-

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2019-1041)

(1ވަނަ، 2ވަނަ، 3ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި ތަރައްގީކޮށް ނުނިމިހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް ލުއިތަކެއް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - (ނޯޓް: މި ނަންބަރަށް ސުރުހީއެއް ދެވިފައިނުވޭ)

މި ގަވާއިދުގެ ދަށުން ލުއިތައް ދެވޭނީ އަންނަނިވި ގޮތަށެވެ. އެއީ،

  1. ތަން ތަރައްގީކޮށް ނިންމައި ހިންގަންފެށުމަށް އިތުރު މުއްދަތެއް ދިނުން؛ ނުވަތަ،
  2. ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ނުދައްކާ އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުން.

 

3 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުން

(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ "ކޮންސްޓްރަކްށަން ޕީރިއަޑް" މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން،"ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމަށް އެދޭއިރު ތިރީގައި މިވާ ދެ ގޮތުންކުރެ ގޮތަކަށް "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ކުއްޔަށްދޫކުރާ ތަން އެއްކޮށް ތަރައްގީކޮށް ނިންމުމަށް މުއްދަތު ދިނުން؛ ނުވަތަ،
  2. ކުއްޔަށް ދޫކުރާ ތަން ބައިބަޔަށް (ފޭސްތަކަކަށް) ބަހައިލައިގެން ތަރައްގީކޮށް ނިންމުމަށް 
    މުއްދަތު ދިނުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުއްދަތު އިތުރުކޮށްދެވޭނީ އަންނަނިވި ކަންކަމަށް ބެލުމަށްފަހުގައެވެ.

  1. މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި ތަން އެއްކޮށް ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް ހުށަހަޅާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރަން ހުށަހަޅާ ނަމަ، މަދުވެގެން 1 (އެކެއް) ފޭސް، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި ނިންމައި ހިންގަން ފެށުމަށް، އެއްބަސްވުން؛
  2. ތަން ތަރައްގީކުރުމުގެ ގޮތުން ފާއިތުވި މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކާއި، އިތުރުކުރަން އެދޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި މަސައްކަތް ހިންގަން ރާވައިފައިވާ ގޮތުގެ ވާރކް ޕްލޭން ހުށަހެޅުން؛
  3. ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ، ތަން ތަރައްގީކޮށް ނިމި ހިންގަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ބަހައިލައިގެން މިނިސްޓްރީ އޮފް ފިނޭންސްގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ދެއްކުމަށް އެއްބަސްވެފައިވާ ފަރާތަކަށް ވުން. (އިސްލާހު1 އިސްލާހު2 ކުރެވިފައި)

(ނ) "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވުމުގެ ކުރިން މި މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްށަން ޕީރިއަޑު ހަމަވާ ތާރީހުން ފެށިގެން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ އިހްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) އާއި (ނ) އާއި، މި ގަވާއިދުގެ 1-8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދެވޭނީ ކުލީގެ އެއްބަސްވުމަށް ގެނެވޭ އިސްލާހަކުންނެވެ.  މި އިސްލާހުގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

  1. ތަން ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގައި ތަން ތަރައްގީކޮށް ނުނިމިއްޖެނަމަ، ކުލީގެ އެއްބަސްވުން އޭގެ އަމިއްލަ ޒާތުން ބާތިލުވާނެކަން ބަޔާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

(ބ)

  1. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ފަރާތްތަކަށް އެ ކޮންސްޓްރަކްށަން ޕީރިއަޑު ހަމަވާ ތާރީހުން ފެށިގެން މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް 
    ލިބިގެންވެއެވެ. 
  2. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިނުވާ ފަރާތްތަކަށް، މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ބަންދުނޫން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވުމުން، ކުރިން ދީފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވި ތާރީހުން ފެށިގެން މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
  3. މި އަކުރުގެ (2 (ވަނަ ނަންބަރުގައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވެފައިވާ ތަންތަނުގެ ތެރެއިން، "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކުރަން އެދޭ ފަރާތްތަކަށް، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދައްކަން 
    އެއްބަސްވާ ފަރާތްތަކަށް އެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

(ޅ)

  1. މި މާއްދާގެ (ނ) އާއި (ބ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތަކުގައި، އައު "ކޮންސްޓްރަކްށަން ޕީރިއަޑް" ގެ މުއްދަތު ގުނަން ފަށާނީ، ކުރިން ދީފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވާ ތާރީހުން ފެށިގެން ކަމުގައި، އެކަމަށްޓަކައި ސޮއިކުރާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ބަޔާންކުރަންވާނެއެވެ.
  2. މި މާއްދާގެ (ބ) ގެ (3) ގައި ބަޔާންކުރާ ހާލަތުގައި އައު "ކޮންސްޓްރަކްށަން ޕީރިއަޑް" ގެ މުއްދަތު ގުނަން ފަށާނީ ، މިނިސްޓްރީއަށް "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކުރުމަށް އެދި ހުށަހަޅާއިރު، ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ވާނަމަ، އެ ހުށަހެޅުން މިނިސްޓްރީއަށް ބަލައިގަންނަ ތާރީހުން ފެށިގެން ކަމުގައި، އެކަމަށްޓަކައި ސޮއިކުރެވޭ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ބަޔާންކުރަންވާނެއެވެ.

 

3-1 ވަނަ މާއްދާ - ފައިސާ ނުދައްކާ ފަރާތްތައް (އިތުރު ކުރެވި އުނި ކުރެވިފައި)

 

4 ވަނަ މާއްދާ - ހިންގަން ފަށާފައިނުވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކުރުން 

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ 1-8 ވަނަ މާއްދާގެ (ނ) ގެ ދަށުން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރާ ތާރީހާ ހަމައަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާއާއި، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ގައި ދައްކަންޖެހޭ ކުލި ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކުރާ ގޮތަށެވެ. (އިސްލާހު ކުރެވިފައި)

  1. މިނިސްޓްރީން އެ ތަނެއް ހިންގުމަށް އޮޕަރޭޓިންގ ލައިސަންސް ދޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ފައިސާ ދައްކަން ފަށާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ކޮންމެ އަހަރެއްގެ ވެސް 4 (ހަތަރެއް) ކުއާޓަރަށް ހަމަހަމައަށް ބަހައިލައިގެން އިންޓަރެސްޓެއް ނެތި ދެއްކުން.
  2. ރަށް ތަރައްގީކޮށް ނިމި ހުޅުވާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު 4 ކުއާޓަރަށް ހަމަހަމައަށް ބަހައިލައިގެން އަހަރަކު %3 (ތިނެއް އިންސައްތަ) އިންޓަރެސްޓާއެކު ދެއްކުން.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކުރުމަށް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރާ ތަންތަނާ ގުޅިގެން މިހާތަނަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކާނީ، މީގެ ކުރިން އެހެން އުސޫލެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ފަސްކޮށްދީފައިވީނަމަވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ. (އިތުރު ކުރެވިފައި)

 

5 ވަނަ މާއްދާ - ފެންވަރު މަތިކުރުމަށް ބަންދުކުރާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކުރުން

(ހ) ހިންގަމުންގެންދާ ތަނެއްގެ ފެންވަރު މަތިކުރުމަށްޓަކައި، މުޅި ތަން އެކީގައި ބަންދުކުރާ ނަމަ، އެ ފަދައިން ބަންދުކުރަން މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތަށް ކުލި ފަސްކޮށްދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމާ އެކީ މަސައްކަތް ހިންގަން ރާވައިފައިވާ ގޮތުގެ ވާރކް ޕްލޭން މިނިސްޓްރީއަށް ހުށަހެޅުންނެވެ. އަދި ފެންވަރު މަތިކުރުމަށް އެންމެ ގިނަވެގެން ދެވޭނީ 2 (ދޭއް) އަހަރުދުވަހެވެ. އަދި، މި މުއްދަތުގެ ތެރޭގައި ވާރކް ޕްލޭނުގައިވާ މަސައްކަތްތަކުގެ %50 (ފަންސާސް އިންސައްތަ) ފުރިހަމަ ކޮށްފައިވާ ނަމަ، އެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކޮށްދެވޭ ކުލި، އެ ތަނެއް މަރާމާތުކުރުމަށްޓަކައި ބަންދުކުރުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ކުއާޓަރލީ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދައްކަންވާނެއެވެ.

 

6 ވަނަ މާއްދާ - އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރުން

މި ގަވާއިދު ގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" އާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދީފައިވާ ގޮތާއި، އެ ފައިސާ ދައްކަންޖެހޭ މުއްދަތުތައް، އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސާފުކޮށް ބަޔާންކޮށް، އަދި އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުނުކޮށްފި ނަމަ، އެއްބަސްވުން ބާޠިލު ކުރެވޭނެކަން ބަޔާންކޮށް، އެ އިސްލާހުގައި މިނިސްޓްރީއާއި ތަން ކުއްޔަށް ހިފާފައިވާ ފަރާތުން ސޮއިކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ތަން ހިންގަން ފަށަންޖެހޭ މުއްދަތުގައި ނުފެށުން

(ހ) މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވުމުގެ ކުރިން، އެ ތަނެއް ހިންގަން ފަށައިފައިނުވާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރާ ތަނެއް ނަމަ، މަދުވެގެން 1 (އެކެއް) ފޭސް ނިންމައިފައިނުވާ ނަމަ، "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވާ ތާރީހުން ފެށިގެން 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި ފަސްކޮށްދީފައިވާ އެންމެހައި ކުއްޔާއި ޖޫރިމަނާ ހިމެނޭގޮތަށް އެހައިތަނަށް އަރައިފައިވާ އެންމެހައި ކުއްޔާއި ޖޫރިމަނާ އެކީ އެއްފަހަރާ ދައުލަތަށް ދައްކަންޖެހޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ "ކޮންސްޓްރަކްށަން ޕީރިއަޑް" ހަމަވުމުގެ ކުރިން، އެ ތަނެއް ހިންގަން ފަށައިފައިނުވާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރާ ތަނެއް ނަމަ، މަދުވެގެން 1 (އެކެއް) ފޭސް ނިންމާފައިނުވާނަމަ، ނުވަތަ މި ގަވާއިދުގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ މި މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާ ނަމަ، ތަން ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅުން

މި މި ގަވާއިދުގެ ދަށުން "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކޮށްދިނުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.

 

8-1 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދެވެރިވުން (ސުރުހީއާއި މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެކަމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކަނޑައަޅައި އިއުލާނު ކޮށްފިނަމަ،    އެ ކުއްލި ނުރައްކަލުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި މަސައްކަތް ކުރުމަށް ހުރަސްއެޅިފައިވާނަމަ، މަސައްކަތް ކުރުމަށް ހުރަސްއެޅުނު މުއްދަތު، ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރެއަށް އިތުރުކޮށްދިނުމަށް އެދި، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނީ އަންނަނިވި ކަންކަން ފުރިހަމަކުރާ ފަރާތްތަކަށެވެ.

  1. ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ތަން ތަރައްގީ ކުރުމަށް ހުރަސްއެޅިފައިވާ ކަމުގައި ބަޔާންކޮށް، އެ މުއްދަތު އިތުރުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވުން.
  2. ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން އެ ތަނެއް ތަރައްގީ ކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާކަން ސާބިތުކުރެވޭނެ ލިޔެކިޔުން ހުށަހަޅައިފައިވުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް، ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ސަބަބުން، ނުވަތަ ކާރިސާގެ ސަބަބުން،   އެ ތަނަކަށް ދޫކޮށްފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި އެ ތަނެއް ތަރައްގީ ކުރުމަށް ހުރަސް އެޅިފައިވާކަން ސާބިތުވާނަމަ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ނުވަތަ ކާރިސާގެ ހާލަތުގެ ސަބަބުން ތަރައްގީކުރުމަށް ހުރަސްއެޅުނު މުއްދަތު، އިތުރު ފީއަކާ ނުލައި އިތުރުކޮށްދޭން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރިނަމަވެސް، އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެފައިވަނިކޮށް، ކުރިން ދީފައިވާ ކޮންސްޓްރަކްށަން ޕީރިއަޑް ހަމަވެ، އެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުމަށް އެދި ހުށަހަޅާއިރު، އެ ހާލަތެއްގެ ސަބަބުން އެ ތަނަކަށް އަސަރުކޮށްފައިވާ މިންވަރު ބަޔާންކޮށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

 

8-2 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށް، ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން އަރައިފައިވާ ޖޫރިމަނާއަށް ލުއިދިނުމުގައި އަމަލުކުރާނެ ގޮތް (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)

ކުއްޔާ ގުޅިގެން ދުވާލަކަށް %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ރޭޓުން ހިސާބުކޮށްފައިވާ ޖޫރިމަނާ ދުވާލަކަށް %0.0493 (ސުމެއް ޕޮއިންޓް ސުމެއް ހަތަރެއް ނުވައެއް ތިނެއް އިންސައްތަ) ގެ ރޭޓުން ހިސާބުކުރުމަށްފަހު، އެއަށްވުރެ އިތުރަށް ޖޫރިމަނާ އަރައިފައިވާނަމަ، އިތުރަށް އަރައިފައިވާ ޖޫރިމަނާ މައާފުކޮށްދެވޭނެއެވެ. އަދި، ޖޫރިމަނާ ވެސް ދައްކާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ފަސްކޮށްދެވޭ ކުލި ދެއްކުމަށް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކޮށްފައިވާ ގޮތަށެވެ.

 

8-3 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނެ މުއްދަތު (ސުރުހީއާއި މާއްދާ އިތުރު ކުރެވިފައި)

ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ތަރައްގީކުރުމަށް ސޮއިކުރާ ލީސް އެގްރީމަންޓުގެ ދަށުން، ނުވަތަ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމުގެ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމަށް ގެނެވޭ އިސްލާހުގެ ދަށުން އިތުރުކޮށްދީފައިވާ ކޮންސްޓްރަކްށަން ޕީރިއަޑްގެ ތެރޭގައި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑް، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު އިތުރުކޮށްދެވޭނީ ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ.

 

8-4 ވަނަ މާއްދާ - ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައިނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން އަރައިފައިވާ ޖޫރިމަނާއަށް ލުއި ހޯދުމަށް އެދި ހުށަހެޅުން (ސުރުހީއާއި މާއްދާ އިތުރު ކުރެވި، އިސްލާހު ކުރެވިފައި)

(ހ) (ހ) ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައިނުވާ ތަންތަނުގެ ތެރެއިން "ކޮންސްޓްރަކްށަން ޕީރިއަޑް" ގެ މުއްދަތު ހަމަވެފައިވާ ތަންތަނުގެ "ކޮންސްޓްރަކްށަން ޕީރިއަޑް" އިތުރުކުރުމަށާއި، ކުއްޔާ ގުޅިގެން އަރާފައިވާ ޖޫރިމަނާއަށް ލުއި ހޯދުމަށް އެދި 17 ޖޫން 2021 ގެ ނިޔަލަށް އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ)  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފުރުސަތުގައި ލުއިތައް ހޯދުމަށް އެދި ހުށަހަޅައިފައި ނުވާ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައިނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން އަރާފައިވާ ޖޫރިމަނާއަށް މި ގަވާއިދުގެ ދަށުން ލުއި ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކަކީ ސައްހަ ހުށަހެޅުންތަކެއް ކަމުގައި ބަލައިގަންނަންވާނެއެވެ. (އިތުރު ކުރެވިފައި)

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް" ކަމަށް ބަޔާންކޮށްފައި އެވަނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "ތަން" ނުވަތަ "ތަންތަން" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާބެހޭ ކަމަކަށް ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކަށެވެ.

(ނ) "ކޮންސްޓްރަކްށަން ޕީރިއަޑް" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުންތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުއްޔަށް ދެވޭ ތަންތަން ތަރައްގީކުރުމަށް ދެވޭ މުއްދަތެވެ.

(ރ) "ފަތުރުވެރިކަމުގެ ބޭނުން" ކަމަށް ބުނެފައި އެ ވަނީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ، ސިޓީ ހޮޓާ، އަދި ޔޮޓް ބަނދަރު ފަދަ ތަންތަނަށެވެ. (އިތުރު ކުރެވިފައި)

(ބ) "ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވުން ނުވަތަ ކާރިސާއެއް މެދުވެރިވުން" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ނުވަތަ ގާނޫނު ނަންބަރު 2012-07 (ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން، ނުވަތަ ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ކާރިސާ އިއުލާނު ކުރުމަށެވެ. (އިތުރު ކުރެވިފައި)

(ޅ) "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަން ކުއްޔަށް ދޫކުރުމަށް ފުރަތަމަ ސޮއިކުރި ކުލީގެ އެއްބަސްވުމުގައި (އިނީށަލް ލީޒް އެގްރީމަންޓުގައ) ކަނޑައެޅިފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" ގެ މުއްދަތު ހަމަވެ ތަރައްގީކޮށް ނިމިފައި ނުވާ ތަންތަނެވެ. (އިތުރު ކުރެވިފައި)

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

11 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، "ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމާބެހޭ އުސޫލު" އުވުނީއެވެ. އެހެންނަމަވެސް، ބުނެވިދިޔަ އުސޫލުގެ ދަށުން ދީފައިވާ ލުއިތައް އެހެންގޮތަކަށް މި ގަވާއިދުގެ ދަށުން ބަދަލުނުކުރާހައި ހިނދަކު، އެގޮތުގެ މަތިން ދެމިގެންދާނެއެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1041)

 

ޖަދުވަލު 1 (އިސްލާހު ކުރެވިފައި)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

މައި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1041)

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

ކިޔުންތެރިންގެ ހިޔާލު