-

އިންޖިނިއަރުންގެ އެވޯޑު ދިނުމާ ގުޅޭ އުސޫލު

(އުސޫލު ނަންބަރު 2026-20)

(މި އުސޫލަށް އަމަލުކުރަން ފެށީ 3 އޮގަސްޓު 2026 ގައި)

މި ފައިލް އަދި އަޕްލޯޑްކޮށް ނުނިމޭ

1 ވަނަ މާއްދާ - ތަޢާރުފާއި ނަން

(ހ) މިއީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިންގ ދާއިރާއަށް، ދިވެހި އިންޖިނިއަރުން ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ދޭ "އިންޖިނިއަރުންގެ އެވޯޑު" ދިނުމާ ގުޅޭ ހަމަތަކާއި ޝަރުޠުތަކާއި، އެވޯޑު ދޭނެ ދާއިރާތަކާއި، އެ އެވޯޑުތައް ދިނުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "އިންޖިނިއަރުންގެ އެވޯޑު ދިނުމާ ގުޅޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި އުސޫލުގެ މަގްސަދުތައް ތިރީގައި މިވަނީއެވެ.

(ހ) ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގ ދާއިރާގެ ފަންނުވެރިން ހޯދާ ކާމިޔާބީތައް ފާހަގަކުރުން.

(ށ) އިންޖިނިއަރިންގ ދާއިރާގެ ފަންނުވެރިކަމާއި، ލާމަސީލު އުފެއްދުންތެރިކަން ކުރިއެރުވުން.

(ނ) ގައުމީ ތަރައްގީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުން.

(ރ) އިންޖިނިއަރިންގ ދާއިރާއިން ތަޢުލީމު ހާސިލުކުރާ ފަރާތްތަކާއި، ޒުވާން އިންޖިނިއަރުން މި ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރުދިނުން.

(ބ) މުޖުތަމަޢުގެ ޢާންމު މަސްލަޙަތަށް، ފާހަގަކޮށްލެވޭ ފަދަ ބޮޑު ފައިދާއެއް ކޮށްދީފައިވާ އިންޖިނިއަރިންގ މަސައްކަތްތަކުގެ އަގު ވަޒަންކުރުން.

(ޅ) މޫސުމީ ބަދަލުތަކާ ގުޅޭ ދެމެހެއްޓެނިވި އިޖާދީ އިންޖިނިއަރިންގގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުން.

(ކ) ދިވެހިރާއްޖޭގައި އިންޖިނިއަރިންގ ދާއިރާއަށް ޚިދުމަތްކުރާ ވަކިވަކި ފަރުދުންނާއި، ޓީމުތަކާއި ޖަމުޢިއްޔާތަކާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރުން.

 

3 ވަނަ މާއްދާ - އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވާ ގިންތިތައް

(ހ) މި އުސޫލުގެ ދަށުން، އެވޯޑު ދިނުމަށް ކަނޑައެޅިފައިވަނީ އަންނަނިވި މައިގަނޑު 10 (ދިހައެއް) ގިންތިއަކުންނެވެ.

  1. އިންޖިނިއަރ އޮފް ދަ އިޔަރ
    Engineer of the year
  2. ލައިފްޓައިމް އެޗީވްމަންޓް އެވޯޑު
    Lifetime Achievement Award
  3. ޔަންގް އިންޖިނިއަރ އެވޯޑު
    Young Engineer Award
  4. ވިމެން އިން އިންޖިނިއަރިންގ އެވޯޑު
    Women in Engineering Award
  5. އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑު
    Engineering Innovation, Technology, Education and Research Award
  6. ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
    Sustainability Champion Award
  7. އިންޖިނިއަރިންގ ކޮންސަލްޓަންޓް/ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ
    Engineering Consultant/Consultancy Firm of the Year
  8. ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
    Student Innovator Award
  9. ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
    Community Impact Award
  10. ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑު
    Contractor of the year Award

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެވޯޑު ދިނުމަށް ކަނޑައެޅިފައިވާ ގިންތިތަކުގެ ދަށުން ދެވޭ އެވޯޑުތަކުގެ ތަފުސީލު، މި އުސޫލުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

(ނ) އެވޯޑު ދިނުމަށް ކަނޑައަޅައިފައިވާ ގިންތިތަކަށް ލިބޭ ހުށަހެޅުންތަކުގެ އަދަދަށާއި ފެންވަރަށް ބަލައި، ގިންތިތަކަށް އުނިއިތުރު ގެނައުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - އެވޯޑަށް އެދި ނަން ހުށަހެޅުން

މި އުސޫލުގެ ދަށުން އެވޯޑުތައް ދިނުމަށް ކަނޑައަޅައިފައިވާ ގިންތިތަކުން އެވޯޑަށް އެދި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނަން ހުށަހެޅިދާނެއެވެ.

(ހ) ސަރުކާރު އޮފީސްތަކާއި މުއައްސަސާތައް

(ށ) ވަޒީފާދޭ ފަރާތްތައް (އެމްޕްލޯޔަރސް)

(ނ) ފަންނީ (ޕްރޮފެޝަނަލް) އަދި މުޖުތަމަޢުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައް

(ރ) ތަޢުލީމީ މަރުކަޒުތައް (ސްކޫލު، ކޮލެޖު، ޔުނިވަރސިޓީ)

(ބ) އިންޖިނިއަރިންގ މަސައްކަތްކުރާ ކުންފުނިތައް / ފާމްތައް

(ޅ) މަޝްރޫޢުގެ ވެރިފަރާތްތައް (ޕްރޮޖެކްޓް އޯނަރސް)

(ކ) ސުޕަވައިޒަރުން ނުވަތަ ދާއިރާގެ ފަންނީ އިސް ފަރާތްތައް

(އ) އެވޯޑަށް ނަން ހުށަހެޅޭ ފަރާތުން ކޮށްފައިވާ މަސައްކަތްތަކާއި ޚިދުމަތްތައް އެނގޭ އަމިއްލަ ފަރުދުން

(ވ) އަމިއްލަ އިސްނެގުމުގެ މަތިން އެވޯޑަށް ހުށަހެޅުން (ސެލްފް-ނޮމިނޭޝަން). އަމިއްލަގޮތުން ކުރިމަތިލާ ފަރާތްތަކުން، އެ ފަރާތް ފިޔަވައި އެހެން ފަރާތަކުން ދޫކޮށްފައިވާ މަދުވެގެން 1 (އެކެއް) ރެފެރެންސް ސިޓީ ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - އާންމު ޝަރުތުތައް 

މި އުސޫލުގެ ދަށުން އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި އާންމު ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

  1. ވަކިވަކި ފަރުދުންނަށް ދެވޭ އެވޯޑަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައިވުން؛
  2. ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތެއް ކޮށްފައިވާ ނުވަތަ ހިއްސާއެއް އޮތް ފަރާތެއް ނުވަތަ ފަރާތްތަކެއް ކަމުގައިވުން؛
  3. އެވޯޑަށް އެދި ހުށަހަޅާ ފަރާތަކީ ކޮންޓްރެކްޓަރެއް ނުވަތަ ފާމެއް ނުވަތަ ކޮންސަލްޓެންސީ ފާމެއް ނަމަ، އެ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އަދި ސައްތައިންސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ވިޔަފާރިއަކަށްވުން؛
  4. އެ ފަރާތެއްގެ ކާމިޔާބީއަކީ ނުވަތަ މަސައްކަތަކީ ނުވަތަ ހިއްސާވެފައިވާ ޕްރޮޖެކްޓަކީ، އިންޖިނިއަރިންގ ނުވަތަ އިންޖިނިއަރިންގއާ ގުޅުންހުރި ދާއިރާއެއްގެ މަސައްކަތެއް ކަމުގައިވުން؛
  5. އެވޯޑަށް ނަން ހުށަހެޅިފައިވާ ފަރާތަކީ ނަޒާހަތްތެރިކަމާއި، ފަންނީ އަޚްލާގާއި ސުލޫކީ މިންގަނޑުތައް ހިފަހައްޓައި، މުޖުތަމަޢަށް ފައިދާހުރި ޚިދުމަތެއް ކޮށްދީފައިވާ ފަރާތެއްކަން ސާބިތުކޮށްދިނުން؛
  6. ހުށަހަޅާ ހުށަހެޅުމާއެކު، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ލިޔެކިޔުންތައް ހުށަހެޅުން؛
  7. އެވޯޑަށް ނަން ހުށަހެޅިފައިވާ ފަރާތަކީ، އެ ފަރާތުގެ ފަންނީ މަސައްކަތާ ގުޅިގެން ނޭދެވޭ ޢަމަލެއް ހިންގައިފައިވާ ފަރާތަކަށް ނުވުމާއި، އިދާރީ ފިޔަވަޅެއް އެޅިފައިވާ ފަރާތަކަށް ނުވުމާއި، މަކަރާއި ހީލަތް، ކޮރަޕްޝަން ނުވަތަ ސަލާމަތީގޮތުން ބަލަންޖެހޭ ކަމެއްގައި ބޮޑު އިހުމާލެއް ވެފައިވާ ފަރާތަކަށް ނުވުމުގެ އިތުރުން، ގާނޫނީގޮތުން ފުރިހަމަވާންޖެހޭ ޝަރުޠެއް އުނިވެފައިވާކަން ސާބިތުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

(ށ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން، އެވޯޑަށް އެދި ހުށަހަޅާ ފަރާތުގެ ކުށުގެ ރިކޯޑު، ނުވަތަ އެ ފަރާތާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް އިވެލުއޭޝަން ކޮމިޓީން ސާފުކުރާނެއެވެ.

 

6 ވަނަ މާއްދާ - ވަކިވަކި ފަރުދުންނަށް ދޭ އެވޯޑުތަކަށް އެދި ކުރިމަތިލެވޭނެ ފަރާތްތައް

މި އުސޫލުގެ ދަށުން ވަކިވަކި ފަރުދުންނަށް ދެވޭ އެވޯޑުތަކަށް ކުރިމަތިލެވޭނީ އަންނަނިވި ދާއިރާތަކުން ތަޢުލީމު ޙާސިލުކޮށްފައިވާ ފަރާތްތަކަށެވެ:

(ހ) ސިވިލް އިންޖިނިއަރުން؛

(ށ) ސްޓްރަކްޗަރަލް އިންޖިނިއަރުން؛

(ނ) އިލެކްޓްރިކަލް އިންޖިނިއަރުން؛

(ރ) މެކޭނިކަލް އިންޖިނިއަރުން؛

(ބ) ކޯސްޓަލް އިންޖިނިއަރުން، މެރިން އިންޖިނިއަރުން، އެންވަޔަރަންމަންޓަލް އިންޖިނިއަރުން؛ 

(ޅ) ޓްރާންސްޕޯޓް އިންޖިނިއަރުން، އޭވިއޭޝަން އިންޖިނިއަރުން، ވޯޓަރ އިންޖިނިއަރުން، ސެނިޓޭޝަން އިންޖިނިއަރުން، އެނަރޖީ އިންޖިނިއަރުން، އިންފްރާސްޓްރަކްޗަރ އިންޖިނިއަރުން.

(ކ) އިންޖިނިއަރިންގ ދާއިރާގެ އެކަޑެމިކް ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި މި ދާއިރާގެ މުދައްރިސުން ނުވަތަ ތަޢުލީމުދޭ ފަރާތްތައް.

(އ) އިންޖިނިއަރިންގ ދާއިރާއާ ގުޅުންހުރި އެހެނިހެން ފަންނީ މާހިރުން.

 

7 ވަނަ މާއްދާ - ޓީމުތަކާއި މަޝްރޫޢުތަކަށް އެދި ކުރިމަތިލެވޭނެ ފަރާތްތައް

މި އުސޫލުގެ ދަށުން ޓީމުތަކާއި މަޝްރޫޢުތަކަށް ދޭ އެވޯޑުތަކަށް ކުރިމަތިލެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

(ހ) ސަރުކާރުގެ އިދާރާތައް / މުއައްސަސާތައް.

(ށ) ސަރުކާރު ހިއްސާވާ ކުންފުނިތައް.

(ނ) އިންޖިނިއަރިންގ މަސައްކަތްކުރާ ކުންފުނިތައް / ފާމްތައް.

(ރ) ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުން.

(ބ) މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތައް.

(ޅ) ތަޢުލީމީ ދާއިރާ ނުވަތަ ދިރާސާކުރާ ޓީމުތައް.

 

8 ވަނަ މާއްދާ - ޒުވާން އިންޖިނިއަރުންގެ އެވޯޑަށް އެދި ކުރިމަތިލެވޭނެ ފަރާތްތައް

ޒުވާން އިންޖިނިއަރުންގެ އެވޯޑަށް އެދި ކުރިމަތިލެވޭނީ، އަންނަނިވި ފަރާތްތަކަށެވެ.

(ހ) އުމުރުން 30 (ތިރީސް) އަހަރު ނުފުރޭ ފަރާތަކަށް ވުން.

(ށ) ފާހަގަކޮށްލެވޭ ފަންނީ ކާމިޔާބީއެއް ހޯދައިފައިވުން ނުވަތަ އާދަޔާ ޚިލާފު އުފެއްދުމެއް (އިނޮވޭޝަން) އުފައްދައިފައިވުން ނުވަތަ އިސްނެގުމެއް (ލީޑަރޝިޕް) ނުވަތަ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވުން.

(ނ) ކުރިމަގުގައި އިންޖިނިއަރިންގ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެވިދާނެ ފަދަ ގާބިލުކަމެއް ހުރިކަން ސާބިތުކޮށްދިނުން.

 

9 ވަނަ މާއްދާ - ދަރިވަރުންގެ އެވޯޑަށް އެދި ކުރިމަތިލެވޭނެ ފަރާތްތައް

އިންޖިނިއަރިންގ، ސްޓެމް (Stem)، އައު އުފެއްދުންތައް (އިނޮވޭޝަން) ޑިޒައިންކުރުން، ދިރާސާކުރުން، ނުވަތަ ޕްރޮޓޯޓައިޕް ނަމޫނާ (މޮޑެލް) އުފެއްދުން ތައްޔާރުކުރުމުގެ ދާއިރާއިން ދަރިވަރުންގެ އެވޯޑަށް އެދި ހުށަހެޅޭނީ، އަންނަނިވި ފަރާތްތަކަށެވެ.

(ހ) ފަންނީ ދާއިރާތަކުން (ޓެކްނިކަލް ދާއިރާތަކުން) ކިޔަވާ ދަރިވަރުންނާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން (ވޮކޭޝަނަލް ދާއިރާތަކުން) ކިޔަވާ ދަރިވަރުން.

(ށ) މި އުސޫލުގެ 6 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ތަޢުލީމީ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ ލެވެލް 3 އިން ފެށިގެން 7 އާ ދެމެދު ކިޔަވާ ދަރިވަރުން.

 

10 ވަނަ މާއްދާ - އެވޯޑަށް އެދި ނަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

(ހ) މި އުސޫލުގެ ދަށުން އެވޯޑަށް އެދި ނަން ހުށަހަޅާ ކޮންމެ ނޮމިނޭޝަނެއްވެސް، އެވޯޑަށް ނަން ހުށަހެޅުމަށް ޝަރުޠުހަމަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ށ) މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެވޯޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި، ލިޔެކިޔުންތަކުގެ ތަފުސީލުތައް، އެވޯޑަށް ހުޅުވައިލުމަށް ކުރާ އިޢުލާނާއެކު މިނިސްޓްރީން ޢާންމުކުރަންވާނެއެވެ.

(ނ) މި އުސޫލުގެ ދަށުން ހުށަހަޅައިފައިވާ ފޯމުގައި އެއްވެސް މަޢުލޫމާތެއް އުނިވެފައިވުން ނުވަތަ ދީފައިވާ މަޢުލޫމާތެއްގެ ސައްޙަކަން ކަށަވަރުނުވުން، ނުވަތަ ލިޔެކިޔުމެއް މަދުވާ ޙާލަތްތަކުގައި، އެ ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

 

11 ވަނަ މާއްދާ -  އިވެލުއޭޝަން ކޮމިޓީ

(ހ) މި އުސޫލުގެ ދަށުން ހުށަހަޅާ ފޯމުތައް ދިރާސާކޮށް، މާކުސް ދީ، އެވޯޑު ލިބޭނެ ފަރާތްތައް ކަނޑައަޅާނީ އިވެލުއޭޝަން ކޮމިޓީންނެވެ.

(ށ) އިވެލުއޭޝަން ކޮމިޓީ އެކުލެވިގެންވަނީ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. އަދި ކޮމިޓީގެ ޖަލްސާއެއް ބޭއްވޭނެ ކޯރަމަކީ، 5 (ފަހެއް) މެންބަރުންނެވެ. މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ މިނިސްޓަރެވެ.

(ނ) ކޮމިޓީއަށް އައްޔަނުކުރާ މެންބަރުންނަކީ ފަންނީ ގާބިލުކަންހުރި، ފަންނީގޮތުން އިތުބާރު ލިބިގެންވާ އަދި މިނިވަންކަމާއެކު ނިންމުންތައް ނިންމޭނެ ފަރާތްތަކަކަށް ވާންޖެހޭނެއެވެ. އެގޮތުން އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ދާއިރާތަކާއި ދައުރު މި އުސޫލުގެ ޖަދުވަލު 2 ގައި ތަފުސީލުކުރެވިފައިވާނެއެވެ.

(ރ) އިވެލުއޭޝަން ކޮމިޓީއަށް އިދާރީ އެހީތެރިކަން ފޯރުކޮށްދޭނީ ސެކްރެޓޭރިއެޓެވެ. އަދި ކޮމިޓީގެ ސެކްރެޓޭރިއެޓް ކަނޑައަޅާނީ މިނިސްޓަރެވެ.

 

12 ވަނަ މާއްދާ - މަސްލަހަތު ފުށުއެރުން

އިވެލުއޭޝަން ކޮމިޓީގައި ހިމެނޭ އެއްވެސް މެންބަރެއްގެ އެއްވެސް މަސްލަޙަތެއް ފުށުއަރާ ނަމަ، އިވެލުއޭޝަން ފެށުމުގެ ކުރިން އެކަން ހާމަކުރަންވާނެއެވެ. ތިރީގައި މިވަނީ މަސްލަޙަތު ފުށުއެރުންކަމަށް ބެލެވިދާނެ ޙާލަތްތަކެވެ.

(ހ) ނޮމިނޭޓްވި ފަރާތާ ޢާއިލީގޮތުން ނުވަތަ ގާތްތިމާގެކަމުގެ ގުޅުމެއް އޮތުން.

(ށ) ނޮމިނޭޓްކުރެވިފައިވާ ފަރާތަކީ އެ މަޝްރޫޢު ނުވަތަ އެ މަސައްކަތުގެ ވެރިފަރާތް ކަމުގައިވުން.

(ނ) ނޮމިނޭޓްކުރެވިފައިވާ ފަރާތުގެ ސީދާ ބެލެނިވެރިކަމުގެ ދަށުން މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން.

(ރ) އަމިއްލަ މާލީ މަސްލަޙަތެއް، ނުވަތަ ފަންނީ މަސްލަޙަތެއް އޮތުން.

(ބ) ވަކި ފަރާތަކަށް ނުޖެހި ނިންމުމަށް ބުރޫއަރާފާނެ ފަދަ އިޙްތިމާލެއް އޮތުން.

 

13 ވަނަ މާއްދާ - ހުށަހެޅުންތައް ވަޒަންކުރުމުގެ މަރުޙަލާ

މި އުސޫލުގެ ދަށުން، އެވޯޑަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތައް، އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރާނީ، ތިރީގައިމިވާ އުސޫލުންނެވެ:

(ހ) ސެކްރެޓޭރިއެޓަށް ހުރިހާ ނޮމިނޭޝަނެއް ލިބުމުން، އެ ފޯމުތައް ރަޖިސްޓަރީކުރުން.

(ށ) ސެކްރެޓޭރިއެޓުން، ހުށަހަޅާފައިވާ ފޯމުތަކުގެ އިދާރީ ސްކްރީނިންގ އާއި އާންމު ޝަރުޠުތައް ހަމަތޯ (ބެލުން) ކުރިއަށް ގެންދިއުން.

(ނ) ޝަރުޠު ހަމަވާ ނޮމިނޭޝަންތައް، އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުން.

ރ) ކޮމިޓީގެ މެންބަރުން ވަކިވަކިން ފޯމުތައް ބަލައި ދިރާސާކޮށް މާކުސް ދިނުން.

(ބ) ދީފައިވާ މާކުސްތަކާ ގުޅިގެން ފާހަގަކުރެވޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުން.

(ޅ) މާކުސްތަކުގެ އެވްރެޖް ހިސާބުކުރުން.

(ކ) އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ކަނޑައެޅުން.

(އ) އިތުރަށް ސާފުކުރަންޖެހޭ ކަމެއް އޮތް ނަމަ، އެ ކަމެއް ސާފުކުރުން ނުވަތަ ބޭނުންވެއްޖެ ހާލަތެއްގައި އިންޓަރވިއުއެއް ކުރިއަށް ގެންދިއުން.

(ވ) ކޮންމެ އެވޯޑް ކެޓަގަރީއަކުން އެންމެ މަތިން މާކުސް ލިބުނު ތަރުތީބުން، ފައިނަލް ރޭންކިންގ ތައްޔާރުކުރުން.

(މ) އެވޯޑު ލިބޭނެ ފަރާތްތައް ކޮމިޓީގެ ފަރާތުން ހުށަހެޅުން (ރިކޮމެންޑްކުރުން).

(ފ) މިނިސްޓްރީން ނިންމާ ގޮތެއްގެ މަތިން، އެވޯޑު ލިބުނު ފަރާތްތަކަށާއި ފައިނަލިސްޓުންނަށް އެކަން އެންގުން.

 

14 ވަނަ މާޢްދާ - އިންޓަރވިއު ނުވަތަ ޕްރެޒެންޓޭޝަން ހުށަހެޅުން

އެވޯޑަށް އެދި ހުށަހަޅާ ފަރާތްތައް އިންޓަރވިއުއަކަށް ޙާޟިރުވުމަށް ނުވަތަ ކުރު ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް އިވެލުއޭޝަން ކޮމިޓީއަށް އެދެވިދާނެއެވެ.

 

15 ވަނަ މާޢްދާ - މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުން

އެވޯޑަށް އެދި ހުށަހަޅާ ފޯމާއި ފައިލްތަކުގައި ހުށަހަޅައިފައިވާ މައުލޫމާތުގެ ސައްޙަކަން ބަލައި، ކަށަވަރުކުރުމުގެ އިޚުތިޔާރު ލިބިގެންވަނީ އިވެލުއޭޝަން ކޮމިޓީއަށެވެ. ސައްޙަކަން ކަށަވަރުކުރުމުގައި ބެލިދާނެ ކަންކަން ތިރީގައި މިވަނީއެވެ.

(ހ) ރެފްރީންނަށް ގުޅައިގެން މައުލޫމާތު ސާފުކުރުން.

(ށ) ވަޒީފާދޭ ފަރާތްތަކަށް ނުވަތަ ޕްރޮޖެކްޓުގެ ވެރިފަރާތްތަކަށް ގުޅައިގެން މައުލޫމާތު ސާފުކުރުން.

(ނ) ޕްރޮޖެކްޓުގެ ރިކޯޑުތަކާއި ލިޔެކިޔުންތައް ދިރާސާކުރުން.

(ރ) ޢާންމު ރިކޯޑުތައް ނުވަތަ ޝާއިޢުކޮށްފައިވާ ފޮތް ނުވަތަ ހުށަހެޅި ލިޔުންތައް ޗެކްކުރުން.

(ބ) އިތުރު ހެކި ނުވަތަ ލިޔެކިޔުން ހުށަހެޅުމަށް އެދުން.

(ޅ) ބޭނުންވެއްޖެ ޙާލަތެއްގައި، އަދި އެކަން ކުރެވެން އޮތް ނަމަ، މަސައްކަތް ހިނގާ ބިމަށް (ސައިޓަށް) ޒިޔާރަތްކޮށް ބެލުން.

(ކ) ޙަގީގަތާ ޚިލާފަށް ނުވަތަ ޙަގީގަތް އޮޅޭގޮތަށް ނުވަތަ ދޮގު މައުލޫމާތު ހިމެނޭ ނުވަތަ ކަންހިނގައިފައިވާ ގޮތަށް ވުރެ އިތުރަށް ބަޔާންކޮށް ހުށަހަޅައިފައިވާ ނޮމިނޭޝަންތައް ބާޠިލުކުރެވޭނެއެވެ.

 

16 ވަނަ މާއްދާ - އެވޯޑު ދޭ ފަރާތްތައް ކަނޑައެޅުން

(ހ) އިވެލުއޭޝަން ކޮމިޓީން، އެންމެ ފަހުގެ އިވެލުއޭޝަން ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ. އަދި އެ ރިޕޯޓުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ:

  1. ލިބުނު ނޮމިނޭޝަންތަކުގެ ލިސްޓު؛
  2. ޝަރުޠު ހަމަވޭތޯ ބެލި ސްކްރީނިންގގެ ނަތީޖާ؛
  3. ޝޯޓްލިސްޓްވި (ނުވަތަ ކުރިޔަށްދާން ހޮވުނު) ފަރާތްތައް؛
  4. ލިބުނު މާކުސްތަކާއި، ރޭންކިންގ (ތަރުތީބު)؛
  5. އެވޯޑު ދިނުމަށް ޕެނަލުން ލަފާދޭ (ރިކޮމެންޑްކުރާ) ފަރާތްތައް؛
  6. ކޮންމެ ފަރާތަކަށް އެވޯޑު ދޭން ނިންމި ސަބަބު / ބަޔާން (ޖަސްޓިފިކޭޝަން)؛
  7. މަސްލަޙަތު ފުށުއަރާ (ކޮންފްލިކްޓް އޮފް އިންޓްރެސްޓް) އެއްވެސް ކަމެއް އޮތް ނަމަ، އެ ކަމެއްގެ ބަޔާން.
  8. އެވޯޑު ނުދިނުމަށް ޕެނަލުން ނިންމައިފައިވާ އެއްވެސް ކެޓަގަރީއެއް އޮތް ނަމަ، އެ ކެޓަގަރީއެއްގެ ތަފުސީލު.

(ށ) މި އުސޫލުގެ ދަށުން ކޮންމެ ގިންތިއަކުން ވެސް އެވޯޑު ދެވޭނީ، މަދުވެގެން 75 (ހަތްދިހަ ފަހެއް) މާކުސް ނުވަތަ އެޔަށް ވުރެ މަތިން މާކުސް ހޯދާ ފަރާތަށް ނުވަތަ ފަރާތްތަކަށެވެ. 

 

17 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) އިވެލުއޭށަން މަރުހަލާ ކުރިޔަށްދާ މުއްދަތުގައި، ނޮމިނޭށަނާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި މައުލޫމާތަކީ ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭނެ ތަކެއްޗެވެ. 

(ށ) އެވޯޑުތައް ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން، އިވެލުއޭށަނާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި، މާކުސްތައް ނުވަތަ ކޮމިޓީގެ ނިންމުންތައް (ރިކޮމެންޑޭށަންތައް)، ކޮމިޓީގެ މެންބަރުންނާއި ސެކްރެޓޭރިއަޓުގެ މުވައްޒަފުން، އެހެން އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ. 

 

18 ވަނަ މާއްދާ - ފޯމު ބާތިލުވުން

މި އުސޫލުން އެވޯޑަށް އެދި ހުށަހަޅައިފައިވާ ފޯމު، އަންނަނިވި ހާލަތްތަކުގައި ބާޔިލުކުރެވޭނެއެވެ. 

(ހ) ސުންގަޑި ހަމަވިފަހުން ފޯމު ހުށަހެޅުން.

(ށ) ކޮންމެހެން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މަދުވުން. 

(ނ) ދޮގު މައުލޫމާތެއް ނުވަތަ އޮޅުވައިލުން އެކުލެވޭ މައުލޫމާތެއް ހުށަހަޅައިފައިވުން. 

(ރ) ނޮމިނޭޓްވި ފަރާތުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ށަރުތުތައް ހަމަނުވުން. 

(ބ) ހުށަހަޅައިފައިވާ މަސައްކަތާ ގުޅިގެން، ނޮމިނޭޓްވި ފަރާތުން ހިންގައިފައިވާ ނޭދެވޭ ނުވަތަ ކުށްވެރިވާ ފަދަ އަމަލެއް (މިސްކޮންޑަކްޓް) ފާހަގަކުރެވުން. 

(ޅ) މަސްލަހަތު ފުށުއަރާ ކަމެއް އޮވެ، އެކަން ރަނގަޅަށް ހާމަކޮށްފައި ނެތުން. 

(ކ) ހުށަހެޅި މަސައްކަތަކީ އިނޖިނިއަރިނގ ދާއިރާއާ ނުވަތަ އެވޯޑުގެ މަގުސަތުދުތަކާ ގުޅުންހުރި މަސައްކަތަކަށް ނުވުން. 

 

19 ވަނަ މާއްދާ - އެވޯޑު ނުދެވޭނެ ހާލަތްތައް

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ އެވޯޑުތަކުގެ ތެރެއިން އެވޯޑެއް ލިބޭނީ، އެ މީހަކަށް އިދާރީ ފިޔަވަޅެއް އަޅާފައިވާ ނަމަ، އެ ނިންމުމެއް ތަންފީޒުކޮށް ނިމިފައިވާ ފަރަތްތަކަށާއި އަދި ޖިނާއީ ކުށެއް ސާބިތުވެގެން އެ މީހަކަށް ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ލިބުނުތާ 3 (ތިނެއް) އަހަރުދވަސވެފައިވާ ފަރާތްތަކަށެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާ ކުށެއްގެ ރިކޯޑު، ޖިނާއީ ތަހުގީގު ހިންގާ އިދާރާއެއްގައި ނުވަތަ އިދާރީ ފިޔަވަޅު އަޅާފައިވާ އިދާރާއެއްގައި އޮތް ފަރާތަކަށް ވެސް، އެ މީހަކު ވެގެން ނުވާނެއެވެ. 

  1. ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  2. ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  3. ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  4. ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު)  ގައި ބަޔާންކޮށްފައިވާ ކުށެއް؛
  5. ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  6. ގާނޫނު ނަންބަރު 2025-07 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  7. ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް؛
  8. ވައްކަން، ފޭރުން، ޓެކުން، މަކަރާއި ހީލަތްހެދުން މިއިން ކުށެއް؛
  9. ކޮރަޕްށަން ނުވަތަ ހިޔާނާތް ނުވަތަ ރިށްވަތު މިއިން ކުށެއް؛

(ށ) އެވޯޑަށް އެދި ނަން ހުށަހެޅޭ ފަރާތްތަކުގެ ޖިނާއީ ކުށުގެ ރިކޯޑު، މި މާއްދާގެ ބޭނުމަށްޓަކައި، އިވެލުއޭށަން ކޮމިޓީން ސާފުކުރާނެއެވެ. 

(ނ) މި އެވޯޑަށް ހޮވުމަށްފަހު، އެވޯޑު ހަވާލުކުރުމުގެ ކުރިން އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ހުކުމެއް ކޮށްފި ނަމަ، އެ ފަރާތަކަށް އެވޯޑެއް ނުލިބޭނެއެވެ. އަދި އެ ވާހަކަތަކުގައި އެވޯޑު ލިބޭނީ، ކަނޑައެޅިފައިވާ މިންވަރަށް އެންމެ މަތިން މާކުސް ހޯދައިފައިވާ ދެވަނަ ފަރާތަށެވެ. 

 

20 ވަނަ މާއްދާ - މާނަކުރުން

މި އުސޫޅުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގަިއ ދީފައިވާ މާނަކުރުމެވެ. 

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައިއެވަނީ، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ނުވަތަ އިމާރާތްކުރުމާޢި ބިނާރާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ މުވާރާއަށެވެ. 

(ށ) "މިނިސްޓްރީ" ކަމަށް ބެނެފައި އެވަނީ، މިނިސްޓްރީ އޮފް އިންފްރަސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ނުވަތަ އިމާރާތްކުރުމާޢި ބިނާރާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާ ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވަޒީރަށެވެ.

(ނ) "އިންޖިނިއަރިންގ ސްޓެމް" ކަމަށް ބުނެފައި އެވަނީ، ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު އިލްމުގެ ދާއިރާތަކަށް ނިސްބަތްވާ، އިންޖިނިއަރިންގއާއި އެއާ ގުޅުންހުރި ފަންނީ ދާއިރާތައް ކުރިއެރުވުމަށް ބާރުއަޅާ ތައުލީމާއި، އިލްމީ ދިރާސާތަކާއި، އައު އީޖާދުތަކާއި، އަމަލީގޮތުން ބޭނުންކުރެވޭ އެންމެހައި ވަސީލަތްތައް ހިމެނޭގޮތުންނެވެ. 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު