-

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2021-28)

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) އަށް އަންނަނިވި  އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އެކުލެވޭ ބައިގެ ސުރުޚީ، އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

މިނިސްޓްރީތަކާއި އެހެން ފަރާތްތަކާ ހަވާލުކުރެވޭ ބިންތަކާއި ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

މިނިސްޓްރީތަކާއި، ދައުލަތުގެ އިދާރާތަކާ ބިން ހަވާލުކުރުން 5.

(ހ) މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫ ލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރާ ބިންތައް ހަވާލުކުރުމާއި ވަކިކުރުމާގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގަވާއިދު ހަދަން ވާނީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އު ސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

6 (ށ) (3) މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބިން ހަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ބިން ހަވާލުކުރެވޭ މަގްސަދާއި، ހަވާލުކުރެވޭ ތާރީޚު.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން ދެ ނަންބަރު އިތުރުކުރުން.

(5) ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތަކުގެ މައުލޫމާތު.

(6) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް މައުލޫމާތު.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބިމާބެހޭ މުއާމަލާތު ކުރުން 7.

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބިން ހަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުއާމަލާތުކުރަންވާނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

(ށ) ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުއާމަލާތުކުރަންވާނީ، މި ގާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކި ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުން 8.

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެކި މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިންތައް ބޭނުންކުރަންވާނީ، އަދި އެކި ފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެ ބިމެއް އެކަށައަޅާފައިވާ ބޭނުމަކަށް، ނުވަތަ ކަމަކަށެވެ.

(ށ) ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ބޭނުންކުރަންވާނީ، އަދި އެކިފަރާތްތަކަށް ދޫކުރަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ކަމާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައިވާގޮތުގެމަތިން އެ ބިމެއް އެކަށައަޅާފައިވާ ބޭނުމަކަށް، ނުވަތަ ކަމަކަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިރިއުޅުން ނޫން އެހެން ބޭނުންތަކަށާއި ކަންކަމަށް ބިން ދޫކުރުމާއި، އިގްތިސާދީ ބޭނުންތަކަށް ދޫކުރެވޭ ބިމުން މުއާމަލާތުކުރުން 9.

(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައަޅާ ބިންބިން ފިޔަވައި، މި ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ކަމާބެހޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިން، ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، އެތަނަކުން ދޫކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި، އެކި ބޭނުންތަކަށާއި، ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، އެ މިނިސްޓްރީއާއި ނުވަތަ އިދާރާއާއި ނުވަތަ ކައުންސިލާއި، ބިންދޫކުރެވޭ ފަރާތާ ދެމެދު، ލިޔުމަކުން ކުރެވޭ އެގްރީމަންޓެއްގެ ދަށުންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. (ނ) މި ގާނޫނުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިގްތިސާދީ ބޭނުމަށް އެކަށައަޅައި،މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީތަކާ ނުވަތަ ދައުލަތުގެ އިދާރާތަކާ ހަވާލުކުރާ ބިމުން، ނުވަތަ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިމުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ވިޔަފާރީގެ އުސޫލުން މުއާމަލާތުކުރެވިދާނެއެވެ. މިގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި ނުވަތަ ދައުލަތުގެ އިދާރާތަކާ ހަވާލުކުރެވޭ ބިން ނުވަތަ ކައުންސިލުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެފަރާތްތަކުން ގާނޫނުއަސާސީއާއި މި ގާނޫނާ ޚިލާފުނުވާ ގޮތުގެމަތިން، ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. (ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދެވަނަ ފަރާތަކުން ގަންނަ ނުވަތަ ކުއްޔަށްހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް، އެފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކަށް ރަޖިސްޓަރީކޮށްދެވޭނެއެވެ. އަދި ބިންދޫކުރާ މިނިސްޓްރީއާއި ނުވަތަ ދައުލަތުގެ އިދާރާއާއި ނުވަތަ ކައުންސިލާއި، އެފަރާތަކާ ދެމެދު ވާ އެގްރީމަންޓާ އެއްގޮތްވާ ގޮތުގެމަތިން، އެ ބިމަކާ ގުޅިގެން އެ ދެވަނަ ފަރާތަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. (ރ) (2) އެ ބިމާ ގުޅިގެން އެފަރާތަށް ލިބިފައިވާ ހައްގާ އެއްގޮތްވާ ގޮތުގެމަތިން އެހެން ފަރާތަކަށް އެ ބިން ނުވަތަ އެ ބިމުން ބައެއް، ބިން ހަވާލުކުރާ މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން، ވިއްކުން ނުވަތަ ކުއްޔަށް ދިނުން ނުވަތަ ބަދަލުކުރުން؛

(3) ބިން ހަވާލުކުރާ މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން، އެ ބިމާ ގުޅޭގޮތުން ލިބިފައިވާ ގާނޫނީ ހައްގު ނުވަތަ އެ ބިމުގައި ކުރެވޭ އިމާރާތް ރަހުނުކުރުން؛

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. (ބ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ނުވަތަ ދައުލަތުގެ އިދާރާތަކަށް ދޫކުރާ ބިންތައް ރަޖިސްޓަރީކޮށްދީ، އެ ބިންތަކާއި އެ ބިންތަކުގައި ކުރެވޭ އިމާރާތްތައް ރަޖިސްޓަރީކުރުމާބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ބިމެއް ދޫކުރި މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާ ނުވަތަ ކައުންސިލުންނެވެ.12 .ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 32 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެއްމެދު އިމާރާތުގެ ގޮތުގައި ރަޖިސްޓަރީ ކުރުން 32.

32. އެއްވެސް މީހަކު ނުވަތަ ބަޔަކު، އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ ބިމެއްގައި، ނުވަތަ ބަންޑާރަ ގޯއްޗެއްގައި، ހަދާފައިވާ އިމާރާތް، އެއްމެދު އިމާރާތަކަށް ބަދަލުކުރުމަށް ބޭނުންނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެ އިމާރާތެއް، އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުން.

45. (ބ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކައުންސިލަށެވެ. 

 

14 ވަނަ މާއްދާ -

މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ  ގަވާއިދުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

15 ވަނަ މާއްދާ -

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބިިމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު