-

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 11/2011)

 

 

ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހުއްދަ މިނިސްޓްރީ އިން ދޫކުރާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ.

 

2 ވަނަ މާއްދާ – ބުނެވެދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގެގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކޮށް، އެމާއްދާގެ (ރ) އެއީ އެމާއްދާގެ (ބ) ކަމުގައި ހަމަޖައްސައި، އޭގެ ފަހަތުން އަންނަ އަކުރުތައް ތަރުތީބުކުރުން.

މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހުއްދައިގެ މުއްދަތަކީ، އެ އުޅަނދަށް މޯލްޑިވްސް ކަސްޓްމްސް ސަރވިސްއިން ޓޫރިސްޓް އުޅަނދަށް އިންވާޑް ކްލިއަރެންސް ދެއްވާ ދުވަހުން ފެށިގެން 7 ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކުރުމާއި ދުއްވުމުގެ ހުއްދަ ހޯދުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ހުއްދަ ހޯދުމަށްޓަކައި 5،000 (ފަސްހާސް) ރުފިޔާގެ ފީއެއް މިނިސްޓްރީ އަށް ދައްކަންޖެހޭނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގައި ވަކި މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، ގެނެވުނު އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

5 ވަނަ މާއްދާ – މި ގަވާއިދަށް މިގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމުންނެވެ.

 

މައި ގަވާއިދު

ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2/2010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު ފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު