-

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 11/2014)

 

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަދަރުކުރުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. އެޖެންޓް ހަމަޖެއްސުމާއި ހުއްދަ ހޯދުން

(ހ) އިމަރޖެންސީ ހާލަތެއްގައި ރާއްޖެ އަންނަ ޓޫރިސްޓް އުޅަނދުފަހަރު ނޫން، ބޭރުގެ ޓޫރިސްޓް އުޅަނދެއް ރާއްޖެ އަންނަންވާނީ އެ އުޅަނދެއްގެ ކަންތަކާ ހަވާލުވާނެ އޭޖެންޓަކު ރާއްޖޭގައި ހަމަޖެއްސުމަށްފަހުގައެވެ. ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރެވޭނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖެ އަންނަ ބޭރުގެ އުޅަނދުފަހަރުގެ އޭޖެންޓުކަން ކުރުމުގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދެއްވާފައިވާ ފަރާތްތަކަށެވެ.

(ށ) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހަދަންވާނީ ސަރުކާރގެ ކަމާބެހޭ ފަރާތްތަކުން އެކަމަށްޓަކައި ހޯދަންޖެހޭ ހުއްދަ ހޯދައި، އަދި މިގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކަމަށްޓަކައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.

(ނ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ މިނިސްޓްރީން ދޫކުރާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ.

(ރ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތަކީ، އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ޓޫރިސްޓް އުޅަނދަށް އިންވާޑް ކްލިއަރެންސް ދެއްވާ ދުވަހުން ފެށިގެން 7 ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ހުއްދަ ހޯދުމަށްޓަކައި 5000 (ފަސް ހާސް) ރުފިޔާގެ ފީއެއް މިނިސްޓްރީއަށް ދައްކަންޖެހޭނެއެވެ.

(ބ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތަކީ، އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހެވެ. ނަމަވެސް، އެ އުޅަނދަކީ އިންޓަރނޭށަނަލް މެރިޓައިމް އޮގަނައިޒޭށަނުގައި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓް އުޅަނދެއްކަމަށްވާނަމަ އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމުން ސަރވިސްއިން އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ގިނަވެގެން 270 (ދުވިސައްތަ ހަތްދިހަ) ދުވަސް ދެވިދާނެއެވެ.

(ޅ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ، އެންމެ ލަސްވެގެން، އެ އުޅަނދަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އިންވާޑް ކްލިއަރެންސް ދިނުމަށްފަހު 84 ގަޑިއިރު ހަމަވުމުގެ ކުރިން ހޯދަންވާނެއެވެ. މި މާއްދާގެ ބޭނުމަށް 24 ގަޑިއިރު ގުނޭނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ކ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ ހޯދުމާއި ހުއްދަ ހޯދުމަށްޓަކައި ދައްކަންޖެހޭ ފީ ދެއްކުމަކީ، އެ އުޅަނދެއްގެ ކަންތަކާ ހަވާލުވާ ނުވަތަ ހަވާލުވެގެން ރާއްޖޭގައި ހުންނަ އޭޖެންޓެއްގެ ޒިންމާއެކެވެ.   

(އ) ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދަށް ވަނުމަށްފަހު ރާއްޖޭގެ ސަރަހައްދުން ނުކުމެގެން ދިޔުމުގެ ނިޔަލަށް، މިނިސްޓްރީން އިން ގަބޫލުކުރާ ބާވަތުގެ އޭ.އައި.އެސް (އޮޓޮމެޓިކް އައިޑެންޓިފިކޭށާން ސިސްޓަމް) އަދި ވީއެޗްއެފް (ވެރީ ހައި ފްރީކުއެންސީ) މުއާސަލާތީ ވަސީލަތެއް ކޮންމެ ވަގުތެއްގައި ވެސް މުއާމަލާތް ކުރެވޭނެ ގޮތަށް އުޅަނދުގައި ހުންނަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އަދި (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ޗާޓަރ ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "ދިވެހި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދު ފަހަރަށް ޗާޓަރ ލައިސަންސް ހޯދުމަށް އެދޭ ފޯމު" ފުރިހަމަކޮށް ތިރީގައިވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީ އަށް ހުށަހެޅުމަށްފަހު މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން މިނިސްޓްރީއަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

  1. ޗާޓަރގެ މުއްދަތާއި އެ މުއްދަތުގެ ތެރޭގައި އުޅަނދުގައި ތިބޭނެ ޓޫރިސްޓުންގެ އަދަދު ބަޔާންކޮށް އުޅަނދުގެ ކެޕްޓަންގެ ފަރާތުން ލިޔުމެއް (ކެޕްޓަންސް ޑެކްލަރޭށަން).
  2. އުޅަނދުގެ ދިގުމިން އަދި ށިޕް ޕަޓިކިއުލަރސް އަދި) އުޅަނދާ ބެހޭ އެހެނިހެން މައުލޫމާތު އަންގައިދޭ ލިއުމެއް.

(ޅ) އިމަރޖެންސީ ހާލަތެއްގައި ރާއްޖެ ވަންނަ އުޅަނދަކަށް، ޓޫރިސްޓު އުޅަދެއްގެ ގޮތުގައި ރާއްޖޭގައި ދުއްވާ ބަނދަރުކުރުމުގެ ހުއްދައާއި ޗާޓަރ ލައިސަންސް ދޫކުރެވޭނީ އެ އުޅަނދަކަށް ދިމާވި އިމަރޖެންސީ ހާލަތެއް ރަނގަޅުކޮށް ރާއްޖެއިން ފުރުމަށްފަހު، އަލުން ރާއްޖެ އައިސް މި ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ހުއްދަ ހޯދުމުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. ރާއްޖެއިން ފުރައިގެން ދިއުމަށްފަހު އަލުން ރާއްޖެ އައުން

(ހ) ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖެއިން ފުރައިގެން ދިއުމަށްފަހު އަލުން ރާއްޖެ އާދެވޭނީ ދިވެހިރާއްޖެ ނޫން އެހެން ބަނދަރަކަށް ދިއުމަށްފަހުގައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

5. ޓޫރިސްޓުންނާ ބެހޭ މައުލޫމާތު ހުށަހެޅުން

(ހ) ރާއްޖެއަށް އަންނަ ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދަކާ ހަވާލުވާ، ރާއްޖޭގައި ހުންނަ އޭޖެންޓަކު، އެ އޭޖެންޓަކު ހަވާލުވި ބޭރުގެ ކޮންމެ ޓޫރިސްޓު އުޅަނދެއް ރާއްޖޭގައި ހޭދަކުރި މުއްދަތުގައި އެ އުޅަނދެއްގައި ތިބި ޓޫރިސްޓުންނާބެހޭ މައުލޫމާތު މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ނަމޫމާ ޓެކްސް ށީޓް ފޯމާ އެއްގޮތަށް ފުރިހަމަ ކުރުމަށްފަހު އެ އުޅަނދެއް ރާއްޖެއިން ފުރައިގެންދިއުމުގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަދި (ރ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

6. ޓެކްސް ށީޓުގައި ފުރިހަމަ ކުރަންޖެހޭ މައުލޫމާތު

(ހ) ޓެކްސް ށީޓު ހުށަހަޅަންވާނީ އޭގައިވާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމަ ކުރުމަށް ފަހުގައެވެ. ޓެކްސް ށީޓުގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ބޭނުންކުރާ ފަސިންޖަރުންގެ މެނިފެސްޓްތައް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ބެލުމަށް ބޭނުންވެއްޖެ ހާލަތެއްގައި، އެ މެނިފެސްޓްތައް ލިބޭނެގޮތަށް، ޓެކްސްއާ ބެހޭ ގާނޫނުތަކުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ރައްކާކޮށްފައި ބަހައްޓަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވިކަމަށް ބެލެވޭނީ މިގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޓެކްސް ށީޓް އެ އޮތޯރިޓީއަށް ހުށަހެޅުމުންނެވެ.

(ބ) ޓެކްސް ށީޓެއް ހުށަހެޅުމަށްފަހު، އެއަށް ބަދަލު ގެނެވޭނީ ޓެކްސް ށީޓް ހުށަހެޅިތާ 15 (ފަނަރަ) ދުވަހުގެތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިޔުމަކުން ހުށަހެޅުމަށްފަހު އޮތޯރިޓީއިން ހުއްދަ ލިބިގެން އޮތޯރިޓީއިން އަންގާ ގޮތެއްގެ މަތިންނެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން. (ނޯޓް: 10ވަނަ މާއްދާގެ (ހ) އެއް ނެތް)

10. ޓެކްސްއަށް އަންނަ ފަރަގު

(ހ) މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޓެކްސް ށީޓުތައް ބަލާ ބެލުމުގައި ފެންނަ މައްސަލަތަކުގެ ތަފުސީލު، ޓެކްސްއާ ބެހޭ ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން އެޓެކްސް ށީޓެއް ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމުގައި ބަޔާންކޮށްފައިވާ މައްސަލައެއް، އެލިޔުމުގައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން.

މި ގަވާއިދުގެ ދަށުން ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކޮށް ހެދުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ހޭދަކުރާ މުއްދަތުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތައި، އެ އުޅަނދުތަކުން ކުރާ ހުރިހާ ކަމެއްވެސް ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އުޅަނދުގައި މީހުން އުފުލަންވާނީ "ސޭފްޓީ އިކްއިޕްމެންޓް ސަރޓިފިކެޓް" ގައި މީހުން އުފުލުމަށް ހުއްދަ ދީފައިވާ އަދަދަށެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

13. ގަވާއިދާ ހިލާފުވުން.

(ހ) މި ގަވާއިދާ ހިލާފުވުމުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، އުޅަނދާ ހަވާލުވެހުރި އޭޖެންޓް ފުރަތަމަ ފަހަރަށް 10،000 (ދިހަ ހާސް ރުފިޔާ) އާއި 30،000 (ތިރީސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ) މި ގަވާއިދާ ހިލާފުވުމުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަންކަމުގައި، އުޅަނދާ ހަވާލުވެހުރި އޭޖެންޓް ދެވަނަ ފަހަރަށް 30،000 (ތިރީސް ހާސް ރުފިޔާ) އާއި 60،000 (ފަސްދޮޅަސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ނ) މި ގަވާއިދާ ހިލާފުވުމުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާކަންކަމުގައި، އުޅަނދާ ހަވާލުވެހުރި އޭޖަންޓް ތިންވަނަފަހަރަށް 60،000 (ފަސްދޮޅަސް ހާސް ރުފިޔާ) އާއި 100،000 (އެއްލައްކަ ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ރ) މިމާއްދާ (ހ) ނުވަތަ (ށ) ނުވަތަ (ނ) ގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ ފައިސާ މިނިސްޓްރީ އިން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާނަމަ، އެ އޭޖެންޓެއްގެ އޭޖެންޓުކަމުގެ ދަށުން ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރަށް މިނިސްޓްރީ އިން ނަގަންޖެހޭ ހުއްދަ ދެން ދޫކުރާނީ އެ އޭޖެންޓަކު މި ގަވާއިދުގެ ދަށުން ދައްކަންޖެހިފައިވާ ފައިސާ ދައްކާ ހަލާސް ކުރުމަށްފަހުގައެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

17. މާނަ

(ށ) "ބޭރުގެ ޓޫރިސްޓް އުޅަނދު" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭއިރު އެ އުޅަނދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީއިން ޓޫރިސްޓް އުޅަނދެއް ނުވަތަ ލަގްޒަރީ ނުވަތަ ޕްލެށަރ ޔޮޓްގެ ގޮތުގައި ކަނޑައަޅާ އުޅަނދުފަހަރެވެ. ނަމަވެސް މީގެ ތެރޭގައި ދިވެހި ރާއްޖޭގެ ބަނދަރުތަކާއި އޯފް ޕޯޓް ލިމިޓް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ހަމައެކަނި ބަންކަރިންގ ނުވަތަ އޯފް ޕޯޓް ލިމިޓާއި އޯފްށޯ ހިދުމަތް ހޯދުމަށް އަންނަ އުޅަނދު ފަހަރު ނުހިމެނޭނެއެވެ.

 

10 ވަނަ މާއްދާ - މި ގަވާއިދަށް މިގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2/2010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-02)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު