ބިިމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް)
(ކޮންސޮލިޑޭޓެޑް ނަންބަރު 2002-01)
(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ، 6ވަނަ، 7ވަނަ، 8ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދިވެހިރާއްޖޭގެ ބިން އެކިކަންކަމަށާއި ބޭނުންތަކަށް އެކަށައެޅުމާއި، ދޫކުރުމާއި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، ދިނުމާއި، ކުއްޔަށް ދިނުމާއި، އަދި މިކަންކަމާ ގުޅޭ އެހެނިހެން ކަންތައްތަކާ ބެހޭ ގާނޫނެވެ.
(ށ) މި ގާނޫނަށް ކިޔަނީ، "ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު"އެވެ.
2 ވަނަ މާއްދާ - ބިމާ ބެހޭ މުއާމަލާތް ކުރުން
ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުއާމަލާތު ކުރަންވާނީ، މިގާނޫނު އެއްގޮތްވާ ގޮތުގެ މަތިންނެވެ.
3 ވަނަ މާއްދާ - ސިޔާސަތު ކަނޑައަޅާ ފަރާތާއި ބިން އެކަށައަޅައި ފަރާތް
(ހ) ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖުލީހުގެ މަށްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ، ބިމާބެހޭ ސިޔާސަތު އެއްގޮތްވާ ގޮތުގެމަތިން، އެކި ބޭނުންތަކަށާއި، އެކިކަންކަމަށް ބިން އެކަށައަޅައި، މިގޮތުން އެކަށައަޅައި ބިން އެއްބައިން އަނެއްބަޔަަށް ބަދަލުކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
4 ވަނަ މާއްދާ - ބިން އެކަށައެޅޭ ބޭނުންތަކާއި ކަންތައްތައް
މި ގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބިން އެކަށައެޅޭނީ، ތިރީގައި ބުނެފައިމިވާ ބޭނުންތަކަށާއި ކަންކަމަށެވެ.
(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، އިމާރާތްކުރުމަށް.
(ށ) އިގތިސާދީ ބޭނުންތަކަށް.
(ނ) އިޖުތިމާއި ބޭނުންތަކަށް.
(ރ) ތިމާވެށި ރައްކާތެރިކުރުމަށް.
(ބ) ދައުލަތުގެ ބޭނުމަށް.
މިނިސްޓްރީތަކާއި އެހެން ފަރާތްތަކާ ހަވާލުކުރެވޭ ބިންތަކާއި ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް (ސުރުހީ އިސްލާހު ކުރެވިފައި)
5 ވަނަ މާއްދާ - މިނިސްޓްރީތަކާއި، ދައުލަތުގެ އިދާރާތަކާ ބިން ހަވާލުކުރުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫ ލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރާ ބިންތައް ހަވާލުކުރުމާއި ވަކިކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގަވާއިދު ހަދަން ވާނީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އު ސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ (އިސްލާހު1 އިން ގެނެވުނު ބަދަލު އުނިކުރެވިފައި)
6 ވަނަ މާއްދާ - ބިމުގެ ދަފުތަރު
(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރު، މިނިސްޓްރީން ލިޔެ ބަލަހައްޓަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ދިވެހިރާއްޖޭގެ ބިމުގެ ދަފުތަރުގައި، ތިރީގައި ބުނެފައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެކި ބޭނުންތަކަށާއި ކަންކަމަށް ބިން އެކަށައަޅާފައިވާ ގޮތް.
- ބިން އޮތް ތަނަކާއި، ބިމުގެ މިންތައް.
- މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބިން ހަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ބިން ހަވާލުކުރެވޭ މަގްސަދާއި، ހަވާލުކުރެވޭ ތާރީޚު (އިސްލާހު ކުރެވިފައި)
- އަމިއްލަ ގޯތިތަކާއި، ބިންތަކާއި، އެބިންތަކުގެ މިލްކުވެރި ފަރާތްތައް.
- ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތަކުގެ މައުލޫމާތު (އިތުރު ކުރެވިފައި)
- މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު (އިތުރު ކުރެވިފައި)
7 ވަނަ މާއްދާ - މިނިސްޓްރީތަކުން ބިމާބެހޭ މުއާމަލާތުކުރުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބިން ހަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުއާމަލާތުކުރަންވާނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ
(ށ) ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުއާމަލާތުކުރަންވާނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ
8 ވަނަ މާއްދާ - އެކިބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުން (އިސްލާހު ކުރެވިފައި)
(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެކި މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިންތައް ބޭނުންކުރަންވާނީ، އަދި އެކި ފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ ބިމެއް އެކަށައަޅާފައިވާ ބޭނުމަކަށް، ނުވަތަ ކަމަކަށެވެ.
(ށ) ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ބޭނުންކުރަންވާނީ، އަދި އެކިފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާގޮތުގެމަތިން އެ ބިމެއް އެކަށައަޅާފައިވާ ބޭނުމަކަށް، ނުވަތަ ކަމަކަށެވެ.
9 ވަނަ މާއްދާ - ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުމާއި، އިގްތިސާދީ ބޭނުންތަކަށް ދޫކުރެވޭ ބިމުން މުއާމަލާތުކުރުން (އިސްލާހު ކުރެވިފައި)
(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، މި ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިން، ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، އެތަނަކުން ދޫކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، އެ މިނިސްޓްރީއާއި ނުވަތަ އިދާރާއާއި ނުވަތަ ކައުންސިލާއި، ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމަންޓެއްގެ ދަށުންނެވެ (އިސްލާހު ކުރެވިފައި)
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން، ބިމެއް ދޫކުރެވޭ ފަރާތަށް އެބިމެއް ބޭނުން ކުރެވޭނީ، އަދި އެބިމަކާ ބެހޭގޮތުން މުއާމަލާތު ކުރުމުގެ ހައްގު ލިބިދެވޭނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި، މި ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެފަރާތަކަށް އެބިމެއް ދޫކުރެވޭ މުއްދަތަކަށް، އެބިމެއް ދޫކުރެވޭ އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ.
(ނ) މި ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިގްތިސާދީ ބޭނުމަށް އެކަށައަޅައި،މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީތަކާ ނުވަތަ ދައުލަތުގެ އިދާރާތަކާ ހަވާލުކުރާ ބިމުން، ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރީގެ އުސޫލުން މުއާމަލާތުކުރެވިދާނެއެވެ. މިގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި ނުވަތަ ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިން ނުވަތަ ކައުންސިލުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެފަރާތްތަކުން ގާނޫނުއަސާސީއާއި މި ގާނޫނާ ޚިލާފުނުވާ ގޮތުގެމަތިން، ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިދާނެއެވެ (އިތުރު ކުރެވި/ (އިސްލާހު ކުރެވިފައި)
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދެވަނަ ފަރާތަކުން ގަންނަ ނުވަތަ ކުއްޔަށްހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް، އެފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކަށް ރަޖިސްޓަރީކޮށްދެވޭނެއެވެ. އަދި ބިންދޫކުރާ މިނިސްޓްރީއާއި ނުވަތަ ދައުލަތުގެ އިދާރާއާއި ނުވަތަ ކައުންސިލާއި، އެފަރާތަކާ ދެމެދު ވާ އެގްރީމަންޓާ އެއްގޮތްވާ ގޮތުގެމަތިން، އެ ބިމަކާ ގުޅިގެން އެ ދެވަނަ ފަރާތަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)
- އެ ބިން ތަރައްގީކުރުމާއި، އެކިއެކި ބޭނުންތަކަށާއި، ރިއަލް އެސްޓޭޓް ވިޔަފާރިއާއި އެނޫންވެސް ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުން؛
- އެ ބިމާ ގުޅިގެން އެފަރާތަށް ލިބިފައިވާ ހައްގާ އެއްގޮތްވާ ގޮތުގެމަތިން އެހެން ފަރާތަކަށް އެ ބިން ނުވަތަ އެ ބިމުން ބައެއް، ބިން ހަވާލުކުރާ މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން، ވިއްކުން ނުވަތަ ކުއްޔަށް ދިނުން ނުވަތަ ބަދަލުކުރުން (އިސްލާހު ކުރެވިފައި)
- ބިން ހަވާލުކުރާ މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން، އެ ބިމާ ގުޅޭގޮތުން ލިބިފައިވާ ގާނޫނީ ހައްގު ނުވަތަ އެ ބިމުގައި ކުރެވޭ އިމާރާތް ރަހުނުކުރުން (އިސްލާހު ކުރެވިފައި)
- އެ ބިމުން ނުވަތަ އެ ބިމުން ބަޔަކާ ގުޅިފައިވާ ގާނޫނީ ހައްގުތައް، މާލީ އަދި ވިޔަފާރީގެ އެކިއެކި ޒަރިއްޔާތަކުގެ ގޮތުގައި ބޭނުންކުރުން
(ބ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ނުވަތަ ދައުލަތުގެ އިދާރާތަކަށް ދޫކުރާ ބިންތައް ރަޖިސްޓަރީކޮށްދީ، އެ ބިންތަކާއި އެ ބިންތަކުގައި ކުރެވޭ އިމާރާތްތައް ރަޖިސްޓަރީކުރުމާބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ބިމެއް ދޫކުރި މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާ ނުވަތަ ކައުންސިލުންނެވެ.12 .ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން (އިތުރު ކުރެވި / އިސްލާހު ކުރެވިފައި)
(ޅ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ދޫކުރާ ބިންތަކާ ގުޅިގެން ހިނގާ މުއާމަލާތުތަކުގައި، މި ގާނޫނުގެ 10 ވަނަ މާއްދާއިން ފެށިގެން 35 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުން އިސްތިސްނާވާނެއެވެ (އިތުރު ކުރެވިފައި)
(ކ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ދޫކުރާ އެއްވެސް ބިމެއް ނުވަތަ އެ ބިމުން ބަޔެއް ނުވަތަ އެ ބިމުގައި ކުރެވޭ އިމާރާތެއް ނުވަތަ އިމާރާތުން ބަޔެއް ވިއްކާނަމަ، އެ ބިން ނުވަތަ އިމާރާތް ވިއްކާ އަގުގެ %15 (ފަނަރަ ޕަސެންޓް) ޓެކްސްގެ ގޮތުގައި، އެ ބިމެއް ނުވަތަ އިމާރާތެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ. މީގެ ތެރޭގައި އެ ބިން ވިއްކާ ފަރާތުގެ ގޮތުގައި ސަރުކާރު ނުވަތަ ކަމާބެހޭ މިނިސްޓްރީ ވިއްކާ ވިއްކުން ނުހިމެނޭނެއެވެ (އިތުރު ކުރެވިފައި)
(އ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި މާއްދާގެ (ނ)، (ރ)، (ބ) އަދި (ކ) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދައި ހިންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ (އިތުރު ކުރެވިފައި)
(ވ) މި މާއްދާގައި ބަޔާންކުރާ ގަވާއިދުތައް، ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ (އިތުރު ކުރެވިފައި)
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން
10 ވަނަ މާއްދާ - ދިރިއުޅުމަށް ގޯތި ދޫކުރުން
ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި އިމާރާތްކުރުމަށް، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން، ދިރިއުޅުމަށް ގޯތި ދޫކުރާނީ، މިނިސްޓްރީން ކަނޑައަޅައި، އާންމުކޮށް ށާއިއުކުރާ އުސޫލުތަކާއި ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، މާލޭގައިނަމަ މިނިސްޓްރީގެ ލަފާގެ މަތިން މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ ލަފާގެ މަތިން، އެ އަތޮޅެއްގެ އަތޮޅު އޮފީހުންނެވެ (އިސްލާހު ކުރެވިފައި)
11 ވަނަ މާއްދާ - ދިރިއުޅުމަށް ގޯތި ދޫކުރެވޭ ގޮތް
މިގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ތިރިގައި ބުނެފައިމިވާ ގޮތުގެ މަތިންނެވެ.
(ހ) ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ މިގާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ، ދިވެހި ރައްޔިތުންނަށެވެ. ނަމަވެސް، މިގާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެބަޔެއް ނުވަތަ ފުލެޓެއް ދޫކޮށްލުމުން، ނުވަތަ ދޫކޮށްލުން ށަރުތުކޮށް، އެމީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރުމަކަށް، މިމާދާ ހުރަހެއް ނާޅާއެވެ.
(ށ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދިރިއުޅުމަށް ދުކުރެވޭ އެއްވެސް ގޯއްޗެއް، 4،000 އަކަފޫޓަށްވުރެ ބޮޑުވެގެނެއްނުވާނެއެވެ.
(ނ) މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެއްވެސް މީހަކަށް، އެއްރަށަކުން، ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެއެވެ. މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ، ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
(ރ) ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަންވާނީ، މިގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގވައިދުގައިވާ ގޮތުގެ މަތިންނެވެ.
12 ވަނަ މާއްދާ - ބަންޑާރަ ގޯއްޗަށް އެދުން
(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް، މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިމުން، ގޯތި ދޫކުރުމަށް، އެފަހަރަކު ކަނޑައަޅާ ސަރަހައްދަކުން ގޯއްޗަކަށް އެދެވޭނީ، އެސަރަހައްދަކުން ގޯތިދޫކުރަން ހަމަޖެހިއްޖެކަމާއި، ގޯއްޗަށް އެދި ހުށަހެޅުމަށް އާންމުކޮށް އިއްލާނު ކުރުމުން، ގޯއްޗަށް އެދޭމީހާ ގޯއްޗަށް އެދޭ ފޯމް ފުރިހަމަކޮށް، ގޯތި ދޫކުރަން އިއުލާނު ކުރި އޮފީހަކަށް ހުށަހެޅުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގައިބުނެފައިވާ ގޮތުގެމަތިން، ބަންޑާރަ ގޯތި ދޫކުރަން އިއްލާނު ކުރުމުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރްތތައް ފުރިހަމަވާ ކޮންމެ މީހަކު، ބަންޑާރަ ގޯއްޗަކަށް އެދި، މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ހުށަހެޅިދާނެއެވެ.
13 ވަނަ މާއްދާ - ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުން
(ހ) ދިރިއުޅުމަށް ދޫކުރެވޭ ކޮންމެ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކުރާ އޮފީހުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، ރަޖިސްޓަރީކޮށް، އެ ގޯއްޗެއް ދޫކުރެވޭ ފަރާތަށް، އެ ގޯއްޗެއްގެ ރަޖިސްޓަރީއެއް ހަދައި ދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ކޮންމެ ބަންޑާރަ ގޯއްޗެއްގައި ހަދާ އިމާރާތް، އެ ގޯއްޗެއް ދޫކުރާ އޮފީހުގައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށް، އެ އިމާރާތެއްގެ ރަޖިސްޓަރީއެއް ހަދައިދޭންވާނެއެވެ.
14 ވަނަ މާއްދާ - ބަންޑާރަގޯތި ވަކިކުރުން
(ހ) ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި، އެ ގޯއްޗެއްގައި ދިރިއުޅެން ނުފަށައިފިނަމަ، އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން، އެ ގޯއްެޗެއް ވަކި ކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
(ށ) ބަންޑާރަ ގޯއްޗެއް ލިބިފައިވާ މީހަކު، ތަކުރާރުކޮށް މި ގާނޫނާ ހިލާފުވެއްޖެނަމަ، ނުވަތަ ގޯޅި ދޫކުރެވުނުއިރު ށަރްތތުކޮށްފައިވާކަމަކާ ހިލާފުވެއްޖެނަމަ، އެގޯއްޗެއް ދޫޫކުރެވިފައިވާ މީހާގެ ކިބައިން، ގާނޫނުގައިވާ ގޮތުގެމަތިން އެގޯއްޗެއް ވަކިކުރުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ބަންޑާރަ ގޯތި ދޫކުރެވިފައިވާ މީހާ މަރުވުން
(ހ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި، އެ ގޯއްޗެއް ވަކިގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވިދާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި، އެ ބަޔަކު އެދޭނަމަ، އެ ގޯއްޗެއް ރަޖިސްޓަރީކޮށް، ވަކިވަކި ރަޖިސްޓަރީ ހަދައިދޭންވާނެއެވެ (އިސްލާހު ކުރެވިފައި)
ބަންޑާރަ ގޯތި ގަތުމާއި ވިއްކުމާއި ދިނުން
16 ވަނަ މާއްދާ - ބަންޑާރަ ގޯތި ގަތުން
ބަންޑާރަ ގޯތި ދޫކުރެވިފައިވާ ފަރާތަކަށް، އެއްފަހަރާ އަގު ދެއްކުމަށް ފަހު، ނުވަތަ އެކި ފަހަރުމަތިން ދައްކައި އަގު އަދާކުރާ އުސޫލުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން، އަގު ދައްކައި ނިންމުމަށް ފަހު، އެ ގޯއްޗެއް ގަނެވިދާނެއެވެ. މިގޮތުން ގަނެވޭ ގޯތީގެ އަގު ކަނޑައަޅާނީ، މި ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިންނެވެ (އިސްލާހު ކުރެވިފައި)
17 ވަނަ މާއްދާ - ހިބައިން ނުވަތަ ވަސިއްޔަތުން ދިނުން (އިސްލާހު ކުރެވިފައި)
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ އިމާރާތުން ބައެއް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ، ތިރީގައި ބުނެފައިވާ ގޮތުގެ މަތިންނެވެ.
(ހ) ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭފަރާތަކީ، ހިބައިން ނުވަތަ ވަސިއްޔަތުން ދޭ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ އެމީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހާގެ މަރުވެފައިވާ ދަރިއެއްގެ އުފަންދަރިއެއް ކަމުގައިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ކުރެ ފަރާތެއް ދުނިޔޭގައި ނެތްނަމަ، ހިބައިން ނުވަތަ ވަސިއްޔަތުން ދޭ މީހާއަށް އޭނާގެ ދަރިއެއްގެ ދަރިއަކަށް ނުވަތަ އޭނާއާ ބަފައިފުށުން ނުވަތަ މައިފުށުން ތިމާގެކަމުގެ ގުޅުން ހުރި ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަރާތަކުން ކުރެ ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ދިނުމުގައި މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޅޫތަކެއް ނުހިނގާނެއެވެ. އަދި މި ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތަކުން ކުރެ ފަރާތަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ މި ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) މި މާޢްދާގެ (ހ) ގައި ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ވަކި ފަރރާތްތަކަކަށް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ މި މާއްދާގެ (ހ) ގައި ބުނެފައިވާ މީހުންގެ ތެރެއިން ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެހެންމީހުންގެ ބިމުގެ ތަނަވަސްކަން ހުރިނަމައެވެ. އަދި، މި މާއްދާގެ (ހ) ބުނެފައިވާ މީހުންގެ ތެރެއިން ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތް ނުވަތަ ފަރާތްތައް ފިޔަވައި، މި މާއްދާގެ (ހ) ގައި ބުނެފައިވާ އެހެންމީހުންގެ ބިމުގެ ތަނަވަސްކަމެއް ނެތްނަމަ، ވަކިފަރާތަކަށް ނުވަތަ ފަރާތްތަކަށް ދިނުމާމެދު، އެފަރާތްތަކުގެ އިއުތިރާޒެއް ނެތްނަމައެވެ. ނަމަވެސް ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ފަރާތުގެ ދަރިން ނުވަތަ އެމީހެއްގެ މަރުވެފައިވާ ދަރިންގެ އުފަންދަރިންނަށް ދޭ ހާލަތުތަކުގައި ދޭމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މަންމަ ނުވަތަ ބައްޕަ އިއްތިރާޒުކުރި ކަމުގައިވިޔަސް މިބުނީ މީހުންނަށް ހިބައިން ނުވަތަ މަސިއްޔަތުން ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ބ) ހިބައިން ނުވަތަ ވަސިއްޔަތުން ދޭ ހާލަތުގައި ދޭ މީހާއާއި، އެމީހަކު ށަރްއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރުއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.
(ޅ) ހިބައިން ނުވަތަ ވަސިއްޔަތުން ލިބޭ ފަރާތަކީ، ދިވެހި ރައްޔިތެއްކަމުގައިވުން.
18 ވަނަ މާއްދާ - ގޯތި ވިއްކުމާއި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް (އިސްލާހު ކުރެވިފައި)
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޯށްފައިވާ ފަރާތަކުން މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކަންވާނީ، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާންމުކޮށް ށާއިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އަގަކަށް، ތިރީގައި ބުނެފައިވާ ގޮތުގެމަތިންނެވެ (އިސްލާހު ކުރެވިފައި)
(ހ) ގޯތި ވިއްކަންއެދޭ މީހާއާއި އެމީހަކު ށަރުއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން.
(ށ) ގޯތި ގަންނަ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެ ކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމުގައިވުން (އިސްލާހު ކުރެވިފައި)
(ނ) ގޯއްޗެއް ނުވަތަ ބިމެއް ގަނެފައިވާ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެއެވެ.
(ރ) އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 ޓެކްސްގެ ގޮތުގައި، އެ ގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ.
19 ވަނަ މާއްދާ (އުނިކުރެވިފައި)
20 ވަނަ މާއްދާ - ބެލުން ށަރްތކޮށް، ދިނުން
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބަޔެއްވެސް، ނުވަތަ އެފަދަ ގޯއްޗެއްގައިވާ އިމާރާތެއް، ނުވަތަ އިމާރާތަކުން ބަޔެއްވެސް، މި ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު، ބެލުން ށަރްތކޮށް، އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ.
(ށ) މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބެލުން ށަރްތކުރުމާ ބެހޭގޮތުން ރަޖިސްޓަރީ ކޮށްފައިވާ އެގްރީމަންޓުތަކަށް އަމަލު ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ރަޖިސްޓަރީ ކޮށްފައިވާ، ބެލުން ށަރްތކޮށް ގޯތިދިނުމާބެހޭ އެގްރީމަންޓެއްގެ ދަށުން، ބެލުން ށަރްތކޮށް ގޯއްޗެއް ލިބޭ މީހަކަށް، އެގޯއްޗެއް ރަޖިސްޓަރީ ކޮށްދެވޭނެއެވެ.
21 ވަނަ މާއްދާ - ގަންނަ މީހަކަށް ނުވަތަ ލިބޭމީހަކަށް ރަޖިސްޓަރީ ކޮށްދިނުން
މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގޯއްޗެއް ވިއްކާލައިފިނަމަ، ނުވަތަ ދީފިނަމަ، އެގޯއްޗެއް ގަތްފަރާތަކަށް، ނުވަތަ ލިބުނު ފަރާތަކަށް، އެގޯތީގެ ރަޖިސްޓަރީއެއް، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުން ހަދައިދޭންވާނެއެވެ.
(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމުގެ ބޭނުމަށް މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައޅައި، މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރާ ބިންތައް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ މިނިސްޓްރީން ދެވަނަ ފަރާތަކަށް ވިއްކިދާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ދޫކުރާ ބިންތައް އާންމު ފަރާތްތަކަށް ވިއްކުމުގައި، މި ގާނޫނުގެ 19 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި، 12 ވަނަ މާއްދާ، އަދި 18 ވަނަ މާއްދާއަށް އަމަލުކުރާކަށް ނުޖެހޭނެއެވެ (އިސްލާހު ކުރެވިފައި)
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދެވަނަ ފަރާތަކުން ގަންނަ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ (އިސްލާހު ކުރެވިފައި)
އަމިއްލަ ގޯތި
22 ވަނަ މާއްދާ - އަމިއްލަ ގޯތިގޯތީގެ މައްޗަށް މި ގާނޫނު ހިނގުން
މި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން، ދިވެހިރާއްޖޭގައި ހުރި އަމިއްލަ ބިންބިމާއި ގޯތިގޯތީގެ މައްޗަށާއި، މި ގާނޫނުގެ ދަށުން ގަނެ އަމިއްލަކުރާ ބަންޑާރަ ގޯތިގޯތީގެ މައްޗަށްވެސް، މިގާނޫނު ހިނގާނެއެވެ.
23 ވަނަ މާއްދާ - އަމިއްލަ ބިންބިމާއި، ގޯތި ރަޖިސްޓަރީ ކުރުން
(ހ) އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތްތައް، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގައި، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކުރެވޭ ބިންބިމާއި ގޯތިގޯއްޗާއި އިމާރާތުގެ ރަޖިސްޓަރީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ހަދައި، އެގޯއްޗެއްގެ ވެރިފަރާތަށް ދޭންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ބަދަލުވެއްޖެނަމަ، އެކަމުގެ ށަރްއީ ލިޔުމަކާއެކު، މާލޭގައި ނަމަ މާލޭ މުނިސިޕަލްޓީއަށް، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހަށް ހުށަހަޅައި، އެ ބިމެއް ނުވަތަ ގޯއްޗެއްގެ ރަޖިސްޓަރީ، އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ލިބުނު ފަރާތަށް ބަދަލުކުރަންވާނެއެވެ. އަދި އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ މީހަކު މަރުވެއްޖެނަމަވެސް، ހަމަ މިގޮތުގެމަތިން އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ހަމަޖެހުނުގޮތް އެނގޭނެ ށަރްއީ ލިޔުމަކާއެކު، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީއަށް، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހަށް ހުށަހަޅައި، އެ ބިމެއް ނުވަތަ ގޯއްޗެއްގެ މިލްކުވެރިކަން ލިބުނު ފަރާތަށް، މިގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ބިމެއް ނުވަތަ ގޯއްޗެއްގެ ރަޖިސްޓަރީ ބަދަލުކުރަންވާނެއެވެ.
24 ވަނަ މާއްދާ - އަމިއްލަ ބިމާއި ގޯތި ވިއްކުން
މި ގާނޫނު ފާސްވުމުގެ ކުރިން ހުރި އަމިއްލަ ބިންބިމާއި، ގޯތިގޯއްޗާއި، މި ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު، އަމިއްލަކުރާ ބިންބިމާއި ގޯތިގޯތި ވިއްކަންވާނީ، ނުވަތަ ހިބަޔަކުން، ނުވަތަ ވަސިއްޔަތަކުން، ނުވަތަ އެނޫންވެސް ގޮތަކުން ދެނީނަމަ ދޭންވާނީ، މި ގާނޫނުގެ 17 ވަނަ މާއްދާއާއި 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، އަދި އެމާއްދާތަކުގައި ބުނެފައިވާ ށަރްތތަކުގެ މަތިންނެވެ.
25 ވަނަ މާއްދާ - އަމިއްލަ ބިމާއި، ގޯއްޗެއްގެ ވެރިމީހާ މަރުވުން
(ހ) އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެނަމަ، އެމީހެއްގެ ވާރިސުންގެ މެދުގައި، އެބިމެއް ނުވަތަ ގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކިކޮށްދެވޭނީ، ބައިކުރެވޭ އެއްވެސް ބަޔެއް 600 އަކަފޫޓަށްވުރެ ކުޑަނުވާނެ ގޮތެއްގެމަތިންނެވެ.
(ށ) އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެނަމަ، އެ ބިމާއި ނުވަތަ ގޯއްޗާއި، އެ ބިމެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި، އެބަޔަކު އެދޭނަމަ، އެ ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓަރީކޮށް، ވަކިވަކި ރަޖިސްޓަރީ ހަދައިދޭންވާނެއެވެ (އިސްލާހު ކުރެވިފައި)
26 ވަނަ މާއްދާ - އަމިއްލަ ގޯތި ކުއްޔަށްދިނުމާއި ދިރިއުޅުންނޫން ކަމަކަށް ބޭނުންކުރުން
އަމިއްލަ ގޯއްޗެއް ކުއްޔަށްދީ، ނުވަތަ ދިރިއުޅުން ނޫން ބޭނުމަކު ބޭނުންކުރަންވާނީ، މި ގާނޫނުގެ 27 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އާއި އަދި މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިންނެވެ.
ކުއްޔަށް ދިނުން
27 ވަނަ މާއްދާ - ދިރިއުޅުމަށް ގޯތި ކުއްޔަށް ދިނުން
ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް، ނުވަތަ ބަންޑާރަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް، ނުވަތަ އިމާރާތުގެ ބަޔެއް، ކުއްޔަށް ދެނީ ދިރިއުޅުމަށް ކަމަށްވާނަމަ، ކުއްޔަށްދޭންވާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.
(ހ) ކުއްޔަށް ދެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރު ދުވަހުގެ މުއްދަތަށެވެ (އިސްލާހު1، / އިސްލާހު2 ކުރެވިފައި)
(ށ) މުޅިގޯތި ނުވަތަ ގޯތީގައި ކޮށްފައިވާ މުޅި އިމާރާތް ކުއްޔަށް ދޭންވާނީ ކުއްޔަށް ދިނުމާ ބެހޭގޮތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކުއްޔަށް ދޭފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި، އެގްރީމަންޓެއް ކުރުމަށްފަހުގައެވެ.
(ނ) ކުއްޔަށްދެނީ ގޯއްޗެއްގެ ބަޔެއް، ނުވަތަ އިމާރާތެއްގެ ބަޔެއް ކަމަށްވާނަމަ، އަދި އެތަނެއް ކުއްޔަށް ދެނީ 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެތަނެއް ކުއްޔަށްދޭންވާނީ، އެތަނެއް ކުއްޔަށްދިނުމާ ބެހޭގޮތުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެގްރީމަންޓެއް ކުރުމަށްފަހުގައެވެ.
(ރ) ދިރިއުޅުމަށް ކުއްޔަށްދޭ ކޮޓަރިއާއި، އިމާރާތްތަކާއި، ކުއްޔަށް ދިނުމަށް އިމާރާތްކޮށްފައިވާ ތަންތަން، މި ގާނޫނަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގައި، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ބ) ސަރުކާރުން ކުއްޔަށްދޭ ފުލެޓުތަކާއި، ގެދޮރު އެޅުމާއި ދިރިއުޅޭނެ ތަންތަން ބިނާކޮށް ތަރައްގކުރުމަށް ހާއްސަ ވެފައިވާ، ސަރުކާރުގެ ހިއްސާ އެކުލެވިފައިވާ ކުންފުނިތަކުން ހަދައި، ކުއްޔަށްދޭ ފުލެޓުތައް މި މާއްދާގެ (ހ) އިން އިސްތިސްނާ ވެއެވެ.
28 ވަނަ މާއްދާ - ދިރިއުޅުން ނޫން އެހެން ބޭނުމަކު ކުއްޔަށް ދިނުން
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް، ނުވަތަ އިމާރާތެއް، ނުވަތަ އިމާރާތަކުން ބަޔެއް، ދިރިއުޅުންނޫން ބޭނުމަކު ކުއްޔަށް ދެވޭނީ، ތިރީގައި ބުނެފައިމިވާ ށަރްތތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔެއް، ދިރިއުޅުން ނޫން ބޭނުމަކު ކުއްޔަށް ދިނުމަށް، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުން ހުއްދަ ހޯދުން.
- ކުއްޔަށްދޭ ބޭނުމަކީ، އެރަށެއްގެ ބިން ބޭނުން ކުރުމާ ބެހޭގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާ ހިލާފު ބޭނުމެއް ކަމަށް ނުވުން.
(ށ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް، ނުވަތަ އެފަދަ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތެއް، ނުވަތަ އިމާރާތަކުން ބައެއް، ދިރިއުޅުން ނޫން ބޭނުމަކު ކުއްޔަށްދެވޭނީ ގިނަވެގެން 50 (ފަންސާސް) އަހަރު ދުވަހުގެ މުއްދަތަށެވެ (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
(ނ) ދިރިއުޅުމަށް ނޫން ގޮތަކަށް ދޫކުރެވޭ ބިން މި މާއްދާގެ (ށ) ގައި ބުނެފައިވާގޮތަށް ދޫކުރެވޭނީ ބިން ބޭނުންކުރުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ބިމެއް ހިމެނޭ ސަރަހައްދުގައި ކުރުމަށް ހުއްދަދެވޭ ކަންތައްތައް ކުރުމަށެވެ (އިތުރު ކުރެވިފައި)
ދިރިއުޅުން ނޫން އެހެން ބޭނުންކުރުން
29 ވަނަ މާއްދާ - ދިރިއުޅުން ނޫން އެހެން ބޭނުންކުރުން
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް، ދިރިއުޅުން ނޫން ބޭނުމަކު ބޭނުން ކުރަންވާނީ، މާލޭގައިނަމަ މާލޭ މުނިސިޕަލްޓީން، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށު އޮފީހުން އެކަމަކަށް ހުއްދަ ހޯދައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ހުއްދަ ދެވޭނީ، އެގޯއްޗެއްގައި ކުރާ، ނުވަތަ ހިންގާ މަސައްކަތަކީ، ނުވަތަ އެގޯއްޗަކުން ކުރާ ބޭނުމަކީ، އެރަށެއްގެބިން ބޭނުން ކުރުމާ ބެހޭގޮތުން، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާ ހިލާފު މަސައްކަތެއް، ނުވަތަ ބޭނުމެއްކަމަށް ނުވާނަމައެވެ.
އެއްމެދު އިމާރާތް
30 ވަނަ މާއްދާ - އެއްމެދު އިމާރާތް
އެއްމެދު އިމާރާތަކީ، އެއްބިސީއަށް ވުރެ ގިނަ ބިސީއަށް ވަކިން ދިރިއުޅެވޭ ގޮތަށް ވަކި ފުލެޓުތަކަކަށް ހަދައި، އެކަކަށްވުރެ ގިނަމީހުންނަށް މިލްކުވެފައިވާ އިމާރާތެވެ.
31 ވަނަ މާއްދާ - (އުނިކުރެވިފައި)
32 ވަނަ މާއްދާ - (އުނިކުރެވިފައި)
33 ވަނަ މާއްދާ - (އުނިކުރެވިފައި)
34 ވަނަ މާއްދާ - (އުނިކުރެވިފައި)
35 ވަނަ މާއްދާ - (އުނިކުރެވިފައި)
އެހެނިހެން ކަންތައްތައް
36 ވަނަ މާއްދާ - (އުނިކުރެވިފައި)
37 ވަނަ މާއްދާ - ވަގުފު ކުރުން
(ހ) އެއްވެސްމީހަކު ނުވަތަ ބަޔަކު، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ ބިމެއްގައި، ނުވަތަ ބަންޑާރަ ގޯއްޗެއްގައި، ހަދާފައިވާ އިމާރާތް، އެއްމެދު އިމާރާތަކަށް ބަދަލުކުރުމަށް ބޭނުންނަމަ މި ގާނޫނުގެ ދަށުންހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އެކަން މިނިސްޓްރީއަށް ހުށަހަޅައި، އެ އިމާރާތަކީ އެއްމެދު އިމާރާތެއްކަމަށް ރަޖިސްޓަރީ ކުރަންވާނެއެވެ (އިސްލާހު ކުރެވިފައި)
(ށ) މާލޭގެ އެއްވެސް ބިމެއް ނުވަތަ މާލޭގެ ބިމެއްގައި ހުންނަ ނުއުފުލޭ މުދަލެއް ވަގުފެއް ނުކުރެވޭނެއެެވެ.
38 ވަނަ މާއްދާ - ބިން ކޮންނަނިކޮށް ފެންނަ ތަކެތި
(ހ) މީހުންގެ އަމިއްލަ ރުއްގަސް ފިޔަވައި، ބިމުގައިވާ އެހެން ހުރިހާ ގދުރަތީ ވަސީލަތްތަކާއި، ރާއްޖޭގެ ބިން ކޮންނަނިކޮށް ފެންނަ، ގާނޫނީ މިލްކުވެރިޔަކުނުވާ ރަނާއި، ރިއްސާއި، ގަހަނާއާއި، ފައިސާއާއި، ގެވެހި ކަންވާރާއި، އާސާރީ އެންމެހައި ތަކެއްޗާއި، ރާއްޖޭގެ ބިމުގައިވާ އެންމެހައި މައުދަންތަކަކީ، ދައުލަތުގެ މިލްކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގަހަނާއެއް، ނުވަތަ ކަންވާރެއް، ނުވަތަ ފައިސާއެއް، ނުވަތަ އާސާރީ އެއްޗެއް، ނުވަތަ މައުދަނެއް، ރާއްޖޭގެ ބިމުން ފެނިއްޖެނަމަ، އެއެއްޗެއް ފެނުނު ފަރާތަކުން، އެކަން މާލޭގައިނަމަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށު އޮފިހަށް، ލަސްނުކޮށް އަންގަންވާނެއެވެ.
39 ވަނަ މާއްދާ - ވެއްޔާއި ގާ ނެގުން
އެކިފަރާތްފަރާތަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި، ބިމާއި، އަމިއްލަ ގޯތީގެ ބިމުން ގަލާއި ވެލިނަގައި، ވިއްކައި، ދީ ހެދޭނީ މާލޭގައިނަމަ މާލޭ މުނިސިޕަލްޓީގެ ހުއްދަ، ރާއްޖެތެރޭގައިނަމަ އެރަށެއްގެ ރަށުއޮފީހުގެ ހުއްދަ ހޯދުމަށްފަހު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
40 ވަނަ މާއްދާ - އެކެއްގެ ބިމުގައި ހުންނަ އަނެއްގެ ތަކެތި
(ހ) އެހެން ފަރާތެއްގެ އެއްޗެއްކަން ށަރީއަތަށް ސާބިތުވާފަދަ ލިޔުމެއްނެތި، އެކި ފަރާތްފަރާތުގެ އަމިއްލަ ބިމުގައި، ނުވަތަ މީހަކަށް ނުވަތަ ފަރާތަކަށް ދޫކޮށްފައިވާ، ބަންޑާރަ ބިމެއްގައި ހުންނަ އިމާރާތާއި، ރުއްގަސް ފަދަ ބިމާ ގުޅިފައިވާ ތަކެއްޗަކީ، އެބިމުގެ ވެރިފަރާތުގެ ނުވަތަ އެއީ ބަންޑާރަ ބިމެއްނަމަ، އެބިމެއް ދޫކުރެވިފައިވާ ފަރާތުގެ ތަކެއްޗެވެ.
(ށ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް މިލްކުވެރިކަން ލިބޭ ގޮތަށް ބަންޑާރަ ގޯއްޗެއްގައި، އެގޯތި ދޫކުރެވިފައިވާ ފަރާތްނޫން އެހެން ފަރާތަކުން އިމާރާތް ކޮށްގެނެއް ނުވާނެއެވެ.
41 ވަނަ މާއްދާ - ގަވާއިދު ހެދުން
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ފަރާތަކުން ނުވަތަ ފަރާތްތަކަކުންނެވެ.
42 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރުން
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާތާ 1 އަހަރު ހަމަވާ ދުވަހުން ފެށިގެންނެވެ.
43 ވަނަ މާއްދާ - އިސްތިސްނާ
މި ގާނޫނުގެ ދަށުން، ބަންޑާރަ ބިން ހިމެނިގެން ކުރާ މުއާމަލާތުތައް ގާނޫނު ނަންބަރު 1968-09 (މިލްކުވެރިކަން ބަދަލުކުރުމުގެ ގާނޫނު) ގެ 1 ވަނަ މާއްދާގެ (ކ) އިން އިސްތިސްނާ ވާނެއެވެ (އިތުރު ކުރެވިފައި)
44 ވަނަ މާއްދާ - މާނަ
(ހ) މި ގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ، "ރަހުނު ތަންފީޒުކުރުން" ކަމަށް ބުނެފައިވަނީ، ރަހުނު ބެހެއްޓި ފަރާތުން، ރަހުނު ބެހެއްޓުމުގައި ކޮށްފައިވާ ށަރުތުތަކާ ނުވަތަ ވައުދަކާ ހިލާފުވުމުން، ރަހުނު ހިފާފައިވާ ފަރާތަށް ލިބިދޭ ހައްގުތައް ހޯދުމަށް އެފަރާތުން ކުރާ މަސައްކަތް ކުރުމަށެވެ (އިތުރު ކުރެވިފައި)
(ށ) މި ގާނޫނުގައި "ދިރިއުޅުމަށް ގޯތި ދޫކުރުން" ކަމަށް ބުނެފައިއެވަނީ، ހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ނުވަތަ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާއި އަދި އުސޫލުތަކުގެ މަތިން، އޭގެ ބަދަލުގައި އަގެއް ނެގުމަކާ ނުލައި ސަރުކާރުން ހިލޭ ބަންޑާރަ ގޯތި ދިނުމަށް ނުވަތަ ދޫކުރުމަށެވެ. އަދި ހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ނުވަތަ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާއި އަދި އުސޫލުތަކުގެމަތިން، އަގުނަގާގޮތަށް ސަރުކާރުންދޭ ނުވަތަ ދޫކުރާ ގޯތިވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ (އިތުރު ކުރެވިފައި)
(ނ) މި މާއްދާގެ (ށ) ގައި "ދިރިއުޅުމަށް ގޯތި ދޫކުރުން" ކަމަށް ބުނެފައިވާ މާނައިގެ ތެރޭގައި، ވިޔަފާރީގެ ގޮތުގައި ފައިދާ ހޯދުމަށްޓަކައި އަގުނަގާގޮތަށް ސަރުކާރުން ދޫކުރާ ބިން ނުހިމެނޭނެއެވެ (އިތުރު ކުރެވިފައި)
(ރ) މިނިސްޓްރީ ކަމަށް ބުނެފައިއެވަނީ، ބިމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ސަރުކާރުގެ ވުޒާރާ އަށެވެ.
(ބ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކައުންސިލަށެވެ (އިތުރު ކުރެވިފައި)
45 ވަނަ މާއްދާ - އުވާލެވޭ ގާނޫނު
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1970-02ޖ. (މާލޭގައިވާ ފަގުފު ބިންތައް އެހެން ރަށަކަށް ބަދަލުކުރުމާއި މާލެއިން ބިން ފަގުފުކުރުން މަނާކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1971-28ޖ. (އެއްފަރާތަކަށް މިލްކުވެފައިވާ ބިމެއްގައި އެހެން ފަރާތެއްގެ ތަކެތި ހުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1972-15ޖ . (އެކަށީގެންވާ އިމާރާތެއް ނުހަދައި އަދި މީހުން ނޫޅޭ ބިން ސަރުކާރަށް ހިފުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-52 (މާލޭގެ ގޯތިގޯއްޗާއި ބިންބިމާއި އިމާރާތް ރަޖިސްޓަރީ ކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-55 (މާލޭގެ ބަންޑާރަ ގޯތިގޯއްޗާއި ބިންބިމުން ވެލި، ގާ ނަގާ، ދީ، ވިއްކާ ހެދުން މަނާކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 1978-59 (ރާއްޖޭގެ ބިން ކޮންނަނިކޮށް ފެންނަ ތަކެއްޗާ ބެހޭ ގާނޫނު) އުވުނީއެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހު
މައި ގާނޫނު
ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)
މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު
- ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫން ދަނޑުބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1023/2019)
- ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 69/2018)
- އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖް ހުރި ސަރަހައްދު ކުއްޔަށް ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 8/2018)
- ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ހިންގައި ބެލެހެއްޓުމަށް ކައުންސިލްތަކާ ހަވާލުކުރުމާއި، ކައުންސިލްތަކުން ބިން މިލްކުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 57/2017)
- އެއްމެދު އިމާރާތާބެހޭ ގަވާއިދު (21 މޭއި 2006)
- ލޯކަލް ކައުންސިލުތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލުތަކާ ހަވާލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 24/2011)
- މިނިސްޓްރީތަކާ ހަވާލުކުރެވޭ ބިންތައް ވިޔަފާރީގެ އުސޫލުން މުއާމަލާތު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 137/2015)
- ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭގަވާއިދު (ގަވާއިދު ނަންބަރު 88/2016)
- ވިލިގިލީގައި ހުރި ސިނާއީ ބިންތައް ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 56/2017)
- ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު - 2008
ކިޔުންތެރިންގެ ހިޔާލު