-

އިމިގްރޭށަން އޮފިސަރުންގެ ގަވާއިދު

(ގަވާއިދު ނަންބަރު 2013-57)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 18 ޖުލައި 2012 ގައި)

 

މިއީ 1 އޭޕްރީލް 2013 ގައި އަމަލުކުރަން ފެށި ޑިޕާރްޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ އިމިގްރޭށަން އޮފިސަރުންގެ އައު މަގާމުތަކުގެ އޮނިގަނޑާ ގުޅިގެން، މަސައްކަތު ގަޑިއާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި، ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތައް ކަނޑައަޅައި، 30 މެއި 2013 ގައި ކޮމިށަނުން ފާސްކޮށްފައިވާ ގަވާއިދެކެވެ.

 

1 ވަނަ މާއްދާ – ތައާރުފު

(ހ) މި ގަވާއިދަކީ 01 އޭޕްރީލް 2013 ގައި އަމަލުކުރަން ފެށި ޑިޕާރްޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަންގެ "އިމިގްރޭށަން އޮފިސަރުން" ގެ އައު އޮނިގަނޑާ ގުޅިގެން އެ މުވައްޒަފުން އަމަލުކުރުމަށް ހަދާފައިވާ ހާއްސަ ގަވާއިދެކެވެ. މި ގަވާއިދުގައި ހިމެނިގެންވަނީ އިމިގްރޭށަން އޮފިސަރުންގެ މަސައްކަތު ދުވަހާއި މަސައްކަތު ގަޑިއާއި ބަންދު ދުވަސްތައް އަދި ޗުއްޓީތައް ހަމަޖައްސާނެ އުސޫލެކެވެ. މި ގަވާއިދުގައި ނުހިމެނޭ އެންމެހައި ކަންތައްތަކުގައި އަމަލުކުރާނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ގައިވާ ގޮތުގެ މަތިންނެވެ.

(ށ) މި ގަވާއިދަކީ، ދިވެހި ސިވިލް ސާރވިސްގެ ގަވާއިދުގައި ހިމެނޭ، އެގަވާއިދުގެ ބައެކެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖޫން 2013 އިން ފެށިގެންނެވެ.

 

2 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގަވާއިދުގައި "ޑިޕާޓްމަންޓް" ކަމުގައި ބުނެފައި އެވަނީ، ޑިޕާރްޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން އެވެ.

(ށ) މި ގަވާއިދުގައި "އިމިގްރޭށަން އޮފިސަރުން" ކަމުގައި ބުނެފައި އެވަނީ، ޑިޕާރްޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ގައި މަސައްކަތް ކުރާ ޔުނީފޯމު އޮފިސަރުންނަށެވެ.

 

3 ވަނަ މާއްދާ - އިމިގްރޭށަން އޮފިސަރުންގެ މަސައްކަތް

މި ގަވާއިދުގެ ބޭނުމަށް އިމިގްރޭށަން އޮފިސަރުންގެ މަސައްކަތް ބެހިފައިވަނީ 2 ބަޔަކަށެވެ. އެބައިތަކަކީ،

(ހ) ޑިޕާޓްމަންޓް މެންޑޭޓާ ގުޅޭ ހިދުމަތްތަކުގެ ތެރެއިން ކަނޑުދަތުރުކުރާ އުޅަނދުފަހަރާއި، މަތިންދާބޯޓެއް އައުމާއި ފުރުމާ ގުޅުންހުރި ހިދުމަތްތަކާއި މަސައްކަތްތައް.

(ށ) ޑިޕާޓްމަންޓްގެ އާންމު ހިދުމަތްތަކާއި މައި އޮފީހުން ދޭ ހިދުމަތްތަކާ ގުޅޭ މަސައްކަތްތައް.

 

4 ވަނަ މާއްދާ – އިމިގްރޭށަން އޮފިސަރުންގެ މަސައްކަތު ގަޑި

(ހ) އިމިގްރޭށަން އޮފިސަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ދުވާލަކު 8 (އަށެއް) ގަޑިއިރެވެ.

(ށ) ޑިޕާޓްމަންޓްގެ ހިދުމަތްތަކުގެ ތެރެއިން ކަނޑުދަތުރުކުރާ އުޅަނދުފަހަރާއި މަތިންދާބޯޓެއް އައުމާއި ފުރުމާ ގުޅޭ މަސައްކަތް ކުރާ އޮފިސަރުންނަށް، މަސައްކަތް އޮންނާނީ ޑިޕާޓްމަންޓްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިޕެލޮޕްމަންޓް ކޮމިޓީއިން ކަނޑައަޅާ ދަންފަޅީގެ އުސޫލުންނެވެ.

(ނ) މަސައްކަތު ހަފުތާ ހަމަޖެހިފައިވާ ގޮތުން ހަފުތާއަކު 6 (ހައެއް) ދުވަހު މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ދަންފަޅި ހަމަޖައްސާނީ، މިގަވާއިދާއި ވަޒީފާއާ ބެހޭ ގާނޫނުގައިވާ އުސޫލުތަކާ އެއްގޮތަށެވެ.

(ރ) ކަނޑުދަތުރުކުރާ އުޅަނދުފަހަރާއި މަތިންދާބޯޓެއް އައުމާއި ފުރުމާ ގުޅޭ އިމިގްރޭށަންގެ ހިދުމަތުގެ ރަސްމީ މަސައްކަތު ގަޑީގެ ދިގުމިނަކީ ދަންފަޅީގެ އުސޫލުން ދުވާލަކު 8 (އަށެއް) ގަޑިއިރެވެ. ނަމަވެސް ރަމަޒާން މަހުގައި މުވައްޒަފުންނަށް ލުއިވާނޭހެން ދަންފަޅި ހަމަޖެއްސިދާނެއެވެ.

(ބ) ދަންފަޅި އުސޫލުން މަސައްކަތް ކުރަންޖެހޭ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑީގެ ތެރެއިން ރަމަޒާންމަސް ފިޔަވައި އެހެން މަސްމަހު، މަސައްކަތުގެ ވަގުތުގެ ތެރެއިން ކެއުމަށާއި ނަމާދުކުރުމަށް 1 (އެކެއް) ގަޑިއިރު ހުސްވަގުތުކޮޅެއް ދެވޭނެއެވެ. ރަމަޒާން މަހުގައި ރަސްމީ މަސައްކަތު ގަޑީގެ ތެރެއިން 15 (ފަނަރަ) މިނެޓްގެ ހުސްވަގުތުކޮޅެއް ނަމާދުކުރުމަށް ދެވޭނެއެވެ. މި ވަގުތުކޮޅު ހަމަޖައްސާނީ ހިދުމަތަށް ބުރޫ ނާރާނެ ފަދައިން މުވައްޒަފުންގެ މެދުގައި މަސައްކަތް ބަހާލައިގެންނެވެ.

(ޅ) ޑިޕާޓްމަންޓްގެ އާންމު ހިދުމަތްތަކާ ގުޅޭ މަސައްކަތް އޮންނާނީ ސަރުކާރުގެ ރަސްމީ ގަޑީގައެވެ.

 

5 ވަނަ މާއްދާ – އިތުރުގަޑީގައި މަސައްކަތް ކުރުވުން

1 އޭޕްރީލް 2013 ގައި އަމަލުކުރަން ފެށި އިމިގްރޭށަން އޮފިސަރުންގެ މުސާރައިގެ އޮނިގަނޑުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހިސާބުކޮށްފައި ވާނީ، ދުވާލަކު 8 (އަށެއް) ގަޑިއިރުގެ މަސައްކަތަށެވެ. ވުމާއެކު، އިމިގްރޭށަން އޮފިސަރުންގެ އިތުރުގަޑި ހިސާބުކުރާނީ ދުވާލަކު 8 (އަށެއް) ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރަންޖެހި، ހުއްދަ ލިބިގެން މަސައްކަތްކުރި ވަގުތަށެވެ.

 

6 ވަނަ މާއްދާ - ގަޑިއަށް ހާޒިރުވުން

(ހ) ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 151 ވަނަ މާއްދާގައިވާ ފަދައިން، ޑިޕާޓްމަންޓާ ގުޅޭ އެންމެހައި މަސައްކަތަކީ، ރައްޔިތުންނާ ވަރަށް ގާތުން ދެވޭ އަދި ގައުމުގެ ސަލާމަތާއި ސިޔާދަތު ރައްކާތެރިކުރުމުގެ ވަރަށް މުހިއްމު މަސްއޫލިއްޔަތުތަކެއް އަދާކުރާ ހިދުމަތެއް ކަމުން، ކޮންމެ މުވައްޒަފެއްވެސް، އެ މުވައްޒަފު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު، މަސައްކަތަށް ބުރޫ ނާރާނެހެން ގަޑީއަށް ފަރުވާ ބަހައްޓައިގެން ހާޒިރުވާން ވާނެއެވެ. ގަޑިއަށް ހާޒިރުނުވެވޭ ފަދަ އުޒުރެއް މެދުވެރިވެގެން، ހާޒިރުވާންޖެހޭ ގަޑިއަށްވުރެ 30 (ތިރީސް) މިނެޓް ލަސްވެއްޖެނަމަ، ލަސްވި ސަބަބު އެ މުވައްޒަފެއްގެ ސުޕަވައިޒަރަށް އަންގަންވާނެއެވެ. އަދި މިފަދައިން ރިޕޯޓްކުރާ މުވައްޒަފުން ލަސްވި ސަބަބު ރިކޯޑްކުރަން ހަމަޖައްސާފައި އޮންނަ އުސޫލުން އެ ސަބަބެއް ރިކޯޑްކުރަން ވާނެއެވެ.

(ށ) މުވައްޒަފުން މަސައްކަތު ގަޑިޔަށް ހާޒިރުވެފައިވަނީ މަސައްކަތު ގަޑީގެ ބޮޑުބައި (4 ގަޑިއިރަށް ވުރެ ގިނައިރު) ފާއިތުވި ފަހުން ކަމުގައި ވަނީނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތް ކުރުމުގެ ހުއްދަ އެ މުވައްޒަފަށް ނުދެވޭނެއެވެ. މިފަދަ މުވައްޒަފުންނާމެދު ގަވާއިދުގައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ބަންދު ދުވަސްތަކާއި މުވައްޒަފަށް ދެވޭ ޗުއްޓީ

(ހ) އިމިގްރޭށަން އޮފިސަރުންނަށް އަންނަނިވި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެވެ.

ގައުމީ ދުވަސް.

މިނިވަން ދުވަސް.

ޖުމްހޫރީ ދުވަސް.

ހިޖުރީ އަހަރުގެ ފުރަތަމަ ދުވަސް.

މީލާދީ އަހަރުގެ ފުރަތަމަ ދުވަސް.

ރަމަޒާންމަހުގެ ފުރަތަމަ ދުވަސް.

ފިތުރު އީދު ދުވަސް.

ހައްޖު ދުވަސް.

އަޒުހާއީދު ދުވަސް.

ނަސްރު ދުވަސް.

ކީރިތި ރަސޫލާ އީދުމީލާދު ދުވަސް.

ރާއްޖެ އިސްލާމްވި ދުވަސް.

ކޮންމެ ހަފުތާއަކު ހުކުރު ދުވަސް.

ބަންދު ދުވަސް ކަމަށް ކަނޑައަޅާފައިވާ ދުވަހެއްގައި މުވައްޒަފަކު ވަޒީފާއަށް ނުކުންނަން ޖެހިއްޖެނަމަ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތީން، ބަންދު ދުވަހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރުގަޑިއާއި ބަންދު ދުވަހެއްގައި މަސައްކަތް ކުރާތީ ދޭ އިނާޔަތް ދެވޭނެއެވެ.

(ނ) އިމިގްރޭށަން އޮފިސަރުންގެ ޗުއްޓީތައް ހަމަޖައްސާނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ރ) އިމިގްރޭށަން އޮފިސަރުންނަށް ޗުއްޓީތައް ދިނުމުގައި ބަންދު ދުވަސް ހިމަނަންޖެހޭ ޗުއްޓީތަކުގައި ބަންދު ދުވަހުގެ ގޮތުގައި ހިމަނާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކެވެ.

 

8 ވަނަ މާއްދާ -  ހިންގުމުގެ އިސް މަގާމުތަކުގެ މުވައްޒަފުން

(ހ) 1 އޭޕްރީލް 2013 އިން ފެށިގެން އަމަލުކުރަން ފެށި އިމިގްރޭށަން އޮފިސަރުންގެ މަގާމުތަކުގެ އޮނިގަނޑުގެ ހިންގުމުގެ އެންމެ އިސް މަގާމުތަކުގެ ފަންތި ކަމުގައި ކަނޑައަޅާފައިވާ މަގާމުތަކަކީ، ގާނޫނު ނަންބަރު 2/2008 ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުން އެ ގާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވޭ މުވައްޒަފުންނެވެ. އެއީ އިމިގްރޭށަން އޮފިސަރުންގެ އޮނިގަނޑުގެ ސީއެސް 13 އިން ސީއެސް 16 އާ ދެމެދުގައިވާ މަގާމުތަކެވެ.

(ށ) ވަޒީފާއާ ބެހޭ ގާނޫނުގެ 4 ވަނަ ބާބުން މި މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ މުވައްޒަފުން އިސްތިސްނާ ކުރެވުނު ކަމުގައި ވީ ނަމަވެސް، އެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންތައްތައް ހަމަޖައްސާނީ ދިވެހި ސިވިސް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީންނެވެ.

(ނ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ އެމީހުންގެ ލަޔާގަތާއި ގާބިލިއްޔަތާއި، ލިބިފައިވާ ހުނަރާއި ތައުލީމުގެ އެހީގައި ޑިޕާޓްމަންޓް ފުރިހަމަ ގޮތުގައި ހިންގުމަށް ކެނޑިނޭޅި މަސައްކަތްކުރަން ޖެހޭ ބައެކެވެ. އެހެންކަމުން ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ، ގިނަ ވަގުތު އެމީހުންގެ ވިސްނުމާއި ފިކުރު އަދި އަމަލީ ހުނަރުތައް ޑިޕާޓްމަންޓްގެ ބޭނުމަށް ހޭދަކުރަންޖެހޭ ބައެކެވެ. ވުމާއެކު، ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ އިތުރުގަޑިއާއި، ގަޑިޖެހުމުން އިސްތިސްނާވާ މުވައްޒަފުންނެވެ. ނަމަވެސް އެމުވައްޒަފުންނަކީ އެބަޔަކާ ނުލައި ޑިޕާޓްމަންޓްގެ މަސައްކަތް ފުރިހަމަ ގޮތުގައި ހިންގުމަށް ބުރޫއަރާނެ ބަޔަކަށްވާތީ އާއި، އެހެނިހެން ފަންތިތަކުގެ މުވައްޒަފުންނަށް ނަމޫނާއެއްގެ ގޮތުގައި ހުރިހާ ވަގުތެއްގައިވެސް މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނެވެ. ވުމާއެކު، ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުން ވަޒީފާއަށް ހާޒިރުވުމަށް ކަނޑައަޅާފައިވާ ވަގުތަށް ހާޒިރުވުމާއި، ގިނަ ވަގުތު އޮފީހުގެ މަސައްކަތުގައި މުވައްޒަފުންނާ އެކީ ށާމިލުވާން އިސްކަން ދޭންވާނެއެވެ.

(ރ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުން، ރަމަޒާންމަސް ނޫން އެހެން މަސްމަހު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ގެ ކުރިން އަދި ރަމަޒާންމަހު ހެނދުނު 9:30 ގެ ކުރިން އޮފީހަށް ހާޒިރުވެ ރިކޯޑްކުރަން އޮންނަ އުސޫލަކުން އެކަން ރިކޯޑްކުރަން ވާނެއެވެ.

(ބ) އެއްވެސް ސަބަބަކާ ހުރެ، ޑިޕާޓްމަންޓަށް ހާޒިރުވާން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވެވޭގޮތް ދިމާވެއްޖެނަމަ، އެކަން ޒިންމާދާރުވެރިޔާއަށާއި ހާޒިރީ ބަލަހައްޓާ ފަރާތަކަށް، އެދުވަހުގެ 9:30 ގެ ކުރިން އަންގައި ރިކޯޑް ކުރަން އޮންނަ އުސޫލުން ރިކޯޑްކުރަން ވާނެއެވެ. ހާޒިރު ނުވެވުނު ޒިންމާދާރުވެރިޔާއަށް ނަމަ، އެކަން އޮފީހުގެ އިސްވެރިޔާއަށް އެދުވަހުގެ 9:30 ގެ ކުރިން އަންގައި ރިކޯޑް ކުރަން އޮންނަ އުސޫލުން ރިކޯޑްކުރަން ވާނެއެވެ. ވަކި ގޮތެއް ނާންގާ މަސައްކަތުގަޑި ފެށޭތާ 2 (ދޭއް) ގަޑިއިރަށްވުރެ ގިނައިރު ވެއްޖެނަމަ، އެދުވަހަކީ އޮފީހަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި ބެލެވޭނެއެވެ.

(ޅ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންގެ ސަލާމުގެ ޗުއްޓީ ނެގުމުގައާއި ރިކޯޑް ކުރުމުގައި އަމަލުކުރާނީ، އެހެން މުވައްޒަފުންނާ އެއް އުސޫލަކުންނެވެ. ނަމަވެސް ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްފަޒުން ކޮންމެ މީލާދީ މަހެއްގެ ތެރޭގައި 2 (ދޭއް) ދުވަހަށްވުރެ އިތުރަށް ސަލާމް ބުނާނަމަ، އިތުރަށް ސަލާމުގެ ޗުއްޓީ ނަގާ ދުވަސްތަކަށް ދިވެހި ސިވިސް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ސިއްހީ އެހީތެރިއަކު ދޫކުރާ ސަލާމްގެ ސެޓްފިކެޓް ހުށަހަޅަން ޖެހޭނެއެވެ.

(ކ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަށް ކޮންމެ މީލާދީ އަހަރެއްގައި 30 (ތިރީސް) ދުވަހުގެ ސަލާމުގެ ޗުއްޓީ ދެވޭނެއެވެ.

(އ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަށް ލިބޭ، ބަންދު ދުވަސްތަކާއި އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތައް ހަމަޖައްސާނީ އެހެން މުވައްޒަފުންނާ އެއް އުސޫލަކުންނެވެ.

(އ) ހިންގުމުގެ އެންމެ އިސްފަންތީގެ މުވައްޒަފުންނަކީ، ޒިންމާދާރު ކަމާއެކު ހަވާލުކުރެވޭ މަސައްކަތް ނިންމައި ތަންފީޒުކޮށް، ޑިޕާޓްމަންޓުގެ ހިންގުން ހަރުދަނާ ކުރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ތަން ކުރިއަރުވަން މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ބަޔަކަށް ވުމާއެކު، އެ މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ކުރާ މިންވަރު ސިވިލް ސަރވިސް ކޮމިށަނުން ކަނޑައަޅާފައިވާ ނިޒާމެއްގެ ދަށުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދެވޭނެއެވެ.

(ވ) ކަނޑައަޅާފައިވާ ފެންވަރަށް މަސައްކަތް ނުކުރެވޭ ކަމަށް ތަކުރާރުކޮށް މަސައްކަތު ފެންވަރު ބެލުމުން ސާބިތުވާނަމަ، އެ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމާއި، މަގާމުގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ސިވިސް ސަރވިސް ކޮމިށަނަށް ލިބިގެންވެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 2007-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު