ފަޅުރަށްރަށާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2020-95)
(މި ގަވާއިދުގެ 4 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2015-126 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 22 ވަނަ މާއްދާއިން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.
(ހ) މިނިސްޓްރީގެ ހަވާލުގައިވާ ފަޅުރަށްތަކުން އާންމުވެގެންވާ މަންފާއެއް ދައުލަތަށާއި ރައްޔިތުންނަށް ލިބެނިވިގޮތަކަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ވީހައިވެސް ހާމަކަންބޮޑު، އިންސާފާއި ހަމަހަމަކަމާއެކު ދެފުށް ފެންނަ ފަދަ ގޮތަކަށް އިންތިޒާމްކުރުން؛
(ށ) މިނިސްޓްރީގެ ހަވާލުގައިވާ ފަޅުރަށްރަށް ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި އެހެން ކަންކަމަށް ކުއްޔަށް ދިނުމުގައި ދެމެހެއްޓެނިވި ގޮތަކަށް ގުދުރަތީ ވެށި ރައްކައުތެރިކުރެވޭނެ ގޮތެއްގެ މަތިން އިގްތިސާދީގޮތުން އެންމެ އެކަށީގެންވާ ގޮތަކަށް ކުއްޔަށްދިނުން؛ އަދި
(ނ) ދެމެހެއްޓެނިވި ގޮތަކަށް ގުދުރަތީ ވެށި ރައްކައުތެރި ކުރެވޭނެ ގޮތެއްގެ މަތިން ފަޅުރަށްރަށް ވަރުވާއަށް ދިނުން.
3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވ
4 ވަނަ މާއްދާ - ކުރީގެ ގަވާއިދު އުވައިލުން
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 2015 އެޕްރީލް 9 ވަނަ ދުވަހު އަމަލުކުރަން ފެށި ގަވާއިދު ނަންބަރު 2015-126 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު) ބާތިލުވީއެވެ. ނަމަވެސް އެ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އެއްބަސްވުންތަކާއި، ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އެއްބަސްވުންތަކުގައިވާ ގޮތުގެ މަތީން އަމަލު ކުރެވޭނެއެވެ.
ފަޅުރަށްރަށް ކުއްޔަށް ދޫކުރުން
5 ވަނަ މާއްދާ - ފަޅުރަށްރަށް ކުއްޔަށް ދޫކުރުން
(ހ) އާންމުކޮށް އިއުލާނު ކޮށްގެން ބީލަމުގެ އުސޫލުން ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ،ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ފަޅުރަށްރަށް ކުއްޔަށްދިނުމަށް އާންމުކޮށް ކުރާ އިއުލާނުގައި، ކުއްޔަށް ދޫކުރާ ފަޅުރަށުގައި ކުރެވޭނީ ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި، އިގްތިސާދީ ކޮން މަސައްކަތެއްކަން މިނިސްޓްރީން ތަފުސީލުކޮށް ބަޔާން ކުރަންވާނެއެވެ. އަދި ބީލަން އިވެލުއޭޓްކޮށް މާކްސް ދޭނެ ކްރައިޓީރިއާ، އާންމުކޮށް ކުރާ އިއުލާނުގައި ހިމަނަންވާނެއެވެ.
(ނ) ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަޅުރަށްރަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން،ފަޅުރަށެއް ކުއްޔަށް ހިފުމަށް އެދި މިނިސްޓްރީއަށް ޕްރޮޕޯޒަލް ހުށަހެޅިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލަށް ރިއާޔަތްކޮށްފައި މިނިސްޓްރީއަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
- ރަށުގައި ކުރަން ހުށަހަޅާ ކަމަކީ، ރާއްޖެއަށް ފައިދާކުރާނެ ކަމަކަށް ވުން، ނުވަތަ އެ ކަމަކީ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމަކަށް ވުން.
- ރަށަށް އެދޭ ފަރާތަކީ، އެ ރަށެއްގައި ކުރަން ހުށަހަޅާ ކަމެއް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއްކަމަށް ވުން.
- ރަށަށް އެދޭ ފަރާތަކީ، އެ ރަށެއްގައި ކުރަން ހުށަހަޅާ ކަމެއް ކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ފަރާތެއްކަމަށް ވުން.
- ރަށުގައި ކުރަން ހުށަހަޅާ ކަމަކީ، އިގްތިސާދީގޮތުންނާއި އެނޫން ގޮތްގޮތުން ކުރެވިދާނެ ކަމެއްކަމަށް ވުން.
- އެކުއިޒިށަން ފީގެ ގޮތުގައި 5 (ފަހެއް) އަހަރުދުވަހުގެ ކުއްޔަށްވާ ފައިސާ ސަރުކާރަށް އެއްފަހަރާ ދެއްކުން (މި ފައިސާއަކީ ރަށުގެ ކުލީގެ ގޮތުގައި ހިމެނޭ ފައިސާއެއް ނޫނެވެ. އަދި ވަކި މުއްދަތަކަށް ހިފެހެއްޓޭ ފައިސާއެއް ވެސް ނޫނެވެ.)
- މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރު ށަރުތުތަކެއް މިނިސްޓްރީން ކަނޑައަޅަން ބޭނުންނަމަ، އާންމުކޮށް ކުރާ އިއުލާނެއްގެ ދަށުން އެފަދަ ށަރުތެއް ކަނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ޕްރޮޕޯޒަލަށް ރަށެއް އެވޯޑުކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލުގެ ހުއްދަ މިނިސްޓްރީން ހޯދަންވާނެއެވެ.
6 ވަނަ މާއްދާ - ކުލި ކަނޑައެޅުން
ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި، އިގްތިސާދީ އެކިއެކި މަސައްކަތްތައް ކުރުމަށް ފަޅުރަށްރަށުގެ ސަރަހައްދުގެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
(ހ) ފަޅުރަށްރަށުގެ ކުލި ކަނޑައެޅުމުގައި މިނިސްޓްރީން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.
(ށ) ފަޅުރަށާއެކު ދެވޭ ފަޅުގެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރާނަމަ، އެ މަސައްކަތެއް ކުރާ ސަރަހައްދަކަށް ކުލި ނެގުމުގައި މިނިސްޓްރީން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް އަކަފޫޓަކަށް 5 (ފަހެއް) ލާރިއެވެ.
(ނ) ފަޅުރަށާއެކު ދެވޭ ސަރަހައްދަކީ ހިމާޔަތްކޮށް ފައިވާ ސަރަހައްދެއް ނަމަ، އެ ސަރަހައްދެއް، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ނަގާ ކުލިން އިސްތިސްނާ ކުރެވޭނެއެވެ.
(ރ) ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން އާންމުކޮށް އިއުލާނުކޮށްގެން ބީލަމުގެ އުސޫލުން ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގައި ފަޅުރަށްރަށުގެ ކުލި ކަނޑައެޅުމުގައި މި މާއްދާގެ (ހ) އާއި (ށ) ގައިވާ ކުލީގެ މިންގަނޑަށްވުރެ ދަށްނުވާނެ ގޮތެއްގެ މަތިން ކުލި ވަކި މިންވަރަކަށް ހިފެހެއްޓުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ބ) މިނިސްޓްރީގެ ފަރާތުން ފަޅު ރަށެއް ކުއްޔަށް ދިނުމުގައި 1 (އެކެއް) އަހަރުގެ ގްރޭސް ޕީރިއަޑެއް، ރަށް ކުއްޔަށް ހިފާ ފަރާތަށް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ފަޅުރަށް ކުއްޔަށް ހިފުމަށް އެދި ހުށަހެޅުން
މި ގަވާއިދުގެ ދަށުން، އާންމުކޮށް އިއުލާނު ކޮށްގެން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން ދޫކުރާ ބިޑް ޑޮކިޔުމަންޓުގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިނިސްޓްރީން ކަނޑައަޅާ އަގެއްގައި މި ބިޑް ޑޮކިޔުމަންޓް ވިއްކުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ - ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށާއި، ފަޅުރަށާއެކު ދޫކުރެވޭ ފަޅުގެ ސަރަހައްދު
ފަޅުރަށެއްގެ ގޮތުގައި ކުއްޔަށް ދޫކުރެވޭނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައި، މިނިސްޓްރީގެ ދަފުތަރުގައިވާ ފަޅުރަށްތަކުގެ ތެރެއިން ކުއްޔަށް ދޫކުރުމަށް މިނިސްޓްރީން ކަނޑައަޅާ ކޮންމެ ފަޅުރަށެކެވެ.
(ށ) ކުއްޔަށް ދޫކުރާ ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ފަޅުރަށުގެ ހޭޅިފަށުން ފެށިގެން ވަށައިގެންވާ ފަޅުގެ 500 (ފަސް ސަތޭކަ) މީޓަރުގެ ސަރަހައްދު އާންމު ބޭނުންތަކަށް، ފަޅުރަށް ކުއްޔަށް ހިފާ ފަރާތަށް ދޫކުރެވޭނެއެވެ. ނަމަވެސް އެއް ރަށަށްވުރެ ގިނަ ރަށް ހި މެނޭ ފަޅެއް ނަމަ، ފަޅުރަށުގެ އިން ވަކިކުރާނީ، ދެ ރަށް ދެމެދު ހަމަހަމަޔަށް ބަހައިލައިގެންނެވެ. އަދި ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ދޫކުރާ ފަޅުގެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރާނަމަ، އެ މަސައްކަތެއް ކުރާ ސަރަހައްދަށް ކުލި ނެގޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށެއްގެ ފަޅުގައި ވަކި މަސައްކަތެއް ކުރުމަށް (އެކުއަކަލޗަރ ކުރުން ފަދަ) ފަޅުރަށެއް ކުއްޔަށް
ދޫކުރާނަމަ، ރަށުގެ ބައެއްގެ ގޮތުގައި ދޫކުރާ ފަޅުގެ ސަރަހައްދު މި މާއްދާގެ (ށ) ގައި ކަނޑައަޅައިފައިވާ މިންވަރަށްވުރެ އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުގެ މަތިން އިތުރުކުރެވޭ ސަރަހައްދަށް ކުލި ނެގުމުގައި މިނިސްޓްރީން ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަކީ އަހަރަކަށް އަކަފޫޓަކަށް 5 (ފަހެއް) ލާރިއެވެ.
(ރ) މިނިސްޓްރީން ކަނޑައަޅާ ފަޅުރަށެއް، ކަނޑައަޅާ ގޮތެއްގެ މަތިން ބައިކޮށް، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް، އަންނަނިވި ގޮތުގެ މަތިން ކުއްޔަށް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ މެދުގައި ރަށުގެ ބިން ބައިކުރާނެ ގޮތް އެއްބަސްވެފައިވުން.
- ރަށް ބައިކުރުމުގައި، ރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ ޒިންމާތައް އެނގެން އޮތުން.
- ރަށުގައި ހަދާ ކޮމަން ފެސިލިޓީތައް ގާއިމްކޮށް ބޭނުންކުރުމާ ގުޅޭގޮތުން،ރަށް ކުއްޔަށް ހިފާ ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް ގާއިމްވެފައި ވުން.
9 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށުގެ މުއްދަތު އިތުރުކުރުން
(ހ) ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން،އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ފަޅުރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައިފިނަމަ، އެއްބަސްވުމުގެ މުއްދަތު، މި މާއްދާގައިވާ ގޮތުގެ މަތިން އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) ކުއްޔަށް ދޭ ރަށްރަށުގެ ކުލީގެ މުއްދަތު އިތުރުކުރެވޭނީ، ކުއްޔަށް ހިފާ ފަރާތާ ރަށް ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން މީލާދީ 21 (އެކާވީސް) އަހަރު ދުވަހަށެވެ. ނަމަވެސް ފަށާއިރު ކުރާ އިންވެސްޓްމަންޓް 10 (ދިހައެއް) މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑުކަމުގައިވާނަމަ، އެ އިންވެސްޓްމަންޓުގެ ކުޑަ ބޮޑުމިނަށް ބަލައި،ކުއްޔަށް ހިފާ ފަރާތާ ރަށް ހަވާލުކުރާ ތާރީހުން ފެށިގެން ގިނަވެގެން 35 (ތިރީސް ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޭ ރަށްރަށުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނީ،ފަޅުރަށުގައި ކުރުމަށް ހުށަހަޅައިފައިވާ މަސައްކަތްތައް އަންގައިދޭ، މިނިސްޓްރީއާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަދުވެގެން %65 (ފަސްދޮޅަސް ފަހެއް އިންސައްތަ) އިންވެސްޓްމަންޓުގެ މަސައްކަތްތަކެއް ކޮށްފައިވާނަމައެވެ. މިގޮތުން، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތައް މޮނިޓަރކުރުން
(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ކުއްޔަށް ދޫކުރި މަގްސަދާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދާކަން ކަށަވަރުކުރުމަށް މިނިސްޓްރީން އެ ފަޅުރަށްތައް މޮނިޓަރ ކުރަންވާނެއެވެ.
(ށ) ރަށް މޮނިޓަރކުރުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖެއްސުމުން، މޮނިޓަރ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެއްސުމަކީ ފަޅުރަށް ކުއްޔަށް ހިފާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެހެންނަމަވެސް، މިފަދައިން ކުއްޔަށް ހިފާ ފަރާތުގެ ހަރަދު ހަމަޖައްސުމަށް ލާޒިމްވަނީ ކުއްޔަށް ހިފާ އަހަރެއްގައި 2 (ދޭއް) މޮނިޓަރިންގދަތުރަށެވެ.
11 ވަނަ މާއްދާ - ރަށް އިންށުއަރކުރުން
(ހ) ކުއްޔަށް ދޫކުރާ ފަޅުރަށްރަށް، ކާރިސާތަކުން ލިބޭ ގެއްލުމަށް، ފަޅުރަށް ކުއްޔަށް ހިފާ ފަރާތުން އިންށުއަރ ކުރަންވާނެއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި އިންށުއަރ ކުރަންވާނެއެވެ.
12 ވަނަ މާއްދާ - އިންވެސްޓްމަންޓް އެހެން ފަރާތަކަށް ބަދަލުކުރުން ނުވަތަ ވިއް ކައިލުން
މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގައި ކުއްޔަށް ހިފައިފައިވާ ފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓް، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން، އެހެން ފަރާތަކަށް ބަދަލުކޮށް ނުވަތަ ވިއްކައިލެވިދާނެއެވެ. އެގޮތުން އިންވެސްޓްމަންޓް ބަދަލުކުރެވޭނީ ނުވަތަ ވިއްކައިލެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާނަމައެވެ.
(ހ) ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް، މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެން، އެހެން ފަރާތަކަށް ބަދަލުކުރެވޭނީ ނުވަތަ ވިއްކައިލެވޭނީ، ފަޅުރަށުގައި ކުރުމަށް ހުށަހަޅައިފައިވާ މަސައްކަތްތައް އަންގައިދޭ، މިނިސްޓްރީއާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް މަދުވެގެން %65 (ފަސްދޮޅަސް ފަހެއް އިންސައްތަ) އިންވެސްޓްމަންޓުގެ މަސައްކަތްތަކެއް ކޮށްފައިވާ ނަމައެވެ. މިގޮތުން، މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް، އިންވެސްޓްމަންޓުގެ ހަރަދު އެނގޭ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
(ށ) ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާ ދެއްކުން.
13 ވަނަ މާއްދާ - މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުން
(ހ) ފަޅުރަށް ކުއްޔަށް ހިފައިފައިވާ ފަރާތަށް އެ ރަށެއް ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ލިބިދީފައިވާ އެއްވެސް ހައްގަކަށް އަދި އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް އަދާކުރަންޖެހޭ އެއްވެސް ޒިންމާއަކަށް އުނިކަމެއް ނާންނާނޭ ގޮތެއްގެ މަތިން، ފަޅުރަށް ކުއްޔަށް ހިފައިފައިވާ ފަރާތުން އެހެން ފަރާތަކަށް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންވެސްޓްމަންޓް މެނޭޖްކޮށް ބެލެހެއްޓުމަށް ހަވާލު ކުރެވިދާނެއެވެ.
(ށ) މެނޭޖްމަންޓް ކޮންޓްރެކްޓެއް ހެދޭނީ، އަންނަނިވި ގޮތުގެ މަތިން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބުމަށް ފަހުގައެވެ.
- މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުމުގެ ހުއްދައަށް އެދި ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުން؛
- މެނޭޖްމަންޓް ކޮންޓްރެކްޓް ހެދުމަށް ކުއްޔަށް ހިފާ ފަރާތާއި މެނޭޖްމަންޓްކޮންޓްރެކްޓުގެ ދަށުން މަސައްކަތްކުރާ ފަރާތާ ދެމެދު ސޮއިކުރުމަށްއެކުލަވައިލައިފައިވާ އެއްބަސްވުމުގެ ދެލިކޮޕީ މިނިސްޓްރީއަށް ހުށަހެޅުން؛
- މެނޭޖްމަންޓް ކޮންޓްރެކްޓް ހެދޭނީ، ފަޅުރަށުގައި ކުރުމަށް ހުށަހަޅައި ފައިވާމަސައްކަތްތައް އަންގައިދޭ، މިނިސްޓްރީއާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާއެއްގޮތަށް މަދުވެގެން %65 (ފަސްދޮޅަސް ފަހެއް އިންސައްތަ) އިންވެސްޓްމަންޓުގެ މަސައްކަތްތަކެއް ކޮށްފައިވާ ނަމައެވެ. މިގޮތުން،މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި
- ރަށާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވުން.
14 ވަނަ މާއްދާ - ދެވަނަ ފަރާތަކަށް ފަޅުރަށް ކުއްޔަށް ދިނުން
(ހ) މި ގަވާއިދަށް އަމަލުކުރަށް ފެށުމަށްފަހު، ކުއްޔަށް ހިފި ފަރާތުން މިނިސްޓްރީން ކުއްޔަށް ދީފައިވާ ފަޅުރަށެއް އެއްކޮށް ނުވަތަ ކުއްޔަށް ދީފައިވާ ފަޅުރަށެއް މިނިސްޓްރީން ހުއްދަކުރާ ގޮތެއްގެ މަތިން ބައިކޮށްގެން ދެވަނަ ފަރާތަކަށް ކުއްޔަށް ދެވިދާނެއެވެ.
(ށ) ކުއްޔަށް ހިފި ފަރާތުން މިނިސްޓްރީން ކުއްޔަށް ދީފައިވާ ފަޅުރަށެއް އެކީއެކަށް ދެވަނަ ފަރާތަކަށް ކުއްޔަށް ދެވޭނީ އަންނަނިވި ގޮތުގެ މަތިން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބުމަށް ފަހުގައެވެ.
- ދެވަނަ ފަރާތަށް ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުން؛
- ދެވަނަ ފަރާތަށް ކުއްޔަށް ދިނުމަށްޓަކައި ސޮއިކުރުމަށް ތައްޔާރުކުރެވިފައިވާއެއްބަސްވުމުގެ ދެލިކޮޕީ މިނިސްޓްރީއަށް ހުށަހެޅުން؛
- ދެވަނަ ފަރާތަށް ކުއްޔަށް ދެވޭނީ، ފަޅުރަށުގައި ކުރުމަށް ހުށަހަޅައި ފައިވާމަސައްކަތްތައް އަންގައިދޭ، މިނިސްޓްރީއާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާއެއްގޮތަށް މަދުވެގެން %65 (ފަސްދޮޅަސް ފަހެއް އިންސައްތަ) އިންވެސްޓްމަންޓުގެ މަސައްކަތްތަކެއް ކޮށްފައިވާ ނަމައެވެ. މިގޮތުން،މިނިވަން ސަރޓިފައިޑް އޮޑިޓަރެއް މެދުވެރިކޮށް އިންވެސްޓްމަންޓުގެ ހަރަދު އެނގޭ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި
- ރަށާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވުން.
15 ވަނަ މާއްދާ - މޯގޭޖް ކުރުން ނުވަތަ ރަހުނުކުރުން
(ހ) ކުއްޔަށް ހިފައިފައިވާ ރަށެއްގައި އިންވެސްޓްކުރުމަށް ލޯނެއް ނެގުމަށް ޓަކައި ރަށުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލާއި އުފުލޭ މުދާ އަދި/ނުވަތަ މި އެއްބަސްވުމުގެ ދަށުން ރަށުގެ މައްޗަށް ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް، މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހު، މިނިސްޓްރީން ކަނޑައަޅާ ށަރުތުތަކެއްގެ ދަށުން މޯގޭޖް ކުރެވިދާނެއެވެ. ނުވަތަ ރަހުނުގެ ގޮތުގައި ބެހެއްޓިދާނެއެވެ. މިގޮތުން މޯގޭޖް ކުރެވޭނީ ނުވަތަ ރަހުނުގެ ގޮތުގައި ބެހެއްޓޭނީ،އެންމެ ލަސްވެގެން ކުއްޔަށް ހިފާ އެއްބަސްވުމުގެ މުއްދަތު ހަމަވާން 18 (އަށާރަ) މަސްދުވަހަށް ވުމުގެ ކުރިން އެ ލޯނު ނުވަތަ ދަރަނި އަދާކުރާ ގޮތުގެ މަތިންނެވެ. އަދި މޯގޭޖް ކުރެވޭނީ ނުވަތަ ރަހުނުގެ ގޮތުގައި ބެހެއްޓޭނީ، މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ލިބިދޭ އެއްވެސް ހައްގަކަށް އުނިކަމެއް ނުލިބޭނެ ގޮތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަށެއް ކުއްޔަށް ހިފާ ފަރާތުން މޯގޭޖް ކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާއިރު، މޯގޭޖް އެގްރީމަން ޓުގެ ދެލިކޮޕީ މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ. މިގޮތުގެ މަތިން ހުށަހެޅުމުން ، މޯގޭޖް ކުރުމަށް މިނިސްޓްރީން ހުއްދަދޭން ފެންނަނަމަ، މިނިސްޓްރީގެ ފަރާތުން ދައުލަތުގެ މާލީ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، ކުއްޔަށް ހިފާ ފަރާތަށް ލިޔުމުން އެކަން އެންގުމުން، ކުއްޔަށް ހިފާ ފަރާތުން މޯގޭޖް އެގްރީމަންޓް މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ފަޅު ރަށުގެ ރަޖިސްޓަރީ.
- މޯގޭޖް އެއްބަސްވުމާއި ލޯނު އެއްބަސްވުމުގެ ކޮޕީ.
- ރަހުނު ކުރަނީ ނުވަތަ މޯގޭޖްކުރަނީ، ކުރިން މޯގޭޖް ކޮށްފައިވާ ބޭންކް ނުވަތަ މާލީ އިދާރާ ފިޔަވައި އެހެން ބޭންކެއްގައި ނުވަތަ މާލީ އިދާރާއެއްގައި ކަމަށްވާނަމަ، ކުރިން ރަހުނު ކޮށްފައިވާ ނުވަތަ މޯގޭޖް ކޮށްފައިވާ ފަރާތުން އެކަމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
16 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު
(ހ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާ އެކު ގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ނުވަތަ ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކުރާ މަސައްކަތުގެ ސަބަބުން ކުއްޔަށް ހިފައިފައިވާ ފަޅު ރަށަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމުގެ ބަދަލު ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ދޭންވާނެއެވެ.
(ށ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާ އެކު ގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ނުވަތަ ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ކުރާ މަސައްކަތުގެ ސަބަބުން ކުއްޔަށް ހިފައިފައިވާ ފަޅު ރަށުގެ އެއްބަސްވުން މިނިސްޓްރީން ބާތިލުކޮށްފި ނަމަ، ރަށުގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ ބަދަލު، ކުއްޔަށް ހިފާ ފަރާތަށް ލިބިއެއް ނުދެވޭނެއެވެ.
(ނ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާ އެކު ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ކުއްޔަށް ހިފި ފަރާތުން އެ ރަށުގައި ބަހައްޓައިފައިވާ އުފުލޭ މުދާ ގެންދިޔުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާ އެކަށީގެންވާ މުއްދަތެއް ކުއްޔަށް ހިފާ ފަރާތަށް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ރ) ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއާ އެކު ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު ރަށުގައި ހުރި ނުއުފުލޭ މުދަލަކީ މިނިސްޓްރީގެ މިލްކެކެވެ. އަދި މި މުދަލުގެ ބަދަލު ކުއްޔަށް ހިފާ ފަރާތަށް ލިބިއެއް ނުދެވޭނެއެވެ.
17 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށުގެ ރުއްގަހާއި،ތިމާވެށްޓާއި، މައު ނަވީ ތަރިކަ ރައްކައުތެރިކުރުން
މި ގަވާއިދަށް އަމަލުކުރުމުގެ ކުރިން އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުން ރުއް ނުވަތަ ގަސް ކެނޑުމަށް/އުފުރުމަށް/ނެގުމަށް ބޭނުންވާނަމަ،އެކަން ކުރަންވާނީ މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުންނެވެ. މީގެ އިތުރުން، ރަށުގައި އުފެދިފައިވާ ކުޅި ފަދަ ގުދުރަތީ ވަސީލަތްތަކާއި މައުނަވީ ތަރިކަ ރައްކައުތެރިކޮށް ބެލެހެއްޓުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މަގުފަހިކޮށްދިނުމަކީ ރަށް ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ.
ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން
18 ވަނަ މާއްދާ - ވަރުވާއަށް ފަޅުރަށްރަށް ދޫކުރެވޭނެ ފަރާތްތައް
(ހ) ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ ޖަމްއިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ގާއިމުކުރެވޭ ސިޓީ ކައުންސިލަކަށް، ނުވަތަ އަތޮޅު ކައުންސިލަކަށް، ނުވަތަ ރަށު ކައުންސިލަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ރާއްޖެއިން ބޭރުގެ ގާނޫނީ ށަހްސަކަށް ފަޅުރަށެއް ވަރުވާއަށް ދޫކުރުމަށް ހުއްދައެއް ނުކުރެއެވެ.
19 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ދިނުމަށް އެދި ހުށަހެޅުން
ފަޅުރަށެއް ވަރުވާއަށް ހިފުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އާންމުކުރާ އިއުލާނުގައި ބަޔާންކޮށްފައިވާ ސެލެކްށަން ކްރައިޓީރިއާގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިނިސްޓްރީން ކަނޑައަޅާ އަގެއްގައި ބިޑް ޑޮކިޔުމަންޓް ވިއްކުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
20 ވަނަ މާއްދާ - ފަޅުރަށް ވަރުވާއަށް ލިޔެދެވޭ މުއްދަތު
މި ގަވާއިދުގެ ދަށުން ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ، 5 (ފަހެއް) އަހަރުދުވަހެވެ.
21 ވަނަ މާއްދާ - ވަރުވާ ކަނޑައެޅުން
(ހ) ފަޅުރަށްރަށުގެ ވަރުވާގެ މިންގަނޑަކީ، އަހަރަކަށް އަކަފޫޓަކަށް 5 (ފަހެއް) ލާރިއެވެ.
(ށ) ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއް ވަރުވާގެ ގޮތުގައި ދައްކާ ފައިސާ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ގަނޑުކޮށް ނުވަތަ 1 (އެކެއް) އަހަރުދުވަހުގެ ވަރުވާ އެ އަހަރަށް 4 (ހަތަރު) ޕޭމަންޓުގެ ގޮތުގައި ބަހައިލައިގެން ދެއްކިދާނެއެވެ.
22 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން
(ހ) ފަޅުރަށް ވަރުވާއަށް ދޫކުރެވޭނީ، އާންމުކޮށް އިއުލާނުކޮށްގެން ފަޅުރަށް ވަރުވާއަށް ގެންގުޅެން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބެލުމަށްފަހު، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަކުން ފަޅުރަށް ވަރުވާއަށް ހިފުމަށް އެދި ހުށަހަޅައިފައިވާނަމަ، އާންމުކުރާ އިއުލާނުގައި ބަޔާންކޮށްފައިވާ ސެލެކްށަން ކްރައިޓީރިއާގެ އުސޫލަށް ރިއާޔަތްކޮށެވެ.
(ށ) ފަޅުރަށް ވަރުވާއަށް ދޫކުރުމަށް އާންމުކޮށް އިއުލާނު ކުރުމުން، އެއް ފަރާތުން ބިޑު ހުށަހަޅައިފައިވާނަމަ، ރަށް އެ ފަރާތަށް ވަރުވާއަށް ދޫކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނީ، މިނިސްޓްރީއާއި އެ ފަޅުރަށެއް ވަރުވާއަށް ދިނުމަށް ކަނޑައަޅާ ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
23 ވަނަ މާއްދާ - ވަރުވާއަށް ދޫކުރެވޭނެ ފަޅުރަށްރަށް
ވަރުވާއަށް ދޫކުރެވޭނީ، ދައުލަތުގެ ބޭނުމަކަށް ކަނޑައަޅައިފައިވާ ފަޅުރަށާއި، ކުއްޔަށްދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި، މިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން، ވަރުވާއަށް ދޫކުރުމަށް މިނިސްޓްރީން ކަނޑައަޅާ ރަށްތަކެވެ.
24 ވަނަ މާއްދާ - ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްތައް މޮނިޓަރ ކުރުން
(ހ) މި ގަވާއިދުގެ ދަށުން ވަރުވާއަށް ދޫކުރާ ފަޅުރަށްރަށް ވަރުވާއަށް ދޫކުރި މަގްސަދާއި، މި ގަވާއިދުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ކުރިޔަށް ގެންދާކަން ކަށަވަރުކުރުމަށް މިނިސްޓްރީން އެ ފަޅުރަށްތައް މޮނިޓަރ ކުރަންވާނެއެވެ.
(ށ) ރަށް މޮނިޓަރކުރުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖެއްސުމުން، މޮނިޓަރ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެއްސުމަކީ ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެހެންނަމަވެސް، މިފަދައިން ކުއްޔަށް ހިފާ ފަރާތުގެ ހަރަދު ހަމަޖައްސުމަށް ލާޒިމްވަނީ ކުއްޔަށް ހިފާ އަހަރެއްގެ 1 (އެކެއް) މޮނިޓަރިންގދަތުރަށެވެ.
25 ވަނަ މާއްދާ - ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއްގެ އެއްބަސްވުމުގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުން
ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތަށް އެ ރަށެއް ވަރުވާއަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.
26 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ދީފައިވާ ފަރާތަކުން ވަކިކުރުން
(ހ) ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އާއި ނުވަތަ މި ގަވާއިދާ ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ދިނުމުގެ ށަރުތަކާ ހިލާފު ނުވާހައިހިނދަކު، ފަޅުރަށެއް ވަރުވާއަށް ދީފައިވާ ފަރާތަކުން، އެ ފަޅުރަށެއް ވަރުވާއަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ވަރުވާއަށް ކުއްޔަށް ދޫކޮށްފައިވާ ރަށް ނޯޓިސް ދިނުމަށްފަހު، އެއްބަސްވުން ބާތިލުކޮށްފައި، ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުގެ މަތިން ވަކިކުރާއިރު، މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަދަލުދީ ވަރުވާއަށް ލިޔެދީފައިވަ ފަރާތުގެ އަމިއްލަ ތަކެތި ގެންދިޔުމަށް މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތެއް މިނިސްޓްރީއަށް ދެވިދާނެއެވެ.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 2015 އެޕްރީލް 9 ވަނަ ދުވަހުގެ ކުރިން، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވަރުވާއަށް ދޫކުރުމަށްޓަކައި، ރަށް ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި ފަދައިން ވަކިކުރާ ފަރާތްތަކަށް، މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަދަލު ލިބިދެވޭނެއެވެ.
(ނ) ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އާ ނުވަތަ މި ގަވާއިދާ، ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމުގެ އެއްބަސް ވުމާ، ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުން ހިލާފުވެއްޖެ ހިނދެއްގައި، ފަޅުރަށެއް ވަރުވާއަށް ދީފައިވާ ފަރާތުން އެ ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މި ހާލަތުގައި ވަކިކުރާއިރު ވަރުވާއަށް ހިފާ ފަރާތަށް ރަށާ ގުޅިގެން އެއްވެސް ބަދަލެއް ދޭކަށެއް ނުޖެހޭނެއެވެ.
27 ވަނަ މާއްދާ - ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއް ވަކިކުރުމުގައި ބަދަލު ދިނުން
ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއް، މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ވަކިކުރާނަމަ، ވަރުވާގެ ގޮތުގައި ދައްކައިފައިވާ ފައިސާއިން، ހިނގާ އަހަރުގެ ބާކީ އޮތް ދުވަހަށްވާ ފައިސާ އަނބުރާ ލިބިދެވޭނެއެވެ.
28 ވަނަ މާއްދާ - ވަރުވާއަށް ހިފާ ފަރާތުގެ ޒިންމާތައް
ފަޅު ރަށްރަށް ވަރުވާއަށް ހިފާ ފަރާތުން، ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން، ފަޅުރަށްރަށުގައި ރުއްގަސް އިންދައި އެ ރަށްރަށް ދިރުވައި ބަލަހައްޓަންވާނެއެވެ.
29 ވަނަ މާއްދާ - ވަރުވާއަށް ދޫކުރާ ފަޅުރަށްރަށުގައި މަސައްކަތް ކުރުން
(ހ) ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއްގައި އެއްވެސް މަސައްކަތެއް ކުރެވޭނީ، އެ މަސައްކަތެއް ކުރުމަށް އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހުއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގައި މަންފާ ހޯދުމުގެ ގޮތުން އަންނަނިވި މަސައްކަތްތައް މިނިސްޓްރީގެ ހުއްދަ ހޯދުމަކާނުލައި ކުރެވިދާނެއެވެ.
- ރަށުގައިވާ ރުކުން ލިބޭ ތަފާތު ތަކެތި ވިއްކުން. މިގޮތުން ކާށި، ކުރުނބާ،ފަން، ރުކުރާ ފަދަ ތަކެތި ވިއްކިދާނެއެވެ.
- ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭހެން ބޮޑު ސަރަހައްދެއް ސާފުނުކޮށް ބާއްވައިގެން، ކުދިގަހުގެ ނާސަރީއެއް ގާއިމްކުރުން. މިފަދަ ކަމަކަށް ރަށުން އެއްވެސް ރުކެއް ނުވަތަ ގަހެއް ކަނޑައިގެން ނުވާނެއެވެ.
- ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނެހެން ބޮޑު ސަރަހައްދެއް ސާފުނުކޮށް ބާއްވައިގެން، ކުރު މުއްދަތެއްގެ ތެރޭގައި ހެދި ބޮޑުވާ ޒާތުގެ ތަރުކާރީއާއި މޭވާ ހެއްދުން. މިގޮތުން، ހެއްދުމުގައި ބިމުގައި ހެއްދުމަށްވުރެ ބޮޑަށް އެހެނިގެން ވަސީލަތްތައް ބޭނުންކޮށްގެން (ހަންބުރި ފަދަ ތަކެތީގައި) ހެއްދޭ ބާވަތްތައް ހެއްދުން. މިފަދަ ކަމަކަށް ރަށުން އެއްވެސް ރުކެއް ނުވަތަ ގަހެއް ކަނޑައިގެން ނުވާނެއެވެ.
- ރަށުގައިވާ ބޮޑެތި ރުއްގަސް ނުކަނޑައި، އިތުރަށް ރުއްގަސް އިންދާނެ ޖާގަ އޮތްނަމަ، އެ ޖާގައިގައި ރުކާއި، ބަނބުކެޔޮ ގަސް ފަދަ ބޮޑެތިވާ، ދިގު މުއްދަތަކުން ހެދިބޮޑުވާ ޒާތުގެ ގަސް އިންދައި، އެ ގަސްތަކުން އިތުރު މަންފާ ހޯދުން.
- ރަށުގައިވާ ގަސްގެހާގެހިން ލިބެންހުރި އެހެނިހެން ތަފާތު ވައްތަރުގެ ކެއުމަށް ބޭނުންކުރެވިދާނެ ނުވަތަ ބޭސްވެރިކަމަށް ބޭނުންކުރެވިދާނެ ތަކެތި، ވެށްޓަށް ގެއްލުން ނުލިބޭގޮތަށް ހޮވައިގެން ބޭނުންކުރުމާއި ވިއްކުން (މިސާލު: ކަނަމަދު، އަހިވައް، ކުއްޅަވައް)
- ރަށުތެރެއަށް ދޫކޮށްގެން ކުކުޅާއި އަސްދޫނި ފަދަ ތަކެތި ގެންގުޅުމުގެ މަސައްކަތްކުރުން. (މި މަސައްކަތަށް ރަށުން ގަސްކަނޑައި، ބިން ސާފުކޮށްގެން، ހިޔާކޮށްފައިވާ ބޮޑެތި ކޮށި އަޅައި ހެދުމަކީ މަނާ ކަމެކެވެ.)
- ރަށުގެ ފަޅަށް ނުވަތަ ގޮނޑުދޮށަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް،ރަށުގެ ފަޅުން، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާ ހިލާފުނުވާ ގޮތެއްގެ މަތިން މަސް ހިފުން ނުވަތަ ގޮނޑުދޮށުގެ ބޭނުންކުރުން. މިކަމަށް ފަޅާއި ގޮނޑުދޮށުގެ ބޭނުން ހިފާއިރު، ދޫނި ޖައްސާ ނުވަތަ ވެލާ އަރާ ނުވަތަ ވެލާ ބިސް އަޅާ ސަރަހައްދުތަކަށް ގެއްލުމެއް ނުވާނެ ގޮތެއްގެ މަތިން އަމަލުކުރަންވާނެއެވެ.
(ނ) ވަރުވާއަށް ހިފައިފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ކުރާ މަސައްކަތްތަކަށް ބަދަލެއް ނުދެވޭނެއެވެ. ނަމަވެސް، ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، މިނިސްޓްރީން ކަނޑައަޅާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ވަރުވާއަށް ހިފައިފައިވާ ފަރާތުގެ އުފުލޭ މުދާ ފަޅުރަށުން ގެންދިޔުމުގެ ފުރުސަތު، ވަރުވާއަށް ހިފައިފައިވާ ފަރާތަށް ދޭންވާނެއެވެ.
(ރ) ވަރުވާއަށް ހިފައިފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ އިހްތިޔާރެއް، ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެނެއް ނުވެއެވެ.
(ބ) ވަރުވާއަށް ފަޅު ރަށްރަށް ހިފާ ފަރާތުން ގާނޫނާ ހިލާފުވާ ހާލަތުގައި، އެ ފަރާތެއް 10،000 (ދިހަ ހާސް) ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
އެހެނިހެން
30 ވަނަ މާއްދާ - އިސްތިސްނާ
(ހ) ދައުލަތުގެ ބޭނުންތަކަށް ކަނޑައެޅިފައިވާ ރަށްރަށާއި، ސީދާ ސަރުކާރުން އެކިއެކި މަށްރޫއު ހިންގާ ރަށްރަށާއި، ސަރުކާރުގެ %100 (ސައްތައިން ސައްތަ) ހިއްސާވާ ކުންފުނިތަކުން އެކިއެކި މަސައްކަތް ހިންގާ ރަށްރަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ސަރުކާރާ ބައިވެރިވެގެން އެކިއެކި މަސައްކަތް ހިންގާ ރަށްރަށް، ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާކޮށް، ރަށްރަށް ހަވާލުކުރުމުގައި މިނިސްޓްރީއާއި އެ ފަރާތަކާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ރަށް ހަވާލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ރަށަކާ ގުޅިގެން އަންނަނިވި ކަންކަމެއް ނުކުރެވޭނެއެވެ.
- ރަށް އެކީއެކަށް އިތުރު ފަރާތަކަށް ސަބްލީސްއެއް ނުކުރެވޭނެއެވެ.
- ރަށުގައި ކުރާ އިންވެސްޓްމަންޓް ވިއްކައެއް ނުލެވޭނެއެވެ.
- ރަށް ހިފާ ކުންފުނީގެ ހިއްސާ ބަދަލެއް ނުކުރެވޭނެއެވެ.
31 ވަނަ މާއްދާ - އެއްވެސް ފަރާތަކަށް ދޫނުކޮށް ހުންނަ ފަޅުރަށްރަށް
އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކޮށްފައިނުވާ ނުވަތަ ވަރުވާއަށް ދޫކޮށްފައިނުވާ ފަޅުރަށްރަށް ކުއްޔަށް ދެވެންދެން ނުވަތަ ވަރުވާއަށް ދެވެންދެން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ އިދާރާއަކާ ދެމެދު އެއްބަސްވާ މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުން ބެލެހެއްޓުމަށް އެ އިދާރާއަކަށް ހަވާލުކުރެވިދާނެއެވެ.
32 ވަނަ މާއްދާ - ފަޅުރަށުން ވެލި ނެގުން
މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، އެއްވެސް ފަރާތަކުން، މިނިސްޓްރީގެ ހަވާލުގައިވާ ފަޅުރަށަކުން ވެލި ނެގުމަކީ މަނާކަމެކެވެ.
33 ވަނަ މާއްދާ - ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ނުވަތަ ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ މައުލޫމާތު ބަދަލުވުން
ފަޅުރަށެއް ކުއްޔަށް ހިފައިފައިވަނީ ނުވަތަ ވަރުވާއަށް ދޫކޮށްފައިވަނީ ކުންފުންޏެއް ނަމަ، ކުންފުނީގެ ށެއަރ ހޯލްޑަރުން، ޕާޓްނަރށިޕެއް ނަމަ، ޕާޓްނަރށިޕްގެ ބައިވެރިން،ކޯޕަރޭޓިވް ސޮސައިޓީއެއްގައި ނަމަ، ކޯޕަރޭޓިވް ސޮސައިޓީގެ މެންބަރުން ނުވަތަ ޖަމްއިއްޔާއެއް ނަމަ، މެންބަރުން އެއްވެސް ސަބަބަކާހުރެ ބަދަލުވެއްޖެނަމަ، އެ އަންނަ ބަދަލުތައް 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ. އަދި ފަޅުރަށެއް ކުއްޔަށް ހިފައިފައިވާ ނުވަތަ ވަރުވާއަށް ހިފައިފައިވާ ފަރާތުގެ އެޑްރެސް ނުވަތަ މުއާމަލާތު ކުރުމަށް ގުޅޭނެ ތަފުސީލުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ އަންނަ ބަދަލުތައް، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ.
34 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ދައުލަތުގެ ބޭނުން" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ތަރައްގީގެ މަށްރޫއެއްގެ ދަށުން ނުވަތަ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއްގެ ސަބަބުން ނުވަތަ ރާއްޖޭގެ ބިނާވެށީގެ ޕްލޭނުގެ ދަށުން ކުރިންސުރެ ވަކި ކަމަކަށް ރޭވިފައިވާ ގައުމީ މަސައްކަތަކަށް، ނުވަތަ މުޅި ގައުމުގެ އިގްތިސާދަށް ފައިދާކުރާނެ ފަދަ މަށްރޫއެއް ހިންގުމަށެވެ.
(ށ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ފަޅު ރަށްރަށާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ނ) "ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 500 (ފަސް ސަތޭކަ) މީޓަރުގެ ސަރަހައްދު ނުވަތަ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އިތުރުކުރާ ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ.
(ރ) "އާންމު ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ އޮޑިދޯނިފަހަރު ލަފާ ފުރުމަށް ބޭނުންވާ ޖެޓީ/ފާލަން ހެދުމަށާއި، ފަޅުގައި ބާއްވަންޖެހޭ އޮޑިދޯނިފަހަރު ބޭއްވުމަށެވެ.
(ބ) "ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނީ ކެރިކުޅަދާނަކަމަށާއި، މާއްދީ ވަސީލަތްތަކަށާއި، އިގްތިސާދީ ވަސީލަތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ. އިތުރު ތަފުސީލު: "ކާރިސާ" މާނަކުރުމުގައި އާންމުކޮށް 3 (ތިނެއް) ކަމަކަށް ބަލަންޖެހެއެވެ. އެއީ މުޖުތަމައެއް ނުރައްކަލަކަށް ހާމަކޮށް ހުޅުވިފައިވާ މިންވަރާއި، ނާޒުކުކަމާއި، ތަހައްމަލް ކުރުމަށް ނުކުޅެދުންތެރިވެފައިވާ މިންވަރެވެ.
(ޅ) "ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުންޏަށެވެ.
(ކ) "ޕާޓްނަރށިޕް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ޕާޓްނަރށިޕަށެވެ.
(އ) "ޖަމްއިއްޔާ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2003-01 (ޖަމްއިއްޔާތަކާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމްއިއްޔާތަކަށެވެ.
(ވ) "ކޯޕަރޭޓިވް ސޮސައިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
(މ) "ވަރުވާ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީއަށް ދެއްކުމަށް މިނިސްޓްރީއާއި ވަރުވާއަށް ރަށެއް ނަގާ ފަރާތާއެކު އެއްބަސްވެވޭ ފައިސާގެ އަގަށެވެ.
(ފ) "ވަރުވާއަށް ދޫކުރުން" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށްރަށުގެ ގު ދުރަތީ ވެށްޓަށް ބަދަލު ނުގެނެސް ފަޅުރަށްރަށް ބެލެހެއްޓުން ހަވާލުކުރުމަށެވެ.
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ފަޅުރަށްރަށާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-95)
ކިޔުންތެރިންގެ ހިޔާލު