gaanoon_logo
-

އިމިގްރޭށަން އޮފިސަރުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-57) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-32)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 އެޕްރީލް 2025 ގައި)

 

އިމިގްރޭށަން އޮފިސަރުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-57) އަށް 2 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާޢްދާގެ (ހ) އާއި، (ރ) އާއި، (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

އިމިގްރޭށަން އޮފިސަރުންގެ މަސައްކަތު ގަޑި 4. 

(ހ) އިމިގްރޭށަން އޮފިސަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ؛ ދުވާލަކު 6 (ހައެއް) ގަޑިއިރެވެ. 

(ރ) ކަނޑުދަތުރުކުރާ އުޅަނދުފަހަރާއި މަތިންދާބޯޓެއް އައުމާއި ފުރުމާ ގުޅޭ އިމިގްރޭށަންގެ ހިދުމަތުގެ ރަސްމީ މަސައްކަތު ގަޑީގެ ދިގުމިނަކީ، ދަންފަޅީގެ އުސޫލުން ދުވާލަކު 6 (ހައެއް) ގަޑިއިރެވެ. ނަމަވެސް، ރަމަޒާން މަހުގައި މުވައްޒަފުންނަށް ލުއިވާނޭހެން ދަންފަޅި ހަމަޖެއްސިދާނެއެވެ. 

(ބ) މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑީގެ ތެރެއިން ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، މަސައްކަތުގެ ވަގުތުގެ ތެރެއިން ކެއުމަށް 30 (ތިރީސް) މިނެޓުގެ ހުސްަގުތުކޮޅެއް ދެވޭނެއެވެ. އަދި ރަސްމީ ގަޑީގެ ތެރެއިން، ނަމާދުކުރުމަށް، އެ ނަމާދެއްގެ ވަގުތު ފާއިތުނުވަނީސް، މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތިން 15 (ފަނަރަ) މިނުޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާޢްދާ އަންނަނިވި ގޮތަށް އިސްލާހކުރުން. 

އިތުރުގަޑީގައި މަސައްކަތް ކުރުވުން 5.

އިމިގްރޭށަން އޮފިސަރުންގެ އިތުރުގަޑި ހިސާބުކުރާނީ، ދުވާލަކު 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރަންޖެހި، ހުއްދަލިބިގެން މަސައްކަތްކުރި ވަގުތަށެވެ. 

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާޢްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހކުރުން. 

ގަޑިއަށް ހާޒިރުވުން 6.

(ށ) މުވައްޒަފުން މަސައްކަތު ގަޑިއަށް ހާޒިރުވެފައިވަނީ މަސައްކަތު ގަޑީގެ ބޮޑުބައި (3 ގަޑިއިރަށް ވުރެ ގިނައިރު) ފާއިތުވި ފަހުން ކަމުގައި ވަނީ ނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތް ކުރުމުގެ ހުއްދަ އެ މުވައްޒަފަށް ނުދެވޭނެއެވެ. މިފަދަ މުވައްޒަފުންނާމެދު ގަވާއިދުގައިވާ ގޮތުގެ މަތީން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ. 

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އިމިގްރޭށަން އޮފިސަރުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2013-57)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމިގްރޭށަން އޮފިސަރުންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-57)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު