-

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-31)

(މި އުސޫލަށް އަމަލުކުރަން ފެށީ 16 ނޮވެމްބަރު 2025)

 

އެއްވަނަ ބާބު

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 18 (އަށާރަ) އަހަރުން މަތީގެ ދިވެހި ރައްޔިތުންގެ ތެރެއިން މި އުސޫލުގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށް ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ގޯތި ދިނުމާއި، ށަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑުތަކާއި، އެޕްލިކޭށަން ހުށަހެޅުމުގެ އިޖުރާތުތަކާއި، އިވެލުއޭޓްކުރުމާއި، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، މި ކަންކަމާ ގުޅުންހުރި ކަންކަމާއި މި ކަމުގައި ހިމެނޭ އެހެނިހެން ކަންކަން ހިންގުމާ ގުޅޭ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމު ގެ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ގޯތި ލިބިދިނުން.

(ށ) ރޭވިގެން ތަރައްގީކުރެވޭ ސަރަހައްދުތަކެއްގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގެދޮރުގެ ދަތިކަން ލުއިކުރުން.

(ނ) ކަނޑައެޅިފައިވާ ތަރައްގީގެ ސަރަހައްދުތަކުގައި ބިމުގެ ވަސީލަތްތައް ހަމަހަމަކަމާއެކު ދޫކުރުން.

(ރ) އެޕްލިކޭށަން ހުށަހެޅުމާއި، އިވެލުއޭޓްކުރުމުގެ އުސޫލުތައް ބަޔާންކުރުން.

 

 

ދެވަނަ ބާބު

ގޯތި ދޫކުރާ ސަރަހައްދާއި ގޯތީގެ ބޮޑުމިން

 

 

3 ވަނަ މާއްދާ - ގޯތި ދޫކުރާ ސަރަހައްދު

މި އުސޫލުގެ ދަށުން ގޯތި ދޫކުރެވޭނީ، ތިރީގައި ކަނޑައަޅައިފައިވާ ސަރަހައްދުތަކުންނެވެ.

(ހ) ކެޓަގަރީ 1 ގެ ދަށުން، މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ތިރީގައިވާ ސަރަހައްދުތަކުންނެވެ.

  1. ގްރޭޓަރ މާލެ ސަރަހައްދު؛
  2. ރަސްމާލެ.

(ށ) ކެޓަގަރީ 2 ގެ ދަށުން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ރަސްމާލެއިންނެވެ.

 

4 ވަނަ މާއްދާ - ގޯތީގެ ބޮޑުމިން 

މި އުސޫލުގެ ދަށުން ދޫކުރާނެ ގޯތީގެ ބޮޑު މިނަކީ 1250 (ބާރަ ސަތޭކަ ފަންސާސް) އަކަފޫޓެވެ.

 

 

ތިންވަނަ ބާބު

ށަރުތު ހަމަވާ ގިންތިތަކާއި މިންގަނޑުތައް

 

5 ވަނަ މާއްދާ - ކެޓަގަރީ 1 މާލޭގެ ރަށްވެހިން

މި އުސޫލުގެ ކެޓަގަރީ 1 ގެ ދަށުން ދޫކުރާ ގޯތިތަކަށް އެދި އެޕްލިކޭށަން ހުށަހަޅާ މާލޭގެ ރަށްވެހިންގެ ކިބައިގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާން ވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައި ވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) މާލޭގެ ރަށްވެއްސަކަށްވެ، މާލޭގައި ދިރިއުޅޭތާ 5 (ފަހެއް) އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.

(ރ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި، އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭ ބައި 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑުނުވުން.

(ބ) ދިވެހިރާއްޖޭގައި އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ބިމެއް ދޫކޮށްލުން.

(ޅ) މައިންބަފައިންގެ ނަމުގައި ނުވަތަ އުފަން ދަރިއެއްގެ ނަމުގައި ނުވަތަ އަނބިމީހާ،ފިރިމީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗަކުން ތަރިކައިން ނުވަތަ/އަދި ވަސިއްޔަތުން ގޯއްޗެއް ނުވަތަ ގޯތިން ބައެއް ބަހައިގެން ލިބެން އޮންނަ ބައި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވުން.

(ކ) އެޕްލިކޭށަން ހުށަހަޅާ ފަރާތުގެ ނަމުގައި އެއްމެދު ގޯއްޗެއް ރަޖިސްޓަރީކޮށްފައިވާ ނަމަ، ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވުން؛ (މި މާއްދާގެ ބޭނުމަށް، އުސޫލު ނަންބަރު 2022-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ވަކިން ނުވަތަ ޖޮއިންޓް އެޕްލިކޭށަނެ އް ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތަކަށް، އެއްމެދު ގޯއްޗަކުން ދޫކުރާ ބިމެއް ބަހައިގެން ލިބޭ ބައެއް ނުދެވޭނެއެވެ.)

(އ) ފާއިތުވި 5 (ފަހެއް) އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް ނުވަތަ ހައުސިންގ ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ވިއްކައި ނުވަތަ ހިބައިންދީ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލައިފައި ނުވުން.

(ވ) އެއްމެދު އިމާރާތަކުން ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް މިލްކުކުރުމާ ގުޅޭ އެއްބަސްވުމެއް ވެފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް ގަންނަން އެއްބަސްވެ، ފައިސާ ދައްކަމުންއަންނަ ފަރާތެއްކަމުގައި ނުވުން.

(މ) ވެށިފަހިމާލެ ޕުރޮގުރާމުގެ ދަށުން މާލެއިން ދޫކޮށްލައިފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތަކަށް ވިއްކައި ނުވަތަ ހިބައިންދީ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލައިފައި ނުވުން.

(ފ) އުސޫލު ނަންބަރު 2022-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ވަކިން ނުވަތަ ޖޮއިންޓް އެޕްލިކޭށަނެއް ހުށަހަޅައިގެން ގޯއްޗެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން.

 

6 ވަނަ މާއްދާ - މާލޭގެ ރަށްވެހިން

މާލޭ ރަށްވެހިން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ.

(ހ) އުފަންވީއިރުން ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.

(ށ) މާލޭ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް.

(ނ) މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ފަހުން ރަޖިސްޓަރީވެފައިވާ ފަރާތްތައް.

 

7 ވަނަ މާއްދާ - ކެޓަގަރީ 2 މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން

މި އުސޫލުގެ ކެޓަގަރީ 2 ގެ ދަށުން ގޯތި ދޫކުރާނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) މަދުވެގެން 15 (ފަނަރަ) އަހަރުދުވަހު މެދުނުކެނޑި މާލޭގައި އާންމުކޮށް ދިރިއުޅެފައިވުން.

(ރ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި، އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭ ބައި 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑުނުވުން.

(ބ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަމަ، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ބިމެއް ދޫކޮށްލުން.

(މ) މައިންބަފައިންގެ ނަމުގައި ނުވަތަ އުފަން ދަރިއެއްގެ ނަމުގައި ނުވަތަ އަނބިމީހާ،ފިރިމީހާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގޯއްޗަކުން ތަރިކައިން ނުވަތަ/އަދި ވަސިއްޔަތުން ގޯއްޗެއް ނުވަތަ ގޯތިން ބައެއް ބަހައިގެން ލިބެން އޮންނަ ބައި، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވުން.

(ކ) އެޕްލިކޭށަން ހުށަހަޅާ ފަރާތުގެ ނަމުގައި އެއްމެދު ގޯއްޗެއް ރަޖިސްޓަރީކޮށްފައިވާ ނަމަ، ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވުން. (މި މާއްދާގެ ބޭނުމަށް، އުސޫލު ނަންބަރު 2022-19 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ވަކިން ނުވަތަ ޖޮއިންޓް އެޕްލިކޭށަނެ އް ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތަކަށް، އެއްމެދު ގޯއްޗަކުން ދޫކުރާ ބިމެއް ބަހައިގެން ލިބޭ ބައެއް ނުދެވޭނެއެވެ.)

(އ) ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕުރޮގުރާމެއްގެ ދަށުން ހައުސިންގ ޔުނިޓެއް ލިބިފައި ނުވުން.

(ވ) ފާއިތުވި 5 (ފަހެއް) އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް ނުވަތަ ހައުސިންގ ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ވިއްކައި، ނުވަތަ ހިބައިންދީ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލައިފައި ނުވުން.

(މ) އެއްމެދު އިމާރާތަކުން ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް މިލްކުކުރުމާ ގުޅޭ އެއްބަސްވުމެއް ވެފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް ގަންނަން އެއްބަސްވެ ފައިސާ ދައްކަމުންއަންނަ ފަރާތެއްކަމުގައި ނުވުން.

 

8 ވަނަ މާއްދާ - ހާއްސަ ކެޓަގަރީތައް ކަނޑައެޅުން

މި އުސޫލުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުގެ އިތުރުން، މިނިސްޓްރީން ކަނޑައަޅާ ހާއްސަ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް އިއުލާނު ކުރެވިދާނެއެވެ. އަދި އެކަމާ ގުޅޭ ށަރުތުތަކާއި އުސޫލު މިނިސްޓްރީން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - އިގުރާރުގެ ށަރުތުތައް

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުން ގާނޫނީގޮތުން ބަނދެވޭ އިގުރާރެއްގައި ސޮއިކުރަންވާނެއެވެ. އެ އިގުރާރުގައި އަންނަނިވި ކަންކަން ހިމެނެންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައި ނުވާކަން.

(ށ) އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮތް ނަމަ، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ބިމެއް ދޫކޮށްލަން އެއްބަސްވާކަން.

(ނ) މައިންބަފައިން ނުވަތަ އުފަން ދަރިން ނުވަތަ އަނބިމީހާ، ފިރިމީހާގެ ފަރާތުން ތަރިކައިން ލިބެން އޮންނަ ގޯތި ނުވަތަ ގޯތީގެ ބައެއް ބަހައިގެން ލިބެން އޮންނަ ބައި ދޫކޮށްލަން އެއްބަސްވާކަން.

(ރ) އެ މީހެއްގެ ނަމުގައި އެއްމެދު ގޯއްޗެއް ރަޖިސްޓަރީކޮށްފައިވާ ނަމަ، އެ ގޯތި ބަހައިގެން ލިބޭ ބައި، ގޯތީގެ ބާކީ ތިބި ފަރާތްތަކަށް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލާކަން.

(ބ) ފާއިތުވި 5 (ފަހެއް) އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައިވާ ގޯއްޗެއް ނުވަތަ ހައުސިންގ ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ވިއްކައި، ނުވަތަ ހިބައިންދީ ނުވަތަ ދޫކޮށްލައިފައި ނުވާކަން.

(ޅ) އެއްމެދު އިމާރާތަކުން ހައުސިންގ ޔުނިޓެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް މިލްކުކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން ނުވަތަ އެފަދަ ތަނެއް ގަންނަން އެއްބަސްވެ ފައިސާ ދައްކަމުންއަންނަ ފަރާތެއް ނޫންކަން.

(ކ) ވެށިފަހިމާލެ ޕުރޮގުރާމުގެ ދަށުން މާލެއިން ދޫކޮށްލައިފައިވާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތަކަށް ވިއްކައި، ނުވަތަ ހިބައިންދީ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލައިފައި ނުވާކަން.

(އ) މި އިގުރާރުގެ ދަށުން ހައްގު ދޫކޮށްލުމަކީ އަނބުރާ ނުގެނެވޭނެ އަދި ވާރިސުންނާއި ހައްގު ލިބިގަންނަ ފަރާތްތައް ވެސް ބަނދެވިގެންވާ ދޫކޮށްލުމެއްކަމަށް އެއްބަސްވުން.

 

10 ވަނަ މާއްދާ - މާލޭގައި ދިރިއުޅުނުކަން މެދުކެނޑިފައިވާކަމަށް ނުބެލެވޭނެ ހާލަތްތައް

މި އުސޫލުގެ 7 ވަނަ މާއްދާގައިވާ ކެޓަގަރީ 2 ގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާ ފަރާތ،ް އަންނަނިވި ހާލަތްތަކުގައި މާލޭގައި ދިރިއުޅުން މެދުކެނ ޑިފައިވާކަމަކަށް ނުބެލެވޭނެއެވެ.

(ހ) ވަޒީފާދޭ ފަރާތުގެ ނިންމުމަކުން ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަންޖެހުން.

(ށ) މާލެއިން ބޭރުގައި ހުރި މުއްދަތުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އާއިލ،ާ މާލެ ނުވަތަ މާލެ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން.

(ނ) މާލެއިން ބޭރުގައި ހުރި މުއްދަތުގައި މާލެ ނުވަތަ މާލޭގެ ސަރަހައްދުގައި ދަރީން ކިޔެވުން ކުރިޔަށް ގެންދިއުން.

(ރ) މާލެއިން ބޭރުގައި ހުރި މުއްދަތުގައި އަނބިމީހާ ނުވަތަ ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން؛ ނުވަތަ

(ބ) ތައުލީމު ހާސިލުކުރުމަށް، ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެފަދަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަންޖެހުން.

 

11 ވަނަ މާއްދާ - މާލޭގައި ދިރިއުޅުނު މުއްދަތު މެދުކެނޑުން

މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައިނަމަވެސް މާލޭގައި ދިރިއުޅުނު ޖުމުލަ މުއްދަތު 15 (ފަނަރަ) އަހަރުވެފައިވާ ނަމަ، މި އުސޫލުގެ 7 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް މާލޭގައި މެދުނުކެނޑި 15 (ފަނަރަ) އަހަރު ދިރިއުޅުނުކަމުގައި ބެލޭނެއެވެ.

 

 

ހަތަރުވަނަ ބާބު

އެޕްލިކޭށަން ޕްރޮސެސް

 

12 ވަނަ މާއްދާ - އެޕްލިކޭށަން ހުށަހެޅުން

(ހ) މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން ކަނޑައަޅާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ގޯއްޗަށް އެދި އެޕްލައިކުރުމަށް ހުޅުވައިލައި، އެކަން އިއުލާނުކުރުމުންނެވެ.

(ށ) އެޕްލިކޭށަންތައް ހުށަހަޅަންވާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިނިސްޓްރީން ށާއިއުކުރާ އިއުލާނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައެވެ.

(ނ) ރަސްމީ އޮންލައިން ޕޯޓަލް ފިޔަވައި އެހެން އެއްވެސް ގޮތަކުން ހުށަހަޅާ އެޕްލިކޭށަނެއް ބަލައެއް ނުގަނެވޭނެއެވެ.

(ރ) ގޯއްޗަށް އެދި ކޮންމެ ފަރާތަކުން ހުށަހަޅަންވާނީ ވަކި އެޕްލިކޭށަނެކެވެ.

(ބ) މި އުސޫލުގެ ދަށުން ށަރުތު ފުރިހަމަވާ ދެމަފިރިން އެޕްލިކޭށަން ހުށަހަޅާ ނަމަ، ގޯއްޗަށް އެދި ހުޅަހަޅަންވާނީ، ދެމަފިރިން އެއްކޮށް ޖޮއިންޓް އެޕްލިކޭށަނެކެވެ. މި ހާލަތުގައި ދެމަފިރިން ވަކިން އެޕްލިކޭށަން ހުށަހެޅި ކަމުގައި ވީނަމަވެސް، ގޯތި ދެވޭނީ ދެމަފިރިންނަށް އެކުގައި ނުވަތަ ދެމަފިރިންކުރެ އިހުތިޔާރުކުރާ ކޮންމެވެސް އެއްފަރާތަކަށެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ދެމަފިރިންކުރެ އެކެއްގެ ނަމުގައި 400 (ހަތަރު ސަތޭކަ) އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ރަޖިސްޓަރީކޮށްފައިވާ ނަމަ، ދެމަފިރިންކުރެ އެއްވެސް ފަރާތަކަށް މި އުސޫލުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި ހުށައެއް ނޭޅޭނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި އެހެން ހާލަތްތަކުގައި ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ ތެރެއިން އެކަކު މި އުސޫލުގެ ދަށުން ގޯއްޗަށް ށަރުތު ހަމަނުވާ ހާލަތުގައި، ށަރުތު ހަމަވާ ފަރާތަށް ވަކި އެޕްލިކޭށަނެއް ހުށަހެޅޭނެއެވެ.

(އ) އެޕްލިކޭށަނާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އޮންލައިން ޕޯޓަލުގައި އިތުރު ލިޔުމެއް ހުށަހެޅުމަށް ބަޔާންކޮށްފައިވާ ނަމަ، އެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

  1. އެޕްލިކަންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
  2. އެޕްލިކަންޓުގެ ބެލެހެއްޓުމުގެ ދަށުގައިވާ އެންމެހައި ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
  3. ކައިވެނިކޮށްގެން އުޅޭ ނަމަ، ކައިވެނީގެ ސެޓުފިކެޓު؛
  4. ކައިވެނިކޮށްގެން އުޅޭ ނަމަ، އަނބިމީހާގެ ނުވަތަ ފިރިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު؛
  5. އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބިމާއި އިމާރާތްތަކާއި ފްލެޓާއި ނޫފުލޭ އެހެން މުދަލުގެ ރަޖިސްޓަރީ؛
  6. މި އުސޫލުގައިވާ ގޮތުގެ މަތީން ހައްގުތަކާ ގުޅޭގޮތުން ސޮއިކޮށްފައިވާ އިގުރާރު؛
  7. މާލޭ ރަށްވެއްސެއް ނަމަ، މާލޭގައި ރަޖިސްޓަރީވެފައިވާ ތާރީހު އެނގޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
  8. މާލޭގައި ދިރިއުޅެމުންދާ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ؛
    8.1 ޕެންށަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން. (މި ލިޔުމުގައި، ވަޒީފާ އަދާކުރަން ފެށި ތާރީހާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހައިފައި އޮތުން) ނުވަތަ؛
    8.2 މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، މާލޭގައި އެ މީހަކު ދިރިއުޅެފައިވާ ގޭގެ ވެރިފަރާތުން ދީފައިވާ ނޮޓަރައިޒްކޮށްފައިވާ އެފިޑެވިޓް ނުވަތަ؛
    8.3 މާލޭގައި ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގައިވާ ސްކޫލަކުން ނުވަތަ ތައުލީމީ މަރުކަޒަކުން ތައުލީމު ހާސިލުކޮށްފައިވާކަން އެނގޭނެ ލިޔުން؛
    8.4 ދައުލަތުގެ އިދާރާއަކުން އެ އިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި މައުލޫމާތުން، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް؛
    8.5 އެއްވެސް ސަބަބަކާހުރެ މާލެ ނޫން ސަރަހައްދެއްގައި ގޯއްޗަށް އެދޭ ފަރާތުން ދިރިއުޅެފައިވާ ނަމަ، މި އުސޫލުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ސާބިތުވާކަމުގެ ލިޔުން.
  9. އެޕްލިކަންޓުގެ ނުވަތަ އެޕްލިކަންޓުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ފަރާތެއްގެ ސިއްހީ ހާލަތެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހުންނަކަން ބަޔާންކޮށްފި ނަމަ، އެކަން ސާބިތުކޮށްދޭ ކަމާ ގުޅޭ ލައިސެންސް ލިބިފައިވާ އިދާރާއަކުން ނުވަތަ ސިއްހީ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުން.
  10. މީގެ އިތުރުން ވެސް އެކި މަރުހަލާތަކުގައި މިނިސްޓްރީން ހުށަހަޅަން އަންގާ އެކިއެކި މައުލޫމާތާއި ލިޔެކިޔުންތައް.

 

13 ވަނަ މާއްދާ - ސައްހަ ނޫން މައުލޫމާތާއި ލިޔުން ހުށަހެޅުން

(ހ) ގޯއްޗަށް އެދި ހުށަހަޅާ އެޕްލިކޭށަނާއެކު ސައްހަ ނޫން މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަހަޅައިފައިވާ ނަމަ، އިތުރު ފުރުސަތު ދިނުމަކާ ނުލައި އެޕްލިކޭށަން ބާތިލުކުރެވޭނެއެވެ. އަދި މި އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް މަރުހަލާއެއް ފުރިހަމަވުމަށްފަހު ވެސް، ގޯއްޗަށް އެދި ހުށަހަޅައިފައިވާ ލިޔުމެއް ނުވަތަ މައުލޫމާތެއް ސައްހަ ނޫންކަމަށް ސާބިތުވެއްޖެ ނަމަ، އެ އެޕްލިކޭށަން ބާތިލުކޮށް، އެހައިތަނަށް ފުރިހަމަކޮށްފައިވާ އެންމެހައި މަރުހަލާތައް ވެސް ބާތިލުވާނެއެވެ.

(ށ) ގޯއްޗަށް އެދި ހުށަހަޅައިފައިވާ ލިޔެކިޔުންތަކާ ގުޅިގެން ކުށެއް ކޮށްފައިވާކަމަށް ށައްކުކުރެވޭ ނަމަ، އެކަން ތަހުގީގުކުރުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހެޅޭނެއެވެ.

 

14 ވަނަ މާއްދާ - އެޕްލިކޭށަން އެސެސްމަންޓް

(ހ) އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ކޮންމެ އެޕްލިކޭށަން ފޯމެއް ރަޖިސްޓަރީކޮށް ވަކި ރިފަރެންސް ނަންބަރެއް އެ އެޕްލިކޭށަނަށް ދެވޭނެއެވެ.

(ށ) އެޕްލިކޭށަނާއެކު ހުށަހަޅައިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ބެލުމަށްފަހު، ކްރޮސް ވެރިފިކޭށަން ހަދައި ށަރުތު ފުރިހަމަވާ އެޕްލިކޭށަނެއް ކަމަށް މިނިސްޓްރީން ކަނޑައަޅައި މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފަދައިން ޕޮއިންޓް ދިނުމާއެކު، އެކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގަންވާނެއެވެ.

 

 

ފަސްވަނަ ބާބު

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި ގޯތި ދޫކުރުމުގެ އުސޫލުތައް

 

15 ވަނަ މާއްދާ - ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން

(ހ) ގޯތީގެ އެލޮކޭށަން ހެދުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅާނީ ށަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދަށާއި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށް ރިއާޔަތްކޮށް، މިނިސްޓްރީންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ކަންކަން، ސްކީމަށް އެޕްލައިކުރުމަށް ހުޅުވައިލަން އިއުލާނުކުރާއިރު މިނިސްޓްރީން އާންމު ކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

(ހ) މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި މިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ށ( "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ އަނބިމީހާ ނުވަތަ ފިރިމިހާއާއި އެޕްލިކަންޓުގެ ދަރިންނާއި މައިންބަފައިންނަ ށެވެ.

(ނ) "ބެލުމުގެ ދަށުގައި ތިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެޕްލިކަންޓުގެ މައްޗަށް މާލީގޮތުން ބަރޯސާވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ފަރާތްތަކަށެވެ.

  1. 18 (އަށާރަ) އަހަރުން ދަށުގެ ދަރިން؛
  2. ކައިވެނިކޮށްގެން ނޫޅޭ 18 (އަށާރަ) އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ ދަރިން؛
  3. ގާނޫނީ ގޮތުން ބެލެނިވެރިކަން ހަވާ ލުވެގެން ބަލަހައްޓާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިން؛
  4. ނުކުޅެދުންތެރިކަން ހުންނަ ދަރިއެއް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ އެއްބަނޑުއެއްބަފާ މީހުން ނުވަތަ އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން؛
  5. މައިންބަފައިން.

(ރ) "މާލޭގެ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، މި އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުގެ ކުރިން ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކަށެވެ.

(ބ) "މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް" ކަމަށް ބުނެފައި އެވަނީ، މާލޭގައި އާންމުކޮށް ދިރިއުޅުނު ނަމަވެސް މާލޭގައި ރަޖިސްޓަރީވެފައި ނެތް މީހަކަށެވެ.

(ޅ) "ގޯތި" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި ހިމެނޭގޮތަށް ގަނެވިއްކުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން ނުވަތަ އެފަދަ އެނޫންވެސް މުއާމަލާތަކުން ދިރިއުޅުމަށް ލިބިފައިވާ ގޯއްޗާއި އެފަދަ ގޯއްޗެއްގެ ބައެއް ވެސް ހިމެނޭގޮތަށެވެ.

(ކ) "ގެދޮރު" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ ބޭނުމަށް ގޯއްޗެއްގައި ނުވަތަ އެއްމެދު އިމާރާތެއްގައި އިމާރާތްކޮށްފައިވާ ވަކި ހައުސިންގ ޔުނިޓްތަކަށާއި އެޕާޓްމެންޓްތަކަށެވެ.

(އ) "ގޯތި ދޫކުރާ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގޯތި ދޫކުރުމަށް ކަނޑައަޅައިފައިވާ ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެއަށެވެ.

(ވ) "ގްރޭޓަރ މާލެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މާލެ އާއި ހުޅުމާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅަށެވެ.

(މ) "ގޯތީގެ ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައިވާ ގޮތުގެ މަތީން ދިރިއުޅުމަށް ދޫކުރާ ބިމުގެ ރަޖިސްޓަރީއަށެވެ.

(ފ) "މާލޭ ރަށްވެހިންގެ ދަފުތަރު" ކަމުގައި ބުނެފައި އެވަނީ، މާލޭގެ ވަކި ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ނުހިމެނޭގޮތަށް މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ދަފުތަރަށެވެ.

(ދ) "އޮންލައިން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަމުގެ އެޕްލިކޭށަންތައް ހުށަހެޅުމަށާއި މެނޭޖްކުރުމަށާއި މުއާމަލާތްކުރުމަށް މިނިސްޓްރީން ގާއިމުކޮށްފައިވާ ރަސްމީ ޑިޖިޓަލް ޕްލެޓްފޯމަށެވެ.

(ތ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޒިންމާ އެއިރަކު އަދާކުރަމުންދާ ސަރުކާރުގެ ވުޒާރާއަށެވެ.

(ލ) "ބޯހިޔާވަހިކަމުގެ ޕުރޮގުރާމެއްގެ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި ފްލެޓާއި، ގޯތި ދިނުމަށް ހިންގައިފައިވާ އެންމެހައި މަށްރޫއުތަކަށެވެ.

 

17 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

ޖަދުވަލު 1

ޕޮއިންޓް ދިނުމުގެ މިންގަނޑު  

 

 

ޖަދުވަލު 2

ނަމޫނާ އިގުރާރު

އިގުރާރު

އުސޫލު ނަންބަރު 2025-31 މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމާބެހޭ އުސޫލު) ގެ ދަށުން
ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އިގު ރާރު

 

ޖަދުވަލު 3

ނަމޫނާ އެފިޑެވިޓް

އެފިޑެވިޓް

 

ގުޅުންހުރި އުސޫލު

  1. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2025-30)
  2. ބިންވެރިޔާ ސްކީމު ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު (އުސޫލު ނަންބަރު 2022-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު