ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލުތަކާ ހަވާލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 24/2011)

0 occurrences found.

ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލުތަކާ ހަވާލުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު  24/2011) 

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވާލާފައިވާ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތަކަށް އެ ކައުންސިލްތަކުގެ އިހްސާސް ހިނގާ ސަރަހައްދުގައިވާ ދައުލަތުގެ ބިންތައް ހަވާލުކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ " ލޯކަލް ކައުންސިލްތަކުގެ އިހްސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – ގަވާއިދުގެ މަގްސަދު

(ހ) މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަމަށް މަގުފަހިކުރުމަށްޓަކައި ކައުންސިލްތަކުގެ އިހްސާސް ހިނގާ ސަރަހައްދުގައިވާ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމެވެ.

 1. ދިވެހިރާއްޖޭގައި އަމަލުކުރެވޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްތަކުގެ ނަމުގައި ދައުލަތުގެ ބިން ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްތަކުގެ ނަމުގައި މިލްކުކުރުން؛
 2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ ކައުންސިލްތަކުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްތަކާ ހަވާލުކޮށްފައިވާ ދައުލަތުގެ
 3. މި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުތަކާ ހަވާލުކުރެވޭ ދައުލަތުގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމާއި އެފަދަ ބިންބިމުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ގާއިމުކުރުން؛ އަދި
 4. ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ދައުލަތުގެ ބިންބިމާގުޅޭ ގޮތުން ކައުންސިލްތަކުން ކުރުމަށް ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލުތަކާ ހަވާލުކުރެވޭ ދައުލަތުގެ ބިން ބޭނުންކުރުމުގައި ސަރުކާރުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ތަރައްގީގެ އެކިއެކި ޕްރޮގްރާމްތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

3 ވަނަ މާއްދާ – ކައުންސިލްތަކާ ހަވާލުކުރެވޭ ދައުލަތުގެ ބިން

މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ ހަވާލުކުރެވޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން ކައުންސިލްތަކުގެ އިހްސާސް ހިނގާ ސަރަހައްދުތައްކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ ބަންޑާރަ/އަމިއްލަ ގޯތި ފިޔަވައި ދައުލަތުގެ އެހެނިހެން ބިންތަކެވެ. އަދި ބުނެވިދިޔަ މަގްސަދަށްޓަކައި، ސަރުކާރުގެ ސިޔާސަތެއް ތަންފީޒުކުރުމަށް ވަކި ވުޒާރާއަކާ ހަވާލުކުރެވިފައިވާ ދައުލަތުގެ ބިންތައް މިގަވާއިދުގެ ދަށުން، ކައުންސިލާ ހަވާލުކުރެވޭ ބިންތަކުގެ ތެރެއަކު ނުހިމެނޭނެއެވެ.

 

4 ވަނަ މާއްދާ – ދައުލަތުގެ ބިން ހަވާލުކުރެވޭ އުސޫލު

(ހ) މި ގަވާއިދުގެ ދަށުން، ކައުންސިލްތަކާ ދައުލަތުގެ ބިން ހަވާލުކުރެވޭނީ އަންނަނިވި ކަންކަން ފުރިހަމަކޮށް، އެކުލަވާލެވޭ ކަމާބެހޭ ލިޔުމުންނެވެ.

 1. ކައުންސިލާ ހަވާލުކުރެވޭ ދައުލަތުގެ ބިމުގެ ޗާޓާއި އަދި އެހެނިހެން ތަފުސީލު؛
 2. ދައުލަތުގެ ބިމާގުޅޭގޮތުން ސަރުކާރަށް އަދި/ނުވަތަ ދައުލަތަށް ދައްކަންޖެހޭ އަގެއް ނުުވަތަ ކުއްޔެއް ނުވަތަ ފީއެއްވާނަމަ އެ އަދާކޮށްފައިވުން؛
 3. ދައުލަތުގެ ބިމާގުޅޭގޮތުން ސަރުކާރަށް އަދި/ނުވަތަ ދައުލަތަށް ދައްކަންޖެހޭ އެންމެހައި ޓެކުހެއް އަދާކޮށްފައިވުން؛
 4. ދިވެހި ސަރުކާރުގެ އިލްތިޒާމްތައް؛
 5. ކައުންސިލްގެ އިލްތިޒާމްތައް؛
 6. ދައުލަތުގެ ބިމާގުޅެގޮތުން ސަރުކާރަށް އަދި/ނުވަތަ ދައުލަތަށް ދައްކަންޖެހޭ ކުލި  ނުވަތަ ފީ އަދާނުކުރެވިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތް؛

(ށ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މެދުވެރިވެއްޖެނަމަ، މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ ހަވާލުކުރެވޭ ދައުލަތުގެ ބިން، މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ.

 1. ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އިގްތިސާދީ، އިޖުތިމާއީ އަދި ގައުމީ ސަލާމަތާގުޅޭ ދައުލަތުގެ ބިން އަދި/ނުވަތަ ދައުލަތުގެ ބިން ހިމެނޭ ސަރަހައްދު ބޭނުންވާކަމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުން؛
 2. ކައުންސިލްތަކަށް ހަވާލުކުރެވޭ ދައުލަތުގެ ބިމާގުޅޭ ގޮތުން ސަރުކާރަށް އަދާކުރަންޖެހޭ އަގެއް، ފީއެއް، ކުއްޔެއް، ޓެކުހެއް އަދި މިނޫންވެސް ފައިސާއެއް އަދާނުކުރުން؛
 3. ދައުލަތުގެ ބިމުގެ ބޭނުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރުން؛
 4. ސަރުކާރުގެ ސިޔާސަތާއި، ދައުލަތުގެ ބިން ހިމެނޭ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން ތަންފީޒުނުކުރެވޭނެ ގޮތަށް ކައުންސިލުން އަމަލުކުރުން؛ އަދި
 5. ދައުލަތުގެ ބިން ހިމެނޭ ސަރަހައްދުގައި ހިންގާ ސަރުކާރުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ތަރައގީގެ އެކިއެކި ޕްރޮގްރާމްތަކަށް ކައުންސިލުން ރިއާޔަތްނުކުރުން.

(ނ) މި މާއްދާގެ (ށ) ގެ (1) ގައިވާ ގޮތުގެމަތިން އަމަލުކުރާއިރު، ދައުލަތުގެ ބިމާގުޅެގޮތުން ކައުންސިލުން ތިންވަނަ ފަރާތަކާއެކު އެއްބަސްވުމެއް ވެވިފައިވާނަމަ އަދި/ނުވަތަ ދައުލަތުގެ ބިމާގުޅޭގޮތުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، އެ އެއްބަސްވުމަށާއި އެ އިންވެސްޓްމަންޓަށް ރިއާޔަތްކޮށް އަދުލުވެރި ބަދަލެއް ކައުންސިލަށް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ދައުލަތުގެ ބިމުގެ ދަފްތަރު އެކުލަވާލުން

މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ ހަވާލުކުރެވޭ ދައުލަތުގެ ބިމުގެ ދަފްތަރެއް މިނިސްޓްރީން ލިޔެ ބަލަހައްޓަންވާނެއެވެ.

 

6 ވަނަ މާއްދާ – ލޭންޑް ޔޫސް ޕްލޭން އެކުލަވާލުން

މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ ހަވާލުކުރެވޭ ދައުލަތުގެ ބިމާގުޅޭގޮތުން ކައުންސިލްތަކުން މިނިސްޓްރީގެ މަޝްވަރާއާއެކު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލަންވާނެއެވެ.

 

7 ވަނަ މާއްދާ – ކައުންސިލްތަކުން ދަައުލަތުގެ ބިން ކުއްޔަށްދިނުން ނުވަތަ ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ ހަވާލުކުރެވޭ ދައުލަތުގެ ބިން އެހެން ފަރާތްތަކަށް ކުއްޔަށްދިނުމުގައި ނުވަތަ ދޫކުރުމުގައި އަންނަނިވި ގޮތުގެމަތިން އަމަލުކުރަންވާނެއެވެ.

 1. އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާންކުރުން؛
 2. ކުއްޔަށްދޫކުރާ ދައުލަތުގެ ބިން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތުގެ ޕްރޮޕޯޒަލް ދިރާސާކުރުން؛
 3. ކ
 4. ކުއްޔަށްދޫކުރާ ދައުލަތުގެ ބިން ބޭނުންކުރަން ހުށަހަޅާފައިވާ ފަރާތުގެ ފަންނީ ގާބިލުކަންހުރި މިންވަރު ޔަގީންކުރުން؛
 5. ކުއްޔަށްދޫކުރާ ދައުލަތުގެ ބިން ބޭނުންކުރަން ހުށަހަޅާފައިވާ ފަރާތަކީ ސަރުކާރުގެ ސިޔާސަތު ތންފީޒުކުރެވޭނެ ފަރާތެއްކަން ޔަގީންކުރުން؛
 6. ސަރުކާރުގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކާއި ތަރައްގީގެ އެކިއެކި ޕްރޮގްރާމްތަކަށް ރިއާޔަތްކުރުން؛ އަދި
 7. މިނޫނަސް ކައުންސިލަށް ފެންނަ މުހިންމު ކަންތައްތައް.

(ށ) މިގަވާއިދުގެ ދަށުން ކައުންސިލްތަކާ ހަވާލުކުރެވޭ ދައުލަތުގެ އެއްވެސް ބިމެއް 10 (ދިހައެއް) އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޭނަމަ، ނުވަތަ ދައުލަތުގެ ބިން ބޭނުންކޮށްގެން ކުރެވޭ އިންވެސްޓްމަންޓު 1،000،000.00 (އެއް މިލިއަން) ދިވެހި ރުފިޔާއަށްވުރެ އިތުރުވާނަމަ، ދައުލަތުގެ ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުން ނުވަތަ ދައުލަތުގެ ބިން ބޭނުންކޮށްގެން އިންވެސްޓްކުރުމާ ގުޅޭގޮތުން ސަރުކާރުގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

 

8 ވަނަ މާއްދާ - މަށްރޫއުތަކާ ޕްރޮގްރާމްތަކާގުޅޭ މައުލޫމާތު ހުށަހެޅުން

މި ގަވާއިދުގެ ދަށުން ކައުންސިލާ ހަވާލުކުރެވޭ ދައުލަތުގެ ބިމުގައި ހިންގާ އެކިއެކި މަޝްރޫއުތަކާއި ޕްރޮގްރާމްތަކާގުޅޭ މައުލޫމާތު ހިމަނައި އެކުލަވާލާ ރިޕޯޓެއް ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ގަވާއިދު ހިންގާނެ ފަރާތް

މި ގަވާއިދު ހިންގާނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއިންނެވެ.

 

10 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެންގޮަކަށް ބުނެފައިނުވާހާ ހިނދަކު މި ގަވާއިދުގެ ބޭނުމަށް:

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓަށެވެ.

"މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓް ނުވަތަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓުގެ މަސައްކަތްތައް ހިންގުމާ ހަވާލުކޮށްފައިވާ މިނިސްޓަރަށެވެ.

"ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލާއި ސިޓީ ކައުންސިލަށެވެ.

"ބިން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ދަށުން އެކިއެކި ކަންކަމަށާއި ބޭނުންތަކަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ބިންތަކެވެ.

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com