-

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1041) 

(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 ޖުލައި 2019 ގައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި ތަރައްގީކޮށް ނުނިމިހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް ލުއިތަކެއް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

މި ގަވާއިދުގެ ދަށުން ލުއިތައް ދެވޭނީ އަންނަނިވި ގޮތަށެވެ. އެއީ،

  1. ތަން ތަރައްގީކޮށް ނިންމައި ހިންގަންފެށުމަށް އިތުރު މުއްދަތެއް ދިނުން؛ ނުވަތަ،
  2. ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ނުދައްކާ އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުން.

 

3 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުން

(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ "ކޮންސްޓްރަކްށަން ޕީރިއަޑް" މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން،"ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމަށް އެދޭއިރު ތިރީގައި މިވާ ދެ ގޮތުންކުރެ ގޮތަކަށް "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ކުއްޔަށްދޫކުރާ ތަން އެއްކޮށް ތަރައްގީކޮށް ނިންމުމަށް މުއްދަތު ދިނުން؛ ނުވަތަ،
  2. ކުއްޔަށް ދޫކުރާ ތަން ބައިބަޔަށް (ފޭސްތަކަކަށް) ބަހައިލައިގެން ތަރައްގީކޮށް ނިންމުމަށް 
    މުއްދަތު ދިނުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުއްދަތު އިތުރުކޮށްދެވޭނީ އަންނަނިވި ކަންކަމަށް ބެލުމަށްފަހުގައެވެ.

  1. މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި ތަން އެއްކޮށް ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް ހުށަހަޅާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރަން ހުށަހަޅާ ނަމަ، މަދުވެގެން 1 (އެކެއް) ފޭސް، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި ނިންމައި ހިންގަން ފެށުމަށް، އެއްބަސްވުން؛
  2. ތަން ތަރައްގީކުރުމުގެ ގޮތުން ފާއިތުވި މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކާއި، އިތުރުކުރަން އެދޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި މަސައްކަތް ހިންގަން ރާވައިފައިވާ ގޮތުގެ ވާރކް ޕްލޭން ހުށަހެޅުން؛
  3. ތަން ކުއްޔަށް ހިފާފައިވާ ފަރާތުން ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގައިވާ ޓޫރިޒަމް އެކްޓިވިޓީ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ޖަމާކުރުން. 

(ނ) "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވުމުގެ ކުރިން މި މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްށަން ޕީރިއަޑު ހަމަވާ ތާރީހުން ފެށިގެން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ އިހްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދެވޭނީ އެއްބަސްވުމަށް ގެނެވޭ އިސްލާހަކުންނެވެ.

(ބ)

  1. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ފަރާތްތަކަށް އެ ކޮންސްޓްރަކްށަން ޕީރިއަޑު ހަމަވާ ތާރީހުން ފެށިގެން މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް 
    ލިބިގެންވެއެވެ. 
  2. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިނުވާ ފަރާތްތަކަށް، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ބަންދުނޫން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވުމުން، ކުރިން ދީފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވި ތާރީހުން ފެށިގެން މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
  3. މި އަކުރުގެ (2 (ވަނަ ނަންބަރުގައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވެފައިވާ ތަންތަނުގެ ތެރެއިން، "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކުރަން އެދޭ ފަރާތްތަކަށް، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދައްކަން 
    އެއްބަސްވާ ފަރާތްތަކަށް އެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

(ޅ)

  1. މި މާއްދާގެ (ނ) އާއި (ބ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތަކުގައި، އައު "ކޮންސްޓްރަކްށަން ޕީރިއަޑް" ގެ މުއްދަތު ގުނަން ފަށާނީ، ކުރިން ދީފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވާ ތާރީހުން ފެށިގެން ކަމުގައި، އެކަމަށްޓަކައި ސޮއިކުރާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ބަޔާންކުރަންވާނެއެވެ.
  2. މި މާއްދާގެ (ބ) ގެ (3) ގައި ބަޔާންކުރާ ހާލަތުގައި އައު "ކޮންސްޓްރަކްށަން ޕީރިއަޑް" ގެ މުއްދަތު ގުނަން ފަށާނީ ، މިނިސްޓްރީއަށް "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކުރުމަށް އެދި ހުށަހަޅާއިރު، ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ވާނަމަ، އެ ހުށަހެޅުން މިނިސްޓްރީއަށް ބަލައިގަންނަ ތާރީހުން ފެށިގެން ކަމުގައި، އެކަމަށްޓަކައި ސޮއިކުރެވޭ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ބަޔާންކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ހިންގަން ފަށާފައިނުވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކުރުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރާ ތާރީހާ ހަމައަށް، އަރައިފައިވާ ކުއްޔާއި ޖޫރިމަނާއާއި، މި ގަ ވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތާ ހަމައަށް ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. އައު "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވާ ދުވަހާ ހަމައަށް؛ނުވަތަ؛
  2. "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވާ ދުވަހުގެ ކުރިން އެ ތަނެއް ހިންގަން ފަށައިފި ނަމަ، އެ ތާރީހަކާ ހަމައަށް.

(ށ) މި ގަވާއިދުގެ ދަށުން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން މިހާތަނަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާ، މީގެ ކުރިން އެހެން އުސޫލެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ފަސްކޮށްދީފައިވާ ނަމަ، އެ ކުއްޔާއި ޖޫރިމަނާ ދައްކާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެ ތަނެއް ހިންގަން ފަށާތާ ގިނަވެގެން 5 (ފަހެއް) ވަނަ އަހަރުން ފެށިގެން، ތަން ކުއްޔަށްދީފައިވާ މުއްދަތުން ބާކީ އޮތް މުއްދަތަށް ބަހައިލައިގެންނެވެ.

 

5 ވަނަ މާއްދާ - ފެންވަރު މަތިކުރުމަށް ބަންދުކުރާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކުރުން

(ހ) ހިންގަމުންގެންދާ ތަނެއްގެ ފެންވަރު މަތިކުރުމަށްޓަކައި، މުޅި ތަން އެކީގައި ބަންދުކުރާ ނަމަ، އެ ފަދައިން ބަންދުކުރަން މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތަށް ކުލި ފަސްކޮށްދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމާ އެކީ މަސައްކަތް ހިންގަން ރާވައިފައިވާ ގޮތުގެ ވާރކް ޕްލޭން މިނިސްޓްރީއަށް ހުށަހެޅުންނެވެ. އަދި ފެންވަރު މަތިކުރުމަށް އެންމެ ގިނަވެގެން ދެވޭނީ 2 (ދޭއް) އަހަރުދުވަހެވެ. އަދި، މި މުއްދަތުގެ ތެރޭގައި ވާރކް ޕްލޭނުގައިވާ މަސައްކަތްތަކުގެ %50 (ފަންސާސް އިންސައްތަ) ފުރިހަމަ ކޮށްފައިވާ ނަމަ، އެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކޮށްދެވޭ ކުލި، އެ ތަނެއް މަރާމާތުކުރުމަށްޓަކައި ބަންދުކުރުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ކުއާޓަރލީ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދައްކަންވާނެއެވެ.

 

6 ވަނަ މާއްދާ - އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރުން

މި ގަވާއިދު ގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" އާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދީފައިވާ ގޮތާއި، އެ ފައިސާ ދައްކަންޖެހޭ މުއްދަތުތައް، އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސާފުކޮށް ބަޔާންކޮށް، އަދި އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކޮށްފި ނަމަ، އެއްބަސްވުން ބާޠިލު ކުރެވޭނެކަން ބަޔާންކޮށް، އެ އިސްލާހުގައި މިނިސްޓްރީއާއި ތަން ކުއްޔަށް ހިފާފައިވާ ފަރާތުން ސޮއިކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ތަން ހިންގަން ފަށަންޖެހޭ މުއްދަތުގައި ނުފެށުން

(ހ) މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވުމުގެ ކުރިން، އެ ތަނެއް ހިންގަން ފަށައިފައިނުވާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރާ ތަނެއް ނަމަ، މަދުވެގެން 1 (އެކެއް) ފޭސް ނިންމައިފައިނުވާ ނަމަ، "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވާ ތާރީހުން ފެށިގެން 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި ފަސްކޮށްދީފައިވާ އެންމެހައި ކުއްޔާއި ޖޫރިމަނާ ހިމެނޭގޮތަށް އެހައިތަނަށް އަރައިފައިވާ އެންމެހައި ކުއްޔާއި ޖޫރިމަނާ އެކީ އެއްފަހަރާ ދައުލަތަށް ދައްކަންޖެހޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވުމުގެ ކުރިން، އެ ތަނެއް ހިންގަން ފަށައިފައިނުވާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރާ ތަނެއް ނަމަ، މަދުވެގެން 1 (އެކެއް) ފޭސް ނިންމާފައިނުވާނަމަ، ނުވަތަ މި ގަވާއިދުގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ މި މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާ ނަމަ، ތަން ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅުން

މި މި ގަވާއިދުގެ ދަށުން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް" ކަމަށް ބަޔާންކޮށްފައި އެވަނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "ތަން" ނުވަތަ "ތަންތަން" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާބެހޭ ކަމަކަށް ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކަށެވެ.

(ނ) "ކޮންސްޓްރަކްށަން ޕީރިއަޑް" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުންތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުއްޔަށް ދެވޭ ތަންތަން ތަރައްގީކުރުމަށް ދެވޭ މުއްދަތެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، "ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އުސޫލު" އުވުނީއެވެ. އެހެންނަމަވެސް، ބުނެވިދިޔަ އުސޫލުގެ ދަށުން ދީފައިވާ ލުއިތައް އެހެންގޮތަކަށް މި ގަވާއިދުގެ ދަށުން ބަދަލުނުކުރާހައި ހިނދަކު، އެގޮތުގެ މަތިން ދެމިގެންދާނެއެވެ.

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1041)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު