-

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1041) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2020-45)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 ޖޫން 2020 ގައި)

 

ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) (3). މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑުގެ ގޮތުގައި އިތުރުކުރާ މުއްދަތު ހަމަވުމުގެ ކުރިން، ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސްގައިވާ ޓޫރިޒަމް އެކްޓިވިޓީ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ދެއްކުމަށް އެއްބަސްވެފައިވާ ފަރާތަކަށް ވުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ފައިސާ ނުދައްކާ ފަރާތްތައް 1-3.

(ހ) މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދީފައިވާ ފަރާތަކަށް، ތަން ތަރައްގީކުރުމަށް އިތުރު މުއްދަތެއް ދެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތިން ކުރިން އިތުރުކޮށްދެވުނު މުއްދަތަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭ ތަންތަނަށް އޮޕަރޭޓިންގ ލައިސަންސް ދެވޭނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދެވެރިވުން 8-1.

(ހ) ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެކަމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކަނޑައަޅައި އިއުލާނު ކޮށްފިނަމަ،    އެ ކުއްލި ނުރައްކަލުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި މަސައްކަތް ކުރުމަށް ހުރަސްއެޅިފައިވާނަމަ، މަސައްކަތް ކުރުމަށް ހުރަސްއެޅުނު މުއްދަތު، ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރެއަށް އިތުރުކޮށްދިނުމަށް އެދި، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނީ އަންނަނިވި ކަންކަން ފުރިހަމަކުރާ ފަރާތްތަކަށެވެ.

  1. ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ތަން ތަރައްގީ ކުރުމަށް ހުރަސްއެޅިފައިވާ ކަމުގައި ބަޔާންކޮށް، އެ މުއްދަތު އިތުރުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވުން.
  2. ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން އެ ތަނެއް ތަރައްގީ ކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅައިފައިވުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް، ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ސަބަބުން، ނުވަތަ ކާރިސާގެ ސަބަބުން،   އެ ތަނަކަށް ދޫކޮށްފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި އެ ތަނެއް ތަރައްގީ ކުރުމަށް ހުރަސް އެޅިފައިވާކަން ސާބިތުވާނަމަ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ނުވަތަ ކާރިސާގެ ހާލަތުގެ ސަބަބުން ތަރައްގީކުރުމަށް ހުރަސްއެޅުނު މުއްދަތު، އިތުރު ފީއަކާ ނުލައި އިތުރުކޮށްދޭން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރިނަމަވެސް، އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެފައިވަނިކޮށް، ކުރިން ދީފައިވާ ކޮންސްޓްރަކްށަން ޕީރިއަޑް ހަމަވެ، އެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުމަށް އެދި ހުށަހަޅާއިރު، އެ ހާލަތެއްގެ ސަބަބުން އެ ތަނަކަށް އަސަރުކޮށްފައިވާ މިންވަރު ބަޔާންކޮށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

9 (ރ) "ފަތުރުވެރިކަމުގެ ބޭނުން" ކަމަށް ބުނެފައި އެ ވަނީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ، ސިޓީ ހޮޓާ، އަދި ޔޮޓް ބަނދަރު ފަދަ ތަންތަނަށެވެ.

(ބ) "ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވުން ނުވަތަ ކާރިސާއެއް މެދުވެރިވުން" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ނުވަތަ ގާނޫނު ނަންބަރު 2012-07 (ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން، ނުވަތަ ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ކާރިސާ އިއުލާނު ކުރުމަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

 

 

6 ވަނަ މާއްދާ - މި ގަވާއިދުން ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ މާއްދާއާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

7 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1041)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1041)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު