-

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) ގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓުތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2016-00)

(މި އުސޫލަށް އަމަލުކުރަން ފެށީ 3 މޭ 2016 ގައި)

(މި އުސޫލުވަނީ އުސޫލު ނަންބަރު 2023-05 ގެ 15 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އިން ބާރުލިބިގެން އެކުލަވައިލާފައިވާ އުސޫލެކެވެ. މި އުސޫލަށް ކިޔާނީ "ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ހުޅުވާ އެކައުންޓުތައް ބެލެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" މިހެންނެވެ. 

 

2 ވަނަ މާއްދާ - ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އެހެން އެކައުންޓެއްގައި ދައުލަތުގެ ފައިސާ ބެހެއްޓުން 

ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެންމެހައި ފައިސާ ބަހައްޓަންވާނީ ޕަބްލިކް ބޭންކް އެކައުންޓުގައި ކަމަށްބަޔާންކޮށްފައިވީ ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ހުޅުވައި ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ.

(ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން، ދައުލަތުގެ ފައިސާ ބެހެއްޓުމަށްޓަކައި އެކައުންޓެއް ހުޅުވުމަށް އެދުން.

(ށ) ދައުލަތުގެ ފައިސާގެ ތެރެއިން ވަކި މަށްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްާޔ ކަނޑައެޅުން.

(ނ) ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން އެ ފައިސާދޭ ފަރާތަކުން އެދުން.

 

3 ވަނަ މާއްދާ - އެމް.އެމް.އޭ ފިޔަވައި އެހެން ބޭންކެއްގައި ފައިސާ ބެހެއްޓޭނެ ހާލަތު 

(ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއްވެސް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން، ދައުލަތުގެ ފައިސާ ބެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުން ވެއްޖެނަމަ، އެކަމަށް އެދި މިނިސްޓަރަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ.

(ށ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ނެތް ރަށެއްގައި ހުރި ބޭންކެއްގައި އެކައުންޓެއް ހުޅުވޭނީ، ތިރީގައި މިވާ ހާލަތްތަކުގައި މިނިސްޓަރުގެ ހުއްދަ ލިޔުމަކުން ލިބުމުންނެވެ.

  1. އެފަދަ ރަށެއްގައި ހުރި ދައުލަތުގެ އޮފީހަކުން، އެ ރަށުގައި ހުރި ބޭންކެއްގައި އެ އޮފީހުގެ އެކައުންޓެއް ނެތުމުން ދިމާވާ ދަތިތަކާއި، އެކައުންޓެއް ހުޅުވުމުން ދައުލަތަށް ލިބޭނެ ފައިދާ އަދި ފަސޭހަތައް ބަޔާންކޮށް މި މާއްދާގެ (ނ) ގައިވާ މައުލޫމާތާއެކު އެ އޮފީހުގެ ނަމުގައި އެކައުންޓެއް ހުޅުވުމަށް އެދި ލިޔުމަކުން މިނިސްޓަރަށް ހުށަހެޅުން. 
  2. މި އަކުރުގެ 1 ވަނަ ނަންބަރުގައި ވާގޮތުގެ މަތިން، އެކައުންޓެއް ހުޅުވުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުން އެފަދަ އެކައުންޓެއް ހުޅުވުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑުގޮތްކަމަށް މިނިސްޓަރަށް ފެނުން އަދި އެ އެކައުންޓް ހުޅުވުމުގެ ހުއްދަ ލިޔުމަކުން އެ އޮފީހަކަށް ދިނުން

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބޭންކް އެކައުންޓް ހުޅުވުމަށް މިނިސްޓަރަށް ހުށަހަޅާއިރު ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

  1. ބޭންކް އެކައުންޓް ހުޅުވުމަށް ބޭނުންވާ ބޭންކުގެ ފުރިހަމަ މައުލޫމާތު.
  2. ބޭންކް އެކައުންޓް ހުޅުވަން ބޭނުންވާ އޮފީހާއި އެ އޮފީހުގެ ބެލުމުގެ ދަށުގައިވާ އޮފީސްތަކުގެ ނަމާއި އެޑްރެސް
  3. ބޭންކް އެކައުންޓްގެ ޗެކާއި އަދި އެކައުންޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ އެހެނިހެން ލިޔުންތަކުގައި ސޮއިކުރާނެ ފަރާތުގެ ފުރިހަމަ ނަމާއި، އެޑްރެހާއި، އައިޑީ ކާޑު ނަންބަރާއި، މަގާމު އަދި ހިދުމަތުގެ ރިކޯޑު ކާޑު ނަންބަރު. 
  4. ބޭންކް އެކައުންޓް ހުޅުވަން ބޭނުންވާ ސަބަބު.

 

4 ވަނަ މާއްދާ - ވަކި އެކައުންޓެއްގައި ފައިސާ ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުން 

(ހ) ދައުލަތުގެ ފައިސާގެ ތެރެއިން ވަކި މަށްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފިނަމަ، އެފަދަ ފައިސާ ބެހެއްޓުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އެކައުންޓެއް ހުޅުވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އެކައުންޓެއް ހުޅުވޭނީ އެފަދަ އެކައުންޓެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްާޔ ކަނޑައަޅައި، އެކަމަށް އެދި ލިޔުމަކުން މިނިސްޓަރަށް ހުށަހެޅުމުން، އެ އެކައުންޓް ހުޅުވުމަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަށް މިނިސްޓަރު ލިޔުމަކުން އެންގުމުންނެވެ.

(ނ) މި މާއްދާގެ ދަށުން އެކައުންޓެއް ހުޅުވުމަށް އެމް.އެމް.އޭ އަށް އަންގާ އެންގުމުގައި ތިރީގައިވާ މައުލޫމާތު ހިމަންވާނެއެވެ.

  1. މަށްރޫއުގެ ނަމާއި މަށްރޫއު ކުރިއަށް ގެންދާ ފަރާތުގެ މައުލޫމާތު
  2. މަށްރޫއު ކުރިއަށްދާނެ މުއްދަތު.
  3. އެކައުންޓަށް ފައިސާ ޖަމާކުރާނެ ގޮތާއި، ފައިސާ ނެގުމުގައި އަމަލުކުރާނެ ގޮތް.

 

5 ވަނަ މާއްދާ - ހިލޭ އެހީއާއި ލޯނުގެ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް އެހީ ނުވަތަ ލޯނު ދޭ ފަރާތުން އެދުން  

ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން އެ ފައިސާ ދޭ ފަރާތަކުން އެދިއްޖެނަމަ އެފަދަ އެކައުންޓެއް ހުޅުވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

(ހ) އެކައުންޓްހުޅުވާ ބޭންކަކީ އެމް.އެމް.އޭ ކަމުގައި ވުން. 

(ށ) ލޯނު ނުވަތަ އެހީ ދޭ ފަރާތުން އެ ފައިސާ، ޕަބްލިކް ބޭންކް އެކައުންޓް ފިޔަވައި ވަކި އެކައުންޓެއްގައި ބެހެއްޓުމަށް އެދި ލިޔުމަކުން މިނިސްޓަރަށް ހުށަހެޅުން.

(ނ) އެކައުންޓް ހުޅުވުމަށް އެދި އެމް.އެމް.އޭ ގައި ލިޔުމަކުން މިނިސްޓަރު އެދުން.

 

6 ވަނަ މާއްދާ - ހާއްސަ ހާލަތުގައި ހުޅުވާ އެކައުންޓުތަކުން ހަރަދުކުރުން 

މި އުސޫލުގެ (4) ވަނަ މާއްދާ އަދި (5) ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުޅުވާ އެކައުންޓަކުން ފައިސާ ދައްކަންޖެހޭ ގޮތަށް ހަރަދެއް ކުރަންވާނީ، އެ އެކައުންޓުގައި ފައިސާހުރި ވަރަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިންނެވެ.

 

7 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

އުވި އުސޫޅު

ބޭންކިންގ ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމާއި، އެކައުންޓްތައް ހުޅުވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (އުސޫލު ނަންބަރު 2023-05)

 

މައި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު