-

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2010-02)

(1ވަނަ, 2ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

1 ވަނަ މާއްދާ - ތަައާރަފާއި ނަން

(ހ) މި ގަވާިއދަކީ 01 މާރޗް 2008 ގައި އަމަލުކުރަން ފަށާފައިވާ ދިވެހހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު އިސްލާހުކުރުމަށްފަހު އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދަކީ ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 24 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – އެޖެންޓް ހަމަޖެއްސުމާއި ހުއްދަ ހޯދުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) އިމަރޖެންސީ ހާލަތެއްގައި ރާއްޖެ އަންނަ ޓޫރިސްޓް އުޅަނދުފަހަރު ނޫން، ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ އެ އުޅަނދެއްގެ ކަންތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށްފަހުގައެވެ. ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމުގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދެއްވާފައިވާ ފަރާތްތަކަށެވެ.

(ށ) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހަދަންވާނީ ސަރުކާރގެ ކަމާބެހޭ ފަރާތްތަކުން އެކަމަށްޓަކައި ހޯދަންޖެހޭ ހުއްދަ ހޯދައި، އަދި މިގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކަމަށްޓަކައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.

(ނ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ މިނިސްޓްރީން ދޫކުރާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ.

(ރ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތަކީ، އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ޓޫރިސްޓް އުޅަނދަށް އިންވާޑް ކްލިއަރެންސް ދެއްވާ ދުވަހުން ފެށިގެން 7 ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ހުއްދަ ހޯދުމަށްޓަކައި 5000 (ފަސް ހާސް) ރުފިޔާގެ ފީއެއް މިނިސްޓްރީއަށް ދައްކަންޖެހޭނެއެވެ.

(ބ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތަކީ، އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހެވެ. ނަމަވެސް، އެ އުޅަނދަކީ އިންޓަރނޭށަނަލް މެރިޓައިމް އޮގަނައިޒޭށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓް އުޅަނދެއްކަމަށްވާނަމަ އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމުން ސަރވިސްއިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ގިނަވެގެން 270 (ދުވިސައްތަ ހަތްދިހަ) ދުވަސް ދެވިދާނެއެވެ.

(ޅ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ، އެންމެ ލަސްވެގެން، އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އިންވާޑް ކްލިއަރެންސް ދިނުމަށްފަހު 84 ގަޑިއިރު ހަމަވުމުގެ ކުރިން ހޯދަންވާނެއެވެ. މި މާއްދާގެ ބޭނުމަށް 24 ގަޑިއިރު ގުނޭނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ކ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ ހޯދުމާއި ހުއްދަ ހޯދުމަށްޓަކައި ދައްކަންޖެހޭ ފީ ދެއްކުމަކީ، އެ އުޅަނދެއްގެ ކަންތަކާ ހަވާލުވާ ނުވަތަ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެއްގެ ޒިންމާއެކެވެ.   

(އ) ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދަށް ވަނުމަށްފަހު ރާއްޖޭގެ ސަރަހައްދުން ނުކުމެގެން ދިޔުމުގެ ނިޔަލަށް، މިނިސްޓްރީން އިން ގަބޫލުކުރާ ބާވަތުގެ އޭ.އައި.އެސް (އޮޓޮމެޓިކް އައިޑެންޓިފިކޭށާން ސިސްޓަމް) އަދި ވީއެޗްއެފް (ވެރީ ހައި ފްރީކުއެންސީ) މުއާސަލާތީ ވަސީލަތެއް ކޮންމެ ވަގުތެއްގައި ވެސް މުއާމަލާތް ކުރެވޭނެ ގޮތަށް އުޅަނދުގައި ހުންނަންވާނެއެވެ.

 

3 ވަނަ މާއްދާ – ޗާޓަރ ލައިސަންސް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަދެވޭ އުޅަނދެއް، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތުގެ ތެޭގައި އެއުޅަނދުގެ ފަޅުވެރިން (ކްރޫ) ފިޔަވައި ފަސިިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަން އެދޭނަމަ ނުވަތަ ބައިތިއްބައިގެން ދުއްވަން އެދޭނަމަ،  ނުވަތަ ފަޅުވެރިން (ކްރޫ) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު އެއުޅަނދަށް އަރުވަން އެދޭނަމަ ނުވަތަ އަރުވައިގެން ދުއްވަން އެދޭނަމަ، އެއުޅަނދު ޗާޓަަރ އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް މިނިސްޓްރީގެ ހުއްދަ (ޗާޓަރ ލައިސަންސް) ހޯދަންވާނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޗާޓަރ ލައިސަންސް ދޫކުރެވޭނީ މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން މިނިސްޓްރީއަށްް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޗާޓަރ ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ދިވެހި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދު ފަހަރަށް ޗާޓަރ ލައިސަންސް ހޯދުމަށް އެދޭ ފޯމު" ފުރިހަމަކޮށް ތިރީގައިވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީ އަށް ހުށަހެޅުމަށްފަހު މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން މިނިސްޓްރީއަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ. (އިސްލާހު ކުރެވިފައި)

  1. ޗާޓަރގެ މުއްދަތާއި އެ މުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދު ބަޔާންކޮށް އުޅަނދުގެ ކެޕްޓަންގެ ފަރާތުން ލިޔުމެއް (ކެޕްޓަންސް ޑެކްލަރޭށަން).
  2. އުޅަނދުގެ ދިގުމިން އަދި ށިޕް ޕަޓިކިއުލަރސް އަދި) އުޅަނދާ ބެހޭ އެހެނިހެން މައުލޫމާތު އަންގައިދޭ ލިއުމެއް.

(ރ) ޗާޓަރ ލައިސަންސްގެ މުއްދަތު ހަމަވުމަށްފަހު އިތުރު މުއްދަތަކަށް އުޅަނދު ޗާޓަރ އުޅަނދެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް އެދޭނަމަ އައު ޗާޓަރ ލައިސަންސެއް މިނިސްޓްރީއިން ހޯދަންވާނެއެވެ.

(ބ) ޗާޓަރ ލައިސަންސް ހޯދުމާއި ޗާޓަރ ލައިސަންސް ހޯދުމަށްޓަކައި ދައްކަންޖެހޭފ ފީ ދެއްކުމަކީ އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެއްގެ ޒިންމާއެކެވެ.

(ޅ) އިމަރޖެންސީ ހާލަތެއްގައި ރާއްޖެ ވަންނަ އުޅަނދަކަށް، ޓޫރިސްޓު އުޅަދެއްގެ ގޮތުގައި ރާއްޖޭގައި ދުއްވާ ބަނދަރުކުރުމުގެ ހުއްދައާއި ޗާޓަރ ލައިސަންސް ދޫކުރެވޭނީ އެ އުޅަނދަކަށް ދިމާވި އިމަރޖެންސީ ހާލަތެއް ރަނގަޅުކޮށް ރާއްޖެއިން ފުރުމަށްފަހު، އަލުން ރާއްޖެ އައިސް މި ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ހުއްދަ ހޯދުމުންނެވެ. (އިސްލާހު ކުރެވިފައި)

 

4 ވަނަ މާއްދާ – ރާއްޖެއިން ފުރައިގެން ދިއުމަށްފަހު އަލުން ރާއްޖެ އައުން

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖެއިން ފުރައިގެން ދިއުމަށްފަހު އަލުން ރާއްޖެ އާދެވޭނީ ދިވެހިރާއްޖެ ނޫން އެހެން ބަނދަރަކަށް ދިއުމަށްފަހުގައެވެ. (އިސްލާހު ކުރެވިފައި)

ރާއްޖެ އައުމާއި ރާއްޖެއިން ފުރުން

(ށ) ބޭރުގެ ޓޫރިސްޓް އުޅަނދެއް ދިވެހިރާއްޖެއަށް ވަންނަންވާނީ އަދި ދިވެހިރާއްޖެއިން ފުރަންވާނީ ރާއްޖޭގެ ރަސްމީ ބަނދަރުތަކުގެ ތެރެއިން ބަނދަރަކުންނެވެ.

 

5 ވަނަ މާއްދާ – ޓޫރިސްޓުންނާބެހޭ މައުލޫމާތު ހުށަހެޅުން

(ހ) ރާއްޖެއަށް އަންނަ ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދަކާ ހަވާލުވާ، ރާއްޖޭގައި ހުންނަ އޭޖެންޓަކު، އެ އޭޖެންޓަކު ހަވާލުވި ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި އެ އުޅަނދެއްގައި ތިބި ޓޫރިސްޓުންނާބެހޭ މައުލޫމާތު މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ނަމޫމާ ޓެކްސް ށީޓް ފޯމާ އެއްގޮތަށް ފުރިހަމަ ކުރުމަށްފަހު އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދިއުމުގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ރާއްޖެއަށް އަންނަ ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދަކާ ހަވާލުވާ ރާއްޖޭގައި ހުންނަ އޭޖެންޓަކު، އެއޭޖެންޓަކު ހަވާލުވި ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި އެ އުޅަނދެއްގެ އޮކިއުޕެންސީއާބެހޭ މައުލޫމާތު މިގަވާއިދުގެ ޖަދުވަލު 5 ގައިވާ ނަމޫނާ ފޯމާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ – ޓެކްސް ށީޓުގައި ފުރިހަމަ ކުރަންޖެހޭ މައުލޫމާތު

(ހ) ޓެކްސް ށީޓު ހުށަހަޅަންވާނީ އޭގައިވާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމަ ކުރުމަށް ފަހުގައެވެ. ޓެކްސް ށީޓުގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ބޭނުންކުރާ ފަސިންޖަރުންގެ މެނިފެސްޓްތައް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ބެލުމަށް ބޭނުންވެއްޖެ ހާލަތެއްގައި، އެ މެނިފެސްޓްތައް ލިބޭނެގޮތަށް، ޓެކްސްއާ ބެހޭ ގާނޫނުތަކުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ރައްކާކޮށްފައި ބަހައްޓަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ޓެކްސް ށީޓުގައި ޓޫރިސްޓުން އައި ގަޑިކަމަށް ބެލެވޭނީ، އެއުޅަނދެއްގައި ތިބޭ ޓޫރިސްޓުންނަށް ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއިން ހުއްދަ ދޭގަޑި ނުވަތަ އެއުޅަނދު ރާއްޖޭގައި ބަނދަރުކުރި ފަހުން ޓޫރިސްޓަކު އެ އެޅަނދަކަށް އަރަން ޑިޕާޓްންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއިން ހުއްދަ ދޭގަޑިއެވެ. އަދި ފުރާ ގަޑި ކަމަށް ބެލެވޭނީ، ޑިޕާޓްންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއިން ހުއްދަ ދޭގަޑި ނުވަތަ އެ އުޅަނދަކުން ޓޫރިސްޓަކު ފޭބުމަށް ޑިޕާޓްންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންއިން ހުއްދަ ދޭގަޑިއެވެ.

(ނ) ޓެކްސް ށީޓުގައު ހުރި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުކަން ބަޔާންކޮށްދިނުމުގެ ގޮތުން އެށީޓުގައި އޭޖެންޓުގެ ތައްގަނޑު ޖަހައި، މެނޭޖްމަންޓުން ސޮއިކުރަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވިކަމަށް ބެލެވޭނީ މިގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޓެކްސް ށީޓް އެ އޮތޯރިޓީއަށް ހުށަހެޅުމުންނެވެ. (އިސްލާހު ކުރެވިފައި)

(ބ) ޓެކްސް ށީޓެއް ހުށަހެޅުމަށްފަހު، އެއަށް ބަދަލު ގެނެވޭނީ ޓެކްސް ށީޓް ހުށަހެޅިތާ 15 (ފަނަރަ) ދުވަހުގެތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިޔުމަކުން ހުށަހެޅުމަށްފަހު އޮތޯރިޓީއިން ހުއްދަ ލިބިގެން އޮތޯރިޓީއިން އަންގާ ގޮތެއްގެ މަތިންނެވެ. (އިސްލާހު ކުރެވިފައި)

 

7 ވަނަ މާއްދާ – މުއުލޫމާތު ހުށަނޭޅުން

ޓެކްސް ށީޓް ހުށަހެޅުން ކަނޑއެޅިފައިވާ މުއްދަތަށްވުރެ ލަސްވެއްޖެނަމަ، ތަކުރާރުކޮށް އަންގާ ލަސްވާ މުއްދަތަށްބަލާ، 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވިދާނެއެވެ.

 

8 ވަނަ މާއްދާ - ޓެކްސް ދެއްކުން

(ހ) ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ތެރެއިން އެއުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ ވަގުތު 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް ނުވަތަ ދުވަސްތަކަކަށް އެ އުޅަނދެއްގައި ދަތުރުކުރާ ނުވަތަ ހުންނަ ކޮންމެ ޓޫރިސްޓަކަށް، ގާނޫނު ނަންބަރ 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނު) ގެ 35 ވަނަ މާއްދާގައި ބުނެފައިވާ ޓެކްސް ދައްކަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ޓެކްސް ސަރުކާރަށް ދެއްކުމުގެ ޒިންމާ އުފުލާނީ އެ އުޅަނދެއްގެ ކަންތަކާ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނާ ޓެކްސް ދައްކާނީ ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރަށް ހޭދަކުރާ ކޮންމެ ދުވަހަކަށް އެ އުޅަނދެއްގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 8 (އަށެއް) އެމެރިކާ ޑޮލަރު، ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ ބޭރު ފައިސާއަކުން 8 (އަށެއް) އެމެރިކާ ޑޮލަރަށްޖެހޭ އަދަދެވެ.

(ރ) ކޮންމެ އުޅަނދަކުންވެސް ދައްކަންޖެހޭ ޓެކްސް، އެ އުޅަނދެއް ރާއްޖެއިން ފުރައިގެން ދިއުމުގެ ކުރިން ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ދައްކަންވާނެއެވެ.

(ބ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓެކްސް ށީޓަށް ގެންނަ ބަދަލަކާ ގުޅިގެން އިތުރު ޓެކްސްއެއް ދައްކަން ޖެހިއްޖެނަމަ އެ މާއްދާގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިތުރަށް ދައްކަން ޖެހުނު ފައިސާ ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުއަށް ދައްކައި ނިންމަންވާނެއެވެ.

(ޅ) މިގަވާއިދުގެ ދަށުން ދައްކަންޖެހޭ ޓެކްސް ދައްކަންވާނީ މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ނަމޫނާ ސްލިޕް ފުރިހަމަ ކުރުމަށް ފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއުގެ 127 ނަންބަރު އެކައުންޓަށެވެ.

 

9 ވަނަ މާއްދާ – ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާކުރުން

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދެއްގެ އޭޖެންޓްކަން ކުރާ ފަރާތަކުން މިގަވާއިދުގެ ދަށުން ދައްކަންޖެހޭ ޓެކްސް ނުދައްކައިފިނަމަ، ނުދައްކާ އޮތް ޓެކްސް ދެއްކުމާއެކު، ގަވާއިދާ ހިލާފުވިއިރު އެ އޭޖެންޓަކު އޭޖެންޓްކަން ކުރި އުޅަނދެއްގައި ފަތުރުވެރިން ބޭނުންކުރުމަށް ހުރި ކޮންމެ އެނދަކަށް 1000،00 (އެއްހާސް) ރުފިޔާގެ މަގުން ޖޫރިމަނާކުރެވޭނެއެވެ.

(ށ) މިގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޓެކްސްއާއި މި މާއްދާގެ (ހ) ގައި ބުނެފައިވާ ޖޫރިމަނާ، ހިނގާމަހުގެ ނިޔަލަށް ދައްކާ ނިންމަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިނުވާނަމަ، އެ އޭޖެންޓެއްގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް މިނިސްޓްރީ އިން ނަގަންޖެހޭ ހުއްދަ ދެން ދޫކުރާނީ އެ އޭޖެންޓަކު މި ގަވާއިދުގެ ދަށުން ދައްކަންޖެހިފައިވާ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރުމަށްފަހުގައެވެ.

 

10 ވަނަ މާއްދާ- ޓެކްސްއަށް އަންނަ ފަރަގު

(ހ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޓެކްސް ށީޓުތައް ބަލާ ބެލުމުގައި ފެންނަ މައްސަލަތަކުގެ ތަފުސީލު، ޓެކްސްއާ ބެހޭ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން އެޓެކްސް ށީޓެއް ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމުގައި ބަޔާންކޮށްފައިވާ މައްސަލައެއް، އެލިޔުމުގައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

 

11 ވަނަ މާއްދާ- ޓެކްސް ދެއްކުމުން އިސްތިސްނާވުން

ސަރުކާރުން ހާއްސަ އިމްތިޔާޒުދޭ ފަރާތްތަކުން ކަމާބެހޭ ދާއިރާތަކުގެ ލިޔެކިޔުންތައް ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު ހުށަހެޅުމުން މިގަވާއިދުގައި ބުނެފައިވާ ޓެކްސް ދެއްކުމުން އެފަރާތެއް އިސްތިސްނާވާނެއެވެ.

 

12 ވަނަ މާއްދާ- ގާނޫނު ތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުން (އިސްލާހު ކުރެވިފައި)

މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތައި، އެ އުޅަނދުތަކުން ކުރާ ހުރިހާ ކަމެއްވެސް ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އުޅަނދުގައި މީހުން އުފުލަންވާނީ "ސޭފްޓީ އިކްއިޕްމެންޓް ސަރޓިފިކެޓް" ގައި މީހުން އުފުލުމަށް ހުއްދަ ދީފައިވާ އަދަދަށެވެ.

 

13 ވަނަ މާއްދާ- ގަވާއިދާއި ހިލާފުވުން (އިސްލާހު ކުރެވިފައި)

(ހ) މި ގަވާއިދާ ހިލާފުވުމުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، އުޅަނދާ ހަވާލުވެހުރި އޭޖެންޓް ފުރަތަމަ ފަހަރަށް 10،000 (ދިހަ ހާސް ރުފިޔާ) އާއި 30،000 (ތިރީސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ) މި ގަވާއިދާ ހިލާފުވުމުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަންކަމުގައި، އުޅަނދާ ހަވާލުވެހުރި އޭޖެންޓް ދެވަނަ ފަހަރަށް 30،000 (ތިރީސް ހާސް ރުފިޔާ) އާއި 60،000 (ފަސްދޮޅަސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ނ) މި ގަވާއިދާ ހިލާފުވުމުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަންކަމުގައި، އުޅަނދާ ހަވާލުވެހުރި އޭޖަންޓް ތިންވަނަފަހަރަށް 60،000 (ފަސްދޮޅަސް ހާސް ރުފިޔާ) އާއި 100،000 (އެއްލައްކަ ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ރ) މިމާއްދާ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ މިނިސްޓްރީ އިން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާނަމަ، އެ އޭޖެންޓެއްގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް މިނިސްޓްރީ އިން ނަގަންޖެހޭ ހުއްދަ ދެން ދޫކުރާނީ އެ އޭޖެންޓަކު މި ގަވާއިދުގެ ދަށުން ދައްކަންޖެހިފައިވާ ފައިސާ ދައްކާ ހަލާސް ކުރުމަށްފަހުގައެވެ.

 

14 ވަނަ މާއްދާ- ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އިންނެވެ.

 

15 ވަނަ މާއްދާ- ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުއްދަ ދީފައިވާ އުޅަނދުތައް

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާއި ހުއްދަދެވިފައިވާ ޓޫރިސްޓް އުޅަނދުތަކުގެ މައްޗަށް މިގަވާއިދު ހިންގަން ފަށާނީ އެ އުޅަނދަކަށް ކުރިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެންނެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފެށޭނީ 01 ޖޫން 2010 ދުވަހުން ފެށިގެންނެވެ.

 

17 ވަނަ މާއްދާ - މާނަ

މި ގަވާއިދުގައި އެ އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަ ނުވާނަމަ؛

(ހ) "ޓޫރިސްޓެއް" ނުވަތަ "ގެސްޓެއް" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 01/2007) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވީޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.

(ށ) "ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރު އެ އުޅަނދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީއިން ޓޫރިސްޓް އުޅަނދެއް ނުވަތަ ލަގްޒަރީ ނުވަތަ ޕްލެށަރ ޔޮޓްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރެވެ. ނަމަވެސް މީގެ ތެރޭގައި ދިވެހި ރާއްޖޭގެ ބަނދަރުތަކާއި އޯފް ޕޯޓް ލިމިޓް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ހަމައެކަނި ބަންކަރިންގ ނުވަތަ އޯފް ޕޯޓް ލިމިޓާއި އޯފްށޯ ހިދުމަތް ހޯދުމަށް އަންނަ އުޅަނދު ފަހަރު ނުހިމެނޭނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) "އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އައުމާ ގުޅޭ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކާ ހަވާލުވެ ހުންނަ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ނުވަތަ ޓޫރިޒަމާއި ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު ހަދައި ހިންގުމުގެ ޒިންމާ ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.

(ބ) "ޗާޓަރ" ކަމުގައި ބުނެފައި އެވަނީ ގަވާއިދުގެ ދަށުން ހުއްދަދޭ  އުޅަނދެއްގައި އެ އުޅަނދުގެ ފަޅުވެރިން (ކްރޫ) ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރުބަޔަކު ބައިތިއްބަގެން އެއުޅަނދެއް ދުއްވުން ނުވަތަ ފަޅުވެރިން (ކްރޫ)ގެ އިތުރުން ފަސިންޖަރުންގެ ގޮތުގައި އިތުރު ބަޔަކު އެ އުޅަނދަށް އަރުވައިގެން އެ އުޅަނދެއް ދުއްވުމެވެ.

 

މައި ގަވާއިދު

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2/2010)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

ކިޔުންތެރިންގެ ހިޔާލު