-

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-75) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-147)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 ސެޕްޓެމްބަރު 2022 ގައި)

 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-75)  އަށް އަންނަނިވި އިސްލާހުތައް ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

(ނ-1) މި މާއްދާގެ (ށ) ގެ ދަށުން އަމުރެއް ނެރެދެވެން ނެތްކަމަށް ފެނިއްޖެ ހާލަތުގައި، އެ ނިންމުން ބިނާވާ ގާނޫނީ ސަބަބުތަކާއެކު ޓްރައިބިއުނަލްގެ ނިންމުން ނިންމާ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ނުވަތަ ރަސްމީ ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މީރާއަށް އަންގަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

21. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމަށް އެދި ހުށަހަޅަންވާނީ، ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅައިފައިވާ ފޯމަކުން، ތިރީގައިވާ މައުލޫމާތާ އެކުގައެވެ.

  1. އޮޑިޓްކުރެވޭ މުއްދަތު؛
  2. އޮޑިޓް ނޯޓިސް ފޮނުވި ތާރީހު؛
  3. އޮޑިޓް ނިންމަންޖެހޭ ތާރީހު؛
  4. މުއްދަތު އިތުރުކުރުމަށް އެދޭ ތާރީހު؛
  5. ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަދަދު ކަނޑައެޅެން ނެތް ސަބަބު؛
  6. އޮޑިޓުގެ މުއްދަތު އިތުރުކުރަން އެދޭ ސަބަބު؛
  7. އިތުރުކުރަން އެދޭ މުއްދަތު ބޭނުން ކުރާނެ ގޮތުގެ ޓައިމްލައިން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

(ނ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމާ ގުޅިގެން މުއްދަތު އިތުރުކޮށްދިނުމަށް ނިންމައިފިނަމަ، އޮޑިޓްކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން ރައްދުވާ ޓެކްސް ދައްކާ ފަރާތަށް އަމުރުގެ ކޮޕީއެއް ރައްދުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އޮޑިޓްގެ މުއްދަތު އިތުރުކުރަން ނިންމި ނިންމުން މީރާއަށް ލިބޭ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ނުވަތަ ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތަށް ރައްދުކުރުމަށްފަހު، ޓްރައިބިއުނަލަށް އެކަން އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (އ) އާއި (ވ) އަންނަނިވި ގޮތަށް އިސްލާހުކޮށް، މި މާއްދާގެ (ވ) ގެ ފަހަތަށް (މ) އާއި (ފ) ގެ ގޮތުގައި ދެ އަކުރު އިތުރުކޮށް، އޭގެ ފަހަތަށް އަންނަ އަކުރުތައް ތަރުތީބުކުރުން.

(އ) މައްސަލަ ހުށަހަޅާ ފޯމުގެ މައުލޫމާތު ފުރިހަމަނުވާނަމަ، ނުވަތަ ސާފުނުވާނަމަ، ނުވަތަ ފޯމާއެކު ހުށަހަޅާ ލިޔެކިއުންތަކާއި ފޯމުގައިވާ މައުލޫމާތު ދިމާނުވާނަމަ، ނުވަތަ ފޯމާއެކު ހުށަހަޅައިފައިވާ ލިޔެކިއުންތައް ސާފުނުވާނަމަ، ނުވަތަ މައްސަލައާ ގުޅުންނެތް ލިޔެކިއުންތަކެއް ފޯމުގައި ހިމަނައިފައިވާނަމަ، ނުވަތަ އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ އިރުށާދުތަކާ ހިލާފަށް ފޯމު ފުރައިފައިވާނަމަ، ޓްރައިބިއުނަލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ލިޔުމުން އެންގުމުގެ އިހްތިޔާރު ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގެ (އ) ގައިވާ ގޮތުގެ މަތީން ފޯމެއް އިސްލާހުކުރުމަށް ރަޖިސްޓްރާރ ދީފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފިނަމަ، އެ ފޯމު ބަލައިނުގަތުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. ނަމަވެސް، ރަޖިސްޓްރާރ ދީފައިވާ މުއްދަތު ހަމަވުމަށްފަހުގައިވެސް، ޓެކްސް ގާނޫނެއްގައި ބަޔާންކޮށްފައިވާ މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ފޯމު އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅިދާނެއެވެ.

(މ) ޓްރައިބިއުނަލަށް ހުށަހަޅައިފައިވާ މައްސަލައެއްގައި، އިސްތިއުނާފު ފޯމާއެކު ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ލިޔެކިޔުމަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އިސްތިއުނާފުކުރާ ފަރާތަށް އަންގާނަމަ، އެ މައުލޫމާތު ބޭނުންވާ ސަބަބު، އެ އެންގުމުގައި ބަޔާންކުރަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގެ ދަށުން އެންގުމެއް ލިބޭ ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ނުވަތަ ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިސްތިއުނާފުކުރާ ފަރާތުން ޖަވާބު ދޭންޖެހޭނެއެވެ. މި އަކުރުގައި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާނަމަ، އެ އެންގުން ނިސްބަތްވާ ލިޔެކިޔުން، އިސްތިއުނާފުކުރާ ފަރާތުގެ ފޯމު ސެޓުން ބާތިލުކުރުމުގެ އިހްތިޔާރު، ރަޖިސްޓްރާރއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

(ބ-1) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފުކޮށްފައިވާ ނިންމުމެއްނަމަ، އިއުތިރާޒުކުރާ އަދަދު ހިސާބުކޮށްފައިވާ ގޮތުގެ ތަފުސީލު؛

(ބ-2) މައްސަލަ އިސްތިއުނާފުކުރުމުގެ ކުރިން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ހިސާބުކުރިގޮތުގެ ތަފުސީލު؛

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ކ) މި މާއްދާގެ ބޭނުމަށް، މައްސަލައިގައި ޓެކުހުގެ އަދަދަކަށް އިއުތިރާޒުކުރާނަމަ، އިއުތިރާޒާކުރާ ޓެކުހުގެ ރަނގަޅު އަދަދު ބަޔާންކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުން 26.

(ހ) ހުށަހަޅައިފައިވާ މައްސަލައެއް ޓްރައިބިއުނަލަށް ބަލައިގަތުމާމެދު،ރަޖިސްޓްރާރ ނިންމަވާ ގޮތެއް، ސަރުކާރު ބަންދުނޫން ނުވަތަ ރަސްމީ ބަންދުނޫން 20 (ވިހި) ދުވަހުގެ ތެރޭގައި، ލިޔުމުން އެ ފަރާތަށް އަންގަންވާނެއެވެ.

(ށ) މި ގަވާއިދުގެ 23 ވަނަ މާއްދާގެ (އ) އާއި (މ) ގެ ދަށުން އެންގުމެއް ފޮނުވާ ތާރީހުން ފެށިގެން އެ އެންގުމަށް ޖަވާބު ދޭންޖެހޭ ތާރީހުގެ ނިޔަލަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުން ވަގުތީގޮތުން މެދުކެނޑޭނެއެވެ.

(ނ) މައްސަލަ ޓްރައިބިއުނަލަށް ބަލައިގަތުމާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރަރއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ސަރުކާރު ބަންދުނޫން ނުވަތަ ރަސްމީ ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ގޮތެއް ނިންމައިފައި އެ ފަރާތަށް އަންގަންވާނެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ގޮތެއް ނިންމުމުގައި، މި ގަވާއިދުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގެ ދަށުން ހުށަހަޅައިފައިވާ ލިޔެކިޔުންތައް ފިޔަވައި އިތުރު ލިޔެކިޔުމަކަށް ރިއާޔަތެއް ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 46 ވަނަ މާއްދާ، އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖައްސައި، އެ އަކުރުގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

(ށ) އިސްތިއުނާފުކުރާ ފަރާތުން ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތުން ތަރުޖަމާނަކު ހަމަޖައްސަން ޖެހިއްޖެނަމަ، ތަރުޖަމާނަކު ހަމަޖެއްސުމަށް، ސަރުކާރު ބަންދު ނޫން ނުވަތަ ރަސްމީ ބަންދު ނޫން 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގެ ތެރޭގައި ތަރުޖަމާނަކު ހަމަޖައްސައިފައި ނުވާނަމަ، މައްސަލަ ބަލާ ބެންޗުން މައްސަލަ ކުރިޔަށް ގެންގޮސް، ގޮތެއް ނިންމަންވާނެއެވެ. މި ހާލަތުގައި، މައްސަލަ ކުރިޔަށް ގެންދާނެ ގޮތެއް ނިންމާނީ، އެ މައްސަލައެއް ބަލާ ބެންޗަކުންނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 50 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

50-1. (ހ) މައްސަލައިގެ އަޑުއެހުމުގައި އަނގަބަހުން ދެކެވޭ ވާހަކަތަކުގެ ރެކޯޑިންގ، ޓްރައިބިއުނަލުން ބަލަހައްޓަންވާނެއެވެ.

(ށ) މައްސަލައިގެ އަޑުއެހުމުގައި ދެކެވޭ ވާހަކަތައް އަކުރުން އަކުރަށް ލިޔެ، މަހްޒަރު ބަޔާނެއްގެ ގޮތުގައި ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ތައްޔާރުކުރާ މަހްޒަރު ބަޔާން ތައްޔާރުކުރުމަށްފަހު، އެ ބަޔާނުގައި ލިޔެވިފައިވަނީ އަޑުއެހުމުގައި ދެކެވުނު ވާހަކަތައްކަން ކަށަވަރުކުރުމަށް ޓަކައި އެ އަޑުއެހުމެއްގައި ވާހަކަދެއްކި ފަރާތްތަކާ މަހްޒަރު ބަޔާން ހިއްސާކުރަންވާނެއެވެ. އެގޮތުން އެ މަހްޒަރު ބަޔާނުގައި މައްސަލައެއް އޮތްނަމަ، ސަރުކާރު ބަންދުނޫން ނުވަތަ ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެކަން އެންގުމަށް ފުރުސަތު ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ދެވޭ ފުރުސަތުގައި، އަންނަނިވި ގޮތަކުންކުރެ ގޮތަކަށް އަމަލުކުރުމުން، އެ މަހްޒަރު ބަޔާނަކީ ސައްހަ ބަޔާނެއް ކަމަށް ކަށަވަރުކުރީ ކަމުގައި ބެލޭނެއެވެ.

  1. މައްސަލައެއް ނެތްކަމަށް އަންގައިފިނަމަ، ނުވަތަ 
  2. މައްސަލަތައް ހުރިކަމަށް އަންގައިފިނަމަ، ރިކޯޑިންގ އަޑުއަހައި އަލުން ޗެކުކުރުމަށްފަހު، ފާހަގަކުރި ކަންތައްތައް އިސްލާހުކުރަންޖެހޭނަމަ، އެ ކަންކަން އިސްލާހު ކުރުމުން.

 (ބ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ދެވުނު މުއްދަތުގައި ވަކި އެއްޗެއް އަންގައިފައި ނުވާނަމަ، އެ ބަޔާނަކީ އެގޮތުގެ މަތީން

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގެ ދަށުން، މަހްޒަރު ބަޔާނަކީ ސައްހަ ސައްހަ ބަޔާނެއް ކަމުގައި ކަށަވަރުކުރީކަމުގައި ބެލެވޭނެއެވެ. ބަޔާނެއް ކަމުގައި ކަށަވަރުކުރެވުމުން، އެ ބަޔާނުގައި ސޮއިކުރުމަށް ޓަކައި، ވަކި މުއްދަތެއްގެ ތެރޭގައި ޓްރައިބިއުނަލަށް ހާޒިރުވުމަށް، އަޑުއެހުމުގައި ވާހަކަދެއްކި ފަރާތްތަކަށް އަންގަންވާނެއެވެ.

(ކ) މިގޮތުން މި މާއްދާގެ (ޅ) ގެ ދަށުން ދެވޭ މުއްދަތުގައި، މަހްޒަރު ބަޔާނުގައި ސޮއިކުރަންޖެހޭ ފަރާތެއް، މަހްޒަރު ބަޔާނުގައި ސޮއިކުރުމަށް ޓްރައިބިއުނަލަށް ހާޒިރުވެފައި ނުވާނަމަ، ނުވަތަ ސޮއިކުރުމަށް އިންކާރުކުރާނަމަ، އެ މަހްޒަރު ބަޔާނަކީ ރެކޯޑިންގއާ އެއްގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ޓްރައިބިއުނަލްގެ ކަމާބެހޭ މުވައްޒަފަކު ލިޔެ ސޮއިކޮށްފައި ޓްރައިބިއުނަލްގެ ސިއްކަ ޖެހުމުން،އެއީ ސައްހަ ބަޔާނެއް ކަމުގައި ބެލޭނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 51 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ މައްސަލަތަކުގައި، އަންނަނިވި ކަންކަމާ ގުޅިގެން އޖުރާއީ ނުކުތާއެއް ނަގަން ބޭނުންވާނަމަ، މި ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުނުކަން އަންގާ ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުވަތަރަސްމީ ބަންދު ދުވަސްތައް ހިމެނޭގޮތަށް 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިޖުރާއީ ނުކުތާ ނަގަންވާނެއެވެ.

  1. އިސްތިއުނާފީ މުއްދަތު؛
  2. މީރާގެ ނިންމުން އިސްތިއުނާފުކުރުމަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާއާ ގުޅޭގޮތުން.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 51 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ދަފްއު ސާބިތުކުރުން 1-51 .ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި ހުށަހަޅާ ދަފްއެއް ސާބިތުކުރުމަކީ، އެ ދަފްއެއް ކުރާ ފަރާތުގެ މަސައޫލިއްޔަތެކެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ ބެންޗުގެ ރިޔާސަތު ކަނޑައަޅާނީ، އެ ބެންޗެއްގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 75 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށް، އެ މާއްދާގެ (ހ) އިސްލާހުކޮށް އެ މާއްދާގެ  (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

އިސްތިއުނާފު ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތައް އިސްލާހުކުރުމާއި ބަދަލު ގެނައުން 75.

(ހ) ޓްރައިބިއުނަލަށް ބަލައިގެންފައިވާ މައްސަލައަކާ ގުޅިގެން ފޯމުތަކާއި ބަޔާންތައް އިސްލާހުކުރުމަށް ނުވަތަ ބަދަލު ގެނައުމަށް ހުށަހަޅައިފިނަމަ، ތިރީގައިވާ ކަންކަމަށް ރިއާޔަތްކޮށް ގޮތެއް ނިންމުމުގެ އިހްތިޔާރު، މައްސަލަ ބަލާ ބެންޗަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، މައްސަލައިގެ ކޮންމެ މަރުހަލާއެއްގައި ވެސް މައްސަލަ ހުށަހަޅާ ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން އެއްބަސްވެ ވަކިގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދި ހުށަހަޅައިފިނަމަ، މައްސަލަ ނިންމުމުގައި އެ ހުށަހެޅުމަކަށް މައްސަލަ ބަލާ މަޖިލީހުން ރިއާޔަތްކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 79 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވަގުތީ އަމުރު 79.

(ހ) ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރަކަށް މައްސަލައިގެ ހަސްމަކު އެދޭނަމަ، ވަގުތީ އަމުރަށް އެދި ހުށަހަޅަންވާނީ، މި ޓްރައިބިއުނަލުން ކަނޑައަޅާ ފޯމަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ފޯމާއި ލިޔެކިޔުންތަކަށް ޖަވާބު ހުށަހެޅުމަށް 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި، ވަގުތީ އަމުރު ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި އެ ފަރާތުން ޖަވާބުދާރީ ނުވެއްޖެނަމަ، ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަކާނުލައި، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، ބެންޗަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށެޅުމަކާ ގުޅިގެން، ވަގުތީ އަމުރު ނެރުމާމެދު ގޮތެއް ކަނޑައެޅުމުގައި، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށް ރިއާޔަތް ކުރަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ނިންމާ ނިންމުން އޮންނަންވާނީ ލިޔުމުންނެވެ. މި ލިޔުމުގައި، އަންނަވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ވަގުތީ އަމުރާމެދު ނިންމި ގޮތް؛
  2. ނިންމުމަށް ވާސިލުވި ސަބަބުތައް؛
  3. އަމުރު ނެރެދޭން ނިންމައިފިނަމަ، އަމުރު ރައްދުވާ ފަރާތް
  4. އަމުރު ނެރެދޭން ނިންމައިފިނަމަ، އަމުރު ދެމިއޮންނާނެ މުއްދަތު؛ 
  5. މައްސަލަ ބަލާ ބެންޗުގެ މެންބަރުންގެ ނަމާއި، ސޮޔާއި، ޓްރައިބިއުނަލުގެ ސިއްކަ.

(ޅ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އަޑުއެހުމެއް ބޭއްވުމުގެ ކުރިން ވަގުތީ އަމުރެއް ނެރެން ޖެހިއްޖެނަމަ، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު، މައްސަލަ ބަލާ ބެންޗަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރަކަށް އެދިއްޖެނަމަ، އަމުރަށް އެދި ހުށަހެޅި ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ އަމުރާމެދު ގޮތެއް ނިންމަންވާނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 83 ވަނަ މާއްދާ އެއީ 83 ގެ (ހ) ކަމަށް ހަމަޖައްސައި، އެ އަކުރުގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

(ށ) މި ގަވާއިދުގެ 51 ވަނަ މާއްދާގެ ދަށުން ނަގާ އިޖުރާއީ ނުކުތާއަކާމެދު ގޮތެއް ނިންމާ ތާރީހުގައި އެ ނިންމުން މައްސަލައިގެ ހަސްމުންނަށް ދޫކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 83 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ނިންމުމަށް ބަދަލު ނުގެނައުން 1-83.

(ހ) މި ގަވާއިދުގެ 82 ވަނަ މާއްދާގެ ދަށުން ނިންމުން އިއްވުމަށްފަހު، ހިސާބުޖެހުމުގައި އަރައިފައިވާ އޮޅުމެއް ނުވަތަ ލިޔުމުގައިވާ އިމްލާ ކުށެއް އިސްލާހުކުރުން ފިޔަވައި، ޓްރައިބިއުނަލުން ނެރޭ ރައުޔެއް ނުވަތަ ނިންމާ ނިންމުމެއް ވިޔަސް، ނިންމުން އިއްވުމަށްފަހު،އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކުށްތައް ފިޔަވައި އެ މައްސަލައިގެ ރައުޔާއި ނިންމުމުގައި ފާހަގަވާ އެހެން ކުށެއް،މައްސަލައިގެ ހަސްމުންގެ އިއުތިރާޒެއް ނެތްނަމަ އިސްލާހުކުރެވިދާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 86 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަތީ މަރުހަ ލާގެ ކޯޓެއްގެ ނިންމުމަކާ ގުޅިގެން ޓްރައިބިއުނަލަށް ތަހްވީލުކުރާ ނުވަތަ ބެލުމަށް ކަނޑައަޅާ މައްސަލަތައް 86.

(ހ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވި، އެ މައްސަލައަކީ ޓްރައިބިއުނަލަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް ކަނޑައަޅައިފިނަމަ، އެ މައްސަލައިގެ ހަސްމުންނަށް އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ށ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް، މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރެވި، މައްސަލައިގައި ކަން ހިނގައިފައިވާގޮތް އަލުން ބަލަންޖެހޭކަމަށް ކަނޑައަޅައި ޓްރައިބިއުނަލަށް ތަހްވީލުކުރާ މައްސަލަ، އެ މައްސަލައިގެ ހަސްމުންނަށް ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ހުށަހަޅާ މައްސަލައެއްގައި، މި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައިފައި ނުވާނަމަ، އެ ކޯޓުން ހުކުމްކުރި ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ބޭނުމަށް ރަޖިސްޓަރީ ކުރެވޭ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތް ކަމުގައި ބަލާނީ، އެ މައްސަލައެއް ޓްރައިބިއުނަލަށް އިސްތިއުނާފުކުރި ފަރާތެވެ.

(ބ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ހުށަހަޅާ މައްސަލައެއް ހުށަހަޅަންވާނީ، ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުންނެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 87 ވަނަ މާއްދާ އުވައިލުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 96 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ސިއްކަ 96-1

(ހ) ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ބޭނުންކުރުމަށް، ޓެކްސް އެޕީލް ޓްރައިބއުނަލްގެ ވަކި ސިއްކައެއް އޮންނަންވާނެއެވެ. ޓްރައިބިއުނަލްގެ ނިންމުންތައް ލިޔެ ގަރާރު ކުރެވޭ، ޓްރައިބިއުނަލްގެ ރަސްމީ ލިޔުންތަކުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ރަސްމީ ލިޔުންތަކުގައި އެ ސިއްކަ ޖަހަންވާނެއެވެ.

(ށ) ޓްރައިބިއުނަލުގެ ރައީސް ނުވަތަ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެހުރި މެންބަރެއްގެ ހުއްދައެއް ނެތި، ޓްރައިބިއުނަލްގެ އެއްވެސް ލިޔުމެއްގައި، ޓްރައިބިއުނަލްގެ ސިއްކަ ޖަހައިގެން ނުވާނެއެވެ. މި އަކުރުގައިވާ ހުއްދަ އޮންނަންވާނީ ލިޔުމުންނެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 99 ވަނަ މާއްދާ އުވައިލުން.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 98 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

މުއްދަތުތަކާ ގުޅޭ 1-99.

(ހ) އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ގާނޫނެއް ނުވަތަ އެނޫންވެސް ގާނޫނެއްގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބެލިދާނެކަމަށް ކަނޑައަޅައިފައިވާ މައްސަލަތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައިފައިވާނަމަ، އެ މުއްދަތު ގުނާނީ ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ވަކިކަމެއް ކުރުމަށް އޮންނަ ސުންގަޑި ބައްދަލުވަނީ ރަސްމީ ބަންދު ދުވަހެއް ނުވަތަ ސަރުކާރު ބަންދުދުވަހަކާނަމަ، އެ ކަމެއް ކުރަންވާނީ، އެ ބަންދުދުވަހާ ވިދިގެން އަންނަ ރަސްމީ މަސައްކަތު ދުވަހުއެވެ.

(ނ) މި ގަވާއިދުގައި ވަކިކަމެއް ކުރުމަށް މުއްދަތެއް ދީފައިވާނަމަ، އެ މުއްދަތު ގުނުމުގައި، އެ ކަމެއް ކުރުމަށް އަންގާ ދުވަހާއި، މުއްދަތު ހަމަވާ ދުވަހެއް ނުހިމެނޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ށާއިއުކުރާ ތާރީހުގެ ކުރިން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކޮށް މީރާއިން ގޮތެއް ނިންމައިފައިވާ މައްސަލަތަކުގެ އިސްތިއުނާފީ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންގ 2-99.

ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައެއްގައި، މައްސަލައިގެ އޯޑިއޯ ރިކޯޑިންގ އަޑުއެހުމަށް މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެނަމަ، އެ ރިކޯޑިންގތައް އަޑުއެހުމުގެ އިންތިޒާމު، ޓްރައިބިއުނަލުން ހަމަޖައްސައިދޭންވާނެއެވެ.

 

23 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-75)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-75)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު