-

ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ގަވާއިދު

(ގަވާއިދު ނަންބަރު 8/2014)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައެޅުމާއި، ބޯޑު ހިންގުމާ ގުޅޭ އެންމެހައި އިޖުރާއަތުކަތާއި އުސޫލްތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލާފައި މިވަނީ ގާނޫނު ނަންބަރު 17/2011 ( މަސްތުވާތަކެއްޗާބެހޭ ގާނޫނު) 28 ވަނަ މާއްދާގެ (ބ) އިން ބާރު ލިބިގެންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތާއި ޖަވާބުދާރީވުން

(ހ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑު އެކުލެވިގެންވަނީ އަންނަނިވި އިދާރާތައް ތަމްސީލްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 10 ( ދިހައެއް) މެންބަރުންގެ މައްޗަށެވެ.

  1. ރައީސޫލްޖުމްހޫރިއްޔާގެ އޮފީސް؛
  2. މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރ؛
  3. މިނިސްޓްރާ އޮފް އެޑިއުކޭށަން؛
  4. މިނިސްކްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް؛
  5. މިނިސްޓްރީ އޮފް އެޑިއުކޭށަން؛
  6. މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް؛
  7. މޯލްޑިވްސް ޕޮލިސް ސަރވިސް؛
  8. މޯލްޑިވްސް ކަސްޓަމްސް ސަރވިސް؛
  9. ޑިޕާޓްމަންޓް އޮފް އިމިގްރޭށައް އެންޑް އެމިގްރޭށަން؛
  10. މަސްތވާތަކެއްޗާ ދެކޮޅަށް މަސަކަކަތްކުރާ އަމިއްލަ ޖަމާއަތެއް.

(ށ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑު ޖަވާބުދާރީވާނީ ، މިނިސްޓަރަށެވެ.

 

3 ވަނަ މާއްދާ - ބޯޑުގެ ޗެއާރމަނާއި ވައިސް ޗެއަރމަން

(ހ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރމަނަކީ، އެބޯޑުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހެކެވެ.

(ށ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ވައިސް ޗެއަރމަނަކީ އެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރުން އައްޔަންކުރާ މީހެކެވެ.

 

4 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތަށް

ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ދައުރަކީ ގާނޫނު ނަންބަރު 17/2011 ( މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ކުރަންޖެހޭ އެންމެހައި ކަންކަމުގައްޔާއި، އެ އެޖެންސީ ހިންގުމަށް ބޭނުންވާނެ ލަފައާއި އިރުށާދު ދިނުމާއި، ނޭށަނަލް ޑްރަގް އެޖެންސީ ހިންގުމާބެހޭ ގަވާއިދުތައް ހަދައި ހިންގުމެވެ.

 

5 ވަނަ މާއްދާ - ރިޔާސަތު ބެލެހެއްޓުން

ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗެއަރމަނެވެ. ޗެއަރމަން ނެތް ހާލަތެއްގައި ވައިސް ޗެއަރމަނެވެ. އަދި ވައިސް ޗެއަރމަން ނެތިއްޗެ ހާލަތެއްގައި ބޯޑުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެކެވެ.

 

6 ވަނަ މާއްދާ - ޗެއަރަމަންގެ މަސްއޫލިއްޔަތުތައް

ބޯޑުގެ ޗެއަރމަންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ނޭށަނަލް ޑްރަގް އެޖެންސީގެ ހިންގުމާގުޅޭ އެންމެހައި ކަންކަމުގައި މިނިސްޓަރަށް ޖަވާބުދާރީވުން؛

(ށ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛

(ނ) ބޯޑުގެ މެންބަރުންގެ މަސްވަރާއާއެކު ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުން؛

(ރ) ބޯޑުގެ އެކި އެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ބޯޑުގެ މެންބަރުންނާ ހަވާލުކުރުން؛

 

7 ވަނަ މާއްދާ - ވައިސް ޗެއަރމަންގެ މަސްއޫލިއްޔަތުތައް

ބޯޑުގެ ވައިސް ޗެއަރމަންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ބޯޑުގެ ޗެއަރަމަންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން؛

(ށ) ބޯޑުގެ ޗެއަރމަންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ވައިސް ޗެއަރމަންއާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.

 

8 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތުތައް

ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

(ހ) ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުން

(ށ) ބޯޑުން ކުރަން ނިންމާ ކަންތައްތަކުގެ ތެރެއިން މެންބަރުންނާ ހަވާލުކުރާ މަސައްކަތްތައް ކުރުން؛

 

9 ވަނަ މާއްދާ - މެމްބަރުކަމުގެ މަގާމުން  ވަކިވުން

ބޯޑުގެ މެންބަރުން މެންބަރުކަމުގެ މަގާމުން ވަކިވާނީ އަންނަނިވި ހާލަތުތަކުގައެވެ.

(ހ) ބޯޑުގެ މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވާކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން؛ ނުވަތަ

(ށ) ބޯޑުގެ މެންބަރަކު ވަކިކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އެ މެންބަރަކަށް އެންގުމުން؛ ނުވަތަ

(ނ) ބޯޑުގެ މެންބަރަކު ވަޒީފާއަދާކުރާ ދާއިރާ ބަދަލުވުމުން.

 

10 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް

(ހ) މަދުވެގެން ކޮންމެ މަހަކު 2 ފަހަރު ބޯޑުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް މެންބަރަކު ބޭނުންވެއްޖެނަމަ އެކަން ޗެއަރމަނަށް ހުށަހެޅުމުން، ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު ޗެއަރމަން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ބޯޑުގެ ބައްދަލުވުންތަކަށް ޗީފް އެގްޒެކެޓިވް އޮފިސަރ ހާޒިރުވާންވާނެއެވެ.

 

11 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރ

(ހ) ނޭށަނަލް ޑްރަގް އެޖެންސީ ހިންގާނީ، ބޯޑުގެ ލަފައާއި އިރުށާދާ އެއްގޮތަށް ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ށ) ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކޮށް ވަކިކުރާނީ ބޯޑުންނެވެ.

(ނ) ޗީފް އެގްޒެކެޓިވް އޮފިސަރަކަށް އައްޔަންކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭށަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯށަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ހިންގުމުގެ ދާއިރާ ނުވަތަ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  2. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިސްވަތުގެ ކުށެއް ނުވަތަ ގާނޫނުނަންބަރު 2009/12 ( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ  ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގާނޫނު ނަންބަރު 17/2011 ( މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

(ރ) ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކުރާނީ މަދުވެގެން 3 (ތިނެއް) އަހަރުގެ މުއްދަތަކަށެވެ. އަދި މި މުއްދަތު ހަމަވުމުގެ ކުރިން އޭނާ މަގާމުން ވަކިކުރުމުމަށް ބޯޑުން ނިންމުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން ބޯޑުން ކަނޑައަޅާ އިތުރު މުއްދަތަކަށް ޗީފް އެގްޒެކެޓިވް އޮފިސަރ އަލުން އައްޔަންކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ޅ) ޗީފް އެގްޒެކެޓިވް އޮފިސަރަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަސްވަރާގެ މަތިން ބޯޑުންނެވެ.

 

12 ވަނަ މާއްދާ - ހާޒިރީ ރެކޯޑުކުރުން

(ހ) ބޯޑުގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުމަށްފަހު އެ ދުވަހެއްގެ ހާޒިރީގައި ސޮއިކުރަންވާނެއެވެ.

(ށ) އެއްވެސް ސަބަބަކާހުރެ ބޯޑުގެ ބައްދަލުވުމަށް އުޒުރުވެރިވާނަމަ، އެކަން ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ މަދުވެގެން 1 (އެކެއް) ގަޑިއިރު ކުރިން ޗެއަރމަނަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ބޯޑުގެ ބައްދަލުވުމަކަށް މެންބަރަކަށް ހާޒިރުނުވެވިއްޖެނަމަ، އެކަން ސަބަބާއެކު އެދުވަހެއްގެ ހާޒިރާގައި ލިޔަންވާނެއެވެ.

 

13 ވަނަ މާއްދާ - ގާނޫނީ އަދަދު

ބޯޑުގެ ބައްދަލުވުމެއް ބޭއްވޭނީ ބޯޑުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

 

14 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއޭޓް ކަނޑައެޑުން އަދި ޒިންމާތައް

(ހ) ބޯޑުގެ ސެކްރެޓޭރިއޭޓް ކަނޑައަޅާނީ، ޗެއަރމަންގެ މަސްވަރާގެ މަތިން ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ށ) ބޯޑުގެ ސެކްރެޓޭރިއޭޓް ގެ ޒިންމާތައް ތިރީގައި އެވަނީއެވެ.

  1. ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާޅާހައިހިނދަކު، ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވުން؛
  2. ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާނެ ހުރިހާ އިދާރީ އިންތިޒާމްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން؛
  3. މި ވަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާ އެޖެންޑާ ތައްޔާރުކުރުން؛
  4. ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
  5. ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާ ރިޕޯޓުތައް އެކުލަވައިލުން؛
  6. ގާނޫނު ނަންބަރު 17/2011 ( މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޯޑުން ނިންމާ ނިންމުންތަކުގެ ތެރެއިން ބޯޑުގެ މެންބަރަކާ ނުވަތަ މެންބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް އެ މެންބަރަކު ނުވަތަ މެންބަރުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުން؛
  7. ބޯޑުގެ ބައްދަލުވުންތަކާ ގުޅިގެން ޗެއަރމަނާއި ވައިސް ޗެއަރމަން އަންގާ އެހެނިހެން ކަންކަން ކުރުން.

 

15 ވަނަ މާއްދާ - ޔައުމިއްޔާއާއި ލިޔެކިޔުންތައް ބެލެހެއްޓުން

(ހ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އެހެނިހެން ލިޔެކިޔުންތައް ބަލަހައްޓާނީ ބޯޑުގެ ސެކްރެޓޭރިއޭޓުންނެވެ.

(ށ) ކޮންމެ ހަފުތާއެއް ނިމުމުގެ ކުރިން އެފހަފުތާއެއްގައި ބޭއްވުނު ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމަށްފަހު 5 (ފަހެއް) ދުވަހުގެ ތެރޭގައި މެންބަރުންނަށް އީ-މެއިލްގެ ޒަރީއާއިން ފޮނުވަންނާނެއެވެ. ޔައުމިއްޔާ ކޮނުވާތާ 2 (ދޭއް) ދުއަސްވާއިރު އެއްވެސް މެންބަރެއްގެ އިސްލާހެއް ނެތްނަމަ ޔައުމިއްޔާ އަށް އިސްލާހެއް ނިމެނޭ ގޮތަށް ޔައުމިއްޔާ އިސްލާހުކޮށް އަލުން މެންބަރުންނަބް އީ-މެއިލްކުރަންވާނެއެވެ.

(ނ) ބޯޑުން ފާސްކުރާ ޔައުމިއްޔާތަކާއި އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ބޯޑުގެ ސެކްރެޓޭރިއޭޓްގެ ޒިންމާއެކެއެވެ.

 

16 ވަނަ މާއްދާ - ބޯޑުގެ ނިންމުންތަށް

(ހ) ބޯޑުން އެއްވެސް ކަމެން ނިންމޭނީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.

(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް ކަމެއް ނިންމުމުގައި އެ މެންބަރަކު އެއްވެސް މިންވަރަކަށް  ބައިވެރިވެގެންނުވާނެއެވެ. އަދި މަސްވަރާކުރެވެނީ އެފަދަ މައްސަލައެއްކަން އެނގޭ ހިނދުން ފެށިގެން ޗެއަރމަނަށާއި، ބޯޑުގެ މެންބަރުނަށް އެންގުމާއެކު، އެ ކަމަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާންވާނެއެވެ.

(ނ) ބޯޑުގައި ނިންމަންޖެހޭ ކަމެއް ވޯޓަށް އަހައިގެން ނިންމުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ. ވޯޓު ދީގެން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓު ދެވޭނީ މެންބަރުންގެ ތެރެއިން ދެވޭ ވޯޓު ހަމަހަމަވާ ހާލަތުގައި އެކަންޏެވެ. އަދި ވޯޓު ންގާނެ ގޮތަކާމެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެނަމަ ވޯޓު ނަގާނެ ގޮތެއް ކަނޑައަޅާނާ، ބައަދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.

 

17 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ބޯޑުން ނިންމާ ގޮތެއްގެ މަތިން މެނުވީ ބޯޑުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސްފަރާތަކުން ހާމަކޮށްގެންނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރަކު އަދާކުރާ ވަޒީފާގެ ބޭނުން، އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.

(ރ) ބޯޑުގެ ލިޔެކިޔުންތައް އާންމުކުރެވޭނީ ނުވަތަ އެއްވެސް ފަރާތަކަށް ދޫކުރެވޭނީ ބޯޑުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

(ބ) މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ފޯރުކޮށްދެވޭ އެއްވެސް ލިޔުމެއް އެ މެންބަރެއްގެ އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމަށް ބޭނުންކޮށްގެންނުވާނެއެވެ.

 

18 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ ބޯޑުންނެވެ.

 

19 ވަނަ މާއްދާ – އަމަލުކުރަންފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ގަވާއިދު ދިވެހިސަރުކާރުުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

20 ވަނަ މާއްދާ - މުއްދަތު ގުނުން

މިގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

21 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މިގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު:

(ހ) " ބޯޑު" ކަމަށް ބުނެފައިއެވަނީ، ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑަށެވެ.

(ށ) "މިނިސްޓަރ" ކަމަށްބުނެފައިއެވަނީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ވަޒީރަށެވެ.

(ނ)" ޗީފް އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 17/2011 ( މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކޮށްފައިވާ ޗީފް އެގްޒެކެޓިވް އޮފިސަރަށެވެ.

(ރ) " ލިޔެކިޔުން" ކަމަށް ބުނެފައިއެވަނީ، އޯޑިއޯ، ވީޑިއޯ، އިލެކްޓްރޯނިން އަދި ޑިޖޓަލް މީޑިއާވެސް ހިމެނޭގޮތުންނެވެ.

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު