ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2/2010)

0 occurrences found.

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2/2010)

 

1 ވަނަ މާއްދާ - ތަައާރަފާއި ނަން

(ހ) މި ގަވާިއދަކީ 01 މާރޗް 2008 ގައި އަމަލުކުރަން ފަށާފައިވާ ދިވެހހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު އިސްލާހުކުރުމަށްފަހު އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދަކީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 24 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – އޭޖެންޓް ހަމަޖެއްސުން

(ހ) އިމަރޖެންސީ ހާލަތެއްގައި ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ނޫން ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ އެއުޅަނދެއްގެ ކަންތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށްފަހުއެވެ. ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓަކަން ކުރެވޭނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓްކަން ކުރުމުގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދެއްވާފައިވާ ފަރާތްތަކަށެވެ.

ހުއްދަ ހޯދުން

(ށ) ދިވެހި ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހަދަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށްޓަކައި ހޯދަންޖެހޭ ހުއްދަ ހޯދައި، އަދި މި ގަވާއިދާ އެއްގޮތްވާވާ ގޮތުގެ މަތީން އެކަމަށްޓަކައި މިނިސްޓްރީ އިން ހުއްދަ ހޯދުމަށްފަހުއެވެ.

(ނ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ މިނިސްޓްރީ އިން ދޫކުރާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ދިވެހިރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވާ ބަނދަރުކޮށް ހެދުމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަަމަކުރުމަށްފަހު އެ ހުއްދަ ހޯދުމަށްޓަކައި 5,000 (ފަސްހާސް) ރުފިޔާގެ ފީއެއް މިނިސްޓްރީ އަށް ދެއްކުމުންނެވެ.

ހުއްދައިގެ މުއްދަތު

(ރ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތަކީ އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްލިއަރެންސް ދެއްވާ ދުވަހުން ފެށިގެން ގިނަވެގެން 90 (ނުވަދިހަ) ދުވަހެވެ.

(ބ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ، އެންމެ ލަސްވެގެން އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އިންވާޑް ކްލިއަރެންސް ދިނުމަށް ފަހު 24 ގަޑިއިރު ހަމަވުމުގެ ކުރިން ހޯދަންވާނެއެވެ. މި ހުއްދަ ހޯދުމާއެކު ހުއްދަ ހޯދުމަށްޓަކައި ދައްކަންޖެހޭ ފީ ދެއްކުމަކީ އެ އުޅަނދެއްގެ ކަންތަކާ ހަވާލުވާ ނުވަތަ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެއްގެ ޒިންމާއެކެވެ.

 

3 ވަނަ މާއްދާ – ޗާޓަރ ލައިސަންސް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަދެވޭ އުޅަނދެއް، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތުގެ ތެޭގައި އެއުޅަނދުގެ ފަޅުވެރިން (ކްރޫ) ފިޔަވައި ފަސިިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަން އެދޭނަމަ ނުވަތަ ބައިތިއްބައިގެން ދުއްވަން އެދޭނަމަ،  ނުވަތަ ފަޅުވެރިން (ކްރޫ) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު އެއުޅަނދަށް އަރުވަން އެދޭނަމަ ނުވަތަ އަރުވައިގެން ދުއްވަން އެދޭނަމަ، އެއުޅަނދު ޗާޓަަރ އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް މިނިސްޓްރީގެ ހުއްދަ (ޗާޓަރ ލައިސަންސް) ހޯދަންވާނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޗާޓަރ ލައިސަންސް ދޫކުރެވޭނީ މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން މިނިސްޓްރީއަށްް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޗާޓަރ ލައިސަންސް ހޯދުމަށްޓަކައި މިގަވާއިދުގެ ޖަދުވަލު 3 ގައިވާ " ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް ޗާޓަރ ލައިސަންސް ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އެފޯމާއެކު އަންނަނިވި ލިޔެކިއުންތައް ހުށަހަޅަންވާނެއެވެ.

  1. ޗާޓަރގެ މުއްދަތާއި އެމުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދު ބަޔާންކޮށް އުޅަނދުގެ ކެޕްޓަންގެ ފަރާތުން ލިޔުމެއް (ކެޕްޓަންސް ޑެކްލަރޭށަން).
  2. އުޅަނދުގެ ދިގުމިން އަންގައިދޭ ލިޔުމެއް.

(ރ) ޗާޓަރ ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އިތުރު މުއްދަތަކަށް އުޅަނދު ޗާޓަރ އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް އެދޭނަމަ އައު ޗާޓަރ ލައިސަންސެއް މިނިސްޓްރީއިން ހޯދަންވާނެއެވެ.

(ބ) ޗާޓަރ ލައިސަންސް ހޯދުމާއި ޗާޓަރ ލައިސަންސް ހޯދުމަށްޓަކައި ދައްކަންޖެހޭފ ފީ ދެއްކުމަކީ އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެއްގެ ޒިންމާއެކެވެ.

(ޅ) އިމަރޖެންސީ ހާލަތެއްގައި ރާއްޖެ ވަަންނ އުޅަނދަކަށް ޗާޓަރ ލައިސަންސެއް ދޫކުރެވޭނީ އެއުޅަނދަކަށް ދިމާވި އިމަރޖެންސީ ހާލަތެއް ރަނގަޅުކޮށް ރާއްޖެއިން ފުރުމަށްފަހު، އަލުން ރާއްޖެ އައިސް މިގަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ހުއްދަ ހޯދުމުންނެވެ.

 

4 ވަނަ މާއްދާ – ރާއްޖެއިން ފުރައިގެން ދިއުމަށްފަހު އަލުން ރާއްޖެ އައުން

(ހ) އިމަރޖެންސީ ހާލަތެއްގައި ފިޔަވައި ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖެއިން ފުރައިގެން ދިއުމަށްފަހު އަލުން ރާއްޖެ އާދެވޭނީ ދިވެހިރާއްޖެއަށް ނޫން އެހެން ބަނދަރަކަށް ދިއުމަށްފަހުއެވެ. އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަން ނިންމާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއިންނެވެ.

ރާއްޖެ އައުމާއި ރާއްޖެއިން ފުރުން

(ށ) ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއަށް ވަންނަންވާނީ އަދި ދިވެހިރާއްޖެއިން ފުރަންވާނީ ރާއްޖޭގެ ރަސްމީ ބަނދަރުތަކުގެ ތެރެއިން ބަނދަރަކުންނެވެ.

 

5 ވަނަ މާއްދާ – ޓޫރިސްޓުންނާބެހޭ މައުލޫމާތު ހުށަހެޅުން

(ހ) ރާއްޖެއަށް އަންނަ ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދަކާ ހަވާލުވާ ރާއްޖޭގައި ހުންނަ އޭޖެންޓަކު، އެއޭޖެންޓަކު ހަވާލުވި ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި އެ އުޅަނދެއްގައި ތިބި ޓޫރިސްޓުންނާބެހޭ މައުލޫމާތު މިގަވާއިދުގެ ޖަދުވަލު 4 ގައިވާ ނަމޫނާ ޓެކްސް ށީޓް ފޯމާ އެއްގޮތަށް ފުރިހަމަ ކުރުމަށްފަހު އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދިއުމުގެ ކުރިން ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއުއަށް ހުށަހަޅަންވާނެއެވެ. އަދި އެށީޓުގެ ކޮޕީއެއް ހަމަ އެ މުއްދަތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) ރާއްޖެއަށް އަންނަ ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދަކާ ހަވާލުވާ ރާއްޖޭގައި ހުންނަ އޭޖެންޓަކު، އެއޭޖެންޓަކު ހަވާލުވި ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި އެ އުޅަނދެއްގެ އޮކިއުޕެންސީއާބެހޭ މައުލޫމާތު މިގަވާއިދުގެ ޖަދުވަލު 5 ގައިވާ ނަމޫނާ ފޯމާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ – ޓެކްސް ށީޓުގައި ފުރިހަމަ ކުރަންޖެހޭ މައުލޫމާތު

(ހ) ޓެކްސް ށީޓު ހުށަހަޅަންވާނީ އޭގައިވާ ހުރިހާ މުއުލޫމާތުތަކެއް ފުރިހަމަ ކުރުމަށްފަހުގައެވެ. ޓެކްސް ށީޓުގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހުގައެވެ. ޓެކްސް ށީޓުގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ބޭނުންކުރާ ފަސިންޖަރުންގެ މެނިފެސްޓްތައް، ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އިން ބެލުމަށް ބޭނުންވެއްޖެ ހާލަތެއްގައި، އެ މެނިފެސްޓްތައް ލިބޭނެގޮތަށް، މަދުވެގެން 6 މަސްދުވަސް ވާންދެން ރައްކާކޮށްފައި ބަހައްޓަންވާނެއެވެ.

(ށ) ޓެކްސް ށީޓުގައި ޓޫރިސްޓުން އައި ގަޑިކަމަށް ބެލެވޭނީ، އެއުޅަނދެއްގައި ތިބޭ ޓޫރިސްޓުންނަށް ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއިން ހުއްދަ ދޭގަޑި ނުވަތަ އެއުޅަނދު ރާއްޖޭގައި ބަނދަރުކުރި ފަހުން ޓޫރިސްޓަކު އެ އެޅަނދަކަށް އަރަން ޑިޕާޓްންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއިން ހުއްދަ ދޭގަޑިއެވެ. އަދި ފުރާ ގަޑި ކަމަށް ބެލެވޭނީ، ޑިޕާޓްންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއިން ހުއްދަ ދޭގަޑި ނުވަތަ އެ އުޅަނދަކުން ޓޫރިސްޓަކު ފޭބުމަށް ޑިޕާޓްންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއިން ހުއްދަ ދޭގަޑިއެވެ.

(ނ) ޓެކްސް ށީޓުގައު ހުރި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުކަން ބަޔާންކޮށްދިނުމުގެ ގޮތުން އެށީޓުގައި އޭޖެންޓުގެ ތައްގަނޑު ޖަހައި، މެނޭޖްމަންޓުން ސޮއިކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު، ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއުއަށް ފޮނިވިކަމަށް ބެލެވޭނީ މިގަވާއިދާ އެއްގޮތްވާގޮތުމުގެ މަތިން ޓެކްސް ށީޓު އެޑިޕާޓްމަންޓަށް ހުށަހަޅާ އެށީޓުގެ ކޮޕީއެއް ހަމަ އެ މުއްދަތުގައި އޮޑިޓަރ ޖެނެރަލްގެ  އޮފީހަށް ފޮނުވުމުންނެވެ.

(ބ) ޓެކްސް ށީޓު ހުށަހެޅުމަށްފަހު، އެއަށް ބަދަލު ގެނެވޭނީ ޓެކްސް ޝީޓް ހުށަހެޅިތާ 15 (ފަނަރަ) ދުވަހުގެތެރޭގައި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއުއަށް ލިޔުމަކުން ހުށަހެޅުމަށްފަހު އެޑިޕާޓްމަންޓްއިން ހުއްދަ ލިބިގެން އެޑިޕާޓްމަންޓްއިން އަންގާ ގޮތެއްގެ މަތިންނެވެ. ޓެކްސް ށީޓަށް ގެނެވޭ ބަދަލު، ހަމަ އެމުއްދަތުގެ ތެރޭގައި އޯޑިޓް އޮފީހަށް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ – މުއުލޫމާތު ހުށަނޭޅުން

ޓެކްސް ށީޓް ހުށަހެޅުން ކަނޑއެޅިފައިވާ މުއްދަތަށްވުރެ ލަސްވެއްޖެނަމަ، ތަކުރާރުކޮށް އަންގާ ލަސްވާ މުއްދަތަށްބަލާ، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ޓެކްސް ދެއްކުން

(ހ) ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން އެއުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ ވަގުތު 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަސްތަކަކަށް އެ އުޅަނދެއްގައި ދަތުރުކުރާ ނުވަތަ ހުންނަ ކޮންމެ ޓޫރިސްޓަކަށް، ގާނޫނު ނަންބަރ 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) ގެ 35 ވަނަ މާއްދާގައި ބުނެފައިވާ ޓެކްސް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ޓެކްސް ސަރުކާރަށް ދެއްކުމުގެ ޒިންމާ އުފުލާނީ އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނާ ޓެކްސް ދައްކާނީ ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރަށް ހޭދަކުރާ ކޮންމެ ދުވަހަކަށް އެ އުޅަނދެއްގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 8 (އަށެއް) އެމެރިކާ ޑޮލަރު، ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރު ފައިސާއަކުން 8 (އަށެއް) އެމެރިކާ ޑޮލަރަށްޖެހޭ އަދަދެވެ.

(ރ) ކޮންމެ އުޅަނދަކުންވެސް ދައްކަންޖެހޭ ޓެކްސް، އެ އުޅަނދެއް ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ދައްކަންވާނެއެވެ.

(ބ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓެކްސް ށީޓަށް ގެންނަ ބަދަލަކާ ގުޅިގެން އިތުރު ޓެކްސްއެއް ދައްކަން ޖެހިއްޖެނަމަ އެ މާއްދާގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިތުރަށް ދައްކަން ޖެހުނު ފައިސާ ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ދައްކައި ނިންމަންވާނެއެވެ.

(ޅ) މިގަވާއިދުގެ ދަށުން ދައްކަންޖެހޭ ޓެކްސް ދައްކަންވާނީ މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ނަމޫނާ ސްލިޕް ފުރިހަމަ ކުރުމަށް ފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއުގެ 127 ނަންބަރު އެކައުންޓަށެވެ.

 

9 ވަނަ މާއްދާ – ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާކުރުން

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓްކަން ކުރާ ފަރާތަކުން މިގަވާއިދުގެ ދަށުން ދައްކަންޖެހޭ ޓެކްސް ނުދައްކައިފިނަމަ، ނުދައްކާ އޮތް ޓެކްސް ދެއްކުމާއެކު، ގަވާއިދާ ހިލާފުވިއިރު އެ އޭޖެންޓަކު އޭޖެންޓްކަން ކުރި އުޅަނދެއްގައި ފަތުރުވެރިން ބޭނުންކުރުމަށް ހުރި ކޮންމެ އެނދަކަށް 1000،00 (އެއްހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ.

(ށ) މިގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޓެކްސްއާއި މި މާއްދާގެ (ހ) ގައި ބުނެފައިވާ ޖޫރިމަނާ، ހިނގާމަހުގެ ނިޔަލަށް ދައްކާ ނިންމަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިނުވާނަމަ، އެ އޭޖެންޓެއްގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް މިނިސްޓްރީ އިން ނަގަންޖެހޭ ހުއްދަ ދެން ދޫކުރާނީ އެ އޭޖެންޓަކު މި ގަވާއިދުގެ ދަށުން ދައްކަންޖެހިފައިވާ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރުމަށްފަހުގައެވެ.

 

10 ވަނަ މާއްދާ- ޓެކްސްއަށް އަންނަ ފަރަގު

ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު އިން ޓެކްސް ށީޓުތައް ބަލާ ބެލުމުގައި ފެންނަ މައްސަލަތަކުގެ ތަފުސީލް، އެ  ޓެކްސް ށީޓެއް ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމުގައި ބަޔާންކޮށްފައިވާ މައްސަލައެއް، އެ ޓެކްސް ށީޓް ހުށަހެޅި ފަރާތަށް ލިބޭ ތާރީހުން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި ނުވަތަ އެ ލިޔުމުގައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކުރަންވާނެއެވެ.

 

11 ވަނަ މާއްދާ- ޓެކްސް ދެއްކުމުން އިސްތިސްނާވުން

ސަރުކާރުން ހާއްސަ އިމްތިޔާޒުދޭ ފަރާތްތަކުން ކަމާބެހޭ ދާއިރާތަކުގެ ލިޔެކިޔުންތައް ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު ހުށަހެޅުމުން މިގަވާއިދުގައި ބުނެފައިވާ ޓެކްސް ދެއްކުމުން އެފަރާތެއް އިސްތިސްނާވާނެއެވެ.

 

12 ވަނަ މާއްދާ- ގާނޫނު ތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުން

މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސަަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެ އުޅަނދުތަކުން ކުރާ ހުރިހާ ކަމެއްވެސް ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

13 ވަނަ މާއްދާ- ގަވާއިދާއި ހިލާފުވުން

މި ގަވާއިދާއި ހިލާފުވުމުން ވަކި ގޮތެއް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަންކަމުގައި މި ގަވާއިދާއި ހިލާފްވާ ފަރާތްތައް-/100000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމާނާ ކުރުމުގެ އިހްތިޔާރް މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ- ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އިންނެވެ.

 

15 ވަނަ މާއްދާ- ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުއްދަ ދީފައިވާ އުޅަނދުތައް

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާއި ހުއްދަދެވިފައިވާ ޓޫރިސްޓް އުޅަނދުތަކުގެ މައްޗަށް މިގަވާއިދު ހިންގަން ފަށާނީ އެ އުޅަނދަކަށް ކުރިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެންނެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށޭނީ 01 ޖޫން 2010 ދުވަހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ؛

(ހ) "ޓޫރިސްޓެއް" ނުވަތަ "ގެސްޓެއް" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 2007/1 ) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވީޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.

(ށ) "ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރު އެ އުޅަނދަކީ މޯލްޑިވްސް ކަސްޓަމަސް ސަރވިސް ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީއިން ޓޫރިސްޓް އުޅަނދެއް ނުވަތަ ޕްލެޝަރ ޔޮޓްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރެވެ.

(ނ) "އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އައުމާ ގުޅޭ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކާ ހަވާލުވެ ހުންނަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ނުވަތަ ޓޫރިޒަމާއި ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު ހަދައި ހިންގުމުގެ ޒިންމާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.

(ބ) "ޗާޓަރ" ކަމުގައި ބުނެފައި އެވަނީ ގަވާއިދުގެ ދަށުން ހުއްދަދޭ  އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫ) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަގެން އެއުޅަނދެއް ދުއްވުން ނުވަތަ ފަޅުވެރިން (ކްރޫ)ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމެވެ.

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com