-

ޖިއޮގުރާފިކް ތަންތަނަށް ނަން ކިއުމުގެ އުސޫލު

(އުސޫލު ނަންބަރު 2025-25)

(މި އުސޫލަށް އަމަލުކުރަން ފެށީ 16 އޮކްޓޫބަރު 2025 ގައި)

(މި އުސޫލުގެ 14 ވަނަ މާއްދާގެ (ހ) އިން ވަނީ އުސޫލު ނަންބަރު 2023-02 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ ޖިއޮގްރަފިކް ތަންތަނުގެ ތެރެއިން ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި، އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި، ވަކި ނަމެއް ދީފައިނުވާ ތަންތަނަށް ނަން ކިޔުމާއި، ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާންމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެ ތަނަކަށް ކިޔުމުގައި ނުވަތަ ބޭނުންކުރަމުން އަންނަ ނަމެއް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވައިލައިފައިވާ އުސޫލެކެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި އުސޫލުގެ މަގްސަދަކީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިޔުމަށް ޓަކައި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި، ނަން ކިޔުމުގައި އަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - މި އުސޫލުގެ ދަށުން ނަން ކިޔާނެ ތަންތަން

މި އުސޫލުގެ ދަށުން ނަން ކިޔާނީ އަންނަނިވި ޖިއޮގްރަފިކް ތަންތަނަށެވެ.

(ހ) ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަން.

(ށ) އަލަށް އުފައްދާ ތަންތަން.

(ނ) ވަކި ނަމެއް ކިޔައިފައިނުވާ ތަންތަން.

(ރ) އެ ތަނަކަށް އާންމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެ ތަނަކަށް ކިޔުމަށް ބޭނުންވާ ކޮންމެ ތަނެއް.

(ބ) ދީފައިވާ ނަން ބަދަލުކުރުމަށް ބޭނުންވާ ތަންތަން.

 

4 ވަނަ މާއްދާ - ނަން ކިޔުމަށް ހުށަހެޅުން

(ހ) މި އުސޫލުގެ ދަށުން ނަން ކިޔުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، މިނިސްޓްރީން އެކަމަށް ކަނޑައަޅައި އާންމުކުރާ ފޯމު މެދުވެރިކޮށް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިކޮށެވެ.

  1. ދައުލަތުގެ އޮފީހަކުން ހުށަހަޅާ ހުށަހެޅުންތައް އެ އޮފީހަކުން.
  2. އަމިއްލަ ފަރާތަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ ކުންފުންޏަކުން ހުށަހަޅާ ހުށަހެޅުންތައް ކަމާބެހޭ ވުޒާރާ މެދުވެރިކޮށް.

(ށ) ރަށަކަށް ނުވަތަ ފަޅަކަށް ދީފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ހުށަހެޅޭނީ، ދައުލަތުގެ އިދާރާއަކަށް، ނުވަތަ އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތަކަށް ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށް އެކަންޏެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ، އެ ފަރާތަކުން ހިއްކައިފައިވާ ރަށެއް ކަމުގައި ވާ ނަމައެވެ.

(ރ) ނަން ކިޔުމަށް، ނުވަތަ ނަން ބަދަލުކުރުމަށް ނުވަތަ ނަމުގެ ބައެއް ބަދަލުކުރުމަށް ހުށަހަޅާއިރު ހުށަހަޅާ ފަރާތުން އެ ތަނަށް ކިޔުމަށް އެދޭ ނަމެއް ނުވަތަ ނަންތަކެއް ބަޔާންކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - ނަން ފާސްކުރުމުގެ މިންގަނޑުތައް

(ހ) މި އުސޫލުގެ ދަށުން ނަންކިޔުމަށް ޓަކައި ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ޓަކައި ނަން ފާސްކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. ދިވެހިބަހުން ކިޔާ ނަމެއް ކަމުގައި ވުން؛
  2. އާންމު އިޖުތިމާއީ މިންގަނޑުތަކަށާއި، އަހުލާގީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމުގައި ވުން؛
  3. ކިޔަން ފަސޭހަ، ރީތި، ސާދާ ނަމަކަށް ވުން؛
  4. އެހެން ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުން؛
  5. މީހަކަށް ކިޔާ ނަމަކަށް ނުވުން ނުވަތަ އެހެން ތަނަކަށް ކިޔާ ނަމަކަށް ނުވުން.

(ށ) ރަށަކަށް ނުވަތަ ފަޅަކަށް ނަން ކިޔުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެ ތަނެއްގެ ގުދުރަތީ އުމުރު؛
  2. އެ ތަނެއްގެ ނުވަތަ ސަރަހައްދެއްގެ ތާރީހު؛
  3. އެ ތަނެއް އޮތް ތަން (ސަރަހައްދު ނުވަތަ ހިސާބުގަނޑު)؛
  4. އެ ތަނެއް އުފެދުމުގައި ހުރި ސިފަތައް (މިސާލު: އުސްފުށި، ބާރަށް)؛
  5. އެ ތަނެއްގެ ކުޑަބޮޑުމިން (މިސާލު: ބޮޑުފިނޮޅު، ކުޑަރަށް)؛
  6. އެ ތަނެއްގެ ހާއްސިއްޔަތު (އެ ތަނެއްގައިވާ ނުވަތަ އެ ތަނެއްގެ ވަށައިގެންވާ ވަސީލަތްތަކާއި، ދިރުންތައް ނުވަތަ ޖިއޮލޮޖިކަލް ފީޗަރސް).

 

6 ވަނަ މާއްދާ - ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީ

(ހ) މި އުސޫލުގެ ދަށުން، ނަންކިޔުމަށް، ނުވަތަ ނަމަކަށް ބަދަލު ގެނައުމަށް، ނިންމާނީ، މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީގެ ނަމުގައި، އަންނަނިވި ފަރާތްތަކާއި ދާއިރާތަކުގެ މައްޗަށް އެކުލެވިގެންވާ ގޮތަށް މިނިސްޓަރު އެކުލަވައިލާ ކޮމިޓީއަކުންނެވެ.

  1. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛
  2. ބިން ސާވޭކޮށް ޗާޓު ހެދުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
  3. ތަރައްގީގެ ރޭވުންތެރިކަމާ ގުޅޭ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
  4. ދިވެހިބަހުގެ އެކަޑަމީގެ މެންބަރެއް؛
  5. ފަތުރުވެރިކަމާއި ތިމާވެށީގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
  6. ދަނޑުވެރިކަމާއި ދިރޭތަކެތީގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
  7. ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް؛
  8. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މެންބަރެއް.
  9. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް،
  10. ދިފާއީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް.

(ށ) މި ކޮމިޓީގެ މަސްއޫލިއްޔަތަކީ މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށް ނަންކިޔުމާއި، އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި، ވަކި ނަމެއް ދީފައިނުވާ ތަންތަނަށް ނަން ކިޔުމާއި، ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާންމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެ ތަނަކަށް ކިޔުމަށް ނުވަތަ ބޭނުންކުރަމުން އަންނަ ނަމެއް ބަދަލުކުރުމަށް ހުށަހެޅުމުން އެ ކަމާމެދު ގޮތެއް ނިންމުމެވެ.

(ނ) ކޮމިޓީގެ ޗެއަރޕާސަނާއި ވައިސް ޗެއަރޕާސަން އައްޔަނުކުރާނީ މިނިސްޓަރެވެ.

(ރ) ކޮމިޓީ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން، ދިރާސާކުރުމަށާއި، ފަންނީ ލަފާ ދިނުމަށް، އެހެނިހެން ފަރާތްތައް، ކޮމިޓީގެ މަސައްކަތުގައްޔާއި ބައްދަލުވުންތަކުގައި ބައިވެރި ކުރެވިދާނެއެވެ.

(ބ) ކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ކޮމިޓީގެ ބައްދަލުވުންތަކާއި މަސައްކަތްތައް ކޮމިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ހިންގާނީ މިނިސްޓްރީގައެވެ.

(ޅ) ކޮމިޓީން ނިންމާ ނިންމުންތައް މިނިސްޓަރަށް ލިޔުމުން ހިއްސާ ކުރަންވާނެއެވެ.

(ކ) ކޮމިޓީން ނިންމުމެއް ނިންމުމުގައި އަމަލުކުރާނެ ގޮތާއި، ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދާނެގޮތް ކަނޑައަޅައި ކޮމިޓީގެ ހިންގާ އުސޫލެއް ކޮމިޓީން އެކުލަވައިލަންވާނެއެވެ.

 

7 ވަނަ މާއްދާ - އުސޫލުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކާމެދު އަމަލުކުރާނެ އިޖުރާތު

(ހ) ނަންކިޔުމަށް މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުންތައް ފުރަތަމަ ދިރާސާކުރާނީ މިނިސްޓްރީންނެވެ. މިގޮތުން ލިބޭ ކޮންމެ ހުށަހެޅުމެއްގައި އުސޫލުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކާމެދު އަމަލުކުރާނެ އިޖުރާތު ފުރިހަމަވޭތޯ ބަލައި، ކަށަވަރު ކުރަންވާނެއެވެ. ފޯމާއެކު ހުށަހަޅަންޖެހޭ މައުލޫމާތު ފުރިހަމަނުވާ ނަމަ ނުވަތަ ހުށަހެޅުމަކާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންވާކަމަށް މިނިސްޓްރީއަށް ފެންނަ ނަމަ، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް އަންގައިގެން ނުވަތަ ދައުލަތުގެ އިދާރާއެއްގައި އެދިގެން، މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތު ހޯދަންވާނެއެވެ.

(ށ) ނަންކިޔުމަށް މިނިސްޓްރީއަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެއް މިނިސްޓްރީން ދިރާސާކުރުމަށްފަހު، އެންމެހައި ލިޔުންތަކާއެކު، އެ ހުށަހެޅުމެއް މިނިސްޓްރީއަށް ލިބޭ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުން ކޮންމެ ހުށަހެޅުމެއް ދިރާސާކުރުމަށްފަހު ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީއަށް މިނިސްޓްރީން ހުށަހަޅާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ކޮމިޓީން ގޮތެއް ނިންމަންވާނެއެވެ.

(ރ) ނަންކިޔުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމަކާމެދު ކޮމިޓީން ނިންމި ގޮތް، އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަށް، މިނިސްޓްރީން ލިޔުމުން އަންގަންވާނެއެވެ. މިގޮތުން، ނަމެއް ފާސްކޮށްދިނުމަށް ނުފެންނަކަމަށް ނިންމާ ހާލަތުގައި އެ ނަމެއް ފާސްކޮށްދެވެން ނެތް ސަބަބު ސާފުކޮށް ބަޔާންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ނަން އިއުލާނުކުރުމާއި ދަފުތަރު ބެލެހެއްޓުން

(ހ) ޖިއޮގްރަފިކް ތަނަކަށް ނަމެއް ކިޔުމަށް ނުވަތަ އެފަދަ ތަނެއްގެ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ކޮމިޓީން ފާސްވުމަށްފަހު އެ ނަމެއް މިނިސްޓްރީން އާންމުކޮށް އިއުލާނުކޮށް ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އާންމުކޮށް އިއުލާނުކޮށް ށާއިއުކުރުމަށްފަހު ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުފަޅާއި ފަރުފަރާއި ގިރިގިރިއާއި ހާހަލުގެ ރަސްމީ ދަފުތަރު މިނިސްޓްރީން އަދާހަމަކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ނަން ރަސްމީވުމާއި ބޭނުންކުރުން ލާޒިމުވުން

(ހ) ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީން ނަމެއް ފާސްކޮށް އެ ނަމެއް މިނިސްޓްރީން އިއުލާނުކުރުމުން، އެ ނަމަކީ އެ ތަނަކަށް ކިޔާ ރަސްމީ ނަންކަމުގައި ހަމަޖެހުނީއެވެ.

(ށ) ވަކި ތަނަކަށް ކިޔާނެ ނަމެއް ފާސްވުމަށްފަހު، އެ ތަނަކަށް ރަސްމީކޮށް މުހާތަބުކުރަންވާނީ އަދި ރަސްމީ ލިޔުންތަކުގައި ބޭނުންކުރަންވާނީ ފާސްކޮށްފައިވާ ނަމެވެ.

(ނ) ޖިއޮގްރަފިކް ނަންތަކާބެހޭ ކޮމިޓީން ނަމެއް ފާސްކޮށް އިއުލާނުކުރުމަށްފަހު، ދިވެހިރާއްޖޭގެ ރަސްމީ ޗާޓުގައި އެ ތަނެއް ފާހަގަކޮށް، އެ ތަނަކަށް ކިޔާ ނަމުގެ ގޮތުގައި އެ ނަމެއް ހިމަނަންވާނެއެވެ.

(ރ) ފާސްކޮށްފައި އިއުލާނުކޮށްފައިވާ ނަމެއް އަސްލާ އެއްގޮތްނޫން ގޮތަކަށް ބޭނުންކުރާ ކަމަށް ފާހަގަކުރެވިއްޖެ ނަމަ އެކަން އިސްލާހުކުރުމަށް އެންގުމަކީ ނުވަތަ އާންމުންގެ ސަމާލުކަމަށް ގެނައުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

 

10 ވަނަ މާއްދާ - ނަން ބަދަލުކުރުން ނުވަތަ ބާތިލުކުރުން

(ހ) މި އުސޫލުގެ ދަށުން ތަނަކަށް ކިޔައިފައިވާ ނަމެއް، އެހެން ތަނަކަށް ކިޔާކަން ފާހަގަކުރެވިގެން ނުވަތަ އެހެން ނަމަކާ އެއްގޮތްކަމަށް ފާހަގަކުރެވިގެން، ކޮމިޓީގެ އަމިއްލަ އިސްނެގުމަށް އެ ނަން ބަދަލުކުރުމަށް ނުވަތަ އެ ނަން ބާތިލުކުރުމަށް ނިންމުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ށ) މި އުސޫލުގެ ދަށުން ތަނަކަށް ނަމެއް ކިޔުމަށްފަހު، އެ ނަމަކީ އެހެން ފަރާތެއްގެ ވިޔަފާރި ނަމަކާ އެއްގޮތްކަމެއް ހުރުމުގެ ސަބަބުން، ނުވަތަ އޮޅުންއަރާގޮތް މެދުވެރިވުމުގެ ސަބަބުން އެ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަކަށް އުނިކަން އަތުވެދާނެ ފަދަ ނަމެއްކަމަށް ފާހަގަވެގެން އެއްވެސް ފަރާތަކުން އެކަން މިނިސްޓްރީގެ ނުވަތަ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފި ނަމަ، އެ ކަމެއް ބަލައި ނަން ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ނުވަތަ ނަން ބާތިލުކުރުމަށް ނިންމުމުގެ އިހުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެގެން ނަން ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ނުވަތަ ނަން ބާތިލުކުރުމަށް ނިންމުމުގެ ކުރިން، އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުގެ ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތުގެ ނުވަތަ އެ ތަނެއް ބޭނުންކުރަމުން އަންނަ ފަރާތުގެ މަށްވަރާ ކޮމިޓީން ހޯދިދާނެއެވެ.

 

11 ވަނަ މާއްދާ - ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ހުށަހެޅުންތައް

މި އުސޫލަށް އަމަލުކުރަން ފަށާއިރު، ޖިއޮގްރަފިކް ތަނަކަށް ނަން ކިޔުމަށް ނުވަތަ ނަން ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް އެދި ސަރުކާރުގެ އިދާރާއަކަށް އެއްވެސް ފަރާތަކުން ހުށަހަޅައިފައިވާ ނަމަ، އެ ހުށަހެޅުމެއް އަލުން ހުށަހެޅުމަކާ ނުލައި މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ އިދާރާއަކުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ. މި މުއްދަތު ފަހަނަޅައިދިޔުމަށްފަހު ނުވަތަ މި އުސޫލަށް އަމަލުކުރަން ފެށުމާއެކު ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ހުށަހެޅުންތައް ހުށަހެޅޭ އައު ހުށަހެޅުންތައް ހުށަހަޅަންވާނީ މި އުސޫލުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތީންނެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި ބޭނުންކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް މާނަކޮށްފައި ނުވާހައި ހިނދަކު މާނަކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ގަވާއިދު ނަންބަރު 2023-158 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ. މި އުސޫލުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ޖިއޮގުރަފިކް ތަނެއް" ނުވަތަ "ޖިއޮގުރަފިކް ތަންތަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅާއި، ފަރުފަރާއި، ހާހަލާއި، ގިރިގިރިއާ އަދި މި ނޫން ވެސް ގުދުރަތީ މިފަދަ ތަންތަނާއި، އުފައްދައިފައިވާ ތަންތަނާއި ސަރަހައްދުތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށް ނުވަތަ އިދާރާއަށެވެ.

"މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ބިމާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ނުވަތަ އިދާރާގެ ވަޒީރަށެވެ.

(ނ) "ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމިޓީގެ ނަމުގައި އެކުލަވައިލާ ކޮމިޓީއަށެވެ.

(ރ) "ދިވެހިރާއްޖޭގެ ރަސްމީ ޗާޓު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ތައްޔާރުކޮށް ށާއިއުކުރާ ރަށްތަކާއި، ފަޅުތަކާއި، އެފަދަ އެހެނިހެން ތަންތަނުގެ ޗާޓަށެވެ.

 

13 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާއުވައިލެވޭ އުސޫލު

(ހ) މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، 11 ޖަނަވަރީ 2023 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކޮށްފައިވާ "އުސޫލު ނަންބަރު 2023-02 (ޖިއޮގްރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލު)" އުވުނީއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އުސޫލުގެ ދަށުން އެއްވެސް ހުށަހެޅުމެއް ހުށަހަޅައިފައިވާ ނަމަ، މި އުސޫލުގެ 11 ވަނަ މާއްދާގެ ދަށުން އެ ހުށަހެޅުމަކާމެދު އަމަލުކުރަންވާނެއެވެ.

 

މައި ގާނޫނު/ގަވާއިދު

(ނެތް)

 

އުވުނު އުސޫލު

ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލު (އުސޫލު ނަންބަރު 2023-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު