-

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1066)

 

 

1 ވަނަ މާއްދާ - ތަޢާރަފާއި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ޢަމަލު ކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރެވޭނެ ފަރާތްތަކާއި، އެފަރާތްތަކުގެ ށަރުޠުތައް ކަނޑައެޅުމާއި، ޕަބްލިކް ނޯޓަރީއެއްގެމަސައްކަތް ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި،މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހިލާފަށް ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައިމަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ގޮތް ކަނޑައެޅުމާއި، ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރުމާގުޅޭ އެހެނިހެން ކަންކަން ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރެވޭނެ ފަރާތްތައް

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރެވޭނީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ، އަދި ގާނޫނީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހު ހިދުމަތް ކޮށްފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން އެެކަމަށް އެދި ބާ ކައުންސިލަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބާ ކައުންސިލުން ހުއްދަ ދޭ ފަރާތްތަކަށެވެ.

(ށ)  ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ ދަފުތަރެއް ބާ ކައުންސިލުން ބަލަހައްޓަން ވާނެއެވެ.

 

4 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް 

(ހ) ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތަކީ ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫންވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމެވެ.

(ށ)  މިމާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، ލިޔުމެއްގައި ސޮއިކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ނޯޓަރައިޒުކޮށްދޭ ލިޔުންތަކުގައި ސޮއިކުރަންވާނީ، ނޯޓަރައިޒްކޮށްދޭ ވަކީލުގެ ހާޒިރުގައެވެ.

(ނ) ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރާ ކޮންމެ ގާނޫނީ ވަކީލަކުމެ، އެފަރާތުން ފޯރުކޮށްދޭ ނޯޓަރައިޒްކުރުމުގެ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އަދި ހިދުމަތުގެ ސައްހަކަމާމެދު ސުވާލު އުފެދޭފަދަ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ހިފެހެއްޓޭނޭ ހާލަތްތައ

(ހ) ޕަަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ، އަންނަނިވި ހާލަތްތަކުގައި ހިފެހެއްޓުމުގެ ބާރު ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިބިގެންވެއެވެ.

  1. ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތުގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުވުން؛
  2. ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތުގެ ހުއްދަ ބާ ކައުންސިލުން ހިފެހެއްޓުން.

 

6 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައިމަސައްކަތްކުރުން މަނާވާ ހާލަތްތައ

(ހ) އަަންނަނިވި ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި އާންމުކޮށް ފޯރުކޮށް ދޭ އެއްވެސް ހިދުމަތެއް ފޯރުކޮށް ދިނުމަކީ މަނާކަމެކެވެ.

  1. ޕަބްލިކް ނޯޓަރީއެއްގެ ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ ވަކީލާ ފުރަތަމަ ދަރަޖައިގެ ޢާއިލީ ގުޅުމެއް އޮތް ފަރާތަކަށް ވުން؛ އަދި
  2. ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލަކީ، ނޯޓަރީގެ ހިދުމަތް ލިބިގަންނަ ފަރާތުގެ ގާނޫނީ ވަކީލަށް ވުން.

 

7 ވަނަ މާއްދާ - ޕަބްލިކް ނޯޓަރީގެ ސިއްކަ

(ހ) ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތްކުރާ ކޮންމެ ގާނޫނީ ވަކީލަކުމެ، އަންނަނިވި މަޢުލޫމާތު ހިމެނޭ ސިއްކައެއް ޖަހައި ސޮއިކުރުމުން މެނުވީ، ލިޔުމެއް ނޯޓަރައިޒް ކުރެވުނު ކަމުގައި ނުބެލޭނެއެވެ.

  1. "ޕަބްލިކް ނޯޓަރީ" މި ބަސް؛
  2. ފުރިހަމަ ނަން؛ އަދި
  3. ޕަބްލިކް ނޯޓަރީގެ ހުއްދައިގެ ނަންބަރު.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ ސިއްކައިގެ އިތުރުން ނޯޓަރައިޒް ކޮށްދިން ތާރީހު، ނޯޓަރައިޒްކޮށްދޭ ލިޔުމުގައި ޖަހަންވާނެއެވެ.

(ނ)  މިމާއްދާގެ (ހ) ގައި ބަޔާންކުރާ ސިއްކަ، އިނގިރޭސި ނުވަތަ ދިވެހި ބަހުން ހެދުމުގެ އިހްތިޔާރު ގާނޫނީ ވަކީލުންނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައި ބަޔާންކުރާ ސިއްކަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ރެކޯޑު ބެލެހެއްޓުން

(ހ)  ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރާ ގާނޫނީ ވަކީލުން، އެފަރާތުން ނޯޓަރައިޒްކޮށްދޭ ލިޔެކިޔުމުގެ ބާވަތާއި ސޮއިކުރިފަރާތްތަކުގެ މަޢުލޫމާތު، މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް، ބަލަހައްޓަން ވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިކޯޑުތައް، ބާ ކައުންސިލްގެ އެގްޒެކެޓީވް ކޮމިޓީއިން ބަލަން ނިންމައިފި ހިނދެއްގައި، އެ ފަރާތުން ކަނޑައަޅާ ބަޔަކު، އެ ރެކޯޑުތައް ބެލުމުގެ ފުރުސަތު ދިވެހިރާއްޖޭގައި ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތް ކުރާ ކޮންމެ ގާނޫނީ ވަކީލަކުމެ ފަހިކޮށްދޭން ވާނެއެވެ.

 

9 ވަނަ މާއްދާ - ފިޔަވަޅުއެޅުން

(ހ) މިގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ނޫން ގޮތަކަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކޮށްފިނަމަ، އެފަރާތެއް އަންނަނިވި ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.

  1. ކަަމުގެ ކުޑަބޮޑު މިނަށް ބަލައި، ފުރަތަމަ ފަހަރު 25،000 (ފަންސަވީސް ހާސް ރުފިޔާ) އާއި  50،000 (ފަންސާސް ހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛
  2. ކަމުގެ ކުޑަބޮޑު މިނަށް ބަލައި، ދެވަނަ ފަހަރު 50،000  (ފަންސާސް) ހާސް ރުފިޔާ އާއި 150،000 (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން؛ އަދި
  3. ދެފަހަރަށް ވުރެ ގިނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑު މިނަށް ބަލައި، (3) އިތުރަށް ޖޫރިމަނާކުރެވޭ ކޮންމެ ފަހަރަކު 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ އާއި 300،000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން.

(ށ)  މިގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ނޫން ގޮތަކަށް ޢަމަލުކުރި ފަރާތަކީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވާނަމަ، ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ފަރާތަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ -  ލަފުޒުތަކާއި ޢިބާރާތް ތަކުގެ މާނަ

މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނައެވެ.

  1. "ދިވެހިރާއްޖޭގެ ބާ ކައުންސިލް" ނުވަތަ "ބާ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލަށެވެ.
  2. "އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ ދަށުން އުފެދިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށެވެ.

 

10 ވަނަ މާއްދާ - ގަަވާއިދަށް ޢަމަލު ކުރަން ފެށުން

މި ގަވާއިދަށް ޢަމަލު ކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1066)

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު