ގްރީން ޓެކްސްގެ ގަވާއިދު (ގަވާއިދު ނަންބަރު 181/2015)

0 occurrences found.

ގްރީން ޓެކްސް ގަވާއިދު

(ގަވާއިދު ނަންބަރު 181/2015)

 

1 ވަނަ މާއްދާ – ތައާރަފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ "ގްރީން ޓެކްސް ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) ގެ ދަށުން ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، ގްރީން ޓެކްސް ނެގުމަށްޓަކައި މީރާއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމާބެހޭ އުސޫލުތަކާއި އެ ނޫން ވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.

 

އެއްވަނަ ބާބު: ރަޖިސްޓަރީކުރުން

3 ވަނަ މާއްދާ – ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން

(ހ) ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް އުޅަނދެއް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ތާރީހުން ފެށިގެން އެ ތަނެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވުނީއެވެ. މި ގޮތުން އެ ރިޒޯޓު ނުވަތަ ހޮޓާ ނުވަތަ އުޅަނދު މީރާގައި ރަޖިސްޓަރީކުރެވޭނީ އެ ތަން ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ނަމުގައެވެ. އަދި ކޮންމެ ރިޒޯޓެއް، ހޮޓަލެއް އަދި އުޅަނދެއް ގްރީން ޓެކުހަށް ރަޖިސްޓަރީކުރެވޭނީ ވަކިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދުތައް މީރާގައި ރަޖިސްޓަރީކުރެވޭނީ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ދަށުން އައްޔަންކޮށްފައިވާ، އެ އުޅަނދުގެ ލޯކަލް އޭޖެންޓުގެ ނަމުގައެވެ.

(ނ) ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކުރަންޖެހޭ ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް އުޅަނދެއް އެ މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށް ހިންގިކަމުގައި ވިޔަސް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ނުވަތަ އެ ތަން ހިންގަން ފެށީ މި ގަވާއިދަށް އަމަލުކުރަން ފެށުމަށް ފަހުގައި ކަމަށް ވާ ނަމަ އެ ތަން ހިންގަން ފެށި ތާރީހުން ފެށިގެން، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ގްރީން ޓެކްސް ބަޔާން ހުށަހަޅައި، ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.

 

4 ވަނަ މާއްދާ – އޮޕަރޭޓްކުރަމުންދާ ރިޒޯޓުތަކާއި ހޮޓާތަކާއި އުޅަނދުތައް ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން

ގާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން 31 އޮކްޓޫބަރު 2015 ގެ ނިޔަލަށް މީރާގައި ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ރަޖިސްޓަރީކުރުމަށް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެ ފަދަ ރިޒޯޓުތަކާއި ހޮޓާތަކާއި އުޅަނދުތައް މީރާއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ތަން ހިންގުމުގެ ހުއްދަ އޮންނަ ފަރާތަށް ފޯރުވައިދެވޭނެއެވެ.

 

5 ވަނަ މާއްދާ – ޓިން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޓޫރިސްޓް ރިޒޯޓަކަށާއި ޓޫރިސްޓް ހޮޓަލަކަށާއި ޓޫރިސްޓް އުޅަނދަކަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭށަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ.

 

6 ވަނަ މާއްދާ – ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓް

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ޓޫރިސްޓް ރިޒޯޓަކަށާއި ޓޫރިސްޓް ހޮޓަލަކަށާއި ޓޫރިސްޓް އުޅަނދަކަށް ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓެއް ދޫކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންެމެ ތަނަކުންމެ، އެ ތަނަކީ ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން ކަސްޓަމަރުންނަށް އަންގައިދިނުމުގެ ބޭނުމަށް، މީރާއިން ދޫކޮށްފައިވާ ގްރީން ޓެކްސް ރެޖިސްޓްރޭށަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނެހެން އެ ތަނެއްގައި ބަހައްޓަންވާނެއެވެ.

 

7 ވަނަ މާއްދާ – ރަޖިސްޓަރީ ބާތިލުކުރުން

ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ ނުވަތަ ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ބާތިލުކުރާ ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ގްރީން ޓެކްސް ރެޖިސްޓޭށަން ބާތިލުކުރުމަށް އެދި އެ ހުއްދަ އޮތް ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

 

ދެވަނަ ބާބު: ގްރީން ޓެކްސް ހިސާބުކުރުން

8 ވަނަ މާއްދާ – ގްރީން ޓެކްސް ހިސާބުކުރުން

ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) ގެ ބޭނުމަށް، ގްރީން ޓެކްސް ގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގްރީން ޓެކްސް ނަގަން ފަށާނީ ޓޫރިސްޓަކު ޓޫރިސްޓް ރިޒޯޓަކަށް، ޓޫރިސްޓް ހޮޓަލަކަށް ނުވަތަ ޓޫރިސްޓް އުޅަނދަކަށް ޗެކް-އިން ވާ ވަގުތުން ފެށިގެންނެވެ.

(ށ) ގްރީން ޓެކްސް ނަގާނީ، މި މާއްދާގެ (ހ) ގައި ވާ ވަގުތުން ފެށިގެން އެ ތަނުގައި އެ ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 6 (ހައެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. އެހެންނަމަވެސް އެ ޓޫރިސްޓް އެ ތަނުން ޗެކް-އައުޓް ވާ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފައިވާ ނަމައެވެ.

(ނ) މަސް ނިމޭއިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރުމުގައި ބަލާނީ އެ މަސް ނިމޭ ދުވަހުގެ 23:59 ނިސްބަތްވާ 24 ގަޑިއިރުގެ ބްލޮކްގެ ތެރޭގައި އޭނާ އެ ތަނުގައި ހޭދަކޮށްފައިވާ ވަގުތަށެވެ. އެ ގޮތުން އެ 24 ގަޑިއިރުގެ ބްލޮކަށް އެ މަހުގައި ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރު ގުނަން ފަށާ ވަގުތުން ފެށިގެން އެ މަސް ނިމޭ ދުވަހުގެ 23:59 އާ ހަމައަށް އޭނާ އެ ތަނުގައި މަދުވެގެން 12 (ބާރަ) ގަޑިއިރު ހޭދަކޮށްފަައިވާ ނަމައެވެ. އެ ނޫން ހާލަތުތަކުގައި އެ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ ޖެހިގެން އަންނަ މަހުގައެވެ.

(ރ) ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ގްރީން ޓެކްސް ހިސާބުކުރަންޖެހެނީ މަހުން މަހަށް ކަމުގައި ނުވާތީ، އެ ފަދަ އުޅަނދުތަކަށް މި މާއްދާގެ (ނ) ރައްދެއްނުވާނެއެވެ.

(ބ) ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ވެސް ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ގްރީން ޓެކްސް ދައްކަންޖެހޭނެއެވެ.

 

9 ވަނަ މާއްދާ – ޗެކް-އިން ކުރުމާއި ޗެކް-އައުޓް ކުރުން

(ހ) މި ގަވާއިދުގެ ބޭނުމަށް، އެއްވެސް މީހަކު ޓޫރިސްޓް ރިޒޯޓަކަށް، ޓޫރިސްޓް ހޮޓަލަކަށް ނުވަތަ ޓޫރިސްޓް އުޅަނދަކަށް ޗެކް-އިން ވީ ކަމުގައި ބަލާނީ، އެ މީހަކީ އެ ތަނުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި ރިކޯޑުކުރުމުންނެވެ. އަދި އެ މީހާ އެ ތަނުން ޗެކް-އައުޓް ވީ ކަމުގައި ބަލާނީ، އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި އެ ކަން ރިކޯޑުކުރުމުންނެވެ.

(ށ) ޓޫރިސްޓުން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހުއްދަ ދީފައިވާ ކޮޓަރިއެއްގައި ވަގުތު ހޭދުކުރާ ކޮންމެ މީހަކީ ވެސް އެ ތަނަށް ޗެކް-އިން ވީ މީހެއްގެ ގޮތުގައި ރިކޯޑުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، ބޭރުގެ ޓޫރިސްޓް އުޅަނދަކަށް މީހަކު ޗެކް-އިން ވީ ވަގުތު ކަމަށް ބަލާނީ އެ އުޅަނދުގެ "ކަސްޓަމްސް އިންވަރޑް ކްލިއަރެންސް ޓައިމް" އަށެވެ. އަދި ޗެކް-އައުޓްވި ވަގުތު ކަމަށް ބަލާނީ އެ އުޅަނދުގެ "އެސްޓިމޭޓެޑް ޓައިމް އޮފް ޑިޕާޗަރ" އަށެވެ.

(ރ) މި މާއްދާގެ (ހ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ބޭނުމަށް، 1 ނޮވެންބަރު 2015 ގެ 00:00 ގައި ޓޫރިސްޓް ރިޒޯޓެއްގައި ނުވަތަ ޓޫރިސްޓް ހޮޓަލެއްގައި ނުވަތަ ޓޫރިސްޓް އުޅަނދެއްގައި ހުރި މީހަކު އެ ތަނަށް ޗެކް-އިން ވީ ވަގުތު ކަމުގައި ބަލާނީ 1 ނޮވެންބަރު 2015 ގެ 00:00 އެވެ.

(ބ) މީހަކު، ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް އުޅަނދަކުން ޗެކް-އައުޓް ވާތާ 12 ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކީ އެ ތަނުން ޗެކް-އައުޓް ވެފައިވާ މީހެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އަދި އެ މީހަކު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ވެސް ހިސާބުކުރަންވާނީ ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައިި ބަލައިގެންނެވެ.

 

ތިންވަނަ ބާބު: ޓެކްސް ބަޔާން

10 ވަނަ މާއްދާ – ގްރީން ޓެކްސް ބަޔާން

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުން ގްރީން ޓެކްސް ހިސާބުކުރާނީ، އަދި މީރާއަށް ގްރީން ޓެކްސް ބަޔާން ހުށަހަޅާނީ، ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ށ) ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ކަލަންޑަރު މަހަކާ ގުޅޭ ގޮތުން  MIRA501 (ގްރީން ޓެކްސް ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅަންޖެހޭނެއެވެ.

(ނ) ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް އުޅަނދެއް އޮޕަރޭޓްނުކުރިކަމުގައި ވިޔަސް، ނުވަތަ އެ ފަދަ ތަނެއްގައި ގެސްޓުން ނުބޭތިއްބި ކަމުގައިވިޔަސް، އެ ތަނުގެ ގްރީން ޓެކްސް ރެޖިސްޓްރޭށަން ބާތިލުނުކުރާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގްރީން ޓެކްސް ބަޔާން، އެ އަކުރުގައިވާ ގޮތުގެ މަތިން މީރާއަށް ހުށަހަޅަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދެެއް ދިވެހިރާއްޖެއިން ފުރުމުގެ ކުރިން، އެ އުޅަނދު ދިވެހިރާއްޖޭގައި ހޭދަކުރި މުއްދަތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ  MIRA502 (ގްރީން ޓެކްސް ބަޔާން: ބޭރުގެ ޓޫރިސްޓް އުޅަނދުތައް) މީރާއަށް ހުށަހަޅަންޖެހޭނެއެވެ. ގާނޫނާއި މި ގަވަޢިދުގެ ބޭނުމަށް، ބޭރުގެ ޓޫރިސްޓް އުޅަނދަކުން MIRA502 ހުށަހަޅަންޖެހޭ ސުންގަޑިކަމުގައި ބަލާނީ އެ އުޅަނދަށް "ކަސްޓަމްސް އައުޓްވަރޑް ކްލިއަރެންސް" ލިބުނު ތާރީހެވެ.

(ބ) ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއިން ފުރި ގަޑިއާއި މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 'އެސްޓިމޭޓެޑް ޓައިމް އޮފް ޑިޕާޗަރ" ތަފާތުވެއްޖެނަމަ، އަދި އެ އުޅަނދުގައި ތިބި ޓޫރިސްޓުން ޗެކް-އައުޓް ވީ އެ އުޅަނދު ފުރި ގަޑީގައި ކަމަށް ބަލައިގެން ގްރީން ޓެކްސް ހިސާބުކޮށްފިނަމަ އެ އުޅަނދުން ގްރީން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަަދަށް ބަދަލެއް އަންނާނެ ކަމަށް ވާ ނަމަ، އެ އުޅަނދު ދިވެހިރާއްޖެއިން ފުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް ހުށަހަޅައި، އިތުރަށް ޓެކްސް ދައްކަންޖެހޭ ކަމަށް ވާ ނަމަ އެ ފައިސާ ދައްކަންޖެހޭނެއެވެ.

 

11 ވަނަ މާއްދާ – އޮންލައިންކޮށް ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ގްރީން ޓެކްސް ބަޔާނާއި، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭށަން ށީޓު މީރާއަށް ހުށަަހަޅަންވާނީ، މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އަދި ގްރީން ޓެކުހާ ގުޅެ ގޮތުން މީރާއަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ވެސް އެ ޕޯޓަލް މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ ގްރީން ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިހްތިޔާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށް ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ގްރީން ޓެކްސް ބަޔާނުގައި ސޮއިކުރަންވާނީ، އެ ތަން ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް   MIRA101 (ޓެކްސް ދައްކާ ފަރާތް ރަޖިސްޓަރީކުރުން) ފޯމު މެދުވެރިކޮށް މީރާއަށް އަންގާފައިވާ ފަރާތަކުންކުރެ ފަރާތެކެވެ.

 

12 ވަނަ މާއްދާ – ޓެކްސް ބަޔާން އިސްލާހުކުރުން

(ހ) ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓް ހޮޓަލަކުން ނުވަތަ ޓޫރިސްޓް އުޅަނދަކުން މި ގަވާއިދުގެ 10 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީހުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެއެވެ.

(ށ) އެއްވެސް ފަރާތަކުން މި މާއްދާގެ (ހ) ގެ ދަށުން އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނެއް ހުށަހަޅާނަމަ، އެ ބަޔާން އިސްލާހުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި ކަމާ ގުޅޭ ލިޔެކިޔުންތައް އެ ބަޔާނާއެކު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނުގައި އެ ތަނުން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ، އެ މުއްދަތަށް އެ ތަނުން އެންމެ ފަހުން ހުށަހެޅި ގްރީން ޓެކްސް ބަޔާނުގައި އެ ތަނުން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ ދަށް އަދަދެއްނަމަ، އިސްލާހުކުރެވިފައިވާ ބަޔާން މީރާއިން ގަބޫލުކުރާނީ އެ ބަޔާން ރިވިއުކުރުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާނުގައި އެ ތަނުން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ، އެ މުއްދަތަށް އެ ތަނުން އެންމެ ފަހުން ހުށަހެޅި ގްރީން ޓެކްސް ބަޔާނުގައި އެ ތަނުން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްނަމަ، އިސްލާހުކުރެވިފައިވާ ބަޔާން ރިވިއުކުރުމަކާނުލައި މީރާއިން އެ ބަޔާން ގަބޫލުކުރާނެއެވެ.

(ބ) މި މާއްދާގެ (ނ) ރައްދުވާނަމަ:

(1) އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާން ގަބޫލުކުރާނީ އެ ބަޔާން މީރާއިން ރިވިއުކުރުމަށްފަހުގައި ކަން އެ ތަން ހިންގާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(2) އިސްލާހުކުރެވިފައިވާ ގްރީން ޓެކްސް ބަޔާން މީރާއިން ރިވިއުކޮށް އެ ބަޔާން ގަބޫލުކުރުމުގެ ކުރިން، އެ ބަޔާނާ ގުޅިގެން އުފެދޭ ކްރެޑިޓް ނުވަތަ ރީފަންޑް އެހެން އެއްވެސް އަދަދަކާ އަޅައެއްނުކެނޑޭނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި  ބަޔާންކޮށްފައިވާ ރިވިއުގެ ނަތީޖާ، އެ ތަން ހިންގާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ – އިންފޮމޭށަން ށީޓު ހުށަހެޅުން

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުން ހުށަހަޅާ ގްރީން ޓެކްސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭށަން ށީޓެއް ހުށަހަޅަންވާނެއެވެ. މި އިންފޮމޭށަން ށީޓުގައި އެ މުއްދަތެއްގެ ތެރޭގައި އެ ތަނުގައި ތިބި ހުރިހާ ގެސްޓުންގެ މައުލޫމާތު ހިމަނަންވާނެއެވެ.

(ށ) އިންފޮމޭށަން ށީޓް ތައްޔާރުކުރާނީ އަންނަނިވި އުސޫލުންނެވެ.

(1) ގެސްޓުންގެ ނަންތައް ތަރުތީބުކުރާނީ ގެސްޓް ރެޖިސްޓްރޭށަން ނަންބަރު ތަރުތީބުންނެވެ.

(2) އެ މަސް ނިމޭ ދުވަހުގެ 23:59 ގެ ނިޔަލަށް ޗެކް-އިން ވާ ހުރިހާ ގެސްޓުންގެ މައުލޫމާތު މި ށީޓުގައި ހިމަނަންވާނެއެވެ.

(3) މަސް ނިމޭއިރު ޗެކް-އައުޓް ނުވާ ގެސްޓުން، ޖެހިގެން އަންނަ މަހުގެ އިންފޮމޭށަން ށީޓުގައި ހިމަނަންވާނެއެވެ. ޖެހިގެން އަންނަ މަހުގެ އިންފޮމޭށަން ށީޓުގައި އެ ގެސްޓުން ހިމަނަންވާނީ ކުރިން ވެސް ބޭނުންކުރި ގެސްޓް ރެޖިސްޓްރޭށަން ނަންބަރުގެ ދަށުން، އެ ށީޓުގެ އެންމެ ކުރީގައެވެ.

(4) ކޮންމެ ކަލަންޑަރު އަހަރެއް ފެށުމާއެކު ގެސްޓް ރެޖިސްޓްރޭށަން ނަންބަރު 1 (އެކެއް) އަށް ރީސެޓްކުރަންވާނެއެވެ. އަދި 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ގެސްޓް ރެޖިސްޓްރޭށަން ނަންބަރުގެ ގޮތުގައި ބޭނުންކުރާނީ، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބޭނުންކުރަމުން ދިޔަ ގެސްޓް ރެޖިސްޓްރޭށަން ނަންބަރުތައް މެދުކެނޑި ދެމިގެންދާ ގޮތަށް، އެ ތަރުތީބުންނެވެ.

 

ހަތަރުވަނަ ބާބު: ޓެކްސް ދެއްކުން

14 ވަނަ މާއްދާ – ގްރީން ޓެކްސް ދެއްކުން

(ހ) ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުން ކޮންމެ މަހަކަށް ދައްކަންޖެހޭ ގްރީން ޓެކްސް ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ދައްކަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއިން ފުރުމުގެ ކުރިން އެ އުޅަނދު ދިވެހިރާއްޖޭގައި ހޭދަކުރި މުއްދަތަށް ދައްކަންޖެހޭ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހޭނެއެވެ.

(ނ) ބޭރުގެ ޓޫރިސްޓް އުޅަނދެއްގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގައި މީރާއަށް ދެއްކުމަކީ އެ އުޅަނދެއްގެ ލޯކަލް އޭޖެންޓުގެ ޒިންމާއެކެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި އެ އުޅަނދަކުން އިތުރަށް ދައްކަންޖެހޭ އެއްވެސް އަދަދެއް ނުވަތަ ޖޫރިމަނައެއް ވާނަމަ، އެ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ދެއްކުމަކީ ވެސް ލޯކަލް އޭޖެންޓުގެ ޒިންމާއެކެވެ.

(ރ) ޓޫރިސްޓް އުޅަނދެއް ޗާޓަރުކޮށްފައިވާ ހާލަތުގައި ހާލަތުގައި އެ އުޅަނދުގައި ތިބޭ ގެސްޓުންގެ ފަރާތުން ގްރީން ޓެކްސް ދެއްކުމަކީ އެ އުޅަނދު ހިންގާ ފަރާތުގެ ޒިންމާއެކެވެ. މިގަވާއިދުގެ ބޭނުމަށް، ޓޫރިސްޓް އުޅަނދެއް ޗާޓަރުކޮށްފައިވާ ކަމުގައި ބަލާނީ ގަވާއިދު ނަންބަރު 43/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) ގައި ޓޫރިސްޓް އުޅަނދެއް ޗާޓަރުކުރުން ކަމަށް ބުނެފައިވާ ހާލަތުގައެވެ.

 

15 ވަނަ މާއްދާ – ގްރީން ޓެކްސް ދައްކަންޖެހޭ ފައިސާ

ގްރީން ޓެކްސް މީރާއަށް ދައްކަން ވާނީ އެމެރިކާ ޑޮލަރުންނެވެ.

 

ފަސްވަނަ ބާބު: އާންމު މާއްދާތައް

16 ވަނަ މާއްދާ – ގްރީން ޓެކުހުން ޖީ.އެސް.ޓީ ނުނެގުން

ގާނޫނު ނަންބަރު 10/2011 (މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު) ގެ ބޭނުމަށް ތައްޔާރުކުރާ ޓެކްސް އިންވޮއިސްއެއްގައި ނުވަތަ ރަސީދެއްގައި ގްރީން ޓެކްސް ހިމެނިފައިވާނަމަ، އެ މުއާމަލާތެއްގައި ހިމެނޭ ގްރީން ޓެކުހުގެ އަދަދު ކަމުގައި ބަލާނީ، އެ މުއާމަލާތާ ގުޅިގެން ދޫކޮށްފައިވާ ޓެކްސް އިންވޮއިސްގައި ނުވަތަ ރަސީދުގައި ސާފުކޮށް ފެންނާނެހެން ލިޔެފައިވާ، ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިސާބުކުރެވިފައިވާ ގްރީން ޓެކުހުގެ އަދަދެވެ.

 

17 ވަނަ މާއްދާ – ގާނޫނާ ހިލާފަށް ނަގާ ގްރީން ޓެކްސް މީރާއަށް ދައްކަންޖެހުން

ގާނޫނާއި މި ގަވާއިދުގެ ދަށުން ގްރީން ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ގްރީން ޓެކްސް ނަގައިިފިނަމަ، ނުވަތަ ގްރީން ޓެކްސް ނަގަން ނުޖެހޭ މީހެއްގެ އަތުން ގްރީން ޓެކްސް ނަގައިފިނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ގްރީީން ޓެކްސް ނަގައިފިނަމަ، އެ ގޮތުން ނެގުނު ފައިސާ އެ މީހާއަށް އަނބުރައި ނުދޭހާ ހިނދަކު، އެ ފައިސާއަކީ މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ހޯދުމުގެ ބާރު ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަނަށް ލިބިގެން ވެއެވެ.

 

18 ވަނަ މައްދާ – ރިކޯޑު ބެލެހެއްޓުން

ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަދި ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުން އަންނަނިވި ރިކޯޑުތައް ބަލަހައްޓަންވާނެއެވެ.

(ހ) ގެސްޓް ރެޖިސްޓަރ

(ށ) ގެސްޓް ރެޖިސްޓްރޭށަން ކާޑުތައް

 

19 ވަނަ މާއްދާ – ޖޫރިމަނާ

ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭ ތަނަކުން ރަޖިސްޓަރީ ނުކޮށްފިނަމަ، ނުވަތަ ގްރީން ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތަނަކުން ބަޔާން ހުށަނާޅައިފިނަމަ ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ ގްރީން ޓެކްސް ދައްކަންޖެހޭ ތާރީހަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ގަނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި ގަވާއިދު ނަންބަރު 45/2013 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ވާ ގޮތުގެ މަތިން އެ ތަނެއް ޖޫރިމަނާ ވާނެއެވެ.

 

20 ވަނަ މާއްދާ – ގާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔާނީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އާއި އެ ގާނޫނުތަކުން ބާރު ލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައި ނުވާ ކޮންމެ ލަފުޒެއް ނުވަތަ އިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ގާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

 

21 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2015 އިން ފެށިގެންނެވެ.

 

22 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު :

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.

"ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 24 ވަނަ މާއްދަގައި ބަޔާންކޮށްފައިވާ އުޅަނދުތަކަށެވެ.

ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް އުޅަނދެއް "ހިންގާ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، އެ ތަނުގެ އޮޕްރޭޓިންގ ލައިސަންސް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ ފަރާތަށެވެ.

"ސައުވީސް ގަޑިއިރުގެ ބްލޮކް" ކަމަށް ބުނެފައި އެ ވަނީ، ޗެކް-އިން ވާ ވަގުތުން ފެށިގެން މެދުކެނޑުމަކާ ނުލައި ގުނާ ކޮންމެ 24 ގަޑިއިރަކަށެވެ.

"ޓޫރިސްޓެއް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖެއަށް އަންނަ ދިވެހިރައްޔިތަކު ނޫން 'ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ.

"ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެވެ.

"ގްރީން ޓެކްސް" ކަމަށް ބުނެފައި އެ ވަނީ، ގާނޫނުގެ 35 ވަނަ މާއްދާގެ (ކ) ގެ ދަށުން ނެގޭ ޓެކުހަށެވެ.

"މީރާ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ށ) މި ގަވަޢިދުގެ ބޭނުމަށް، އިބާރާތްކުރުމުގައި އެކަހެރި ނަން ގިނަނަމުގެ ތެރޭގައި އަދި ގިނަނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com