-

ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-95) 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-37)

ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-95) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

20. މި ގަވާއިދުގެ ދަށުން ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ، 10 (ދިހައެއް) އަހަރުދުވަހެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26. (ހ) ގާނޫނު ނަންބަރު 1998-20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އާ ނުވަތަ މި ގަވާއިދާ ނުވަތަ ފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާ، ފަޅުރަށް ވަރުވާއަށް ދީފައިވާ ފަރާތުން ހިލާފު ނުވިނަމަވެސް، ފަޅުރަށް ވަރުވާއަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ރަށެއް ސަރުކާރުގެ ބޭނުމަށް ނަގަން ޖެހިއްޖެ ނަމަ، ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތަށް ނޯޓިސް ދިނުމަށްފަހު، އެއްބަސްވުން ބާތިލުކޮށް، ވަރުވާއަށް ދޫކޮށްފައިވާ ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ގާނޫނު ނަންބަރު 20/1998 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު) އާ ނުވަތަ މި ގަވާއިދާ ނުވަތަ އެ ފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާ، ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުން ހިލާފުވެއްޖެ ހިނދެއްގައި، ފަޅުރަށް ވަރުވާއަށް ހިފައިފައިވާ ފަރާތުން އެ ރަށް ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަޅުރަށެއް ވަރުވާއަށް ހިފައިފައިވާ ފަރާތުން އެ ރަށެއް ވަކިކުރާ ހާލަތުގައި، ވަރުވާއަށް ހިފައިފައިވާ ފަރާތަށް އެ ރަށާ ގުޅިގެން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް، ވަރުވާއަށް ހިފައިފައިވާ ފަރާތުގެ އަމިއްލަ އުފުލޭ މުދާ ގެންދިޔުމަށް މިނިސްޓްރީން ކަނޑައަޅާ މުއްދަތެއް މިނިސްޓްރީން ދޭންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށް، އަންނަނިވިގޮތަށް މި މާއްދާ އިސްލާހުކުރުން.

ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއް ވަކިކުރުމުގައި ވަރުވާގެ ގޮތުގައި ދައްކައިފައިވާ ފައިސާ އަނބުރާ ދިނުން 27.

ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރުވާއަށް ދޫކޮށްފައިވާ ރަށެއް މި ގަވާއިދުގެ 26 ވަނަ މާއްދާގެ ދަށުން ވަކިކުރާނަމަ، ވަރުވާގެ ގޮތުގައި ދައްކައިފައިވާ ފައިސާއިން، ހިނގާ އަހަރުގެ ބާކީ އޮންނަ ދުވަހަށްވާ ފައިސާ، ވަރުވާއަށް ހިފައިފައިވާ ފަރާތަށް ލިބދެވޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާ، އެ މާއްދާގެ (ހ) ގެ ގޮތުގައި ހިމަނައި، އެ މާއްދާއަށް (ށ) ގެ ގޮތުގައި އަންނަނިވި އަކުރެއް އިތުރުކުރުން.

28 (ށ) ފަޅު ރަށްރަށް ވަރުވާއަށް ހިފާ ފަރާތުން، ރަށަށް ގެއްލުން ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި ރަށް ބަލަހައްޓާ މީހުން ރަށުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ރަށުގައި ހަދަންވާނެއެވެ. މިފަދައިން ތަނެއް ހެދުމުގައި، ތަނުގެ ޑިޒައިނާއެކު މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، އެ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

29 (ށ)

(2) ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭހެން ކުދިގަހުގެ ނާސަރީއެއް ގާއިމްކުރުން. މިފަދަ ކަމަކަށް ރަށުން އެއްވެސް ރުކެއް ނުވަތަ ބޮޑު ގަހެއް ކަނޑައިގެން ނުވާނެއެވެ.
(3) ރަށުގެ ވެށްޓަށް ގެއްލުން ނުލިބޭނޭހެން، ކުރު މުއްދަތެއްގެ ތެރޭގައި ހެދި ބޮޑުވާ ޒާތުގެ ތަރުކާރީއާއި މޭވާ ހެއްދުން.

(ރ) ވަރުވާއަށް ހިފައިފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިހްތިޔާރެއް، ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެނެއް ނުވެއެވެ. 

 

6 ވަނަ މާއްދާ - 6 .ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާއަށް (ދ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.
34. (ދ)

"ބޮޑު ގަހެއް" ކަމުގައި ބުނެފައި އެވަނީ، ކަމާބެހޭ އިދާރާއިން ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދުގައި "ބޮޑު ގަހެއް" ކަމުގައި ބަލާ މިންގަނޑަށް ފެތޭ ގަސްގަހަށެވެ.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-95)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު