-

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-999)

 

އެއްވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިގަވާއިދަކީ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތއް ރަޖިސްޓަރީކުރުމާ ގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 ވަނަ މާއްދާގެ (ހ) ގެ 13 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފއިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އިމާރާތް ކުރުމާ ގުޅޭގޮތުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާކުރުމުގެ ގޮތުން ހުއްދަ ދޫކުރާ އިދާރާތަކުގައި ހުންނަންވީ ހަމަތަކާއި މިންގަނޑުތަކާއި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން؛

(ށ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް މިނިސްޓްރީގައި ރަޖިސްޓަރީކުރާނެ އިޖުރާއަތުތައް ކަނޑައެޅުމާއި އިންތިޒާމްކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން؛

(ނ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރުމާއި ގިންތިއަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ގިންތިތަކުގައި ރަޖިސްޓަރީވާ ފަރާތްތައް އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން؛

(ރ) ރަޖިސްޓަރީކޮށް ގިންގިކުރެވޭ އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާތަކުގެ މަސްއޫލިއްޔަތު ކަނޑައެޅުން؛

(ބ) އިމާރާތްކުރުމުގެ ހުއްދަދޭ އިދާރާތަކުގެ ރަޖިސްޓަރީ ބާތިލުކުރެވޭނެ ހާލަތްތައް ބަޔާންކުރުން؛ އަދި 

(ޅ) ރަޖިސްޓަރީ ކޮށްފައިވާ، އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކާ ގޮޅޭގޮތުން މައްސަލަ ހުށަހަޅާނެ ގޮތާއި އެފަދަ މައްސަލަ ބެލޭނެ ގޮތް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ތަންފީޒުކޮށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީކުރާނީ އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. 

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. 

 

5 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ހ) "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ" ނުވަތަ "ހުއްދަ ދޫކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ،  އިމާރާތްކުރުމުގެ މަސައްކަތްތަކަށް ހުއްދަ ދިނުމާއި، އިމާރާތް ބޭނުންކުރުމަށް ހުއްދަދިނުމާއި، އެ މަސައްކަތްތައް ބެލުމާއި، ކަމާ ގުޅޭ އެކިއެކި މައްސަލަތައް ބެލުމަށް މިނިސްޓްރީން ހުއްދަދީފައިވާ އިދާރާތަކަށެވެ. 

(ށ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަކުރެވޭ، ހުއްދަ ދޫކުރާ އިދާރަތަކުގެ މައުލޫމާތު އެކުލެވޭ ގޮތަށް މިނިސްޓްރީން ލިޔެ ބަލަހައްޓާ ދަފުތަރަށެވެ. 

(ނ) "މިނިސްޓްރީ" ކަމަސް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "ޓެކްނިށަނެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި އިމާރާކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އެ ފަރާތެއް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތްތަކަށެވެ. 

(ބ) "ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުއްދަދެވިފައިވާ ފަރާތަކާ ބެހޭގޮތުން ކޮށްފައިވާ ށަކުވާއަކާ ގުޅިގެން ބެލޭ ބެލުމަކުން ނުވަތަ އެއިން ފަރާތެއްގެ އަމަލުތަކާމެދު ބެލޭ ބެލުމަކުން ނިންމޭ ނިންމުމަކަށެވެ. 

(ޅ) "އިމާރާތް އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަދަ މަގްސަދެއް ހާސިލުކުރުމަށްޓަކައި އިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން އެ މަސައްކަތް ކުރާ ގޮތަށް ފާޑުކިޔައި، ކޮންޓްރޯލްކޮށް އަދި ބެލެހެއްޓުމަށެވެ. 

  1. އެ މަސައްކަތެއް ކުރެވެނީ އެކަށީގެންވާ ފެންވަރަކަށްތޯ ބެލުމަށް؛
  2. އެ މަސައްކަތެއް ކުރެވެނީ އެ މަސައްކަތެއް ކުރުމަށް ދީފައިވާ ހުއްދައާ އެއްގޮތަށްތޯ ބެލުމަށް؛

(ކ) "މޮނިޓަރ ކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ މަސައްކަތް ހިނގަމުންދާގޮތާއި، އިމާރާތްތައް ބޭނުން ކުރަމުންދާ ގޮތް ބެލެހެއްޓުމެވެ. 

(އ) "އިމާރާތްކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އަށެވެ. 

 

 

ދެވަނަ ބާބު

ރަޖިސްޓަރީ ކުރުން

 

6 ވަނަ މާއްދާ - ރަޖިސްޓަރީކޮށްގެން މަސައްކަތްކުރުން

(ހ) އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއިން ކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ އެއްވެސް މަސައްކަތެއް ކުރަންވާނީ މި ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، އިމާރާތްކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތަކާއި، އިމާރާތް ބޭނުންކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތަކާއި، އިމާރާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިދާރާތައް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރެވެންދެން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތަކެއް ކަމުގައި ބެލޭނެއެވެ. 

 

7 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ "ހުއްދަ ދޫކުރާ އިދާރާތައް"

މި ގަވާއިދުގެ ދަށުން "ހުއްދަ ދުކުރާ އިދާރާ" ގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ، އިމާރާތްކުރުމުގެ ހުއްދަދޭން ހަވާލުކޮށްފައިވާ ތަންތަނާއި، އިމާރާތް ބޭނުންކުރުމުގެ ހުއްދަދޭން ހަވާލުކޮށްފައިވާ ތަންތަނާއި، އިމާރާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވުޒާރާތަކާއި ކައުންސިލްތަކާއި އޮތޯރިޓީތަކާއި ކޯޕަރޭށަންތަކާއި އިދާރާތަކެވެ.

 

8 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ ހުއްދަ ދޫކުރާ އިދާރާތަކުގެ އިހްތިސާސް

(ހ) މި ގަވާއިދުގެ ބޭނުމަށް ހުއްދަ ދޫކުރާ އިދާރާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭނީ، އެ ހުއްދަ ދޫކުރާ އިދާރާތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށްރަށާއި، އަވަށްއަވަށާއި، ފަޅުތަކާއި އަދި ގާނޫނަކުން އެފަދަ އިދާރާއެއްގެ އިހްތިސާސް ހިނގާކަމަށް ކަނޑައަޅައިފައިވާ އެންމެހައި ތަންތަނެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކުން އިސްތިސްނާވާ ތަންތަން ހުއްދަދޭ އިދާރާތަކުގެ އިހްތިސާސްގެ ތެރޭގައެއް ނުހިމެނޭނެއެވެ. 

 

9 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށްޓަކައި މި ގަވާއިދުގެ ދަށުން މިނިސްޓްރީން އާންމުކުރާ "އިމާރާތްކުރމުގެ ހުއްދަ ދޫކުރާ އިދާރާ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު" މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމެއް ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ މުއްދަތުގެ ތެރޭގައި މިނިސްޓްރީން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ. އަދި ރަިސްޓަރީ ކުރެވެން ނަތް ނަމަވެސް، ސަބަބަު ބަޔާންކޮށް، 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އިދާރާއަކަށް އެކަން އަންގަންވާނެއެވެ. 

 

10 ވަނަ މާއްދާ - ހުއްދަދިނުމާއި ރަޖިސްޓަރީ ކުރުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން މިނިސްޓްރީން ބެލުމަށްފަހު 10 (ދިހައެއް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީކޮށް ދެވެންހުރި އިދާރާތައް "އިމާރާތްކުރުމާ ގުޅޭ ހުއްދަ ދޫކުރާ އިދާރާ" އެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީކޮށް ގިންތި ކުރުމަށްފަހު، ރަޖިސްޓަރީކުރިކަމުގެ ލިޔުން މިނިސްޓްރީން ދޫކުރަންވާނެއެވެ. 

(ށ) ހުއްދަ ދޫކުރާ އިދާރާތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓަރީކުރެވުމުން، އެ އިދާރާއަކުން މިނިސްޓްރީއަށް ހުށަހަޅާ މައުލޫމާތުގެ ތެރެއިން، ތިރީގައިވާ މައުލޫމާތުތައް 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އާންމުކުރަންވާނެއެވެ. 

  1. ރަޖިސްޓަރީކުރެވުނު އިދާރާގެ ނަން؛
  2. އެ އިދާރާ ރަޖިސްޓަރީ ކުރެވުނު ތާރީހު؛
  3. އެ އިދާރާ ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛
  4. ހުއްދަ ދޫކުރާ އިދާރާ، ހުއްދަ ދިނުމަށް ކަނޑައަޅައިފައިވާ އިހްތިސާސް.

 

ތިންވަނަ ބާބު

ހުއްދަ ދޫކުރާ އިދާރާތައް ގިންތި ކުރުން

 

11 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރުން

(ހ) މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެުޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) މަސްދުވަހުގެ ތެރޭގައި، ހުއްދަ ދޫކުރާ އިދާރާތައް މިނިސްޓްރީން ގިންތިކުރަންވާނެއެވެ. 
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން ގިންތިކުރުމުން، ހުއްދަ ދޫކުރާ އިދާރާއަށް ކުރެވޭނީ، އެ ހުއްދަ ދޫކުރާ އިދާރާއެއް ހިމެނޭ ގިންތިއެއްގެ މަސައްކަތްތަކެވެ،

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަޖިސްޓަރީ ކުރާ އިދާރަތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ވަކި ގިންތިއެއްގައި ރަޖިސްޓަރީ ކުރެވެންދެން އެ އިދާރާތަކަށް ހުއްދަދީފައިވާ މަސައްކަތްތައް ކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. 

 

12 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ ގިންތިތައް

(ހ)  މި ގަވާއިދުގެ ދަށުން ހުއްދަ ދޫކުރާ އިދާރާތައް ގިންތިކުރެވޭނީ 2 (ދޭއް) ގިންތިއެއްގެ މައްޗަށެވެ. 

(ށ) ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީކުރެވޭ ގިންތިތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ގިންތި 1 (އެކެއް)
  2. ގިންތި 2 (ދޭއް)

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ގިންތިތަކުގައި ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީން ހުޅުވާލައިލާންވާނެއެވެ. 

 

13 ވަނަ މާއްދާ - ގިންތިތައް ކަނޑައެޅުމުގެ ށަރުތުތައް

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުއްދަ ދޫކުރާ އިދާރާއެއްގެ ގިންތި ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބަލަންވާނެއެވެ. 

  1. ގިންތި ކުރުމަށް އެދި ހުށަހަޅާ އިދާރާއަކީ އިމާރާތްކުރުމުގެ ހުއްދަތަކާއި އިމާރާތް ބޭނުންކުރުމުގެ ހުއްދަތަކާއި އިމާރާތްތައް މޮނިޓަރ ކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނުވަތަ އަލަށް ހަވާލުކުރާ އިދާރާއެއްކަމުގައި ވުން؛
  2. ގިންތި 1 (އެކެއް) ގައި ރަޖިސްޓަރީވާން އެދޭ އިދާރާއެއްގައި މި ގަވާއިދުގެ ދަށުން ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމުގެ ހަވާލުކޮށްފައިވާ ޓެކްނީށަނެއް ހުރުން. 

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން ޓެކްނީށަނެއް ނެތް އިދާރާއެއް ރަޖިސްޓަރީކުރެވޭނީ ގިންތި 2 (ދޭއް) ގައެވެ. 

 

14 ވަނަ މާއްދާ - ޓެކްނީށަންގެ ށަރުތުތައް

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއެއްގައި މަސައްކަތްކުރާ ޓެކްނިށަނެއްގެ ކިބައިގައި ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) އިމާރާތްކުރުމާ ގުޅޭ ދާއިރާއަކުން ދަށްވެގެން "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 

(ށ) "ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު" ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި، މިނިސްޓްރީން ތަމްރީނެއް ނުވަތަ އިމްތިހާނެއް ފުރިހަމަކުރަން ޖެހޭނެކަމަށް ކަނޑައަޅާފައިވާނަމަ، އެ ތަމްރީނެއް ނުވަތަ އިމްތިހާނެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވުން.

(ނ) އެ އިދާރާއެއްގެ ދާއިމި މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތެއްކަމުގައި ވުން. 

 

15 ވަނަ މާއްދާ - ގިންތިކުރުން

(ހ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން ވަކި ގިންތިއެއްގައި ރަޖިސްޓަރީކުރުމުގެ ފުރުސަތު ހުޅުވައިލުމުން، ހުއްދަ ދޫކުރާ އިދާރާއެއްގެ ގިންތި ބަދަލުކުރަން އެދޭނަމަ، ތިރީގައިވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

  1. މި ގަވާއިދުގެ ދަށުން މިނިސްޓްރީން އާންމުކުރާ "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ ރަޖިސްޓަރީކުރުމަށް އެދޭ ފޯމު"؛
  2. އެ އިދާރާއެއްގައި މަސައްކަތް ކުރުމަށް ހަމަޖައްސައިފައިވާ ޓެކްނީށަނެއް ހުރިނަމަ، އެ ޓެކްނިށަނާއެކު އެ މަސައްކަތެއް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ކޮޕީ؛
  3. އެ އިދާރާއެއްގައި މަސައްކަތް ކުރުމަށް ހަމަޖައްސައިފައިވާ ޓެކްނީށަނެއް ހުރިނަމަ އެ ޓެކްނީށަނުގެ ތައުލީމީ ސެޓުފިކެޓުގެ ކޮޕީ؛
  4. އެ އިދާރާއެއްގައި މަސައްކަތް ކުރުމަށް ހަމަޖައްސައިފައިވާ ޓެކްނީށަނަކީ މިނިސްޓްރީން ކަނޑައަޅާ ވަކި ތަމްރީނެއް ފުރިހަމަ ކޮށްފައިވާ ހުންނަންޖެހޭ ފަރާތެއްނަމަ، ތަމްރީނު ހާސިލުކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީ؛
  5. އެ އިދާރާއެއްގައި މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ޓެކްނީށަނަކީ މިނިސްޓްރީން ކަނޑައަޅާ ވަކި އިމްތިހާނަކުން ފާސްވެފައިވާ ފަރާތެއްނަމަ، އެ އިމްތިހާނަކުން ފާސްވެފައިވާ ކަމުގެ ލިޔުމުގެ ކޮޕީ؛
  6. އެ އިދާރާއެއްގެ ބައެއް މަސައްކަތްތައް ކުރުމަށް އެހެން އިދާރާއެއް އައްޔަނުކޮށްފައިވާނަމަ، ދެ އިދާރާގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ކޮޕީ. މި އެއްބަސްވުމުގައި ތިރީގައިވާ ކަންކަން ބަޔާންކޮށްފައިވާ އޮންނަންވާނެއެވެ. 
    1. މަސައްކަތް ހަވާލުކުރާ އިދާރާގެ ތަފުސީލު؛
    2. މަސައްަކތް ހަވާލުވާ އިދާރާގެ ތަފުސީލު؛
    3. ހަވާލުކުރާ މަސައްކަތްކަތުގެ ތަފުސީލު. 
    4. މަސައްކަތް ހަވާލުވާ އިދާރާއިން މަސައްކަތް ހަވާލުކުރާ އިދާރާގެ މަސައްކަތްތަކަށް އައްޔަންކުރާ ޓެކްނީށަނާއި އިތުރު އެހެން ފަރާތްތަކުގެ މައުލޫމާތު.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގިންތި ބަދަލުކުރުމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުމެއް ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ. އަދި ގިންތި ބަދަލުކުރެވެން ނެތްނަމަވެސް، ސަބަބު ބަޔާންކޮށް، 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އިދާރާއަކަށް އެކަން އަންގަންވާނެއެވެ. 

 

16 ވަނަ މާއްދާ - ގިންތިތަކުގައި ރަޖިސްޓަރީ ކުރެވޭ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ އިދާރާތައް ރަޖިސްޓަރީ ކުރެވޭނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަޖިސްޓަރީކޮށްފައިވާ ގިންތީގެ ށަރުތެއް، ހުއްދަ ދޫކުރާ އިދާރާގެ ކިބައިން އުނިވެއްޖެނަމަ، މިނިސްޓްރީއަށް އެކަން އަންގަންވާނެއެވެ. އަދި ހުއްދަ ދޫކުރާ އިދާރާއިން ހުށަހަޅާ ލިޔެކިއުމަށް ބެލުމަށްފަހު ދެން އެފަރާތް ށަރުތު ފުރިހަމަވާ ގިންތިއެއްގައި ރަޖިސްޓަރީ ކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގިންތި ކޮށްފައިވާ އިދާރާއެއްގެ ށަރުތެއް އުނިކުރުމަށްފަހު، އެ އިދާރާއެއް ށަރުތު ފުރިހަމަވާ އެހެން ގިންތިއެއްގައި ރަޖިސްޓަރީ ކުރެވެންދެން އެ އިދާރާއަކުން ހުއްދަ ދޫކުރުން ހުއްޓައިލަންވާނެއެވެ. 

 

17 ވަނަ މާއްދާ - ގިންތި ބަދަލުވުން

(ހ) ގިންތި 1 (އެކެއް) ގައި ރަޖިސްޓަރީ ކޮށްފައިވާ އިދާރާއަކަށް އެއްވެސް ސަބަބކާހުރެ ޓެކްނީށަނެއް ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. 

(ށ) ގިންތި (1) ގައި ރަޖިސްޓަރީ ކޮށްފައިވާ އިދާރާއަކަށް އެއްވެސް ސަބަބަކާހުރެ ޓެކްނީށަނެއް ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ އިސާރާއަކަށް ދެވިފައިވާ ގިންތި 1 (އެކެއް) ގެ ރަޖިސްޓަރޭށަން ބާތިލު ކުރެވޭނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެކަން މިނިސްޓްރީއަށް އަންގާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ދަފްތަރުން އެ އިދާރާއެއް 2 (ދޭއް) ވަނަ ގިންތިއަށް ބަދަލުކޮށް، އެ ގިންތީގައި އެ އިދާރާއެއް ރަޖިސްޓަރީކޮށް، ރަޖިސްޓަރީ ކުރި ކަމުގެ ލިޔުން ދޭންވާނެއެވެ. 

(ރ) ގިންތި 2 (ދޭއް) ގައި ރަޖިސްޓަރީ ކޮށްފައިވާ އިދާރާއަކުން ގިންތި 1 (އެކެއް) ގައި ރަޖިސްޓަރީވާން ބޭނުންވެއްޖެ ހާލަތެއްގައި، މިނިސްޓްރީއަށް ހުށަހެޅުމުން، ގިންތި 1 (އެކެއް) ގައި ރަޖިސްޓަރީވުމަށް އެ ހުއްދަ ދޫކުރާ އިދާރާއެއްގައި މި ގަވާއިދުގެ 13 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައިވާ ށަރުތުތައް ފުރިހަމަވާނަމަ، އެ ހުއްދަ ދޫކުރާ އިދާރާއެއް، ގިންތި 1 (އެކެއް) ގައި ރަޖިސްޓަރީކޮށް، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޭންވާނެއެވެ. 

 

18 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާތަކުގެ ގިންތިތަކުގެ ދަފުތަރު އެކުލަވައިލުން

(ހ) މި ގަވާއިދު ތަންފީޒުކުރަން ފަށާތާ 15 (ފަނަރަ) މަސްދުވަހުގެ ތެރޭގައި (ހުއްދަ ދޫކުރާ އިދާރާތަކުގެ ދަފުތަރު" މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. 

(ށ) މިނިސްޓޤރީން އާންމުކުރާ ދަފުތަރުގައި އެއްވެސް އިދާރާއެއް ހިމެނިފައި ނުވާކަން ނުވަތަ އެ އިދާރާއެއް ގިންތި ކުރުމުގައި މައްސަލައެއް އޮތްކަން ފާހަގަވެއްޖެނަމަ، މިނިސްޓޤރީން ދަފުތަރު އާންމު ކުރާތާ ބަންދުނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓީއަށް އެންގުމަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ. 

 

19 ވަނަ މާއްދާ - ހުއްދަ ދޫކުރާ އިދާރާތަކުގެ ގިންތީގެ ދަފުތަރު އާންކުރުން

ހުއްދަ ދޫކުރާ އިދާރާތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގިންތިކުރެވުމުން، އެ އިދާރާއަކުން މިނިސްޓްރީއަށް ހުށަހަޅާ މައުޅުމާތުގެ ތެރެއިން، ތިރީގައިވާ މައުލޫމާތުތައް މިނިސްޓްރީން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އާންކުރަންވާނެއެވެ. 

(ހ) ހުއްދަ ދޭ އިދާރާގެ ނަން؛

(ށ) ހުއްދަ ދޭ އިދާރާއަށް ކަނޑައަޅައިފައިވާ ގިންތި؛

(ނ) ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛

(ރ) ހުއްދަ ދޫކުރާ އިދާރާގެ ޓެކްނީށަނެއްގެ ގޮތުގައި މަސައްކަަތް ކުރާ ފަރާތްތަކުގެ ނަން؛ އަދި

(ބ) ހުއްދަ ދޫކުރާ އިދާރާއަށް ދޫކޮށްފައިވާ ހުއްދައިގެ ނަންބަރު.

 

20 ވަނަ މާއްދާ - ގިންތިތަކުން ކުރެވޭނެ މަސައްކަތް

(ހ) މި މާއްދާގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ އިތުރުން ހުއްދަދޭ އިދާރާތަކުގެ ތެރެއިން، ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރަންވާނީ، ހަމައެކަނި ގިންތި 1 (އެކެއް) ގައި ރަޖިސްޓަރީވެފައިވާ އިދާރާތަކެވެ. 

  1. އިމާރާތަކަށް ނުވަތަ ތަނަކަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އިމާރާތަކަށް ނުވަތަ ތަނަކަށް ބަދަލެއް ގެނސްފައިވާކަން އެނގިއްޖެނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛
  2. އިމާާރާތްކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން މަސައްކަތް ގަބޫލުކުރާކަމުގެ ލިޔުން ދޫކުރުން؛
  3. ކުރަމުންދާ ނުވަތަ ކޮށް ނިންމާފައިވާ އިމާރާތްކުރުމުގެ މަސައްކަތްތައް ބަލައި ޗެކުކުރުން.

(ށ) ގިންތި 2 (ދޭއް) ގައި ރަޖިސްޓަރީވެފައިވާ އިދާރާތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ފިޔަވައި، މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޭންޖެހޭ ހުއްދަތައް ދީ، އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ. 

(ނ) ގިންތި 2 (ދޭއް) ގައި ރަޖިސްޓަރީކޮށްފައިވާ އިދާރާއަކުން ނުކުރެވޭ މަސައްކަތްތައް މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮފައިވާ ފަދައިން ގިންތި 1 (އެކެއް) ގައި ރަޖިސްޓަރީ ވެފައިވާ އިދާރާއަކަށް ހުށަހަޅައިގެން ކުރެވިދާނެއެވެ. 

 

ހަތަރުވަނަ ބާބު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތަކުގެ ޒިންމާތަކާއި، އެ އިދާރާތަކުން އަމަލު ކުރަންވީ ގޮތް

 

21 ވަނަ މާއްދާ - ހުއްދަދޭ އިދާރާގެ މަސްއޫލިއްޔަތު

ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ތިރީގައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ. 

(ހ) ހުއްދަދޭ އިދާރާތަކުން އިމާރާތްކުރުމާ ގުޅޭ ހުއްދަތައް ދިނުމުގައި އަމަލުކުރަންވާނީ އިމާރާތްކުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީންނެވެ. 

(ށ) ހުއްދަ ދޫކުރާ އިދާރާއަށް އިމާރަށްކުރުމުގެ ގާނޫނުގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުންތައް، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ކަނޑައެޅޭ ގަވާއިދުތަކާ އެއްގޮތްވާވާގޮތުގެ މަތިން ބަލައި ޗެކްކުރުމަށްފަހު ހުއްދަތައް ދިނުމާއެކު، ކޮންމެ މަހެއް ނިމުމުން، އެ މަހެއްގައި ހުށަހަޅައިފައިވާ ލިޔެކޔުމުގެ ކޮޕީ، މަސްނިމޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

(ނ) ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅޭ މައްސަލަތަކުގެ ސައްހަކަން ދެނެގަތުމާއި، އެ މައްސަލަތަކަށް އިސްލާހީ ފިޔަވަޅު އެޅުމަށް ކަމާ ގުޅޭ އިދާރާތަކާއެކު މަސައްކަތްކޮށް އެކަންކަން ހައްލުކޮށްދޭންވާނެެއެވެ. 

(ރ) މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އިމާރާތްކުރުމުގެ މޮނިޓަރިން މަސައްކަތްކުރަންވާނެއެވެ. 

(ބ) އިމާރާތްކުުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފަށް އިމާރާތްކުރމުގެ މަސައްކަތެއް ނުވަތަ އަމަލެއް ހިންގަމުންދާ ކަމަށް ހުއްދަ ދޫކުރާ އިދާރާއަކަށް ފާހަގަ ވެއްޖެނަމަ، ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ، އިމާރާތްކުުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ކަނޑައަޅައިފައިވާ ގަވާއިދުތަތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ. 

(ޅ) ގުދުތަރީ ކަމެއްގެ ސަބަބުން ރައްކައުތެރި ނޫން ހާލަތެއްގައި ހުރި އިމާރާތްތަކާއި އިމާރަތްކުރުމުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ސިއްހީގޮތުން ނުރައްކައުތެރި އިމާރާތް" ތަކާމެދު އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލައިވައިލާ ގަވާއިދުތަކުގައި ކަނޑައަޅާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ. 

(ކ) އިމާރާތްކުރުމާ ގުޅޭ އެކިއެކި ހުއްދައާއި އިމާރާތްތައް ބޭނުންކުރުމުގެ ހުއްދައަަށް އެދި ހުށަހަޅާ އެކިއެކި ލިޔުންތަކުގެ ދަފުތަރެއް، މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުތަކެއް ހިމެނޭ ގޮތަކަށް ހުއްދަ ދޫކުރާ ކޮންމެ އިދާރާއަކުންވެސް އެކުލައިވައިލައިގެން އެ ދަފުތަރު ބަލަހައްޓަންވާނެއެވެ. 

(އ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ވަގުތުން ރައްކައުތިރކަމުގެ ފިޔަވަޅެއް އަޅަންޖެހޭ ހާލަތެއްގައި އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ. 

(ވ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިމާރާތްކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި، އަދި އެކި ސަބަބުތަކާ ހެދި ބަލަމުންދާ އިމާރާތްކުރުމާ ގުޅޭ މައްސަލަތަކުގެ ދަފުތަރެއް މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުތަކެއް ހިމެނޭ ގޮތަކަށް، ހުއްދަ ދޫކުރާ ކޮންމެ އިދާރާއަކުންވެސް އެކުލަވައިލައިގެން އެ ދަފުތަރު ބަލަހައްޓަންވާނެއެވެ. 

(މ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މޮނިޓަރިންގ މަސައްކަތްތަކުގެ ދަފުތަރެއް، މިނިސްޓްރީން ކަނޑައަޅާ މައުލޫމާތުތަކެއް ހިމެނޭ ގޮތަކަށް، ހުއްދަ ދޫކުރާ ކޮންމެ އިދާރާއަކުންވެސް އެކުލަވައިލައިގެން އެ ދަފުތަރު ބަލަހައްޓާންވާނެއެވެ.

(ފ) އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ގަވާއިދާ ހިލާފުވެފައިވާ ފަރާތެއް އެކަން ރަނގަޅުކުރަންދެން، މައްސަލައާ ގުޅިގެން ލިބޭ އިތުރު މައުލޫމާތު ނުވަތަ ލިބޭ ލިޔުން ނުވަތަ ދޫކުރާ ލިޔެކިޔުންތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. އަދި މިނޫން އެހެން މައުލޫމާތުތައް ކޮންމެ ހަފުތާއަކު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. އެގޮތުން ލަސްވެގެން ހަފުތާ ނިމޭތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެފަދަ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. 

(ދ) އިމާރާތްކުރުމާއި ގުޅޭ އެކިއެކި ހުއްދައާއި އިމާރާތްތައް ބޭނުންކުުރުމުގެ ހުއްދައަށް އެދި އެ މަހެއްގައި ހުށަހަޅާ އެކިއެކި ލިޔެކިއުންތަކާޢި ޗެކުކުރުމުގެ މަސައްކަތް ކޮށްފައިވާ އެންމެހައި އިމާރާތްތަކުގެ ލިޔެކިޔުންތަކާއި ކުރެހުންތަކާއި ރިޕޯޓުތަކާއި ދަފުތަރުގައި ހިމަނައިފައިވާ މައުލޫމާތު، މަސް ނިމިގެން ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް، މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. 

(ތ) އެކި ސަބަބުތަކާ ހެދި ބަލަމުންދާ އިމާރާތްކުރުމާ ގުޅޭ މައްސަލަތަކުގެ ދަފުތަރުގައި ހިމެނޭ މައުލޫމާތުގެ ތެރެއިން ކޮންމެ ހަފުތާއެއްގައި ހިނގައިފައިވާ މަސއްކަތުގެ މައުލޫމާޓު، ހަފުތާއެއް ނިމޭތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. 

(ލ) ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަޅައިފައިވާ ފިޔަވަޅުތަކާއި، ކޮށްފައިވާ ޖޫރިމަނާއާއި ޖޫރިމަނާގެ ތަފުސީލު، ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. 

 

22 ވަނަ މާއްދާ - އިމާރާތްކުރުމުގައި ނަގަންޖެހޭ ހުއްދަތަކަށް އެދި ހުށަހަޅާ މައްސަލަތަކަށާއި، އިމާރާތް ބޭނުންކުރުމުގައި ނަގަންޖެހޭ ހުއްދަތަކަށް އެދި ހުށަހަޅާ މައްސަލަތަކަށް ޖަވާބުދޭންވީ މުއްދަތު

އިމާރާތްކުރުމަށް ނަގަންޖެހޭ ހުއްދަތަކަށާއި އިމާރާތް ބޭނުންކުރުމަށް ނަގަންޖެހޭ ހުއްދަތަކަށް އެދި ހުށަހަޅާ މައްސަލަތަކަށް އިމާރާތްކުރުމގެ ހުއްދަ ދޫކުރާ އިދާރާތަކުން ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދޭންވާނެއެވެ. 

(ހ) ކުރެހުން ފާސްކުރުމަށާއި އިމާރާތްކުރުމާ ގުޅޭ އެހެނިހެން ހުއްދަތަކަށް އެދި ހުށަހެޅުމުން، އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ޗެކުކުރުމަށްފަހު، ގިނަވެގެން 10 (ދިހައެއް ދުވަހުގެ މުއްދަތުގެ ތެރޭގައި ޖަވާބެއް ދޭންވާނެއެވެ. 

(ށ) އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ނަގާ އިމާރާތްކުރުމުގެ ހުއްދަ ފިޔަވައި އެހެން ހުއްދައަކަށް ހުއްދައަށް އެދި ހުށަހަޅާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންވާނެއެވެ. 

(ނ) ދިރިއުޅުމަށް ދޫކުރެވޭ އިމާރާތްކުރުމުގެ ހުއްދައަށް އެދި، ހުއްދަ ދޫކުރާ އިދާރާއަކަށް ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފަދަ ހުށަހެޅުމަކަށް ޖަވާބެއް ދޭންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް އިމާރާތްކުރުމުގެ ގާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިމާރާތް އިންސްޕެކްޓް ކޮށްފައިވާ ނަމަ، ހުއްދައަށް އެދި ހުށަހެޅުމުން، އިމާރާތް ބޭނުންކުރުމަށް އެދި ހުށަހަޅާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޖަވާބެއް ދޭންވާނެއެވެ. 

 

23 ވަނަ މާއްދާ - ހުއްދަ ދޭ އިދާރާގެ މަސައްކަތްތަކުން ބައެއް އެހެން އިދާރާއަކާ ހަވާލުކުރުން

ގިންތި 1 (އެކެއް) ފިޔަވައި އެހެން ގިންތިއެއްގައި ރަޖިސްޓަރީވެފައިވާ ހުއްދަ ދޫކުރާ އިދާރާއެއް، އެ އިދާރާއަކަށް ނުކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި ހުއްދަ ދޫކުރާ އެހެން އިދާރާއެއް، ތިރީގައިވާ ފަދައިން އައްޔަނު ކުރެވިދާނެއެވެ.

(ހ) އެ ހުއްދަ ދޫކުރާ އިދާރާއަކަށް ނުކުރެވޭ މަސައްކަތްތައް ކުރެވޭ އަތޮޅު ތެރޭގެ އިދާރާއަކާ ނުވަތަ މިނިސްޓްރީއާ މަސައްކަތް ހަވާލުކުރުން.

(ށ) އެއްބަސްވުމެއްގެ ދަށުން ހުއްދަ ދޫކޮށްފައިވާ އިދާރައަކާ މަސައްކަތް ހަވާލުކުރުން.

 

24 ވަނަ މާއްދާ - ރަޖިސްޓަރީ ކުރެވޭ އިދާރާއަކާ ގުޅިގެން މައްސަލަ ހުށަހަޅާނެ ގޮތާއި އެފަދަ މައްސަލަ ބެލޭނެ ގޮތް

(ހ)  ހުއްދަ ދޫކުރާ އިދާރާއަކާމެދު އެހެން ފަރާތެއްގެ މައްސަލައެއް އޮވެއްޖެނަމަ، ނުވަތަ ހުއްދަ ދޫކުރާ އިދާރާއެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ހުއްދައަށް އެދި ހުށަހަޅައިގެން އެކަށީގެންވާ ޖަވާބެއް ނުލިބޭ ނަމަ، އެކަން ބަލައިދިނުން އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. 

(ށ) ހުއްދަ ދޫކުރާ އިދާރާއެއްގެ މަސައްކަތުން ބައެއް އެހެން އިދާރާއަކާ ހަވާލުކުރުމާއެކު، މަސައްކަތް ހަވާލުވެފައިވާ އިދާރާއިން އެކަށީގެންވާ ޖަވާބެއް ނުލިބޭ ނަމަ، އެ މައްސަލަ ބަލައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. 

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލަ ބެލުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާންވާނީ ސިޓީއަކުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތީންނެވެ.

(ރ) ހުއްދަ ދޫކުރާ އިދާރާއަކާމެދު މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް މިނިސްޓްރީން ބެލުމަށްފަހު މައްސަލައިގެ ބާވަތާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.

 

25 ވަނަ މާއްދާ - މަސައްކަތުގެ އަހްލާގީ ނުވަތަ ސުލޫކީ މިންގަނޑު

ހުއްދަދޭ އިދާރާގައި ހުއްދަ ދިނުމުގެ މަސައްކަތް ކުރާ މުވައްޒަފުން އަމަލުކުރަންވާނީ އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވޭ ގަވާއިދުތަކަށާއި، އެ އިދާރާއަކަށް ހެދިފައިވާ ވަޒީފާގެ ސުލޫކީ މިންގަނޑާއި، ހެދިފައިވާ އުސޫލުތަކާ އެގޮތްވާ ގޮތުގެމަތިންނެވެ. 

 

26 ވަނަ މާއްދާ - ރަޖިސްޓަރީ ކުރުމަކާ ނުލައި ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ގިންތީގެ ބޭރުން މަސައްކަތްކުރުން މަނާކުރުން

(ހ) އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކުގެ ތެރެއިން ނުވަތަ ފަރާތްތަކުގެ ތެރެއިން ވަކި ގިންތިއެއްގެ ދަށުން ވަކި މަސައްކަތެއް ކުރުމަށް ރަޖިސްޓަރީ ނުކޮށް، އެފަދަ މަސައްކަތެއް ކުރުމަށް ރަޖިސްޓަރީކޮށްފައި އޮތްކަމަށް ދެއްކުމާއި، އެފަދައިން ދޭހަވާނެ ގޮތަކަށް އަމަލުކުރުމަކީ މަނާކަމެކެވެ. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ކުރާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2،500 (ދެ ހާސް ފަސް ސަތޭކަ) ރުފިޔާއާއި 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ނ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރި ކޮށފަިވާ ފަރާތެއް ރަޖިސްޓަރީކުރުމުގެ ބޭނުމަށް އެފަރާތަކުން ދީފައިވާ މައުލޫމާތަކަށް ބަދަލުއައުމުން އެކަން މިނިސްޓްރީއަށް ނާންގައި ހުރުމަކީ މަނާކަމެކެވެ. 

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ އަމަލެއް ކުރާ ފަރާތެއް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 2،000 (ދެ ހާސް) ރުފިޔާއާއި 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ މާއްދާ

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-999)

 

2019-999

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2017-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު