-

ދޯހަޅި ޑްރާފްޓްކުރުމުގެ ސަބަބުން ނިކުންނަ ގާނޫނީ މައްސަލަ

 

18 ސެޕްޓެމްބަރު 2023 ގައި ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް 2 ވަނަ އިސްލާހު ގެނެވުނެވެ. އެ އިސްލާހުގައި ހިމެނެނީ 5 މާއްދާއެވެ.

  • 1 ވަނަ މާއްދާއިން ވަނީ 15 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރު އުނިކުރެވިފައެވެ.
  • 2 ވަނަ މާއްދާއިން ވަނީ 15 ވަނަ މާއްދާގެ (ރ) ގެ 5 ވަނަ ނަންބަރު އުނިކުރެވިފައެވެ.
  • 3 ވަނަ މާއްދާއިން 43 ވަނަ ވަނަ މާއްދާގެ ގޮތުގައި ތިރީގައިވާ މާއްދާ އިތުރު ކުރެވުނެވެ:

43 ވަނަ މާއްދާ - ޑިޖިޓަލްލައިސަންސް އަދި ލައިސަންސް ކާޑު ދޫކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސްތަކަށް ޑިޖިޓަލް ލައިސަންސް ތައާރުފުކުރުމާއި، ލައިސަންސް ކާޑު ދޫކުރުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

  • 4 ވަނަ މާއްދާގައި ބުނަނީ ނަންބަރުތައް އަލުން ތަރުތީބު ކުރުމަށެވެ.
  • 5 ވަނަ މާއްދާގައި ވަނީ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހެވެ.

 

17 ސެޕްޓެމްބަރު 2024 ގައި ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 2022-132) އަށް 3 ވަނަ އިސްލާހު ގެނެވުނެވެ. އެ އިސްލާހުގައި ހިމެނެނީ 4 މާއްދާއެވެ.

  • 1 ވަނަ މާއްދާއިން ވަނީ 15 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރު އަނބުރާ ގެނެސްފައެވެ.
  • 2 ވަނަ މާއްދާއިން ވަނީ 15 ވަނަ މާއްދާގެ (ރ) ގެ 5 ވަނަ ނަންބަރު އަނބުރާ ގެނެސްފައެވެ. އަދި ފަހަތަށް ހުރި ނަންބަރުތައް އަލުން ތަރުތީބުކުރަންވެސް އަންގައެވެ.
  • 3 ވަނަ މާއްދާގައި ވަނީ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހެވެ.
  • އެއަށް ފަހު 4 ވަނަ މާއްދާއިން ޓެކްސީ ގަވާއިދަށް ގެނެވުނު 2 ވަނަ އިސްލާހު (ނަންބަރު 2023-157) އެއްކޮށް އުވާލާފައިވެއެވެ.

 

އެރި އޮޅުން ބޮޅުމާއި ޑްރާފްކުރުމުގެ ފެންވަރު ދަށްކަމުން އުފެދޭ ސުވާލާއި ދިމާވާ މައްސަލަ

  1. ގަވާއިދަށް ގެނެވުނު 2 ވަނަ އިސްލާހުން ތައާރަފުކުރެވުނު 43 ވަނަ މާއްދާ، އެ ގަވާއިދަށް ގެނެވުނު 3 ވަނަ އިސްލާހުގެ 4 ވަނަ މާއްދާއިން އުނިކުރެވުނީތޯ؟ އެހެންވެއްޖެ ނަމަ 15 ވަނަ މާއްދާގެ (ރ) ގެ (5) ވަނަ ނަންބަރުގެ ފަހަތަށް ހުރި މާއްދާތައް ތަރުތީބުކުރަން ބަޔާންކުރި ގޮތަށް 43 ވަނަ މާއްދާ ގެ ފަހަތަށް ހުރި މާއްދާތަށް ތަރުތީބުކުރަން ބަޔާންނުކުރީ ކީއްވެތޯ؟
  2. 43 ވަނަ މާއްދާއިން މިނިސްޓްރީއަށް ދިން ޑިޖިޓަލްލައިސަންސް އަދި ލައިސަންސް ކާޑު ދޫކުރުމުގެ ބާރު މިހާރު މިނިސްޓްރީގެ ކިބައިން ނިގުޅުނީތޯ؟ އެ ބާރު މިނިސްޓްރީގެ ކިބައިން ނިގުޅުމަކީ ގަވާއިދު އިސްލާހު ކުރުމުގެ މަގްސަދެއްތޯ؟ އަދި އެ ބާރު މިހާރު އެހެން އިދާރާއަކަށް ބަދަލުކުރީތޯ ނުވަތަ ޑިޖިޓަލް ކާޑުގެ ބޭނުން ނެތިދިޔައީތޯ؟
  3. ގާނޫނާއި ގަވާއިދަށް ގެނެވޭ އިސްލާހުތަކާއި ގުޅިގެން ފަހަތަށް ހުންނަ މާއްދާތައް ތަރުތީބުކުރުމަކީ ހަމަޖެހޭ ކަމަށްނުވާއިރު ވެސް އެކަން ކުރަނީ ކީއްވެތޯ؟ އެއިން އަރާ އޮޅުންބޮޅުންތަކުގެ ސަބަބުން ބޭރުގެ ގައުމުތަކުގައި އެފަދަ ކަންކަން ނުކުރާ ސަބަބު ހަމަ ނޭގެނީތޯ؟ މިސާލަކަށް 150 މާއްދާ ހިމެނޭ ގާނޫނެއްގެ 10 އިސްލާހު ގެންނައިރު އިސްލާހެއް ގެންނަ ކޮންމެ ފަހަރަކު ނަންބަރުތައް އަލުން ތަރުތީބުކުރާނަމަ ވާނެގޮތާމެދު ނުވެސްނެނީތޯ؟ އަދި ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ މާއްދާއެއް ކޯޓުން މާނަކޮށް ނިންމާ މައްސަލައެއް ފަހުން ދިރާސާކޮށް ބަލާއިރު ހުކުމުގައި ހަވާލާދިން މާއްދާއަކާއި އެ ގާނޫނެއް ނުވަތަ ގަވާއިދެއްގެ މާއްދާއަކާއި ފަހުން ދިމާނުވާނެ ކަމާއި އަދި އެއިގެ ސަބަބުން ފަނޑިޔާރުންނާއި، ވަކީލުންނާއި، ދަރިވަރުންނާއި އަދި ރިސަރޗްކުރާ ފަރާތްތަކަށް ދިމާވާނެ ދަތިތައް ނޭގެނީތޯ؟
  4. ގާނޫނަކަށް ނުވަތަ ގަވާއިދަކަށް އިސްލާހު ގެނައުމަށް ފަހު އެ ގެނެވޭ އިސްލާހެއް ވެގެންދާނީ މައި ގާނޫނާއި ގަވާއިދުގެ ބަޔަކަށެވެ. އެގޮތުން އިސްލާހުކުރެވޭ ބައިތަކަށް ފަހުން ބަދަލު ގެންނާނީވެސް މައި ގާނޫނާއި ގަވާއިދުގައެވެ. ތަފާތު އެކި ފަހަރު މަތިން ތަފާތު އެކިއެކި ގާނޫނާއި ގަވާއިދުން ގެނެވޭ އިސްލާހުތައް ބާތިލުކުރާކަށެއް ނުޖެހެއެވެ.