-

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1697/2013)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ ދިވެހި ރާއްޖޭގެ ރަށްރަށުގައި ބިމުން ފެން ނަގައި އެ ނަގާ ފެން ބިމަށް ހިންދުމުގައި ނުވަތަ މޫދަށް ބޭރު ކުރުމުގައި ތިމާވެށްޓަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ފެން ބޭރުކުރުމާއި، އަދި ފެނަކީ ހުރިހާ ދިރުމެއްގެ އަސްލު ކަމަށްވެފައި އަދި ތިމާވެށީގެ އެންމެ މުހިންމު އެއްބައިކަމަށް ވީހިނދު ފެން ފަށަލަ ތަގައްޔަރުވުމުން ދުރުކުރުމާއި، ފެން ފަށަލައަށް ލިބޭގެއްލުން ކުޑަކުރުމާއި، ފެން ބޭރުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ވެށްޓާއި މާހައުލާއި އަދި އާންމު ފަރުދުންނާއި ދިރޭ ތަކެތި ހިމާޔަތް ކުރުމުގެ މަގްސަދުގައި އެކުލަވައިލާފައިވާ ގަވާއިދެވެ.

(ށ)  މިއީ ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މިގަވާއިދަށް ކިޔާނީ، "ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަސް ފަހުންނެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ތަންފީޒު ކުރުން

މި ގަވާއިދު ތަންފީޒު ކުރާނީ މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީއިންނެވެ.

 

5 ވަނަ މާއްދާ - ދެމެހެއްޓެނިވިގޮތެއްގައި ރަށްރަށުގެ ފެންފަށަލަ ބޭނުންކުރުން

(ހ) ދިވެހިރާއްޖޭގެ ރަށްރަށުގެ ބިމުގެ ފެން ފަށަލަ ރައްކާތެރިކޮށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމަކީ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. 

(ށ) އެއްވެސް ރަށެއްގައި ކުރެވޭ ސިނާއީ އެއްވެސް މަސައްކަތަކަށް ބިމުން ފެން ނަގައި ބޭނުންކުރެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތިން ތަންފީޒީ އިދާރާ ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކުން ހުއްދަ، ލިޔުމަކުން ލިބިގެންނެވެ.

 

6 ވަނަ މާއްދާ - އިސްތިސްނާ

(ހ) ފަރުދުންގެ އަމިއްލަ ބޭނުމަށް ފެންވަޅެއް ބެހެއްޓުމަށްޓަކައި ނުވަތަ ބަހައްޓާފައިވާ ފެންވަޅެއްގެ ވަޅުދިޔަ ހިއްކުމަށްޓަކައި ފެންނަގައި ބޭރުކުރުން މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

(ށ) ދަނޑުވެރިކަމުގެ މަސައްކަތަށް ރަށުގެ ބިމުން ނަގާފެން މި ގަވާއިދުގެ ދަށުން އިސްތިސްނާ ވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިސްތިސްނާ ނުކުރާ މަސައްކަތެއް ކުރުމުގައި ބިމުން ފެން ނަގައި، ބޭރުކުރެވޭ ފެން، ދަނޑުވެރިކަމަށް ބޭނުންކުރި ނަމަވެސް އެފެން ބޭރުކުރުން މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިސްތިސްނާއެއް ނުވާނެއެވެ.

 

7 ވަނަ މާއްދާ - ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުން

(ހ)  އެއްވެސް ފަރާތަކުން، ބިމުން ފެން ނަގައި ފެން ބޭރުކުރަން ބޭނުންވެއްޖެނަމަ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ހުށަހަޅައި، ހުއްދަ ހޯދަންވާނެއެވެ.

(ށ) ފެން ބޭރުކުރާ ސަރަހައްދުގެ އިމުން ފެށިގެން 100 (ސަތޭކަ) މީޓަރުގެ ސަރަހައްދުގައި މީހުން ދިރިއުޅޭ ގެދޮރު ނުވަތަ ދަ ނޑުބިން ހިމެނޭނަމަ އެފަދަ ތަންތަން ހިމެނޭ ކައުންސިލަށް ނުވަތަ ކައުންސިލްތަކަށް މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުގެ ޒަރީއާއިން ހުއްދައަށް އެދޭ ފަރާތުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - އިދާރީ ފީ

މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅާއިރު 500 (ފަސް ސަތޭކަ) ރުފިޔާގެ އިދާރީ ފީއެއް، ހިދުމަތަށް އެދޭފަރާތުން ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ އިދާރާއަކަށް ދައްކަންވާނެއެވެ.

 

9 ވަނަ މާއްދާ - ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން ފެން ތަހުލީލުކުރުން

(ހ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ހުއްދަ ހޯދުމަށް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާފޯމު ހުށަހަޅާއިރު މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ތަހުލީލުތަކުގެ ނަތީޖާ ހުށަހަޅަންވާނެއެވެ. މި ތަހުލީލުތަކަކީ ކަމާބެހޭ ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިފައިވާ ލެބޯޓަރީއަކުން ކޮށްފައިވާ ތަހުލީލުތަކަކަށް ވާންވާނެއެވެ.

(ށ) ފެނުގެ ތަހުލީލާމެދު ތަންފީޒީ އިދާރާއަށް ސުވާލު އުފެދިއްޖެނަމަ އެ ފެން އަލުން ތަހުލީލުކުރުމަށް އެންގުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ތަހުލީލު ރިޕޯޓަކީ ލެބޯޓަރީން ތަހުލީލުކުރި ތާރީހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަސް ވެފައިވާ ރިޕޯޓަކަށް ވެގެންނުވާނެއެވެ.

(ރ) ފެނުގެ ތަހުލީލު ރިޕޯޓުގައި އަންނަނިވި ތަހުލީލުތައް ކޮށްފައި ހުންނަންވާނެއެވެ.

  1. ފެނުގެ ޕީއެޗް ހުރި މިންވަރު (pH)
  2. ފެނުގެ ފިނި ހޫނުމިން ,   (Temperature, oC)
  3. ފެނުގައި އެހެނިހެން ތަކެތި އެކުލެވިގެންވާ މިންވަރު  (l/mg, TDS)
  4. ފެނުގައި އޮކްސިޖަން ހުރިމިންވަރު l/mg), DO (Oxygen Dissolved))
  5. ފެނުގައި ކަރަންޓް ދަތުރުކުރާ މިންވަރު ( EC Conductivity Electric)
  6. ފެނުގެ ކިލަނބުކަން  (NTU, Turbidity)
  7. ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު  (ppm, Salinity)
  8. ފެނުގައި އެމޯނިޔާ ހުރި މިންވަރު
  9. ފެނުގައި ނަޖިހުގެ އަސަރު ހުރި މިންވަރު  ( Coliform Feacal)
  10. ފެނުގައި ހައިޑްރޮޖަން ސަލްފައިޑް ހުރި މިންވަރު  (l/mg, H2S)
  11. ނައިޓްރޭޓްސް  (l/mg)
  12. ފޮސްފޭޓްސް  (l/mg )

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެއްވެސް ތަހުލީލެއް ރާއްޖޭގެ އެއްވެސް ލެބޯޓަރީއަކުން ހެދެންނެތްނަމަ އެކަން ނަތީޖާ ސްލިޕުން ނުވަތަ ތަހުލީލު ރިޕޯޓުން އެނގެން އޮންނަންވާނެއެވެ.

(ޅ) މިމާއްދާގެ (ރ) ގެދަށުން ހެދުމަށް ލާޒިމުކުރާ، ތަހުލީލު ތަކުން ތަހުލީލެއް ރާއްޖެއިން ހެދެން ނެތްނަމަ، ހެދެންނެތް ތަހުލީލުގެ ބާވަތަށް ބަލައި، އެ ތަހުލީލަކާ ނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ހުއްދަ ދިނުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ. 

 

10 ވަނަ މާއްދާ - ބިމުން ނަގާ ފެން ބޭރުކުރުމުގެ ހުއްދަ ދިނުން

(ހ)  ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ހުއްދަ ދޭނީ ތަންފީޒީ އިދާރާއިން ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކުންނެވެ.

(ށ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ހުއްދަ ދެވޭނެ މުއްދަތު ކަނޑައަޅާނީ އަންނަނިވި ކަންތައްތަކަށް ބެލުމަށް ފަހުއެވެ.

  1. ފެން ބޭރުކުރުމަށް ހުށަހެޅުނު ތަނުގެ ބޮޑުމިން
  2. ފެނުގެ ކޮލިޓީ
  3. މަސައްކަތުގެ ތާވަލު
  4. ފެން ބޭރުކުރާ ގޮތް އަދި
  5. ބޭރުކުރާ ފެން އަޅާ ތަން

(ނ) މި މާއްދާގެ (ށ) ގެ ދަށުން، މެދުނުކެނޑި ފެން ނަގައި ފެން ބޭރުކުރަން ހުއްދަ ދެވޭނެ އެންމެ ދިގު މުއްދަތަކީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 28 (އަށާވީސް) ދުވަހެވެ.

(ރ) ބިމުން ފެން ނަގައި ފެން ބޭރުކުރަންޖެހޭ ވަކި ވަކި ތަންތަން ހިމެނޭ ބޮޑެތި މަށްރޫއުތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ފެށޭނެ ސަރަހައްދުތަކަށް މި މާއްދާގެ ދަށުން ހުއްދަ އަށް އެދި ހުށަހަޅަންވާނީ އެއް ހުއްދައެއްގެ ގޮތުގައެވެ.

(ބ) މިގަވާއިދުގެ ދަށުން، ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދެވޭނީ، ހުއްދައަށް އެދޭ ފަރާތުން ތަންފީޒީ އިދާރާއަށް މި ގަވާއިދުގެ ދަށުން ދައްކަންޖެހި ނުދައްކައި އޮތް ފައިސާއެއްވާނަމަ، އެ ފައިސާއެއް ދެއްކުމުންނެވެ. 

 

11 ވަނަ މާއްދާ - އަސަރު ފޯރާ ސަރަހައްދު ކަނޑައެޅުމާއި ފެން ފޯރުވައިދިނުން

(ހ)  ފެން ބޭރުކުރާ ސަރަހައްދުގެ އިމުން ފެށިގެން ވަށައިގެން 30 (ތިރީސް) މީޓަރުގެ ތެރޭގައި ހިމެނޭ އެންމެހައި ތަންތަނާއި ގޭބިސީތައް ބަލަންވާނީ ބިމުން ނަގާ ފެން ބޭރުކުރުމުގެ ސަބަބުން ބިމުގެ ފެނަށް އަސަރުފޯރާފާނެ ސަރަހައްދު ކަމުގައެވެ.

(ށ) ބިމުން ނަގާ ފެން ބޭރުކުރުމުގެ ކުރިން ފެން ބޭރުކުރަން އުޅޭކަމުގެ ފުރިހަމަ މައުލޫމާތު، ފެން ބޭރުކުރުމުގެ ހުއްދަ ހޯދި ފަރާތުން މަސައްކަތް ފެށްޓުމުގެ 24 (ސައުވީސް) ގަޑިއިރު ކުރިން މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ސަރަހައްދުގައިވާ ތަންތަނާއި ގޭބިސީތަކަށް ލިޔުމަކުން އަންގަންވާނެއެވެ.

(ނ) ބިމުން ނަގާ ފެން ބޭރުކުރުމުގެ ސަބަބުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުގައިވާ ތަނަކަށް ނުވަތަ ގެއަކަށް ވަޅުފެން ލިބުން ދަތިވެއްޖެނަމަ، އަދި އެތަނެއްގެ ވަޅުފެނަކީ މީރުފެން ކަމުގައި ނުވިނަމަވެސް އެ ފަރާތަކަށް މީރުފެން ފޯރުވައިދިނުމަކީ ފެން ބޭރުކުރުމުގެ ހުއްދަ ހޯދި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލާތު މެދުވެރިވެއްޖެނަމަ، ހުއްދަ ނެގި ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފެން ފޯރުވައިދޭތޯ ތަންފީޒީ އިދާރާއިން ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކުން ބަލަން ވާނެއެވެ. އަދި ހުއްދަ ހޯދިފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލު ނުކޮށްފިނަމަ، އެފަރާތައް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމާއި އަދި މަސައްކަތް ހުއްޓުވުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

(ބ) ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ސަބަބުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ތަނަކަށް ނުވަތަ އިމާރާތަށް ނުވަތަ އިމާރާތުގެ ސްޓްރަކްޗަރަށް ލިބޭ ގެއްލުމަށް ޒިންމާ ވާންޖެހޭނީ ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތުންނެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން، ފެން ފޯރުވައިދިނުމުގައި އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އަމަލުކުރެވިދާނެއެވެ.

  1. ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ސަބަބުން ފެނަށް ދަތިވި ގޭބިސީއަކުން ފެން ބޭރުކުރި މުއްދަތުގެ ތެރޭގައި ފެނަށް އެދިއްޖެނަމަ އެފަރާތަކަށް މީރުފެން ފޯރުވައި ދޭންވާނެއެވެ. މިގޮތުން ފެން ފޯރުވައިދޭންވާނީ އެތަނެއްގައި ވަކިން ކައްކައި ހެދޭގޮތަށް ހުރި ކޮންމެ ގޭބިސީއަކަށް ދުވާލަކަށް 250 (ދުއިސައްތަ ފަންސާސް) ލީޓަރަށްވުރެ ގިނަ ނުވާވަރަށެވެ.
  2. ގޭބިސީއަކަށް ދުވާލަކަށް 30 (ތިރީސް) ރުފިޔާއަށް ވުރެ އިތުރުނުވާ މިންވަރަށް ފައިސާދިނުމެވެ.

 

12 ވަނަ މާއްދާ - ބިމުން ނަގައި ބޭރުކުރެވޭ ފެނާމެދު އަމަލު ކުރަންވީ ގޮތް 

(ހ)  ބިމުން ނަގާފެން ބިމަށް ހިންދުން ނޫން ގޮތަކަށް އެ ފެނާމެދު އަމަލުކުރުމަށް ހުއްދަ ދެވޭނީ ބިމުން ނަގާ ފެނުގެ ކޮލިޓީއަށް ބަލައި އެ ފެން ބިމަށް ހިންދުމުން ފެން ފަށަލަ ތަގައްޔަރު ވެދާނެކަމަށް، މި ގަވާއިދުގެ 9 ވަނަ މާއްދާގެ ދަށުން، ފޯމާއެކު ހުށަހެޅި ތަހުލީލު ރިޕޯޓުތަކުން ދައްކާނަމައެވެ. ނުވަތަ އެ ރަށެއްގައި ބިމަށް ފެން ހިންދޭނެ ގޮތެއް ޖާގައިގެގޮތުން ނެތްކަމަށް އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ނިންމާފައި ވާނަމައެވެ.

(ށ) ބިމުން ނަގާ ފެން މޫދަށް ބޭރުކުރުމުގެ ހުއްދަ ދެވޭނީ އެ ފެން އަޅާ މާހައުލު ކިލަނބު ނުވާނެހެން، ބިމުން ނަގާ ފެނުގައި ހިމެނޭ ކިސަޑާއި ވެލި ފުރޭނޭނެ އިންތިޒާމެއް (ކެޗްޕިޓެއް) ހަމަޖެހިފައި ހުރި ނަމައެވެ.

(ނ) ބިމުން ނަގާ ފެން ބޭރުކުރެވެނީ، ނަރުދަމާ ނިޒާމެއްގެ ތެރެއިންނަމަ މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދަ އިންތިޒާމެއް ހަމަޖެއްސުމަކީ ނަރުދަމާ ނިޒާމުގެ ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ.

(ރ) ބިމުން ނަގާ ފެން ބޭރުކުރަނީ ނަރުދަމާ ނިޒާމެއް މެދުވެރިކޮށްގެންނަމަ، ޕަމްޕާއި ނަރުދަމާ ނިޒާމާގުޅޭ ހިސާބުގައި ނަރުދަމާ ނިޒާމަށް ދާ ފެން ބަންދުކުރެވޭ ފަދަ ގޮތަކަށް ވޭލެއް ހަރުކޮށްފައި ހުންނަންވާނެއެވެ. މި ވޭލު ހަރުކުރާނީ ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުވައިދޭ ފަރާތުންނެވެ.

(ބ) ބިމުން ނަގާ ފެން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ވަގުތު، އެ މަސައްކަތަށް މި ގަވާއިދުގެދަށުން ދީފައިވާ ހުއްދަ ބަލަން ބޭނުންވެއްޖެނަމަ ދެއްކޭނެ ފަދަ ގޮތަކަށް އޮންނަންވާނެއެވެ. އަދި މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ނަމޫނާއާ އެއްގޮތަށް، ފެން ބޭރުކުރާކަން އަންގައިދޭ ނިށާން ފެން ބޭރުކުރާ ސަރަހައްދުގައި އާންމުކޮށް ފެންނަގޮތަށް ހުންނަންވާނެއެވެ.

 

13 ވަނަ މާއްދާ - ފެން ބޭރުކުރުމުގެ މުއްދަތު އާކުރުން

(ހ)  އެއްވެސް ސަބަބަކާހުރެ ބިމުން ނަގާ ފެން ބޭރުކުރުމަށް ހުއްދަ ދީފައިވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތްކޮށް ނުނިމޭނެކަމަށް މަސައްކަތާ ހަވާލުވެ ހުރި ސައިޓު އިންޖިނޭރަށް ފެނިއްޖެ ހިނދެއްގައި، ބިމުން ނަގާ ފެން ބޭރުކުރުމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވުމުގެ3 (ތިނެއް) ދުވަސްކުރިން ބިމުން ނަގާ ފެން ބޭރުކުރުމުގެ ހުއްދަ އާކުރުމަށް މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ. މި 3 (ތިނެއް) ދުވަސް ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ލިބިފައިވާ މުއްދަތު އިތުރުކުރުމަށް އެދިމި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރިހަމަކޮށް އަދި އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ހުށަހެޅުމުން، މުއްދަތު އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކުރެވޭނަމަ، ހުށަހެޅި ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް، ބިމުން ފެން ނަގައި ބޭރުކުރުމުގެ ހުއްދަ ދޭންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ހުއްދައިގެ މުއްދަތު އިތުރުކޮށްދެވޭނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ހުއްދައަށް 6 (ހައެއް) މަސްދުވަސް ނުވާނަމައެވެ. ހުއްދައަށް 6 (ހައެއް) މަސްދުވަސް ވެފައިވާ ތަންތަނަށް މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން އަލުން ހުއްދަ ހޯދަންވާނެއެވެ. 

 

14 ވަނަ މާއްދާ - ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ދެވޭ ހުއްދައަށް އަގު ނެގުން 

(ހ)  ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް އަންނަނިވި އުސޫލުން ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކަށް، ބިމުން ފެން ނަގައި ފެން ބޭރުކުރާ ފަރާތުން، އަނބުރާ ނުލިބޭނެ ފީއެއް ދައްކަންވާނެއެވެ.

  1. ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ފުރަތަމަ ހުއްދަ ދެވޭ 28 (އަށާވީސް) ދުވަހަށް ދުވާލަކަށް 500 (ފަސް ސަތޭކަ) ރުފިޔާ.
  2. ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ހުއްދަ އިތުރުކުރާ ފުރަތަމަ ފަހަރު ދުވާލަކަށް 1000 (އެއް ހާސް) ރުފިޔާ.
  3. ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ހުއްދަ އިތުރުކުރާ ދެވަނަ ފަހަރު ދުވާލަކަށް 1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ.
  4. ހުއްދަ އިތުރުކުރާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކަށް ދުވާލަކަށް ނަގާ ފީ ގެ ރޭޓު 2000 (ދެހާސް) ރުފިޔާގެ މަގުން އިތުރު ކުރެވޭނެއެވެ.

(ށ) ބިމުން ފެން ނަގައި ފެން ބޭރުކުރުމަށް ދީފައިވާ މުއްދަތުގައި މޫސުން ގޯސްވުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން މަސައްކަތްނުކުރެވުނު ކޮންމެ ދުވަހަކަށް ދުވަހެއް އިތުރު ފީއަކާއި ނުލައި ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ދުވަސްތައް ކަނޑައަޅާނީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހުގައެވެ.

 

15 ވަނަ މާއްދާ - ތަފާސްހިސާބު ބެލެހެއްޓުން

(ހ) ފެން ބޭރުކުރުމަށް ދޫކުރާ ހުއްދަތަކުގެ ތިރީގައި ބަޔާންކޮށްފައިވާ ތަފާސްހިސާބު ތަންފީޒީ އިދާރާއިން ނުވަތަ އެ ހުއްދަ ދޫކުރާ އިދާރާއިން ބަލަހައްޓަންވާނެއެވެ.

  1. ފެނުގެ ކޮލިޓީ.
  2. ބޭރުކުރެވުނު ފެނުގެ މިންވަރު (ކޮޑި މީޓަރުން)
  3. ފެން ބޭރުކުރުމަށް ހުއްދަ ދެވުނު މުއްދަތު. އަދި
  4. ފެން ބޭރުކުރުމަށް ހޭދަވި ވަގުތު.

(ށ) ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުން ފެން ބޭރުކުރުމުގެ ހިދުމަތް ދިނުމުގައި ނަރުދަމާ ބޭނުންކުރާނަމަ، ކޮންމެ މީލާދީމަހެއްގެ ފުރަތަމަ 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކުރީމަހުގެ ފެން ބޭރުކުރުމުގެ މަސައްކަތް ކުރުމުގެ ތަފާސްހިސާބު، ފެން ބޭރުކުރުމުގެ ހުއްދަ ދޫކުރި އިދާރާއަށް ފޮނުވަންވާނެއެވެ.

 

16 ވަނަ މާއްދާ - މަސައްކަތް ހުއްޓުވުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ނުހޯދައި ބިމުން ފެން ނަގައި ފެން ބޭރުކުރަމުންދާ ތަންތަނުގެ މަސައްކަތް ހުއްޓުވުމުގެ ބާރު ތަންފީޒީ އިދާރާއަށް ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކަށް ލިބިގެން ވެއެވެ. އަދި އެފަދަ ތަންތަނުގެ މަސައްކަތްތައް ހުއްޓުވުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް ތަންފީޒީ އިދާރާ ނުވަތަ އެ މަސައްކަތް ހުއްޓުވި އިދާރާ ޒިންމާއެއް ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަންފީޒީ އިދާރާއިން ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ  ފަރާތުން މަސައްކަތް ހުއްޓުވާނީ ލިޔުމަކުން އަންގާ އެންގުމަކުންނެވެ.  

 

17 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ މި ގަވާއިދާއި ހިލާފު ވުމެވެ. އަދި އެއީ، ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަބު ލިބޭނެ ކަމެކެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންޖެހޭ ހާލަތުތަކުގައި ހުއްދަ ނުހޯދައި ބިމުން ފެން ނަގައި ފެން ބޭރުކުރުން.

(ށ) ނަރުދަމާ ނިޒާމެއް ނުވަތަ އެނޫންވެސް އެފަދަ ފެން ބޭރުކުރާ ނިޒާމުގެ ހިދުމަތްދޭ ފަރާތަކުން އެ ނިޒާމު ބޭނުންކޮށްގެން، މި ގަވާއިދުގެ ދަށުން ހުއްދަ ނުހޯދާ ފަރާތަކަށް ބިމުން ފެން ނަގައި ފެން ބޭރުކޮށްދިނުން.

(ނ) މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ތަންފީޒީ އިދާރާއިން މަސައްކަތް ހުއްޓުވާފައިވަނިކޮށް ތަންފީޒީ އިދާރާގެ ހުއްދައަކާ ނުލައި މަސައްކަތް ފެށުން.

(ރ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން މަސައްކަތް ހުއްޓުމަށް ތަންފީޒީ އިދާރާއިން ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތަކުން އަންގާ އެންގުމަށް ކިޔަމަން ނުވުން.

 

18 ވަނަ މާއްދާ - ގަވާއިދާ ހިލާފުވިކަން އެންގުން

މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ކުރި ފަރާތަށް އެ ފަރާތުން ގަވާއިދާ ހިލާފުވެއްޖެކަން އަންގަންވާނީ، ތަންފީޒީ އިދާރާއިން ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތުން ފޮނުވާ ލިޔުމަކުންނެވެ.

 

19 ވަނަ މާއްދާ - ތަންފީޒީ އިދާރާއަށް ރިޕޯޓުކުރުން

(ހ) މި ގަވާއިދުގެ 18 ވަނަމާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެފަރާތަކަށް ގަވާއިދާ ހިލާފުވި ކަމުގެ ލިޔުން ފޮނުވާތާ 3  (ތިނެއް) ދުވަހުގެ ތެރޭގައި ކަންހިނގާ ދިޔަގޮތް ލިޔުމަކުން ތަންފީޒީ އިދާރާއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގައި މިބުނާ 3 (ތިނެއް) ދުވަސް ބަލާނީ ރަސްމީ ބަންދު ދުވަސްތައް ނުލައެވެ.

(ށ) މި މާއްދާގެ (ހ) ގެދަށުން ތަންފީޒީ އިދާރާއަށް ހުށަހަޅަންޖެހޭ ލިޔުން، ދީފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ، ތަންފީޒީ އިދާރާއަށް ޖަވާބުދާރީ ނުވިކަމަށް ބަލައިމި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ދީފައިވާ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅައިފިނަމަ، މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު ތަންފީޒީ އިދާރާއަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - އަދަބު ކަނޑައެޅުން

މި ގަވާއިދާއި ހިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ. މި މާއްދާގެ ދަށުން ކަނޑައެޅޭ ޖޫރިމަނާގެ ޖުމުލަ އަދަދު 100،000،000 (ސަތޭކަ މިލިއަން) ރުފިޔާ އަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ބިމުން ފެން ނަގައި ފެން ބޭރުކުރަންޖެހޭ ހާލަތެއްގައި ތަންފީޒީ އިދާރާގެ ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނުނަގައި ބިމުން ފެން ނަގައި ފެން ބޭރުކުރި ފުރަތަމަ ދުވަހަށް، އެ މަސައްކަތް ކުރި ބިމުގެ ވެރިފަރާތް 50،000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ބިމުން ފެން ނަގައި ފެން ބޭރުކުރަންޖެހޭ ހާލަތެއްގައި ތަންފީޒީ އިދާރާގެ ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ނުނަގައި ބިމުން ފެން ނަގައި ފެން ބޭރުކުރި ފުރަތަމަ ދުވަސް ފިޔަވައި އިތުރުވާ ކޮންމެ ދުވަހަކަށް 5،000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ފެން ބޭރުކުރަންޖެހޭ ހާލަތެއްގައި ހުއްދަ ނުނަގައި ފެން ބޭރުކުރުމުގައި ނަރުދަމާއެއް ނުވަތަ އެފަދަ ފެން ބޭރުކުރާ އެހެން ނިޒާމެއް،އެ ނިޒާމެއްގެ ވެރިފަރާތުގެ ހުއްދަ ލިބިގެން ބޭނުން ކޮށްފައިވާނަމަ، އެ ނިޒާމެއް ބޭނުންކޮށްގެން ފެން ބޭރުކޮށްދިން ފުރަތަމަ ދުވަހަށް 100،000 (އެއް ލައްކަ) ރުފިޔާއިން އެ ނިޒާމެއްގެ ވެރިފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިޒާމު ބޭނުންކޮށްފައިވަނީ 1 (އެކެއް) ދުވަހަށްވުރެ ގިނަ ދުވަހުނަމަ، ފެން ބޭރުކުރި ފުރަތަމަ ދުވަސްފިޔަވައި އިތުރުވާ ކޮންމެ ދުވަހަކަށް 25،000 (ފަންސަވީސް ހާސް) ރުފިޔާއިން އެ ނިޒާމެއްގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. ފެން ބޭރުކުރުމަށް ބޭނުންކުރި ނިޒާމުގެ ވެރިފަރާތް ކަމަށްމި ގަވާއިދުގެ ދަށުން ބަލާނީ އެ ނިޒާމު މެދުވެރިކޮށް ހިދުމަތް ފޯރުވައިދެމުންދާ ފަރާތެކެވެ.

 

21 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އަންނަނިވި ބަަސްބަސް މާނަކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
"ބިމުން ފެން ނަގައި ފެން ބޭރުކުރުން" ބިމުން ފެން ނަގައި ފެން ބޭރުކުރުން ކަމަށް ބުނެފައި އެވަނީ، ފެން ޕަމްޕެއް ފަދަ ވަސީލަތެއް ބޭނުންކޮށްގެން ކުރު މުއްދަތެއްގައި ގިނަ އަދަދަކަށް ބިމުން ފެން ނެގުމަށެވެ.

"ތަންފީޒީ އިދާރާ" ތަންފީޒީ އިދާރާ ކަމަށް ބުނެފައި އެވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އެޖެންސީ އަށެވެ. 

"މިނިސްޓްރީ" މިނިސްޓްރީ ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާ، ސަރުކާރުގެ ވުޒާރާއަށެވެ.

"މިނިސްޓަރ" މިނިސްޓަރ ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވަޒީރަށެވެ.

"ތަންފީޒީ އޮފިސަރުން" ތަންފީޒީ އޮފިސަރުން ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން ކުރުމަށް ތަންފީޒީ އިދާރާއިން ނުވަތަ ތަންފީޒީ އިދާރާއިން ކަނޑައަޅާ ފަރާތުން އައްޔަންކުރާ ފަރާތަށެވެ.

"ވަޅުދިޔަ ހިއްކުން" ވަޅުދިޔަ ހިއްކުން ކަމަށް ބުނެފައި އެވަނީ، ފަރުދީ ބޭނުންތަކަށް ބަހައްޓާފައި ހުންނަ ފެންވަޅު ސާފުކުރުމުގެ ގޮތުން ދިޔަހިއްކުމަށެވެ. މީގެތެރޭގައި ވަޅެއް ބަހައްޓައިގެން ޕަމްޕު މެދުވެރިކޮށް "ބިމުން ފެންގައި ފެން ބޭރުކުރުން" ނުހިމެނޭނެއެވެ.

"ސައިޓު އިންޖިނޭރު" ސައިޓު އިންޖިނޭރު ކަމަށް ބުނެފައި އެވަނީ، ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތް ކުރާ ތަނުގެ މަސައްކަތާއި ހަވާލުވެހުރި ސިވިލް އިންޖިނިއަރަށެވެ.

"ސިނާއީ މަސައްކަތަށް ފެން ބޭނުންކުރުން" ސިނާއީ މަސައްކަތަށް ފެން ބޭނުންކުރުން ކަމަށް ބުނެފައި އެވަނީ، ސިނާއީ ގޮތުން ކުރެވޭ މަސައްކަތްތައް ގާއިމުކުރުމުގެ އެންމެހައި މަސައްކަތްތަކަށާއި އެ މަށްރޫއުގެ ބޭނުންތަކަށް ފެން ބޭނުންކުރުމަށެވެ. 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-1697)

 

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/1993)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު