކިޓް" ފަސޭހައިން ލިބޭގޮތަށް ބެހެއްޓުން؛
(6) ފަސްޓްއެއިޑު ކިޓުގައި ހިމެނޭ ހުރިހާ ތަކެއްޗެއް، ރަނގަޅު ހާލަތުގައި ހަމައަށް ހުރިކަން ކަށަވަރުކުރުން؛

(7) އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި، ސިއްހަތާއި ސަލާމަތާ ގުޅޭ ނޯޓިސް، ފެންނާނެ ގޮތަށް ބޯޑެއްގައި ހަރުކޮށްފައި ބެހެއްޓުން؛

(8) އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގުޅަންޖެހޭ ފޯނު ނަންބަރުތަކާއި، ކުއްލި ހާލަތުގައި ގުޅަންޖެހޭ އެހެނިހެން ފޯނު ނަންބަރުތައް، އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ސައިޓުގެ ނޯޓިސް ބޯޑެއްގައި ބެހެއްޓުން. މިގޮތުން، ފަސްޓް އެއިޑްދޭ މީހާއާއި، ސައިޓް ސޭފްޓީ ސުޕަވައިޒަރާއި، ސައިޓް ސުޕަވައިޒަރާއި، ސައިޓް މެނޭޖަރާއި، އެމްބިއުލާންސާއި، ޕޮލިހާއި، ކަމާގުޅޭ އެހެން ފަރާތްތަކުގެ ފޯނު ނަންބަރުތައް މި ލިސްޓުގައި ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 ( ފަސްދޮޅަސް)  ދުވަސް ހަމަވުމަށްފަހުގައެވެ.  


7 ވަނަ މާއްދާ - "ސައިޓް ސޭފްޓީ ސުޕަވައިޒަރ" ނުވަތަ "މަސައްކަތުގެ ވެށީގައި ސަލާމަތްތެރިކަން ބަލަހައްޓާ ސަރުދާރު" އައްޔަންކުރުން

(ހ) ކޮންޓްރެކްޓަރުގެ ފަރާތުން، މަސައްކަތުގެ ވެށީގައި ސަލާމަތްތެރިކަން ބެލެހެއްޓުމަށްޓަކައި "ސައިޓް ސޭފްޓީ ސުޕަވައިޒަރު" ނުވަތަ "މަސައްކަތުގެ ވެށީގައި ސަލާމަތްތެރިކަން ބަލަހައްޓާ ސަރުދާރު" އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ "ސައިޓް ސޭފްޓީ ސުޕަވައިޒަރު" ވާންވާނީ، މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު، ދަށްވެގެން ސަރުދާރު ފެންވަރުގެ މީހަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަރުދާރެއްގެ ފެންވަރުހުރި މީހެއްކަމުގައި ބަލާނީ، އިމާރާތްކުރާ ސައިޓުތަކުގައި ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ހޯދައިފައިވާ ފަރާތެކެވެ.

(ރ) ސައިޓް ސޭފްޓީ ސުޕަވައިޒަރެއް 1 (އެކެއް) ސައިޓަށްވުރެ ގިނަ ސައިޓުގެ ސޭފްޓީ ކަންތައްތައް މި ގަވާއިދާ އެއްގޮތަށް ހުރިތޯ ޗެކްކުރުމަށް މި މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރާ ސައިޓް ސޭފްޓީ ސުޕަވައިޒަރަކީ ކޮންޓްރެކްޓަރުގެ މުވައްޒަފެއްގެގޮތުގައި ނުވަތަ ކޮންޓްރެކްޓަރުގެ ސުޕަވައިޒަރެއްގެގޮތުގައި މަސައްކަތްކުރަމުންދާ މީހަކަށް ވުމަކަށް މި ގަވާއިދު ހުރަހެއް ނާޅާނެއެވެ.

 

8 ވަނަ މާއްދާ - "ސައިޓް ސޭފްޓީ ސުޕަވައިޒަރ" ނުވަތަ "މަސައްކަތުގެ ވެށީގައި ސަލާމަތްތެރިކަން ބަލަހައްޓާ ސަރުދާރު" ގެ ޒިންމާ 

މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އައްޔަނުކުރާ ސައިޓް ސޭފްޓީ ސުޕަވައިޒަރު ނުވަތަ މަސައްކަތުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސަރުދާރުގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މަސައްކަތުގެ ވެށީގައި ނުވަތަ ސައިޓުގައި ކަންތައްތައް ހުރީ މި ގަވާއިދާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ޗެކުކުރުމުގެގޮތުން ކޮންމެ ދުވަހަކުވެސް، ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިންނާއި، މަސައްކަތް ކުރިއަށްދާއިރުގައްޔާއި، ކޮންމެ ދުވަހެއްގެ މަސައްކަތް ނިމުމުން ޗެކުކުރުން؛

(ށ) މަސައްކަތުގެ ވެށީގައި ނުވަތަ ސައިޓުގައި ކަންތައްތައް ހުރީ މި ގަވާއިދާ އެއްގޮތަށްތޯ ޗެކުކުރުމުގެގޮތުން، މަދުވެގެން ހަފުތާއަކު 12 (ބާރަ) ގަޑިއިރު ހޭދަކުރުން؛

(ނ) ދުވާލަކު 1 (އެކެއް) ފަހަރު ސައިޓް ޗެކުކޮށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ސިއްހީ އެކިއެކި ގަވާއިދުތަކާއި މަދިރިއާއި ސޫފާސޫފި ކޮންޓްރޯލްކުރުމާ ގުޅޭގޮތުން އަމަލުކުރާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ސައިޓުގެ ކަންކަން ހުރިތޯއާއި، އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ސައިޓުގައި އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިވާކަން ކަށަވަރުކޮށް، ޗެކުކުރެވުނު ކަންތައްތަކާއި ހާލަތްތައް ހުރިނެތްގޮތް އެނގޭގޮތަށް ރެކޯޑުކޮށް ލިޔެ ބެލެހެއްޓުން؛

(ރ) މަސައްކަތް ފަށައި، މަސައްކަތް އެއްކޮށް ނިމިފައި ނުވިނަމަވެސް، އެވަގުތު މަސައްކަތް ހުއްޓައިލައިފައިވާ ސައިޓުތަކުގައި މި ގަވައިދާ އެއްގޮތަށް އަޅަންޖެހޭ ސަލާމަތީ ކަންކަން ހުރީ މީހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށްތޯ، މަދުވެގެން ހަފުތާއަކު 1 (އެކެއް) ފަހަރު ސައިޓް ސޭފްޓީ ސުޕަވައިޒަރު ޗެކުކުރުމާއެކު، ސައިޓުގައި މައްސަލައެއް ހުރިނަމަ، ކޮންޓްރެކްޓަރަށް ލިޔުމުން އެކަން އެންގުން؛

(ބ) މަސައްކަތް ކުރަމުންދަނީ މި ގަވާއިދާ ހިލާފަށްކަމުގައިވާނަމަ، އެ މަސައްކަތެއް ހުއްޓައިލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވަގުތުން އެންގުމަށްފަހު، ސައިޓުގައި ހުރި މައްސަލަތައް ރަނގަޅުކުރަން އެ ފަރާތަށް އަންގައި، އެ އެންގުން އަންގާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިޔުމަކުން އެކަން ކޮންޓްރެކްޓަރަށް އެންގުން؛

(ޅ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން މަސައްކަތް ހުއްޓައިލަން ކޮންޓްރެކްޓަރަށް އެންގިކަން، އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާއަށާއި މިނިސްޓްރީއަށް 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލިޔުމުން ނުވަތަ އީ-މެއިލްގެ ޒަރީއާއިން އެންގުން.

 
9 ވަނަ މާއްދާ - އިންށުއަރަންސް ހަމަޖެއްސުން

5،000،000 (ފަސްމިލިޔަން) ރުފިޔާއަށްވުރެ ބޮޑު އަގެއްގައި އިމާރާތްކުރުމުގެ މަސައްކަތެއް ހިންގާ ކޮންމެ ކޮންޓްރެކްޓަރަކުވެސް، މަސައްކަތްކުރާ ފަރާތްތަކަށާއި، ވަށައިގެންވާ ސަރަހައްދުގައި އުޅޭ މީހުންނަށާއި ތަކެއްޗަށް މަސައްކަތުގެ ވެށިން ލިބިދާނެ ގެއްލުމެއްގެ ބަދަލުދެވޭނެ ނިޒާމެއް ހަމަޖެއްސުމަށްޓަކައި، އެކަމާ އެކަށީގެންވާ އިންށުއަރަންސެއް ހޯދަންވާނެއެވެ.  


10 ވަނަ މާއްދާ - އާންމުންގެ ސަލާމަތްތެރިކަން ނުވަތަ ޕަބްލިކް ސޭފްޓީ

ކޮންމެ ކޮންޓްރެކްޓަރަކުވެސް، އާންމު އެއްވެސް ފަރާތަކަށް ނުރައްކައުތެރިކަމެއް ދިމާވެދާނެ ކަމެއް ނުހިނގާނެ ގޮތަކަށް މަސައްކަތުގެ ވެށީގެ ހުރިހާ ކަމެއް އިންތިޒާމުކޮށް، އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

(ހ) މަގުމައްޗާ އިންވެގެން އޮތް ސަރަހައްދެއްގައި ކުރާ މަސައްކަތެއްގައިނަމަ، އާންމުންނަށް މަސައްކަތުގެ ވެށީން ދިމާވެދާނެ ނުރައްކަލުންނާއި މަގުގައި ދުއްވާ އެއްޗެހިން ސަލާމަތްވެތިބެ މަގުގައި ހިނގަންވީގޮތް ނުވަތަ "ޕެޑެސްޓްރިއަން ޑީޓުއަރ" ސާފުކޮށް އެނގޭގޮތަށް ހުރިކަން؛

(ށ) މަސައްކަތުގެ އާލާތްތައް ދުވާރުމަތީގައި ބެހެއްޓުމުގައްޔާއި ގެންގުޅުމުގައްޔާއި ދުއްވައިހެދުމުގައި، އާންމުންނަށާއި ގޯތިގެދޮރަށާއި މުދަލަށާއި ތަކެއްޗަށް ނުރައްކަލެއް ނުވާގޮތަށް އެކަންކަން ކުރެވޭގޮތަށް ހުރިކަން؛

(ނ) މަސައްކަތުގެ ސާމާނާއި އާލާތްތައް ބިމުގެ ނުވަތަ އިމާރާތްތަކުގެ މަތިން ބޭނުންކުރާ ހާލަތްތަކުގައި، ކަމާ ގުޅޭ އިންޒާރުގެ ދިދައެއް، ނުވަތަ އެތަކެތި ނިވައިކުރެވޭނެ ވަސީލަތެއް، ނުވަތަ ނިށާނެއް ނުވަތަ ލައިޓެއްފަދަ އެއްޗެއް ބޭނުންކުރުމާއެކު، ވަލެއް، ޓޭޕެއް، ބިތްގަނޑެއް ނުވަތަ މިނޫންވެސް އެއްޗަކުން، ރައްކައުތެރިނޫން ސަރަހައްދު ވަކިކޮށް، މަސައްކަތު ސާމާނާއި އާލާތްތަކުގެ ދަށުން އާންމުން ހިނގާބިނގާވުން ހުއްޓުވޭކަން؛

(ރ) ކޮނުމުގެ މަސައްކަތްކުރާ ތަންތަނުގައި، މީހުން ވަޅަށް ނުވެއްޓޭނެހެން ވަށައިގެން ބިތްގަނޑުޖަހައި ނުވަތަ މަތި އަޅައި، އެފަދަ ވަޅަކަށް ފެން އެޅޭނެކަމަށް ލަފާކުރެވޭނަމަ، އެ ތަނަކަށް ފެން ނޭޅޭނެ ގޮތަކަށް ނިވައިކޮށްފައިވާކަމާއި، މީހުން ހިނގާބިނގާ އުޅޭ ސަރަހައްދެއްގައި ވަޅު ކޮންނަކަމުގައިވާނަމަ، އެ ވަޅެއްގެ ކައިރީގައި އިންޒާރުގެ ނިށާން ޖަހައި، ރޭގަނޑުގެ ވަގުތުތަކުގައި އިންޒާރު ގެ ބައްތި ދިއްލައިފައި ބެހެއްޓޭކަން؛

(ބ) މަސައްކަތްނުކުރާ ވަގުތުތަކުގައި، އާނގަ ފަދަ ތަންތަން އެކަށީގެންވާގޮތަށް މަތިއަޅައި ނުވަތަ ބިތްގަނޑެއްޖަހައި ނިވާކުރުން؛

(ޅ) މަސައްކަތް ނުކުރާ ވަގުތުތަކުގައި، މަސައްކަތްކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ބޭނުން ނުކުރެވޭނެގޮތަށް ނިއްވައިލައިފައި ބެހެއްޓޭކަން؛

(ކ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި މަތިމައްޗަށް ބަހައްޓާކަމުގައިވާނަމަ، ރައްކައުތެރިގޮތަކަށް ބެހެއްޓިފައިވާކަން؛

(އ) މަސައްކަތް ނުކުރާ ވަގުތުތަކުގައި، އުފުލައި ގެންގުޅޭ ސިޑި ނުވަތަ ހަރުގަނޑުފަދަ ތަކެތި އާންމުން އުޅޭ ސަރަހައްދުން ނަގައިފައިވާކަން ނުވަތަ ނުވެއްޓޭގޮތަށް ބިންމައްޗަށް ތިރިކޮށްފައި ބެހެއްޓިފައިވާކަން.

(ވ) މަސައްކަތްނުކުރާ ވަގުތުތަކުގައި، މަސައްކަތުގެ ވެށީގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅު އަޅައިފައި ހުރިކަން؛ 

 

11 ވަނަ މާއްދާ - އަމިއްލަ ސަލާމަތަށް ގެންގުޅޭ ސާމާނު ނުވަތަ "ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް" 

މަސައްކަތުގައި އުޅޭ، ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށާއި މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ މަސައްކަތު މީހުންގެ އަމިއްލަ ސަލާމަތަށް ބޭނުންކުރާ ސާމާނު ފޯރުކޮށްދިނުމާއި، އެފަދަ ސާމާނު ބޭނުންކުރަންޖެހޭ ސަބަބުތަކާއި، ސަމާނު ބޭނުންކުރާނެގޮތުގެ ތަމްރީނު ދިނުމަކީ ކޮންޓްރެކްޓަރު ނުވަތަ މަސައްކަތްކުރުވާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން، އަންނަނި ތަކެތި އެފަދަ މީހުންނަށް ކޮންޓްރެކްޓަރު ނުވަތަ މަސައްކަތްކުރުވާ ފަރާތުން ފޯރުކޮށްދީ، އެތަކެތި ބޭނުންކުރާނެގޮތުގެ ތަމްރީންދީ އެތަކެތި ބޭނުންކުރާކަން ކަށަވަރުކުރަންވާނެއެވެ.

(ހ) ސޭފްޓީ ހެލްމެޓް؛

(ށ) އިމާރާތްކުރުމުގެ ސައިޓަށް ހާއްސަ ސޭފްޓީ ބޫޓު؛

(ނ) ކޮންކްރީޓުން ނުވަތަ ލަކުޑި ކުނޑިން ނުވަތަ އެނޫންވެސް ގޮތަކުން ލޮލަށް ލިބިދާނެ ގެއްލުމަކުން ލޯ ސަލާމަތްކުރަންޖެހޭ ހާލަތްތަކުގައި ސޭފްޓީ ގޮގްލްސް؛

(ރ) މަސައްކަތްކުރާ ތަނުގައި އަޑުގަދަނަމަ، ކަންފަތުގެ އިވުން ސަލާމަތްކުރުމަށްޓަކައި، ހިއަރިންގ ޕްރޮޓެކްށަން ނުވަތަ ކަންފަތް ނިވާކުރެވޭނެ މަފްލަރ ނުވަތަ އެފަދަ ވަސީލަތެއް؛

(ބ) ކުރާ މަސައްކަތާ އެކަށީގެންވާގޮތަށް އަތް ރައްކައުތެރިކުރުމަށްޓަކައި، އަންގި؛

(ޅ) ނޭވާލުމުގެ ނިޒާމަށް ނުރައްކަލެއް ދިމާވެދާނެ ފަދަ މަސައްކަތްތަކުގައި، ރެސްޕިރޭޓަރީ ޕްރޮޓެކްށަން ނުވަތަ ނުރައްކަލާ އެކަށީގެންވާފަދަ ރައްކައުތެރިކަމާއެކު ނޭވާލެވޭނެ އާލާތްތައް؛ މިގޮތުން، އެސްބެސްޓޮސް، ކެމިކަލްގެ ދުމާއި، ހިރަފުހާއި، ކުނޑީގެ ނުރައްކާ ކުރިމަތިވާ މަސައްކަތްތައް ކުރާ މީހުންނަށް ސަލާމަތްތެރިކަމާއެކު ނޭވާލެވޭނެރެސްޕިރޭޓަރީ ޕްރޮޓެކްށަން؛

(ކ) ސަލާމަތީގޮތުން އެކަށީގެންވާ ސޭފްޓީ ބެލްޓް؛

(އ) މީގެ އިތުރުންވެސް މުވައްޒަފުންނާއި މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ މަސައްކަތު މީހުންގެ އަމިއްލަ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެގޮތުން ފޯރުކޮށްދޭންޖެހޭ އެހެންވެސް އާލާތްތައް.

(ވ) މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަސް ހަމަވުމަށްފަހުގައެވެ. 

 

12 ވަނަ މާއްދާ - ބިތްގަނޑު ނުވަތަ "ހޯރޑިން" ޖެހުން

(ހ) އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ކޮންމެ ސައިޓެއްގެ ވަށައިގެން ބިންމަތީގައި ނުވަތަ ދުވާރާ ހަމައިގައި "ހޯރޑިން" ނުވަތަ ބިތްގަނޑު ޖަހަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "ހޯރޑިން" ނުވަތަ ބިތްގަނޑު ޖަހާއިރު، އެންމެ ދަށްވެގެން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.

  1. މަސައްކަތްކުރާ ސައިޓުގެ ވަށައިގެން އާންމުން ބޭނުންކުރާ ސަރަހައްދުތަކަށް ނިވާކަން ލިބޭގޮތަށް ފުރިހަމައަށް ބިތްގަނޑު ޖަހައި، ރައްކައުތެރިކޮށްފައި ހުރުން؛
  2. މަސައްކަތްކުރާ ސައިޓުގެ ނިސްބަތާއި ޒާތަށް އެކަށީގެންވާގޮތަށް ބިތްގަނޑު ހަރުކޮށްފައި ހުރުމާއި، ބިތްގަނޑުގައި މަދުވެގެން 1،800 (އެއްހާސް އަށްސަތޭކަ) މިލިމީޓަރުގެ އުސްމިން ހުރުމާއެކު، ބިތްގަނޑު ބިންމަތީގައި ޖެހިފައި ހުރުން؛
  3. މަސައްކަތުގެ ވެށްޓާއި ބިތްގަނޑާ ދެމެދު ދުރުމިނެއް ދެވެން ހުންނަ ހާލަތެއްގައި އެކަށީގެންވާ ދުރުމިނެއްގައި ބިތްގަނޑު ޖަހައިފައި ބެހެއްޓުން؛
  4. މަސައްކަތުގެ ވެށީން އެއްޗެއް ވެއްޓި ހިނގާބިނގާވެ އުޅޭ އާންމު މީހަކަށް، ނުވަތަ މުދަލަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގެއްލުމެއް ވެދާނެކަމަށްވާނަމަ، މަސައްކަތްކުރާ އިމާރާތާއި އާންމު ސަރަހައްދުތަކާ ވަކިކުރެވޭނެގޮތަށް ގެންޓްރީ ޖަހައި ނިވާކުރެވިފައިހުރުން؛.
  5. ބިތްގަނޑު ފަރުމާކުރުމުގައްޔާއި ބިތްގަނޑު ޖެހުމުގައި އާންމުންނަށް ގެއްލުމެއް ނުވާނެ ފަދަ ގޮތަށް ސަލާމަތީ ކަންކަން ބެލެހެއްޓުން؛
  6. އާންމު ފަރާތްތަކަށް ނުރައްކަލާއި އުނދަގޫ ނުވާނެ ގޮތަކަށް މަސައްކަތުގެ ސައިޓަށް ވަދެނިކުތުމުގެ އިންތިޒާމު ހަމަޖައްސައިފައި ހުރުމާއި، ކަމާ ނުބެހޭ ފަރާތްތައް މަސައްކަތުގެ ސައިޓަށް ނުވަދެވޭނެގޮތަށް އެކަށީގެންވާ ސެކިއުރިޓީ ބެހެއްޓުން؛
  7. މަސައްކަތުގެ ސައިޓަށް ވަދެ ނުކުތުމަށް ހަދައިފައި ހުންނަ ގޭޓު، ކަމާ އެކަށީގެންވާގޮތަކަށް ވަރުގަދަކޮށް ފަރުމާކޮށްފައި ހުރުން؛

(ނ) މުޅި އިމާރާތް ބޭނުންކުރުމުގެ ހުއްދަ ނެގުމުގެ ކުރިން، އިމާރާތެއްގެ ވަކިވަކި ބައިތައް މީހުން ބޭނުންކުރަމުންދާ އިމާރާތެއްގައި އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާނަމަ، އެންމެ ދަށް މިންގަނޑެއްގެގޮތުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، އަންނަނިވި ހާލަތްތަކުގައި، އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. އިމާރާތުގައި މީހުން ދިރިއުޅޭ ބަޔަށް ދިއުމަށްޓަކައި ބޭނުންކުރަންޖެހޭ މަގުގައިވާ ލޮބީ، ނުވަތަ ގޯޅިގަނޑު، ނުވަތަ ސިޑި، ނުވަތަ ލިފްޓް ނުވަތަ އިމާރާތުގެ އެއްބައިން އަނެއް ބަޔަށް ދިއުމަށް ހުންނަ އެނޫން ތަނެއްގައި މަސައްކަތްކުރާނަމަ، ނުވަތަ ބުނެވިދިޔަ ފަދަ ތަނަކާ އިންވެގެން މަސައްކަތްކުރާ ތަނެއްނަމަ، އެތަނަކާއި މީހުން ހިނގާބިނގާވެއުޅޭ ސަރަހައްދާ ދެމެދު ފާރެއް ނެތްނަމަ، ނުވަތަ އެފަދަ އެހެން ހުރަހެއް ނެތްކަމުގައިވާނަމަ، އެތަނަކާއި މީހުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދާ ދެމެދުގައި، މި މާއްދާގެ (ހ) ގައިވާ ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިންގަނޑު ޖެހުން؛
  2. މި މާއްދާގެ (ނ) ގެ (1 (ވަނަ ނަންބަރުގައިވާ ސަރަހައްދަކީ، އެއްފަރާތުން ބެދިފައި އަނެއް ފަރާތުގައި މަސައްކަތްކުރާ ތަން އޮންނަ ސަރަހައްދެއް ކަމަށްވެފައި، އެތަނަކީ މަތި ހާމަކޮށް އޮތް ސަރަހައްދަކަށް ނުވާނަމަ، އެތަނަކާއި މީހުން ހިނގާ ބިނގާވެ އުޅޭ މަގާ ދެމެދުގައިވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ބިތްގަ ނޑު ޖެހުން؛
  3. މި މާއްދާގެ (ނ) ގެ(2 (ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖަހާ ބިތްގަނޑު، ބިން ނުވަތަ ފްލޯ ލެވަލުން ފެށިގެން ސީލިންގ، ނުވަތަ ސްލެބް ނުވަތަ ފުރާޅާ ހަމައަށް ބެހެއްޓުމާއެކު، މަސައްކަތްކުރާ ސައިޓުގެ ނިސްބަތާއި ގޮތާ އެކަށީގެންވާފަދަ ގޮތަކަށް ބިތްގަނޑު ބެލެހެއްޓުން؛
  4. މީހުން ހިނގާ ބިނގާވެ އުޅެން އޮންނަ މަގަށް މަސައްކަތުގެ ވެށީން އެއްޗެއް ވެއްޓިގެން ހިނގާބިނގާވެއުޅޭ މީހަކަށް، ނުވަތަ މުދަލަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގެއްލުމެއް ވެދާނެކަމުގައިވާނަމަ، މަސައްކަތްކުރާ ސަރަހައްދާއި މީހުން ހިނގާބިނގާވެ އުޅޭ ސަރަހައްދާ ވަކިކުރެވޭނެގޮތަށް ގެންޓްރީ ޖަހައި ނިވައިކޮށްފައިހުރުން؛
  5. މީހުން ދިރިއުޅޭ ބަޔަށް ދިއުމަށް އޮންނަ މަގުގައި ނުވަތަ މަގާ ގުޅިފައި އޮންނަ ބައިގައި އާނގައެއް ހުރިނަމަ، އެ ތަނެއްގައި މަދުވެގެން 1200 (ބާރަސަތޭކަ) މިލިމީޓަރު އުސްމިންހުރި، އަދި އެއްވެސް ދޭތެރެއަކުން 125( އެއްސަތޭކަ ފަންސަވީސް( މިލިމީޓަރު ހުންނަވަރުގެ ބޯޅައެއް ނުދާވަރުގެ ސަލާމަތީ ރެއިލިންގއެއް ޖެހުން؛
  6. މީހުން ދިރިއުޅޭ ބަޔަށް ދިއުމަށް އޮންނަ މަގުގައި ލިފްޓް ހަރުނުކޮށް ހުންނަ ބައިގައި، ލިފްޓް ށާފްޓެއް ނުވަތަ އާނގައެއް ހުރިނަމަ، އެފަދަ ތަނެއްގައި ބިތްގަނޑެއް ނުވަތަ ރެއިލިންގ ޖަހާއިރު، އެ ބިތްގަނޑުގެ ނުވަތަ ރެއިލިންގގެ އުސްމިނުގައި މަދުވެގެން 1800 (އަށާރަސަތޭކަ) މިލިމީޓަރު ހުރުމާއެކު، އެ ބިތްގަނޑުގެ ނުވަތަ ރެއިލިންގގެ އެއްވެސް ހުސްޖާގައަކުން 125 (އެއްސަތޭކަ ފަންސަވީސް) މިލިމީޓަރު ހުންނަވަރުގެ ބޯޅައެއް ނުދާވަރަށް ބެހެއްޓުން؛
  7. މީހުން ދިރިއުޅޭ ބަޔަށް ދިއުމަށް އޮންނަ މަގުގައި ލިފްޓް ހަރުނުކޮށް ހުންނަ ލިފްޓް ށާފްޓެއް ނުވަތަ އާނގައަކީ މި މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބަޔާންކުރާ ލިފްޓް ގޮޅިއަކީ މަސައްކަތްކުރަމުންދާ އެހެން ފްލޯތަކަށް ތަކެތި އެރުވުމަށް ބޭނުންކުރާ ތަނަކަށްވާނަމަ، ބިން ނުވަތަ ފްލޯ ލެވަލުން ފެށިގެން ސީލިންގާ ހަމަޔަށް ނުވަތަ ސްލެބާ ހަމަޔަށް ނުވަތަ ފުރާޅާ ހަމައަށް ބިތްގަނޑެއްޖެހުން. އަދި މަސައްކަތްކުރާ ސައިޓުގެ ނިސްބަތާއި ޒާތަށް އެކަށީގެންވާގޮތަށް ބިތްގަނޑު ފަރުމާކޮށް ބެލެހެއްޓުން؛.

(ރ) މި މާއްދާގެ (ށ) ގެ 4 އާއި (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމަށްފަހުގައެވެ. 

 

13 ވަނަ މާއްދާ - ނުރައްކައުތެރި ތަކެއްޗާއެކު މަސައްކަތްކުރާއިރު، ރައްކައުތެރިވުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުން

ނުރައްކައުތެރި ތަކެތި ނުވަތަ ހެޒެޑަޒް ސަބްސްޓަންސާއެކު މަސައްކަތްކުރާ ފަރާތްތަކަށް، އެ ތަކެތި އެފަރާތެއްގެ ގައިގެ ހަމުގައި ނުޖެހޭނެގޮތަށް ނިވައިކުރެވޭނެ އެކަށީގެންވާ އިންތިޒާމް، ކޮންޓްރެކްޓަރު ހަމަޖައްސައިދޭންވާނެއެވެ. އެގޮތުން، އެފަދަ މީހުންނަށް އެކަށީގެންވާ އަންގިއާއި އަތްދިގު ގަމީސްފަދަ އަތްދިގު އަންނައުނާއި މުޅި ފައި ނިވައިވާގޮތަށް ހުންނަ ހަރުވާޅާއި ބޫޓު، ކޮންޓްރެކްޓަރު ފޯރުކޮށްދޭންވާނެއެވެ. 

 

14 ވަނަ މާއްދާ - 3 (ތިނެއް) މީޓަރަށްވުރެ އުހުގައި މަސައްކަތްކުރުން

3 (ތިނެއް) މީޓަރަށްވުރެ އުހުގައި މަސައްކަތްކުރާނަމަ، ތިރީގައިވާ ސަލާމަތީ އުސޫލުތަކަށް އަމަލުކުރަންވާނެއެވެ.

(ހ) އިމާރާތުގެ ވަށައިގެންވާ އަރިމަތިން ނުވަތަ ފުރާޅުގައިވާ ކެނޑުމަކުން، ނުވަތަ އެނޫންވެސް ކެނޑުމަކުން ނުވަތަ ލިފްޓު ށާފްޓަކުން ނުވަތަ އެނޫންވެސް އާނގައަކުން މީހަކު ވެއްޓުނަ ނުދިނުމަށްޓަކައި ގާޑް ރެއިލް ނުވަތަ ޗެންޗޭނު ޖަހަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖަހާ ގާޑް ރެއިލް ނުވަތަ ޗެންޗޭނު ޖެހުމުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. ގާޑް ރެއިލް ނުވަތަ ޗެންޗޭނު، މަސައްކަތްކުރާ ތަނަށްވުރެ 1200 (ބާރަސަތޭކަ) މިލިމީޓަރު އުހުގައި ހުރުން؛
  2. ގާޑް ރެއިލް ނުވަތަ ޗެންޗޭނުގެ މެދުގައި ހުރަހަށް ދަގަނޑު ނުވަތަ ލަކުޑި ފަދަ އެއްޗަކުން ހުރަހެއް (މިޑް -ރެއިލްއެއް) ހިމެނިފައި ހުރުން؛
  3. މަސައްކަތުގައި ބޭނުންކުރާ ސާމާނު ، މަސައްކަތްކުރާ ތަނުން ތިރިއަށް ނުވެއްޓޭނެގޮތަށް، މަސައްކަތްކުރާ ތަނުގެ ތަޅުމުގެ އަރިމަތީގައި، ތަޅުމުން މައްޗަށްވާގޮތަށް ޓޯ ބޯޑެއް، ލަކުޑިން ނުވަތަ އެނޫންވެސް އެއްޗަކުން ހަރުކޮށްފައި ހުރުން؛

(ނ) ސަލާމަތީ ދައު (ސޭފްޓީ ނެޓް) ނުވަތަ ސަތަރި ބޭނުންކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާގޮތަށް މަތިން ހަރުކުރާ ސަލާމަތީ ދައު ނުވަތަ ސަތަރި ހަރުކުރުމުގައި އަންނަނި ކަންތައްތަކަށް ރިއާޔަތްކުރަންވާނެއެވެ.

  1. އިމާރާތުގައި ކުރާ މަސައްކަތެއްގެ ސަބަބުން، ވަށައިގެން ހުރި ގޭގެއާއި ތަންތަނުގެ ފުރާޅަށާއި ގޯތިތެރެއަށާއި މަގަށް ނުވަތަ ގޯޅިއަށް ސިމެންތިއާއި އެހެނިހެން ތަކެތި ނުފައިބާނެހެން، އެކަށީގެންވާ އުސްމިނަކަށް ޖެހުން ނުވަތަ ހަރުކުރުން؛
  2. ހަރުކުރާ ދައު ނުވަތަ ސަތަރިއަކީ އެކަމުގެ މަގުސަދު ހާސިލުވާފަދަ، އެކަށީގެންވާ ވަރުގަދަ އެއްޗަކަށް ވުމާއެކު، އިމާރާތްކުރުމަށް އާންމުކޮށް ގެންގުޅޭ ތަކެތީގެ ތެރެއިން އެއްޗެއް ވެއްޓޭ ހާލަތެއްގައި ދައު ފޫއަޅުވައިލައިފައި ނުދާނެވަރުގެ ވަރުހުރި ދަލެއް ނުވަތަ ނެޓެއްކަމުގައިވުން؛
  3. ހަރުކުރާ ދައު އިމާރާތުގައި ރަނގަޅަށް ހަރުކުރެވި، ވަޔާ ނެއްޓިގެން ނުދާފަދަ ގޮތަކަށް ފްރޭމެއްހަދައި، އެ ފްރޭމުގައި ވާންކޮށް ހަރުކޮށްފައިހުރުން؛
  4. އިމާރާތުގައި ޖަހާ ސަލާމަތީ ދައު ނުވަތަ ސަތަރި ހަރުކުރުމަށް ހަދާ ފްރޭމް އެކަށީގެންވާ ފަދަ ގޮތަކަށް އިމާރާތުގައި ހަރުކޮށްފައި ހުރުން؛
  5. ދައު ނުވަތަ ސަތަރި ދަމާފައި ހުންނައިރު އުސްތަނަކުން މީހަކު ވެއްޓިއްޖެ ހާލަތެއްގައި، ތިރީގައި ހުރި ތަނެއްގައި އެ މީހަކު ނުޖެހޭނެ މިންވަރަށް، ހަރުކޮށްފައިވާ ދައު ނުވަތަ ސަތަރީގެ ތިރީގައި ހުރި ތަނާ ދެމެދު ޖާގައެއް ބެހެއްޓުން.

(ބ) ފޯލް އެރެސްޓް ސިސްޓަމް ނުވަތަ މަސައްކަތްކުރާ މީހާ ވެއްޓުނަ ނުދިނުމަށް ބޭނުންކުރާ ސަލާމަތީ ބެލްޓުގެ ނިޒާމް ގާއިމުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަ ވުމަށްފަހުގައެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން ބޭނުންކުރާ ފޯލް އެރެސްޓް ސިސްޓަމް ނުވަތަ މަސައްކަތްކުރާ މީހާ ވެއްޓުނަ ނުދިނުމަށް ބޭނުންކުރާ ސަލާމަތީ ބެލްޓު ސިސްޓަމުގެ ނިޒާމު ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރާންވާނެއެވެ.

  1. އިނަރށިއަރ ރީލް ސިސްޓަމް، ސޭފްޓީ ހާނަސް، ލޭންޔާރޑް، ސްޓެޓިކް ލައިން ބޭނުންކުރަންޖެހޭ ހާލަތެއްގައި ބޭނުންކުރެވެން ހުރުމާއި، އެފަދަ އާލާތެއް ބޭނުންކުރަންޖެހޭ މީހުންނަށް އެކަމުގެ ތަމްރީނު ދިނުން؛
  2. ސޭފްޓީ ހާނަސް ބޭނުންކުރާ މީހަކު މަސައްކަތުގައި އެކަނި ނޫޅޭނެ ގޮތަކަށް މަސައްކަތް ރޭވިފައި ހުރުމާއި، މަސައްކަތްކުރާ މީހަކު ވެއްޓި ފުލްބޮޑީ ހާނަސްގައި އެމީހާ އެލިފައި އޮވެއްޖެނަމަ، ގިނަވެގެން 20 (ވިހި) މިނިޓުގެ ތެރޭގައި އެ މީހާ ސަލާމަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައި ހުރުން؛
  3. ސޭފްޓީ ނެޓް ނުވަތަ އިނަރށިއާ ރީލް ސިސްޓަމް، ސޭފްޓީ ހާނަސް، ލޭންޔާރޑް، ސްޓެޓިކް ލައިނަކީ އެކަށީގެންވާ ވަރުހުރި އެއްޗަކަށްވުމާއެކު އެތަކެތި ބޭނުންކުރާއިރު، އެ އާލާތްތައް އެކަށީގެންވާ ވަރުހުރި ތަނެއްގައި ހަރުކޮށްފައި ހުރުން؛
  4. މަސައްކަތްކުރާ އަށްޓެއްގެ މަތީގައި ނުވަތަ ފުރާޅުމަތީގައި ނުވަތަ އެފަދަ އެހެން ތަންތަނުގައި މަސައްކަތްކުރާއިރު، މަސައްކަތުގެ ވެށީގައި ހިނގައިއުޅުމުގައި އެފަރާތަކަށް ގެއްލުމެއް ވެދާނެގޮތަކަށް އެތަނަކުން ވެއްޓުނަނުދީ ރައްކައުތެރިކަމާއެކު އުޅެވޭނެގޮތަށް ސޭފްޓީ ހާނަސް ބޭނުންކުރުން؛
  5. ޕެރަށޫޓް ސޭފްޓީ ހާނަސްއެއް ބޭނުންކުރާނަމަ، ބޭނުންކުރާ މީހާ ވެއްޓޭ ހާލަތެއްގައި، ވެއްޓޭނެ އެންމެ ތިރި މިންވަރަކީ އޭނާ ހުރި ތަނުން ފެށިގެން ތިރިއަށް 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރުކަން ކަށަވަރުކުރުން؛
  6. ޕެރަށޫޓް ޒާތުގެ ފުލްބޮޑީ ހާނަސް ބޭނުންކުރާއިރު، އެއާ ގުޅިފައިވާ ލޭންޔާރޑް ނުވަތަ ވައު، މީހާގެ ފުރަގަހުގައި ހަރުކުރުން؛
  7. އެއްވެސް ވައްތަރެއްގެ ފޯލް އެރެސްޓް ސިސްޓަމަކާ ނުވަތަ ސޭފްޓީ ހާނަސްއަކާ ގުޅޭ ސްޕެއަރ ނުވަތަ އޭގެ ބައިތައް އައުކުރުމުގައި އެ ސޭފްޓީ ހާނަސްއެއް ނުވަތަ ފޯލް އެރެސްޓް ސިސްޓަމެއް ފަރުމާކުރި ފަރާތުގެ ސްޕެސިފިކޭށަނާ ހުރިހާ ގޮތަކުންވެސް ގުޅޭ އެއްޗެހި ހޯދުން؛
  8. އެއްވެސް ވައްތަރެއްގެ ސޭފްޓީ ހާނަސްއެއް ނުވަތަ ފޯލް އެރެސްޓް ސިސްޓަމެއް ބޭނުންކުރުމުގައި އެފަދަ ވަސީލަތެއް ފަރުމާކުރި ފަރާތުގެ އިރުށާދާ އެއްގޮތްވާގޮތުގެ މަތިން ބޭނުންކުރުން؛

(އ) ބިމުން ފެށިގެން 3 (ތިނެއް) މީޓަރަށްވުރެ އުސްތަނެއްގައި އިމާރާތެއްގެ މަސައްކަތްކުރާނަމަ، އެ އިމާރާތާ އިންވެގެން އޮންނަ މަގާ ނުވަތަ ގޯޅިއާ ވީ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުގައި ޖެހެން އޮތް އެންމެ ތިރިމިނެއްގައި، ހަދާ އިމާރާތާ ވީ ފަރާތުގައި ކަތިކޮށް ބިތްގަނޑެއްޖަހައި، އެ ބިތްގަނޑުން ފެށިގެން މައްޗަށް އިމާރާތުގެ މަސައްކަތް ކުރާ އުސްމިނާ ހަމައަށް ސަލާމަތީ ދައު (ސޭފްޓީ ނެޓް) ޖަހަންވާނެއެވެ. އަދި އިމާރާތާ އިންވެގެން އޮންނަ މަގާ ނުވަތަ ގޯޅިއާ ވީ ފަރާތްތަކުގައި، ބިމުން ފެށިގެން މައްޗަށް 3 (ތިނެއް) މީޓަރާ ހަމައިގައި، ހަދާ އިމާރާތާ ވީ ފަރާތަށް ކަތިކޮށް ބިތްގަނޑެއް ޖަހައި، އެ ބިތްގަނޑުން ފެށިގެން މައްޗަށް، އިމާރާތުގެ މަސައްކަތްކުރާ އުސްމިނާ ހަމައަށް ސަލާމަތީ ދައު (ސޭފްޓީ ނެޓް) ޖަހަންވާނެއެވެ.

(ވ) އިމާރާތުގެ މަގާ ނުވަތަ ގޯޅިއާ ވީ ފަރާތްތަކުގައި ދުވާރުން ފެށިގެން 3 )ތިނެއް( މީޓަރު އުހުގައި ޖަހަންޖެހޭ ކަތި ބިތްގަނޑުގެ އިތުރުން، ބިމުން ފެށިގެން 15 (ފަނަރަ) މީޓަރަށްވުރެ އުސްތަނެއްގައި އިމާރާތެއްގެ މަސައްކަތްކުރާނަމަ، މަސައްކަތްކުރާ އުސްމިނަށްވުރެ، ތިރިވެގެން 9 )ނުވައެއް( މީޓަރު ތިރީގައި، އިމާރާތުގެ މަގާ ނުވަތަ ގޯޅިއާވީ ފަރާތްތަކުގައި، ހަދާ އިމާރާތާވީ ފަރާތަށް ކަތިކޮށް، މި ގަވާއިދުގެ އިތުރުބައިގެ 1 ވަނަ ނަންބަރުގެ ކުރެހުން 1 އިން ދައްކާގޮތަށް ބިތްގަނޑު ޖެހުން؛

(މ) އިމާރާތާ އިންވެގެން އޮންނަ މަގާ ނުވަތަ ގޯޅިއާ ވީ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުގައި، ޖެހެން އޮތް އެންމެ ތިރިމިނެއްގައި ޖަހަންޖެހޭ ކަތި ބިތްގަނޑަށްވުރެ 12 (ބާރަ) މީޓަރު އުސްތަނެއްގައި އިމާރާތުގެ މަސައްކަތްކުރާނަމަ، މަސައްކަތްކުރާ އުސްމިނަށްވުރެ ތިރިވެގެން 9 (ނުވައެއް) މީޓަރު ތިރީގައި، މި ގަވާއިދުގެ އިތުރުބައިގެ 1 ވަނަ ނަންބަރުގެ ކުރެހުން 2 އިން ދައްކާގޮތަށް އިތުރު ބިތްގަނޑެއް ޖެހުން. 

 

15 ވަނަ މާއްދާ - މަސައްކަތްކުރާ އަށްޓާއި ވެށީގެ ވަށައިގެން އޮންނަ އަރިމަތި

(ހ) މަސައްކަތްކުރާ އަށްޓާއި ވެށީގެ ވަށައިގެން އޮންނަ އަރިމަތިން މީހަކު ނުވަތަ އެއްޗެއް ވެއްޓިގެން މީހަކަށް ވެދާނެ ގެއްލުމަކުން ރައްކައުތެރިވުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންވާނެއެވެ.

  1. އެއްޗެއް ނުވަތަ މީހަކު ވެއްޓިދާނެ ފުރުސަތު އޮތް ދުރުމިނަކީ ކޮބައިކަން ދެނެގަތުން؛
  2. މީހަކު ނުވަތަ އެއްޗެއް ވެއްޓިގެން ދިމާވެދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ވަގުތީގޮތުން އެތަނެއްގެ ތިރީގައި އެއްޗެއް ބަހައްޓާނަމަ، އެފަދަ އެއްޗަކުން ވެއްޓޭ މީހަކަށް ފުރިހަމަ ރައްކައުތެރިކަން ލިބޭނެކަން ޔަގީންކުރުން؛
  3. މަސައްކަތްކުރާ އަށީގެ ވަށައިގެން ގާޑް ރެއިލް ނުވަތަ އެކަށީގެންވާ ޗެންޗޭނު ޖެހުން.

(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވުމަށްފަހުގައެވެ. 

 

16 ވަނަ މާއްދާ - ފުރާޅުގައި ކުރާ މަސައްކަތް

(ހ) ފުރާޅުގައި މަސައްކަތްކުރުމުގައި ގެންގުޅެންވާނީ، ރައްކައުތެރިކަމާއެކު އެފަދަ މަސައްކަތް ކުރެވޭނެގޮތުގެ ފުރިހަމަ މައުލޫމާތާއި ތަޖުރިބާއާއި ވައްޓަފާޅި ހުރި މީހުންނެވެ.

(ށ) ފުރާޅުގައި ކުރާ މަސައްކަތް ރާވައި، އެ މަސައްކަތް ކުރުވުމުގައި، މަސައްކަތުގެ ސަލާމަތާއި ރައްކައުތެރިކަމުގެ ނިޒާމެއް ގާއިމުކޮށް، އެކަމަށް އެކަށީގެންވާ ސާމާނާއި އާލާތްތައް ބޭނުންކުރަންވާނެއެވެ.

(ނ) ފުރާޅުގައި ކުރާ މަސައްކަތުގެ ޒާތަށް ބަލާއިރު، މަސައްކަތް ހިނގާ ފުރާޅު ހުރި ހަމައަށްވުރެ ފުރާޅުގެ ވަށައިގެން އެއްވެސް ދިމާއެއްގައި 600 (ހަސަތޭކަ) މިލިމީޓަރު ނުވަތަ އެއަށްވުރެ ތިރިތަނެއް ހުރިނަމަ، މަސައްކަތްކުރާ މީހާ ވެއްޓުނަނުދީ ހިފޭއްޓޭނެ ނިޒާމެއް ނުވަތަ ވެއްޓޭ މީހަކަށް ގެއްލުން ނުވާނޭ ހުރިހާ ނިޒާމެއް ގާއިމްކޮށްފައި ހުންނަންވާނެއެވެ.

(ރ) ފުރާޅުގައި ކުރާ މަސައްކަތެއްގައި، އަންނަނިވި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. 

  1. ސްޓެޓިކް ލައިން، އިނަރށިއަރ ރީލް ލައިން ނުވަތަ ސޭފްޓީ ނެޓް ހަރުކުރެވިފައިހުރީ އެކަށީގެންވާ ގޮތަށްތޯ ބަލައި ޔަގީންކުރުން؛
  2. ފުރާޅުގެ ސްޓްރަކްޗަރ ހުރީ ސްޓެޓިކް ލައިން ނުވަތަ އިނަރށިއަރ ރީލް ލައިން ނުވަތަ ސޭފްޓީ ނެޓް ރަނގަޅަށް ހަރުކުރެވޭ ގޮތަށްތޯ ބަލައި ކަށަވަރުކުރުން؛
  3. މަސައްކަތުގެ ވެށީގެ ވަށައިގެން އެކަށީގެންވާގޮތަށް ގާޑް ރެއިލް ނުވަތަ ބިތްގަނޑު ހަރުކުރެވިފައި ހުރިތޯ ބަލައި ކަށަވަރުކުރުން؛
  4. ބިންމައްޗަކީ ނުވަތަ ފުރާޅުގެ ތިރީގައިވާ ސަރަހައްދަކީ ފުރާޅު އެޅުމަށް ބޭނުންކުރާ އާލަތްތަކާއި ސާމާނު ގެންގުޅެވޭވަރުގެ ރައްކައުތެރިކަން އޮތް ތަނެއްތޯ ކަށަވަރުކުރުން؛
  5. ފުރާޅުގެ އެކި ބައިތައް، ބިންމަތީގައި ނުވަތަ ތިރީގައި ޕްރީ- އެސެމްބަލްކުރުމަށް ވީވަރަކުން އިސްކަންދިނުން؛ އަދި ފުރާޅުގެ އެކި ބައިތައް މައްޗަށް އުފުލާއިރު ރައްކައުތެރިކަން ލިބޭނޭ ފަދަ ބިތްގަނޑެއް، އިމާރާތުގެ ވަށައިގެން ޖެހުން؛
  6. ބިމުން ފެށިގެން 5 (ފަހެއް) މީޓަރަށްވުރެ އުހަށް އަޅާ ސްކެފޯލްޑިންގއެއް ހަރުކުރެވެނީ، އެކަމުގެ ހާއްސަ ތަޖުރިބާ ލިބިފައިވާ، ކަމަށް އެކަށީގެންވާ މީހެއްގެ ބެލުމުގެ ދަށުންކަން ޔަގީންކުރުން؛
  7. މަތިން ވެއްޓިދާނެ އެއްޗަކުން ރައްކައުތެރިވުމަށް ޕެރިމީޓަރ ގާޑް ރެއިލް، ނުވަތަ ސްކެފޯލްޑް ނުވަތަ ވަށައިގެން ބިތްގަނޑުޖެހުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
  8. ސަލާމަތީ ދައު ނުވަތަ ސޭފްޓީ ނެޓް ހަރުކުރުމުގައި މަސައްކަތްކުރާނެ ރައްކައުތެރި އަށްޓެއްގެގޮތުގައި މޯބައިލް ސްކެފޯލްޑިންގ ނުވަތަ ޓަވަރ ސްކެފޯލްޑިންގ ބޭނުންކުރުން؛

(ބ) ޕެރިމީޓަރ ސްކެފޯލްޑެއް ހަރުކުރުމަށް އަޅާ އަށީގެ އުސްމިން ހުންނަންވާނީ، މަސައްކަތްކުރާ ތަނުގެ އަރިމައްޗާއި ނުވަތަ ދިޔަދޮތްވާއި ނުވަތަ ފޭށިއާއާ ވީހައި ކައިރިއެއްގައެވެ. އަދި ދިޔަދޮވިން ނުވަތަ ފޭށިއާއިން ފެށިގެން 900 (ނުވަސަތޭކަ) މިލިމީޓަރާއި 1100 (އެއްހާސް އެއްސަތޭކަ) މިލިމީޓަރާ ދެމެދު އުސްމިނަށް ރިޖިޑް ގާޑް ރެއިލް ނުވަތަ ނުލެންބޭނޭފަދަ ޗެންޗޭނު ޖަހަންވާނެއެވެ .

(ޅ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޕެރިމީޓަރ ސްކެފޯލްޑެއް ހަރުކުރުމަށް އަޅައިފައިވާ އަށި، މި މާއްދާގެ (ބ) ގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 )ފަސްދޮޅަސް( ދުވަހުގެ ތެރޭގައި އެކަން ރަނގަޅުކޮށް، މި މާއްދާގެ (ބ) ގައި ބަޔާންކުރާ މިންގަނޑަށް ފެތޭކަން ޔަގީންކުރަންވާނެއެވެ.  

 

17 ވަނަ މާއްދާ - ހަރުގަނޑު

މަސައްކަތުގެ ވެށީގައި ހަރުގަނޑު ބޭނުންކުރުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) މަސައްކަތަށް އެންމެ އެކަށީގެންވާ ބާވަތުގެ ހަރުގަނޑު ބޭނުންކުރުން؛

(ށ) ގެންގުޅޭ ހަރުގަނޑުގެ ބާވަތާގުޅޭ ތަމްރީނުތައް މަސައްކަތްކުރާ ފަރާތްތަކަށް ދިނުން؛

(ނ) ހަރުގަނޑު ނުގުޑާނޭ ފަދައިން ނުވަތަ ނުވެއްޓޭނެ ގޮތަށް ހަރުކޮށްފައި ހުރުން؛

(ރ) މަސައްކަތްކުރާ ތަނާ ވީހައި ގާތުގައި ހަރުގަނޑު ހަރުކުރުން؛

(ބ) ހަރުގަނޑު ބޭނުންކުރަނީ މަސައްކަތްކުރާ އަށްޓަކަށް އަރަންކަމުގައިވާނަމަ، މަސައްކަތްކުރާ އަށްޓަށްވުރެ ހަރުގަނޑު 1 (އެކެއް) މީޓަރު އުސްވުން؛

(ޅ) ހަރުގަނޑު ބޭނުންނުކުރާ ވަގުތުގައި، ހަރުގަނޑު ނުލެންބޭނޭ ގޮތަށް ލައްޕައި، ރައްކައުކޮށްފައި ބެހެއްޓުން؛

(ކ) އަބަދުވެސް ރަނގަޅަށް ސާފުކޮށްފައި ހަރުގަނޑު ބެހެއްޓުން؛

(އ) ދިގު ހަރުގަނޑާއި، ބަރު ހަރުގަނޑު އުފުލުމުގައި އެކަށީގެންވާވަރަށް މީހުން ބައިވެރިކުރުވުން؛

(ވ) އެއްފަޅިއަށް ހުންނަ ހަރުގަނޑާއި، ހުޅުވޭ ހަރުގަނޑުތައް ހަރުކުރާއިރު، މަސައްކަތްކުރާ ތަނުން ފެށިގެން ހަރުގަނޑުގެ ދިގުމިނުގެ 4/1 (ހަތަރުބައިކުޅަ އެއްބައި) ގެ ދުރުމިނުގައި ހަރުގަނޑުގެ ފައި ހަރުކޮށްފައި ހުރުން؛ 

 (މ) ހަރުގަނޑަކީ ހުޅުވާ ވައްތަރުގެ ހަރުގަނޑެއްނަމަ، ހަރުގަނޑުގެ އަރިމަތީގައި ހަރުފަތްތައް ތަޅުލެވޭ ނިޒާމު ހުންނަ ހަރުގަނޑު ބޭނުންކުރުން؛

(ފ) ހަރުގަނޑު ބޭނުންކުރިނަމަވެސް، މަސައްކަތްކުރާ ތަނަށް އަތްފޯރަނީ އުނދަގުލުންނަމަ، ފަސޭހައިން އަތްފޯރާގޮތަށް ދުރަށް ނުވަތަ ކައިރިއަށް ޖައްސައިގެން ހަރުގަނޑު ބޭނުންކުރުން. އަދި އެ މަސައްކަތެއް ކުރުމަށް އެކަށީގެންވާފަދަ ހަރުގަނޑެއް ބޭނުންކޮށްގެން އެ މަސައްކަތްކެއް ކުރުމާއި، ފަސޭހައިން މަސައްކަތް ނުކުރެވޭ މިނެއްގައި ހަރުގަނޑު ބަހައްޓައިގެން އެއްވެސް ހާލެއްގައި މަސައްކަތް ނުކުރުން. 

 

18 ވަނަ މާއްދާސްކެފޯލްޑިންގ ބޭނުންކުރުން

އިމާރާތްކުރުމުގެ މަސައްކަތުގައި، އެ މަސައްކަތް ރައްކައުތެރިކަމާއެކު ކުރުމަށްޓަކައިސްކެފޯލްޑިންގ ނުވަތަ ވަގުތީ އަށި އަޅަންވާނެއެވެ. ސްކެފޯލްޑިންގ އަޅައި، އެ ބޭނުންކުރަންވާނީ އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހެއްގެ ބެލުމުގެ ދަށުންނެވެ.

(ހ) ސްކެފޯލްޑިންގ އަޅައި، އެ ބޭނުންކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  1. ސްކެފޯލްޑިންގ ބޭނުންކުރުމުގެ ކުރިން އިންސްޕެކްޓްކުރުން؛
  2. ސްކެފޯލްޑިންގ ބޭނުންކުރަމުންދާއިރު، ކޮންމެ ހަފުތާއަކު އެއްފަހަރު ސްކެފޯލްޑިންގ ބަލައި އިންސްޕެކްޓުކުރުން؛
  3. މޫސުން ގޯސް ދުވަސްވަރު ނުވަތަ ސްކެފޯލްޑިންގއަށް އަސަރެއްކޮށްފާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކޮންމެ ހިނދެއްގައި އެ ބޭނުންކުރުމުގެ ކުރިން ބެލުން؛
  4. ސްކެފޯލްޑިންގ ބޭނުން ނުކުރާތާ ދުވަސްތަކެއް ވެފައިވާނަމަ، އެ ބޭނުންކުރުމުގެ ކުރިން އަލުން ބެލުމަށްފަހު ބޭނުންކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބެލިބެލުމުގައި ރަނގަޅުކުރެވުނު ކަންކަން ލިޔުމުން ރެކޯޑުކޮށް، އެ ބެލި މީހަކު އެ ލިޔުމުގައި ސޮއިކުރަންވާނެއެވެ. އަދި ސްކެފޯލްޑިންގ އިންސްޕެކްޓްކުރާ ފަރާތަކުން، އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

  1. ސްކެފޯލްޑް ޕްލެޓްފޯމަށް ނުވަތަ އަށްޓަށް ފަސޭހައިން އަރައި ފޭބޭނެ އިންތިޒާމު ހުރިތޯ ބެލުން؛
  2. ކޮޅަށް ނަގައިފައިހުރި ހޮޅިތައް ހުރީ ތެދަށްތޯއާއި، އޭގެ ފައިދަށުގައި ބޭސްޕްލޭޓް ހުރިތޯ ބެލުން؛ ސްކެފޯލްޑިންގ ހުރީ ރަނގަޅަށް އަދި އެކަށީގެންވާ މިންވަރަށް
  3. އިމާރާތުގައި ހަރުކުރެވިފައިތޯއާއި، ބިޑިތައް ހުރީ ރަނގަޅަށްބާރުކުރެވިފައިތޯ ބެލުން؛ ސްކެފޯލްޑިންގ ހަރުކުރުމަށްފަހު އެއްވެސް ބިޑިއެއް ނައްޓައިފައި
  4. ހުރިނަމަ، ނެއްޓި ބިޑީގެ ބަދަލުގައި އެހެން ބިޑިއެއް ބިޑި ހަރުކުރެވިފައި ނުވާނަމަ، ހަރުކުރެވިފައިވޭތޯއާއި، އެކަށީގެންވާ އަދަދަށް ބިޑި ހަރުކުރުން ނުވަތަ އެކަމަށް އެކަށީގެންވާ އެހެން އެއްޗެއް ބޭނުންކޮށްގެން ސްކެފޯލްޑިންގ ހަރުކުރުން؛ ސްކެފޯލްޑިންގ ފަރުމާކޮށްފައިވަނީ އަދި ހަދައިފައިވަނީ ލޮޅުން
  5. ނާރާގޮތަށް އެކަށީގެންވާވަރަށް ވަރުގަދަކޮށްތޯ ބެލުން؛ ސްކެފޯލްޑިންގ ފަރުމާކުރުމުގައި ބޭނުންކޮށްފައިވަނީ އޭގެ މައްޗަށް
  6. އަރާނެ ބަރުދަނާ އެކަށީގެންވާ ތަކެތިންތޯ ކަށަވަރުކުރުން؛ ސްކެފޯލްޑިންގގެ ކޮޅަށްޖަހައިފައިވާ ހޮޅިތަކާއި، ހުރަސްތަކާއި،
  7. މަޅުތައް ހަމައަށް ހުރިތޯ ބެލުން؛ މަޅެއްސްކެފޯލްޑިންގެ މަޅުތައް ހުރީ ފުރިހަމައަށްތޯ ބަލައި،
  8. ބިނދިފައިވޭތޯ ނުވަތަ އަތުރައިފައި ހުރީ އޭގެ މަތީގައި މަސައްކަތްކުރާ މީހަކު މަޅެއްގައި އަޅައިގަންފައި ނުވެއްޓޭނެގޮތަށްތޯ ކަށަވަރުކުރުން؛ ސްކެފޯލްޑިންގގެ މަޅުތައް ހުރީ ނުގުޑާނެގޮތަށް
  9. ހިފެހެއްޓިފައިތޯއާއި ބާރުކުރެވިފައިތޯ ބެލުން؛ ސްކެފޯލްޑިންގއިން މީހަކު ނުވެއްޓޭނެގޮތަށް ހުރިހާ
  10. އަރިމައްޗެއްގައި ގާޑްރެއިލްއާއި ޓޯ ބޯޑު ހަރުކުރެވިފައި ހުރިތޯ ބެލުން؛ ސްކެފޯލްޑިންގ ފަރުމާކޮށްފައިވަނީ، އޭގެ މަތީގައި މަސައްކަތުގެ
  11. އާލާތާއި ސާމާނު އުފުލައި ގެންގުޅުމަށްކަމުގައި ވާނަމަ، އެފަދަ ތަކެތި އުފުލައި ގެންގުޅުމަށް ސްކެފޯލްޑިންގ ތައްޔާރުކުރެވިފައިހުރީ ބަރުދަން ހަމައަށް ބެހޭގޮތަށްތޯ ބެލުން؛

 

19 ވަނަ މާއްދާ - އެލުވައިފައިހުންނަ އަށި ނުވަތަ ސަސްޕެންޑެޑް ސްކެފޯލްޑިންގ 

(ހ)އެލުވައިފައި ހުންނަ އަށި ހަރުކުރަންވާނީ އެކަމުގެ ހާއްސަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހަކު ލައްވައެވެ. އެލުވައިފައި ހުންނަ އަށި ނުވަތަ ސަސްޕެންޑެޑް ސްކެފޯލްޑިންގ ހަރުކުރުމުގައްޔާއި ބޭނުންކުރުމުގައި، އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. އަށި އުފުލައި ތިރިކުރާ ވައު ހުރީ އިމާރާތުގެ އެކަށީގެންވާ ވަރުހުރި ތަނެއްގައި ނުވަތަ އިމާރާތާ ގުޅިފައިވާ ބައެއްގައި ހަރުކުރެވިފައިތޯއާއި، ހަރުކޮށްފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ބްރެކެޓެއް ނުވަތަ ބުޅިގަނޑެއް ނުވަތަ ކައުންޓަރ ވެއިޓަކާތޯ ކަށަވަރުކުރަންވާނެއެވެ.
  2. އެލުވައިފައިވާ އަށީގެ ދެކޮޅުގައްޔާއި އަރިމަތީގައި، ގާރޑްރެއިލާއި މިޑްރެއިލް ޗެންޗޭނާއި ޓޯބޯޑު ހަރުކުރެވިފައި ހުރިތޯ ބަލައި ކަށަވަރުކުރަންވާނެއެވެ.
  3. އެލުވައިފައިވާ އަށްޓެއްގެ މަތީގައި މަސައްކަތްކުރާ ކޮންމެ މީހަކުވެސް، ސޭފްޓީ ހާނަސްއެއް ބޭނުންކުރަންވާނެއެވެ. އަދި މި ސޭފްޓީ ހާނެސް ހުންނަންވާނީ، އެ ހާނަސް ހަރުކުރާހައި ވަރުހުރި ތަނެއްގައި ހަރުކޮށްފައެވެ. ނުވަތަ އެ ހާނަސް ހުންނަންވާނީ ވަކިން އޮތް ސަލާމަތީ ވަލެއްގައި ހަރުކޮށްފައެވެ.
  4. އަށި އެލުވައިފައިހުރީ އާންމުކޮށް މީހުން ހިނގާބިނގާވެ އުޅޭ ތަނެއްގެ މަތީގައިނަމަ، ރައްކައުތެރިވުމަށް ސަމާލުވުމަށް އަންގައިދޭ ނިށާން ޖަހައި އިންޒާރުގެ ލިޔުން ލިޔެފައިވާ ބޯޑު، އެކަމާ އެކަށީގެންވާގޮތަށް ތައްޔާރުކޮށްފައި އާންމުކޮށް ފަސޭހައިން ފެންނަން ހުންނަގޮތަ ށް ބަހައްޓައިފައި ހުންނަންވާނެއެވެ. ވަކިން ހާއްސަކޮށް، ނުރައްކަލެއް ކުރިމަތިވެދާފަދަ ހާލަތްތަކުގައި، އެކަށީގެންވާ ރައްކައުތެރިކަމުގެ އިންތިޒާމު އާންމުންނަށް ފޯރުކޮށްދޭންވާނެއެވެ.
  5. އެލުވައިފައި ހުންނަ އަށިމަތީގައި، މަސައްކަތުގައި ބޭނުން ނުކުރާ އިތުރު ސާމާނާއި އާލާތްތައް އެއްވެސް ހާލަތެއްގައި ބަހައްޓައިގެން ނުވާނެއެވެ.
  6. އެލުވައިފައި ހުންނަ އަށި އުފުލާ ވަގުތުގައްޔާއި ތިރިކުރާ ވަގުތުގައި، އަށިމަތީގައި އެއްވެސް މީހަކު ހުރެގެން ނުވާނެއެވެ. ނުވަތަ އިށީނދެ އިނދެގެންވެސް ނުވާނެއެވެ. އަށި އުފުލައި ތިރިކުރަނީ އަށީގައި ހުރި ނުވަތަ އިން މީހާކަމުގައިވާނަމަ، އެކަމަށް ބޭނުންވާ މީހާ ނުވަތަ މީހުން ފިޔަވައި އެހެން މީހަކު އަށީގައި ހުރެގެން ނުވަތަ އިނދެގެން ނުވާނެއެވެ.
  7. ސަސްޕެންޑެޑް ސްކެފޯލްޑުގެ އިންސްޕެކްށަނުގެ ރެކޯޑް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ ސްކެފޯލްޑް ބޭނުންކުރާ ކޮންމެ މީހަކަށްވެސް އެފަދަ ރެކޯޑުތައް ފަސޭހައިން ފެންނާނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެއެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، މަސައްކަތުގެ ބޭނުމަށް އެލުވައިލައިފައިވާ އަށިތައް ހަރުކޮށްފައިވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް އެކަމުގެ ހާއްސަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހަކު ލައްވާކަން، މި ގަވާއިދަށް އަމަލުކުރަން ތާރީހުން ފެށިގެން 90( ނުވަދިހަ( ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރ ކަށަވަރުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ކަރަންޓު ސަޕްލައި

(ހ) ހިފައިގެންގުޅޭ ކަރަންޓު ސާމާނާއި އާލާތް، ވާރޭވެހޭ މާހައުލެއްގައި ނުވަތަ ތެމޭފަދަ މާހައުލެއްގައި ގެންގުޅެންވާނީ ތިރީގައި ބަޔާންކޮށްފައިވާ ސަލާމަތީ މިންގަނޑުތަކުން ކޮންމެވެސް އެއް މިންގަނޑަކަށް ފެތޭ ގޮތަށެވެ.

  1. ކަރަންޓު ސާމާނަށް ނުވަތަ އާލާތަށް ކަރަންޓު ގުޅައިފައި ހުންނަންވާނީ، 230 (ދުއިސައްތަ ތިރީސް) ވޯލްޓަށްވުރެ އިތުރުނުވާގޮތަށެވެ. އަދި އާރތުކޮށްފައިވާ ކަރަންޓު ސަޕްލައިއަކުން ކަރަންޓު ގުޅައިގެން ބޭނުންކުރުން؛
  2. ކަރަންޓް ސަޕްލައި ލައިނުގައި، ވަކިން ބެލޭނެގޮތަށް ހުންނަ އާރތު ސަރކިޓް މޮނީޓަރެއް ހަރުކުރުމާއެކު، މި އާރތު ސަރކިޓުން ކަރަންޓު ސާމާނަށް ނުވަތަ އާލާތަށް ލިބޭ ކަރަންޓުގެ އާރތު ކެނޑޭ ކޮންމެ ހާލަތެއްގައި، އެ ތަކެއްޗަށް ލިބޭ ކަރަންޓުވެސް ވަގުތުން ކެނޑޭގޮތަށް ހުންނަ ސަރކިޓެއް ބޭނުންކުރުން؛
  3. ޑަބަލް އިންސިއުލޭޓްކޮށްފައި ހުންނަ ކަރަންޓު ސާމާނާއި އާލާތްތައް ބޭނުންކުރުން؛
  4. އަރތް ލީކޭޖް ސަރކިޓް ބްރޭކަރ )އީ.އެލް.ސީ.ބީ.( ބޭނުންކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90( ނުވަދިހަ( ދުވަސް ހަމަވުމަށްފަހުގައެވެ. 

 

21 ވަނަ މާއްދާ - ވަގުތީ ކަރަންޓް

އިމާރާތްކުރާ ތަންތަނުގައި ގެންގުޅޭ ވަގުތީ ކަރަންޓު ސަޕްލައި ސްވިޗްބޯޑަކީ، އެއިން ކުރާ ބޭނުމާ އެކަށީގެންވާގޮތަށް ފަރުމާކޮށްފައިވާ އެއްޗަކަށް ވާންވާނެއެވެ. އަދި ސްވިޗް ބޯޑުތައް ބޭނުންކުރަނީ ހިޔާކޮށްފައިވާ ތަނެއްގައި ކަމުގައި ނުވާނަމަ، އެތަކެތި ހަރުކޮށްފައި ހުންނަންވާނީ ނުވަތަ ބަހައްޓައިފައި ހުންނަންވާނީ މޫސުމީ ކަމެއްގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކައުތެރިކުރެވިފައި ހުންނަފަދަ ގޮތަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަސް ހަމަވުމަށްފަހުގައެވެ. 

 

22 ވަނަ މާއްދާ -  ކަރަންޓު ސާމާނު ބެލެހެއްޓުން ނުވަތަ އިންސްޕެކްޓްކުރުން

(ހ)  މަސައްކަތުގައި ގެންގުޅޭ ހުރިހާ ކަރަންޓު ސާމާނަކާއި އާލާތެއް ފުރަތަމަ ފަހަރަށް ބޭނުންކުރުމުގެ ކުރިން އިންސްޕެކްޓު ކުރަންވާނެއެވެ. އަދި އެއަށްފަހު، މަދުވެގެން ކޮންމެ 3 (ތިނެއް) މަސްދުވަހަކުން އެއްފަހަރު އެތަކެތި ހުރީ ރަނގަޅަށް މަސައްކަތްކުރާ ހާލަތެއްގައިތޯ ބަލަންވާނެއެވެ.

(ށ) މަސައްކަތުގައި ގެންގުޅޭ ހުރިހާ ކަރަންޓު ސާމާނަކާއި އާލާތެއްގައި އެތަކެތި އެންމެ ފަހުން އިންސްޕެކްޓްކުރި ތާރީހާއި ދެން އިންސްޕެކްޓްކުރަންޖެހޭ ތާރީހު އެނގޭގޮތުގެ ރިކޯޑު، ކޮންޓްރެކްޓަރު ނުވަތަ މަސައްކަތްކުރުވާ ފަރާތުން ބަލަހައްޓަންވާނެއެވެ.

 

23 ވަނަ މާއްދާ - މަތިން ދަމައިފައި ހުންނަ ކަރަންޓު ސަޕްލައި ލައިނަށް ރައްކައުތެރިވުން

ކެރޭނެއްގެ، ނުވަތަ ކޮންނަ މެށިނެއްގެ، ނުވަތަ އެކްސްކަވޭޓަރެއްގެ، ނުވަތަ ތޮރުފާ ޑްރިލް ރިގެއްގެ، ނުވަތަ އެނޫންވެސް އެހެން ވައްތަރެއްގެ މެކޭނިކަލް ޕްލާންޓެއްގެ އެއްވެސް ބައެއް ނުވަތަ ސްކެފޯލްޑިންގއެއްގެ ނުވަތަ ހަރުގަނޑެއްގެ ބައެއްވެސް، މަތިން ދަމައިފައިވާ ކަރަންޓް ސަޕްލައި ލައިނަކާ 4 (ހަތަރު) މީޓަރަށްވުރެ ކައިރީގައި ގެންގުޅެންވާނީ، އެ ކަރަންޓް ސަޕްލައި ލައިނެއްގެ ވެރިފަރާތުގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުގައެވެ. 

 

24 ވަނަ މާއްދާ - ރައްކައުތެރިކަމާއެކު ކެމިކަލް ގެންގުޅުން

(ހ) ރައްކައުތެރިކަމާއެކު ގެންގުޅެން ސަމާލުވާންޖެހޭ ބާވަތުގެ ކެމިކަލް ނުވަތައެބާވަތުގެ އެނޫން ތަކެއްޗާ ގުޅޭގޮތުން އަންނަނިވި ކަންތައްތައްހިމަނައިގެން ކޮންމެ ކޮންޓްރެކްޓަރަކުވެސް ނުވަތަ މަސައްކަތްކުރުވާ ފަރާތަކުންވެސް އުސޫލެއް އެކުލަވައިލައި، އެ އުސޫލާ އެއްގޮތަ ށް އަމަލުކުރުމަށް ބޭނުންވާ ހުރިހާ ކަމެއް މަސައްކަތުގެ މާހައުލުގައި ހަމަޖައްސަންވާނެއެވެ.

  1. ކެމިކަލާއި އެބާވަތުގެ ނުރައްކައުތެރި ތަކެތި، ރައްކައުތެރިކަމާއެކު ހިފައި ގެންގުޅޭނެ ގޮތް؛.
  2. ކެމިކަލާއި އެބާވަތުގެ ނުރައްކައުތެރި ތަކެތި، ރައްކައުތެރިކަމާއެކު ގުދަންކުރާނެ ގޮތް؛
  3. ކެމިކަލާއި އެބާވަތުގެ ނުރައްކައުތެރި ތަކެތި، ރައްކައުތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ސަމާލުވާންވީ މިންގަނޑު؛
  4. ކެމިކަލާއި އެބާވަތުގެ ނުރައްކައުތެރި ތަކެތި، ރައްކައުތެރިކަމާއެކު ނެއްތައިލުމުގައި ގެންގުޅެންވާ މިންގަނޑު؛

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަސް ހަމަވުމަށްފަހުގައެވެ.  

(ނ) ކެމިކަލާއި އެ ބާވަތުގެ ނުރައްކައުތެރި ތަކެތި ބޭނުންކުރަން ފެށުމުގެ ކުރިން، އެތަކެތީގައި ހަރުކޮށްފައި ހުންނަ ލޭބަލް ރަނގަޅަށް ކިޔައި، އެ ލޭބަލުގައި އިރުށާދު ދީފައިވާ ގޮތުގެ މަތިން، އެތަކެތި އަޅައިފައިވާ  އަސްލު ކޮންޓެއިނަރުގައި، ރަނގަޅަށް ވައި ދައުރުވާފަދަ ތަނެއްގައި ރައްކައުތެރިކަމާއެކު ރައްކައުކުރަންވާނެއެވެ.

(ރ) ކެމިކަލާއި އެބާވަތުގެ ނުރައްކައުތެރި އެއްޗެއް ގެންގުޅުމުގައި ދިމާވެދާނެ ނުރައްކައުތެރި ހާދިސާތަކުން ސަލާމަތްވުމަށް އަމަލުކުރާނެ ގޮތާއި، އެފަދަ ތަކެތި ބޭނުންކޮށްގެން މަސައްކަތްކުރުމުގައި އާންމުކޮށް ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭ އެކަށީގެންވާ ތަމްރީނު، އެ ފަދަ ތަކެތި ގެންގުޅޭ ހުރިހާ ފަރާތްތަކަށް ދޭންވާނެއެވެ.

 

25 ވަނަ މާއްދާ - އެސްބެސްޓޮސް

އެސްބެސްޓޮސްގެ މަސައްކަތްކުރާ ފަރާތްތަކަށް އެ މަސައްކަތް ރައްކައުތެރިކަމާއެކު ކުރުމަށްޓަކައި ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް، ކޮންޓްރެކްޓަރު ފޯރުކޮށްދޭންވާނެއެވެ. އަދި އެސްބެސްޓޮސްގެ މަސައްކަތްކުރާ ކޮންމެ މީހަކު، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

(ހ) މުޅި ހަށިގަނޑު ނިވައިވާނެ ފަދަ ޑިސްޕޯސަބަލް ހެދުމެއް ނުވަތަ ދޮވެވޭނެ ވައްތަރެއްގެ ހެދުމެއް ލުން؛

(ށ) ރައްކައުތެރިކަމާއެކު ނޭވައިލެވޭނެ ގޮތަށް ފަރުމާކޮށްފައި ހުންނަ މާސްކެއް މޫނުގައި އެޅުން؛

(ނ) މަސައްކަތްކުރާ ތަން އިމްޕަރވިއަސް ށީޓުން ނުވަތަ ވައި ދައުރު ނުކުރާފަދަ ސަތަރި ފަދަ އެއްޗަކުން ބަންދުކުރުން؛ އަދި ކުނޑި ބޭރުނުވާގޮތަށް، މަސައްކަތްކުރާ ތަނުގެ އެތެރޭގެ ވައިގެ ޕްރެށަރު ދަށްކޮށްފައި ބެހެއްޓޭނެ ހާލަތްތަކުގައި އެކަން ކުރުން؛

(ރ) އެސްބެސްޓޮސް ބޭނުންކޮށްފައިވާ ތަނަކަށް މީހުން ވަނުމުގެ ކުރިން، އެތަނުގެ ވައި ތަޣައްޔަރުވެފައި ހުރިތޯ ބަލަން، ވައިގެ ޓެސްޓެއް ކުރުން. 

 

26 ވަނަ މާއްދާ - އަލިފާން ބޭނުންކޮށްގެން ތަކެތި ކެފުމާއި، ކޮމްޕްރެސްޑް ގޭސް ބޭނުންކޮށްގެން ވެލްޑުކުރުން

(ހ) އަލިފާން ބޭނުންކޮށްގެން ކެފުމުގައްޔާއި ކޮމްޕްރެސްޑް ގޭސް ބޭނުންކޮށްގެން ވެލްޑު ކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާފަދަ ނުރައްކަލަކުން ނުވަތަ ހާދިސާއަކުން ރައްކައުތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އަޅައިފައި ހުންނަންވާނެއެވެ.

  1. ހޮޅި ހަލާކުވެފައި ހުރުމުގެ ސަބަބުން ނުވަތަ ހޮޅީގެ ޖޮއިންޓެއް ރަނގަޅަށް ނުބައްދައި ހުރުމުގެ ސަބަބުން ގޭސް (ޕްރޮޕޭން ނުވަތަ އެސެޓެލީން) ބޭރުވެ، އަލިފާން ރޯވުން؛
  2. ކަޓިންގ ޓޯޗުން ނުވަތަ ހޮޅިން އޮކްސިޖަން ލީކުވުމުގެ ސަބަބުން ގޭސް ސިލިންޑަރު ގޮވުން؛
  3. މަސައްކަތުގައި ބޭނުންކުރާ ފޭރާމުގައި ހުޅުހިފުން.
  4. އޮކްސިޖަނާއި ފިޔުލް ގޭސް، އެއްހޮޅިއެއްގައި ހުއްޓައި، ޓޯޗްރޯކުރަން އުޅުމުގައި ފްލޭށްބެކްވުން ނުވަތަ ހޮޅީގެ ތެރެއަށް އަލިފާން ރޯވެގެން ވަދެގެން ދިއުން؛
  5. އެއްވެސް މިންވަރަކަށް ރޯވާ ޒާތުގެ އެއްޗެއް ހުރި ޓޭންކެއް ނުވަތަ ތާނގިއެއް ވެލްޑްކުރަން ނުވަތަ ފްލޭމް ކަޓަރަކުން ކަނޑަން އުޅުމުގެ ތެރޭގައި އޭތި ގޮވައި، ރޯވުން؛
  6. ފްލޭމް ކަޓަރު ބޭނުންކުރުމުގައި ނުވަތަ ގޭސް ބޭނުންކޮށްގެން ވެލްޑުކުރުމުގައި އެއިން ނުކުންނަ ނުރައްކައުތެރި ދުމަށް ނުވަތަ އާތްވަށް ނޭވާލުމަށް މެދުވެރިވުން؛
  7. ފްލޭމް ކަޓަރު ބޭނުންކުރުމުގައި ނުވަތަ ކޮމްޕްރެސްޑް ގޭސް ބޭނުންކޮށްގެން ވެލްޑުކުރުމުގައި، އެތަނާ ކައިރީގައި ހުރި ރޯވާ ފަދަ އެއްޗެއްގައި އަލިފާން ހިފުން؛

(ށ) އަލިފާން ބޭނުންކޮށްގެން ކަފާ ސަރަހައްދެއްގައި އަދި ކޮމްޕްރެސްޑް ގޭސް ބޭނުންކޮށްގެން ވެލްޑުކުރާ ސަރަހައްދެއްގައި، ރޯވާ ޒާތުގެ ތަކެތި ގެންގުޅޭނަމަ، އަލިފާން ގެންގުޅުން މަނާކޮށް، އަލިފާން ގެންގުޅުން މަނާކަން އަންގައިދޭ ބޯޑެއް އެތަނުގައި ފަސޭހައިން ފެންނާނެހެން ބަހައްޓަންވާނެއެވެ.

(ނ) އަލިފާން ބޭނުންކޮށްގެން ކެފުމާއި ކޮމްޕްރެސްޑް ގޭސް ބޭނުންކޮށްގެން ވެލްޑުކުރުމުގައި ގެންގުޅޭ ގޭސް ސިލިންޑަރު އުފުލައި ބޭނުންކޮށް ހަދަންވާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

  1. އުފުލައި ގެންގުޅުމުގައި، ބިންމަތީގައި ފުރޮޅައި ހަދައިގެން ނުވާނެއެވެ.
  2. އެއްތަނުން އަނެއްތަނަށް އުފުލައި ހެދުމުގައި ފަރުވާކުޑަކޮށްގެން ނުވާނެއެވެ.
  3. ސިލިންޑަރު އުފުލުމުގައި ޗޭނަކުން ސިލިންޑަރު ހިފެހެއްޓިފައި ހުންނަ ސިލިންޑަރ ޓްރޮލީއެއް ބޭނުންކުރެވޭ ހާލަތްތަކުގައި އެފަދަ ސިލިންޑަރު ބޭނުންކުރަންވާނީ ޓްރޮލީގައެވެ.
  4. އުފުލައިގެން އެއްތަނުން އަނެއްތަނަށް ގެނެސްފައި ހުންނަ ސިލިންޑަރެއް ބޭނުންކުރުމުގެ ކުރިން، އޭގައި ހުރި ގޭސް ހަމަޖެހުމަށް އެކަށީގެންވާ ވަގުތު ބަހައްޓަންވާނެއެވެ.
  5. މަސައްކަތް ނިމުމާއެކު، ހުރިހާ ހޮޅިއަކާއި ކަޓަރުގެ އާލާތްތައް ސިލިންޑަރުން ވަކިކޮށް ގުދަންކުރަންވާނެއެވެ.
  6. ސިލިންޑަރު ގުދަންކުރަންވާނީ ކޮޅަށް ހުންނަގޮތަށެވެ. އަދި ގުދަންކުރަންވާނީ ރޯވެދާނެ އެއްޗަކާ ނުވަތަ އަލިފާންކަނި ކެނޑޭނެ ތަކެއްޗާ ދުރުގައެވެ.

 

27 ވަނަ މާއްދާ - އަލިފާނުން ކެފުމާއި ވެލްޑްކުރުން ފަދަ މަސައްކަތްތަކުގައި ގެންގުޅޭ އާލާތާއި ސާމާނު ބޭނުންކުރުން

(ހ) އަލިފާނުން ކެފުމާއި ވެލްޑްކުރުން ފަދަ މަސައްކަތުގައި ބޭނުންކުރުމަށް އެކަށީގެންވާ މިންގަނޑުގެ ހޮޅި ފިޔަވައި އެހެން ހޮޅިއެއް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ގެންގުޅޭ ހޮޅިއަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ކޮންމެ ދުވަހަކު ބަލައި ޗެކްކުރަން ވާނެއެވެ.

(ށ) އަލިފާނުން ކެފުން ނުވަތަ ވެލްޑްކުރުން ފަދަ މަސައްކަތެއް ކުރާއިރު، މަސައްކަތަށް ބޭނުންވާވަރަށްވުރެ ހޮޅި ދިގުނުކުރުމަށް އިސްކަންދޭން ވާނެއެވެ. ހޮޅީގެ ބަޔަކަށް ގެއްލުންވެފައި ހުރުމުގެ ސަބަބުން އެބައި ވަކިކޮށް އިތުރު ބައެއް ހޮޅިއާ ގުޅަންޖެހޭ ހާލަތުގައި، އެ ހޮޅިއަށް ހާއްސަކޮށްފައިވާ ކަޕްލާސްއާއި ކްލޭމްޕްސް ފިޔަވައި އެހެން އެއްޗެއް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ވަގުތީގޮތުން ކަޕްލާއެއް ހަދައިގެންވެސް ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ސިލިންޑަރާއި ހޮޅީގައި ލީކެއްހުރިތޯ ސައިބޯނިފެން ބޭނުންކޮށްގެން ބަލައި ޗެކްކުރަންވާނެއެވެ. އަދި ލީކެއް ހުރިކަން ފާހަގަކުރެވި، އެފަދަ ލީކެއް ބަންދުނުކުރެވިއްޖެނަމަ، އެ ސިލިންޑަރު ވަކިކޮށް، ވައި ދައުރުކުރާ ހާމަތަނަކަށް ސިލިންޑަރު ގެންގޮސް، އެ ސިލިންޑަރެއް ސަޕްލައިކުރި ފަރާތަށް ގުޅައި، އެކަން އެފަރާތެއްގެ ސަމާލުކަމަށް ގެނެސް، އެކަމުގައި އެފަރާތުގެ ލަފާ ހޯދުމަށް ފަހުގައި ނޫނީ ބޭނުންކޮށްގެން ނުވާނެއެވެ.

(ރ) އަލިފާނުން ކެފުން ނުވަތަ ވެލްޑްކުރުން ފަދަ މަސައްކަތެއް ކުރުމަށް ބޭނުންކުރާ ކޮންމެ ހޮޅިއެއްގައިވެސް ހުޅުހިފުން ހުއްޓުވާފަދަ ފްލޭށްބެކް އެރެސްޓަރ ހޮޅިތެރޭގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

(ބ) އޮކްސިޖަން ސިލިންޑަރެއް ބޭނުންކޮށްގެން މަސައްކަތްކުރާއިރު، އެ
ސިލިންޑަރާއި އޭގެ ހޮޅިކައިރީގައި އެއްވެސް ބާވަތެއްގެ ތެލެއް ނުވަތަ ގިރިހެއް ގެންގުޅެގެން ނުވާނެއެވެ. އަދި އޮކްސިޖަން ސިލިންޑަރު ބޭނުންކޮށްގެން މަސައްކަތްކުރާ މީހެއްގެ ފޭރާމުގައިވެސް ތެޔޮ ނުވަތަ ގިރިސް ހޭކިފައި ހުރެގެން ނުވާނެއެވެ.

 

28 ވަނަ މާއްދާ - ދުން ނުވަތަ އާވީގެ ނުރައްކަލުން ސަލާމަތްވުން

(ހ) ރަނގަޅަށް ވައި ދައުރުނުވާގޮތަށް ކޮނެފައި ހުންނަ ވަޅުގަނޑެއްގެ ތެރޭގައި ނުވަތަ ބޭސްމެންޓު ވަޅެއްގެ ތެރޭގައި ނުވަތަ ތާނގިއެއްގެ ތެރޭގައި ވެލްޑްކުރާއިރު ނުވަތަ ގޭސް ކަޓަރު ބޭނުންކުރާއިރު އެއިން އަރާ ދުމުން ނުވަތަ އާވިން ސަލާމަތްވުމަށް އެތަނުގައި ތަނަވަސްކަމާއެކު ވައި ދައުރުވާނޭ ނިޒާމެއް ގާއިމުކުރަންވާނެއެވެ.

(ށ) ނުރައްކައުތެރި ދުމެއް ނުވަތަ އާތްވެއް ހުރެދާނެކަމަށް ލަފާކުރެވޭ ކޮންމެ ތަނެއްގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށްވެސް، އެފަދަ ނުރައްކަލުން ސަލާމަތްވުމަށް ރައްކައުތެރިކަމާއެކު ނޭވާލުމަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދޭންވާނެއެވެ.  

 

29 ވަނަ މާއްދާ - އަލިފާން ނިއްވުމާއި ސަލާމަތީ އާލާތްތައް

(ހ)  އަލިފާން ރޯވާ ޒާތުގެ ތަކެތި މަސައްކަތްކުރާ ސަރަހައްދުގައި ބަހައްޓާނަމަ، އެތަނުގައި އަލިފާން ނިއްވޭނެ އާލާތް އެކަށީގެންވާ މިންވަރަށް ލިބެން ހުންނަންވާނެއެވެ.

(ށ) އަލިފާން ރޯވެދާނެ މަސައްކަތެއްގައި ހަރަކާތްތެރިވާ ކޮންމެ މީހަކުވެސް ލޯ ރައްކައުތެރިކުރާ ގޮގުލްސްއާއި އަލިފާނުން ރައްކައުތެރިވާ ސަލާމަތީ ހެދުން އަޅަންވާނެއެވެ. 

 

30 ވަނަ މާއްދާ - މެކޭނިކަލް ޕަވަރ ބޭނުންކުރާ ޕޯޓަބަލް މޮހޮރާއި ހީރަސްޖަހާ އާލާތް ގެންގުޅުން

(ހ)  މެކޭނިކަލް ޕަވަރ ބޭނުންކުރާ ޕޯޓަބަލް މޮހޮރާއި ހީރަސްޖަހާ އާލާތް ގެންގުޅޭ ކޮންމެ މީހަކުވެސް މަސައްކަތްކުރަންވާނީ، އަންނަނިވި ސަލާމަތީ އުސޫލުތަކާ އެއްގޮތަށެވެ.

  1. އެއްވެސް ހާލަތެއްގައި )އޭގައި މޮހޮރު ނުވަތަ ހީރަސް ނެތަސް( އެފަދަ އެއްޗެއް މީހަކާ ދިމާއަށް އަމާޒުކޮށްގެން ނުވާނެއެވެ.
  2. ޓެސްޓުކުރާ އެއްޗަކަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަމާޒުކޮށްގެން މެނުވީ އެ އާލާތް ސްޓާޓުކުރާ ފިތަށް އޮބައިގެން ނުވާނެއެވެ.
  3. އާލާތް ބޭނުންކުރަނީ ތަނެއްގެ ނުވަތަ އެއްޗެއްގެ ދާރައިގައި މޮހޮރު ނުވަތަ ހީރަސްޖެހުމަށްނަމަ، އެ އާލާތް ބޭނުންކުރުމުގައި އިތުރު ސަމާލުކަމެއް ބަހައްޓަންވާނެއެވެ.
  4. ވައިން މޮހޮރުޖަހާ ނުވަތަ ހީރަސްޖަހާ އާލާތެއް ނުވަތަ ނިއުމެޓިކް ޓޫލެއްގައި، އަލިފާންހިފާ ޒާތުގެ ނުވަތަ ވޮލަޓައިލް ގޭހެއް ނުވަތަ އޮކްސިޖަން ގޭހެއް އެއްވެސް ހާލެއްގައި ބޭނުންކޮށްގެން ނުވާނެއެވެ.
  5. އެއްވެސް ގެއްލުމެއް ވެފައިހުރި އާލާތެއް، ނުވަތަ ގެއްލުމެއް ވެފައިހުރިކަމުގެ ނިށާނެއް ހުރި އާލާތެއް ބޭނުންކޮށްގެން ނުވާނެއެވެ.
  6. މެކޭނިކަލް ޕަވަރ ބޭނުންކުރާ ޕޯޓަބަލް މޮހޮރުޖަހާ ނުވަތަ ހީރަސްޖަހާ އާލާތެއް ބޭނުންކޮށްގެން މޮހޮރުޖަހާއިރު ނުވަތަ ހީރަސްޖަހާއިރު އަވަސްއަވަހަށް މޮހޮރުޖެހުމަށްޓަކައި ނުވަތަ ހީރަސް ޖެހުމަށްޓަކައި މޮހޮރު ނުވަތަ ހީރަސް ދޫކުރާ ފިތަށް އޮބައިގެންހުރެ އޭގެ ބޭނުންކޮށްގެން ނުވާނެއެވެ. އަދި އަވަސްއަވަހަށް މޮހޮރު ނުވަތަ ހީރަސްޖެހުމަށް ބޭނުންކުރަންވާނީ އާލާތުގެ ކޮޅު މޮހޮރު ނުވަތަ ހީރަސް ޖަހަންވީ ތަނުގައި ވިއްދުމުން ނޫނީ މޮހޮރު ނުވަތަ ހީރަސް ދޫކުރާ ފިތަށް ފިތޭފަދަ އާލާތެއް ބޭނުންކޮށްގެންނެވެ.
  7. މި މާއްދާގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ އާލާތްތައް ބޭނުންކުރާއިރު، އެކަމާ އެކަށީގެންވާގޮތަށް ލޯ ރައްކައުތެރިކުރާ ގޮގުލްސްއާއި ކަންފަތް ރައްކައުތެރިކުރާ މަފްލަރ ބޭނުންކުރަންވާނެއެވެ.

 

31 ވަނަ މާއްދާ - ކަރަންޓު ޕަވަރ ޓޫލްސް ނުވަތަ އާލާތް

ކަރަންޓު ކީހާއި، ރޮންދާއާއި، ސިމެންތި މިކްސަރާއި، ކޮންކްރީޓު ކަނޑާ އާލާތާއި، ކަރަންޓުން ހިންގާ އެހެނިހެން އާލާތް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) އެ ތަކެތީގައި އެކަށީގެންވާ ނިވާފަތްގަނޑެއް ނުވަތަ ގާޑު އަޅުވައިގެން ބޭނުންކުރުން؛

(ށ) ކަރަންޓުގެ އާލާތެއް ގެންގުޅޭ ކޮންމެ ފަރާތަކުންވެސް އެކަމާ އެކަށީގެންވާގޮތަށް އެ އެއްޗެއް ގެންގުޅުމުގެ ތަމްރީނު ހޯދައިފައިހުރުން؛

(ނ) ކުރާ މަސައްކަތާ އެކަށީގެންވާ ޒާތުގެ އާލާތް ބޭނުންކުރުމާއި، އެ އާލާތެއް ބޭނުންކޮށްގެން މަސައްކަތްކުރުމުގައި އެކަށީގެންވާ ގޮތްތަކެއް ބޭނުންކުރުން؛

(ރ) އެއްވެސް ގެއްލުމެއްވެފައި ހުރި އާލާތެއް، ފުރިހަމައަށް މާރާމާތުނުކޮށް ބޭނުން ނުކުރުން؛

(ބ) އާލާތް ބޭނުންނުކުރާ ވަގުތުތަކުގައްޔާއި އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ ހާލަތްތަކުގައި އެ އާލާތަކަށް އެފަދަ ކަންކަމަށް ހާއްސަކޮށްފައިވާ ގާޑެއް ހުންނަކަމުގައިވާނަމަ ގާޑު އެޅުވުން؛

(ޅ) ބޭނުންކުރާ އާލާތަކާ އެކަށީގެންވާގޮތަށް ލޯ ރައްކައުތެރިކުރާ ގޮގުލްސްއާއި، ކަންފަތް ރައްކައުތެރިކުރާ މަފްލަރ އެޅުން؛

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ އާލާތްތައް ބޭނުންކުރާ ސަރަހައްދުގެ ތަޅުން ސާފުކޮށް ބެހެއްޓުން؛

(އ) ބޭނުންކުރާ އާލާތުގެ ސަބަބުން މަސައްކަތުގައި ގެންގުޅޭ ކަރަންޓު ވާގަނޑަށް ގެއްލުމެއް ނުވާނެ ގޮތަށް ރައްކައުތެރިވުން؛

(ވ) ކުރާ މަސައްކަތާ ގުޅޭ ރައްކައުތެރިވުމަށް ބޭނުންކުރާ ހެދުން ބޭނުންކުރުން.

 

32 ވަނަ މާއްދާ - ކެރޭނާއި ތަކެތި އުފުލާ އާލާތް

ކެރޭނާއި ތަކެތި އުފުލާ އާލާތް ބޭނުންކުރުވާ ފަރާތްތަކުންނާއި، އެފަދަ އާލާތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކުންވެސް، އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

(ހ) ކެރޭނުގައި މަސައްކަތްކުރާ ތަނަކީ އާންމުންނަށް ނުވަދެވޭ ސަރަހައްދަކަށް ހެދުން؛

(ށ) ކެރޭނުގައި އުފުލައިފައިހުރި އެއްޗެއްގެ ދަށުން އެއްވެސް މީހަކަށް ނުވަދެވޭނެ އިންތިޒާމު ހަމަޖެއްސުން؛

(ނ) މަސައްކަތްކުރާ ފަރާތާއި މަސައްކަތްކުރުވާ ފަރާތެއްގެ މުދަލުގެ މަތިން ފިޔަވައި އެހެން ފަރާތެއްގެ މުދަލުގެ މަތިން ކެރޭނުން އެއްވެސް އެއްޗެއް އުފުލާއިރު، އެފަރާތުގެ ރުހުން ހޯދައި، ސަލާމަތީގޮތުން ފިޔަވަޅު އެޅުމަށްފަހު ބޭނުންކުރުން؛

(ރ) މަތީގައި ދަމައިފައި ހުންނަ ކަރަންޓު ސަޕްލައި ލައިނަކާ 4 (ހަތަރެއް) މީޓަރަށްވުރެ ކައިރީގައި ކެރޭނެއް ނުވަތަ ތަކެތި އުފުލާ އާލާތެއް ބޭނުން ނުކުރުން؛

(ބ) ފަންނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހަކު ކޮންމެ ހަފުތާއަކު އެއްފަހަރު ކެރޭނު އިންސްޕެކްޓުކުރުމާއި، މަދުވެގެން ކޮންމެ 12 (ބާރަ) މަސްދުވަހަކުން އެއްފަހަރު މުޅި ކެރޭން ފުރިހަމައަށް ބަލައި އިންސްޕެކްޓްކުރުމާއި، ކުރާ ކޮންމެ އިންސްޕެކްށަނެއްގެ ރިޕޯޓު ލިޔުމުން ރެކޯޑު ކުރުން؛

(ޅ) މި މާއްދާގެ (ބ) ގައިވާ ފަދައިން ކޮންމެ 12 (ބާރަ) މަސްދުވަހަކުން ކުރާ އިންސްޕެކްށަންތަކުގެ އެންމެ ފަހުގެ ރިޕޯޓު ކޮންމެ ކެރޭނެއްގައިވެސް އޮތުން؛

(ކ) ކެރޭނު ދުއްވާ މީހާއަކީ އެކަމަށް ތަމްރީނު ލިބުމުގެ އިތުރުން، ކެރޭނު ދުއްވުމުގެ ލައިސަންސް އޮތް މީހަކަށް ވުން؛

(އ) ކެރޭނު ކޮންޓްރޯލުކުރާ އަތްގަނޑާއި ހުންގާނާއި ސްވިޗްތަކުގައި، ވަކިވަކިން އެނގޭނެގޮތަށް ފާހަގަޖަހައިފައި ހުރުން؛

(ވ) ކެރޭނުން އުފުލާ އެއްޗެއްގެ ބުރަދަން ނުވަތަ ލޯޑު އެ އެއްޗެއް އުފުލުމުގެ ކުރިން ކެރޭނު ދުއްވާމީހާއާއި ކެރޭނު ދުއްވާމީހާގެ އެހީތެރިޔާ ބަލައި ކަނޑައެޅުން؛

(މ) ކެރޭނު ދުއްވާ މީހާގެ އެހީތެރިޔާކަމަށް މި މާއްދާގެ (ވ) އާއި (ގ) ގައި ނިސްބަތްކޮށްފައި މިވަނީ، ސަވާޖީގައި މުދާ އެޅުވުމާއި ކެރޭނުން ދާގީނާ އެއްތަނުން އަނެއްތަނަށް އުފުލައި ބެހެއްޓުމުގައި ކެރޭނު ދުއްވާ މީހާއަށް އެހީތެރިވާ މީހާއަށެވެ.

(ފ) 1 (އެކެއް) ޓަނަށްވުރެ މަތީ ކެޕޭސިޓީއެއްގެ ޖިބް ކެރޭނެއް ގެންގުޅޭ ހާލަތްތަކުގައި އޭގެ ސޭފް ލޯޑް އިންޑިކޭޓަރ ނުވަތަ މީޓަރު ކޮންމެ ހަފުތާއަކު އެއްފަހަރު ބަލައި ޗެކުކުރުން؛

(ދ) ހައިޑްރޯލިކް އެކްސްކަވޭޓަރަކުން ކެރޭނެއްގެ ބޭނުންކުރާނަމަ، އެއިން ރައްކައުތެރިކަމާއެކު އުފުލޭނެ އެންމެ ބަރުދަނެއް ނުވަތަ މެކްސިމަމް ސޭފް ލޯޑު ސާފުކޮށް އެނގޭނެގޮތަށް ލިޔެވިފައި ހުރުން؛ އަދި މަސައްކަތަށް ބޭނުންވެއްޖެ ހާލަތެއްގައި، ކަމާ އެކަށީގެންވާ ހައިޑްރޯލި ކް ޗެކް ވޭލްވް ހަރުކުރުން؛

(ތ) ކެރޭނު ބޭނުންކުރަނީ ފަސްގަނޑު އެއްވަރަށް އޮތް ބިމެއްގައިކަން ނުވަތަ ތަނެއްގައިކަން ބަލައި ކަށަވަރުކުރުން؛

(ލ) ރައްކައުތެރިކަމާއެކު ކެރޭނު ބޭނުންކުރެވޭވަރަށް ތަނުގައި ޖާގައިގެ ތަނަވަސްކަން ހުރިތޯ ބަލައި ކަށަވަރުކުރުން؛

(ގ) ކެރޭނު ދުއްވާ މީހާއަށް އެހީތެރިވާ މީހާއަކީ އެ މަސައްކަތުގައި ބޭނުންކުރާ ކެރޭނުގެ ސިގްނަލްތައް ދަންނަ އަދި ކެރޭނުން ރައްކައުތެރިކަމާއެކު އުފުލޭނެ އެންމެ މަތީ ބަރުދަން ދަންނަ މީހަކަށް ވުން؛

(ޏ) ރޭޑިއަސް ބަދަލުކުރެވޭކަހަލަ ކެރޭނެއްނަމަ، ރައްކައުތެރިކަމާއެކު އެކި ރޭޑިއަސްގައި އެ ކެރޭނުން އުފުލޭނެ އެންމެ މަތީ ބަރުދަން ކެރޭނުގައި ސާފުކޮށް ލިޔެފައި ހުރުން؛

(ސ) ގަވާއިދުން އަދި ފުރިހަމައަށް ކެރޭނު ބަލަހައްޓައި މަރާމާތުކުރުން؛

(ޒ) ކެރޭނުގައި އެއްޗިހި އުފުލަން ބޭނުންކުރާ ބައިތައް ހުރީ ރަނގަޅު ހާލަތުގައިތޯ ބަލައި ގަވާއިދުން ޗެކުކުރުން.

 

33 ވަނަ މާއްދާ - ބަންދުކޮށްފައި ހުންނަ ތަންތަނުގައި މަސައްކަތްކުރުން

(ހ) ބަންދުކޮށްފައިހުރި ތަނަކަށް ވަނުމުގެ ކުރިން، އެތަނެއްގެ ތެރޭގައި ހުރި ވައިގައި އެކަށީގެންވާ ރައްކައުތެރި މިންވަރަށް އޮކްސިޖަން ހުރިތޯ ޓެސްޓުކޮށް ބަލަންވާނެއެވެ. އަދި އޭގެ އިތުރުން، އެތަނެއްގެ ވައިގެތެރޭގައި ރޯވާކަހަލަ ގޭހެއް ނުވަތަ އެއްވެސް ޒާތެއްގެ ވިހަ ގޭހެއް، ނުރައްކައުތެރި މިންވަރަކަށް ހުރިތޯ ބަލައި ޗެކުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ބަންދުކޮށްފައިހުރި ތަނެއް ޓެސްޓްކުރާއިރު އެތަނެއްގެ ވައިގައި އެއްވެސް ނުރައްކައުތެރި ގޭހެއް ހުރިކަމަށް ޓެސްޓަކުން ދައްކައިފިނަމަ، އެތަނަކަށް އެއްވެސް މީހަކު ވަދެގެން ނުވާނެއެވެ. އަދި އެފަދަ ތަނަކާ ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

  1. ފުރިހަމައަށް ވައި ދައުރުކުރާ ނިޒާމެއް ބޭނުންކޮށްގެން އެތަނުގެ އެތެރޭގައި ހުރި ވިހަ ގޭހެއް ނެރެގެން ނުވަތަ ސާފު ވައި ވައްދައިގެން އެފަދަ ގޭހެއް ރައްކައުތެރި މިންވަރަށް މަދުކުރުން؛
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް އަމަލުކުރުމަށްފަހު، އެތަނަށް ވަނުމުގެ ކުރިން އެތަނުގެ އެތެރޭގެ ވައިހުރީ ރައްކައުތެރި ހާލަތުގައިތޯ ބަލަން ޓެސްޓުކުރުން؛
  3. ކަނޑައަޅައިފައިވާ ވަގުތުތަކެއްގައި، ވައިގެ ހާލަތު ހުރީ ރައްކައުތެރިކޮށްތޯ ބެލުމަށްޓަކައި ގަވާއިދުން ޓެސްޓުކުރަމުން ގެންދިއުން.

(ނ) ބަންދު ތަނެއްގައި ކުރާ މަސައްކަތެއްނަމަ، އެތަނެއްގައި އުޅޭއިރު ދިމާވެދާނެ ނުރައްކަލަކަށް ފަރުވާތެރިވުމުގެގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ. 

  1. މަސައްކަތްކުރާ މީހުންނަށް އެފަދަ ތަންތަނަށް ވަދެ ނުކުތުމުގައި ދިމާވެދާނެ ކަންކަމާ ގުޅޭގޮތުންނާއި، އެފަދަ ތަނެއްގެ ތެރޭގައި މަސައްކަތްކުރާއިރު ކަންކުރަންވާ ގޮތާ ގުޅޭގޮތުން އެކަށީގެންވާ ރައްކައުތެރިކަމުގެ ތަމްރީނާއި އިރުށާދު ދިނުން؛
  2. ބަޔަކު މަސައްކަތްކުރާނަމަ، އެތަނުގެ ބޭރުގައި އެކަކު އަބަދުވެސް ފާރަވެރިއަކަށް ހުންނަންވާނެއެވެ. އަދި މިގޮތަށް ހުންނަ މީހަކަށް، ތަނުގެ އެތެރޭގައި މަސައްކަތްކުރާ މީހުންނާ ވާހަކަދައްކައި މުވާސަލާތުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައި ބެހެއްޓުން؛
  3. މަސައްކަތްކުރާ ކޮންމެ މީހަކުވެސް ސަލާމަތީ ހާނަސްއެއް ނުވަތަ ރެސްކިއު ހާނަސްއެއް އަޅަންވާނެއެވެ. އަދި މި ރެސްކިއު ހާނަސް ހުންނަންވާނީ، ބޭރަށް ނެރެފައި އޮންނަ، ސަލާމަތްކުރުމަށް ބޭނުންކުރެވޭފަދަ ވަލެއްގައި ނުވަތަ ލައިފްލައިނެއްގައި އައްސައިފައެވެ. މިގޮތުން ބަންދުކޮށްފައިހުރި ތަނެއްގެ ތެރޭގައި ތިބި މަސައްކަތުމީހުންގެ ލައިފްލައިން، އެތަނަށް ވަންނަން ބޭނުންކުރާ އާނގަވަޅުގައި ނުވަތަ އެތާ ކައިރީގައި އެކަށީގެންވާގޮތަށް ހަރުކުރެވިފައި ހުންނަ ވިންޗެއްގައި އަޅުވައިފައި ހުރުން؛

(ރ) މަސައްކަތްކުރާ މީހުންނަށް ދިމާވެދާނެ ކުއްލި ނުރައްކަލަކުން ރައްކައުތެރިވެވޭނެގޮތް ކަށަވަރުކުރުމުގެގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކޮންޓްރެކްޓަރު ހަމަޖައްސަންވާނެއެވެ.

  1. ކުއްލި ނުރައްކަލަކުން ރައްކައުތެރިވާން ބޭނުންވާ ރެސްކިއު ހަރަކާތްތަކުގެ ފުރިހަމަ ތަމްރީނު ދިނުން؛
  2. މަސައްކަތުގައި ޒަހަމްވާ މީހަކު ނުވަތަ ހޭނެތިފައިވާ މީހަކު އުފުލުމުގެ ތަމްރީނު، އެކަކަށްވުރެ ގިނަ މީހުންނަށް ދިނުން؛
  3. ދިމާވެދާނެ ކުއްލި ނުރައްކަލަކުން ސަލާމަތްވުމަށް ބޭނުންކުރާ ރެސްކިއު ސާމާނާއި، ނޭވާލުމަށް ބޭނުންކުރާނެ އާލާތްތަކާއި، ކުއްލި ހާލަތެއްގައި ބޭނުންކުރާނެ އެނޫން އާލާތްތައް، ބަންދުކޮށްފައިހުރި ތަނަކަށް ވަންނަ އާނގަވަޅު ކައިރީގައި އަބަދުވެސް ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުން؛
  4. ތަނުގެ އެތެރޭގައި ހުރި ވިހަ އާތްވެއް ނުވަތަ ދުމެއް ސާފުކުރުމުގެގޮތުން ސާފު އޮކްސިޖަން (ޕިއޯ އޮކްސިޖަން) އެއްވެސް ހާލެއްގައި ބޭނުން ނުކުރުން.
  5. ބަންދުކޮށްފައިވާ ތަނުގެ އެތެރޭގައި އެކަށީގެންވާ މިންވަރަށް ނޭވާލެވޭނެ ރައްކައުތެރި މާހައުލެއް ނެތްކަމަށް ލަފާކުރެވޭނަމަ، ކޮންމެ މީހަކުވެސް ރައްކައުތެރިކަމާއެކު ނޭވާލެވޭނެ ނިޒާމެއް ބޭނުންކުރުން.

 

34 ވަނަ މާއްދާ - އިމާރާތްތައް ތެޅުމުގައި އަމަލުކުރަންވީގޮތް

(ހ) އިމާރާތެއް ނުވަތަ ތަނެއް ތެޅުމުގެ މަސައްކަތްކުރާ ކޮންމެ ކޮންޓްރެކްޓަރެއްވެސް ނުވަތަ އެހެން ކޮންޓްރެކްޓަރަކު ލައްވައި އެ މަސައްކަތް ކުރުވާ ފަރާތްތަކުންވެސް އަންނަނިވިގޮތަށް އަމަލުކުރަންވާނެއެވެ.

  1. ތަޅާލުމުގައި އުފެދޭ ގައުކުނޑި ފަދަ ތަކެއްޗާއި ކުނޑިއާއި ކުނިން އާންމުން ރައްކައުތެރިކުރެވޭނެ ގޮތަށް އެކަށީގެންވާ ގެންޓްރީއާއި ބިތްގަނޑު ޖަހައި، ހިނގާބިނގާވެ އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުން؛
  2. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން އަމަލުކުރުމުންވެސް، ހިރަފުހާއި ކުނޑި އާންމުންނާ ހަމައަށް ފޯރާނަމަ، ފެން ޖަހައިގެން ނުވަތަ މިފަދަ އެހެން އިންތިޒާމަކުން ކުނޑި ނުވަތަ ހިރަފުސް އެރުން ކުޑަކުރުން؛
  3. އެތަނަކަށް ގުޅައިފައި ހުރި ކަރަންޓާއި، ގޭހާއި، ފޯނުލައިނުގެ ވާތަކާއި، ނަރުދަމާއާއި، ފެނުގެ ހިދުމަތް ހުރީ އެއްކޮށް ކަނޑައިލައިފައިކަން ކަށަވަރުކުރުން؛
  4. ކުއްލިއަކަށް ޖެހިދާނެ ބާރުގަދަ ވައިރޯޅިއަކުން ވެއްޓިދާނެފަދަ ބަލި ފާރެއް ނުވަތަ ފާރުބުރިއެއްނަމަ، އެ އެއްޗެއް ކޮޅަށް ނުބެހެއްޓުން؛
  5. ފާރެއްގައި އެއްޗެއް އަޅުވައިގެން ދަމާވައްޓައިލާނަމަ، ވައްޓައިލާ ފާރުގެ އުސްމިނުގެ 1/2 1 (ދޮޅުގުނަ) އަށްވާ ޖާގައެއް، އެ ފާރުގެ ވަށައިގެން ހުސްކޮށް ބޭއްވުން؛
  6. ތަޅާ ސަރަހައްދުގައި، ތެޅި އެއްޗިއްސާއި ތަޅަން ބޭނުންކުރާ އާލާތް، ތަނަށް ނުތަކާވަރަށް އުސްކޮށް ނުވަތަ މުޅިތަނަށް ފެތުރޭހެން ޖަމާކޮށްފައި ނުބެހެއްޓުން؛
  7. ޒަމާންވީ އިންސިއުލޭށަނުގައި އަދި އިމާރާތްކުރަން ބޭނުންކުރާ ތަކެތީގައި ހުންނަ އެސްބެސްޓޮސްގެ ނުރައްކަލުން ސަލާމަތްވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުން؛
  8. ހުސްކޮށް ހުރި ތާނގިއެއް ހުރިނަމަ، އެ އެއްޗެއްގައި ވިހަ ނުވަތަ ގޮވާ ޒާތުގެ އެއްޗެއް ހުރިތޯ ބަލައި ޗެކުކުރުން؛
  9. އެއްޗެއް ނުވަތަ ތަނެއް ތެޅީމައި އިވޭ އަޑުތައް ވީހައިވެސް މަޑުކުރެވޭނެ ގޮތަކަށް މަސައްކަތް އިންތިޒާމުކުރުން؛
  10. ތަނުގައި މަސައްކަތްކުރާ އެންމެން ސަލާމަތީ ހެލްމެޓާއި، ލޮލާއި، ފަޔާއި، އިވުމުގެ ހިއްސު ރައްކައުތެރިކުރުމަށް ބޭނުންކުރާ ތަކެތި އަޅައިފައިވޭތޯ ކަށަވަރުކުރުން؛
  11. ތަޅައިފައިވާ ތަކެތީގެ ތެރޭގައި އަލިފާން ރޯނުވާނެގޮތަށް ރައްކައުތެރި ފިޔަވަޅު އެޅުން؛
  12. މަސައްކަތުގެ ވެށިން ދިމާވެދާނެ ނުރައްކަލަކުން އާންމުން ހިމާޔަތްކުރުން؛
  13. ޗެއިންސޯއެއް ބޭނުންކުރާނަމަ، އެ ބޭނުންކުރާ މީހާގެ ފަޔާއި ލޮލާއި ކަންފަތް ރައްކައުތެރިވާގޮތަށް ގާޑު އެޅުން؛
  14. ތަޅާ ތަނުގެ ކައިރީގައިވާ ދުވާރު ބޭނުންކުރާ އާންމުންގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ކަމުގެ ތަމްރީނު ލިބިފައިވާ މީހުން ބޭތިއްބުން؛
  15. ކޮންޓްރޯލްޑް ކޮލަޕްސް ޑިމޮލިށަނެއް ކުރާނަމަ، އެފަދަ ހަރަކާތެއް ފެށުމާއެކު، އެ ސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭގޮތަށް އިންތިޒާމްކުރުން؛
  16. މި މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރުގައިވާ ހާލަތުގައި އެތަނެއްގެ މަގަކާއި ނުވަތަ ގޯޅިއަކާ ޖެހިގެން އޮންނަ އިމުގައި މަސައްކަތްކުރާނަމަ، އެފަދަ މަސައްކަތްކުރާ ދިމާގައިވާ ދުވާރުމަތީގައި، މީހުންނަށް ނުހިނގޭގޮތަށް ނުރައްކައުކަން އަންގައިދޭ ޓޭޕު ދަމައިގެން ބަންދުކުރުން؛
  17. މަސައްކަތުގެ ސަރަހައްދުގައި ދުއްވައި އަދި އުފުލައި ގެންގުޅޭ ހުރިހާ އުޅަނދަކާއި އާލާތެއް )މެކޭނިކަލް ޕްލާންޓް) ގައި، މަތިން އެއްޗެއް ވެއްޓިގެން ގެއްލުމެއް ނުވާނޭ ގޮތަށް ގާޑު ހަރުކޮށްފައި ބެހެއްޓުން؛
  18. ބަލި ފުރާޅެއް ރޫޅަން މަސައްކަތްކުރާ މީހުންނަށް، އެކަމާ އެކަށީގެންވާ ރައްކައުތެރިކަމުގެ އެންމެހައި ކަންކަން ހާއްސަކޮށް އިންތިޒާމުކުރުން.

 

35 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުން 

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ނުވަތަ މެޓީރިއަލް ގެންގުޅޭ ސަރަހައްދު ނުވަތަ ގުދަންކުރާ ސަރަހައްދު ބިތްގަނޑުޖަހައި ނިވައިކުރެވިފައި ހުރުން.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ނުވަތަ މެޓީރިއަލް، އެކަމަށް ހުއްދަދޭ އިދާރާއަކުން އެ ބޭނުމަށް މަގު ބޭނުންކުރުމުގެ ހުއްދަ ނެގުމަށްފަހު އެ ހުއްދައިގެ ދަށުން ކަނޑައަޅައިފައިވާ ސަރަހައްދުގައި، ކަނޑައަޅައިފައިވާ ގޮތަށް މަގުމަތީގައި ބެހެއްޓުމާއި، ހުއްދަ ދީފައިވާ ސަރަހައްދުގައި އެކަމަށް ހުއްދަދީފައިވާކަމުގެ ބޯޑު ފެންނަގޮތަށް ބެހެއްޓުން.

 

36 ވަނަ މާއްދާ - އިމާރާތްކުރާ ތަނަކަށްއިމާރާތްކުުުރުމުގެ މަސައްކަތަށް މުދާ އަރުވައި ބޭލުމުގައި އަމަލުކުރަންވީގޮތް

(ހ) އިމާރާތްކުރާ ތަނެއް ހިމެނޭ ބިމުގެ ތެރެއިން އެ މަސައްކަތަށް ބޭނުންކުރާ މުދާ އަރުވައި ބޭލޭނެ އިންތިޒާމް ހަމަޖެހެން ހުރިކަމުގައިވާނަމަ، މުދާ އަރުވައި ބާލަންވާނީ އެ ބިމުގެ ތެރޭގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މުދާ އެރުވޭނެ ގޮތެއް ނެތް ހާލަތެއްގައި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ހުއްދަ ހޯދުމަށްފަހު، އާންމުން ބޭނުންކުރާ މަގަކުން، އެފަރާތުން އަންގާ ގޮތެއްގެ މަތިން ތަކެތި އެރުވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން މުދާ އަރުވާނަމަ، މި ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) ގައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ފަދައިން އެ އިމާރާތެއް ހުރި ތަނެއްގެ ތެރެއިން މުދާ އަރުވައި ބޭލުމުގައި ބޭނުންކުރަނީ ލިފްޓް ގޮޅިއެއްނަމަ، ނުވަތަ ވައިގޮޅިއެއްނަމަ، އެފަދަ ތަނަކުން މުދާ އެރުވުމުގައި، ތިރީގައިވާ ފަދައިން އަމަލުކުރަންވާނެއެވެ.

  1. އިމާރާތްކުރުމުގެ މަސައްކަތް ނިމެންދެން، އެ ލިފްޓް ގޮޅި ނުވަތަ ވައިގޮޅި މުދާ ނޭރުވޭނެ ފަދަ ގޮތަކަށް ބަންދުނުކުރުން؛  
  2. މުދާ އަރުވާ ނުވަތަ މުދާ ބާލާ ފަންގިފިލަޔަށްވުރެ ތިރީގައި ހުންނަ ފަންގިފިލާތަކުގައި، ބިއްލޫރި ފަދަ، ފަސޭހައިން ހަލާކުވާ ބާވަތަކުން ހަދައިފައިވާ ބޮޑުދޮރާއި ކުޑަދޮރު، މުދާ އަރުވާ ނުވަތަ މުދާ ބާލާ ވައިގޮޅިއަށް ކަނޑައިފައިވާނަމަ، އެފަދަ ފަންގިފިލާތަކުގައިވާ ބޮޑުދޮރާއި ކުޑަދޮރު ފަދަ ތަންތަން، ފިލައިން ނުވަތަ އެފަދަ އެހެން އެއްޗަކުން ވަގުތީގޮތުން ބަންދުކުރުން؛
  3. މުދާ އަރުވާ ނުވަތަ ބާލާ ފަންގިފިލަޔަށްވުރެ ތިރީގައި ހުންނަ ފަންގިފިލާތަކުން، މުދާ އަރުވާ ނުވަތަ މުދާ ބާލާ ވައިގޮޅިއަށް އާނގައެއް ކަނޑައިފައިވާނަމަ، އެފަދަ އާނގަ، ފިލައިން ނުވަތަ އެފަދަ އެހެން އެއްޗަކުން ވަގުތީގޮތުން ބަންދުކުރުން؛

 

37 ވަނަ މާއްދާއިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު ބޯޑު ބެހެއްޓުން

އިމާރަތްކުރުމުގެ މަސައްކަތް ކުރާއިރު ތީރީގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން ބޯޑު ބަހައްޓަންވާނެއެވެ.

(ހ) އިމާރާތްކުރުމުގެ މަސައްކަތެއް އެ އިމާރާތެއްގެ އިމުގެ އެތެރޭގައި ކުރަން އެދޭނަމަ، ހުއްދަ ދޫކުރާ އިދާރާއިން ހުއްދަ ހޯދުމަށްފަހު، އެ މަސައްކަތް ކުރަންވާނީ، ހުއްދަ ދޫކުރާ އިދާރާއިން ދޫކޮށްފައިވާ "މަސައްކަތް ކުރިއަށްދާކަމުގެ" ނިށާނެއްޖެހި ބޯޑެއް ނުވަތަ އެފަދަ ލިޔުމެއް ލިޔެފައިވާ ބޯޑެއް އާންމުންނަށް ފެންނާނޭހެން އިމާރާތުގެ މަސައްކަތްކުރާ ސަރަހައްދާ ކައިރީގައި، އެހިސާބުގައި ހިނގާބިނގާވާ ފަރާތްތަކަށާއި ދުއްވާ އެއްޗެހީގައި ދަތުރުކުރާ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓައިގެންނެވެ.

(ށ) އިމާރާތުން މަގަށް ނެރެފައިވާ ބައެއްގެ މަތީގައި މަސައްކަތްކުރަން އެދޭނަމަ، ހުއްދަ ދޫކުރާ އިދާރާއިން ހުއްދަ ހޯދުމަށްފަހު، އެ މަސައްކަތް ކުރަންވާނީ، ހުއްދަ ދޫކުރާ އިދާރާއިން ދޫކޮށްފައިވާ "މަސައްކަތް ކުރިއަށްދާކަމުގެ" ނިށާނެއްޖެހި ބޯޑެއް ނުވަތަ އެފަދަ ލިޔުމެއް ލިޔެފައިވާ ބޯޑެއް އާންމުންނަށް ފެންނާނޭހެން އިމާރާތުގެ މަސައްކަތްކުރާ ސަރަހައްދާ ކައިރީގައި ބެހެއްޓުމާއެކު، މަތީގައި މަސައްކަތްކުރާކަން އަންގައިދޭ ނިށާނެއްޖެހި ބޯޑެއް ނުވަތަ އެފަދަ ލިޔުމެއް ލިޔެފައިވާ ބޯޑެއް، އެހިސާބުގައި ހިނގާބިނގާވާ ފަރާތްތަކަށާއި ދުއްވާ އެއްޗެހީގައި ދަތުރުކުރާ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓައިގެންނެވެ.

(ނ) އިމާރާތެއް ތަޅާލުމުގެ މަސައްކަތެއް ކުރަން އެދޭނަމަ، ހުއްދަ ދޫކުރާ އިދާރާއިން ހުއްދަ ހޯދުމަށްފަހު، މަސައްކަތް ކުރަންވާނީ، އެ ހުއްދަ ދޫކުރާ އިދާރާއިން ދޫކޮށްފައިވާ "ނުރައްކާ" މިހެން ލިޔެފައިވާ ބޯޑެއް އާންމުންނަށް ފެންނާނޭހެން، އިމާރާތުގެ މަސައްކަތްކުރާ ސަރަހައްދާ ކައިރީގައި ބަހައްޓައިގެންނެވެ.

(ރ) އިމާރާތުން ބައެއްގައި މީހުން ދިރިއުޅޭ އިމާރާތެއްގައި އިމާރާތްކުރުމުގެ މަސައްކަތެއް ހިނގަމުންދާ ސައިޓުގެ ތެރެއިން މީހުން ހިނގަންޖެހޭނަމަ، އަދި ހިނގާ ދިމާއިން މަތީގައި މަސައްކަތެއް ކުރާނަމަ ނުވަތަ އެ ދިމާއިން މުދާ އަރުވައި ބާލާނަމަ، އެތަނުގެ މަތީގައި މަސައްކަތްކުރާކަން އަންގައިދޭ ބޯޑެއް ނުވަތަ ނިށާނެއް، އެ ސައިޓުގެ ތެރެއިން ހިނގާ ފަރާތްތަކަށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އެގޮތުގެމަތިން ތަންފީޒުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަސް ހަމަވުމަށްފަހުގައެވެ.

 

38 ވަނަ މާއްދާއިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު ނުރައްކަލުން ސަލާމަތްވާނެ މަގުދެއްކުން

(ހ) އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމުގެ ސަބަބުން އިމާރާތުގެ ކައިރިން މަގުން ހިނގާ ފަރާތްތަކަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާކުރެވޭ ހާލަތްތަކުގައި، ނުރައްކައުތެރި ހިސާބު، ނުރައްކައުތެރިކަން އަންގައިދޭ ޓޭޕަކުން ބަންދުކޮށް، އެ ސަރަހައްދުގައި މީހުން ހިނގާބިނގާވެ އުޅުމަކީ ރައްކައުތެރިކަމެއް ނޫންކަން، އަނގަބަހުންނާއި އިށާރާތުން ބަޔާންކޮށްދޭން އެނގޭ މީހަކު ބަހައްޓަންވާނެއެވެ.

(ށ) އިމާރާތެއް ތަޅާލުމުގެ މަސައްކަތެއް ކުރުމުގެ ސަބަބުން، އިމާރާތުގެ ކައިރިން މަގުން ހިނގާ ފަރާތްތަކަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާކުރެވޭ ހާލަތްތަކުގައި، އެ ސަރަހައްދަކީ ރައްކައުތެރި ސަރަހައްދެއް ނޫންކަން އެންގުމަށްޓަކައި ނުރައްކައުތެރިކަން އަންގައިދޭ ޓޭޕަކުން އެ ސަރަހައްދު ބަންދުކުރުމާއެކު، އެ ސަރަހައްދުގައި މީހުން ހިނގާބިނގާވެ އުޅުމަކީ ރައްކައުތެރިކަމެއް ނޫންކަން، އަނގަބަހުންނާއި އިށާރާތުން ބަޔާންކޮށްދޭން އެނގޭ މީހަކު ބަހައްޓަންވާނެއެވެ.

(ނ) އިމާރާތުގެ ބައެއް މީހުން ބޭނުންކުރަމުން ދިއުމާއެކު، އިމާރާތްކުރުމުގެ މަސައްކަތެއް ހިނގާ ސައިޓު ތެރެއިން މީހުން ހިނގަންޖެހޭނަމަ، އަދި ހިނގާ ސަރަހައްދުގެ މަތީގައި މަސައްކަތްކުރާނަމަ، ނުވަތަ އެ ދިމާއިން މަސައްކަތަކަށް ބޭނުންވާ މުދާ އަރުވައި ބާލާނަމަ، އެ ސަރަހައްދަކީ ރައްކައުތެރި ސަރަހައްދެއް ނޫންކަން އެންގުމަށްޓަކައި ނުރައްކައުތެރިކަން އަންގައިދޭ ޓޭޕަކުން އެ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދުގައި މީހުން  ހިނގާބިނގާވެ އުޅުމަކީ ރައްކައުތެރިކަމެއް ނޫންކަން، އަނގަބަހުންނާއި އިށާރާތުން ބަޔާންކޮށްދޭން އެނގޭ މީހަކު ބަހައްޓަންވާނެއެވެ.

(ރ) އިމާރާތުގެ ބައެއްގައި މީހުން ދިރިއުޅުމާއެކު، އިމާރާތްކުރުމުގެ މަސައްކަތެއް ހިނގާ ސައިޓެއްގެ ތެރެއިން ހިނގަންޖެހިއްޖެނަމަ، އެ މީހުން ހިނގުމަށް ކަނޑައަޅައިފައިވާ މަގުތައް ދައްކާ ޗާޓު، މަސައްކަތްކުރާ ސަރަހައްދަށް ވަދެވޭ ހިސާބުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޗާޓުގައި މަސައްކަތް ކުރަމުންދާ ސަރަހައްދު ފާހަގަކޮށް، ރައްކައުތެރިނޫން ސަރަހައްދެއް އޮތްނަމަ، އެ ސަރަހައްދަކީ ރައްކައުތެރި ސަރަހައްދެއް ނޫންކަން އެނގޭގޮތަށް ފާހަގަކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - އިމާރާތްކުރުމުގެ މަސައްކަތުގެ ތެރޭގައި ދިމާވާ އެކްސިޑެންޓުތަކާ ގުޅޭގޮތުން އަމަލުކުރާނެ ގޮތް

(ހ) އިމާރާތްކުރުމުގެ މަސައްކަތެއްކުރާ ތަނެއްގައި އެކްސިޑެންޓެއް ހިނގައިފިނަމަ، ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެކަން ރިޕޯޓު ކުރަންވާނެއެވެ.

(ށ) އިމާރާތްކުރުމުގެ މަސައްކަތެއްކުރާ ތަނެއްގައި އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފިނަމަ، އެފަދަ އެކްސިޑެންޓާ ގުޅޭ މައުލޫމާތު ފުލުހުން މިނިސްޓްރީއަށް ދޭންވާނެއެވެ.

(ނ) އިމާރާތްކުރުމުގެ މަސައްކަތެއްކުރާ ތަންތަނުގައި ހިނގާ އެކްސިޑެންޓުތަކުގެ މައުލޫމާތު (އެކްސިޑެންޓް ހިނގި ތާރީހާއި، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، އެކްސިޑެންޓާ ގުޅިގެން އަމަލުކުރި ގޮތް) ކޮންޓްރެކްޓަރު ރިކޯޑުކޮށްފައި ބަހައްޓަންވާނެއެވެ. 

 

ތިންވަނަ ބާބު

ގަވާއިދާ ހިލާފުވުމުން އަމަލުކުރާނެ ގޮތާއި، އަޅާނެ ފިޔަވަޅު

40 ވަނަ މާއްދާ - ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމެއް ނުކޮށް ދޫކޮށްލުން

މި ގަވާއިދުގައި ކުރަންޖެހޭނެކަމަށް ކަނޑައަޅައިފައިވާ ކަމެއް ނުކޮށް ދޫކޮށްލުމަކީ މަނާކަމެކެވެ.  

 

41 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ވުމުން އަމަލުކުރަންވީގޮތް

(ހ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަމަކާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެކަން އެއްވެސް ފަރާތަކަށް ފާހަގަކުރެވިއްޖެނަމަ، އެކަން ފާހަގަކުރެވޭ ފަރާތަކުން، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ގަވާއިދާ ހިލާފަށް ކަމެއް ހިނގައިފިކަމުގެ މައުލޫމާތު އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކަށް އެންގުމުން، އެފަރާތުން އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާނަމަ، އެ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މައުލޫމާތެއް، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ލިބިއްޖެނަމަ، ނުވަތަ ގަވާއިދާ ހިލާފުވެފައިވާކަމަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ނުވަތަ މިނިސްޓްރީއަށް ށައްކުކުރެވިއްޖެނަމަ، އެފަދަ ތަނެއް ހުރީ މިގަވާދާ އެއްގޮތްވާ ގޮތުގެ މަތިން ކަން ނުވަތަ ނޫންކަން އިންސްޕެކްޓްކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ދަށުން މިނިސްޓްރީން ނުވަތަ އިމަރާތްކުރުމުގެ ހުއްދާ ދޫކުރާ އިދާރާއިން ކުރާ އިންސްޕެކްށަނުން އެފަދަ ތަނެއް ހުރީ މި ގަވާއިދާ އެއްގޮތަށް ނޫންކަމަށް ނުވަތަ އެފަދަ ތަނެއްގައި ނުރައްކާތެރި ހާދިސާ އެއް ހިނގާފާނެކަމަށް މިނިސްޓްރީން ކަނޑައަޅައިފިނަމަ އެފަދަތަނަކާމެދު އަމަލުކުރާނީ ތީރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

  1. ސަބަބުތައް ބަޔާންކޮށް، ރަނގަޅުކުރަންވީ ކަންތައްތައް ރަނގަޅުކުރުމަށް، މި ބާބުގައި ކަނޑައަޅާފައިވާގޮތަށް މުއްދަތެއް ކޮންޓްރެކްޓަރަށް ދީ އެ މުއްދަތުގެ ތެރޭގައި ރަނގަޅުކުރުމަށް އެންގުން؛
  2. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ އެންގުމުގައި، ސަބަބާއި ރަނގަޅުކުރަން ދެވޭ މުއްދަތު ބަޔާންކޮށް، ތާރީހު ޖަހައި، ސޮއިކޮށް، ތައްގަނޑު ޖަހައިފައި އޮންނަންވާނެއެވެ.
  3. މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ރަނގަޅުކުރަންވީ ކަންކަން ރަނގަޅުކުރުމާ ހަމައަށް، އެ ތަނެއްގެ ހާލަތު މިނިސްޓްރީން ނުވަތަ ހުއްދަ ދޫކުރާ އިދާރާއިން މޮނިޓަރކުރަމުން ގެންދިޔުން.

(ބ) މި މާއްދާގެ (ރ) ދަށުން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ތަނުގެ މަސައްކަތް ކުރިއަށް ދަނީ މި ގަވާއިދާ އެއްގޮތަށް ނޫންކަމަށް ނުވަތަ އެފަދަ ތަނެއްގައި ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެކަމަށް މިނިސްޓްރީން ކަނޑައަޅާ ހާލަތެއްގައި ވެރިފަރާތުން އެކަން ކަށަވަރުކުރަން ބޭނުންވެއްޖެނަމަ ތިރީގައިވާ ފަދައިން އަމަލުކުރެވިދާނެއެވެ.

  1. އެތަނަކީ ރައްކައުތެރިތަނެއްތޯ ބެލުމަށްޓަކައި "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އިންޖިނިއަރ/ އަރކިޓެކްޓެއް އެ މަސައްކަތެއްގެ ވެރިފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އައްޔަންކުރެވިދާނެއެވެ.
  2. މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އައްޔަންކުރާ ފަންނުވެރިޔާ، އެތަނެއް ބެލުމަށްފަހު، އެކުލަވައިލާ ސޮއިކޮށްފައިވާ ރިޕޯޓެއް 2 (ދޭއް) ހަފުތާގެ ތެރޭގައި، ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުމުން، އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ހުއްދަ ދޫކުރާ އިދާރާއިން ނިންމާފައި ނިންމުން މުރާޖައާކޮށް އެކަމާމެދު އަލުން ގޮތެއް ނިންމާ އެނިންމާ ގޮތެއް ވެރިފަރާތަށް އަންގަންވާނެއެވެ.

 

42 ވަނަ މާއްދާ - ދިމާވާ ނުރައްކާތެރި ހާދިސާތަކާމެދު އަމަލުކުރާނެ ގޮތް

(ހ)  އިމާރާތްކުރުމުގެ މަސައްކަތެއް ކުރެވެމުންދާ އެއްވެސް އިމާރާތެއްގައި ދިމާވާ ނުރައްކާތެރި ހާދިސާއަކާ ގުޅޭގޮތުން އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

  1. އިމާރާތްކުރުމުގެ މަސައްކަތް ވަގުތުން ހުއްޓައިލަން، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ނުވަތަ މިނިސްޓްރީން ކޮންޓްރެކްޓަރަށް އެންގުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ނުރައްކައުތެރިކަމެއް ދިމާވެއްޖެނަމަ، އެކަމެއް ދިމާވި ސަބަބާއި، އެކަމަކުން ސަލާމަތްވާނެ ގޮތްތައް ހިމެނޭ ރިޕޯޓެއް، 2 (ދޭއް) ހަފުތާގެ ތެރޭގައި ކޮންޓްރެކްޓަރު އެކުލަވައިލައި، އެ ރިޕޯޓުގައި ސޮއިކޮށްފައި ހުށަހެޅުމަށް ކޮންޓްރެކްޓަރަށް އެންގުން؛
  3. ބޯޑުން ނުވަތަ ބޯޑުން ކަނޑައަޅާ ފަރާތަކުން އެ ހާދިސާއެއް ތަހްގީގުކޮށް ރިޕޯޓެއް ތައްޔާރުކުރުން؛

(ށ) މި މައްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ރިޕޯޓުގައި ކަމައް ރަނގަޅުކުރަން ފެންނަކަމަށް ބަޔާންކޮށްފައިވާނަމަ އެކަމެއް ރަނގަޅުކުރުމަށް ރިޕޯޓުގައި ބަޔާންކުރާ ފަރާތަކަށް މިނިސްޓްރީން އެކަމައް ރަނގަޅުކުރުމަށް 14 ދުވަހުގެ މުއްދަތެއް ދީ އއެ ފަރާތުން އެކަން ކުރޭތޯ ޔަގީންކުރުން؛

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާފައިވާ އެންގުމަކާ އެއްގޮތްވާ ގޮތުގެ މަތިން އެ އެންގުމެއް ރައްދުވާ ފަރާތުން އަމަލުނުކޮށްފިނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި އެ ފަރާތެއް 5،000 (ފަސްހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އަދި މި މާއްދާގެ (ނ) ގެ ދަށުން އެފަރާތެއް ޖޫރިމަނާ ކޮށްފައިވާނަމަ ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، ޖޫރިމަނާ ކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އަދަދަށް އިތުރުކުރަމުން ގެންދިއުން ؛ އަދި

(ބ) ނުރައްކާތެރެ ހާދިސާއެއް ދިމާވެގެން މި މާއްދާގެ (ހ) ގެ ދަށުން މަސައްކަތް ހުއްޓާލުމަށް އަންގާފައިވާ އިމާރާތެއްގެ މަސައްކަތްކުރުމުގެ ހުއްދަ އަލުން ދޭންވާނީ މި މާއްދާގެ (ށ) ދަށުން މިނިސްޓްރީން ރަނގަޅުކުރުމަށް އަންގާ ކަންތައްތައް ރަނގަޅުކުރުމުންނެވެ. (ރ) މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ރިޕޯޓުގެ އިތުރުން، ބޯޑުން ނުވަތަ ބޯޑުން ކަނޑައަޅާ ފަރާތަކުން މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނުވަތަ ތަހުގީގުކުރުމަށްފަހު އެތަނާމެދު ގޮތެއް ނިންމުން.

 

43 ވަނަ މާއްދާ - ސަލާމަތީ ކަންކަމާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ސައިޓުގައި ހުންނަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަނުގައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅާ މަސައްކަތްކުރާނަމަ، ގަވާއިދާ ހިލާފުވެފައިވާ ކޮންމެ ކަމަކަށް ވަކިވަކިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. އެކަމެއް ރަނގަޅުކުރުމަށް 3 (ތިނެއް) ދުވަހުގެ މުއްދަތުދީފައި އެކަން އެންގުމާއެކު، ގަވާއިދާ ހިލާފުވި ކޮންމެ ކަމަކަށް ވަކިން 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެންމެ ބޮޑުވެގެން އެއްފަހަރާ 500،000 (ފަސްލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުން؛
  3. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، 14 (ސާދަ) ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުކުރުމަށް އަލުން އެންގުން؛
  4. މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އަދަދަށް އިތުރުކުރަމުން ގެންދިއުން ؛
  5. މި މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރުކޮށްދިނުންއެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަނުގައި ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރުމުގެ ސަބަބުން، އިންވެގެންހުރި ގޯއްޗަކަށް ނުވަތަ އިމާރާތަކަށް ނުވަތަ އިމާރާތުގެ ބަޔަކަށް ނުވަތަ މުދަލަކަށް ގެއްލުމެއްވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. އެކަމެއް ރަނގަޅުކުރުމަށް 3 (ތިނެއް) ދުވަހުގެ މުއްދަތުދީ، އެކަން ރަނގަޅުކުރުމަށް އެންގުމާއެކު، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، 25،000 (ފަންސަވީސްހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުން؛
  2. މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރަން ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، އެކަމެއް 14 (ސާދަ) ދުވަހުގެ މުއްދަތުގެ ތެރޭގައި ރަނގަޅުކުރަން އަލުން އެންގުން؛
  3. މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރަން ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓައިގެން އިތުރުވާ ކޮންމެ ދުވަހަކަށް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ކޮށްފައިވާ ޖުރިމަނާގެ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އަދަދަށް އިތުރުކުރަމުން ގެންދިއުން؛
  4. މި މާއްދާ (ށ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއެކު، އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރުކޮށްދިނުންއެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛

(ނ) މި މާއްދާގެ (ރ) އާއި (ބ) ގައިވާ ހާލަތު ފިޔަވައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަނުގައި ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރުމުގެ ސަބަބުން މީހަކަށް ގެއްލުމެއްވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. އެކަމެއް ރަނގަޅުކުރުމަށް 3 (ތިނެއް) ދުވަހުގެ މުއްދަތުދީފައި އެކަން އެންގުމާއެކު، ފުރަތަމަ ފަހަރު، 25،000 (ފަންސަވީސްހާސް) ރުފިޔާއާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، 14 (ސާދަ) ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުކުރުމަށް އަލުން އެންގުން؛
  3. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އަދަދަށް އިތުރުކުރަމުން ގެންދިއުން؛
  4. މި މާއްދާގެ (ނ) ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއި އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރުކޮށްދިނުންއެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛

(ރ) މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑަށް ނުފެތޭ ޕްލާންޓެއް ނުވަތަ މެށިނަރީއެއް ނުވަތަ އާލާތެއް އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1.  5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެކަމެއް ރަނގަޅުކުރުމަށް އަންގައި 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުން؛
  2. މި މާއްދާގެ (ނ) ގައިވާ ފަދަ ކަމެއް އެފަރާތުން 2 (ދޭއް) ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުކުރުމަށް އަލުން އެންގުން؛
  3. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޖޫރިމަނާކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އަދަދަށް އިތުރުކުރަމުން ގެންދިއުން؛
  4. މި މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، އެ ފައިސާ ދެއްކުމަށާއި އެކަން ރަނގަޅުކުރުމަށް އަމުރުކޮށްދިނުންއެދި މައްސަލަ ށަރީއަތަށް ފޮނުވުން.

 

44 ވަނަ މާއްދާ - އާންމު އަދަބު

ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެގެން ފިޔަވަޅު އަޅާނެގޮތެއް ބަޔާންކޮށްފައިނުވާ ކަންކަމާ ގުޅިގެން މި ގަވާއިދުގެ އެހެން މާއްދާއެއްގައި ވަކި ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، އެކަމަކާ ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޖޫރިމަނާކުރުމާއެކު، އެކަމެއް ރަނގަޅުކުރުމަށް އެންގޭނެއެވެ.

(ހ) -/000,5( ފަސްހާސް( ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެކަމެއް ރަނގަޅުކުރުމަށް އަންގައި 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދިނުން؛

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ކަމެއް އެފަރާތުން 2 (ދޭއް) ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުކުރުމަށް އަލުން އެންގުން؛

(ނ) މި މާއްދާގެ (ށ) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އެކަމެއް ރަނގަޅުކުރުމަށް ދޭ މުއްދަތުގައި އެކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، ރަނގަޅުނުކޮށް ބަހައްޓާ އިތުރު ކޮންމެ ދުވަހަކަށް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޖޫރިމަނާކޮށްފައިވާ އަދަދުގެ %3 (ތިނެއް އިންސައްތަ) ޖޫރިމަނާގެ އަދަދަށް އިތުރުކުރަމުން ގެންދިއުން؛

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އަދި އެކަމެއް ރަނގަޅުކޮށްފައިނުވާނަމަ، ޖުރިމަނާ ފައިސާއާއި އެ ޖުރިމަނާ ނުދެއްކުމުގެ ސަބަބުން އަރާ ފައިސާ ހޯދުމަށާއި، އެކަން ރަނގަޅުކުރުމަށް އަމުރުކޮށްދިނުމަށް އެދި މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

 

45 ވަނަ މާއްދާ - ފިޔަވަޅު އަޅާނެ ފަރާތް

މި ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފުވެގެން ކޮންޓްރެކްޓަރަށް އަންގަންޖެހޭ އެންގުންތައް އަންގައި އެކަންކަމާމެދު ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓްރީއަށާއި، މިނިސްޓްރީގެ ފަރާތުން ފިޔަވަޅު އެޅުމުގެ ބާރު ދީފައިވާ، ގަވާއިދާ ހިލާފުވެފައިވާ ތަން ހިމެނޭ ސަރަހައްދަށް ކަނޑައަޅައިފައިވާ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ވެސް ލިބިގެންވެއެވެ.

 

46 ވަނަ މާއްދާ - މަސައްކަތްކުރުން މަނާކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ސަލާމަތީ ފިޔަވަޅުތައް ނާޅާ މަސައްކަތްކުރާނަމަ، މި ބާބުގައިވާ މާއްދާތަކުގައިވާގޮތުގެ މަތިން ފިޔަވަޅު އެޅުމާއެކު، މި ގަވާއިދުގައިވާ ގޮތާ ހިލާފަށް ކޮށްފައިވާ ކަންތައްތައް، ގަވާއިދާ އެއްގޮތަށް ބަދަލުކުރަންދެން އެފަރާތްތަކުން އިމާރާތްކުރުމުގެ މަސައްކަތް ހުއްޓައިލުމަށް އެންގޭނެއެވެ.

 

47 ވަނަ މާއްދާމަސައްކަތް އަލުން ފެށުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރާނަމަ، މި ބާބުގައިވާ މާއްދާތަކުގައިވާގޮތުގެ މަތިން ފިޔަވަޅު އެޅުމާއެކު، މަސައްކަތް އަލުން ފެއްޓޭނީ ގަވާއިދާ ހިލާފުވެފައިވާ ކަންތައްތައް ، ގަވާއިދާ އެއްގޮތަށް ބަދަލުކުރުމާއެކު، ޖޫރިމަނާ ދެއްކުމުންނެވެ.

 

48 ވަނަ މާއްދާ - އިސްތިއުނާފުކުރުން

(ހ) އިމާރާތްކުރުމަށް ހުއްދަދޫކުރާ އިދާރާއަކުން ނުވަތަ މިނިސްޓްރީން މި ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލައި "މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފުކުރުމުގެ ގަވާއިދު" ގެ ދަށުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ގަވާއިދަކަށް އަމަލުކުރަން ފަށަންދެން، މި ގަވާއިދުގެ ދަށުން އިސްތިއުނާފުކުރުމަށް އެދި މިނިސްޓަރަށް ހުށަހެޅިދާނެއެވެ.

 

ހަތަރުވަނަ ބާބު

އިތުރު ކަންތައްތައ

49 ވަނަ މާއްދާއިމާރާތްކުރުވާ ފަރާތް ނުވަތަ ވެރިފަރާތުގެ ޒިންމާތައް

(ހ) އިމާރާތްކުރުމުގެ މަސައްކަތެއް ކުރުމުގައި މި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރުމުގެ ޒިންމާ އެހެން ފަރާތަކުން ނަގައިފައިނުވާނަމަ، މި ގަވާއިދުގައި ކޮންޓްރެކްޓަރުގެ ޒިންމާގެގޮތުގައި ކަނޑައަޅައިފައިވާ ކަންކަމަށް ޒިންމާވާނީ އިމާރާތުގެ ވެރިފަރާތް ނުވަތަ ތަނުގެ ވެރިފަރާތުންނެވެ.

(ށ) އިމާރާތުގެ ވެރިފަރާތަށް ނުވަތަ ތަނުގެ ވެރި ފަރާތަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ތަނުގައި ގަވާއިދާ ހިލާފަށް ކަމެއް ހިނގަމުންދާކަން އެނގިއްޖެނަމަ، ހުއްދަދޭ އިދާރާއަށް ނުވަތަ މިނިސްޓަރީއަށް އެކަން އަންގަންވާނެއެވެ.

 

50 ވަނަ މާއްދާ -  ގަވާއިދަށް އަމަލުކުރަން ފެށުމުން މާލޭ ޕްލޭނިންގ ގަވާއިދުގެ ޗެޕްޓަރ 3 އުވުން

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މާލޭ ޕްލޭނިންގ ގަވާއިދުގެ ޗެޕްޓަރ 3 އުވުނީއެވެ.

 

51 ވަނަ މާއްދާ -  މާނަކުރުން

އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މި ގަވާއިދުގެ ބޭނުމަށް މާނަކުރާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

(ހ) "ބަންދުވެފައިހުންނަ ތަންތަން" ކަމަށް ބުނެފައިވަނީ، ވަޅު، ވަކި އާނގައަކުން ވަދެ ނިކުމެވޭގޮތަށް ބަންދުކޮށްފައިހުންނަ ތާނގި، ޗަކަވަޅު، ކޮނެފައި ހުންނަ ވަޅުތައް، ބޮޑެތި ހޮޅި، ދުންހޮޅި، ޑަކްޓު، ފުރާޅާއި ސީލިންގާ ދެމެދު އަދި ބޭސްމަންޓް ފަދަ ތަންތަނުގައި ބަންދުކޮށްފައި ހުންނަ ކޮޓަރި ފަދަ ތަންތަން ހިމެނޭގޮތުންނެވެ. އަދި މީގެ އިތުރުން، އެކަށީގެންވާގޮތަށް ވައި ދައުރުނުކުރާ ތަންތަނާއި ވައިގައި އޮކްސިޖަން މަދު ތަންތަން ނުވަތަ ވައި ތަޣައްޔަރުވެފައި ހުންނަ ތަންތަންވެސް، މި މާނައިގެ ތެރޭގައި، މި ގަވާއިދުގެ ބޭނުމަށް ހިމެނޭނެއެވެ.

(ށ) "އިމާރާތްކުރާ ފަރާތް" ނުވަތަ "ކޮންޓްރެކްޓަރު" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގައި ބަޔާންކުރާ އިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.

  1. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛ 
  2. އިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛
  3. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއްކަމުގައިވާ ހާލަތުގައި:
    i .އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް؛
    ii .އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް.
  4. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛
  5. އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.

(ނ) "އިމާރާތްކުރަމުންދާ ތަންތަން" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ހިނގަމުންދާ ކޮންމެ ތަނަކަށެވެ. މި މާނައިގެ ތެރޭގައި، މަރާމާތުކުރާ ތަންތަނާއި، އާބާތުރަފިލުވުމުގެ މަސައްކަތްކުރާ ތަންތަނާއި، އެފަދަ މަސައްކަތެއް ކުރަން ފެށުމަށްފަހު އެއްކޮށް ނުނިމި ހުންނަ އިމާރާތުގެ ބައިތައްވެސް ހިމެނެއެވެ.

(ރ) "އިމާރާތްކުރުން" ކަމަށް ބުނެފައިއެވަނީ، ބިނާވެށީގައި ހިމެނޭ އިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމަށެވެ. ބިނާވެށީގައި ހިމެނެނީ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓުގެ ނިޒާމާއި ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.

(ބ) "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ތެރޭގައި ބޭނުންކުރާ ތަކެއްޗާއި އާލާތްތަކުގެ އިތުރުން، އިމާރާތްކުރަމުންދާ ތަނުގައި ހަރުކުރުމަށްޓަކައި ބޭނުންކުރެވޭ ތަކެތިވެސް ހިމެނޭ ގޮތަށެވެ.

(ޅ) "އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާ" ކަމަށް ބުނެފައިއެވަނީ، "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް އަމަލުކުރަން ފަށަންދެން މި ގަވާއިދުގެ ބޭނުމަށްޓަކައި ހުއްދަ ދޫކުރާ އިދާރާތައްކަމުގައި ބަލާނެ ތަންތަން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅައި އާންމުކޮށް އަންގައި އިއުލާނުކުރާ ތަންތަނަށެވެ. 

(ކ) "އިނަރށިއަރ ރީލް ސިސްޓަމް" ކަމަށް ބުނެފައިއެވަނީ، ވައު އޮޅޭގޮތަށް ހަދައި، ބާރު ދުވެލީގައި ވައު ނިއުޅެމުންދާކަމުގައިވާނަމަ ތަޅުލެވޭ ޒާތުގެ ނިޒާމަށެވެ.

(އ) "މިނިސްޓްރީ" ނުވަތަ "ވުޒާރާ" ކަމަށް ބުނެފައިއެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ވ) "ފެށިއާ" ކަމަށް ބުނެފައިއެވަނީ، ފުރާޅުގެ ބަރު އުފުލުމަށް ނުވަތަ ހަރުކުރުމަށް ފުރާޅުގެ ދަށުގައިވާ ބައިތައް ފޮރުވުމަށްޓަކައި ފުރާޅުގެ އަރިމަތިތަކުގައި އަޅައިފައިވާ ފަތި ފިލާގަނޑަށެވެ.

(މ) "ލޭންޔާރޑް" ކަމަށް ބުނެފައި އެވަނީ، އެއްޗެއް ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ ވާގަނޑަށެވެ.

(ފ) "ގެންޓްރީ" ކަމުގައި ބުނެފައި އެވަނީ، ހިނގާބިނގާވެއުޅޭ މީހުންނާއި މުދަލާއި ތަކެތި، އިމާރާތްކުރަމުންދާ ތަނުން އެއްޗެއް ވެއްޓޭހިނދެއްގައި، ރައްކައުތެރިކުރުމަށް މަތިހިޔާކޮށް ހަދައިފައިހުންނަ ވަރުހުރި ބިތްގަނޑަށް ނުވަތަ ސްޓްރަކްޗަރަށެވެ.

(ދ) "ސަވާޖީ" ކަމަށް ބުނެފައިވަނީ، މުދާ އަރުވައި ބާލާއިރު، ނުވަތަ ބަރުއެއްޗެހި އުފުލާއިރު، އޭގައި ބެއްދުމަށް ބޭނުންކުރާ، ދެކޮޅު ގުޅުވައިފައި އޮންނަ ފަލަ ވާގަނޑަށެވެ.

(ތ) "މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ މަސައްކަތު މީހުން" ކަމަށް ބުނެފައިއެވަނީ، އެކިއެކި މަސައްކަތްކުރުމަށް ކޮންޓްރެކްޓަރު އައްޔަނުކުރާ އެފަރާތުގެ މުވައްޒަފުން ނޫން ފަރާތްތަކަށެވެ. މިސާލަކަށް: ކަރަންޓު ވަޔަރު ޓެސްޓުކުރުމަށްޓަކައި ފައިސާދީގެން ހަމަޖައްސާ ފަރާތެއް.

(ލ) "ހެޒެޑަޒް ސަބްސްޓަންސް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއްގެ ޒާތުން މީހަކަށް، ނުވަތަ ޖަނަވާރަކަށް، ނުވަތަ ތިމާވެއްޓަށް އެ އެއްޗެއް އެކަނި ނުވަތަ އެ އެއްޗެއް އެހެން އެއްޗަކާ އެއްވުމުގެ ސަބަބުން ގެއްލުމެއްދޭ ތަކެއްޗަށެވެ. މިސާލަކަށް: އެސްބެސްޓޯސް، ލެޑް ހިމެނޭ ކުލަ ނުވަތަ ދަވާދު ފަދަ ތަކެތި މިބާވަތުގެ ތަކެތީގެ ތެރޭގައި ހިމެނޭނެއެވެ.

(ގ) "ސްކެފޯލްޑިންގ" ކަމަށް ބުނެފައި އެވަނީ، އިމާރާތެއްގެ ބޭރުގައި މަސައްކަތްކުރުމަށްޓަކައި ލަކުޑިއާއި ދަގަނޑު ބޭނުންކޮށްގެން އަޅާ ވަގުތީ އަށްޓަށެވެ.

(ޏ) "ސޭފްޓީ ހާރނެސް" ކަމަށް ބުނެފައި އެވަނީ، މީހަކު ވެއްޓުނަނުދިމަށްޓަކައި ބެލްޓު ނުވަތަ މިފަދަ ހިފެހެއްޓުމެއްވާ ޒާތުގެ މިނޫންވެސް ތަކެތި ހިމެނޭގޮތަށް ހަދައިފައިވާ ނިޒާމަކަށެވެ.

(ސ) "ސްޓެޓިކް ލައިން" ކަމަށް ބުނެފައި އެވަނީ، މަސައްކަތްކުރާ މީހާ ވެއްޓުނަ ނުދިނުމަށް ބޭނުންކުރާ ސަލާމަތީ ބެލްޓް ނިޒާމުގައި ހިމެނޭ އެ މީހާގެ ގައިގައި ހަރުކޮށްފައިވާ އެ ނިޒާމާ ގުޅިފައިވާ ވާގަނޑު އަޅުވައިފައިވާ ވާގަނޑަށެވެ. އެގޮތުން ސްޓެޓިކް ލައިންގެ ދެކޮޅު ހުންނަންވާނީ ވަރުހުރި ތަނެއްގައި ރަނގަޅަށް ހަރުކޮށްފައެވެ.

(ޑ) "ޕެރަށޫޓް ސޭފްޓީ ހާރނެސް" ކަމަށް ބުނެފައި އެވަނީ، ވެއްޓެންދާ ފަރާތެއް ސަލާމަތްވާނެ ފަދަޔަކުން މަޑުމަޑުން ވެއްޓޭނެގޮތަކަށް ތައްޔާރުކޮށްފައިވާ ސަލާމަތީ ނިޒާމަކަށެވެ.

(ޒ) "ކޮންޓްރޯލްޑް ކޮލަޕްސް ޑިމޮލިށަން" ކަމަށް ބުނެފައި އެވަނީ، ތަނެއް ގަސްތުގައި ތަޅާލުމަށެވެ. އެގޮތުން ގޮވާޒާތުގެ ތަކެއްޗާއި ހަލާކުކުރުމަށް ހާއްސަކޮށް ހަދައިފައިވާ ޕްލާންޓް، ނުވަތަ މެށިނަރީ ނުވަތަ އާލާތް ބޭނުންކޮށްގެން ތަނެއް ތަޅާލުމެވެ.

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު