-

ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމާބެހޭ އުސޫލު

(އުސޫލު ނަންބަރު 2023-08)

(މި އުސޫލަށް އަމަލުކުރަން ފެށީ 12 މާރިޗު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 6.14 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، ދައުލަތުގެ އޮފީސްތަކުން ބަޖެޓްކޮށްފައިވާ ކަންތައްތަކާއި، އެ ގަވާއިދުގައި ހުއްދަކޮށްފައިވާ ހަރަދުތައް ކުރުމަށް ކްރެޑިޓް ކާޑުގެ ބޭނުން ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި، ކްރެޑިޓް ކާޑުން ހިދުމަތް ހޯދުމަށް މަގުފަހިކޮށްދީ، އެ ކާޑު ބޭނުންކުރުމުގައި ދައުލަތުގެ އޮފީސްތަކުން އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ މާއްދާގެ (ރ) ގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ. 

(ށ) މި އުސޫލަށް ކިޔާނީ، "ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމާބެހޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ މަގުސަދަކީ، ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުއާމަލާތްތައް، އޮންލައިން ބޭންކިންގ ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެފަދަ ހިދުމަތެއް ލިބިގަތުމުގެ ފުރުސަތު ދައުލަތުގެ އޮފީސްތަކަށް ހޯދައިދިނުމަށް ޓަކައި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 6.14 ވަނަ މާއްދާގެ (ރ) ގެ ދަށުން ފައިނޭންށަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ނޮމިނީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ކޯޕަރޭޓް ކްރެޑިޓް ކާޑު ހެދުމަށް އެދި ހުށަހެޅުން

(ހ) ދައުލަތުގެ އޮފީހަކުން މާލީ މުއާމަލާތްތައް އޮންލައިންކޮށް ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނޫން ގޮތަކަށް ކުރެވެން ނެތް ހާލަތްތަކުގައި ބޭނުންކުރުމަށް ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި، ހުށަހަޅާނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ "ދައުލަތުގެ އޮފީސްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށް މިނިސްޓްރީއަށެވެ. މި ފޯމުގައި، އަންނަނިވި ކަންކަން ފުރިހަމަ ކުރަންވާނެއެވެ. 

  1. ކޯޕަރޭޓް ކްރެޑިޓް ކާޑު ހައްދަން އެދޭ ބޭނުން ނުވަތަ މަގުސަދު ބަޔާންކުރުން؛
  2. ބޭނުންވާ "ކްރެޑިޓް ލިމިޓް" އާއި ވަކިވަކި ބޭނުންތަކަށް ހަރަދުވާނޭ އަދަދުގެ ތަފުސީލުތައް ބަޔާންކުރުން؛
  3. ނޮމިނީގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މަގާމާއި، ގުޅޭނެ ފޯނު ނަންބަރާއި، ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުގެ ނޮމިނީގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމުގެ އެޗް.އާރު އައިޑީ؛

(ށ) ދައުލަތުގެ އޮފީސްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި ހުށަހަޅާ އޮފީހެއްގެ ސޮއިކުރުމުގެ ހުއްދަ އޮތް ފަރާތަކުން ސޮއިކޮށް އެ އޮފީހުގެ ތައްގަނޑު ޖަހައިފައިވާ، ކޯޕަރޭޓް ކްރެޑިޓް ކާޑު ދޫކުރާ ފައިނޭންށިއަލް އިންސްޓިޓިއުޓްގެ ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ފޯމު؛
  2. ކޯޕަރޭޓް ކްރެޑިޓް ކާޑު ދޫކުރާ ފައިނޭންށިއަލް އިންސްޓިޓިއުޓުގެ މައުލޫމާތު ފޯމު؛
  3. ނޮމިނީގެ އެޓެސްޓް ކޮށްފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

(ނ) ކައުންސިލްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް، މި މިނިސްޓްރީއަށެވެ.

 

4 ވަނަ މާއްދާ - ކޯޕަރޭޓް ކާޑު ހެއްދުމަށް ހުއްދަ ދިނުން

ދައުލަތުގެ އޮފީސްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓްރީއަށްހުށަހެޅުމުން، ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓަރުގެ ހުއްދައާއެކު ފައިނޭންށަލް ކޮންޓްރޯލަރ، ފައިނޭންށަލް އިންސްޓިޓިއުޓަށް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ކޯޕަރޭޓް ކާޑުން ހަރަދުކުރުން 

(ހ) ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ހަރަދުކުރެވޭނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ހުއްދަކުރާ ހަރަދުތައް ކުރުމަށް އެކަންޏެވެ. އަދި މި ހަރަދުތަކަކީ ބަޖެޓް ކުރެވިފައިވާ ހަރަދުތަކެއް ކަމުގައި ވާންވާނެއެވެ.

(ށ) ކޯޕަރޭޓް ކްރެޑިޓް ކާޑުން ކުރުމަށް ހުއްދަކޮށްފައިވާ ހަރަދު ނޫން އެހެން ހަރަދެއް ކުރަން ޖެހިއްޖެ ނަމަ އެ ކަމަކަށް ހަރަދުކުރުމުގެ ކުރިން، އެ ކަމެއްގެ ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، އެ ހަރަދެއް ކުރުމަށް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

 

6 ވަނަ މާއްދާ - ކާޑުގެ ނޮމިނީގެ ޒިންމާތަކާއި

ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ނޮމިނީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިރީގައި މި ވަނީއެވެ.

(ހ) ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން، ކޯޕަރޭޓް ކްރެޑިޓް ކާޑު ލިބުމުން ކާޑުގެ އެކައުންޓް ނަންބަރު ޕަބްލިކް އެކައުންޓިންގ ސިސްޓަމުގެ ވެންޑަރ މާސްޓަރގައި ރަޖިސް ޓަރީ ކުރުމަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފޮނުވުން.

(ށ) ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން، ކާޑުން އަލަށް ހަރަދުކުރަން ފެށުމުގެ ކުރިން ކާޑުގެ ލިމިޓް އެކަމަށް ހަމަޖެހިފައިވާ އެޑްވާރސް ކޯޑުގައި ރިކޯޑުކުރުން.

(ނ) ކައުންސިލަށް ކާޑު ލިބުމުން، ކާޑާ ގުޅޭ ފައިސާގެ މުއާމަލާތުތައް ވިޔަ ޕޯޓަލް މެދުވެރިކޮށް ބަލަހައްޓަން ވާނެއެވެ.

(ރ) ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން ހަރަދު ކުރުމަށްފަހު، އެ ހަރަދަކާ ގުޅޭ ކޯޑުގައި އެ ހަރަދެއް ރިކޯޑު ކުރުން.

(ބ) ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން، ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ހަރަދުތައް، އެ ހަރަދެއް ކޮށް ނިމޭތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހަރަދުތައް ބަޖެޓް ހިސާބުތަކުގެ ތެރޭގައި ހިމެނުމަށް ޓަކައި، މިނިސްޓްރީއަށް ހުށަހެޅުން.

(ޅ) ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން ރާއްޖެއިން ބޭރަށް ކުރާ ދަތުރެއްގައި ނުވަތަ އެހެންވެސް ދަތުރެއްގައި ކާޑުން ކުރާ ހަރަދުތައް، އެ ދަތުރެއް ނިމޭތާ ނުވަތަ ސްޓޭޓްމަންޓް އޮފް އެކައުންޓް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅައި ބަޖެޓް ހިސާބުތަކުގައި ހިމެނުން.

(ކ) ކޯޕަރޭޓް ކްރެޑިޓް ކާޑާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތައް، އެކަމަށް ކަނޑައެޅިފައިވާ ތާރީހުތަކުގައި ދައްކައިފައިވާކަން ކަށަވަރުކުރުން.

(އ) ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ހަރަދުތަކަކީ ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) އާއި މި އުސޫލާ އެއްގޮތަށް ކުރެވޭ ހަރަދުތަކެއްކަމުގައި ޔަގީންކުރުމާއި، އެ ހަރަދަކީ ކޯޕަރޭޓް ކްރެޑިޓް ކާޑުން ކުރުމަށް ހުއްދަކޮށްފައިވާ ހަރަދެއްކަން ޔަގީންކުރުން.

(ވ) ކޯޕަރޭޓް ކްރެޑިޓް ކާޑު ރައްކައުތެރިކަމާއެކު ބެލެހެއްޓުން.

(މ) ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން، ކޯޕަރޭޓް ކްރެޑިޓް ކާޑު ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ ނުވަތަ ކާޑުން ގޮތް ނޭނގޭ ޓްރާންސެކްށަނެއް ހިނގައިފިނަމަ، ކާޑު ދޫކޮށްފައިވާ ފައިނޭންށަލް އިންސްޓިޓިއުޓަށް ވަގުތުން އަންގައި، ކާޑު ސަސްޕެންޑް ކުރުމަށްފަހު، އެ ކަމުގެ މައުލޫމާތު، އެ އޮފީހެއްގެ އިސްވެރިޔާއަށާއި މިނިސްޓްރީއަށް އެންގުން.

(ފ) ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ހަރަދުކުރާކަން ފާހަގަކުރެވިއްޖެނަމަ، އެކަން މިނިސްޓްރީއަށް ރިޕޯޓްކުރުން.

(ދ) ކައުންސިލްތަކަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެނަމަ ނުވަތަ ކާޑުން ގޮތް ނޭނގޭ ޓްރާންސެކްށަނެއް ހިނގައިފިނަމަ،ކާޑު ދޫކޮށްފައިވާ ފައިނޭންށަލް އިންސްޓިޓިއުޓަށް ވަގުތުން އަންގައި، ކާޑު ސަސްޕެންޑް ކުރުމަށްފަހު، އެ ކަމުގެ މައުލޫމާތު އެ ކައުންސިލެއްގެ އިސްވެރިޔާއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް މި މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ކްރެޑިޓް ލިމިޓް

(ހ) ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ކްރެޑިޓް ލިމިޓް ކަނޑައަޅާނީ، ދައުލަތުގެ އޮފީހަކުން ހުށަހަޅާ ހުށަހެޅުމަށް ރިއާޔަތްކޮށް މިނިސްޓްރީންނެވެ.

(ށ) ކޯޕަރޭޓް ކްރެޑިޓް ކާޑަށް ކަނޑައަޅައިފައިވާ ކްރެޑިޓް ލިމިޓަށްވުރެ އިތުރަށް ހަރަދުކުރަން ޖެހިއްޖެނަމަ އެ ކަމަކަށް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ. މިގޮތުން ހާލަތަށް ރިއާޔަތްކޮށް ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ކްރެޑިޓް ލިމިޓް އިތުރުނުކޮށް ވަކި ހަރަދެއް ކުރުމަށް ހުއްދަ ދިނުމާއި، އެ އޮފީހެއްގެ ހުށަހެޅުމަށް ރިއާޔަތްކޮށް ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ކްރެޑިޓް ލިމިޓް އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

8 ވަނަ މާއްދާ - އެއް ކާޑަށް ވުރެ ގިނަ ކާޑު ހެއްދުން

ދައުލަތުގެ އޮފީސްތަކުގެ ތެރެއިން އެއް ބިޒްނަސް އޭރިއާއަށް ވުރެ ގިނަ ބިޒްނަސް އޭރިއާ ހިމެނޭ އޮފީސްތަކަށް އެއް ކާޑަށް ވުރެ އިތުރަށް ކާޑު ހަދަން ބޭނުންވެއްޖެނަމަ އެފަދަ ކާޑެއް ހައްދައިދޭންވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ހުއްދަ ދީފައިވާ އޮތޮރައިޒިންގ އޮފިސަރެއް ނުވަތަ އެ އޮފީހަކާ ހަވާލުވެހުރި އިސްވެރިޔެއްގެ ނަމުގައެވެ.

 

9 ވަނަ މާއްދާ - ކާޑު ބޭނުންކުރާ މުވައްޒަފު ބަދަލުވުން

އެއްވެސް ސަބަބަކާހުރެ ކާޑު ބޭނުންކުރާ މުވައްޒަފު (ނޮމިނީ) ބަދަލުވެއްޖެނަމަ، އެ ކާޑު ކެންސަލްކުރުމަށާއި، ކާޑުގެ ޒިންމާއާ އަލުން ހަވާލުވާ މުވައްޒަފު (އައު ނޮމިނީ) ގެ ނަމުގައި އައު ކާޑެއް ހެއްދުމަށް އެދި ކައުންސިލަކުން ނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އަދި ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީހެއްނަމަ، އެ އޮފީހަކުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - އުސޫލާ ހިލާފުވުމުން ފިޔަވަޅު އެޅުން

(ހ) ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ކާޑު ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ ނުވަތަ ކާޑުން އިތުރަށް ފައިސާ ދެއްކިއްޖެނަމަ ނުވަތަ ކާޑުން ގޮތް ނޭނގޭ ޓްރާންސެކްށަނެއް ހިނގައިފިނަމަ، ނުވަތަ ފޭރުމެއް ނުވަތަ ވައްކަމެއް ނުވަތަ ހިޔާނާތެއް ނުވަތަ އެނޫންވެސް އާދަޔާހިލާފު ކަމެއް ހިނގައިފިނަމަ، ކާޑު ދޫކޮށްފައިވާ ފައިނޭންށަލް އިންސްޓިޓިއުޓަށް ވަގުތުން އެކަން އަންގައި، ކާޑު ސަސްޕެންޑް ކުރުމަކީ ނުވަތަ ކެންސަލް ކުރުމަކީ ނޮމިނީގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ނޮމިނީ ނުވަތަ އެ ކަމެއް އެނގުނު އެ އޮފީހެއްގެ މުވައްޒަފަކު، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާއަށް ނުވަތަ އެ އޮފީހެއްގެ އިސްވެރިޔާއަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ ކަމެއްގެ މައުލޫމާތު، ކައުންސިލެއް ނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އަދި ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީހެއް ނަމަ، އެ އޮފީހަކުން ލަސްވެގެން ރަސްމީ ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން އަންގަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 12.10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ބ) ކްރެޑިޓްކާޑާއި ޑެބިޓްކާޑު ބޭނުންކޮށްގެން ގަވާއިދާ ހިލާފަށް ހަރަދުކުރާކަން ފާހަގަކުރެވިއްޖެނަމަ، އެ ކުރި އަމަލަކަށް ރިއާޔަތްކޮށް، ކާޑުގެ ނޮމިނީ ބަދަލުކުރުމުގެ ނުވަތަ ކާޑު އަތުލުމުގެ ނުވަތަ ކެންސަލްކުރުމުގެ އިހްތިޔާރު ފައިނޭންށަލް ކޮންޓްރޯލަރަށް ލިބިގެންވެއެވެ.

(ޅ) ކާޑަށް ޒިންމާވާ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކޮށްފިނަމަ، ނުވަތަ ކާޑު ހައްދާ މަގުސަދު ނޫން ބޭނުމަކަށް ކާޑު ބޭނުންކޮށްފިނަމަ ނުވަތަ ހުއްދަ ނޫން އަމަލެއް ކޮށްފިނަމަ ނުވަތަ މި އުސޫލާ ހިލާފުވެއްޖެނަމަ، އެކަމަށް ޒިންމާވާ ފަރާތަކަށް، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 17 ވަނަ ބާބުގެ ދަށުން ފިޔަވަޅު އަޅަންވާނެއެވެ. އަދި ކާޑު ކެންސަލްކޮށް އެ ފަރާތުގެ ނަމުގައި އައު ކާޑެއް ހައްދައި ނުދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

 

11 ވަނަ މާއްދާ - މާނަކުރުން

މި އުސޫލުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި އު ސޫލުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 52 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 1.02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. 

(ޙ) "ކާޑު" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2017-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު)  އާއި މި އުސޫލާ އެއްގޮތަށް، ދައުލަތުގެ އޮފީސްތަކުގެ ބޭނުމަށް، ފައިނޭންށިއަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް މިނިސްޓްރީން ދޫކުރާ ކޯޕަރޭޓް ކްރެޑިޓް ކާޑަށެވެ.

(ށ) "ނޮމިނީ" ކަމަށް ބުނެފައި އެވަނީ، އެ ފަރާތެއްގެ ނަމުގައި އެ އޮފީހަކުން ކޯޕަރޭޓް ކްރެޑިޓްގެ ކާޑު ހައްދައިދީފައިވާ ފަރާތަށެވެ. 

 

12 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު