ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ގަވާއިދު
(ކޮންސޮލިޑޭޓެޑް ނަންބަރު 2014-08)
(1ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިއީ ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައެޅުމާއި، ބޯޑު ހިންގުމާ ގުޅޭ އެންމެހައި އިޖުރާއަތުކަތާއި އުސޫލްތައް ބަޔާންކުރާ ގަވާއިދެވެ.
(ށ) މި ގަވާއިދު އެކުލަވައިލާފައި މިވަނީ ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) 28 ވަނަ މާއްދާގެ (ބ) އިން ބާރު ލިބިގެންނެވެ.
(ނ) މި ގަވާއިދަށް ކިޔާނީ "ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ބޯޑު އެކުލެވިގެންވާ ގޮތާއި ޖަވާބުދާރީވުން
(ހ) ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑު އެކުލެވިގެންވަނީ އަންނަނިވި އިދާރާތައް ތަމްސީލުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 9 (ނުވައެއް) މެންބަރުންގެ މައްޗަށެވެ. (އިސްލާހު ކުރެވިފައި)
1. ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
2. ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
3. ސިއްހަތާބެހޭ ވުޒާރާ ނުވަތަ އެ ވުޒާރާގެ ދަށުން ހިނގާ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސިއްހަތާބެހޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
4. އިޖުތިމާއީ ރައްކައުތެރިކަމާބެހޭ ވުޒާރާގައި އިޖުތިމާއީ ރައްކައުތެރިކަމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
5. ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކުރުމާބެހޭ ސަރުކާރުގެ ވުޒާރާގައި ކުޑަކުދީންގެ ހައްގުތައް ރައްކައްތެރިކުރުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
6. ޒުވާނުންގެ ކަންކަމާ ގުޅޭ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
7. ތައުލީމާބެހޭ ވުޒާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ވުޒާރާގެ ވަޒީރު ކަނޑައަޅާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
8. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބަންދުގައި ތިބޭ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާ ދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛ (އިސްލާހު ކުރެވިފައި)
9. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ އެ ޖަމުއިއްޔާގެ މައިގަނޑު މަގުސަދު ކަމުގައިވާ މަދަނީ ޖަމުއިއްޔާއެއްގެ މަންދޫބެއް؛ (އިސްލާހު ކުރެވިފައި)
10. (އުނި ކުރެވިފައި)
(ށ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑު ޖަވާބުދާރީވާނީ ، މިނިސްޓަރަށެވެ.
3 ވަނަ މާއްދާ - ބޯޑުގެ ޗެއާރމަނާއި ވައިސް ޗެއަރމަން
(ހ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރމަނަކީ، އެބޯޑުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހެކެވެ.
(ށ) ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ވައިސް ޗެއަރމަނަކީ އެ ބޯޑުގެ މެންބަރުންގެ ތެރެއިން މެންބަރުން އައްޔަންކުރާ މީހެކެވެ.
4 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތުތަށް
ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ދައުރަކީ ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ނޭށަނަލް ޑްރަގް އެޖެންސީން ކުރަންޖެހޭ އެންމެހައި ކަންކަމުގައްޔާއި، އެ އެޖެންސީ ހިންގުމަށް ބޭނުންވާނެ ލަފައާއި އިރުށާދު ދިނުމާއި، ނޭށަނަލް ޑްރަގް އެޖެންސީ ހިންގުމާބެހޭ ގަވާއިދުތައް ހަދައި ހިންގުމެވެ.
5 ވަނަ މާއްދާ - ރިޔާސަތު ބެލެހެއްޓުން
ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗެއަރމަނެވެ. ޗެއަރމަން ނެތް ހާލަތެއްގައި ވައިސް ޗެއަރމަނެވެ. އަދި ވައިސް ޗެއަރމަން ނެތިއްޗެ ހާލަތެއްގައި ބޯޑުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެކެވެ.
6 ވަނަ މާއްދާ - ޗެއަރަމަންގެ މަސްއޫލިއްޔަތުތައް
ބޯޑުގެ ޗެއަރމަންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ނޭށަނަލް ޑްރަގް އެޖެންސީގެ ހިންގުމާގުޅޭ އެންމެހައި ކަންކަމުގައި މިނިސްޓަރަށް ޖަވާބުދާރީވުން؛
(ށ) ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން؛
(ނ) ބޯޑުގެ މެންބަރުންގެ މަސްވަރާއާއެކު ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައެޅުން؛
(ރ) ބޯޑުގެ އެކި އެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ބޯޑުގެ މެންބަރުންނާ ހަވާލުކުރުން؛
7 ވަނަ މާއްދާ - ވައިސް ޗެއަރމަންގެ މަސްއޫލިއްޔަތުތައް
ބޯޑުގެ ވައިސް ޗެއަރމަންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ބޯޑުގެ ޗެއަރަމަންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން؛
(ށ) ބޯޑުގެ ޗެއަރމަންގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ވައިސް ޗެއަރމަންއާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
8 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތުތައް
ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.
(ހ) ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުން
(ށ) ބޯޑުން ކުރަން ނިންމާ ކަންތައްތަކުގެ ތެރެއިން މެންބަރުންނާ ހަވާލުކުރާ މަސައްކަތްތައް ކުރުން؛
9 ވަނަ މާއްދާ - މެމްބަރުކަމުގެ މަގާމުން ވަކިވުން
ބޯޑުގެ މެންބަރުން މެންބަރުކަމުގެ މަގާމުން ވަކިވާނީ އަންނަނިވި ހާލަތުތަކުގައެވެ.
(ހ) ބޯޑުގެ މެންބަރުކަމުން އިސްތިއުފާދޭން ބޭނުންވާކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން؛ ނުވަތަ
(ށ) ބޯޑުގެ މެންބަރަކު ވަކިކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އެ މެންބަރަކަށް އެންގުމުން؛ ނުވަތަ
(ނ) ބޯޑުގެ މެންބަރަކު ވަޒީފާއަދާކުރާ ދާއިރާ ބަދަލުވުމުން.
10 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތައް
(ހ) މަދުވެގެން ކޮންމެ މަހަކު 2 ފަހަރު ބޯޑުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ށ) ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް މެންބަރަކު ބޭނުންވެއްޖެނަމަ އެކަން ޗެއަރމަނަށް ހުށަހެޅުމުން، ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު ޗެއަރމަން ހަމަޖައްސައިދޭންވާނެއެވެ.
(ނ) ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ބޯޑުގެ ބައްދަލުވުންތަކަށް ޗީފް އެގްޒެކެޓިވް އޮފިސަރ ހާޒިރުވާންވާނެއެވެ.
11 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރ
(ހ) ނޭށަނަލް ޑްރަގް އެޖެންސީ ހިންގާނީ، ބޯޑުގެ ލަފައާއި އިރުށާދާ އެއްގޮތަށް ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކޮށް ވަކިކުރާނީ ބޯޑުންނެވެ.
(ނ) ޗީފް އެގްޒެކެޓިވް އޮފިސަރަކަށް އައްޔަންކުރާ ފަރާތެއްގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމުގެ ހިދުމަތް ދޭ މަރުކަޒަކުން ބިޒްނަސް އެޑްމިނިސްޓްރޭށަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭށަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ތައުލީމު ހާސިލުކުރުމާއެކު، މި މާއްދާގެ (2) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ މީހަކަށް ވާންވާނެއެވެ؛ (އިސްލާހު ކުރެވިފައި)
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދަކަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށް ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛ (އިސްލާހު ކުރެވިފައި)
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށް ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛ (އިތުރު ކުރެވިފައި)
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކުރުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި، މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛ (އިތުރު ކުރެވިފައި)
- މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމާއެކު ސީނިއަރ މެނޭޖްމަންޓް ލެވެލްގައި، މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛ (އިތުރު ކުރެވިފައި)
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ނުވަތަ ގާނޫނު ނަންބަރު 2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ށަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. (އިތުރު ކުރެވިފައި)
(ރ) (އުނި ކުރެވިފައި)
(ބ) (އުނި ކުރެވިފައި)
(ޅ) (އުނި ކުރެވިފައި)
11-1 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގެ މުއްދަތު (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ، މަގާމުގެ މުއްދަތަކީ، އޭނާ އެ މަގާމަށް އައްޔަނުކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން ބޯޑުން ކަނޑައަޅާ އިތުރު 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ޗީފް އެގްޒެކެޓިވް އޮފިސަރު އަލުން އައްޔަނުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ނ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަނުކޮށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތީން ޕްރޮބޭށަނުގެ މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ.
11-2 ވަނަ މާއްދާ - ވަގުތީގޮތުން އޭޖެންސީ ހިންގުން އެހެން މީހަކާ ހަވާލުކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) އަންނަނިވި ހާލަތްތަކުގައި، ވަގުތީގޮތުން އޭޖެންސީ ހިންގުން އެހެން މީހަކާ ހަވާލުކުރުމަށް ބޯޑުން ކަނޑައަޅަންވާނެއެވެ. އަދި ވަގުތީގޮތުން އޭޖެންސީގެ ހިންގުން ހަވާލުކުރާ ފަރާތަކީ އެންމެ ދަށްވެގެން، މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ތައުލީމީ ފެންވަރު ހުރި ފަރާތަކަށް ވާންވާނެއެވެ.
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް މީހަކު އައްޔަނުކުރެވެންދެން، ނުވަތަ؛
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ ވަޒީފާގެ މަސްއޫލިއްޔަތު، ނުވަތަ ޒިންމާތައް އަދާނުކުރެވޭ ފަދަ ހާލަތެއް ވަގުތީގޮތުން މެދުވެރިވެއްޖެ ނަމަ، ނުވަތަ؛
- ވަކި ކަމަކާ ގުޅިގެން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ޒިންމާތައް އަދާކުރުމަށް އޮފީހަށް ނުކުތުން ވަކި މުއްދަތަކަށް ހިފެހެއްޓުން، ނުވަތަ ވަގުތީގޮތުން ވަޒީފާއިން އެކަހެރިކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން މީހަކު ހަމަޖެއްސޭނީ ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭގައި، މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަނުކުރަންވާނެއެވެ.
11-3 ވަނަ މާއްދާ - ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
ނޭށަނަލް ޑްރަގް އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ތިރީގައި މިވަނީއެވެ.
(ހ) ގާނޫނު ނަންބަރު 2011-17 (ސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޯޑުގެ ލަފަޔާއި އިރުށާދާ އެއްގޮތްވާ ގޮތުގެ މަތީން އޭޖެންސީ ހިންގުމުގެ އެންމެހައި ކަންކަން ކުރުން.
(ށ) ބޯޑުގެ ބައްދަލުވުންތަކުގެ ކަންކަން އިންތިޒާމުކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، ބޯޑުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއެކު އެ ކަންކަމުގެ އަދާހަމަ ބޯޑާ ހިއްސާކުރުން. ބޯޑުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތި ކަންތައްތައް ބޯޑާ ހިއްސާކޮށް، އެ ކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަން ހިއްސާކުރުން.
(ރ) އޭޖެންސީން ދެމުންގެންދާ އެންމެހައި ހިދުމަތްތަކާ ގުޅޭގޮތުން، ކޮންމެ 6 (ހައެއް) މަސްދުވަހަކުން އެއްފަހަރު، ބޯޑުން ދީފައިވާ އިރުށާދާ އެއްގޮތަށް އެކުލަވައިލެވޭ ރިޕޯޓެއް ބޯޑަށް ހުށަހެޅުން.
(ބ) އޭޖެންސީގެ ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާވާހައި ހިނދަކު، ބޯޑުގެ ޖަލްސާތަކަށް ހާޒިރުވުން.
11-4 ވަނަ މާއްދާ - ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަސައްކަތުގެ ފެންވަރު ބެލުން (މުޅި މާއްދާ އިތުރު ކުރެވިފައި)
ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ ގޮތް، ކޮންމެ އަހަރަކު 1 (އެކެއް) ފަހަރު ބޯޑުން ބަލަންވާނެއެވެ.
11-5 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމުން ވަކިކުރުން (މުޅި މާއްދާ އިތުރު ކުރެވިފައި)
(ހ) ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމުން ވަކިކުރަންޖެހޭ ހިނދެއްގައި، އެކަން ކުރާނީ ބޯޑުންނެވެ. އަދި ޗީފް އެގްޒެކްޓިވް އޮފިސަރު މަގާމުން ވަކިކުރަންޖެހޭ ހާލަތުގައި މަގާމުން ވަކިކުރެވޭނީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
(ށ) ޗީފް އެގްޒެކެޓިވް އޮފިސަރު މަގާމުން ވަކިކުރެވިދާނެ ހާލަތްތައް ތިރީގައި މިވަނީއެވެ.
- ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސައްކަތުގެ އަހުލާގު ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމަށް ބޯޑުން ކަނޑައަޅައިފައިވާ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެފައިވާ ކަމަށް ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން %50 (ފަންސާސް އިންސައްތަ) އަށް ވުރެ ދަށުން މާކްސް ލިބި، މަގާމަށް އެކަށީގެންނުވާކަމަށް ބޯޑުން ނިންމުން.
- ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައްޔާއި، އިދާރީ އިސްވެރިއެއްގެ ހައިސިއްޔަތުން ހަރުދަނާ ގޮތެއްގައި މަސްއޫލިއްޔަތުތައް އަދާކުރަމުން ނުދާކަމަށް ބޯޑަށް ގަބޫލުކުރެވޭކަމަށް ބޯޑުން ނިންމުމެއް ނިންމާ ހާލަތުގައި، ހިވެސް، އެ ގޮތަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް އޮންނަންވާނެއެވެ.
- ޖިނާއީ ކުށެއް ސާބިތުވުން، ނުވަތަ އެފަދަ ކުށެއްގެ ތުހުމަތުގައި 90 (ނުވަދިހަ) ދުވަހަށް ވުރެ އިތުރަށް ނުވަތަ ށަރީއަތް ނިމެންދެން ބަންދުކުރުން، ނުވަތަ،
- ސިއްހީ ސަބަބަކާހުރެ ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ގޮތެއްގައި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދުން.
11-6 ވަނަ މާއްދާ - ޗީފް އެގްޒެކްޓިވް އޮފިސަރު އައްޔަނުކުރުމާއެކު ފުރިހަމަކުރަންޖެހޭ އިޖުރާތުތައް (މުޅި މާއްދާ އިތުރު ކުރެވިފައި)
ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަނުކުރުމާ އެކު، ތިރީގައި މިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.
(ހ) ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށް ރިއާޔަތްކުރުމާއެކު އަންނަނިވި ބައިތައް ހިމެނޭގޮތަށް ވަޒީފާގެ އެއްބަސްވުމެއް އެކުލަވައިލުން:
- ޗީފް އެގްޒެކްޓިވް އޮފިސަރުގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުފަންތާރީހާއި، ގައުމީ ނިސްބަތާއި، އިމަރޖެންސީ ހާލަތެއްގައި ގުޅާނެ ފަރާތެއްގެ ނަމާއި ދާއިމީ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، ހައިސިއްޔަތު،
- ވަޒީފާގެ މުއްދަތު؛
- އެއްބަސްވުން ފެށޭ ތާރީހާއި، އެއްބަސްވުމުގެ މުއްދަތު/މަގާމުގެ ދައުރު ހަމަވާ ތާރީހު؛
- މުސާރައާއި، އެހެނިހެން އިނާޔަތް؛
- ޗުއްޓީ ދެވޭނެ ގޮތްތައް؛
- މަސައްކަތުގެ ފެންވަރު ބެލޭނެ އުސޫލު؛
- ވަޒީފާއިން ވަކިކުރެވޭނެ ހާލަތުތަކާއި، ނޯޓިސް ދިނުމުގައި، އަމަލުކުރެވޭނެ ގޮތް؛
- ޕްރޮބޭށަނާ ގުޅޭ ކަންކަން؛
- ސިއްރު ހިފެހެއްޓުން؛
- އިސްލާހީ ފިޔަވަޅު އެޅުން؛
- ވަޒީފާގެ ބަޔާން.
(ށ) ވަޒީފާގެ ކޯޑް އޮފް ކޮންޑަކްޓް ހިއްސާކުރުން
(ނ) ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ތެރޭގައި މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން، ހަށިގަނޑަށް ނުވަތަ ފުރާނައަށް، ގެއްލުންވެދާނެކަމަށް ގަބޫލުކުރެވޭ ހާލަތުގައި އަމަލުކުރާނެ ގޮތް ހިއްސާކުރުން.
11-7 ވަނަ މާއްދާ - ޗީފް އެގްޒެކްޓިވް އޮފިސަރުގެ މުސާރައާއި އިނާޔަތް (މުޅި މާއްދާ އިތުރު ކުރެވިފައި)
ޗީފް އެގްޒެކްޓިވް އޮފިސަރުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
11-8 ވަނަ މާއްދާ - ބޯޑުގެ މެންބަރުކަމުގެ އިނާޔަތް (މުޅި މާއްދާ އިތުރު ކުރެވިފައި)
ބޯޑުގެ މެންބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ނޭށަނަލް ޕޭ ކޮމިށަނުންނެވެ.
12 ވަނަ މާއްދާ - ހާޒިރީ ރެކޯޑުކުރުން
(ހ) ބޯޑުގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުމަށްފަހު އެ ދުވަހެއްގެ ހާޒިރީގައި ސޮއިކުރަންވާނެއެވެ.
(ށ) އެއްވެސް ސަބަބަކާހުރެ ބޯޑުގެ ބައްދަލުވުމަށް އުޒުރުވެރިވާނަމަ، އެކަން ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ މަދުވެގެން 1 (އެކެއް) ގަޑިއިރު ކުރިން ޗެއަރމަނަށް އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ބޯޑުގެ ބައްދަލުވުމަކަށް މެންބަރަކަށް ހާޒިރުނުވެވިއްޖެނަމަ، އެކަން ސަބަބާއެކު އެދުވަހެއްގެ ހާޒިރާގައި ލިޔަންވާނެއެވެ.
13 ވަނަ މާއްދާ - ގާނޫނީ އަދަދު
ބޯޑުގެ ބައްދަލުވުމެއް ބޭއްވޭނީ ބޯޑުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
14 ވަނަ މާއްދާ - ބޯޑުގެ ސެކްރެޓޭރިއޭޓް ކަނޑައެޑުން އަދި ޒިންމާތައް
(ހ) ބޯޑުގެ ސެކްރެޓޭރިއޭޓް ކަނޑައަޅާނީ، ޗެއަރމަންގެ މަސްވަރާގެ މަތިން ޗީފް އެގްޒެކެޓިވް އޮފިސަރެވެ.
(ށ) ބޯޑުގެ ސެކްރެޓޭރިއޭޓް ގެ ޒިންމާތައް ތިރީގައި އެވަނީއެވެ.
- ބޯޑުގެ ޗެއަރމަން އެހެން ގޮތަކަށް ކަނޑަނާޅާހައިހިނދަކު، ބޯޑުގެ ބައްދަލުވުންތަކުގައި ބައިވެރިވުން؛
- ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާނެ ހުރިހާ އިދާރީ އިންތިޒާމްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން؛
- މި ވަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާ އެޖެންޑާ ތައްޔާރުކުރުން؛
- ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން؛
- ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާ ރިޕޯޓުތައް އެކުލަވައިލުން؛
- ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޯޑުން ނިންމާ ނިންމުންތަކުގެ ތެރެއިން ބޯޑުގެ މެންބަރަކާ ނުވަތަ މެންބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް އެ މެންބަރަކު ނުވަތަ މެންބަރުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުން؛
- ބޯޑުގެ ބައްދަލުވުންތަކާ ގުޅިގެން ޗެއަރމަނާއި ވައިސް ޗެއަރމަން އަންގާ އެހެނިހެން ކަންކަން ކުރުން.
15 ވަނަ މާއްދާ - ޔައުމިއްޔާއާއި ލިޔެކިޔުންތައް ބެލެހެއްޓުން
(ހ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އެހެނިހެން ލިޔެކިޔުންތައް ބަލަހައްޓާނީ ބޯޑުގެ ސެކްރެޓޭރިއޭޓުންނެވެ.
(ށ) ކޮންމެ ހަފުތާއެއް ނިމުމުގެ ކުރިން އެފހަފުތާއެއްގައި ބޭއްވުނު ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމަށްފަހު 5 (ފަހެއް) ދުވަހުގެ ތެރޭގައި މެންބަރުންނަށް އީ-މެއިލްގެ ޒަރީއާއިން ފޮނުވަންނާނެއެވެ. ޔައުމިއްޔާ ކޮނުވާތާ 2 (ދޭއް) ދުއަސްވާއިރު އެއްވެސް މެންބަރެއްގެ އިސްލާހެއް ނެތްނަމަ ޔައުމިއްޔާ އަށް އިސްލާހެއް ނިމެނޭ ގޮތަށް ޔައުމިއްޔާ އިސްލާހުކޮށް އަލުން މެންބަރުންނަބް އީ-މެއިލްކުރަންވާނެއެވެ.
(ނ) ބޯޑުން ފާސްކުރާ ޔައުމިއްޔާތަކާއި އެހެނިހެން ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ބޯޑުގެ ސެކްރެޓޭރިއޭޓްގެ ޒިންމާއެކެއެވެ.
16 ވަނަ މާއްދާ - ބޯޑުގެ ނިންމުންތަށް
(ހ) ބޯޑުން އެއްވެސް ކަމެން ނިންމޭނީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އަގްލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.
(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް ކަމެއް ނިންމުމުގައި އެ މެންބަރަކު އެއްވެސް މިންވަރަކަށް ބައިވެރިވެގެންނުވާނެއެވެ. އަދި މަސްވަރާކުރެވެނީ އެފަދަ މައްސަލައެއްކަން އެނގޭ ހިނދުން ފެށިގެން ޗެއަރމަނަށާއި، ބޯޑުގެ މެންބަރުނަށް އެންގުމާއެކު، އެ ކަމަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވާންވާނެއެވެ.
(ނ) ބޯޑުގައި ނިންމަންޖެހޭ ކަމެއް ވޯޓަށް އަހައިގެން ނިންމުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ. ވޯޓު ދީގެން ކަމެއް ނިންމުމުގައި ރިޔާސަތަށް ވޯޓު ދެވޭނީ މެންބަރުންގެ ތެރެއިން ދެވޭ ވޯޓު ހަމަހަމަވާ ހާލަތުގައި އެކަންޏެވެ. އަދި ވޯޓު ންގާނެ ގޮތަކާމެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެނަމަ ވޯޓު ނަގާނެ ގޮތެއް ކަނޑައަޅާނާ، ބައަދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގްލަބިއްޔަތުންނެވެ.
17 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން
(ހ) ބޯޑުން ނިންމާ ގޮތެއްގެ މަތިން މެނުވީ ބޯޑުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސްފަރާތަކުން ހާމަކޮށްގެންނުވާނެއެވެ.
(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މެންބަރަކު އަދާކުރާ ވަޒީފާގެ ބޭނުން، އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.
(ރ) ބޯޑުގެ ލިޔެކިޔުންތައް އާންމުކުރެވޭނީ ނުވަތަ އެއްވެސް ފަރާތަކަށް ދޫކުރެވޭނީ ބޯޑުން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.
(ބ) މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ފޯރުކޮށްދެވޭ އެއްވެސް ލިޔުމެއް އެ މެންބަރެއްގެ އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމަށް ބޭނުންކޮށްގެންނުވާނެއެވެ.
18 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން
މި ގަވާއިދު ހަދައި ހިންގާނީ ބޯޑުންނެވެ.
19 ވަނަ މާއްދާ – އަމަލުކުރަންފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ގަވާއިދު ދިވެހިސަރުކާރުުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
20 ވަނަ މާއްދާ - މުއްދަތު ގުނުން
މިގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
21 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މިގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހައި ހިނދަކު:
(ހ) "ބޯޑު" ކަމަށް ބުނެފައިއެވަނީ، ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑަށެވެ.
(ށ) "މިނިސްޓަރ" ކަމަށްބުނެފައިއެވަނީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ވަޒީރަށެވެ.
(ނ)" ޗީފް އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު) ގެ 28 ވަނަ މާއްދާގައިވާ ގޮތުގެމަތިން އައްޔަންކޮށްފައިވާ ޗީފް އެގްޒެކެޓިވް އޮފިސަރަށެވެ.
(ރ) "ލިޔެކިޔުން" ކަމަށް ބުނެފައިއެވަނީ، އޯޑިއޯ، ވީޑިއޯ، އިލެކްޓްރޯނިން އަދި ޑިޖޓަލް މީޑިއާވެސް ހިމެނޭގޮތުންނެވެ.
މައި ގަވާއިދު
ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-08)
މި ގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު